އަސްލާން 6
“ނޫން. އުފާވޭ.” އަސްލާންގެ ތުންފަތަށް ވެރިކުރުވީ މަސްނޫއީ ހިނިތުންވުމެކެވެ. އެއީ ލިބުނު ހައިރާންކަމުން އުފާވާން ހަނދާންނެތިގެންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. އެ ހިނިތުންވުމުގެ އަޑީގައި އޭނާ ފޮރުވައިލި ނުތަނަވަސްކަން އަހަރެން އަޅައިނުލައި ދޫކޮށްލީމެވެ.
*******************************
ރޫބީއާއި ބައްދަލުކުރާ ދުވަހަށްފަހު ދެން އޮތީ ފޮނިކަނޑާ މީހުން އަންނަ ދުވަހެވެ. އިތުރަށް ސާފުކޮށްދޭނަމަ މަހަކު އެއް ފަހަރު ކަހަލައިން ސޯޝަލް ވޯކަރުންނާއި، ވޮލެންޓިއަރުންނާއި، މީސްމީހުން އައިސް އަހަރުމެންނާއި އެކީ ވަގުތު ހޭދަކުރާ ދުވަހެވެ. ޕޭޝަންޓުންނަށް އިޖުތިމާއީ ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމުގެ ނަމުގައެވެ. ބަލި ފަސޭހަވެގެން މުޖުތަމައުއަށް ނުކުމެވޭނެ ދުވަހަކަށް ތައްޔާރުވުމަށޭ ކިޔައެވެ.
ކުޑަކުދިންގެ ސިކުނޑި ހުންނަ ޕޭޝެންޓުން މަދެއް ނޫނެވެ. އެހެނަސް އަހަންނާއި ދޭތެރޭވެސް ކުޑަކުއްޖެއްހެން ކަންތައްކުރާތީ ވަރަށް އުނދަގޫވެއެވެ. ކުޑަ ދަރިއަކާ ވާހަކަދައްކާހާ ލޯބިން ވާހަކަދައްކަނީ، ބައްޔަކަސް، ތަސައްރަފު ފުދިފައި ހުރި މީހެއްފަދައިން އުޅެ، ރީއްޗަށް ވާހަކަދައްކަން އަހަންނަށް އެނގޭއިރުއެވެ. ނައިބު ރައިސް ވަޑައިގެންނެވި ދުވަހު އޭނާއާއި އެކީ އަހަންނަށް، އެސައިލަމްގެ ފެސިލީޓީތައް ތަރައްގީކުރާ ވާހަކަދެއްކުނީތީ ވަރަށް ހިތްހަމަ ޖެހުނެވެ. ރޫބީއަކީ އަހަރެންގެ އުމުރު ދަނެ އުމުރާއި ގުޅޭ ގޮތަށް ވާހަކަ ބަހައްޓާ މީހެއްކަން ނަސީބެކެވެ. އަބަދު ދަތްޕިލަ ދިލުވައިގެން، ހެޔޮކޮށްހިތަން އުޅޭ ސައިކޮލޮޖިސްޓެއް ނުލިބުނުކަން ނަސީބެކޭ ހިތަށް އަރައެވެ. ކޮންމެއަކަސް މި އެއްވުމުން އަހަންނަށް ލިބޭ ފައިދާއެއް ކުރިއަކުން ނުވިސްނުނެވެ. މުޅި އުމުރު އެ ކޮޓަރިތެރޭ ހޭދަކުރުމަށް އަހަރެން ހުރީ ތައްޔާރަށްވިއްޔާއެވެ. އެހެނަސް ރޫބީ ދިން އުންމީދުން އެ ހިޔާލު ބަދަލުވެއްޖެއެވެ. އަހަރެންވެސް އާދައިގެ އިންސާނެއްގެ ގޮތުގައި މުޖުތަމައުގެ ތެރެއަށް ނުކުމެ އުޅުމުގެ ހުވަފެން ބަލަން ފެށީމެވެ.
އެސައިލަމްގެ ހުރިހާ ޕޭޝެންޓުން އެއްތަނަކަށް ޖަމާވެ ތިބި ހޯލަށް އަހަރެން ވަނީމެވެ. އާދައިގެމަތިން އަހަރުމެން، ވަކި ކޮޓަރިތަކުގައި ގެންގުޅޭ ހާއްސަ ޕޭޝެންޓުން ތިބޭ ދިމާއަށް އެހެން ޕޭޝެންޓުންގެ ނަޒަރުތައް އަމާޒުވެއެވެ. ހޭނިފައި ވުމުން މިހާރު އަހަރެމެންގެ ހިތްތަކަށް ކަހަރު ވަކެކޭވެސް ނާރައެވެ. ނަމަވެސް އަހަންނާއި ޖެހިގެން އިން ފިރިހެނަކު އިނީ ހިސާބަކަށް ނުތަނަވަސްވެފައެވެ.
“ކީއްވެތަ މިފަޅިން ނުލަފާ މީހުން ފެންނަހެން އެ ބަލަނީ؟” އަހަންނާއި ކަޅި ހަމަވުމުން އޭނާ އެއްސެވެ.
“ހިލްމީ؟” އަހަރެން ބޯ އަރިކޮށްލާފައި އަހައިލީމެެވެ. އެނގުނީ އަޑުންނެވެ. އެއީ އޭނާގެ މޫނު ފެނުން ފުރަތަމަ ފަހަރުވިއްޔާއެވެ. އަހަންނަށް ސިފަކުރެވިފައިވީ ގޮތާއި މުޅިން ތަފާތެވެ. ހީކުރިވަރަށްވުރެ ރީތިވުމުން ކުޑަކޮށް ހައިރާންވިއެވެ.
“ލުއާ ދޯ.” ހިލްމީ ހީލައިފައި ބުންޏެވެ. “އަހަރެން ހީކުރީ ކަލޭ ތީ ވަރަށް ކުޑަކުޑަކޮށް ހުންނަ ކުއްޖެއްކަމަށް.” ހިލްމީވެސް ހައިރާންވެފައި ބުންޏެވެ. “ތިހާ ރީތިކުއްޖެއްކަމަށް ހިއެއް ނުކުރަން.”
“އަހަރެންވެސް ހަމަ ތިހެން މި ހިތަށްއެރީ. ތިހާ ރީތި މީހެއްކަމަށް ނުކުރަން. ތުނބުޅިއެއްލާފަ ހުންނަ ބިޔަ މީހެއްކަމަށް ހީކުރީ.” އަހަންނަށް ސިފަވީގޮތް ބުނީމެވެ.
“ތުނބުޅި ދިގުވެފަ ފަލަވެދާނެ ދުވަސްކޮޅަކުން.” އަޑުއަހާ ބަޔަކަށް ހީވާނީ އަހަރެމެންނަކީ ގާތް އެކުވެރިންހެން ކަންނޭންގެއެވެ.
ވޮލެންޓިއަރ ކުއްޖެއްޖެއްގެ ހަޅޭކުގެ އަޑަށް ހުރިހާ އެންމެނަށް އެއްދިމާއަކަށް ބަލައިލެވުނެވެ. އަހަރުމެން ހާއްސަ ޕޭޝެންޓުންގެ ތެރެއިން އެކަކު އޭރު ވަޅިއަކުން ވޮލެންޓިއަރ ކުއްޖާއަށް ހަމަލާދެނީއެވެ. ހުރިހާ ނަރުހުންނާއި ޑޮކްޓަރުން އެ ދިމާއަށް ދުއްވައިގަތެވެ. އެ ދިމާލުގައި ތިބި ދެ ޕޭޝަންޓުން އެ މީހާ ހުއްޓުވުމަށް ގައިގައި ހިފައިގަނެގެން އުޅުނެވެ. ބައެއް ޕޭޝެންޓުން މަޖާވެގެން އަތްތިލަބަޑި ޖަހަޖަހާފައި ފޯރިދޭން ފެށިއެވެ. އެކަމާ އެ މީހުންދެކެ ރުޅި އަންނާނެ ބައެއް ނެެތެވެ. ބުއްދި ހަމަނުޖެހޭ ކުޑަކުދިންނަށްވުރެ ހާލުދެރަ ބަޔަކަށް ވުމުންނެވެ. ވަރަށް ހަލުވި ނަރުހެއް ގޮސް އެ ޕޭޝެންޓު އަތަށް އިންޖެކްޝަނެއް ޖަހައިލިއެވެ. ޕޭޝެންޓު ހޭ ހުސްވެގެން އެލުނުއިރު ހިފެހެއްޓި ޑޮކްޓަރަކު އެހެން ނަރުހަކު ގެނައި އެނދަށް ލައިގެން ގެންދިޔައެވެ.
“ކިހިނެތް ވަޅިއެއް ލިބުނީ.” އަހަރެން ކައިރީ ހުރި ޕޭޝެންޓެއް އަހައިލިއެވެ.
“އާފަލު ކޮށަން ގެންގުޅުން އެއްޗެކޯ. އިނގެންޖެހޭނެ ދޯ މީ ތޫނު އެއްޗިހި ވައްދަން ހެޔޮވާވަރު ތަނެއް ނޫންކަން.” އެހެން ޕޭޝެންޓަކު ބުންޏެވެ. އަހަރެންފަދައިން، ތިމާމެންގެ ބަލިހާލު ދަންނަ ޕޭޝެންޓުންވެސް މަދެއްނޫނެވެ.
އެރޭ ކޮޓަރިއަށް ވަދެވުނުއިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. މިތަނުން ނުދޭކަހަލަ މީރު ފުރުޓުކޮޅެއް ލިބުން ފިޔަވައި އިތުރު އެއްވެސް ރަނގަޅުކަމެއް ނުވިއެވެ. ސިއްހަތަށްޓަކައޭ ކިޔައި ޖެއްސުވި ޒުންބާއިން ވީ ވަރުބަލިން ހީވީ ސިއްހަތުގެ ދެބައިކުޅަ އެއްބައި ގޯސްވިހެންނެވެ. ހިލްމީވެސް މާ ބޮޑަށް ވަރުބަލިވީ ކަންނޭންގެއެވެ. ކޮޓަރިއަށް ވަތްގޮތަށް ގުގުރިދަމަން ފަށައިފިއެވެ. އަސްލާންއަށް ގޮވާނީ އިރުކޮޅަކުންނޭ ހިތައި އެނދުމައްޗަށް ބަންޑުން ޖެހިގަތްތަނާ އަހަންނަށްވެސް ނިދުނީއެވެ.
އަލަށް ގެނައި މޮޅު ބޭސް ކާން ފެށީމެވެ. ޓްރީމެންޓްވެސް ފެށުނެވެ. އެ ޓްރީމެންޓް ކޮންމެ ރެއަކު އަށެއްގެ ފަހުން އޮންނާތީ އަސްލާންއާއި ބައްދަލުނުވާތާ ހަފްތާއެއްވެއްޖެއެވެ.
ކޮންމެ ރެއަކު ނިމޭއިރު ހުންނަނީ ނިދިއައިސް ދެލޯ މެރިފައެވެ. ހެނދުނު ޖަހާ އިންޖެކްޝަނުން ނިދޭތީއާއި، ހަވީރުދަޅައަށް ހިލްމީ އަނގަތަޅަންފަށާތީ ދުވާލުވެސް އަސްލާންއަށް ގޮވާނެ ވަގުތެއް ނުވިއެވެ.
އެރޭގެ ޓްރީޓްމެންޓަށްފަހު އަހަރެން ކޮޓަރިއަށް ވަނީ، ކޮންމެ ގޮތެއް ހަދާފައިވެސް އަސްލާންއާއި ބައްދަލުކުރަން ނިންމައިގެންނެވެ. ދުވާލު ތަންކޮޅެއް ގިނައިރު ނިދީ މިގަޑީގެ ނިންޖާއި ހަނގުރާމަ ކުރެވޭނެ ވަރުކުރުމަށެވެ.
“ނުގޮވާ އެހާ ގިނަދުވަސްވީމަ ބޮޑާހާކާލާނެ.” އަހަރެންގެ ހިތަށް އެރިއެވެ.
“އަސްލާން.” ފުން ނޭވާއެއް ދޫކޮށްލާފައި އަހަރެން ގޮވައިލީމެވެ. ލޯ ހުޅުވައިލިއިރު އަސްލާން ކުރިމަތީ ހުއްޓެވެ. އެ ދެލޮލުގައި ވީ މާޔޫސްކަން ފެނިފައި އަހަރެންގެ ހިތުގައި ވަކިއެޅުނު ކަހަލައެވެ. އެ މާޔޫސްކަން ފޮރުވައިލައި، އަހަރެންގެ ހިތްހަމަޖެއްސުމަށް އަސްލާން ދައްކައިލީ ހިނިތުންވުމެކެވެ.
“ސޮރީ…” އަހަންނަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. އަސްލާން ގެނެސް ލޯބިން ބައްދައިލީމެވެ. ފުއްކިބައިގެ އިސްތަށިގަނޑުގައި އަތްތިލަ ހިންގައިލީމެވެ. އަސްލާންވެސް އަހަރެންގެ މެދުހަށީގައި އަތް ވަށައިލިއެވެ. ފުރަތަމަ ފަހަރަށް އަހަންނަށް ވިސްނައިލެވުނެވެ. އަހަރެން ފިޔަވައި ވަގުތު ހޭދަކުރާނެ އެކުވެރިއެއްވެސް އަސްލާންގެ ހުރޭބާއެވެ؟ އަހަރެން ނުފެނި ދުވަސްކޮޅެއް ވުމުން މިހާ ދެރަ އެ ވަނީ، އޭނާގެ އެކަނިވެރިކަމުންބާއެވެ. ނުވަތަ ހަމަ ވާ ލޯބީގެ ބޮޑުކަމުންބާއެވެ.
“އަސްލާން…” ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ހިނދުކޮޅަކަށް އަހަރެންގެ އަތްތިލަ ހީވީ އަސްލާންގެ ހަށިގަނޑު ތެރެއިން އެތެރެއަށް ފޭދުނުހެންނެވެ. ސިހިފައި އަހަންނަށް ފަހަތަށް ޖެހެވުނެވެ.
“ކި..ކިހިނެތް އެ ވީ؟!” އަހަންނަށް އަހައިލެވުނެވެ. އެއްވެސް އަސަރެއްނެތި އިރުކޮޅަކު ހުރި އަސްލާން، ކިހިނެތްވީހޭ އަހައި ނޭންގޭކަމަށް ހެދިއެވެ. ވަރަށް މޮޅަށް އެކްޓުކޮށްލިއެވެ. ކަމެއް ވިކަން ހަމަ ހަގީގަތުގައިވެސް ނޭންގޭހެން ހީވިއެވެ. އެއީ އަހަންނަށް އޭނާގެ ދޮގެއް ގަބޫލުކުރެވުނު ފުރަތަމަ ފަހަރު ކަންނޭންގެއެވެ. މާ ނިދިއައިސްފައި ހުރުމުން ހީވި ގޮތެއްކަމަށް އަޅައިނުލައި ދޫކޮށްލީމެވެ.
ނިދިން ހޭލެވުނީ ހުވަފެނެެއް ފެނިގެންނެވެ. ގަޑިން ފަތިހު ފަސްގަޑި ބައެވެ. އެ ހުވަފެނާއި ދޭތެރޭ އަހަންނަށް ވިސްނައިލެވުނެވެ. އެއީ އެސައިލަމްއަށް ގެނައުމުގެ ކުރީގެ ހަނދާނެކެވެ. އެކުވެރިންނާއިއެކީ ޑޯލް ހައުސްއިން ކުޅުނު ހަނދާނެވެ. އެއިރުގެ ހަނދާނެއް އެ އާވީ ވަރަށް ދުވަސް ފަހުންނެވެ.
އަހަންނަކީ އެންމެ ކުޑައިރުންސުރެވެސް އަޅައިލާނެ އާއިލާއެއް ނެތް ޔަތީމަކީމެވެ. އުޅެ ބޮޑުވީ ޔަތީމު ކުދިން ބަލަހައްޓާ މަރުކަޒެއްގައެވެ. އެކުގައި އެއް އުމުރެއްގެ ބައިވަރު ކުދިން އުުޅުމުން ފޫހިވާ ވަގުތެއް ނާދެއެވެ. ބެލެހެއްޓީ އެތަނުގެ ވެރި އަންހެންމީހާއެވެ. އޭނާގެ ނަމަކީ މަރިޔަމްއެވެ. މަންމައަކާއި އެންމެ ގާތް މީހަކަށް އަހަރެންގެ ހުރީ އޭނާއެވެ. އެންމެ ގާތް އެކުވެރިންނަށް ތިބި ކުދިންގެ ނަން ހަނދާނެއް ނުނެތެއެވެ.
“ޔޫނާ، ކައިލް، އައިޝާ، އާނާ، ރާޔަން…” އަހަރެން ކިޔައިލީމެވެ. އެ މީހުން މިހާރު ކޮބާބާ؟ ބަލި ފަސޭހަ ވެގެން މިތަނުން ނުކުމެވޭނެ ދުވަހަކުން އެންމެ ފުރަތަމަވެސް ދާނީ މަރިޔަމްއާއި އެ މީހުން ހޯދަން. މިހާރު ބޮޑުވެގެން އެހެން ސިފައެއް ދޯ ޖަހާނީ. މަރިޔަމްވެސް ވަރަށް މުސްކުޅިވެދާނެ.” އެ މީހުންނާއި އަލުން ބައްދަލުވެވޭނެ ދުވަހެއް ސިފަކުރެވުމުން އަހަރެންގެ ތުންފަތަށް ހިނިތުންވުން ވެރިކުރުވިއެވެ.
“ލުއާ!” ހިޔާލީ ދުނިޔެއިން ހަމަ ބިމަށް ފޭބުނީ ހިލްމީގެ އަޑަށެވެ. “މިއަދު އަހަރެންގެ އަންހެނުން އަންނާނެ ބައްދަލުކުރަން، އިނގޭތަ؟” ހިލްމީގެ އަޑު އާދަޔާއި ހިލާފަށް އުފާވެރިއެވެ.
“ކަލޭގެ އަތްބެއް ހުރޭތަ؟” އަހަރެން އެހީމެވެ.
“އާނ. ލުއާއަށް ވުރެ މާ ރީތިވާނެ.” މީމަށް ދަމާލައިފައި ބުނިއިރު ހިލްމީ ހިވީ ހެވިދިލިފައި ހުރިހެންނެވެ. އަނެއްކާވެސް އޭނާގެ ހަމަނުޖެހޭ ވާހަކަތަކުން ވާހަކައެއް ކަމަށް އަހަންނަށް ހީވިއެވެ. ނަމަވެސް އެ ހީވުން ދޮގެއްކަން އެނގުނީ ހަވީރުއެވެ. ހިލްމީގެ ކޮޓަރިއަށް ނަރުހެއް ވަދެފައި، ‘އަންހެނުން އައިއްސިއޭ ހިނގާށޭ’ ބުނެ، ހިލްމީ ގޮވައިގެން ދިޔަ އަޑު އިވުނެވެ. މި އެސައިލަމްގައި ތިބޭ މީހުންގެވެސް އާއިލާ މީހުން ތިބޭނެތާއޭ ހިތަށްއެރިއެވެ. އެ މީހުންނާއި ބައްދަލުކުރަން މީހުން އަންނަކަން އެނގުނީ ފުރަތަމަ ފަހަރުއެވެ.
“ދެން… މަރިޔަމްމެން އަހަރެން ދެކިލަން ނާންނަނީ ކީއްވެ؟…”
އެރޭ އައިއިރު އަސްލާން ހުރީ މުޅިން މޫޑު ރަނގަޅުކޮށްލައިގެންނެވެ. އައި ގޮތަށް ދައްކައިލީ ފުޅާ ހިނިތުންވުމެކެވެ.
“މިރޭ ހިނގާ ޑޭޓަކަށް. ދުވަސްގަނޑެއް ވެއްޖެއެންނެ އެންމެ ފަހުން ދިޔަތާ.” އަސްލާން ބުންޏެވެ. އަހަރެން އެއްބަސްވީމެވެ. ދެން ކޮންމެ ތަނަކަށް ދެވުނަސް ހައިރާނެއް ނުވާނެއޭ ބުނީމެވެ.
ލޯ ހުޅުވައިލިއިރު އެޅުނީ ނޫ އައްޔެކެވެ. ވަށައިގެން ބަލައިލެވުމުން އަހަރެންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ބިއްލޫރިގަނޑަކުން ފެންނަ ފެންގަނޑުގައި ތަފާތު ވައްތަރުގެ މަސްމަހާއިމެހި ދުވެއުޅުނެވެ. ބޮލު މަތީވެސް އޮތީ އެ ފެންގަނޑުކަމުން މަތީގައިވެސް މަސްތައް އުޅުނެވެ. ހީވީ ކަނޑުއަޑީގައި ހުރެވުނުހެންނެވެ. ކުޑައިރު އަޑުއަހާފައިވީ ނަމަވެސް، އަކުއޭރިއަމްއަކީ މިހާ ރީތި ތަނެއްކަމަކަށް ހިއެއް ނުކުރަމެވެ. ސިފަވީ ބައިވަރު މަސް ޓޭންކުތަކެއް ލާފައި ހުންނަ ތަނެއްވިއްޔާއެވެ. ނަމަވެސް އެ ތަނަކީ ބޮޑު އެއް މަސް ޓޭންކެވެ. މަސްތައް ފިޔަވައި އެތާ ތެރޭގައި ތިބީ އަހަންނާއި އަސްލާން އެކަންޏެވެ.
“ރީތި ދޯ.” އަސްލާން ބުންޏެވެ. އަހަރެން ބޯ ޖަހައިލީމެވެ. އެކި ވައްތަރު ވައްތަރުގެ މަސްތައް ދުވެލާފައި އުޅުން މަންޒަރުން ނަޒަރު ދުރުނުކުރެވުނެވެ. ފެންނަ ކޮންމެ އާދަޔާއި ހިލާފު މަހެއް ހިތުގައި ރައްކާކުރެވުނެވެ.
އަސްލާން ގެނެސް އަހަރެންގެ އަތަށްލައިދިނީ އައިސްކްރީމްއެކެވެ. އައިސްކްރީމްއެއްގެ ރަހަ ނުފެންނަތާ ކިތައް މަސް ވެއްޖެބާއެވެ. އަސްލާން އޭނާގެ އައިސްކްރީމް މީރުކޮށް ބޯތަން ފެނިފައި އަހަރެންވެސް އަހަރެންގެ އަތުގައި އޮތް އައިސްކްރީމްގެ ރަހަ ބަލައިލީމެވެ. އެއްވެސް ރަހައެއް ނުލިއެވެ. ހިސާބަކަށް ހައިރާންވިއެވެ. އެއީ ހަމަ އައިސްކްރީމްބާއޭ ހިތަށް އެރިއެވެ. ނަމަވެސް އެއްޗެކޭ ނުބުނަމެވެ.
“މީ އަނެއްކާ ކޮން ގައުމެއްގަ ހުންނަ ތަނެއް؟” މަތިން ދިޔަ ބޮޑު މަހެއް ފެނި، ކަރު މައްޗަށް ނަގައިގެން އޮވެ އަހަރެން އެހީމެވެ. ނަމަވެސް އަސްލާންގެ ޖަވާބެއް ނައެވެ. ފަސް އެނބުރި ބަލައިލީމެވެ. އަސްލާންއެއް ނެތެވެ.
“އަަސްލާން؟..” އަހަރެން ގޮވައިލީމެވެ. ސަމާސާއަކަށް ފިލީކަމަށް ނިންމައި މަޖާވެފައި އަހަރެން އަސްލާން ހޯދަން ފެށީމެވެ. މަސްތައް ހުރި ތަނުން ނުކުމެ ކާ އެއްޗެހި ވިއްކާ ދިމާލުންވެސް ހޯދީމެވެ. ނުކުންނަ ތަނަކުވެސް އަސްލާންއެއް ނެތެވެ. ހިތް ނުތަނަވަސްވެފައި އަނެއްކާވެސް މަސްތައް ހުރި ދިމާއަށް ވަނީމެވެ. އަހަރެން ނުލައި އަސްލާން ބޭރަށް ނުކުންނާނެހެން ހިއެއްނުވިއެވެ. ކުއްލިއަކަށް ކުރިމަތިން ފާޅުވީ ހުދު ފާރެކެވެ. ހުރެވުނީ އަހަރެންގެ ކޮޓަރީގައެވެ. އަކުވޭރިއަމްއެއް ނެތެވެ. އަސްލާންއެއްވެސް ނެތެވެ.
“އަސްލާން…އަސްލާން… އަސްލާން!” އެ ވީ ގޮތެއް އޮޅުންފިލުވައިދޭތޯ އަސްލާންއަށް ގޮވީމެވެ. އެހެނަސް އޭނާގެ ހިލަމެއް ނުވިއެވެ. ބިންމައްޗަށް ތިރިވެވުނު އަހަރެންގެ ހިތަށް ވެރިވީ ބަޔާންކޮށްދޭން ނެގޭފަދަ ބިރެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





Beautiful….. Awesome…. Nice….. Fantastic….. Brilliant….. Excellent.. And many more… Kuriahvureves reethi mi vaahaka mihaaru ingey dear????????????Lots of luuuuuuuvvvvsss❤️❤️❤️❤️??????????????????????????????❤️
Thank u so much mi varah compliments nulibeykanne dhuvahakuves my story akah? luv u more
Varah reethi
As always thank u ibsha
Oh nice mi part ves ? ??????
Curiously waiting for next part
Thnx drax nxt prt maadhan ingey
Adhi kiriyaa mi enguny hilmy aky boy eh kan???..mioh hurihaa iru I thought aee gurl eh kamah..lol..hehe…btw mi part vec vv rythi ingey…Whn next.avahah upkohladhyba ingey..Curiously waiting..lysm?????????❤❤❤??????????????????❤❤❤
hilmee vatharu tha anhen namakaa? lua hilmee imagine kuree thunbulhi laafa huri biya meeheh hen jiji imagine kuree anheneh hen?? thnx ingey nxt prt iradhakureviyyaa miadhu luv u more
alhey. luaa ekani Koh nulahchey. She’ll be so sad.Don’t do anything to Aslaan .??varah salhi. When next
thnx rai nxt prt maybe mirey or tmrw