އެދުވަހު އެމީހުންގެ މުދަލަށް ދަހިވެތިވެފައި ތިބި މީހުންނަށް ގޭގައި ތިބުމަށް އިޒުނަ ދިނުމަށްފަހު، ސަބަބު ކިޔައިދިނުމެއްނެތި ދޮންބެ ގެއިން ނިކުމެގެން ދިޔަ ވަގުތުއްސުރެ އަޔާޒަށް ވިސްނެމުން ދިޔައެވެ. ދޮންބެ އެހެން ހަދަންވީ ފަހެ ކީއްވެ ހެއްޔެވެ؟ ދޮންބެ އެ ދެއްކީ ބައްޕަގެ ކޮން ސިއްރެއްގެ ވާހަކަ ހެއްޔެވެ؟ އޭނަ އެ ސުވާލުކުރުމުން ދޮންބެ އޭނަ ކުށްވެރިކުރާ ފަދައަކުން ބަލާލީ ކީއްވެ ހެއްޔެވެ؟ މިކަމުގައި އޭނައަށް ކުރެވޭނެ ކަމެއް އޮތީ ހެއްޔެވެ؟
އަޔާޒްގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކަށް ނިމުމެއްނާދެއެވެ. އެހެނަސް މުޅި އެދުވަހު ދޮންބެގެ މޫނުމައްޗަށް ވެރިވެފައިވި ސީރިއަސްކަމުގެ ސަބަބުން އޭނައަށް އެއްވެސް ސުވާލެއް ކުރަން ނުކެރުނެވެ. ސުވާލެއް ކުރިޔަސް އެދެވޭ ޖަވާބެއް ނުލިބޭނެކަން ޔަޤީންވީތީވެސްމެއެވެ. އެހެންކަމުން އެދުވަހު ދޮންބެއާއެކީ ހުކުރަށް ގޮސް ދޮންބެއާއެކީ ކެއެއްކަމަކު އެދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. މެންދުރުގެ ކެއުމުގެ ތެރެއިން ދޮންބެ ވާހަކައެއް ދައްކާލީ އެދުވަހު ހަވީރު އަނުމް އަންނާނެ ވާހަކަ ބޮޑުމަންމަ ހަނދާންކޮށްދިނުމުންނެވެ.
“އަނުމް ބަލާ ދާންވާނެ އަހަރުމެން އެންމެން. ވަކިން ޚާއްޞަކޮށް އަޔާޒް. މަންމަ ދައްކާފަ ހުރި ވާހަކަތަކެއްގެ ސަބަބުން އަނުމް އަހަރުމެންނަށް ނަފްރަތުކުރޭ….އަޔާޒްއާ އެކުވެރިވީ އަޔާޒް ޝައުޤުވެރިވާ ދާއިރާއަށް އަނުމްވެސް ޝައުޤުވެރިވާތީހެން ބޮޑަށް ހީވަނީ. އޭގެ ބޭނުން ހިފައިގެން އަޔާޒް އަނުމްއާ އިތުރަށް ގުޅުން ބަދަހި ކުރަންވީ. އަދި އަނުމް އަހަރުމެންނާ ވެސް ގާތް ކުރުވަންވީ…” ނިޝާން އަޔާޒަށް ބަލާލަމުން އެދުނެވެ. އަޔާޒް އެ ވާހަކައަށް ބޯޖަހާލީ، އޭނަ ބޭރުގައި ހުއްޓާ ދޮންބެގެ އެދުމަށް ދޮންބެއާއި އޭނަ ދުވަހަކުވެސް ނުދެކޭ ކޮއްކޮއާއެކީ ފޯނުން ކޮންފަރެންސް ކޯލެއް ކުރި ދުވަސް ހަނދާންކުރަމުންނެވެ. ދޮންބެ ހިނިތުންވުމަކާއެކީ ކޮއްކޮމަތިން ހަނދާންވާ ވާހަކަ ބުނެ އެހެނިހެން ސަމާސާތަކެއް ވެސް ކުރުމުން އަނުމްގެ ފަރާތުން އެއްވެސް ރައްދެއް ނުލިބެއެވެ. އަނުމް އޭނައަށް އެނގިފައި ނުވިޔަސް އަޔާޒަށް އަނުމްގެ އިޙްސާސްތައް އެނގުންވިއެވެ. މި ހުރިހާ ދުވަހު އޭނަގެ ދެ ބޭބެއިން އޭނައަށް ނުގުޅައި ތިބެ ކުއްލިއަކަށް އެދުވަހު ގުޅައި ހަނދާންވާ ވާހަކަ ބުނުމުން ޤަބޫލުކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެ ނަޒަރިއްޔާތުން ވިސްނައި އަޔާޒް ވާހަކަ ދެއްކިއެވެ.
“ކޮއްކޯ…..އެނގޭ ކޮއްކޮ ބޭބެމެންނަށް ރުޅިވާނެކަން. ރުޅި އަންނަންވެސް ޖެހޭ….މި ހުރިހާ ދުވަހު ބޭބެމެންނަށް ނުގުޅޭވިއްޔާދޯ؟” އަޔާޒް އެހެން ބުނެ މަޑުކޮށްލީ އެކޮޅުން ޖަވާބެއް ލިބޭތޯއެވެ. އެހެނަސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމުން ނިޝާންވެސް ވާހަކަ ދެއްކިއެވެ.
“ދޮންބެވެސް މި ބުނަނީ އެހެންނޭ….އެކަމަކު ކޮއްކޮއަށް އެކަނި ނުއުޅެވޭނެއެއްނު ތި ރަށުގަ. ދޮންބެމެން ކޮއްކޮއާމެދު ކެއާރ ކުރާތީއޭ މަންމަ ނިޔާވި ޚަބަރު އިވުނުހާ އަވަހަކަށް ކޮއްކޮ މިކޮޅަށް ގެންނަން މި މަސައްކަތް ކުރަނީ….” ނިޝާން ދެރަވެފައިހުރެ ތެދުތެދަށް ކިޔައިދިނެވެ. އަނުމް މާލެއަށް ގެންނަން އޭނަ ބޭނުންވާ އެއްސަބަބަކީ ބައްޕަގެ ވަޞިއްޔަތަށް ވިޔަސް އޭނަގެ ހިތުގައި ވެސް އޭނަގެ ކޮއްކޮއަށްޓަކައި ކުލުނެއްވެއެވެ. އޭނަގެ އަންހެން ކޮއްކޮއެއް ހުރުމަކީ އެންމެ ކުރީއްސުރެވެސް އޭނަގެ ހުވަފެނަކަށްވެފައި އެފަދަ ކޮއްކޮއެއް ލިބުމުން މަންމައާހެދި އެކުއްޖާ ދެކިލުމުގެ ފުރުޞަތުވެސް ނުލިބޭ ކަމަށްޓަކައި ނިޝާން މި ހުރިހާ ދުވަހު ހިތާމަކުރިއެވެ. މިއަދު އެ ފުރުޞަތު ލިބުމުން ވެސް އެ ކޮއްކޮ އޭނައާއި ދުރުވާން އުޅޭކަން އެނގުންވުމުން އޭނަ ދެރަވާ ގޮތްވިއެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަޔާޒް ވާހަކަ ދެއްކިއެވެ.
“ތެދެކޭ ކޮއްކޯ…..އަދި އެހެންނޫނަސް މިކޮޅަށް އައިމައެއްނު މޮޅަށް ކިޔެވޭނީ؟ ކޮއްކޮއަށް މިހާރު 18 ކަންނޭނގެ ވާނީ ދޯ؟ މިކޮޅަށް އައިސް ހައި ސްކޫލްގަ ކިޔަވަން ވެސް ވާނެއެއްނު؟ ކިޔަވައިގެން މި ބޭބެ މިހަދާހެން ބޭރު ޤައުމަކަށް އައިސް މެޑިސިން ކަހަލަ މޮޅު ފީލްޑަކުން ކުރިއަށް ދެވޭނެއެއްނު؟” އަޔާޒް އޭނަގެ ކޮއްކޮގެ ޢުމުރަށް ވިސްނައި ވާހަކަ ދެއްކިއެވެ. އޭނަ އެ ވާހަކަ ދެއްކުމުން ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެހެނަސް މިފަހަރު އެ ހިމޭންކަން ދުއްވާލީ ޚުދު އަނުމްއެވެ.
“ކޮން ކަހަލަ ޑޮކްޓަރަކަށްވާން ބޭބެ ކިޔަވަނީ؟” އަނުމްގެ އަޑު އެންމެ ފުރަތަމަ އަޔާޒަށާއި ނިޝާނަށް އިވިގެން ދިޔައީ އޭނަގެ އެ ސުވާލުންނެވެ. އެއާއެކު އަޔާޒް އޭނަ ޝައުޤުވެރިކަން ހުރި ދާއިރާ ކިޔައިދިނެވެ. އެއަށްފަހު އެ ދެމެދު އެއާއި ބެހޭގޮތުން ދެކެވުނު ވާހަކަތަކުގެ ތެރެއިން އަނުމް އަޔާޒާއި އެކުވެރިވިއެވެ. އަނުމް އެ ދާއިރާއިން ކިޔަވަން ބޭނުންވާ ވާހަކަ ބުނުމުން އަޔާޒް އޭނަގެ ކޮއްކޮއަށްޓަކައި އެ މަގު ފަހި ކޮށްދޭނެ ވާހަކަ ބުނެލީ ލޯތްބާއި އެކީގައެވެ.
އެ ކޯލުގައި އަނުމް ބޮޑަށް ވާހަކަ ދައްކާފައިވީ އަޔާޒާއި ކަމަށްވުމުން އޭނަ ބޮޑަށް ގާތްވާނީ އަޔާޒާއި ކަމަށް އެންމެނަށް ނިންމިފައިވިއެވެ. އެ ހުކުރު ދުވަހުގެ ހަވީރު އަނުމް ބަލައި ދިޔުމަށްޓަކައި އެހެން މީހުން އެއްކާރުގައި ދިޔައިރު އަޔާޒް އޭނަގެ ކާރުގައި ވަކިން ނިކުތީ ވެސް އެ ނިންމުމުގެ ސަބަބުންނެވެ. އަނުމް އަޔާޒާއި އެކީ ވަކިން ގެއަށް ގެންދިޔުމަށެވެ. އެންމެން ގޮސް ބަނދަރު ކައިރީގައި މަޑުކޮށްލި ވަގުތަކީ ‘މާރަނގަ’ ބޯޓު އެ ބަނދަރާއި ގާތްވަމުން ދިޔަ ވަގުތެވެ. އަޔާޒް އެންމެ ކުރިއަށް ޖެހި ހިނިތުންވުމެއްގައި ހުރީ އޭނައަކީ ކާކުކަން އަނުމްއަށް އަންގައި އެންމެ ފުރަތަމަ އޭނަގެ ކޮއްކޮއާއި އެކުވެރިވާ މީހަކީ އޭނައަށް ވުމަށެވެ. އޭނައަކީ ކާކުކަން އެނގުމާއެކު އަނުމް އައިސް އޭނަގެ ގައިގައި ބައްދާލާނެ ކަމަށް އަޔާޒަށް ހީކުރެވުނެވެ. އެހެނަސް ކަންވެގެން ދިޔައީ އެކަކުވެސް އުއްމީދު ކުރި ފަދަ ގޮތަކަށް ނޫނެވެ.
ބޯޓު ބަނދަރު ކައިރީގައި މަޑުކުރުމާއެކު ބޯޓުން މީހުން ފައިބަން ފެށުމުން އަޔާޒަށާއި އޭނަގެ ޢާއިލާއަށް ވެސް ހޯދެމުން ދިޔައީ ފަރީދައްތައެވެ. މާ ގިނައިރެއްނުވެ އެމީހުންނަށް ފަރީދައްތަ ފެނުނެވެ. އެ ދައްތަ ފެނުމާއެކު ބޯ ދިއްދިއްކޮށްފައި އެންމެންނަށް އަނުމް ހުރިތޯ ބެލުނެވެ. ބޮޑުމަންމަ އަނުމް ކޮބައިތޯ އަހާލި ވަގުތަކީ ފަރީދައްތަ ފަހަތުން ހިނގާފައި އައި އަންހެން ކުއްޖާ އަޔާޒަށް ފެނުނު ވަގުތެވެ. އިސްޖެހިފައިހުރި އެކުއްޖާ އަތްދިގު ކުރުތާއަކާއި ހަރުވާޅެއް ލައިގެން ހުރިއިރު ކޮނޑުން ތިރިއަށް އޮތް އިސްތަށިގަނޑު ދެ ފަރާތަށް ގަތާލެވިފައިވިއެވެ. ހިނގާފައި އައިއިރު ނޭނގޭ ސަބަބަކާހުރެ އެކުއްޖާ ހުރީ ދެއަތުން ކުޑަ ހުދުކުލައިގެ ބާލީހެއް ހިފައި އޭތި މެއާއި ލައި ބޮނޑިކޮށްގެންނެވެ. މޫނުގެ ބައްޓަން ދިގު ގޮތަކަށް ހުރެފައި ބުމަ ގަދަވުމުން އަޔާޒް އޭނަގެ މަންމަ ސޫރަ މަތިން ހަނދާންވިއެވެ. އެ ކުއްޖާއާމެދު ވިސްނުމެއްގައި އަޔާޒް ވަނިކޮށް ބޮޑުމަންމަ ވާހަކަ ދެއްކިއެވެ.
“އަނހަ އަނުމް….އަވަހަށް އާދޭ! މާލޭގެ ނުތަނަވަސް ބިމަށް ވަރަށް ބޮޑަށް މަރުޙަބާ….ހެހެ…ރަށްރަށުގެ ހިތްފަސޭހަ މާޙައުލުގަ އުޅެފަ އަންނަ ކުދިންނަށް މާލެއަށް މަރުޙަބާ ކިޔަން ޖެހޭނީ އެހެންތާ!” ބޮޑުމަންމަ އަނުމް އައިސް ފޭބުމާއެކު އަނުމްގެ ދަތްދޮޅީގައި ހިފަމުން އަޑަށް ޖޯޝެއް ވެރިކުރުވަމުން ބުނެލިއެވެ.
“އާނދޯ؟ އެކަމަކު މާ ގިނަ ދުވަހެއްނުވެ މި މާޙައުލަށް ވެސް ހޭނިދާނެދޯ އަނުމް؟ މިހިރީ އަނުމްގެ ބޮޑުދައިތައޭ…ސަލާމް ކޮށްލަބަލަ!” ފަރީދާ އަނުމްގެ ބުރަކަށީގައި އަތްއަޅައި ކުޑަކޮށް ކުރިއަށް ޖައްސާލަމުން ބުންޏެވެ. އަނުމް ޖެހިލުންވުމަކާއެކީ ބޮޑުމަންމައަށް ބަލާލަމުން އިސްއުފުލައި ސަލާމަށް އަތްދިއްކުރި ގޮތުން ވެސް އަޔާޒަށާއި ނިޝާނަށް ބަލަހައްޓައިގެން ތިބެވުނީ ވިސްނުމެއްގައެވެ. ހައިފާ އުޖާލާވި ހިނިތުންވުމަކާއެކީ ތަޢާރަފުވެ ސަލާމަށް އަތްދިއްކުރުމުން ވެސް އަނުމް ހިނިތުންވެލީ ހިސާބަކަށް ނުތަނަވަސްވެގެން އުޅޭ ފަދައަކުންނެވެ. ބޮޑުމަންމަ އަޔާޒްގެ ނަން ބުނެ ބޭރުގައި ކިޔަވަން އުޅުނު ބޭބެއަކީ މިއީއޭ ބުނުމުން އަނުމް އިހުނަށްވުރެ ފުން ހިނިތުންވުމެއް ޖެހިލުންވުމަކާއެކީ އޭނައަށް ދެއްކިއެވެ. އަޔާޒް އެންމެ ބޮޑަށް ޙައިރާންވެގެން ދިޔައީ ބޭބެމެންނާއި ސަލާމްކުރާށޭ ބުނުމުން އަނުމް ބިރުން އުޅޭ ފަދައަކުން ފަހަތަށް ޖެހުނު ގޮތުންނެވެ.
“އަޅް…ޅުގަނޑު ފިރިހެނުންނާއި ސަލް..ލާމް ނުކުރަން.” އަނުމް އެހެން ބުނެލީ ބޮޑުވެފައިވާ ދެލޮލާއެކީ ތިރި ބަލައިގެން ހުރެ ތުރުތުރު އަޅާ އަޑަކުންނެވެ.
“ހެހެ….މާ ޝާ ﷲ! ހަމަ ރަނގަޅަށް ތިބުނީ އަނުމް. އެކަމަކު ބޭބެމެންނާއި ސަލާމް ކުރުމަކީ ގޯހެއް ނޫނޭ ދަރިފުޅު.” ބޮޑުމަންމަ ހިނިތުންވުމަކާއެކީ ބުންޏެވެ. އެހެނަސް ދެންވެސް ފެނިގެން ދިޔައީ އަނުމް ބިރުން އުޅޭ ފަދައަކުން ތުރުތުރު އަޅާ މަންޒަރެވެ. އެ މަންޒަރު ބަލަން ތިބެފައި އަނުމް ގެއަށް ގެންދިޔުމަށް ނިޝާނަށާއި އަޔާޒަށް ބުނެލެވުނީ އެކުއެކީގައެވެ. އަޔާޒް އުއްމީދު ކުރި ފަދައިން އަނުމް އޭނައާއެކީ ވަކިން ދާންވެސް އިންކާރު ކުރިއެވެ. އަނުމް ކިރިޔާވެސް ހަމަޖެހޭ ގޮތްވީ ބޮޑުމަންމައާއި ހައިފާ ކައިރީގައި އިނދެގެން ގެއަށް ދެވޭނެ ވާހަކަ ބުނުމުންނެވެ.
އަޔާޒް އޭނަގެ ކާރުގައި ގެއާއި ދިމާލަށް މިޞްރާބުޖެހީ އޭނަގެ ކުރިން ދޮންބެ ދުއްވާފައި ދިޔަ ހުދުކުލައިގެ ކާރުގެ ފަހަތުންނެވެ. އޭނަ ހުރީ އަނުމް ގޮސް ގެއަށް ފޭބުމާއެކު ފަރީދައްތަ ކައިރިން އަނުމްއާއި ބެހޭގޮތުން އެތައް ސުވާލެއްކުރަން ބޭނުންވެފައެވެ. އެކަން ކުރަން ރާވައިގެން ހުރީ އޭނަ އެކަންޏެއް ނޫންކަން އަޔާޒަށް އެނގުންވީ ގެއާއި ހަމައަށް ދެވުމުންނެވެ. ‘ސަންރައިޒް’ ގެ އުސް ޢިމާރާތާއި ޖެހިގެން ހެދިފައިވި ގަރާޖުގެ ތެރެއަށް ދެ ކާރު ވައްދާލެވިގެން ދިޔުމާއެކު އެންމެން ކާރުން ފޭބިއެވެ. އެހެނަސް އަނުމްއާއެކީ ގެއަށް ވަންނަން ދިޔައީ ހައިފާއާއި ނިޝާން އެކަންޏެވެ. އަނުމްގެ ކޮނޑުގައި ހިފައިގެން ހައިފާ ދިޔައިރު ނިޝާން އަނުމްގެ ދަބަސް ހިފައިގެން ދިޔައީއެވެ. އެމީހުން ލޯމަތިން ގެއްލުމާއެކު ވަސީމާ ވާހަކަ ދެއްކިއެވެ.
“ފަރީދާ….އެންމެ ފުރަތަމަ އަނުމްއާ ދިމާވިއިރު ވެސް ހަމަ މިހެންތަ އޭނަ ހުރީ؟ ނޫނީ އާ މާޙައުލަކަށް އާދެވުނީމަ ވީގޮތެއްތަ؟” ވަސީމާ ކަންބޮޑުވުމަކާއެކީ އަހާލީ އަޔާޒްވެސް އަހަން ބޭނުންވެފައި ހުރި ވާހަކަތަކެވެ.
“އަހަރެން އެކޮޅުން ދިމާވިއިރުވެސް އެކަހަލަ ގޮތެއް ހުރީ. އަހަންނާވެސް އެކުވެރިވީ ވަރަށް މަސައްކަތުން. އެގޭގަ އުޅުނު ރަޙީމާގެ ކިބައިގަ ހުރި ފުދޭވަރަކަށް ހަރުކަށި ގޮތެއް އަހަރެން ހުރިއިރު ވެސް އަނުމްއާ ވާހަކަ ދެއްކިއިރު. ވެދާނެ އޭގެ ސަބަބުން އެކުއްޖާއަށް އައިސްފަ ހުރި ބަދަލެއް ކަމަށްވެސް. ދެން އަބަދު އެ ބާލީހެއްގަ ހިފަހައްޓައިގެން އެ ހުންނަނީ. އަހަރެން ބުނެބުނެ އެއަކުން ދުލެއް ނުކުރޭ. ވެދާނެ އެ މަންޖެގެ މަންމަ ދިން އެއްޗެއް ކަމަށްވެސް…” ފަރީދާ އޭނައަށް ހީވާ ގޮތާއި އެކީ ކިޔައިދިނެވެ.
“އެއްވެސް ފިރިހެނަކު އުޅޭތަ އަނުމް އެ ރަށުގަ އުޅުނު ގޭގަ؟” އަޔާޒަށް ގޮށްމުއްކަވަމުން އެ ސުވާލު ކޮށްލެވުނީ ތަކުރާރުކޮށް ސިކުނޑިއަށް ވެރިވަމުން ދިޔަ ނުބައި ޚިޔާލެއްގެ ސަބަބުންނެވެ.
“ނޫން ނުއުޅޭ. ރަޙީމާ އެކަނި އެގޭގަ އުޅެނީ. އެއީ އަހަރެންވެސް ދަންނަ ގެއެއްވީމަ ޔަޤީންކަމާއެކީ ބުނަން އެނގޭ.” ފަރީދާ އެހެން ބުނެލުމުން އަޔާޒަށް ބޯޖަހާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވިއެވެ.
އޭނަގެ ހިތަށް އުދަގޫކުރަމުން ދިޔަ ޚިޔާލު އޭނަ ހުރީ އެހެން މީހަކާއި ޙިއްސާކުރަން ބޭނުންވެފައެވެ. އެހެނަސް އޭނަގެ ކޮއްކޮއާއި ބެހޭގޮތުން އެފަދަ ވާހަކައެއް ދައްކާކަށްވެސް އޭނަގެ ދޫ ނުކުޅެދުނެވެ. ލޭގެ ގުޅުމަކީ ކިހާ ވަރުގަދަ ގުޅުމެއްކަން އޭނައަށް އެނގުންވީ އެހާ ހިސާބުންނެވެ. އަނުމް ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތް ލޯބިން ފުރިގެންދާ ގޮތުންވެސްމެއެވެ. އަނުމް ގޭގަ އުޅޭ ކުޑަ ދެކުދިންނާއި ދިމާވެފައި ހިނިތުންވާތަން ފެނިފައި އަޔާޒަށް ވެސް ހިނިތުންވެވެމުން ދިޔަ ގޮތުން ޚުދު އޭނަ ވެސް ޙައިރާންވަމުން ދިޔައެވެ. މި ހުރިހާ ދުވަހު އޭނައާއި ވަކިން އުޅުނު ކޮއްކޮއަށްޓަކައި ވެސް އޭނަގެ ހިތުން ޖާގައެއް ދެވިއްޖެކަން އެނގުންވުމުންނެވެ.
ކިތަންމެ ބޭނުންވިއެއްކަމަކު އަނުމްގެ ކިބައިން ފެންނަމުން ދިޔަ ޖެހިލުންވުމުގެ ސަބަބުން އަޔާޒާއި ނިޝާން ވެސް އޭނައާއި ދުރުދުރުން އުޅެން ޚިޔާރުކުރިއެވެ. އަޔާޒް ކިރިޔާވެސް ހަމަޖެހޭ ގޮތްވީ އަނުމްގެ ޝަޚްޞިއްޔަތާއިމެދު ދޮންބެ ދެކޭ ގޮތް އަޑުއިވުމުންނެވެ.
“އެއީ ވެދާނެދޯ އެ ރަށު މީހުން އުޅޭ ގޮތްކަން ވެސް؟ އަހަރުމެން މީ އަނުމްގެ ބޭބެއިންނަށް ވިޔަސް އަދި އަނުމްއަށް އަހަރުމެން ފެންނާނީ ބީރައްޓެހިން ގޮތުގަދޯ؟ އިތުބާރުކުރަން ވެސް ދުވަސްކޮޅެއް ނަގާނެތާ….ދުވަސްކޮޅަކުން ރަނގަޅުވާނެހެން ދޮންބެއަށް ފެންނަނީ.” އެރޭ ދޮންބެގެ ކޮޓަރީގެ ބެލްކަނީގައި ދެބެއިން ތިބެ ދެއްކި ވާހަކައިގެ ތެރެއިން ދޮންބެ ބުންޏެވެ. އަޔާޒް އެ ވާހަކައަށް ބޯޖަހާލީ ހިސާބަކަށް ހިތްހަމަ ޖައްސަމުންނެވެ. އެ ލިބުނު ހިތްހަމަޖެހުމުގެ އޭނަ ދޮންބެއާއި ވަކިވެ އަނުމް އުޅެން ހަމަޖެހިފައިވި ހައިފާގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހީ، އަނުމް ޖެހިލުންނުވާނެ ފަދަ ގޮތަކަށް ވާހަކަ ފެށިދާނެ ގޮތަކާއިމެދު ޚިޔާލުކުރަމުންނެވެ. އޭނަ ރާވަމުން ދިޔަ ރޭވުމާމެދު ނުހަނު ހަމަޖެހިފައިހުރެ އޭނަ އެ ކޮޓަރިއާއި ހަމައަށް ދިޔައިރު ފެނުނީ އޭނަ އުއްމީދުކޮށްގެން ހުރި މަންޒަރެއް ނޫނެވެ. ތަންކޮޅެއް ބޮޑަށް ހުޅުވިފައިވި ދޮރު ދޭތެރެއިން ފެންނަމުން ދިޔައީ ހެދުން ފޮށި އެނދުމަތީގައި ބާއްވައިގެން އެއްޗެއް ނުފެނިގެން އުޅޭ ފަދައަކުން އަނުމް އޭތީގެ ތެރެ ހާވަމުން ދިޔަ މަންޒަރެވެ. މިނެޓްތަކެއް ވަންދެން އަޔާޒް އެ މަންޒަރު ބަލަންހުރީ އެ ހޯދާ އެއްޗެއް ފެނިދާނެއޭ ހިތާއެވެ. އެހެނަސް އޭނަ ބަލަބަލާ ހުއްޓާ އަނުމް ފުން ނޭވައެއް ދޫކޮށްލަމުން އެނދުގައި އިށީނެވެ. އެ ހިނދު އަޔާޒް ފެނިގެން ދިޔުމުން އަނުމް އާދައިގެ މަތިން ސީދާވެލަމުން ދެލޯ ބޮޑުކޮށްލިއެވެ.
“ކޯޗެއް ނުފެނިގެން އުޅެނީ ކޮއްކޮ؟” އަޔާޒް ކޮޓަރިއަށް ވަންނަން ޚިޔާލުކޮށްފައިވެސް ދޮރުމަތީގައި މަޑުކޮށްލަމުން އަހާލިއެވެ. އަނުމް ޖަވާބުގައި އެއްޗެކޭ ނުބުނެ އޭނައަށް ބަލަހައްޓައިގެން އިނީ ބުނަން ނުކެރިގެން އުޅޭ ފަދައަކުންނެވެ.
“ބުނީމަދޯ ބޭބެމެންނަށް ހޯދައިދޭން އެނގޭނީވެސް؟ ސީކްރެޓެއްތަ އަނެއްކާ؟” އަޔާޒް ހިނިތުންވުމަކާއެކީ އަހާލިއެވެ. އެ ހިނދު އަނުމްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވި މަންޒަރު އޭނައަށް ފެނުނެވެ. އެ ލޯ ކަރުނުން ވިދާލި ވަގުތު އަނުމްގެ އަޑުއިވުނެވެ.
“މް…މަން..މަ ކޮއްކޮއަށް ދިން ހާރެއް. އޭތި ނެތް ފޮށީގަ….” އަނުމް ރޮވިފައިވާ އަޑަކުން އެހެން ބުނެލުމުން އަޔާޒްގެ ހިނިތުންވުން ފިލައިދިޔައެވެ. އޭނައަށް އަސްލުވެސްހޭ ބުނެ ކޮޓަރީގެ ތެރެއަށް ވަދެގެން ދެވުނީ ބޭއިޚްތިޔާރުގައެވެ. އެއަށްފަހު އަނުމް އިންގޮތަށް އިންދާ އޭނަ ކައިރީގައި އޮތް ހެދުން ފޮށިތެރެ އަޔާޒް އަމިއްލައަށް ވެސް ބަލާލިއެވެ. އެހެނަސް ހާރެއް ކަހަލަ އެއްޗެއް ފެންނަން ނެތުމުން އަނުމް އެބުނީ ތެދެއްކަން އަޔާޒަށް ނަގައިގަނެވުނެވެ. އަނުމް އެހެން އިނދެއިނދެފައި އޭނަގެ ކަރުނަތައް ފޮހެލީ މަންޒަރު ފެނިފައި އަޔާޒް ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެވުމާއެކު އަޔާޒް އޭނަގެ ފޯނު ނަގައި ޓިކެޓް ސެންޓަރަކަށް ގުޅާލަމުން އަނުމް ކުރީގަ އުޅުނު ރަށާއި ކައިރީގައި އޮންނަ ރަށަށް ދެވޭނެ ޓިކެޓެއް ލިބޭތޯ ބެލިއެވެ.
“މާދަން މެންދުރު ފްލައިޓެއް އޮންނާނެ ދެއްތޯ؟ އަޅުގަނޑު ޓިކެޓެއް ނަގަން ބޭނުން….އަހުމަދު އަޔާޒް ޢަބްދުލްޙަލީމް….ހުރިހާ ތަފްޞީލެއް މި ނަންބަރަށް ފޮނުވާލަދިނުން އެދެން. އާދެ…އާދެ އޯކޭ. ޝުކުރިއްޔާ.” އަޔާޒް ގޭގެ ބޮޑުކޮޓަރީގައި ހުއްޓިލައިގެން ހުރެ އެ ވާހަކަ ދައްކައި ނިމުނުތަނާހެން ފަހަތުން ދޮންބެގެ އަޑު އިވުނެވެ.
“ކޮންތަނަކަށް އަނެއްކާ އުދުހިގަންނަން ތިއުޅެނީ؟” ނިޝާން އެހެން އަހާލި އަޑަށް އަޔާޒަށް ފަސްއެނބުރި ބަލާލެވުނެވެ.
“ހެހެ…މީ…އަނުމް ކުރިން އުޅުނު ރަށަށް ދާންވެގެން ކަމަށް މިއުޅެނީ. މަންމަ އަނުމްއަށް ދިން ހާރެއް އެކޮޅުގަ ބާއްވާފަ އާދެވުނީހެން އަހަންނަށް ހީވަނީ. ހިތަށްއެރީ އަހަރެން އަމިއްލައަށް ގޮސް އޭތި ހޯދައިދިނިއްޔާ އަނުމް އަހަރުމެންނާ އިތުރަށް ގާތްވާނެއޭ. އެހެންވީމަ ލަސްނުކޮށް މާދަމާ ފުރަން މިއުޅެނީ.” އަޔާޒް ކިޔައިދިނެވެ.
“އާނ….ވަރަށް ރަނގަޅު ކަމެއްތީ…އަވަހަށް ޕެކްކުރަންދޭ!” ނިޝާން އެހެން ބުނެލުމުން އަޔާޒް ހިނިތުންވުމަކާއެކީ ބޯޖަހާލަމުން ދާން އުޅުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ނިޝާން އަނެއްކާވެސް ގޮވާލި އަޑަށް އޭނައަށް މަޑުކޮށްލެވުނެވެ.
“މަޑުކޮށްބަލަ…..އަނުމް އުޅުނީ ކޮން ރަށެއްގަ؟ ތި ދާން އުޅޭ ދިމާލުގަ އެއާރޕޯޓު ހުންނަ ރަށުގަތަ ނޫނީ ނުހުންނަ ރަށުގަތަ؟” ނިޝާން ކަމަކާމެދު ވިސްނާ ފަދައަކުން އަހާލިއެވެ.
“ނުހުންނަ ރަށުގަދޯ ޕްރޮބެބްލީ؟ އެދުވަހު ބޮޑުމަންމަވެސް ބުންޏެއްނު؟ އެ ރަށާއި ކައިރި ރަށެއްގަ ފްލައިޓް ޖައްސާފަ ކަނޑުމަގުން ދާންޖެހޭނީ. ވިޝް މީ ލަކް!” އަޔާޒް ހެވިފައިހުރެ އެހެން ބުނެ އަނެއްކާވެސް ދާން އުޅުނެވެ. އެހެނަސް ނިޝާން ދެންވެސް އޭނަ މަޑުކުރުވިއެވެ.
“އަޔާޒް މަޑުކޮށްލައްޗޭ….ތި ރަށު މީހަކަށް އަހަރެން ދޭން ބޭނުން އެއްޗެއް އެބައޮތް!” ނިޝާން ބުންޏެވެ. އަޔާޒް ކޯޗެއްތޯ އަހާލުމާއެކު ނިޝާން އޭނަގެ ކޮޓަރިއަށް ދިޔައެވެ. އަދި ނިކުމެގެން އައީ ސިޓީ އުރައަކާއި އެކީގައެވެ.
“މީ….އެރަށުގަ އުޅޭނެ މަސްޢޫދު ޢަލީ ކިޔާ މީހެއް. އެ މީހާއާ މީތި ޙަވާލުކޮށްލަދިނުން އެދެން.” ނިޝާން އަޔާޒަށް އޭތި ދިއްކޮށްލަމުން ބުނެލިއެވެ.
“އާޗާ! ރާއްޖެތެރެ މީހުންނާވެސް ދޮންބެގެ ހާދަ ކަނެކްޝަންތައް ހުރެއޭ ދޯ؟” އަޔާޒް ހެވިލާފައި ހުރެ ދޯދިނެވެ.
“އާނދޯ؟ ދެން އަވަހަށް ދާން އުޅޭ. އެ ރަށުގަ އުޅެނީ ވަރަށް ރީތި އަންހެން ކުދިންނޭ މަ އަޑުއެހީ. އޭގެއިން ކުއްޖަކާ އިނދެގެން އަޔަސް އަނެއްހެން މައްސަލައެއްނެތް…” ނިޝާން ނޫންކަމަށް ހަދާފައި ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“އައްޗި! މަ ނޫޅެން ރާއްޖެތެރޭގަ އުޅޭ ނުކިޔަވާ ކުއްޖަކާ އިންނާކަށް…” އަޔާޒަށް އެހެން ބުނެލެވުނީ މޫޑު ޚަރާބުވެފައި ހުރެއެވެ. އޭނަ އަނެއްކާވެސް ދާން އުޅެނިކޮށް ދޮންބެ ވާހަކަ ދެއްކިއެވެ.
“ކިޔެވި ކަމަކަށްވަނީ ވަކި ބޭރު ޤައުމަކަށް ދިޔައިމަ ނޫން ކަންނޭނގެދޯ؟ ބޭރު ޤައުމެއްގަ އުޅެގެން މޮޅު ޔުނިވާރސިޓީއަކަށް ގޮސްގެން ވެސް އަމިއްލަ ސިކުނޑި ބޭނުން ނުކުރަންޏާ އެމީހެއްގެ ވިސްނުން ފަޅު ރަށެއްގަ އުޅޭ މީހަކަށްވުރެ ވެސް ނާތަހުޒީބުވުން އެކަށީގެންވޭ. އެކަމަކު ކުޑަ ރަށެއްގަ ހުރެގެން ވެސް ޢިލްމު އުނގެނެން ލިބުނުހާ ފުރުޞަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގަ ހިފައިފިއްޔާ އެމީހެއްގެ ވިސްނުން އަޔާޒަށްވުރެ ވެސް ތަނަވަސްވުން ވެސް އެކަށީގެންވޭ. މީހަކު އުޅޭ ތަނަކުން އެމީހެއްގެ ޝަޚްޞިއްޔަތު ދެނެއެއްނުގަނެވޭނެ…..ކިޔަވަން ކިތަންމެ ގިނަ ފުރުޞަތުތައް ހޯދައިދިނަސް އޭގެ ބޭނުން ނުހިފީމަ އުފެދިގެންދާ ޝަޚްޞިއްޔަތުގެ މިސާލެއް އަޔާޒަށް ވަރަށް ގާތުން ފެނިފަ ކަންނޭނގެ ހުންނާނީވެސް…” ނިޝާން އޭނަގެ ފަހު ޖުމްލަ ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. ނިޝާން އެހެން ބުނެލުމާއެކު އަޔާޒްގެ ހަނދާނަށް އައީ މައުވާއެވެ. އެއާއެކު އޭނަގެ ހިތުގައި ނުރުހުންތެރިކަމެއް އުފެދިގެން ދިޔައެވެ. އައި ރުޅީގައި އޭނަ މައުވާގެ ދިފާޢުގައި ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް ދޮންބެއަށް ދޭނެ ރަނގަޅު ޖަވާބެއް ނެތުމާއެކީ އެ ވާހަކަ ހޫނު ބަހުސަކަށްވެދާނެކަން ދަނެގެން އަޔާޒް ހިމޭންކަމާއެކީ ދިޔައީއެވެ. އެ ހިނދު ނިޝާންގެ މޫނުމަތީގައިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
އޭގެ އަނެއްދުވަހު މެންދުރު އަޔާޒް ފުރަން ދިޔައީ އޭނަ ފުރާ ސަބަބު ބޮޑުމަންމައަށާއި ހައިފާއަށް ކިޔައިދިނުމަށްފަހު އެ ވާހަކަ އަނުމްއަށް ނޭންގުމަށް އެދިފައެވެ. އޭނަ ބޭނުންވީ އަނުމްއަށްޓަކައި އޭނައަށް ކަމެއްކޮށްދެވިދާނެކަން ކިޔައިދިނުމަށްވުރެ ބޮޑަށް އެކަން އޭނަގެ ކޮއްކޮއަށް ސާބިތުކޮށްދިނުމަށެވެ. އެހެންކަމުން ބޮޑުމަންމައަށާއި ހައިފާއަށް އަލްވަދާޢު ކިޔުމަށްފަހު އޭނަ ފުރައިގެން ދިޔައީ ދޮންބެއަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. އާދައިގެ މަތިން ދޮންބެ މައުވާއާއި ބެހޭ ވާހަކައެއް ދެއްކިއްޔާ އެދެމެދުގައި އޮންނަ ނުތަނަވަސްކަން ދުވަސްކޮޅަކަށް ދެމިގެން ދާނެކަން ދަނެގެންނެވެ. އެހެނަސް އަޔާޒް އޭނަގެ ދޮންބެ އޭނައާއި ޙަވާލުކުރި އަމާނާތުގެ މަތިން ހަނދާން ހުއްޓެވެ. އެއާއިމެދު ހިތުގައި ސުވާލުތައް އުފެދުނެއްކަމަކު މިއީ ކޮންމެވެސް ކޯޓު މައްސަލައަކާއި ގުޅިގެން ދޮންބެ ހިންގާ ކަމެއްކަމަށް ނިންމުނެވެ. އޭތި ހުޅުވަން އުޅެފައިވެސް ނުހުޅުވީ އެހެންވެއެވެ.
ބައިގަޑިއިރެއްހާ ދިގު މިނުގެ ދަތުރަކަށްފަހު އަޔާޒް އިން ފްލައިޓް ގޮސް ޖައްސާލީ އޭނަ ދަތުރުކުރި ހުރިހާ އެއާރޕޯޓްތަކުގެ ތެރެއިން އެންމެ ކުޑަ އެއާރޕޯޓަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނަ އެއާރޕޯޓަށް ފޭބުމާއެކުހެން އޭނަ ދާން އުޅޭ މަންޒިލަށް ދެވިދާނެ ބޯޓެއް އެކި މީހުން ކައިރިން ސުވާލުކޮށްގެން ބަނދަރުމަތިން ހޯދާލިއެވެ. ކަނޑުމަތީގައި މިނެޓްތަކެއްވުމަށްފަހު އަޔާޒް އިން ބޯޓު ފާލަމަކާއި ގާތް ކުރީ އެދުވަހުގެ ހަވީރު ވަގުތެވެ. ފާލަން ފެނިފައި އަޔާޒްގެ ހަނދާނަށް އައީ މި ދިޔަ އަހަރު އޭނަ ޗުއްޓީ ހޭދަކުރުމަށްޓަކައި ދިޔަ ރިސޯޓެވެ. އެހެނަސް މި އާދެވުނީ ރިސޯޓަކާއި ކިހާ ތަފާތު ތަނަކަށްކަން އޭނައަށް އެނގުންވީ އެ ފާލަން ހުރަސްކުރުމަށްފަހު އެ ރަށު ތެރެ ފެނިގެން ދިޔުމުންނެވެ. ތަރުތީބެއްނެތި އެކި ދިމަދިމާލުން ޖެހިފައިވި ރުއްތަކާއި ބިޔަ ގަސްތަކުގެ ތެރެއިން ރަށުގެ ކުދިކުދި ގެތައް ފެންނަމުން ދިޔައެވެ. އެ ގެތައް ފެނިފައިވެސް އަޔާޒްގެ ހިތް ދެރަވިއެވެ. އެ ގެ ތަކުގައި އުޅެމުން ދާނީ ދަތި ޙާލުގައި އުޅެމުންދާ ޢާއިލާތަކެއްތާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް އެ ޢާއިލާތައް އޭނަ ހީކުރާވަރަށް ހިތާމަވެރި ނުވެދާނެކަމުގެ ހެއްކެއް ފެނިގެން ދިޔައީ އޭނައަށް އެ ހިސާބަށް ދެވުނުތާ މާ ގިނައިރެއްނުވެ ކޮންމެވެސް ގެއަކުން ނިކުމެގެން އައި ދެ ފިރިހެން ކުދިން ފެނިފައެވެ. އެއްކުއްޖެއްގެ އަތުގައި ބޯޅައެއް އޮތްއިރު ދެކުދިން ވެސް ދުވެފައި ރުއްތައް ހުރި ހިސާބަށް އައީ ހެމުންނެވެ. އެކުދިން އެއްފަރާތެއްގައި ހުރި ފުނަ ގަހެއްގެ ކައިރީގައި މަޑުކޮށްލަމުން ދަނޑިކޮޅުތަކުން ވެލިގަނޑުގައި ރޮނގުތައް އަޅަން ފެށީ އެދުވަހު ކުޅޭނީ ފުޓުބޯޅަކަމަށް ނިންމަމުންނެވެ. އެ މަންޒަރު ފެނިފައި އަޔާޒަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އުފާވެރިކަން ވަނީ ހަމައެކަނި މުއްސަނދިންނަކަށް ނޫންތާއޭ ހިތަށްއެރިއެވެ. އެކުދިންނަށް ބަލަން ހުރެފައި އަޔާޒް ކުރިއަށް ހިނގައިގަތީ އޭނަ ކުރަން އައި ކަމުގެ މަތިން ހަނދާންކުރަމުންނެވެ.
އަނުމް އުޅުނު ގެ ހޯދުންވެގެން ދިޔައީ އަޔާޒް ހީކުރިވަރަށްވުރެ ފަސޭހަ ކަމަކަށެވެ. އޭނަ އެންމެ ފުރަތަމަ ގޮސް މީހެއް ކައިރިން ސުވާލުކޮށްލުމުން ވެސް ‘ރަޙީމާގެ’ ގެ ހުންނަތަން އެނގިގެން ދިޔައެވެ. އޭނަ އެ ގެއާއި ހަމައަށް ދިޔައިރު ކޮންމެވެސް އެއްޗެއް ތެލުލެވޭ އަޑު އިވުނެވެ. އޭނަ ގޮސް އެގޭގެ ދޮރު މައްޗަށް އެރިއިރު ގޭގެ ގޯތި ތެރޭގައި ދަރު އުނދުން ބަހައްޓައިގެން ބަނބުކެޔޮ ފޮތި ތެލުލަން އިން މެދު ޢުމުރުގެ އަންހެން މީހާ ފެނިގެން ދިޔައެވެ.
“އައްސަލާމްޢަލައިކުމް…” އަޔާޒް ހިސާބެއްގެ ޖެހިލުންވުމަކާއެކީ އެގެއަށް ވަންނަމުން ސަލާމް ގޮވާލިއެވެ.
“ކާކު؟” އެމީހާ ރުޅިވެރިކަން ވެރިކުރުވާފައިވި މޫނަކާއެކީ ރުންކުރު ރާގަކަށް އަހާލިއެވެ. އެހިނދު ފަރީދައްތަ ދެއްކި ވާހަކަ މަތިން ހަނދާންކޮށްލަމުން އަޔާޒް ވާހަކަ ދެއްކިއެވެ.
“ރަޙީމާދައްތަ ދެއްތޯ؟ އަޅުގަނޑު މީ އަޔާޒް. މަ…މަލީހާގެ ހަގު ފިރިހެން ދަރިފުޅު. މިގޭގަ މަންމައާ އަޅުގަނޑުގެ ކޮއްކޮ އުޅުނެއްނު؟ ކޮއްކޮއަށް އެއްޗެއް ބާއްވާފަ އެކޮޅަށް ދެވުނީމަ އޭތި ނަގަންވެގެން މިއައީ.” އަޔާޒް ބުނެލިއެވެ.
“ނަގާ އެއްޗެއް ނަގައިގެންދޭ! މަށަށް އުދަގޫ ނުޖައްސާ!” ރަޙީމާ އެހެން ބުނެ އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަޔާޒް ހިސާބަކަށް ނުރުހުންވެފައިހުރެ އިތުރު އެއްޗެކޭ ނުބުނެ އެގެއަށް ވަދެގެން ދިޔައެވެ. ގޭގެ ވަށައި ހޯދަމުން ގޮސް އަޔާޒް ގޭގަ ހުރި ދެކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ވަދެލިއެވެ. އެ ކޮޓަރީގެ ހުސްކަން ފެނިފައި އެ ވާނީ އަނުމް އުޅުނު ކޮޓަރިއަށްކަން އޭނައަށް އެނގުންވިއެވެ. ސިންގަލް އެނދަކާއި އެކީ އެއްފަރާތެއްގައި ފާރަށް ލައްކޮށްލެވިފައިވި ކުނާ ފެނިފައި މަންމައާއި ކޮއްކޮ ނިދި ތަނަކީ އެއީތާއޭ އަޔާޒްގެ ހިތަށްއެރިއެވެ. އޭނައަށް މަންމަ ފެނިފައިވި ފަހު ދުވަސްކޮޅުގައި މަންމަ ފެނިފައިވަނީ ކިތަންމެ އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައި ކަމަށްވިޔަސް، މަންމަ ހަމަ ޔަޤީނުންވެސް އަނުމް އެ ކުނަލުގައި ބާއްވައި އަމިއްލައަށް އެނދުގައި ނޯންނާނެކަމަށް އަޔާޒަށް އަމިއްލަ ނަފްސުގާތު ބުނެލެވުނެވެ. މަންމަ އޭނަ ކުޑައިރު ދެއްކި އެފަދަ އޯގާތެރި އެތައް ޙަރަކާތެއްގެ މަތިން ހަނދާން އާވެގެން ދިޔުމުން އަޔާޒްގެ ގައިން ހީބިހި ނެގިއެވެ. އޭނަ އަވަސްއަވަހަށް ޙަރަކާތް ކުރަން ފެށީ އެ ޚިޔާލުތަކާއި ދުރުވުމަށެވެ. އޭނަ ހޯދަން އައި ފަށް އޭނައަށް އެންމެ ފަހުން ފެނިގެން ދިޔައީ ކޮޓަރީގައި ހުރި މޭޒެއްގެ ފައި ކައިރިންނެވެ. އޭތި ނަގައި ޖިންސްގެ ޖީބަށް ލަމުން އަޔާޒް އެގެއިން ނިކުންނަން އަވަސްވިއެވެ.
އަޔާޒް އެ ދިޔަގޮތަށް ރަށުގެ ފާލަމާއި ދިމާލަށް މިޞްރާބު ޖެހީ އަނެއްކާވެސް އަނެއްރަށަށް ދިޔުމަށްޓަކައި ނުހަނު އަވަހަށް ދޯންޏެއް އޮންނާނެ ވާހަކަ އޭނައަށް އިވިފައިވުމުންނެވެ. އޭނަ ފުރުމަށްޓަކައި ޚިޔާލުކުރަމުން ހިނގާފައި ދިޔައީ އޭނަ އެއްކޮނޑުގައި އަޅުވައިގެން އައި ދަބަސް ތެރޭގައި އޮތް ދޮންބެ ދިން ސިޓީގެ މަތިން ހަނދާން ނެތިފައި ހުރެއެވެ.
އެހެނަސް އަޔާޒް އެ ރަށުގެ ފިނި މައިޒާނާއި ހަމައަށް ދެވުނު ވަގުތު އިވުނު އަންހެން ކުއްޖެއްގެ އަޑުން އޭނައަށް ފިޔަވަޅުތައް ލަސްކޮށްލެވުނެވެ. އެއީ ކޮންކުއްޖެއްތޯ ބެލުމަށްޓަކައި އިސްއުފުލާލި ވަގުތު އޭނަ އުއްމީދު ނުކުރާފަދަ މަންޒަރެއް ފެނިގެން ދިޔުމުން އޭނަ ހުއްޓުން އަރާ ގޮތްވިއެވެ. އެހާ ޖޯޝުން ފުރިގެންވި އަޑެއް އެ އިވިގެން ދިޔައީ ފުރޮޅިލީ ގޮނޑިއެއްގައި އިން އަންހެން ކުއްޖެއްގެ ފަރާތުންކަން އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެނަސް އޭނަގެ ލޯ ކުރިމަތިން ފެންނަމުން ދިޔައީ އެ މަންޒަރެވެ. އެ ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އޭރު އޭނަ އެހެން ދިޔައިރު ފުޓުބޯޅަ މެޗެއް ފަށަން އުޅުނު ދެކުދިންގެ ކުޅުމަށެވެ.
“އަވަސްކުރޭ ރިފާއު އަވަސްކުރޭ! މަޑުނުކޮށް ޔެސް ޔެސް!! ޔޭއި! ރިފާއު ޓޫ އަހުމަދު ވަން. އަހުމަދޫ އަދި ހިތްވަރު ކޮށްލާ…ތަންކޮޅެއް ބާރަށް ދުވާތި މިފަހަރު!” އެ ކުއްޖާ އެ ވާހަކަތައް ދައްކަމުން ދިޔައިރު އަޔާޒަށް އެސްފިޔަ ޖަހާލުމެއްވެސް ނެތި ބަލަން ހުރެވުނީ އަޖާއިބެއް ފެނިގެން އުޅޭ ފަދައަކުންނެވެ. މިއީ ފުރޮޅިލީ ގޮނޑިއެއްގައި މިހާ އުފަލުން އިން އަންހެން ކުއްޖަކު އޭނައަށް ފެނުނު ފުރަތަމަ ފަހަރެވެ. އެފަދަ ޙާލަތެއްގައި އިން ކުޑަކުއްޖަކު އެފަދަ ޖޯޝާއެކީ ވާހަކަ ދައްކާ މަންޒަރު ފެނުނަސް ޒުވާން ޢުމުރުގެ މީހަކު ފެނުމަކީ ނާދިރު ކަމެކެވެ. އަދި އަމުދުން އެމީހަކު އެކަނި އެހެން ބަޔަކު ދުވާތަން ބަލަން ހުރި ޙާލަތެއްގައެވެ. އެ ކުއްޖާގެ ސިކުނޑި ސަކަރާތީތޯ ހިނދުކޮޅަކަށް އަޔާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެކަން ޤަބޫލުކުރަން އަޔާޒަށް ދަތިވީ ކުޅޭ ދެކުދިންގެ ތެރެއިން އެއްކުއްޖަކު ކިރިޔާވެސް ދެރަވާ މަންޒަރު ފެނިފައި އޭނަ އެކުއްޖަކަށް ހިތްވަރު ދެމުން ދިޔަ ގޮތުންނެވެ. މޮޔައެއްނަމަ އެއްވެސް ހަމައެއް ލަމައެއް ނެތި ހަޅޭއްލަވަ ލަވާ ހުރީހެވެ. އެހެނަސް އެކުދިން ކުޅޭ މަންޒަރު ވެސް ނުހަނު ސަމާލުކަން ދީގެން ބަލަން ހުރި ގޮތުން އެކުއްޖާގެ ތޫނުފިލިކަން އަޔާޒަށް ނަގައިގަނެވުނެވެ.
އެކުއްޖާއާއިމެދު ހިތުގައި އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުން އަޔާޒަށް ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އެއަށްފަހު އެކުއްޖާއާއި ދިހަ ފިޔަވަޅެއްހާ ދުރުގައި ހުރި ރުކެއްގެ ކައިރިއަށް ގޮސް ކޮނޑުގައި އޮތް ދަބަސް ތިރީގައި ބަހައްޓަމުން ރުކައް ލެނގިލީ އޭނަ ތަންކޮޅެއް ގިނައިރު ވަންދެން އެކުއްޖާއަށް ބަލަން ބޭނުންވާކަން ދަނެގެންނެވެ. އެކުއްޖާގެ މޫނު އިހުނަށްވުރެ ސާފުކޮށް ފެނިގެން ދިޔުމުން އަޔާޒަށް އާޝޯޚުވެފައި ބަލަން ހުރެވުނެވެ. އާދައިގެ ކަޅު ބުރުގާއަކުން ވަށާލެވިގެންވި ވަށްކޮށް ހުރި އެމޫނުމަތިން ފެނުނު ހިނިތުންވުމާއެކީ އެ މޫނުމަތީގައި ވިދުމެއްވިހެން އޭނައަށް ހީވިއެވެ. ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވި ކަޅުކުލަގަދަ ލޮލުން އޭނައަށް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެހެނަސް ފަރުވާތެރިކަމާއެކީ ބަލާލުމުން އެ ލޯމަތިން އޭނައަށް ވަރުބަލިކަމެއް ވެސް ފެނުނެވެ. އެކަން ފާހަގަވުމުން އަޔާޒަށް ނޭނގި އޭނަގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. އެކުއްޖާއަށް ރޭ ރަނގަޅަށް ނުނިދެނީތޯ ހިތަށްއެރިއެވެ. އެހެންނޫނީ ބަލީތޯ ހިތަށްއެރިއެވެ. އެ ސުވާލު ހިތަށްވެރިވުމުން އެ ކުއްޖާ އެ ގޮނޑީގައި ހުންނަންޖެހުނީ ކީއްވެކަމާއިމެދު ވެސް ވިސްނެން ފެށިއެވެ. ފައިގެ ތަނބިކަށްޓާއި ހަމައަށް އޮތް ތިރިއެއް ލައިގެން ހުރިއިރު އެއްވެސް ފައެއްގައި ބޭސްގަނޑެއް އަޅާފައި ހުރިހެން ހިއެއްނުވެއެވެ. އެކުއްޖާއަށް ޖެހިފައިވަނީ ދިގުދެމިގެންވާ ބައްޔެއްތޯ ހިތަށްވެރިވި ވަގުތު ރިފާއުގެ މަންމަ އައެވެ. އަދި އެ ދެކުދިން ކައިރި ސައިބޯން އައުމަށް އެދުނެވެ. ދެކުދިން އެ މަންމަގެ ބަސްއަހައިގެން އެތަނުން ދިޔަ މަންޒަރު ބަލާފައި އަޔާޒަށް އަނެއްކާވެސް ފުރޮޅިލީ ގޮނޑީގައި އިން ކުއްޖާއަށް ބަލާލެވުނެވެ. އެ ހިނދު އެކުއްޖާގެ ދެލޯ މެރެމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ މެއަށް ލޮޅުމެއް އައެވެ. ފުރަތަމަ ފަހަރު ލޯ މެރުމުން އެކުއްޖާ ގަދަކަމުން ލޯ ހުޅުވިއެވެ. އެހެނަސް ދެވަނަ ފަހަރު ލޯ މެރުމުން އެކުއްޖާ ބަންޑުން ވެއްޓެން ދިޔަ މަންޒަރު ފެނިފައި އަޔާޒަށް ބޭއިޚްތިޔާރުގައި ސީދާވެލަމުން އެދިމާލަށް ދިގު ފިޔަވަޅުތަކެއް އެޅެން ފެށިއެވެ. ވަކި ހިސާބަކުން އޭނަގެ ފިޔަވަޅުތައް ދުވުމަކަށްވެސް ބަދަލުކޮށްލަމުން އަޔާޒް އެކުއްޖާގެ ކަކޫ ބިންމަތީގައި ޖެހުނު ވަގުތު ތިރިވެލަމުން އެ ތުނި ހަށިގަނޑުގައި އޭނަގެ އަތް ވަށާލިއެވެ. އަޔާޒް ހިސާބެއްގެ ހާސްކަމާއެކީ އެކުއްޖާގެ ދަތްދޮޅީގައި ހިފައި އެ މޫނަށް ބަލާލީ އެއްވެސް ވަރަކަށް އެކުއްޖާގެ ހޭ ހުރިތޯ ބެލުމަށެވެ. އެހެނަސް އޭނަ ދެލޯ މެރިފައި އޮތް ގޮތުން އެއީ އަވަހަކަށް ވާނެކަމެއް ނޫންކަން އެނގުންވުމުން އަޔާޒް ދެވަނަ ވިސްނުމެއްނެތި އެކުއްޖާ އަތްދަނޑިމައްޗަށް އުފުލަމުން ކޮޅަށް ތެދުވިއެވެ. އެ ހިނދު އެކުއްޖާގެ ބަރުދަން ހުންނަންޖެހޭ ވަރަށް ނެތްކަން އޭނައަށް ފާހަގަވިއެވެ.
އަޔާޒް އެކުއްޖާއަށް ހުރިހާ ސަމާލުކަމެއް ދެމުން ދިމާ ކުރިމަތިން ފެންނަމުން ދިޔަ ގެއާއި ދިމާލަށް ދިޔައީ އެއީ އެކުއްޖާގެ ގެއަށް ނުވިޔަސް ކޮންމެވެސް ތަނެއްގައި އެކުއްޖާ ބާއްވަން ޖެހޭކަން ދަނެގެންނެވެ. އެހެން ދިޔައިރު އޭނައަށް ނޭނގުނު ކަމަކީ އެތަންގަނޑު އެތައް ބަޔަކު އެތަނަށް އެއްވެ ލޯ ބޮޑުކޮށްގެން ތިބެ މަލާކާއި ބެހޭ އާ ފަލަ ޞުރުޚީތައް ހަދަމުން ދިޔަކަމެވެ. އަޔާޒް ހިނގާފައި ދަނިކޮށް އޭރު ފުޓުބޯޅަ ކުޅެން ހުރި ރިފާއު އައިސް މަލާކް ދޮންތީއޭ ކިޔައި ގޮވަމުންއައެވެ. އަޔާޒް މަޑުކޮށްލުމުން ރިފާއު ދެރަވެފައިހުރެ މަލާކް ދޮންތިއަށް ކިހިނެއްވީތޯ އަހާލިއެވެ.
“މަލާކް ދޮންތިގެ ގެ އެނގޭތަ ކޮއްކޮއަށް؟” އަޔާޒަށް އެހެން އަހާލެވުނީ މަލާކްގެ ނަން ހިތާހިތުން ތަކުރާރުކުރަމުން އެ ނަމަށް ތަޢުރީފުކުރަމުންނެވެ. ހަމަ އެ ހިނދު އޭނަ ވަންނަން އުޅުނު ގެއިން ނިކުތް ސާރިޔާގެ އަޑު އަޔާޒަށް އިވުނެވެ.
“މަލާކް….މަލާކަށް ކިހިނެއްވީ؟ އޭ….އޭ އަހުމަދު ކަލޭގެ ބައްޕަ ކައިރި ބުނެބަލަ ވަރަށް އަވަހަށް ދޯނި ނެރޭށޭ މަލާކް ހަސްފަތާލަށް ގެންދަން…މަލާކް..” މަލާކް އޮތް ޙާލު ފެނިފައި ސާރިޔާއަށް އެތާ އެހެން މީހަކު ހުރިކަން ފާހަގަވެސް ނުވިފަދައެވެ. ވަގުތުން ރޮއިގަންނަމުން ވާހަކަ ދެކެވުނީ އެހެންވެއެވެ.
“ދޯނި ނުނެރުނަސް މައްސަލައެއްނެތް ދައްތާ. އަޅުގަނޑު މިއީ ޑޮކްޓަރެއް. އަޅުގަނޑު ބަލައިދީފާނަން…..” އަޔާޒް އަދަބުވެރިކަމާއެކީ ބުނެލިއެވެ. އެ ވާހަކަ އިވުނު އެތާތިބި އަވަށްޓެރި މީހުންގެ ސިއްރު ވާހަކަތައް އިތުރުވެގެން ދިޔައެވެ. ސާރިޔާ ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން ހުރެފައި ބޯޖަހާލަމުން އަޔާޒަށް ތަންދެއްކިއެވެ.
އަޔާޒް ގޮސް ސާރިޔާ ދެއްކި ކޮޓަރިއަށްވަދެ މަލާކް އެތާހުރި އެނދުމަތީގައި ބޭއްވިއެވެ. އެއަށްފަހު އެނދުކައިރިއަށް ސާރިޔާ ގެނެސްދިން ގޮނޑީގައި އިށީންނަމުން ކޮންމެ ބަލި މީހަކަށް ވެސް ހަދާނެ ފަދައިން އަތުން ވިންދު ބަލައި މެރިފައިވި ދެލޯ ވަކިވަކިން ހުޅުވާލަމުން ބަލާލިއެވެ.
“ބަލިވެ އުޅޭ ދުވަސްކޮޅަކީތަ؟ ނޫނީ އަބަދުވެސް މިގޮތަށް މޫނަށް އަނދިރިވޭތަ؟” އަޔާޒް ސުވާލުކުރިއެވެ.
“ނޫން….މަލާކް އުޅުނީ ނުލާހިކު ރަނގަޅަށް މި ހުރިހާ ދުވަހު. މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާއިން އައި ފަހުން މިހެން މިވަނީ. ވަރަށް ނިދި އައިއްސަ އަބަދު ހުންނަނީ ވެސް. މިފަހަކަށް އައިސް ބޯއަނބުރައިގެން އުޅެންފެށީ.” ސާރިޔާ ކަންބޮޑުވުމާއެކީ ކިޔައިދިނެވެ.
“ހުމް….އެއްވެސް ބޭހެއް ކައިއުޅޭތަ؟” އަޔާޒް މަލާކަށް ބަލަން އިނދެ ސުވާލުކުރިއެވެ.
“ލައްބަ….އެބަ ގެންނަން މަލާކް ކައިއުޅޭ ބޭސްތައް.” ސާރިޔާ އެހެން ބުނެ ކޮޓަރިން ނިކުންނަން ދިޔައެވެ. އެ ހިނދު އަޔާޒަށް މަލާކްގެ މޫނަށް ބަލަން ހުރެފައި ފަޔަށް ނަޒަރު ހިންގާލެވުނީ މަލާކަށް ނުހިނގޭކަން ހަނދާންވުމުންނެވެ. އެ ފައިގައި ވަކި އައިބެއް ނެތެއްކަމަކު ދެ ފައިވެސް އެއްފަރާތަކަށް ވެއްޓިފައި ހުރީ ވާގިއެއް ނެތް ފަދައަކުންނެވެ. އަޔާޒް އެ ފަޔަށްވެގެން އުޅޭ ގޮތެއް ބަލަން ބޭނުންވި މިންވަރުން ފަޔާއި ދިމާލަށް އަތްދިއްކޮށްލިއެވެ. އެހެނަސް ހަމަ އެވަގުތު ސާރިޔާ ކޮޓަރިއަށް ވަދެގެން އައުމުން އަޔާޒަށް އޭނަގެ އަތް ދުރުކޮށްލެވުނެވެ.
“މިހިރީ….މިއީ އިންޑިޔާގެ ޑޮކްޓަރަކަށް ދައްކައިގެން ދިން ބޭސްތައް. މަލާކަށް ނުހިނގޭތީ ޑޮކްޓަރަށް ދެއްކީމަ ދިން ބޭސްތައް މިއީ. ބައްލަވާ!” ސާރިޔާ އެހެން ބުނެ ބޭސް އަޅާފައި ހުރި ޕްލާސްޓިކް ތަށިގަނޑެއް އަޔާޒަށް ދިއްކޮށްލިއެވެ. އަޔާޒް އޭތި ހޯދައި ބޭސްތަކަށް ބަލަން ފެށިއެވެ. އެއީ ކީއްވެގެން ދީފައި ހުންނާނެ ބޭސްތަކެއްކަން އޭނައަށް ވަގުތުން އެނގުންވިއެވެ. އެހެނަސް އެ ބޭސްތައް ދީފައި އެހެރީ މާ ގިނައިންކަން ވެސް އޭނައަށް އެނގުންވިއެވެ. އެ ބޭސްތަކަށް ބަލަންހުރެ މި ކުއްޖާއަށް ނުހިނގޭކަން ސިކުނޑިއަށް ނަގައިގަނެވުނު ހިނދު އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނަ އިންޑިޔާގައި މަޑުކުރި ރެއެވެ. އެރޭ އޭނަގެ ޝައުޤުވެރިކަން ހޯދި އެމްއާރްއައި ރިޕޯޓެވެ. ހަމަ އެއާއެކު އެ ސްކޭންގެ މަތީގައި އޮތް ނަން ވެސް އޭނަގެ ލޯކުރިމަތިން ސާފުކޮށް ސިފަވެގެން ދިޔަ ހިނދު އޭނައަށް މަލާކަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ.
“މި ކުއްޖާގެ އެމްއާރްއައި ރިޕޯޓެއް އޮތިއްޔާ ގެނެސްދެވިދާނެތޯ؟” އަޔާޒަށް ކުއްލި ގޮތަކަށް އެހެން އަހާލެވުނީ އަވަސްއަވަހަށެވެ. އެ ރިޕޯޓް ބަދަލުކުރަން އުޅުނު ބައެއްގެ މަތިން ހަނދާންވުމާއި އެކީގައިވެސްމެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.







Assalaam’alaikum. In Sha Allah mi bayaa gulhey post thah maadhamaa genesdheynan. varah varubalives vaane kanneynge mihaa dhigu baeh kiyaafa 😛 hehe…next part sunday ga In Sha Allah <3 🙂
Me first dhw..kiyaafa comment eh kohlaanan In Sha Allah
^_^
This story is really intresting… Janaa ge vaahakathah kiyaafa foohi nuwaane.. Ehn nubunaathi ingey… <3 kon dhuwakun dhen oiybi kiyaalan libeynee
hehe…foohi vaane ey jana nubunamey Shaai…jana buny varubalivedhaane noonhey 😀 next part sunday ga In Sha Allah. Alhamdhulillah! (All praise and thanks belong to Allah) 🙂
Mashaa allaah . Vaahaka varah furihama. Varahves reethi mivaahaka.
Alhamdhulillah! 🙂 <3
Alhey.. haadha reehchey… sunday adhi kobaatha janaa
dhurudhurun balaaleema ves nufeney dho Aishooo? search party eh fonuvan kamah mi visnany. hehe….kudakoh kehkolla Aishooo. adhi dhuvaskolhakun jana up kuraa goiy avas kohdhyenan In Sha Allah. Alhamdhulillah! <3
Masha allah♥️
🙂 <3
Masha Allah…. vvv reethi mi part vess but malakge bai varah madhu sooo please next part avaha genes dheeba. umm surprise parteh gothuga! pleas pleas pleas
kiriyaa ehnu malaak ge bai himenuny dho? e noon nama kiyaa bunyhee malaak ge bai nethyma next part avahah genesdheysho 😛 hehe..surprise part eh genesdheveykah neh ingey kiyaa. English vaahaka nimunu dhuvahakun thikahala kameh kureveynee ves In Sha Allah. edhuvahakah inthizaaru kolla kiyaa 😀
Mi bur7 first nulibunu dhw ekam ves story is very habbu
ey massala eh nooney IsHa 😀 Alhamdhulillah! <3
Masha allah varah nice mi part ves… keep going.. the story is very interesting… yayyyy ayaaz ah malaak engunee.. yayy yayyy ❤❤
Ayaaz ah engijjetha Saaji? jana ah adhives shakku. balamaa dho In Sha Allah 😀 Alhamdhulillah! 🙂
Mi part ge dhigumin hama baraabaru. Varah kiyaahithun kiyaalevunee. Varah reethi mi part ves.
baraabaru viyya thi nimuny Aroo 😀 Alhamdhulillah! 🙂
Varah reethi..
Maa sha Allah…Vaahaka dhigu veema maa happy vey n kiyaa vx hiyy vey..Ayaaz ah ingey gotheh hadhaa Bala
hehe…dhigu koh liyunyma jana ves happy vey Alhamdhulillah! Balamaa Ayaaz ah engeytho next wednesday ga In Sha Allah 🙂 <3
Maasha allah
Hama varah furihama
Alhamdhulillah malaak aa ayaaz aa dhimaavejje
dhn in sha allah malaak ragalhu vaane
hehe…Unique. ufaavejje dho edhemeehun dhimaaveema? 🙂 kudakuda thankolheh jana faahaga kollan beynun. ey vaahakaiga dhimaavaane kamakah In Sha Allah kiyunyma ehaa nugulhey kanneynge dho unique? ey khiyaaly vaahakaiga vaa kanthakuge mahchah baaru onnany liyuntheriyaa ah. ehenveema evves kiyuntheriaku vaahakaige kamakaa gulhigen In Sha Allah nukiyun jana edhen 🙂
Alhamdhulillah! Unique ge continuous support ah takai Jazaakillah Khairan 😀 <3
Hmm ??? miaharu miulenee malaak kari hageegai bunan ???? malaak ahh dheraye nudeveyne she is mine??????????
Ayaz ge mi comment aa medhu Mauva bunaany keekey ba? ^_^ plus Ayaz mivaguthu Malaak thi balany bali meeheh gothugaehnu? balaa komme bali meeheh ‘she is mine’ vaan vejjeyya ey haadha bodu massala e key dho? mi kan kamaa medhu visnaalahchey Ayaz 😐
Masha allah. Vrh salhi ingey mi part vx. Hama Ayaaz dhw e a ee. Varu bayyei nuveyey sis. Kithanme dhigu koh liyunas. When next?? Konme dhuvahaku vx vrh curious kohfa thininmaalee. Ok dhn. Alhe suprise part eh nei thr?? Waiting 4 next…
surprise part eh dheveykah nethey Shifna sis. English vaahaka nimunu dhuvahakun In Sha Allah thikan kureveynee. varubali nuvanya hama baraabaru. 😀 Next part In Sha Allah sunday ga 🙂
Mi part ves hama habeys. Masha allah. Varah furihama. And finally ayaaz ah malaak fenunee dhoo. yes. And waiting for next Part.
Dho? Ayaaz ah hama fenijje Malaak. dhen Malaak ah fenun dho othy? 😀 In Sha Allah next part sunday ga 🙂
Thankolheh las up vaaleh.anehbai handhaan nethifa hunnanee up vaairu ?
thivaahaka thankolhe qabool kuran dhathi jana ah, kiddy 🙂 shauquverikan huriyya handhaanves hunnaanehen bodah heevany 😀 In Sha Allah adhi dhuvaskolhakun jana up kuraa goiy avas kohdheynan 🙂
Wow so curious..Mi part vx v v rythi ma sha allah..Oh thats hama ayaaz dhw???????…Hey i am desperately waiting fr the next..I guess ayaaz malaak rangalhu kohdheyne kan..N jazakillah khairan fr bringing a story with many more advices..Praises n thankses belongs to allah..Al’hmadhulliah…N mi bai v kiyaa hithun kiyaa nihmaalevuny..I ah rangalhy part dhiguvi vareh..ehehe..ly sis???????????
Aan ekey ey hama Ayaz Jiji bunigothah. ehaavarah kuree baiga ves Ayaz sifakohdheefa hutta jiji shakkukuree keevve? hehe…dhen balamaa Ayaaz hadhaa gotheh next sunday ga In SHa Allah. Baarakallah Feeki! <3 Love you too sis <3
Masha Allah . Vvv salhi . Jana ge hurihaavaahakathH vess kiyaa kiyaa foohi nuvey. Haadha interesting ey.
Alhamdhulillah! 😀 <3
Maasha Allah v reethi?❤..
Btw Varubayyeh nuve ingey ehn hithaa kuru nukurahchey plxx?..
Sunday ah vure avas kolladhyba if possible plxxxx
hehe…sis ey jana samaasaa akah buni vaahaka ekey 😀 abadhuves vaavarakun dhigu koh genesdheveytho balan In Sha Allah. next part genesdheven othy hama sunday ga Shahoo. Schedule kudakoh tight koh othy mi weekend ga ves. In Sha Allah adhi kuriah oiythaa rangalhu vegen dhaane 🙂 <3
Masha allah mi part vess hama v reethi.. when next . Curiously waiting
Alhamdhulillah! 🙂 Next part sunday ga In Sha Allah 😀
Alhamdhulillah ❤️ I love ur blog posts. Mi vaahaka aa gulhey hurihaa blog post tha janage blog in fennane dhw?? Btw hadhiyaa ah vuren mi vaahaka rythi hen hyvany hehehe
Hurihaa blog post eh adhieh nufennaane. ekamaku In Sha Allah mirey 8 vaairah jana blog update kollaanan hurihaa post eh tharutheebun fennaanehen. hehe…abadhuves eh vaahaka ahvure aneh vaahaka reethi kureveytho jana masakkaiy kuran. adhives jana rangalhukuran beynunvaa kanthah thah eba huri. In Sha Allah madumadun rangalhukuramun dhaany kuriah oiy thaanga ves 🙂 <3 Jazaakillah Khairan for your continuous support <3 <3 <3
Blog post:
To all the young people who are dreading themselves just because they did not get to go to a fancy university from abroad, take it from those who have been there. In the real world and even in workforce, what matters more is your work ethic rather than where you have graduated from. What matters more are your genuine concerns for your community. What matters more is your willingness to serve those around you as best as you can.
Not saying that you don’t have to take opportunities to study abroad if you have the means (besides interest-based loans that keep you in debt for the most part of your future life). But also saying that if you don’t have the means to go to an elite university, make the most of the opportunities that you do have instead of sulking at what you did not get. Knowledge and wisdom comes to those who seek it. And know that whatever opportunities that Allah gave you, are the best opportunities that you could possibly have! Its only a matter of time it would take for you to realize it In Sha Allah.
“Your degree is just a piece of paper, your education is seen in your behaviour”
*******************************
ބޭރު ޤައުމެއްގެ މަތީ ޔުނިވާރސިޓީއަކުން ތަޢުލީމު ޙާޞިލުކުރަން ފުރުޞަތު ނުލިބުމުން އެކަމާ ހިތާމަކުރުމުގައި ޙަޔާތް ވޭތުކުރަމުންދާ ޒުވާނުންނަށް ބުނެލަން ބޭނުމެވެ. އެފަދަ ޔުނިވާރސިޓީތަކަށް ގޮސް ކިޔަވައިގެން އައިސް ތިބި މީހުން ކައިރިން ނަޞޭޙަތް ހޯދާށެވެ. ޙަޤީޤީ ދުނިޔޭގައި އަދި މަސައްކަތުގެ މާޙައުލުގައި މުހިއްމުވަނީ ވަކި ތިބާ ދަސްވެނިވީ ތަނެއް ނޫނެވެ. އެހެނެއްކަމަކު މުހިއްމުވަނީ މަސައްކަތަށްޓަކައި ތިބާ ބަހައްޓާ ޙުރުމަތްތެރިކަމެވެ. ތިބާގެ މުޖުތަމަޢަށްޓަކައި ތިބާ ވިސްނާ ވިސްނުންތަކެވެ. ތިބާގެ ވަށައިގެންވި މީހުންނަށް ޚިދުމަތްކުރުމަށް ތިބާގެ ކިބައިގައި ހުރި އެދުމެވެ.
ބޭރު ޤައުމެއްގެ ޔުނިވާރސިޓީއަކުން ކިޔަވަން ފުރުޞަތު ލިބިއްޖެނަމަ އެ ފުރުޞަތުގައި ނުހިފާށޭ ނުބުނަމެވެ. (ތިބާގެ މުޅި ޙަޔާތް ދަރަނިވެރިކަމުގެ ތެރެއަށް ގަންބާލާނެ ފަދަ ރިބާގެ ލޯނަކުން ލިބޭ ފުރުޞަތެއް ފިޔަވައެވެ.) އެހެނަސް ތިބާއަށް އެ ފަދަ ފުރުޞަތެއް ނުލިބިއްޖެނަމަ ނުލިބުނު އެއްޗަކާމެދު ވިސްނުމުގެ ބަދަލުގައި ތިބާއަށް ލިބިފައިވި ފުރުޞަތުތަކުގެ ބޭނުން ހިފާށެވެ. އިތުރަށް ކިޔަވަން ލިބިފައިވި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. ޢިލްމާއި ޙިލްމަކީ އެކަންތައް ހޯދަން މަސައްކަތް ކުރާ މީހުންނަށް ލިބޭ ނިޢުމަތްތަކެވެ. އަދި ﷲ ތިބާއަށް ދެއްވަވާފައިވާ ފުރުޞަތުތަކަކީ ތިބާއަށްޓަކައި އެންމެ ރަނގަޅު ފުރުޞަތުތަކެވެ. އެކަން ތިބާއަށް ފަހުމްވާން ނަގާނީ ނިސްބަތުން މަދު ދުވަސްކޮޅެކެވެ. (އިން ޝާ ﷲ)
“ތިބާގެ ޑިގްރީ އަކީ ހަމައެކަނި ގަނޑުކޮޅެކެވެ. ތިބާގެ ތަޢުލީމް ފެނިގެން ދަނީ ތިބާގެ އުޅުމުންނެވެ.”
So true ❤
Mihaahakaige hurihaa part eh adhi kiyaaleveneemi. Varah reethi mibaibes ☺️☺️☺️