Skip to content
އެސްފިޔަ

ހުވަފެނަކީ ބިލާހެއް – 5

ބައްޕަ އެހެން ބުނެލުމާއި އެކީ ޖައިލާގެ މޫނު އުޖާލާވެގެން ދިޔައެވެ. ވިލްދާން ބޯ ހޫރަމުން މިސްރާބުޖެހީ އަނބުރާ އައި ކޮޅަށެވެ. ކުރާނެ ކަންތައް މަދުވެގެނެއް އޭނާ ނޫޅެއެވެ. ނިންމަން އޮތް ކިލާސް މަސައްކަތާއި އޮފީހުގެ ކަންތައް ވެސް ހުރީއެވެ.

“ވިލްދާން.. ދަރިފުޅާ.. މަޑުކޮށްބަލަ.”

ބައްޕަގެ އަޑަށް ފުރަގަސްދިނުމަކީ ވިލްދާންއަށް ކުރަން ކެރޭ ވަރުގެ ކަމެއް ނޫނެވެ. އެހެން އުޅޭނީ ހަގަށް ހުރި ގައިޝާންއެވެ. ވިލްދާންއަކީ ނަމޫނާ ދައްކަން ހުރި މީހާއެވެ. ވިސްނެންޖެހޭ މީހާއެވެ.

“އާނ..”

ފަހަތަށް އެނބުރިލުމަށްފަހު ވިލްދާން ހަށަންބަނެލީ އޭނާ ނުރުހޭ ކަން ދައްކާށެވެ. ނަމަވެސް ބައްޕައަށް އެކަން ފާހަގަ ވާނެ ހެއްޔެވެ؟ މިއިން ދުވަހަކުވެސް ގައިމު ނުވެއެވެ.

“ތަމަންނާއާއި ދަރިފުޅު ވެސް ދާންވީނު ވެޑިން ޝޮޕިންއަށް މާދަމާ އެހީވާން ކޮއްކޮއަށް..”

އަތުގައި އޮތް ފެންތަށި ބޮމުން ބައްޕަ ވިލްދާންއަށް ހެޔޮ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ވިލްދާން ހަމަޖެހިލިއެވެ. ގައިޝާން ދެކޮޅު ހަދާނެކަމަށް އޭނާގެ ސިކުނޑި ޔަޤީންކަން ދިނެވެ. އެކަކުން ދިހަޔަކަށް ގުނަން ފެއްޓުނީވެސް ގައިޝާން  އިސާހިތަކު ރުޅިއަންނާނެކަން އިނގޭތީއެވެ.

“ޝުކުރިއްޔާ، ޑޭޑް. ރަނގަޅު ހިޔާލެއް ތިދިނީ.. އޭރުން ޖައި އަށް ވެސް ފަސޭހަވާނެ ޓެމްސް އެހީ ވެދެންޏާ.. ކޮޒް ޖައިގެ ގިނަ ފްރެންޑްސްވީ ލަންޑަންގަ.. އެމީހުން އަންނާނީ އަދި ތިން ދުވަސް ފަހުން..”

ގައިޝާންގެ މޫނަށް ވެރިވިފައިވި ހިނިތުންވުމުގެ ދެމާނައެއް އެކުލެވިގެންވާހެން ވިލްދާންއަށް އިހުސާސްކުރެވުނެއެވެ. ބޭނުންވި ގޮތާއި ދިމާ އިދިކޮޅަށް ކަންތައްތައް ވަމުން ދާތީ ވިލްދާންގެ ނިއްކުރިއަށް ޖެހެމުން އައި ރޫތައް ގިނަވިއެވެ. ތަމަންނާއާއި ދިމާލަށް އެއްލާލި ކަޅިއަކުން ބަލާލެވުނު އިރު އޭނާ ހުރީ އިނގިލިން ނިއްކުރި މޮޑޭށެވެ. ބޯ ހޫރުވަމުން ވިލްދާން އަނެއްކާވެސް ކޮޓަރިއަށް މިސްރާބުޖެހީ ގައިޝާންއާއި ދިމާލަށް ބޯޖަހާލާފައެވެ.

މެންދަމު އެކެއް ޖަހައި ބޮޑުވި އިރުވެސް ހަތަރުވަނަ ބުރީގައި ހުރި ކޮޓަރިން ޖައިލާގެ އާހުގެ އަޑު ނުކެނޑެއެވެ. އައި ރުޅިން ފިހިގަނޑުން ތަޅުންގަނޑުގައި ތަޅައިގަންނާނަމޭ ވެސް ވިލްދާންގެ ހިތަށް އަރަމުން ދިޔައެވެ. ޖައިލާ މިގޭގައި ބެހެއްޓުމުގެ ބޭނުން އޭނާއަށް މިހާރު ރަނގަޅަށް ވެސް ވިސްނިއްޖެއެވެ.  ނޫނޭވާ ގައިޝާންއަކީ ގައިގައި ވަރު ހުރި މީހެކެވެ. އެހެން ނޫނީ ދިހައެއް ޖެހިއިރު ފެއްޓި ކުޅިގަނޑު މިހާރު ނިމޭހާ އިރު ވެއްޖެއެއް ނޫން ހެއްޔެވެ؟ އެންމެ ހައިރާންވި ކަމަކީ މިއިން ކަމެއް ހުއްޓުވަން ބައްޕަ އެއްވެސް މަސައްކަތެއް ނުކުރާ ކަމެވެ. ހުއްޓުވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ގައިޝާން ވިއްޔާއެވެ.

ފަސް ބުރިއަށް ނަގާފައި ހުރި އިމާރާތުގެ ހަތަރުވަނަ ބުރިއާއި ފަސްވަނަ ބުރީގައި އުޅެނީ ވިލްދާންގެ އާއިލާއެވެ. ބައެއް ފަހަރު ބައްޕަގެ ހާއްސަ ރަހުމަތްތެރިން ވެސް ފަސްވަނަ ބުރީގެ ހުސް ކޮޓަރިތަކުގެ ފަޅު ފިލުވައި ދެއެވެ. އިމާރާތަކީ ޝާހީ އިމާރާތެއް ކަމުގައިވިޔަސް ބާ އިމާރާތެކެވެ. އެހެން ނޫނިއްޔާ ތިރީގައި ޖައިލާ އާއި ގައިޝާން މަޖާ ނަގަމުންދާ އަޑު އިވެންވި ސަބަބައެއް ނެތެވެ.

ނިއްކުރިމައްޗަށް އަތް ލައިގެން އޮއްވާ ފޯނުގެ ސްކްރީން ދިއްލުނެއެވެ. ރޭގަނޑު ފޯނަށް ނުބެލިޔަސް ނިދި ލޮލަށް ދުރުވަންވި އެތަކެއް ސަބަބެއް ވިލްދާންގެ އެބަ ހުއްޓެވެ. ވީމާ ފޯނު ކައިރީގައި ބާއްވައިގެން ދެލޯ ހަލާކު ކުރުން އެއީ އޭނާ ކުރާ ކަމެއް ނޫނެވެ. އެހެން ކަމުން ފޯނު ބަލައިލަން ދާން ޖެހުނީ ރީތިވާ މޭޒުކައިރިއަށެވެ.

ހުސް ގަޔާ ނޫކުލައިގެ ބޮކްސަރެއް ލައިގެން ހުރި ވިލްދާން ފޯނު ހުޅުވާލިއިރު ތަމަންނާގެ މެސެޖެއް ފެނުނެއެވެ. ގައިން ހީބިހި ނަގައިންގޮސް ހިތްވެސް ތެޅެން ފައްޓައިފިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މެސެޖު ހުޅުވާ ކިޔާލިއެވެ.

“ދާން.. ނިދީތަ؟”

ޖަވާބުގައި ވަރަށް އާދައިގެ ގޮތަކަށް ނޫނެކޭ ވިލްދާން ފޮނުވާލިއެވެ. މިނިޓެއް ވެސް ނުވަނީސް ތަމަންނާގެ ޖަވާބުއައެވެ.

“ކޮފީއެއް ހިފައިގެން ޓެރަހަށް އަރަންވީނު…”

މިގަޑީގައި ބޭރަށް ނިކުމެ އުޅެނިކޮށް ބައްޕައަށް ފެނިއްޖިއްޔާ ވިލްދާންގެ އަގު ވެއްޓޭނެއެވެ. ނަމޫނާ ދަރީގެ މަގާމު ގެއްލޭނެއެވެ. ދެހިޔާލެއްގައި ހުއްޓާ އަނެއްކާވެސް ފޯނު ވައިބްރޭޓުވިއެވެ.

” ނުކެރެނީތަ؟ ހާދަ ކަމެއް ނެތޭ..”

މެސެޖު ކިޔާލުމުން ވެސް ތަމަންނާގެ މަލާމާތުގެ ހިނިގަނޑު ސިފަވެ ލޭ ކެކިގަންފިއެވެ. ދެން ޖެހޭނީ ކޮންމެހެންނަކުން ވެސް ޓެރެހަށް ދާށެވެ.

ކަޅު ކުލައިގެ ގަޔަށް ފުދޭ ވަރަކަށް ބާރު ޓީޝާޓެއް ލަމުން ވިލްދާން މިސްރާބު ޖެހީ ބަދިގެއަށެވެ. ކޮފީ ތައްޓެއް ހަދައިލައިގެން އޭނާ ސިޑިން މައްޗަށް އެރިއިރު ތަމަންނާ ހުރީ ޓެރެހުގައި ބަހައްޓާފައި ހުރި އުނދޯލީގައި އިށީދެލައިގެން ކޮފީ ބޯށެވެ.

ވިލްދާން ފެނުމާއި އެކު ތަމަންނާ ފުން ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. ވިލްދާން ލަސް ހިނގުމެއްގައި ގޮސް އުނދޯލީގައި އިށީނި އިރުވެސް ތަމަންނާގެ މޫނުން އޭނާގެ ލޮލެއް ނުނެއްޓެވެ. ކުރިމަތިން ފެންނަމުން ދާ އަންހެއްކުއްޖާ އަށް ތަޢުރީފުނުކޮށެއް ވިލްދާނަކަށް ވެސް ނީދެވުނެއެވެ.

“ވާއު..”

ބޭއިހްތިޔާރުގައި ވިލްދާން ބުނެލި ލަފުޒު ތަމަންނާއަށް އިވޭ ކަމަށް ނެހެދިއެވެ. އެއަށްވުރެ އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދަށެވެ. މިރެއަކީ އުޑިމަތީގައި ވިލާ ގިނަ ރެއެކެވެ. ނަމަވެސް ވިލާތަކުގެ ބޯ ފާރުން ފޫ އަޅުވާލާފައިވެސް ހަނދު އޭގެ ވާޖިބު އަދާ ކުރަމުން ދިޔައީ ވީހާވެސް ފުރިހަމައަށެވެ.

“ދާން…އަހަރެން ވާހަކައެއް އަހާލަން؟”

ތަމަންނާގެ އަޑު މިރޭ ކުރިއަށް ވުރެ ކުރެހިފައި ބަރުހެން ހީވިއެވެ.

“ހޫ.. އަހާބަލަ..”

ވިލްދާން ކޮފީ ތަށީގައި ތުންޖަހާފައި ބޯލިތަނާ އޭނާގެ ތަލި ފިހުނެވެ. ކިތަންމެ ތަދުވިޔަސް އޭނާ ތަމަންނާގެ ކުރިމަތީގައި އެކަން ދައްކަން ބޭނުމެއް ނުވިއެވެ. ތަމަންނާގެ ދިގު އިސްތަށިގަނޑު ނަގާ ބޮލުމެދަށް ހުޅިއެއް ޖަހާފައި ވުމުން އޭނާގެ ކަނދުރާ ހާމައަށް ފެނެއެވެ. ހުރިހާ ސަމާލުކަމެއް ތަމަންނާއަށް ދެވުމުގެ ނަތީޖާއަކީ އަނގައިގައި ކޮފީއަށް ވުރެ ބޮޑަށް ލޭ ރަހަ ލުމެވެ.

“އަހަރެންނާ ރައްޓެހިވާން ވީނު؟”

ތަމަންނާ އެހި ސުވާލެއްގެ ސަބަބުން ވިލްދާން ކަޅި ޖަހާނުލާ އޭނާއާއި ދިމާލަށް ބަލަން އިނދެވުނެއެވެ. ތަމަންނާގެ ހިނިގަނޑުގެ އަޑު އިވޭނެ އިންތިޒާރަކަށެވެ. ގައިމުވެސް މިއީ އޭނާ ކޮށްލި ސަމާސާއެކެވެ.

“ކިހިނެތްވީ؟ ހިނގާބަލަ… އަހަރެން ދެކެ ލޯބި ނުވެވޭނެތަ؟”

ތަމަންނާ ވިލްދާންގެ އަތުގައި ހިފާލިއެވެ. އޭނާގެ ގައިގައި ހީބިހި ނަގައިން ދިޔައެވެ. ތަމަންނާގެ ލޮލުގައި ވި ކަރުނަ ހަނދުވަރުގެ އަލިން ވިދާލިއެވެ. އޭނާގެ އަތުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ތަމަންނާ މިކުރަނީ ސަމާސާއެއް ނޫން ހެއްޔެވެ؟

“ސަމާސާ ނުކުރޭ.. މަޖަލެއް ނޫން..”

ވިލްދާންއަށް ރުޅިއާދެވުނީ ކީއްވެގެން ކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. ނަމަވެސް ދެން އޭނާ ތަމަންނާ ފެންނަ ހިސާބުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ތަމަންނާގެ މޫނުމަތިން ފެންނަމުން ދިޔަ ވޭން އޭނާހެ ހިތުގައި ކުރެހުނެއެވެ. އޭނާ އެ ބޭނުންވަނީ ވިލްދާން ހެއްޔެވެ؟ ތަމަންނާގެ ލޮލުގައި ވާ ކަރުނަ އެއީ ވިލްދާންއަށް ޓަކައި ހެއްޔެވެ؟ ނޫނީ މީވެސް އޭނާ ކުޅޭ ތަމްސީލެއް ހެއްޔެވެ؟ ތަމްސީލު ކުޅެ ހަޤީޤަތް ފޮރުވަން އުޅޭ މީހުން ދެކެ ވިލްދާން ހިތުގެ އަޑިން ނަފުރަތުކުރެއެވެ. ތަމަންނާއަށް ވެސް ނުކުރެވޭނެ ސަބަބެއް ނެތެވެ.

ކޮފީތަށި ހިފައިގެން ވިލްދާން ތެދުވި ލެތް ބާރުކަމުން ކޮފީ ބިންމައްޗަށް ބުރައިގެން ދިޔައެވެ. ސިއްސައިގެން ގޮސް ތަމަންނާއަށް ވެސް ތެދުވެވުނެއެވެ.

“ދާން…. އެއީ..”

ތަމަންނާގެ އަޑު މެދުކެނޑުނީ ވިލްދާން އެނބުރިފައި ކޮފީތަށި ބިމަށް ޖެހުމުންނެވެ.

“އަހަންނަށް އިނގޭ ތަމަންނާއަށް ވެގެން ތިއުޅެނީ ކީއްކަން.. ތިއުޅެނީ ގައިޝާން މެރީ ކުރާތީ އޭނަ ޖޭ ކުރަން ވެގެނެއްނު.. އަހަންނަށް އިނގޭ ގައިޝާން ތަމަންނާއަށް ބަލާ ގޮތް.. އިޓްސް ސޯ އޮބްވިއަސް.. ކޮންމެހެން އަހަންނަށް ރައްޓެހިވާންށޭ ކިޔާފައި މޮޔަ ހައްދާނެ ކަމެއް ނެތް.. ލޯތްބަކީ ކުޅޭ ކުޅިވަރެއް ނޫން..  އޭނާ ޖޭ ކުރަން ބޭނުމިއްޔާ މަގުމަތިން ފެންނަ ކޮންމެވެސް ފިރިހެނެއްގެ ގައިމައްޗަ..”

ވިލްދާންއަށް ބުނެވުނީ އެހާ ވަރަށެވެ. އޭނާގެ މޫނުމައްޗަށް އަތް ދޮވެލި ތަމަންނާގެ ގައިގައި އެހާ ބާރު ހުންނާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އަނގައިގައި ހުރި ލޭ ރަހަ ދެގުނަ ވީހެން ހީވިއެވެ. ކުރިމަތީގައި ހުރި ތަމަންނާއަށް ނުބެލިކަމުގައި ވިޔަސް އޭނާ ރޮނީކަން އިނގިއްޖެއެވެ.

“ދާން.. ސޮރީ.”

އެހެން ބުނެލުމާއިއެކު ތަމަންނާ ވައިސޫރިއެއްހެން ސިޑިން ފައިބައިގެން ދިޔައެވެ. ވިލްދާންއަށް ޖެހި ބުދެއްހެން ހުރެވުނީ އޭނާގެ ކޯތާފަތްމަތީ ފިރުމާށެވެ. އިރުކޮޅަކަށް އެހެން ހުރުމަށްފަހު ބިންމައްޗަށް ވެއްޓިފައި އޮތް ފިޔާތޮށި ކުލައިގެ މަހުމާ ރަބަރު އަތަށް މަހާލަމުން އޭނާ މިސްރާބުޖެހީ ކޮޓަރިއަށެވެ. އޭރު މުޅި ގޭ އޮތީ ހިމޭންވެފައެވެ. ހަމައެކަނި އިވޭ އަޑަކީ އޭނާގެ ބާރުބާރަށް ތެޅެމުން ދިޔަ ހިތެވެ.

އަރައިގެން އައި އިރާއިއެކު ވިލްދާން އެނދުގައި އޮތީ ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. ރޭގައި ލޮލުފިޔައެއް ނުޖެހުނުތާ އޭނާގެ ސިކުނޑިއަށް އުދަނގޫ ކުރަމުން ދިޔައީ ތަމަންނާގެ ސޫރައެވެ. އިސްތަށިގަނޑު އަތުން ހާވާލަމުން ފާހަނައަށް ވަދެލާ ފެންވަރާލިއެވެ.

ބާލުހާނާއަށް ނިކުމެ ތަމަންނާ ފެނޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް އޭނާ ފެންނާކަށް ނެތެވެ. އަޅި ކުލައިގެ ގަމީހެއް ލައިގެން ވިލްދާން ނިކުމެ މުޅި ގޭ ވަށައިގެން ހޯދަން ފެށިއެވެ. ތިރީގައި ގައިޝާންއާއި ޖައިލާ އެކަކު އަނެކަކަށް އާފަލާއި އޮރެންޖާ ލަވަނީއެވެ. ބައްޕަވެސް ފެންނަން ނެތެމުން ހޮސްޕިޓަލަށް ދިޔައީ ކަމަށް ނިންމާ ވިލްދާން މިސްރާބުޖެހީ ސައިބޯން ދިޔުމަށެވެ.

“ޝްޝްޝް…”

ވިލްދާންގެ ތޫނު ކަންފަތް ބައްޕަގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހުނެއެވެ. ސިޑިން އަވަހަށް މައްޗަށް އަރަމުން ބައްޕަގެ ކޮޓަރި ކައިރީ މަޑުކޮށްލީ އިވުނު އަޑެއްގެ ސަބަބުންނެވެ. ވިލްދާންއަށް ގިނަ އިރުތަކެއް މަޑު ކުރާކަށް ނުޖެހުނެއެވެ. ބައްޕަގެ ކޮޓަރިން އެ ނިކުތީ ޝިފްރާ ނޫން ދެވަނަ މީހެއް ނޫނެވެ. ތުނި ނައިޓީއެއް ލައިގެން ދެކޮޅަށް ބޯ ހޫރުވަމުން އުޅުނު ގޮތުންވެސް ވިލްދާންއަށް ނުބައެއް އުޅޭކަމުގެ އިހުސާސްވިއެވެ. މިއީ އޭނާއަށް އަލަށް ފެނުނު މަންޒަރެއް ނޫނެވެ. ހޮޅި އުއްމީދެއްކަން ސާބިތުވިޔަސް އޭނާ ހީކުރީ މަންމައަށް ދިމާވި ހާދިސާގެ ފަހުން ބައްޕަގެ އުޅުމަށް ބަދަލެއް އަންނާނެކަމަށެވެ. ހީކުރެވުނީ ކުންހީއެކެވެ. ކޮންމެ މީހެއްގެ ވެސް ދެމޫނެއް އޮވެޔޭ ބުނެ އުޅެއެވެ. ވިލްދާންއަށް މިކަން ފެނި ތަޖުރިބާވެސް ކުރެވިއްޖެއެވެ.

ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާ ރުޅިގަނޑު މައިތިރިކޮށްލިއެވެ. ތިރިއަށް ފޭބިއިރު ގައިޝާންއާއި ޖައިލާއެއް ނެތެވެ. ސައިބޮއިގެން ކޮޓަރިއަށް ހިނގައިގަންނަން އަޅާލި ފިޔަވަޅު ގަނޑުވީ ކުރިމަތިން ހިނގާފައި ދިޔަ ތަމަންނާ ފެނިފައެވެ. އޭނާގެ އަތުގައި އޮތް އަތް ދަބަސް އޮތީ ފުފިފައެވެ. ދެލޯ ދުޅަވެފައި ހުރިއިރު ލޯކައިރީގައި ވަނީ ކަޅު ހިޔަނިތަކެވެ.

އެއްކައިރިއަށް ޖެހިލަމުން ތަމަންނާއަށް ދާނެތަން އޭނާ ދެއްކިއެވެ. ތަމަންނާ ދިޔައީ އޭނާގެ މޫނަށް ވެސް ބަލާނުލައެވެ. ތަމަންނާއާއި ޝިފްރާއަކީ އެއް ވައްތަރެއްގެ އަންހެނުންނެވެ. ފިރިހެނުންގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގާ ފައިސާއަށް ދަހިވެތިވެފައި ތިބި ބައެކެވެ.

ނިއްކުރީގައި ފިރުމަމުން ވިލްދާން ތަމަންނާގެ ފަހަތުން ހިނގައިގަތެވެ. ތަމަންނާއަށް ނޭނގޭހާ ސިއްރުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. jiji

    Eyy me first dhw..v v rythi mi part vx..Dear whn next??

    1. Rainoppa
      jiji

      yes, you are first. Congrats <3
      Very soon, jiji. Always happy to read your comment 😀

  2. Nau

    Hey. Varah reethi mi Bai. Haadha lahey up vaaleh..
    Btw mi story nimendhn genahchey.. am very curious.

    1. Rainoppa
      Nau

      Hi, Nau. Thank you for reading. I will try to upload more often.
      Thank you very much for your comment 🙂

  3. IsHa IsHa

    Reeethi vv furihama sifa kihdhinun

  4. Aal

    Rainoppa…….I’m speechless.If you don’t mind can I ask you something?Just asking ingey.

    And when next part

    1. Rainoppa
      Aal

      Sure, ask
      Next part coming soon. I’ll upload this story more often now.
      Thank you for your compliment, Aal

  5. Hhhh

    Varah rythi

    1. Rainoppa
      Hhhh

      Thanks for your support. I look forward to reading your comments 🙂

  6. ?SAMMI?

    Kobaatha next part

  7. Nayaa

    Dear when will you up the next part??.. this story hama varah habbu ??????. … next part mi ah vure dhigu kohlahcheyy..

Comments are closed.