Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (އެގާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 14, 2019 10 Mins Read
19 Comments

“ހީވަނީ ދެން މާދަމާ ހެނދުނުހެން ދޯ މަލާކާއި މި ވާހަކަ ދެކެވޭނީ؟” މަސްޢޫދު އެ ސުވާލުކޮށްލީ ސާރިޔާއާއެކީ ބަދިގޭގައި ހުރި ކުޑަ ކާމޭޒު ދޮށުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިނދެއެވެ.

 

“އާނދޯ؟ ހެހެ….ފިރިހެނަކު އޭނަ ނެގި ވާހަކަ ބުނީމަ ހުރީ ލަދުން މޫނު ރަތްވެފަ. އެކަމަކު ރުޅި އިސްކުރީ…އެއީ ހަމަ އޭނަގެ މިޒާޖު ހުންނަ ގޮތް. ބޮޑަށް ސަކަރާތްވެގެން ރަނގަޅަށް ނުކައި އެ ދިޔައީ ދެންމެ އާމިނަމެން އައިސް މާ ބޮޑަށް އަޅުވައިގެން ކިޔުނީމަހެން އަހަންނަށް ހީވަނީ. އެކަމަކު އިން ޝާ ﷲ އެ ކުއްޖާގެ އަޚްލާޤް އެނގުނީމަ މަލާކަށް ވެސް އޭނަ ކަމުދާނެ.” ސާރިޔާ އުއްމީދީ ހިނިތުންވުމަކާއެކީ ބުނެލިއެވެ. މަސްޢޫދުގެ ފަރާތުން ސާރިޔާ ރައްދަކަށް އުއްމީދު ކުރިއެއްކަމަކު އޭނަ އެއްޗެކޭ ނުބުނެ އަސަރެއްނެތް މޫނަކާއިއެކީ ކެއުމާއިގެން ކުރިއަށް ދިޔައީއެވެ. އެކަމާމެދު ސުވާލުކުރަން ސާރިޔާ ބޭނުންވިއެއްކަމަކު އޭނަ ހިމޭންކަން ޚިޔާރުކޮށް އެ މޫނުން ނަޒަރު ވަކިކުރިއެވެ. އެހެނަސް އެހެން ވާހަކައެއް ހަނދާންވުމުން ސާރިޔާ ވާހަކަ ދެއްކިއެވެ.

 

“އަދި ބުނަން ހަނދާން ނެތުނީއޭ….މަލާކްގެ އައިޑީ ކާޑު އޮތީ މުއްދަތު ހަމަވާން ކައިރިވެފަ. އާ ކާޑެއް ހަދަން އޮފީހުން ފޯމެއް ހޯދައްޗޭ…އަދި ނަން ބަދަލުކުރާ ފޯމެއްވެސް….މިފަހަރު ހިތަށް އަރަނީ މަލާކްގެ ނަމަކަށް ހަމައެކަނި މަރިޔަމް މަލާކް ލިޔެފަ މަލާކަށް ޙަޤީޤަތް ކިޔައިދޭނީއޭ. މަލާކް ކުޑައިރު މަސްޢޫދުގެ ނަން އޭނަގެ ނަމުގެ ފަހަތަށްލީ ރަށު މީހުންގެ ދޫތަކުން މަލާކް ސަލާމަތް ކުރުމަށް. އެހެން ހެދި ހެދުމަކީ ވެސް އަސްލު ރަނގަޅުކަމެއް ނޫން…….އެކަމަކު މިހާރު ޙަޤީޤަތް އަޑުއަހާނެހާ ހިތްވަރު މަލާކްގެ ކިބައިގަ ހުންނާނެ. މަސްޢޫދު އެ ފޯމް ފުރާފަ މަލާކަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީއެއްނު؟” ސާރިޔާ އާދައިގެ ގޮތަކަށް އެހެން ބުނެލީ އެއީ މާ ބޮޑު ކަމެއް ނޫންހެން ހީވާ ފަދައަކުންނެވެ. އެހެނަސް އޭނަ ފަހު ޖުމްލަ ބުނެލުމާއެކު މަސްޢޫދު ސާރިޔާއަށް ބަލާލީ ރުޅިވެރިކަމާއި ހިތާމަވެރިކަން އެކުލެވިގެންވި މޫނަކާއި އެކީގައެވެ. އެ ހިނދު ސާރިޔާއަށް އަމިއްލަ ނަފްސު ކުށްވެރިކުރަމުންދާ ޙާލު މަސްޢޫދަށް ބަލަހައްޓައިގެން އިނދެވުނެވެ. މަސްޢޫދު އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ އިނދެފައި އިސްޖަހާލަމުން ބޯޖަހާލިއެވެ.

 

“އެންމެ ރަނގަޅު…..އަހަރެން މަލާކްގެ ނަން ބަދަލުކޮށްދީފާނަން. މަލާކަށް ޙަޤީޤަތް ވެސް ކިޔައިދީފާނަން. އެކަމަކު މިއީ އެއްގޮތަކަށްވެސް އަހަންނަށް ފަސޭހަ ކަންތައްތަކެއް ނޫން. މަލާކްއަށް ޙަޤީޤަތް ކިޔައިދިނުމަކީ އަހަރެން އަމިއްލަ އަތުން އަމިއްލަ ދަރިފުޅާއި ދެމެދު އޮތް ގުޅުން ކަނޑާލުން ފަދަ ކަމެއް. އެކަމަކު އެއީ ވާން އޮތްގޮތްކަން އަހަންނަށް ކުރިން ވެސް އެނގޭ. ދެރަވަނީ އެ ޙަޤީޤަތް އެނގުމަށްފަހު އެ މަންޖެ އަހަންނަށް ނުވެސް ފެންނާނެ ތަނަކަށް ދާން އުޅޭތީ. ހިތަށްއަރަނީ މި ބައްޕަ މަތިން އެ މަންޖެ ހަނދާން ހުންނާނެބާއޭ….އަދި މި ހުރިހާ ކަމަކާއެކީ ސާރިޔާވެސް….” މަސްޢޫދުގެ ތުރުތުރު އަޅަމުން ދިޔަ އަޑު އެހާ ހިސާބުން ފޭދުނެވެ. އޭނަގެ ހިތުގެ އުދާސްތައް އެހާ ހިސާބަށް ހާމަކޮށް ނިމުނު ވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ސާރިޔާވެސް ކަރުނައެއް ފައިބައިގެން އައި މަންޒަރު ފެނިފައި އިތުރަށް އެތާ ހުންނަން ބޭނުން ނުވުމުން މަސްޢޫދު އޭނަގެ ސަމުސަލާއި އޫ ތަށްޓަށް ދޫކޮށް އެތަނުން ތެދުވެގެން ދިޔައެވެ. ސާރިޔާއަށް އިންގޮތަށް އިނުން ނޫންކަމެއް ނުކުރެވުނެވެ.

 

 

**

 

މަލާކް އެރޭގެ އެވަގުތު އިނީ އޭނަގެ ކިޔަވާ މޭޒުދޮށުގައެއެވެ. އޭނަ އެހެން އިންއިރު އޭނަގެ އުނގުމަތީގައި އޮތީ ހަވީރު އެ މޭޒުމަތީގައި ހުޅުވިފައި އޮތް ފޮތެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ އަޔާޒްގެ ނަމާއި ނަންބަރު ލިޔެވިފައިވި ޞަފްޙާއަށެވެ. އެއަށް ބަލަހައްޓައިގެން އިންއިރު ދާދި ދެންމެއަކު އޭނަގެ އެކުވެރިން ގޭގައި ނުތިބިގެން އައިސް ދެއްކި ވާހަކަތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

 

“އޯ އެމް ޖީ މަލާކަށް ހޭނުލެވެނީސްތަ އޭނަ ދިޔައީ؟ މަލާކަށް ފެނުނުނަމަ އަލުން ހޭނެތުނީސް. ހާދަ ސްޓްރޯންގްވެފަ ހާދަ ރީއްޗޭ އޭނަ!”

 

“ވަރަށް ހީރޮއިކްކޮށް އޭނަ މަލާކް ނަގައިގެން ދިޔައީ. އައި ވިޝް އައި ވޯޒް ޔޫ!”

 

“އަދި ސާރިޔައްތަ ކައިރި މަލާކް ރަނގަޅަށް ބަލައްޗޭ ބުނެލި ގޮތްވެސްދޯ؟ މަ ނަމަ ހަމަ މިހާރުވެސް އޭނައަށް ގުޅައިގެން ރައްޓެހިވީމުސް! މަށާ ވެސް އޭނަގެ ނަންބަރު ޙިއްސާ ކޮށްލައްޗޭ!”

 

“އިމޭޖިން މަލާކްއާ އޭނަ މެރީކޮށްފިއްޔާ ވާނެގޮތް. ދާ ކޮންމެ ތަނަކަށް އެއްވެސް ބުރައެއް ނެތި މަލާކް އުފުއްލައިގެން ގެންދާނެދޯ؟ ސޯ ރޮމޭންޓިކް!”

 

އެ އެކުވެރިން ބައި ގަޑިއިރެއްހާއިރު ވަންދެން އެ ވާހަކަތައް ދެއްކުމުން މަލާކަށް އިނދެވުނީ ނުރުހުންވެފައެވެ. އެމީހުން ދިޔަފަހުން އޭނައަށް ރަނގަޅަށް ނުވެސް ކެވުނީ ތަބީޢަތު ގޯސްވެފައިވި މިންވަރުންނެވެ.

 

މަލާކަށް އިންގޮތަށް އިނދެ އޭނަގެ އެކުވެރިން ދެއްކި ވާހަކަތަކާއިމެދު ވިސްނުނެވެ. އަބަދު އެހެން މީހަކު ލައްވާ އޭނަ އުފުއްލުވަން އޭނަ ބޭނުންވާނެހެން މީހުންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ރީތި އަދި ބާރުގަދަ ފިރިހެނެއްގެ ހަކަތައަށް ބަރޯސާވެގެން އުޅެން އޭނަ އެދޭނެހެން އެމީހުންނަށް ހީވެފައި ވަނީ ކީއްވެ ހެއްޔެވެ؟ އޭނަގެ އިޙްސާސްތައް އެމީހުންނަށް ހަމަ ފަހުމްނުވަނީ ހެއްޔެވެ؟

 

އޭނަ އެހެން މީހަކަށް ބަރޯސާވާން އެދުނީހީ އޭނަގެ އަމިއްލަ ޙާލަތަށް އޭނަ ޙަމްދަރުދީވާނަމައެވެ. އެހެނަސް އެއީ އެއްވެސް ދުވަސްވަރެއްގައި އޭނަގެ ޙާލަތާއިމެދު މަލާކް ދެކުނު ގޮތެއްނޫނެވެ. އޭގެ ބަދަލުގައި މަލާކް އޭނަގެ އަމިއްލަ ނަފްސާއިމެދު ދެކެނީ އޭނަގެ އެކުވެރިންނާއި ވަކި ތަފާތު މީހެއްގެ ގޮތުގައެއްނޫނެވެ. އޭނަގެ ނަޒަރުން އޭނައަކީ ‘ނުކުޅެދުންތެރި’އެއް ނޫނެވެ. އެހެން މީހުންގެ ޢާއްމު ދިރިއުޅުމުގައި އެމީހުން ތަންތަނަށް ދަނީ ދެފައިން ހިނގާފައި ކަމަށްވާނަމަ ގޮނޑީގައި ތަންތަނަށް ދިޔުމަކީ އޭނަގެ ޢާއްމު ދިރިއުޅުމެވެ. އެހެން މީހުންގެ ނަޒަރުގައި އޭނަ އައިބުވިޔަސް އޭނަގެ ނަޒަރުގައި އޭނަ އައިބެއް ނޫނެވެ. އޭނަގެ އެކުވެރިން ކުރާ ބައެއް ކަންތައް އޭނައަށް ނުކުރެވޭ ފަދައިން އޭނަގެ އެކުވެރިންނަށް ލިބިފައިނުވާ ހުނަރުތައް އޭނައަށް ވެސް ލިބިފައިވެއެވެ. ވީއިރު މުޖުތަމަޢުގައި އޭނަ ތަފާތުކުރަންވީ އެއްވެސް ސަބަބެއް މަލާކަށް ނުވިސްނެއެވެ.

 

ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިނދެ މަލާކަށް އަނެއްކާވެސް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ރީތި ލިޔުމަށް ސަމާލުކަން ދެވުނެވެ. އެންމެ ފުރަތަމަ ނަންބަރެއް ލިޔެވި ތިރީގައި އިނގިރޭސި ބަހުން ‘ޑރ އަޔާޒް’ އޭ ލިޔެވިފައި އޮތްތަން ބަލަން އިނދެ މަލާކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނައަށް އެހީވުމަށް މި ‘އަޔާޒަކު’ މިހާ ބޮޑު ފިޔަވަޅެއް އަޅާފައިވުމުން އޭރުވެސް މަލާކަށް އިނދެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އެކުވެރިން އޭނައާއި އަޔާޒް އަޅުވައި ކިޔާފައި ދެއްކި ވާހަކަތައް ހަނދާންވުމުން މަލާކްގެ ހަނދާނަށް އައީ ސްކޫލް ދައުރުގައި އޭނައާއި ރައްޓެހިވާން އުޅުނު ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގިނަ މީހުން އެމީހުންނަކީ ކިހާ ބޮޑު ‘އެހީތެރިން’ ކަން ދެއްކުމަށްޓަކައި މަލާކަށް އެންގުމެއް ވެސް ނެތި ފަހަތުން އޭނަގެ ގޮނޑީގައި ހިފައި ދުއްވައި ހެދިއެވެ. މަލާކް އަންނަ ރުޅީގައި އޭނަ ގިނަ ވަގުތު ހުންނަނީ ގޮނޑީގެ ބުރަކި ޖައްސާފައެވެ. އެމީހުން އޭނަ ވަރަށް ރަނގަޅަށް ބަލަހައްޓައި ދޭނެކަމަށް ބުނެ އޭނަ ކައިރި އެކި އެކި ފިރިހެން ކުދިން އެތައް ވަޢުދެއްވިއެވެ. އެހެނަސް އެއީ ފުއްދައިދޭނެ ވަޢުދުތަކެއް ނޫންކަން މަލާކަށް ޔަޤީންވެއެވެ. އެމީހުންގެ ބަހުރުވައިން އެމީހުން ބޭނުންވާހާވެސް ކަމަކީ ‘ބަލިކަށި’ އަންހެން ކުއްޖަކާ ރައްޓެހިވެ އެކުއްޖާގެ މައްޗަށް ބާރު ހިންގައި އެމީހުންނަކީ ކިހާ ބާރުގަދަ މީހުންކަން ދެއްކުންކަން އޭނައަށް އެނގޭތީވެއެވެ. އެހެނަސް އޭނަ ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ އެކަހަލަ މީހެއްނޫނެވެ. އޭނަ ބޭނުންވަނީ އޭނަގެ ބަލީގެ ކުރިން އޭނަ ދެނެގަންނަން އެދޭނެ މީހެކެވެ. އޭނައަކީ އެހެން މީހުންނާއި ތަފާތު މީހެއްކަން އިޙްސާސްކޮށްނުދީ އޭނައާއި އެކުވެރިވާނެ މީހެކެވެ. އަދި އޭނަގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގައި އެހީތެރިވެދޭނެ މީހެކެވެ.

 

ކީއްވެކަމެއް ނޭނގެއެވެ. އޭނައަށް ކަމުދާނެ ފިރިހެނެއްގެ ހުރިހާ ސިފަތައް ހަނދާންކޮށް ނިމުމުން މަލާކަށް އަޔާޒްގެ ނަމުގެ ކައިރީގައި އަތް ބާއްވާލެވުނެވެ. އަޔާޒަކީ އޭނައާއި ކުރިން ދިމާވި ފިރިހެނުންނާއި ތަފާތު މީހެއްހެން ހީވުމުން ކަންނޭނގެއެވެ. އެމީހުންނާއި ޚިލާފަށް އަޔާޒް އޭނައަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އޭނައަށް ފެނުމެއްވެސް ނެތި ވިއްޔާއެވެ. އަޔާޒް ވީ ވަޢުދުގައި އަމިއްލަ އެދުމެއް ނެތްހެން މަލާކަށް ޔަޤީނާއި ގާތްކުރެވުނީ އެހެންވެއެވެ. އަދި އަޔާޒް އެ ވަޢުދު ފުއްދާނެ ކަންވެސްމެއެވެ.

 

**

 

އެރޭ ދަންވަރު 2 ޖަހަން ގާތްވެފައި ވަނިކޮށް އަޔާޒް އޭނަގެ އެނދުމަތީގައި ފުރޮޅެމުން ދިޔައީ ރަނގަޅަށް ނުނިދިގެން އުޅޭ ފަދައަކުންނެވެ. ފުރޮޅެމުން ވެސް އޭނަ ދެލޯ މަރައިގެން އޮތީ ނިދޭތޯ ބެލުމަށެވެ. އެހެނަސް އެރޭ ކަންތައް ވެފައިވި ގޮތުން ނިދި އޭނަގެ ލޮލުން މަޙްރޫމްވެފައިވެއެވެ. އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ ދޮންބެ ދެއްކި ވާހަކަތަކެވެ. އެއަށްފަހު އޭނަ މައުވާއާއި އިންނަން އެދުމުން މައުވާ އެ އެދުމަށް އިންކާރު ކުރި ގޮތެވެ. މިއާއެކީ ދޭތެރެދޭތެރެއިން މަލާކްގެ ސޫރަވެސް އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. އޭނަ ގިނައިން ހަނދާންވަމުން ދިޔައީ އޭނަ އެރަށަށް ދިޔުމުން ކަންތައް ހިނގައިދިޔަ ގޮތެވެ. އެހެނަސް ވަކި ހިސާބަކުން މަލާކްގެ ހިނިތުންވުމަކާއެކީ އޭނައަށް ބަލަން ހުރި މަންޒަރު ސިފަވުމުން އަޔާޒަށް ލޯ ހުޅުވާލަމުން ލުއްކެއްޖަހައި ތެދުވެލެވުނެވެ. އެއާއެކު އެއީ ހުވަފެނެއްކަން އެނގުންވީވީހެން އޭނަގެ ނިދި ނެތް މިންވަރު ވެސް އޭނައަށް އެނގުންވިއެވެ. އެއާއެކު އަޔާޒް ފުން ނޭވައެއް ދޫކޮށް ބަލި ޤަބޫލުކުރަމުން ސީދާވެ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. އަދި އެހެންކަމަކާމެދު ނުވިސްނުމަށްޓަކައި ބާލީހުގެ ކައިރީގައި އޮތް އޭނަގެ ފޯނު ނެގީ އިންސްޓާގްރާމަށް ވަދެލުމަށެވެ. އެހެނަސް ފޯނު ހުޅުވުމާއެކު އޭނައަށް މެއިލްއެއް ލިބިފައިވިކަން އެނގުންވުމުން އަޔާޒް މެއިލްގެ އެޕް ހުޅުވާލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔައީ ކޯރމެޑް ހޮސްޕިޓަލުން އޭނަގެ އެދުމަށް ފޮނުވާފައި ހުރި މެއިލްއެވެ. އޭނަ އެ މެއިލް ފޮނުވަން އެދުނީ ކީއްވެކަން ހަނދާންވުމުން އެވަގުތު އަޔާޒްގެ މޭނުބައިކުރިއެވެ. އޭނަ އެ އެދުން އެދުނު ވަގުތު އޭނަގެ ހިތުގައި އެކުއްޖާއަށްޓަކައި ޙަމްދަރުދީއެއްވިއެވެ. އެހެނަސް އެކުއްޖާއާއި އިނުމުގެ ޚިޔާލުން އެ އިޙްސާސްވަނީ ފޭދެން ފަށާފައެވެ.

 

އެ މެއިލްއާއި ދިމާލަށް ސީރިއަސް ނަޒަރަކުން ބަލަން އިނދެފައި އަޔާޒް އެ މެއިލް ޑިލީޓް ކޮށްލަން އުޅުނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ޑިލީޓް އައިކޮންއާއި ދިމާލަށް އިނގިލި ގެންގޮސްފައިވެސް އަޔާޒަށް އެކަން ނުކުރެވުނެވެ. އޭނަ ހާސްވަނަ ފަހަރަށް މަލާކްގެ އުޖާލާވި ހިނިތުންވުން މަތިން ހަނދާންވިއެވެ. ގޮނޑިއެއްގައި ހުއްޓެއްކަމަކު އެ އަޑުގައި އެކުލެވިގެންވި ޖޯޝުގެ މަތިން ހަނދާންވިއެވެ. އަމިއްލައަށް ނުހިނގޭ ޙާލުގައި އެހެން މީހުންނަށް ބާރަށް ދުވުމަށް ހިތްވަރު ދެވޭނީ ކިހާ ކުޅަދާނަ މީހަކަށްތޯ އަޔާޒްގެ ހިތަށްއެރީ ކިތައްވަނަ ފަހަރަށް ކަމެއްވެސް އޭނައަށް ނޭނގެއެވެ.

 

އަޔާޒް އެހެން އިނދެފައި އެ މެއިލް ހުޅުވާލީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ މެއިލްގައި ހުރި އެޓޭޗްމެންޓްތަކުގެ ތެރެއިން އެހެން އެއްޗަކަށް ބެލުމެއްވެސް ނެތި އަޔާޒް ހުޅުވާލީ ‘1211’ ޖަހާފައި އޮތް ޒިޕްޑް ފޯލްޑާއެވެ. އޭތި ޑައުންލޯޑްވެގެން ހުޅުވުމާއެކު އަޔާޒަށް ފެނިގެން ދިޔައީ އެއްކަލަ ސްކޭންއެވެ. ފޯނު ހިފަހައްޓައިގެން ހުރި ކޮޅު އޭނަ އަނބުރާލީ ސްކޭން ބޮޑުކޮށް ފެންނާނެ ފަދައިންނެވެ. އެއަށްފަހު އޭނައަށް މިފަހަރު ސަމާލުކަން ދެވުނީ ސްކޭނަށްވުރެ ބޮޑަށް ސްކޭންގެ މަތީގައި ލިޔެވިފައި އޮތް ނަމަށެވެ. އެ ނަމުގެ ވެރިޔާއަށް އެހީވުމަށް އޭނަ އޮތީ ވަޢުދުވެފައިކަން ހަނދާންވުމުން ވެސް އަޔާޒްގެ ހިތަށް އުދަގޫވިއެވެ. އޭނަ ދެން އެއްގޮތަކަށްވެސް މަލާކާއި ދިމާކުރަން ބޭނުންނުވާކަމަށް އޭނަ އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ. އެހެނަސް އޭނަ މަލާކް ދޫކޮށްފައި އައިއިރު އޮތް ގޮތް ހަނދާންވުމުން އޭނަ ޖެހިލުންވިއެވެ. މީގެ އިތުރުން މަލާކްގެ މަންމަ ކުރި އާދޭހާއި މަލާކަށް ދެކޮޅަށް ރޭވުމެއް ރާވަން އުޅުނު މީހުން ހަދާފައި މަލާކަށް އެންމެ ބޮޑު އެހީއެއް ވެވޭނީ އޭނައަށްކަން ވެސް އޭނައަށް އެނގުންވިއެވެ. އެކުއްޖާއަށް އެހީއެއްވެވެން އޮތްވާ އޭނަ އެހީނުވާނީ ކިހިނެއް ހެއްޔެވެ؟

 

މަލާކަށް އެހީވުމުގެ އެދުން އޭނަގެ ހިތުގައި ޒީނަތްތެރިވާން ފެށުމުން އަޔާޒަށް ބޯ ހޫރުވާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެ ހުރިހާ ޚިޔާލެއްގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ހޯމް ސްކްރީނަށް ގޮސް އިންސްޓާގްރާމަށް ވަދެލިއެވެ. ފުރަތަމަ ފެނުނު ދެތިން ފޮޓޯތައް ސްކްރޯލް ކުރަމުން ގޮސް އޭނައަށް މަޑުކޮށްލެވުނީ މައުވާގެ ފޮޓޯއެއް ފެނުމުންނެވެ. މައުވާ ހިނިތުންވުމެއްގައި ހުރީ އަތެއްނެތް ކަކުލުން މައްޗަށް އޮތް ބާރު ހެދުމެއް ލައިގެން ކްލަބެއްގެ ތެރޭގައެވެ. އޭނަ އެހެން ހުރިއިރު އޭނަގެ ދެކޮޅުގައި ތިބި ރަޝިޔާގެ ދެ ފިރިހެނުން އޭނަގެ ކޮނޑުން އަތް ވައްޓައިގެން ތިއްބެއެވެ. ފޮޓޯގެ ތިރީގައި ލިޔެވިފައިވީ ‘ފްރެންޑްސް ފޯ ލައިފް’ އެވެ.

 

އަޔާޒަށް އެ ފޮޓޯއަށް ބަލައިގެން އިނދެވުނީ ހިތަށް އުދަގޫވެފައެވެ. މައުވާގެ ފިރިހެން އެކުވެރިން އުޅޭކަން އޭނައަށް ވެސް އެނގެއެވެ. އޭނަގެ ވެސް އަންހެން އެކުވެރިން އުޅޭތީ އޭނަ އެއީ މާ ބޮޑު ކަމަކަށް ނުބަލައެވެ. އެހެނަސް އޭނަ ޔުނިވާރސިޓީގައި އުޅުނުއިރު މައުވާ އޭގެއިން ‘އެކުވެރިޔަކާއި’ އެއްކޮޓަރިއެއްގައި ރެއެއް ހޭދަކުރި ވާހަކަ އިވިފައި އަޔާޒަށް ލިބުނީ ޝޮކެކެވެ. އެހެނަސް އާދައިގެ މަތިން މައުވާ ރޮއިގެންފައި އަމިއްލަ ނަފްސު ދިފާޢުކުރުމުން އަޔާޒް ޤަބޫލުކުރިއެވެ. އަދި ފިރިހެން އެކުވެރިންނާއި ދުރުން އުޅުމަށް ބުނެލީ އަމިއްލަ ހިތްހަމަޖެހުމުގެ އިތުރުން މައުވާއާއިމެދު އެހެން މީހުން ދައްކާ ވާހަކަތަކުން އޭނަ ސަލާމަތް ކުރުމަށްޓަކައި ވެސްމެއެވެ. އެދުވަހަށްފަހު މައުވާގެ އެދުމުގެ މަތިން އަޔާޒްވެސް އުޅުނީ އޭނަގެ އަންހެން އެކުވެރިންނާއި ދުރުދުރުންނެވެ. މައުވާވެސް އުޅެމުން ދިޔައީ އެހެންހެން އެކޮޅުގައި އޭނަގެ ކުރިމަތިން ފެނުނު އުޅުމުން އޭނައަށް ހީވިއެވެ.

 

އެހެނަސް އެކަން އެގޮތުގައި ދެމި ނުދިޔައީތާއެވެ. އޭނަގެ ލޯބިވެރިޔާ އޭނަގެ ފުރަގަހުން އޭނައަށް ބޭވަފާތެރިވަނީހެން އިޙްސާސް ކުރެވުނު ވަގުތު އަޔާޒްގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަ ވަގުތުން މައުވާއަށް ގުޅައި މި ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް އާދައިގެ މަތިން މައުވާ އޭނަގެ އަމިއްލަ ނަފްސު ދިފާޢުކުރުމުން އޭނައަށް ޤަބޫލުކުރެވޭނެކަން އެނގުންވުމުން އިތުރަށް އަޔާޒްގެ ހިތްދަތިވިއެވެ.

 

އަޔާޒް އިންގޮތަށް އިނދެއިނދެފައި އޭނަގެ ފޯނު އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ޑުވެޓް ދުރުކޮށްލަމުން އެނދުން ފޭބިއެވެ. އޭނަ ދެކޮޓަރި ތެރެއިން ހިނގާފައި ނިކުމެގެން އައިއިރު ދެ ކޮޓަރީގައި ވެސް ފަނޑު ބޮކިތައް ދިއްލާލެވިފައިވިއެވެ. ދެ ކޮޓަރިން ނިކުމެ ގޭގެ ސިޓިންގް ރޫމަށް ނިކުތް ވަގުތުވެސް އެތާނގެ މެދަށް ވާ ގޮތަށް ފަނޑު އޮރެންޖް ކުލައިގެ ބޮތްކެއް ދިއްލާލެވިފައިވިއެވެ. އަޔާޒް މިޞްރާބުޖެހީ ސިޓިންގް ރޫމުގެ ވާތް ފަރާތުން ފެންނަން ހުރި ކާގެއާއި ދިމާލަށެވެ. ކާމޭޒާއި ދިމާވާ ގޮތަށް ފާރު ކައިރީގައި ހުރި އައިސްއަލަމާރި އޭނަ ހުޅުވާލިއެވެ. އަލަމާރީގެ ތެރެއިން އޭނަ ނެގީ މެދު މިނުގެ ޗޮކްލެޓް އައިސްކްރީމް ތަށިގަނޑެކެވެ. އެ ތަށިގަނޑު ހިފައިގެން އެތާހުރި ބަދިގޭގެ ކަބަޑުތަކުގެ ތެރެއިން ކަބަޑެއްގެ ވަތްގަނޑެއް ދަމާލަމުން ސަމުސަލެއް ނަގައިގެން އޭނަ ގޮސް ކާމޭޒު ދޮށުގައި އިށީނދެ އޭތި ހުޅުވާލިއެވެ. އެއަށްފަހު ބޮޑު ގަނޑުގަނޑުން ނަގައި އައިސްކްރީމް ބޯންފެށިއެވެ. އޭނަ އެތާ އިށީންތާ މާ ގިނައިރެއްނުވެ ފަހަތުން އޭނައަށް ބޮޑުމަންމަގެ އަޑު އިވުނެވެ.

 

“ކޮންކަމަކާ ދެރަވެގެން ތިއުޅެނީ؟” ހިމޭންކަމުގެ ތެރެއިން ކުއްލި ގޮތަކަށް ބޮޑުމަންމަގެ އަޑު އިވިގެން ދިޔުމުން އަޔާޒަށް ފަހަތް ބަލާލެވުނީ ލުއި ސިހުމަކާއި އެކީގައެވެ. އެތާ ހުއްޓިހުރީ ހުސް ފެންޖަގަކާއެކީ ކޮޓަރީގެ ދޮރު ކައިރީގައި ހުރި ބޮޑުމަންމައެވެ.

 

“ބިރުވެސް ގަނެއްޖެ ބޮޑުމަންމާ…ދެން އެހެން ނަހަދައްޗޭ!” އަޔާޒް ހިނިތުންވާން މަސައްކަތް ކުރަމުން އަޑަށް ޖޯޝެއް ވެރިކުރުވަމުން ބުނެލިއެވެ.

 

“ބޮޑުމަންމަ ކުރި ސުވާލަށް އަދި ޖަވާބެއް ނުލިބޭ…ކޮން ކަމަކާ ދެރަވެގެން ތިއުޅެނީ؟” ވަސީމާ ޖަގު ހިފައިގެން ގޮސް ކާމޭޒު މަތީގައި ބެހެއްޓުމަށްފަހު އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން އެހިއެވެ.

 

“ދެރައެއްނުވެއޭ ބޮޑުމަންމާ….ހަމަ މިގަޑީގަ ބަނޑުހައިވެގެން މި ނިކުމެލެވުނީ.” އަޔާޒް އެ ވާހަކަ ބުނެލީ ބޮޑުމަންމައަށް ވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ.

 

“ކާކަށް ދޮގު ހަދަން ތިއުޅެނީ އަޔާޒް؟” ވަސީމާ އައިސް އޭނަ ނެގި ފުޅި މޭޒުމަތީގައި ބަހައްޓަމުން ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ. އެއާއެކު ވަސީމާއަށް ބަލަން ހުރި އަޔާޒަށް ހުއްޓުން އަރާފައި އޭނަގެ ބޮޑުމަންމައަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނައަށް ތެދުތެދަށް ޖަވާބެއް ނުދީ ނުރެކޭނެކަން އެނގުންވުމުން އަޔާޒް އެތަނުން ތެދުވެގެންދާން ބޭނުންވިއެވެ. އެހެނަސް އޭނައަށް ހިމޭންކަމާއެކީ އިންގޮތަށް އިނދެވުނީއެވެ.

 

އަޔާޒް އިސްޖެހިފައި އިންގޮތަށް އިންދާ ވަސީމާ އަޔާޒްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ. އަދި މަޑުމައިތިރި އަޑަކުން ލޯތްބާއެކީ ކިޔައިދޭށޭ ބުނެލިއެވެ. އެ ބަސް އިވިފައި މައުވާ މަތިން ހަނދާންވުމުން އަޔާޒްގެ ބުމަގޮށްޖެހުނެވެ. އެ ވާހަކަ ދުލާއި ހަމައަށް ގެންނަން ބޭނުމެއްނުވުމުން އަޔާޒް ވަގުތުން ބުނެލަންވީ ޖަވާބަކާމެދު ވިސްނާލިއެވެ.

 

“ތި ހީވީ ރަނގަޅަށް ބޮޑުމަންމާ…އަހަރެން މިހިރީ ޙަޤީޤަތުގަ ވަރަށް ދެރަވެފަ ދޮންބެ އަހަރެން ލައްވާ ކުރުވަން އުޅޭ ކައިވެންޏަކާހެދި…ހިއެއްނުވޭ މިއީ ބޮޑުމަންމައަށް ސިއްރުކުރެވިފައިވާ ވާހަކައެއްހެން. ދެރަވޭ އަހަންނާ ނުވެސް ގުޅޭ ކުއްޖަކާ ދެވަން ދޮންބެ އެގޮތަށް މަސައްކަތް ކުރާތީ….” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.

 

“އަސްލުވެސްތަ؟ އަޔާޒް އިންނަން ބޭނުންވާ އެހެން ކުއްޖަކު ހުރީތަ؟ އެ ކުއްޖަކު ގެންނަންވީއެއްނު؟” ވަސީމާ ނޭނގޭ ކަމަށް ހަދާފައި އެހެން ބުނެލީ އަޔާޒަށް ވާގޮތެއް ބެލުމަށެވެ. އޭނަ އުއްމީދު ކުރި ފަދައިން އޭނަގެ އެ ސުވާލުތަކުން އަޔާޒްގެ މޫނުމަތި އިތުރަށް މިލައިގެން ދިޔައެވެ. އޭނަ ފުރުޞަތުގެ ބޭނުން ހިފައި ނަޞޭޙަތެއް ދޭން އުޅުނު ވަގުތު އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ލައްބަ ބޮޑުމަންމާ….އަހަރެން އިންނަން ބޭނުންވާ ކުއްޖަކު އެބަހުރި. އެކުއްޖާ އެއީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވެސް މިގެއަށް ގެންނަން އަހަރެން ބޭނުންވި ކުއްޖާ….އަދި ބޮޑުމަންމަ އަހަންނަށް އަހަރެއްގެ މުއްދަތު ދިނިއްޔާ އެކުއްޖާ ރަނގަޅުކޮށްގެން އަހަރެން މިގެއަށް ގެންނާނަމޭ ބޮޑުމަންމާ. މައުވާގެ އުޅުން ރަނގަޅެއް ނޫންކަން އަހަންނަށް ވެސް އެނގޭ. އެކަމަކު އޭނަ ރަނގަޅުވާނެއޭ ބޮޑުމަންމާ…..ކަމަކަށް ދެވިހިފީމަ އަސްލު ފަސޭހަކަމެއް ނޫންދޯ އެކަމުން ދުރުވުމަކީ؟ މައުވާއަށް ވެސް ބޭނުންވަނީ އެހީއޭ ބޮޑުމަމް…..” އަޔާޒްގެ ވާހަކަ މެދުކެނޑުނެވެ.

 

“ދެން އަޔާޒް އެހީވެދޭން މަސައްކަތް ކުރީމަ އޭނަ އެ އެހީ ބަލައިގަތްތަ؟ އެ އެހީ ބަލައިގަތިއްޔާ އޭނަ މިހާތަނަށް އައިއިރު ރަނގަޅު ނުވެ ހުރީ ކީއްވެ؟ އަޔާޒް އެ ގުޅުމުގަ ހުރެގެން އޭނަގެ ގައިގަ ތަތްލަވައިގެން އުޅެގެންވެސް އޭނަ ރަނގަޅުވިތަ؟ ރަނގަޅުވާން މަސައްކަތެއްވެސް ކުރިތަ؟ ވިސްނައިގެން ތެދުތެދަށް ޖަވާބުދީބަލަ މި ސުވާލުތަކަށް އަޔާޒް!” ވަސީމާ މައުވާއަށް އިންތިހާއަށް ނުރުހުންވެފައިވާ ޙާލު ބުނެލިއެވެ. އަޔާޒް އޭނަގެ ބޮޑުމަންމަ ކުރި ސުވާލުތަކާއިމެދު ވިސްނާލިއެވެ. އެ ހިނދު ހަމަ ޙަޤީޤަތުގައި ވެސް މައުވާ އޭނަގެ އެހީ ބަލައި ނުގަތްކަން އޭނައަށް ނިންމުނު އެތައް ވަގުތުކޮޅެއް އޭނަގެ ހަނދާނަށް އައެވެ. އޭނަ މައުވާއަށް ބައެއް ބޭސްތަކެއް ދިނުމުން އޭގެ ދެވަނަ ދުވަހު އަޔާޒަށް އެ ބޭސްތައް ފެނިގެން ދިޔައީ ޑަސްބިނުންނެވެ. ރޭގަނޑުގެ ވަގުތު ނޭދެވޭ އަސަރެއް ކޮށްފާނެ ތަނަކަށް ނުފޮނުވުމަށްޓަކައި އަޔާޒް ކޮންމެ ރެއަކުހެން މައުވާ ގޮވައިގެން ރެސްޓޯރެންޓްތަކަށް ގޮސް ހެދިއެވެ. އެހެނަސް އޭނަ ދާއިރަށް މައުވާގެ މިޞްރާބު ހުންނަނީ ކޮންމެވެސް ކްލަބަކާއި ދިމާލަށެވެ. އެކަންތައް ކުރާ އެކުވެރިން ދޫކޮށްލުމަށް އަޔާޒް ބުނަމުން ދިޔައެއްކަމަކު މައުވާ އެކަމަށްޓަކައި ވެސް ކުޑަވެސް މަސައްކަތެއް ނުކުރެއެވެ. އަޔާޒް މީގެއިން އެއްވެސް ކަމަކާމެދު ޝަކުވާއެއް ކޮށްފިނަމަ މައުވާ ރޮއިގަނެއެވެ. އޭނައަށް އެހީވެދޭށޭ ކިޔާފައި ރޮއިގަންނައިރު އަޔާޒް އޭނަ ދޫކޮށްލައިފިނަމަ އަޔާޒަކީ ނުބައި މީހާއަށް ވެދާނެހެން ބަލާ މީހަކަށް ހީވެދާނެއެވެ. މައުވާ މިހާތަނަށް އައިއިރު ވެސް އޭނައަށް ދޫކުރެވިފައިނުވަނީ ޚުދު އަޔާޒަށް ވެސް އެކަން އެގޮތަށް އިޙްސާސް ކުރެވޭ މިންވަރުންނެވެ.

 

ބޮޑުމަންމައަށް ޖަވާބެއް ނުދީ އެކަންކަމާމެދު ވިސްނެން ފެށި ވަގުތު އަޔާޒްގެ ބޮލުގައި ރިއްސިއެވެ. މައުވާއާއި އޭނަގެ ގުޅުމާއިމެދު ވިސްނާ ކޮންމެ ފަހަރަކުހެން އޭނަ ވަރުބަލިވާ ކަހަލަ އިޙްސާސެއް އަޔާޒަށް ކުރެވެއެވެ. އެހެނަސް އެކަން ބޮޑުމަންމައަށް ނުދެއްކުމަށްޓަކައި އަޔާޒް އޭނަގެ ކުރިމަތީގައި ހުރި އައިސްކްރީމް ތަށިގަނޑުގެ ތެރެ ސަމުސަލުން ހާވަން ފެށިއެވެ. އެ މަންޒަރު ފެނިފައި ވަސީމާ ފުންނޭވައެއް ދޫކޮށްލިއެވެ. އަދި މޭޒުމަތީގައި ބޭއްވިފައި އޮތް އަޔާޒްގެ އަތްމަތީގައި އަތް ބޭއްވިއެވެ.

 

“އަޔާޒް…..ބޮޑުމަންމަ ނުވެދާނެ އަޔާޒަށް ރަޝިޔާއިން އެއްދުވަހު ދިމާވި ކަހަލަ ރިލޭޝަންޝިޕް އެކްސްޕާޓަކަށް. އެކަމަކު ބޮޑުމަންމަ މިހާވަރު ކިޔައިދީފާނަން…ލޯތްބަކީ ބަލިކަށި ކުރުވާ ކަމެއްނޫން. އެއީ ޙަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެއް. އެ ދެ ކަންތައް ގުޅުމަކުން ނުލިބެންޏާ ތިއީ ލޯތްބަށް ނުވެވެސް ހިނގައިދާނެ…” ވަސީމާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެވާހަކައާމެދު ވިސްނާލެވުނު އަޔާޒަށް އޭނަގެ ބޮޑުމަންމައަށް ބަލާލެވުނެވެ. އެހެނަސް ބުނާނެ ވަކި އެއްޗެއް ނުވިސްނުނެވެ. އޭނަ އެއްޗެކޭ ނުބުނެ އިރުކޮޅެއްވުމުން ބޮޑުމަންމަ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަދި އެނގޭތަ އަޔާޒް؟ ބޮޑުމަންމަ ކުރީގަ ވެސް ބުނިހެން ކައިވެނިން ބޭރުގަ ތިގޮތަށް ހިންގާ ގުޅުމަކުން ލޯތްބަކީ ކޯޗެއްކަން ނޭނގިދާނެ. ޙަޤީޤީ ލޯބިވަނީ ކައިވެންޏެއްގެ ތެރޭގަ. އެއީ އެދެމެދުގަ ލޯބި ލައްވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަށްވީމަ. އެފަދަ ލޯތްބަކަށް އަމިއްލަ ޙަޔާތުން ފުރުޞަތު ދީ އަޔާޒް…..މީގެ ހަފްތާއެއްހާ ދުވަސްފަހުން މަލާކް އަންނާނެ އަޔާޒްއާ ބައްދަލުކުރަން. ބައްދަލުކޮށްފަ މަލާކް ދެނެގަންނަން މަސައްކަތް ކުރޭ އަޔާޒް. ދެކުދިންގެ މިޒާޖު މާ ބޮޑަށް ތަފާތުވެ ނުގުޅޭނެހެން ހީވަންޏާ މި ކައިވެނި އެންމެ ފުރަތަމަ ހުއްޓުވާ މީހަކަށް ބޮޑުމަންމަ ވާނަން. އެކަމަކު މި ގުޅުމަށް ފުރުޞަތެއްދީ އަޔާޒް….އަޔާޒަށް ވެސް އެންމެ ރަނގަޅުވާނީ މިގޮތްހެން ހީވާތީ ބޮޑުމަންމަ މި ބުނަނީ.” ވަސީމާ ބުނެލިއެވެ. އަޔާޒަށް އެ ވާހަކައަށް ބުނަންވީ ވަކި އެއްޗެއް ވެސް ނުވިސްނުނެވެ. ބޮޑުމަންމަ ފަހުން ބުނެލި ވާހަކަތަކުން ބޮޑުމަންމަވެސް މަސައްކަތް އެކުރަނީ އޭނަގެ ބޮލަށް އަރައިގެން އޭނަ ލައްވާ އެ ކައިވެނި ކުރުވަންހެން ހީވިއެއްކަމަކު އޭނަ އެވަގުތު އެއްވެސް އެއްޗެކޭ ނުބުންޏެވެ. ބޮޑުމަންމަ ދެން އަވަހަށް ނިދާލާށޭ ބުނެ ޖަގަށް ފެން އަޅައިގެން އަނބުރާ ކޮޓަރިއަށް ދިޔައިރު ވެސް އަޔާޒަށް އެ ގޮނޑީގައި އިނދެވުނެވެ. ރާއްޖެތެރޭގައި އުޅެ ބޮޑުވި ކުއްޖަކާއި އޭނައާއި ގުޅިދާނެކަމުގެ ޚިޔާލުން ވެސް އަޔާޒަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ. އެއީ ޙަޤީޤަތާއި ކިހާ ދުރު ޚިޔާލެއްކަން ދައްކާލުމުގެ ރޫޙެއް އޭނަގެ ހިތުގައި އުފެދުނެވެ. އެއާއެކު އޭނައަށް ދެން މަލާކް ފެންނާނެ ދުވަހު އޭނަގެ ބަހުރުވަ ބަހައްޓާނެ ގޮތް ހިތާ ހިތުން ރާވާލިއެވެ. އޭނަގެ ރޭވުމާއިމެދު ހިތްހަމަޖެހުނު ވަރުން އަޔާޒަށް އެކަނި އިނދެވެސް ހިނިތުންވެލެވުނެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ހެނދުނު ސައިބުއިމަށްފަހު އާދައިގެ މަތިން މަލާކް އިނީ ހެދިކާ ހެދުމުގައި މަންމައަށް އެހީވާށެވެ. މަންމަ ބަޖިޔާތައް ހަދަމުން ދިޔައިރު މަލާކް އިނީ ދެންމެ ތެލުލައި ނިމުނު ބަޖިޔާތައް ކުދިކުދި އުރަތަކަށް އަޅާށެވެ. މަސައްކަތުގެ ތެރެއިން ސާރިޔާއަށް ދޭތެރެދޭތެރެއިން މަލާކަށް ބެލެމުން ދިޔައީ އޭނަ ބުނަން އުޅޭ ވާހަކައާއިމެދު ޖެހިލުންވެގެން އުޅޭ ފަދައަކުންނެވެ. މަސައްކަތުގައި މަޝްޣޫލުވެގެން އިން މަލާކަށް އެކަން ފާހަގައެއްނުވިއެވެ. އެންމެ ފަހުން މަލާކްގެ ސަމާލުކަން ހޯދުމަށްޓަކައި ސާރިޔާ ކަރުކެހިލިއެވެ. އެއާއެކު މަލާކް އޭނައަށް ބަލާލިއެވެ.

 

“ރޭގަ…..އެ ފޮތުގަ ލިޔެވިފަ އޮތް ޑޮކްޓަރުގެ ނަން ދުށިންތަ؟” ސާރިޔާ އަހާލިއެވެ. އަނެއްކާވެސް އެއްކަލަ ޝަޚްޞިއްޔަތުގެ ވާހަކަ ދެކެވިގެން ދިޔުމުން މަލާކްގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތައް އުފެދިގެން ދިޔައެވެ. އެ ޖަޒުބާތުތަކާމެދު ނުވިސްނުމަށް މަލާކް އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.

 

“އަ…އާނ….އަޔާޒްއެކޯ ކިޔަނީ.” މަލާކް އެކި ދިމަދިމާލަށް ބަލަމުން ބުނެލިއެވެ. އެ މަންޒަރު ފެނިފައި ސާރިޔާއަށް ހިނިތުންވެލެވުނެވެ.

 

“ކިހިނެއް މަލާކްއަށް ތިވަނީ؟ އޭނަ ކަމުދަނީތަ އަނެއްކާ؟” ސާރިޔާއަށް ޖެހިލުމެއްނެތި މިފަހަރު އެ ސުވާލުކޮށްލެވުނީ ނޫނަކަށް ޖަވާބެއް ނުލިބޭނެހެން ހީވުމުންނެވެ. އެހެނަސް….

 

“ނޫން މަންމާ….މިއީ އަދި ކަމުދިޔުމެއްނޫން….މިއީ ހަމަ….އަހަންނަށް ހީވަނީ އެއީ ރަނގަޅު މީހެއްހެން. އެގޮތަށް އަހަރުމެންނަށް އެހީވެދިނީމަ. އެކަމަކު މީހަކާ ބެހޭގޮތުން އެންމެ ކަމެއް އެނގިގެން ގޮތެއް ނިންމައިގެންވެސް ނުވާނެ ދޯ މަންމާ؟ އެހެންނޫނަސް މިޒަމާނުގަ ކޮންމެ ކޮންމެ ފިރިހެނަކީ ހަމަ މިހެން ހުރެފަ އިތުބާރު ކޮށްލެވޭނެ މީހެއްނޫން. ކިތަންމެ ރަނގަޅުހެން ބޭރުފުށުން ހީވާ މީހެއްވެސް ގޯސްވެދާނެ….” މަލާކް ތެދުތެދަށް އޭނަ ދެކޭ ގޮތް ކިޔައިދިނީ އޭނަގެ އެކުވެރިން ރައްޓެހިވީ ބައެއް ފިރިހެން ކުދިން ކުރި ކަންތައްތަކުގެ މަތިން ހަނދާންކޮށްފައެވެ. ފިރިހެނުންނަށް އިތުރު ނަފްރަތެއް ކުރެވޭ އެއްސަބަބަކީ ވެސް އޭނައަށް އިވިފައިވާ އެފަދަ ވާހަކަތައް ގިނަވުމެވެ. މަލާކް އެކަމާމެދު ވިސްނަން އިންދާ މަންމަ ވާހަކަ ދެއްކިއެވެ.

 

“މާ ޝާ ﷲ! ހަމަ ވަރަށް ރަނގަޅަށް ތި ބުނީ ދަރިފުޅު….ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހައިން އިތުބާރުކޮށްގެން ނުވާނެ. ހިތަށްއަރަނީ ތި ބަސްތައް މަންމައަށް ކުރިން އިވިފަހުރި ނަމައޭ….” ސާރިޔާ ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ބުނެލިއެވެ. މަލާކަށް އޭނަ ބަޖިޔާ އެޅި އެންމެ ފަހު އުރަ ބާއްވަމުން ޙައިރާންވެފައި މަންމައަށް ބަލާލެވުނެވެ. އޭނަ ގޮނޑީގެ އަތްގަނޑު މަތީގައި އޭނަގެ ވަރުބަލިވެފައިވާ ދެއަތް ބާއްވަމުން ސުވާލެއް ކޮށްލަން އުޅުނު ވަގުތު މަންމަ އޭނައަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅު ތިބުނިހެން މީހަކަށް އިތުބާރުކުރަން ޖެހޭނެ އެމީހަކު ރަނގަޅަށް ދެނެގަންނަން. އެހެންވީމަ މަންމަމެން މިއުޅެނީ އަންނަ ހޮނިހިރު ދުވަހު މަލާކް ގޮވައިގެން އެ ޑރ އަޔާޒް ކައިރިއަށް. އެ ޢާއިލާއިން ބޭނުންވަނީ އަޔާޒްއާއި މަލާކް ކައިވެނިކުރަން.” ސާރިޔާ ބުނެލިއެވެ. މަންމަ އެ ބަސްތައް ބުނެލުމާއެކު މަލާކްގެ ދެލޯ ބޮޑުވެ އޭނަގެ އަތަށާއި ފަޔަށް ބާރުވެގެން ދިޔައީ އޭނަގެ އިޚްތިޔާރަކާއި ނުލައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އެދިގެން ތި ލޯތްބަށް 3

Next

ވަނަން އުމުރަށް – 25 –

Next
September 14, 2019

ވަނަން އުމުރަށް – 25 –

Previews
September 14, 2019

އެދިގެން ތި ލޯތްބަށް 3

19 Comments!

  1. Jana says:
    September 14, 2019 at 4:25 pm

    Assalaam’alaikum. 🙂 dhen oiy bain Ayaaz aa Malaak bahdhalu kuraane. e bai wednesday ga In Sha Allah 😀 mi bayaa gulhey post thah In Sha Allah mireyge vaguthegga genesdheynan ^_^

  2. Emm says:
    September 14, 2019 at 4:26 pm

    yey me first dhw… vrh salhi mi prt vx masha allah… keep it up jana sis… luv yuh!

    1. Jana says:
      September 14, 2019 at 9:41 pm

      labba Emm first 😀 Alhamdhulillah! (All praise and thanks belong to Allah) Love you too sis <3 🙂

  3. jiji says:
    September 14, 2019 at 4:35 pm

    Yey me second dhw..masha allah v v rythi mi bai ingey jana sis..keep going as like this???..Im waiting for the next..ly?????

    1. Jana says:
      September 14, 2019 at 9:41 pm

      Alhamdhulillah! <3 🙂 Love you too sis <3 Jazaakillah Khairan for the support 😀

  4. IsHa says:
    September 14, 2019 at 6:04 pm

    Wow i m speacless and 3 dhw

    1. Jana says:
      September 14, 2019 at 9:42 pm

      yeah third IsHa. Alhamdhulillah! 😀 <3

  5. Eenash says:
    September 14, 2019 at 6:29 pm

    Ma sha Allah niice. Love it. Ekm faahagavy thankolheh bunelaanan “karunaeh” as in emme karuna thihkeh nueh ohoreyne. Ohoreyny ginai anna nama. So liyany karunaeh faibaegen ayea or vehtuney something like that?. Varah inthizaaru kurevey dhnnoyeh part ah??

    1. Jana says:
      September 14, 2019 at 9:43 pm

      Ma Sha Allah thi thankolhu jana ah faahaga vee mi comment kiyaaleema. In Sha Allah rangalhu kollaanan mirey. Jazaakillah Khairan bunedhineethy 🙂 Alhamdhulillah! ^_^

  6. Malaa says:
    September 14, 2019 at 6:48 pm

    Mi part varah reethi Maa sha Allah…Waiting for the next part…

    1. Jana says:
      September 14, 2019 at 9:44 pm

      Alhamdhulillah! <3 Next part wednesday ga In Sha Allah 🙂

  7. Jana says:
    September 14, 2019 at 9:34 pm

    Blog post:

    For us, its ‘abnormal’….for them, its normal.

    What we often don’t realize, is that for an individual with cerebral palsy, its normal to walk with a different gait or not being able to walk at all. For an individual with autism, its normal to see things in a perspective that the majority wont usually see. For an individual with ADHD, its normal to not sit still. For an individual with Down’s syndrome, its normal to have a different kind of look from the majority and to be slow in learning.

    And in their eyes, they have something valuable to offer too. Just like everyone else around them. They have dreams to accomplish and serve their community just as we do. So how dare we label them as ‘disabled’ and look at them sympathetically, while we share the same community with them?

    #Specialneeds #Adifferentkindofnormal

    ****************************

    “އަހަރުމެންގެ ނަޒަރުގައި އެއީ ނުކުޅެދުންތެރިކަމެކެވެ. އެމީހުންގެ ނަޒަރުގައި އެއީ ޢާއްމު ދިރިއުޅުމެވެ.”

    އަހަރުމެންނަށް ގިނަ ފަހަރު ދޭހަ ނުކުރެވޭ ކަމަކީ މިއީއެވެ. ސެރެބްރަލް ޕަލްސީއާއެކީ އުޅެމުންދާ ކުއްޖެއްގެ ނަޒަރުން ވަކި ގޮތަކަށް ހިނގުން އެހެންނޫނީ އެއްގޮތަކަށް ވެސް ހިނގަން ނޭނގުމަކީ ޢާއްމު ދިރިއުޅުމެވެ. އޯޓިޒްމްއާއެކީ އުޅެމުންދާ ކުއްޖެއްގެ ނަޒަރުން ކޮންމެ ކަމެއްވެސް ގިނަ މީހުންނާއި ތަފާތު ނަޒަރިއްޔާތަކުން ދެކުމަކީ ޢާއްމު ދިރިއުޅުމެވެ. އޭޑީއެޗްޑީ އާއެކީ އުޅެމުންދާ ކުއްޖެއްގެ ނަޒަރުން މަޑުން ނުހުރެވުމަކީ އެކުއްޖެއްގެ ޢާއްމު ދިރިއުޅުމެވެ. ޑައުންސް ސިންޑްރޯމް އާއެކީ އުޅެމުންދާ ކުއްޖެއްގެ ނަޒަރުން އެހެން ކުދިންނާއި ތަފާތު ސޫރައެއް ލިބިފައި އާ ކަންތައްތައް ދަސްކުރުމުގައި ވަގުތު ނެގުމަކީ ޢާއްމު ދިރިއުޅުމެވެ.

    އަދި އެއިން ކޮންމެ ކުއްޖެއްގެ ވެސް ނަޒަރުގައި އެކުއްޖެއްގެ ކިބައިގައި ކޮންމެވެސް އަގުހުރި ހުނަރެއްވެއެވެ. އެކުދިންގެ ވަށައިގެންވި އެންމެން ފަދައިންނެވެ. ކޮންމެވެސް ކަމެއް ޙާޞިލުކޮށް މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ހުވަފެންތައް އެކުދިންވެސް ދެކެއެވެ. ވީއިރު އެކުދިންނާއި އެއްމުޖުތަމަޢެއްގައި އުޅެމުންދާ ޙާލު އެކުދިންގެ ބޮލުގައި ‘ނުކުޅެދުންތެރި’ ކަމުގެ ލޭބަލް އަޅުވައި އެކުދިންނަށް ޙަމްދަރުދީގެ ނަޒަރަކުން ބަލަން އަހަރުމެންނަށް ކެރެނީ ކިހިނެއް ހެއްޔެވެ؟

  8. Jana says:
    September 14, 2019 at 9:38 pm

    Blog post:

    It’s one thing to fall in love…but it’s another, when Allah guides your heart to love that person that He has written especially for you.

    #Marriage #Islam

    “…And He put love and compassion between you…” Surah Ar-Rum, 21

    ******************************

    ލޯބިވުމަކީ އެއްކަމެކެވެ. އެހެނަސް ﷲ ތިބާއަށްޓަކައި ލިޔުއްވާފައިވާ މީހެއްދެކެ ލޯބިވުމަށް އެކަލާނގެ ތިބާގެ ހިތަށް ހިދާޔަތް ދެއްވުމަކީ އަދި މާ ޚާއްޞަ ކަމެކެވެ. އެއީ ކއިވެންޏެއްގެ ތެރެއިންނެވެ.

    “….އެކަލާނގެ ތިޔަބައިމީހުންގެ ދެމެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ…” ސޫރަތުއްރޫމް، 21

  9. Girl says:
    September 15, 2019 at 6:24 am

    Masha allah… mi part vess hama v salhi

  10. Snow says:
    September 15, 2019 at 10:15 am

    Mihaaru Den vaane kon gothaka Jan v balaa hi vey. Btw the post regarding abnormal ???

  11. Thihu says:
    September 15, 2019 at 12:19 pm

    Jana komme dhuvahu part thah dhigukoh genes dheythy vrh ufaa vey

  12. Qaanitha says:
    September 15, 2019 at 1:26 pm

    ♡Masha Allah.. i love it

  13. ?Shifna? says:
    September 15, 2019 at 3:18 pm

    Masha allah. Vrh reethi.

  14. Jasmine says:
    September 17, 2019 at 4:36 pm

    Masha allah this part is also amazing keep it up sis

Comments are closed.

Next Episodeވަޢުދު (ބާރަވަނަ ބައި)←


All Right Reserved!