Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތާރާ- 3 ވަނަ ބައި

Aminath rau Level 110 Stories
April 16, 2020 10 Mins Read
9 Comments

“މަންމަ… ކީއްވެ ކުއްލިއަކަށް… ތިވާހަކަ ތި ދެއްކީ” ހަމަ ޖެހޭގޮތް ދައްކަމުން ފައިސަލު ވާހަކަ ދެއްކިއެވެ.
“ދޮންބެ މުސްކުޅި ވާތީ އެއްނު… މިހާރު 24 އަހަރު ވަނީ..” ފައިހާ މަލާމަތްކޮށްލިއެވެ.
” މަންމައަށް އަތްގާތް ކޮށްދޭނެ ކުއްޖެއް ނެތީމަ… ފައިހާވެސް އެއުޅެނީ ކިޔަވަން މާލެދާން…” ފަހީމާ އެހެން ބުނެލި ވަގުތަކީ ތާރާވެސް އައިސް ކާގެއަށް ވަތް ވަގުތެވެ.
ފައިސަލު ކަޅިޖަހައި ނުލާ ތާރާގެ މޫނަށް ބަލަމުން ދިޔައެވެ. ހީވާ ކަހަލައެވެ. ތާރާ ނޫން އެހެން މީހެއް އެތާގައި ހުރިކަން ފައިސަލަކަށް ނޭންގެއެވެ.
“އަހަނ ތާރާ… އާދޭ އަހަރެމެންނާ ބައިވެރިވާން..” ނާސްތާ ކުރުމަށް ފަހީމާ ދައުވަތު ދިނީ ހިތް ހެޔޮ ކަމާއެކުގައެވެ.
“ފައިހާ ދަނީތަ….” މަޑުމައިތިރި ކަމާއިއެކު ތާރާ އަހާލިއެވެ.
“އާނ.. މިއަދުގަ ކޯސް ލިބިގެން ގުޅީ… އަންނަ ހަފުތާގަ ދާން ޖެހޭނެ.. އަހަރެން ދިޔައީމަ ތާރާ ވަރަށް އެކަނި ވާނެދޯ؟” އޮޅުން ފިލުވާދެމުން ފައިހާ ސުވާލު ކުރިއެވެ.
” ނޫނޭ… ނުވާނެ އެއްނު… ފަހިއްތަވެސް ހުންނާނެ އެއްނު… އެހެންނޫނަސް އަހަރެން ވަރަށް އުފާވާނެ ފައިހާ ލޯޔަރަކަށްވެގެން އަންނަ ދުވަހު” ހިނިތުން ވެލަމުން ތާރާ އޭނާގެ ނުތަނަވަސްކަމަށް ފަސް އެޅިއެވެ.
” އެހެން ވިއްޔާ މަންމަ ނުވާނެ އެކަންޏެއް.. އަހަންނާ ދޮންބެއާ ދިޔަޔަސް ތާރާ ހުންނާނެ އެއްނު… ދޯ ދޮންބޭ؟” ފައިސަލަށް ދޯދެމުން ފައިހާ ބުންޏެވެ.
“އެނ….؟ އާނ…” ސިއްސައިގެން ގޮސް ކަހަލަ ގޮތަކަށް ފައިސަލު ބުންޏެވެ.
“އާނ.. ދެން މަންމަ އާ ތާރާ އާ ތިބެދާނަމޭ.. ދޯ” ތާރާއަށް ދޯ ދެމުން ފަހީމާ އެހެން ބުނެލީ ސަމާސާ ރާގެއްގައެވެ.
ތާރާ ގެއަށް ދިޔައިރު ގޯތިތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ގޭތެރެއަށް ނަޒަރު ހިންގާލީ ބައްޕަ ނުވަތަ ކޮއްކޮވެސް ހުރިތޯއެވެ. އެއްވެސް މީހެއްގެ ޙަބަރެއް ނެތުމުން ތާރާ މަޑުމަޑުން ގޮސް ހުއްޓެލީ ނިހާގެ ކޮޓަރީ ދޮރުމަތީގައެވެ. ބައްޕަގެ ކޮޓަރީ ދޮރުމަތީ ފައިވާނެއް ނެތުމުން ބައްޕަ ގޭގައި ނޫޅޭ ކަން ތާރާއަށް ޔަގީން ވިއެވެ. ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތުކަމުން ބައްޕަވާނީ ފިނިއައްޓަށް ގޮސްކަން ތާރާއަށް އެނގެއެވެ. އަދި ކޮއްކޮ އެވަގުތުގެ ބޭނުން ހިފައި ގެއަށް މީހުން ގެންނަކަން ވެސް ތާރާ ދަނެއެވެ. ނިހާގެ އެހުންނަ ވިޔާނުދާ ގޮތުގެ ސަބަބުން ކިތަންމެ ފަހަރަކު ނިހާއަށް ނަސޭހަތް ދޭން ތާރާ ބޭނުން ވިނަމަވެސް ނިހާ އެކަން ގަބޫލު ނުކުރާނެކަން އެނގޭތީ އަނގައިން ނުބުނެ ހުންނަން ތާރާއަށް މަޖުބޫރު ވީއެވެ.
ތާރާ މަޑުމަޑުން ދޮރުގައި ކަންފަތް ޖައްސައިލީ ވާނުވާއެއް ބަލާލާންށެވެ. އެ އިވުނު ނިހާގެ މަސްތީ ކުކުރުމުގެ އަޑުން ޖިންސީ އެދުންވެރި ކަމުގެ ކޯރަށް ނިހާ ގެނބިފައިވާ މިންވަރު ކިތަންމެހާވެސް ރަނގަޅަށް ހާމަވެއެވެ. ތާރާގެ މޭނުބައި ކުރާގޮތް ވިއެވެ. ދުރަށް ދުއްވައިގަތީ އިތުރަށް އެމުޑުދާރު ކަންތަކުގެ އަޑު އަހަން ބޭނުން ނުވާތީއެވެ.
“ކަލޯ.. މި ނިހާ މިއީ ފައްކާ މަންޖެއެއް… ކަންތައް ނިންމާލަން އެވަރެއްނެތް.” ނަބީލު ވާހަކަ ދެއްކީ ކައިރީގައި އޮތް ފައިސަލާއެވެ.
ފައިސަލާއި ނަބީލުއަކީ މާގާތް ރަހުމަތްތެރިންނެއް ނޫން ނަމަވެސް މަދަރުސާގައި އެއްކޮށް ކިޔަވާފައިވާތީ އެގުޅުން އަދިވެސް ބާއްވަނީއެވެ. ނަބީލު ފައިސަލާ އެވާހަކަތައް ހިއްސާ ކުރީ އިރުވެސް ފައިސަލަކީ އެފާޑު ފިރިހެނެއް ނޫން ކަން ނަބީލު ދަންނާނެއެވެ.
“އެހެންތަ… ކަލޭ މިހާރު އޭނައާތަ ތިއުޅެނީ” ހައިރާންވެ ހުރެ ފައިސަލު ސުވާލު ކުރިއެވެ.
“ހައްހަހައްހާ… ކަލޭޔަށް ހީވޭތަ އަކަހަލަ ބަޑި ގޮލަޔަކާ މަގޭ ހިތާވާނެހެން..؟ އެއީ ހަވަރު ތުންފުއްސެއްނު… މަގޭހަމަ އަރާމު ހޯދަން ގެންގުޅޭ މަންޖެގަނޑެއް އެއީ” ނުލަފާ ގޮތަކަށް ނަބީލު ހިނިގަނޑެއް ޖަހާލިއެވެ.
“އޭ… އޯކޭ އިނގެ… މަގޭ ނައްޓާލީމި….” މޭނުބައި ކުރުވާ ގޮތެއް ވުމުން ފައިސަލު އޭނާގެ ސައިކަލު އިސްޓާޓު ކޮށްލީ އިތުރަށްއެތަނުގައި ހުންނަންބޭނުން ނުވާތީއެވެ.
ތާރާ އާއި ނިހާ އުޑާއި ބިމާހާ ތަފާތޭ ކިތަންމެ ފަހަރަކު ފައިސަލު ހިތައްއެރިއެވެ. ނިހާއާ ހިލާފަށް ތާރާ އަކީ މަޑުމައިތިރި، މާތް ކުއްޖެކެވެ. ވެދާނެއެވެ. ނިހާ ހަލާކުގެ ތެރެއަށް ވައްޓައިލީ އޭނާގެ ބައްޕަގެ ލޯތްބެވެ. ކޮޅެއް ނެތް މިނަށް ދޭ މިނިވަން ކަމެވެ.
މެންދުރު ނަމާދު ކުރުމަށްފަހު ތާރާ ދޮޅި ބާލައި މުސައްލަ ފަރުވާތެރިކަމާއިއެކު ފަތްޖަހައިލިއެވެ. ކޮޓަރިތެރޭ މާ ތަނަވަސް ކަމެއްނެތަސް ކޮޓަރީގައި އުޅޭ މީހާގެ މުރާލި ކަމާއި ހީވާގިކަން ކިތަންމެހާވެސް ރަނގަޅަށް ހާމަވެއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ތާރާ ނުކުތީ ކޮޓަރިން ބޭރަށްށެވެ.
އެވަގުތަކީ ނިހާގެ ކޮޓަރިން ފިރިހެނެއް ނުކުމެގެން ދިޔަވަގުތެވެ. އެއީ އުމުރުން ދޮށި މީހެކެވެ. ކޮންމެވެސް ވަރަކަށް ބޮލުގެ އިސަތަށިތަށް ހުރީ ނުރަވެފައެވެ. ބަލާބެލުމަށް އެއީ ތިރީހަކަށް އަހަރުގެ މީހެކެވެ. ތާރާ އޭނާ ނުފެންނަ ކަމަށް ހެދީ އެ ހަޤީގަތާ ކުރިމަތިލާން ބޭނުން ނުވާތީއެވެ.
ދުވަސްތައް ފާއިތު ވަމުން ގޮސް ފައިހާ މާލެދާ ދުވަސް ވެސް އައިސް ޖެހިއްޖެއެވެ. ތާރާގެ ހަޔާތުގެ ކޮންމެ ދުވަހެއްވެސް ހޭދަވަނީ އެ ހިތާމައާއި ނަފުރަތުން ފުރިގެންވާ ކިއްލާގައެވެ. އަނެއްކާވެސް ތާރާ ލޯބިވާ ބަޔަކު ތާރާއާ ގެއްލެނީއެވެ. އަނެއްކާވެސް ތާރާގެ ހަޔާތާ ކުރިމަތިވާން އެއުޅެނީ ކަޅު ބޮޑު ވިލާގަނޑެއް ހެއްޔެވެ؟
“މީތަ ގެންދާ ހުރިހާ ހެދުން ތަކަކީ؟” ފައިހާގެ އަންނައުނުތައް ފަތްޖަހައިދޭން އިން ތާރާ މަޑުމައިތިރި ކަމާއިއެކު އެހިއެވެ.
“އާނ… ވާނެ ތީގެން…. ” ފޫހިގޮތަކަށް ފައިހާ ބުނެލިއެވެ.
ހަޤީގަތުގައި އޭނާ އެއިނީ ވަރަށް ދެރަވެފައެވެ. ތާރާ އާ ދުރަށް ދާންޖެހޭތީއެވެ. ކުޑައިރީސުރެ އެއްކޮށް އުޅެފައިވާތީ ދެކުދިންގެ ދެމެދުގައިވަނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެއް ކަހަލައެވެ. ފައިހާ ބޭނުންވަނީ ތާރާވެސް ގޮވައިގެން ދާންށެވެ. ކިތަންމެ ދާން ބޭނުންވިޔަސް އެކަމަށް ތާރާގެ ނަސީބު ތަންނުދިނެވެ.
“ދަރިފުޅާ… މިހުރީ މަންމަގެ ފޮށި ތައްޔާރުކޮށް ނިމިފަ…” ގޭތެރެއިން ފޮއްޓެދަމަމުން ކަހަލަ ގޮތަކަށް ފަހީމާ ކޮޓަރި ތެރެއަށް ވަދެގެން އައެވެ.
“ފަހީމާއްތަ ވެސް ދަނީތަ….” ނުތަނަވަސް ކަމާއެކު ތާރާއަށް އެހެން އެހުނީ ހަޤީގަތުގައިވެސް ތާރާ އެކަނިވާން އުޅޭކަމުގެ އިހުސާސް ކުރެވިގެންނެވެ.
“އާނ… ފައިހާ އެކަނި ނުފޮނުވާންވެގެން… ގޮސްލާފަ އަންނަން ކަމަށް… ފައިސަލުވެސް ދާނީ އަންނަ ހަފުތާގަ… ތާރާ ފަހީމާއްތައަށް ކަމެއް ކޮށްދެންޏާ ފައިސަލަށް ބަލާލައްޗޭ… ކާން ވެސް ގެނެސް ދިނީއްޔާ ރަނގަޅީ…” ފަހީމާ ތަފުސީލު ކޮށްދިނެވެ.
އެދުވަސް ވެގެން ދިޔައީ ތާރާ ހަޔާތުގައި ލިޔެވުނު ކަޅު ޞަފުހާއަކަށްށެވެ. ޔަގީނެވެ. ތާރާދެން ވަރަށް އެކަނިވާނެއެވެ. ތާރާއަށް އެންމެހެޔޮ ދެމައިންވެސް އެދިޔައީއެވެ.
ފަހީމާމެން ފުރުވުމަށް ފަހު ތާރާ އާއި ފައިސަލު ގެއަށް ދިޔައީ އެކީގައެވެ. ދެމީހުންނަށް ދެމީހުން ކަމުދިޔައެއް ކަމަކު އަދިވެސް ތާރާ ފައިސަލާ ވާހަކަ ދައްކަނީ ދުރުދުރުންނެވެ. އަދިވެސް ތާރާގެ ސިނކުޑި ބުނަމުން ދިޔައީ އެ އެޅެނީ ގޯސް ފިޔަވަޅެއް ކަމުގައެވެ. އެފިޔަވަޅު މަތީގައި ހުރެ ވެއްޓެއްޖީއްޔާ ތަދުވެސް ވާނީ ހަމަ ތާރާއަށް ކަމުގައެވެ. ހިތް ކުދިކުދި ވެސް ވާނީ ހަމަ އެފަކީރުގެ ކަމަށްށެވެ.
މަގުމަތީގައި ދެމީހުން ހިނގައިފައި ދިޔައިރު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އެދެމީހުންނަށްށެވެ. ނުހުއްޓެންވީ ސަބަބެއްވެސް ނެތެވެ. ދެމީހުން ކައިރީގައި ހުންނައިރު ހީވަނީ ހަނދު ކޭތަ ހިފާފަހެންނެވެ. ބަލާބެލުމަށް ދެމީހުންނަކީ ދެބައްރަށް ނިސްބަތްވާ ދެ ނަސްލުގެ މީހުންނެވެ.
“ތާރާ…” ފައިސަލު ތާރާއަށް ގޮވާލީ ނުހަން އޯގާތެރިކަމާއިއެކުގައެވެ.
“މިގަޑީ ވާހަކަ ނުދައްކާބަލަ… ޕްލީސް…” ތާރާ އިސްދަށަށް ޖަހައިގެން ހުރީއިރު އަޑުގައިވާނީ މާޔޫސް ކަމެވެ.
“ކީއްވެތަ…؟ އަހަރެން ވެއްޖެޔާ ނުވޭތަ ތާރާއާ ވާހަކަ ދައްކައިގެންނެއް…؟ ފައިސަލު އަދިވެސް މަސައްކަތް ކުރީ ތާރާއާ ވާހަކަ ދައްކާންށެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެތެވެ. ރޭގައި ތާރާ ކަންތައް ކުރިގޮތުން ފައިސަލުގެ ހިތް އުތުރި އަރަނީއެވެ. ތާރާގެ ޖަވާބަކީ “އާން” އެކޭކަމަށް އަމިއްލަ ޒަމީރު ގަބޫލު ކުރުވީއެވެ.
“ފައިސަލަކަށް ނޭންގޭތަ މީހުން އަހަރެމެންނާ ދިމާއަށް ބަލާކަމެއް… އެހެންވެއޭ އަހަރެން ބުނަނީ އަހަންނާ ފައިސަލަކީ އެކަށިގެންވާ ދެމީހުނެއްނޫނޭ…” ތާރާ ރުންކުރު ގޮތަކަށް ބުންޏެވެ.
“ތިހެން ހީނުކޮށްބަލަ… މިހާރުވެސް އަހަރެން އެންމެނަށް އަޑު އިވޭގޮތަށް އަހަރެން ތާރާ ދެކެ ލޯބިވާވަރު ހާމަކޮށްފާނަށް” ފައިސަލު އަދިވެސް ބެލީ ތާރާގެ ހިތް އުފާކޮށްދީ ފުރުސަތުގެ ބޭނުން ހިފޭތޯއެވެ. ފައިސަލު ތާރާ ދެކެ ވަނީ ހަމަށަކު ލޯތްބެއް ނޫންކަމާއި އެންމެންގެ ކުރިމަތީގައި ތާރާ ބަލައިގަންނާނީ ފަހުރާއެކުކަން ހާމަ ކުރަން އޭނާ މަސައްކަތް ކުރިއެވެ.
ފައިސަލަށް އެހެން ބުނެވުނު ވަގުތަކީ ތާރާމެންގެއާ އަރާ ހަމަވި ވަގުތެވެ.
ފައިސަލާ ދިމާއަށް ދެލޯ ތަންމިނަށް ހުޅުވައިގެން ތާރާ ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ފަނޑު ނޫކުލައިގެ އެ ދެލޮލުން ފައިސަލަށް ފެނުނީ މައުސޫމު ކަމެވެ. ހިތް ގޮވަމުން ދިޔައީ އެ މަޑު އަތުގައި ހިފާލައި ބޮސްދިނުމަށްށެވެ. ބޭއިޙްތިޔާރުގައި ނަމަވެސް ފައިސަލު ތާރާގެ އަތުގައި ހިފާލިއެވެ. މަޑު މަޑުން ފައިސަލުގެ ތުންފަތާ ކައިރިއަށް ގެނެސް ބޮސްދިނެވެ. ވަރަށް ވެސް ލޯބިންނެވެ.
ކުޑަ އިރުކޮޅަކު ތާރާ އެހެން ހުރުމަށްފަހު ގެއަށް ވަންނަށް އެނުބުރެލި ވަގުތު ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ.
ތާރާގެ އަރެތެރެ ބެދުނެވެ. ބިރުން ގޮސް ރޫރޫ އަޅަނީއެވެ. ބުނާނެ އެއްޗެއް ، ކުރާނެ ކަމެއް ނޭންގި ދެއަތް ދެއަތަށް މޮޑެމޮޑެ ހުރުމަށް ފަހު އެތެރެއަށް ވަންނަން ދުއްވައިގަތެވެ.
ކުރިމަތީގައި ހުރި ނިހާ ފެނުމުން ފައިސަލުވެސް ހުރީ ހަދާނެ އެއްޗެއް ނޭންގިފައެވެ. މާނޫން ކަމަށް ހެދިގެން އެތަނުން ދިޔުން ނޫން އިތުރު ގޮތެއް އޭނާ އަކަށް ނުވިސްނުނެވެ.
“ހުންނަ ލަދު ހަޔާތް ކުޑަކަން ދެކިބަލަ…. ތިމާއަށް ތިމާގެ ފެންވަރު އޮޅިގެން ނޫޅެބަލަ” ތާރާގެ ބާރު ފިޔަވަޅުތަށް ހުއްޓުމަކަށްއެއެވެ. ހުރިފިޔަވަޅު މަތީ ގަނޑު ވެފައި ހުރެވުނީ ކޮޅަކަށް އެނބުރިލަން ވެސް ނޭނގިފައެވެ. ދެއަތް ދެއަތަށް މޮޑެމުން ދިޔައިރު ގައިން ތުރުތުރު އެޅަމުން ދިޔައެވެ.
“ކަލޭ ތީ ކާކުތަ މީހަކު ދެކެ ލޯބިވާން… ފުރަތަމަ ތިމާގެ ހަމުގެ ކުލަޔަށް ބަލާބަލަ… ހީވަނީ އެންދެރި ޖިންނިއެއްހެން.. ކާކު ކަލޭދެކެ ލޯބިވާނީ؟.. ތި ކުޅި ކުޅެން ފެށީއިރު އެއްފަހަރުވެސް ވިސްނާލިންތަ ކަލޭއާ ފައިސަލާ ހުރި ތަފާތު؟ އޭނާގެ އާއިލާގައި ތިބެނީ ހުސް ދޮންކުދިން… އަހަންނަށް ޔަގީން ކަލޭ ކަހަލަ ކަޅު ހަޑި މީހެއް ، ތިމާގެ ދަރިފުޅާ އިންނަން ފަހީމާއްތަ ވެސް ދެކޮޅު ހަދާނެކަން.. ބަލަ އެއީ މުސްތަޤުބަލުގަ ޑޮކްޓަރެކޭ…އެމީހުން ކަލޭއާ ދޭތެރޭ ބާއްވާ ގާތް ކަމުގެ ނާޖައިސް ފައިދާ ނަގައިގެން އެ އާއިލާގެ ޝާހީ ކަން ހޯދާން ދޯ ކަލޭ ތިއުޅެނީ.. ” ނިހާގެ ރާގުން، ތިމާގެ ދައްތައާދޭތެރޭ އެއްވެސް ލޯތްބެއް ހަމްދަރުދިއެއް ނެތްކަން ހާމަވެގެންދިޔައެވެ.
ކަޅު ވުމަކީ ތާރާގެ ކުށެއް ހެއްޔެވެ؟ ތިމާގެ ސިފަ ރީތި ނޫނީއްޔާ ލޯތްބަކީ ހައްޤު އެއްޗެއް ނޫން ހެއްޔެވެ؟ ލޯތްބާއި އޯގާތެރިކަމަކީ ހަމައެކަނި ހަމުގެ ކަލު ރީތި މީހުންނަށް ހައްޤުވެގެން ވާއެއްޗެއް ހެއްޔެވެ؟ ޔަގީނެވެ. ތިމާގެ ސިފަ ތިމާ އަމިއްލައަށް ބައްޓަން ކުރުމުގެ ކުޅަދާނަކަން އަހަރެމެން އިންސާނުންނަށް ދެއްވާފައިވާނަމަ އެންމެން ވެސް ދުނިޔެ އައިސް ތިބޭނީ އެންމެ ފުރިހަމަ ރީތި ސިފައިގައެވެ.
ތާރާގެ ހިތް ރޫޅެން ފެށި ކަހަލައެވެ. ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގެން ދިޔައީ އިހުތިޔާރަކާ ނުލައެވެ. ދޭނެ ޖަވާބެއް، ދައްކާނެ ވާހަކައެއް ނޭންގޭ ހާލު ތާރާގޮސް ކޮޓަރިއަށް ވަނީ އެކަމަށް ދޭނެ ރައްދެއް ނެތީމައެއްނޫނެވެ. ކިތަންމެ ބުނަން ބޭނުން ވިޔަސް އެހާ ހިތްވަރު ނެތީއެވެ.
އެނދުމަތީގައި އޮތް ފޯނު ރިންގު ވަމުން ދިޔައެވެ. އެއްފަހަރަކު ނޫނެވެ. ކިތަންމެ ފަހަރަކު ރިންގުވިއެވެ. އެނދުގެ ބޯލާކޮޅުގައި ގަބުވެފައި އިން ތާރާއަށް ފޯނު ރަނގަބީލު ވާ އަޑުވެސް ނީވޭ ކަހަލައެވެ. ކުރިމަތީ ހުރި މޭޒުގައި ބަހައްޓާއި ހުރި ތޯމާގެ ފޮޓޯފްރޭމާ ދިމާއަށް ބަލަހައްޓައިގެން ތާރާ އިނީ ރޮއި ރޮއި ވަރުބަލިވެފައެވެ. ކިތަންމެވަރަކަށް ރުޔަސް އެ ރުއިމުގެ އަޑު އަހާނެ މީހެއް ނެތްކަން ތާރާއަށް ވެސް އިނގެއެވެ. ހުއްޓާލުމެއްނެތި ހިތް ކުރަމުން ދިޔަ ޝަކުވާ ތަކުގެ އަޑު އިއްވާނީވެސް ފަހެ ކާކަށް ހެއްޔެވެ؟
އެތައް އިރަކު ރުއިމަށްފަހު ތާރާއަށް ހޭވެރިކަމެއް ވީ ގޭތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމާއެކު ހަށިގަނޑު ދަމައިލީ ފުންނޭވާއެއް ލަމުންނެވެ. ތަންކޮޅެއް ދުރުގައި އޮތް ފޯނުނަގައި ބަލައިލިއެވެ. ފައިސަލު އެތަކެއް ފަހަރަކު ގުޅާފަ ހުއްޓެވެ. ފައިހާވެސް ވަރަށް ގުޅާފަ ހުއްޓެވެ. ކަންނެތް ކަމާއެކު އާފުރެލުމަށްފަހު ތާރާ ބަލާލީ ގަޑިއަށްށެވެ. ގަޑިން މެންދަމު 3 ޖަން ކައިރިވެއްޖެއެވެ.
“އަނެއްކާ މިގަޑީގަ… ކޮން އަޑެއްބާ އެއިވުނީ” ހިތާހިތުން ސުވާލު ކޮށްލުމަށްފަހު ތާރާގޮސް ފާހާނައަށް ވަނީ އެއީ ބުޅަލެއްގެ އަޑު ކަމަށް ނިންމައިގެންނެވެ.
ފާހާނައިން ނުކުތްތަނާ ލޮލުގައި އަޅައިގަތީ ނުދަމާއިން ފަރުދާއެވެ. ތާރާ ހަނދާން ނުވީއެވެ. އަވަހަށް ކުޑަދޮރާދިމާއަށް ގޮސް ފަރުދާ ކަހާލަން އުޅުމުގެ ތެރޭގައި ތާރާގެ ކަންފަތުގައި އަޅައި ގަތީ ބަޔަކު ޒުވާބު ކުރާ އަޑެވެ. އެބަޔަކު ވާހަކަ ދައްކަމުން ގެންދިޔައީ ސިއްރުން ކަމަކު ، އެމީހުން މަޑު ކޮށްގެން ތިބީ ތާރާގެ ކޮޓަރިއާ ހައެއްކަ ފޫޓު ދުރު ގައި ކަމުން ކިތަންމެހާ ވެސް ރަނގަޅަށް އެބަޔަކު ކިޔާ އެއްޗެހި ތާރާއަށް އެނގެމުން ދިޔައެވެ.
ފުރަތަމަ ބަލާލުމަށް އެއީ ކޮންބައެއްކަން ތާރާއަށް ނޭންގުނު ނަމަވެސް ގޯތިތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުން އެމީހުންގެ މޫނު ފަހުމުވިއެވެ. އެއީ ނިހާ ނޫން އެހެން އަންހެނެއް ނޫނެވެ. ކައިރީގައި ހުރީ އިސްކޮޅުން ދިގު ބިޔަ ފިރިހެނެކެވެ. ބަލާބެލުމަށް މެދު އުމުރުގެ ފިރިހެނެކެވެ. އެމީހާ ހުރީ ތާރާއާ ފުރަގަސް ދީގެން ކަމުން އެއީ ކާކު ކަމެއް ތާރާއަށް ފަހުމުވާ ގޮތެއް ނުވިއެވެ.
“މި ކަމުގެ ޒިންމާ ނަގާން ޖެހޭނީ ހަމަ ކަލޭއަށް… ބަލަ އަހަންނަށް އެނގެޔޭ މީ ކަލޭގެ ދަރިއެއްކަން…” ރުޅިވެރި ރާގެއްގައި ނިހާ އެމީހާއަށް ބުންޏެވެ. ތާރާގެ ހިތް ތެޅެމުން ދިޔައީގެ އޭގެ އެންމެ ބާރު މިނުގައެވެ. ކުރިމަތިވާން އުޅޭ ކަޅު ބޯ ވިލާގަނޑު ދުރުން ނަމަވެސް ފެންނަމުން ދިޔައެވެ.
” ހައްހަހާހައްހާ… މަ ތިކަމާ އެއްބަސް ވެއްޖެއްޔާތާ… އެހެންނޫނަސް ކަލޭތީ މިރަށަށް މަޝްހޫރު “ބަޑި” އެއް… ކާކު ގަބޫލު ކުރާނީ ކަލޭ ދައްކާ ވާހަކަ… ދުވާލަކު ކިތައްމީހުން ކަމެއް ނޭނގެ ތިމަލުން ފޮނިބޮނީ… ކަލޭ ކަހަލަ ހަވަރު ތުންފުއްސެއް ދައްކާ ވާހަކަ ގަބޫލު ކުރާނެ މީހެއް ނާންނާނެ… ކަލޭއަކަށް ސާބިތެއްވެސް ނުކޮށްދެވޭނީ ތީ މަގޭ ދަރިއެއް ކަމެއް…” އެ އަޑުގައި ވަނީ މަކަރުވެރި ކަމެވެ.
ތާރާގެ ދެލޯ ބޮޑުވިއެވެ. ކޮއްކޮ އުޅޭ ވިޔާނުދާ ގޮތުގެ ސަބަބުން ލަދެއްގައި ބެދިދާނެ ކަމުގެ ބިރު އަބަދުވެސް ތާރާގެ ހިތުގައި އޮތެވެ. މިރޭ މިފެންނަނީ އެކަން ހަޤީގަތަކަށް ވަމުން ދާ ކަމުގެ ކޮޅުމައްޗެވެ. އެ ނުއްރަކާތެރި ތޫފާނުގެ ބޯވިލާގަނޑު އަތުވެދާނެ ކަމުގެ ބިރު ތާރާގެ ހިތުގައި އޮތް ނަމަވެސް ކުރެވޭނެ މާ ބޮޑު ކަމެއްނެތެވެ. މިއީ ބައްޕަ ދިން ކޮޅެއްނެތް މިނިވަން ކަމުގެ ހިތި ނަތީޖާއެވެ.
“އެކަމަކު… އަހަރެން ހާދަ ލޯތްބެއް ވެއެއޭ.. ހެޔޮނުވާނެ… މިހާދު… އަހަންނަށް ތިހެން ނަހަދާ…” ނިހާގެ ރާގު ބަދަލުވެ އެ ފިރިހެން މީހާގެ ފައި ބުޑަށް ވެއްޓި އާދޭސް ކުރަން ފެށީ ކީއްވެކަމެއް ނޭނގެއެވެ.
“މިހާދު….” ތާރާއަށް ހިތާ ހިތުން އެނަން ކިޔާލެވުނެވެ. އެވަގުތު ފައިގައި އެލިގަނެގެން އޮތް ނިހާ ފޮޅާލުމަށްފަހު އެމީހާ އެނބުރެލި ވަގުތު ތާރާއަށް އެމީހާގެ މޫނު ފެނުނެވެ. ތާރާގެ ދެލޯ ބޮޑުވެގެން ދިޔައީ ތަންމިނަށްށެވެ. ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ.
މިހާދަކީ ކުރިން ފައިހާ އާ ރައްޓެހިވި މީހެކެވެ. ނުލަފާ ރަހުމު ކުޑަ ޖަނަވާރެކެވެ. އުމުރުން ކިތަންމެ ދޮށްޓަސް ބޭނުން ވާނީ ޅަކުދިންނެވެ. ތާރާ މެންނަށް ވުރެން 12ވަރަކަށް އަހަރުބޮޑު އެ ނުލަފާ މީހާގެ ލޯބީގެ އަވައިގައި ފައިހާ ޖެހުނު ގޮތެއް ހުދު ތާރާއަކަށްވެސް ނޭނގުނެވެ. ވެދާނެއެވެ. ޒުވާން ފުރައިގެ ކުދިން ލޯބީގެ މަޅީގައި ޖެއްސުމަކީ އެކަހަލަ ފިރިހެނުން ވަރަށް ވެސް ރަނގަޅަށް ދަންނަ ކުޅިއެކެވެ. ރަށުގައި ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މިހާދަކީ ދެމީހުންނާ އިނދެ ވަރިކޮށްފައި ހުރި 3 ކުދިންގެ ބައްޕައެކެވެ. އޭނާއާ ކައިވެނީގެ ގޮތުން ގުޅޭ ކޮންމެ މިހަކުވެސް ކައިވެނީގެ ގޮށް މުހެލަން ބޭނުންވަނީ އޭނާގެ އެ އަނިޔާވެރިކަމަށް ކެތްނުކުރެވިގެންނެވެ. ފައިހާ އޭނާގެ ކިބައިން ސަލާމަތް ކުރެވުނުކަން އެއީ ނަސީބެކޭ ތާރާ ހިތައްއެރިއެވެ.
“ލޯތްބޭ…؟ ކަލޭ ކަހަލަ ހަވަރު ތުންފުއްސަކަށް އެނގޭތަ ލޯބިވާން… ކަލޭ ކޮން ލޯތްބެކޭ ތިކިޔަނީ.. ބަލަ ކަލޭ ތީ ޖެހުނު ކޮންމެ ފިރިހެނެއް ހެޔޮވަރު ބަޑި އެކޭ…” ނުލަފާ ފާޑަކަށް މިހާދު ހޭންފެށިއެވެ.
” ކަލޭ ދެން ގޮސް ރަށު މެދަށް ވިހާ… އަހަރެން ކަލޭޔަކާ އިންނާން ކީއްކުރަން، ބަނޑުގައި ތިއޮތް ނަހަލާލު އެއްޗަށް އަހަރެންގެ ނަންދޭކަށް ވެސް ބޭނުމެއްނޫން… ކަލޭ ތިއުޅެނީ މަގޭ މުދާވެރިކަމަށް ދަހިވެތި ވެގެން ކަން މަށަށް ވަރަށް ރަނގަޅަށް އެނގޭ…” ނިހާ ބިންމައްޗަށް ކޮއްޕާލުމަށްފަހު މިހާދު އެތަނުން ދިޔައީއެވެ.
ބިންމަތީގައި ގުޅަވެގެން އޮވެ ގިސްލާ ރޮމުން ދިޔަ ކޮއްކޮއަށް ، ތާރާގެ ހިތުގައި ކިތަންމެ ވަރަކަށް ހަމްދަރުދީ އުތުރިއަރަމުން ދިޔަޔަސް ކޮއްކޮއާ ދިމާއަށް އޯގާވަންތަ ކަމުގެ އަތެއް ދިއްކޮލަން ތާރާ ފަސްޖެހުނެވެ. ތާރާ ހަނދާންވެއެވެ. އެންމެ ކުޑައިރުއްސުރެ ވެސް ތާރާ ކޮއްކޮގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ކޮއްކޮ ރުޅިއަންނާނެއެވެ. ނޭންގި ނަމަވެސް މެއެވެ. އެއީ ބައްޕަ ބުނެފައި އޮންނަ ގޮތެވެ. ތާރާ ކޮއްކޮގައި ގައި އަތްލައިފިނަމަ ތާރާއަށް ޖެހިފައިވާ ބަލި ކޮއްކޮގެ ގަޔަށް އަރާނެކަމަށް ނިހާ އެންމެ ކުޑައިރުވެސް ބައްޕަ ބުނި އަޑު ތާރާއަށް އިވިފައިވެއެވެ. ބައްޕަ ނިހާއަށް އޭރު ވިސްނައިދީފައިވަނީ ތާރާގެ ހަމުގެ ކުލަ އަނދިރީ ތާރާއަށް ޖެހިފައިވާ ބައްޔަކުންކަމަށްށެވެ. އަދި ތާރާގައިގައި އަތްލާ ހަދާނަމަ އެބަލި ޖެހި މަރުވެސް ވެދާނެއެވެ. ބައްޕައަށް ހެކި ދައްކާކަށްވެސް އުނދަގުލެއް ނުވިއެވެ. މަންމެ ވެސް މަރުވީ އެބަލި ތާރާގެ ކިބައިން ޖެހިގެން ކަމަށް ބުނެ ނިހާގެ ހިތުގައި ބިރުވެރިކަމާއި ނަފުރަތު އުފެއްދީއެވެ. ކުރާނެ ކަމެއް ނެތެވެ.
“އާނ… ކުރާނެ ކަމެއް ނެތް މަންމަ މެންވެސް ވަރަށް ގުޅައިފިން ތާރާއަށް ހަމަ އެއްގޮތަކަށްވެސް ދިމާވާ ގޮތެއް ނުވި.. އެއްވެސް ޖަވާބެއް ނުދޭ.. ނޭނގެ އެފަކީރަށް ވީގޮތެއްވެސް” ތާރާގެ ހަބަރެއް ނުވުމުން ކަން ބޮޑުވެފައި އިން ފަހީމާ ވާހަކަ ދެއްކީ ފައިސަލާ ފޯނުންނެވެ.
” އެހެންތަ.. މަންމަ ދެން ހާސް ނުވޭ އަހަރެން ސައި ތައްޓެއް ހަދައިގެން ބޯލަފާނަމޭ.. ދެން އެވަރު ނުވާ ކުޑަ ކުއްޖެ ނޫނެއްނު މީ.. ދުވަސް ކޮޅަކުން އަނެއްކާ އަމިއްލައަށް ހުރިހާ ކަމެއް ކުރަން ޖެހޭނެ.. ” މަންމަ ހިތްހަމަ ޖައްސައި ދެމުން ފައިސަލު ވާހަކަ ދެއްކިއެވެ. ފައިސަލު ތާރާއަށް ގުޅިކަން ވެސް މަންމަ ގާތު ބުނަން ބޭނުމެއް ނުވިއެވެ. މަދުމަދުން ދެކުދިން ވާހަކަ ދައްކާކަން މަންމައަށް އެނގުނަސް މާ ގާތް ކޮށް މަންމަ ކުރިމަތީ ވާހަކަ ދައްކައެއް ނޫޅެއެވެ.
“އާނ.. ތިވެސް ތެދެއް.. ކިޔަވަން ދިޔައީމަ އަނެއްކާވެސް ހުރިހާ ކަމެއް އަމިއްލައަށްތާ ކުރަން ޖެހޭނީ… މަންމަ މި ހާސް ވަނީ ދަރިފުޅަށް ކާއެއްޗެހި ހިފައިގެން ތާރާ ނައީމައެއް ނޫނޭ… ދަރިފުޅަށް ވެސް ހަމަ ރަނގަޅަށް އިނގޭނެ ނާޝިދު އެފަކީރާ މެދު ކަންތައް ކުރާގޮތް… ނިހާ އާ ދެމީހުންނާ ދޭތެރޭ ކުރާ ތަފާތު… މަންމަ ހިތައްއަރަނީ… އަނެއްކާ…” ފަހީމާއަށް ބުނެވުނީ އެހިސާބަށްށެވެ.
“މަންމާ.. އަހަރެން ފަހުން ގުޅާލާނަށް… ކޮއްކޮއަށް ސަލާމް ބުނެދެއްޗޭ…ބުނާތި ވަރަށް ހަނދާން ވެއޭ…” އެހެން ބުނުމަށްފަހު ފޯނުބާއްވަން ފައިސަލު ބޭނުންވީ ހިތަށް ލިބުނު ނުތަނަވަސް ކަމުގެ ސަބަބުންނެވެ.
މަންމަ ދެއްކި ވާހަކަތަކާ މެދު ވިސްނެންފެށިއެވެ. ވިސްނާ ވިސްނާ ބޯ ފަޅާފަ ސިކުނޑި ނުކުންނަން އުޅޭ ހެން ވެސް ހީވެއެވެ. ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ތަނަވަސް ސޯފާގައި ހަށިދަމައިލައިގެން ފައިސަލު އޮތީ ފަންކާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ފުން ހިޔާލުގެ ކަނޑަކަށް ގެނބެމެންދިޔައެވެ. ހަޤީގަތުގައިވެސް މަންމަ އެބުނީ ރަނގަޅު ވާހަކައެއްކަން ޙުދު ފައިސަލުވެސް ގަބޫލު ކުރެއެވެ. ނާޝިދު އެންމެ ކުރީއްސުރެ ތާރާއަށް ދެމުން އައި ކުދި އަނިޔާ ތަކުން ފެށިގެން ބޮޑު އަނިޔާތަށްވެސް އެންމެ ގާތުން ދުއް އެކަކު ކަމުގައި ފައިސަލު ވާނެއެވެ. އެންމެ ކުޑއިރުން ފެށިގެން އުފަން ބައްޕައާ ދިމާއަށް ބައްޕާއޭ ކިޔާ ގޮވާލުން އެއީ ތާރާއަށް ދެވުނު ކުޑަ އަނިޔާއަކަށް ވީނަމަވެސް، އެއީ ނަފުސާނީ ގޮތުން ދެވުނު ވަރަށް ބޮޑު އަނިޔާއެއްކަން ފައިސަލު ގަބޫލު ކުރެއެވެ. ހަނދާންނެތިގެން ބައްޕާއޭ ކިޔާ ގޮވާލުމުން އަތްވީއްލާ ނާޝިދު ތާރާގެ އަނގަމަތީ ޖެހި ދުވަހު ފައިސަލު ހުރީ އެގޭ ދޮރުމަތީގައެވެ. މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ، ތާރާ ގައިގައި އަޅައިގަނެފައި ނިހާ ވެއްޓުނު ދުވަހު އަތުހިފާ ދަމަމުން ގެޔަށް ވައްދައި ދޮންކޮށްފައި ހުރި އިސްތިރި ޖެއްސި ދުވަސްވެސް ފައިސަލަށް ކުލަވާންފެށިއެވެ. އުމުރުގައި ހައެއްކަ އަހަރުގެ ތަފާތެއް ހުރިއެއް ކަމަކު ބޮޑުވީ އެކުއެކީ ކަމުން ފައިސަލަށް ހުރިހާ ކަމެއް އެނގެއެވެ.
މެންދުރުވާން ގާތް ވެއްޖެއެވެ. ކަންނެތް ކަމާއިއެކު އެނދުގައި އޮތް ނިހާ ދެލޯ ހުޅުވައިލިއެވެ. މާގިނައިރު ރުއިމުގެ ސަބަބުން ދެލޯވަނީ ދުޅަވެފައެވެ. މޫނުމަތި ފޮއްސިހެން ވެސް ހީވެއެވެ. ހޭވިފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އެނދުން ތެދުވިއެވެ. ހަށިގަނޑަށް އިހުސާސް ކުރެވެމުން ދިޔަ ލޮޑު ކަމުގެ ސަބަބުން ތެދުވެގެން ފާހާނައާ ހިސާބަށް ދާހާ ހިތްވަރެއްވެސް ނުލިބުނެވެ. އެއިންތާގައި ގަބުވެފައި އިނދެވުނީއެވެ. ގޮތް ހުސްވެފައިވާ ނިކަމެއްޗެއް ހެންނެވެ. ދިމާވެފައިވާ ހިތްދަތިކަން ހިއްސާ ކުރިޔަސް، ކުރާނީ ކާކާ ހެއްޔެވެ؟ ހިތާ ހިތުން ކިތަންމެ ފަހަރަކު ސުވާލުވެސް ކުރެވުނުމެއެވެ. ގާތް ރަހުމަތްތެރިއެއްވެސް ހުރީކީއެއް ނޫނެވެ. ހިތުތެރޭގައި ފޮރުވައިގެން އިންދާ ހިތްފަޅައިގެން ގޮސްދާނެތީ އެވެ. ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. އަރައިގަނެވުނީ އެހާމެ ބޮޑު ފާފައަކަށްށެވެ. ހަޤީޤަތުގައި ބަނޑުގައި އޮތް ފުރާނައިގެ ބައްޕައަކީ ކާކު ކަމެއް ޙުދު ނިހާ އަކަށްވެސް ޔަގޭނެއް ނޫނެވެ. މިހާދަކީ އެކަމުގެ ޒިއްމާ ނަގަންޖެހޭ، ކުއްޖާގެ ބައްޕަހެން ހީވަނީއެވެ.
“އައްސަލާމް އަލައިކުމް…” އިވުނީ ރިވެތި ސަލާމުގެ އަޑެވެ.
“ވަޢަލައިކުމުއްސަލާމް…” ސަލާމް ބަލައިގަންނަމުން ފައިސަލު ސޯފައިން ތެދުވީ ކުއްލިއަކަށްށެވެ. އެއީ ތާރާގެ އަޑު ކަން ޔަގީންވުމުންނެވެ.
“ތާރާ… ހާދަވަރަކަށް އަހަރެން ގުޅައިފީމޭ… ކީއްވެ ފޯނު ނުނެގީ؟.. އަނެއްކާ ބަލީތަ؟ ގޭ މީހުން އެއްޗެހި ކީއްތަ..؟ ނިހާ ހަޅޭލެވީ ދޯ؟” އެއްނޭވާމަތިން ސުވާލުތައް އަމުނާލުމުން ފައިސަލު ހާސްވެފައި ހުރި މިންވަރު ވަރަށް ރަނގަޅަށް ވެސް ހާމަ ވިއެވެ.
“އެކަކުވެސް ހަޅޭއެއް ނުލަވާ… އަހަރެން ކުޑަކޮށް ބޮލުގައި ރިއްސާތީ.. މާ ގިނައިރު ނިދާލެވުނީ…” ތާރާ ދޮގު ހެދިއެވެ.
“މިހުރީ.. ފައިސަލަށް ގެނައި އެއްޗެއް” މަތިޖހާފައިވާ ތަށި ފައިސަލަށް ދިއްކޮށްލިއެވެ.
“ބޮލަށް ތަދު ވަނީއޭ… ބޭސް ކައިފިންތަ…؟” ތާރާ ދިއްކޮލި ތައްޓާމެދު މާބޮޑު ފަރުވާލެއް ނުބަހައްޓާ ފައިސަލު އިތުރު ސުވާލެއް އަމުނާލިއެވެ. ތާރާ ބޮލުގެ އިޝާރާތުން ނޫނޭކޭ ބުނުމުން ފައިސަލުގެ ނުތަނަވަސްކަން އިތުރުވިއެވެ. ކުރިއަށްވުރެން ވެސް ބޮޑަށްށެވެ. އަވަސް އަވަހަށް ގޮސް ވަތްގަނޑެހުޅުވާ ހޯދަންފެށިއެވެ. ބޭސްގުޅައެއް ފެންނަގޮތެއް ނުވިއެވެ.
“މިހާރު ނުރިއްސާ ބޮލުގައެއް… ކުރިއަށް ވުރެ ރަނގަޅު…”
ފައިސަލު އުޅުނު ގޮތުން އެއުޅުނީ ބޭސްގުޅައެއް ހޯދާންކަން ތާރާއަށް ޔަގީން ވިއެވެ. ފައިސަލު އަނބުރާއައިސް ތާރާ ކައިރީގައި ހުއްޓުނެވެ.
“ނަސީބެއްނު… ބޮލުގަ ރިއްސަންޏާ ބުނައްޗޭ ހަނދާންކޮށް” ފައިސަލުގެ އަޑުގައިވީ އޯގާތެރިކަމެވެ.
ގޭ ޖޯލިފަތީގައި ތާރާއިނީ ފުން ހިޔާލެއްގައެވެ. ހަޔާތުގައި ދިމާވަމުންދާ ކަންކަމާމެދު މާ ބޮޑަށް ވިސްނޭ ދުވަހެކެވެ. ކުއްލިއަކަށް ފޯނު ރަނގަބީލު ވާން ފެށިއެވެ. ތާރާ ދިޔައީ ސިއްސައިގެންނެވެ.
“ހަލޯ… ކިހިނެއް ތާރާ… ހަބަރެއްވެސް ނުވާތީ ވަރަށް ކަނބޮޑުވެފަ މިހުންނަނީ..” އެކޮޅުން ވާހަކަ ދެއްކީ ފަހީމާއެވެ. އަޑުގައިވަނީ މައިވަންތަ ލޯތްބެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު… ފަހީމާއްތަ ކިހިނެއް.. ކޮބާ ފައިހާ… ފޯނުގަ ލާރި ނެތީމަ… ނުގުޅުނީ…” ފައިހާ ތަފުސީލު ކޮށްދިނެވެ.
” ދައްތަ ވެސް ހަމަ ވަރަށް ބަރާބަރު..ފައިހާ ވީ ބޭރުގަ… މިގޭ ޒާހިއްތަގެ މަންޖެއާ އެއްކޮށް ގޮސް… އައީމަ ގުޅާލާނަށް އިނގޭ…” ފަހީމާ ބުންޏެވެ.
“އެންމެ ރަނގަޅު.. ދެން ބާއްވާލީއޭ.. ފައިހާއަށް ސަލާމް ބުނެދޭތި..” އަވަސް އަރުވާލާފައި ތާރާ ފޯނުބޭއްވީ ގޭތެރެއިން ހިނގާފައި އައި ނާޝިދު ފެނުމުންނެވެ.
ނާޝިދު ގޮސް ހުއްޓުނީ ނިހާގެ ކޮޓަރީ ދޮރުމަތީގައެވެ. ނިހާއަށް ގޮވަމުން ދޮރުގައި ޓަކި ދިނެވެ. ނިހާ އަދިވެސް ނުހޭލާކަން ތާރާއަށް ހަނދާންވީ ދެނެވެ. ނާޝިދު ގެ ގޮވުމަށް ނިހާ އިޖާބައެއް ނުދިނެވެ. ނާޝިދު ކަންބޮޑުވިނަމަވެސް ވަގުތުނެތުމުން މަޑުކުރަން ބޭނުންނުވީއެވެ.
“ދަރިފުޅާ… ބައްޕައަށް ވަޒީފާ ހަމަ ޖެހިއްޖެ… މިތާ ކައިރީ ރިސޯޓެއްގައި ދުއްވާ ދޯންޏަކުން.. މިހާރު ފުރަން މިދަނީ.. ދަރިފުޅު ބަސްއަހައިގެން އުޅެއްޗޭ” ނާޝިދު ވާހަކަ ދެއްކީ ނިހާ ކޮޓަރި ކައިރީ ހުރެގެންނެވެ.
މީގެ ކުރިން ނާޝިދު އުޅުނީ މަސްވެރި ކަމުގައެވެ. ރަށުގައި މަސްވެރިކަން ކުރާ ހުރިހާ ދޯންޏެއްގައި މަސައްކަތް ކުރިނަމަވެސް ހުންނަ ރުންކުރު ގޮތެއްގެ ސަބަބުން އޮޑިވެރިޔާއާ މައްސަލަޖެހިގެން ފައިބަނީއެވެ. އެވަރަށް ޒުވާބުވެސް ކޮށްފައެވެ.
ނިހާއަށް އެހެން ބުނެފައި ނާޝިދު ހިނގައިގަތީ އަވަހަށްދާންށެވެ. ޖޯލީގައި އިން ތާރާވެސް ނުފެންނަކަމަށް ހަދައިގެން ނާޝިދު ދިޔައީއެވެ. އެއްވެސް ރަހުމެއް ނެތިއެވެ.
ހަވީރުގެ މަރިޔާދު ވަގުތެވެ. އެހެންދުވަސް ތަކެކޭ ހިލާފަށް މިއަދު ނިހާ ހިޔާރުކުރީ ގޭގައި އިންނާންށެވެ. ބައްޕަވެސް ރަށުގައި ނެތުމުން ، ހައްލު ހޯދުމަށް ވާހަކަ ދައްކާނެ މީހެއް ނެތީމައެވެ. ނިހާ ވިސްނައިގެން ހުރީ މިއަދު ބައްޕައަށް ހުރިހާ ވާހަކަތަކެއް ކިޔާދޭންށެވެ. ނިހާއަށް ކުރެވުނު ފާފައާއި ބަނޑުގައި ދަރިފުޅުގެ ވާހަކައެވެ.އެހެންނަމަވެސް ބައްޕަ ފުރައިގެން ދިޔައީއެވެ. ހަގީގަތުގައި ނިހާއަށް ހިތްވަރުވެސް ނުލިބުނީއެވެ.
ތާރާއަށް އެތަނަށް އާދެވުނީ އެވަގުތުގައެވެ. ގޭ ޖޯލިފަތީގައި އޮތް ނިހާ ފެނުނެވެ. ތާރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ނިހާ އިން ހާލު ފެނިފައެވެ. މޫނުމަތިވަނީ މިލާމޯޅިވެފައެވެ. ލޯ ދުޅަވެފައިވާއިރު އިސްތަށިގަނޑުހުރީ ފަރުވާ ކުޑަގޮތަކަސް އައްސާފައެވެ. ނިހާ އިން ހާލުފެނި ކުރި އަސަރުން ތާރާއަކަށް ކެތެއް ނުކުރެވުނެވެ. ތާރާ ނިހާއާ ދޭތެރޭ ކިތަންމެ ދެރަކޮށް ކަންތައް ކުރިޔަސް ތާރާގެ ހިތުގައި ކޮއްކޮއާ ދޭތެރޭ އޮތް ލޯތްބަކަށް އެއްވެސް ހީނަރު ކަމެއް ނާދެއެވެ. ތާރާ ގަސްދު ކުރީ އިސްވެ ވާހަކަ ދައްކާންށެވެ. ކޮއްކޮ އެހާލުގައި އިން މަންޒަރު ދެކޭކަށް ދައްތައެއްގެ ލަނގޮޑިއަށް ކެތް ނުވީއެވެ.
“އެއްޗެއް ކައިގެންތަ ތިއުޅެނީ…” ނިހާ އާ އަރާ ހަމަވަމުން ތާރާ ސުވާލު ކުރީ ޖެހިލުންވެހުރެއެވެ.
ނިހާ ބަލައިލީ ތާރާއާ ދިމާއަށްށެވެ. ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. ތާރާ ޖެހިލުންވިއެވެ. ކޮއްކޮގެ ރުޅިވެރިކަމާއެކު ލަވާ ހަޅޭކުގެ އަޑު އިވޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
(ނުނިމޭ)

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

ވަފާތެރިކެހިވެރިޔާ

Next

ހެޔޮނުވާނެ!……… (1 ވަނަ ބައި)

Next
April 16, 2020

ހެޔޮނުވާނެ!……… (1 ވަނަ ބައި)

Previews
April 16, 2020

ވަފާތެރިކެހިވެރިޔާ

9 Comments!

  1. LAZY_QUEENY says:
    April 16, 2020 at 10:45 am

    Vvvv reethi mi part vx… Whn is next part… Curiously waiting for next part…. Thankolheh avahah up kohdhehchey next part….. Can’t wait to read the next part…. N Aminath Rau U r so talented…..Maashaallah… N Me first tha?????

    1. Aminath rau says:
      April 16, 2020 at 11:24 am

      Thank you so much?❤️ next part will be uploaded ASAP! Yess I do write stories abadhuvx but this is the first story migothah publish kuraa☺️

  2. Hassaan Naeem says:
    April 16, 2020 at 1:02 pm

    Yumm

  3. Yan♥️ says:
    April 16, 2020 at 2:51 pm

    Varah reethi ? Masha Allah

    1. Aminath rau says:
      April 16, 2020 at 3:56 pm

      Thank you so much Yan❤️?

  4. Aal says:
    April 16, 2020 at 11:31 pm

    Varah reethi. You’re a wonderful writer.
    Hope u’ll upload the next part soon

    1. Aminath rau says:
      April 16, 2020 at 11:49 pm

      Thank you so much Aal❤️
      Yes Insha Allah next part will be?❤️ uploaded ASAP!

  5. ?? says:
    April 17, 2020 at 5:20 pm

    Vrh reethi vaahaka eh

  6. Hernu says:
    April 18, 2020 at 6:12 am

    It’s getting nicer and nicer.

Comments are closed.


All Right Reserved!