ބިރުން ތުރުތުރު އަޅާ ޙާލު ލަސް ލަހުން ފިޔަވަޅު ނަގަމުން ޒައިނަބު ހޮސްޕިޓަލްގެ ވޯރޑުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ.
“ހައިލަމް” ކުއްލިއަކަށް ޒައިނަބުގެ ފިޔަވަޅުތަކަށް ހުއްޓުން އެރި އެވެ. ވާނުވާ ނޭނގިފައިވާ ޒައިނަބުގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.
“ހައިލަމް” އަނެއްކާވެސް ޒައިނަބު އޭނާގެ ފިރިމީހާއަށް ގޮވައިލި އެވެ. ހަމައެއާއި އެކު ދުވެފައި ކަހަލަ ގޮތަކަށް އައިސް ހައިލަމް އެޑްމިޓް ކޮށްފައި އޮތް އެނދު ކައިރީގައި ހުއްޓުނެވެ. ޒައިނަބު އެތަކެއް ސުވާލުތަކެއް ހިތުގެ ތެރެއަށް ގުޅަކޮށްގެން ހުރެ އެނދުގައި އޮތް ހައިލަމްގެ ދެލޮލަށް ބަލައިލި އެވެ. އެވަގުތު އެއްވެސް ހަރަކާތެއް ނެތި އޮތް ހައިލަމްގެ ދެ ލޮލުން ކަރުނައިގެ ތިއްކެއް އޭނާގެ ލޮލުން ފައިބައިގެން ދިޔަ އެވެ.
” ޑޮކްޓަރ… ކިހިނެއްތޯ ވީ؟؟ ” ޒައިނަބު ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި އެއްވެސް އޮމާން ކަމެއް ނެތެވެ. ފަހަތުން އިޝްވާ އައިގޮތަށް ޒައިނަބުގެ ބުރިކަށީގައި އޯގާވެރިކަމާއި އެކު އަތް ކާއްތަމުން، ޒައިނަބުގެ އަތުގައި ހިފައިލި އެވެ. ޑޮކްޓަރގެ މޫނަށް ބަލަހައްޓައިގެން ޒައިނަބު ހުރީ އޭނާގެ ހިތުގެ ތެރޭގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމުގެ ފުރިހަމަ އުއްމީދުގައެވެ.
” ތީ ހައިލަމްގެ އަނބިމީހާ ތޯ؟؟ ” ޑޮކްޓަރ ޒައިނަބު އާއި ގާތްވެލި އެވެ.
” އާދެ…! ހައިލަމް ގެ އަނބިމީހާ.. މީކާ ގެ މަންމަ.. ” ޒައިނަބުގެ އަޑު ތުރުތުރު އަޅަން ފެށި އެވެ. ޑޮކްޓަރ ވަގުތުން ހިމޭންވި އެވެ. ދެރަވެފައި ހުރެ ޑޮކްޓަރ ފުރަތަމަ ބަލައިލީ އިޝްވާ ގެ މޫނަށެވެ. ވަގުތުން އިޝްވާ އޭނާގެ ބޯ އޮބައިލި އެވެ.
” ޒައިނަބު.. ހިތްވަރުގަދަ ކުރާތި.. އެނގޭ ދެރަ ވާނެކަން… އެކަމުވެސް އަހަރެމެން ޖެހޭނީ ކެތްކުރަން…. ” ވަރަށް އޯގާތެރިކަމާއި އެކު ޑޮކްޓަރ ޒައިނަބުގެ އަތުގައި ހިފައިލަމުން ޒައިނަބުގެ މޫނަށް ބަލައިލި އެވެ.
” ޑޮކްޓަރ….. ކި.. ކިހިނެއްތޯ ވީ؟؟؟؟ ” ޒައިނަބުގެ ދެ ލޮލުގެ ތެރެ ވަނީ ފެން ތިކިތަކުން ފުރި ބާރުވެފަ އެވެ. ހަމަ ދެންމެ ދެންމެ ޒައިނަބު ހީވަނީ ރޮއިގެންފާނެ ހެންނެވެ.
” ޒައިނަބު… ހައިލަމްގެ ޙާލު ރަނގަޅު…. އެކަމު… މީކާ…. މީކާ މިދުނިޔެ ދޫކޮށްފި… ” ޑޮކްޓަރުގެ ޖުމުލައިން ޒައިނަބުގެ ކަންފަތުގެ ހިނދުރި ތެރެއަށް ހީވީ ބޮޑު ބިންހެލުމެއް އައި ހެންނެވެ. މުޅި މީހާ އެއްކޮށް ހުއްޓުން އެރި އެވެ. މުޅި ހަށިގަނޑު ގަނޑުވެގެން ދިޔަ އެވެ. ދެލޯ ތަންމިނަށް ބޮޑުކޮށްގެން ޒައިނަބަށް ހުރެވުނީ ރޯން ވެސް ނޭނގިފަ އެވެ. ތަންމިނަށް ހުޅުވިފައިވާ އަނގަ، ލައްޕާނެ ހިތްވަރެއް ވެސް ޒައިނަބަކަށް ނުލިބުނެވެ. ޒައިނަބުގެ ގައިގައި އިޝްވާ ހިފަހައްޓައިގެން ހުރީ ހިތް ރޫޅޭ ވަރުވެފަ އެވެ.
ޒައިނަބު ވަރަށް މަޑުމަޑުން ކުރިޔަށް ފިޔަވަޅެއް އެޅޭތޯ މަސައްކަތް ކުރި އެވެ. ޒައިނަބުގެ މުޅި މޫނު މަތިން ވެސް ފެންނަމުން ދިޔައީ ހިތްދަތި ކަމުގެ ވޭނީ އިޙުސާސްތަކެކެވެ.
” ކޮބާތަ އަހަރެންގެ ދަރި މީކާ…؟ ” ޒައިނަބުގެ އަރު ތެރެއިން ވަރަށް މަސައްކަތުން ބަހެއް ބޭރު ކުރެވުނީ މިހާ ހިސާބަށެވެ. ކުއްލިއަކަށް ހުރެފައި ވަރަށް ބާރަށް ޒައިނަބަށް ރޯން ފެށުނެވެ. އަޑުގެ ނެތްކޮޅަށް ޒައިނަބު ރޮމުން ގޮސް ހޮސްޕިޓަލްގެ ތަށިމުށިގަނޑު މައްޗަށް ޖެހިގަތެވެ.
***
“ސަޕްރައިޒް”
ޒޯޔާ ގޭތެރެއަށް ވަނުމާއި އެކު ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މުޅި ގޭތެރެ ވަނީ ފުއްޕާހަމުން ޖަރީކޮށްފަ އެވެ. އުފަން ދުވަހުގެ އެކި ކަހަލަ ލިޔުންތަކުން މުޅި ސިޓިންގރޫމްގެ ފާރު ވަނީ ޒީނަތްތެރި ކޮށްފަ އެވެ. ނާޒް އާއި ޒާހިދު ހެވި ދިލިފައި އެމީހުންގެ ދަރިފުޅު ޒޯޔާއަށް ބަލަހައްޓައިގެން ހުއްޓެވެ.
” މަންމާ…. ބައްޕާ… އަހަރެން ވަރަށް ސަޕްރައިޒް ވެއްޖެ…. ތީ ހަމަ އެއްވަނަ… ” ޒޯޔާ ވީ އުފަލެއްގެ ބޮޑުކަމުން ގޮސް ނާޒް އާއި ޒާހިދުގެ ގައިގައި އޮޅުލައިގަތެވެ.
” ދަރިފުޅާ އަވަހަށް ކޭކު ފަޅާ…. ” ޒޯޔާގެ އަތަށް ކޭކު ފަޅަން ނާޒް ވަޅި ދިއްކޮށްލި އެވެ. ވަރަށް އުފާވެރި ވަގުތުތަކެއް ޒޯޔާ އޭނާގެ މަންމަ އާއި ބައްޕަ އާއި އެކު ހޭދަކުރަމުން ގެންދިޔަ އެވެ. ޒޯޔާއަށް ލިބޭ ކޮންމެ އުފަލަކީ ނާޒް އާއި ޒާހިދު އަށް ވެސް ލިބޭ އުފަލެކެވެ. އެމީހުން އަބަދުވެސް މަސައްކަތް ކުރަނީ އެމީހުންގެ ދެ ދަރިން ކަމުގައިވާ ޒޯޔާ އާއި އަޒާން އުފަލުގައި ތާއަބަދު ބަހައްޓަންށެވެ.
” ދަރިފުޅާ ޒޯޔާ…. މިއޮތީ ދޮންބެ ގުޅާފަ… ” ކޭކު ކޮޅެއް ކައިލަމުން ނާޒް އޭނާގެ ފޯނު ޒޯޔާގެ އަތަށް ދިއްކޮށްލި އެވެ.
” ޒޯޔާ ކޮއްކޯ… ހެޕީ ބާރތްޑޭ… ދޮންބެ ނުލާ ޕާޓީ ބާއްވަނީ ދޯ؟؟؟ ” އަޒާން ހީނލަމުން ބުނެލި އެވެ.
” ތޭންކްސް ދޮންބޭ… ދޮންބެ މަތިން ވަރަށް ހަނދާން ވޭ… ދެން އަވަހަށް ކިޔަވާ ނިމިގެން އާދޭ…. ” ޒޯޔާ ވަރަށް އުފަލުން ހުރެ އަޒާން އާއި ފޯނުން ވާހަކަ ދައްކަމުން ގެންދިޔަ އެވެ.
ހައިލަމް އަށް ހަރަކާތް ކުރެވެން ފެށި، ރަނގަޅަށް ހޭ އެރުމާއި އެކު ޒައިނަބު އާއި ހައިލަމް އެ މީހުންގެ ދަރިފުޅު މީކާގެ މޫނު ބަލައިލަން ދިޔަ އެވެ. ދިރި ހުރި ކަމުގައި ވިޔަސް އެ ދެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތް ކަހަލަ އެވެ. ހިތާމައިގެ ކަޅު ބޯ ވިއްސާރަ ވިލާތަކުން ޒައިނަބު އާއި ހައިލަމްގެ މުޅި ދިރިއުޅުން ވަނީ ބައްދާލައިފަ އެވެ. އުފާވެރި އުޖާލާ ދިރިއުޅުމެއްގައި އުޅެމުން ދިޔަ އެ ދެމަފިރިންގެ ޙަޔާތުގައި ދިއްލާލި ހަމަ އެކަނި އުއްމީދުގެ ހުޅުކޮޅު މިއަދު މިވަނީ ނިވިފަ އެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތް ފަދަ ހިތްދަތި ކަމެއް އެ ދެމަފިރިންގެ ދިރިއުޅުމަށް ވަނީ ފައުޅުވެފަ އެވެ.
” ދަރިފުޅާ… މީ… މީކާ… ” ކަފުން މައްޗަށް ނަގައިފައިވާ ކުޑަކުޑަ މީކާގެ ހަށިގަނޑު ފެނުމާއި އެކު ޒައިނަބުގެ ހިތް ފަޅައިގެން ދިޔަ ކަހަލަ އެވެ. އޭނާގެ ހަށިގަނޑުގެ ހުރިހާ ނާރެއް ހެން ހީވީ ފިތިގެން ގޮސް ޗިސްޗިސް ވެދަނީ ހެންނެވެ. ހިތަށް ވީ ތަދުން ހިތް ތެދަން ނުވީ ހަމަ ކިރިޔާ އެވެ. ހައިލަމްގެ ޙާލަކީ ވެސް ހަމަ މިއީ އެވެ. ޒައިނަބުގެ ކެތްތެރިކަން ކޮޅުންލި އެވެ. ދުވެފައި ގޮސް ފުރާނަ ނެތް މީކާގެ ހަށިގަނޑުގައި ބައްދައިގަތެވެ.
” ދަރިފުޅާ މީކާ…. ތީ މަންމަގެ ފުރާނަ…. މަންމަ ދުނިޔޭގަ ބަހައްޓާފަ…. މަންމަ ގެ ފުރާނަ ވަކިކޮށް ނުލާ… މަންމަ ކިހިނެއް ދަރިފުޅާ ނުލާ އުޅޭނީ….؟ ތީ މަންމަގެ ހުރިހާ ވެސް އުފާ… މަންމަ ދުނިޔޭގަ ބިނާކުރި ހަމަ އެކަނި އުއްމީދުގެ އަލި ކަމަކީ ތީ.. ތި ދަރިފުޅު… ހެޔޮނުވާނެ… މި ކުޑަކުޑަ ދެލޯ ހުޅުވާލާފަ…. މަންމަ އަށް ބަލާލަބަލަ….. މަންމަގެ މި ކަރުނަތައް ފޮހެލަދީ…. މަންމަގެ މި ކޮލަށް ލޯބިން ދޮނެއް ދީބަލަ…. ދަރިފުޅާ…. މީކާ…. ” ޒައިނަބު އޭނާގެ އަޑުގެ ނެތް ކޮޅަށް ރޮމުން ދިޔަ އިރު ޒައިނަބު ރަމަތަ ކުރުމަށް އިޝްވާ އާއި ކައިރީގައި ތިބި މީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. ހައިލަމް ފާރަށް ލެނގި ލައިގެން ގުނޑެލާނެ ހިތްވަރު ވެސް ނެތިފައި ހުރެވުނެވެ.
މުޅި މާޙައުލުން ފެންނަމުން ދިޔައީ ހިތާމައިގެ ވޭނީ މަންޒަރު ތަކެވެ. އެ މަންޒަރު ބަލަން ހުރި ކޮންމެ މީހެއްގެ ހިތުގެ އެންމެ ފުންމިނަށް ހިތި ހިތްދަތި އަސަރެއް ކުރާނެ ކަން ޔަޤީންނެވެ. މުޅި ތަން ގުގުމަމުން ދިޔައީ ރުއިމާއި ގިސްލުމުގެ އަޑުންނެވެ. މައި ލަގޮނޑިއަށް ކެތް ނުވެގެން މަޔަކު ތެޅޭތެޅުން ކިތަންމެ ހާވެސް އަސަރު ގަދަކޮށް މިތަނުން ދިޔައީ ފެންނަމުންނެވެ. މި ސަރަހައްދަށް އެއްވެފައި ވާ މީޑިއާގެ ފަރާތްތަކާއި ފުލުހުން ގެ މޫނުމަތިން ވެސް އަންގައި ދެމުން ދިޔައީ ހަމަ އެންމެ ވާހަކަ އެކެވެ. އެމީހުންނަށް ކޮށްފައިވާ ފުން އަސަރުތަކެވެ. ބައެއް މީޑިއާ ފަރާތްތަކުން އެ ފަރާތްތަކުގެ ލޮލުން ފާއްދާލަމުން ދިޔަ ކަރުނަތައް ފޮރުވުމަށް ރުމާ އަކުން ކަރުނަތައް ފޮހެމުން ދިޔަ އެވެ.
***
ހަވީރުގެ މަރިޔާދު ވަގުތެވެ. މީކާގެ ކަށުކަމާއި ކެމީގެ ކަންތައް ނިމިއްޖެ އެވެ. ޒައިނަބު އާއި ހައިލަމް އިނީ އެމީހުންގެ ގޭގެ ސިޓިންގރޫމްގަ އެވެ. ހަވީރުގެ ހިތްގައިމު ވަގުތުގެ ހަމަޖެހުން އެ ދެމީހުންގެ ހިތަކަށް އެއްގޮތަކަށް ވެސް ނުލިބެ އެވެ. މުޅި ގެއިން ފެންނަމުން ދިޔައީ ހަމަހިމޭން ކަމެވެ. މުޅި ގޭގައި އެއްވެސް ދިރުމެއް ނެތް ކަހަލަ އެވެ. މުޅި ގޭތެރޭގައި މަޖާކޮށް އުޅެމުން ދިޔަ މީކާގެ ވަކިވެ ދިޔުން، ޒައިނަބު އާއި ހައިލަމްއަށް ވީ ހިތަށް ކުޅަދާނަ ކަމަކަށް ނޫނެވެ. އެ ދެމީހުންގެ ކައިވެންޏަށް 10 އަހަރު ވީ އިރު ލިބުނު ހަމަ އެކަނި ދަރިފުޅު ވަކިވުމާއި އެކު އެ ދެމަފިރިން ދިރިއުޅުމަށް ކުރި ހުރިހާ އުއްމީދު ތަކެއް ވަނީ ހުއްޓިފަ އެވެ. ޒައިނަބު އާއި ހައިލަމްގެ މުޅި ދިރިއުޅުން ވަނީ ހިމޭންވެފަ އެވެ. އެ ދެމީހުންގެ ލޯބީގެ ދުނިޔޭ ގައި ވާ އެންމެ އަގު ބޮޑު، އެންމެ މުހިންމު ވި މީކާ މިވަނީ އަބަދަށް އެ ދެމަފިރިންގެ އަތުން ގެއްލިގެން ގޮސްފަ އެވެ.
ސިޓިންގރޫމްގައި އެތައް އިރަކު ހަމަހިމޭން ކަމާއި އެކު ހައިލަމް އާއި ޒައިނަބު އިނެވެ. ދައްކަން ވީ ކޮން ވާހަކައެއް ކަންވެސް އެކަކަށް ވެސް ނޭނގެ އެވެ. ކުރަން ވީ ކޮންކަމެއް ކަން ވެސް، ދާންވީ ތަނެއްވެސް ނޭނގި އެ ދެމީހުން ވެސް މުޅި ދުނިޔެ މަތިން ފޫހި ވެފައިވާ ފަދަ އެވެ. ސޯފާގައި އިސްދަށަށް ޖަހައިގެން އިން ހައިލަމް އޭނާގެ އިސް ނަގަމުން ޒައިނަބަށް ބަލައިލި އެވެ.
” ޒައި… އަހަރެންގެ ކުރިމަތީގަ މީކާ މިދުނިޔެ ދޫކުރީ… އަހަރެން ސައިކަލު ޕާރކް ކޮށްފަ..” ހައިލަމްގެ އަރު ތެރޭގައި ބަސްތައް ތާށިވި ކަހަލަ އެވެ. ހައިލަމް އޭނާގެ މޫނުމަތީގައި އަތްއަޅައި ރޯން ފެށި އެވެ. ދަރިއެއްގެ ވަކިވެ ދިޔުމަކީ ބަފަޔަކަށް ވެސް ބަޔާން ކޮށް ނުދެވޭނެ ވަރުގެ ހިތްދަތި ކަމެއް ލިބޭނެ ކަމެކެވެ. ޒައިނަބު ސޯފާގައި ގަނބުވެފައި އިނެވެ. ރޯން ވެސް ނޭނގިފަ އެވެ.
” ޒައި.. އެމީހާގެ…. އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް.. އަހަރެމެންގެ ކުޑަ ކުޑަ މީކާ….. ފުނޑާލާފަ.. ޗިސްޗިސް ކޮށްލާފަ… ފިލާ ރައްކާ ވެގެން ދިޔައީ… އަހަރެން ފުލުހަށް ހުރިހާ ވާހަކައެއް ޙިއްޞާ ކުރިން ” ހައިލަމް ރޮއި ގިސްލަމުން ވާހަކަ ދެއްކި އިރު އޭނާގެ ދަތްދޮޅިން ކަރުނަ ތިކިތައް ފުލުފުލު ގައި ޖަހަމުން ދިޔަ އެވެ. ޒައިނަބަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ޒައިނަބުގެ ލޮލުން ވެސް ހިތާމައިގެ ވޭނީ ކަރުނަތައް އޭނާގެ ފުއްފަ މައްޗަށް ފައިބަމުން ދިޔަ އެވެ. ޒައިނަބު ވަރަށް ހިތްވަރު ކޮށް އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރި އެވެ.
” ހައިލަމް…. މީގެ އެތަކެއް އަހަރެއް ކުރިން… ހަމަ މިދުވަހު… 3 މާރޗްގަ…. އަހަރެންގެ މަންމަ މަރާލުމަށްފަހު…. އަހަރެންގެ ކޮއްކޮ ވަގަށް ނެގީ…. ހަމަ 3 މާރޗްގަ.. އަހަރެންނަށް ލިބުނު ހަމައެކަނި ދަރިފުޅު… މިދުނިޔެ އާއި ވަކިވެގެން ދިޔައީ…. މީ ކޮން ފަދަ ބޮޑު ހިތްދަތި ދުވަހެއް… އަހަރެންގެ މުޅި ޙަޔާތް އެއް ތާރީޚެއްގައި، އެކި އަހަރުތަކުގެ މަތިން މި ވީރާނާ ވެގެން ދަނީ…. ހައިލަމް…. އަހަންނަށް އެހީވެދީ… އާދޭސް ކޮށްފަ މިބުނީ…. ” ހައިލަމްގެ މޭގެ ތެރެއަށް ބޮނޑިވެ ގަނެގެން ޒައިނަބު ރޯން ފެށި އެވެ.
***
” ނާޒް… ގެނެސްދީ ބަލަ ފެން ތައްޓެށް… ” ރޭގަނޑުގެ 8 ގެ ޚަބަރު ބަލަން އިން ޒާހިދު ގޮވާލި އަޑަށް ނާޒް ކޮޓަރިން ނިކުތެވެ. ފަހަތުން ޒޯޔާ ވެސް ފޯނާއި ކުޅެމުން ސިޓިންގރޫމަށް އައެވެ. ޒޯޔާ ސިއްރު ސިއްރުން ސިނާންއަށް ލޯބީގެ މެސެޖުތައް ކުރަމުން އައިސް ސޯފާގައި އިށީންނެވެ.
” މިއަދު އުމުރުން 8 އަހަރުގެ ކުއްޖަކު ކަފިހިހުރަސް މަތިން މަގު ހުރަސް ކަރަނިކޮށް ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ނިޔާވެއްޖެ.. ސައިކަލު ދުއްވަން އިން މީހާ ފިލާފައި ވާއިރު އަދި މިހާތަނަށް އެއްވެސް މީހެއް ހައްޔަރު ކޮށްފަ އެއް ނުވޭ… ނިޔާވެފައި ވަނީ މާފަންނު ހަވޭލި، މީކާ ބިންތި ހައިލަމް…. ”
ތައްޓަށް ފެން ފޮދެއް އަޅައިގެން ނާޒް ހިނގައިގަތް ތަނުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އިވުނު ޚަބަރަކުންނެވެ. ހަމަ އެއާއި އެކު ނާޒްގެ އަތުން ފެން ތަށި ދޫވެގެން ގޮސް ތަށިމުށިގަނޑު މައްޗަށް ވެއްޓުނެވެ.
” މީކާ… ހައިލަމް… ” ނާޒްގެ ލޯ ވަގުތުން ފެންކަޅިވި އެވެ. ހައިރާންވެ ހުރެ ޒާހިދާއި ޒޯޔާއަށް ބަލައިލެވުނީ ނާޒްގެ މޫނަށެވެ.
-ނުނިމޭ-
One Comment
Comments are closed.


Varh reethi….whn nxt…..