އެލީން 2
ފޯނަށް މާބޮޑު ސަމާލުކަމެއް ނުދީ އެލީން މިސްރާބު ޖެހީ ކުރިމަތީ އޮތް ކާރާ ދިމާއަށެވެ. އެވަގުތު ޖެހިލި ވައިރޯޅިން އެލީންގެ އިސްތަށިގަނޑު އުދުއްސާލިއެވެ. ފޮށިތައް ޑިކީއަށް ލުމަށްޓަކައި އީވާންއަށް އެހީވާން ކާރުން ބޭރަށް ނުކުމެ ހުރި ޑްރައިވަރަށް އެލީން ފެނުމާއެކު ހުއްޓުން އަރާގޮތްވިއެވެ. އިރުގެ އަލިން އެލީންގެ ރީތި މޫނު ވަނީ ރަންވެފައެވެ. އެލީންގެ ހިމަ ދިގު އިނގިލިތަކުން އެ މޫނަށް ނިވާއެޅި އިސްތަށިކޮޅު އެއްފަރާތްކޮށްލި މަންޒަރު ހިތުގައި ރައްކާ ކޮށްލިއެވެ.
“ހިނގާ ދަމާ ދޯ..” ހުއްޓުން އަރާފައި ހުރި ޑްރައިވަރު ސިއްސައިގެން ދިޔައީ އީވާންގެ އަޑަށެވެ. ތެޅިގަނެފައި އޭނާ އަވަސްއަވަހަށް ކާރު ތެރެއަށްދެމިގަތެވެ. އެލީން ފެނިގެން ޑްރައިވަރަށް ވީވަރު ފެނުމުން އީވާން ގާތަށް އައީ ލާނެއް ހިންޏެކެވެ. ފަހަތަށް އެނބުރިފައި އޭނާ އެލީން އަށް އެއްލޯ މަރާލިއެވެ. ބޭބެގެ އެ ލާނެއް އަމަލުން އެލީން ގާތަށްވެސް ހިނިއައެވެ. ޑްރައިވަރު ސިއްސުވާލީ އީވާން ގަސްތުގައިކަން އެލީންއަށް އެނގެއެވެ. ހެމުން އަނގަމަތީ އަތް އަޅައިގެން މަންމައާއިއެކީ ގޮސް ކާރަށް އެރިއެވެ
“ކޮންތާކަށްތޯ ދާންވީ..؟” ކާރުގެ ލޯގަނޑުުން އެލީންގެ މޫނަށް ބަލައިލަމުން ޑްރައިވަރު އަހައިލިއެވެ. ކިތައްމެ ވަރަކަށް ބެލިކަމުގައި ވިޔަސް ބަލާ ފޫހިނުވާނެފަދަ ރީތިކަމެއް ޤުދުރަތުން އެލީންއަށް ދެއްވާފައިވެއެެވެ.
އީވާން ދާންވީތަނުގެ ނަން ބުނުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ. އެލީން އަވަސްއަވަހަށް ކާރުގެ ލޯގަނޑުން ފެނި ގެއްލެމުންދާ ގުދުރަތީ ރީތި މަންޒަރުތަކަށް ބަލަން ފެށިއެވެ. މަގުގެ ދެފަރާތުގައި ގަސްތައް ހެދިފަިވުމުން މުޅި މާހައުލުވަނީ ފެހިވެފައެވެ.މީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އެލީން ގެއްލިފައި ހުއްޓާ ފޯނާއި ކުޅެމުން ދިޔަ އެހެން ކުދިބަޔަކު ފެނުމުން ފޯނަށް އައި މެސެޖުގެ މަތިން ހަނދާން ވިއެވެ. އެލީން އަތްދަބަސް ތެރެއިން ފޯނު ނަގައި ބަލައިލިއެވެ. އެވަގުތު އެލީންގެ ބުމަ ގޮށް ޖެހިގެން ދިޔައެވެ.
“ދެން މެސެޖު ކުރާނެ ކަމެއް ނެތް…!” ފޯނު އަނބުރާ އަތްދަބަސް ތެރެއަށް ކޮށް ޕާލަމުން އެލީނަށް ބުނެވުނީ ރުންކުރުކަމާ އެކުއެވެ. އޭރު ރުޅި އައިވަރުން އެ ދޮން މޫނު ވަނީ ރަތް ވެފައެވެ.”ކާކުތަ މެސެޖު ނުކުރަންވީ..؟ ކިހިނެއްވީ ދަރިފުޅާ..؟؟؟” ގާތުގައި މަންމަ އިންކަންވެސް އެލީން ހަނދާންވީ ލީނާ ވާހަކަ ދައްކަން ފެށުމުންނެވެ. އެލީން ދިޔައީ ސިއްސައިގެންނެވެ. “އެ…އެ..،ކަމެއް…ނުވޭ…..” އަޅައަޅަގަންނަމުން އެލީންއަށް ބުނެވުނެވެ. އޭރު އެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ނަސީބަކުން ލީނާ އިތުރު ސުވާލެއް ނުކުރެއެވެ.
އެއާރ ޕޯރޓްގައި މީހުން ވަރަށް ގިނައެވެ. އެންމެ ފުރަތަމަ އެތެރެއަށް ވަނީ ލީނާއެވެ. އަޑުގަދަކަމުން އީވާން އެތެރެއަށް ވަނީ ކަންފަތުގައި ހެޑްސެޓް އަޅައިގެންނެވެ. އީވާންގެ އަތުގައި އަތް އަޅުވާލައިގެން އެލީން އެތެރެއަށް ވަނުމާއެކު އެންމެންގެ ލޯ ތަކުގެ ޝިކާރައަކަށް އެދެމީހުން ވެގެން ދިޔައެވެ. ދެކުދިން އެހާ ކައިރީގައި ތިބިއިރު ހީވަނީ ދެލޯބިވެރިންހެންނެވެ. އަންހެން ކުދިން އާގަމަވެފައި އީވާން އަށް ބަލަން ހުއްޓުން އަރާފައި ހުރިއިރު ފިރިހެން ކުދިން ތިބީ މާކުރިން އެލީން އަށް ހިތް ދީގެންނެވެ. ހަސަދަވެރިކަމުގެ ލޮލުން ބަލަމުން ދިޔަ މީހުންވެސް މަދެއް ނޫނެވެ. އެލީން އާއި އީވާން އަށް އެ ތޫނު ނަޒަރުތަކުން އަސަރު ކުރިހެނެއް ހިއެއް ނުވެއެވެ. ނޫނީ އެކަންތަކަށް އެކުދިން ހޭނިފައި ވަނީއެވެ. އެވަރަށް މީހުން ބަލަމުން ދިޔަނަމަވެސް އީވާން އެލީން ދުރުކޮށްލާކަށެއް ނޫޅެއެވެ. އީވާން އެނާގެ ކޮއްކޮ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެ ކޮއްކޮއަށް ރައްކާތެރިކަން ދިނުމަކި އޭނާގެ ޒިންމާއެއް ކަން އީވާން ގަބޫލު ކުރެއެވެ.
ޗެކިންގެ ކަންތައް ނިމިގެން އީވާން ދިޔައީ ކާނެެެެެެެ އެއްޗެއް ބަލައެވެ. އެލީން މަންމަ އާއި އެކު ބެންޗެއްގައި އިށީނދެލައިގެން އިން އިރު ވައިރޯޅިތައް ފަޙުރުވެރިވެލާފައި އެލީންގެ ރީތި އިސްތަށިގަނޑަށް ބޮސް ދެވުނުކަމުގެ ޝަރަފު ލިބިގަންނަމުން ދިޔައެވެ. ތަށައިގެން ވާހާ މާމެލާމެލީގެ ވަސް ފަނޑު ވެފައި ވަނީ އެލީންގެ ގައިން އަރަމުން ދިޔަ ލުއި މީރު ވަހުންނެވެ. މޫސުމް ވެސް ހީވަނީ އެލީނަށްޓަކައި ފަރިވެފައި ވާހެންނެވެ.
” މީހުން ބަލާ ވަރުންވެސް…” އިރުކޮޅަކުން އީވާން އައިސް ދަޅުތައް ހުރި ކޮތަޅު ލީނާގެ އުނގަށް ލައިދީފައި ބެންޗުގައި ދިގުދެނިލި ގޮތުން ބަލަން ތިބި އަންހެން ކުދިން އާގަމަ ވިއެވެ. ބައެއް ކުދިން ސިއްރު ސިއްރުން އީވާންގެ ފޮޓޯ ވެސް ނެގިއެވެ. ޔަޤީނުންވެސް އެކުދިންނަށް ޙަޒާނާ ކުރާވަރުގެ އެއްޗަކަށް އެ ފޮޓޯގަނޑު ވެގެން ދާނެކަން ގައިމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Wow. Varah reethi mi part. Ma Shaa Allah. Keep it up. When next???
V. Reethi. Whn next..? ??
Salhi
V.reethi ???when next part
V. Reethi ❤️