
އެލީޝާ 2 ވަނަބައި
ފަހުމީގެ އާއިލާ ތިބީ އެއަރޕޯޓް ތެރޭގައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ކަރަމް އަންނާނެ ވަގުތަކަށެވެ. އިންތިޒާރަށް ނިމުމެއް އައީ މީހުންތަކުގެ ތެރެއިން އެމީހުންނާ ދިމާއަށް ހިނގާފައި އައި ޒުވާނާ ފެނުމުންނެވެ. އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ކަރަމް އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ޒުވާނެކެވެ. ބަލާބެލުމަށް ބޮޑަށް ވައްތަރީ ބޭރު ޤައުމެއްގެ ފިލްމުސްޓާރަކާއެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑެކެވެ. ތޫނު ދެލޮލެވެ. ސްޓައިލިޝް ހިނގުމެއްގައި ހިނގަމުން އައި އިރު އެކި ދިމަ ދިމާއިން އަންހެން ކުދިންގެ ލޯތައް އަމާޒުވާކަން އެނގުމުން ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވެއެވެ. “ތިއްތީ އައި މިސްޑް ޔޫ ސޯ މަޗް…” ކަރަމް އައިސް މަޑުކޮށްލުމުން ކިޔާރާ ކަރަމްގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ކަރަމް ހިނިތުންވެ ހުރެ އެންމެންނާ ސަލާމް ކޮށްލިއެވެ. މާލެ ދިޔުމަށްޓަކާ ލޯންޗަށް އަރަން ދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަ ޖެހުމުގެ ކުލަވަރުތަކެވެ.
ރޭނގަނޑުގެ ވަގުތެވެ. އެލީޝާ އޮތީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރޭނގަނޑުގެ އަރާމު ނިދިވަނީ އޭނާއާ މާދުރުގައި ކަހަލައެވެ. ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އޭނާއަށް ވިސްނެނީ މިޔަދު އެލިބުނު ކަރުދާސްގަނޑާމެދުގައެވެ. އޭގައި ލިޔެފައިވާ އިބާރާތަކީ ހަގީގަތަކަށް ވިޔަސް ނުވަތަ ސަމާސާއަކަށް ވިޔަސް އެ އެއްލީ ކާކުބާއޭ އެލީޝާގެ ހިތަށް އެރިއެވެ. އެރަށުގެ އެތައް ފިރިހެންކުދިންނެއް ވަނީ އެލީޝާގެ ލޯތްބަށް އެދިފައެވެ. ފާޅުގައެވެ. ނަމަވެސް މިއީ ހާދަ ތަފާތު މީހެކެވެ. ކުއްލިޔަކަށް އެލީޝާގެ ފޯން ވައިބްރޭޓް ވާންފެށިއެވެ. އެލީޝާ ފޯން ބަލާލިއެވެ. ނުދަންނަ ނަމްބަރަކުން ފޮނުވާފައިވާ މެސެޖެކެވެ. އެލީޝާ އޭގައިވާ މެސެޖް ކިޔާލިއެވެ. ” ހައި އެލީ.. ކީއްކުރަނީ ނިދަނީތަ..؟؟ ލަވް “އެމް”..” އެލީޝާއަށް އެނދުން ތެދުވެވުނެވެ. އަވަސް އަވަހަށް އެއީ ކާކު ނަގާފައިވާ ސިމެއްތޯ ބަލާލިއެވެ. ނަމަވެސް އެ ސިމް ނަގާފައިވަނީ ކާކު ކަމެއް ނޭނގުނެވެ. އެހެން ކަމުން އެލީޝާވެސް އެ ނަންބަރަށް މެސެޖެއް ފޮނުވާލިއެވެ. “ތީ ކާކު…؟؟ ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ..؟؟” ހިނދުކޮޅެއްގެ ތެރޭ އަނެއްކާވެސް މެސެޖެއް އައެވެ. އެލީޝާ އެ މެސެޖް ބަލާލިއެވެ. “ނަންބަރު ހޯދުމަކީ މިޒަމާނުގައި އެހާ އުނދަގޫ ކަމެއް ނޫން.. އަހަރެން މީ އެލީގެ ވަރަށް ގާތް މީހެއް.. އަހަރެން މީ ކާކުކަން އަދި ބުނެވޭކަށް ނެތް.. އެކަމަކު ވަގުތު އައިސް ޖެހުނީމަ ބުނާނަން.. އަހަރެން އެލީދެކެ ވަރަށް ލޯބިވޭ..” އަޖައިބެއްކަހަލަ މީހެކޭ އެލީޝާގެ ހިތަށް އެރިއެވެ. އެލީޝާ ވިސްނާ ވިސްނާވެސް އެމް އަކުރުން ފެށޭ އެހާ ގާތް މީހެއް ހަނދާނަކަށް ނައެވެ. އެންމެ ފަހުން އެކަމާ ވިސްނަން އޮއްވާ އެލީޝާއަށް ނިދުނީއެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ކަރަމްއިނީ ގޭގެ އެއްފަރާތުގައިވާ ބަގީޗާތެރޭގައި ހުރި ސިމެންތި ގޮނޑިއެއްގައި ކޮފީ ބޯށެވެ. އެވަގުތު ގޭގެ ބޮޑު ދޮރުން އެތެރެއަށް ވަދެގެން އައީ ރިޝާގެ ކޮއްކޮ ރަޝާއެވެ. ރަޝާ ދިޔައީ ގޭތެރެއާއި ދިމާއަށެވެ. އޭނާ އަކަށް ކަރަމްއެއް ނުފެނެއެވެ. އެވަގުތު އުދުހިފާ އައި ގުރައެއް ޖެއްސީ ރަޝާގެ ކޮނޑުމަތީގައެވެ. “މަންމާތް…” ރަޝާ ބިރުން ހަޅޭލަވާގެންފާ ގުރާ ފައްސާލިއެވެ. އެވަގުތު ބަގީޗާއާއި ދިމާލުން މީހަކު ހޭ އަޑާށް ރަޝާ އެ ދިމާ ބަލާލިއެވެ. އޭރު ކަރަމްވެސް އިނީ ރަޝާއާއި ދިމާއަށް ބަލަހައްޓައިގެން ހެވިފައެވެ. ރަޝާއަށް ކަރަމް ފެނުމުން ދެންމެ ހިނގާދިޔަ ހާދިސާވެސް ހަނދާން ނެތުނު ކަހަލައެވެ. ކަރަމްގެ ރީތި މޫނަށް ބަލަހައްޓައިގެން ގެއްލިފައި ހުރީއެވެ. ރަޝާ ސިހިގެން ދިޔައީ އަނެއްކާވެސް އެގުރާ އައިސް ރަޝާގެ ކޮނޑުގައި ޖެއްސުމުންނެވެ. މިފަހަރުވެސް ހަޅޭލަވައިގެންފާ ރަޝާ އެ ގުރާ ފައްސާލިއެވެ. ކަރަމް ހެމުން ހެމުން ރަޝާގެ ގާތަށް އައެވެ. “ކުޑަކުޑަ ގުރައެއްދެކެ ބިރުން އުޅޭ ކުއްޖެއް މި ފެނުނީ އަލަށް..” ރަޝާ މޫނަށް ގޮތެއް ހަދާލިއެވެ. އެވަގުތު ގުރާ އައިސް ޖެއްސީ ކަރަމްގެ ކޮނޑުގައެވެ. “އަން… މީގަ އަތް ޖައްސާލަބަލަ… ނުހަފާނެ…” ކަރަމްގެ އަތަށް ގުރާ ލަމުން ބުނެލިއެވެ. “ނޫން.. އަހަންނަކަށް ނުކެރޭނެ..” ރަޝާ ބިރުން އުޅެން ފެށުމުން ކަރަމް އެ ގުރާ ރަޝާއާއި ގާތް ކޮށްލިއެވެ. ރަޝާ ބިރުން ހަޅޭލަވައިގަތެވެ. ކަރަމްއަށް މިކަންވީ މަޖާކަމަކަށެވެ. ރަޝާގެ އަޑަށް އަރޫނާއާއި ރިޝާ ބޭރަށް އައެވެ. “ކިހިނެއްވީ ރަޝް..” ދެކަންފަތުގައި ދެއަތް އަޅައި ދެލޯމަރާ ތަގުޅި ކޮށްގެން ހުރި ރަޝާ ފެނުމުން ރިޝާ އަހާލިއެވެ. ރަޝާ ދެލޯ ހުޅުވާލިއެވެ. “ތުއްތާ… ބަލާބަލަ މިހިރަ ކަރަމްގަނޑު… އަހަރެން ގަޔަށް ގުރާ ލަނީ….” ރިޝާގެ އަތުގައި ހިފާލަމުން ރަޝާ ބުނެލިއެވެ. “ލާނެއްނު.. ގުރައެއް ދެކެވިއްޔަ ބިރުން އެ އުޅެނީ…” ގުރާ އެދެއްސާލަމުން ކަރަމް ބުނެލިއެވެ. “އެއީ ދެން މީހަކު ބިރުގަންނަ ވަރުގެ އެއްޗެއްތަ؟؟؟ ހާދަ ލަހުންނޭ ތި އާދެވުނީ… ހިނގާބަ އެތެރެއަށް…” ގެއަށް ވަންނަން ދަމުން ރިޝާ ބުނެލިއެވެ. ރަޝާވެސް ކަރަމް އާއި ދިމާއަށް ވައްތަރު ޖައްސާލުމަށްފަހު ރިޝާ ފަހަތުން ހިނގާގަތެވެ. ކަރަމް ހިނިތުންވެ ހުރެ އަތުން ބައި ކިޔާލިއެވެ. “މީ ހާދަ ލާނެއް ކުއްޖާ ގަނޑެކޭ…” ރިޝާމެން ދިޔުމުން ކަރަމްގެ ކަންފަތުގައި ހިފާލަމުން އަރޫނާ ބުނެލިއެވެ. “އެކަހަލަ ކުދިން ވަރަށް ރުޅި އަރުވާލާހިތްވެ….” ދެޖީބަށް އަތްޖަހާލަމުން ކަރަމް ބުނެލިއެވެ. އަރޫނާ ދެފަރާތަށް ބޯހޫރާލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ.
އާދައިގެ މަތިން އެލީޝާ ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ އޭނާގެ މަންމައަށާއި ބޮޑުދައިތައަށް ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އެހީތެރިވެދޭށެވެ. ނަމަވެސް މިޔަދު އެލީޝާ ފެންނަނީ ތަފާތު ގޮތަކަށެވެ. ކަމެއްކުރުމަށް އެހާބޮޑަށް ޝައުގުވެރިކަމެއް ނެތެވެ. ހުންނަނީ ފާޑަކަށް މަޑުނެގިފައެވެ. “ދަރިފުޅާ ކިހިނެއްވެފަ ތި ހުންނަނީ މިޔަދު ބަލީތަ…؟؟؟” އެލީޝާއަށް މި އައި ބަދަލު ފާހަގަކުރެވިގެން އެލީޝާގެ މަންމަ ލައިލާ އަހާލިއެވެ. “ނޫނޭ މަންމާ ބައްޔެއް ނޫން… މިޔަދު ރަނގަޅަށް ނިދިނުފިލާތީ ކަންނޭގެ މަންމައަށް ތިހެން ހީވީ…” “ރަނގަޅަށް ސައިބޮއެލީމަ ނިދިފިލާފާނެ… އެލީ ދައްތަ އަށް ލޮނުފުޅި ގެނެސްދީބަލަ…” މަސްހުނި މޮޑެން ތައްޔާރުކުރަން ހުރި އެލީޝާގެ ބޮޑޫދައިތަ ތަހުމީނާ ބުނެލިއެވެ. އެލީޝާ ލޮނުފުޅި ހިފައިގެން އައިސް މަތިނެގުމަށްފަހު ސަމްސަލުން އެތިކޮޅެއް ނަގާ ދިއްކޮށްލިއެވެ. ތަހުމީނާ ސަމްސަލަށް ބަލާލުމެއްނެތި އޭގައި ހިފިއެވެ. “މަންމާ މަޑުކޮށްބަލަ…..!!!!” ބަދިގެއަށް ވަދެގެން އައި ތަހާނީއަށް މިމަންޒަރު ފެނިގެން އަތުގައި އޮތް އިލޮށިފަތި އެއްލާލުމަށްފަހު އެދިމާއަށް އަންނަމުން ބުނެލިއެވެ. “ކިހިނެއްވީތަ ދަރިފުޅާ…؟؟؟” ތަހުމީނާ ތަހާނީއަށް ބަލާލަމުން އަހާލިއެވެ. “މަންމާ.. ތީ ލޮނެއް ނޫން… ހަކުރު…” ތަހާނީ މިހެން ބުނުމުން އެންމެން އެޔަށް ބަލާލިއެވެ. ތެދެކެވެ. އެއީ ހަކުރެވެ. “ސޮރީ ދައްތާ…. އޮޅިގެން ގެނެވުނީ…” އަނގަމަތީ އަތް އަޅަމުން އެލީޝާ ބުނެލިއެވެ. އެންމެން ހޭންފެށިއެވެ. ލައިލާ އެލީޝާގެ އަތުގައި ހިފައި ގެންގޮސް ކާމޭޒު ކައިރީ ގޮނޑިއެއްގައި ބޭންދިއެވެ. “ދަރިފުޅު މިތާ މަޑުކޮށްލާ… ސައިބޮއެގެން ނިދިފިލީމަ ދެން ކަމެއްކުރަން އުޅޭނީ އިނގޭ….” އެލީޝާގެ ބޮލުގައި ފިރުމާލަމުން ލައިލާ ބުނެލިއެވެ.
“ތުއްތާ… ކޮންއިރަކުތަ ކަރަމް އައީ..؟؟ ތުއްތަ ނުވެސް ބުނަމެއްނު އޭނަ އައި ވާހަކައެއް…” ރަޝާއާއި ރިޝާ ތިބީ ރިޝާގެ ކޮޓަރީގައެވެ. “އިއްޔެ އައީ… ރަޝް ގާތު ކޮންމެހެން ބުނަން ޖެހޭތަ އޭނަ އައި ވާހަކަ… އަނެއްކާ އޭނައަށް ހިތްކީތަ؟؟” ރަޝާ އާއި ދިމާކޮށްލަމުން ރިޝާ ބުނެލިއެވެ. “ހިތް ނުކިޔާ ވަރެއްތަ….؟؟؟ ހާދަ ރީއްޗޭ އޭނަ…އަބަދު ބަލަހައްޓައިގެން ހުންނަ ހިތްވަނީ… ހިތަށް އަރާ އަހަންނަށް ލިބޭނެ ނަމައޭ…” “ކަމަނާ އެހާ އަވަހަށް ހުވަފެން ބަލަން ފެށީތަ…؟؟؟ “ރަޝާ ދެލޯ މަރައިގެން އިނުމުން މޫނުމަތީ ފުށްޓަތްކެއް ޖަހާލަމުން ރިޝާ އަހާލިއެވެ. “ދެން ތުއްތާ…” އަތުގައި އޮތް ހެދުން ރިޝާއާއި ދިމާއަށް ރަޝާ އެއްލިއެވެ.
މެންދުރުގެ ވަގުތެވެ. އެލީޝާ އާއި ތަހާނީ އިނީ ސިޓިންގްރޫމްގައި ޓީވީ ބަލާށެވެ. އެވަގުތު އަލްޝާއާއި ތާރާ ސްކޫލް ނިންމާފައި އައިސް ގެޔަށްވަނެވެ. އެމީހުންގެ ފަހަތުން އިނާޝް ވެސް އައެވެ. “އައްދޭ.. މިޔަދު އިނާވެސް ސްކޫލަށް ދިޔަ ދުވަހެއްތަ..؟؟؟” ތަހާނީއަށް އިނާޝްމެން ފެނުމުން އަހާލިއެވެ. “ހެހެހެ… ނޫނޭ.. އަހަރެން މިގެޔަށް އަންނަން ނިކުތްތަނުން ތާރާމެންނާ ދިމާވީމަ އެމީހުންނާއެކީ މި އައީ…” ސޯފާގައި އިށީންނަމުން އިނާޝް ބުނެލިއެވެ. “އަލްކޯ.. މިޔަދު އެލީދޮންތަ އުޅުނީ އަހަރެމެންނަށް ފޮނިމަސްހުނި ކާންދޭންވެގެން…” ތަހާނީ އެވާހަކަ ފެށުމުން އެލީޝާ ތަހާނީގެ އަނގަމަތީ އަތްއެޅިއެވެ. “ކިހިނެއްވީތަ….؟؟؟ އަހަރެމެންނަށްވެސް ކިޔާދީބަ..؟؟؟” އަލްޝާ ޝައުގުވެރިކަމާއިއެކު އަހާލިއެވެ. ތަހާނީ ހެނދުނު ހިނގި ހާދިސާ ކިޔާދިނުމުން އެންމެން ހޭންފެށިއެވެ. “އެހެންނޭ ވާނީ… އެމީހާގަނޑު އެންމެފަހުން ރޭގަ އަހަރެން ފޯނަށް މެސެޖްވެސްކުރި.. އޭނަޔާހެދި ރަނގަޅަކަށްވެސް ނުވެސްނިދުނު..” ސޯފާގައި ހަމަޖެހިލަމުން އެލީޝާ ބުނެލިއެވެ. “ކޮން މީހާގަނޑެއް..؟؟ އެންމެނަށް އެއްފަހަރާ އަހާލެވުނެވެ. “އިއްޔެ ކަރުދާސްގަނޑު އެއްލިއެއްނު…” “އޯހް… ދެން މިހާރު އެނގިއްޖެތަ އެއީ ކާކުކަން…؟؟؟ “ނޭނގެ އަހަންނަކަށް… ފޮނިމީހެއް… އަދި ނުބުނެވޭނެޔޯ ކާކު ކަމެއް…” އެވަގުތު އެތެރެއިން ލައިލާ ގޮވާލުމުން އެލީޝާ ދިޔައީއެވެ.
ދެތިންފަހަރު ދޮރުގައި ޓަކި ޖަހާލުމުން ކަރަމް ދޮރު ހުޅުވިއެވެ. “ތުއްތު ދައްތަ ކަމަކުތަ…؟؟ ” ދޮރުމަތީގައި ހުރި ރިޝާ ފެނުމުން ކަރަމް އަހާލިއެވެ. “ހޫމް.. ރަޝާ ގެޔަށް ލައިދޭން ގޮސްދީފާނަންތޯ އަހާލަންވެގެން…” “އޭނާ ގާތު ބުނޭ އަންނާށޭ.. އަހަރެން ބޭރުގަ މަޑުކުރާނަން…” ކަރަމް މިހެން ބުނުމުން ރިޝާ ހިނގައިގަތެވެ.
ރަޝާ ބޭރަށް ނިކުތްއިރު ސައިކަލްމަތީ އިށީނދެލައިގެން ކަރަމް އިނެވެ. “ސާހިބާ އަވަހަށް އަރާ..” ރަޝާ އައިސް ކަރަމް ގާތު މަޑުކޮށްލުމުން ކަރަމް ބުނެލިއެވެ. ރަޝާ އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު ސައިކަލަށް އެރިއެވެ. ކަރަމް ހީލަމުން ސައިކަލް ދުއްވާލިއެވެ. ރަޝާމެންގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމުން ރަޝާ ސައިކަލުން ފައިބާ ގެޔަށް ވަނުމަށްޓަކާ ހިނގައިގަތެވެ. އެވަގުތު ކަރަމް ރަޝާގެ އަތުގައި ހިފެހެއްޓިއެވެ. ރަޝާއަށް ހީވީ އޭނާގެ ގައިގާ ކަރަންޓުގެ ރާޅު ބާންޏެއް ދުވެލިހެންނެވެ. ލަދުރަކި ކަމާއިއެކު ކަރަމްއާއި ދިމާއަށް އެނބުރެލިއެވެ. “ރަޝާ… މިޔަދުވީ ކަންތަކާ ސޮރީ…” ރަޝާގެ އަތުން ދޫކޮށްލަމުން ކަރަމް ބުނެލިއެވެ. “އިޓްސް އޯކޭ…” ރަޝާ މަޑުމަޑުން ބުނެލިއެވެ. ކަރަމް ރަޝާގެ ކޮލުގައި ފިރުމާލުމަށްފަހު ސައިކަލަށް އަރާ ދުއްވާލިއެވެ. ސައިކަލް ގޮސް ލޮލުކޮޅަށް ގެއްލެންދެންވެސް ކޮލުގައި އަތުން ފިރުމާލަ ފިރުމާލާ ރަޝާ ހުއްޓެވެ.
ރޭގަނޑުގެ ވަގުތެވެ. އެލީޝާ އޮތީ ނިދާށެވެ. “އެލީ.. އާދެބަ އެއްޗެއް ދައްކާލާނަން..” ތަހާނީ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. “މިގަޑީގަ…؟؟ ތަހާ ނުނިދަނީތަ…؟؟ އަލްކޮމެންވެސް މިރޭ ހޭލާ ކިޔަވަން އިންނަރެއަކީތަ…؟؟ އަދިވެސް ނިދަން ނާދެ…!!” “އެމީހުން އެބަތިބި އަނެއްކޮޓަރީގަ ކިޔަވަން… ދެން އާދެބަ…” އެލީޝާގެ އަތުގައި ހިފައި ނަގަމުން ތަހާނީ ބުނެލިއެވެ. “ހާދަ އަނދިރިއޭ…” ސިޓިންރޫމްގައި އެއްވެސް އަލިކަމެއް ނެތުމުން އެލީޝާ ބުނެލިއެވެ. ތަހާނީ ލައިޓް ޖެއްސުމާއިއެކު މުޅިތަން އަލިވެގެން ދިޔައެވެ. “ހެޕީ ބާތު ޑޭ އެލީ…” އެންމެން އެއްއަޑުން ކިޔާލިއެވެ. އެލީޝާ ހުރީ ސަޕްރައިޒްވެފައެވެ. ތަހާނީ ތާރާ އަލްޝާ އަދި އިނާޝް ހުރީ ހެވިފައެވެ. “އިނާ މިގަޑީގަ މިގޭގަ…” އިނާޝް ހުރުމުން އެލީޝާ އަހާލިއެވެ. “އެލީއަށްޓަކާ ހުއްދަ ހޯދާގެން މިރޭ މިގެއަށް އައީ.. ދެން ހިނގާބަ ކޭކު ފަޅަން…” މޭޒުމަތީގައި އޮތް ކޭކު ދައްކާލަމުން އިނާޝް ބުނެލިއެވެ. އެލީޝާ ކޭކު ފަޅާ އެންމެންނަށް ކޭކު ލެވިއެވެ. އެވަގުތު ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އެންމެން އެއްފަހަރާ ދޮރާ ދިމާއަށް ބަލާލިއެވެ. “ކާކުބާ މި ގަޑީގަ..؟؟ އަންނާނަން ބަލާލާފަ..” ތާރާ ހިނގައިގަތެވެ. “ނޫން ތާރާ… މަންމަމެންވެސް ތިބީ ނިދާފަ.. ކާކު ކަމެއްވެސް ނޭނގެއެއްނު… ނުހުޅުވާތި..!!” “އެއްކަލަ އެލީ ދޮންތަ… ހާސް ނުވެބަލަ.. އަހަރެން މިހުރީނު..” ތާރާ ދޮރު ހުޅުވާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ތާރާ ފައިކައިރީގަ ތިއޮތީ މާބޮނޑިއެއް…” އަލްޝާ މިހެން ބުނުމުން ތާރާ ގުދުވެ މާބޮނޑި ނަގާ ދޮރު ލެއްޕިއެވެ. “މީ ޔަގީނުންވެސް އެލީ ދޮންތައަށް އައި ހަދިޔާއެއް..” އެލީޝާ އަތަށް މާބޮނޑި ދެމުން ތާރާ ބުނެލިއެވެ. އެލީޝާ މާބޮނޑީގައި ހިފިއެވެ. “ކާކު ފޮނުވި އެއްޗެއްބާ..؟؟” ” މާބޮނޑިތެރޭގައި އެބައޮތް ކުޑަކަރުދާސްކޮޅެއް…” ތަހާނީ މިހެން ބުނުމުން އެލީޝާ އެ ނޯޓްކޮޅު ނަގާ ކިޔާލިއެވެ. ” ހެޕީ ބާތު ޑޭ ލީޝް… ލަވް އެމް…” ” ލީޝް…. އެމް..” އެލީޝާ ވިސްނާލިއެވެ. “މިއުވާން…” މިނަން ކިޔުމާއިއެކު އެލީޝާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
ނުނިމޭ
5 Comments!
Comments are closed.
Nice.
Nice..next part thankolheh avahah genes dhehchey….
thanks fary n chammalhey.. i will try my best…
GREAT………..
thanks shenaa