36 ވަނަ ބައިގެ ތެރެއިން…..
ދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ފިރިހެނަކު ސަލާން ގޮވާލި އަޑަށެވެ. އަޑު އައި ދިމާލަށް ދެމީހުންނަށް ބަލާލެވުނީ އެކުއެކީގައެވެ. އެވަގުތު އެއީ އާކިން ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން ނިކުތް ވަގުތެވެ. ކުރިމަތީގައި ނޫކުލައިގެ ހެދުމުގައި ތިބި ތިން މީހުން ފެނި މާއިރާގެ ތިންމައިންގެ ފައިތިލަ ކާޕެޓްމަތީގައި ތަތްވި ކަހަލައެވެ. ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ވަގުތު އައިސް ޖެހުނީއެވެ. މާއިރާއަށް ހިންދިރުވާލެވުނު ވަގުތު ބޮލަށް އެނބުރުން އެރިއެވެ. އޭނާ ހިންގާފައިވާ ނުބައި ޖަރީމާތައް ކުލަކޮށް ކުރިމަތީގައި ރޯލްވާން ފެށިއެވެ. އިސާހިތަކު އޭނާގެ މުޅި ހަށިގަނޑުން އޮށްދާހިއްލާ ދެފައިގާ ތުރުތުރެއް އުފެދުނެވެ.
***********************************
“ވައަލައިކުމުއްސަލާމް…” ސަލާމް ބަލައިގަތީ ކޮޓަރީ ދޮރު ހުޅުވާލާފައި ނިކުތް ކުލްޝޫމެވެ. ކުރިމަތީ ފެންނަން ތިބި ފުލުހުންގެ ހަތަރު އޮފިސަރުނަށް ވުރެ ބޮޑަށް އޭނާއަށް ޚައިރާންކަމެއް ލިބުނީ މާއިރާގެ ތިންމައިން ފޮށްޓާއެކު ފެނުމުންނެވެ. އެހިނދުކޮޅުގައި ވާންއުޅެނީ ކީތްކަން ކުލްޝޫމް ދެނެގަތެވެ. އޭނާ ފޯނުން މެސެޖެއް ލިޔެލާފައި ޔަނާލަށް ފޮނުވާލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ހާރޫނާއި ޝާއިރާއާއެކު ޔަނާލް ހުރީ ގެއިން ބޭރުގައި ފިހާރައެއްގައެވެ. އޭނާ ވަގުތުން ފައިޒަންއަށް ކުލްޝޫމް ފޮނުވާލި މެސެޖް ފޯވަރޑް ކޮށްލުމަށްފަހު ކާރަށް އަރުވާފައި ހާރޫނާއި ޝާއިރާ އެގެއާއި ދިމާލަށް ފޮނުވާލިއެވެ. އޭނާ މަޑުކުރީ ފައިޒަންއާއި އެކުގައި ދާށެވެ.
“ވަންނަވާ އެތެރެއަށް….” އަބަދުވެރިކަމާއެކު ކުލްޝޫމް ޖަވާބުދާރީވިއެވެ. ކުރީގައި ހުރި ކުލްޝޫމްގެ އަތަށް ފުލުސް އޮފިސަރުންގެ ތެރެއިން ކުރީގައި ހުރި އޮފިސަރ ކޯޓް އަމުރެއް ދިއްކޮށްލިއެވެ. ކުލްޝޫމް އެގަނޑު ކިޔާލިއެވެ.
“މިތިބީ ކުށްވެރިންނަކީ…..؟” ކުލްޝޫމް އިނގިލިން އިޝާރާތްކުރީ މާއިރާމެން ތިބި ދިމާލަށެވެ. ފުލުސް އޮފިސަރ އަމުރު ނެގުމަށްފަހު އާކިންގެ އަތަށް ދިއްކޮށްލިއެވެ.
“އަޅުގަނޑުމެން މިގެ ޗެކް ކުރަން ބޭނުން” ފުލުސް އޮފިސަރ އެދުނެވެ. ގޭތެރޭގެ ހުރިހާ ދިމާލެއް ފުލުހުން ޗެކްކޮށް ނިމެންދެން ކުލްޝޫމް ހުރީ ބޮޑު ހޯލުގައެވެ. އެކަކު އަނެކަކާއި ބަހެއް ނުކިޔާ މާއިރާއާއި ދެދަރިން ތިބިއިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސް ކަމެވެ. ޗެކް ކުރަން ފެށިތާ ދިހަ ވަރަކަށް މިނިޓް ފަހުން ފުލުހުންގެ އޮފިސަރުން ތިރިއަށް އައެވެ.
“މައްސަލައިގާ ތުހުމަތު ކުރެވޭ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ނުފެނުނު. އެހެންނަމަވެސް އަމުރުގައިވާ ގޮތުން ތިން ބޭފުޅުންވެސް އެބަޖެހޭ އަޅުގަނޑުމެންނާއެކު ހުސައިން އާދަމް ބިލްޑިންގއަށް ހާޟިރުވާން” ފުލުސް އޮފިސަރ ވާހަކަދެއްކިއެވެ.
“އައްސަލާމަ އަލައިކުމް. މިގޭ ތެރެއިން ފަހަރެއްގައި ހެއްކެއް ނުފެނިދާނެ. އަޅުގަނޑު އަތުގައި ހެކި އެބައޮތް” ވަދެގެން އައި ހާރޫން ވާހަކަދެއްކިއެވެ. ހާރޫނާއި ދިމާލަށް މާއިރާ ބަލާލީ ދެލޯ ވަށްކޮށްލަމުންނެވެ. އޭނާ އެތެރެ އތެރެއިން އަނދަމުން ދިޔައިރު ފުލުހުން ތިބުމުން ހުރީ ބާރަށް ނޭވައެއް ލާންވެސް ނުކެރިފައެވެ.
“ތިއީ ކޮންބޭފުޅެއްތޯ…” ފުލުސް އޮފިސަރ ސުވާލުކުރިއެވެ.
“އަޅުގަނޑަކީ މާއިރާގެ ކުރީގެ ފިރިމީހާ. އަޅުގަނޑު އެކްސިޑެންޓްކޮށްލާ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ހެދީ މާއިރާ. އަދި އަޅުގަނޑުގެ ދަރިފުޅު ކަނޑަށް ވައްޓާލާ މަރާލަން މަސައްކަތްކުރީވެސް މާއިރާއާއި އޭނާގެ މިތިބަ ތިން ދަރިން. އަދި އަޅުގަނޑުގެ ދަރިފުޅުގެ ފިރިމީހާ އަލަތު ކައިވެނި ކުރެވުނު ރޭގައި ޒަހަރުދީ މަރާލީވެސް މި މީހުން. މި ހުރިހާ ދުވަހު އަޅުގަނޑުގެ މުދަލުން ވައްކަންކުރީވެސް މި މީހުން. އަޅުގަނޑުގެ އަނބިމީހާ ރާއްޖެއިން ބޭރުގައި ބޭހަކަށް ގޮސް ހުއްޓާ ގުންޑާއިންތަކެއް ލައްވާ ދެވަނަ އެކްސިޑެންޓެއްވެސް ކޮށްލީ ހަމަ މި މީހުން. މި ހުރިހާ ކަމެއްގެ ހެކި އަޅުގަނޑުގެ މި ފޯނުގަ ހުންނާނެ. ތިޔަބޭފުޅުން ބޭނުންނަމަ އަޅުގަނޑުގެ ފޯނު ގެންދިޔަސް އެންމެ ރަނގަޅު” ހާރޫން ކުރިއަށް ޖެހިލާ ފޯނު ފުލުހުންގެ އޮފިސަރ އަތަށް ދިނެވެ.
“ކޮންތާކު. ތިގޮތަށް އަދި ފޯނެއް ދިނަސް ކިހިނެއް ހެއްކަކަށް ޤަބޫލުކުރާނީ. ތިއީ ދޮގެއް. އެބުނީނު އޭނާގެ ދަރިފުޅު ކަނޑަށް ވައްޓާލަން މަސައްކަތްކުރީއޭ… އެހެންވިއްޔާ ކޮބާ އެދަރިފުޅު… ދައްކާ ވާހަކަ ހަމައެއްނުޖެހެއެއްނު. ތިޔަބޭފުޅުން ވިސްނާލިޔަސް އިނގޭނެއްނު. ކޮބާތަ އެބުނާ ދަރިފުޅު….؟” އާކިން ވާހަކަދެއްކީ ޔަނާލް މިދުނިޔޭގައި ނެތްކަން އެމީހުންނަށް ޔަޤީންވާތީއެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއިރު ހީކޮށްގެން ހުރީ ހާރޫނުގެ އަނގަ ބަންދުވި ކަމަށެވެ. އިފްނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ މިފަހަރު ހާރޫން އަނގަ ގަޅި ޖެހޭނެ ކަމަށް ހީކޮށެވެ.
“މިހިރީ އަހަރެން…” ވަދެގެން އައި ޔަނާލް ބުނެލިއެވެ. ހުރިހާ އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ވަދެގެން އައި ޔާނާ ހުއްޓުނީ މާއިރާގެ ކުރިމަތީގައެވެ. ކަޅު ހެދުމާއެކު މޫނުފޮތިކޮޅުން ދެލޯ އެކަނި ފެންނަގޮތަށް ހުރިއިރު ހަށަން ބަނދެލައިގެން ބަލަހައްޓައިގެން ހުރީ މާއިރާއަށެވެ. ޔަނާލްގެ ދެފައިން ފެށިގެން ބޮލާއި ހަމައަށް މާއިރާ ބަލާލިއެވެ.
“މިއީ މި ހުރިހާ ދުވަހު މި ކުލްޝޫމާއި ބައިވެރިވެގެން އަހަރެމެންނަށް ޖެއްސުންކުރި އަންހެނާ. މީނާއަށް ކިޔަނީ ޔާނާ. މި އެންމެން އުޅެނީ އެއީ މީނާގެ ކަނޑުފެއްތިއޭ އެބުނާ ދަރިއަށް ހަދައިގެން. މިގޭ ތެރޭގައި މިހާ މައްސަލަ ބޮޑުވެސް ވީ މި އަންހެނަކު މިގެއަށް އައިފަހުން” ވާހަކަދެއްކީ އިފްނާއެވެ.
“ސަރ. އަޅުގަނޑުގެ ނަމަކީ ޔާނާއެއް ނޫން. އަޅުގަނޑަކީ މީގެ އަހަރެއްހާ ދުވަސް ކުރިން މިތިބަ މީހުން ކަނޑުފައްތާ މަރާލަން މަސައްކަތްކުރި އަންހެންކުއްޖާ. މި މީހުންނަށްޓަކައި އަޅުގަނޑަކީ ޔާނާއަށް ވިޔަސް އަޅުގަނޑުގެ ފުރިހަމަ ނަމަކީ މަރިޔަމް ޔަނާލް ހާރޫން….” ފުލުހުންގެ އޮފިސަރާއި ކުރިމަތިލައިގެން ހުރެ ޔަނާލް ވާހަކަދެއްކިއެވެ.
“ކަލޭ ފުލުހުންނަށް ސާބިތުކޮށްދީބަލަ ތިއީ ޔަނާލް ކަން. ކެރެންޏާ ނިކަން ތި ފޮތިގަނޑު ހިއްލާފަ ދައްކަބަލަ…” އިފްނާ ބުނެލިއެވެ. ޔަނާލް ވަގުތުން ކުލްޝޫމް ކައިރީގައި ހުއްޓުނެވެ. ކުލްޝޫމްގެ އެހީތެރިކަމާއެކު ޔަނާލް ހެދުން ހަށިގަނޑާއި ވަކިކޮށްލިއެވެ. ވިލި ނޫކުލައިގެ އަތްދިގު ޓޮޕްކޮޅާއެކު މަޑު ނޫކުލައިގެ ސްކާރޓުގައި ހިނިތުންވެގެން ހުރި ޔަނާލް ފެނުމާއެކު އިފްނާއާއި އާކިންއަށް ހީވީ ހުވަފެނެއްގައި ތިބެވުނު ހެންނެވެ. ދެމީހުންވެސް ދެފަރާތަށް ބޯހޫރާލިއެވެ. ފުލުހުންވެސް ތިބީ ކުރިމަތިން ފެންނަ މަންޒަރުތަކުން ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. މައްސަލަ ވަރަށް ގޯސްވިކަން އެނގުމުން އެމީހުން ތަޙްޤީޤް ކުރާ ފުލުހުން އެތަނަށް ފޮނުވައިދިނުމަށް އެދުނެވެ. ޝާއިރާއާއި ކުލްޝޫމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު އެމީހުންނާއި ހަތަރުކަޅި ހަމަކޮށް ބަލާލަން އިފްނާއާއި އާކިންއަށް ނުކެރުނެވެ. އެދެމީހުންނަށް ބެލެނީ ޔަނާލްގެ މޫނަށެވެ. ކުރިމަތިން ފެންނަން ހުރި ޙަޤީޤަތް އެދެމީހުންނަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. މިވީ ކިހިނެއް ހެއްޔެވެ…؟ ޔާނާ ޔަނާލްއަށް ވީ ކިހިނެއް ހެއްޔެވެ…؟ ނޫނީ އެއީ ޔަނާލްގެ ސިފައިގަ ހުރި ޖިންނިއެއްބާއެވެ…؟ އެމީހުން ހީކުރީ އެ ނުބައި ހުވަފެނުން ހޭލެވޭނެ ކަމަށެވެ.
މާއިރާތޯއެވެ…. ކުރިމަތިން ހާމަވާން ހުރި ހިތި ޙަޤީޤަތް އޭނާއަށް ހަޖަމު ނުކުރެވުނެވެ. އޭނާ މޭނުބައިކޮށް މުޅި ހެދުމާއެކު ހޮޑު ދުއްވާލިއެވެ. ދެފައިގަ އަޅަމުން ދިޔަ ތުރުތުރު އިސާހިތަކު ގަދަވެ އޭނާ ހުރި ދިމާލުން ތިރިއަށް އަނބުރައިގަނެގެން ވެއްޓުނެވެ. ވެއްޓިފައި އޮތް މާއިރާ އަތުލަފި ކޮށްގެން ތިރީގައި ހުރި ކޮޓަރިއަކަށް ވެއްދީ ކުލްޝޫމާއި އެތަނުގައި ހުރި އަންހެން ފުލުސް އޮފިސަރ ބައިވެރިވެގެންނެވެ.
“އަޅުގަނޑަށް އެންމެ މިނިޓެއް ދެއްވަފާނަންތޯ. މިތިބަ މީހުންގެ ލާއިންސާނީ އަމަލުތަކެއްގެ ސަބަބުން ވަރަށް ގިނަ ދުވަހު އަޅުގަނޑު ވަރަށް ހާލުގަ ތެޅުނިން. އަޅުގަނޑުގެ މިހިރަ ކުޑަކުޑަ ދަރިފުޅާއި ދުރުގައި އެތައް ދުވަހެއް އަޅުގަނޑު ހޭދަކުރިން” ޔަނާލް ވާހަކަދައްކަން ފެށުމުން ތަނުގައި ތިބި ފުލުސް އޮފިސަރ ފޯނު ކަންފަތުގައި ޖަހައިގެން ދުރަށް ޖެހިލިއެވެ. މައްސަލައިގާ ތުހުމަތުކުރެވޭ އެއްފަރާތް އަނބުރައިގަތް ވާހަކަ އިސް ފަރާތަށް އަންގަން ބޭނުންވެގެން ދެ އޮފިސަރުން ވާހަކަދައްކަމުން ގޮސް ވަނީ މާއިރާ ބޭއްވި ކޮޓަރިއަށެވެ.
“ދޮންބޭ…. !!! ޖަލުގަ ކަލޭމެން ރަޖިސްޓްރީ ވުމުގެ ކުރިން އަހަރެންގެ ހިތުގައި ކަލޭމެންނަށްޓަކައި އަނދަމުން މިދާ އަލިފާނަށް ކޮންމެސް ވަރެއްގެ ފިނިކަމެއް ބޭނުންވާނެއްނު. ޔަނާލް އޭނާގެ އަތްތިލަ ފަތުރާލުމަށްފަހު އާކިންގެ ވައަތްފަރާތު ކަންފަތް މަތީގައި ހުރި ބާރަކަށް އަޅުވާލިއެވެ.
“މިއީ އަހަރެންގެ ލޯބިވާ ފިރިމީހާ އަހަރެންގެ ދަރިފުޅުގެ ބައްޕަގެ އެއްވެސް ކުށެއްނެތި މި ދުނިޔެއިން ނެތިކޮށްލިތީ އަހަރެން ކަލެއަށް ދިން ހަދިޔާ” ދެވަނަ އެތިފަހަރާއެކު އާކިންގެ މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ.
“މިއީ ކަލޭ އަހަރެންގެ ދަރިފުޅުގެ މޫނު މައްޗަށް ފެންއެތި ޖަހާ އެދަރިފުޅަށް ޖެއްސި ނިކަމެތި ހާލަށް އަހަރެން ކޮށްދިން ހެޔޮކަމެއް” ތިންވަނަ އެތިފަހަރާއެކު ކައިރީގައި ހުރި އިފްނާ ރޮއެގަތެވެ. އޭނާ ޔަނާލް ދުރުކުރަން އައި ވަގުތު އިފްނާގެ މޫނު މައްޗަށް ޝަހާދަތް އިނިގިލި ހުރަސްކޮށް ދުރުގައި ހުރުމަށް އެންގިއެވެ. ޔަނާލް ހުރީ މީހަކު ދައްކާ ވާހަކަ އަޑުއަހާ ވަރަށް ވުރެ ބޮޑަށް ރުޅިގަދަވެފައެވެ. މިވަގުތު އޭނާގެ އަމިއްލަ ނަފްސަށް އޭނާއަށް ބާރެއް ނުފޯރުވެއެވެ.
“މިއީ ކަލޭ އަހަރެންގެ ބައްޕައަށް ދިން އަނިޔާތަކަށް އަހަރެންގެ ފަރާތުން ދިން ހަދިޔާ. ޤަބޫލުކުރައްޗޭ ދޮންބޭ…..” އާކިންގެ މޫނުމަތީގައި ފިރުމާލަމުން މަލާމާތުގެ ރާގެއްގައި ޔަނާލް ބުނެލިއެވެ.
“ކޮންމެހެން އަނިޔާ ކުރާނެކަމެއްނެތް. މިވަގުތު ކަލޭމެން ކުރާ ކަންތައް ފުލުހުންނަށްވެސް ނުފެންނާނެ. އަހަރެމެން ގެންދާތަނަކަށް ދިޔަދީ” އިފްނާ ހުރީ ރޮވިފައެވެ. އިފްނާގެ މޫނުމަތީގައި ޔަނާލް އަތްތިލަ ހިންގާލީ އޭނާގެ މޫނަށް ބަލާވެސް ނުލައެވެ.
“ކަލޭ ތިއީ މާބަނޑު މީހަކަށްވާތީ އަހަރެން ވަރަށް ކެތްކޮށްފިން. މިއަދު ކަލޭމެން ތިވަނީ ބަލިވެފައި. ކުޅިގަނޑު ކަލޭމެން ފެށީ. ނިމިގެން މިދިޔައީ އަހަރެންނަށް ކާމިޔާބު ލިބިގެން.. …” ޔަނާލް ބުނެލިއެވެ. ޔާޒް އުރާލައިގެން ހުރި ފައިޒަން ހުރީ ހިނިއައިއްސައެވެ.
“ދަރިފުޅާ….!!! އެމީހުން ވެއްޓުނު ދަރަޖައަށް ދަރިފުޅު ވެއްޓޭނެކަމެއްނެތް…” ޔަނާލްގެ ކޮނޑުގެ ދެފަރާތުގައި ހިފާ ދުރުކޮށްލަމުން ހާރޫން ބުނެލިއެވެ. މާއިރާ އޮތް ކޮޓަރިން ނިކުމެގެން އައި ދެ އޮފިސަރުން އާކިންއާއި އިފްނާ އަތުގައި ބިޑި އެޅުވިއެވެ. އިފްނާގެ ލޮލުން ކަރުނަތައް ފައިބައިގަތީ އެވަގުތުއެވެ.
“ކޮބާ މަންމަ…” ހިތްވަރުކޮށްފައި ކުރެހިފައިވާ އަޑަކުން އާކިން އަހާލިއެވެ. ވަދެގެން އައި އިތުރު ދެ އޮފިސަރުންގެ އެންގުމަށް އާކިންއާއި އިފްނާ ފުލުހުންގެ ޖިޕަށް އަރުވަން ގެންދިޔައެވެ.
“މައްސަލަ ތަޙްޤީޤްކުރާ ފަރާތްތައް މިހާރު އެބަދުރުވޭ. މައްސަލައިގާ ކުޑަކުއްޖެއް ހިމެނޭތީ މިނިސްޓްރީންވެސް ބޭފުޅުން ދުރުވާތީ އަޅުގަނޑުމެން މަޑުކޮށްލަނީ މި” ފުލުހުންގެ އޮފިސަރ ހާރޫނާއި ކުރިމަތިލަމުން ބުނެލިއެވެ.
“މާއިރާ ގެންދިޔުމުގެ ކުރިން އެއްފަހަރު ބައްދަލުކޮށްލަން އަޅުގަނޑަށް ހުއްދައެއް ލިބިދާނެތޯ” ވަދެގެން އައި ދެމީހުންގެ ތެރޭގައި ހުރި ރޭންކް ހައި މީހާގެ ކައިރިން ޔަނާލް އަހާލިއެވެ. އެމީހާ ބޯޖަހާލުމާއެކު ޔަނާލް އެކޮޓަރިއަށް ވަންނަން ދިޔައެވެ.
“ދަރިފުޅާ….!!!!” ކަންބޮޑުވެފައި ޝާއިރާ ޔަނާލަށް ގޮވާލީ މާއިރާއާއި ބައްދަލުކުރަން ޔަނާލް ބޭނުންވާ ސަބަބު އިނގޭތީއެވެ.
“މަންމާ…! ބައްޕަ… ހާސްނުވޭ…. އެ ފެންވަރަށް އަޅުގަނޑު ނުވެއްޓޭނަން” ޔަނާލް އެނބުރިލާފައި ބުނެލިއެވެ.
***********************************
ކޮޓަރީގައި ދޮރުން ވަދެގެން އައި ޔަނާލް ފެނުމުން އެނދުގައި އޮތް މާއިރާ ކުއްލިއަކަށް ތެދުވިއެވެ. އޭނާ ޔަނާލަށް ބަލަން ހުރީ ދެލޯ އަޅައިގެންނެވެ.
“ކަލޭ މަރެއްނުވި ދޯ… އެކަމަކު ހަނދާންކުރައްޗެ ޖަލަކީ އެއްވެސް މީހެއްގެ ނިމުން އަންނާނެތަނެއް ނޫން. އަހަރެން އެނބުރި އަންނާނަން. ކަލޭގެ ކިބައިން މިތިބަ އެންމެންގެ ކިބައިން ބަދަލު ހިފާނަން” މާއިރާ ޔަނާލާއި މުހާތަބްކޮށް ބުނެލިއެވެ.
“މަންމާ…! ހާދަ ރުޅިއެއް….. މިހެން މިވީ މަންމަމެންގެ އެއްވެސް ރޭވުންތެރިކަމެއް ނެތީމަ. ބަލާލަބަ އަހަރެމެންގެ ރޭވުން މޮޅުކަން. ހުރިހާ ވަގުން ހިފާ ހައްޔަރުކޮށްލީ… ހެހެހެ…” ޔަނާލް ހިނިތުންވަމުން އެތެރޭގައި ހުރި ކުލްޝޫމް ގައިގާ ބައްދާލަމުން ބުނެލިއެވެ. ކުލްޝޫމްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން މާއިރާގެ ލޭ ކެކިގަތެވެ.
“ކަލެއަށް އަދި ކާމިޔާބެއް ނުލިބޭ.. އަދި އެއްފަހަރު އަހަރެން ކަލޭގެ މުޅި ހަޔާތް ބަރުބާދު ނުކޮށްފިއްޔާ މަގޭ ނަމަކަށް މާއިރާއެއް ނުކިޔާނެ” މާއިރާ އަޑަށް ބާރުލާފައި ބުނެލިއެވެ.
“ތިއީ ފޮނި ވާހަކަ. ކަލޭ ކުރިމަތީގައި ކިހާ ދުވަހަކު އަހަރެން ޔާނާއަށް ވެގެން އުޅުނިން. ކަލެއަށް އެނގުނުތަ…؟ އަސްލު ކަލޭ މޮޔައީ…. ގަމާރީ….” ޔަނާލް ބުނެލިއެވެ. ވަގުތުން މާއިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ހެހެހެ… ޤަބޫލުކުރެވިއްޖެދޯ. އަހަރެން ކިހާ ވަރަކަށް ބުނިން މީ ޔަނާލޭ… ކަލޭ ޤަބޫލުނުކުރި ވިއްޔާ. އިނގޭތަ އަހަރެން ކަނޑުން ސަލާމަތްކުރީ ކާކުކަން. މިހާރު މިގޭގެ ވެރިޔާ އައްޔުމަން. ކަލޭމެންނާއި ދެކޮޅަށް ކޯޓަށް ހެކިބަސް ދޭނީ އޭނާ. ކަލޭ ސުމަކުން ބަލިވީ. ދެން ތައްޔާރުވޭ ޖަލު ގަނޑުވަރަށްދާން” ޔަނާލް ވާހަކަދެއްކިއެވެ. މާއިރާ ވަކި އެއްޗެއް ނުބުންޏަސް ހުރީ ޔަނާލަށް ދެލޯ އަޅައިގެންނެވެ.
“ހެދުން ބަދަލުކޮށް ނުނިމޭތަ…؟” ވަދެގެން އައި އަންހެން ފުލުސް އޮފިސަރ އަހާލިއެވެ. މާއިރާ އަވަހަށް ބޯޖަހާލިއެވެ.
“އަޅުގަނޑުމެންނަށް މިހާރުވެސް މާގިނަ ވަގުތު ދެވިއްޖެ. ދެން އިތުރަށް ވަގުތެއް ނުދެވޭނެ.. ދުރުވޭ އަޅުގަނޑާއެކު” އަންހެން ފުލުސް އޮފިސަރ ބުނެލިއެވެ.
“އެހެން ނަހަދާ. ހޮޑާއެކު މިހެދުމުގައި ދާން އަޅުގަނޑަށް ނުކެރޭނެ. އަޅުގަނޑަށް ރަހުމް ކުރައްވާ” މާއިރާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“އެދޮގެއް. އޭނާ ދާދި ދެންމެއަކުވެސް އެހެރަ ކުޑަދޮރުން ފިލަން މަސައްކަތްކޮށްފި. އަޅުގަނޑާއި މަންމައަށް ވަދެވުނީ ހަމަ ކިރިޔާ. އަޅުގަނޑަށް ފެންނަނީ ތިހުރި ގޮތަށް ގެންދަން. އެކޮޅުން ވެސް ހެދުން ބަދަލުކުރެވޭނެއްނު. ހުންނާނެއްނު ބަންދުމީހުން ލާކަހަލަ ޓީޝާޓާއި މުންޑު” ޔަނާލް ވާހަކަދެއްކިއެވެ.
“އެހެން ނަހަދާ… މަޑުކޮށްލަދީ” އަނެއްކާވެސް މާއިރާ އާދޭސްކުރިއެވެ. ފުލުހުންގެ އޮފިސަރ މާއިރާއަށް ދިނީ ފަސްމިނިޓެވެ.
“އަޅުގަނޑުމެން މަޑުކޮށްލިޔަސް ހެޔޮތަ މަންމައަށް އެހީއެއްވެދޭން. މަންމައަކީ މާބަނޑު މީހެއް” ޔަނާލް ބުނެލިއެވެ. ފުލުހުންގެ އޮފިސަރ ބޯޖަހާލިއެވެ.
“އިނގޭތަ…! ކަލެއާއި ދެކޮޅަށް އަހަރެން ހޯދި އެންމެ ބޮޑު ހެއްކަކީ ކޮބާކަން. މިއޮތީ…. ދެންމެ މިތާ ހުރެ ކަލޭ ދެއްކިހާ ވާހަކަ އަހަރެން މިފޯނަށް ރެކޯޑްކޮށްފިން…” ވަގުތުން މާއިރާ އަތް ނެގީ ޔަނާލްގެ މޫނުމަތީގައި ބޮނޑިއެއް އެޅުމަށެވެ. އެކަމަކު އޭގެކުރިން ޔަނާލް ސަލާމަތްވިއެވެ.
“ހޯހޯ… ކުރީގެ ޔަނާލެއްނޫން… ޑޯންޓް ފޮގެޓް… އަވަހަށްދޭ… ހެދުންވެސް ބަދަލުކުރެވުނީ ތި… ގުޑްބާއި…” ޔަނާލް ބުނެލިއެވެ. މައިރާގެ އަތުގައި ބިޑި އަޅުވަން ދިމާ ކުރުމާއެކު އޭނާ ދެއަތް ފުރަގަހަށް ލިއެވެ.
“ބަލަ ކުށްކުރީ އެންމެން އެއްކޮށް. މިކަމުގައި އަހަރެންގެ އެއް ދަރި އަދި ޝާމިލްވާނެ” މާއިރާ ފަޚްރުވެރިކަމާއެކު ބުނެލިއެވެ.
“އަޙްމަދު ރާކިން ދޯ އެއީ.. އެބޭފުޅާ އަމިއްލައަށް ފުލުހުންނާއި ހަވާލުވީ. އަޅުގަނޑުމެން ކޯޓްއަމުރެއް ނެގީވެސް އެބޭފުޅާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް” ފުލުހުންގެ އޮފިސަރ ވާހަކަދެއްކިއެވެ. މާއިރާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އޭނާގެ އަމިއްލަ ދަރިފުޅު އެވަރުގެ ކަމެއް ކޮށްފާނެ ކަމަށް އޭނާ ޒަމީރު އެއްބަހެއް ނުވިއެވެ. ކުލްޝޫމާއި ޔަނާލް ޚައިރާންކަމާއެކު އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ.
މާއިރާ ކޮޓަރިން ނިކުތް އިރު ބޭރުގައި މިނިސްޓްރީ އިން އައި ބޭފުޅުންނާއި އިތުރު ފުލުހުން ތިއްބެވެ. އެމީހުން ޔަނާލާއި ވާހަކަދެއްކީ މާއިރާގެ ޙާޟިރުގައެވެ. ޔަނާލް ހުރިހާ ވާހަކައެއް އެއްޗެއް ކިޔާދެމުން ދިޔައިރު އެމީހުން އެއްޗެއްގައި ނޯޓް ކުރަމުން ދިޔައެވެ. ބައެއް ސުވާލުތައް މާއިރާއަށް އަމާޒުވެސް ކުރިއެވެ. ނަމަވެސް މާއިރާގެ ފަރާތުން ޖަވާބެއް ނައެވެ. އޭނާ ހުރީ ހަނުއެވެ.
*************************
ބޭރުގައި އޮތް ފުލުހުންގެ ޖިޕަށް މާއިރާ އެރުވިއިރު އެސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައެވެ. ބައެއް މީހުން ފޯނުން އެމަންޒަރުތައް ވީޑިޔޯ ކުރަމުން ދިޔައިރު އަނެއްބައި މީހުން އެމީހަކަށް ދެއްކުނު ގޮތަކަށް ވާހަކަ ފަތުރަމުން ދިޔައެވެ. ފުލުހުން އަރާ ޖިޕް ދުއްވާލުމާއެކު މާއިރާ ބިއްލޫރިގަނޑުން ދޮރު މައްޗަށް ނިކުމެ ހުރި ޔަނާލްގެ އާއިލާއަށް ބަލާލިއެވެ. ޔަނާލް އަތް ނެގުމަށްފަހު މާއިރާއަށް އަތުން ހަނާއަޅާލިއެވެ. އޭނާ މާއިރާއަށް އެންމެފަހުގެ ވަދަޢީ ސަލާމްކޮށްލީއެވެ.
“މަރުޙަބާ ދަރިފުޅާ….! ދަރިފުޅު ކުރި މަސައްކަތްކުގެ ނިމުން މިވަނީ އައިސްފައި…” ޔަނާލްގެ ހަށިގަނޑުގައި ބައްދާލާ ބޮލުގައި ފިރުމާލަމުން ހާރޫން ބުނެލިއެވެ. އަނެއްފަރާތުން ޝާއިރާ ވެސް ޔަނާލްގެ ގައިގާ ބައްދާލިއެވެ. ފައިޒަންގެ އަތުގައި އިން ޔާޒް އުރާލަމުން ޔަނާލް އެދަރިފުޅު ކޮލުގައި ދެފަރާތުން ބޮސްދިނެވެ.
“ދަރިފުޅާ…! ދަރިފުޅުގެ ބައްޕައަށް މިއަދު އިންސާފު ލިބިއްޖެ… ޔަނާލްގެ ދެލޯ ކަރުނުން ފުރާލިއެވެ. ޔާޒް ހިނގަނޑެއް ޖަހާލިއިރު އެ ކުޑަކުޑަ ހިތް މަންމަގެ އުފަލުގައި ބައިވެރިވި ކަހަލައެވެ.
“ތެންކިޔު. ތެންކިޔު ސޯ މަޗް. މިއަދު ފައި ނެތްނަމަ އަހަރެންނަށް މިކަން ކާމިޔާބު ނުވީސް. ތެންކިޔު ކުލް މަންމައަށްވެސް. މިއަދު ވަރަށް އުފާވެއްޖެ… ވަރަށް ބޮޑަށް އުފާވެއްޖެ..” ފައިޒަންގެ މޭގައި ބޯއަޅާލަމުން ޔަނާލް ބުނެލިއެވެ. ޔަނާލްގެ ދެލޮލުން މިހާރު ފައިބައިގެން އެދަނީ އުފާވެރިކަމުގެ ކަރުނައެވެ.
********************************
ރޭގަނޑުގެ ކެއުމަށް އިންސާފުނުކޮށް ހާރޫން ލަސްކޮށްލިއެވެ. ކުލްޝޫމާއި ފައިޒަންއަށް ދަޢުވަތު ދީގެން އެމީހުން އަންނަންދެން އޭނާއާއި ޝާއިރާ މަޑުކޮށްގެން ތިބީ އެދެމައިން އަންނާނެ އިރަކަށެވެ. ޔާޒް ނިންދަވާފައި ކޮޓަރިން ނިކުތް ޔަނާލް މިސްރާބު ޖެހީ ކާބަޔަށް ދިޔުމަށެވެ. ނަމަވެސް އޭނާ ޚައިރާންކަމާއެކު ބަލާލީ މަންމައާއި ބައްޕަ ހޯލުގައި ތިބިތަން ފެނުމުންނެވެ. އޭނާ އަތުކުރީ އަޅާފައިވާ ގަޑިއަށް ބަލާލިއެވެ. ނުވައެއް ޖަހަން ގާތްވެފައިވާއިރު ކާގަޑި ފަހަނައަޅާ ދަނީއެވެ. އެހެންޏާ ހާރޫނަކީ ގަޑިން ގަޑިން ކެއުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެކެވެ. އޭނާ މިސްރާބު ޖެހީ އެދިމާލަށެވެ.
“މަންމާ…! ކީއްވެ މިތާ ތީނީ….” ޝާއިރާ ކައިރިން ސޯފާގެ އަތްގަނޑުމަތީގައި އިށީންނަމުން ޔަނާލް އަހާލިއެވެ. އޭނާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ވަދެގެން އައި ކުލްޝޫމާއި ފައިޒަން ފެނިއްޖެއެވެ.
“ގޭ މީހުން ހަމަނުވަންޏާ ކިހިނެއް ކެއުން ކުރިއަށް ގެންދާނީ…” ހާރޫން ބުނެލިއެވެ. ޝާއިރާ ހީލިއެވެ.
“ކޮބާ ހިނގާ އަވަހަށް” ޝާއިރާ ބުނެލިއެވެ. ބޮޑެތި މީހުންގެ ފަހަތުން ޔަނާލާއި ފައިޒަން ހިނގައިގަތެވެ. ފަހަތުގައި ހުރެ ފައިޒަން ޔަނާލްގެ ބުރަކަށީގައި އޭނާގެ ކޮނޑުން ކުޑަކޮށް ޖަހާލިއެވެ. ޔަނާލް ބަލާލުމާއެކު އެއްލޯ މަރާލިއެވެ.
“އަހަރެން ބޭނުމެއްނޫން ތިދެމައިން އެކަނި އެބޮޑު ގޭގައި ތިބޭކަށް” ކެއުމުގެ ތެރެއިން ހާރޫން ބުނެލިއެވެ.
“އެގޭގަ ނުވެސް ތިބެވޭނެއްނު. މާދަމާ އެގޭ މަސައްކަތް ފަށާކަމަށް ފައިޒަން ގާތުގަ އައްޔުމަން ބުނެފި” ކުލްޝޫމް ބުނެލިއެވެ.
“އަޅުގަނޑުމެންގެ ގެ މިހަފްތާ ތެރޭގައި ނިންމާލެވޭ ވަރުވާނެކަމަށް މަސައްކަތްކުރާ ކުންފުނިން ބުނި. މިހާރު ކުރިއަށް ދަނީ ފިނިޝިންގް. އެހެންވީމަ އެހާތަނަށްވެސް ޖެހޭނެއްނު ކޮންމެސް ތަނެއްގައި އުޅެން” ފައިޒަން ހީލަމުން ވާހަކަދެއްކިއެވެ.
“އެގެ ނިމި ދިރިއުޅެވޭވަރު ވަންދެން ތިދެމައިންވެސް ތިބެންޖެހޭނީ މިގޭގައި. އެހެންތަނަކަށް ދާން އަހަރެން އެއްބަހެއް ނުވާނަން. މިބޮޑު ގެއަކީ އަހަރެންގެ ނާލްގެ އަމިއްލަ ގެއެއް. ދެކުދިންގެ ކައިވެނީގެ ފަހުންވެސް އަހަރެން ބޭނުމީ މިގޭގައި ތިބެން. ތެދަށް ބުނަންޏާ ނާލް އަހަރެންގެ ލޯމަތިން ފަޅި ސިކުންތަކަށްވެސް ގެއްލެން އަހަރެން ނޭދެން” ހާރޫން ވާހަކަދެއްކިއެވެ.
“އެކަމަކު ނާލްއަކީ އަންހެން ކުއްޖެއް ދޯ. ކައިވެނިކޮށްގެން އަބަދު މައިންބަފައިން ކައިރީގައި ނުތިބެވޭނެކަންވެސް އިނގޭ. މައިންބަފައިން އެދޭގޮތް ކޮންމެގޮތަކަށް އޮތަސް ނާލްއަށް އެއްވެސް މަޖުބޫރުކަމެއް ނެތް. ނާލް ބޭނުންތާކު ނާލް އުޅެންވީ” ޝާއިރާ ވާހަކަދެއްކިއެވެ.
“މަންމާ…! ބައްޕަ….! ކައިވެނީގެ ފަހުން އަޅުގަނޑު ބޭނުމީ ފައި ގެ ގޭގަ ފައި ކައިރީގައި އުޅެން. މިގެއާއި އެގެ މާދުރެއްވެސް ނޫނެއްނު. ކޮންމެތަނަކު ހުއްޓަސް އަޅުގަނޑު އަބަދުވެސް ހަނދާން ބަހައްޓާނަން ތިއީ އަޅުގަނޑުގެ މައިންބަފައިންކަން” ޔަނާލް ވާހަކަދެއްކިއެވެ.
“ދަރިފުޅު ބޭނުންގޮތެއް” ޝާއިރާ ޔަނާލްގެ ބޮލުގައި ފިރުމާލިއެވެ.
*************************************
ރޭގަނޑުގެ ކެއުން ނިމުމަށްފަހު ދެފަރާތުގެ އާއިލާ ކައިވެންޏާއ ބެހޭގޮތުން އެތައް އިރަކު ވާހަކަދައްކަން ތިބުމަށްފަހު ދިޔައީ އެގާރަޖަހަން ގާތްވެފައި ވަނިކޮށެވެ. އަނެއްދުވަހު ހެނދުނު ކުލްޝޫމާއި ފައިޒަން އެގެއަށް ބަދަލުވާގޮތަށް ހަމަޖެހިފައި ވުމުން އެދެމައިން އިތުރަށް މަޑުކުރުވަން ހާރޫން ބޭނުމެއްނުވިއެވެ.
“ދަރިފުޅާ…! މިއަދު މަޖްލީން ނުވެސްފެނޭ. ދޭބަލަ ކޮޓަރީގައި އުޅޭތޯ ބަލާލަން. އުޅެފިއްޔާ ގޮވާލަބަލަ މަންމަ އެބަ ގޮވައޭ… ކައިރީގައި އެކުއްޖާވެސް ހުންނަ ކަމަށްވަންޏާ ރަނގަޅު ގޮތް ބުނެދިނުމަކީ އަހަރެންގެ ޒިންމާއެއް ކަމުގައި ދެކެނީ” ޝާއިރާ ބުނެލިއެވެ. ޔަނާލް ސިޑިން އަރައިގެން ގޮސް ދެފަހަރު މަޖްލީން ހުންނަ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ހަބަރެއް ނުވިއެވެ. ތަޅުގައި ހިފާ އަނބުރާލިއިރު ތަޅުނުލާ ހުރުމުން ވަރަށް ފަސޭހައިން އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ.
“މަޖޫ….!” ކޮޓަރި ތެރެއިން މަޖްލީން ފެންނަން ނެތުމުން ފާހާނާ ކައިރީގައި ހުއްޓުމަށްފަހު ދެފަހަރަކު ގޮވާލިއެވެ. އެއްލި ކަޅިއަކުން ފާހާނާގެ ސްވިޗު އޮފްކޮށްފައި ހުރިތަން ފެނުމުން އެތެރޭގައި މަޖްލީން ނޫޅޭކަން ޔަނާލަށް އެނގުނެވެ. ޔަނާލް ވިސްނާލިއެވެ. މަޖްލީން ދިޔައީ ކޮންތަނަކަށްބާއެވެ؟ އެގެއަށް އައި ފަހުން ވަޒީފާއަށް ނޫނީ އެއްވެސް ތަނަކަށް މަޖްލީން ގޮސް ނޫޅެއެވެ. ބޯގޮވަނީކަމަށް ބުނެ ފަހަކަށް އައިސް އުޅުނީވެސް ވަޒީފާއިން ކުޑަ ޗުއްޓީއެއް ނަގައިގެންނެވެ. ވިސްނާލަން ހުރުމަށްފަހު ޔަނާލް އަތުގައި އޮތް ފޯނުން މަޖްލީންގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ރިންގާވާ އަޑު އިވެންފެށީ ކޮޓަރި ތެރެއިންނެވެ. ސައިޑް ކަބަޑާއި ދިމާލަށް ޔަނާލް ހިނގައިގަތީ އެތަނުން މަޖްލީންގެ ފޯނު އޮތްތަން ފެނުމުންނެވެ. ޔަނާލް ފޯނާއި ދިމާލަށް އަތް ގެންދިޔަސް ނެގީ ފޯނެއް ނޫނެވެ. ފޯނުގެ ދަށުގައި ފަތުރާލާފައި އޮތް ހުދު ކަރުދާސް ގަނޑެކެވެ. އޭގައި ވަނީ މީހެއްގެ އަތު ލިޔުމުން ލިޔެފައިވާ ނޯޓްތަކެކެވެ.
“ކޮއްކޮއެއް ފަދަ ލޯބިވާ ނާލްއަށް…. އަހަރެން ބޭނުމީ މި ހާރޫންބެއާއި ޝާއިރާއްތަ ވެސް ކައިރީގައި ތިބެގެން ކިޔަން” އެންމެ ފުރަތަމަވެސް ޔަނާލްގެ ލޮލުގައި އަޅައިގަތީ އެތަންކޮޅެވެ. އޭނާ ވަގުތުން ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ.
“މަންމާ…! މަޖޫއެއް ނެތް. ސިޓީއެއް އޮތީ. މަންމަވެސް ބައްޕަވެސް ކައިރީގައި ތިބެގެން ކިޔާށޭ ލިޔެފަ އޮތީ” ދުވަމުން ސިޑިން ފޭބި ޔަނާލް ބުނެލިއެވެ. ޝާއިރާއާއި ހާރޫން ޚައިރާންވެފައި އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ.
“ކީކޭބާ އޮތީ…؟ ކޮންތާކަށްބާ އެކުއްޖާ އެދިޔައީ…؟؟؟” ޝާއިރާ އަހާލިއެވެ.
“ނޭނގެ… ހިނގާބަލަ ކިޔަން” ޔަނާލް ބުނެލިއެވެ. އޭނާ ހާރޫނާއި ޝާއިރާއާއި ދެމެދުގައި އިށީނދެފައި ހަމަޖެހިލިއެވެ. އެއަށްފަހު ކިޔަން ފެށިއެވެ.
“ހާރޫންބެއާއި ޝައިރާއްތަގެ ފަރާތުން ހީވެސް ނުރުވާރަށް އަހަންނަށް ވަނީ ލޯތްބާއި އޯގާތެރިކަން ލިބިފައި. އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ފަރާތުން ލިބެންވާ ހުރިހާ ލޯތްބެއް އެއްވެސް އުނިކަމެއްނެތި ނާލްގެ ފަރާތުން ލިބުނު. އެހުރިހާ ކަމަކަށް އަހަރެން ޝުކުރުވެރިވަން. ބަދަލުގައި ދޭނެ އެއްވެސް އެއްޗެއް އަހަރެން އަތުގައިނެތް. އވިސްނާނުލާ އަހަރެންނަށް ކުރެވުނު ކުޑަކުޑަ ކުށެއްގެ ސަބަބުން މިއަދު ހުރިހާ އެއްޗެއް އަހަރެން އަތުން ވަނީ ބީވެފައި. ހެއްދެވި ފަރާތަށް ތަޢުބާވެ ދީނީ ހުރިހާ ކަމަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނަސް ހިތަށް ހަމަޖެހުމެއް ނުލިބޭ. ބޭނުންވަނީ ކުރި ފާފައިގެ ކައްފާރާއެއްގެ ގޮތުން އެންމެ ފުރިހަމައަށް މިދުނިޔެމަތިން އަދަބު ލިބިގަންނަން. އަހަރެން އަމިއްލައަށް ފުލުހުންނާއި ހަވާލުވާން މިދަނީ. ނާލް ކުރަމުންތިދާ ހަނގުރާމައަށް އިންސާފު ހޯދައިދިނުމަށް އަހަރެންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފުލުހުންނަށް ދޭނަން. އަހަރެންގެ އިހުމާލުން ނާލްގެ ދަރިފުޅުގެ ބައްޕަ މިދުނިޔެއާއި ވަކިވެގެން ގޮސްފައި ވަނީ. އެހުރިހާ ކަމަކަށް ތި ތިންމައިން އަހަރެންނަށް މަޢާފްކޮށް ތިދައްކައިދިނީ ވަރަށް ރީތި މިސާލެއް. ތިކަހަލަ އޯގާތެރިން މިޒަމާނުގައި މަދުވާނެ. އަހަރެންނަށް ހިތްބުރަކަމެއް ނެތި އަހަރެންނަށް މަޢާފްކުރާނެ ކަމަށް ހީކުރަން. –މަޖްލީން- ” ޔަނާލް ސިޓީ ކިޔާ ނިންމާލާފައި ޝާއިރާގެ މޫނަށް ބަލާލިއެވެ. އެއްވެސް މީހަކު ވާހަކަނުދައްކާ ވަގުތުކޮޅެއް ދިޔައެވެ.
“ކީތްކުރާނީ. އެމަންޖެގެ ހިތަށް ހިތްހަމަޖެހުން ލިބުން އޮތީ އެގޮތަށް ކަމަށްވަންޏާ އަހަރެން ނެތިން ދެކޮޅަށް ވާހަކަދައްކަން” ފުން ނޭވައެއް ބޭރުކޮށްލަމުން ހާރޫން ބުނެލިއެވެ.
“އެކަމަކު ދަރިފުޅާ… މީހަކަށް ހެޔޮކަމެއް ކޮށްދީގެން އަހަރެމެން އަތުން މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެ. މަޖްލީނަށް ބޭނުންވާ ހުރިހާ އެއްޗެއް ބަރާބަރަށް ފުލުހުންނާއި ހަވާލުކުރާތި. މިބުނީ އެއީ އަންހެންކުއްޖެއް. އަންނައުނާއި ރީތިވާން ބޭނުންވާ ހުރިހާ ސާމާނެއް. މިއަދު އެކުއްޖާއަށް އަޅާލާނެ އެއްވެސް މީހަކު ނެތް” ހާރޫން ޔަނާލަށް ބުނެލިއެވެ. ޔަނާލް ވަގުތުން ބޯޖަހާލިއެވެ.
.**********************************
މަޑުމަޑު މިޔުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. ހުދުކުލައިގެ ޓީޝާޓެއްގެ މަތިން ރަތް ކުލައިގެ ޖެކެޓެއްގައި ރެލިންގްގައި އަތް އަޅުވާލައިގެން ހުރި ފައިޒަންގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޑު މެދުގައި ޝާއްބަކަމާއެކު ހަރަކާތްތެރި ވަމުން ދިޔަ ހަނދަށެވެ. ވަކިން ހުރި ކުޑަ މޭޒެއްމަތީގައި ފިނިފެންމަލުގެ ފިޔަތަކުން ޖަރީކޮށްފައިވާއިރު ތަނުގައި ވަނީ ހުވަނދެއް ލެވިފައެވެ. ހިތެއްގެ ޝޭޕަށް ޓެރަސްގެ މެދުވަނީ އުއްބައްތި ޖަހާލާފައެވެ. އޭނާގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށިތަނާ ނަގާފައި ބަލާލިއެވެ. ޔަނާލްގެ ފޮޓޯއާއެކު އޭނާ ސޭވްކޮށްފައި އިން ‘ޕްރިންސަސް’ ނަން ފެނުމާއެކު ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“ބުނީމެއްނު ޓެރަސްއަށް ނާރާ ގުޅާށޭ… މިހިރީ ސިޑި ކައިރީގަ. އަރަންވީތަ މައްޗަށް” އޭނާ ކަންފަތުގައި ފޯނު ޖައްސާލުމާއެކު ޔަނާލްގެ ހިތްގައިމު އަޑު އިވުނެވެ.
“އާދޭ…” ފައިޒަން ބުނެލިއެވެ. ފޯނު ޖީބަށް ކޮށްޕާލުމަށްފަހު އޭނާ ޓެރަސްއަށް ވަދެވެން ހުންނަ ދޮރު ކައިރީގައި ހުއްޓިލިއެވެ. އަރައިގެން އަންނަ ޔަނާލް ފެނުމުން އޭނާގެ ހިތް އަވަސްވިއެވެ. ހުދުކުލައިގެ އަތްދިގު ޓޮޕްކޮޅު ދަށުން ލާފައި ހުރި ރަތް ފިނިފެންމާ ކުލައިގެ ސްކާރޓްގައި ދެއަތުން ހިފާ ކޮށި ކޮށްލައިގެން އަންނަ ޔަނާލްގެ ފަރި ހަރަކާތްތަކަށް ބަލަން ފައިޒަން ހުރީ ސޮނި ވެއްޓިފައެވެ. އޭނާއާއި ޔަނާލް އަރާ ހަމަވުމާއެކު އަތް ދިއްކޮށްލީ އެ އަތުގައި ހިފާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
“ޙާއްސަ ކަމެއް އޮތީތަ…؟ ހަދަ ރީތި ލަވައެއްގެ ރާގޭ އެ އިވެނީ…” ޔަނާލް ބުނެލިއެވެ. ފައިޒަން ޖަވާބެއް ނުދީ ހުއްޓުނީ ޔަނާލް ފުރަގަހުގައެވެ. ޔަނާލް ނުވިސްނާ ހުއްޓާ އޭނާ ޔަނާލްގެ ކޯތާފަތުގައި ބޮސްދިނެވެ. ޔަނާލްގެ ދޮން މޫނަށް ވެރިވެގެން ދިޔަ ޖަންބުކުލައާއެކު ފައިޒަން ބޮސްދިން ތަނުގައި އަތް ޖައްސާލިއެވެ. ޔަނާލްގެ ދެލޯ ހުދު ފޮތިކޮޅަކުން ބަންދުކޮށްލުމާއެކު ފޮތިކޮޅު މަތިން އަތް ޖައްސާލިއެވެ. އޭނާގެ އަތުގައި ހިފައިގެން ފައިޒަން ކުރިއަށް ހިނގައިގަތް އިރުވެސް ޔަނާލް އިތުރު ހަރަކާތެއް ނުކުރެއެވެ. އޭނާގެ ތުންފަތްމަތީގައިވީ ލަދުރަކި ހިނިތުންވުމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





Yeyy… I’m first..vvv reethi?????❤❤❤
salaam
🙂 mi bai ves huriha kudhinnah kamudhaane kamah heekuran
Woooow v v salhi ❤???? keep it up dear ? knirakun dhn next part gennaanii.. ???????? gud nyt…. ❤
MAASHA ALLAH vvv reethi vaahakaeh
Woah mashaa Allah. Varah varah furihama. Mihaaru dhen vaahaka nimen ulhenee dhw. Ekam mivaahaka nimunas adhives ushaalee ge vaahaka thah kiyaalan libeynetha kamah ummeedhu kuran. ???
Finally story nimeny dhw ekan raak aa shifaa devorse veema very sad
Mi part ves varah rythi asluves raak aa shifaa aa divorce veema v sad kn irkun next part up kohladheyny….miadhu up kohladheynetha……..
thankyou so much huriha kudhin
fahu bai up kollaanan maadhama reyga ingey. keep waiting…..
Ohh…so sad…last episode ?☹ will miss this story a lot…eyme dhigu inthizaaru kuri ey vaahaka miee ….heekuran ushaali ge aa vaahaka ey v avahah Kiyan libeyne kamah…keep writing n ur al fans will be with u n waiting for ur new story …insha allah?
“Furaana dhan dhn” story week eyga 2 dhuvahuga upload kureveyne gothey neii tha..?☹
.