ރައިސާންގެ ފޯނު އެދުމަތީ ބޭއްވުމަށްފަހު ރައިހާނާ ފުންނޭވާއެއް ލިއެވެ. ރައިސާން ފާހަނާއިން ނިކުތުމުގެ ކުރިން އަވަހަށް ރީސެންޓް ކޯލް ޑިލީޓްކޮށްލަމުން ކޮޓަރިން ނިކުތެވެ. ރައިހާނާ އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދުނެވެ. ރައިސާންއަށް މިކަންތަށްގަނޑު އެގިއްޖެއްޔާ ވަރަށް ހިތްހަމަނުޖެހޭނެކަން ރައިހާނާއަށް އެގެއެވެ. އަނުމް ގުޅިއިރު ރައިސާން ފާހަނާގައި ހުރިކަން އެއީ ނަސީބެކެވެ. ރައިހާނާ ކޮޓަރިއަށް ވަނުމަށްފަހު އަވަހަށް ގަފޫރަށް އަނުމް ގުޅިކަމުގެ ޙަބަރުދިނެވެ. މައިންބަފައިންގެ ގޮތުގައި ތިބެ ދަރިފުޅުގެ ދިރިއުޅުމަށް ފަސްއަޅަމުން ދިޔައިރު އެމީހުން ރައިސާންއަށް ވާނެގޮތަކާ މެދު ނުވިސްނައެވެ. ރައިހާނާއަށް ފުރަތަމަ ފަހަރު އަނުމް ފެނުނީއްސުރެ ރައިހާނާ އަނުމައާ އޭނާގެ ދަރިފުޅު ދުރުކުރަން ބޭނުންވިއެވެ. ގަފޫރުވެސް ރައިހާނާއާ އެއްބައިވުމުން ރައިހާނާއަށް ލިބުނީ އިތުރު ހިއްވަރެކެވެ. ބިރުދައްކައިގެންވެސް އަނުމް ރައިސާންގެ ހަޔާތުން ފޮހެލަން ރައިހާނާ ބޭނުންވިއެވެ.
*****************
ދުވަސްތަށް ފާއިތުވަމުން ދިޔައީ ހަލުވިކަމާއެކުއެވެ. ކުޑަކުޑަ ސަދަފްއަށް އެއްއަހަރު ފުރި ހަމަސްވީއެވެ. މިހާރު ސަދަފް މަދުމަދު ބަސް ބޭނުންކޮށްހަދައެވެ. ނަމަވެސް ސަދަފް ކިޔާއެއްޗެއް ސާފުވަނީ މަދުފަހަރަކުއެވެ. އަނާ މިހާރު ކޮލެޖަށްދާން ފަށައިފިއެވެ. އެއާހިލާފަށް އެލީޝާ އިތުރަށް ކިޔަވާ ހިޔާލެއް ނުކުރިއެވެ. ލާމިއު އަދި ޔުއާންވެސް އެލީޝާގެ ނިންމުން ބަދަލުކުރާން ބޭނުންވިއެވެ. ނަމަވެސް އެލީޝާގެ ނިންމުމަށް ދެމީހުންވެސް އިޚްތިރާމް ކުރިއެވެ. ސީލާއަދި ސިނާވެސް އެދެބެއިންނަށް ވަރަށްހިތްހެވެ. އާރިފާ ނެތުމުގެ އިހްސާސް ވިޔަކަ ނުދެއެވެ. ގޭގެ އެކިކަންކަމުގެ އިތުރުން ސަދަފްގެ ކުދި ކުދި ކަންތަށްވެސް ސީލާ ކޮށްދެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެއްވެފައި ތިބި މީހުންތައް ދުރުކަމުން އީލާފް ރިސެޕްޝަނު ކައިރިއަށް އައެވެ. އަދި އޭނާ އަތުއޮތް ބޯޑިންޕާސް ދެމުން އަދިވެސް ލަގެޖު ނުލިބޭތީ ޝަކުވާ ކޮށްލިއެވެ. ރިސެޕްޝަނުން ބުނިގޮތުންނަމަ މިހާރު ލަގެޖުވަނީ ނަގާފައެވެ. ލަގެޖުއަތަށް ނުލިބުމުން އީލާފް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އޭނާގެ މުހިންމު ސާމާނުތަށް ގެއްލިދާނެތީ އީލާފް ކަންބޮޑުވިއެވެ. ރިސެޕްޝަން ކައިރީ ހުރި ގޮޑިބަރީގައި އިށީންނަމުން އީލާފް ނިއްކުރީގައި އަތް ހިންގާލިއެވެ. އަދި ގޮޑީގައި ލެގިލުމަށްފަހު ދެލޯމަރާލީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.
” އެކްސްކިއުޒް މީ….. މި ލަގެޖް އޮޅުނީމަ ކޮންތާކަށްތަ ދާންޖެހެނީ؟…..” ޒުވާން ކުއްޖަކު ރިސްޕްޝަނާ ކައިރިވެލަމުން ބުނެލިއެވެ. އެޒުވާނާ އެހެން ބުނި އަޑު އީލާފްއަށް ވަރަށް ސާފުކޮށް އިވުނެވެ. ވަގުތުން ދެލޯ ހުޅުވާލުމަށް ފަހު އަޑު އައި ދިމާލަށް ބަލާލިއެވެ. އެޒުވާނާ ހިފަހަށްޓައިގެން ހުރީ އީލާފް ފޮށިކަން އީލާފްއަށް ޔަގީންވީ ފޮށީގައި އިން ލޭބަލް ކޮޅު ފެނުމުންނެވެ. ”ތީ އަޅުގަނޑުގެ ފޮށި…” އީލާފް އަވަސް އަވަހަށް ބުނެލިއެވެ. އަދި ގޮޑިންތެދުވެގެން އެދިމާލަށް އައެވެ. ”ސޮރީ…. އެއްވަށްތަރު ފޮށްޓެއް ވީމަ އޮޅުނީ….” އެ ޒުވާނާ އަވަހަށް ފޮށި އީލާފްއާ ހަވާލުކުރަމުން ބުނެލިއެވެ. ”އެ ރަގަޅުވާނެ… ނަސީބެއްނުން ފުލުހުންނާ ހަމަޔަށް ނުދަނީސް ފޮށިލިބުނުކަން……” އީލާފް ހިނިތުންވެލަމުން ބުނެލިއެވެ.
އެޒުވާނާ ރައްދުގައި ހިނިތުންވެލަމުން ތައާރަފްވެލިއެވެ. ” އައެމް ރައިސާން…. އަހަރުތަކަކަށްފަހު ރާއްޖެ މިއައީ…..” ރައިސާން ފުންނޭވާއެއް ލުމަށްފަހު ވަށައިގެންވި މާހައުލަށް ނަޒަރެއްދިނެވެ. ”އެހެންތަ….. އަހަރެންވެސް ދެ އަހަރު ކޮށްލާފަ މިއައީ….. އަހަންނަށް ކިޔަނީ އީލާފް….” އީލާފް ރައިސާންއާ ސަލާމްކޮއްލަމުން ތައާރަފްވެލިއެވެ. ” މިހެން ތިބެވޭކަށް ނެތޭ އަހަރެން އެބަ ޖެހޭ ނަންބަރެއް ނަގަން މިހާރު މަންމަމެން ތިބޭނެ ނުގުޅައިގެން ހާސްވެފަ ” ރައިސާން އޭނާގެ ފޮށި ނަގައިގެން ހިގައިގަންނަމުން ބުނެލިއެވެ. އީލާފްވެސް އާ ނަންބަރެއް ނަގަންޖެހޭތީ ދެމީހުން ދިޔައީ އެއްކޮށެވެ. އެއާޕޯޓުން ނިކުންނަންވީއިރު އީލާފްއާ ރައިސާންވަނީ ދެ ރަށްޓެހިންނަށް ވެފައެވެ. ދެމީހުންވެސް ވަކިވީ ފަހުން ބައްދަލުކުރަން ނިންމައިގެނެވެ.
އީލާފް އޭނާގެ ގެއަށް ވަދުނީ ވަރަށް ސިއްރުންނެވެ. މަންމަ ‘ސަޕްރައިޒް’ ކޮށްލަން ނިންމައިގެން އައުމުން އައިމިނަކައިރީ އަންނަ ވާހަކައެއްވެސް ނުބުނެއެވެ. އީލާފް އޭނާގެ ކޮޓަރިއަށް ފޮށިލުމަށްފަހު ސިޓިންރޫމަށް ނިކުތެވެ. އަދި މަޑުމަޑުން އައިމިނަގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. އައިމިނަ ކޮޓަރީ ތަޅުގައި ހިފިތަނާ ފަހަތުން މީހަކު އީލާފްގެ ބޮލުގައި އެއްޗަކުން ޖެހިއެވެ. އެމީހަކު ޖެހިލެއް ބާރުކަމުން އީލާފްއަށް ހަޅޭއްލަވައިގަނެވުނެވެ. ބޮލުގައި ހިފަހަށްޓައިގެން ހުރެ ހުރިތަނަށް ތިރިވެވުނީ ވީތަދުންނެވެ.
އަނުމް އޭނާ އުޅޭ ކޮޓަރިން ނިކުތްގަޑީ ޖެހިގެން ހުރި ކޮޓަރިއަށް މީހަކު ވަންތަން އޭނާއަށް ފެނުނެވެ. އެގޭގައި އޭނާއާ ބޮޑުދައިތަ ފިޔަވައި މީހަކު ނޫޅޭތީ އަނުމް ބެލީ އެއީ ވަގަށް ގެއަށް ވަދެގެން އުޅޭ މީހެއްކަމަށެވެ. އަނުމް އަވަހަށް ކޮޓަރިއަށް ވަނުމަށްފަހު ކުޑަކޮށް ދޮރުހުޅުވައިގެން ބޭރު ބަލަންފެށިއެވެ. އެމީހަކު އިރުކޮޅެއްނުވެ ކޮޓަރި ނިކުތުމަށްފަހު ބޮޑުދައިތަ ކޮޓަރިއާ ދިމާލަށް ދާންފެށުމުން އަނުމް އޭނާ ކޮޓަރީ ހުރި ފިހިގަނޑު ހިފައިގެން ނިކުތެވެ. އަދި ގައި ހުރި ބާރެއްލައިފައި އެމީހާގެ ބޯމަތީ ޖެހިއެވެ. އެމީހަކު ހުރިތަނަށް ތިރިވުމުން އަނުމްއަށް ހިނިތުންވެވުނެވެ. ކުރެވުނު ކަންތަކާމެދު ފަހުރުވެރިވިއެވެ. އަދި ދެވަނަ ފަހަރަށް ފިހިގަނޑު މަޅާލިތަނާ ބޮދިދައިތަ އައިމިނަ އައިސް ހިފެހެއްޓިއެވެ.
އައިމިނަ އަވަހަށް ފްރިޖުން ގަނޑުފެން ހިފައިގެން އައިސް އީލާފް ކައިރީ އިށީނެވެ. އަދި އަނުމް ޖެހިތަނުގައި އަވަހަށް ގަނޑުފެން ޖެއްސިއެވެ. އަނުމް ހުރީ ވާނުވާ ނޭނގިފައެވެ. ވަގެއްގެ ބޮލުގައި ޖެހުމުން ބޮޑުދައިތަ ހާސްވާންޖެހޭ ސަބަބެއް އެބައޮތްހެއްޔެވެ. އައިމިނަ އަނުމްއަށް ބަލާލުމަށްފަހު އެއީ އޭނާގެ ދަރިކަމަށް އިޝާރާތުން ބުނެލިއެވެ. އަނުމްއަށް ސައިން ލެންގުއޭޖު އެހާރަނގަޅަށް ނޭންގުނަސް މިފަހަރު ބުނިއެއްޗެއް ރޭކާލިއެވެ. އަނުމްއަށް އަމިއްލަ ބޮލުގައި ޖަހާލެވުނީ ކުރެވުނު ކަންތައްހިތަށް އަރާފައެވެ. ލަދުގަތްވަރުން އަނުމްއަށް އެއްޗެކޭ ބުނަންވެސް ނުކެރުނެވެ. އައިމިނަ އަނުމްއަށް ބަލާލުމަށްފަހު ބޯޖަހާލީ ހާސްނުވާށޭ ބުނާފަދައިންނެވެ. އެއިރު އަނުމް ހުރީ ބޮޑުދައިތަ ދަރިފުޅަށް ގޮތެއްވެދާނެތީ ބިރުންނެވެ.
އީލާފް ކޮންމެވެސް ވަރަކަށް ތަދު ފިލުމުން ދެލޯހުޅުވާލިއެވެ. އަދި ކައިރީއިން އޭނާގެ މަންމަ ފެނުމުން މަންމަގައި ބައްދާލިއެވެ. އަނުމްއަށް މި މަންޒަރު ފެނުމުން ހިނިތުންވެވުނެވެ. އީލާފް އައިމިނައާ ދުރުވެލަމުން ވަރަށް ހަދާންވިކަމާއި ދެން މަންމަ ދޫކޮށްފައި ކިޔަވަން ނުދާނެކަމަށް އިޝާރާތުން ބުނެލިއެވެ. އީލާފްހުރީ ފެންކަޅިވެފައެވެ. މިހާރު އޭނާގެ ބޮލުގައިވި ރިހުން ހަދާންވެސް ނެތް ކަހަލައެވެ. އައިމިނަ ހުރީ ވަރަށްވެސް އުފަލުންނެވެ. ދަރިފުޅު އޭނާއަށް އަޅާލާވަރު އެގުމުން ދެލޮލުން ކަރުނަ ހިލުނެވެ. އީލާފު މަންމަގެ ލޮލުން ކަރުނަ ފުހެލުމަށްފަހު ހިނިތުންވެލަމުން ވަރަށް ގިނަ ހަދިޔާގެނަކަމަށް ބުނެލިއެވެ.
އައިމިނަ ގަނޑުފެން ޕެކެޓުލާން ދިއުމުން އީލާފް އަނުމްއަށް ބަލާލިއެވެ. އަނުމް ވަގުތުން އިސްޖަހާލީ އޭނާއާހެދި އީލާފްއަށް ދެރައެއް ލިބުނީތީ އެވެ. އީލާފްއަށް އަނުމްހުރީ ބިރުންކަން އެގުމުން ހިނިތުންވެވުނެވެ. ”އަނުމްދޯ ކިޔަނީ….. މަންމަ ބުންޏޭ އަނުމްގެ ވާހަކަ…. އަހަރުމެން ކަޒިންސްއެއްނުން…… އެކަމު އަދި އަލަށްދޯ މިދިމާވީ….” އީލާފް މާހަމަޖެހިފައި ވާހަކަދެއްކުމުން އަނުމްގެ ޖެހިލުންވުން ކުޑަވިއެވެ. ”ޔާ ކަޒިންސް…. ވަރަށް ބޮޑަށް ސޮރީ ޖެހީތީވެ….. އަންނު ހީކުރީ ވަގެއްކަމަށް އެހެންވެ އަސްލު ޖެހީ…..ވަރަށް ތަދުވޭތަ؟..” އަނުމް އަވަހަށް އީލާފް ކިބައިން މަފަށް އެދުނެވެ. އީލާފް އަނުމް ވާހަކަދެއްކިލެއް އަވަސްކަމުން ހީލިއެވެ. އަދި އަނުމް ތަޅުވާލަންވެގެން ވާހަކަދެއްކިއެވެ. ”ތަދުވިހޭ….. އަނުމް ޖެހިލެއް ބާރުކަމުންގޮސް ސިކުޑިދުޅަވެފަ ކަންނެ އިންނާނީ….. މިހާރު ކިޔެވި އެއްޖެހި ހަދާނެއްވެސް ނެތް…….މަޑުމަޑުން ހުރިހާއެއްޗެއް ހަދާންނެތިދާނެ……” އީލާފް އޭނާގެ ބޮލުގައި ހިފަހަށްޓާލަމުން ވާހަކަދެއްކިއެވެ. ޖެހިތަން ކޮންމެވެސް ވަރަކަށް ދުޅަވެފަ ހުރިނަމަވެސް މިހާރު ތަދު ހުރީ ތަންކޮޅެއް މަޑުވެފައެވެ.
އީލާފް އެހެން ބުނުމުން އަނުމް ބިރުގަތެވެ. އަދި ހަމައަސްލަށް ހަނދާންނެތްހޭ އަހާލިއެވެ. އީލާފް ހިނިތުންވެލުމަށްފަހު މޫނުމަށްޗަށް ހާސްކަން ވެރިކުރަމުން ގޭތެރެއަށް ބަލަން ފެށިއެވެ. އަދި އަނުމްއަށް ނުދަންނަ ވައްތަރަކަށް ބަލާލިއެވެ. ” ތީ ކާކު…. މީ ކޮންތަނެއް……ކޮންތާކު މިހުރީ…..” އީލާފް ގޭގެ އެކި ތަންތަނަށް ބަލަމުން ވާހަކަދެއްކިއެވެ. އީލާފް އުޅުން ގޮތުން އަނުމް ހުރީ ފެންކަޅިވެފައެވެ. އިސާހިތަކު އަވަހަށް ދެލޯ ކަރުނުން ފުރުނެވެ. އޭނައާ ހެދި އީލާފްގެ ހަދާންތައް ދިޔައީކަމަށް ހީކޮށް އަނުމް ހުރީ ބިރުންނެވެ. އީލާފް ތަންތަން ބަލަމުން އަނުމްއަށް ބަލާލިއިރު އަނުމް ރޯތީ އީލާފް ހޭންފެށިއެވެ. ” ސާބަސް އަނުމްއަށް…… ހާދައަވަހަކަށް ތި ރޯންފެށީ……. އަހަންނަކަށް ނުވެޔޭކަމެއް….. އަހަރެން ހަދާން އެބުހުއްޓޭ….” އީލާފް ސޯފާގައި އިށީނަމުން ބުނެލިއެވެ. އަނުމް ދެލޮލުން ކަރުނަފުހެލަމުން ކައިރީ އޮތްބާލިސް އީލާފްއާ ދިމާލަށް ހޫރާލިއެވެ.
” ހެހެ…… މަންމަ ނުދައްކާތަ އަހަރެންގެ ފޮޓޯއެއް….” އަނުމްއެއްލި ބާލީހުގައި ހިފަމުން އީލާފް އަހާލިއެވެ. ”ނޫން އައިންތަ ދެއްކި ފޮޓޯއެއް އަންނު އައި ދުވަހުގަ….. އެކަމު މީހާރު އީލާފް ވަރަށް ތަފާތެއްނުން….” އަނުމް ވެސް ސޯފާގައި އިށީނެވެ. ” ދެން ތަފާތުވެސް ވާނުން…. މަޑެއް…. އަހަރެންވެސް ކިޔަންވީ އަންނުއޭތަ؟…..” އީލާފް ހިނިތުންވެލަމުން ބުނެލިއެވެ. އެގަޑީ އައިމިނަ އެތަނަށް އައެވެ. އަދި ކާން އައުމަށް ބުނެލިއެވެ. ”އޯކޭ ކޮންމެ އެއްޗެއް ކިޔަސް….” އަނުމް ސޯފާއިން ތެދުވަމުން ބުނެލިއެވެ. އެވަގުތު އީލާފްގެ ބޮލުގައި އަނުމްއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް މަޝްވަރާކުރެވެމުން ދިޔައެވެ. ‘އަންނު….ފަންނު….އޭރުން ފަންނުވެރިންނާއި އަންނުވެރިން…. ހެހެ… އަންޕުޓީވެސް ރީތިދޯ……އެހޫ އަންޕުޑިން މާ ރީތި….ހަހަހަ…. އައިމިނާބީ ކިޔަންވީ……’ އީލާފް ހިނިގަޑެއްޖަހާލަމުން ސޯފާއިން ތެދުވިއެވެ. އަނުމް ހެނީ ކޮންކަމަކާތޯ އެހާލިއެވެ. ”އޯކޭ އަހަރެން ބޭނުން އެއްޗެކޭ ކިޔާނީ……” އީލާފް އަނެއްކާވެސް ހޭންފެށިއެވެ. އީލާފް ހޭގޮތުން އަނުމްއަށްވެސް ހިނިތުންވެވުނެވެ.
5 Comments!
Comments are closed.
ވާހަކަ ވަރަށްރީތި އެކަމަކު ލިއުމުގައި ކުދިކުދި ކުށްއެބަހުރޭ
ގެއަށްވަދުނީ ވަރަށްސިއްރުން މިހެން ހުންނާތީ ވަރަށްއައިބު ގެއަށް ވަނީ ގެއަށް ވންނާނީ ވަދުނީއެއްނޫން މިހާރު ކޮބާތަ ޔުއާން އެންޑް ސަދަފްގެ މަންމަ
Thankyou nooru❤❤❤…. yaa i will try to improve…. heheh yuaan and eleeshaa vx ulheyne….
Varah varah reethi ?????maa sha Allah ❤❤❤❤❤❤❤
waiting for the next part ?????????????
Thankyou yanaa❤❤❤
When next part??