އިރު އޮއްސުމާއެކު 2 (އެޕިސޯޑް 05)
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)
އާ ދުވަހަކަށް އިރުއެރީ ހާޒިމް އެނދުމަތީގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ލޮލަކަށް ނިންޖެއް ނާދެއެވެ. ސިކުނޑީގައި އެނބުރެނީ ހަމަ އެންމެ ހިޔާލެކެވެ. އެ ބިރުވެރި ހިޔާލެވެ. އާހިލްއަށް ދިމާވި ކަހަލަ ކަމެއް ހާޒިމްއަށް ދިމާވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
ކޮންމެއަކަސް ކްލާހަށް ދާން ހަމަޖެހިފައި އޮތް ގަޑިއަކީ އެދުވަހުގެ 8 ޖަހާއިރު ކަމުން ގަޑިން 7 ޖެހިއިރު ހާޒިމް ހުރީ ރީތިކޮށް ތައްޔާރުވެލައިގެންނެވެ. ކްލާހަށް ދިޔުމުގެ ކުރިން އަދި ގޭ ދޮރުމަތީގައި ހުރި ރެސްޓޯރެންޓަށްވަދެ ހެދުނުގެ ނާސްތާ ނަގަންވެސް ޖެހޭނެއެވެ. ހާޒިމް އާއި ޒައިނާގެ އިތުރުން އެގޭގައި ދެންއުޅޭ ދެކުދިންގެ ސައިވެސް އޮފީހުން ހަމަޖައްސައިފައި ހުންނަނީ އެ ރެސްޓޯރެންޓުންނެވެ. އެހެންކަމުން އެދުވަހު އެ ރެސްޓޯރެންޓަށް ސައިބޯން ހާޒިމް އާއި ޒައިނާ ދިޔައީ އިބާ އާއި އުޝައިރުއާވެސް އެކީގައެވެ.
އެ ހަތަރު ކުދިންވެސް ކިޔަވަމުން ދިޔައީ މުޅި ޖުމްލަ 12 ކުދިން ކިޔަވަމުންދިޔަ ކުލާހެއްގައެވެ. އެހެންކަމުން އެކުވެރިކަން ފުޅާވެގެންދާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ފުރަތަމަ ދުވަހުގެ ކްލާހަކީ ހާޒިމްއަށް ވަރަށް ގަޔާވާ މަޖާ ކްލާހަކަށް ވިއެވެ.
އެދުވަހު ހަވީރުގެ ވަގުތެވެ. ހަތަރު އެކުވެރިން ސައިބޮއި ލައިގެން ނުކުތް އިތު ހައެއް ޖަހަނީއެވެ. “އޭ ހިނގާ ބުރެއް ޖަހާލަންދާން. މިގަޑީގަ ވަރަށް ހިތްފަސޭހަ ވާނެ..” އުޝައިރު ބުނެލިއެވެ. “އަހަރެން ނެތް ދާކަށް މޫޑެއް..” އިބާ މޫނު ހަދާލާފައި ބުނެލިއެވެ. “ތެދެއް މިހާރު މާ ލަސްވެއްޖެ. ތިއަށްވުރެން ރަނގަޅުވާނެ ގެޔަށްވަދެ ތާސް ކުޅެން ފެށިއަސް..” ޒައިނާވެސް އިބާއާއި އެއްބައިވެލިއެވެ. “އޭދޮގެއް. ހިނގާ އަހަރެމެން ނުކުމެލަން. ކަލޭމެން ގެޔަށް ވަންނަންޔާ ވަދޭ..” ހާޒިމް އުޝައިރުގެ ކޮނޑުގައި ޖަހާލާފައި ބުނެލިއެވެ. “ހްމްމްމްމް.. މިރޭވެސް ދެން އައިސް އެންމެންކައިރީ އަހާނީކީ ނޫން ތިމަންނައާއެކީ ހިނގަން ދިޔައިން ހެއްޔެކޭ..” ޒައިނާ ސަމާސާ ރާގަކަށް ބުނެލުމަށްފަހު އިބާގެ އަތުގައި ހިފައިގެންގޮސް ގެޔަށް ވަދުނެވެ.
އުޑު މަތި ވަރަށް ސާފެވެ. ޖައްވުން ޖެހޭ މަޑު ވައިރޯޅިއާއެކު ފަތުރައިދެނީ މީރު ވަހެކެވެ. އުޑުމަތިން އޮއްސެމުންދާ ދޯދިތަކުގެ އަލިން ވިލާތަށް ކަޅުކޮށްދައްކާއިރު އެއީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ. ހާޒިމްއާއި އުޝައިރު ދިރިއުޅުމުގެ އެކި ވާހަކައިގައި ހިނގަމުންގޮސް ހުއްޓުނީ ރަށުގެ އެކަހެރި ހިސާބެއްގެ ދޮންވެލިގަނޑެއްގައެވެ. އެ ހިސާބުގައި ފުދޭވަރަކަށް ބޯ ގަހާއި ދިގު ރުއްތަށް ހުއްޓެވެ.
އޮލަ ވާހަކައެއްގައި ތިބި ދެކުދިންގެ ސަމާލުކަން ދަމައިގަތީ މޫދާ ދިމާލުން ދުވެފައި އަންނަ އަންހެން ކުއްޖަކު ފެނުމުންނެވެ. އޭނާގެ އަތުގެ ހަރަކާތް ތަކުންނާއި ދުވެލީގެ ބާރު މިނުން ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭހެން ހީވެއެވެ. “މިއޮއްފަދަ ގަޑީގައި މިތާ މިދުވަނީ ކާކުތަ؟” އުޝައިރު ހައިރާންވެފައި އަހާލިއެވެ. ހާޒިމް އެއްވެސް އެއްޗެއް ނުބުނެ އެ އަންހެން ކުއްޖާއާއި ދިމާލަށް ބަލަން ހުއްޓެވެ.
އެއީ ޒުވާން އަންހެނެކެވެ. ހާޒިމް މެންމަށްވުރެ ތަންކޮޅެއް ދޮށީވާނެހެން ހީވެއެވެ. އޭނާ އައިގޮތަށް އައިސް ހުއްޓުނީ ހާޒިމް މެންގެ ކުރިމަތީގައެވެ. “އަހަންނަށް އެހީވެދީ..” އެ އަންހެނާ ރޮމުން އެދެކުދިން ކައިރީގައި އެދުނެވެ. އެތަކުން އެއްކުއްޖަކަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އެ އަންހެން މީހާ ހުރި ހާލު ފެނިފައި އެދެކުދިން ތިބީ މާޔޫސްވެފައެވެ. އޭނާގެ ކަރުދަށުގައި މީހެއްގެ ވަކިތަށް އެޅިފަ ހުރިހެންވެސް ހީވެއެވެ. “ހެޔޮނުވާނެ… އަހަރެން ސަލާމަތް ކޮށްދީ…” ފަހަތުން މީހަކު އާދޭތޯ ބޯ ހޫރަމުން އޭނާ ގެންދިޔައެވެ. ދެވަނަ ފަހަރަށް އޭނާ ވާހަކަ ދެއްކުމުންވެސް ހާޒިމްވެސް އަދި އުޝައިރަކަށްވެސް އެއްޗެއް ނުބުނެވުނެވެ. ތިންވަނަ ފަހަރަށް އޭނާ ހަޅޭ ލަވައިގަތުނެވެ. ވަރަށް ބާރަށެވެ. ރޮމުން ހިތްދަތިވެގެން ގޮސް ކެތް ނުވުމުން ހަޅޭލަވައި ގަންނަ ގޮތަށެވެ. ހަމަ އެވަގުތު އެ އަންހެނާ ބިމުގެ ތެރެޔަށް ގަނބައިގަނެގެންގޮސް ފަސްލެވުނެވެ.
އެވަގުތު އެތަނުގައި ތިބި ހާޒިމް އާއި އުޝައިރުއަށް ބިރުން ހީވީ މޭގަނޑު އަތަށް އައިސްދާނެ ހެންނެވެ. “އޭ އޭ… ހިނގާ ދާން.. މީކީ މާ ރަނގަޅު ގަޑިއެއް ނޫން..” ހާޒިމް އެނބުރި އުޝައިރުގެ ކޮނޑުގައި އަތްއަޅުވާލައިގެން ހިނގައިގަތުނެވެ.
ހަލުވި ފިޔަވަޅު ތަކެއްގައި ގަސްތަކު ތެރެއިން ރަށުތެރެޔަށް ނުކުތުމަށް ހިނގަމުންދިޔަ ދެ އެކުވެރިން ހުއްޓުނީ އަނެއްކާވެސް މީހެއްގެ އާދޭހުގެ އަޑު އިވިފައެވެ. ދެކުދިންނަށްވެސް ވަގުތުން އެފަރާތަށް ބަލާލެވުނެވެ. އެއީ އެކުދިން ހިނގަމުންދިޔަ މަގުގެ ކަނާތް ފަޅިއެވެ. ރޮމުން އެގެންދަނީ ހަމަ އެ އަންހެނާއެވެ. ކައިރީގައި ތިން ފިރިހެމަކު ތިއްބެވެ. އަނދިރިކަމުން އެމީހުންގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެ އަންހެން މީހާ އޮތީ ބިންމަށްޗަށް ވެއްޓިފައެވެ. އެތިން ފިރިހެނުން އޭނާއާއި ގާތްވަމުންދިޔަ ވަރަކަށް އޭނާ ފަހަތަށް ކޫތެމުން އޭނާ ދޫކޮށްލުމަށްއެދި އާދޭސް ކުރަމުން ގެންދިޔައެވެ. ނަމަވެސް އެތަނުން އެކަކު އަތުކުރީގައި އޮތް ލަކުޑިބުރިއަކުން އެ އަންހެނާ ގައިގައި ޖެހިއެވެ. “އޭއި..” ހާޒިމްއަށް ބަލަން ނުހުރެވިގެން ހަޅޭ ލަވައިގަތުނެވެ. އެވަގުތު އެއަންހެންމީހާވެސް އަދި އެ ތިން ފިރިހެނުންވެސް ބަލާލީ ހާޒިމް އާއި ދިމާލަށެވެ. ދެން ހީވީ އެމީހުން ވަރަށް ބުރައިގެން ދިޔަހެންނެވެ. ރަނގަޅަށް ވީގޮތެއް ނޭނގުނެވެ. ވަޔާ ކުނޑިތަކެއް އެތަންމިތަނަށް ބުރައިގެންގޮސް ގެއްލޭ ފަދައިން އެ ތިންމީހުނާ އެ އަންހެނާ ގެއްލުނީއެވެ.
“އޭ.. އޭ.. ހިނގަދާން..” ހާޒިމް ބުނެލީ އުޝައިރުއާއި ދިމާލަށެވެ. ނަމަވެސް ހާޒިމް ދެފަރާތް ބަލާލި އިރުވެސް އުޝައިރެއް ނެތެވެ. “އުޝައިރޫ..” ހާޒިމް ވައިއަޑުން ގޮވާލިއެވެ. އެއްވެސް ހިލަމެއް ނެތެވެ. ހާޒިމް ހީކުރީ ބިރުން ގެޔަށް ދިޔައީ ކަމަށްށެވެ. ހާޒިމް ދުއްވައިގަތީ ގެޔާ ދިމާލަށެވެ.
“ކިހިނެއްވީ މިފަހަރު އަނެއްކާ؟؟” ހާޒިމް ގޮސް ގެޔަށް ވަނުމާއެކު ސިޓިންރޫމުގައި އިނދެފައި ޒައިނާ އަހާލިއެވެ. “އުޝައިރު އައިތަ؟” ހާޒިމް ހާސްވެފައި އަހާލިއެވެ. “ނޫން ނާދެ” ޒައިނާވެސް ސީރިއަސް ވެލީ ހާޒިމްގެ މޫނުމަތީގައި ހުރި ހާސްކަން ފެނިފައެވެ.
ހާޒިމްގެ ހިތްވަރު ދޫވި ކަހަލައެވެ. ހުރިތަނަށް ވެއްޓިގަނެވުނެވެ. މީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ މި ފެށެނީ ކޮން ކަމެއްގެ އަލާމާތެއް ބާއެވެ؟ ހިތާހިތާ ސުވާލުކޮށް ހާޒިމްގެ ދެލޯ ފެންކަޅުވާގޮތްވިއެވެ.
“ކޮބާ އުޝައިރު؟” އިބާ އިންތަނުން ތެދުވެގެން އައިސް އަހާލިއެވެ. އެވަގުތު ޒައިނާ ހާޒިމްގެ ގާތަށް އައިސް އިށީނދެލިއެވެ. “ތެދެއް.. ކީއްވެ ތިއިނީ މާހާސްވެފަ؟” ހާޒިމްގެ ކޮނޑުގައި އަތްކާތާލަމުން ޒައިނާ އަހާލިއެވެ. ހާޒިމްއަށް އިންގޮތަށްއިނދެ ރޮވުނީއެވެ.
އެރޭ ކަންދިމާވިގޮތް ފަހުން ހާޒިމް ޒައިނާއާއި އިބާއަށް ކިޔައިދިނެވެ. ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރުވެސް އުޝައިރު ނުފެނުނެވެ. އެންމެފަހުން ތިންކުދިން އެކަން އޮފީހަށް އެންގިއެވެ.
އެރޭ ދަންވަރުގެ ވަގުތެވެ. އެ ބޮޑު ފަޅު ގޭގައި ތިން ކުދިންވެސްތިބީ ނުނިދިފައެވެ. އުޝައިރުގެ އިޝާރާތެއް ނުވާތީއެވެ. މިހެން ތިއްބައި ގޭ ދޮރުގައި މީހަކު ތަކި ޖަހާލިއަޑު އިވުނެވެ. ދޮރު ހުޅުވަން ދިޔައީ ހާޒިމްއެވެ. ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ އުޝައިރުއެވެ. އޭނާގެ މޫނާއި ދެލޯ ވަނީ ރަތްވެފައެވެ. “އާދެބަލަ އެތެރެޔަށް.. ކޮންތާކު އުޅެފަ ތިއައީ؟؟” ހާޒިމް ކުރި ސުވާލަށް އުޝައިރު ޖަވާބެއް ނުދިނެވެ. ދޮރާ ދޮރުކަންޔާ ދޭތެރޭގައިއޮތް ކުޑަ ޖާގަކޮޅުން އުޝައިރު ގޭތެރެޔަށް ދެމިގަތީ ދޮރުގައި ޖެހިގަނެފައެވެ.
އުޝައިރު ގޮސް ވަދުނީ އޭނާ ދިރިއުޅޭ ކޮޓަރިއަށެވެ. ޒައިނާއާއި އިބާ ހާސްވެފައި ބަލަން ތިއްބެވެ. އުޝައިރު ހުރިގޮތުންނެވެ. އޭނާ ލާފައި ހުރި ސޯޓުގެ ތިރިން ވަނީ ވީދައިގެން ގޮސްފައެވެ. ދެފައިގެ އެކިތަންތަނުން ލޭހިލިފައި ހުއްޓެވެ.
ހާޒިމް ގޮސް ކޮޓަރިއަށް ވަދުނެވެ. އަދި ހޮޅިބުރި ދިއްލިއެވެ. “އުޝައިރޫ…” ފުރަގަސްދީގެންހުރި އުޝައިރުއަށް ހާޒިމް ގޮވާލިއެވެ. ޖަވާބެއް ނުލިބުމުން ހާޒިމްގޮސް އުޝައިރުގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އުޝައިރު ވަގުތުން އެނބުރި ހާޒިމްގެ އަތް ފޮޅާލިއެވެ. “ކަލޭ ކިޔެވިއަކަ ނުދޭނަން.. ރަށްކާވާން އުޅޭ މިތަނުން..” މިހެންކިޔާ ހަޅޭއްލަވާ ގަތުމަށްފަހު އުޝައިރު ހަބަރު ހުސްވެގެން ތަޅުންމައްޗަށް ވެއްޓުނެވެ.
އުޝައިރު ހަޅޭ ލަވައިގަތް އަޑަށް ޒައިނާއާއި އިބާވެސް ކޮޓަރިއަށް އައެވެ. “ކިހިނެއްތަ މިވަނީ؟” އިބާ ރޯން ފެށިއެވެ. “ކޮންމެސް ނުބައެއް އެބައުޅޭ.. ކޮންމެސް ނުބައެއް އެބަ އުޅޭ.. އަހަންނަށް ހަމަޔަގީން.. ބަލާބަލަ އޭނަގެ މޫނާ ދެފަޔާ ތަންތަން..” ހާޒިމްއަށް ނުރޮވި ހުރީ ހަމަ ކިރިޔާއެވެ.
ތިން ކުދިން ވެގެން އުޝައިރު ނަގާ އެނދަށް ލިއެވެ. ދެން ހަދާނީ ކިހިނެއްބާއެވެ؟ މިކަމުން އަރައިގަންނަން އެހީއަކަށް އެދޭނީވެސް ވަކި ކާކު ކައިރިންބާއެވެ؟ މިފަދަ ދަންވަރުގެ ގަޑިއެއްގައި މި ބީރައްޓެހި ރަށުން އެކުދިންނަށް އެހީއެއް ފޯރުކޮށްދެވޭނެ އެއްވެސް މީހަކު ނުފެންނާނެކަން ޔަގީނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Varah Reethi mi part ves
Vrh ves reethi