Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް (ޓްރެއިލަރ)

ގަޑިން ބާރަގަޑި ބައި ވުމާއިއެކު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދޮރާށިން ހީވީ އެތަށް އިރެއް ވަންދެން ހައްޔަރު ކޮށްފައިތިބި ދޫނިތަކެއް ދޫކޮއްލިހެނެވެ. ސްކޫލުގެ ކުޑަ ދޮރާށިން ކުދިންތައް ނިކުންނަން ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ހީވަނީ އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު އަވަހަށް ނިކުންނަން އުޅޭހެނެވެ. ފެންނަ މީހަކަށް މީ މުބާރާތެކޭވެސް ހީވެދާނެވެ.

ކުދިންތައް ދުރުކުރަމުން ރާގަކަށް ‘އެކްސް ކިއުޒް މީ’ ކިޔަމުން ނޫކަށިފުރައިގެ އަންހެން ކުއްޖެއް ގޭޓުން ނިކުތެވެ. ނިކުމެވުމާއެކު އެ އަންހެންކުއްޖާ އެއްފަރާތަކަށް ޖެހެލެމުން ފުންކޮށް ދެފަހަރަކު ނޭވާ ލިއެވެ. އެ އަންހެންކުއްޖާ ލައިގެން ހުރީ އެ ސްކޫލު އޯލެވެލް އަށް ހާއްސަ ކޮށްފައިވާ ޔުނީފޯމެވެ. އިސްތަށިގަނޑު އޮތީ ރީތި ގޮތަކަށް ގަތާލާފައެވެ. ބުރުގާ ނޭޅިއެއް ކަމަކު ލައިގެން ހުރި ޔުނީފޯމް ކުރެއްނޫނެވެ. އިރުކޮޅަކު ފާރުގާ ލެނގިގެން ހުރުމަށް ފަހު ކުޑަކޮށް ފައި ހިއްލާލަމުން ގޭޓުތެރޭ ބޮޑިވެފައި ތިބި ކުދިންނަށް ބަލާލިއެވެ. އަދި އަތުގައި އޮތް ގަޑިއަށް ބަލާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ހީވާގޮތުން އެ އަންހެންކުއްޖާ އެހެން ކުއްޖަކަށް އިންތިޒާރު ކުރަނީއެވެ.

އެ އަންހެންކުއްޖާ އެތާ ފަސް ވަރަކަށް މިނެޓު ހުރުމަށް ފަހު އަނެއްކާވެސް ގޭޓުތެރެއަށް ނަޒަރެއް ދިނެވެ. އެއިރު ކުދިން ތަންކޮޅެއް މަދު ވެއްޖެވެ. އެ ކުއްޖާގެ ލޮލުގައި އަޅައިގަތީ ސަކަރާތްޖަހަމުން ނިކުތް ތިން އަންހެން ކުދިންނެވެ. އެ އަންހެން ކުއްޖާ ފެނުމާއެކު އޭގެތެރޭން މެދަށް ހުރި ކުއްޖާ ދުވަމުން ކަހަލަ ގޮތަކަށް އެ އަންހެންކުއްޖާ ކައިރިއަށް އައެވެ. “ދޮންތާ ވަރަށް ލަސް ވެއްޖެ ދޯ… އަސްލު ޓީޗާރ މާ ލަސް ކޮއްލީ އޭ…. ދެން ލީޝް ވެސް ފްރެންޑްސް އާ ވާހަކަ ދައްކާލަން މަޑުކޮއްލީ……..” ކުއްވެރިއެއް ފަދައިން އެލީޝާ އޭނަގެ ދޮންތަ އަނާގެ ކޮޑުގައި އެލިގަންނަމުން ބުނެލިއެވެ. “ހޫނ…. ދެންވެސް ހިނގާބަ ދާން….. އީލު ހުންނާނެ މިހާރު ރުޅިގަދަ ވެފަ…..” އަނާ އެލީޝާގެ ބުރިކަށީ މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.

އަނާ ހިނގައިގަތުމުން ފަހަތުން އެލީޝާވެސް ހިނގައި ގަތެވެ. ދެކުދިން އެކީ ގޯޅި އެޅި އިރު ފިހާރައެއް ކައިރީ ވާހަކަދައްކަން ދެ ފިރިހެން ކުދިން ތިއްބެވެ. އަނާމެން އަންނަތަން ފެނުމުން އެދެކުދިންގެ ނަޒަރު އަމާޒުވީ އެމީހުންނަށެވެ. “ކޮބާ އާދެވިއްޖެ ދޯ…….. މިހާރު ކޮން އިރެއް މިތާ ހުންނަތާ…. މިހާރު ދެ ޕާސް ޕޭޕަރު ހަދާހާ ވަގުތޭ މިދިޔައީ……މި ދައިތާއާ ހެދި ދޯ މިއަދުވެސް ލަސްވީ؟……” އީލާފް އަތުގައި އޮތް ގަޑިއަށް ބަލާލަމުން އެލީޝާގެ ކަންފަތުގައި ހިފިއެވެ. “އަށްދޯއި…. ތަދުވެއޭ…..” އެލީޝާ އީލާފް އަތުން ވީއްލިގެން އީލާފް ކައިރީ ހުރި ނާފިލް ގެ ފަހަތަށް ދަމުން އީލާފަށް ދޫދިއްކޮށްލިއެވެ.

Comments (7)

  1. Anonymous

    ❤️

  2. ?

    Nice starting

  3. Malu

    Varah reethi.. dhn vaane goiyy v balaa hiyy vehje..

  4. Mujey?

    Varah reethi feshumeh maasha allah mi vaahaka ah varah inthizaaru kurevey pls up soon my lovely friend ????

    1. shiff
      Mujey?

      Thankss….love u so much?❤

  5. ishra

    eagerly waiting for the story babe

  6. Amie

    Salhi… Kuriyah oiyh baithah adhi miahvure furihama vaanekamah unmeedh kuran… ?

Comments are closed.