Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 06)

Kuduu dhon Level 1
December 17, 2019 4 Mins Read
0 Comments

(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)

 

ގަޑިން ތިނެއްޖަހާ ބޮޑު ވެއްޖެއެވެ. އުޝައިރުގެ ހޭވެރިކަމެއް އަދިވެސް ނެތެވެ. ގޭތެރޭގައިވަނީ ބިރުވެރިކަމާއި ނާމާންކަމެވެ. “ހިނގާބަލަ މޫނުމަތީގައި ފެންކޮޅެއް ހާކާލައިގެން ހޭއެރުވޭތޮ ބަލަން..” ހާޒިމްއަށް ވާހަކަ ދެއްކުނީ އެތަށް އިރަކު ގަނޑުވެފައި އިނުމަށްފަހުއެވެ. “އާނނ.. ފެންކޮޅެއް ގެންނަންތަ؟” ޒައިނާ އަހާލިއެވެ. “ނޫން މަޑުކުރޭ.. މަމިއަންނަނީ!!” ހާޒިމް ތެދުވެގެންގޮސް ވަދުނީ ފާހާނާއަށެވެ.

ފާހާނާގެ ލައިޓު ދިއްލާލުމާއެކު ހާޒިމް ދިޔައީ ސިއްސައިގެންނެވެ. “އަހަރެން ސަލާމަތް ކޮށްދީ.. އާދޭސް ކޮށްފަ މިބުނީ.. އެމީހުން އަހަރެން މަރާލަފާނެ.” ފާހާނާ ތެރޭގައި އެހުރީ މިރޭ ހާޒިމްއަށް ރަށުގެ ގަސްގަނޑު ތެރެއިން ފެނުނު އަންހެން މީހާއެވެ. އޭނާ ލައިގެން ހުރީ ވަރަށް ފަސްބައި ވީދިފައިއޮތް ދެމޭފޮތީގެ ހެދުމެކެވެ. ބަލާބެލުމަށް ވަރަށް ސުންޕާ ގޮތެއްވެސް ހުރެއެވެ. “ކާކު؟؟ ކާކު ކަލޭތީ؟؟” ހާޒިމް އެ މީހާއާއި ވާހަކަ ދެއްކީ ދެލޯ ބޮޑު ކޮށްލާފައެވެ. ކޮޓަރި ތެރޭގައިތިބި ޒައިނާ އާއި އިބާއަށް ހާޒިމް ވާހަކަ ދައްކާއަޑުވެސް އަދި އަންހެނެއްގެ ވާހަކަ ދެއްކުމުގެ އަޑުވެސް އިވެމުން ދެއެވެ. އެދެކުދިން ތިބީ ބިރުން ވިރިވިރިއެވެ.

“ކަލޭމެންތީ ހާދަ ރަހުމު ކުޑަ ބައެކޭ…” އެ އަންހެން މީހާ ހާޒިމް ކުރި ސުވާލަށް ޖަވާބު ނުދީހުރެ ރޮމުން ގެންދިޔައެވެ. ހާޒިމް ފާހާނާއިން ބޭރަށް ނުކުތެވެ. ބިރުންނެވެ. އެ އަންހެނާވެސް ނުކުމެއްޖެއެވެ. ޒައިނާއާއި އިބާ ދުވެފައި އައިސް ހާޒިމްގެ ފުރަގަހުން ހާޒިމްގެ އަތުގައި ހިފިއެވެ. އެދެ މައުސޫމު އަންހެން ކުދިން ރޮމުން ގެންދިޔައެވެ. ހާޒިމްއަށްވެސް ބިރުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ފަދައެވެ.

އެ އަންހެނާ ނުކުމެގެން ހުރެ ރޮމުން ގެންދަމީއެވެ. “ކާކުހޭ ކަލޭތީ؟” ހާޒިމް އަހާލިއެވެ. “އޮހޮހް އޮހޮހް..” އުޝައިރު ކެއްސާލިއެވެ. އެވަގުތު އަނެއްކާވެސް އެ އަންހެނާ ގެއްލިއްޖެއެވެ. ގަސްގަނޑު ތެރެޔަށް ގެއްލުނު ގޮތަށެވެ. ޒައިނާއާއި އިބާ ބިރުން ހަޅޭއް ލަވައިގަތުނެވެ.

“އަހަރެން ބޭނުމެއް ނޫން މިތާނގަ ހުންނާކަށް. އަހަރެން ބޭނުމީ މިތަނުން ބޭރަށްދާން..” ޒައިނާ ރޮމުން ގެންދިޔައެވެ. “އިހަށް މަޑުކޮށްބަލަ. އަމާންކަމެއް މިގެއިން ބޭރުން ލިބޭނެކަމުގެ ކޮން ޔަގީންކަމެއް އަހަރެމެންނަށް އޮތީ؟ އަނެއް ކޮޅުން އުޝައިރު ބާއްވާފަ ކިހިނެއް ދާނީ؟” ހާޒިމް އުޝައިރުގެ ގާތަށް ޖެހިލިއެވެ. މިހާރު އޭނާ ދެލޯ ހުޅުވަން އެބަ މަސައްކަތް ކުރެއެވެ. “އުޝައިރޫ.. އުޝައިރޫ.. ލޯ ހުޅުވާލަބަލަ..” ހާޒިމް އުޝައިރަށް ގޮވަން ފެށިއެވެ.

“އެކަމަކުވެސް ހެޔޮ.. އަހަރެން ބޭނުންވަނީ މިތަނުން ނުކުންނަން..” ޒައިނާ ބިރުން ހުރެ ހަޅޭއްލަވަން ފެށިއެވެ. “ހަމަޖެހިފަ ހިނގާބަލަ ހަދާނެ ރަނގަޅު ގޮތެއް ރާވަން ފުރަތަމަ” އިބާ ހިޔާލު ދިނެވެ. ޒުވާބެއް ފެށެން އުޅޭހެން ހީވުމުންނެވެ.

“ތެދެއް.. ހިނގާބަލަ ހަބީބަށް ގުޅަން.. ” ހާޒިމް ހިޔާލު ދިނެވެ. “ކަލޭ ކައިރީގަ ބުނެފީމެއްނު މިތަނުން ރައްކާވާށޭ..” އުޝައިރު ކުއްލިއަކަށް ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު އެންމެން ބަލާލީ އުޝައިރުއަށެވެ. އުޝައިރުގެ ނަޒަރު ހުރީ ހާޒިމްއާއި ދިމާލަށެވެ.

އިބާ ދުއްވައިގަތުނެވެ. ދިޔަގޮތަށްގޮސް އެނދުމައްޗަށް އަރާ އުޝައިރުގެ ބޮލުގަ ފިރުމަން ފެށިއެވެ. “ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ އުޝައިރު؟ ކިހިނެއް ވެފަ މިހިރީ ފަޔަށް؟” އިބާ ސުވާލުކުރިއެވެ. އުޝައިރުގެ ޖަވާބެއް ނުލިބުނެވެ. އޭނާ ދެއަތުން އިބާ ބިންމައްޗަށް ކޮށްޕާލިއެވެ. “އެކަކުވެސް މަށާ ކައިރިވާނެކަމެއް ނެތް!” އުޝައިރު އޮތްތަނުން ތެދުވެ ހަޅޭއްލަވަން ފެށިއެވެ. ޒައިނާ ގޮސް އިބާގެ އަތުގައި ހިފާ ނެގިއެވެ.

“ކީއްތަ މިވަނީ؟ ކީއްވެތަ ހާޒިމްދެކެ އޭނަ އެހާ ރުޅިއައިސްފަ އެހުރީ؟” ލިބިފައި ހުރި ހާސްކަންމަތީގައި ޒައިނާ ސުވާލު ކުރިއެވެ. ހާޒިމް ޖަވާބުދޭން ނުކެރިފައި އުޝައިރުއާއި ދިމާލަށް ކަޅި ހުއްޓައިގެން ހުއްޓެވެ. އިރުކޮޅަކު ހަޅޭ ލެވުމަށްފަހު އަނެއްކާވެސް އުޝައިރު އެނދުމަށްޗަށް ވެއްޓިއްޖެއެވެ.

“އުޝައިރޫ…” ހާޒިމް ގޮސް އުޝައިރު ކައިރީގައި އިށީނދެލިއެވެ. ޒައިނާއާއި އިބާ ދުރުގައި ތިއްބެވެ. ބިތުން ތުރުތުރު އަޅައަޅައެވެ. “ހާޒިމް ކީއްތަވީ މިރޭ ބޭރަށް ދިޔަތަނާ..؟” ވާނުވާ ނޭނގި ބިރުވެރިކަން ގަދަވަމުން ދިޔަވަރަކަށް ޒައިނާގެ އަޑު ބާރުވާން ފެށިއެވެ.

“ނުފެންނަނީތަ ވާގޮތް؟ ދެންމެ އެއައި އަންހެންމީހާ ހުރިހާވެސް ނުބަޔަކީ.. އެއީ އިންސާނެއް ނޫން..” ހާޒިމް ޒައިނާއަށް ބަލާލާފައި ބުނެލިއެވެ. “އަޅެ ނޫން.. ކީއްވެ؟ މިގެމީ ނާމާން ގެއެއްތަ؟ ކީއްވެ ދެން އަހަރެމެން މިގެޔަށް މިލީ؟” އިބާގެ އަތުގައި ބާރަށް ހިފަހައްޓައިގެންހުރެ ޒައިނާ ރޮމުން ގެންދިޔައެވެ. “އަހަންނަށް ހީވަނީ މިގެއެއް ނޫންހެން ނާމާނީ.. އަހަރެންހެން. އުޝައިރު ގައިތެރޭ އެބައުޅޭ އެއްޗެއް. އެއީ ރޫހާނީ ބާރެއް.. ޖިންނިއެއް. އޭތި ބޭނުންވަނީ އަހަރެން. އޭތި އަހަންނާ އެބަ ދިމާކުރޭ އެކި ސިފަސިފައިގަ އެކި ގޮތްގޮތަށް..” ހާޒިމް އިސްދަށަށް ޖަހާލިއެވެ. “އެއީ ކިއްވެ؟” އިބާ އަހާލިއެވެ. “އަހަންނަކަށް ނޭނގެ.. އިނގޭހާވެސް އެއްޗަކީ އަހަރެން މިތާ ހުރިހާ ހިނދަކު ކަލޭމެން ތިންމީހުންގެ ފުރާނަ ދާނީ މި އަނދަވަޅުގެ ތެރެޔަށް ވެއްޓެމުންކަން. އަދި މާގިނަދުވަހެއް ނުވޭ އުޝައިރުއަށް އެވީ ގޮތްތަށްވެފަ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މަރުވިތާ.. އަހަންނަށް ހީވަނީ މިއީ ހަމަ އެ ޖިންނީގެ ކަންތަށްހެން. އަހަރެން ބޭނުމެއްނޫން އަހަރެންނާހެދި އުޝައިރު މަރުވާކަށް. ދެންވެސް ހިނގާބަލަ ހަބީބަށް ގުޅަން…” ހާޒިމް އެހެން ބުނުމާއެކު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފަށައިފިއެވެ.

އެހިސާބުން ފެށިގެން ގޭތެރެ އަމާން ވިއެވެ. ހަބީބުއާ ގުޅީ ހާޒިމްއެވެ. އަދި ވީގޮތް ކިޔައިދީފައި އެހީއަކަށް އެދުނެވެ. ހަބީބުއަށް އެގެޔަށް އާދެވުނީ އިރުވެސް އެރިފަހުންނެވެ. އެއިރުވެސް އުޝައިރު ހެއެއް ނާރައެވެ. ހަބީބު އައީ ފާލު ބަލާ މީހަކު ގޮވައިގެންނެވެ.

“މީނަގެ ނެއް މައްސަލައެއް! އޭތި އަވަލާފަ އެހެރީ އެހެރަ ފިރިހެން ކުއްޖާޔާ..” ފާލުބަލާމީހާ އިރުކޮޅަކު އުޝައިރު ކައިރީގައި އިނދެފައި ބުނެލިއެވެ. “އޭތި ބޭނުންވާ ކަމެއް ކަލޭގެ ފަރާތުން ފުރިހަމަ ނުވެގެން އެއުޅެނީ..” އެމީހާ ހާޒިމްއާއި ވާހަކަ ދެއްކިއެވެ. “އޭތި ބޭނުންވަނީ ކޮން ކަމެއްތަ؟” ހާޒިމް އަހާލިއެވެ. “އޭތި ބޭނުންވާ ކަމެއް އަހަރެންނަކަށް ނޭނގެ. އެކަމަކު އިނގޭހާވެސް އެއްޗަކީ އެ ރޫހާނީ ބާރުގެ އަސަރުތަށް މުޅި މިގެޔަށްވެސް ފޯރާފަ ހުރިކަން..” އެމީހާ ކިޔައިދިނެވެ. “ދެން ކޮބާ ތިކަމުން ސަލާމަތް ވެވޭނެ ގޮތަކީ؟” ހާޒިމް އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “ފަންޑިތަ!!! ފަންޑިތަ ހަދައިގެން އޭތި ރުޅިއައިސްފަ އެހުރި ސަބަބެއް ހޯދައިގެން ސަލާމަތްވާނެ ގޮތެއް ހޯދޭނީވެސް..” އެމީހާ ބުނެލިއެވެ.

ހާޒިމްގެ މޫނުމަތި ފުސްވެގެން ދިޔައެވެ. މާޔޫސްކަމުގެ އަސަރުތަށް ވަރަށް ބޮޑަށް ފާޅުވާން ހުއްޓެވެ. ޒައިނާ ހާޒިމްއާއި ކައިރިވެލީ ހަމްދަރުދީ ވެފައެވެ. “އެކަމަކު އަހަރެން ނުލާ ދެންމިތިބި މީހުން މި ނާމާން ކަމުން ސަލާމަތް ކުރަން އެބަ ޖެހޭދޯ މިވަގުތުން މިވަގުތަށް!!” ހާޒިމްގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ. “ތިކަމަށް ހައްލެއް އެބައޮތް!!” އެމީހާ އިންތަނުން ތެދުވިއެވެ. “ކޮބާ؟؟” ހާޒިމް އަވަސް އަވަހަށް އަހާލިއެވެ. “އެއީ ދެންމިތިބި ތިން ކުދިންނާ ކަލެޔާ ވަކި ކުރުން. ދެގެއަކަށް ލުން… އަހަރެންނަށް ވަރަށް ވަގުތުވެސް ކުޑަ. ދަރި ސުކޫލަށް ލާންދާންވެސް އެބަ ޖެހޭ.. މިކަމުގަ އިތުރު އެހީއެއް ބޭނުންވަންޔާ މިރޭ ހަބީބު އަންގާލާތި.!” އެމީހާ އެހެން ބުނެފައި ކޮޓަރިން ބޭރަށް ހިނގައިގަތުނެވެ. “އަހަރެން ބަލާނަން އިނގޭ ހާޒިމް ބަހައްޓަން ރަނގަޅު ގެއެއް ފެނޭތޯ..” ހަބީބުވެސް ދިޔައީއެވެ.

މާގިނައިރެއް ނުވެ އުޝައިރު ހޭއަރައިފިއެވެ. މިހާރު އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް ރޭގައި ވީ އެއްވެސް ކަމެއް މިހާރު އުޝައިރުގެ ހަނދާނަކު ނެތެވެ. “އަސްލުވެސް ބުނެބަލަ.. ރޭގަ ދިޔައީ ކޮންތާކަށްތަ މަ ކާރީ ހުރެފަ؟” ހަތަރު ކުދިން އެނދުމަތީގައި އިށީނދެ ތިއްބެވެ. “މަގޭ ހަނދާނަކަށް ނާދެއޭ.. ހަމަ ހުވާ.. އެ ފިރިހެން މީހާ އެ އަންހެން މީހާގެ ބޮލުގައި ޖެހި ވަގުތު މަގޭ ބޮލުގަވެސް ހީވީ ހަމަ މީހަކު ޖެހިހެން. ދެން ފެށީ އެނބުރުން އަރަން. ދެން ނޭނގެ ވީގޮތެއް..” އުޝައިރު ކިޔައިދިނެވެ.

ހާޒިމް އިނތަނުން ތެދުވެ ފާހާނާއަށް ވަދުނެވެ. އަދި ވަރަށް އަވަސް އަވަހަށް ފާހާނާގައި ހުރި އޭނާގެ ބައެއް އެއްޗެހި ހިފައިގެން ނުކުމެ ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. “ހާޒިމް ކިހިނެއް ހަދަން ތިއުޅެނީ؟؟” ޒައިނާ ސުވާލު ކޮށްލިއެވެ. “ދާން މިއުޅެނީ.. ދެން ނެތް މިނޫން ގޮތެއް.. އޭނަ ފާޅުގަ އެބުނަނީ މަ ކިޔެވިއަކަ ނުދޭނަމޭ.. އިތުރަށް ކައެމެންގެ ކިޔެވުން ހަލާކު ކުރަން މިތަނުގަ ހުރުމުގެ ބޭނުމެއް ނެތް… އަށެއްގެ ފެރީއިން އަހަރެން ދާނީ ރަށަށް” ހާޒިމް އަލަމާރިން ދެ ގަމީހެއް ނަގާފައި ދަބަހަށް ލިއެވެ.

“ހާޒިމް ރަށަށް ދިޔަޔަސް ތިކަމެއް ހައްލެއް ނުވާނެ އެއްނު؟ ހިނގާ ފަންޑިތަ ހަދަން..” އުޝައިރު ބުނެލިއެވެ. “ނޫން.. އެޓްލީސްޓް ރަށަށް ދިޔައިމަ މަށަށް އިންނާނެދޯ ކަލޭމެން ސަލާމަތް ކުރެވުނު ކަމުގެ ހިތްހަމަޖެހުން. އެހެންނޫނަސް އަހަރެން ބޭނުމީ މަރުވިއަސް މަންމަ ކާރީ މަރުވާން. އަނެއްކޮޅުން އެހާ ހާސްވާކަށް ނުޖެހޭނެ. އަލިފުޅުބެ ހުންނާނެ މަށަށް އެހީވާން..” ހާޒިމް އެ އެކުވެރިންނާ ސަލާންވެސް ނުކޮށް ގެއިން ނުކުމެގެން ހިނގައިގަތެވެ.

 

  • – ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kuduu dhon

Level 1

Other Articles

Previous

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 05)

Next

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 07)

Next
December 17, 2019

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 07)

Previews
December 17, 2019

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 05)



All Right Reserved!