މިޙަޔާތާ ދުރުނުވޭ (ފުރަތަމަބައި)
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ވ.މޫރިތި ގޭގެ ކާގޭގައި ވަނީ ކާއެއްޗެހީގެ މީރުވަސް ހިފާލާފައެވެ. މޭޒުމަތީގައި ތަށިތައް އެތުރުމުގައި އަވަދިނެތި ފަރީޝާ އުޅެމުންދެއެވެ. އެވަގުތު ގޭގެ ބެލްޖެހިއަޑަށް ފަރީޝާ ގޭގެ ދޮރު ހުލުވާލިއެވެ.
“ނަޝާމް… ދަރިފުޅު ހާދަ އަވަހަކަށް ތިއައީ…؟؟؟” ދޮރުމަތީ ހުރީ ފަރީޝާގެ ދެވަނަ ދަރިފުޅު ނަޝާމް ފެނުމުން ފަރީޝާ އޭނާގެ ހުދު ދަތްތައް ފެންނަވަރަށް ހީލަމުން ބުނެލިއެވެ.
“މަންމަ މަތިން މިސްވާވަރުން ނުހުރެވިގެން މިއައީ…” ލާނެއް ގޮތަކަށް ހީލަމުން ނަޝާމް ބުނެލިއެވެ.
“ހޫމް ދެން މާ މަންމަ ވާނެ ކަމެއްނެތް… އާދޭ އެތެރެއަށް މިހާރު ބައްޕަމެންވެސް އުޅޭނެ ނަމާދުކޮށްގެން އަންނަން….” ނަޝާމްގެ ކަންފަތުގައި ހިފާލަމުން ފަރީޝާ ބުނެލިއެވެ.
“އަދި އެތެރެއަކަށް ނުވަދެވޭނެ… މަންމައަށް ސަޕްރައިޒްއެއް ދެންތަ…؟؟؟” މިހެން ބުނެފައި ނަޝާމް ތުބުން ފުމެލިއެވެ.
“ޓަންޓަނާ….” ނަޝާމްގެ ފުރަގަހުން ނުކުތީ ފަރީޝާގެ ހުރިހަމައެކަނި އަންހެން ދަރިފުޅު ނަޝްވާއެވެ. “ދަރިފުޅާ…. ކީއްވެ އަންނަވާހަކަ ނުބުނީ…. ބުނިނަމައެއްނު ދަރިފުޅު ބަލާ އެއަރޕޯޓަށް މަންމަމެންނަށް ދެވޭނީ….” ނަޝްވާގެ ގައިގާ ބައްދާލަމުން ފަރީޝާ ބުނެލިއެވެ. އެހާގިނަދުވަސް ކޮށްފާ ދަރިފުޅު ފެނުމުން ފަރީޝާ ހުރީ ނުހަނު އުފާވެފައެވެ.
“މަންމަމެންނަށް ސަޕްރައިޒް ދޭންވެގެން ނުބުނީ…. ނަޝްކޮ ބުނެގެންނޭ ތުއްތު މެލޭޝިޔާއަށް ނަޝްކޮ ބަލާދިޔައީ….” ހީލަމުން ނަޝްވާ ބުނެލިއެވެ.
“ހޫމް… ދެމީހުން ރާވާލައިގެން ދޯ ތި އުޅުނީ…. މި ނަޝާމްވެސް އަދި ބުންޏޭ މިދަނީ އޮފީސްކަމަކުއޭ… ހާދަހާ މަކަރުގަދައޭ….” ދެކުދިންނާއިއެކު އެތެރެއަށް ވަންނަމުން ފަރީޝާ ބުނެލިއެވެ.
އޭގެ އިރުކޮޅެއް ފަހުން ފަރީޝާގެ ފިރިމީހާ ނާޝިދުއާއި ދޮށީދަރިފުޅު ނާއިޝްވެސް މެންދުރުނަމާދުކޮށްގެން ގެއަށްއައެވެ. މިޔަދު ވ.މޫރިތި ގެއަށް ހީވަނީ ބޮޑުޢީދެއް އައިސްގެން އުޅޭހެންނެވެ. އެތައްދުވަސްތަކަކަށްފަހު އާއިލާ އެންމެން އެއްތަންވީއެވެ. މެންދުރުގެ ކެއުން ކުރިޔަށް ދިޔައިރު އެކިކަހަލަ މަޖާ ވާހަކަ ދެކެވެމުން ދިޔައެވެ.
ހަވީރު ފިނިޖެހިލުމުން ނަޝާމް މާލެ ދިޔައީ އެންމެގާތް އެކުވެރިޔާ ޒަޔާންއާއި ބައްދަލުކޮށްލާށެވެ. “ކޮބާ ކޮންތާކު…؟؟؟ އަހަރެން މިހާރު މިވަންނަނީ އެތެރެއަށް އަވަހަށް އާދޭ….” ނަޝާމް ފޯނުގައި ހުރެގެން ކުރިޔަށް ދިޔައީ ކުރިމަތި ނުބަލާ ހުރެއެވެ. އެވަގުތު ކުރިމަތިން އައި އަންހެންކުއްޖާވެސް އައީ ކައިރީގައި ހުރި ހަތްއަހަރަށްދާ ކުޑަކުއްޖާޔާ ވާހަކަދައްކަމުން ކުރިމަތިނުބަލާ ހުރެއެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގާ ލައިގެންފައި ނަޝާމްގެ އަތުގައި އޮތްފޯނު ބިންމައްޗަށް ވެއްޓުނެވެ. ނަޝާމް އެކުއްޖާއަށް ބަލާލުމެއްނެތި ތިރިވީ ފޯނުނަގާށެވެ.
“އޯހް… ސޮރީ….” ނަޝާމް ފޯނުނަގަން އަތް ދިއްކޮށްލި ވަގުތު އެކުއްޖާ ބުނެލިއެވެ. މިއުޒިކެއްފަދަ އެރީތި އަޑު ޖެހުމުން ސިހިފައިކަހަލަ ގޮތަކަށް ނަޝާމަށް އެކުއްޖާއަށް ބަލާލެވުނެވެ. އަދި ފޯނުނެގުމެއްނެތި ކޮޅަށް ތެދުވިއެވެ. އަޑާއި އެއްވަރަށް ކުއްޖާވެސް އެހާމެ ރީއްޗެވެ.
“އިޓްސް އޯކޭ… އެހެން ނޫނަސް އަހަރެންވެސް އައީ ކުރިމަތިނުބަލާ ހުރެ…. އެހެންވީމާ އަހަރެންގެ މިސްޓޭކެއް އެއީ….” އެކުއްޖާގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެންހުރެ ރީތި ހިނިތުންވުމަކާއިއެކު ނަޝާމްވާހަކަ ދެއްކިއެވެ. ނަޝާމް މިހެން ބުނުމުން އެކުއްޖާވެސް ހިނިތުންވެލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއަކާއިއެކު އެކުއްޖާގެ ފަންއިސްތަށިގަނޑު ވިހުރެލިއެވެ. މޫނުމައްޗަށް ވެއްޓުނު ކުރުއިސްތަށިކޮޅު ކަންފަތް ކައިރިއަށް ލާ އެއްފަރާތްކޮށްލިއެވެ. މިމަންޒަރު ބަލަން އާޝޯހުވެފައި ނަޝާމް ހުއްޓެވެ. ހީވަނީ ރީތި ޕަރީއެއް ކުރިމަތީގައި ހުރެ ފަރި ހަރަކާތްތަކެއް ދައްކަމުން ދާހެންނެވެ.
“ހޭއި… މަޑުކޮށްބަލަ….” ކައިރީގައި ހުރި ކުޑަކުއްޖާގެ އަތުގައި ހިފައިގެން އެއަންހެންކުއްޖާ ހިނަގައިގަތުމުން ނަޝާމް ގޮވާލިއެވެ. އެކުއްޖާ މަޑުކޮށްލާ ފަސްއެނބުރި ބަލާލިއެވެ. ނަޝާމް ދެފިޔަވަޅެއް އެޅުމަށްފަހު އެކުއްޖާއާއި އެއްވަރުކޮށްލިއެވެ.
“އަހަންނަށް ކިޔަނީ ނަޝާމް… ކޮންނަމެއްތަ ކިޔަނީ…؟؟؟” ސަލާމަށް އަތްދިއްކޮށްލަމުން ނަޝާމް އަހާލިއެވެ. އެކުއްޖާ ނަޝާމްގެ އަތަށް ބަލާލިއެވެ.
“އަހަރެން ނުދަންނަ މީހުންނާ ވާހަކަދައްކައެއް ނޫޅެން….” މިހެން ބުނެފައި އަނެއްކާވެސް އެކުޑަކުއްޖާ ގޮވައިގެން އެއަންހެންކުއްޖާ ހިނގައިގަތެވެ. ނަޝާމް އެކުއްޖާދިޔަ ދިމާއަށް ހިނގައިގަންނަން ފިޔަވަޅު ނެގިވަގުތު ބިންމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ނަޝާމް ފޯނުނަގާ ބަލާލިއެވެ. ގުޅަނީ ޒަޔާންއެވެ. “މިދަނީ” އޭ ބުނެ ފޯނު ކަނޑާލުމަށްފަހު އެކުއްޖާދިޔަދިމާއަށް ބަލާލަމުން ނަޝާމް މިސްރާބު ޖެހީ “ބުރޭކްވޯޓަރ” އާއި ވީ ދިމާއަށެވެ.
އެތެރެއަށްވަދެ ދެކޮޅުބަލާލި ވަގުތު މޭޒެއްގެ ދޮށުގައި އިން ޒަޔާން ހަނާއަޅާލުމުން އެދިމާއަށްގޮސް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. “މިވަންނަނީއޭ ބުނިމީހާ އަހަރެން އައިއިރުވެސް މިތަނަށް އާދެވޭކަމަކަށް ނުވި….” ވެއިޓަރ އޯޑަރުނަގައިގެން ދިޔުމުން ޒަޔާން ބުނެލިއެވެ.
“އެހެންނޭ ވާނީ…. ވަންނަން އުޅެނިކޮށް އެކްސިޑެންޓެއްވީ….” ކުޑަކޮށް ހީލަމުން ނަޝާމް ބުނެލިއެވެ. “އެކްސިޑެންޓެކޭ…؟؟؟ ކިހިނެއް އެކްސިޑެންޓްވީ…؟؟ އެއްވެސް ތަނަކަށް އަނިޔާވިތަ…؟؟؟” ޒަޔާންގެ މޫނުމަތިން ފެންނަމުން ދަނީ ސީރިޔަސްކަމެވެ.
“ހޫމް އަނިޔާވި….” ހަށިގަނޑު ތެދުކޮށްލަމުން ނަޝާމް ބުނެލިއެވެ. “ކޮންތާކަށް އަނިޔާވީ…؟؟؟ ބޭރުން އެއްވެސް ކަހަލަ ނިޝާނެއް ފެންނާކަށް ނެތް….؟؟؟ ބޯއަރިކޮށްކޮށްފައި ނަޝާމަށް ބަލަމުން ޒަޔާން ބުނެލިއެވެ.
“ބޭރަކުން ނުފެންނާނެއެއްނު…. އެތެރެއަށޭ އަނިޔާވީ… ހިތަށް….” ހިތާ ދިމާލުގައި އަތްއަޅާލަމުން ނަޝާމް ބުނެލިއެވެ. “ކީކޭތަ ތިކިޔަނީ…؟؟؟ އަހަންނަކަށް ނުވިސްނުން…. ސާފުވާހެން ބުނެބަލަ….” ނަޝާމް ކިޔާ އެއްޗެއް ނޭނގުމުން ޒަޔާން ބުންޏެވެ.
“މިތަނަށް ވަންނަން އައިވަގުތު އަންހެން ކުއްޖެއްގެ ގައިގައި ލައިގަތީ…. ބުނަން… އެއީވާ ރީތި ކުއްޖެއް… އަހަރެންގެ މުޅި އުމުރުގައިވެސް އަދިއެހާ ރީތި ކުއްޖެއް ނުދެކެން…” ހުވަފެނީ ގޮތަކަށް ނަޝާމް ބުނެލިއެވެ.
“އެހެންތަ…؟؟ ދެން ތިހާ ރީތި ކުއްޖެއް ވިއްޔާ ފެނުން ވަގުތު ނަމާ ފޯނު ނަންބަރުވެސް ހޯދިނަމަ….” ޒަޔާން މިހެން ބުނި ވަގުތު ވެއިޓަރު ދެކޮފީތަށި ހިފައިގެން އައިސް މޭޒުމަތީ ބަހައްޓާފައި ދިޔައެވެ.
“ނަން އެހީމޭ…. އެކަމަކު ނަމެއް ނުބުނި… ބުނީ ނުދަންނަ މީހުންނާ ވާހަކައެއް ނުދައްކަމޯ….” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ނަޝާމް ބުނެލިއެވެ. “އެހެންތަ…؟؟؟ އެހެންވީއިރު ތިކުއްޖާ ވާނީ ވަރަށް ހިތްމޮޅުކުއްޖަކަށް….” މިހެން ބުނެފައި ޒަޔާން ހިނިގަނޑެއް ޖަހާލިއެވެ.
“އޭ… އޭނަޔާ ދިމާއަށް ތިކަހަލަ އެއްޗެހި ނުކިޔައްޗޭ… އެއީ އަހަރެންގެ ހިތުގެ ރާނީ….. އެހެން ނޫނަސް އޭގެންވެސް އެ އެނގެނީ އޭނަގެ އަހުލާގު ރަނގަޅުކަމެއްނު… ފެންނަހާ ފިރިހެނަކާ ވާހަކަ ނުދައްކާ ކަމެއްނު….” ފަހުރުވެރިކަމާއިއެކު ނަޝާމް ބުނެލިއެވެ.
“އައްދޭ… ހާދަ ވަރެއް ވެފަ….” ޒަޔާން ހިނިގަންޑެއް ޖަހާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެތެރެއަށް ވަދެގެން އައި އަންހެން ކުދިންތަކެކެވެ. ޒަޔާން ލޮލުގެ އިޝާރާތުން ނަޝާމަށް އަންގާލިއެވެ. ނަޝާމް ފަސްއެނބުރުނު ކަމެއް ނޭނގެ އަވަސްއަވަހަށް ކުރިން އިންގޮތަށް އިށީނދެ އިސްޖަހާލިއެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ނަޝާމްގެ މިހަރަކާތުން ޒަޔާންގެ ގާތަށް އައީ ލާނެއް ހިންޏެކެވެ.
އެތެރެއަށް ވަން ކުދިންތަކުގެ ތެރެއިން ކުއްޖަކު އައިސް ނަޝާމްމެންގެ ގާތުގައި އިށީނެވެ. “އަހަންނަށް އިނގެ އަހަރެން ފެނުނީމަކަން ތިހެން ތިއިނީ… ނަޝާމް ކީއްވެތަ އަހަރެންދެކެ ތިހާ ފޫހިވަނީ…؟؟؟”
“ފޫހި ނުވިއްޔާ ދެރަ… ނޫރާ ތިއުޅެނީ އެހެން އަންހެން ކުދިން އުޅޭކަހަލަ ގޮތަކަށްތަ…؟؟؟ ފެންނަހާތަނަކުން ފަހަތު އަޅުވާލައިގެން ތި އުޅެނީ… އަހަރެންވެސް ލަދު ގަންނާނެއްނު ނޫރާ ތިވައްތަރަށް އުޅެންޏާ….” ނަޝާމް އިނީ މޫޑު ސަކަރާތްވެފައެވެ.
“އެހެންނޭ ވާނީ…. އަހަރެން ނަޝާމް ދެކެ ހާދަ ލޯބިވެޔޭ…. އެވަރުންވެސް ނަޝާމް ތިހުންނަނީ އަހަންނާ ރައްޓެހި ނުވާކަންނު…” ދަތްދޮޅީގައި އަތްވިއްދާލައިގެން ސީދާ ނަޝާމްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ނޫރާއިނެވެ. ޒަޔާނަށް މިކުޅިގަނޑުވީ މަޖާކަމަކަށެވެ.
“ތިޔަށް ކިޔަނީ ލޯތްބެއް ނޫން… އަހަރެން ދުވަހަކުވެސް ކަލެޔަކާ ވައެއް ނޭޅޭނަން… ޒަޔާން ހިނގާ ދާން….” މިހެން ބުނެފައި ތެދުވެގެން ކައުންޓަރަށް ގޮސް ފައިސާ ދެއްކުމަށްފަހު ނަޝާމް ބޭރަށް ނުކުތެވެ. ޒަޔާންވެސް ނަޝާމްގެ ފަހަތުން ނުކުތެވެ.
“ހާދަ ވަރެއް ވެފައޭދޯ އެމަންޖެ އެހުންނަނީ… ތިހެން ހަދާކަށް ނުވާނެއްނު….” ހެމުން ހެމުން ޒަޔާން ބުނެލިއެވެ.
“އަހަރެން ހާދަ ފޫއްސެއް ވެޔޭ ނޫރާދެކެ… ހިތަށް އަރާ އެ ތުރާލުން މިންޖުވާނީ ކޮންދުވަހަކުން ބާއޭ…” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ނަޝާމް ބުނެލިއެވެ.
ނޫރާއަކީ ސުކޫލް ދައުރުއްސުރެ ނަޝާމާހެދި މޮޔަވެގެން އުޅޭ ކުއްޖެކެވެ. ނޫރާ ފެނުނަސް ނަޝާމް ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ނަޝާމްވަނީ އޭނާގެ ކޮޓަރިއަށެވެ. އެކޮޓަރިއަކީ ތަނަވަސް އަދި އެހާމެ ބޮޑު ކޮޓަރިއެކެވެ. ހަތަރު ފާރުގައިވަނީ މަޑު ނޫކުލައެއްލާފައެވެ. ކޮޓަރީގެ މެދުގައި ޑަބަލް އެނދެއް ހުރިއިރު އެއްފަރާތުގައި ޑުރެސިންގް ޓޭބަލްއެއް ހުއްޓެވެ. އެޔާއި ޖެހިގެން ހުރި ހެދުން އަޅުވާ ބޮޑު އަލަމާރީގައި ތަތްކުރެވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ފޮޓޯތަކުން ނަޝާމަކީ ފުޓްބޯޅައަށް ލޯބިކުރާމީހެއްކަން ހާމަވެއެވެ.
ނަޝާމް ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓު ބޭލުމަށްފަހު ކޮނޑެއްގައި އަޅުވާލިއެވެ. ނަޝާމަކީ އިސްކޮޅުން ދިގު، ހަމުގެ ކުލައަލި ޒުވާނެކެވެ. އޭނާއަށް ވަނީ އަންހެންކުދިންގެ ހިތްދަމާގަންނަފަދަ ބައިމަތި ފުޅާ ވަރުގަދަ ހަށިގަނޑެއް ލިބިފައެވެ. އަޅިކުލައިގެ ޖާދުވީ ދެލޮލާއި ފަންއިސްތަށިގަނޑަކީ ގުދުރަތުން އޭނާއަށް ލިބިފައިވާ އަގުހުރި ހަދިޔާއެކެވެ.
ނަޝާމް ދިޔަގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އެއަށްފަހު ބާލީހުގައި ބައްދާލާ ދެލޯމަރާލިއެވެ. އެވަގުތު ސިފަވެގެން ދިޔައީ މިޔަދު ހަވީރު ދިމާވި ފަތްމިންޏެއްފަދަ އެރީތި އަންހެންކުއްޖާއެވެ. “އެއީ ހާދަ ރީތި ކުއްޖެކޭ… އަހަންނަށް އެކުއްޖާ ލިބޭނެނަމަ…..” ނަޝާމް ހިތާހިތުން ކިޔާލިއެވެ.
އެއަންހެންކުއްޖާގެ ޚިޔާލުތަކުން ދުރަށް ޖެހިލުމަށް ނަޝާމަށް މަޖުބޫރުވީ ދޮރުގައި ޓަކިޖަހާލުމަށްފަހު ނާއިޝް އެކޮޓަރިއަށް ވަނުމުންނެވެ. ނާއިޝްއަކީވެސް ނަޝާމެކޭ އެއްފަދައިން އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ޒުވާނެކެވެ.
“ދޮންބޭ… ކަމަކުތަ…؟؟؟” އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ނަޝާމް އަހާލިއެވެ.
“ކަމަކު ނޫން… ނަޝާމް މިރޭ ފުޓްބޯޅަ ބަލަން ނުނުކުންނާތީ ކޮބާތޯ ބަލާލަން މިއައީ…. ކީއްވެ ތިއޮތީ….؟؟؟ ބަލީތަ…؟؟؟” އެނދުގެ މަގަތުގައި އިށީންނަމުން ނާއިޝް ވާހަކަ ދެއްކިއެވެ.
“ބައްޔެއް ނޫން…. ހަމައޮތީ… މިރޭ ނެތް ބަލާހިތެއް….” މޫނަށް ވައްތަރެއް ޖައްސާލަމުން ނަޝާމް ބުނެލިއެވެ.
“ކޮންމެވެސް ކަމެއްވެއްޖެ… އެހެންނޫނީ ފުޓްބޯޅަ މެޗެއް ދޫކޮށެއް ނުލާނެ…. ބުނެބަލަ… ކިހިނެއްވީތަ…؟؟” ނާއިޝް ހުރީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. އެންމެފަހުން ނަޝާމަށް ޖެހުނީ މިޔަދު ހަވީރު ދިމާވި އަންހެންކުއްޖާގެ ވާހަކަ ކިޔާދޭށެވެ.
“ނަޝާމް… ހާދަ ލަކީއޭ… އެންމެފަހުން ހިތްކިޔާކަހަލަ ކުއްޖެއްވެސް ތިފެނުނީނު… ދޮންބެ މިއުޅެނީ އަދި ހިތްކިޔާކަހަލަ ކުއްޖަކުވެސް ނުފެނިގެން….” ނާއިޝް ނަޝާމާ ދިމާކޮށްލިއެވެ.
“ހަމައެކަނި ފެނުނީމަ ނިމުނީތަ…؟؟؟ ކިޔާނަމެއް އުޅޭތަނެއް އެނގެނީކީ ނޫން…” ނަޝާމް އަނގަޔަށް ގޮތެއް ހަދާލިއެވެ.
“ޕިސްޕިސް ހާދަ ވަރެއް ވެފަ…. އަދި މިޔަދުއެއްނު ފެނުނީ… އަދި ދިމާ ނުވާނެ ކަމެއްވެސް ނޭނގެއެއްނު… ތިހާ އަވަހަށް އުއްމީދުކަނޑާނުލާބަލަ ބުރޯ… ތިހާ ފިނޑިވާކަށް ނުވާނެ….” މިހެން ބުނެފައި ނާއިޝް ނަޝާމާ ދިމާއަށް ބާލީހެއް އެއްލާފައި ދިޔައީއެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނެވެ. ނަޝާމް އޮފީހަށްދާން ތައްޔާރުވެލައިގެން އައިސް ކާގެއަށް ވަންއިރު މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮވެސް ކާގޭގައި އިނެވެ. ނަޝާމް ފެނުމުން ނަޝްވާ އާޝޯހްވެފައި ބަލަން އިނެވެ. ވާނީވެސް އެހެންތާއެވެ. މިއީ އޮފީސްހެދުމުގައި ނަޝާމް ހުއްޓާ ނަޝްވާއަށް ފެނުނު ފުރަތަމަ ފަހަރެވެ. މަޑުނޫކުލައިގެ އަތްދިގު ގަމީހާއި ކަޅުފަޓުލޫނުގައި ނަޝާމް ފެންނަލެއް ވަރަށް ފުރިހަމައެވެ. ގަމީހުގެ އަތް އުޅަބައްޓާހަމައަށް އޮޅާލާފައިވާއިރު އަޅައިގެން ހުރި ގަދަނޫކުލައިގެ ޓައީ ގަމީހާ ވަރަށް ގުޅެއެވެ. މުށިކުލައިގެ ފަންއިސްތަށިގަނޑު ހުރީ ކޮޅަށް ނަގާފައެވެ. އޭނާ ޖަހައިގެން ހުރި “ހޯޕް” ސެންޓުގެ މީރުވަސްވަނީ ކާގެތެރޭގައި ފެތުރިފައެވެ.
“ނަޝްކޯ… މިއަނގަ ލައްޕައިގެން ހުރޭ… އެހެންނޫނީ އަނގައިން ސޮނި ފައިބަފާނެ….” ނަޝާމް ނަޝްވާގެ ގާތަށްގޮސް އޭނާގެ ހުޅުވިފައިވާ އަނގަ ލައްޕުވާލަމުން ބުނެލިއެވެ. އެވަގުތަކީ ނާއިޝްވެސް އައިސް ކާގެޔަށް ވަން ވަގުތެވެ.
“ކާކުގެ އަނގަޔަކުންތަ ސޮނިފައިބަނީ….؟؟؟” ނާއިޝްވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.
“މިދައްކަނީ މީނދަ ނަޝްކޮގެ އަނގައިން ސޮނިފައިބާވާހަކަ…..” ޕާންފޮއްޗެއްގައި ޖޭމު ހާކަމުން ނަޝާމް ބުނެލިއެވެ.
“ނަޝްކޮއަށް 20 އަހަރުވީއިރުވެސް ބޮޑެއް ނުވޭދޯ… އަދިވެސް އަނގައިން ސޮނިހިކޭ ވަރެއް ނުވޭތަ….؟؟؟ ލާނެއް ގޮތަކަށް ހީލަމުން ނާއިޝް ނަޝްވާއާއި ދިމާކޮށްލިއެވެ.
“މި މަންމަ ނުބުނާނެ ބޭބެމެން ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް އެއްޗެކޭ…. އެހުރީނު ހީލަހީލަ… ވަރަށް ފޫހިވޭ…” ނަޝްވާ ފާޑަކަށް ނަޝާމްއަށާއި ނާއިޝްއަށް ލޯއަޅާލުމަށްފަހު މަންމައާއި ޝަކުވާ ކޮށްލިއެވެ.
“އެއްކަލަ ބޭބީ… ބޮޑާހާކާލާފަ ކުޓުވަންފެށީ….” ނަޝާމް ނަޝްވާގެ ކޮލުގައި ހިފާލިއެވެ.
“ދަރިފުޅުވެސް އެމީހުނަށް ވަރުގަދަ ލަނޑެއް ދީބަލަ….” ހީލަމުން ފަރީޝާ ބުނެލިއެވެ. ނަޝްވާ އިރުކޮޅަކު އަނގައިން ނުބުނެ އިނދެފައި ދެފަރާތުގައި ތިބި ދެބޭބެގެ ކަންފަތުގައި ހިފިއެވެ. ދެމީހުނަށް އެއްފަހަރާ “އައްދޯއި” އޭ ބުނެވުނެވެ. “މީ އަހަންނާ ދިމާއަށް އެއްޗެހި ކިއުމުގެ އަދަބު….” ހެމުން ހެމުން ނަޝްވާ ބުނެލިއެވެ.
ތިންކުދިންގެ އެކުވެރިކަމާއި ގާތްކަން ފެނިފައި ފަރީޝާއާއި ނާޝިދު އިނީ ނުހަނު އުފާވެފައެވެ.
ނަޝާމް އޮފީހަށް ދިޔައީ ޒަޔާންއާއި އެކީގައެވެ. ނަޝާމް މަސައްކަތްކުރަނީ ޒަޔާންގެ ބައްޕަގެ އޮފީހުގައެވެ. ޒަޔާން ބޭރުން ކިޔަވައިގެން އައިފަހުން ބައްޕަގެ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓަނީ ޒަޔާންއެވެ. ދެމީހުން އެކީގައި ގޮސް ލިފްޓްކައިރީގައި މަޑުކޮށްލިއެވެ. އެވަގުތު އަންހެން ކުއްޖަކު އައިސް އެތާ މަޑުކޮށްލިއެވެ.
“ސުހާ… މިޔަދު އެކަނިތަ…؟؟؟ ކޮބާ ލިމް…؟؟؟” ޒަޔާން އެ އަންހެން ކުއްޖާއާއި މުހާތަބުކޮށް ވާހަކަ ދެއްކިއެވެ.
“ލިމް ވާނީ އެތެރޭގަ…. މިޔަދު ލަސްވެދާނެތީ ލިމް ގާތު ބުނީ އަވަހަށް ދާށޭ…” ލަދުރަކި ހިނިތުންވުމަކާއިއެކު ސުހާ ޖަވާބު ދިނެވެ.
“ސުހާ، މީ ނަޝާމް… އަހަރެމެން އޮފީހުގެ ސްޓާފެއް… އެއައީ ހަފްތާއެއްގެ ޗުއްޓީގަ ހުރެފަ…. ނަޝާމް، މީ ސުހާ… މިދިޔަ ހަފްތާ މި އޮފީހަށް ޖޮއިން ކުރި ކުދިންތަކުގެ ތެރެއިން ކުއްޖެއް…” ޒަޔާން އެކަކު އަނެކަކަށް ތައާރަފް ކޮށްދިނެވެ. ނަޝާމް ސުހާއަށް ހީލިއެވެ. ބަދަލުގައި ސުހާވެސް ހިނިތުންވުމެއް ރައްދުކުރިއެވެ.
ލިފްޓުން ފޭބިގޮތަށް ސުހާ މިސްރާބުޖެހީ އޭނާގެ ކެބިންއާއި ދިމާއަށެވެ. ޒަޔާންއާއި ނަޝާމް ދިޔައީ ޒަޔާންއަށް ޚާއްސަ ކުރެވިފައިވާ ކެބިންއަށެވެ.
ކެބިންއަށް ވަންގޮތަށް ސުހާ މިސްރާބުޖެހީ މޭޒެއްގެ ދޮށުގައި އެއްޗެއް ޓައިޕްކުރަން އިން ލިމްޝާއާއި ދިމާއަށެވެ.
“އައްދޭ ހާދަ ހެވިފަ…. އަނެއްކާ ކިހިނެއްތަވީ….؟؟؟” ސުހާ ގޮސް މަޑުކޮށްލުމުން ލިމްޝާ އަހާލިއެވެ.
“ދެންމެ ސަޅި ބިޓަކާ ދިމާވި…. މިއޮފީހުގެ ކުއްޖެކޯ އެއީ… ހަފްތާއެއްގެ ޗުއްޓީގަ ހުރެފަޔޯ އެއައީ….. ސަޅި ބިޓެއް އިނގޭ… އެވަރުގެ ކަމެއް އަދި ނުދެކެން….” ސުހާ އެއްފައްޗަކަށް އަމުނާލިއެވެ.
“ސުހާއަށް ސަޅިނޫން މީހަކު ފެނޭތަ…؟؟؟ ދެން އެނގިދާނެތާ ތި މީހެއްގެ ހުރިވަރެއްވެސް… ކޮން ނަމެއްތަ ކިޔަނީ ތިބުނާ މީހަކަށް….؟؟؟” ލިމްޝާ ސުހާއާއި ދިމާކޮށްލިއެވެ.
“ކޮންމެވެސް “ނަ” އެއް… ނޭނގެ… ހަނދާން ނެތިއްޖެ…. ހަނދާންވީމަ އަންގާލާނަން…” މިހެން ބުނެފާ ސުހާ ހިނގައިގަތީ އޭނާގެ މޭޒާއި ދިމާއަށެވެ. ދެފަރާތަށް ބޯހޫރުވާލުމަށްފަހު ހިނިތުންވެ އިނދެ ލިމްޝާވެސް އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ.
ޒަޔާންއާއި ނަޝާމް ޒަޔާންގެ ކެބިންގައި އިނީ މީޓިންއަކާއި ބެހޭ ގޮތުން މަޝްވަރާ ކުރާށެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލިއަޑަށް ޒަޔާން އެތެރެއަށް ވަނަނާށޭ ބުނުމުން އެތެރެއަށް ވަނީ ލިމްޝާއެވެ.
“ރިޕޯޓް ތައްޔާރުކޮށް ނިމުނީތަ….؟؟؟” ލިމްޝާގެ އަތުގައި އޮތް ފައިލަށް ބަލާލަމުން ހިނިތުންވެލަމުން ޒަޔާން އަހާލިއެވެ.
“ލައްބަ…” އަދަބުވެރިކަމާއިއެކު ލިމްޝާ ޖަވާބުދިނެވެ. މިއަޑަށް ލިމްޝާއަށް ފުރަގަސްދީގެން އިން ނަޝާމް ދިޔައީ ސިހިގެންނެވެ. އެއީ އިއްޔެވެސް އިވުނު ހިތްގައިމު މިއުޒިކީ އަޑެވެ. އެއަޑެއް ނަޝާމަކަށް އޮޅުވައެއް ނުލެވޭނެއެވެ. ނަޝާމް ފަސްއެނބުރި ބަލާލިއެވެ. އަދި ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.
ނުނިމޭ
9 Comments
Comments are closed.
Omg v vv reethi mi baiii vesss v v kiyaa hithun huhtta e nimunii.. alhe kn. Irakun tha aneh baiiii.. plx avahah up kohdhybaaa plxxxxx
Vvv reethi vaahaka
Vaahaka varah rythi. Next part thankolheh avahah nerehchey
vvv reethi mi story ves
avahah up kuracchey 😉
alhe kobaaa tha aneh baiiiiiii..avahah up kohdhyybaaaa..
Thanks ummi, xoo, xeelan, and zany 🙂
Next part maadhmaa up kohla dheynan in sha allah 🙂
Wow. Me ge fav ‘another cindrella’ ge photo eh Dhw. Awesome. Keep it up…
wow