ރާސްތާ2 ދެވަނަބައި
ފަނަރަ އަހަރު ފަސް……
ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ދަނޑު ގުގުމަމުން ދިޔައެވެ. އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ އުމުރުން އެންމެ އަށާރަ އަހަރުގެ ޔޫސުފްގެ ނަމެވެ. އޭރު ޔޫސުފް ހުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތަށް އަރަން ތައްޔާރަށެެވެ. ފެހިކުލައިގެ ޖާޒީގެ ފަހަތުގައި ކަޅު ކުލައިން ޔޫސުފްގެ ނަން ޖަހާފައި ހުއްޓެވެ. ނަމުގެ ތިރީގައި ވިހި ނަންބަރު ޖަހާފައި އިނެވެ. އަންހެންކުދިންގެ ލޯތަށް ޔޫސުފް އާއި ދިމާއަށް ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އިސްކޮޅުން ދިގުވެފައި އެހާމެ ވަރުގަދަ ހަށިގަނޑެކެވެ. އަތުގެ ނާރުތައް ފުއްޕާލާފައެވެ. ފަންބޯ އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައެވެ. ތުނިކޮށް ފަޅާފައި ހުރި ތުނބުޅީގެ ސަބަބުން އެހާމެ ފިރިހެންވަންތައެވެ. އަސަރުގަދަ ދެލޮލުގެ އަސަރުގައި ޖެހިފައި ކުދިންތައް ތިއްބެވެ. ޔޫސުފް ދަނޑަށް އެރުމާއެކު ހޯބޯ ލައްވަމުން ދިޔަ ކުދިންގެ އަޑު އިތުރަށް ގަދަވިއެވެ.
ވީއައިޕީ ބައިގައި މެޗު ބަލަން އިން އާރާޝްގެ ތުންފަތް މަތީގައި ފުޅާ ހިނުތުންވުމެއް ހުއްޓެވެ. ޔޫސުފް ނިއުރޭޑިއަންޓްގެ ސީނިއާރ ޓީމަށް ކުޅެދޭ ފުރަތަމަ މެޗުބަލަން ކެއްމަދުވެފައި ހުންނަތާ އެތައް ދުވަހެކެވެ. ޔޫސުފް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރުވާނެ ކަމުގެ އެއްވެސް ޔަގީންކަމަށް ނެތްނަމަވެސް އޭނާ މެޗު ބަލަން އައީ ކުރެވުނު އުއްމީދެއްގެ ސަބަބުންނެވެ. ޒުވާން އުމުރުގައި އޭނާ ފަދައިން ދަރިފުޅުވެސް މޮޅު ކުޅުންތެރިއަކަށް ވާތަން ދެކެން އޭނާ ނުހަނު ބޭނުމެވެ.
އަތުގައި އޮތް ފޯނުން ޔޫސުފް ދަނޑަށް އެރިތަން ޔާޒް ރިކޯރޑް ކޮށްލިއެވެ. އާރާޝްއާ އެއްކޮށް އޭނާވެސް މެޗު ބަލަން އައެވެ. މާލެއިން ބޭރަށް ދާން ބޭނުންވެފައި ހުއްޓާ އާރާޝް އަންނަން ބުނުމުން ފުރުސަތުގެ ބޭނުން ހިފައިގެން އައެވެ. އޭނާ ކޮންމެހެން އައިކީ މެޗު ބަލާހިތަކުން ނޫނެވެ. އޭނާގެ އާއިލާ ކިތަންމެ ފުޓުބޯޅައަސް ޔާޒް ފުޓުބޯޅަ އަދި ކުޅިވަރަށްވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. ބައެއް ފަހަރު ޔޫސުފްއާއެކީ މެޗު ބަލަން ދިއަޔަސް އޭނާ އިންނާނީ ފޯނަށް ގެއްލިފައެވެ. މިއަދު އޭނާ މެޗު ބަލަން އެހުންނަނީ ޔޫސުފް އަރާތޯއެވެ.
****
ހުދުދޮންވެލިގަނޑު މަތީ އިށީންދެލައިގެން އިން އަންހެން ކުއްޖާ އަތުގައި ޑައިރީއެއް ކަހަލަ ފޮތެއް އޮތެވެ. ފޮތުގައި ކޮންމެސް އެއްޗެއް ލިޔަމުން ދިޔައިރު އެކުއްޖާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ވެއްޓި ގަނޑުގައި ޖެހުމާއެކު ނޫކުލައިގެ ގަލަމުން ލިޔެފައި ހުރި ތަންކޮޅު ފޭދިގެން ދިޔައެވެ. އަތުގެ ނުފުށުން ކަރުނަ ފުހޭލާފައި އަނެއްކާވެސް ލިއުން ކުރިއަށް ދިޔައެވެ. ދޭތެރެއަކުން ނޭފަތްވެސް ދަމާލައެވެ. ދެތިން ގަނޑު ލިއެވުމާއެކު އެކުއްޖާގެ ހިތްފުރުނީ ކަންނޭންގެއެވެ. ފޮތް ލައްޕާލުމަށްފަހު މެއާލާ ބޮނޑިކޮށްލިއެވެ.
***
ޔޫސުފް ފައިގައި ޖެހުނު ފުރަތަމަ ބޯޅަ ނެރެން ޖެހުނީ ގޯލުގެ ތިން ދަނޑީގެ ތެރެއިންނެވެ. އޭރިއާ ބޭރުގައި ހުރެފައި ކަނާއަތު ފައިން ބާރަށް ފޮނުވާލި ބޯޅަ އޮޅެމުން ގޮސް ގޯލުތެރެއަށް އޮހުނެވެ. ބޯޅަ ދާނީ ބޭރަށް ކަމަށް ހީކޮށް ހުއްޓުން އަރާފައި ކީޕަރު ހުއްޓެވެ. އެއްވަރުވާން ދަނިކޮށް ޔޫސުފް ނިއުރޭޑިއަންޓަށް ލީޑުނަގައި ދިނީއެވެ. ކުޅުންތެރިންގެ ގޮސް ޔޫސުފް ގަޔަށް އަރައިގަތެވެ. ސަޕޯޓަރުންވެސް ހީވީ މުޅި ދަނޑު ވައްޓާލަފާނެހެންނެވެ.
އާރާޝްއަށް ފުންމައިގެން ތެދުވެ ހަޅޭއްްލަވައިގެނެވުނެވެ. އޭނާ ބޭނުންވީ ވަގުތުން ޔޫސުފްގައިގައި ބައްދާލާށެވެ.
****
ަިސިޓިން ރޫމް ސޯފާގައި އިން މާނީ ހަޅޭއްވައިގަނެފައި ފުންމާލިއެވެ. އެންމެ ކުރިއެކޭވެސް ހަމަ ތަފާތެއް ނެތެވެ. މާނީ އުޅޭގޮތުން އެއީ ދެކުދިންގެ މަންމައެކޭ ނުވެސް ބުނާނެއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން މާނީގެ ލޮލުން ކަރުނަ ނީރާލިއެވެ. އެވަގުތު ދަނޑުގައި ހުރެވުނު ނަމައޭ ހިތަށް އެރިއެވެ. “މަންމި ވަރަށް ދާހިތުން ދޯ އިނީ. ކޮއްކޮއާ ހެދި ދޯ ނުދެވުނީ” އެވަގުތު މާނީއާ އާރާޝްގެ ނުވަ އަހަރުގެ ދަރިފުޅު މައިރާ މައުސޫމް ގޮތަކަށް ބުންޏެވެ. އާރާޝްއާ އެއްކޮށް މައިރާއާ މާނީވެސް އެދުވަހު ދާން އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު މައިރާ ހުންއައުމުން މާނީއަށް ނުދެވުނީއެވެ. މާނީ ހިނިތުންވެލާފައި މައިރާ ގާތު ސޯފާގައި އިށީނެވެ. “މަންމިގެ ދޫނި ދެރަވެފަތަ؟ މަންމިއަށް ވުރެ ބޮޑަށް ކޮއްކޮ ހީވޭ ދާހިތުން ހުރިހެން” މައިރާ ދެރަވެފައި އިނުމުން މާނީ ބުންޏެވެ. މައިރާ ބޯޖަހާލިއެވެ. މާނީ މައިރާގައިގައި ބައްދާލާފައި ނިއްކުރިއަށް ބޮސްދިނެވެ. އަދި މައިރާ ހިތްހަމަޖައްސައި ދޭން ވާހަކަ ކިޔާދޭން ފެށިއެވެ.
***
ޔޫސުފް ޖަހައިދިން ލަނޑާއެކު އެކެއް ސުމެއްގެ ނަތީޖާއަކުން ނިއުރޭޑިއަންޓް މޮޅުވިއެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު ހުރިހާ ކުޅުންތެރިން އެއް ފަހަރާ އައިސް ޔޫސުފް ގަޔަށް އަރައިގަތެވެ. ޔޫސުފްއަށް ނޭވާލުންވެސް ވީ ދަތިކަމަކަށެވެ. ކޯޗުވެސް އައިސް ޔޫސުފް ގައިގައި އޮޅުލައިގަތެވެ. “އައި އޭމް ޕްރައުޑް އޮފް ޔޫ ޔޫސުފް. މަށަށް އެނގޭ މަ ޔޫސުފް އެރުވިއިރުވެސް ޔޫސުފް މި ގޭމް ޗޭންޖް ކުރާނެކަން” ކޯޗާ ކުޅުންތެރިންގެ ތައުރީފުގެ ބަސްތަކުން ޔޫސުފްގެ ހިތް އުފަލުން ފޮޅުނެވެ. ވީއައިޕީ ބައިގައި ހުރި އާރާޝް ފެނުމާއެކު ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ. އާރާޝް ގާތަށް ދާން އުޅެނިކޮށް އޭނާ ފަހަތުން ބައިވަރު ނޫސްވެރިން އައިސް އެމީހުންގެ ސުވާލުތަށް އޮއްސަން ފެށިއެވެ. އެންމެން އެއްފަހަރާ ސުވާލު ކުރުމުން ޔޫސުފްއަށް ޖަވާބު ދޭން އުނދަގޫވިއެވެ. އެމީހުން ކައިރިން އަވަހަށް ސަލާމަތްވާން ވެގެން ކޮންމެސް އެއްޗެކޭ ކިޔާލީއެވެ. އޭރު އޭނާ ދިމާއަށް ބަލާފައި ހޭން ހުރި ޔާޒް ފެނުމާއެކު މޫނަށް ވައްތަރެއް ޖައްސާލިއެވެ.
ޔޫސުފްއަށް އަވަހަށް ސަލާމަތް ނުވެވޭނެކަން އެނގުމާއެކު އާރާޝް ގާތު ބުނެފައި ޔާޒް ނުކުތެވެ. އިރުއޮއްސެން ގާތްވެފައި ވުމާއެކު ޔާޒް ބޭނުންވީ އަތިރިމައްޗަށް ގޮސްލާށެވެ. ދަނޑުން ނިކުމެގެން ދެވޭނީ ސީދާ އަތިރިއަށެވެ.
އަންހެންކުއްޖާ ފޮތް ހިފައިގެން ތެދުވިއެވެ. ލައިގެން ހުރި ނޫކުލައިގެ ޖިންސުގެ ވެލި ފޮޅާލުމަށްފަހު ފަހަތަށް ޖެހިލީ ރަނގަޅަށް ފައިވާނަށް އަރާށެވެ. އެހެނަސް ފަޔަށް ހެދުނު ގޮތަކުން އަރި އަޅާލައިގެން ވެއްޓެން ދިޔައެވެ.
ކުރިމަތީގައި ހުރި އަންހެން ކުއްޖާ ވެއްޓެން ދިއުމާއެކު އަވަސް ހަރަކާތާއެކު އެކުއްޖާ ވެއްޓުނަނުދީ ޔާޒް ހިފެހެއްޓިއެވެ.
ބާރުގަދަ އަތެއްގެ އިހްސާސްވުމާއެކު އަންހެންޖުއްޖާ މަޑުމަޑުން ލޯހުޅުވާލިއެވެ. ކަޅިވެސް ޖަހާނުލާ އޭނާއަށް ބަލަން ހުރި ޒުވާނާ ފެނުމާއެކު މުޅި މޫނުއެކީ ރަތްވެގެން ދިޔައެވެ.
ކަޅިވެސްޖަހާ ނުލާ އެމައުސޫމް މޫނަށް ބަލަހައްޓައިގެން ޔާޒްއަށް އޮވެވުނެވެ. އެކުއްޖާގެ މޫނު ދޮންވެފައި ދިގެވެ. އެއްވެސް މޭކަޕަކާ ނުލާހުރިއިރު ބޮޑުދެލޮލުގެ ދިގުއެސްފިޔަތަށް ތެމިފައި ހުރި ގޮތުން އެކުއްޖާ ރޮއެފައި ހުރިކަން އެނގެއެވެ. ނޭފަތު ކުރިވެސް ހުރީ ރަތްވެފައެވެ. ކަޅުކުލައިގެ ޝޯލްތެރެއިން އެކުއްޖާގެ މޫނު ފެންނަމުން ދިޔައީ ސާދަވިލޭރޭގެ ހަނދުހެންނެވެ. އުމުރުން އެކާވީސް އަހަރާ ގާތްވެފައި ހުރިއިރު ޔާޒްއަށް ވަނީ ގިނަ އަންހެން ކުދިން ފެނިފައެވެ. އަދި އޭނާގެ އިނގިލިން ގުނޭވަރަށްވުރެ ގިނަކުދިންނާ ރަށްޓެހިވެފައެވެ. ނަމަވެސް މިހާ މައުސޫމް ރީތިކުއްޖެއް ހަޔާތުގައިވެސް އޭނާއަށް ފެނިފަކައި ނުވެއެވެ. އެކުއްޖާ މަޑު މަޑުން ލޯ ހުޅުވާލިއެވެ. އޮއްސެމުން ދިޔަ އިރުގެ އަލި ކޮންމެސް ވަރަކަށް އެޅިފައި ހުރުމުން ލޮލުގެ ކަޅި ހުރީ ރީތި މުށިކުލައަކެށެވެ. މުޅި ކުއްޖާގެ މޫނަށް ރަތްކުލައި އަރައިގެން ދިއުމުން ޔާޒްއަށް ހިނިތުންވެވުނެވެ.
ނުދަންނަ ޒުވާނާ އޭނާއަށް ބަލާލާފައި ހީލި ގޮތުން އަންހެންކުއްޖާ ލަދުން ވިރިދާނެހެން ހީވިއެވެ.
“ނަވާރް” ނަވާރް ސިއްސައިގެން ދިޔައީ ފަހަތުން އަންހެނަކު ބާރު އަދި ރުޅިވެރި އަޑަކުން އޭނާއަށް ގޮވުމުންނެވެ. އަވަަސް އަވަހަށް ޔާޒްގެ އަތުން ނެއްޓެން ތެޅިގަނެވުނެވެ.
ނަވާރް ތެޅިގަތުމާއެކު ޔާޒް ނަވާރްގެ ހަށިގަނޑުން އަތް ދޫކޮށްލާ ދުރަށް ޖެހުނެވެ. އެއް ފަހަރު އޭނާއަށް އަނެެއް ފަހަރު އެއަންހެން މިހާއަށް ބަލާލިއެވެ. ނަވާރްގެ ލޮލުގައިވި ބިރުވެރިކަން ޔާޒްއަށް ފާހަގަވިއެވެ. ބިންމަތީގައި ވެއްޓިފައި އޮތް ޑައިރީއާއި ގަލަން ނަގައިގެން ޔާޒް ފަސްދީފައި ނަވާރް ދިޔައެވެ. ލޮލުކޮޅަށް ނަވާރް ގެއްލެންދެން ބަލަހައްޓައިގެން ޔާޒްއަށް ހުރެވުނެވެ. ނަވާރް ގެއްލުމާއެކު މަޑު މަޑުން ނަވާރްގެ ނަން ކިޔާލެވުނެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ.
****
ގެއަށް ވަނުމާއެކު ނަވާރްގެ ކޯތާފަތަަށް އެރީ މީހެއްގެ އަތުގެ ހޫނު ހަމަލާއެކެވެ. ވީތަދާއެކު ނަވާރްއަށް ދެލޯ މަރާބާރުކޮށްލެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބާގަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. “ކީއްވެތަ ބުނާ ބަސް އަޑު ނީވެނީ؟ އުމުރުން އަށާރަ އަހަރު ނުވެގެން އުޅޭއިރުވެސް ބަލާތި ފިރިހެނުން ފަސްފަހަތުން ދުވެވޭތޯ! ނޭންގެ ކޮންތާކުން އަތުއަޅުވާލި މީހެއް ކަމެއްވެސް!” ނަވާރްގެ ކޮލަށް ފިއްތާލަމުން އެއަންހެންމީހާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ކޮލަށް ވަމުން ދިޔަ ތަދާއެކީވެސް ނަވާރް ދިޔައީ އަނގައިން އަޑެއް ބޭރުނުކުރެވޭތޯ ބަލަމުންނެވެ.
” ހަމްދާ ކިހިނެއްވެގެންތަ ތި އުޅެނީ؟ ހަމަ މިހާރު ނަވާރް ގައިން ދޫކުރޭ!” ގޭތެރެއަށް ވަދެގެން އައި ނާފިއުއަށް ފެނުނު މަންޒަރުން ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހަމްދާގެ އަތް ފޮޅުވާލިއެވެ. އޭރު ނަވާރްގެ މުޅި ކޮލަށް ރަތްކުލަ އަރާފައި ހުރިއިރު އެކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ” އަދިވެސް އަހަރެން ދޯ ގޯހީ! މި އަންހެނާ ކައިރީ އަހާބަ ވީ ކިހިނެއްތޯ!” ނަވާރްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކުރަމުން ހަމްދާ ހަޅޭއްލަވައި ގަތެވެ. ނާފިއު ދެފަރާތަށް ބޯ ހޫރުވާލާފައި ނަވާރް އަތުގައި ހިފައިގެން ގޮސް ނަވާރް ކޮޓަރިއަށް ވެއްދިއެވެ. އެނދުގައި ބޭންދުމަށްފަހު ލޯބިން ކިހިނެއްވީތޯ އެހިއެވެ. ގިސްލެވޭ ވަރުން ވާހަކަ ދެއްކުންވީ ނަވާރްއަށް އުނދަގޫ ކަމަކަށެވެ. “އަޅާނުލާ މަންމަގެ ގޮތް އެއީ” ނަވާރް އެއްޗެކޭ ނުބުނުމުން ނާފިއު ބުންޏެވެ.
ނަވާރްގެ ކޮޓަރިން ނިކުމެފައި ނާފިއު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެކުވެރިޔާއަށް ވީ ވައުދު ފުއްދައިނުދެވުނުކަން ހަނދާންވުމާއެކު ދެލޯ މަރާލެވުނެވެ. އިވާން އެކަނި އެކުއްޖާ ބެލިނަމަވެސް އެއަށްވުރެ އުފަލުގަ ގެންގުޅުނީސްކަން ޔަގީނެވެ. ނާފިއު ހީކުރީ އުނި ނުވާވަރަށް ހަމްދާ ނަވާރްއަށް ލޯބިދޭނެ ކަމަށެވެ. އެހެނަސް ކަންތަން ވެގެން ދިޔައީ މުޅިން ދިމާ އިދިކޮޅަށެވެ. ފުރަތަމަކޮޅު ހަމްދާ ނަވާރް ބެލީ އަމިއްލަ ދަރިއެެއްހެންނެވެ. އިސްރާގެ ނަމުން ނަވާރްއަށް ބަދަލުކުރީވެސް ހަމްދާ ބޭނުންވެގެންނެވެ. އެއީ އޭނާއަށް ލިބޭ ދަރިއަކަށް ނަވާރް ކިޔަން ހަމްދާ އަބަދުވެސް ބޭނުންވީތީއެވެ. ކަންތައްތައް ބަދަލުވެގެން ދިޔައީ އެމީހުން ނަވާރް ގެނާތާ އަހަރެއް ފަހުން އެދެމީހުންނަށް އަމިއްލަ ދަރިއަކު ލިބުނު ހިސާބުންނެވެ. ޔޫލީ ލިބުމާއެކު ހަމްދާ ނަވާރް ބާކީ ކޮށްލިއެވެ. ޔޫލީއާ އެކުއްޖާ ކައިރިވެލިއަސް ދެލޯ އަޅައެވެ. ހަމްދާ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ނާފިއު އަމިއްލަ ދަރިއެއް ފަދައިން ނަވާރްދެކެ ލޯބިވެއެވެ. ދުވަހަކުވެސް ބާރަށް އެއްޗެކޭ ނުބުނެއެވެ. ނަވާރްއަށް ހަގީގަތްނޭންގި އޮތީވެސް އެހެންވެއެވެ.
***
ރޭގަނޑު އަށެއް ޖެހިއިރު ޔާޒްއާ ޔޫސުފް ތިބީ މޫދު ކައިރީގައެވެ. ޔޫސުފް އަނގަ ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައިރުވެސް ޔާޒް ހުރީ އޭނާގެ އަމިއްލަ ދުނިޔެއައަކަށް ގެއްލިފައެވެ. “އޭ ބްރޯ ކޮން ދުނިޔެއަކަށް ގެއްލިފަ؟” ޔާޒް މޫނު ކުރިމަތީ ފުށްޓަކި ޖަހާލަމުން ޔޫސުފް އެހިއެވެ. ޔާޒް ދެފަރާތަށް ބޯ ހޫރާލަމުން ކީކޭ ހެއްޔޭ އެހިއެވެ. ޔޫސުފް ދެވަނަ ފަހަރަށް އެހުމުން ހޫން އަޅުވާލިއެވެ. އަދި ކަމެއް ނުވާކަމަށް ބުންޏެވެ. “ހާދަ ހީވެއޭ ބިޓެއް މަތިން ހަނދާން ކުރާހެން!” ދެންވެސް ޔާޒް އެއްދިމާއަކަށް ގެއްލިފައި ހުރުމުން ޔޫސުފް ބުންޏެވެ. ޔާޒް އަނގަޔަށް ގޮތެއް ހަދާފައި ހީކުރާ ގޮތަކަށް ހީކުރާށޭ ބުންޏެވެ. ޔޫސުފް ބުނީކީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. ނަވާރް ފެނުނީންސުރެ ވިސްނެމުން ދިޔައީ ނަވާރްއާ މެދުގައެވެ. އެސްފިޔަ ޖަހާލާ ކޮންމެ ފަހަރަކު އެރީތި އަންހެންކުއްޖާ ސިފަވެގެން ދެއެވެ. އެކުއްޖާ ހޯދުމަށް ޔާޒްގެ ހިތްބޭގަރާރު ވަމުން ދިޔައެވެ.
***
މެޗުގައި ކުޅެވުނު ގޮތާ މެދު ޔޫސުފް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ފޭސްބުކާއި އިންސްޓަގްރާމުން އެތައް ނޮޓިފިކޭޝަންއެއް އަންނަމުން ދިޔައެވެ. އޭނާ ޓެގްކޮށްފައި މީހުން ޕޯސްޓް ކުރާތީއެވެ. މުޅި އިންސްޓަގްރާމާ ފޭސްބުކްގަ އޮތީ ޔޫސުފްގެ ވާހަކައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެރޭ ނިދުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނާ ކޯޗު ވެގެން އޭނާއަށް ނޭންގި ކޭކެއް ގެނައެވެ. ޗޮކްލެޓް ކުލައިގެ ކޭކުގައި ހުދު އައިސިން އިން ކޮންގްރަޖުލޭޝަންސް ޖަހާފައި ބޯޅައެއް ބަހައްޓާފައި ހުއްޓެވެ. އޭގެން ކޭއެއްޗިއްސަށްވުރެ ގިނަވާނީ ޔޫސުފްގައިގައި އުނގުޅި ކޭކުތަކެވެ. އެމީހުން ޔޫސުފް ދޫކޮށްލީ ބޮޑު ޗޮކުލެޓު ކޭކަކަށް ހަދާފައެވެ. ރޭގަނޑުގެ އެއޮށްފިނި ވަގުތުގައިވެސް ޔޫސުފް ޖެހުނީ ފެންވަރާށެވެ.
****
އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާލުމަަށްފަހު އަލްޔަސް އެނދަން ވެއްޓިގަތެވެ. އޭނާގެ އިސްތަށިގަނޑު ހޭވިފައި ހުރިއިރު އެއްބައި އޮތީ ނިއްކުރި މައްޗަށް ވެއްޓިފައެވެ. ކަފަކޮޅެއްހާ މަޑު ގޮދަޑީ އޮތްއިރުވެސް އޭނާ އޮތީ އުނދަގޫވެފައެވެ. މީހާގެ މޫޑް އޮފްވެފައި ރުޅިގަދަވެފައެވެ. “އޭ ބްރޯ ކިހިނެއްވެފަ ތިއޮތީ؟” އަލްޔަސް އޮތް ގޮތް ފެނި އޭނާއާ އެއްޓީމަކަށް ކުޅޭ ޒެވިޔަން އެހިއެވެ. ލީގުގައި މިއަދު އަލްޔަސްމެން ކުޅުނު ޓީމު ހަތަރެއް ސުމެއްގެ ނަތީޖާއަކުން މޮޅުވީ އަލްޔަސްމެންނެވެ. މެޗުގައި އަލްޔަސްވަނީ ހެޓްރިކް ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އެވަރުންވެސް އަލްޔަސް ރުޅިގަދަވެފައި އޮތުމުން ޒެވިޔަންއަށް ސުވާލުނުކޮށް ނުހުރެވުނީއެވެ. “މަގޭ މިއަދި ހެޓްރިކް ހަދާ ޓީމު މޮޅު ކޮށްދިނީމަވެސް އެންމެންނަށް ފެނުނީ ކޮންމެސް ޔޫސުފްއެއް. އެގޮލާ އަރާ އެންމެ ލަނޑެއްޖަހާއިރަށް ނޫސްވެރިންތައް މޮޔަވެފަ. އާރާޝްގެ ދަރިއޭ ކިޔާފަ އެވަރު ވާކަށް ނުޖެހޭދޯ” އަލްޔަސް ދަތްތަކަށް ބާރުލާފައި ބުންޏެވެ. ރުޅިން އޭނާގެ ދޮން މޫނުވެސް ވަނީ ރަތްވެފައެވެ. “ކަލޭ ތީ އަންހެނެއްތަ ޖޭވާން؟” ޒެވިޔަން ހޭން ފެށުމުން އަލްޔަސްގެ ރުޅި އިތުރަށް ގަދަވިއެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ބެލްކަަންޏެންހެން ހަދާފައި ހުރި ބަޔަށް ނުކުތެވެ. ފިނިވައި ރޯޅިއައިސް ގައިގައި ބީހިލުމާއެކު އެހިތަށް ހަމަޖެހުން ލިބުނެވެ. މީހާ ރަނގަޅަށް ހަމައަކަށް އެޅުމުން އެނބުރި ކޮޓަރިއަށް ވަނެވެ. އޭރު ކަންފަތަށް ހެޑްސެޓް ޖަހައިގެން ޒެވިޔަންގެ އެނދުގައި އޮށޯވެގެން ދެލޯ މަރާގެން އޭނާ އޮތެވެ. އަލްޔަސްވެސް އެނބުރި ގޮސް އެނދުގައި އޮށޯތެވެ. މާލެ ދެވޭނީ އަނެއްދުވަހު ހެނދުނު ކަމުން ނިދޭތޯ ދެލޯ މަރާލިއެވެ.
***
މެޗުތަކުގެ އެންމެފަހުގެ މައުލޫމާތު އަލައިކާ ބަލަމުން ދިޔައެވެ. އިއްޔެއާ މިއަދު ކުޅެވިގެންދިޔަ ހުރިހާ މެޗެއްގެ އެންމެ ފަހުގެ މައުލޫމާތު ޝާޢިރު ކުރަމުން ދަނިކޮށް ނިއުރޭޑިއަންޓް މެޗުގެ ސްޓެޓިސްޓިކްސްއިން ޔޫސުފްގެ ނަން ފެނުމާއެކު ހީލެވުނެވެ. އަދި ޔޫސުފްއަށް ނުގުޅޭކަން ހަނދާންވުމާއެކު މޭޒުމަތީ އޮތް ފޯނު ނަގާ ޔޫސުފްއަށް ގުޅާލަމުން އޭނާގެ ހަށިގަނޑު ގޮނޑީތެރެއަށް ދޫކޮށްލިއެވެ.
އެއް ފަރާތެއްގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމާއެކު ކަންނެއްގޮތަކަށް ޔޫސުފް ފޯނުނަގައި ގުޅަނީ ބަލާލިއެވެ. ސްކްރީނަށް އަރާފައި އިން އަލައިކާގެ ނަން ފެނުމާއެކު ނިދި ފިލައި ދިޔައެވެ. “އަދި ކިރިޔާތަ ގުޅަން ވަގުތުވީ؟” ފޯނުނެގި ގޮތަށް ޔޫސުފް ޝަކުވާކުރިއެވެ. “ޕިސް މިސް އަދި ކޮންގްރާ ކިއަން ގުޅީމަވެސް އިނގެނީ ޝަކުވާ ކުރަން. ފޫހިމީހާ ގަނޑެއް ދެން ނޫޅެން ކޮންގްރާ ކިއާކަށްވެސް” މޫނަށް ވައްތަރުވައްތަރު ޖައްސަމުން އަލައިކާ ބުންޏެވެ. އަލައިކާ ބުނި ގޮތުން ބާރަކަށް ޔޫސުފް ހޭންފެށިއެވެ. “ހުވާ މިބުނީ ހުންނާނީ މީހަކު އެއްޗެކޭ ނުބުނެފަ ހޭން” ޔޫސުފް ހޭންފެށުމުން އަލައިކާ ގާތަށް ރުޅިއައެވެ. “އަދިވެސް ކޮންގްރާ ނުކިއަމެއްނު!” ހުނުން ހުއްޓާލުމަށްފަހު ޔޫސުފް ބުންޏެވެ. “ހޫމް ބުނެ ކިޔާގެން ތައުރީފް ހޯދާ މީހެއް. ދެން ތިހާ އާދޭސް ކުރަންޏާ ކޮންގްރާ” “ހޫހޫ. އަލްދޯ މަގޭ ކައިރީ ބުނީ މި ގުޅީ ކޮންގްރާ ކިއާށޭ” ދެން އިވިގެން ދިޔައީ ދެޒުވާނުންގެ ހުނުމުގެ އަޑެވެ. އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ޔޫސުފް ނިދިއައިސްގެން ފޯނު ބޭއްވީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.






Slm readers. Here is the episode2 of raastha season2. Main eh character fiyavaa dhen huri hurihaa character thakeh mibiga huhnnane. Characters thakaa medhu dhekeny kihineh??? In Sha Allah next part Tuesdayge kurin. Hurihaa readers ah ves mi bai kamudhaane kamah ummedhu kuran❤️♥️♥️
Me first dhw
Hey that’s me ingey
Wowwwwwwwww….mi part vx varah reethi…..?????
Woww ?????? varah reethi mi part ves ❤️❤️❤️??????????????? whn is next part ?????? luv it ??? waiting for the next part ??????? lysm???????❤️❤️❤️❤️
Kiyyaa….girl lovess youuuuu
Kiyara mikudhinge ages buneladheyn v nu.? By the way Vrh Vrh Vrh reethi vaahaka. Good job dear.
Varah loabi vaahaka…… Hope to see your next part sooooooooon……??
V reethi mi part vx….. Whn nxt dear????????
alhey vrh vrh reethi story kiyaa.. i love it. kiyaa r meet kohlaa hiyh vany ehaa lwbi koh vhk liyaathy.
alhey vrh vrh reethi story kiyaa.. i love it. kiyaa r meet kohlaa hiyh vany ehaa lwbi koh vhk liyaathy. when next