އިރު އޮއްސުމާއެކު 2 (އެޕިސޯޑް 07)
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)
ފެރީ ދޯނި ރަށުގެ ބަނދަރު ކުރުމާއެކު ހާޒިމް ދޯނިން ފެއިބީ އަނދިރި މޫނަކާއެކުގައެވެ. ހިނގާދިޔަ ބިރުވެރި ކަންތަށް ހިތުގައި ފޮރުވައިގެން ހުންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެވާހަކަ މަންމައަށް ކިޔައިދީ މަންމަގެ ހިތް ރޮއްވާލާކަށްވެސް ހާޒިމް ބޭނުމެއް ނުވެއެވެ. އަދި ދެން އަންނަންއޮތް ބިރުވެރި ހަމަލާ އައުމުން ވާނީ ކިހިނެއްބާއޭ ހިތަށް އަރުވައިގެން ގޮތްހުސްވެފަ ހުރެވޭކަށްވެސް ނެތެވެ.
ގެޔަށް ގޮސް ވަދުނީ އިސްދަށަށް ޖަހައިގެން ހުރެއެވެ. އެއިރު މަންމަ އާބިދާ އިނީ ގޭތެރެ ސޯފާގައެވެ. “ދަރިފުޅާ… ކީއްވެ ތިއައީ؟؟” އާބިދާ އިންތަނުން ތެދުވިއެވެ. ހާޒިމްއަށް އާބިދާއާއި ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރެއްވެސް ނުލިބުނެވެ. މަޑުމަޑުން ކުރިޔަށް ހިނގާފައި ގޮސް މަންމަ ކައިރީގައި ހާޒިމްއަށް ހުއްޓިލެވުނެވެ. އެއިރުވެސް މަންމަ ހާސްވެފައި ހާޒިމްއަށް ބަލަން ހުއްޓެވެ. ހާޒިމްއަށް ވަރަށް ބާރަށް މަންމަ ގައިގައި ބައްދައިލެވުނެވެ. އަދި ހިތުގެ އުދާސްތަކަށް ކެތް ނުކުރެވިގެން ރޯން ފެށުނެވެ. “މަންމަގެ ދަރިފުޅަށް މިވީ ކިހިނެއްތަ؟ ހުއްޓާލާފަ ވީގޮތް ބުނެބަލަ.. ހިނގާބަލަ މިތާ އިށީނދެލަން ފުރަތަމަ..” އާބިދާ ހާޒިމް ގޮވައިގެން ސޯފާގައި އިށީނދެލިއެވެ. އެއިރުވެސް ހާޒިމް ދިޔައީ ތުރުތުރު އަޅަމުންނެވެ. ދެލޮލާއި މޫނު ވަނީ ހިތާމައިން ފުރިފައެވެ. “ދެން ބުނެބަލަ ދަރިފުޅާ.. ކްލާސްތަށް ކަމު ނުގޮސްގެންތަ ތިއައީ؟” އާބިދާ އަހާލިއެވެ.
ވަރަށް ގިނައިރު އާބިދާ ހާޒިމާ ވާހަކަ ދެއްކުމުންވެސް ހާޒިމްގެ ޖަވާބެއް ލިބޭގޮތެއް ނުވިއެވެ. އަދިވެސް ވިސްނެނީ އިއްޔެގަ ލޮލަށް ފެނުނު މަންޒަރު ތަކާ ދޭތެރޭގައެވެ. އެންމެފަހުން މަންމަގެ ސުވާލުތަކަށް ކެތް ނުކުރެވިގެން ހާޒިމް ޖަވާބެއް ދިނެވެ. “މިއައީ މަންމަ މަތިން ހަދާން ވާތީ.. ދެން ނުދާނަން..” މިހެން ބުނެފައި ހާޒިމް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
ފެންވަރަން ހުރި އިރުވެސް ހާޒިމްގެ މޭ ޖެހެމުންދިޔައެވެ. ހީވަނީ ކޮންމެސް މީހަކު ކައިރީގަ ހުންނަ ހެންނެވެ.
ހާޒިމް ބޭރަށް ނުކުތީ ކުޑަ ވަގުތު ކޮޅަކު ނިދާލާފައި މެންދުރު ވީތަނާއެވެ. އެއިރުވެސް މަންމަ ގޭތެރޭގައި އުޅެއެވެ. “އަހާ ދަރިފުޅާ.. ނިދާލާފަދޯ ތި ތެދުވީ.. ހިނގާ އެއްޗެއް ކާން..” އާބިދާ ބުނެލިއެވެ. “ނޫން.. ނަމާދުން އައިސް ކާނީ..” ހާޒިމްގެ އަނގައިން ނުކުތީ މުޅިން އާ ބަހެކެވެ. އާބިދާގެ ހިތަށް ފިނިވީ އެއަޑު އިވިފައެވެ. އެތައް ދުވަހެއްގެ ނަސޭހަތަށްފަހު ހާޒިމް ނަމާދަކަށް ދާމަންޒަރު ފެނުނީމައެވެ.
ހަގީގަތުގައި ހާޒިމް ނަމާދަށް އެދަނީ ކޮން މަގުސަދެއްގަ ކަމެއް އާބިދާ އަކަށް ނޭނގެއެވެ. ހަގީގަތުގައި ހާޒިމަށް ދެވަނަ ގޮތެއް ނެތީއެވެ. ކޮންމެ ގޮތެއް ވިއަސް އެ ޖިންނީގެ ގޯނާއިން ސަލާމަތް ވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ހާޒިމް ކުރަން އެބަޖެހެއެވެ. މަރުވާކަށް ހާޒިމް ބޭނުމެއް ނޫނެވެ.
މިސްކިތުގެ ޖަމާއަތް ނިމިފައި ވަނިކޮށް ހާޒިމްގޮސް ނަމާދު ކޮށްލިއެވެ. ސަލާމް ދިން ވަގުތު ލޮލުގައި އަޅައިގަތީ އަލިފުޅުބެ މިސްކިތުގައި އިންދައެވެ. މިސްކިތުން ފައިބައިގެން އަލިފުޅުބެ ނުކުންނަންދެން ހާޒިމް މަޑު ކޮށްލިއެވެ.
“އަލިފުޅުބޭ…” އަލިފުޅުބެ އައިސް މިސްކިތުގެ ދޮރާ އަރާ ހަމަވިވަގުތު ހާޒިމް ގޮވާލިއެވެ. “އާނ.. އެކޮއެ ކީއްވެފަ ތިހިރީ؟”
ހާޒިމް: “މިހިރީ ހަމަ އަލިފުޅުބެ ނުކުންނަންދެން..”
އަލިފުޅުބެ: “އެޔޯ.. އަނެއްކާ އެކޮއެ ކަމަކުތަ؟”
ހާޒިމް އަލިފުޅުބެއާ އެއްވަރަށް ހިނގަމުން ދިޔައެވެ.
ހާޒިމް: “އަލިފުޅުބެއަށް ހީވޭތަ އާހިލް ފަހަތުން އަޅައި ގަނެގެން އުޅުނު ޖިންނި މަގޭ ފަހަތުން އަޅައި ގަނެފާނެހެން؟”
އަލިފުޅުބެ: “ހިއެއް ނޫން ވަނީ.. ޔަގީން ވަނީ… އަނެއްކާ އޭގެ އިޝާރާތެއް ވީތަ؟”
ހާޒިމް: “ނޫނެކޭ ބުނެވޭކަށް ނެތް..”
އަލިފުޅުބެ: “އެހެންވިއްޔާ ހިނގާ އަވަހަށް ތިކަމަށް ފިޔަވަޅެއް އަޅަން. ކިހިނެއްތަ ވަނީ؟ އެއްޗެހި ފެންނަނީތަ؟
ހާޒިމް: “އާނނ.. ފާޑެއްގެ އަންހެނެއް. އޭނަ އާދޭސް ކުރަނީ ސަލާމަތް ކޮށްދޭށޯ ކިޔާގެން..”
އަލިފުޅުބެ: “އާނނ.. ތީ ހަމަ އެ ރޫހު..”
ހާޒިމް: “ކީކޭ؟؟ ރޫހޭ؟؟”
އަލިފުޅުބެ: “އާނނ.. އެއީ ޖިންނިއެއް ނޫން.. އެއީ ރޫހެއް. އިންސާނެއްގެ ރޫހު..”
ހާޒިމް: “ކީއްވެ އެ ރޫހު އަހަރެމެންގެ ފަހަތުން އަޅައިގަނެގެން އެއުޅެނީ؟؟”
އަލިފުޅުބެ: “ބޭބެއަކަށް ތިސުވާލު ތަކުގެ ޖަވާބެއް ނުދެވޭނެ ކޮށްކޯ.. މަންމަ ކައިރީ އަހާ.. ބޭބެ ދާނަން މިއަދު ތިގެޔަށް.. ދާންވާއިރަށް އެ ރޫހު އަންނަންވީ ސަބަބު ހޯދާ..”
އެހެން ބުނެފައި އަލިފުޅުބެ ހިނގައިގަތް ވަގުތު ހާޒިމް ހުއްޓިފައި ހުރީއެވެ. މި ރޫހުގެ ހަގީގަތް މަންމައަށް އެނގެއްޔާމު މަންމަ ހާޒިމް ކައިރީގައި ނުބުނަންވީ ކީއްވެގެން ބާއެވެ؟ އެއީ އިންސާނެއްގެ ރޫހެއް ކަމުގައި ވަނީނަމަ އެ އިންސާނާ މަރުވީ ކިހިނެއްބާއެވެ؟ އަލިފުޅުބެ ބުނި ގޮތުންނަމަ މަންމައަށް އެކަން އެނގޭނެއެވެ.
ހާޒިމް ގެޔާ ދިމާލަށް ހިނގައިގަތުނެވެ. މަންމަ ހުރީ ހާޒިމްއަށް ކާން ހަދައިގެންނެވެ. “ދަރިފުޅާ.. ހިނގާ ކާން.. މަންމަވެސް މިއަދު ކާނީ ދަރިފުޅާ އެއްކޮށް..” އާބިދާ މިހެން ބުނުމުން ހާޒިމް ގޮސް މޭޒުދޮށުގައި އިށީނދުނެވެ. އާބިދާވެސް ފަހަތުން ގޮސް އިށީނދުނެވެ.
ހާޒިމް: “މަންމާ.. އަހަރެން ސުވާލެއް ކޮށްލަންތަ؟”
އާބިދާ: “އާނނ.. ކީކޭ ދަރިފުޅާ؟؟”
ހާޒިމް: “އަހަރެންގެ ފަހަތުން އެއުޅެނީ ކޮން ރޫހެއް..؟”
ހާޒިމްގެ ސުވާލާ އެކީ އާބިދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ދުވަހެއް ނައުމަށް އާބިދާ ދުއާ ކޮށްކޮށް ހުރި ދުވަސް ކުރިމައްޗަށް އައިސް ޖެހުމުން އާބިދާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ހާޒިމް: “އާހިލް މަރުވި ދުވަހުވެސް މަންމަ ބުނި އަހަރެންނަށް ރޫހާނީ ގޯނާއެއް ވިހޭ.. އެއިރުވެސް މަންމައަށް އިނގޭ އަހަރެންނަށް މިކަހަލަ ކަމަކާ ކުރިމަތިލާން ޖެހިދާނެކަން.. ނޫންތަ؟”
އާބިދާގެ ދެލޮލުން ކަރުނަތަށް އޮހިގަތެވެ. އަނގައިން އެއްޗެއް ބުނާނެ ހިތްވަރެއް އާބިދާއަކަށް ނުލިބުނެވެ.
ހާޒިމް: “މަންމަ ކީއްވެތަ އަނގައިން ނުބުނެ ތި އިންނަނީ.. އަހަރެން މިއަދު މަންމަ ކައިރީގައި މިވާހަކަ މި ދައްކަނީ އަހަރެންނަށް ދިރިއުޅެން އުނދަގޫވާވަރު ވީމަ. އެ އެއްޗަކާހެދި އަހަރެން މިއައީ އެރަށުގަ ކިޔަވަންވެސް ނުހުރެވިގެން.. އަލިފުޅުބެ ބުނީ އެއީ ރޫހެކޯ.. މަންމައަށް އިނގޭނެޔޯ އެރޫހަކީ ކާކުގެ ރޫހެއްކަން.. މަންމަ ސިއްރު ކޮށްގެން ތިހުންނަނީ އާހިލް ގޮތަށް އަހަރެންވެސް މަރާލަންދެންތަ؟”
ހާޒިމްގެ އަޑު ބާރުވިއެވެ. އާބިދާގެ ހިތަށް ކެތް ނުވާވަރުވިއެވެ.
އާބިދާ: “ނޫން ދަރިފުޅާ.. މަންމަ އެދޭނެތަ ދަރިފުޅު މަރުވާން. އެރަށުން ދަރިފުޅަށް އެ ރޫހު ގޯނާ ކުރީތަ؟”
ހާޒިމް: “އާނނ.. އަހަންނަށް ދިރިއުޅެންވެސް އުނދަގޫވެއްޖެ މިހާރު.. ދެންވެސް މަންމަ ބުނެދީބަލަ މިވާގޮތެއް..”
އާބިދާއަށް އެވާހަކަތަށް ފަށާނެ ހިތްވަރެއް އެއްވެސް ދިމާލަކުން ނުލިބުނެވެ. އެވާހަކަތަށް ފަށާނެ ގޮތެއްވެސް އާބިދާއަކަށް ނޭނގުނެވެ. ހާޒިމް އިރު ކޮޅަކު އިނދެފައި ކާން އިން ބަތްތަށިން އަތް ނަގައިގެން ދިޔައީއެވެ. އެއިރުވެސް އާބިދާ އަނގައިން އެއްޗެއް ނުބުނެ އިންގޮތަށް އިނީއެވެ.
އެދުވަހު އިރުއޮއްސުން އިރުވެސް ހާޒިމް ކޮޓަރިއަކުން ނުނުކުތެވެ. ހަވީރެއްހާއިރު އަލިފުޅުބެ ގޭތެރޭގައި ވާހަކަ ދައްކާހެންވެސް ހާޒިމްއަށް ހީވިއެވެ. ނަމަވެސް ހާޒިމް އެނދުމަތީގައި އޮތް ގޮތަށް އޮތީއެވެ. ހަގީގަތުގައި ހާޒިމް އޮތީ މަންމަ ދެކެ ހިތްހަމަ ނުޖެހިފައި ހުރިވަރުން ބޭރަށް ނުނުކުންނާށެވެ. ހާޒިމްގެ ފުރާނަ ނުރައްކަލެއްގެ ތެރެޔަށް ވެއްޓިފައިވާއިރުވެސް މަންމަ އެ ސިއްރެއް ނުބުނެ ހިފަހައްޓަންވި އެއްވެސް ސަބަބެއް ހާޒިމްއަކަށް ނުވިސްނެއެވެ.
ގަޑިން ހަގަޑި ބައިވެގެން ދިޔައިރުވެސް ހާޒިމް ދެއަތް އުރައިލައިގެން އެނދުމަތީގައި އޮތެވެ. މިހެން އޮއްވައި ހާޒިމްގެ ލޯޖެހޭގޮތް ވެލިއެވެ. ހާޒިމް ދެލޯ މަރާލިވަގުތު އެ އަންހެނާ ކުކުރާލި އަޑު އިވުނެވެ. ހާޒިމް ވަގުތުން ލޯ ހުޅުވާލިއެވެ. އެވަގުތު ހާޒިމް ބިރުންގޮސް މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. ހާޒިމް އޮތީ ވަލިތެރޭގައެވެ. ކުރިމަތީގައި ހުރީ އެ އަންހެން މީހާއެވެ. އޭނާ ހުރީ ރޯށެވެ. ނަމަވެސް އޭނާގެ މޫނެއް ހާޒިމްއަށް ރަނގަޅަކަށް ނުފެނެއެވެ. ގަސްތަކުގެ ހިޔަނިން އިރުގެ ދޯދިތަކުގެ އަލިކަންވެސް ވަނީ ކަނޑުވާލާފައެވެ.
ހާޒިމް އޮތްތަނުން ތެދުވިއެވެ. އަދި ބިރު ކަނޑާލާފައި އެ އަންހެނާގެ ގާތަށް ޖެހިލިއެވެ. “ކަލޭ ތީ ކާކު؟” ހާޒިމް އަހާލިއެވެ. ރޯން ހުރި އެ އަންހެނާ ވަގުތުން ހުއްޓާލިއެވެ. އަދި ހާޒިމަށް ފަސްދީ ހިނގައިގަތުނެވެ. އޭނާގެ މިސްރާބު ހުރީ ކުރިމަތީގައި ހުރި ވީރާނާވެފައިވާ ފަން ޖިފުޓިއާ ދިމާލަށެވެ. “އަހަރެން މިއަހަނީ ކަލޭތީ ކާކުހޭ؟” ހާޒިމް ރުޅިއައިސްފައި އަހާލިއެވެ. ނަމަވެސް އޭނާ ފަސްއެނބުރި ބަލާނުލާގޮސް އެ ފަން ޖިފުޓިއަށް ވަދުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Wow its so nice but keeh vethr mi vaahaka ge 1 part kiyan fb ah vannan jehy sabab aky