ކުށަކާ ނުލާ 17
އަޔާޒްގެ މޫނުގައި ހިފާލަމުން މައިހާ އަނެއްކާވެސް އަޔާޒްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. މައިހާގެ އިސްތަށިގަނޑު ތެރެއަށް އަތްތިލަ މަހާލަމުން އަޔާޒް އަދިވެސް ބޮޑަށް މައިހާއާ ކައިރި ވާން އުޅުނެވެ.
ލޯ މަރާލައިގެން، ކުރެވެމުން ދިޔަ އިހުސާސްތަކުގެ ތެރެއަށް ގެއްލިފައި އިން އަޔާޒްގެ ސިކުނޑިއަށް އެ ވަގުތު ނަދާގެ ސޫރަ ސިފަވީ ކިހިނެއް ކަމެއް ނޭނގެއެވެ. އެއާއެކު ހިއްސުތަކަށް ވެރިވެފައި ވި މަސްތުކަން ފިލާ ދިޔައެވެ.
“ޝިޓް!!!” ކުއްލިއަކަށް މައިހާ ދުރުގައި ބައިންދަމުން އަޔާޒް ދެ އަތުން މޫނު ފޮރުވާލިއެވެ.
“އަޔާ…” އަޔާޒްގެ ކޮނޑުގައި އަތް ޖައްސާލަމުން މައިހާ ގޮވާލިއެވެ.
“މައި، ޕްލީޒް… އިނަފް!” އިން ގޮތަށް އިނދެ މަޑުމަޑުން އަޔާޒް ބުނެލިއެވެ.
“ކީއްވެ؟” މައިހާ އެހިއެވެ.
“ދިސް އިޒް ނޮޓް ރައިޓް…” އަޔާޒް އަދިވެސް އިނީ މޫނު ފޮރުވައިގެންނެވެ.
“ނަދާ އާ މެދު ވިސްނާތީތަ ތިހެން ތި ބުނީ؟” އަޔާޒްގެ ހިތުގައި ވަނީ ކީކޭ ތޯ ބަލަން މައިހާ ބޭނުންވިއެވެ.
“އަހަރެން މީ ނަދާގެ ފިރިމީހާ” މޫނުން އަތް ނަގާ ކޮޓަރިއާ ދިމާއަށް އަޔާޒް ބަލާލިއެވެ.
“ރިއަލީ އަޔާ…؟” ގަބޫލު ނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް މައިހާ ބުނެލިއެވެ.
“މީހަކާ އިނދެގެން ހުރެ މިހެން އުޅޭ މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން” އަޔާޒް ބުންޏެވެ.
“އަޔާއާ ނަދާ ތީ ހަމަ އެކަނި ނަމެއްގަ ދެމަފިރިން، ދެ މީހުންގެ މެދުގަ ފިޒިކަލް ރިލޭޝަންއެއް ނެތް އިރު އަހަންނާ އަޔާގެ މެދުގަ ވާ ކަމަކާ އަޔާ ކީއްވެ ގިލްޓީ ވަނީ؟” މައިހާ އަހާލިއެވެ.
“މައި… ނަދާއާ އިނުމުގެ ކުރިން އަހަރެން މައިއާ އޮތް ގުޅުން ކަނޑާލީވެސް އެހެން އުޅެން ބޭނުން ނުވާތީ… މައި ބޭނުން ވާނެތަ އަހަރެން އެހެން މީހަކާ އެކީ އެހެން އުޅެން؟” އަޔާޒް މައިހާއާ ދިމާއަށް ބަލާލިއެވެ.
“އޯކޭ، ސޮރީ…” އެންމެ ފަހުން މައިހާ ބުނެލިއެވެ.
“މާފަށް އެދޭކަށް ނުޖެހޭ… މައިގެ އެކަނި ފޯލްޓެއް ނޫން…” އަޔާޒް ތެދުވަމުން މައިހާއަށް ބަލާލިއެވެ.
އަޔާޒް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުންވެސް މައިހާއަށް އެ ދިމާއަށް ބަލަން އިނދެވުނެވެ. އަޔާޒްއަށް ބަދަލެއް އައިސްފައި ވާ ކަން މައިހާއަށް ޔަގީން ވީ އެ ރެއެވެ. ދިރިއުޅުމާ މެދު މައިހާވެސް ވިސްނަން ވެއްޖެ ކަން އެރޭ މައިހާއަށް އިހުސާސް ކުރެވުނެވެ. ކުރިންވެސް އެ ދެމީހުންގެ ގުޅުމަކީ މަންޒިލެއް ނެތް ދަތުރެއް ފަދަ ގުޅުމެކެވެ. އޭރު މައިހާގެ އާއިލާއިން ކައިވެންޏަށް ރުހުން ނުދީގެންނެވެ. މިއަދު އަޔާޒްއަކީ އެހެން މީހެއްގެ ފިރިއެކެވެ. ވީ އިރު އެ ދެމީހުންނަށް ދެން ކައިވެންޏަކުން ގުޅެވިދާނެ ކަމީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ވީ އިރު ކުރެވިފައި އޮތް ކައިވެންޏެއް ދެމެހެއްޓޭތޯ މަސައްކަތް ކުރުން މާ ބުއްދިވެރި ނޫން ހެއްޔެވެ؟ އެހެން ދިރިއުޅުމަކާ މެދު މައިހާ ވިސްނުން މާ ރަނގަޅު ނޫން ހެއްޔެވެ؟
އަޔާޒް ދެކެ އަދިވެސް މައިހާ ލޯބިވެއެވެ. ނަމަވެސް އެހާ ޔަގީން ކަމާއެކު އަޔާޒްގެ ހިތް އޮތް ގޮތް ބުނާކަށް މިއަދަކު މައިހާއަށް ފަސޭހައެއް ނުވިއެވެ. ވިސްނަން އެތައް އިރަކު އޮތް ނަމަވެސް މައިހާއަކަށް ގޮތެއް ނުނިންމުނެވެ. ނިދުނީވެސް އެ ފަދަ އޮޅުންބޮޅުންގަނޑެއްގެ ތެރޭ އޮއްވައެވެ.
ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި، އެނދުގައި އޮތް ނަދާއާ ދިމާއަށް ބަލަން އަޔާޒްއަށް ހުރެވުނެވެ. އެރޭ، ނަދާ މަތިން ހަނދާން ވުމާއެކު އަޔާޒްއަށް މައިހާއާ ދުރު ވެވުނީ ކީއްވެ ހެއްޔެވެ؟ ނަދާގެ ޚިޔާލު އައުމާއެކު، ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ އަޔާޒްގެ ހިތް ބުންޏެވެ. ހިތާ ހަށިގަނޑު އެކީ ގޮވާލީ މައިހާއާ ދުރުވުމަށެވެ.
މަހަކަށް ވުރެ ގިނަ ދުވަހު މައިހާ އެގޭގައި ހުރި އިރު، އަޔާޒް މައިހާއާ ދުރުދުރުން އުޅުނީ، ނޭނގި ނަމަވެސް، ނަދާއާ މެދު ޚިޔާލު ކުރެވޭތީ ހެއްޔެވެ؟ ނަދާއާ އެކު މުޅި ހަޔާތް ވޭތު ކުރާކަށް އަދިވެސް އަޔާޒް ބޭނުމެއް ނޫނެވެ. ވީ އިރު ކުއްލިއަކަށް ނަދާއާ މެދު ވިސްނެން ފެށީ ކީއްވެ ހެއްޔެވެ؟
އެ ޚިޔާލުތަކުން ދުރު ވެލުމަށް އަޔާޒް ދެފަރާތަށް ބޯ ހަލުވާލިއެވެ. ފާހާނާއަށް ވަދެ ފެން ވަރައިގެން ނިކުމެ ނިދަން ތައްޔާރު ވިއެވެ. ލޯގަނޑު ކުރިމަތީ ހުރެ ބުރުހުން ބޮލުގައި ފުނާ އަޅާފައި ބުރުސް ބާއްވަން އުޅެނިކޮށް ޑްރެސިންގޓޭބަލްގެ ކަނުގައި އަޅައިގެންފައި އަޔާޒްގެ އަތް ކަނޑައިގެން ދިޔައެވެ. ލޭ އަންނަން ފެށުމުން ޓިޝޫއަކުން އަތް ފޮހެލާފައި ޓިޝޫ ލާން ވެގެން ޑަސްޓްބިން ހުޅުވާލިއެވެ.
ބޮނޑި ކޮށްލާފައި އޮތް ރިހި ކުލައިގެ ކަރުދާހާ، ހަލާކު ވެފައިވާ ފޮއްޓެއް ޑަސްޓްބިނުން ފެނުމުން އަޔާޒް އެއަށް ބަލަން ހުއްޓެވެ. އެހެން ހުރެފައި އެނބުރި ނަދާއާ ދިމާއަށް ބަލާލީ އެއްޗެއް ވިސްނިގެންނެވެ.
އެއީ ނަދާ އަޔާޒްއަށް ގަތް ހަދިޔާއެވެ. އެރޭ އަޔާޒްއަށް ޚާއްސަކޮށް ކެއްކި އެއްޗެހި ނުކައި މައިހާއާ އެކު އަޔާޒް ބޭރަށް ދިޔުމުން އެކަމާ ދެރަ ވެގެން ނޫނީ ރުޅި އައިސްގެން ނަދާ އެ ހަދިޔާ ޑަސްޓްބިނަށް ލީ ހެއްޔެވެ؟ އަޔާޒް އެއެއްޗެހި ނަގައިގެން ގޮސް ސޯފާގައި އިށީނެވެ. އަނެއްކާވެސް ނަދާއާ ދިމާއަށް ބަލާލާފައި އަޔާޒް އެ ފޮށި ކަނޑާލިއެވެ.
އޭގައި އޮތީ ގަދަ ނޫ ކުލައިގެ ޓައީ އަކާ، އަތުކުރީ ގަޑި އަކާ، ސެންޓު ފުޅިއެކެވެ. ކޮންމެ އެއްޗަކީވެސް އަޔާޒްއަށް އެންމެ ކަމުދާ އެއްޗެކެވެ. ނަދާއަށް ނޫނީ، އަޔާޒްއަށް އެހާ ކަމުދާ އެއްޗެއް ގަންނާކަށް ނޭނގޭނެއެވެ. މައިހާވެސް އެ ފަދަ އެއްޗެއް ގަންނާނީ އަޔާޒްއަށް ގުޅައިގެން އަހާފައެވެ.
ކޮންމެ މީހަކަށް އެއްޗެއް ދިން ނަމަވެސް ނަދާ އަބަދުވެސް ބަލާނީ ބޭނުން ކުރެވޭ ކަހަލަ އެއްޗެއް ދެވޭތޯއެވެ. އެއީ އަބަދުވެސް ނަދާގެ ކިބައިގައި ހުންނަ އަޔާޒް ވަރަށް ރުހޭ ސިފައެކެވެ. އަބަދުވެސް އަޔާޒްއަށްވެސް ދޭނީ ގިނަ ދުވަހަށް ބޭނުން ކުރެވޭ ފަދަ އެއްޗެކެވެ. އޭގެ ކުރީ އަހަރުގައި އަޔާޒްގެ އުފަން ދުވަހު ނަދާ ދިނީ ލެޕްޓޮޕް ދަބަހަކާ، ބެލްޓެކެވެ. އެ އެއްޗެހި އަދިވެސް އަޔާޒް ބޭނުން ކުރެއެވެ.
ޓައީ ހިފައިގެން އަލަމާރި ކައިރިއަށް ގޮސް އަޔާޒްގެ ގަމީސްތަކުގައި އެ ޖައްސަމުން، އެންމެ ގުޅޭ ގަމީހުގެ އެތެރޭގައި އަޔާޒް އެ ޓައީ އަޅުވާލިއެވެ. ސެންޓު ފުޅިއާ ގަޑިވެސް އަލަމާރިއަށް ލިއެވެ.
ބާލީސް ނަގައިގެން ގޮސް ސޯފާގައި އޮށޯވެފައިވެސް އަޔާޒްއަށް ވިސްނުނީ ނަދާއާ މެދުއެވެ. ކައިވެންޏަށް ފަހު ނަދާއާ މެދު އަޔާޒް ކަންތައް ކުރަމުން އައި ގޮތަށް ފަހުވެސް، އަޔާޒްގެ ކަންތަކަށް ނަދާ އެހާ ފަރުވާތެރި ވަނީ ކީއްވެ ހެއްޔެވެ؟ އަޔާޒްގެ އުފަން ދުވަސް ވުމުން އެކަންޏެއް ނޫނެވެ. އަބަދުވެސް އަޔާޒްގެ ހުރިހާ ކަމެއްވެސް ނަދާ ކުރަނީ ވަރަށް ފުރިހަމައަށެވެ. އަޔާޒްގެ އެއްޗެހި މަދު ނުވާނެ ވަރަށް ހުންނަނީ ދޮވެ އިސްތިރި ކޮށްފައެވެ. ކާން ހަދާފައި ހުންނަނީ އެއްވެސް އެއްޗެއް މަދުވެގެން ބުނަން ނުޖެހޭ ގޮތަށެވެ. ގޭތެރޭގައިވެސް އަޔާޒް ހިތަހަމަ ނުޖެހިދާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުހުރެއެވެ.
ނަމަވެސް އެއް ފަހަރުވެސް އެފަދަ ކަމަކާ އަޔާޒް ވިސްނާލި ހެއްޔެވެ؟ ނަދާ ކަމަކަށް ބޭނުން ވެދާނެއޭ އަޔާޒްގެ ހިތަށް އެރި ހެއްޔެވެ؟ ގެޔަށް ދާން ނަދާ އަޔާޒް ކައިރީ ބުނީ ދެ ފަހަރުއެވެ. އެ ދެފަހަރުވެސް ނަދާ ގޮވައިގެން ދާން އަޔާޒް ދެކޮޅު ހެދިއެވެ. ނަދާ ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް އެ ގެޔަށް މައިހާ އައި ފަހުން، އަޔާޒް ގޭގައި އުޅޭ ވަގުތެއްގައި ވިއްޔާ މައިހާ ޑިޔުޓީއަށް ލައިދޭން ދަނީ އަޔާޒްއެވެ.
އެރޭވެސް އަޔާޒްއާ މައިހާ، އަޔާޒްގެ އުފަން ދުވަސް ފާހަގަ ކުރަން ދިޔަ އިރުވެސް، އަޔާޒް ނަދާ ގާތު އައުމަށް ބުނެވެސް ނުލިއެވެ. ނަދާ ތައްޔާރު ކޮށްފައި ހުރި ކެއުންވެސް ދޫކޮށްލާފައި މައިހާއާ އެކު އަޔާޒް ދިޔައީއެވެ. އޭރު ނަދާ ރުއީވެސް އެހެން ވެގެންނެވެ. ވީ އިރު ނަދާ ދޭ ހަދިޔާއެއް އަޔާޒް ގަބޫލު ކުރާނެ ކަމަކަށްވެސް ނަދާ ހިއެއް ނުކުރާނެއެވެ. އެއްޗެހި ގަނެ ތައްޔާރު ކޮށްފައިވެސް ނަދާ އެ އުކާލީ އެހެން ވެގެންނެވެ.
އެނދުގެ ފައިލާ ކޮޅުގައި އޮތް ބާލީސް ނަގައިގެން ގޮސް އަޔާޒް އޮށޯތް އިރުވެސް ނަދާ އޮތީ ހޭލައެވެ. އަޔާޒް ކޮޓަރިއަށް ވަނީއްސުރެ ނަދާ މޫނުގައި ބާލީސް ޖައްސާ ބާރުކޮށްގެން އޮތީ ހޭލާ އޮތްކަން އަޔާޒްއަށް ނާންގަން ވެގެންނެވެ.
އެރޭގެ ބޮޑުބައި ނަދާއާ އަޔާޒްއާ މައިހާވެސް ހޭދަ ކުރީ ފުން ވިސްނުމުގައެވެ. ނަދާއަށް އެރޭ ކުރިން ނިދުނު ވަގުތުކޮޅު ފިޔަވާ އެންމެ އިރުކޮޅަކުވެސް ނުނިދެއެވެ.
އަނެއް ދުވަހު ފަތިސް ނަމާދަށް ގޮވުމާއެކު ނަދާ ތެދުވިއެވެ. ސައި ހަދަން ބަދިގެއަށް ވަން އިރު ރޭގައި ކާން ހެދި ތަށިތައް ނަގާ އެއްޗެހި ހޫނު ކޮށްފައި ހުއްޓާ ފެނުމުން އެ ކަންތައް ކުރާނީ މައިހާ ކަން ނަދާއަށް ވިސްނުނެވެ. އަޔާޒްއަށް ސައި ހަދާފައި މޭޒުމައްޗަށް ނުގެނެވެނީސް އަޔާޒް ސައި ބޯން އެ ދުވަހު ނިކުތެވެ. ރޭގައި ފެނުނު މަންޒަރަށް ފަހު އަޔާޒްގެ މޫނަށް ބަލަންވެސް އުނދަގޫވެފައި ހުރި ނަދާއަށް އަޔާޒްއާ ދިމާއަށް ބަލާލެވުނީ އަޔާޒް އައުމުން ދުވި ވަހުންނެވެ. ދެން ފާހަގަ ކުރެވުނީ އަޔާޒް އަޅައިގެން ހުރި ޓައީއެވެ. އެއާއެކު އަޔާޒްގެ އަތަށް ނަދާއަށް ބަލާލެވުނެވެ. އަޔާޒް އެ ދުވަހު އަޅައިގެން އެ ހުރީ ނަދާ ގަތް ޓައީއެވެ. ޖަހައިގެން ހުރީ ނަދާ ގަތް ސެންޓެވެ. އަތުކުރީގައި އޮތީ ނަދާ ގަތް ގަޑިއެވެ.
ގަސްތަކާ ނުލާ ނަދާއަށް އަޔާޒްގެ މޫނަށް ބަލާލެވުނެވެ. ނަދާއާ ދިމާއަށް ބަލަން އިން އަޔާޒްގެ މޫނު ފެނުމުން ރޭގެ ހަނދާން އާ ވެގެން ދިޔުމާއެކު އަވަހަށް އިސްޖަހާލަމުން ނަދާ ބެލްކަންޏަށް ނިކުތެވެ.
ނަދާ ގަތް އެއްޗެހި އަޔާޒް ބޭނުން ކުރުމުން ނަދާ އުފާ ވާނެ ކަމަށް އަޔާޒް ހީކުރިއެވެ. އަޔާޒް ނިކުތުމުން ނަދާ ބަލާލި ގޮތުންވެސް ޓައީއާ، ސެންޓާ، ގަޑި އަޔާޒް ބޭނުން ކޮށްގެން ހުރިކަން ނަދާއަށް ފާހަގަ ކުރެވުނު ކަން އެނގެއެވެ. ނަމަވެސް ނަދާގެ މޫނުމަތިން އެކަމާ އުފާވި ފަދަ ކުލައެއް އަޔާޒްއަކަށް ނުފެނުނެވެ. ހީކުރި ގޮތާ ޚިލާފަށް އެ ވަގުތުވެސް ނަދާގެ މޫނުން އަޔާޒްއަށް ފެނުނީ ޝަކުވާއެވެ.
އަޔާޒް އޮފީހަށް ދާން ނިކުތް އިރުވެސް ނަދާ ހުރީ ބެލްކަނީގައެވެ. އެ ދުވަހު ނޫނީ ނަދާ ނިކުމޭތޯ އިރުކޮޅަކުވެސް އަޔާޒް މަޑުކޮށެއް ނުލައެވެ. ނަމަވެސް އެ ދުވަހު ނަދާ ވަދޭތޯ އަށެއް ޖަހަން ދިހަ މިނަޓަށް ވަންދެން އަޔާޒް މަޑުކުރިއެވެ. އެހާ އިރު ވުމުން ދިޔައީ، އަޔާޒް ހުއްޓާ ނަދާ ނުވަންނާނެ ކަން ޔަގީން ވުމުންނެވެ.
އެ ދުވަހު ދިހައެއް ޖެހިތަނާ ރީމާމެން އައެވެ. ނަމަވެސް ނަދާއަށް ރީމާ އައި ކަން އެނގުނީވެސް މެންދުރު ވީ ފަހުންނެވެ. ކުރީރޭ އެއްގޮތަކަށްވެސް ނުނިދުމުން، ބޮލުގައިވެސް ރިއްސާފައި ހުރުމުން ދިހައެއް ޖަހަން އުޅެނިކޮށް ނަދާ އޮށޯވެލީ ކުޑަ އިރުކޮޅަކު ނިދާލާށެވެ.
ނަދާއަށް ހޭލެވުނީ ބާރަ ޖަހަން ފަނަރަ މިނަޓު ހުއްޓައެވެ. ހޭލެވުމުން ގަޑި ބަލާލި އިރު އެހާ ލަސް ވެފައި ހުރުމުން ނަދާ ކޮޓަރިން ނިކުތީ އަޔާޒް އަންނަން ވާ އިރަށް ކައްކާށެވެ. އަވަސް ކޮށްލަން ވެގެން ނަދާ ބާސްމަތީ ހަނޑޫކޮޅެއް ދޮވެލާފައި އުދާލިއެވެ. ކައްކާނެ އެއްޗަކާމެދު ވިސްނާލަން ހުރެފައި އުނދުނާ ކައިރިވެލީ ރޭގައި ކެއްކި އެއްޗެހި ހޫނު ކޮށްލާށެވެ. އުނދުން މަތީ ހޫނު ތެއްޔެއް ހުރުމުން ނަދާ އޭގެ މަތި ނަގާ ބަލާލިއެވެ.
“ނަދާއަށް ނިދިފަ އޮތީމަ ނޫޑްލްސް ކައްކާލީ، އަޔާ ކާން އަންނަ ގަޑި ކައިރި ވާތީ” އެ ވަގުތު މައިހާ އައިސް ބުންޏެވެ.
އަޔާޒް ކާން އައީ ނަދާ އެއްޗެހި މޭޒުމައްޗަށް ނަގަން ހުއްޓައެވެ. ނަދާ ހެދި އެއްޗެއްސާ އެއްކޮށް މައިހާ ކައްކާފައި ހުރި ނޫޑްލްސްވެސް ނަދާ ނެގިއެވެ. އަޔާޒް އިށީން އިރަށް ނަދާ ގޮސް ކޮޓަރިއަށް ވަދެ ވުޟޫ ކޮށްގެން ނަމާދަށް އެރިއެވެ.
ނަދާ ފޯން ބަލާލީ ނަމާދުކޮށް ނިމިގެންނެވެ. ރީމާ ފޮނުވާފައި އިން މެސެޖް ފެނުމުން ނަދާ ވަގުތުން ގުޅާލިއެވެ.
“ރީމާ، އައީތަ؟” ރީމާ ފޯން ނެގުމާއެކު ނަދާ އެހިއެވެ.
“އާނ، އައި ގޮތަށް ނަދާގެ ހަބަރެއް ވޭތޯ މެސެޖު ކޮށްގެން މި އިންނަނީ. މާ ބިޒީ ދުވަހެއްތަ؟” ރީމާ އެހިއެވެ.
“ނޫން، ކުޑަކޮށް ބޮލުގަ ރިއްސާތީ އޮށޯތީ އިރުކޮޅަކު ނިދާލަން ވެގެން، ބާރަ ޖަހަން އުޅެނިކޮށް ހޭލެވުނީ” ނަދާ ޖަވާބު ދިނެވެ.
“އެހެންތަ؟ ބިޒީ ނޫނިއްޔާ އާދެބަލަ” ރީމާ ބޭނުން ވީ ނަދާ ގެންނާށެވެ.
“މި ދަނީ” ނަދާ ވަގުތުން ޖަވާބު ދިނެވެ. އަޔާޒްއާ މައިހާ ގޭގައި ތިއްބާ ނަދާ ހުންނަން ބޭނުން ނުވާތީ ބޭނުންވީ އެ ވަގުތު ރީމާ ކައިރިއަށް ގޮސްލާށެވެ.
ނަދާ ފާހާނާއަށް ވަދެ، ލައިގެން ހުރި ކުރުތާ ބަދަލު ކޮށްގެން ނިކުތް ތަނާ އަޔާޒް ކޮޓަރިއަށް ވަނެވެ. ބަލާވެސް ނުލާ ނަދާ އަވަހަށް ނިކުތެވެ. ހީވީ އަޔާޒް ފެނުމުން ބިރުން ދިޔަ ހެންނެވެ. ނަދާ ދިޔަ ގޮތުން އަޔާޒްއަށް ބަލަން ހުރެވުނީ ހައިރާން ވެފައެވެ.
ތާޒާ ވެލައިގެން އަޔާޒް ނިކުތް އިރު ނަދާ ގެޔަކު ނެތެވެ. އަޔާޒް އޮފީހަށް ދާން ނިކުތް އިރުވެސް ނަދާ ނާދެއެވެ. ނަދާއާ އަޔާޒް ވާހަކަ ދައްކާ ނޫޅުނު ނަމަވެސް ނަދާ ގޭގައި ނެތުމުން ކުރިން ނުވާ ފޫއްސެއް އެ ދުވަހު އަޔާޒް ވިއެވެ.
ރީމާއާ އިޔާންއާ އެކު ދެ ގަޑިއެއްހާ އިރު ހޭދަ ކޮށްފައި ނަދާ އައި އިރު މައިހާ އުޅުނީ ބޭރަށް ދާން ތައްޔާރު ވާށެވެ. ރެއަށް ފަހު ނަދާގެ ވިސްނުން މައިހާއާ މެދު ބަދަލު ވެއްޖެއެވެ. މައިހާ އަޔާޒް ދެކެ ލޯބި ވާ ނަމަ ބައްޕަގެ ނުރުހުމުގައިވެސް އަޔާޒްއާ ކައިވެނި ކުރަން ވީ ނޫން ހެއްޔެވެ؟ ކައިވެނިން ބޭރުގައި، އަޔާޒްއާ އެކު އެއް ގެއެއްގައި އުޅެ ދެ މީހުންގެ މެދުގައި އެ ފަދަ ގުޅުމެއް ބޭއްވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އާތިފް ދެރަ ވެދާނެތީ، ނަދާ ވަރި ކުރާކަށް އަޔާޒް ބޭނުމެއް ނުވެއެވެ. އެހެން ވީ އިރު އަޔާޒް ދެ އަނތްބަށް މައިހާއާ ކައިވެނި ނުކުރަން އެ ހުންނަނީ ކީއްވެ ހެއްޔެވެ؟ ނަދާ ވަރި ނުކުރާހާ ހިނދަކު އަޔާޒް ދެވަނަ ކައިވެންޏެއް ކުރުމަށް އާތިފް ދެކޮޅު ނަހަދާނެކަން ނަދާއަށް ޔަގީނެވެ. އަޔާޒްގެ ދެ ވަނަ އަނތްބަކަށް ވާން މައިހާ ބޭނުން ނުވަނީ ހެއްޔެވެ؟
މައިހާ ދިޔުމުން ނަދާ ޓީވީ ހުޅުވައިގެން ކައްކާ ޕްރޮގްރާމަކަށް ލައިގެން އިނެވެ. ފަހެއް ޖެހި ތަނާ އަޔާޒް އޮފީހުން އައުމުން ސައި ހަދާފައި ނަދާ އަނެއްކާވެސް ނިކުތީ ބެލްކަންޏަށެވެ. އަޔާޒްއާ އެކު އެއް ތަނެއްގައި އިންނަން ބޭނުން ނުވާތީއެވެ.
ނަދާ ދިޔުމުން އަޔާޒް ސައި ބޯ ހިތްވެސް ކެނޑުނެވެ. ޕާން ފޮތި ދުރަށް ޖައްސާލާފައި ކޮފީތަށިން މަދު މަދުން ބޯން އިން އިރު ނަދާއާ މެދު އަޔާޒް ވިސްނިއެވެ. ކުރީގައި އުޅުނު ހެން ނަދާ އުޅޭ ނަމައޭ ހިތަށް އެރިއެވެ. އަޔާޒްގެ ހިތުގައި ހުރި އެއްޗެހި ނަދާއާ ހިއްސާ ކުރެވޭނެ ނަމައެވެ. ނަދާ ނޫނިއްޔާ އެހާ ފަސޭހައިން ކަންކަން ހިއްސާ ކުރެވޭ ރައްޓެއްސަކު އަޔާޒްގެ ނެތެވެ. ހަމްދާންއަށްވެސް ކިޔާދެވެނީ ބައެއް ވާހަކައެވެ.
މައިހާއާ ވަކި ވާން ޖެހުނީ ނަދާގެ ސަބަބުން ކަމަށް ބުނެ، ނަދާއާ ކައިވެނި ކުރަން ޖެހުނީތީ އެކަމާ ކުރިން ނަދާ ދެކެ އައި ރުޅިއެއް މިހާރަކު އަޔާޒްގެ ހިތަކު ނެތެވެ. އެ ރުޅިގަނޑު މަޑުވީ ކޮން އިރަކު ކަމެއް އަޔާޒްއަކަށް ނޭނގެއެވެ. ކުރިން އަބަދުވެސް އުންމީދު ކުރެވުނީ ކޮންމެވެސް ދުވަހަކުން އަދި މައިހާއާ ގުޅުމަށެވެ. ހުރިހާ ވަގުތެއްގައި ހިތުގައި ވަނީ މައިހާގެ ހަނދާނެވެ. ނަމަވެސް މައިހާ އެ ގެޔަށް އައި ފަހުން އަޔާޒް މައިހާއަށް ކުރަމުން އައި އިންތިޒާރު ނިމުނު ކަހަލައެވެ. މައިހާއަށް ވުރެ ގިނައިން މިއަދު އަޔާޒްއަށް ޚިޔާލު ކުރެވެނީ ނަދާއާ މެދުގައެވެ.
ކުރިން ނަދާ ފެނުނަސް އަޔާޒްއަށް ރުޅި އާދެވެއެވެ. ނަމަވެސް މިއަދު ނަދާ ފެންނަން ނެތް ނަމަ ހިތް ނުތަނަވަސް ވެއެވެ. ނަދާ އުޅެނީ އަޔާޒްއަށް ފިލައިގެން ބާއޭ ހިތަށް އަރާ، އެކަމާ ވިސްނެއެވެ. އޮފީހުގައި އިންނަ އިރުވެސް ގޭގައި ނަދާ އުޅޭނެ ގޮތަކާ މެދު ވިސްނެއެވެ. އެކަނި ފޫހި ވެފައި އިންނާނެތީ އެކަމާ ކަންބޮޑުވެއެވެ. ބައެއް ފަހަރު ހިތަށް އަރަމުންދާ ޚިޔާލުތަކާ މެދު އަޔާޒް ހައިރާންވެއެވެ. ނަދާއާ މެދު އެ ވަރަށް ވިސްނެންވީ ކީއްވެ ބާއޭ ހިތާ ސުވާލު ކުރެވެއެވެ.
ބަންގި ގޮވި އަޑު އިވުމުން، ވިސްނުމުގައި ގެއްލިފައި އިން އަޔާޒް ސިހުނެވެ. ކުރިމަތީ ހުރި ކޮފީތަށި ނަގާ ބޯލި އިރު އެ ހުރީ އެއްކޮށް ހިހޫ ވެފައެވެ. އެއް ނޭވައިން ކޮފީ ތަށި ހުސްކޮށްލާފައި އަޔާޒް ތެދުވެގެން ކޮޓަރިއަށް ވަނެވެ. މިސްކިތަށް ދާން އަޔާޒް ނިކުތް އިރުވެސް ނަދާ އިނީ ބެލްކަނީގައެވެ.
ނަމާދު ކޮށްގެން ގެޔަށް ނުގޮސް އަޔާޒް ދިޔައީ އާތިފްއާ ބައްދަލު ކޮށްލާށެވެ. ދެ މީހުން އެކި ވާހަކައިގައި ތިބެފައި ޢިޝާ ނަމާދަށް ދިޔައީ އެކީގައެވެ. ގޭ ދޮރު ހުޅުވާލި އަޑު އިވުނީ ނަދާ ކިޔަވަން އިންދައެވެ. ކިޔަން އިން ޞަފްޙާ ނިންމާލާފައި ނަދާ ނިކުތް އިރު އަޔާޒް ބަދިގޭގައި އުޅޭތަން ފެނުމުން ނަދާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“މިއުޅެނީ މިރޭ ނޫޑްލްސް ކައްކާލަން ވެގެން” ނަދާ ބަލަން ހުރިކަން ފާހަގަ ކުރެވުމުން އަޔާޒް ހިނިއައިސްފައި ބުނެލިއެވެ.
ނަދާ ޖަވާބެއް ނުދީ ސިޓިންގްރޫމްގައި އިށީނީ، އެއްޗެއް ބޭނުން ވެގެން، ނުވަތަ އެއްޗެއް ނުފެނިގެން ވިޔަސް ނަދާގެ އެހީ އަޔާޒް ބޭނުން ވެދާނެ ކަމަށެވެ.
އަޔާޒްއާ އާތިފްވެސް އަމިއްލައަށް ކައްކައެވެ. އެކަނި ދެ މީހުން އުޅުނު އިރު ހެނދުނާ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާނީ އަމިއްލައަށެވެ. މެންދުރުގެ ކެއުން ނޫނީ އާންމުކޮށް ބޭރުން ނުކާނެއެވެ. ހުކުރު ދުވަސްތަކުގައި، ވަރަށް މަދު ފަހަރެއްގައި ނޫނީ އަޔާޒްއާ އާތިފް ކާނީ ނަދާމެން ގެއިންނެވެ. ދެ މީހުންނަށްވެސް ގިނަ އެއްޗެހި ކައްކަން އެނގެއެވެ. ބައެއް ފަހަރު ނަދާމެން ގެޔަށް އައިސްވެސް އަޔާޒް ނޫޑްލްސް، ފްރައިޑް ރައިސް، ސްޕެގެޓީ ކަހަލަ އެއްޗެހި ކައްކާލާނެއެވެ. އާތިފް ގިނައިން ހަދާނީ ކުޅިމަސް، ގަރުދިޔަ ނޫނީ ހިކިކޮށް ތަރުކާރީ، އަލުވި ފަދަ އެއްޗިއްސެވެ.
ނަދާއާ އަޔާޒްގެ ކައިވެންޏަށް ފަހު އަމިއްލައަށް އެއްޗެއް ކައްކަން އަޔާޒް އެ އުޅެނީ އަލަށެވެ. ނަދާ ބަލަން އިންދާ ނޫޑްލްސް ކެއްކުމަށް ބޭނުން ވާނެ ހުރިހާ އެއްޗެއް ކަބަޑުތަކުން ނަގާ ހަމަކޮށްލިއެވެ. އެއްޗެހި ކޮށާ ނިންމާފައި، ކައްކަން ފެށުމުގެ ކުރިން އަޔާޒް ލައިގެން ހުރި ޓީޝާޓު ބާލާފައި ކާމޭޒުގެ ގޮނޑިއެއްގައި އަޅުވާލިއެވެ.
“މިރޭ އަޔާ ކައްކާ ރެއެއްތަ؟” އަޔާޒް ކައްކާ ނިމެން އުޅެނިކޮށް ގެޔަށް އައި މައިހާ، ބަދިގޭގައި އަޔާޒް ކައްކަން އުޅޭތަން ފެނުމުން ހިނިއައިސްފައި އަހާލިއެވެ.
“އާނ” މައިހާއަށް ބަލާލާފައި އަޔާޒް ބުންޏެވެ.
މައިހާވެސް ސޯފާގައި އިށީނެވެ.
ކައްކާ ނިންމާލި ގޮތަށް ޓީޝާޓް ލައިގެން، ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި އަޔާޒް ބޭރަށް ނިކުތެވެ. ފަސް ވަރަކަށް މިނަޓް ފަހުން އައީ ބޮޑު ކޯކް ފުޅިއެއް ގަނެގެންނެވެ.
“ހުރިހާ އެއްޗެއް ހަމަކޮށްލީ ދޯ؟” މައިހާ އަހާލިއެވެ.
އަޔާޒް ބަދިގެއަށް ވަދެ ތިން ތައްޓަށް ނޫޑްލްސް އަޅައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. އަދި ބަންޑުން ޖަހާފައި ހުރި ބިއްލޫރި ތަށިތައް ނަގާ ތިން ތައްޓަށް ކޯކްވެސް އެޅިއެވެ. ކޯކް ތައްޓަކާ ނޫޑްލްސް ތައްޓެއް ހިފައިގެން އައިސް އަޔާޒް ފުރަތަމަ މައިހާއަށް ދިނެވެ. ދެވަނަ ތަށި ގެނެސް ނަދާއަށް ދިއްކޮށްލުމުން ނަދާއަށް އަޔާޒްގެ މޫނަށް ބަލާލެވުނެވެ.
ހިނި އައިސްފައި އަޔާޒް ބޯ ޖަހާލީ ތަށި ނަގާށޭ ބުނިހެންނެވެ. ނަދާ ތަށީގައި ހިފިއެވެ. ތިންވަނަ ތަށި ހިފައިގެން އައިސް އަޔާޒް އިށީނީ ނަދާ އިން ސޯފާގައެވެ. ގަބޫލު ނުކުރެވިފައި ނަދާއަށް އަޔާޒްއާ ދިމާއަށް ބަލާލެވުނެވެ.
އަޔާޒް އަނެއްކާ ކޮން ސަކަރާތެއް ޖަހަން އުޅެނީ ބާއޭ ނަދާ ހިތަށް އެރިއެވެ. މައިހާއާ އަޔާޒްގެ މެދުގައި އޮތް ގުޅުން ނަދާއަށް އެނގިދާނެތީ ނަދާގެ ކުރިމަތީ އާ ޑްރާމާއެއް ކުޅެނީ ހެއްޔެވެ؟
“ކާން ފަށާބަލަ” ނަދާ ކާން ނުފަށާ އިނުމުން އަޔާޒް ބުންޏެވެ.
މައިހާއާ އަޔާޒްއަށް ނަދާ ބަލާލިއެވެ. ދެ މީހުންވެސް ކަމުން ދިޔަ އިރު އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ބުނެލައެވެ. ދެ ތިން ފަހަރަށް ކާލާފައި ވަރަށް މީރޭ މައިހާ ބުނުމުން އަޔާޒް މައިހާއަށް ޝުކުރު އަދާ ކުރިއެވެ.
ނަދާ، އުލުން އެތިކޮޅެއް ނަގާ އަނގައަށް ލިއެވެ. ހަގީގަތުގައިވެސް އެ ނޫޑްލްސް ވަރަށް މީރެވެ. ތަރުކާރީވެސް ހުރީ ނަދާއަށް މީރުހެން ތަންކޮޅެއް ހަރުކޮށެވެ. ނަމަވެސް ނަދާއަށް ކަމުދާ ވަރަށް ވުރެ ތަންކޮޅެއް ކުޅި ގަދައެވެ. ދެ ފަހަރަކު ކާލާފައި ނަދާއަކަށް އިތުރަކަށް ނުކެވުނެވެ. ކުރީގައި، އަޔާޒްއާ އެކު އެ ގޮތަށް މަޖަލުގައި ހޭދަވި ދުވަސްތަކުގެ ހަނދާން އާވެގެން ދިޔުމާއެކު ލޮލުން ކަރުނަ އަންނަން އުޅުނެވެ. އިސް ޖަހާލަމުން ލޯ މަރާ ބާރުކޮށްލީ ކަރުނަ ހުއްޓުވާށެވެ. އަޔާޒްއާ މައިހާ ނިމެން ކައިރި ވީ އިރުވެސް ނަދާއަށް އިނދެވުނީ ތަށީގައި ހުރި ނޫޑްލްސްތައް އުލުން ހާވާށެވެ. ވާހަކައިގައި ތިބެފައި މައިހާ ބުނި އެއްޗަކަށް އަޔާޒް ބާރަށް ހީގަތުމުން ނަދާއަކަށް އިތުރަކަށް ނީނދެވުނެވެ. ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް ލޮލުން ކަރުނަ އައުމާއެކު ނަދާ ކޮފީ ޓޭބަލް މަތީ ތަށި ބަހައްޓާފައި ބާރަށް ގޮސް ކޮޓަރިއަށް ވަނެވެ.
“ނަދާ…” ނަދާ ތެދު ވުމުން އަޔާޒް ގޮވާލި ނަމަވެސް ނަދާ މަޑެއް ނުކުރިއެވެ.
އަޔާޒްވެސް ބާކީ ހުރި އެތިކޮޅާއެކު ތަށި ބަހައްޓާފައި ތެދުވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.








hi all, hope u like this part, plz share ur views as comments, part 18 will b uploaded on wednesday.
Me first dhw..v gina dhuvas vejje dhw mi story ah comment nukohleveythr..Btw hurihaa parts ehvec v rythi ingey..Really interesting..Ehbai kiyaifiyyaa anehbai nukiya faraku nujeheyne..hehe..Waiting curiously fr the next<3 <3 <3
Thnq jiji, hm Marsha hithah eriey jiji kobaa baa ey, happy to c ur comment
Thank u mashaa…. vaahaka varah reethi aneh beyrah mihaaru ves inthizaaru eba kurevey…. masha Wednesday ge kurin up kohdhehchey
Thnq Maiha, try kuraanan ingey
Woww varah reethi ???? waiting for next part ??????
Thank u Meekkomee ??
Varah reethi????
Thnq ?
wow mi part vara reethi
waiting for the next part
Thnq 1234
Stry varah nice. Waiting for next part??????love you marsha sis ?????????❤❤?????????
Thnq Shaaa
Varah reethi ?waiting for the next part
Thnq Maiha
Hama ehaa avahah nimuneetha? Hama kiyaa hithun indha e nimunee.????nadhaa yah hama saabas evaruvegen noonee e ayaaz akah nuvisneyne. Afhi ayaaz eba ulbeynun maa rangalhuvaan. Marsha e maiha fonuvaalabala ethanun. So only ayaaz and nadhaa could be together.plz.story v reethi. ?????????????????☺????????????????waiting for next part.
Hehe, thnq Sleepy, eba visnan thi kamaa
Vv reethi mi vaahaka.. pls pls avahah upkoh dheebala Marsha……
Thnq Zee, try kuraanan inge
Please avahah up kohladheeba
Thnq someone, balaanan ingey
Alhey kiyaa hithun hutta e mimunee ☹️Haadha kurey miadhu alhe vaahaka 3days genes dheveyne gotheh nuvaane tha pls ?mi part ves vvvvv reethi ???waiting for next part ???
Thnq Ninaa, miadhu ge bai kudakoh dhigu ves kollin, time vaa varakun twice weekly genesdheveytho mi balany.
ކުށްނެތް ފަށުއި އިބާރާތްކުރުމެއް. ފޫހިވުމެއް ނެތި ކިޔާހިތުން ކިޔާލެވުނު. ޒުވާން ނަމަވެސް ތަޖުރިބާ ހުރި ލިޔުންތެރިއެއް ކަމަށް ފެނޭ. ވާހަކަލިޔުމުގެ ރޮނގުން ކުރިއެރުމާއި ކާމިޔާބީ އެދެން
Thnq 123 kalaa, v ufaa vejje mi comment fenifa, veehaaves kiyaalan faseyha koh ibaaraaiy kureveytho balan abadhuves. Ummeedhaky kiyuntherinnah kamudhaane vaahaka thakeh genesdhinun
Mi thanuga vaki readers thakuge coment tha post kurany…mi story regular koh alhugandu kiyan …coment ves kuran..ekm coment post koh nudheyyy…e kyve tha…
Marsha evves comment eh reject eh nukuran, neynge kyvve kameh Noora ge comments nulibey, v dhera vejje thi gothah vythy. Hykuran Noora ge ithuru comments libeyne kamah
Mi vaahaka varah reethi…mihaaru Esfiya ga ehme reethi vaahaka…Ayaaz ah heyovis neyne
Oww, thnq so much Ibsha, let’s c dho!
plx plxxxxxx plxxxxxx mirey adhi 1 up kohdheeebala
Alhe, v sorry, but I can’t mirey, plz wait for Wednesday inge
Wawawaa! Haadha haava salhiey dhw ?????.. Asluves vvvvv salhi mivaahaka..
Thnq so much Mary
Nice.ekam real lifegaves thihen vaane Nama dhw. Aharenge life akyves Hama ekahala life eh. Firimeehage ruhun hodhan nukurakah kameh nei. Dhirimiulheny dharifulhahtaka
InshaAllah, Sa ge life v ufaaveri vaane, dhua kurey gina gina in,
varah reethi vaahaka ?mashallah ?
Thnq Inaa
Wow. ? Varah reethi. Ayaage hiy badhal vey eba… Nadha dherave baakee vegen ulhunu varah ayaaves dhera kollaathi MARSHA. Thank you ? ❤️
Thnq Aby
Varah reethi mi’part vess
Can’t wait to read the next part
Heads off to the writer ?❤️❤️
Thnq Fathun
Please up kohdheeba
koba miadhu ge part .. avahah up kohla dheebaa
wow nice
Kobaa miadhuge part
Waiting waiting ?
Thnq Someone, Aky, paree n Fathun, 18 now uploaded