Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 4

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
February 4, 2020 6 Mins Read
9 Comments

“އެކަމަކު… އަޒްމަންގެ ފެމިލީ…” ޒައިނާއަށް ބުނެވުނެވެ.

“އަހަރެންގެ ފެމިލީ އަކީ ވަރަށް ތަފާތު ފެމިލީއެއް. އެ މީހުން އެއްވެސް އެއްޗެއް ނުބުނާނެ. ދޭ ވިލް ވެލްކަމް ޔޫ… ވިތް އަދާ” އަޒްމަން ޔަގީން ކަމާއެކު ބުނެލިއެވެ.

ނަމަވެސް އަދިވެސް ޒައިނާގެ ހިތެއް ނުރުހުނެވެ. އިސްޖަހާލައިގެން އިނީ އަޒްމަންއަށް ޖަވާބެއް ދޭން އުނދަގޫ ވެފައެވެ. އެރޭ އަޒްމަން އެ ދެއްކި ހުރިހާ ވާހަކައެއް ހިތު ތެރޭ އެނބުރެމުން ދިޔަ ނަމަވެސް ގޮތެއް ނުނިންމިފައެވެ.

“ހިނގާ ސައި ބޯން” އެ ވަގުތު ނަޝީލާ ބަދިގެއިން ނިކުންނަމުން ގޮވާލިއެވެ.

އަޒްމަން ސައިބޯން އިން އިރު ނަޝީލާއާ އެކި ވާހަކަ ދައްކަމުން ދިޔައެވެ. ޒައިނާ އިނީ އެ މީހުންގެ ވާހަކަ އަޑު އަހާށެވެ. އަދާ ހޭލައިގެން ރޯލި އަޑު އިވުމުން ޒައިނާ ތެދުވެގެން ދިޔައެވެ.

އަޒްމަން ސައި ބޮއެ ނިމުމުން އަދާ ބަލާލަން އެ ކޮޓަރިއަށް ވަނުމަށް ބުނީ ނަޝީލާއެވެ.

އަޒްމަން ވަން އިރު އަދާ އުނގަށް ލައިގެން ބުއްފުޅި ދޭން ޒައިނާ އިނެވެ. އަޒްމަން ވަނުމުން އެނދު ކައިރީ ހުރި ގޮނޑިގައި އިށީނުމަށް ޒައިނާ ދައުވަތު ދިނެވެ.

“އަހަންނަށް ނުފެނި ހުއްޓާ ބޮޑު ވެއްޖެ ދޯ!” އަޒްމަން ބުނެލިއެވެ.

“އާނ، މިއަދު ދެ މަސް ވީ” އަދާގެ ތުން ފޮހެލާފައި ޒައިނާ އެ ކުއްޖާ އަޒްމަންއާ ދިމާއަށް ދިއްކޮށްލިއެވެ.

ހީ ނުކުރާހާ ފަރިތަ ކަމާއެކު އަޒްމަން ޒައިނާ އުރާލިއެވެ. ޒައިނާއަށް ބަލަން އިނދެވުނެވެ.

“ވިސްނާނަން ދޯ؟” އަޒްމަން ކުއްލިއަކަށް އަހާލިއެވެ.

އަޒްމަން އެ ބުނީ ކީކޭ ކަން ޒައިނާއަށް ވިސްނުނެވެ. ޖަވާބެއްގެ ގޮތުން ޒައިނާ ހަމަ އެކަނި ބޯ ޖަހާލީއެވެ.

“ދެން ދަނީ، ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަންނަށް އަދާ ދެކިލާނެ ޗާންސެއް ދިނީމަ” އަޒްމަން ބުންޏެވެ. އަދި ތެދުވެ ޒައިނާ އަތަށް އަދާ ދިނެވެ.

އަޒްމަން ނިކުތް އިރު ނަޝީލާއާ ވަސީމްގެ އިތުރުން ނިހާންވެސް ސިޓިންގރޫމްގައި އިނެވެ.

“އަޒްމަންއަށް އަދި ކިރިޔާތަ މި ގެޔަށް ތި އާދެވުނީ؟ އަހަރެން ހީކުރީ ދޭތެރެއަކުން ޖައްސާލާނެ ކަމަށް” އަޒްމަން ފެނުމުން ނިހާން ބުންޏެވެ.

“ތަންކޮޅެއް ބިޒީކޮށް އުޅެން ޖެހުނު ދުވަސްކޮޅެއް ވީމަ ނާދެވެނީ، އެކަމަކު ދެން އަންނާނަން. އެކަމަކު މިރޭ ދެން މި ދަނީ” އެއް އަތް ހިއްލާލަމުން އަޒްމަން އެހެން ބުނެފައި ނަޝީލާއާ ވަސީމްއަށް ބަލާލާފައި ހީލަމުން ނިކުންނަން ދިޔައެވެ. ނަޝީލާ އަތަށް އަދާ ދީފައި ޒައިނާވެސް އަޒްމަންގެ ފަހަތުން ނިކުތެވެ.

“އަޒްމަން ހާދަ ރަނގަޅޭ، އެކަމަކު މަގޭ ޒައިނާ…” އަޒްމަންއާ ޒައިނާއަށް ބަލަން އިނދެފައި، އަތުގައި އޮތް އަދާއަށް ބަލާލަމުން ނަޝީލާއަށް ބުނެވުނެވެ. އަޒްމަންގެ ހިތުގައި ޒައިނާއާ މެދު ވާ ގޮތް އެގޭ އެންމެންނަށްވެސް އެނގޭތީއެވެ.

“ތިހާ ހާސް ނުވެބަލަ ނަޝީ، އަޒްމަން އެހާ ރަނގަޅިއްޔާ، އޭނަގެ އެހާ ހިތްވަރު ހުރިއްޔާ އޭނަޔަށް ޒައިނާ ކާމިޔާބު ކުރެވޭނެ އަދި” ނަޝީލާގެ އަތުގައި ހިފާލަމުން ވަސީމް ބުންޏެވެ.

އެއާއެކު އެ ދެމަފިރިން އެކަކު އަނެކަކަށް ބަލާލާފައި ހީލި ގޮތް ނިހާންއަށްވެސް ފާހަގަ ކުރެވުނެވެ. ޓީވީއާ ދިމާއަށް މޫނު އަނބުރާލަމުން ނިހާންއަށް ހީލެވުނެވެ. ކައިވެންޏަށް ތިރީސް ހަތަރު އަހަރު ވީ އިރުވެސް ވަސީމްއާ ނަޝީލާ އެކަކު އަނެކަކު ދެކެ ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެ ލޯތްބަކީ އެ ދެމަފިރިންގެ ކުދިންނަށްވެސް ސިއްރު ވެފައި އޮތް ކަމެއް ނޫނެވެ.

ނިހާންވެސް އެދެނީ އެ ކަހަލަ ދިރިއުޅުމެކެވެ. އެ ފަދަ ލޯތްބެކެވެ. ނަމަވެސް ނިހާންގެ އެ އެދުން ފުރިހަމަ ވާނެބާއެވެ؟

އެރޭ ޒައިނާ ދައުހާއަށް ގުޅާލިއެވެ.

“ހޭ ދައު، މިއަދު އަޒްމަން އައި މި ގެޔަށް” ދައުހާ ފޯން ނެގުމުން ޒައިނާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

“އަސްލުވެސްތަ؟ ކޮން އިރަކު؟ ކީކޭ ބުނީ؟ ޒައި އިންވައިޓް ކުރީތަ އަޒްމަންއަށް؟” ދައުހާ އެއް ފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ.

ޖަވާބެއް ނުދީ ޒައިނާ ހީލީ ދައުހާގެ ސުވާލުތައް ވާނީ ހައްތަހާ އިތުރު ކަން އެނގޭތީއެވެ.

“ދެން ނުހީ ބުނެބަލަ! ކިހިނެއްތަ ވީ؟ އަޒްމަން އެއްޗެއް ބުނިތަ؟” ދައުހާ ތަންކޮޅެއް ބާރަށް ބުންޏެވެ.

“ދައު ދިޔަތަނާ ގުޅީ. އަންނަން ބުނީމަ ދެން ހިތަށް އެރީ އަދާ ކައިރިއަށް އައިސްލަން އޯކޭ ބުނާނީއޭ” ޒައިނާ ޖަވާބު ދިނެވެ.

“އަދާ ކައިރިއަށްތަ އައީ؟ ޒައިއާ އެއްވެސް ވާހަކައެއް ނުދައްކާތަ؟ އަޅެ ކިޔާދީބަލަ ދެން” ދައުހާ ހުރީ އެ ވާހަކަތައް އަޑު އަހާ ހިތުން ކެތް މަދުވެފައެވެ.

ޒައިނާ އެންމެ ފަހުން އެކުވެރިޔާއަށް ހުރިހާ އެއްޗެއް ކިޔާދިނެވެ.

“ދެން…؟ ޒައި އާނއެކޭ ބުނާނަންތަ؟” ދައުހާ އަހާލިއެވެ.

“ނޭނގެ ދޯ! އަދި ހިތެއް ނުބުނޭ އެހާ އަވަހަކަށް އެހެން މީހަކަށް ޓްރަސްޓް ކުރާކަށް… އަޒްމަން އެ ބުނަނީއެއްނު އޭނަ މަޑު ކުރާނަމޭ. އެނގިދާނެއެއްނު!” ޒައިނާއަށް އެހެން މީހަކަށް އަލުން އިތުބާރު ކުރުން އެހާ ފަސޭހައެއް ނޫނެވެ.

“މޭބީ… ޒައި އޭނައަށް ޗާންސެއް ދޭންވީ ކަންނޭނގެ އެއްނު؟ އެންމެން އެއް ގޮތެއް ނުވާނެ” ދައުހާ އޭނައަށް ފެންނަ ގޮތް ހާމަ ކުރިއެވެ.

“ތިކަމާ ވިސްނަން އަދި ވަގުތު އެބަ އޮތެއްނު؟ ދެން ދައު ބުނެބަލަ… ދޮންބެއަށް ގުޅާލިންތަ؟” ޒައިނާ ވާހަކަ ބަދަލު ކޮށްލިއެވެ.

“ނޫން، ވަރަށް ގުޅާލަން ހިތަށް އެބަ އަރާ” ދައުހާ ބުނެލިއެވެ.

“ހޭ ދައު، މި ވީކްއެންޑްގަ އޯވަރ ނައިޓްއަކަށް އަންނަން ވީނު؟ ކިހާ ދުވަހެއް ވެއްޖެ މިހާރު ނާންނަތާ؟” ޒައިނާ ކުއްލިއަކަށް ބުނެލިއެވެ.

“އަސްލުތަ؟ ހަމަ ދާން ވީތަ؟ އެކަމަކު… ވަރަށް ދުވަސް ވެއްޖެ ދޯ ނުދާތާ!” ދައުހާ ދާން ބޭނުން ވި ނަމަވެސް ފަސް ޖެހުނެވެ.

“އާދެބަލަ، އޭރުން ފަހަރެއްގަ ދޮންބެއާ ވާހަކަ ދައްކާލަން ޗާންސެއްވެސް ލިބިދާނެއެއްނު؟” ޒައިނާ ބުންޏެވެ.

“މަންމަ އޯކޭ ވިއްޔާ—”

“މަންމަ އޯކޭ ވާނެ ކަން ދައުއަށް އެނގޭނެ، ދެން ބަހަނާ ދައްކަން ނޫޅެ އާނއެކޭ ބުނެބަލަ” ދައުހާގެ ވާހަކަ މެދު ކަނޑާލަމުން ޒައިނާ ބުންޏެވެ.

“ސާބަހޭ! އަހަންނަށް އެނގޭ ޒައިގެ މަންމަ އޯކޭ ވާނެކަން، އެކަމަކު އަހަރެންގެ މަންމަ ކައިރީވެސް އަހާލަން ޖެހޭނެއެއްނު! މާދަން ގުޅާނަން އިނގޭ، ބާއި” ހެމުން ދައުހާ އެހެން ބުނެފައި ފޯން ކަނޑާލިއެވެ.

ޒައިނާ ގާތު ނުބުނި ނަމަވެސް ދައުހާ ނިހާލްއަށް ގުޅަން ފަސް ޖެހެނީ ގުޅާ ކޮންމެ ފަހަރަކު ނިހާން ފޯނަށް ޖަވާބު ނުދޭތީއެވެ. ޖަވާބު ދޭ ފަހަރެއްގައިވެސް ނިހާން މާ ގިނާ ވާހަކައެއް ނުދައްކާތީއެވެ. ދައުހާ ދައްކަން ބޭނުން ވާހަކައެއް ފަށާ އިރަށް ކޮންމެވެސް ބަހަނާއެއް ދައްކާފައި ނިހާލް ފޯން ކަނޑާލާތީއެވެ.

އެހެން ވިޔަސް ދައުހާ އެރޭ ނިހާންއަށް ގުޅާލިއެވެ. އާންމުކޮށް ދައުހާ ނިހާންއަށް ގުޅާ ގަޑިގައެވެ.

އާހިލްއާ އެކީ ޓީވީ ބަލަން އިނދެފައި މައްޗަށް އަރަން ދިޔަ ނިހާން، ފޯން ރިންގ ވުމުން ސްކްރީނަށް ބަލާލާފައި ހިނގުން ބާރުކޮށްލިއެވެ. ނިހާން ފޯނަށް ޖަވާބު ދިނީ ކޮޓަރިއަށް ވަދެފައެވެ.

“ހްމްމް… ކީކޭ؟” ފޯން ކަންފަތުގައި ޖައްސާލި ގޮތަށް ނިހާން ބުނެލިއެވެ.

“ހިތް ހަމަ ނުޖެހިފަތަ؟” ދައުހާ އަހާލީ ނިހާން ވާހަކަ ދެއްކި ގޮތުންނެވެ.

“ނޫން…” ނިހާން ދިނީ ކުރު ޖަވާބެކެވެ.

“ބަލިވެތަ؟ ނޫނީ ބިޒީތަ؟” ދައުހާ ނިހާޏް އާ މެދު ކަންބޮޑު ވިއެވެ.

“ނޫން…” އަނެއްކާވެސް ނިހާން ބުންޏެވެ.

ނިހާން ވާހަކަ ދައްކާ ގޮތުން ދައުހާގެ ހިތަށް އުނދަގޫ ވިއެވެ. ހީވީ ވާހަކަ ދައްކަން މަޖުބޫރު ވެގެން އުޅޭ ހެންނެވެ.

“ތިހާ ވާހަކަ ދައްކަން ބޭނުން ނުވަންޏާ ބާއްވަނީ” ދައުހާ ދެރަވި ވަރުން އެހެން ބުނެފައި ނިހާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޯން ކަނޑާލިއެވެ.

ދައުހާ ފޯން ކަނޑާލުމުން ހައިރާން ވެފައި ނިހާންއަށް ފޯނާ ދިމާއަށް ބަލާލެވުނެވެ. އެއާއެކު އަމިއްލަ ނަފްސް ކުށްވެރި ކުރަމުން ފޯނުން އަމިއްލަ ބޮލުގައި ޖަހާލިއެވެ. އެރޭ ވާހަކަ ދެއްކުނު ގޮތުން ދައުހާ ދެރަވީކަން ވިސްނުމުންނެވެ.

ފުން ނޭވައެއް ލާ، މީހާ ހަމަޖެހިލާފައި ނިހާން ދައުހާގެ ނަމްބަރަށް ގުޅާލިއެވެ.

ދެރަވެފައި އިން ދައުހާ، ފޯން ރިންގ ވުމުން ބަލާލާފައި ނިހާންގެ ނަން ސްކްރީނުން ފެންނަން އިނުމުން ފުރަތަމަ ގަބޫލު ނުކުރެވިފައި ބަލަން އިނދެވުނީއެވެ. ފޯން ކެނޑިދާނެ ހެން ހީވުމުން އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ސޮރީ…” ނިހާން ފުރަތަމަވެސް މާފަށް އެދުނެވެ.

“ކޮން ކަމަކާ؟” ދައުހާ އަހާލިއެވެ.

“ދައު ދެރަ ކޮށްލެވުނީމަ” ނިހާން ބުންޏެވެ.

“މާފު ކޮށްފިން… އަބަދުވެސް ކުރާނަން. ނިހާން ކޮންމެ ގޮތެއް ހެދިޔަސް އަހަންނަށް ފަހުން ނިހާން ލިބެންޏާ ކޮންމެ ކަމަކަށްވެސް މާފު ކުރާނަން” ދައުހާ ބުނީ ހިތުގެ އަޑިންނެވެ.

ނިހާން އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ.

“ދައު…” ނިހާން އެއްޗެއް ބުނަން އުޅުނު ނަމަވެސް އެ ވާހަކަ ދައްކަން ނިހާންއަށް އުނދަގޫ ވިއެވެ.

“ނިހާން ޕްލީޒް… ނުބުނާތި އެހެން… ކީއްތަ ވާނީ އެއް ފަހަރު ވިޔަސް އަހަންނާ ވާހަކަ ދައްކާލިއްޔާ؟ އަހަރެން ހިތްހަމަ ޖައްސާލަދޭން އެކަނި ވިޔަސް؟” ދައުހާ އަވަސްއަވަހަށް ބުނެލީ ނިހާން ފޯން ކަނޑާލަން އުޅެފާނެތީއެވެ.

“އޭރުން އަހަންނަށް ކޮށްދެވެން ނެތް ކަމަކަށް ދައު އަހަރެންގެ ފަރާތުން އުންމީދު ކުރުން ނޫން ކަމެއް ނުވާނެ” ނިހާން ބުންޏެވެ.

“ކީއްވެތަ ނުވާނީ؟” ދައުހާ އަހާލީ ގޮތް ދޫނުކުރާ ރާގަކަށެވެ.

“ދައުއަށް އެނގޭނެ ކީއްވެ ކަން” ލޯ މަރާލަމުން ނިހާން މަޑުމަޑުން ބުނެލިއެވެ. އެހެން ނަމަވެސް ނިހާން ބޭނުން ވީ ދައުހާގެ ގައިގައި ހިފާ ތަޅުވައި ގަންނަމުން އެހެން ބުނެ ހަޅޭ ލަވާށެވެ. ބުނެދީގެން ވިސްނައިދީދީ ނިހާން މިހާރު ވަރުބަލި ވެއްޖެއެވެ.

“އަހަންނަކަށް ނޭނގެ… އަހަންނަށް އެނގޭ އެއްޗަކީ އަހަރެން ނިހާން ދެކެ ލޯބި ވާ ކަން… ތި ނޫން މީހެއްގެ ލޯތްބެއް އަހަރެން ބޭނުން ނުވާ ކަން… ނިހާންގެ އަނތްބަކަށް ވާން އަހަރެން ހިތުގެ އަޑިން ބޭނުން ވާ ކަން…” ދައުހާ ލަސް ލަހުން ބުނަމުން ދިޔައެވެ.

“ދައުހާ… ސްޓޮޕް އިޓް!” ނިހާން ބުނެލިއެވެ.

“ކީއްވެތަ؟ އަހަރެން އެހެން ނުބުނަން ވީ ކީއްވެތަ؟ މި ގޮތަށް އަހަރެން ވާހަކަ ނުދައްކަން ވީ ކީއްވެތަ؟ އެންމެ ރީޒަންއެއް ނިހާން ދައްކަބަލަ! ދެން ބުނޭ އަހަންނަކީ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ، ތީ އަހަރެންގެ ބޭބެއެއް ކަހަލަ މީހެކޭ… އަހަރެން ނުކުރާނަން ގަބޫލެއް. ދުވަހަކުވެސް އަހަރެން ނިހާންއާ މެދު އެހެންނެއް ނުދެކެން. ނިހާންއަށްވެސް އަހަންނާ މެދު އެހެންނެއް ނުދެކެވޭނެ. އެހެން ދެކެވުނު ނަމަ ނިހާންއާ ޝަނާޒްއާ ދެމެދު ހިނގި ކަންތައްތަކެއް ނިހާން އަހަންނަކަށް ކިޔައެއް ނުދިނީސް. އެއީ ކޮއްކޮއެއް ކަހަލަ ކުއްޖެއް ކައިރީ ކިޔާދޭ ކަހަލަ ވާހަކަތަކެއް ނޫން. ނިހާންވެސް އެކަން ގަބޫލު ކުރާނެ. ދެން ބުނެބަލަ ނޫނެކޭ” ދައުހާ ނިހާންއާ ޗެލެންޖެއް ކޮށްލި ކަހަލައެވެ.

ދައުހާގެ ވާހަކައަށް ދޭނެ ޖަވާބެއް އެ ވަގުތު ނިހާންގެ ސިކުނޑިއަކަށް ނައެވެ. އެހެން ކަމުން ނިހާން ދެން ބެލީ އެހެން ގޮތަކުން ދައުހާގެ ވިސްނުން ބަދަލު ކޮށްލެވޭތޯއެވެ.

“ނަންނައަށް އެނގިއްޖެއްޔާ އޭނަ ހީކުރާނީ ކީކޭ؟” ނިހާން އެހިއެވެ.

“ނަންނައަށް އެނގިއްޖެ މިހާރު” ދައުހާ ބުންޏެވެ.

“އެނގިއްޖެޔޭ؟ ކޮން އިރަކު؟ ކިހިނެއް؟” ހާސްވެފައި ނިހާން އަށް އަހާލެވުނެވެ.

ޒައިނާއަށް އެނގުނު ގޮތް ދައުހާ ކިޔާދިނެވެ.

“ނަންނަވެސް ފުރަތަމަ ބުނި ނިހާން އަބަދު ބުނާހެން، އެއްކަލަ ތޭރަ އަހަރުގެ ވާހަކަ. އެކަމަކު އޭނަވެސް ގަބޫލު ކޮށްފި އެއީ މައްސަލައެއް ނޫން ކަން. އަހަންނަށް އެއީ ބޮޑު ކަމަކަށް ނުވަންޏާ ނިހާންއަށްވެސް ވެގެން ނުވާނެޔޭ ޒައިވެސް ބުނީ” ދައުހާ ބުންޏެވެ.

“އޭނައަކަށް އަދި ނުވިސްނޭނެ… ދައުއަށްވެސް ނުވިސްނެނީ…” ނިހާން ބުންޏެވެ.

“ނުވިސްނެނީ އަހަރުމެންނަކަށް ނޫން، ނިހާންއަށް. އަސްލު ނިހާންއަށްވެސް ނުވިސްނެނީއެއް ނޫން… ގޮތް ދޫ ނުކުރަން ވެގެން ތި އުޅެނީ” ދައުހާގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިގެން ދިޔައެވެ.

ނިހާން ޖަވާބެއް ނުދީ އިރުކޮޅެއް ދިޔައެވެ.

“އެނގޭތަ މިއަދު ނަޝީއްތަ ބުނި އެއްޗެއް؟” ދައުހާ އަހާލިއެވެ.

“ކީކޭ ބުނީ؟” އެނދުގައި އޮށޯވެލަމުން ނިހާން ހަމަ ޖެހިލިއެވެ.

“ނަޝީއްތަ ހިތަށް އަރަޔޯ އަހަރެން މީ ނަޝީއްތަގެ ދަރިއަކަށް ވީ ނަމަޔޯ، އެހެން ނޫނީ އަހަރެން ނަޝީއްތަގެ ދަރިއަކަށް ހަދާދޭނެ ކުއްޖަކު ނަޝީއްތަގެ ހުރި ނަމަޔޯ” ދައުހާ ކިޔާދިނެވެ.

“އަސްލުވެސް މަންމަ ތިހެން ބުނިތަ؟” ނިހާންގެ ހިތުގެ ތެޅުން ބާރު ވެލިއެވެ.

“ދެން އެހެން ކިޔާފަ އަހަރެން ދޮގެއް ހަދާނެތަ؟” ދައުހާ މަޖާވެފައި ބުންޏެވެ.

“އެ ވާނީ މަންމަ މަޖަލަކަށް ބުނި އެއްޗަކަށް” ނިހާން ބުނެލިއެވެ.

“ދެން ނިހާން ބުނާނީ ތިހެން ދޯ!” ދައުހާ ސަމާސާ ކޮށްލިއެވެ.

“އެހެން ކީކޭ ދެން ބުނަންވީ؟” ނިހާން ހީލަމުން އެހިއެވެ.

“ވެދާނެއެއްނު ނަޝީއްތަ އެހެން ބުނީ ނިހާން އެހެން ހަދާތޯ ކަމަށްވެސް؟” ދައުހާ ބުންނެވެ.

“މަންމަ ހިތަށްވެސް އެހެންނެއް ނާރާނެ” ނިހާން ބުނެލިއެވެ.

“ކީއްވެ؟” ދައުހާ އަހާލީ ނިހާން ބުނާ އެއްޗެއް ބަލާލުމަށެވެ.

“މަންމަ ކީއްވެ އެ ކަހަލަ އެއްޗެއް ހިތަށް އަރަން ވީ؟ އަހަރެން ކައިވެންޏެއް ނުކުރާނެ ކަމަށް ނިންމައިގެން އެންމެން އެ ތިބީ. އަހަރުމެން ދެ މީހުންނޭ ކިޔާފަ އެ ކަހަލަ ގޮތަކަށް އެކަކުވެސް ނުވިސްނާނެ” ނިހާން ބުނެލީ ޔަގީން ކަމާ އެކުއެވެ.

“ތީ ނިހާންއަށް ހީވާ ގޮތް، އެންމެންވެސް ބޭނުން ވާނެ ނިހާން ލައިފްއެއް ފަށާ ތަން ދެކެން، ނަޝިއްތަ އަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއް ނޫން. އެހެން ނޫނަސް ނިހާން އަދި މެރީ ކުރާނެ” ދައުހާ ބުނީ އޭނައަށް ވެސް ޔަގީންވާ ގޮތަށެވެ.

“ތީ ފިއުޗަރ އެނގޭ ކުއްޖެއްތަ؟” ލުއި ހުނުމަކާ އެކު ނިހާން އަހާލިއެވެ.

“ނޫން، ފިއުޗަރ އެނގޭތީއެއް ނޫން، އަހަރެންގެ ލައިފްއާ މެދު އަހަންނަށް ޔަގީން ކަން އޮތީމަ އެހެން ބުނީ. އަހަންނަށް ޔަގީން އަހަރެންގެ ލޯބި ކާމިޔާބު ވާނެކަން” ދައުހާ ބުންޏެވެ.

“ދައު…” ނިހާންއަށް ދައުހާގެ ނަމުން ލަސް ލަހުން ގޮވާލެވުނެވެ.

“ގުޑް ނައިޓް ނިހާން… އައި ލަވް ޔޫ!” ދައުހާ އެހެން ބުނެފައި ނިހާން އެއްޗެއް ބުނުމުގެ ކުރިން ފޯން ކަނޑާލިއެވެ.

ނިދިފައި އޮތް ޝަނާޒްއަށް ހޭލެވުނީ އަސަދުގެ އިނގިލި ޝަނާޒްގެ މޫނުގައި ޖެހުމުންނެވެ. އަސަދުއާ ދިމާއަށް އެނބުރިފައި ޝަނާޒް ދެ އަތުން އަސަދުގެ މޫނުގައި ހިފާލިއެވެ.

“ޝަނާ، އަސްލުވެސް ބޭބީއެއް ބޭނުންތަ؟” އަސަދު އަހާލިއެވެ.

“އަސަދުއަށް ޔަގީން ނުވަނީތަ؟ ބޭބީއެއް ބޭނުން ނުވާ ނަމަ ބޭސް ކެއުން ހުއްޓައެއް ނުލާނެއެއްނު؟” ޝަނާޒް ބުންޏެވެ.

“އެކަމަކު… ޝަނާ ބުނީމެއްނު…؟” އަސަދު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ކައިވެނި ކޮށްގެން ގިނަ ދުވަސްތަކެއް ނުވެ ޝަނާޒް ބުނި ބަސް ހަނދާން ކުރަމުން އަސަދު އަހާލިއެވެ.

“އެރު އެހެން ބުންޏަކަސް މިހާރު އަހަރެން އެ ގޮތަކަށް ނުވިސްނަމޭ… އޭގެ ފަހުން ކިތަށް އަހަރު ވެއްޖެ މިހާރު؟ ކީއްކުރަން އޭރުގެ ވާހަކަ ދައްކަނީ؟” އަސަދުގެ މޭގައި އަތްތިލަ ޖައްސާލަމުން ޝަނާޒް ބުންޏެވެ.

“އައި ލަވް ޔޫ…” ޝަނާޒް ގައިގައި ބައްދާލަމުން އަސަދު ބުންޏެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިޙްނާ (2)

Next

ތެދުވެރި ލޯބި 15

Next
February 5, 2020

ތެދުވެރި ލޯބި 15

Previews
February 3, 2020

އިޙްނާ (2)

9 Comments!

  1. Mar Sha Marsha says:
    February 4, 2020 at 10:08 am

    Hi, here’s part 4. Kamudhanyaa comment kollahchey. 5 genesdheynan Thursday ga. ?❤️❤️

  2. samra says:
    February 4, 2020 at 10:25 am

    hey sissy.. mi prt vx v obi.. N me first thrr

  3. Ibsha says:
    February 4, 2020 at 5:03 pm

    Vaahaka varah reethi..knirakun part 18 up vaany

  4. Yanaa says:
    February 4, 2020 at 9:37 pm

    Varah reethi.maa sha Allah
    waiting for the next part❤?❤

  5. Ibsha says:
    February 4, 2020 at 11:27 pm

    Viyas in part 17 ah kiyaafin

  6. Meekkomee says:
    February 4, 2020 at 11:31 pm

    Hey sis varah Reethi ingyy mi part ves………. waiting for the next part ?? ly

  7. heehee says:
    February 5, 2020 at 10:46 am

    ”heenukuraahaa faritha kamaaeku azaman zainaa uraalieve.” mithaa myny mistake eh dhw. hehehehe.

  8. ކަލާ123 says:
    February 5, 2020 at 8:24 pm

    ވާހަކަ ފެށިގެން އައިއިރު އިބާރާތްކުރުމުގައި ފަރުވާކުޑަ ގޮތެއް ހުރި ކަމަށް ފެނުނު. މިހާރު ރަނގަޅު

  9. Mar Sha Marsha says:
    February 6, 2020 at 2:45 pm

    Thank u for reading every one, irukolhakun part 5 upload kolleveyne. ♥️♥️♥️??

Comments are closed.


All Right Reserved!