އަޔާޒާއި މަލާކް ރަޝިޔާއަށް ފުރަން އޮތީ ޖެހިގެން އަންނަ ހޮނިހިރު ދުވަހު ކަމަށްވުމުން އޭގެ ކުރިން އައި ހުކުރު ދުވަހު ދެމީހުން ވެސް ހޭލަމޭލައަށް އުޅެމުން ދިޔައީ ދަތުރަށްޓަކައި ހުރިހާ އެއްޗެހި ހަމަ ކުރުމުގައެވެ. ވޭތުވެ ދިޔަ ދެތިން ދުވަހުގައި ދެމީހުން ގޭތެރޭގައި އުޅުނުއިރު ވެސް އެދެމެދުގައި ފެނިގެން ދިޔަ އެކުވެރިކަމުން ވަސީމާއަށް މަލާކާއި ވަކިން ސުވާލުކުރެވުނެވެ. އޭނަ މަލާކާއި ދެއްކި ވާހަކައަށްފަހު މަލާކާއި އަޔާޒް ވަކިވެދާނެކަމުގެ ބިރު ވަސީމާއަށް ހީވެފައި އޮތުމުންނެވެ. އެހެނަސް……
“އަޔާޒްއާ މަލާކް ވަކިވާކަށް ބޭނުމެއްނޫން، ބޮޑުމަންމާ.” މަލާކް ބޮޑުމަންމަ ކައިރި ބުނެލީ ހަމައެކަނި އެހާވަރަށެވެ. ނޭނގޭ ސަބަބަކާހުރެ އެހެން ބުނެލި ހިނދު އޭނަގެ މުޅި މުސްތަޤްބަލު އަޔާޒާއި އެކީ ހޭދަވެގެންދާ މަންޒަރު މަލާކަށް ސިފަވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އަޔާޒް އޭނައާއިވީ އެއްބަސްވުމުގެ މަތިން ހަނދާންވުމުން މަލާކް އޭނަގެ ހިނިތުންވުން ފުން ކޮށްލަން ޖެހުނީ ގަދަކަމުންނެވެ. ނަސީބު ރަނގަޅުކަމުން އޭނަ ދިން ޖަވާބުން ބޮޑުމަންމައަށް ވިސްނުނީ އަޔާޒް މައުވާ ދޫކޮށްފައިވި ކަމަށެވެ. އެހެންކަމުން މަލާކާއި އިތުރު ސުވާލުތަކެއް ކުރުމެއްނެތި ބޮޑުމަންމަ އޭނަ ދިޔަދިނުމުން މަލާކަށް ހިތާހިތުން ޝުކުރުވެރިވެވުނެވެ.
ހުކުރަށްފަހު އަޔާޒް ގެއަށް އައުމުން ދެމީހުން ދެ ކޮޓަރީގައި ތިބެގެން ޕެކް ކުރަމުން ދިޔައިރު ވެސް ދެމެދުގައި ވާހަކަތައް ދެކެވި ސަމާސާތަކެއް ކުރެވެމުން ދިޔައެވެ.
“ތުވާލި، ޗެކް! ގަމީސް، ޗެކް! ޖީންސް، ޗެކް….” އަޔާޒް އަމިއްލަ އަމިއްލައަށް އެހެން ކިޔަމުން ދިޔަ އަޑު މަލާކަށް ސާފުކޮށް އިވެމުން ދިޔައީ ދެކޮޓަރީގެ ދެމެދުގައިވި ދޮރު ހުޅުވާލެވިފައިވުމުންނެވެ.
“އެހެން އެއްޗެއް ނޭޅިޔަސް ދަތްއުނގުޅާ ބުރުސް އަޅައްޗޭ!” މަލާކް އެނދުމަތީގައި ބޭއްވިފައި އޮތް ފޮށްޓައް އޭނަގެ އެއްޗެހި އަޅަމުން ރާގަކަށް އެހެން ބުނެލީ އޭނަ އިންޑިޔާއަށް ދިޔަފަހަރު އޭނަ ހަނދާން ނެތުނު އެއްޗަކީ އެއީ ކަމަށްވާތީވެއެވެ.
“އަދި ތިއަށްވުރެ މުހިއްމު އެއްޗެހިވެސް ހުރެއެއްނު؟ މަ ނުއުޅެން ކިޔައިދޭކަށްވެސް.” އަޔާޒް ވެސް އޭނަގެ އަންނައުނުތައް ފޮށީގައި އަތުރަމުން އެހެން ބުނެލީ ލާނެތް ހިނިތުންވުމަކާއި އެކީގައެވެ. އަޔާޒް ބުނެލި ވާހަކައިން މަލާކަށް ހީލެވުނީ ރަތްވެގެން ދިޔަ މޫނަކާއި އެކީގައެވެ. މަލާކަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް އަޔާޒްގެ އަޑު އިވުނެވެ.
“އޯ ނޯ! ހަނދާނެއްވެސް ނެތޭ ފޯނުގެ ޗާޖަރު ހަލާކުވެފަ އޮތްކަމެއް. މި ހުރިހާ ދުވަހު ދޮންބެގެ ޗާޖަރުން ފޯނު ޗާޖު ކުރަމުން ދިޔައީ. މިއަދު ކޮންމެހެން ވެސް ޖެހޭނެ ފިހާރައަށް ދާން.” އަޔާޒަށް އެހެން ބުނެލެވުނީ އެނދުމަތީގައި ބޭއްވިފައި އޮތް އޭނަގެ ފޯނަށް އައި ވައިބާރ މެސެޖާއެކީ ފޯނު ނިވިގެން ދިޔުމުންނެވެ.
“އަހަރެންގެ ޗާޖަރުން އަޔާޒްގެ ފޯނު ޗާޖު ނުވާނެތަ؟ އަހަރެންގެ ޗާޖަރުން ބައްޕަގެ ފޯނުވެސް ޗާޖުވޭ.” މަލާކް ބުނެލިއެވެ.
“އިޓް ޑިޕެންޑްސް….ކޮން ކަހަލަ ފޯނެއް މަލާކް އަތުގަ އޮންނަނީ؟” އަޔާޒް އެހެން ބުނެލަމުން އޭނަގެ ފޯނާއެކީ މަލާކްގެ ކޮޓަރިއަށް ދާން މިޞްރާބު ޖެހީ އޭނައަށް އަދި މިހާތަނަށް އައިއިރު މަލާކްގެ އަތުން ފޯނެއް ފެނިފައި ނުވާކަން އެނގުންވަމުންނެވެ. އޭނައަށް އެ ފޯނު ނުފެނުނަސް އޭނަގެ ފޯނު ކަހަލަ ފަހުގެ ފޯނެއް މަލާކް އަތުގައި އޮވެދާނެކަމާމެދު އަޔާޒަށް ޝައްކުކުރެވުނެވެ. އެހެނަސް މަލާކް އޭނަ ގާތު އެހެން ބުނާނީ އެއްބްރޭންޑެއްގެ ފޯނެއް އޮތުމުން ކަމަށް އޭނައަށް ހީކުރެވުނެވެ. މުޅި ޢުމުރުގައި ވެސް ހަމަ ލޮލުން އެންމެ ދެތިން ފަހަރު ފަހުގެ ފޯނެއް ފެނިފައިވި މަލާކް މި ކަންކަމަށް ލޯ ހުޅުވިފައި ނުހުންނާނެ މިންވަރު އޭނައަށް ރޭކާނުލައެވެ. އެހެންކަމުން އޭނަ އެކޮޓަރިއަށް ގޮސް ފޯނު ދައްކާށޭ ބުނުމުން މަލާކް ނޮކިއާގެ ކުޑަކުޑަ ފޯނެއް ދައްކާލި ގޮތުން އޭނައަށް ހެވެން އުޅުނެއްކަމަކު ނުހެވުނެވެ. މަލާކްގެ ވިސްނުންތޫނުކަމާއި އަޅާ ބަލާއިރު މަލާކަށް ދުނިޔެ ފެނިފައިވަނީ ކިހާ ކުޑަކޮށްކަން އެނގުންވުމުންނެވެ. މަލާކް ނުހަނު މައުސޫމްކަމާއެކީ އޭނައަށް އެ ފޯނު ދައްކައިގެން ހުރެ ދަބަސްތެރެ ހާވަމުން ޗާޖަރުވެސް ދައްކާލިއެވެ.
“މަލާކްގެ ޗާޖަރު ހުންނަނީ އަނެއްހެން ރައުންޑްކޮށް. ބޮޑުބޭބެ އަތުގަ އޮންނަ ކަހަލަ ފޯނެއް ވެއްޖެއްޔާ ފަހަރެއްގަ ނުގުޅިދާނެ. އެކަމަކު ޗާޖަށް ޖަހާ ތަންކޮޅު ވަށްކޮށް ހުރިއްޔާ ފަހަރެއްގަ ގުޅިދާނެ ކަންނޭނގެ.” މަލާކް ޗާޖަރު ދައްކަމުން ޝައްކެއްގެ މަތީގައި ހުރެ ބުނެލިއެވެ. އެ ހިނދު އަޔާޒް މަލާކަށް ބަލަން ހުރެފައި ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި ގޮސް މަލާކްގެ ކައިރިއަށް ހުއްޓިލަމުން އޭނަގެ އަތުގައި އޮތް ފޯނު ހޯދައި ކުރުފައި މައްޗަށް ތިރިވެލިއެވެ.
“ޑޮކްޓަރ އަޔާޒްގެ އަންހެނުން އަތުގަ އޮންނަންވާނީ މިކަހަލަ ފޯނެއްނޫން. ފިހާރައަށް ދާން ވަރަށް އަވަހަށް ތައްޔާރުވޭ!” އަޔާޒް އެހެން ބުނެ މަލާކަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ އެ ފޯނާއެކީ ހިންދެމިލިއެވެ. މަލާކް މިހާރުތޯ އެހުމުން އަޔާޒް އަނެއް ކޮޓަރިއަށް ވަންނަމުން މިހާރޭ ކިޔައި ގޮވާލިއެވެ.
އަޔާޒް މަލާކް ގޮވައިގެން ކާރުގައި ދިޔައީ ފޯނާއި ލެޕްޓޮޕް ވިއްކާ ފިހާރަތަކުގެ ތެރެއިން ބޮޑު ފިހާރައަކަށެވެ. މަލާކް ގޮނޑި ދުއްވަމުން ކުޑަ ކުއްޖެއް ފަދައިން ފިހާރައިގެ ވަށައި ހޯދަމުން ދިޔަ ގޮތުން އަޔާޒަށް ހިނިތުންވެވެމުން ދިޔައެވެ. އޭނަ ފަހު ސްމާޓް ފޯނެއް ނަގައި ފިހާރައިގެ ވެރިޔާ އިޒުނައާއެކީ ފޯނު ހުޅުވާލަމުން ފޯނު ބަޓަނަކާނުލާ މަސައްކަތް ކުރާ ގޮތް މަލާކަށް ދެއްކުމުން މަލާކްގެ އަނގަ ހުޅުވި ދެލޯ ބޮޑުވަމުން ދިޔަގޮތުން އަޔާޒަށް ހެވެމުން ދިޔައެވެ.
އަޔާޒް މަލާކާއެކީ ގެއަށް އައީ މަލާކަށް ދޭން ފޯނަކާއި ލެޕްޓޮޕެއް ވެސް ގަނެގެންނެވެ. މަލާކް ކިޔަވަން ފެށުމުން ލެޕްޓޮޕަކަށް ވަރަށް ބޭނުންވާނެ ކަމަށް ބުނަމުންނެވެ. އެ ދޭތީގެ ޖުމްލަ އަގު އެނގުނު ހިނދު މަލާކް އެ އެއްޗެހި އަޔާޒް ލައްވާ ނުގަންނަން ވަރަށް އުޅުނެވެ. އެހެނަސް….
“މަލާކް ހީކުރަނީތަ މީ ހިލޭ ގަނެދޭ އެއްޗެކޭ؟ އަހަރެން މި ޢަދަދު ތަނެއްގަ ލިޔެފަ ބާއްވާނަން. މަލާކް މުޅި ރާއްޖޭގަ ހުރި ބެސްޓް މާރކެޓިންގް މެނޭޖާރގެ ގޮތުގަ ރިކޮގްނައިޒްވާ ދުވަހު އަހަންނަށް ޕޭއިބެކް ކުރާތި ހަނދާންކޮށް!” އަޔާޒް ފިހާރައިގެ ކައުންޓަރު މަތީގައި އޭނަގެ ކާޑު ބާއްވަމުން އެހެން ބުނެ އެއްލޯ މަރާލިއެވެ. އަޔާޒްގެ އެ ޙަރަކާތުންނާއި ބުނެލި ބަސްތަކުން މަލާކްގެ ދޫ ބަންދުވިއެވެ. މިއީ ދުރު މީހަކު އޭނަގެ ޤާބިލިއްޔަތުކަމާމެދު ޔަޤީންކަން ދިން ފުރަތަމަ ފަހަރުކަން އެނގުންވީ ހިނދު މަލާކް އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެތައް ގުނައެއް އިތުރުވިއެވެ. އަޔާޒް އެ ބުނިފަދަ ކާމިޔާބީއެއް އޭނައަށް ލިބުމަކީ ދުރުކަމެއް ނޫންހެން އޭނައަށް އެވަގުތު ހީވިއެވެ. އެހެންކަމުން އަޔާޒް އޭނައަށް ދިން ހަދިޔާގައި މަލާކް ހިފީ އުފަލާއި އެކީގައެވެ.
މަލާކާއި އަޔާޒް ގެއަށް ވަދެގެން އައި ވަގުތު ނިޝާނާއި ވަސީމާ ސިޓިންގް ރޫމުގެ ސޯފާގައި ތިއްބެވެ. އަޔާޒް ލެޕްޓޮޕް ފޮށްޓަކާއެކީ އަންނަ މަންޒަރު ފެނިފައި ނިޝާން އެއްޗެކޭ ބުނަން އުޅުނެއްކަމަކު އެކަމަށް ހުރަސް އެޅިގެން ދިޔައީ އާ ފޯނެއް ހިފައިގެން އިން މަލާކް ފޯނުން އެއްޗެއް ހުޅުވާފައި އެއީ ކޯޗެއްތޯ އެހުމުންނެވެ. އަޔާޒް މަލާކްގެ ކައިރިން ދަމުން މަލާކަށް ޖަވާބު ދެމުން މަލާކާއި އެކީ ކޮޓަރިއަށް ވަނީ އެތާނގައި އެހެން ބަޔަކު ތިބިހެން ހީވެސް ނުވާ ފަދައަކުންނެވެ. ދެމީހުން ވާހަކަ ދައްކަމުން ކޮޓަރިއަށްވަދެ ދޮރު ލައްޕާލި ގޮތުން އަޖާއިބުވެ އަންތަރީސްވެގެން ދިޔަ ނިޝާނަށާއި ވަސީމާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.
“މި މީހުންނަށް ކިހިނެއްމިވަނީ؟” ނިޝާން އެ ދޮރަށް ޢިޝާރާތްކުރަމުން އެ ސުވާލުކުރީ ޙައިރާންކަމާއެކީ ކަމަށްވިޔަސް އެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްވީ އޭނަގެ ކޮއްކޮއަށްޓަކައި ވެފައިވި އުފަލާއި އެކީގައެވެ. ނިޝާން ކުރި ސުވާލުން ވަސީމާއަށް ހީލެވުނެވެ.
“ރަނގަޅު އެބަވޭދޯ މަޑުމަޑުން؟ ނިޝާން ކޮންމެ އެއްޗެކޭ ބުންޏަސް އަސްލު ބޮޑުމަންމައަށް ހީވަނީ އަޔާޒް އެ މައުވާއަކާ ވަކިވީހެން. ބޮޑުމަންމަ ބުނިން މަލާކް ކައިރި މައުވާގެ ވާހަކަ. ބުނެފަ އެދުނިން މަލާކް ކައިރިން އަޔާޒް ގާތުން މައުވާއާ ބެހޭގޮތުން ސުވާލުކުރަން. ހިއެއްނުވޭ މަލާކް މިހާރު ސުވާލުނުކޮށް ހުންނާނެހެން. އިއްޔެގަ ވެސް މަލާކްއާ ސުވާލުކުރީމަ އެ މަންޖެ މި ގުޅުމުގަ އުޅެނީ އުފަލުންހެން ހީވަނީ. ފެންނަ މަންޒަރުތަކުން ވެސް އެކަން އެބަ ފެނޭދޯ؟ ހެހެ….” ވަސީމާ އުފަލާއެކީ ބުނެލިއެވެ.
“އާނދޯ؟ ބޮޑުމަންމަ ތި ބުނާ ގޮތަށް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު…އަޔާޒް އަމިއްލައަށް ގޮއްސަ ވަންނަން އުޅުނީ ކިހާ ބޮޑު އަނދިރިގަނޑަކަށް ކަމެއްވެސް އޭނައަކަށް ނޭނގޭ. އަހަންނަށް ހީވަނީ އަޔާޒަށް އެ މައުވާއަކާ އޭނަގެ ޢާއިލާގެ ޙަޤީޤަތް އެނގިފަ ނެތީހެން. އެ ނޫންނަމަ ވަރަށް ހިއެއްނުވޭ އޭނަދެކެ ލޯބިވެގެން އަޔާޒް އުޅޭނެހެންނެއް. އަޔާޒް އޭނަގެ ބައްޕަގެ ނަޞޭޙަތްތަކުގެ މަތިން ހަނދާން ހުރިއްޔާ މައުވާގެ އިތުރުން މައުވާއާ ގުޅުން ހުރި މީހުންނާވެސް އޭނަ ދުރުވާނެ.” ނިޝާން އަމިއްލަ ވިސްނުމެއްގައި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ.
“މައުވާ…..ގެ ޢާއިލާ. ތިއީ ކުރިން ބޮޑުމަންމައަށް ވިސްނިފަ ހުރި ގޮތެއްވެސް ނޫން. މިހާރު ކިރިޔާ މި ފާހަގަވީ އަޔާޒް ދުވަހަކުވެސް އޭނަގެ ޢާއިލާގެ ވާހަކަ ނުދައްކާކަން. ކިހިނެއްވީ ނިޝާން ތިހެން ތި ބުނަނީ؟ މައުވާގެ ޢާއިލާ ނިޝާންއަށް އެނގެނީތަ؟” ވަސީމާ އެ ސުވާލު ކުރީ އެނގެން ބޭނުންވުމުންނެވެ.
“އެހެންކަމަށް ބަލަމާ. މި ގަޑީގަ އެހާ ގިނައިން އެ ވާހަކަ ދައްކާ ހިތެއްނެތް. މުޅި މޫޑު ޚަރާބުވާ ކަހަލަ ވާހަކައެއް އެއީ….އެނީވޭސް…މިހާރު އަޔާޒް އުޅެނީ އުފަލުގައެއްނު؟ އެހެންވީމަ މައުވާގެ ބާބު ލައްޕާލުން އެންމެ ރަނގަޅުވާނީ….އެކަމަކު އަޔާޒް ރަޝިޔާއަށްދާން ޚިޔާރު ކޮށްފަ އޮތީމަ އަހަރުމެން އަދިވެސް ވިސްނަންވާނެ. ބަލަންވާނެ އަޔާޒް މަލާކްއަށް ދެރައެއްދޭތޯ… އަހަރުމެންގެ ނިންމުމެއްގެ ސަބަބުން އެ ނިކަމެތި ކުއްޖާއަށް ދެރައެއް ލިބިގެން ނުވާނެ. އެހެންވީމަ އެމީހުން އެކޮޅަށް ދިޔައިމަ ބޮޑުމަންމަ ވީ ވަރަކުން މަލާކްއަށް ގުޅާފަ ހުރިހާ ކަމެއް ރަނގަޅުތޯ ބެލުން މުހިއްމު. އަޔާޒް މަލާކްއާ ގާތްކަމެއް ބެހެއްޓިޔަސް އެއީ ދެއްކުންތެރިކަމެއް ކަމަށްވެސް ވެދާނެ…” ނިޝާން ބުނެލިއެވެ. އޭނަގެ އެ ވާހަކައާ އެއްބަސްވެވުނު ވަސީމާއަށް ވެސް ބޯޖަހާލެވުނެވެ.
ނިޝާނަށް ހީވީ މުޅިއަކުން ގޯސްކޮށް ނޫނެވެ. އެހެނަސް އެ ހީވި ހީވުން މުޅިން ރަނގަޅެއް ވެސް ނޫނެވެ. އަޔާޒާއި މަލާކްގެ ކިބައިން މިވަގުތު ފެންނަމުން ދިޔަ އެކުވެރިކަމާއި ގާތްކަމުގެ ފަހަތުގައިވީ ދެމީހުންގެ ދެމެދުގައި އެހެން މީހުންނަށް ދަޅައެއް ދެއްކުމަށް ވެވުނު އެއްބަސްވުމެކެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެ ދަޅައަށް ހައްލަން އެމީހުން ބޭނުންވާ ބަޔަކު ބަލަން ނެތް ކޮޓަރިއެއްގެ ތެރޭގައި ވެސް ހަރުލާފައިވީ އެދެމީހުންގެ އުފާވެރި އަޑުތަކެވެ. ދެމީހުން އެކަކު އަނެކަކާ ޖެހިޖެހިގެން އެނދުގެ ކޮޅުގައި އިށީނދެގެން ތިބިއިރު އަޔާޒް ނުހަނު ގަޔާވެގެން މަލާކްގެ އުނގުމަތީގައި ބެހެއްޓިފައިވި ލެޕްޓޮޕާއި ކުޅެންވީ ގޮތް ކިޔައިދެމުން ދިޔައެވެ. ލެޕްޓޮޕުން ދަސްވާ ކޮންމެ އާ ކަމަކާއެކީ މަލާކް މޫނުމަތި އުޖާލާވެގެން ދާހެން އަޔާޒް އެ މޫނަށް ބަލަހައްޓައިގެން އިންނަނީ އުފާވެފައެވެ. އަޔާޒަށް ގޮސް މަލާކާއި ނުހަނު ކައިރީގައި އިށީނދެވުނު ފުރަތަމަ ވަގުތުކޮޅު ދެމީހުންވެސް ޖެހިލުންވިއެއްކަމަކު ލެޕްޓޮޕްގެ ވާހަކަ ފެށިގެން ދިޔުމުން ދެމީހުންގެ ސަމާލުކަން ވެސް އެއަށް ހުއްޓުނެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ދެމީހުންނަށް ވެސް ލަސްލަހުން ސަމާސާތަކެއް ކުރެވެން ފެށުމުން ދެމީހުން އަމިއްލަ ދުނިޔެއަކަށް ގެއްލުނެވެ. ދެމަފިރިން އެކީގައި އެވަގުތުކޮޅު ހޭދަކުރަމުން ދިޔައީ މި ވަގުތުކޮޅުގެ މާނަ ނަގަންވީ ގޮތަކާއި، ދެމީހުން އެކުގައި ތިބި މަންޒަރު ފެނިފައި މީހަކު ބުނެލާނެ ބަހަކަށް ނުވިސްނަން އެދެމުން ދިޔަ ދެ ހިތާއި އެކީގައެވެ. އެ ދެހިތަށް ވެސް އޭގެ އަމިއްލަ ދިރުމެއް ލިބިގެން އުޅޭ ފަދައަކުންނެވެ. އެހެންކަމުން ﷲ ރުހިވޮޑިގެންވާފަދަ ގުޅުމެއްގައި ހޭދަކުރި އެ ހިނދުކޮޅުން އެ ދެހިތަށް ވެސް ހަމަޖެހުމެއް ނޫނީ ނުލިބެއެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނު ދެމީހުން ފުރަން ދިޔައީވެސް އެ ހިތްހަމަޖެހުމާއި އެކީގައެވެ. އެއާރޕޯޓަށް ދިޔައިރު ވެސް ދެމީހުންގެ ދެމެދުގައި އޮތް އެ ގާތް ގުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޗެކް-އިން ކުރުމަށްފަހު ރެސްޓޯރެންޓަކުން ސައި ބުއިމުގެ ތެރެއިން މަލާކްއާ އަޔާޒް މިހާރު ވަރަށް އެކުވެރިދޯއޭ ބޮޑުމަންމަ ބުނެލުމުން އާނއެކޭ ބުނެލެވުނީ ދެމީހުންނަށް އެކުއެކީގައެވެ. އެއާއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލައި ހީލެވުމުން އެއީ ދެ ލޯބިވެރިންހެން ބަލަން ތިބޭ ބަޔަކަށް ހީވެދާނެއެވެ. އެހެނަސް އެމީހުން ފޮރުވަމުން ދިޔަ ޙަޤީޤަތްވީ އެ ދެހިތުގެ އެންމެ ފުން މިނުގައި ފޮރުވިފައެވެ. އޭގެއިން ކޮންމެ ވަގުތު ކޮޅެއްގައި އާދަޔާ ޚިލާފު އިޙްސާސްތަކެއް އެ ދެހިތުގައި ހިނގާލައެވެ. އޭނަ ނުހަނު އަވަހަށް އަޔާޒާއި ދުރުވާން ޖެހޭކަން މަލާކްގެ ހިތް ހަނދާންކޮށްދޭ ހިނދު މަލާކާއި ވަކިވުމުގެ ޚިޔާލުން އަޔާޒްގެ ހިތަށް އުދަގޫވަމުން ދިޔައެވެ. އެހެނަސް ދެމީހުންވެސް އަވަސްއަވަހަށް އެ ޚިޔާލުތަކުގެ މަތިން ހަނދާން ނައްތާލަމުން އެކަކު އަނެކަކާ ހިނިތުންވެލަނީ މި ގުޅުމަކީ ހަމައެކަނި ދެމީހުން ކަންތައްތަކެއް ލިބިގަންނަން ކުރިއަށް ގެންދާ ގުޅުމެއްކަން ހަނދާން ކުރަމުންނެވެ.
ރަޝިޔާއަށް ފުރުމަށްޓަކައި އަޔާޒާއި މަލާކް ފްލައިޓަށް އެރީ ހެނދުނު 9:30 ވެ ބޮޑުވި ފަހުންނެވެ. ޤަތަރު އެއާރވޭސްގެ ފްލައިޓްގެ ދިގު ސިޑިބަރިން އަޔާޒް އަރަން ދިޔައީ މަލާކް އޭނަގެ ބާރުގަދަ އަތްދަނޑިމައްޗަށް އުފުލައިގެންނެވެ. އެ ވަގުތުކޮޅުގައި ވެސް ދެމީހުންނަށް އެކަކު އަނެކަކާއި ހިނިތުންވެގެންނެވެ. އެ ހިނދު މަލާކް އޭނަގެ ހިތުތެރޭގައި ފޮރުވާލި އިޙްސާސްތައް އޭނަ ކިތަންމެ ބޭނުމެއް ނުވިޔަސް ފެންމަތިވާން ފެށިހެން އޭނައަށް ހީވިއެވެ. އަޔާޒް އޭނަގެ ހިތް ދަމައިގަތް އެއްޙަރަކާތަކީ މި ޙަރަކާތް ކަމަށްވާތީވެއެވެ. މަލާކް އެކަމާމެދު ވިސްނަމުން ދިޔައިރު އޭނައަށް ނޭނގުނު ކަމަކީ އޭނަގެ މޫނުން ނަޒަރު ވަކިކުރަން އަޔާޒަށް ދަތިވެފައިވިކަމެވެ. ދޭތެރެދޭތެރެއިން އޭނަ ކުރިމައްޗަށް ނަޒަރު ހުއްޓަމުން ދިޔައީވެސް މަލާކް އެކަމާމެދު ސުވާލު ކޮށްފާނެތީވެއެވެ. އެހެނަސް ބަނަކަން ވެރިވެފައި އޮތް އުޑުގެ ސަބަބުން އަނދިރިވެފައިވި މާޙައުލުގެ ތެރެއިންވެސް ވިދުމަކާއެކީ ފެންނަމުން ދިޔަ މަލާކްގެ މޫނަށް އޭނައަށް ތަކުރާރުކޮށް ބެލެމުން ދިޔައެވެ. އެކަމާމެދު ވިސްނުމުން މައުވާ މަތިން ހަނދާންވެފައި އަޔާޒް އަމިއްލަ ނަފްސަށް ނުރުހުންވިއެއްކަމަކު އޭނައަށް މިގޮތަށް ނުބެލޭނީ ކޮން ރީތި އަންހެން ކުއްޖަކާ ދިމާލަށްތޯ އަޔާޒަށް ހިތާހިތުން ކިޔާލެވުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ މަލާކާއި ދުރުކަމެއް ބާއްވަން ނިންމިއެވެ. މައުވާއަށް ވަފާތެރިވުމުގެ ގޮތުންނެވެ.
އެހެނަސް ދެންވެސް ކަންތައްވެގެން ދިޔައީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ. ފްލައިޓަށް އަރާފައި މުޅި ދަތުރު މަތީގައި މަލާކާއި ވާހަކައެއް ނުދެއްކުމުގެ ބަހަނާގައި އަޔާޒް މަޖައްލާއެއް ނަގައިގެން ކިޔަން ފެށިއެވެ. އެހެނަސް ފްލައިޓް ރަންވޭއަށް ދިޔުމަށްޓަކައި ދުއްވާލުމުން އޭނައަށް މަލާކާއި ދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ދަތުރު ފެށިގެންދާ އެވަގުތުގައި މަލާކް ނުތަނަވަސްވާނެ ވަރާއިމެދު އޭނައަށް ވިސްނެމުން ދިޔައީ ރޭއްސުރެއެވެ. އޭނަ ބަލާލިއިރު އޭރުވެސް ގޮނޑީގެ އަތްގަނޑުމަތީގައި ބޭއްވިފައި އޮތް މަލާކްގެ ދެއަތަށް ބާރު ކުރެވިފައިވީ އެކަމަށް ތައްޔާރުވާން އުޅޭ ފަދައަކުންނެވެ. އެ މޫނުމަތިން ވެސް އަޔާޒަށް ފެނިގެން ދިޔައީ އޭނަ ލަފާކޮށްގެން ހުރި ފަދަ ނުތަނަވަސްކަމެކެވެ.
ފްލައިޓް މަޑު ދުވެއްޔެއްގައި ދުއްވަމުން ގޮސް ރަންވޭ ކައިރީގައި މަޑުކޮށްލީ އަޔާޒް މަލާކަށް ބަލަބަލާ އިންދައެވެ. އެއަށްފަހު ކުއްލި ގޮތަކަށް ފްލައިޓް ދުއްވަން ފެށިތަނާހެން މަލާކްގެ ދެލޯ މެރި ތަގުޅިވެގެން ދިޔަ ވަގުތު އަޔާޒް އޭނަގެ އަތް މަލާކްގެ އަތް މަތީގައި ބޭއްވިއެވެ. އެ ހިނދު އެ ވަގުތުކޮޅުގެ ބިރުވެރިކަމުގައިވި މަލާކަށް ލޯ ހުޅުވާލަމުން އަޔާޒަށް ބަލާލެވުނީ އޭނަގެ ހުރިހާ ސަމާލުކަމެއް އަޔާޒަށް ދެމުންނެވެ. ދެންމެ އޭނަގެ ހިތަށް ވެރިވި ހުރިހާ ބިރުވެރި ޚިޔާލެއް އެއްފަހަރާ ވިއްސިވިހާލިވީ އަޔާޒްގެ ހިނިތުންވުން ފެނުމުންނެވެ.
“އަހަންނަށް ބަލާ މަލާކް….” އަޔާޒް މަލާކާއި ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ. އިސާހިތަކު އަޔާޒް އޭނަގާތު އެހެން ބުނަންވީ ކީއްވެކަމާމެދު މަލާކަށް ވިސްނެން ފެށީ އޭނަ ނުތަނަވަސްވާންވީ ހުރިހާ ސަބަބެއްގެ މަތިން ހަނދާން ނައްތާލަމުންނެވެ. އަޔާޒްގެ ފުން މިން ނޭނގޭ ދެލޮލަށް ހިނދުކޮޅަކަށް ނަމަވެސް މަލާކް ގެނބުމުގެ ސަބަބުން އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން ނަގާލީ މަލާކެވެ.
“ކިހިނެއްވީ އަޔާޒް؟” މަލާކަށް ސީރިއަސްކަމާއެކީ އަހާލެވުނެވެ. އެ ހިނދު ފްލައިޓް މަޑުމަޑުން ބިމުން ހެލެން ފެށީއެވެ. އެއާއެކު އަޔާޒް އޭނަގެ ހިނިތުންވުން ފުންކުރަމުން އޭނަގެ އަތް މަލާކްގެ އަތްމަތިން ނަގާލިއެވެ.
“ކަމެއްނުވޭ….އަހަރެންގެ މޫނުގަ އެއްޗެއް ހުރިތޯ ބަލާލަންވެގެން މަލާކް ކައިރި ބުނެލީ ހަމަ ބަލާށޭ. އެއްޗެއް ނެތީމަތާދޯ ރީތިވެގެން ތިގޮތަށް ބަލަހައްޓައިގެން އިނދެވޭނީ؟ ސޯ އައިމް ގުޑް!” އަޔާޒް ލާނެތް ހިނިތުންވުމަކާއެކީ އަނެއްކާވެސް އޭނަގެ މަޖައްލާ ހުޅުވަމުން ބުނެލިއެވެ. އެ ހިނދު މަލާކްގެ މޫނުމައްޗަށް ވެރިވީ ޤަބޫލުކުރަން ވެސް ބޭނުމެއްނުވެގެން އުޅޭ ފަދަ އަސަރެކެވެ. ހަމަ އެއާއެކު އަޔާޒް ރުޅިއަރުވާލުމުގެ ރޫޙެއްވެސް އޭނަގެ ހިތުގައި އުފެދުނެވެ.
“އައްޗި! މީހެއް ނޫޅޭ ރީތިވެގެންނެއް. ކިތައް އަންހެން ކުދިން ރީއްޗޭ ބުނެގެން ތި ވާހަކަ ތި ޤަބޫލުކުރަނީ؟ މަލާކްއަށް ރީއްޗެއްނޫން!” މަލާކް އެހެން ބުނެ ރުޅި މޫނު ހަދައި ދެއަތް އުރާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެ ހިނދު މަލާކަށް ބަލާލި އަޔާޒަށް މަލާކްގެ ރަތްވެފައިވި މޫނު ފެނިފައި އޭނަ އެހެދީ ދޮގެއްކަން ޔަޤީންވިއެވެ. އެއާއެކު އަޔާޒަށް އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ހިނިތުންވެލެވުނީ ހިތަށްވެރިވި އާދަޔާ ޚިލާފު އުފާވެރިކަމެއްގެ ސަބަބުންނެވެ.
**
އަޔާޒާއި މަލާކް އެމީހުންގެ ދިގު ދަތުރަށް ދޫކޮށްލުމަށްފަހު ނިޝާނާއި ވަސީމާ އެމީހުންގެ ޢާއްމު ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ. މިގޮތުން ކޮންމެ ހޮނިހިރެކޭ އެއްފަދައިން އެދުވަހު ހަވީރުވެސް ނިޝާން ލަޔާން ގޮވައިގެން އެމީހުންގެ ސްކޫލްގައި އޮތް ފުޓުބޯޅަ ޕްރެކްޓިސްއަށް ގެންދިޔައެވެ. ލަޔާން އެންމެ ފަހުން ލޭ އެޅީ މީގެ ދެދުވަހެއްހާ ކުރިން ކަމަށްވިޔަސް އޭނަގެ ކިބައިން ފެންނަމުން ދިޔަ ވަރުބަލިކަމުން އޭނަ އެތަންތަނަށް ގެންދަން ވެސް ނިޝާން ހިތްހަމައެއް ނުޖެހެއެވެ. އެހެނަސް ނުގެންދިޔުމުން ވެސް ލަޔާން ދެރަވާނެ މިންވަރު އެނގިފައި އޭނަ އެ ޕްރެކްޓިސްއަށް ފޮނުވަނީ ލަޔާން ލައްވައި ކުޑަކޮށް ނޫނީ ނުކުޅުވުމަށް ލަޔާންގެ ކޯޗު ކައިރީގައި އެދިފައެވެ. ޢާއްމު ގޮތެއްގައި ޕްރެކްޓިސް ސްޓޭޑިއަމެއްގައި ބޭއްވޭ ދުވަސްދުވަހު ލަޔާން ކުޅެ ނިމެންދެން ބަލަން ނިޝާން ހުރެއެވެ. އެހެނަސް އެދުވަހު ޕްރެކްޓިސް އޮތީ ސްކޫލްގައި ކަމަށްވެފައި އޭނަ މީގެ އެއްދުވަސްފަހުން ކޯޓުގައި ވަކާލާތުކުރަން ހަމަޖެހިފައިވާ މައްސަލައަށްޓަކައި ނިންމަން ޖެހޭ ބައެއް ކަންތައް ހުރުމާއެކު ލަޔާން ސްކޫލަށް ލާފައި ނިޝާން އޭނަގެ ކާރު ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު ވެސް އޭނައަށް ވިސްނެމުން ދިޔައީ ފާރޫޤު އޭނައަށް ހުށަހަޅާފައިވާ އެ މައްސަލައާއި މެދުގައެވެ. މި ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެ މައްސަލައަށް އިތުރު މައްސަލަތަކެއް ވެސް އެއްވެފައިވެއެވެ.
“މިހާރު މަށަށް ނިދޭވަރެއްނުވޭ ދޭތެރެދޭތެރެއިން ފޯނަށް އަންނަ އިންޒާރުތަކާހެދި. މަހީރާގެ އެ މައްސަލަ ކޯޓުގައި ބަލަން ފަށައިފިއްޔާ މަ ކުޑަ ގޮޅިއަށް ލެވޭނެ ވާހަކަ ބުނަމުން އަންނަނީ. ދިގު ނަންބަރެއްވީމަ މަށަށް ނުވެސް ހޯދޭ އެއީ ކާކުގެ ނަންބަރެއްތޯ އެކަމަކު މަށަށް ހަމަ ޔަޤީން އެއީ މަހީރާގެ ކަންތައް ކަން. މަގޭ ހިތަށްއަރަނީ މަ މި މައްސަލަ ހުށަހަޅަން އުޅޭކަން އޭނައަށް އެނގޭނީ ކިހިނެއްބާއޭ. އޭނައާ އޭނަގެ އަންހެން ދަރި ވެސް އަނބުރާ އަމިއްލަ ޤައުމަށް ދިޔަ ފަހުން އަހަރެން މި މައްސަލަ ހުށަހެޅީވެސް…” ފާރޫޤު ކިޔައިދިނެވެ.
ނިޝާން އެ ވާހަކައާއިމެދު ވިސްނަމުން އަނބުރާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް އޭނަގެ ކޮޓަރީގެ އެތެރޭގެ ބައިގައި ހުންނަ އޭނަގެ ކިޔަވާ ކޮޓަރިއަށް ވަދެ އެ މައްސަލައާއި ގުޅިގެން އޭނަ އެއްކޮށްފައިވާ ލިޔެ ކިޔުންތަކަށް ބަލައި ދިރާސާކުރަމުން ދިޔައެވެ. އިރުގަނޑެއް ވަންދެން އެ ލިޔެކިޔުންތަކަށް ގެއްލިފައި ވަނިކޮށް އޭނަގެ އެ ދިރާސާއަށް މެދުކެނޑުމެއް އައީ އެއްލި ކަޅިއަކުން ގަޑި ފެނިގެން ދިޔުމުންނެވެ. ގަޑިން 5:35 ވެ ބޮޑުވެފައިވި މަންޒަރު ފެނިފައި އޭނައަށް ތެދުވެލެވުނީ ލުއްކެއްޖަހަމުންނެވެ. ލަޔާންގެ ޕްރެކްޓިސް ނިމޭ ގަޑިއަކީ 5:30 ކަމަށްވުމުން އޭނަ ދެވަނަ ވިސްނުމެއްވެސް ކާރުގެ ތަޅުދަނޑިއާއެކީ ކޮޓަރިން ނިކުންނަން ދިޔައެވެ.
އޭނަ ޢާއްމު ގޮތެއްގައި ލަޔާން ހޯދަން ލަސްވާ ދުވަސްދުވަހު ވާހެން އެދުވަހު ވެސް ނިޝާންގެ ހިތް އަވަސްވެފައިވިއެވެ. ކާރު ދުއްވަމުން ދިޔައިރު މިނިޓެއްގައި އެތައް ފަހަރެއްގެ މަތިން ގަޑިއަށް ނަޒަރުތަކެއް ދެވެމުން ދިޔައެވެ. ކުރިމައްޗަށް ދުއްވާ އެއްޗެހި އަރަމުން ދިޔަ ކޮންމެ ފަހަރަކު އޭނަ ނުރުހުންވަމުން ދިޔައެވެ. އޭނަ ލަސްވިޔަސް ލަޔާން ރައްކާތެރިކަމާއެކީ ސްކޫލްގައި ތިބޭ މީހުން ބަލަހައްޓައިދޭނެކަން ޔަޤީންވިއެއްކަމަކު އޭނަގެ ދަރިފުޅަށްޓަކައި ހިތަށް ވެރިވާ ނުތަނަވަސްކަމުގެ މައްޗަށް ނިޝާނަށް ބާރެއް ނުފޯރުވެއެވެ.
ކޮންމެ ގޮތެއްވިޔަސް އޭނަ ގެއިން ނިކުތްތާ 5 ވަރަކަށް މިނެޓް ތެރޭގައި ނިޝާން ލަޔާންގެ ސްކޫލާއި ހަމައަށް ފޯރިއެވެ. ސްކޫލްގެ ކައިރީގައި ކާރު ޕާކްކުރުމަށްފަހު ނިޝާން ކާރުން ފޭބިއިރު ވެސް ބައެއް ބެލެނިވެރިން ފުޓުބޯޅައިގައި ބައިވެރިވާ ކުދިން ގޮވައިގެން ސްކޫލުން ދަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ނިޝާން އެމީހުންނަށް ބަލަމުން ބަލަމުން ސްކޫލްގެ ގޭޓުން ވަދެގެން ދިޔައެވެ. އެއަށްފަހު މަޑުކުރުމެއްނެތި ސްކޫލްގެ ކަނާތްފަރާތުން ފެންނަން އޮތް ގްރައުންޑާއި ދިމާލަށް މިޞްރާބުޖެހީ ލަޔާންމެން ޢާއްމު ގޮތެއްގައި ކުޅެ އުޅޭ ތަނަކީ އެއީ ކަމަށްވެފައި އެދިމާލުން ލަޔާންމެންގެ ކޯޗުވެސް ފެނިގެން ދިޔުމުންނެވެ. ދުރުން އެ މަންޒަރު ފެންނަމުން ދިޔައިރު ކޯޗުގެ ކައިރިން ދެ ތިން ކުދިންވެސް ފެންނަމުން ދިޔައީތީ އެތާނގައި ލަޔާން ހުރެދާނެކަމަށް ނިޝާނަށް ހީކުރެވުނެވެ. އެހެނަސް އެމީހުންނާއި ގާތްވީއިރު ވެސް އެތަނުން ލަޔާން ނުފެނުމުން ނިޝާނަށް ވާހަކަ ދެކެވުނެވެ.
“ލަޔާން ކޮބައިތަ؟” ނިޝާން ކޯޗު ކައިރިން އެ ސުވާލުކޮށްލީ ނުތަނަވަސްވެފައިވާ ޙާލުގައި ކަމަށްވިޔަސް އޭނަ ހިނިތުންވެވޭތޯ ބެލިއެވެ. އެ ހިތްހެޔޮ ކޯޗަށް އޭނަ ކުރާ އިތުބާރާއި އެކީ އެ ޙާލަތުގައި ހެޔޮކޮށް ވިސްނުމަށްވެސްމެއެވެ. އެހެނަސް…..
“ލަޔާން ގޮވައިގެން ގޮއްސިއެއްނު؟” ކޯޗު އެހެން ބުނެލީ ދެބުމަ ކައިރިކޮށްލަމުން ނިޝާނަށް ނޭނގޭތީ ޙައިރާންކަމެއް ވެރިވެފައިވި މޫނަކާއެކީ ގައެވެ.
“ކީކޭ؟ ކާކު ގެންދިޔައީ؟!” މޭގަނޑު އަތަށް އައިހެން ހީވި ވަގުތުކޮޅަކަށްފަހު ނިޝާނަށް އެހެން އަހާލެވުނީ އަވަސްއަވަހަށެވެ.
“ލަޔާންގެ މަންމަ ގެންދިޔައީ.” ކޯޗު ބުނެލި އެ ވާހަކަ ނިޝާންގެ ސިކުނޑިއަށް ނެގިގެން ދިޔަ ވަގުތު އޭނަ ހުއްޓުން އެރިއެވެ.
ނުުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Assalaam’alaikum. Jana beynunvi hisaabakah noon mi bai genesdhevifa miothy. varah ulhunin Russia ge scene thah ves himanan. ekamaku mivaguthu vee iru mihaavarah hama mi liyevuny. mihaaru up nukuriyya miadhuge kanthah hurigothun dhen up nukureveynehen heevaathy mi up kury.
In Sha Allah dhen oiy bain vaahakaige blog post thah ves feshigen dhaane. baeh kiyuntherin hithah araafaane mi faharu blog post thah ves varah madhey. ekamaku aslu ehen e vany mi vaguthu vaahakaige main characters aky ehaa dheenveri bayakah nuvaathy. In Sha Allah vaahakaige maigandu massala thah address vaan feshyma post thah ves ginavaane. e baithakaky jana varah liyan ves hiyvva baithah. Ayaz aa Malaak Russia ah dhiyaima haqeeqathuga vaahaka feshigen dhaany. ehenveema dhen oiy bai kiyan Russia ah dhaan thayyaaruvegen hurihaa kiyuntherin thibehchey 😉 e bai sunday ga In Sha Allah 😀
Me first
^_^
Ma sha Allah.. vvvvv reethi mi part ves..❤❤
Alhe week ehga 3 parts genesdhevey vareh nuvaanetha… Haadha dhigu inthizaareh Kuran jehey Sunday ah anehkaa..?
week ehga 3 parts genesdheyn vejjeyya hama nuvefa onnaany someone. eyrun mihaa dhigukoh ves nugenesdheveyne. hehe…adhi time veema jana up vaa goiy avas kohdheynan In Sha Allah 🙂
Mee online site akun mihaaru genesdhey emme reethi vaahaka. Kiyaahithun kiyaalevey, adhi baraabarah update kohdheythee varah bodah shukuriyyaa. Jazaakallaah.
Asluvestha? hehe….Alhamdhulillah! abadhuves masakkaiy kurany kuriah vure rangalhah liyamun gendheveytho In Sha Allah. jana ge nazarun adhives rangalhu kurevidhaane kanthah ebahuri 🙂 In Sha Allah ekanthahves rangalhu kuramun dhaany. Baarakallah Laka!
ma sha allah….haadha reehchey mi bai vx….vrh vrh kiyaa hithun kiyaalevuny…jana liyun story thakuge therein i ky dhe story ah vure mi story maa furihama ma sha allah?….ayaaz n malaak aslah vx loabi couple eh gothah hadhaaba….n hithah eri ehdmeehunnaa eky russia ah dhevun nama ey…rangalhu advice eh dheyn?….hehe i vrh anga dhw…um dhen hithah mi arany keehve baa ey layaan ge mom layaan gendhiyaee.. gaimu beynumeh nuuney buni dhw ley alhaa kuhjeh?… nuuntha sis…Dhen kyhve baa?….Dhen alhe mauvaa ayaaz aa gulhey goii nahdhahdhey…so curious i am….n jana thikuraa masahkathah ” Jazakillah khairan ” bunelaanyy….aslu haadha hiyy varu gadha v ma ey eng.vhk aa mi vhk upkureveyny…adhi blog post thah vx genesdhemun….jana thy hama vrh molhu writer eh masha allah…thigothuga kuriah dhahchey…may allah bless u with endless happiness, may allah fulfill ur dreams, aspirations And May Allah respond ur duas, may allah reward u a home for u in Jannah!!..Aameen?
Subhaanallah haadha dhigu comment ekey jiji. I’m touched ingey sis? hehe….ekamaku jiji thi heekuraahaa hiyvaru gadha eh noon kanneynge jana. jana ge weak points thah hurey. kuraa masakkaiy thakuga rangalhu kuranvy kanthah hurey. hama jiji ekey ehen meehekey effadhain. abadhuves ehdhuvahun anehdhuvahah ulhun rangalhu kureveytho masakkaiy kurany. baeh dhuvasthah jana hiyhama jehey gothah nudhiyayas gina dhuvasthah rangalhah heydha kureveytho masakkaiy kurany. its a struggle for me just as it is for all of us ingey? So shout out to all those who are struggling to better themselves every single day. May Allah bless you with everything and more that you asked for me. Ameen! <3
ma sha allah….haadha reehchey mi bai vx….vrh vrh kiyaa hithun kiyaalevuny…jana liyun story thakuge therein i ky dhe story ah vure mi story maa furihama ma sha allah?….ayaaz n malaak aslah vx loabi couple eh gothah hadhaaba….n hithah eri ehdmeehunnaa eky russia ah dhevun nama ey…rangalhu advice eh dheyn?….hehe i vrh anga dhw…um dhen hithah mi arany keehve baa ey layaan ge mom layaan gendhiyaee.. gaimu beynumeh nuuney buni dhw ley alhaa kuhjeh?… nuuntha sis…Dhen kyhve baa?….Dhen alhe mauvaa ayaaz aa gulhey goii nahdhahdhey…so curious i am….n jana thikuraa masahkathah ” Jazakillah khairan ” bunelaanyy….aslu haadha hiyy varu gadha v ma ey eng.vhk aa mi vhk upkureveyny…adhi blog post thah vx genesdhemun….jana thy hama vrh molhu writer eh masha allah…thigothuga kuriah dhahchey…may allah bless u with endless happiness,aamen?
ma sha allah….haadha reehchey mi bai vx….vrh vrh kiyaa hithun kiyaalevuny…jana liyun story thakuge therein i ky dhe story ah vure mi story maa furihama ma sha allah?….ayaaz n malaak aslah vx loabi couple eh gothah hadhaaba….n hithah eri ehdmeehunnaa eky russia ah dhevun nama ey…rangalhu advice eh dheyn?….hehe i vrh anga dhw…um dhen hithah mi arany keehve baa ey layaan ge mom layaan gendhiyaee.. gaimu beynumeh nuuney buni dhw ley alhaa kuhjeh?… nuuntha sis…Dhen kyhve baa?….Dhen alhe mauvaa ayaaz aa gulhey goii nahdhahdhey…so curious i am?
Oops sorry ingey e vrh comment kurevifa huryma….assu comment eyru nudhiyaeema e vrh fonuvan jehuny?
It will really be very nice if you finish the story and start uploading. That way readers will not be disappointed. Vaahaka baeh faharu short vumaaa bunaa dhuvahah upload nuvumaaa ni kanthahthakakee kiyuntherin shauguverikan kuda kolla kameh. Im just being honest. Because i really like your stories. Varah honest varah ibraitheri. Just for your stories i come here. dnt take me wrong. do your best dhoonyaa.
Varah reethi…Maa sha allah
waiting for the next part.
Vvvvvvvvv Varah reethi Mi vaahaka ????????