މަޢާފް (ހަތަރުވަނަ ބައި)
**************
އަސްމާ ގޮވައިގެން މުޅި މާލެ ކުޑަކުރަމުން ޒައިދް ދުވިއެވެ. ޒައިން ގެއްލުނު ގޮތަށް އަސްމާ ގެއްލޭކަށް ޒައިދް އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. އެހެންކަމުން ދުވަމުން ދިޔައިރުވެސް އަސްމާގެ އަތް ޒައިދްގެ އަތާއި ވަކިނުކުރެއެވެ. މުޅި މާލޭގައި ދެމަފިރިން ދުވިއިރުވެސް ވީ ކަމެއް ޙަރާމެވެ. މުޅި މާލެތެރެ ހޯދިއިރުވެސް އެއްވެސް ތާކުން ޒައިންގެ ހިލަމެއްނުވިއެވެ. އެކި އެކި މީސްމީހުން ގާތު ޒައިން ދުށިންތޯ އެހުމުންވެސް އެމީހުންގެ ފަރާތުން ލިބެމުން ދިޔައީ ހަމަ އެންމެ ޖަވާބެކެވެ. ‘ތި ބުނާ ކުއްޖަކު އަހަރެން ނުދެކެމޭ’ ކޮންމެ މީހަކުވެސް ބުނަމުން ދިޔަ ގޮތުން އެ ދެމަފިރިންގެ އުންމީދު ކެނޑެން ފެށިއެވެ. ނަމަވެސް ހެއްދެވި ފަރާތް މަތިން ހަނދުމަކޮށް އަނެއްކާވެސް އާ އުންމީދަކާއިއެކު ޒައިން ހޯދުމުގެ މަސައްކަތް ކުރަން އެދެމަފިރިން ނިންމިއެވެ.
އެ ދުވަހު ދެމީހުން ގެއަށް އައިއިރު ތިބީ ވަރުބަލިވެފައެވެ. މޫނުމަތިން ފެންނަނީ ހިތްދަތިވެފައިވާ ކަމުގެ ކުލަވަރެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ލިބުނު ޙަލާލު ދަރިފުޅު އެ ގެއްލުނީއެވެ. އެ ދަރިފުޅު ހޯދަން ކުރިހާ މަސައްކަތެއް ބޭކާރުވަމުންދަނީއެވެ. ނަމަވެސް އުންމީދުކަނޑާލައިގެން ނުވާނެނޫންހެއްޔެވެ؟ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ މީހުން ބުނަނީ އެކަމުގެ ފަހަތުގައި ސަބަބެއް އޮތީމައެއްނޫންހެއްޔެވެ؟ “މަށަށް ހީވަނީ ޒައިން ވަގަށްނެގީހެން.” ގޮނޑީގައި އިށީނދެ މާނޭވާލަމުން ޒައިދް ބުންޏެވެ. “ޒައިދް ޖެހޭނެއެއްނު ރަނގަޅަށް ބަލަން. ދޮރުތަކާ އެއްޗެހި ތަޅުލަން ޖެހޭނެއެއްނު. މިހާރު މުދަލަކުން އެކަންޏެއްނޫން ވައްކަންކުރަނީއެއް. މީހުންވެސް ވަގަށް ނަގާނެ. އެންމެފަހުން މަގޭ ދަރިވެސް….” ކުރެހިފައިވާ އަޑަކުން އަސްމާ ބުންޏެވެ. އެންމެ ފަހު ޖުމްލަ ބުނަން ހިތަށް ނުކުޅަދާނަވިވަރުން އަސްމާ ދެއަތުން މޫނު ފޮރުވައިލަމުން ރޯން ފެށިއެވެ. ތިމާގެ ދަރިއަކަށް ގެއްލުމެއްވާތަން ދެކެން ތިމާގެ ހިތަށް ނުކުޅަދާނަވާއިރު އެކަހަލަ ވާހަކަ ދައްކަން އަދި ކިހާ އުނދަގޫވާނެހެއްޔެވެ؟ އަސްމާ އެ ވާހަކަ ބުނި ގޮތުން ޒައިދް އަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އަދި އަސްމާ އެބުނިފަދައިން އޭނާއަށް ތަންކޮޅެއް ބަލައިލައިގެން އުޅެވުނު ނަމަ މިހެނެއް ނުވީހެވެ. ނަމަވެސް ނަމަ ނަމަ ކިޔައިގެން މިއަދު ވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ދެން އޮތީ ގަދައަޅައި މަސައްކަތްކުރުމެވެ.
***************
“މަންމާ.. ކޮންކަމަކަށް ގެއްލިފަ؟” އަސްމާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ރިޝާނާ އެހިއެވެ. އޭރު ހޭވެރިކަމެއް ލިބިގެން ދިޔަ އަސްމާ ލުއްކެއްޖަހައި ސޯފާއިން ތެދުވިއެވެ. “ނޭނގެ މަންމައަކަށް އެއްގޮތަކަށްވެސް. ތި ވެދާނެއެއްނު ކޮންމެވެސް އެހެން ކުއްޖަކަށް. އެހެންނޫނަސް އަލީ ޒައިދް ކިޔަނީ ހަމައެކަނި އެންމެ މީހަކަށްތަ؟” މޫނުމަތިން ހަމަޖެހޭކަން ދައްކަމުން އަސްމާ ބުންޏެވެ. އޭނާއަށް އެކަން ކާމިޔާބުވެސް ކުރެވުނެވެ. “ހްމްމް.. ޢަލީ ޒައިދް ކިޔާ އެންމެ މީހެއް ނޫން އުޅޭނީކީއެއް. ރިޝޫގެ ކްލާސްމޭޓަކަށްވެސް ކިޔާ އައިމިނަތް ރިޝާނާ. އެހެންވީމަ އިއްތިފާގެއް ކަންނޭނގެ މިއީ. އެކަމް ޒައިން ހާދަ ވައްތަރޭ ދޮންބޭބެއާ…؟” ލެޕްޓޮޕް ސްކްރީނަށް ބަލަހައްޓައިގެން އިނދެ ރިޝާނާ ބުންޏެވެ. “އެންމެ ރަނގަޅު ދެން ހިނގާ ސައިބޯނެ އެއްޗެއް ހަދަން ދާން.” އަސްމާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. “މަންމާ! އަދި ހަތެއްވެސް ނުޖަހާ.” އާރިޝް ބުންޏެވެ. “އެބުނާހެން. މަންމަ މިދަނީ އޮށޯވެލަން އިނގެ. ވަރަށް ބުރަކަށީގަ ރިއްސާ އެބަ.” އަސްމާ އެހެން ބުނެ އަވަހަށް ސިޑިން މައްޗަށް އަރައި އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. “އަޅުގަނޑުމެން ބަލާނަން ޒައިންއަކީ ކާކުތޯ.” ކޮޓަރިއަށް ވަންނަން ތަޅުގައި ހިފަައިލިތަނާ އާރިޝް ބުނި ޖުމްލައަކުން އަސްމާ ހުއްޓުން އަރާގޮތްވިއެވެ. ނަމަވެސް އިތުރަށް މަޑުކުރަން ނަހަދާ އަސްމާ އަވަހަށް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ.
“ކޮންމެވެސް ގޯހެއް އެބަ އުޅޭ.” އާރިޝް ލެޕްޓޮޕްގެ ސްކްރީނަށް ބަލައިލަމުން ބުންޏެވެ. “ކޮން ގޯހެއްތަ؟” ފަހަތުން އިވުނީ ނައިޒަކްގެ އަޑެވެ. އޭރު ތިންބެއިން ތިބީ ގޭ ދޮރުމަތީގައެވެ. “އޯ މަޖްނޫ މޭރެ ޔާރް.. ޔޭ ލައިލާ ހޭ ތައިޔާރް.. ހޯ ޖަލްދީ ސެ ލޭކެ އާޖާ އިކް ޑައިމަންޑް ކި ރިންގް…” މާހައުލުގެ ސީރިއަސްކަން ނައްތައިލުމުގެ ބޭނުމުގައި އާރިޝް ތޫލި އަޑަކުން ލަވައެއް ކިޔައިލިއެވެ. “ހަހް. އެއްކަލަ ޓިކިޓިކި ދޯ މީނީ.” ނައިޒަކް ރުޅިއައިސްގެން ބުންޏެވެ. ނައިޒަކް އިތުރަށް ރުޅި އަރުވައިލުމުގެ ގޮތުން އާރިޝް ލަވައިގެ ދެން އޮތްބައި ކިޔަން ފެށިއެވެ. ނައިޒަކް އައި ރުޅިން އޭނާގެ އަތުގައި ޖެހުނު އެއްޗެއް ހިފައިގެން އާރިޝް އާއި ދިމާލަށް ދުއްވައިގަތެވެ. އާރިޝް ވަގުތުން ސޯފާއިން ތެދުވެ މަންމާއޭ ކިޔައި ދުއްވައިގަތެވެ. އަދި ސިޑިން މައްޗަށް އަރައި އޭނާގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. މި މަންޒަރު ބަލަން ތިބި ތިންބެއިން ދިޔައީ ހެމުންނެވެ. “ކަމަކާ މިއޮތީ ޖެހިފަ.” އުނަގަނޑުގައި ދެއަތް ވިއްދައިލަމުން ނައިޒަކް ބުންޏެވެ.
ކޮޓަރީގެ ހަތަރުފާރުތެރޭ ހަރުލައިފައިވަނީ އަސްމާގެ މަޑު ގިސްލުމުގެ އަޑެވެ. އެއީ ހަމަ ޒައިން ހެއްޔެވެ؟ ތިރީސް ހަތަރު އަހަރު ފަހުން އޭނާއަށް ދަރިފުޅު ފެނުނީހެއްޔެވެ؟ އެކަމަކު އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ މީހަކު ވަގަށް ނަގައިފިއްޔާމުން މަރާލާނެއެއްނޫންހެއްޔެވެ؟ އެހެންނޫނަސް ޒައިން ވަގަށް ނެގީކަން ޔަޤީނެއް ނުކުރެވެއެވެ. އަދި ވަގަށް ނެގިޔަކަސް މަރައެއްނުލާނެއެއްނުންހެއްޔެވެ؟ އެއީ ޒައިން ކަމަށްވަންޏާ އޭނާ އެހާ އުފަލުގައި އެ އުޅެނީ ކިހިނެތްހެއްޔެވެ؟ ޒައިން ހަދައިފައި އިން ޔޫޓިއުބް ޗެނަލްއިންވެސް ޒައިން އެއުޅެނީ ކިހާ ތަނަވަސް ދިރިއުޅުމެއްކަން އަސްމާއަށް އެވަގުތު އިނގުނެވެ. އެކަމަކު އަދިވެސް އަސްމާއަށް ޝައްކެވެ. އެއީ ހަމަ ޒައިން ހެއްޔެވެ؟
ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުތެރޭގައި އެކި މީހުން އެކި ކަންކަމުގައި ހޭލަމޭލައަށް އުޅޭ މަންޒަރު ފެނެއެވެ. އެއްބަޔަކު ރަށުތެރެ ކުނިކެހުމުގައި އުޅޭއިރު އަނެއްބަޔަކު ހަވީރު ފިންޏަށް ހިނގައިލަން ނުކުމެ އުޅޭ މަންޒަރު ފެނެއެވެ. ރަށުގެ ތުނޑިމަތީގައި ހަރަކާތްތެރިވާ މީހުންވެސް ވަކި މަދެއް ނޫނެވެ. ތުނޑިމަތީގައި ހުރި ދިގު ރުކެއްގެ ހިޔާދަށުގައި އިށީނދެލައިގެން ފޮތެއްކިޔަން ޒުވާނަކު އިނެވެ. ފަން އިސްތަށިގަނޑެއް ޒުވާނާއަށް ލިބިފައިވާއިރު އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށައިލައިފައެވެ. ކަޅުކަންގަދަ ބުމައަކާއި ބޮޑު ދެލޮލެއް އެ ޒުވާނާއަށް ލިބިފައިވެއެވެ. އެންމެ އަޅައިގަންނަ އެކައްޗަކީ ޒުވާނާގެ ބޮޑު ދެލޮލުގެ ތެރޭގައި އިން ނޫކުލައިގެ ކަޅިއެވެ. ޒުވާނާ ފޮތް ކިޔަން އިން އިރު ޒުވާނާގެ ތުންފަތްމަތީގައިވީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. އެ ޒުވާނާއަށް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވާއިރު ޒުވާނާ އެކަމަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ޒުވާނާ ބެލީ ވީހާވެސް ބޮޑަށް އެ ފޮތަށް ސަމާލުކަން ދެވޭތޯއެވެ. “ޒައިން.” ސީރިއަސްކަމާއިއެކު ފޮތް ކިޔަން އިންދައި ޒައިންއަށް އިސްއުފުލައިލަން ޖެހުނީ ފަހަތުން އާރިފް އޭނާގެ ނަމުން ގޮވައިލުމުންނެވެ. އޭރު އާރިފް އައިސް ޒައިން ގާތުގައި އިށީންނަނީއެވެ. “ސާބަހޭ.. ދެން މިހާރު ތި ފޮތް ކިއިއްޖެއްނުު. ހިނގާބަލަ ރައިޑަކަށް ދާން.” ޒައިންގެ އަތުން ފޮތް އަތުލަމުން އާރިފް ބުންޏެވެ. “ޕިސް. ތި ފޮތް ގެނެބަލަ. ވަރަށް މުހިންމު ޕެރެގްރާފެއް ކިޔަން އިންދައޭ ތި އަތުލީ.” އާރިފްގެ އަތުން ފޮތް އަތުލެވޭތޯ މަސައްކަތްކުރަމުން ޒައިން ބުންޏެވެ. ނަމަވެސް އާރިފް އެއަށްވުރެ މާ ޚުޝިޔާރެވެ. ޒައިންއަކަށް އެ ފޮތް އަތުލެވޭވަރެއްނުވިއެވެ. “އޯކޭ އޯކޭ. މަ ގޮސްފާނަމޭ އާރިފް ގޮވައިގެން. ތި ފޮތް ގެނެބަލަ.” އާރިފް އެދުނު ކަންތަކަށް ޒައިން އެއްބަސްވުމުން އާރިފް ވަރަށް ފަސޭހައިން އެ ފޮތް ޒައިން އަތަށް ދިނެވެ. “ހިނގާ. ސައިކަލު އިންނާނެ މަގުގަ.” ޒައިން ތެދުވެ ގަމީހުން ވެލި ފޮޅައިލުމަށްފަހު ބުންޏެވެ. އާރިފް ވެސް ތެދުވެ ގަމީހުން ވެލި ފޮޅައިލައިފައި ޒައިންއާއި އެއްކޮށް ހިނގައިގަތެވެ.
ދެ ޒުވާނުން މުޅި ރަށުގައި ސައިކަލު ދުއްވުމަށްފަހު އެދުވަހު ގެއަށް ދިޔައީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ގޭދޮރުމަތީ ސައިކަލު ޕާކުކުރުމަށްފަހު ޒައިން ގޭތެރެއަށް ވަނީ އޭނާގެ ފޮތުގެ ގަނޑުތައް ރީތިކުރަމުންނެވެ. އާރިފް އެ ފޮތް ފެންގުޅުނު ގޮތަކުން އެ ފޮތުގެ ބައެއް ގަނޑުތައް ހަޑިވީއެވެ. “މަންމާ!” ގޭގެ ބޮޑުދޮރު ހުޅުވައިލައިފައި އެތެރެއަށް ވަންނަމުން ވަޅޯމަސް ކޮށަން އިން ހަމީދާއަށް ޒައިން ގޮވައިލިއެވެ. “ދަރިފުޅު ހާދަ ލަހަކުން ތި އައީ؟” ޒައިން އަށް ބަލައިލައި ހިނިތުންވެލަމުން ހަމީދާ ބުންޏެވެ. “އާނ.. އާރިފް އާ އެއްކޮށް ދުއްވާލާފަ މިއައީ. ކޯއްޗެއްތަ ކާން ހުރީ؟” މޭޒުކައިރީގައި އިން ގޮނޑީގައި އިށީންނަމުން ޒައިން އެހިއެވެ. “މިރެއަށް ވާއިރަށް ވަޅޯމަހު ރިހަ ކައްކަންވެގެން މިއުޅެނީ. ދަރިފުޅަށް ވަރަށް މީރެއްނު ވަޅޯމަހު ރިހަ ދޯ.” ޒައިން އަށް ދޯދެމުން ހަމީދާ ބުންޏެވެ. “އާނ. މިހާރުވެސް ބަނޑުހައިވެއްޖެ.” ކޮށާފައި ހުރި ވަޅޯމަހުން ވަޅޯމަސްކޮޅެއް ނަގައި އަނގައަށްލަމުން ޒައިން ބުންޏެވެ. ‘ދެމައިން’ އެކި ވާހަކަތަކުގައި ތިއްބައި މަޣްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ. އެއްވެސް ވަރަކަށް ލަސްކުރުމެއް ނެތި ޒައިން ހިނގައިގަތީ މިސްކިތާއި ދިމާލަށެވެ. ހަމީދާވެސް އޭނާ ކުރަން ހުރި މަސައްކަތް ބަހައްޓައިފައި ނަމާދުކުރުމަށް އޭނާގެ ކޮޓަރިއަށްވަނެވެ.
މުޅި އެ ގޭގައިވެސް އުޅެނީ ހަމައެކަނި އެ ‘ދެމައިންނެވެ’. ހަމީދާ އާއި ޒައިންއެވެ. އެހައި ތަނަވަސް ނޫނަސް އެމީހުންނަކީ ނިކަމެތި ފަޤީރުންނެކޭ ނުބުނެވޭނެއެވެ. ރަށުން ރަނގަޅަށް ކިޔަވައިގެން ރަށު އޮފީހުން ރަނގަޅު ވަޒީފާއެއް ހޯދައިގެން ރަނގަޅަށް މަސައްކަތް ކޮށް ގޭގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ ޒައިންއެވެ. ޒައިންގެ ބުރަ މަސައްކަތުން އެ ގެވެސް ވަނީ ކުރިއަށްވުރެ ރަނގަޅު ފެންވަރަކަށް ހަދައިފައެވެ. ކުރިން ގޭގައި ފާރު ރާނައިފައި ހުންނައިރު މިހާރު އެގޭގައި ވަނީ ސިމެންތި ޖަހައި ކުލަވެސް ލައިފައެވެ. ގޭގެ ބޮޑުދޮރުން ވަންނައިރު އެންމެ ފުރަތަމަ ބަދިގެއަށް ވަދެވޭގޮތަށް ހަދައިފައި ހުރިއިރު ދެން އެގޭގައި ހުންނަނީ އެންމެ ދެ ކޮޓަރިއެވެ. އެ ދެ ކޮޓަރިވެސް ހަދައިފައި ހުރީ ރަނގަޅު ފެންވަރަކަށެވެ. އެގޭގައި ސިޓިންގްރޫމް ހުއްޓަކަސް ޒަމާނީ ތަރައްޤީއާއިއެކު ޒައިން ޓީވީއިން ދައްކާ ޕްރޮގްރާމްތައް ބަލަނީ އޭނާގެ ފޯނުންނެވެ. އެހާ ފަސޭހަ ދިރިއުޅުމެއް އުޅެމުންދާއިރު ޒައިން އަށް ނޭނގުނު ކަމަކީ އޭނާ ޙަޤީޤަތުގައި މިއުޅެނީ ކިހާ އުނދަގޫ ދިރިއުޅުމެއް ކަމެވެ. އޭނާ ‘މަންމަ’ އޭ ކިޔައިފައި އެ މުޚާތަބު ކުރާ މީހާ އޭނާއަށް ކަމެއް ސިއްރުކޮށްފައިވާކަމެވެ.
މަޣްރިބް ނަމާދާއި ޢިޝާ ނަމާދުކޮށްގެން ޒައިން ގެއަށް އައެވެ. އޭރު ހަމީދާ ބަދިގެތެރެ ސާފުކުރުމާއިގެން އުޅެއެވެ. “މަންމާ ކާން ހެދީތަ؟” ގޮނޑީގައި އިށީންނަމުން ޒައިން އެހިއެވެ. “އާނ.. އެހުރީ ކާން ހަދާފަ. ރޮއްޓާ ވަޅޯމަހު ރިހައާ.” ޒައިންއަށް ކާން ހަދައިދެމުން ހަމީދާ ބުންޏެވެ. ތައްޓަށް ރޮށި ފިސްކޮށްފައި ޒައިން އެއަށް ރިހަ އެޅިއެވެ. ބަދިގެތެރެ ފޮޅައިލުމަށްފަހު ހަމީދާ ކާންވެގެން ތަށި ހިފައިގެން އައިސް އިށީން ވަގުތު ޒައިންގެ ތައްޓަށް ބަލައިލެވުނެވެ. “ދަރިފުޅާ! ތިހާ ގިނަ ރޮށި ކާއިރު ކީއްވެތަ މާ މަދުން ރިހަ އަޅަނީ؟ އެހާ ހިކިކޮށް ކާކަށް ނުވާނެ.” ތައްޓަށް ރޮށި ފިސްކުރަމުން ހަމީދާ ބުންޏެވެ. “މަންމާ! ހިކިކޮށް ވަރަށް މީރޭ. އެހެންނޫނަސް އެހާ ގިނައިން ރިހަ އެޅީމަ އެހާ މީރެއްނޫން.” ހަމީދާ ދެފަރާތަށް ބޯހޫރުވައިލައިފައި ކާން ފެށިއެވެ. ހަމީދާ ބޯ ހޫރުވައިލި ގޮތުން ޒައިންއަށް ކުޑަކޮށް ހެވުނެވެ.
ކޮޓަރީގައި ހުރި ބޮޑު ސޯފާއަށް ވެއްޓިޖެހިގެން ފޯނު ހިފައިގެން އާރިޝް އޮތެވެ. އާރިޝް ފޯނު ހިފައިގެން އޮތްގޮތުން ހީވަނީ ދެލޯ ފޯނުގެ ސްކްރީނުގައި ތަތްކޮށްގެން އޮންނަހެނެވެ. ފޮނުގެ ސްކްރީނާއި އާރިޝްގެ މޫނާއި ދެމެދު އޮތީ ކިރިޔާވެސް ވައިރޯޅިއަކަށް ވަދެވޭވަރުގެ ޖާގައެކެވެ. އެހެންޏާ ޓިކްޓޮކް ބަލަން އޮންނަ އާރިޝް މިފަހަރު އޮތީ ޔޫޓިއުބް ހުޅުވައިގެނެވެ. ޒައިންގެ ޔޫޓިއުބް ޗެނެލް ހުޅުވައިގެން ޒައިން އަޕްލޯޑް ކޮށްފައި ހުރި ވީޑިއޯތައް ބަލަން އާރިޝް އޮތްއިރު ޒައިންއަކީ ޢިލްމުވެރިއެއްކަން އާރިޝްއަށް އިނގުނެވެ. އާރިޝްގެ ޝައުގުވެރިކަން ދަމައިގަތީ ސައިންސާއި ބެހޭ ވީޑިއޯތަކެއް ފެނުމުންނެވެ. އެއީވެސް ޒައިން އަޕްލޯޑް ކޮށްފައި ހުރި ވީޑިއޯތަކެކެވެ. އެ ވީޑިއޯގައި ސައިންސްގެ އެކި ކަންކަމާއި ބެހޭގޮތުން ދިވެހިބަހުން ޒައިން މަޢުލޫމާތު ދެމުން ދިޔައިރު އޭގެ އިނގިރޭސި ތަރުޖަމާ ސްކްރީނުގެ ތިރިއަށް އަރަމުން ދިޔައެވެ. އަދި އެނޫންވެސް ޒައިން ހަދައިފައި ހުރި ބައިވަރު ވީޑިއޯތައް އާރިޝް ބެލިއެވެ. އާރިޝްއަށް ފާހަގަވި ކަމަކީ ޒައިދްގެ އަޑާއި ޒައިންގެ އަޑު ވައްތަރުކަމެވެ. އަދި ނައިޒަކްގެ އަޑާއިވެސް ވައްތަރުކަމެވެ. އަދި ވާހަކަދައްކާއިރު މޫނުމަތީގެ ކުލަވަރު ހުންނަގޮތުން އިތުރަށް ނައިޒަކް އާއި ވައްތަރުކުރުވައެވެ. ނައިޒަކް އަކީ ވާހަކަދައްކާއިރު ވަރަށް ގިނައިން އެއްބުމަ މައްޗަށް އެރުވޭ މީހެކެވެ. ޒައިންގެ ފަރާތުންވެސް އެކަން ފާހަގަކުރެވުނެވެ. ނައިޒަކްގެ ކަނާއަތުގެ ބޮޑުވައި އިނގިލި އެއްކަފިވެފައި އިންނައިރު ޒައިންގެ ކަނާއަތުގެ ބޮޑުވައި އިނގިލިވެސް އިންނަނީ އެއްކަފިވެފައެވެ. އަދި މިނޫނަސް ނައިޒަކް އާއި ޒައިންގެ އެއްގޮތް ކަންތައްތަކެއް އާރިޝްއަށް ފާހަގަކުރެވުނެވެ. އެހެންރޭރެއާއި ޚިލާފަށް މިރޭ މާ ގަދައަށް ނިދިއަންނާތީ އާރިޝް ފޯނު ޗާޖެއް ޖަހައިފައި އެނދުގައި އޮށޯވެ ރަނގަޅަށް ދެލޯ މަރައިލިއެވެ. މާ ގިނައިރުތަކެއް ނުވެ އާރިޝް ނިދީގެ ފުންކަނޑަށް ގެނބުނެވެ.
“މަންމާ! ކީއްވެ އަހަރެއް އެއްލާލީ؟” އަސްމާގެ ކުރިމަތީގައި ޒައިން އާދޭހާއިއެކު ސުވާލުކުރިއެވެ. މުޅި އެތަނަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އެތަނުގައި އަސްމާ އާއި ޒައިން ނޫން އިތުރު އެއްވެސް މީހަކު ނެތެވެ. ޒައިން އެހެން އެހުމުން އެއްވެސް އެއްޗެކޭ ނުބުނެ އަސްމާ އިސްޖަހައިލައިގެން ހުއްޓެވެ. “އަހަރެން އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލަން މަންމައަށް ކެރުނީތީ އަހަރެން ހަމަ ހައިރާންވެއްޖެ.. ތީ ހާދަ ރަހުމެއް ނެތް މީހެކޭ. ތިކަހަލަ މީހެއްގެ ދަރިއަކަށް ވީތީ އަހަރެން ލަދުގަނޭ މިހާރު. އަހަރެން މި ދަނީ. ކަލޭ ހުރޭ ތި އަނދިރިގަނޑު ތެރޭގަ. ހަނދާންކުރާތި! މީގެ ފަހުން އަހަންނަކީ ކަލޭގެ ދަރިއެއްވެސް ނޫން. މަގޭ ފަހަތުން ނާންނާތި. މަމީ ކަލޭއަށް މަރުވެއްޖެ މީހެއް.” އަސްމާ އާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވުމަށްފަހު އަސްމާ އެކަނިމާއެކަނި އެ އަނދިރިގަނޑު ތެރެއަށް ދޫކޮށްލައިފައި ދާން ހިނގައިގަތެވެ. “ދަރިފުޅާ!” ލުއްކެއް ޖަހައިފައި އަސްމާއަށް އެނދުން ތެދުވެވުނެވެ. މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ. އެ ދެލޯވަނީ ކަރުނުން ފުރިފައެވެ. މި ފެނުނީ ހުވަފެނެއްކަންވެސް އަސްމާއަށް ރޭކާލީ މިނެޓްތަކެއް ފާއިތުވި ފަހުންނެވެ. ނަމަވެސް ހިތަށް ކުރި އަސަރެއްގެ ސަބަބުން އަސްމާއަށް ބޮޑަށް ރޮވޭގޮތްވިއެވެ. ކޮޓަރި އަނދިރިކޮށް އޮތުމުން އަސްމާގެ ހިތަށް ވަތް ބިރުވެރިކަމެއްގެ ސަބަބުން އަސްމާ އެނދުން ތެދުވެ ކޮޓަރީގެ ލައިޓްތައް ދިއްލައިލިއެވެ. އޭރު މުޅި ކޮޓަރިތެރެ ހުދު އަލިން އަލިވެގެން ދިޔައެވެ.
މުޅި އެކޮޓަރީގެ ހަތަރުފާރުތެރޭ ހަރުލައިފައިވަނީ އަސްމާގެ ވޭނީ ރުއިމުގެ އަޑެވެ. މިހާރު އެ ފޮޓޮއިން އެ ފެނުނު ޒުވާނަކީ އޭނާގެ ދަރިފުޅު ޒައިންކަން ޔަޤީނާއި ގާތްކުރެވުނެވެ. އެ ނޫކުލައިގެ ކަޅިއެއް ލިބިފައިވި ބޮޑު ދެލޮލެވެ. އެ ކަަޅުކަންގަދަ ބުމައެވެ. ފަންފަން އިސްތަށިގަނޑެވެ. ބައިމަތި ފުޅާ ހަށިގަނޑެވެ. މިއިން ކޮންމެ ސިފައަކީ ޒައިދްގެ ކިބައިގައި ހުރި ސިފަތަކެވެ. އެ ބޮޑު ދެލޯ ފިޔަވައެވެ. އެހުރިހާ ސިފަތަކެއް މިލްކުކޮށް ނޭނގުމެއްގެ ތެރޭގައި އަމިއްްލަ މައިންބަފައިންނާއި ދުރުގައި އުޅެމުން ޒައިން އެދަނީއެވެ. ދެން ހުރީ ނައިޒަކްއެވެ. އެދެބެން އެކުއެކީ ފެނިއްޖެ މީހަކަށް އެއީ އެއްމާބަނޑު ދެކުދިންނޭ ބުނާނޭކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ އެއްމާބަނޑު ދެކުދިން ނޫންކަމެވެ. ޒައިންއަށްވުރެ އެތައް އަހަރެއް ނައިޒަކް ހަގު ވިޔަސް އެދެބެންނަކީ އުމުރުގެ ގޮތުން ގާތްދެބެންކަމަށް ގިނަބަޔަކު ދެކޭނެއެވެ. މިފަދަ ޚިޔާލުތަކެއްގައި އިނދެ އަސްމާގެ މައިލަނގޮޑި އަށް ކެތްނުވެގެން އެންމެ ފަހުން ދެއަތް އުފުލައިލިއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާގެ ދަރިފުޅު އޭނާއަށް ފެންނާނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި ވެރި އިލާހުގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ. އަދި ޒައިންއަކީ ކާކުކަން ޒައިންއަށް އިނގޭނޭ ގޮތެއް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާކުރިއެވެ.
ފަތިސް ނަމާދުކޮށްގެން ޒައިން އެނދުމަތި ތަރުތީބުކޮށްލުމަށްފަހު ކޮޓަރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި ފޯނު ހުޅުވައިގެން އޭނާގެ ޔޫޓިއުބް ޗެނެލްއަށް ވަނެވެ. އޭނާ މިހާތަނަށް ހަދައިފައި ހުރި ވީޑިއޯތަކަށް ގިނަބައެއްގެ ތަރުޚީބު ލިބިފައިވާއިރު ގިނަބައެއްގެ ފާޑުކިޔުންތައްވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޒައިން ފަރުވާލެއް ނުބަހައްޓައެވެ. ޒައިން އަބަދުވެސް ކުރާ މަސައްކަތަކީ މުޖުތަމަޢުއަށް ފައިދާވާނެގޮތަށް މަސައްކަތްކުރުމެވެ. ޒައިން ކުރާ މަސައްކަތުގެ ސަބަބުން ގިނަ ބައެއްގެ ލޯތްބާއި އިތުބާރުވެސް ޒައިންއަށް ވަނީ ލިބިފައެވެ. މަގުމަތިން ޒައިން ފެނިގެން މަދު މީހަކު ފިޔަވައި އެންމެންވެސް ހިނިތުންވެލާނެއެވެ. ޒައިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިހާ ފޮނިއިރު އޭނާގެ ޙަޤީޤަތް ކިހާ ހިތިކަމެއް ޒައިންއަކަށް ނޭނގެއެވެ. ފޯނަށް ނަޒަރު ހުއްޓައިލައިގެން ޒައިންއަށް ހިނިތުންވެލައިގެން އިނދެވުނީ މިއިން އެއްވެސް ކަމެއް ރޭކާލުމެއް ނެތިއެވެ.
ޒައިންގެ ވީޑިއޯތަކަށް ލިބިފައި ހުރި ކޮމެންޓްތަކަށް ރިޕްލައި ކުރުމަށްފަހު ޒައިން ޔޫޓިއުބް ކްލޯޒްކޮށް ފޭސްބުކް ހުޅުވިއެވެ. އެކިއެކި މީސްމީހުން ޝެއަރ ކޮށްފައި ހުރި ޕޯސްޓްތަކާއި ފޮޓޯތައް ބަލަމުން ޒައިން ދިޔައެވެ. ފޯނު ސްކްރޯލް ކުރަން އިންދައި ޒައިން އަށް ހުއްޓެވުނީ ފެނުނު ނަމެއްގެ ސަބަބުންނެވެ. “މުޙައްމަދު އާރިޝް އަލީ ޒައިދް.” ޒައިންއަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ. ޒައިންއަށް އަދިވެސް ހުއްޓުން އަރައިފައި އިނދެވުނީ އެ ނަމުގެ ފަހަތުގައި އަލީ ޒައިދް އިނުމުންނެވެ. އެހެންނޫނަސް ޢަލީ ޒައިދް ކިޔާ އެތައް ބަޔަކު މި ދިވެހިރާއްޖޭގައި އުޅޭނެއެއްނޫންހެއްޔެވެ؟ ދެން ފެނުނު ޕޯސްޓަކުން ޒައިން ގަނޑުވިކަހަލައެވެ. ހީވީ ފިނި ފެންގަނޑެއްގެ ތެރޭގައި އިނދެވުނުހެނެވެ. “މީ އެންޑް މައި ލަވްލީ ބްރަދަރ ހުސެން ނައިޒަކް ޢަލީ ޒައިދް.” އެ ބަސްކޮޅުގެ ތިރީގައި އެދެބެންގެ ފޮޓޮއެއް އިނެވެ. ޒައިންއަށް ބަލައިލެވުނީ ފޮޓޯގައި އިން ނައިޒަކްއާއި ދިމާލަށެވެ. ފަން އިސްތަށިގަނޑެއް ލިބިފައިވާއިރު އިސްތަށިގަނޑުގެ އެކި ތަންތަންކޮޅު ވަނީ ހައިލައިޓްކޮށްފައެވެ. އެ ފޮޓޯގައި ނައިޒަކް އިނީވެސް އެއްބުމަ މައްޗަށް އަރުވައިގެންނެެވެ. ނައިޒަކްގެ ކަނާއަތް ފުރަގަހަށް ލައިގެން ހުރުމުން އެ އަތުގައި ހުންނަ އައިބުކަމެއް ޒައިންއަކަށް ފާހަގައެއް ނުވިއެވެ. ޒައިން ދެލޯ ބޮޑުކޮށްގެން އެ ފޮޓޮއަށް ބަލަހައްޓައިގެން އިނެވެ. އަނެއްކާ އަހަންނާއި މިމީހުނާއި ދެމެދު ލޭގެ ގުޅުމެއް އޮންނަނީ ބާވައެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ނައިޒަކް ފަހަރުގައި ލޮލަށް ލެންސެއް ލައްވައިގެންވެސް އުޅެފާނެއެވެ. މިޒަމާނުގެ ފިރިހެނުންގެ ގޮތް އަހަންނަށްވެސް އިނގެއެވެ. ކޮންމެއަކަސް މިކަހަލަ އެއްޗެހިތަކެއް ޒައިންގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.
ބަދިގޭގައި މުނީޝާ އާއި އުޝާ އަދި ރިޝާނާ އަވަދިނެތި ޙަރަކާތްތެރިވަމުން ދިޔައެވެ. ރިޝާނާ ރޮށި ފިހަން ހުރިއިރު މުނީޝާ އުޅުނީ މަސްހުނި މޮޑުމުގައެވެ. އުޝާ އޭނާއަށް އެންމެ މީރު ސޭންޑްވިޗް ހެދުމުގައި އަވަދިނެތި އުޅުނެވެ. “ދަރިފުޅުމެން ހާދަ އަވަދިނެތިކޮށް.” ބަދިގެއަށް ވަތް އަސްމާ އަށް ތިންބެއިން ފެނިގެން އެހެން ނާހައެއް ނުހުރެވުނެވެ. “އާނ.. މަންމަ މިއަދު ހާދަ ލަހަކުން ތި ނުކުތީ؟” މުނީޝާ ފަތްކޮށަން ހުރެފައި ބުންޏެވެ. “އާނ…. ރޭގަ އެހާ ރަނގަޅަކަށް މަންމައަކަށް ނުނިދުނޭ. ބުރަކަށީގަ ރިއްސާވަރުން މިއުޅެނީ.” އަސްމާ ފުރަތަމަ ފަހަރަށް އޭނާގެ ދަރިން ކުރިމަތީ ދޮގުހެދިއެވެ. މިއީ ކިހާ ނުބައި ކަމެއްކަން އެނގިހުރެވެސް ޙާލަތުގެ ގޮތުން އަސްމާ އެހެން ބުނީއެވެ. “މަންމަ ހިނގާ އަޅުގަނޑާއެކީގަ. މަންމަގެ ބުރަކަށީގަ ތެޔޮދަމައިދޭނަން.” މައިކްރޯވޭވް އަވަނަށް ސޭންޑްވިޗް ލަމުން އުޝާ ބުންޏެެވެ. “އުހުނ. މިހާރު ކުޑަކޮށް ރަނގަޅޭ. އޭރު މާބޮޑަށް ތަދުއަރާފަ ހުރީ.” އަސްމާ އެހެން ބުނިއިރުވެސް އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ ކުލަވަރު ފާޅުވޭޭވޭހުއްޓެވެ. ރިޝާނާ ފިޔަވައި ދެން ތިބި ދެބެންނަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް ރިޝާނާ އެކަމަކާ މާބޮޑަކަށް އަޅައެއްނުލިއެވެ.
“މަންމާ!” އާރިޝް ކާކޮޓަރިއަށްވަދެ މޭޒުކައިރީގައި އިށީންނަމުން އަސްމާއަށް ގޮވައިލިއެވެ. އެއާއިއެކު އަސްމާ އައިސް އާރިޝް ގާތުގައި އިން ގޮނޑީގައި އިށީނެވެ. ދެމައިން ވާހަކަދައްކަން ތިއްބައި ރިޝާނާ ރޮށި ތަށި ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. “ކޮބާ ޒެކް؟” ނައިޒަކް ފެންނަން ނެތުމުން މަސްހުނި ތަށި ހިފައިގެން އައި މުނީޝާ އާރިޝް ގާތުގައި އެހިއެެވެ. “މިހުރީ.” ކާކޮޓަރިއަށްވަދެ މޭޒުކައިރީގައި އިށީންނަމުން ނައިޒަކް ބުންޏެވެ. “ނޭނގޭނެވިއްޔަ. ޒެކް ކޮބާހޭ އަހާލާއިރަށް މިތަނަށް ފާޅުވާނެ. ދެން ބަލައިލާއިރަކު ޒެކް އެއްނީންނާނެ ކަންނޭނގެ މިތަނުގައެއް.” މުނީޝާ އެހެން ބުނެ ހިނިގަނޑެއް ޖަހައިލަމުން ބަދިގެއަށްވަނެވެ. މަތިމައްޗަށް ބިއްލޫރި ތަށިތައް އަޅައިގެން އުޝާ އައިސް އެ ތަށިތައް މޭޒުމަތީގައި ބެހެއްޓިއެވެ. އެއާއިއެކު ނައިޒަކް ތައްޓެއް ނެގިއެވެ. އަދި އެއްވެސްވަރަކަށް ލަސްކުރުމެއްނެތި ތައްޓަށް މަސްހުނި އަޅަން ފެށިއެވެ. “ކޭމާޓުން ތަކެއް އަހަންނަށް ލިބިފަ މިތިބީ.” ސަމާސާ ރާގަކަށް އަސްމާ ބުންްްޏެވެ. އެއާއިއެކު ނައިޒަކްވެސް ހިނިތުންވެލިއެވެ. އާރިޝްވެސް ތައްޓެއް ނަގައިގެން ކާން ފެށިއެވެ. ބަދިގޭގައި ހުރެފައި ފޯނާއި ކުޅެމުން މުނީޝާ ކާކޮޓަރިއަށްވަދެ ނައިޒަކް ގާތުގައި އިން ގޮނޑީގައި އިށީނެވެ. އެންމެންވެސް ހެނދުނުގެ ސަޔަށް އިންސާފްުރަމުންދިޔައެވެ. ފަސް ބެއިން އެކަކު އަނެކަކާ ސަމާސާ ކުރަމުން ދިޔައިރު އަސްމާ އެ މަންޒަރުތަކަށް ބަލަން ހިނިތުންވެލައިގެން އިނެވެ. އަސްމާ އެހެން އިން އިރު ޒައިން މަތިން ހަނދާންވިއެވެ. މި ސަމާސާގައި ޒައިންވެސް ބައިވެރިވާނެނަމަ ހާދަހާ ފުރިހަމަވީހެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.





Woww???varah Varah Reethi mi part ves ?❤️❤️❤️❤️ Masha Allah ????? whn is next part ??? curiously waiting for it ??????? LYSM ????❤️❤️❤️❤️
Oh thank you so much Meekkomee 🙂 🙂 Next part sundayga genesdheveythoa balaanan. keep waiting. And love you too dear <3 <3 <3 <3
Salaam. Miothee “Ma’aaf” mi vaahakaige hatharuvana episode. unmeedhukuran gina kiyuntherinnau kamudhaanekamau. Enjoy reading and leave a comment. And keep waiting for the fifth episode. fasvana episode Insha Allah Sunday ga. Love you all <3 <3 <3 <3 <3
Wowww…love it???…n ly donti???..waiting for the nextt???
Thank you magnum 🙂 And love you too magnum <3 <3 <3 <3 Yes! keep waiting magnum.
Wow varah reethi mi bai ves???… Varah curious vefa hutta nimunee❤❤… Waiting for next part
Ly dhonthy
Thank you Maii 🙂 🙂 Keep waiting Maii. Iraadhakurevviyyaa Sundayga fasvana episode genesdheynan. Love you too Maii <3 <3
Vvvvv reethi mi part vx……varah furihama…..whn nxt…waiting….lysm dhonthy…….
Thank you so much Kairaa 🙂 Next episode Sundayga genesdheveythoa balaanan inge Kai. Keep waiting. And love you too Kairaa <3 <3 <3
V reethi mi part vx…???????????. V kiyaa hithun kiyanikoh nimuny..?????…… Waiting fr nxt……??????? LYSM sis…??????…..
Thank you so much Kylie 🙂 ahhaha kiyan indha dhw e nimunee. ehenvaane baeffaharu. Keep waiting Kylie. And love you too Kylie <3 <3 <3
Varah❤❤ varah ❤❤reethi❤❤ maa sha Allah❤❤ waiting❤❤ for❤❤the❤❤ next❤❤ part❤
Thank you so much Yanaa 🙂 Keep waiting inge Yanaa <3
? Varah ❤ varah ? reethi
Thank you fukkolhu <3 <3
Wow..varah reethi mi part ves..dhn vaanee kihinehbaa? Heh..varah curious vehje..avahah up kohladhehchy if u can dhonthy^.^
I can Insha Allah! And thank you Malkko 🙂 Dhn vaane gotheiy ingeynethaa dhw fahun. Dhn submit kollaafa innaanee. publish vaane irukolhakun inge dear. Keep waiting <3