”ދަރިފުޅާ. ބަސް އަހައިގެން ރަނގަޅަށް ކިޔަވާތި. ބަރާބަރަށް ނަމާދު ކުރާތި. ރަނގަޅު ރައްޓެހިން ހޯދާންވާނީ. މާލެއަކީ މިރަށް ކަހަލަ ތަނެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި. އެގޭގައި އުޅޭ ދައްތަމެންނާއި ބޭބެމެންގެ ބަސްއަހާތި. ކަމަކަށް ބޭނުންވަންޏާ މަންމަމެންނަށް ގުޅާތި. މަންމަމެން އަބަދުވެސް މަސައްކަތް ކުރާނަން ދަރިފުޅު ބޭނުން ތަކެތި ހޯދައިދެވޭތޯ. މަންމަ ވަރަށް ހަނދާންވާނެ ދަރިފުޅު މަތިން. ވަރަށް ލޯބިވޭ.” ޝަމްހާ އޭނާގެ އަށާރަ އަހަރުގެ ދަރިފުޅު ނައިޝަމްގެ ގައިގައި ބައްދައިލައިގެން ހުރެ ބުނެލިއެވެ. ޝަމްހާ ބުނަމުން ދިޔަ ކޮންމެ ޖުމުލައަކަށް އަދަބުވެރިކަމާއިއެކު ނައިޝަމް ދިޔައީ ބޯ ޖަހަމުންނެވެ. ދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ ހިތާމައިގެ ކުލަވަރުތަކެވެ.
”އެބުނީ ތެދެއް ދަރިފުޅާ. ބަސްއަހައިގެން އުޅޭތި. ދަރިފުޅަށް ކަމެއް ވެއްޖާ ބައްޕަމެން ވަރަށް ދެރަވާނެ. ރަނގަޅަށް ކިޔަވާތި. ކިޔަވައިގެން މޮޅު ކުއްޖަކަށް ވެވޭތޯ މަސައްކަތް ކުރާތި. ބައްޕަމެން އަބަދުވެސް މިތިބީ ދަރިފުޅާ އެކު. އެއްވެސް ކަމެއް ބައްޕަމެންނަށް ސިއްރު ނުކުރާތި.” ނައިޝަމްގެ ބައްޕަ އިޝާމްވެސް އައިސް ނުހަނު އޯގާތެރިކަމާއި ލޯތްބާއެކު ބައްދައިލިއެވެ. އެދެމީހުންނާ ވަކިވާން ޖެހުމުން ނައިޝަމްގެ ދެލޮލުން ދިޔައީ ހުއްޓާނުލައި ކަރުނަތައް ފައިބަމުންނެވެ.
”ކޮބާ އިޝާމް. އެސޮރު ތައްޔާރުގަތަ ހުރީ؟ ދޯނި ފުރާ ގަޑި ޖެހެނީ އެހެރަ. ހިނގަދާން އަވަހަށް ފާލަން ދޮށަށް.” ތިން ބެއިންވެސް ސިއްސައިގެން ދިޔައީ ނައިޝަމް މާލެ ގެންދަން ހަމަޖެހިފައި ހުރި އަލިފުޅު އައިސް ވާހަކަ ދައްކަން ފެށުމުންނެވެ. އަލިފުޅުގެ ފަހަތުން ތިން ބެއިންވެސް ފާލަމާ ހަމައަށް ހިނގައިގަތީ ނައިޝަމްގެ އަތުގައި ހިފާލައިގެން ހުރެއެވެ.
”އަލިފުޅު. އަހަރެންގެ ނައިޝަމް ރަނގަޅަށް ބަލައްޗެ. އާކިފްމެން ގާތުވެސް ބުނާތި މިހެން.” ނައިޝަމްގެ ގައިގައި ފަހު ފަހަރަށް ޝަމްހާ ބައްދައިލިއެވެ. އިޝާމްވެސް މެއެވެ. ޝަމްހާގެ ބަހަށް އަލިފުޅު ބޯ ޖަހާލިއެވެ. ”އަން އަލިފުޅު. މީތި އާކިފްއަށް ރައްދުކޮށްދޭތި.” އިޝާމް އަލިފުޅަށް ދިއްކޮށްލީ ސިޓީއެކެވެ. އަލިފުޅު އޭގައި ހިފުމަށްފަހު ނައިޝަމްގެ ފޮށިތަންމަތި ހިފައިގެން ދޯންޏަށް އެރިއެވެ.
”މަންމާ. ބައްޕާ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މަންމަމެން އުންމީދު ކުރިކަހަލަ ކުއްޖަކަށް ވެގެން ރަށަށް އަންނާން. އެކަމަކު އޭގެ ކުރިން މަންމަމެން ވާނެ އަޅުގަނޑު ގުރެޖުއޭޓް ވާ ދުވަހު މާލެ އަންނަން. އަޅުގަނޑު ބޭނުން އެދުވަހު މަންމަވެސް ބައްޕަވެސް ހުންނަން. ދެން ދަނީ. ވަރަށް ވަރަށް ހަނދާންވާނެ މަންމައާ ބައްޕަ މަތިން.” އަލިފުޅު ގޮވަން ފެށުމުން ނައިޝަމް އޭނާގެ ވާހަކަ ކުރު ކޮށްލާފައި ދޯންޏަށް އަރަން ދިޔައެވެ. ”އާން ދަރިފުޅާ. މަންމަމެން ކޮންމެހެން ހަދާފައިވެސް ދަރިފުޅު ކަިއރިއަށް އެދުވަހަކުން ދާނަން.” ޝަމްހާއަށް ދިޔައީ ހުއްޓާ ނުލައި ރޮވެމުންނެވެ. ނައިޝަމްއަށް ވެސް ކެތްކޮށްލައިގެން ހުރެވުނީ ކިރިޔާއެވެ. ދޯންޏަށް އެރުމާއިއެކު އޭނާއަށް ރޯން ފެށުނެވެ.
އަށާރަ އަހަރު ވަންދެން އެކީގައި އުޅުމުން ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެއީ ނައިޝަމް އެންމެ ކުޑައިރުން ފެށިގެން އެންމެ ދަތިހާލުގައިވެސް އެއްވެސް އުންޏެއް ނުވާ ގޮތަށް ބަލައި ބޮޑު ކުރި ދެމީހުންނެވެ. އެދެމީހުން ފިޔަވައި ނައިޝަމްގެ އެކަކު ވެސް ދުނިޔޭގައި ނެތެވެ. އެދެމީހުންނަކީ ނައިޝަމް ދިރިހުރުމުގެ އަސްލެވެ. އެދެމީހުން ނެތް ދުވަހަކުން ނައިޝަމްއަށް ވާނެ ގޮތް ހުދު ނައިޝަމްއަށްވެސް ސިފަކޮށްލަން ނޭނގެއެވެ.
”އެކޮއި. ނުރޮއި ހުއްޓާލާ. މިއީ ރޯންވީ ވަގުތެއް ނޫން. އެދެމީހުން އެކޮއި ކިޔަވަން މާލެ ފޮނުވަނީ ވަރަށް ބޮޑު އުންމީދެއްގައި. އެ އުންމީދު ފުރިހަމަ ކޮށްދެވޭތޯ ބަލައި.” އަލިފުޅު ނައިޝަމްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެތައް އިރެއްގެ މަސައްކަތުން އެކަން ކާމިޔާބުވެސް ވިއެވެ.
***
”ޒާހިދާ. ކޮބާ ނިމިއްޖެތަ މިހާރު ހުރިހާ ކަމެއްކޮށް؟ އެމީހުން އަންނަން އުޅޭނެ މިހާރު.” އާކިފް އޭނާގެ އަންހެނުން ޒާހިދާ ހަލުވި ކަމާއިއެކު ކުރަމުން ދިޔަ މަސައްކަތަށް ފަރުވާތެރިކަމާއިއެކު ބަލަން ހުއްޓެވެ. ކިތަންމެ މުއްސަންޖަސް، އަތުގައި ބޭނުން ވަރަކަށް ފައިސާ ހުރި ކަމުގައި ވިޔަސް އާކިފް ގޭގައި ނޯކަރުން ބަހައްޓާފައިއެއް ނުވެއެވެ. އޭގެ ސަބަބަކަށް އާކިފް ކޮންމެ ފަހަރަކުވެސް ދައްކާނީ އޭނާގެ ހުރި ދެ އަންހެން ދަރިންނެވެ. އޭނާ ދެކޭ ގޮތުގައި ގެޔަށް ނޯކަރުން ލައިގެން އަންހެން ދަރިންގެ މުސްތަގުބަލު އުޖާލާވެގެންނެއް ނުދާނެއެވެ. އޭނާގެ ހުރި ދެ އަންހެން ދަރިންނަށް އެއްވެސް ކަމެއް ކުރަން ނޭނގުމުން ލަދު ގަންނަން ޖެހޭނީ ހުދު އާކިފްކަން އޭނާ ގަބޫލު ކުރެއެވެ.
”ހޫމް. ދެން މި ނިމުނީ ހަމަ.” ޒާހިދާ ހޫމް އަޅުވައިލިއެވެ.
”ބައްޕާ. އަޅެ ކޮން ބައެއްތަ މިގެޔަށް އަންނަނީ؟ މިހާރު އަޅުގަނޑާ ޔޫހާ ވަރުބަލިވެއްޖެ.” އާކިފްގެ ފުރަތަމަ ކައިވެންޏަށް ލިބުނު އަންހެން ދަރި އައިލީޝް ބޮޑާހާކަން ފެށީ ކުޑަކުއްޖެއް ފަދައިންނެވެ. ޔޫހާއަކީ އާކިފްގެ ދޮން ދަރިއަކަށް ވީއިރު ޒާހިދާއަކީ އައިލީޝްގެ ދޮންމަންމައެވެ. އައިލީޝްގެ މަންމަ އަލީނާ ވަނީ ވިހެމުގައި ދިމާވި މައްސަލައެއްގައި މިދުނިޔެ ދޫކޮށް ގޮސްފައިއެވެ. އޭގެފަހުން އައިލީޝްއަށް އެންމެ ފަސް އަހަރުގައި އާކިފް ޒާހިދާއާ ކައިވެނި ކުރީ އައިލީޝްއަށް މަންމައެއްގެ ލޯބި ބޭނުންވާނެ ކަން އަންދާޒާ ކުރެވޭތީއެވެ. ނަމަވެސް އާކިފް އޭނާގެ ދަރިޔަކަށް ދޮންމަންމައެއް ހޯދައިދިނުމަކީ ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.
”ދަރިފުޅާ. މިހާރު އެމީހުން އަންނަން އުޅޭނެ. އެއްކޮށް ނިމުނީތަ މޮޕު ހާކާ.” އާކިފް ވަރަށް ލޯބިން އައިލީޝް އަދި ޔޫހާގެ ބޮލުގައި ފިރުމާލިއެވެ.
”ލައްބަ ބައްޕާ.”
***
ހަތަރު ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ނައިޝަމްއަށް އޭނާގެ މަންޒިލަށް އާދެވުނެވެ. ނަމަވެސް އޭނާއަށް ފެންނަމުން ދިޔަ މަންޒަރުތައް ހުރީ ގަބޫލު ނުކުރެވިފައިއެވެ. ކޮންކުރިޓް އިމާރާތްތަކާއި ކާރުބާރޫ ބޮޑު މަގުތަކެވެ. ތުންތުން މަތިން މާލޭގެ ވާހަކަތައް އަޑު އިވުނަސް އެއީ އަސްލެއް ކަމަކަށް ނައިޝަމް ހިޔެއް ނުކުރެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އޭނާ އެންމެ ކުޑައިރުންސުރެ އުޅެ ބޮޑުވި އޭނާގެ ރަށަކީ އެފަދަ އެއްވެސް ތަނެއް އެއްޗެއް ހުރި ރަށެއް ނޫންވިއްޔާއެވެ.
އަލިފުޅުގެ އެހީއާއިއެކު ނައިޝަމް ދޯނިން ފައިބައި ކާރެއް ހޯދުމުގެ މަސައްކަތުގައި އުޅުނެވެ. މާގިނަ އިރުތަކެއް ނުވެ ކާރެއް ލިބުމާއިއެކު ދެމީހުންވެސް މިސްރާބު ޖެހީ ނައިޝަމް ހުންނަން ހަމަ ޖެހިފައިހުރި ‘ޕެރެޑައިސް’ އަށް ދިޔުމަށެވެ. ޕެރެޑައިސްގެ އެތެރެއަށް ވަދެވުމާއިއެކު ނައިޝަމްއަށް ފެނިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ފެނިފައިނުވާ މަންޒަރުތަކެކެވެ. ކާރުދާން ވަކި މަގެއް އޮތް އިރު މީހުން ހިނގަންވެސް ވަކި މަގެއް ހަދާފައި ހުއްޓެެވެ. މަގުގެ ދެފަރާތުގައި އެކި ކަހަލަ ގަސްތައް ހައްދާފައި ހުރިއިރު އެއްފަރާތުގައި ހަޓެއް ހަދާފައި ހުއްޓެވެ. އަދި އޭގެ އެނެއް ފަރާތުގައި އެކި ކަހަލަ ގުރާތައް ބަހައްޓާފައި ހުރި ކޮށްޓެއް ހުއްޓެވެ. ގުރާތަކުގެ މިޔުޒިކީ ރާގުންވެސް ނައިޝަމްގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދިހަ ފޫޓްގެ އެ މަގުން ދުއްވާފައި ގޮސް ކާރު މަޑުކޮށްލީ ހަވޭލީއެއްފަދަ ރީތި ބޮޑު ގެއެއްގެ ކުރިމަތީގައިއެވެ. ނައިޝަމް އާއި އަލިފުޅު ކާރުން ފޭބުމާއިއެކު އެންމެ ފުރަތަމަވެސް ދެމީހުންނަށް މަރުހަބާ ކީ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާގެ ފަހަތުން ތިން އަންހެނުންވެސް ނައިޝަމްއަށް މަރުހަބާ ކީ ވަރަށް އުފަލުން ހުރެއެވެ.
”އަނހާ އައީ ދޯ. ހިނގާ އަވަހަށް އެތެރެއަށް ވާހަކަދައްކާލަން. ވަރަށް ހޫނެއްނު މިތަން.” އެމީހާ ނައިޝަމްއާ ވާހަކަ ދެއްކީ ވަރަށް އޯގާތެރި ކަމާއިއެކީއެވެ. ނަމަވެސް ނައިޝަމްގެ ލޯ އަމާޒުވެފައި ހުރީ ކުރިމަތީގައި ހުރި އަންހެން ކުއްޖާއެވެ. ފުރަތަމަ ނަޒަރުން ވެސް ނައިޝަމްގެ ހިތުގައި އެކުއްޖާއަށްޓަކައި ވިންދެއް ޖަހާލާފިކަން ކަށަވަރެވެ. އެދެލޮލުގެ ތެރެއަށް ޣަރަގުވެގެން ދާން ބޭނުން ވެއްޖެކަން ޔަގީނެވެ. ގެއަށް ވަދެގެން ދިޔައިރުވެސް ނައިޝަމްއަށް ބެލެމުން ދިޔައި އެ އަންހެން ކުއްޖާއަށެވެ. އެހެންނަމަވެސް އެއަންހެން ކުއްޖާގެ މޫނުން ނައިޝަމްގެ ނަޒަރު ވަކިކޮށްލަން ޖެހުނީ ބޮޑު ގޭ ފެނިފައިއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދިޔައީ މުއްސަނދިކަމެވެ.
ހަތް ގޮނޑިއިން ބޮޑު އަޅިކުލައިގެ ސޯފާގައި ނައިޝަމް އަދި އަލިފުޅު ގޮސް އިށީންދެލީ ހައިރާންކަމާއިއެކުއެވެ. ކުރިމަތިން ފެންނަމުން ދިޔަ ބޮޑު ފަތި ޓީވީއަށް ދެމީހުންގެ ނަޒަރުވެސް ހުއްޓެން ނެގީ އެންމެ ސިކުންތު ކޮޅެކެވެ. އެއަށްފަހު ދެން ނައިޝަމްގެ ނަޒަރު ދަތުރުކޮށްލީ ސީލިންގް ގައި އަޅުވާފައި އިން ބޮޑު ޗާންދަލިޔާއަށެވެ. އެގެއިން ނައިޝަމްއަށް މުޅިންވެސް ފެންނަމުން ދިޔައީ ހައިރާންވާ ފަދަ އެއްޗެއްސެވެ.
”އަލިފުޅު. މީތަ އިޝާމްގެ ދަރިފުޅު؟ އަހަރެން ހަނދާނެއްވެސް ނެތް މިހާރު ކިޔާ ނަމެއް. ކޮންމެސް ނަ ނައި..” އެމީހާ އެއްޗެއް ހަނދާންކޮށްލާ ފަދައަކުން ބުނެލިއެވެ.
”ނައިޝަމް.” ނައިޝަމް އެމީހާގެ މޫނަށް ބަލައިލަމުން ޖަވާބުދިނެވެ.
”އާން ނައިޝަމް. ފަހަރެއްގަ ނައިޝަމްއަށް ނޭނގިދާނެ ބޭބެ މީ ކާކު ކަން. ބޭބެއާ ނައިޝަމްގެ ބައްޕައަކީ ކުޑައިރުގެ ވަރަށް ގާތް ދެއެކުވެރިން. އެއްކޮށް އުޅުނު ދެމީހުން. އެކަމަކު ނައިޝަމްގެ ބައްޕައަށް މާލޭގައި ހުންނާނެ އިތުރު އެހެން ގޮތެއް ނެތިގެން ރަށަށް ދާން ޖެހުނީ. އޭގެ ފަހުން ބައްޕަގެ ހަބަރު އަލިފުޅުގެ ފަރާތުން އެކާވީސް އަހަރު ފަހުން މި ލިބުނީ. ވަރަށް ދެރަ ބައްޕައާ ބައްދަލު ނުވާތީ. އަނހަ. އަދި ބޭބެއަށް ކިޔާނަން ވެސް ނުބުނެވޭދޯ. ބޭބެއަށް ކިޔަނީ އާކިފް. ދެން މީނީ ބޭބެގެ ދަރިފުޅު އައިލީޝް. ދެން މީނީ ޔޫހާ. މިއީ ބޭބެގެ އަންހެނުން ޒާހިދާ.” ހުއްޓާ ނުލައި އާކިފް ދިޔައީ ނައިޝަމްއާ ވާހަކަ ދައްކަމުންނެވެ. އިޝާމްއާ އޭނާގެ ކުޑައިރުގެ ވާހަކަ ވަރަށް މަޖާވެފައި އާކިފް ދައްކަމުން ދިޔައިރު ނައިޝަމްވެސް ދިޔައީ އެވާހަކަތަކުގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ. އަލިފުޅާއި ތިންމީހުންގެ އަޑާއިއެކު މުޅި ސިޓިންރޫމުގައި ވެސް ވަނީ އަޑު ގަދަވެފައިއެވެ.
ނަމަވެސް ނައިޝަމްގެ ކަންފަތުގައި ގުގުމަމުން ދިޔައީ އައިލީޝްގެ ނަމެވެ. އެ ޕަރީއެއްފަދަ ކުއްޖާ ޔަގީނުންވެސް ނައިޝަމްގެ ހިތް ކަތިލާފިއެވެ. އައިލީޝްވެސް ނައިޝަމްއާ ދިމާލަށް ބަލަން އިންނަ ގޮތުން އޭނާ ދިޔައީ ހިސާބަކަށް ލަދު ގަންނަމުންނެވެ. އެދެމެދުގައި އެތައް ވާހަކައެއް ހިއްސާ ކުރަމުން ދިޔައިރު އެތަނުގައި ތިބި އެކަކަށްވެސް އެކަން ނޭނގޭ ފަދައެވެ.
އަލިފުޅު އެގެއިން ނުކުމެގެން ދިޔައީ އާކިފް ގާތު ޝާމްހާ ބުނި ވާހަކަ ބުނެ ނިންމާއިއެވެ. އަދި އިޝާމް އާކިފްއަށް ދިނުމަށް ދީފައި އޮތް އެއްޗެއް ދިނުމަށްފަހުއެވެ.
”ހިނގާދެން ކޮޓަރި ދައްކާނަން. މީގެ ފަހުން ނައިޝަމް ބޭނުން ގޮތަކަށް މިގޭގައި އުޅެވޭނެ. މިއީ ނައިޝަމްގެ އަމިއްލަ ގޭ ކަމަށް ހީކޮށްލާ. ފެންވަރާ ތާޒާ ވެލައިގެން އާދޭ ކާން.” އާކިފް ނައިޝަމް ހުންނަން ހަމަޖެހިފައި ހުރި ކޮޓަރިން ނުކުމެގެން ދިޔައީ ނައިޝަމްއާ އެތައް ވާހަކައެއް ހިއްސާ ކުރުމަށް ފަހުއެވެ.
ބޮޑު ނޫކުލައިގެ އެ ކޮޓަރި ފެނުމާއިއެކު އަނެއްކާވެސް ނައިޝަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކިންގް ސައިޒްގެ ބޮޑު އެނދެއް ކޮޓަރީގެ އެއްފަރާތުގައި ހުރިއިރު ހަ ދޮރުފަތުގެ ހުދު ކުލައިގެ އަލަމާރިއެއް އޭގެ އެނެއް ފަރާތުގައި ހުއްޓެވެ. ނަމަވެސް އެ ބޮޑު އަލަމާރި ފެނިފައި ނައިޝަމްގެ ހިތް މާޔޫސްވެގެން ދިޔައީ އޭނާގެ އަތުގައި ހުރި މަދު ހެދުންކޮޅު ފެނިފައިއެވެ. އޭގެން އެންމެ ދޮރުފަތެއްވެސް އޭނާގެ ހެދުމުން ފުރޭނެ ހެންނެއް ހިޔެއްނުވެއެވެ. އޭގެ ދެވަނަ ސިކުންތުގައި މާޔޫސްވެފައިހުރި ނައިޝަމްގެ ދެލޯ އަމާޒުވެގެން ދިޔައީ ފާރުގައި ކުރަހާލެވިފައި އިން ރީތި މަންޒަރަށެވެ. ޑޫޑުލް ގޮތަށް ކުރަހާލެވިފައި އިން ކަޅު ކުލައިގެ އެ ސާމަރާ ދޫނި ފެނިފައި ނައިޝަމް އާޝޯހުވެގެން ދިޔައެވެ.
އެހާމެ ފުރިހަމަ ގެއެއްގައި ނައިޝަމްއަށް އެޅެލަން ލިބުމުން އޭނާ ދިޔައީ ﷲއަށް ޝުކުރު ދަންނަވަމުންނެވެ. މީގެ ކުރިން ދުވަހަކު ހުވަފެނުންވެސް އޭނާ މިކަހަލަ ގެއެއްގައި އުޅޭ ތަނެއް ދެކިފައިއެއް ނުވެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކުރިއަކުން މިކަހަލަ ބޮޑު އެހައިމެ ފުރިހަމަ ގެޔެއް އޭނާއަށް ހަމަ ލޮލުން ދެކިލަންވެސް ނުލިބެއެވެ. ގޭގެ ފުރިހަމަކަމަށް ހިތުން ތައުރީފު ކުރަމުން ނައިޝަމް ފާހަނާއަށް ގޮސް ވަނީ ފެންވަރައި ތާޒާ ވެލުމުގެ ބޭނުމުގައިއެވެ.
***
”އޯ މައި ގޯޑް ޔޫހާ. މީގެ ކުރިން އަހަރެން ނުދެކެން އެހައި ފުރިހަމަ ޒުވާނެއް. އެހެރަ ފިރިހެންވަންތަ ހިނގުމެއް ދޯ. އާހް. އަހަރެންގެ ހިތް އޭނާއަށް އެއްކޮށް ދެވިއްޖެ. އެ ހަރުދަނާ ކަސްރަތީ ހަށިގަނޑު. ދުވަހަކުވެސް އަހަރެން ނުދެކެން އެވަރުގެ ޒުވާނެއް. އަދިވެސް އަހަރެންގެ ކަންފަތަށް އިވެމުން އެބަދޭ އޭނާގެ އަޑު. ނައިޝަމް އޭ ބުނެލި ވަގުތު އަހަރެންގެ ގައިގެ ހުރިހާ ލޯލި ތަކެއްވެސް ކޮޅަށް ޖެހުނު. އޭނާގެ ހިނިތުންވުން އަހަރެން މޮޔަ ކޮށްލައިފި.” އައިލީޝްގެ ފަޔަށް ހީވަނީ ހިނިތަކެއް އަރައިގެން އުޅޭ ހެންނެވެ.
”އޯ. ހާދަ މޮޅު ވެއްޖޭ ދޯ މިހާރު. ކޮން އިރަކުތަ ކަމަނާ ޝާއިރަކަށްވީ؟” ޔޫހާ ބޭނުންވީ އައިލިޝް ލަދުގަންނަވާލާށެވެ. ހަމަ ރަނގަޅަށްވެސް ޔޫހާއަށް އެކަން ކާމިޔާބު ކޮށްފިއެވެ. ”އެކަމަކު އެއީ އަހަރެމެންނާ ވާ ވެސް މީހެއް ނޫނެއްނު. މަންމަ ބުނި އެއީ ވަރަށް ފަގީރު ބައެކޭ. އޭނާގެ މަންމަ އާއި ބައްޕަ ފިޔަވާ އެކަކުވެސް ނެތޯ ދުނިޔެއަކު. ވަރަށް ނިކަމެތި ހާލުގަ އޯ އުޅުނީ. އަހަރެން ބޭނުމެއް ނޫން އެވަރުގެ މީހެއް. އެކަހަލަ މީހަކާ ކައިވެނިކޮށްގެން ކިހިނެއް މިހާ އަރާމުގައި މިހާ އުފަލުގައި އުޅޭނި.” ޔޫހާ ހީވީ ނައިޝަމްގެ ހާލަށް މަލާމާތް ކުރަމުން ދިޔަހެންނެވެ. އަޑުއަހަން ހުރި އައިލީޝްގެ ހިތުގައި ރިއްސާލީ އޭނާގެ ހިތުގެ ހާލު ކިޔާދިން އިރުވެސް ޔޫހާ އެހެން ވާހަކައެއް ދައްކަން ފެށުމުންނެވެ.
”މަންމަ އާއި ބައްޕަ އޭނާގެ އެބަހުއްޓެއްނު އެކަކު ނެތަސް. އޭނަ ކިހާ ނަސީބު ގަދަ. އަހަރެމެން ކިތަންމެ އުފަލުގައި އުޅުނަސް އެންމެ ނިކަމެތި ހާލުގައި މީހުން އުޅޭކަން އަހަރެމެން ޖެހޭނެ ދަންނަން. ފަގީރު ހާލުގައި ނައިޝަމް ބޮޑުވަމުން އައި އިރު އޭނަ ކިހާ ނަސީބުގަދަ ވީމަ މިކަހަލަ ގެއެއްގައި ހުރެގެން ކިޔަވަން ފުރުސަތު އެލިބުނީ. ފަގީރަކަސް މުއްސަންޖަކަސް އަހަރެމެންނަކީ އިންސާނުން. އަހަރެމެންނާ އެމީހުން ތަފާތީ ވަކި ކޮން ތަނެއް. ފަގީރަކަސް އަހަރެމެން އެމީހުންނަށް އަޅާލަން ޖެހޭނެއެކޭ ނޫންތަ ބައްޕަ ބުނުއްވީ.” އައިލީޝް އޭނާގެ ވާހަކަ ނިންމާލީ ޔޫހާއަށް އެއްޗެއް ވިސްނައިދޭން އުޅޭ ފަދައަކުންނެވެ. ނަމަވެސް ޔޫހާ އެބަސްތައް އަޑުއަހަން ހުރީ މޫނަށް ފޫހި ވައްތަރެއް ޖައްސައިގެންނެވެ.
***
”ނަތާޝާ. ކޮބާތަ ޒައިކްއާ ޔުނާން. ދޭބަލަ އެދެމީހުންނަށް ކާން ގޮވަން.” އަށްގޮޑީގެ އެ ކާމޭޒުގެ އެއްފަރާތުގައި ޝާހިދު އިށީންދެލައިގެން އިނީ އޭނާގެ ދެ ދަރިންގެ އިންތިޒާރުގައިއެވެ. ގޭގެ އެންމެން ހަމަވީމާ ނޫނީ ޝާހިދު ދުވަހަކުވެސް ކާކަށް ނުފަށާނެއެވެ. އަދި ކޮންމެ މީހަކުވެސް ކާން ހަމަޖެހިފައި އިންނަ ގަޑިއަށް ކާން އައުމަކީ ޝާހިދުގެ ގަވާއިދެކެވެ. ކާމޭޒު ދޮށަށް އެންމެން ހަމަވުމާއިއެކު ފުރަތަމަވެސް ވާހަކަދައްކަން ފެށީ ޝާހިދެވެ.
”ބައްޕަ އެބައޮތް ދެކުދިންގެ ގާތުވެސް ވަރަށް ބޮޑު ވާހަކައެއް ބުނަން. އެކަމު ކައި ނިންމާފައި އަދި ވާހަކަ ފަށާނީ.” ޝާހިދު ނިކަން މަޑު މައިތިރި ކަމާއިއެކު އޭނާގެ ދެ ދަރިންނާ ވާހަކަ ދެއްކިއެވެ. ޒައިކް އަދި ޔުނާންވެސް އިނީ ޝާހިދު ދައްކަން އުޅޭ ވާހަކައެއް އަޑުއަހާލަން ކެތްމަދުވެފައިއެވެ.
***
”ނައިޝަމް. ކާ އެއްޗެހި މީރުތަ؟” ނައިޝަމް ފާޑަކަށް އިނެ ކަމުން ދިޔަގޮތުން އާކިފްއަށް އެއްޗެކޭ ނުބުނެ ނީނދެވުނެވެ. ހީވަނީ ދުވަހަކުވެސް ނުކައި އެއްޗެއް ކަމުން ދިޔަ ހެންނެވެ.
”ލައްބަ. ވަރަށް މީރު. މީގެ ކުރިއަކުން އަޅުހަނޑު ނުކަން މިފަދަ ކާ އެއްޗެއް.” ނައިޝަމް އެތާ ތިބި އެންމެންނަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ހާއްސަކޮށް އައިލީޝްގެ މޫނަށް ފުން ނަޒަރެއް ދިނެވެ.
”ކާ އެއްޗެއްސާ މެދު ހިތްހަމަ ނުޖެހެންޏާ ވެސް ދައްތަމެން ގާތު ބުނައްޗެ.” ޒާހިދާ ހުރިހާ އެންމެންގެ ތައްޓަށް ޖޫސް އަޅައި ދިނުމުގައި އުޅުނެވެ. ނަމަވެސް ޒާހިދާ ނައިޝަމްއާ ދިމާލަށް ޖައްސަމުން ދިޔަ ކޮންމެ ވައްތަރެއް އައިލީޝް ދިޔައީ ބަލަމުންނެވެ. އެހެން އެކަކަށްވެސް އެތަން ފެންނަ ހެނެއް ހިޔެއް ނުވެއެވެ.
ޒާހިދާގެ މޮޅު އުޅުމުގެ ސަބަބުން އައިލީޝްގެ ހިތުގައި ދިޔައީ އެތައް ސުވާލެއް އުފެދެމުންނެވެ. ފިލްމް ކުޅެން ހަމަ މޮޅީއޭ އައިލީޝްގެ ހިތަށް އެރިއެވެ.
ކައި ނިމުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަނުމާއިއެކު ހަލަބޮލި ގޭތެރެ ހިމޭންވެގެން ދިޔައެވެ. ނަމަވެސް ކޮޓަރިއަށް ވަނެ ފަނަރަ ވަރަކަށް މިނެޓް ފަހުން ޒާހިދާ ކޮޓަރިން ނުކުމެގެން އައީ އޭނާގެ ކަންފަތުގައި ފޯނު ޖައްސައިލައިގެން ހުރެއެވެ. ”ސާބަހޭ މާޖިދު. ދެން ތިހާ ވަރަށް ނުގުޅަބަލަ. އާކިފްވެސް އެބައުޅޭ ގޭގަ. އޭނާއަށް މިކަންތައް އިނގިއްޖާ ކަމަކު ނުދާނެ. އެކަމު އަހަރެން އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. އާކިފް ދިޔުމުން އެކަމު.”
~ ނުނިމޭ ~
ނޯޓް: ”ލޯ ފޮހެލާދޭށެ މަގޭ.” މިއީ ދެން އަޅުގަނޑު ލިޔަން ހަމަ ޖެހިފައި އޮތް ވާހަކަ. މިވާހަކައަށްވެސް ކިޔުންތެރިންގެ ތަރުހީބާއި ސަޕޯޓް އަދި ބިނާކުރަނިވި ފާޑު ކިޔުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން. އަދި ވާހަކާއިގައި އަޅުގަނޑަށް ހެދިފައި ހުރި ކުށްތައް ބުނެދިނުމަކީ ވަރަށް ބޮޑު އެދުމެއް.
ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޯވިޑް19 އިން ސަލާމަތްވުމަށްޓަކައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާށެވެ. އަދި ގިނަގިނައިން މާތްﷲއަށް ދުއާކޮށް އަޅުކަންތައް އަދާކުރާށެވެ. އަޅަމެން އެންމެން ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް19 އިން ސަލާމަތްކޮށްދެއްވާށި. އާމީން.
16 Comments!
Comments are closed.
Ameen❤❤ Varah varah varah reethi ❤❤❤❤❤❤maa sha Allah…waiting waiting ❤❤❤
thanks yanaa
Ameen…varah varah reethi mi part vx……masha allah…waiting for the nxt part…
thanks kairaa
aameen.. Sis this part is awesome cant wait to read nxt part.. varah reethi vaaney henn hyvany… whn is next… lysm
thanks friend. next part hama liyevunu haa avahakah.
Aameen ??varah ??varah ??reethi ??maasha ??allah ??waiting ??for ??nxt ??part
thanks aalu
❤️
thanks thihtha faa
Varah kamudhey???
thanks ain
Varahh ?varahh ?Reethi ?ekam next part nereny Kon irakun baa ??inthizaaru kuraanan next part ah ❤️❤️ ?( I LOVE THIS STORY) ??
thanks nuxu
Vvvvvvvvv nice mi story ves
Thanks nafu
?????