
ޚަމްދު ލީލާ – 01
ގަޑިން ފަތިހު ހަތަރެއް ޖަހަނީއެވެ. ގަޑީގެ ވާޖިބު އަދާކުރަމުން ދިޔައިރު ކިންގް ސައިޒުގެ ތަނަވަސް އެނދުމަތީގައި ނިދާލާފާއި އޮތް ޒުވާން ފުރައިގެ އަންހެން ކުއްޖަކު އަރާމު ނިންޖަކުން ނިދާލާފައި އޮތެވެ. އޭނަގެ ފަން އިސްތަށިގަނޑު ވަނީ މޫނުމައްޗަށް ތަރުތީބެއްނެތި އުކާލެވިފައެވެ. ގައިމަތީގައި އޮތް ބްލޭކެޓް އަޅައިގެން އޮތްގޮތުން ހީވަނީ އޭސީގެ ފިނިކަމުން ހީކަރުވައިގެންފައި އޮތްހެންނެވެ. ކޮޓަރީގައި ހުރި ފަރުނީޗަރު ތަކުންވެސް ދިރިއުޅުމުގެ ފެންވަރު ދޭހަވެގެންދެއެވެ. ތަނަވަސްކަމާއި ސާފުތާހިރުކަން އެ ކޮޓަރިތެރެއިން ފެންނަމުން ދިޔައެވެ. ކޮންމެ އެއްޗެއްވެސް އޭގެ އެންމެ ތަރުތީބުގޮތުގައި ބެހެއްޓިފައި ހުއްޓެވެ.
ކުއްލިއަކަށް އެލާމެއްގެ އަޑުން މުޅި ކޮޓަރިތެރެއަށް އަޑުފައްގަނޑު ގުގުމައިގެން ދިޔައެވެ. ދެއަތް ދަމާލަމުން ހަށިގަނޑު ރަނގަޅުކޮށްލަމުން އަތަކަށް ގުޑިލަމުން ބާލީސްދަށަށް އަތްކޮށްޕައިލިއެވެ. އެލާމްވަމުން ދިޔައީ އޭނަގެ ފޯނުންނެވެ. ކަނާއަތުން މޫނުމަތީގައި އޮތް އިސްތަށިތަށް އެއްފަރާތްކޮށްލިއެވެ. މޫނުގެ ކުލަ އައްޔެވެ. މެރިފައިވާ ދެލޮލުގެ އެސްފިޔަތަށް ދިގެވެ. ބޮޑު ތުންފަތެވެ. އާފުރެމުން ކަހަލަ ގޮތަކަށް އަނެއްކާވެސް ހަށިގަނޑު ދަމައިލިއެވެ. ގައިމަތީގައި އޮތް ބްލޭކެޓް އެއްފަރާތްކޮށްލަމުން އެނދުމަތިން ތެދުވިއެވެ. އެނދުންބޭރަށް ފައި ބޭރުކޮށްލަމުން ތެދުވެލަމުންވެސް ވާޅަކަށްދެމިލިއެވެ. އިސްކޮޅުން ދިގު ކަސްރަތީ ހަށިގަނޑެކެވެ. ލައިގެން ހުރީ ހުދުކުލައިގެ ދިގު ހަރުވާޅަކާއި ކަޅުކުލައިގެ އަތްދިގު ޓީޝާޓެކެވެ. ދެއަތުން އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބޮލުގެ މެދަށް ހުޅި އެއްޖަހާލަމުން ހިނގައިގަތީ ފާހަނާހުރި ދިމާއަށެވެ. ކަންނެތް ގޮތަކަށް ހިނގަމުންގޮސް ފާހަނާއަށްވަނެވެ.
ފާހަނާއިން ނުކުތްގޮތަށް ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަލަމާރީގެ ދޮރު ހުޅުވާލަމުން ނެގީ މުސައްލައެކެވެ. ހީވާގޮތުން ދަމު ނަމާދުކުރަން ތައްޔާރުވަނީއެވެ. މުސައްލަ ހިފައިގެން ގޮސް ޓާއިލްސްމަތީގައި ފަތުރައިލިއެވެ. މުސައްލަމަތީގައި އިށީންނަމުން ފަޔަށް އިސްޓާކީން ލެއްވުމަށްފަހު ދޮޅި އެޅުމަށްފަހު ކޮޅަށް ތެދުވިއެވެ. ނަމާދުކުރަންފެށިތާ އިރުކޮޅެއްނުވެ އެކޮޓަރީގެ ދޮރުހުޅުވުނެވެ. ދޮރު ހުޅުވާލަމުން ބޯދިއްކޮށްލީ އަންހެންކުއްޖެކެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމަށްފަހު ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.
ސިޓިންރޫމު ތެރެއިން ދުވަމުން ދިޔައީ ރޮށި ފިހާވަހެވެ. ސިޓިންރޫމަކީ ތަނަވަސް ފަރުނީޗަރުން މުއްސަނދިކަމެއް ލިބިފައިވާ ހިތްގައިމު ތަނެކެވެ. ތަރުތީބު ކަމާއި ސާފުތާހިރުކަމެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔައީ ހިތްހަމަ ޖެހޭފަދަ މަންޒަރުތަކެވެ. އުނދުން ކައިރީގައި އަތްމަތި އަވަސްކަމާއެކު ރޮށި ދަމަމުން ރޮށި ފިހަން އަންހެން ކުއްޖަކު ހުއްޓެވެ. ހެނދުނުގެ ނާސްތާއަށް ތައްޔާރުވަމުން ދަނީއެވެ. އޭނަގެ އަތްމަތި އަވަސްކަމުން އަޖައިބުވާހާއެވެ. ރޮށީގައި އެއްވެސް އައިބުކަމެއް ފެންނާކަށްނެތެވެ.
އޭނަގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔައެވެ. ކޮޓަރީގެ މައިދޮރު ހުޅުވުނެވެ. ދޮރުހުޅުވުނު އަޑަށް ރޮށި ފިހަން އުނދުން ކައިރީގައި ހުރި އަންހެން ކުއްޖާ ފުޅާ ހިނިތުންވުމަކާއެކު އެދިމާއަށް ބަލައިލިއެވެ. އެ އަންހެންކުއްޖާއަށް ބަލައިލުމުން ހީވަނީ އުމުރުން ސަތާރަ އަށާރަ އަހަރުގެ އަންހެން ކުއްޖެއް ހެންނެވެ. އެކުއްޖާގެ ބޮލުގެ އިސްތަށިގަނޑު ފަންވެފައި ކުރެވެ. ލޮލުގައި އަޅައިގެން ހުރި ލޯބޮޑު ނަމްބަރު އައިނު ރަނގަޅުކޮށްލަމުން ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ބަލައިލިއެވެ. ގަޑިން ފަސްގަޑި ބައިވަނީއެވެ. އެމީހުންގެ ފުށުން ފެންނަމުން ދިޔައީ މިހާރުގެ މިއުޅޭ އަންހެން ކުދިންގެ ފަރާތުން ވަރަށް މަދުން ނޫނީ ފެންނަމުން ނުދާ މަންޒަރުތަކެވެ. މުރާލިކަމާއި ގެވެހިކަމެވެ. ރިވެތި އަޚުލާޤާއި ހެޔޮލަފާއި އަޙުލާޤެވެ.
“ދޮންތަ ފަތިސްނަމާދުކޮށްގެން ދޯ ތި ނުކުތީ… އަޅުގަނޑު ބަލައިލިން ދޮންތަ ކޮބައިތޯ.. އޭރު ހުރީ ދަމު ނަމާދަށް.. ހޭލާ އުޅޭކަން އެނގޭތީ އަޅުގަނޑުވެސް ނަމާދުކޮށްލައިގެން ހެނދުނު ނާސްތާ ތައްޔާރުކޮށްލަން މި ފެށީ…” އެކުއްޖާ ހިތްހެޔޮކަމާއި މާތްބަހުރުވައަކުން މުހާތަބުކުރިއެވެ. ކޮޓަރިން ނުކުމެގެން އާދައިގެން ހިނގުމެއް ލުއި ހިނިތުންވުމަކާއެކު ހިނގާލާފައި އެ އަންނަނީ އޭނަގެ ދޮންތައެވެ. އޭނަގެ ނަމުން ނަމަ “ލީލާ” އެވެ.
ލީލާ އާއި ލައިލާ އަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. ދޮށީ ލީލާއެވެ. އެދެމީހުން ވަރަށް ކުޑައިރު އެމީހުންގެ މައިންބަފައިންވަނީ މިދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ލީލާއަކީ އުމުރުން ފަންސަވީސް އަހަރުގެ ރީތި އަންހެނެކެވެ. ބޮޑުދެލޮލެވެ. ސާދާ ގޮތެއް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ލީލާގެ ހުރިހާވެސް މީހަކީ އޭނަގެ ކޮއްކޮ ލައިލާއެވެ. ލައިލާއަށް މައެއްގެ ލޯތްބާއި ބަފައެއްގެ ކުލުނާއި އަޅާލުން ލިބުނީ ލީލާގެ ފަރާތުންނެވެ. ބޮލުގެ މެދަށް ޖަހާފައިވާ ހުޅި ނިއުޅާލަމުން ގޮސް ލައިލާގެ ފުރަގަހުން ބައްދައިލިއެވެ. ލައިލާ ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ފުށް އަޅާފައިވާ ކުޑަތަށީގެ ތެރެއިން ފުއްކޮޅެއް އަތުން ނަގަމުން ލީލާގެ މޫނުގައި ހާކައިލިއެވެ. ހިނިގަނޑެއް ޖަހާލަމުން ލީލާ ދުރައްޖެހުނެވެ.
“ލޫލޫ ކީއްތަ ތިކުރީ.؟” ލައިލާއަށް ލޯބިން ކިޔާގޮތަށް މުހާތަބު ކުރަމުން ލީލާ ދުރައްޖެހުނެވެ. ލައިލާއަށް ނުލަފާގޮތަކަށްހެވުނެވެ. އެދެމީހުން އުޅެމުންދިޔަ ސަމާސާމިޒާޖުގެ ސަބަބުން އެދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބި ފެންނަމުންދިޔައެވެ. ހެމުން ހެމުން ލީލާ ހިނގައިގަތީ އެތަނުގައި ހުރި ބޮޑު ފުރިޖާއި ދިމާއަށެވެ. ފުރިޖުގެ ދޮރު ކަހާލަމުން ތަރުކާރީއަޅާފައިވާ ތައްޓެއް ނެގިއެވެ. އޭގެތެރޭގައި ކެރެޓާއި ކެބެޖާއި އެކިވައްތަރުގެ ތަރުކާރީ ހުއްޓެވެ. ތަރުކާރީ ތަށި ހިފައިގެން ގޮސް މޭޒުމަތީގައި ތަށި ބެހެއްޓުމަށްފަހު ވަޅި ހިފައިގެން އައިސް އޭނަގެ މަސައްކަތުގައި އުޅުނެވެ. ދެމީހުންގެ އުޅުން ފެނިފައި އެދެކުދިންގެ އެކުވެރިކަމާއި ރިވެތި އުޅުންފެނިފައި ކޮންމެ މީހަކުވެސް އެދެކުދިންގެ އުޅުމަށް ލޯބިޖެހޭނެކަން ކަށަވަރެވެ.
“ލޫލޫ.. ޗެކިން އިނީ ކިހާއިރަކު؟” ލައިލާއަށް ބަލައިލަމުން ލީލާ ބުންޏެވެ. އެންމެ ފަހު ރޮށި ފިހެ ނިންމާލަމުން އުނދުން ނިއްވާލަމުން ލައިލާ ބަލައިލިއެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލުނެވެ. މޫނުމަތިން މާޔޫސްކަމާއި ހިތާމައިގެ ސާލެއް ދުވެލައިފިއެވެ. ޔަޤީނުންވެސް ލީލާއަށް ކުރެވުނީ އޭނަ އެހާ ހިތްހަމަ ޖެހޭފަދަ ސުވާލެއްނޫނެވެ. އެކަން އޭނަގެ މޫނުމަތިން އެދަނީ ފެންނަމުންނެވެ. ކޮންމެވެސް ކަމަކާއި ލައިލާ ދެރަވެއްޖެއެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ގޮނޑި ދުރައްޖައްސާލަމުން ލީލާ ގޮނޑިން ތެދުވިއެވެ. ލީލާގެ މޫނުމަތިންވެސް އުފާވެރިކަން ގެއްލުނެވެ.
“ލޫލޫ…” ވަރަށް ލޯބިން ގޮވާލަމުން ލީލާގޮސް ލައިލާގެ ގައިގައި ބައްދައިގަތެވެ. ދެމީހުންގެ އުޅުމުންވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ނޫނީ ވާން އުޅެނީކަން ފަހުމްވެގެންދިޔައެވެ.
“ދޮންތާ… ހައު ކެން އައި ލިވް ވިތައުޓު ޔޫ…” ލައިލާގެ ލޮލުން ކަރުނަ ހިލުނެވެ.
***
“ވަގުތު ވަރަށް މުހިއްމު ވާނެ. ބަލައިގެން މިކަން ކުރަންޖެހޭނީ.. އެއްވެސް މީހަކަށް ޝައްކުވެގެން ނުވާނެ…” ފުރަގަސްދީގެން ހުރި އަންހެނަކު ބުންޏެވެ. އޭނަގެ ބޮލުގެ އިސްތަށިގަނޑު ކޮށާލާފައިހުރީ ތުނިކޮށެވެ. ހަމަ އެންމެ ތުނިކޮށެވެ. ދެ ކަންފަތުގައި ވަރުގަދަ ދެބޮޅު އެލުވާލާފައި އޮތެވެ. ހަށިގަނޑުގެ އެއްވެސް ބައްޓަމެއް ނެތެވެ. ލައިގެން ހުރި ޓޮޕްކޮޅުގެ ކަރުބޮޑެވެ. ކަނާތްފަރާތުން އެއްފަރާތެއްގައި އަރަބި ބަހުން ލިޔެފައި އިން ޓެޓޫއެއް އިނެވެ. ނަމުގައި އިނީ “އަދުރާ”އެވެ. ހީވަނީ އޭނަގެ ނަންހެންނެވެ. ލައިގެން ހުރީ ކުރި ސޯޓުކޮޅެކެވެ. އެ ހަށިގަނޑަކީ ޖާނުން ވަރުގަދަ ލޮކި މަސްޖަހާފައިވާ ހަށިގަނޑެކެވެ. ދެއަތް ކުރިމައްޗަށް ގަތާލަމުން ފަޔަށް ގުޑުމެއް އަރުވައިލުއެވެ. އޭނަ ހުރީ ކޮންމެވެސް މީހަކާއި ކުރިމަތިލައިގެންނެވެ. އޭނަގެ ކުރިމަތީގައި ހުއްޓިލައިގެން ހުރީ ފިރިހެނެއްކަން މަތީހަށިގަނޑުގައި އަންނައުނެއް ނެތުމުން އެނގޭނެއެވެ. އަންހެން މީހާ ހުއްޓިލައިގެން ހުރި ގޮތުން އޭނަގެ މޫނު ފެންނަ ވަރެއް ނޫނެވެ.
“އަދޫއަށް ހީވަނީތަ އަހަރެން މިކަން ކުރާނީ ވަރަށް ސިމްޕަލްކޮށޭ.. އެހެން ހީނުކުރޭ.. ލީލާގެ ބަލާވެރިކަމުން ސަލާމަތްވާން އުޅޭތާ ކޮންދުވަހެއް…. އަދޫދެކެއޭ އަހަރެން ލޯބިވަނީ…” އަދުރާގެ ނަމުން މުހާތަބު ކުރަމުން އެ ފިރިހެންމީހާ އަދުރާއާއި ގާތްވިއެވެ.
(ނުނިމޭ)
7 Comments!
Comments are closed.
Varah reethi ?when next part ???ill be waiting for next part ???love you ????
Kyhve anehkaa vx first part..??
Hurihaa page eh ga eh vaahaka eh.anehkaa aneh page ga next part ehaa las upload kuraaleh. Nukoh anehkaa mi page in thi fehty
Vara reethi keep it up?
Why part 1 again before the story has ended?
Varah reethi Masha Allah ? konirakun next part ? curious to know what will happen ?
Hi I am najla