Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 15

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 24, 2019 10 Mins Read
8 Comments

“މި ރެއަކު ތި ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ނަޒްހާއާ ނައިހާއަކަށް ނޫން ނާޔާގެ ކަންތައް ނިންމަން ޖެހޭ ގޮތް އެނގޭނީ. އަހަރުމެންނަށް ނާންގާ، އަހަރުމެންގެ ލަފާ ނާހާ ކަންތައް ކުރީމަ ވާ ގޮތް ނައިހާއަށް އެނގިފަ އޮންނާނީ. އެވަރު ނުވިސްނިގެން ދެން ތިބި މީހުން މި އުޅެނީ” ނަރީމާ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބުންޏެވެ.

“މަންމާ…!” ނައިހާއަށް ބަލާލާފައި ނަޒްހާ ނަރީމާއަށް ގޮވާލިއެވެ.

“މި ހުރިހާ ދުވަހުވެސް އެއްޗެއް ނުބުނަމެއްނު؟ އެކަމަކު ނުހުރެވޭ ވަރު ވީމަ މި ބުނީ. އޭރު ނައިހާ ކައިރީ ކިހާ ވަރަކަށް ބުނިން އަދި އިހަށް މަޑު ކުރާށޭ މަޑު ކުރާށޭ؟ އެކަމަކު އަޑު އެހިންތަ؟ އެންމެ ފަހުން ކިހިނެއް ވީ؟ ދެން ހުރީ ނޫރާ. އެހާ ވަރުގެ ކަމެއް ހިނގާ ދިޔަ އިރުވެސް ނޫރާއަށް އެއްވެސް މީހެއް ކައިރީގަ ނުބުނެވުނު. އެކަންތައް ސިއްރު ކުރީ ކޮން މޮޅެއް ވާނެ ކަމަށް؟ ސިއްރު ކޮށްގެން އެއްވެސް ފައިދާއެއް ވިތަ؟

ނާޔާ އެ ކަމެއް ކުރަން ފެށީމަވެސް އެކަކުވެސް އަހަރުމެން ކައިރީ ބުނުން މުހިންމު ކަމަކަށް ނުދެކުނު. އަޅެ ނައިހާއަށް ދިމާވި ކަންތަކަށް ފަހުވެސް އެ ވާހަކަ ބުނަން އެކަކުވެސް ހިތަށް ނާރާތަ؟

އަހަރުމެންނަށް މާ ބޮޑަށް އަންހެން ދަރިންނަށް މިނިވަން ކަން ދެވުނީ ހެން ހީވަނީ. ކޮންމެ މީހަކަށްވެސް ހީވަނީ އެ މީހަކަށޭ އެންމެ ރަނގަޅު ގޮތް އެނގެނީ. ކަމެއް ކުރާ އިރު އަހަރުމެން ކައރީ ބުނުމެއް، ލަފާ އަހާލުމެއް ނޯވޭ. އަހަރެން ހީކުރީ އެހެން އެންމެންނަށް ވުރެ ބޮޑަށް ނައިހާއަށް ވިސްނޭނެ ކަމަށް. އެކަމަކު އެހެންނެއް ނުވިއެއްނު؟

އެކަކުވެސް ނުވާނެ ނާޔާއަށް އެހީ ވެ ދީގެންނެއް. ފޯނުވެސް އިހަށް ނުގެންގުޅުނިއްޔާ ކަންނޭނގެ ރަނގަޅު ވާނީ. ނައިހާ، ޔާނިއު ކައިރީ ބުނޭ ދުވަސްކޮޅަކަށް ނަމަވެސް އިހަށް މި ގެއަށް ނާންނާށޭ” ނަރީމާ އެހެން ބުނެފައި އެކަކަށްވެސް ބަލާލުމެއް ނެތި ކޮޓަރިއަށް ވަނެވެ.

ނައިހާގެ ބޮލުގައި ފިރުމާލާފައި ނަވާފް ދިޔުމުން ޝާލިޔާވެސް ނަވާފްގެ ފަހަތުން ކޮޓަރިއަށް ދިޔައެވެ.

ނޫރާ އިސް އުފުލާ އަދީމްއާ ދިމާއަށް ބަލާލިއެވެ.

“އައިމް ސޮރީ…!” ނޫރާ ބުންޏެވެ.

އަދީމް އިރުކޮޅަކު ނޫރާގެ މޫނަށް ބަލަން ހުރެފައި ޖަވާބެއް ނުދީ އެ ގެއިން ނިކުތެވެ. އަދީމް ދިޔަތަން ބަލަން ހުރި ނޫރާ، ލޮލުން ކަރުނަ އަންނަން ފެށުމުން، ލޯ ފޮހެމުން މައްޗަށް އެރިއެވެ.

އެ ވަގުތު ކާ މޭޒުމަތީ ހުރި ބޭބީ މޮނިޓަރުން އަނުމްގެ ރުއިމުގެ އަޑު އިވެން ފެށުމުން ނައިހާވެސް މައްޗަށް އެރިއެވެ.

ޝާދު އައިސް ނަޒްހާގެ ކޮނޑުގައި އަތް ޖައްސާލުމާއެކު ރޮވިފައި ހުރި ނަޒްހާ ޝާދުގެ މޭގައި މޫނު ފޮރުވާލިއެވެ.

“ދާން ވީތަ؟” ޝާދު އަހާލިއެވެ.

ނަޒްހާ ދުރަށް ޖެހިލަމުން މޫނު ފޮހެލާފައި ބޯ ޖަހާލިއެވެ. ސޯފާގައި އިން އިޝާމްއަށް ހަނާ އަޅާލަމުން ޝާދު ނަޒްހާ ގޮވައިގެން ނިކުތެވެ.

އިރުކޮޅަކު އެހެން އިނދެފައި އިޝާމް ތެދުވެގެން ސިޑިން މައްޗަށް އަރަން ފެށިއެވެ.

ލައްޕާލާފައި ހުރި ދޮރުގައި ޓަކި ޖަހާލަން އުޅެފައިވެސް އިޝާމް އެ ދޮރު ހުޅުވާލީ، އަނުމް ނިންދަވަން އިން ނަމަ ނައިހާއަށް އުނދަގޫ ވެދާނެތީއެވެ. ދޮރު ހުޅުވާލި އަޑަށް އަނުމް އުނގަށް ލައިގެން އިން ނައިހާ ބަލާލިއެވެ. އިޝާމް ފެނުމުން ނައިހާ އިސް ޖަހާލިއެވެ.

“ޔޫ އޯކޭ؟” ނައިހާ ކައިރީގައި އިށީންނަމުން އިޝާމް އަހާލިއެވެ.

ނައިހާ ބޯ ޖަހާލިއެވެ.

“މަންމަ އެހެން ބުންޏަސް ދެރަ ނުވައްޗޭ” ނައިހާގެ މޫނުގައި އަތް ޖައްސާލަމުން އިޝާމް ބުންޏެވެ.

“އަހަރެން ކަންބޮޑު ވަނީ ނާޔާއާ ދޭތެރޭ… އޭނަ ކިހާ ދެރަ ވާނެ؟ އެހެން ނޫނަސް ވީ ކަމެއްގަ ޔާނިއުގެ ކުށެއް ކޮބާ؟ ކީއްވެ އެ ދެ ކުދިންނަށް އެހެން ވާން ވީ؟” ނައިހާ ކަންބޮޑު ވެ، ދެރަ ވަނީ ނާޔާއާ ޔާނިއުއަށް ވީ ގޮތުންނެވެ.

“އަދި މަންމަމެންނަށް ވިސްނޭނެ. ނާއިލް އެއީ އަބަދުވެސް މާ އަވަހަށް ރުޅި އަންނަ މީހެއް. އޭނައަށް ވިސްނައިދެވޭތޯ އަހަރެން ބަލާނަން. ނައި ދެރަ ނުވޭ… ދުވަސްކޮޅަކުން ހުރިހާ ކަމެއްވެސް އޯކޭ ވާނެ. ތިންކް ޕޮޒިޓިވް” ނައިހާ ދެރަ ވެފައި އިން ކަން އެނގިގެން އިޝާމް ބުންޏެވެ.

ނައިހާ އެއްޗެއް ނުބުނެ އިޝާމްއަށް ހިނިތުންވުމެއް ދިނެވެ.

“ދެން ދަނީ” އިޝާމް ތެދުވަން އުޅުނެވެ.

“އިޝާމް، ދޮންބެއާ ވާހަކަ ދައްކައްޗޭ” އިޝާމްގެ އަތުގައި ހިފާލަމިން ނައިހާ ބުންޏެވެ.

“އާނ، ނައި ކަންބޮޑު ނުވޭ، ނާއިލްއަށް އަދި ވިސްނޭނެ” އިޝާމް އެހެން ބުނެފައި ތިރިވެ ނައިހާގެ ނިތްކުރީގައި ބޮސްދީފައި ނިކުތެވެ.

 

އަނެއް ދުވަހު ނޫރާ ހޭލި ގޮތަށް އަދީމްއަށް ގުޅިއެވެ. ދެ ފަހަރު ގުޅުމުންވެސް އަދީމް ފޯނަށް ޖަވާބެއް ނުދިނެވެ. ދެރަ ވީ ވަރުން ރޮވިފައި އިން ނޫރާއަށް ނާޔާ ގޮވާލުމުން ބަލާލިއެވެ.

“ކިހިނެއް ވީ؟” ނޫރާ ކައިރީ އިށީނދެފައި ނާޔާ އެހިއެވެ.

“އަދީމް ރޭގަ ދިޔައީ ރުޅި އައިސްގެން ކަންނޭނގެ… އަހަރެން ގުޅީމަ ފޯނެއް ނުނަގާ…” ނޫރާ ޖަވާބު ދިނެވެ.

“ވެދާނެއެއްނު ފޯނު ދުރުގަ އޮތް ވަގުތެއް ކަމަށްވެސް؟ ތަންކޮޅެއް ފަހުން ގުޅާލަބަލަ. ތިއްތަ ގުޅައިގެން ތިއްތަބޭ ނުހުންނާނެ ފޯން ނުނަގައެއް” ނާޔާ ބުންޏެވެ.

ނޫރާ ބޯ ޖަހާލިއެވެ. އިރުކޮޅަކު އިނދެފައި ނޫރާ ކޮއްކޮއާ ދިމާއަށް ބަލާލިއެވެ.

“ނާ… ޔޫ އޯކޭ…؟” ނޫރާއަށް އަހާލެވުނީ ނާޔާއާ މެދު ކަންބޮޑު ވީ ވަރުންނެވެ.

“އައިމް އޯކޭ… ނޫން… އޯކޭއެއް ނޫން… ނޭނގެ…” ނާޔާ ބުނެލިއެވެ.

ނޫރާ އެއްޗެއް ނުބުނެ ކޮއްކޮ ގައިގައި ބައްދާލިއެވެ.

“މީ އެ ޔަޒާންގެ ކަންތައް. ދޮންތައާ އަހަންނާ ނާއަށްވެސް މިހެން މި ދިމާވީ އޭނައާ ހެދި” ނޫރާ ބުނެލިއެވެ.

“ތިއްތާ، އަސްލުވެސް މަންމަމެން ގަބޫލެއް ނުވާނެތަ އަހަރެން ޔާނިއުއާ ވާހަކަ ދައްކާކަށް؟” ދުރަށް ޖެހިލަމުން ނާޔާ އަހާލިއެވެ.

“ނޫން، އަދި މަންމައަށްވެސް ވިސްނޭނެ ޔަޒާން ކުރި ކަމެއްގަ ޔާނިއުގެ ކުށެއް ނެތް ކަން. އޭރުން އޯކޭ ވާނެ. ނާޔާ ދެރަ ނުވޭ. އަދި ދުވަސްކޮޅެއް ވަންދެން ކެތް ކޮށްލާ” ނޫރާ ކޮއްކޮއަށް ހިތްވަރު ދޭން މަސައްކަތް ކުރިއެވެ.

“ތިއްތަބޭ ރޭގަ އެއްވެސް އެއްޗެއް ބުނިތަ؟” ނޫރާވެސް އިނީ ކަންބޮޑު ވެފައި ކަން ހަނދާން ވެގެން ނާޔާ ސުވާލު ކޮށްލިއެވެ.

“އެއްވެސް އެއްޗެއް ނުބުނޭ، އެކަމަކު ހިތްހަމަ ނުޖެހިފަ ހުންނާނީ. ތިއްތަ ނުބުނީމަ ރުޅިވެސް އަންނާނެ ކަންނޭނގެ… ރޭގަ އެ ވަގުތު ސޮރީއޭ ބުނީމަވެސް އެއްޗެއް ނުބުނެ ދިޔައީ…” ނޫރާއަށް އެހެން ބުނެވުމާ އެކު ރޮވުނީ ރޭ އަދީމް ހުރި ގޮތް ހަނދާން ވެފައެވެ.

އެ ކަންތައް ސިއްރު ކުރުމުން އަދީމް އެ ހުރީ ނޫރާ ދެކެ ރުޅި އައިސްފައެވެ. އެ ނޫނީ އެއްވެސް ކަމެއް ނޫރާ އެހާ ތަނަށް އަދީމްއަށް ސިއްރެއް ނުކުރެއެވެ. އެ ކަންވެސް ސިއްރު ކުރީ ކީއްވެތޯ ބުނެދޭން ނޫރާ ބޭނުމެވެ. ނަމަވެސް އަދީމް އަޑު އަހާނެ ހެއްޔެވެ؟

ކޮލެޖަށް ދާ ހިތް ނުވެ ހުރެވެސް ނޫރާ ތެދުވެ ތައްޔާރު ވިއެވެ. ކޮލެޖަށް ގޮސްފައިވެސް ހަތަރު ފަހަރަށް ނޫރާ އަދީމްއަށް ގުޅިއެވެ. ނަމަވެސް އަދީމް އެ ފޯނަށް ޖަވާބެއް ނުދިނެވެ.

ނޫރާ ގެއަށް އައި އިރު، ރޭގައި ނިދަން ލީ އެއްޗެއްސާ އެކު ނާޔާ އެނދުގައި އޮތެވެ.

“ނާޔާ، މިއަދު ނުވެސް ތެދުވަންތަ؟” ނޫރާ ހައިރާން ވެފައި އަހާލިއެވެ.

“ނުވޭ ތިރިއަށް ދާ ހިތެއް” ނާޔާ ބުންޏެވެ.

“އެއްޗެއް ކައިގެންތަ ތި އޮތީ؟” ދަބަސް ބަހައްޓާފައި ނޫރާ އައިސް ނާޔާ ކައިރީ އިށީނެވެ.

“ތުއްތުބޭދައްތަ އައި ހެނދުނުވެސް މެންދުރުވެސް… އެކަމަކު ދާ ހިތް ނުވީމަ އޮތީ” ގޭ މީހުންނާ ކުރިމަތި ލާން ނާޔާ ބޭނުން ނުވާ ކަހަލައެވެ.

“ދެން ނާ… ނުކައި އޮންނާކަށް ނުވާނެއެއްނު؟” ނޫރާ ކަންބޮޑުވިއެވެ.

“ހެޔޮ! ކާކަށް ބޭނުމެއް ނޫން. އަހަރެން ނުކައި އޮތަސް މި ގޭ މީހުންނަށް ކޮން ކަމެއް؟ މަންމައަށްވެސް މުހިންމު ވަނީ ތުއްތުބޭ ބުނާ ގޮތް ހެދުން ވިއްޔަ. ބޭނުމެއ ނޫން ކާކަށްވެސް ކިޔަވާކަށްވެސް އެހެން ކަމެއް ކުރާކަށްވެސް” ނާޔާގެ އަޑުގައި ވަނީ ގޮތްދޫ ނުކުރުމެވެ.

“ނާ… ތިއްތަވެސް އަދި ނުކަން އެއްވެސް އެއްޗެއް، ތިއްތައާ އެކީ ކާން ދާން ވީނު؟” ނާޔާ ގައިގައި ފިރުމާލަމުން، ނޫރާ އެހެން ބުނީ، ކާ ހިތް ނުވެފައި ހުރި ނަމަވެސް ނާޔާ ނުކައި އޮތުމުންނެވެ.

“ތިއްތަ ބަނޑުހައި ވަންޏާ ދޭ ކާލަން، އަހަރެން ކާ ހިތެއް ނުވޭ” ރޮވެން ފެށުމުން ބާލީހުގައި މޫނު ޖައްސާލަމުން ނާޔާ ބުންޏެވެ.

 

އިރުކޮޅަކު ނާޔާއަށް ބަލަން އިނދެފައި ނޫރާ ގޮސް ނައިހާގެ ކޮޓަރިއަށް ވަނެވެ.

“ނޫ، ދެންމެތަ ތި އައީ؟ ކައިފިންތަ؟” ނޫރާ ފެނުމުން ނައިހާ އަހާލިއެވެ.

“ބަނޑުހައެއް ނުވޭ. އަނުމް އުރާލަންތަ؟” ނައިހާއާ ދިމާއަށް ބަލާނުލާ ގޮސް އަނުމްގެ އެނދު ކައިރީ ނޫރާ ހުއްޓިލިއެވެ.

“ނޫރާ… ދޮންތަ ދެކެ ރުޅި އައިސްފަތަ؟” ނައިހާ އަހާލިއެވެ.

“ނޫން… ދޮންތަ ދެކެ ރުޅި އަންނަން ވީ ކީއްވެ؟” ނޫރާ ނައިހާއާ ދިމާއަށް އެނބުރުނެވެ.

“ނޭނގެ. ނާޔާ އެއޮތީ މިއަދު އެއްވެސް އެއްޗެއް ނުކައި، ދޮންތަ ކައިރިއަށް ނުވެސް އާދޭ. އެ ކޮޓަރިއަށް ދިޔައިމަވެސް އަނުމް އުރާލައިގެން އިނީ ދޮންތައާ އަނގައިންވެސް ނުބުނެ” ނައިހާ ދެރަވެފައި އިނދެ ބުންޏެވެ.

“އެއްވެސް ކަމެއްގަ ދޮންތަގެ ކުށެއް ނެތް ކަން އަހަންނަށް އެނގޭ. މަންމަ ރޭގަ އެ ވާހަކަތައް އެހެން ބުންޏަސް ދޮންތަ ދެރަ ނުވާތި އިނގޭ!” ނޫރާ އައިސް ނައިހާ ކައިރީ އިށީނދެ ނައިހާގެ އަތުގައި ހިފާލިއެވެ.

“އަދީމް ކީކޭ ބުނީ؟” ނައިހާ އަހާލިއެވެ.

“އަހަރެން ގުޅީމަ ފޯނެއް ނުނެގި، ރުޅި އައިއްސަ ކަންނޭނގެ…” ނާޔާ ކައިރީ ހިތްވަރު ކުރި ނަމަވެސް ނައިހާ ކައިރީ އިނދެ ނޫރާއަށް ރޮވުނެވެ.

“އަދި ގުޅާބަލަ، ވެދާނެއެއްނު ބިޒީ ވަގުތެއްގަ ކަމަށް ނޫއަށް ގުޅުނީ؟” ނައިހާ ބުންޏެވެ.

“ނޫން… މިހާރު ގުޅިއްޖެ އަށް ފަހަރު… އެއް ފަހަރުވެސް ނުނަގާ… އަދީމް އެހެރީ ރުޅި އައިއްސަ…” ނޫރާ ދެ އަތުން މޫނު ފޮހެލިއެވެ.

“އަދިވެސް ގުޅާ، ނޫރާ ވާނެ އަދީމްއަށް އެކްސްޕްލެއިން ކޮށްދޭން” ނައިހާ ބުންޏެވެ.

“އޭނަ ދެން އަހަންނާ ވާހަކަ ދައްކަން ބޭނު ނުވިއްޔާ…؟” ނޫރާ އަހާލިއެވެ.

“ނޫން… އެހެންނެއް ނުވާނެ. ހިތްހަމަ ނުޖެހިފަ ހުރީމަ ކަންނޭނގެ އަދި ފޯން ނުނަގާ އެ ހުންނަނީ. އަދީމް ނޫރާ ދެކެ ވަރަށް ލޯބިވޭނު؟ އޭނަ އެހާ ފަސޭހައިން ނޫރާ ދޫކޮށެއް ނުލާނެ” ނައިހާއަށް އެ ޔަގީންކަން އޮތެވެ.

“ދޮންތައަށް ހަމަ ތިހެން ހީވޭތަ؟” ނޫރާ އަހާލީ އެކަން ޔަގީން ކުރަން ބޭނުން ވެގެންނެވެ.

“އާނ! ދޮންތައަށް ޔަގީން. އަދީމް ދޫކޮށްލަން ނޫރާވެސް ބޭނުން ނުވާ ކަން އަންގަން ވާނެ. މިއަދު ބަލާފަ އަދީމް ފޯން ނުނެގިއްޔާ އެހެން ގޮތެއް ވިސްނާނީ. ދޮންތައަށް ހެދުނު ކަހަލަ މިސްޓޭކްއެއް ނޫރާ ހަދައިގެން ނުވާނެ” ނައިހާ ބުނެލިއެވެ.

“ދޮންތާ… ނާޔާއަށް ކިހިނެއް ހަދާނީ؟” ނޫރާ އަހާލީ ކޮއްކޮއަށް އެހީ ވުމަށް ކުރެވޭނެ ކަމެއް ނުވިސްނުމުންނެވެ.

“ތުއްތުބޭ ރުޅި މަޑު ވީމަ އެކަމާ ކަމެއް ވާނީ. ދޮންތަ އެހާ ފަސޭހައިން އެކަން ދޫކޮށެއް ނުލާނަން. ޔާނިއުއަކީ ނުލާހިކު ރަނގަޅު ކުއްޖެއް. ޔަޒާން ކުރި ކަމެއްގަ ޔާނިއު ކުށްވެރި ކޮށްގެން ނާޔާގެ އުފަލަށް އެ ގޮތަށް ހުރަސް އެޅިޔަކަ ނުދޭނަން. އިޝާމްވެސް ބަލާލެ ތުއްތުބޭއަށް ވިސްނައިދެވޭތޯ. އެކަމަކު ނާޔާ ކައިރީ އެ ވާހަކަ ނުދައްކާތި އިނގޭ” ކޮއްކޮމެންގެ އުފަލާމެދު ނައިހާ ވިސްނާ ކަން ނޫރާއަށ ްޔަގީން ވިއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ ނާޔާއަށް ޓަކާ ނައިހާ މަސައްކަތްބކުރާނެ ކަން އެނގުމުންނެވެ.

އެ ރެއާ އަނެއް ދުވަހުވެސް އަދީމް ނޫރާގެ ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެ ފަހުން ނަޒްހާއާ ނައިހާ ވެގެން އެކަމަށް ފިޔަވަޅެއް އަޅަން ނިންމިއެވެ.

ނޫރާ ކޮލެޖުން އައިސް ކޮޓަރިއަށް ވަން ގޮތަށް ނުނިކުމެ އޮތީއެވެ. ނާޔާއާ ނޫރާއާ ދެ ކުދިންވެސް އެހެން ތިބީއެވެ. ހަވީރު ނަޒްހާ އައުމުން ނޫރާއަށް ކަންތައް ދިމާވި ގޮތް ކިޔައިދިނީ ނައިހާއެވެ.

“ދެން…؟ ކިހިނެއް ހަދާނީ؟” ނަޒްހާ އަހާލިއެވެ.

“ނަޒް އަހަރެން ބުނާ ގޮތަކަށް ކަންތައް ކޮށްދީބަލަ. ހަވީރު ދޭ ނޫރާ ގޮވައިގެން އެ ގެޔަށް. އަދީމް އުޅެންޏާ އެ ދެ މީހުން ވާހަކަ ދައްކައިގެން އެ ކަން ހައްލު ކުރާނެ. އަހަރެންގެ ހިތް ބުނަނީ ނޫރާ ފެނުނީމަ އަދީމްއަށް އެހެން ރުޅި އައިސްގެނެއް ނުހުރެވޭނެޔޭ” ނައިހާ ބުންޏެވެ.

“ނޫރާ ދާނެތަ؟” ނަޒްހާ އެހިއެވެ.

“އާނ، ނަޒް އޭނަޔާ އެކީ ދަންޏާ ދާނެ. އެކަނި ދާން ނުކެރޭނީ” ނައިހާ ބުންޏެވެ.

ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ނަޒްހާއާ ނޫރާ އަދީމްމެން ގޭ ބެލް ޖަހާލިއެވެ. ދޮރު ހުޅުވީ އެ ގޭގައި ގެންގުޅޭ އިންޑިޔާ މީހެކެވެ.

“އަދީމް އުޅޭތަ؟” ނަޒްހާ އަހާލިއެވެ. އެ މީހާ ބޯ ޖަހާލަމުން ނަޒްހާމެން ވަންނަން ތަން ދެއްކިއެވެ.

“ނޫރާ ދޭ، ތުއްތަ މިތާ މަޑުކޮށްލާނަން. އަދީމް ރުއްސާފަ ނިކުންނާތި އިނގޭ. އޯލް ދަ ބެސްޓް!” ސޯފާއާ ހަމަ ވުމުން ނަޒްހާ ބުންޏެވެ.

ހާސްވެފައި ހުރި ނަމަވެސް ބޯ ޖަހާލާފައި ނޫރާ ގޮސް އަދީމްގެ ކޮތަރި ދޮރުމަތީ ހުއްޓިފައި ނަޒްހާއަށް ބަލާލިއެވެ.

ނަޒްހާ ހީ ލާފައި ޓަކި ޖެހުމަށް އިޝާރާތް ކޯށްލިއެވެ.

ފުން ނޭވައެއް ލާފައި ނޫރާ ޓަކި ޖަހާލާފައި މަޑުނުކޮށް ދޮރު ހުޅުވާލާފައި ވަނެވެ.

ޑްރެސިންގ ޓޭބަލް ކައިރީ، ބޮލުގައި ފުނާ އަޅަން ހުރި އަދީމް އެނބުރިފައި ބަލާލިއެވެ. އެއާއެކު ނޫރާ ފެނުމުން އަދީމްއަށް ހުއްޓިފައި ބަލަހައްޓައިގެން ހުރެވުނެވެ.

ދޮރު ލައްޕާލާފައި ނޫރާ ދެ ތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ.

“ރުޅި އައިސްގެންތަ ފޯން ނުނަގާ ހުރީ؟” ނޫރާ އެހިއެވެ.

އަދީމް ޖަވާބެއް ނުދީ އަލަމާރި ކައިރިއަށް ގޮސް ގަމީހެއް ލައިގެން އެނބުރި ގޮށްތައް އަޅުވަން ފެށިއެވެ.

“އަދީމް…” ނޫރާ ގޮވާލިއެވެ.

“އެކަނިތަ ތި އައީ؟” އަދީމް ކުރީ އެހެން ސުވާލެކެވެ.

“އަހަރެން އައީ މާފަށް އެދެން ވެގެން، އަދީމް ކައިރީ ކުރިން ނުބުނީ ކީއްވެކަން ބުނެދޭން ވެގެން… އަޑު އަހާނަންތަ؟” ނޫރާ އެހިއެވެ.

އަދީމް އެއްޗެއް ނުބުނެ ނޫރާއާ ދިމާއަށް ބަލަން ހުއްޓެވެ.

“އަދީމް…” ނޫރާއަށް އަނެއްކާވެސް އަދީމްގެ ނަމުން ގޮވާލެވުނީ އަދީމް ޖަވާބެއް ނުދިނުމުންނެވެ.

“ނޫރާ އެއްވެސް ވަރަކަށް، އެއްވެސް އިރެއްގަ ޔަޒާންއާ… ލައިކް ވިތަ؟ އޭނައަށް ނޫރާގެ ފަހަތުން އުޅެން އެއްވެސް ގޮތަކުން އިންވިޓޭޝަންއެއް ދިނިންތަ؟” އަދީމް އަހާލިއެވެ.

“އަދީމް!” އަދީމް އެ ފަދަ އެއްޗެއް ހިތަށް އަރާފާނެކަން ގަބޫލު ނުކުރެވިފައި ނޫރާއަށް ބުނެވުނެވެ.

“ބުނެބަލަ… އެހެން ވެފަ ނޫރާގެ ދޮންތައާ އޭނަ މެރީ ކޮށްގެން އުޅޭތީތަ ނޫރާ ދެކޮޅު ހެދީ؟ އަހަރެން ދެކުނީމޭ ކޮލެޖް ކައިރިން އޭނަ ނޫރާ ގައިގަ ބައްދައިގެން ހުއްޓާ… ދޮންތަގެ ފިރިމީހާއަށް ވީމަތަ އެ ދުވަހު އޭނަ ގައިގަ ޖެހީ؟” އަދީމް އެ ބުނީ ކޮން ދުވަހެއްގެ ވާހަކަ ކަން ނޫރާއަށް ވަގުތުން އެނގުނެވެ.

“އަދީމްއަށް އަސްލުވެސް ތިހެން ހީވަނީތަ؟” ނޫރާއަށް އަހާލެވުނެވެ.

“ނޫރާ ބުނެބަލަ، އެހެން ހީ ނުވާން ވީސަބަބެއް އެބަ އޮތްތަ؟” އަދީމްގެ ހިތުގައި ނޫރާއާ މެދު ޝައްކު ވީ ނަމަވެސް އެކަން ގަބޫލު ކުރަން އަދީމްއަށް އުނދަގުލެވެ.

“ދުވަހަކުވެސް ޔަޒާންއާ މެދު އަހަރެން އެ ކަހަލަ ގޮތަކަށް ނުދެކެން. އޭނެ އަހަންނާ މެދު އެހެން ދެކޭ ކަން އެނގުނު ދުވަހުން ފެށިގެން އަހަރެން އޭނައަކާ ވާކަހައެއް ނުދައްކަން. އެއްވެސް މީހެއް ކައިރީ އެ ވާހަކަ ނުބުނީ އެއީ އެހާ ރީތި ވާހަކައަކަށް ނުވާތީ. އަދީމް ކައިރީ ނުބުނީ، އެ ކަހަލަ ވާހަކައެއް އެހެން މީހަކަށް އެނގުނީމަ ދޮންތަ ދެރަވެ ލަދު ގަންނާނެތީ… އެހެން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫން….

އަހަރެން ދުވަހަކުވެސް އަދީމް ނޫން މީހަކާ މެދު އެ ގޮތަކަށް ނުދެކެން… އަހަރެންނަށް އަދީމް ފެނުނު ދުވަހުން ފެށިގެން އަދީމް ދެކެ އަހަރެން ލޯބި ވީ… ދުވަހަކުވެސް އެހެން މީހަކު އެ ނަޒަރުން އަހަންނަށް ބަލާކަށްވެސް އަހަރެން ބޭނުމެއް ނޫން…” ނޫރާ ކިޔާދިނެވެ.

އިރުކޮޅަކު ނޫރާއާ ދިމާއަށް ބަލަން ހުރެފައި އަދީމް ބާރަށް ހިނގާފައި އައިސް ނޫރާ ގައިގައި ބައްދާލިއެވެ.

“އައިމް ސޮރީ… އެކި ގޮތް ގޮތަށް ހިތަށް ކަންތައް ސިފަ ވަމުން ދިޔަ އިރު، އެއް ފަހަރުވެސް އަހަރެން ނޫރާގެ ދޮންތައާ މެދު ވިސްނައެއް ނުލަން… އައިމް ސޯ ސޮރީ…” އަދީމް މާފަށް އެދުނެވެ.

“އަހަރެން ދުވަހަކުވެސް އެހެން މީހަކާ މެދު އެ ގޮތަކަށް ނުވިސްނަން… ތީ އަހަރެންގެ ފުރަތަމަ ލޯތްބަކީވެސް، ހަމަ އެކަނި ލޯތްބަކީވެސް…” ނޫރާ ބުންޏެވެ.

“އައި ނޯ… އަހަންނަށް އެނގޭ، އެކަމަކު މާ ބޮޑަށް ޖެލަސް ވެވުނީ…” ދުރަށް ޖެހިލާ ނޫރާގެ މޫނަށް ބަލަން ހުރެ އަދީމް އެހެން ބުނެލީ ހިނި އައިސްފައެވެ.

“އަހަރެން ހާދަ ވަރަކަށް ގުޅިމޭ…” ނޫރާ ބުންޏެވެ.

“އައިމް ސޮރީ!” ނޫރާގެ މޫނުގައި ދެ އަތުން ހިފާލަމުން އަދީމް އަނެއްކާވެސް މާފަށް އެދުނެވެ.

 

ގޭތެޜޭގައި ވީ ކަންތަކަށް ފަހު ހަފްތާއެއް ވީ އިރުވެސް ނާޔާ އެއްގޮތަކަށްވެސް ތިރިއަކަށް ނުފައިބައެވެ. ނުކާން ހުރި ނަމަވެސް ނައިހާއާ ނޫރާ އާދޭސް ކޮށްގެން ކޮންމެވެސް އެއްޗެއް ނާޔާއަށް ކާންދެއެވެ. ފުރަތަމަ ދެ ދުވަހު ނާޔާއާ ވާހަކަ ނުދައްކާ ހުރެފައި ދެން އިތުރަށް ނަރީމާއަކަށް ކެތެއް ނުކުރެވުނެވެ. އެންމެ ކުޑަ ދަރިފުޅު ނުކައި އެހެން އިންނަން ފެށުމުން ދެރަ ވެގެން ނާޔާ ކައިރިއަށް ގޮސް އެހެން ނޫޅުމަށް އެދި ނަސޭޙަތް ދެއެވެ.

ކޮއްކޮ ގައިގައި ޖެހުމުން ނާއިލްވެސް ހުރީ ދެރަ ވެފައެވެ. މާފަށް އެދެން ބޭނުން ވެފައެވެ. އެހެން ނަމަވެސް ނާއިލް ފެންނަ އިރަށް ނާޔާ ކޮޓަރިއަށް ވަންނާތީ ނާއިލް ހުރީ ފުރުސަތެއް ނުލިބިފައެވެ.

އެ ދުވަހު ނާއިލް ނަމާދުން އައިސް ނައިހާގެ ކޮޓަރިއަށް ވަން އިރު، އަނުމް ނިންދަވަން ނާޔާ އިނެވެ. ނޫރާއާ ނައިހާ ތިބީ ނޫރާގެ އެސައިންމެންޓެއް ހަދާށެވެ.

“އަނުމް ނުނިދަންޏާ ދީބަލަ ތުއްތުބޭ އުރާލަން” ނާޔާ ކައިރީ އިށީނދެފައި ނާއިލް ބުންޏެވެ.

ނާޔާ އެ އަޑު އިވޭ ކަމަށްވެސް ނުހެދިއެވެ.

“ނާޔާ… އަދިވެސް ތުއްތުބޭ ދެކެ ރުޅި އައިއްސަތަ ތީނީ؟ ސޮރީ…” ނާއިލް ބުންޏެވެ.

ނާޔާ އެއް ފަހަރު ނާއިލްގެ މޫނަށް ބަލާލާފައި އަނުމް އުރާލައިގެން ގޮސް ނައިހާ އަތަށް ދީފައި އެ ކޮޓަރިން ނިކުތެވެ.

ނާއިލް ދެރަ ވެފައި ނާޔާ ދިޔަތަން ބަލަން އިނީއެވެ.

އަނެއް ދުވަހުވެސް ނާއިލް ނާޔާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެރޭ ކައިގެން ނާއިލް މައްޗަށް އެރި އިރު ނައިހާއާ ނާޔާ ބޭރު ސޯފާގައި ތިއްބެވެ. ނާއިލްގެ ފަހަތުން ކަހަލަ ގޮތަކަށް ނޫރާ އައީ ނާޔާއަށް ބަތް މޮޑެގެންނެވެ.

“ނާޔާ، އައިމް ސޮރީއޭ… ތުއްތުބޭއާ ދެން ހަމަ ވާހަކައެއް ނުދައްކާނަންތަ؟” ނާޔާ ކައިރީ އިށީނދެފައި ނާއިލް ބުންޏެވެ.

“އަހަރެން ޔާނިއުއާ ވާހަކަ ދެއްކިއަސް އޯކޭތަ؟” ނާޔާ އަހާލިއެވެ.

“ނޫން!” ވަގުތުން ނާއިލް މަނާ ކުރިއެވެ.

“އެހެން ވިއްޔާ ތުއްތުބޭ އަކާވެސް ވާހަކައެއް ނުދައްކާނަން” އެހެން ބުނެފައި ނާޔާ ކޮޓަރިއަށް ވަނެވެ. ނާޔާގެ ފަހަތުން ނޫރާވެސް ދިޔައެވެ.

“އެރޭ އަހަންނަށް މާ ބޮޑަށް ރުޅި އާދެވުނީ… ނާޔާ ގައިގަ ޖެހުނީމަ ވަރަށް ދެރަވެއްޖެ…” ނާއިލް ބުންޏެވެ.

“ނާޔާ ގައިގަ ޖެހުނީމަ އެކަނިތަ ތުއްތުބޭ ދެރަ ވަނީ؟ ތުއްތުބޭއަށް ހީވަނީތަ އެހެން ވެގެންނޭ ނާޔާ ތުއްތުބޭއާ ވާހަކަ ނުދައްކަނީ؟” ނައިހާ އަހާލިއެވެ.

“ނައި ތި ބުނަނީ ޔާނިއުއާ ނާޔާ ވާހަކަ ދައްކަން ހުއްދަ ދޭށޭތަ؟ އެކަމެއް ނުވާނެ!” ނާއިލް ބުނެލީ ގޮތް ދޫނުކުރާ ރާގަކަށެވެ.

“އެހެން ވިއްޔާ ނާޔާ ވާހަކަ ނުދައްކައިގެން ތުއްތުބޭ ދެރަ ވާނެ ކަމެއް ނެތް! ނާޔާގެ ފީލިންގްސް ނުވިސްނޭ މީހަކު ކީއްކުރަން އޭނަ ވާހަކަ ނުދައްކާތީ ދެރަ ވާންވީ؟” ނައިހާ ބުނެލިއެވެ.

“ނާޔާއަށް ދެރަ ގޮތެއް ވާކަށް އަހަރެން ބޭނުމެއް ނުވޭ” ނާއިލް ބުނެލިއެވެ.

“ތުއްތުބޭ ތި އުޅެނީ ޔަޒާންއާ މެދު ހިތުގަ އޮތް ރުޅިގަނޑު ބާލާނެ މީހަކު ހޯދަން. ނާޔާގެ އުފަލާ މެދު ވިސްނާކަށްވެސް ބޭނުމެއް ނުވޭ. ޔަޒާން ދެކެ އަންނަ ރުޅި ތި ބާލަނީ ޔާނިއުއަށް، ތުއްތުބޭއަކަށް ނުވިސްނޭތަ އެހެން ހެދީމަ ދެރަ ވަނީ ނާޔާއަށް ކަމެއް؟ އެކަކުވެސް ނުވިސްނާ ނާޔާއާ މެދުގައެއް. އެ ވަރު ނުވިސްނޭ މީހަކު ކީއްކުރަން އޭނަ ކައިރިން މާފަށް އެދެން ވީ؟” ނައިހާ ހިތް ހަމަ ނުޖެހުނު ވަރުން ހިތުގައި އޮތް ގޮތަށް ބުނެފައި މަޑު ނުކޮށް ކޮޓަރިއަށް ވަނެވެ.

އެރޭގެ ވަގުތެކެވެ. ގަޑިން އެކެއް ޖެހި އިރު ނާޔާ އިނީ ނޫރާގެ ފޯނުން ޔާނިއުއަށް ގުޅައިގެންނެވެ.

“ޕްލީޒް ޔާނިއު… އަހަރެން ބޭނުން މީޓް ކޮށްލަން. ޔާނިއު ނައިއްޔާ އަހަރެން ދާނީ ތި ގެއަށް. އެކަކަށްވެސް އަހަރެން ނުހުއްޓުވޭނެ” ނާޔާ ބޮޑާ ހާކާލިއެވެ.

“ނޫން، އެހެން ހަދައިގެން ނުވާނެ. މިހާ ލަސް ވީމަ އެކަނި ބޭރަށް ނިކުންނާކަށް ނުވާނެ. އެހެން ނޫނަސް އަހަރެން ތި ގޭ ކައިރިން މި ގަޑީގަ ގޭ މީހަކަށް ފެނިއްޖެއްޔާ ހައްތަހާ ގޯހެއްނު ވާނީ؟ ނާޔާ ގަބޫލު ކޮށްބަލަ” ޔާނިއު ބެލީ ނާޔާއަށް ވިސްނައިދެވޭތޯއެވެ.

“ނޫން. ޔާނިއު ނާންނަންޏާ އަހަރެން ދާނަން. އަހަރެން ބޭނުން ޔާނިއު ދެކެލަން. ހެޔޮ އެންމެން ކިތަންމެ ރުޅި އަޔަސް. ބޮޑު ވަރަކަށް އަނިޔާއެއްނު ކުރެވޭނީ؟ އަހަންނަށް ހެޔޮ” ނާޔާ ބުންޏެވެ.

“ނާޔާ…” ޔާނިއުއަށް ދެކޮޅު ހަދަން އުނދަގޫ ވިއެވެ.

“ޕްލީޒް…” ރޮވިފައި ވި އަޑަކުން ނާޔާ އެދުނެވެ.

“އެންމެ ރަނގަޅު. މި ދަނީ، ފަސް މިނަޓް ފަހުން ނާޔާ ނިކުމޭ. އެކަމަކު އެއްވެސް ތަނަކަށް ނުދެވޭނެ އިނގޭ” ޔާނިއު އެންމެ ފަހުން އެއްބަސް ވިއެވެ.

އަނުމްގެ ބުއްފުޅި ގިރަން ބަދިގޭގައި ހުރި ނައިޙާއަށް، ނާޔާ ބޭރު ދޮރާ ދިމާއަށް ދިޔަ ތަން ފެނުމުން އަވަސް އަވަހަށް ނާޔާގެ ފަހަތުން ނިކުތެވެ.

“ނާޔާ… ކޮން ތަނަކަށް މި ގަޑީގަ ތި ދަނީ؟” ނާޔާގެ ފަހަތުން ދޮރުން ނިކުމެފައި ނައިހާ ނާޔާގެ އަތުގައި ހިފާފައި އެހިއެވެ.

“ދޮންތާ ޕްލީޒް، ޔާނިއު އެބަ އާދޭ. އަހަރެން ނޫޅެމޭ ގޯސް ކަމެއް ކުރާކަށް. ފަސް މިނަޓް ދީ އަހަންނަށް، ޕްލީޒް…” ނާޔާ އެދުނެވެ.

“ދޮންތަ ނާޔާއަށް ވަރަށް ބޮޑަށް ޓްރަސްޓް ކޮށްފަ އިނގޭ މި ދޫކޮށްލަނީ” ނައިހާ ނާޔާގެ އަތުން ދޫކޮށްލިއެވެ.

ނާޔާ ބޯ ޖަހާލާފައި ނިކުމެ މަގުގެ ދެ ފަރާތް ބަލާލި އިރު ގެޔާ ދިހަ ވަރަކަށް ފޫޓް ދުރުގައި ސައިކަލުގައި ޔާނިއު އިނެވެ. ނާޔާ ގޮސް ޔާނިއު ކައިރީ ހުއްޓިލިއެވެ.

“ނާޔާ…” ޔާނިއު ނާޔާގެ މޫނަށް ބަލާލާފައި ގޮވާލިއެވެ.

“އައި މިސްޑް ޔޫ…” ނާޔާ ބުންޏެވެ.

“ނާޔާ… އަހަންނަށް އެނގޭ މީ ނާޔާ އަޑު އަހަން ބޭނުން ވާނެ ވާހަކައެއް ނޫން ކަން… އެކަމަކު… އަހަރެން ދެކެ ނާޔާ ލޯބި ވަންޏާ މަންމަމެންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކޮށް ނާޔާ ހުރުން އަހަރެން އެދެނީ. ދެން ނާޔާ ގުޅިޔަސް އަހަންނެއް ނާންނާނަން. މިރޭވެސް މި އައީ މިހެން ބުނަން ވެގެން” ޔާނިއު ބުންޏެވެ.

“ޔާނިއު!” ނާޔާއަށް ބުނެވުނެވެ.

“އަޑު އަހާބަލަ އިހަށް ނާޔާ. އަހަރެން ނާޔާ ދެކެ ވަރަށް ލޯބި ވޭ. އަހަރެން އުންމީދު ކުރަނީ ނާޔާގެ ފެމިލީ އިން ކޮންމެސް ދުވަހަކުން މި ގުޅުމަށް ގަބޫލު ވާނެ ކަމަށް. އެ ދުވަހަކުން ނާޔާ ގުޅާލާ އިރަށް އަހަރެން އަންނާނަން. އެ ދުވަސް ޖެހެން ދެން އަހަރެން ނާޔާއަށް އިންތިޒާރު ކުރާނަން. ނާޔާގެ ފެމިލީއާ ދެކޮޅަށް މިހެން އުޅެންޏާ އެ މީހުން އަހަންނާ މެދު ދެކޭ ގޮތް ބަދަލެއް ނުވާނެ” ޔާނިއު ބުންޏެވެ.

ނާޔާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

“ނާޔާ… މި ގޮތަށް ކަންތައް ކުރާނަންތަ؟” ޔާނިއު އަހާލިއެވެ.

ރޮވިފައި ހުރި ނާޔާ ބޯ ޖަހާލިއެވެ.

ޔާނިއުއަށް ލޯ މަރާލެވުނެވެ. އިރުކޮޅަކު އެހެން އިނދެފައި އިސް އުފުލާ ބަލާލި އިރު ނާޔާ އެ ހުރި ގޮތަށް ޔާނިއުއަށް ބަލަހައްޓައިގެން ހުއްޓެވެ.

ޔާނިއު ސައިކަލުން ފައިބާފައި ނާޔާ ގައިގައި ބައްދާލައިގެން އިރުކޮޅަކު ހުއްޓެވެ.

“އައި ލަވް ޔޫ…” ޔާނިއު އެހެން ބުނެފައި ނާޔާ ގައިން ދޫކޮށްލާފައި ސައިކަލަށް އަރާ ދުއްވާލިއެވެ.

ދެ އަތުން ލޯ ފޮހެމުން ގެޔަށް ވަންނަން ދިޔަ ނާޔާ ސިހިފައި ހުއްޓުނީ ދޮރުމަތީ ހުރި ނާއިލް ފެނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 އަށާރަ ވަނަބައި

Next

ހާސިލް ވުމަށް އެދި 22

Next
November 24, 2019

ހާސިލް ވުމަށް އެދި 22

Previews
November 24, 2019

ރާސްތާ2 އަށާރަ ވަނަބައި

8 Comments!

  1. Mar Sha Marsha says:
    November 24, 2019 at 3:04 pm

    Hi, here’s part 15, kiyaalaafa kamu dhiyas noonas comment akun angaalahchey. 16 genesdheynan Wednesday ga. Happy holidays!

  2. nau says:
    November 24, 2019 at 4:45 pm

    OMG haadhahaa reehchey vhk. mi vhk hurihaa part eh vx up nukohgn hunnany hama . comment eh nukuran kuri akun. ekm dhn reethi kamun keiyh nuvegn mi comment kury

  3. Izabell says:
    November 24, 2019 at 5:46 pm

    Awwwwn, alhey hadha hiyy thalhuvaalaafa e thi nimmaaly, anyways, mi part vx hama ???, Masha Allah ❤❤❤❤❤ when is next part

  4. Yanaa says:
    November 24, 2019 at 6:14 pm

    Kiyaaa???hithun ???indha enimunii??.anyways?? varah varah??? reethi..??maa sha Allah.??curiously ??waiting?? for ??the ??next ??part.???

  5. Kairaa says:
    November 24, 2019 at 6:51 pm

    Alhey kiriyaa birun halaaku nuvy…..vvvvvvv reethi mi part vx….varah furihama….waiting for the nxt….whn nxt….

  6. Umny ??? says:
    November 24, 2019 at 9:21 pm

    Oh very nice story Ingey. Varah kiyaa hithun indha E nimunee vaahaka. But still I am waiting for the next part.

  7. Maisha maii says:
    November 24, 2019 at 10:52 pm

    Wow??? varah reethi mi part vx❤❤❤ varah curious kohlaafa thi nimmaaly??? curiously waiting for next part???

  8. Shuha says:
    November 26, 2019 at 8:01 pm

    Vvvvv reethi mi part ves………… Maadhan avahah next part up kohla dehchey…………..

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 16←


All Right Reserved!