އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައި)
އަހަރެން އެނބުރި އަންނާނަން (7 ވަނަ ބައިގެ ތެރެއިން)
އަހަރެންގެ ޙައިރާންކަން އިތުރުވެގެން ދިޔައެވެ. މިއޮތް ހުރިހާ ދުވަހު ތުއްތަ އަހަރެންނާއި ގުޅާވެސް ނުލީ އަހަރެންގެ ނަންބަރު ނޭނގޭތީއެއް ނޫނެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅިއައިސްފައި ހުރުމުންނެވެ. މިހާރު އެ ރުޅިގަނޑަށް ވީ ކީއްހެއްޔެވެ. އަފްސަލް ކޮބާބާވައެވެ؟ ރާކިން އަކީ ތުއްތަގެ ކާކު ބާއެވެ؟ މިކަހަކަ ޚިޔާލުތަކެއް އަހަރެންގެ ބޮލުގައި އެނބުރެން ފެށިއެވެ.
+++++++++++++++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައި)
ހަމައެރޭ ތުއްތަ އަހަރެންނާއި ވައިބަރ އިން ވާހަކަ ދެއްކިއެވެ. އަދި ތުއްތަ މިހާރު އުޅޭގެ ކިޔައިދިނެވެ. އަހަރެންނަށް އިންތިޒާރު ކުރާނެ ވާހަކަ ވެސް ބުންޏެވެ.
ތުއްތަ އެދުނުހެން، އެގެއަށް އަހަރެން އެރޭ ދިޔައީމެވެ. ތުއްތައާއި އެހާ ދުވަސްކޮށްފައި ދިމާވުމުން އަހަރެން ވަރަަށް އުފާވިއެވެ. ތުއްތަގެ ވާހަކައިން އަހަރެންނަށް އެނގުނު ގޮތުގައި އަފްސަލް ކައިރިން ތުއްތަ ވަރިވި ވާހަކަ އާއި ވަރިވީ، ތުއްތަ އެއްރޭ ޑިއުޓީގައި ހުރެފައި ގެއަށް އައިއިރު ތުއްތަމެން ނިދާ ކޮޓަރީގައި އަންހެންކުއްޖަކު ގޮވައިގެން އޮއްވާ ފެނިގެން ކަމަށް ބުންޏެވެ. އަދި އަހަރެންނާއި ދިމާލަށް އެދުވަހު ތުއްތައަށް އެގޮތަށް ކަންތައްކޮށް ގެއިން ނެރެވުނީތީ، އެކަމާއި ދެރަވެ، ލަދުގަންނަ ވާހަކަ ބުންޏެވެ.
އަދި އަހަރެންގެ ކޮޓަރިން އަފްސަލްގެ ތަޅުދަނޑިއެއް ފެންނާނީ، އަފްސަލް އަހަރެންގެ ކޮޓަރިއަށް ވަނުމުންކަން ތުއްތަ ޤަބޫލުކުރާ ކަމަށާއި، އެކަމުގައި ތުއްތައަށް އަހަރެން ކުށްވެރި ކުރެވުނީތީ، އެކަމާއި ދެރަވާ ވާހަކަ ބުންޏެވެ. އަދި އަފްސަލްގެ އަސްލު އެނގުނީ މާފަހުންކަންވެސް އަހަރެންގާތު ތުއްތަ ބުންޏެވެ. އަދި ތުއްތަގެ ސަބަބުން މަންމަ އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާލާފައި ވާތީ، އެކަމާވެސް ދެރަވާ ވާހަކަ ބުންޏެވެ.
އަދި ޑރ. ރާކިން އަކީ މިހާރު ތުއްތަގެ ފިރީމީހާ ކަމާއި، އެ އެޕާޓްމަންޓަކީ އެމީހުން ކުއްޔަށް އުޅޭ އެޕާޓްމަންޓް ކަމަށާއި، ޑރ ރާކިންއަކީ ތުއްތަ ވަޒީފާ އަދާ ކުރާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ދަތުގެ ޑޮކްޓަރެއް ކަމުގައި ތުއްތަ ބުންޏެވެ. އެވަގުތަކީ ޑރ ރާކިން ޑިއުޓީގަޑި ކަމުން އަހަރެންނާއި ޑރ ރާކިން އާއި އެދުވަހު ދިމަލެއް ނުވެއެވެ. މިހާރު ތުއްތަ ހޮސްޕިޓަލުން ކެނޑުނު ވާހަކައާއި، ޗުއްޓީ ނިންމާފައި މެލޭޝިޔާއަށް ދިޔުމުގެ ކުރިން މަންމަ އާއި ބައްދަލުކޮށްލުމަށް ތުއްތައާއި އެކު ރަށަށް ގޮސްލަން ތުއްތަ އަހަރެންގާތު، އެދުނެވެ. އަހަރެންވެސް އެކަމަށް އެއްބަސް ވީމެވެ. ޒައިދާންގެ ވާހަކަވެސް ތުއްތައެހިއެވެ. އަދި ޒައިދާން ވެސް ގޮވައިގެން ރަށަށް ދާން ޚިޔާލުދިނެވެ.
+++++++++++++++++++++++++++++++++++++++++++++++
ތުއްތައާއި ދިމާވި ވާހަކަ އާއި، ކަންތައްވީ ގޮތް އަހަރެން ޒައިދާންއަށް ކިޔާ ދިނީމެވެ. ޒައިދާން އެދުނީ އަހަރެން ތުއްތައާއި އެކު ރަށަށް ދިޔުމަށެވެ. ކަންތައްތައް ވިީގޮތުން، ޒައިދާން، އަހަރެންގެ މަންމައާއި ދޭތެރޭ ހިތްހަމަ ނުޖެހިފައި ހުރިހެން އަހަރެންނަށް އިޙްޞާޞްކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ހިނގާދިޔަކަންކަމުގައި މަންމަ އަހަރެންނާއި ދޭތެރޭ ކަންތައް ކުރިގޮތް ޒައިދާނަށްވެސް ފެނުނުތާއެވެ. އަދި އޭރު، އެކަމާ އަހަރެން ދެރަވެގެން އުޅުމުންވެސް ޒައިދާންއަކަށް އެހާ ކަމަކުނުދިޔަކަންވެސް އަހަރެންނަށް އެނގުނެވެ.
+++++++++++++++++++++++++++++++++++++++++++++++
“މިއަދު މަންމަ މިހިރީ ތޮރާ މަސްހުންޏާއި ރޮށި ހަދާފަ!..” އަަހަރެންނާއި ތުއްތަ ސައިބޯން އެރުމުން މަންމަ ބުންޏެެވެ.
“ތީ އިފާއަށް އެންމެ މީރު އެއްޗެހި!..ދޯ އިފާ!..” ތުއްތަ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުންޏެވެ.
“އާން.. ތެދެއްތީ! ތުއްތައަށް ހަމަ ނުބައިތަ ތޮރާ މަސްހުނި؟..” އަހަރެން ސުވާލުކޮށްލީމެވެ.
“ނޫން.. ނުބައެއްނޫން ދެން..! އެކަމު އިފާއަށް މީރުވަރަކަށް އެކަކަށްވެސް ތިއެއް މީރުވާނެހެނެް ހިޔެއްނުވޭ!” ތުއްތަ ހެމުން ހެމުން ބުންޏެވެ.
“އިނާ އަށް މީރުވާނީ ޑިސްކާއި ރިހާކުރުކަން މަންމަ ހަނދާން އެބަހުއްޓޭ..” މިހެން ބުނުމަށް ފަހު ބަދިގެއިން ހޫނު ޑިސްކުތަކަކާއި ކޮޅިކޮށްފައި ހުރި ރިހާކުރުތައްޓެއް މަންމަ ގެނެސްމޭޒުމަތީ ބެހެއްޓިއެވެ.
“އާޗާ..މަންމަ ވަރެއް ހަމަ ނެތް! މިހެން ބުނެފައި ތުއްތަގޮސް މަންމަ ގައިގައި އޮޅުލައިގަތެވެ.
އެއީ އަބަދުވެސް މަންމަ ކައިރީގައި ތުއްތަ އުޅޭ ގޮތެވެ. އަހަރެންނަކަށް މަންމައާއި އެހާ ގާތްކޮށެއް ނޫޅެވެއެވެ. ލޯބި ނުވާތީކީ ނޫނެވެ. އަހަރެންގެ މިޒާޖު، ތުއްތައާއި ތަފާތުވެފައި، މަންމަވެސް އަހަރެންނާއި އެހާ ގާތްގޮތެއް ހުންނަހެން އަހަރެންނަށް އެއްވެސް އިރެއްގައި އިޙްޞާޞް ނުވާތީ އަހަރެންނަށް މަންމައާއި ގައިގޯޅިވެއުޅެން ޖެހިލުންވަނީއެވެ.
އެދުވަހު އަހަރެންނާއި، މަންމައާއި، ތުއްތަ އެއްސުފުރާއެއްގައި ސައިބުއީމެވެ. އެކި އެކި ވާހަކަ ތައް ދައްކަމުންނެވެ. ރާކިންގެ ވާހަކަތުއްތަ ކައިރީ އެހުމަށް ފަހު،މަންމަ ޒައިދާންގެ ވާހަކަވެސް އަހަރެންގާތު އެހިއެވެ. ނުގެނައީ ކީއްވެތޯވެސް ސުވާލިކުރިއެވެ. ޒައިދާން ބައްޕައާއި އެކު ވިޔަފާރިއާއިގުޅޭ ކަންތަކެއްގައި ބުރަކޮށް އުޅޭތީ، ނާދެވުނީކަމުގައި ބުނީމެވެ.
++++++++++++++++++++++++++++++++++++++++++++
އަހަރެންނާއި ތުއްތަ ރަށުގައި ފަސް ދުވަސް ހޭދަކުރުމަށްފަހު އެނބުރި މާލެ އައީމެވެ. ރަށުގައި ހޭދަކުރި މަދު ދުވަސްކޮޅު އުފާވެރިއެވެ. މަންމައާއި ތުއްތައާއެކު ވަގުތު ހޭދަކުރެވުނެވެ. ބައްޕަވެސް ކޮންމެވެސް ވަަރަކަށް ވާހަކަ ދެއްކިއެވެ.
އަހަރެން އުފާވެފައި ހުރުމުން ޒައިދާންވެސް އުފާވިއެވެ. މާލޭގައި އިތުރު ދެދުވަސް ހޭދަކުރުމަށްފަހު އެނބުރި އަހަރެންނާއި ޒައިދާން މެލޭޝިޔާއަށް ދިޔައީމެވެ.
++++++++++++++++++++++++++++++++++++++++++++
ކުރިއެކޭވެސް އެއްގޮތަށް އަހަރެންމެންގެ ޝެޑިއުލް ފެށުނެވެ. ޒައިދާން ކިޔަވަންގޮސް ވަޒީފާއަށް ދާންފެށިއެވެ. އަހަރެންވެސް އާދައިގެ މަތިން ކޯހަށްދާން ފެށީމެވެ. ޒައިދާންގެ މަންމަ ގުޅާގޮތަށް އަހަރެންގެ މަންމަވެސް ތުއްތަވެސް ވައިބަރ އިން އަހަރެންނަށް ގުޅާ ހަދަންފެށިއެވެ. އަހަރެން ވަރަށް އުފާވިއެވެ.
ޒައިދާން އާއި އަހަރެންގެ ދިރިއުޅުން އިހުނަށްވުރެ އުފާވެރިވި ކަމުގެ އިޙްޞާޞް އަހަރެންނަށް ކުރެވެން ފެށިއެވެ.
ދުވަހަކީ އަހަރެންނާއި ޒައިދާންގެ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހެވެ. މެލޭޝިޔާގެ ރީތި ރިސޯޓަކަށް އަހަރުމެން ދިޔައީމެވެ. އަދި އެތަނުގައި ދެރޭ ދެދުވާ ހޭދަކުރީމެވެ. ޒައިދާން އަހަރެންނަށް މާބޮޑިއަކާއި ކޭކެށްވެސް ދިނެވެ. އަދި ހަދިޔާއަށް އެތަށް ބައިވަރުތަކެތި ދިނެވެ. އަހަރެން ބައެއްފަހަރު ޖެހިލުންވެއެވެ. އަހަރެންނަށް އަބަދު މިގޮތަށް އުފަލުގައި އުޅެވޭނެބާއޭ ހިތަށް އަރާފައެވެ. ވޭތުވެދިޔަ އެއް އަހަރަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. އެއީ ޒައިދާން އަހަރެންގެ ޙަޔާތް އުފާވެރިކޮށްދިނުމުންނެވެ. ކޮންމެ އާ ދުވަހަކަށް އިރު އަރަނީ ވެސް އަދި އެ ދުވަހެއްގެ އިރުއޮއްސެނީވެސް އަހަރެން ޒައިދާންގެ ލޯބިގައި ފިޔަޖަހަ ޖަހާ އިންދައެވެ. ކިތަންމެ ބުރަކޮށް ދެމީހުން އުޅުނަސް އެކަކު އަނެކަކުދެކެ ވާލޯތްބަށް ކުޑަވެސް ބަދަލެއް އަންނަކަމުގެ އިޙްޞާޞްއެއް އަހަރެންނަަކަށް ނުކުރެވެއެވެ.
(ނުނިމޭ..)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


V reethi mi part ves next part avahah up kohladhehchey
Salhi inge..v v dhuvas kohfa dhw kiyaalan mi libuny..it’s OK…curiously waiting for the next part?
Haadha lahun thi up kohlanee mihaaru kurin kee baithah handhaan ves neyi adhi ehaa kurukoh