Skip to content
އެސްފިޔަ

ވަޢުދު (ދިހަވަނަ ބައި)

“ދެން މިކަން ޙައްލުވާން އަޔާޒް ޖެހޭނީ ހަމަ އެ ކުއްޖާއާ އިންނަންތަ؟” އެ ސުވާލުކޮށްލީ އެދުވަހުގެ މެންދުރު ވަގުތު ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާގައި ބާ ފޮތެއްގެ ޞަފްޙާއަކަށް ބަލަހައްޓައިގެން އިން ވަސީމާއެވެ. އެތާނގައި ހުރި ދިގު ސޯފާގައި އެހެނިހެން ލިޔެ ކިޔުންތަކަށް ބަލަން އިން ނިޝާން އެ ސުވާލު އިވިފައި ތުންފިއްތާލިއެވެ.

 

“ރަނގަޅު ގޮތަކީ އެއީދޯ؟ އޭރުން ފަހުން އެހެނިހެން މައްސަލަތަކެއް ނުޖެހޭނީ.” ނިޝާން ބުނެލިއެވެ.

 

“އެކަމަކު އަޔާޒް އެއްބަސްވާނެތަ؟” ވަސީމާ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.

 

“އެއްބަހެއްނުވާނެ. އޭނަ އަދިވެސް އެ އުޅެނީ މައުވާއަކުން އަރައިނުގަނެވިގެން ވިއްޔާ.” ނިޝާން އެހެން ބުނެލުމާއެކު ވަސީމާގެ ބުމަގޮށްޖެހުނެވެ.

 

“އަޔާޒް އަދިވެސް އެ ކުއްޖާ ދޫނުކުރަނީތަ؟!” ވަސީމާ އެހެން އަހާލީ ހިސާބެއްގެ ރުޅިވެރިކަމަކާއި އެކީގައެވެ.

 

“އާނ…..އަހަރެން ބޮޑަށް މި ޝަރުޠުގައި ހިފަން މި ނިންމަނީވެސް އޭނަ އެ މައުވާއަކާ ދުރުކުރަން. އަޔާޒްއަކަށް ނޭނގޭ އެ އަންހެނާ ހުރެގެން އޭނަގެ ބޯ ކާލާއިރުވެސް!” ނިޝާނަށް ވެސް މައުވާގެ ވާހަކަ ދެކެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ. ވަސީމާ އޭނަގެ ކުރިމަތީގައި ހުޅުވިފައި އޮތް ޞަފްޙާއަށް ބަލާފައި ދެބުމަ ކައިރިކޮށްގެން ހުރެވެސް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އެކަމަކު….ގަދަކަމުން ވެސް ކައިވެންޏެއް ކުރުވުމަކީ ރަނގަޅުކަމެއްނޫން. މި ކުއްޖަކު ބޮޑުވީވެސް ރާއްޖެތެރޭގެ ކުޑަ ރަށެއްގަ. މާ ބޮޑަށް މިޒާޖު ތަފާތުވީމަ ވެސް ހަރުދަނާ ޒަވާޖީ ޙަޔާތެއް ބިނާ ނުކުރެވި ހިނގައިދާނެ.” ވަސީމާ ޚިޔާލު ފާޅުކުރީ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އުޅޭ ފަދައަކުންނެވެ.

 

“ހިއެއްނުވޭ މާ ބޮޑު ތަފާތެއް ހުންނާނެ ހެންނެއް އަހަރެން ހޯދި ހޯދުންތަކުން. މީގެ މަހެއްހާ ދުވަސްކުރިން އަހަންނަށް ބައްޕަގެ މި ވާހަކަތައް އެނގުނީމަ ޗުއްޓީއަށް އެ ރަށަށް ދިޔަ އެކުވެރިއެއްގެ ކައިރިން އެކުއްޖާއާ ބެހޭ މަޢުލޫމާތުތައް ހޯދިން. އެކުއްޖާއަކީ ނުހިނގޭ ނުކުޅެދޭ ކުއްޖެއްކަން އެނގުނު ދުވަހު އަހަރެންވެސް ހިތަށްއެރި މި ވާހަކަ ދެން ނުވެސް ދައްކާނީއޭ. އެކަމަކު އެކުއްޖާއަކީ އެ ރަށުގަ އުޅޭ އެ ޢުމުރުގެ އެހެން ކުދިންނާއި ބަލާއިރު ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖަކަށްވަނީ. ސްކޫލް ދައުރު ނިންމީވެސް ވަރަށް މޮޅެތި ނަތީޖާތަކާއެކީ ކަމަށްވަނީ. އޭނަގެ ހުވަފެނަކީ އިތުރަށް މައްޗަށް ކިޔަވައިގެން މާރކެޓިންގް މެނޭޖަރަކަށްވުން ކަމަށް އޭނަ ބުންޏޯ…” ނިޝާން ކިޔައިދިނެވެ.

 

“މާ ޝާ ﷲ! ތިއީ ހާދަ ތަފާތު ކުއްޖެކޭ….އަޚްލާޤް ރަނގަޅުތަ؟ ދީންވެރިތަ؟” ވަސީމާ އެކުއްޖާއާއިމެދު ޝައުޤުވެރިވީ ވަރުން އެ ސުވާލުތައް ކުރެވުނީ ވެސް ހިނިތުންވުމަކާއި އެކީގައެވެ.

 

“އަޚްލާޤް ވެސް ރަނގަޅުކަމުންދޯ ރަށުގަ އުޅޭ ކުދިން ގޮވައިގެން ނަޞޭޙަތްތައް ދީ އުޅޭނީ. އޭނަ އޭނަގެ ބައްޕައާ މަންމައާ ވެސް ވާހަކަ ދައްކަނީ ވަރަށް އިޙްތިރާމާއި އެކީގަޔޯ އަހަރެންގެ އެކުވެރިޔާ ބުނީ. އިރުއޮއްސެން ކައިރިވީމަ އޭނަ އެދުވަހަކު ކައިރީގަ ގެންގުޅޭ ކުދިން ކައިރީގަ ބުނާނެއޯ މަޣްރިބް ނަމާދަށް ގެއަށްދާންވީއޯ….” ނިޝާން އިތުރަށް ކިޔައިދިނެވެ.

 

“ބާރަކަ ﷲ ލަހާ! ވަރަށް އުފާވެއްޖެ ތި ވާހަކަތައް އިވިފަ! އެހެންވީމަ ތިކުއްޖާ އެންމެ ފުރަތަމަ އަޔާޒްއާ ބައްދަލުކުރުވަންވީ ނިޝާން. ބޮޑުމަންމައަށް ވަރަށް ހީވޭ އަޔާޒްއަށް ކަމުދާނެހެން ތިކުއްޖާ….އިން ޝާ ﷲ ތިކުއްޖާ ވެދާނެ އަޔާޒްއަށް ހެޔޮގޮތް ފެނިގެންދާނެ މަގަކަށްވެސް. ވީހާވެސް އަވަހަކަށް އެދެމީހުން ބައްދަލުކުރުވާ ނިޝާން!” ވަސީމާ އެހެން ބުނެލީ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑު އުފާވެރިކަމަކާއި އެކީގައެވެ. އޭނަ އެތައް ދުވަހެއްގެ ބުރަތަކާއިއެކީ ބަލައި ބޮޑުކުރި އޭނައަށް ބޮޑުދައިތަ ކިޔާ ދެކުދިންނަށް ބާއްޖަވެރި ޙަޔާތްތަކެއް ލިބުމީ އަބަދުވެސް އޭނަގެ އުއްމީދެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ހިނގައިދިޔަ ނިޝާންގެ ވަރީގެ ސަބަބުން އޭނަގެ ހިތް ކުދިކުދިވެފައި ވަނިކޮށް މިފަދަ ޚަބަރެއް ލިބުންވެގެން ދިޔައީ އޭނަގެ އުއްމީދަށް އާރޯކަން ގެނެސްދިން ކަމަކަށެވެ.

 

އެރޭ އަޔާޒް ގެއަށް އައިސް ރޭގަނޑު ކާން އިށީނދެ ނުހިނގޭ ކުއްޖެއްގެ ވާހަކަ ދެކެވުމުން ނިޝާނާއި ވަސީމާގެ ނަޒަރުތައް ބަދަލުވިއެވެ. ނިޝާން ބޯޖަހަމުން އެއީ އެކުއްޖާކަން އޭނަގެ ބޮޑުމަންމައަށް ޔަޤީންކޮށްދީފައި އެކުއްޖާގެ ވާހަކަ ދައްކަމުން ދިޔަ އަޔާޒަށް ފަރުވާތެރިކަމާއެކީ ބެލިއެވެ. އަޔާޒްގެ މޫނުމަތިން އެކުއްޖާއާއިމެދު ކިރިޔާ ވެސް ޝައުޤުވެރިކަމެއް ހުރިތޯ ބެލުމަށެވެ. އެހެނަސް….

 

“ދޮންބޭ……އަހަންނަށް އެތަނުން ފެނުނީ އިންނާނެ ކުއްޖެއްނޫނޭ…އަހަންނަށް ފެނުނީ ބަލިމީހެއް. ބަލިމީހަކަށް އެހީވާން ވެވެން އޮތް ހުރިހާ ކަމެއް އަހަރެން ކުރާނެކަން ދޮންބެއަށް އެނގެއެއްނު؟” އަޔާޒް ސީރިއަސްކަމާއެކީ ބުނެލި އެ ބަސްތަކުން އެއީ ކިހާ ދުރުކަމެއްކަން ނިޝާނަށް އެނގުންވިއެވެ. އަދި މިކަމާއި ބެހޭގޮތުން އޭނަ އަޔާޒަށް ތަފްޞީލުކޮށް ކިޔައިދީ ވިސްނައިދީގެން ނޫނީ ކުރިމަގެއް ނުލިބޭނެކަން ވެސްމެއެވެ. އަޔާޒާއި ވަކިން ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުނެފައި އޭނަ ތެދުވެލީ އެހެންވެއެވެ.

 

**

 

އެރޭ 8:30 ވާން ގާތްވެފައި ވަނިކޮށް ނިޝާން ހުރީ އޭނަ ބުނި ފަދައިން އޭނަގެ ކޮޓަރިން ގޮސް ނިކުމެވޭ ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިގެންނެވެ. ރޭގަނޑުގެ އެ ވަގުތު އެ ހިސާބަށް އިވެމުން ދިޔައީ ޢިމާރާތުގެ ތިރިން ދުއްވަމުން ދިޔަ ދުއްވާ އެއްޗެހީގެ އަޑެވެ. އެ އަޑުތަކަށް އޭނަ ކުޑައިރުއްސުރެ ހޭނިފައިވުމުން އެ އަޑުތަކުގެ ތެރެއިން ވެސް ސިކުނޑި ހަމަޖައްސާލުމުގައި އޭނަ ކާމިޔާބުވިއެވެ. މިއީ އަބަދުވެސް އޭނަގެ އާދައެވެ. ޒުވާބަކަށް ވެދާނެ ވާހަކައެއް ދެއްކުމުގެ ކުރިން އޭނަގެ ސިކުނޑި ހުސްކޮށްލުމަކީ އޭނަގެ ހުނަރެކެވެ. އެހެން މީހެއްގެ ވިސްނުމާއި ނަޒަރިއްޔާތު އެކުއެކީ ބަދަލުކޮށްލުމުގައި އޭނަ މާހިރަކަށްވެފައިވަނީ އެ ހުނަރާއި އެކީގައެވެ. ކޯޓުގައި އެހާ ގިނަ މައްސަލަތަކުން އޭނަ ކާމިޔާބުވެފައިވާ ސަބަބަކީ ވެސް އެއީ ކަމަށް އޭނަ ދަންނަ މީހުން ބުނެ އުޅެއެވެ. މި ސަބަބާހެދި އޭނަގެ ކައިވެނީގައި އޭނަ ‘ފޭލްވީ’ ކީއްވެކަން ދޭހަކުރަން ގިނަ ބަޔަކު ނުކުޅެދިފައިވެއެވެ. އަދި އެ ވާހަކައަކީ ނިޝާން ސިއްރުކޮށްގެން އުޅޭ ވާހަކައަކަށްވުމުން އެ ވާހަކަ މާ ގިނަ ބަޔަކަށް ނޭނގެއެވެ.

 

އޭނަގެ ޚިޔާލުތައް އެ މިޞްރާބަށްދާން ފެށުމުން ނިޝާނަށް ދެލޯ މަރާލެވުނެވެ. އޭނަ ހިސާބަކަށް ނުތަނަވަސްވީ އެ މިޞްރާބަށް އޭނަގެ ވިސްނުން ގޮސްފިނަމަ މިހާ މުހިއްމު ވަގުތުކޮޅެއްގައި އޭނައަށް ރަނގަޅަށް ވާހަކަ ނުދެކެވިދާނެހެން ހީވުމުންނެވެ. އޭނަ އެ ޚިޔާލުތަކުން ރެކެން މަސައްކަތް ކުރަމުން ދަނިކޮށް ފަހަތުން މީހަކު ބެލްކަނީގެ ދޮރު ކަހާލި އަޑު އިވުނެވެ. ނިޝާން ލޯ ހުޅުވާލަމުން ފަހަތް ބަލާލިއިރު އޭނަ އުއްމީދު ކުރި ފަދައިން އެތާހުރީ އަޔާޒެވެ.

 

“ކޮން ވާހަކައެއް ދައްކަންތަ ދޮންބޭ؟” އަޔާޒް އެ ދޮރު ލައްޕައި ބެލްކަންޏަށް ނިކުންނަމުން ސުވާލުކުރިއެވެ. އޭނަ ހުރީ ދޮންބެ އޭނައާއި ވަކިން ވާހަކަ ދައްކަން އެންގުމުން ތަބީޢަތު ގޯސްވެފައެވެ. މައުވާއާއި ބެހޭގޮތުން އެހާ ފާޅުކަން ބޮޑު ގޮތެއްގައި ނޭދެވޭ ވާހަކަ ދެއްކުމަށްފަހު، އަދި މިރޭ ވެސް އޭނައަށް އިނދެވިދާނެ ކުއްޖެއްގެ ވާހަކަ ބުނުމަށްފަހު ދޮންބެގެ ވާހަކަ ހުންނާނެ ގޮތް އަޔާޒަށް ތަޞައްވުރު ކުރެވުނެވެ. އޭނަ ހުރީ އެއްގޮތަކަށްވެސް ކައިވެންޏާއި ބެހޭ ‘ދަރުހެއް’ އަޑުއަހާ ހިތަކުންނެއްނޫނެވެ. އެހެނަސް އޭނައަށް ދޮންބެއަށް ފަސްނުދެވެއެވެ. މަންމައާއި ބައްޕަވެސް ނެތް ދުނިޔެއެއްގައި އޭނައާއިމެދު އަޅާލައި އޭނައަށް އެތައް އެހީއެއްވެދިން އެކަކީ އެ ދޮންބެ ކަމަށްވާތީވެއެވެ. ދޮންބެ އޭނަ ކުރި ސުވާލަށް ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުންނަން ފެށުމުން، ލަސް ފިޔަވަޅުތަކެއްގައި ގޮސް ދޮންބެ ކައިރި މަޑުކޮށް ރެއިލިންގްގައި އަތް އަޅުވާލަމުން ހިނިތުންވުމެއް ދައްކާލެވުނީ އެހެންވެއެވެ. އޭގެ ބަދަލުގައި ދޮންބެ އޭނައާއި ހިނިތުންނުވެ ދުރަށް ނަޒަރު ހިންގާލި ގޮތުން މި ދެކެވެން އުޅޭ ވާހަކައިގެ ސީރިއަސްކަން އެނގުންވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ދޮންބެ ވާހަކަ ދެއްކިއެވެ.

 

“އުފާވެރި ޚަބަރަކާއި ހިތްދަތި ވެދާނެ ޚަބަރެއް ދޮންބެ މިރޭ އަޔާޒަށް ދޭން އޮތީ. ކޮން ޚަބަރެއް އެންމެ ފުރަތަމަ ދޭންވީ؟” ނިޝާން ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ހުރެ މަޑުމައިތިރި ކަމާއެކީ ސުވާލުކުރިއެވެ.

 

“ހެހެ….ހާދަ ޑްރެމެޓިކް ލައިނެކޭ ތި ވައްޓާލީ ދޮންބެ! ހީވަނީ ހަމަ ފިލްމެއްގެ ތެރެއިން ނިކުމެފަ އައިސް ހުރި ވިލަން ލޯޔަރެއްހެން ހުވާ! ހެހެހެ……..މިހިރީ ވަރަށް ރަނގަޅު މޫޑެއްގަ މި ވަގުތު. އެހެންވީމަ ފުރަތަމަ އުފާވެރި ޚަބަރު އަޑުއަހާލަން ބޭނުމީ.” އަޔާޒް ހެވިފައިހުރެ ބުންޏެވެ. ނިޝާން ލުއި ގޮތަކަށް ހީލަމުން ބޯޖަހާލިއެވެ.

 

“އުފާވެރި ޚަބަރަކީ މިއީ….ބައްޕަގެ ޙަޤީޤީ ވަޞިއްޔަތް ލިބޭނެ ގޮތެއް ފަހިވެއްޖެ.” ނިޝާން އާދައިގެ އެހެން ބުނެލީ އެއީ އޭނައަށް އެއްގޮތަކަށް ވެސް އާ ޚަބަރެއްހެން ހީނުވާ ފަދައަކުންނެވެ. އެހެނަސް އެ ވާހަކަ އިވިގެން ދިޔަ އަޔާޒްގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔައެވެ.

 

“ދެޓްސް….ގްރޭޓް!! ކޮންތަނަކުން އޭތި ފެންނާނީ؟ އެ ލިޔުމުގަ ހުރި ހެކިވެރިން އެނގޭތަ؟ އެ ހެކިވެރިން ދުނިޔޭގަ ތިބިތޯ ބެލިންތަ؟ ޓެލް މީ އޯލް އެބައުޓް އިޓް ދޮންބޭ! މަށަށް ދެން އެއްދުވަހުވެސް ނުހުރެވޭނެ އެ ޢަޒީޒާމެން ކަންނުވެ ނަންވާ މަންޒަރު ޚަބަރުތަކުން ބަލަބަލާ. އަހަރުމެންގެ ބައްޕަގެ ފިހާރަ ދައްކާފަ އެ ވާ ކިބުރުވެރިކަން ބިރުވެރިކަމަށް ބަދަލުކުރަން މަ ބޭނުމީ!” އަޔާޒް ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.

 

“ހޫމް….އަދި މިހާރު އެމީހުން އެއްޢިމާރާތުގެ މަތީގަ ނޮން-އަލްކޮހޯލިކްއޭ ޖަހާފަ އަލްކޮހޯލިކް އެއްޗެހި ވިއްކާ ރެސްޓޯރެންޓެއް ފަށަން އުޅޭ ވާހަކަ ވެސް ދޮންބެ އަޑުއެހިން. އެއީ ބައްޕަ އެއްގޮތަކަށްވެސް ބޭނުންވާނެ ގޮތެއްނޫން.” ނިޝާން ބުންޏެވެ.

 

“އެގްޒޭކްޓްލީ! އެހެންވީމައޭ ވީހާވެސް އަވަހަކަށް ތި ވަޞިއްޔަތް އަހަރުމެން އަތުގަ ޖެހެން ޖެހެނީ….ދެން ބުނެބަލަ ދޮންބޭ. އޭގަ ބައްޕަގެ ސޮއިއާއި ހެކިވެރިންގެ ސޮއި ހުރިތަ؟ އެ ސޮއިތައް ނެތިއްޔާ ކޯޓުން ބަލައެއްނުގަންނާނެ ދޯ؟” އަޔާޒް އަހާލިއެވެ.

 

“ހޫމް….އެކަމަކު ބައްޕަ އޭތި ލިޔެފަ ސޮއިވެސް ކޮށްފަ ހުރީ. ހެކިވެރިންގެ ސޮއިއާއި އިނގިލީގެ ނިޝާން ވެސް ހުރިކަމަށްވަނީ. އޭގެތެރެއިން އެއް ހެކިވެރިއަކު ހުރިތަނެއް ވެސް އެނގޭ ދޮންބެއަށް. އެކަމަކު…..” ނިޝާން ހުރިހާ ރަނގަޅު ވާހަކައެއް ދައްކަމުން ގޮސް އެ ފަހު ބަސް ބުނެލުމުން އަޔާޒްގެ ނިތަށް ރޫގިނަވިއެވެ.

 

“އެކަމަކު ކީކޭ ދޮންބެ؟” ނިޝާން ކުރިއަށް ނުގެންދިޔުމުން އަޔާޒަށް އަހާލެވުނެވެ. ނިޝާން އަޔާޒަށް ބަލާލިއެވެ.

 

“އެ ވަޞިއްޔަތް އޮތީ ދޮންބެ ދަންނަ ހެކިވެރިޔާ އަތުގަ އަޔާޒް. އެ ހެކިވެރިޔާ އޭތި އަހަރުމެންނާ ޙަވާލުކުރާނީ ޝަރުޠެއްގެ މަތިން. މި ޝަރުޠަކީ ބައްޕަ ވަރަށް ކުރިން އެމީހާއަށްވެފައިވާ ވަޢުދެއް.” ނިޝާން ދެންވެސް ލަސްލަހުން ކިޔައިދިން ގޮތުން އަޔާޒް އިތުރަށް ޙައިރާންވުން ނޫންކަމެއްނުވިއެވެ.

 

“ކޮން ޝަރުޠެއް؟” އަޔާޒަށް އޮޅުންގަނޑެއްގެ ތެރޭގައިހުރެ އަހާލެވުނެވެ. ނިޝާން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އަޔާޒް ޖެހޭނީ އޭނަގެ ދަރިފުޅާއި އިންނަން…” ނިޝާން ދުރުބަލަން ހުރެ ބުނެލިއެވެ. އެ ވާހަކަ އިވިގެން ދިޔަ އަޔާޒަށް ހީވީ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލެވުނު ހެންނެވެ. އޭނަގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ޤަބޫލުކުރަންވެސް ދަތިވެފައި އޭނައަށް ދޮންބެއަށް ބަލަން ހުރެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި މައުވާގެ ނަން ހަނދާންވުމުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ގަދަ ރުޅީގެ ސަބަބުން ކަންނޭނގެއެވެ. އޭނައަށް މާގިނައިރެއްނުވެ އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ. އެ ހިނދު ނިޝާން އޭނައަށް ބަލާލިއެވެ.

 

“އެނގިއްޖެ މިހާރު….އަހަރެން މައުވާއާ ދުރުކުރަން ހަދާލި ފުލޯކު ވާހަކައެއްދޯ ތިއީ؟ ނައިސް ޓްރާއި!” އަޔާޒް ރުޅިވެރިކަމުގެ އަސްލެއްނެތް ބުނެލިއެވެ.

 

“މިއީ ދޮގެއްނޫން އަޔާޒް….ދޮންބެވެސް ވަކި ބޭނުމެއްނޫން އަޔާޒްގެ ޒާތީ ޙަޔާތުގެ ތެރެއަށް ވަންނާކަށް. އެކަމަކު އަޔާޒް ބޭނުމިއްޔާ ބައްޕަ ލިޔެފަ ހުރި ލިޔުންތައް މިހާރުވެސް އަހަރެން ދައްކަފާނަން! މާޒީގަ ކަންތައްވެފަ އޮތް ގޮތުން އެކުއްޖާއާ އަޔާޒްގެ ކައިވެނިވުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް. އެކުއްޖާގެ ދޮންބައްޕައަކީ ބައްޕަގެ ވަރަށް ގާތް އެކުވެރިއަކަށްވެފައި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް ބައްޕަ އެޅި ފިޔަވަޅެއް އެއީ!” ނިޝާން ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ.

 

“އޯ ޕްލީޒް! ބައްޕައަކީ ތިކަހަލަ މީހެއްނޫން….އަހަންނަށް ކަމުނުދާ މީހަކާ ގަދަކަމުން އިންނަން ބައްޕަ ދުވަހެއްގެ ކޮޅުން ވެސް ބުނާނެހެންނެއް ހިއެއްނުވޭ!” އަޔާޒް ރުޅިވެރިކަން ވެރިވެފައިވި މޫނަކާއެކީ ރައްދުދިނެވެ.

 

“ރަނގަޅަށް ހަމަ ތިބުނީ. ބައްޕަ ލިޔެފަ އޮތީ އެދުވަހަކުން ތިމަންނަގެ ދަރިފުޅު މި ކައިވެންޏާއި އެއްބަސްވިއްޔާ ކައިވެނި ކޮށްދޭނަމޭ. އެކަމަކު އެއްބަސްނުވާންވީ ސަބަބެއްވެސް މިތާނގަ ނެތް. އެއީ ނުހިނގޭ ކުއްޖަކަށް ވިޔަސް ނުލާހިކު ރަނގަޅު އުޅުމެއް ހުންނަ ކުއްޖެއް…” ނިޝާނަށް ބުނެލެވުނެވެ. އެއާއެކު އަޔާޒަށް ދެލޯ ހަނިކޮށްލެވުނީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ.

 

“ވެއިޓް…..ތިއީ އަނެއްކާ އަހަންނަށް އެރަށުން ފެނުނު ކުއްޖާތަ؟ އެހެންވެގެންތަ މާ ބޮޑަށް އަޅުވާފަ ވާހަކަ ދެއްކީ؟” އަޔާޒް އިތުރަށް ނުރުހުންވަމުން ސުވާލުކުރިއެވެ. އައި ރުޅީގެ ތެރެއިން މަލާކްގެ ރީތި މޫނު ސިފަވިއެއްކަމަކު އެވަގުތު އެ ރީތިކަން ވެސް ހުތުރު ގޮތެއްގައި އޭނަގެ ސިކުނޑި ސިފަކޮށްދިނެވެ.

 

“އާނއެކޭ އަޔާޒް. ސޮރީ ދޮންބެއަށް ކުރިން ސީދަލަށް ނުބުނެވި ހުރި ކަމަށްޓަކައި. އެކަމަކު އެކުއްޖާއާމެދު ވިސްނާލަބަލަ އަޔާޒް. އެކުއްޖާ މި ދުނިޔެއަށް އައި އަހަރު ވެސް އެކުއްޖާގެ ދޮންބައްޕަ ބައްޕަ ކައިރިއަށް އައި. އެއީ ބަލި ކުއްޖަކަށް ވާނެ ކުއްޖެއްކަން ބައްޕައަށް ވެސް އެނގިގެން ބޮޑަށް ކައިވެންޏެއްގެ ވާހަކަ ދެއްކީ. އެއީ އެކުއްޖާއަށް މުސްތަޤްބަލެއް ލިބިގެންދާނެކަން ޔަޤީން ކޮށްދިނުމަށްޓަކައި…އަދި ހަމައެކަނި މިއެއްނޫން. އަހަރުމެންގެ ފިހާރަތަކުގެ ތެރެއިން ފިހާރައެއްގަ އެކުއްޖާގެ ޙިއްސާއެއްވެސް ވޭ…އެއީ އެކުއްޖާގެ އަސްލު ބައްޕަ…..” ނިޝާންގެ ވާހަކަ މެދުކެނޑުނެވެ.

 

“ގޯޑް އައި ކާންޓް ޓޭކް ދިސް!!! އަސްލު ބައްޕައެއް ވިޔަސް ނަގުލީ ބައްޕައެއްވިޔަސް ތިކުއްޖާގެ ޙިއްސާއެއް އޮތިއްޔާ ދިނީމަ ނިމުނީއެއްނު؟ އަދި އޭގެ އިތުރަށް ފައިސާ ބޭނުމިއްޔާ ކޮންމެ މަހެއްގަ ހާހުން ލާރި ފޮނުވާފަ ކިޔަވަން ބޭނުމިއްޔާ ސްކޮލާރޝިޕެއް ހޯދައިދިނީމަ އެއޮތީ މުސްތަޤްބަލެއް ހޯދައިދެވިފައެއްނު؟! ކޮންމެހެން އަހަރެން މީގެ ތެރެއަށް ވައްދަނީ ކީއްކުރަން؟” އަޔާޒް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ. އަޔާޒްގެ ދެލޯ ރަތްވެ އޭނަގެ އަޑު ރޫރޫ އަޅަމުން ދިޔަ ގޮތުން އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލިއެވެ. މިވަގުތު އެއްޗެކޭ ބުންޏަސް އަޔާޒްގެ ސިކުނޑިއަކަށް ނުވަންނާނެކަން ދަނެގެންނެވެ. އެހެނަސް ދާން އުޅެފައި އޭނައަށް މަޑުކޮށްލެވުނީ ދެންވެސް ބައްޕަގެ އަޚްލާޤަށްޓަކައި އަޔާޒްގެ ހިތުގައިވާ ޤަދަރުގެ މަތިން ހަނދާންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އެންމެ ރަނގަޅު އަޔާޒް….އަޔާޒްއާ ނުބެހި މިކަން ނިންމާލެވޭތޯ ދޮންބެ ބަލާނަން. ބައްޕަގެ އެ އެކުވެރިޔާއަކީ ވެސް އަހަންނަށް އެނގޭ ގޮތުން އެހާ ގޮތްދޫނުކުރާ މީހެއްނޫން. ރަނގަޅަށް ވިއްޔާ ބައްޕަހެން އެމީހާ ވެސް ބޭނުމެއްނުވާނެ އަޔާޒް ލައްވާ ގަދަކަމުން ކައިވެނި ކުރުވަން. އެ ވަޢުދު މަތިން ހަނދާން ވެސް ނައްތާލާފަ އެ ވަޞިއްޔަތް ޙަވާލުކޮށްލާނެ އެމީހާ. އެކަމަކު އެވާނީ އިންސާފަކަށްތަ އަޔާޒް؟ އެކުއްޖާއާ ފަހުން އިންނާނެ މީހަކު ނުވިއްޔާ އެ ބައްޕަ ކުރާނެ ހިތާމައިގެ ޒިންމާ ނަގާނީ ކާކު؟ އެކުއްޖާއަށް ލިބޭނެ އެކަނިވެރިކަމުގެ ޒިންމާ ނަގާނީ ކާކު؟ އެދުވަހަކުން އަހަރުމެންގެ ބައްޕަ މީހަކަށް ވީ ވަޢުދެއް ފުރިހަމަ ކޮށްދެވެން އޮތްވާ ފުރިހަމަ ނުކުރީމަ އަޔާޒްގެ ހިތްހަމަޖެހޭނެތަ؟” ނިޝާން ވިސްނުންތެރިކަމާއެކީ ސުވާލުތަކެއް ކޮށްލިއެވެ. އެ ހިނދު އޭނައަށް ވެސް އަޔާޒަށް މަޖުބޫރު ކުރެވެނީކަން އެނގުންވުމުން ނިޝާނަށް ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އަޔާޒް ރައްދެއްދޭން އުޅެފައިވެސް ނުދެވުމުން ނިޝާން އިތުރަށް ދެރަވާ ގޮތްވިއެވެ. އަޔާޒް އަމިއްލައަށް ކޮށައިގެން އުޅޭ މަގަށްވުރެ ބައްޕަ އޭނައަށްޓަކައި ފަހި ކޮށްދީފައި އޮތް މަގަކީ ކިހާ ރަނގަޅު މަގެއްކަން އަޔާޒަށް ވިސްނޭނެނަމައޭ ނިޝާންގެ ހިތަށްއެރިއެވެ. އެހެނަސް އެވަގުތު އަޔާޒަށް ކުރެވޭނެ އިޙްސާސްތައް އެނގުންވުމުން ނިޝާން އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އެނގޭ އުދަގޫވާނެކަން މި ކަންތައް ޤަބޫލުކުރަން. މި ކަމާމެދު ވިސްނަން ދޮންބެ ވަގުތު ދޭނަން އަޔާޒަށް. ދޮންބެ މިއަދު އަޔާޒް އަތަށް ދިން ސިޓީއަކީ އެކުއްޖާގެ ބައްޕަ ކައިރި ވަޞިއްޔަތް ފޮނުވަން އެދި އަހަރުމެންގެ ބައްޕަގެ ވަޢުދު ވީ ވަރަކުން ފުރިހަމަ ކޮށްދޭނެކަމަށްބުނެ ދޮންބެ ފޮނުވި ސިޓީ. ދެން އެމީހާގެ ޖަވާބެއްގެ އިންތިޒާރު އޮތީ….މިރޭ ކޮންމެވެސް ގަޑިއެއްގަ ގުޅާނެހެން ހީވަނީ. އަދިއެއް ނުގުޅާ. ގުޅީމަ ވާ އެއްޗެއް އަންގަދޭނަން.” ނިޝާން ބުނެލިއެވެ. އެއަށްފަހު އަޔާޒްގެ ކޮނޑުގައި އެއްއަތް އަޅާލީ އޭނައަށް ހިތްވަރުދޭން އުޅޭ ފަދައަކުންނެވެ. އަޔާޒް ރުޅިވެރިކަމާއެކީ އެއްއަތުން އެއަތް ފޮޅުވާލިއެވެ. ނިޝާން އަޔާޒަށް ބަލަން ހުރެފައި އިތުރު އެއްޗެކޭ ނުބުނެ ދާން ހިނގައިގަތެވެ. ނިޝާން އަޔާޒަށް ފަސްދީފައި ގޮސް ކޮޓަރިއަށް ވަދެވޭ ދޮރު ކަހާލަމުން އެތެރެއަށް ވަން ވަގުތުވެސް އަޔާޒް ހުރިގޮތަށް ހުއްޓެވެ. އޭގެ މާގިނައިރެއްނުވެ އޭނަގެ ގޮށްމުއްކެވިގެން ދިޔަ މަންޒަރު ފެނުނެވެ. އެއަށްފަހު އޭނަ ކުއްލިއަކަށް އެތަނުން ދާން ހިނގައިގަތެވެ.

 

ކޮޓަރި ތެރެއިން ދޮންބެ ފެނި ލަޔާން ވެސް އޭނައަށް ގޮވާލިއެއްކަމަކު އައިސްފައި ހުރި ރުޅީގައި އަޔާޒް އެދެމީހުންނަށް ނުވެސް ބަލައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ސިޓިންގް ރޫމަށް ނިކުތް ވަގުތު ބޮޑުމަންމަވެސް އޭނަ ފެނިފައި ގޮވިޔަސް އަޔާޒް އޭނަގެ ކޮޓަރިއަށް ވަދެގެން ދިޔައީ އެ އަޑު ނުވެސް އިވޭ ފަދައަކުންނެވެ. ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލި ވަގުތު އޭނައަށް ހުރީ މާ ނޭވާ ލެވިފައެވެ. އޭނަ ޖެހެނީ ކުއްޖަކާ އިންނަން ކަމަށާއި އެއީ ބައްޕަގެ ވަޢުދެއްކަމަށް ބުނެ ދޮންބެ ބުނި ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހަމަ އެ ހިނދު މަލާކްގެ ހިނިތުންވުން ވެސް ލޮލަށް ސިފަވަމުން ދިޔުމުން އޭނައަށް ދެލޯ މަރައި ތަގުޅިކޮށް ބޯހޫރުވާލެވުނެވެ. އެވަގުތު މައުވާ މަތިން ހަނދާންވުމުން އޭނަގެ ރުޅިވެރިކަން އަނެއްކާވެސް ގަދަވާން ފެށިއެވެ. އޭނަ އުޅެނީ މައުވާއާއި ރައްޓެހިވެގެންކަން އެނގޭއިރުވެސް ދޮންބެ އެހެން ހެދީ ކީއްވެތޯ ބުނެ އަޔާޒްގެ ހިތް ޝަކުވާކުރިއެވެ. އެމީހާ ކައިރި އެ ވަޢުދު ފުއްދޭނެކަމަށް ބުނަންވީ ކީއްވެ ހެއްޔެވެ؟ އަދި އަމުދުން އެ ވަޢުދުގެ ވާހަކަ ނުގެނައި ނަމަވެސް ރަނގަޅުވީހެއް ނޫން ހެއްޔެވެ؟ އެ ސުވާލަށް އޭނަގެ ހިތުގެ ކަނަކުން ނޫނެކޭ ވެސް ބުންޏެވެ. ބައްޕަ ވެފައި އޮތް ވަޢުދެއް އެއީ ނުވާކަމަކަށް ހެދުން ވެސްވާނީ ކިހާ ގޯސްކަމަކަށްކަން ވެސް އޭނައަށް އިޙްސާސް ކުރެވުނެވެ. އެ ހިނދު ހިތަށް ވެރިވި ހައިޖާނާއެކީ އަޔާޒް ޚިޔާލެއް ލިބުމުން ކުއްލިއަކަށް އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު ކޮޓަރިތެރޭގައި ހިނގަމުން ނަންބަރުތަކަށް ފިތައި އޭނަގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ހިނދުކޮޅަކަށްފަހު ރިންގުތައް އިވެން ފެށުމުން އޭނަ ކެތްތެރިކަމެއްނެތި އެކޮޅުން ނަގާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ. އެހެނަސް 5 ރިންގު އިވުމުން ވެސް އެކޮޅުން ނުނެގުމުން އަޔާޒަށް ފޯނުގެ ސްކްރީނާއި ދިމާލަށް ބަލާލެވުނެވެ. ސްކްރީނުގައިވަނީ ‘މައު’ ލިޔެވި އޭގެ ފަހަތުގައި ހިތެއް އިތުރުކުރެވިފައެވެ. އެހެނަސް އަޔާޒް ގުޅި ފުރަތަމަ ފަހަރު އޭނަގެ ހިތުގެ ވެރިޔާ އެކޮޅުން ޖަވާބެއް ނުދިނެވެ. އެއާއެކު ދެވަނަ ފަހަރަށް ވެސް އޭނަ ގުޅަން މަސައްކަތް ކުރުމުން ވީ އެހެންނެވެ. ތިންވަނަ ފަހަރު އޭނަ ގުޅަން ފެށުމުން ހަތަރުވަނަ ރިންގާއެކީ އެކޮޅުން ފޯނު ނެގިއެވެ. އެކޮޅުން ޖަވާބެއް ލިބުމުގެ ކުރިން ވެސް އޭނައަށް އިވުނީ ބާރު މިއުޒިކެއްގެ އަޑެވެ. އެފަދަ އަޑެއް އިވޭނީ ކޮންތަނަކުންކަން ހިނދުކޮޅެއްގެ ތެރޭގައި އެނގުންވެ އޭނަގެ ހިތް ދެރަވިއެއްކަމަކު އަޔާޒް އޭނަ ދައްކަން އުޅޭ ވާހަކަ ބަދަލުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އެކޮޅުން މައުވާ ހިސާބެއްގެ ނުރުހުމަކާއެކީ ‘ހެލޯ’ އޭ ކިޔާލި އަޑަށް އަޔާޒް އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

 

“މައު….މައު ވަރަށް މުހިއްމު ވާހަކައެއް ދައްކަން މި ގުޅީ.” އަޔާޒް ބުނެލިއެވެ.

 

“ކޮން ވާހަކައެއް؟ ނިކަން އަވަސްކޮށް ބުނޭ މިގަޑީގަ ޓައިމްއެއް ނެތް.” މައުވާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އެހެނަސް އަޔާޒަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ.

 

“މައު….ލެޓްސް ގެޓް މެރީޑް.” އަޔާޒް ހިސާބެއްގެ ޖެހިލުންވުމަކާއެކީ އެހެން ބުނެލީ ދެލޯ މަރާލަމުންނެވެ. އެކޮޅުން ލިބޭނެ ޖަވާބަކަށް ކެތްމަދުވެ އޭނަގެ ހިތް ތެޅެން ފެށި ތަނާހެން މައުވާގެ ކޮންޓްރޯލް ކުރެވުނު ހުނުމެއް އަޑު އިވުނެވެ. އެއާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ.

 

“މި ގަޑީގަ ހަމަ ޖޯކެއް ޖަހާލަން ދޯ ތި ގުޅާލީ ލޯބި؟” މައުވާ އެހެން އަހާލީ ހެވިފައިހުރެކަން އޭނަގެ އަޑުން އަޔާޒަށް އެނގުނެވެ.

 

“ނު…..ނޫނޭ ލޯބި އައިމް ސީރިއަސް. ޔޫ ޑޯންޓް ނޯ ވަޓްސް ގޮއިން އޮން ހިއާރ….ދޮންބެ އުޅެނީ އަހަރެން ކޮންމެވެސް ރާއްޖެތެރޭ ކުއްޖަކާއެކީ ބައްދަން. އޭގެ ކުރިން އަހަރުމެން ޖެހޭނެ މެރީ ކުރަން. އަހަރެން ބޭނުމެއްނޫން އެކުއްޖަކާ މެރީ ކުރާކަށް. އަހަރެން ބޭނުން އަހަރެން މައުވާ ނޫން ކުއްޖަކު ބޭނުންނުވާކަން އެންމެންނަށް ދައްކަން.” އަޔާޒް އޭނަ މައުވާދެކެ ވާ ލޯބި ހާމަކުރިއެވެ.

 

“އަސްލުވެސްތަ ލޯބި؟ އެހެންވެއްޖެއްޔާ ދެން ނޫނެކޭ ބުނެލާ ދޮންބެ ކައިރި. ލޯބި ތިއީ އަންހެން ކުއްޖެއް ނޫނެއްނު ތިކަހަލަ ކަމެއްވީމަ ވަގުތުން ގުޅާފަ ޝަކުވާ ކުރާކަށް…..އާނ ދެން ބާއްވަނީ. އެއްކަލަ ޕްރޮޖެކްޓްގަ ކުޑަކޮށް ބިޒީކޮށް މިއުޅެނީ. ފަހުން ގުޅާލައްޗޭ ލޯބި…ލަވް ޔޫ.” މައުވާ އެހެން ބުނެ އަޔާޒް އޭނައަށް ގޮވާލަން އުޅުނުތަނާހެން ފޯނު ކަނޑާލިއެވެ. އެ ހިނދު އާދައިގެ މަތިން އަޔާޒްގެ ހިތްދަތިވިއެވެ. އަދި އަމުދުން މައުވާ އެންމެ ފަހުން އޭނައާއި ޖެއްސި މިސާލުގެ ސަބަބުންނެވެ. އޭނަ ހިތުން ހިތާމައެއް ދިމާވީއިރަށް މައުވާއަށް ގުޅީ މައުވާގެ ފަރާތުން އޭނައަށް ހިތްހަމަޖެހުމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެހެން ނުވިތާއެވެ. ހިނދުކޮޅަކަށް ވިޔަސް މައުވާއަށްޓަކައި ހިތުގައި ޝަކުވާތަކެއް ވިއެއްކަމަކު ކޮންމެ ގުޅުމެއްގައިވެސް މިފަދަ ދުވަސްތަކެއް އަންނާނެކަމަށް އަޔާޒް އަމިއްލަ ނަފްސު ގާތު ބުނެލައިފިއެވެ. މައުވާވެސް އޭނަގެ ސަބަބުން ދެރަވެފައި ހުންނަ ދުވަސްތައް އައިސްފައި ހުންނާނެކަމަށް އަޔާޒަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ. އެއީ އޭނަ މައުވާއަށް ރުޅި އިސްކުރި ކޮންމެ ދުވަހެއްގައި މައުވާ ރޮއިގަންނަމުން ދައްކަން ފަށާ ވާހަކަތަކެއްގެ ސަބަބުން އޭނަގެ ހިތާއި ސިކުނޑި ހޭނިފައިވި ގޮތްކަން އަޔާޒަށް ދޭހައެއް ނުކުރެވެއެވެ. އޭނަ އަމިއްލަ ކުށަށް އިޢުތިރާފްވެ މައުވާއަށް މަޢާފަށް އެދޭ އެތައް ދުވަސްތައް އައިސްފައިވިއެއްކަމަކު މައުވާ ދުވަހަކުވެސް އޭނައަށް މަޢާފަށް އެދިފައި ނުވާކަން އޭނައަށް ފާހަގައެއް ނުވެއެވެ. އެހެންނޫނީ އެ ޙަޤީޤަތް އޭނައަށް ނޭނގޭކަމަށް ބޭއިޚްތިޔާރުގައި ނަމަވެސް ނިންމިފައިވަނީއެވެ. ލޯބީގެ ނަމުގައި އޭނައަށް މި އުޅެވެނީ ނަފްސާނީ ގޮތުން ބަލިކަށި ކުރުވަނިވި ހާއްޔެއްގެ ތެރޭގައިކަން އޭނައަށް ރޭކާނުލައެވެ. އެހެންނޫނީ އެކަންވެސް އެނގުންވެފައި ނޭނގޭ ކަމަށް ހަދައިގެން ހުރެވެނީއެވެ.

 

އަޔާޒް އިރުކޮޅެއް ވަންދެން އިން ގޮތަށް އިނދެފައި އެނދުން ތެދުވެގެން ގޮސް އޭނަ ޢާއްމު ގޮތެއްގައި އުޅޭ އެތެރޭގެ ކޮޓަރިއަށްދާން މިޞްރާބުޖެހިއެވެ. އޭނަ އެކޮޓަރިއަށްވަދެ ދޮރު ލައްޕާލި އަޑު އެ ދެކޮޓަރިން ވެސް ބޭރު ދޮރު ކައިރީގައި ހުއްޓިހުރި ވަސީމާއަށް އިވުނެވެ. ވަސީމާ ދެއަތް އުރައިގެން ދޮރު ކައިރީގައި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރީ އަޔާޒަށް ޙަމްދަރުދީވެފައިވާ ޙާލުގައެވެ.

 

**

 

އެ ދުވަހު ހަވީރު ހޭނެތިގެން ދިޔަ މަލާކް އިރުއޮއްސެން ގާތްވެފައި ވަނިކޮށް ހޭލެވުނެވެ. ހޭލެވުނުއިރު އޭނައަށް ކޮޓަރީގެ އެނދުމަތީގައި އޮވެވުނު ގޮތުން މަލާކް އޮޅުން އެރިއެވެ. ލުއްކެއްޖަހައި ތެދުވެލެވުނީ އޭނަ ހޭނެތިގެން ދިޔަ ހިނދު އޭނަ އިނީ ގެއިން ބޭރުގައި ގޮނޑީގައި އިށީނދެގެންކަން އޭނަ ހަނދާންވެގެން ދިޔުމުންނެވެ. ގޮނޑި ހުރިތަނެއް ބެލުމަށްޓަކައި އެއްފަރާތަށް ބަލާލިއިރު ގޮނޑި ފަށްޖަހާފައި ފާރަށް ލަށްކޮށްލެވިފައި ވިގޮތުން ވީގޮތް ދެނެގަންނަން މަލާކް ބޭނުންވިއެވެ. އެހެންކަމުން އޭނަ ވަގުތުން މަންމައަށް ގޮވައި މަންމަ އައުމުން ސުވާލުކުރިއެވެ. އޭނަ އެ ސުވާލުކުރުމާއެކު ޒާތެއްގެ ހިނިތުންވުމެއް މަންމަގެ މޫނުމައްޗަށް ވެރިވުމުން މަލާކްގެ ޙައިރާންކަން އިތުރުވިއެވެ.

 

“މަލާކް އެތާ ބޭރުގަ ހުއްޓާ ކޮންމެވެސް ޒުވާން ފިރިހެން ކުއްޖަކަށް ފެނިގެން އޭނަ މަލާކް އަތްދަނޑިމައްޗަށް އުފުލައިގެން އައީ.” ސާރިޔާ އެ ވާހަކަ ތަފްޞީލުކޮށް ކިޔައިދިނީ ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. މީގެ އިރުކޮޅެއް ކުރިން އޭނައާއި މަސްޢޫދު އެކީގައި ތިބެގެން ކިޔުނު ސިޓީގައި އޮތް ވާހަކައިން އޭނަގެ ހިތަށް އުފާވެރިކަމެއް ވެރިވެފައިވިއެވެ.

 

“ވަޓް؟ ކީކޭތަ މަންމާ؟!” މަލާކަށް ޤަބޫލުކުރަން ދަތިވެފައި އިނދެ އެހެން އަހާލެވުނީވެސް ހިސާބެއްގެ ހަރު އަޑަކުންނެވެ.

 

“ތިއިވުނީ ރަނގަޅަށް. މަލާކް ގޮވައިގެން އައީ ހަމަ ޒުވާން ފިރިހެން ކުއްޖެއް. އެއީ މާލެއިން އައިސް މި ރަށަށް ޒިޔާރަތްކުރި ޑޮކްޓަރެއް. އޭނަ މަލާކް ގެއަށް ގެނެސް މި އެނދުމަތީގަ ބާއްވައިގެން ފަރުވާ ދިނީވެސް.” ސާރިޔާ އެތާހުރި ގޮނޑި ހުޅުވަމުން ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއިވެމުން ދިޔަ މަލާކް ދެންވެސް ޤަބޫލުކުރަން ބޭނުންވެފައި ނުވާ ފަދައަކުން ދެ ފަރާތަށް ދެ ފަރާތަށް ކަޅި ހިންގަމުން ދިޔައެވެ. އޭނަ ކޮންމެވެސް ފިރިހެނެއްގެ އަތުތެރޭގައި ވި މަންޒަރު ސިފަކުރަން މަސައްކަތް ކުރުމުން ވެސް މަލާކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ރުޅި އިސްކުރެވުނެވެ.

 

“އޭނަ ކީއްކުރަން މަލާކް ނަގަންވީކީ؟ މަލާކް ގައިގަ އަތްލަން އޭނައަށް ކެރުނީ ކިހިނެއް؟!” މަލާކަށް ނުރުހުންތެރިކަމާއެކީ އަހާލެވުނެވެ. އެންމެ ކުޑައިރުއްސުރެ ވެސް ފިރިހެނުންނަށް އޭނަ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. އެއީ ސްކޫލް ދައުރުއްސުރެ ވެސް އޭނައަށް ފެނިފައިވާ ފިރިހެން ކުދިންގެ ޒާތުންނެވެ. މަންމަ އެ ބުނާ ފިރިހެނަކު އޭނަ އަތްދަނޑި މައްޗަށް އުފުލިއިރު އޭނަގެ ހޭހުރި ނަމަ އޭނަ އެ މީހަކަށް ދުނިޔޭގެ ދެކޮޅު ދައްކާލަދިނީހެވެ.

 

“ދަރިފުޅު…..އެއީ ދަރިފުޅު ހޭނެތީމަ އޭނަ އެވަގުތު އެހީއެއް ވެދިނީއޭ. ދަރިފުޅު ނުނަގާ އޭނަ ދެން ކިހިނެއް ހެދީސް؟ އެތާ ވެލިގަނޑުމަތީގަ ބާއްވާފަ ދާނީތަ؟” ސާރިޔާ ސުވާލުކުރިއެވެ.

 

“ނޫން ދެން….އެކަމަކު ވެސް އޭނަ މަލާކްގެ ގައިގަ އަތްލައިގެން ނުވާނެ!” މަލާކް ދެންވެސް ބުނެލިއެވެ. އެއާއެކު މި ޒުވާބުން އޭނައަށް ކުރިއެރުމެއް ނުލިބޭނެކަން އެނގުންވުމުން ސާރިޔާ މަލާކް ގާތު ނަމާދަށް ތެދުވުމަށް ބުނެލިއެވެ. އެއާއެކު މަލާކް ދެންވެސް ހިތްހަމަނުޖެހިފައި ހުރެ އެނދުން ފޭބިއެވެ.

 

މަންމަ އެ ވާހަކަ ބުނިފަހުން މަލާކަށް ހުސްވެސް ވިސްނެމުން ދިޔައީ އެ ފިރިހެނަކާއި ބެހޭގޮތުންނެވެ. އެ ވާހަކަ ހަނދާންވާ ކޮންމެ ފަހަރަކު އޭނައަށް ހިތާހިތުން އެމީހަކާއި ދިމާލަށް އެއްޗެހި ގޮވެމުން ދިޔައެވެ. އެހެނަސް އޭނަގެ ފަރުވާއަށްޓަކައި އެމީހަކު ފޯރުކޮށްދިން އެހީއާއި ބެހޭގޮތުން އިވިގެން ދިޔުމުން އޭނަގެ ހިތް އޮޅުން އަރާ ގޮތްވިއެވެ. ފިރިހެނުންނަކީ އޭނަ ނަފްރަތު ކުރަންޖެހޭ ބައެއްކަމަށް ނިންމިފައި ވަނިކޮށް ފިރިހެނެއްގެ ފަރާތުން ހެވެއް ލިބުމުން އޭނައަށް ހުރެވުނީ އިޙްސާސްކުރަންވީ ގޮތެއް ނޭނގިފައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Jana

    Assalaam’alaikum. In Sha Allah next part sunday ga. Kiyuntheringe comment thakah miadhu reply kohdheynan In Sha Allah ?

  2. Lady

    Thanks. Vvvvvvvvvreeeethi

    1. Jana
      Lady

      Alhamdhulillah! (All praise and thanks belong to Allah) ?

  3. I.S.H.A.A

    SALHI

    1. Jana
      I.S.H.A.A

      Alhamdhulillah! ❤

  4. F@!#@

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice masha allah??????

    1. Jana
      F@!#@

      Alhamdhulillah! ?

  5. Eenash

    Actually i support ayaaz. Cox rangalhu future eh hoadhadheyn masahkah kohdhevidhaane faisaagea ehytherikan foarukohdhygenvess. Innanvyma dhn gabool nukurevey. Ayaaz gea bappa ehen vaudhuvyma varah hama nujehey. Kaaku eynagea dharifulhu nukulhedhey kuhjaka dhevan vaudhuvany. Eynagea ruhunvess beynun vaane ehnun. Ekm dhemeehunvess ehaa kudairu egothah nimmema kamakunudhey. Ayaaz gea bappa eynagea ihsaasthakah faruvaa nubahatanytha. Komme gothehviyass ea vaudhu eyoathy vefa dhn ayaaz jeheynea fuhdhan. Anyways like it. Just ea thankolhu gabool nukurevuny.

    1. Jana
      Eenash

      Haadha dhigu bayaanekey Ayaz ge dhifaauga Eenash ? Ayaz ves kuri shakuvaathah dho thy? Vaahakaige therein evves shakuva eh aiyya kommeves hisaabakun eyge javaabuves annaane. Continue reading In Sha Allah ?

      Plus odd vany hama ekani ekameh noon dho? Ehen baivaru kanthah ves ebahuri odd koh. Misaalakah keevve e wasiyyaiy Masood athuga onnanvy? Keevve mi hurihaa dhuvahu e waudhuge vaahaka neyngi hury? Keevve e hekiverin kurin wasiyyaiy havaalu nukury? Suvaalu suvaalu suvaalu…. ?

    2. Eenash
      Eenash

      ?, ea part maa bodah oddvy hama. Yess… im eagerly waiting for the answer

  6. Unique

    Masha allah
    Love this

    1. Jana
      Unique

      Alhamdhulillah! ?

  7. jiji

    Wow?..ma sha allah really nice..alhey why ayaaz rulhi ahnan v dhw..hehe..malaak so cute n dhynveri vx kuhjeh…nukulhedhey massala huhtas e ee malaak kuraane kameh nuunehnu dhw?…N btw mi vhk kury vhk ah vure rythi hen hyvany..hehe..Jana u r doing an amazing job..vv molhu ingey masha allah…keep it up sis …ly?

    1. Jana
      jiji

      Malaak kithamme reethiviyas Ayaz ulheny Mauva akaa hedhiyehnu? Hehe…Alhamdhulillah ! Jazaakillah khairan for the support. Love you too sis ❤

  8. Inshaa

    Nukulhedhey kuhjjakaa vx dhevaa faaane dhw Ahulaagu Ranganlhu ve dheen veri vehjjei yaamun…..Ehen noonas kaakah ingeyni Rangalhah huri kuhjjakaah dheviyas Fahun vaane gothei…Hama nukulhedhey kuhjjakah vx vedhaane dhw..Neyngeyne fahun vaane gothei…
    Mi part varah reethi..
    Maa sha Allah

    1. Jana
      Inshaa

      Hehe…Nishaan buny e kujja dhuniye ah ai aharu ey dho mi vaudheh vevuny. Eyrakun neyngeynetha akhlaaq ranglhuvaane kamahves. Dhen vedhaane dho Masood rangalhu meehakah veema masood e kujja rangalhah balaanehen heeveema kaiveni hama jessy kamahves? Balamaa dho In Sha Allah ?

      Insha thi faalhukuri khiyaalu hama baraabaru. Ekamaku meehaku nukulhedhey kujjakaa innan neydhenya ekan kurun e meehakah majubooreh nukureveyne dho? Ey rangalhu gothaky ?

  9. Jasmine

    Mi part ves hama amazing ingey. Masha allah. Keep it up sis love you???

    1. Jana
      Jasmine

      Alhamdhulillah! Jazaakillah Khairan for the encouragement. Love you too sis <3 😀

  10. Girl

    Maasha allah mi part vess hama v salhi

    1. Jana
      Girl

      Alhamdhulillah! 🙂

  11. Sam

    Mee meehehge hayaathaa gulhigen nuvatha ekahala balige kuhjjeh fenigen liyaa vaahakaeh baa

    1. Jana
      Sam

      mee haqeeqee vaahaka eh nama jana kureessure buneemus Sam 🙂 jana cerebral palsy huri kujjegge vaahaka mi liyany mee thankolheh kurin jana varah tafseel koh kiyavaafa huri mauloo akah veema. adhi varah gaathun dhanna kamakah vefai miyaai beheygothun shauquverikanves hureema. 🙂

      Sam thi suvaalu kolly cerebral palsy aky varah nuivey zaathegge bayyakah veema kanneynge dho? ekamaku ey haqeeqathuga raajjeyga ves fudheyvarakah common koh fenna condition eh. ekamaku eaa beheygothun ehaavarah nuivey sababuthakeh hurey. eh sababaky cerebral palsy ge varah mild vahtharuves hunnaathy. misaalakah kujjegge huredhaane hama ekani hingumuge kuda massala ehves. ehenveema doctor akah dhakkan nujehey kamah nimmaigen ves thibey aailaa thah thibeyne. Plus eythi diagnose vaany ves aammugothegga MRI eh hadhaigen. ekamaku raajjeyga MRI eh hedheny ves hama ekani Male’ in dho? 🙂 ehenveema ves mild koh effect vaa patient inna emeehunge hury mi condition kameh neyngi hingaidhaane.

      Haqeeqathuga jana hiyeh ves nukuran evves kiyuntheriegge faraathun thi suvaalu kurimathi vedhaane kamahves. mi dhuvaskolhaky ekahala khaassa ehy ah beynunvaa balithakaai behey gothun raajjeyga ves varah heyluntherikan ithuruvamun dhaa dhuvaskolhakah vaathy. ekamaku mi vaahaka through koh jana ahves heyluntheri kurevidhaane kanneynge dho cerebral palsy aa behey gothun In Sha Allah 😀

  12. Girl

    Mee meehehge gayaathaa gulhuvaigen nuvatha ekahalabaleege kuhjjaku fenigen liyefai vaa vaahakaeh baa

  13. seff

    jana mihA moLhu hiyAl hoadhanee kihinetha?/ wekam hAda hAa reeecehe…..site thakuna kiyaileve emme best story <3

    1. Jana
      seff

      molhu khiyaaluthakehtha ey? jana hama mi nagany raajjeyga hinga kanthathakey. eyge ithurah jana amilla khiyaalu kudakoh ithuru kollany. hehe….seff adhi Ayaz ah eynage bappa kiyaadheefa huri vaahaka thah maa reethivaane. kuriah oiy thaaga kiyaalahchey In Sha Allah 🙂

  14. Liu

    Jana ge blog akee koba

  15. Ayaaz

    Konme gotheh viyas aharen dhaanjeheyni malak kairiyah??????

    1. Jana
      Ayaaz

      mikamaa medhu rulhi annanya noonekey bunahchey Ayaaz. kommehen dhemeehunge dhiriulhun barubaadhu kuran ehen meehunge bahah helligen aan ekey nubunaathi…

  16. Thihu

    Vrh reethi mi part vx. Up vaan dhuvaheh negiyas dhn innany vaahaka miss vefa?

    1. Jana
      Thihu

      Alhamdhulillah! jana ves varah miss vey English vaahaka liyaairu mi vaahaka mathin. mi vaahaka liyaa hiyvvefa jana ah hureveny komme ehcheh liyaairuves <3 jana varah hamajehigen raavaali plot eh mee. kureega jana address nukuraa zaathegge massala eh ves meega address vegen dhaane. ummeedhaky veehaaves faidha kuruvanivi gotheh deliver kohdhevun In Sha Allah. ekamattakai hurihaa kiyuntheringe dua beynun 🙂

  17. Sifam

    Mibaibes varah reethi. Kuriah oiyh thanugai miahvureves shauguverivaanekamah ummeedhu kuran ???

Comments are closed.