
އެމީހާގެ އަތުގައި މުށިކުލައިގެ ގަނޑުން ގަނޑު ލެވިފައިވި ޕާރުސަލެއްވީއިރު އޭގެ މަތީގައި ސްޓިކާރއެއް ތަތްކުރެވިފައިވިއެވެ. ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ. އެ ޕާރުސަލުގައި ހުރީ އޭނައަށް އާއްމު ގޮތެއްގައި މިފަދައިން ލިބޭ ޕެކޭޖްތަކުގައި ހުންނަ ޒާތުގެ ސްޓިކާރއަކަށް ނުވާތީވެއެވެ. ޕޯސްޓުން އައި މީހާ ފެނުމާއެކު މިއީ އޭނަ އޮންލައިންކޮށް އޯޑަރު ކުރި އެއްޗެއްކަމަށް އޭނައަށް ހީކުރެވުނެވެ. އެހެނަސް އެ ސްޓިކާރއަށް ބަލާފައި މިއީ އެފަދައިން އައި އެއްޗެއްހެން ހިއެއްނުވެއެވެ. ސްޓިކާރގައި އޭތި ލިބެންވީ ފަރާތާއި އެޑްރެސް ގަލަމަކުން ލިޔެވިފައިވީއިރު އޭގައި އިތުރު ތަފްޞީލެއް ނެތެވެ. އެ ލިޔުމުގައި ރީތި ގޮތެއް ހުއްޓެއްކަމަކު އެ ލިޔުނު މީހަކު ކުޑަކޮށް ރޫރޫއަޅާފައި ހުރިހެން ހީވެއެވެ. މިރްޒާން ވިސްނުމެއްގެ ތެރޭގައި އެއަށް ބަލައިގެން ހުއްޓާ ފަހަތުން މުޙްސިންގެ އަޑު އިވުނެވެ.
“ހިނގާ ބައްޕާ….ކޯޗެއްތަ ތިއީ؟” މުޙްސިން އޭނަގެ ފޯނު ހިފައިގެން އައިސް މިރްޒާނާއި އެއްހަމަކުރަމުން ސުވާލުކުރިއެވެ.
“މިއީ ދެންމެއަކު ޕޯސްޓުން އައި އެއްޗެއް. މާ އެހެން ކަހަލަ ސްޓިކާރއެއް މީގަ މިހިރީ……ބަލާބަލަ.” މިރްޒާން އެހެން ބުނެ މުޙްސިނަށް ވެސް ދައްކާލިއެވެ. މުޙްސިންވެސް އެއަށް ބަލާލީ ހިސާބެއްގެ ޙައިރާންކަމަކާއި އެކީގައެވެ.
“ތި ވާނީ އެއްކަލަ ބައްޕަ އޯޑަރު ކުރި ގަމީސްތަކަށް ކަމަށް. އެހެން ސައިޓަކުން އޯޑާރ ކުރާތީ ކަންނޭނގެ ތަފާތު ސްޓިކާރއެއް ހުރީ. އެއީ ފުދޭވަރަކަށް އާ ސައިޓެއްވީމަ ކަމަށްވެސް ވެދާނެ.” މުޙްސިން ބުންޏެވެ.
“އާނދޯ؟ ދެން މީތި ފަހުން ބަލަން ބާއްވަމާ! އަވަހަށް ނުނިކުނަންޏާ ދާން ބޭނުންވާ ފިހާރަތަކަށް ނުދެވެނީސް އެ ތަންތަން ބަންދުކޮށްލާނެ. ހިނގާ އަވަހަށް.” މިރްޒާން ވާހަކަ ދައްކަމުން އެ ޕާރުސަލް ހިފައިގެން ގޮސް ޓީވީ ބަހައްޓާފައި ހުރި ރެކްގެ ކަބަޑެއް ހުޅުވައި އެ ކަބަޑުގެ ތެރޭގައި ޕާރުސަލް ބެހެއްޓިއެވެ. އެއަށްފަހު ދެންވެސް މުޙްސިން ގާތު އައުމަށް އެންގީ، އެ ޕާރުސަލަކީ އެ ދެމީހުން ހޯދަން އުޅޭ ހޯދުމަށް ކިހާ މުހިއްމުވާނެ އެއްޗެއްކަން ނޭނގިއެވެ.
މިރްޒާން އެދުވަހު ގެއިން ނިކުތީ ގެއަށް އައިސް އޭތި ކަނޑަން ނިންމައިގެން ކަމަށްވިޔަސް ގެއަށް އައި މަގުމަތީގައި އޭނަ އެކަން ހަނދާން ނެތޭ ގޮތްވިއެވެ. އޭގެ އެއްސަބަބަކަށްވީ އެ ދަތުރު މަތީގައި ބައްޕަ އޭނައަށް ގުޅާފައި އޭގެ އަނެއްދުވަހު މާޝާ އަންނާނެ ވާހަކަ ބުނުމެވެ. މާޝާ އަންނަ ވާހަކަ އިވުމުން ފުރަތަމަ ސިކުންތުގައި އުފާވި ވަގުތު މާ ގިނައިރެއްނުވެ އެ އުފާވެރިކަން ނުތަނަވަސްކަމަށް ބަދަލުވިއެވެ. ނޭނގޭ ސަބަބަކާހުރެ މިރްޒާން ބޭނުމެއް ނުވިޔަސް މުޙްސިން އޭނަ ކައިރި އެދިފައިވި ވަރުން އޭނަ ވެސް މާ ގިނަ މީހުން ކައިރި މުޙްސިންގެ ވާހަކަ ދައްކަން ޖެހިލުންވެއެވެ. މިހާތަނަށް އައިއިރު އޭނަގެ ބައްޕައާއި މަންމައާއި މާޝާއަށް ވެސް އެ ވާހަކަ ނޭންގި އޮތީ އެހެންވެއެވެ. މާޝާ މާލެއަށް އައުމުން އޭނަ އިތުރަށް އެކަން ސިއްރުކުރާނީ ކިހިނެއްތޯ މިރްޒާންގެ ހިތް ސުވާލުކުރިއެވެ. އެކަމާމެދު ކަންބޮޑުވެފައިވި މިންވަރުން މަޣްރިބާއި ގާތްވަމުން ދިޔަ ވަގުތު މިސްކިތަކާއި ދިމާލަށް ކާރުން މިޞްރާބު ޖަހާލި ވަގުތު މިރްޒާންގެ ބަސްމަދުވެފައިވިއެވެ. އެކަމާމެދު މުޙްސިން ސުވާލުކުރުމުން މިރްޒާން އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ. ބައްޕަ ދެއްކި ވާހަކަތަކަށްފަހު މުޙްސިން ވެސް ހިނދުކޮޅަކަށް ހިމޭންވިއެވެ. އެއަށްފަހު އެ ހިމޭންކަން ނިމުމެއްގެނައީ ޚުދު މުޙްސިނެވެ.
“އިޓްސް އޯކޭ ބައްޕާ. މިއީ ވެދާނެ ދެން މިކަންތައް އިތުރަށް ފޮރުވަން ނުޖެހޭ ކަމުގެ ޢިޝާރާތެއްކަމަށްވެސް. ބައްޕަ އިތުރަށް މިކަން ސިއްރުކުރަން ދޮގު ނެހެދުން ރަނގަޅީ….އެހެންނޫނަސް އަހަރެންވެސް ބޭނުން އަހަރެންގެ ހުރިހާ ޢާއިލީ މެންބަރުން ދެކެން. ކާފައާ، މާމައާ، ތިބުނާ އާންޓަކާ. ކުރީގަ އަހަރެން ހީކުރީ އަހަރެން އެ މީހުންނާއި ދިމާވާނީ ހަމައެކަނި ސުވަރުގެއިން ކަމަށް. އެކަމަކު މި ދުނިޔެއިން ވެސް އެމީހުން ފެނިގެން ދިޔުން ވާނީ ވަރަށް ބޮޑު އުފަލަކަށް އިން ޝާ ﷲ!” މުޙްސިން ފަހު ބަސްތައް ބުނެލީ ހިނިތުންވުމަކާއެކީ މިރްޒާނަށް ބަލާލަމުންނެވެ. މިރްޒާން ވެސް ލުއި ގޮތަކަށް މުޙްސިނަށް ބަލާލަމުން ހީލީ، މުޙްސިން ބުނެލި ބަސްތަކުން ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.
މުޅި އެރޭ ވޭތުވެގެން ދިޔައީ މިރްޒާނާއި މުޙްސިނާއި ދެމެދު މާޝާއާއި ބެހޭގޮތުން ދެކެވުނު ވާހަކައިގައި ކަމަށްވުމުން އެދުވަހު ހަވީރު ލިބުނު ޕާރުސަލުގެ މަތިން ދެމީހުންވެސް ހަނދާން ނެތިފައިވިއެވެ. އޭތި ބެހެއްޓިފައިވެސް ހުރީ ބޭރު ފެންނަ ހަނި ކަބަޑެއްގެ ތެރޭގައި ކަމަށްވުމުން އޭތި ހުރީ ސިޓިންގް ރޫމުގެ ސޯފާގައި ތިބޭއިރު ލޮލުގައި އަޅައިގަންނަ ގޮތަކަށް ނޫނެވެ. އެހެންކަމުން އޭގެ އަނެއްދުވަސް ޖެހުނުއިރު ވެސް އޭތި ހުރި ތަނުގައި ހުރި ގޮތަށް ހުއްޓެވެ.
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު މާޝާ އެއާރޕޯޓަށް ދިޔުމަށްޓަކައި ހޭލަމޭލައަށް ތައްޔާރުވަމުން ދިޔައެވެ. އެންމެ ފަހުގެ ސާމާންތައް ދަބަހަށް އަޅައި ބަންދުކުރުމަށްފަހު މާޝާ ތާޒާވެލަން ދިޔައިރު ވެސް ހާފިޒާއާއި ލަތީފް މިރްޒާނަށާއި ލަތީފްގެ ބޭބެއަށް ފޮނުވާ ބައެއް އެއްޗެހި ފޮށިފޮށްޓައް އަޅައި ބަންދުކުރުމުގައި އުޅެއެވެ. މަދު މިނެޓްތަކެއްގެ ތެރޭގައި ތައްޔާރުވެގެން މާޝާ އެދުވަހު ފުރަތަމަ ފަހަރަށްލީ އެދުވަހަށްޓަކައި މަންމަ ފަހައި ދީފައި އޮތް މުޅިން ވެސް ކަޅު އަދި ދިގު ހެދުމެކެވެ. ހެދުން ލައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު މާޝާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ފަރާތް ފަރާތަށް އެނބުރި ބަލާލިއިރު ހެދުން ކިހާ ދޫކަން އެނގުންވުމުން މާޝާއަށް ހީލެވުނީ އެ ހެދުން ހާދަ ރީއްޗޭ ހިތަށްއެރުމުންނެވެ. އަދި އެ ހެދުމާމެދު އޭނަ ހިތްހަމަޖެހުނު ވަރުންވެސްމެއެވެ. ހަމަ އެއާއެކު އޭނަ ޙައިރާންވެސްވިއެވެ. ދާދި އިހަކަށް ދުވަހު އޭނަވީ މި ޒާތުގެ ހެދުންތައް ލާ މީހުންނަށް މަލާމާތްކުރާ މީހުންގެ ތެރެއިންނެވެ. އޭނަ ހުވަފެނަކުން ވެސް މިކަހަލަ ހެދުމަކަށް ތަޢުރީފުކޮށްފާނެކަމާމެދު އޭރު މާޝާއަށް ޝައްކުކުރެވުނެވެ. އެހެނަސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ހިތަށްވެރިވުމުން މާޝާގެ ލޮލަށް ކަރުނަތައް ޖަމާވީ ޝުކުރުވެރިކަމުން ހިތް ފުރިގެން ދިޔުމުންނެވެ. އަމިއްލަ ނަފްސަށް ގެއްލުންދެނިވި އެ އަނދިރިގަނޑުގެ ތެރޭގައި އޭނަ ވަނިކޮށް އޭނައަށް ހިދާޔަތް ދެއްކެވީ ހަމައެކަނި ﷲ ކަން އެނގުންވުމުންނެވެ. އަދި ﷲ ހިދާޔަތް ނުދެއްކެވި ނަމަ އޭނައަށް ހިދާޔަތް ނުލިބުނީސްކަން އެނގުންވުމުންނެވެ. އެ ބަސްތައް އޭނަގެ ހިތް ބުނެލި ހިނދު އެ ހިތަށް ވެރިވެގެން ދިޔައީ އެ ބަސްތައް ދޭހަވާ އާޔަތެކެވެ. އަޢްރާފް ސޫރަތުގެ އެ އާޔަތް ދުލުން ކިޔާލެވުނީ އެ އާޔަތް ކިޔަން ހިތް އެދުނު ވަރުންނެވެ.
**
ހަމަ އެދުވަހުގެ ފަތިހު އައްޒާމް މުލަކަށް ފުރުމަށްޓަކައި ތައްޔާރުވާން ފެށީ ވަކި އެހެން މީހަކަށް އެންގުމެއްނެތިއެވެ. އޭނަ ފުރަން އުޅޭ ގަޑި އެންމެންނަށް އެނގުނެއްކަމަކު އައްޒާމް ހުރިހާ ތައްޔާރީތަކެއްކުރީ އަމިއްލައަށެވެ. ފުރުމަށްޓަކައި ފެންވަރަން އޭނަ ދިޔައީ އަމިއްލައަށް ހުރިހާ އެއްޗެއް ދަބަހަށް އަޅާފައެވެ. އޭނަގެ ގަމީސްތަކުގެ ތެރެއިން އެންމެ ރީތި ގަމީސް އެދުވަހު ލުމަށްޓަކައި ހަރުގައި އަޅުވާލީ އޭނަ މުލަކުގައި ޖައްސާއިރަށް މަޑުނުކޮށް މާޝާގެ ގެއަށްދާން ނިންމައިގެން ހުރުމުންނެވެ. ގަމީސް ލައިގެން ރީތި ގޮތަކަށް ބޮލުގައި ފުނާ އެޅުމަށްފަހު ސެންޓު ބުރުއްސާލަމުން އައްޒާމް ލޯގަނޑަށް ބަލާލީ ހިނިތުންވުމަކާއި އެކީގައެވެ. ކުރިއާއި ޚިލާފަށް އޭނަގެ ތުނބުޅި އިހުނަށްވުރެ ދިގުކޮށް ފެންނަމުން ދިޔަ ގޮތުން އޭނަގެ މޫނުމައްޗަށް އިތުރު ފިރިހެންވަންތަކަމެއް ގެނުވާފައިވިއެވެ. މިއީ މީގެ މަސްތަކެއް ކުރިން ހިނގި ވަގުތުކޮޅެއްނަމަ އޭނަގެ ރީތިކަން ފެނި އަންހެން ކުދިން އުފާވާނެއޭ ބުނެ ސިކުނޑީގެ ކަނަކުން ނަމަވެސް ގޮވީހެވެ. އެހެނަސް މިއަދު އޭނަ ނިކުންނަން ޤަޞްދުކުރީ އެފަދަ ކިބުރުވެރިކަމަކާއި އެކީގައެއްނޫނެވެ. އޭނަ މިއަދު މި ނިކުންނަނީ އޭނަގެ އެ ނިޔަތްތައް ސާފުކުރުވާނެފަދަ ފިޔަވަޅެއް އެޅުމަށެވެ. އޭނަގެ އެ ރީތިކަމުގެ އުފާ ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް އޭނަ ލޯބިވާ ކުއްޖަކާއި ޙިއްސާ ކުރުމަށެވެ. އެ ޚިޔާލުން ލިބުނު ހިތްހަމަޖެހުމުން އައްޒާމަށް ﷲ ގެ ސީދާވެގެންވާ މަގުން ހިނގުމަށް ލިބުނު ހިދާޔަތަށްޓަކައި ޙަމްދުކުރެވުނެވެ.
އުއްމީދާއި ޖޯޝުން ފުރިފައިވި ހިތްތަކާއި އެކީ އައްޒާމާއި މާޝާ އެމީހުންގެ ދަތުރުތައް ފެށީ ދާދި އެކުއެކީގައެވެ. އެ ދުވަސްވެގެންދާނީ އެމީހުންގެ ޙަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަހަށްހެން އެ ދެމީހުންނަށް ވެސް ހީވަމުން ދިޔައެވެ. މާލެއަށް ގޮސް މާ ގިނަ ދުވަހެއްނުވެ އައްޒާމް އޭނައާއި ގުޅިދާނެހެން މާޝާއަށް ހީވަމުން ދިޔައިރު އައްޒާމް އުފާކުރަމުން ދިޔައީ އެ ވާނީ ޙަޤީޤަތަކަށްކަން ޔަޤީންކުރަމުންނެވެ. ދެމީހުންނަށް ވެސް ނޭނގުނުކަމަކީ އެ ދުވަހަކީ ދެމީހުންގެ ޙަޔާތްވެސް އެ ފުށްމިފުށަށް ޖެހޭނެ ދުވަސްކަމެވެ. އޭގެ ފުރަތަމަ ޢިޝާރާތަކީ ހަމަ އެދުވަހު އައްޒާމް ފުރަން ދިޔަ ވަގުތު އޭނަގެ މަންމަ އޭނައަށް އަލްވަދާޢު ކިޔައި ބަލަހައްޓައިގެން ހުރެފައި މީހަކަށް ގުޅާލަމުން އޭނަ ދިޔަ ޚަބަރު ދިނުންކަމެވެ.
**
މާޝާއާއި އޭނަގެ ދުވަސްވީ ބޮޑުބޭބެ ދަތުރުކުރަމުން ދިޔަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ ހެނދުނު 7:32 ވީ ވަގުތެވެ. އެހެނިހެން ފަސިންޖަރުންނާއެކީ މާޝާވެސް އޭނަގެ ބޮޑުބޭބެއާއެކީ ފްލައިޓުން ފޭބިއެވެ. މާޝާ އެއާރޕޯޓް ތެރެއަށް ވަދެގެން ދިޔައީ ބޮޑުބޭބެއާއި އެކިއެކި ވާހަކަ ދައްކަމުންނެވެ. ދޮންބެ ވެސް އޭނަ ބަލާ އަންނާނެ ވާހަކަ ބޮޑުބޭބެ ބުނީ ހުރިހާ ލަގެޖްތައް ދެ ޓްރޯލީއަކަށްލުމަށްފަހު ދެމީހުން އެކީގައި ކޮއްޕަމުން ހިނގަން ފެށިފަހުންނެވެ. އޭގެ މާ ގިނައިރެއްނުވެ ޓާރމިނަލްގައި މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން އޭނަގެ ދޮންބެ މާޝާއަށް ފެނުނެވެ. މާޝާއަށް ފެނުނުތާ މާ ގިނައިރެއްނުވެ މިރްޒާނަށް ވެސް މާޝާ ފާހަގަވުމުން އޭނަ ހިނިތުންވެލީ އުޖާލާވި ގޮތަކަށެވެ. އަދި ‘މާޝް’ އޭ ކިޔައި ގޮވާލީ ހިސާބެއްގެ ޙައިރާންކަމާއި އެކީގައެވެ. ދޮންބެ ޙައިރާންވާންވީ ކީއްވެތޯ ހިތަށްއެރިތާ މާ ގިނައިރެއްނުވެ އޭނަ ލައިގެން ހުރި ހެދުމުގެ މަތިން ހަނދާންވުމުން މާޝާއަށް ވެސް ހިނިތުންވެލެވުނެވެ.
“މާ ޝާ ﷲ މިއީ ކޮންކުއްޖެއްތަ ބޭބޭ؟ އަހަންނަކަށް ނުވެސް އެނގުނު!” މާޝާއާއި ބޮޑުބޭބެ އައިސް އޭނައާއި ހަމަކުރުމުން މިރްޒާން ބުނެލިއެވެ.
“ލައިގެން ހުރި ހެދުމަކުންދޯ؟ ނުލާހިކު ރަނގަޅެއްނު މިހާރު؟” ބޮޑުބޭބެ ބުންޏެވެ. އެއާއެކު މިރްޒާން އާނދޯއޭ ބުނެލިއެވެ. ހަމަ އެ ހިނދު ބޮޑުބޭބެގެ އަންހެނުންގެ ޢާއިލާ މީހަކު ދުރުން ފެނިފައި ބޮޑުބޭބެ ދަނީކަމަށް ބުނެލިއެވެ. އަދި މިރްޒާންމެންނާއި ވަކިވީ މާޝާ މިރްޒާނާއެކީ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ބޮޑުބޭބެގެ ގެއަށް ލައިދިނުމަށް އެދިފައެވެ. މިރްޒާން އެކަމާއި އެއްބަސްވުމުން ބޮޑުބޭބެ އެތަނަށް އައި ފިރިހެނަކާއި ވާހަކަ ދައްކަމުން ދިޔައީއެވެ. ބޮޑުބޭބެ ލޯމައްޗަށް ގެއްލުމުން މިރްޒާން އަނެއްކާވެސް މާޝާއަށް ބަލާލިއެވެ. އަދި ހިނިތުންވުމަކާއެކީ ދެލޯ ހަނިކޮށްލިއެވެ.
“އަދިވެސް މިހިރީ އޮޅިފަ. މިއީ ހަމަ ދޮންބެގެ ކޮއްކޮތަ؟” މިރްޒާން ނޭނގޭކަމަށް ހަދަމުން ދިމާކޮށްލިއެވެ. އެއާއެކު މާޝާއަށް ހީލެވުނެވެ.
“ދެން ދޮންބޭ!!! ތިހާވަރު ނުވިޔަސް ހެޔޮ. ހިނގާބަ ދެން!” މަޝާ އޭނަގެ ޓްރޯލީ މިރްޒާނާއި ޙަވާލުކޮށް ހިނގައިގަންނަމުން ބުނެލިއެވެ.
“ހެހެ….އަސްލު ބުނެބަލަ ދޮންބެ ކައިރި. ކީއްވެ ތިކަހަލަ ހެދުމެއް ލައިގެން ހުރީ؟ ބައްޕަ ބުނީތަ؟” މިރްޒާން ޓްރޯލީ ކޮއްޕައި މާޝާއާއި އެއްވަރު ކުރަމުން ސުވާލުކުރީ އޭނަގެ ކޮއްކޮއަށް އައިސްފައިވި ބަދަލު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ.
“ނޫން ދޮންބޭ. ބައްޕައެއް ނުބުނޭ. ހަމަ ބޭނުންވީ ރަނގަޅުގޮތް ޚިޔާރު ކުރަން. ދޮންބެ ކުރީގަ ބުނި ގޮތަށް. ޔޫ ވާރ ރައިޓް! އެއްވެސް ކަމަކީ ރަނގަޅު ކަމެއްކަމާމެދު އިޚްލާޞްތެރި ހިތަކާއެކީ ވިސްނައިފިނަމަ އޭގެ ޖަވާބު ކޮންމެ ފަހަރެއްގެ މަތިން ލިބޭނެ. އަދި އެ ރަނގަޅު ފިޔަވަޅުތައް އަޅަން ވީ އެންމެ ފުރިހަމައަށް މަސައްކަތް ކޮށްފިނަމަ ﷲ އެހީވެދެއްވާ. އަދި ހިދާޔަތް އިތުރުކޮށްދެއްވާ. އަލްޙަމްދުލި ﷲ!” މާޝާ އެ ފަހު ބަސްތައް ބުނެލީ ހިނިތުންވުމަކާއެކީ މިރްޒާނަށް ބަލާލަމުންނެވެ. ބަދަލުވީ ހަމައެކަނި މާޝާގެ ހެދުމެއް ނޫންކަން އެނގުންވި މިރްޒާންގެ މޫނުމައްޗަށް ވެސް ވެރިވީ ފުން ހިނިތުންވުމެކެވެ. އެ ހިނދު އޭނައަށް ވެސް ހިތާހިތުން ޙަމްދުކުރެވުނެވެ. އަމިއްލަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު މިރްޒާނަށް މާޝާއާއެކީ އެއާރޕޯޓުން ނިކުމެވުނެވެ. އެ ވަގުތު ޕާކިންގް އޭރިއާގައި އޮތް އޭނަގެ ކާރު ފެނިފައި މިރްޒާންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އޭނަ މާޝާ ބަލާ އައީ ކާރުގައި މުޙްސިން ގޮވައިގެންނެވެ. އޭނަ އެއާރޕޯޓަށް ވަންނަން ވެސް އުޅުނީ މުޙްސިން ގޮވައިގެންނެވެ. އެހެނަސް މުޙްސިން އެކަމަށް އިންކާރު ކުރީ، އެހާ ދުވަސްފަހުން ބައްޕަ ކޮއްކޮއާއި ދިމާވުމުން އުފަލާއެކީ ވާހަކަ ދައްކަން ބޭނުންވާނެ ނޫންތޯ ބުނަމުންނެވެ. މާޝާ އޭނަ ފެނިފައިވެސް ނުރުހުންވާނެހެން މުޙްސިނަށް ހީވަމުން ދިޔަފަދައެވެ. ކުރިން އޭނައަށް އޭނަގެ އަމިއްލަ ބައްޕައާއިމެދު ނުތަނަވަސްވީ ސަބަބަށްޓަކައެވެ. މިއަދު މާޝާއަށް މުޙްސިން ފެނިފައި މާޝާއަށް މާޒީގެ ހުރިހާ ޙަޤީޤަތެއް ކިޔައިދޭން ޖެހިދާނެހެން ހީވުމުން ޚުދު މިރްޒާންގެ މެއަށް ވެސް ފިނިވަމުން ދިޔައެވެ. މި ހުރިހާ ދުވަސް ވަންދެން މާޝާއަށް އެ ވާހަކަ ކިޔައިނުދެވި އޮތީ އޭނަގެ ދެ ބޭބެއިންނަކީ ދުޝްމިނުންކަން މާޝާއަށް އެނގިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އޭނައަށް ކޮށްފާނެ ކަމަށްޓަކައެވެ.
ކޮންމެއަކަސް މިރްޒާން އޭނަގެ ކާރާއި ދިމާލަށް ހިނގަމުން ދިޔައީވެސް މާޝާއާއި އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ކާރާއި ގާތްވަމުން ދިޔަދިޔަހެން ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލެވުނު އަޑު ދެމީހުންނަށް ވެސް އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ސީޓުގައި އިން މުޙްސިން ކާރުން ފައިބައި ދޮރު ލައްޕާލިއެވެ. ފުރަތަމަ ފަހަރަށް މާޝާގެ ކުރިމައްޗަށް މުޙްސިން އެރުމުން މިރްޒާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނައަށް އެއްފަހަރު މުޙްސިނަށް އަނެއްފަހަރު މާޝާއަށް ބަލާލެވުނެވެ. އެ ހިނދު މާޝާ ވެސް ހުރީ އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ޙައިރާންކަމާއެކީ އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ކުއްޖާއަށް ބަލާށެވެ. މިއީ ދޮންބެ މަސައްކަތު މީހެއްގެ ގޮތުގައި ގެންގުޅޭ ކުއްޖެއްތޯ މާޝާގެ ހިތަށްއެރިއެވެ. އެހެނަސް މި ހުރިހާ ދުވަހު ދޮންބެ ދުވަހަކުވެސް މަސައްކަތު މީހަކު ނުގެންގުޅެއެވެ. އެހެންނޫނަސް އެ ކުއްޖާ އެ ޒާތުގެ މީހަކާއި ވައްތަރެއްނޫނެވެ. ހުދުކުލައިގެ މޮޅު ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް މަޑު މުށިކުލައެއްގެ ސޯޓުގައި ހުރި ގޮތުން އެކަން ޤަބޫލުކުރަން ދަތިވިއެވެ. ސުވާލުތައް ހިތުތެރޭގައި ފުނިޖެހެމުން ދިޔައެއްކަމަކު މާޝާއަށް އޭގެއިން އެއްވެސް ވާހަކައެއް ދުލާއި ހަމައަކަށް ނުގެނެވުނެވެ. ދޮންބެ ވެސް އެކުއްޖާ ވަކި ތަޢާރަފު ކުރުމެއްނެތި ދަބަސްތައް ޑިކީއަށް ލެވޭތޯ ބަލަމާ ހިނގާށޭ ބުނެލަމުން ކާރާއި ކައިރިއަށް ޖެހިލިއެވެ. ދޮންބެ ކާރުގެ ޑިކީ ހުޅުވަން ދިޔަ ވަގުތު އެކުއްޖާ ޖެހިލުންކަން އެކުލެވިފައިވި ގޮތަކަށް އޭނައާއި ހިނިތުންވާން އުޅުނުކަން މާޝާއަށް ފާހަގަވިއެވެ. ބަދަލުގައި މާޝާއަށް އިތުރު ޙަރަކާތެއް ނުކުރެވެނީސް ކާރުގެ ޑިކީ ހުޅުވާލި ދޮންބެ ‘މުޙްސިން’ އަންނާށޭ ބުނެލިއެވެ. އެ ހިނދު މާޝާގެ ނިތަށް ރޫގިނަވިއެވެ. ‘މުޙްސިން’ ގެ ނަން އިވުނީ ކޮންތަނަކުންތޯ ހިތަށްއެރިއެވެ. އޭގެ މާ ގިނައިރެއްނުވެ ހަނދާނަށް އައީ ދޮންބެގެ މާޒީގެ އުފާވެރި ދުވަސްތައް އޭނައަށް ކިޔައިދިން ހަނދާނެވެ. ދޮންބެގެ ދަރިފުޅަށް ކިޔަނީ ‘މުޙްސިން’ އެވެ. ދޮންބެއަށް ދޮންބެގެ ޢާއިލާ ފެނުނީތޯ ހިތަށްއެރި ވަގުތު މާޝާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. އެހެނަސް އެ އުފާ ފާޅު ނުކުރެވުނީ އެއީ ޙަޤީޤަތަކަށް ވާނަމަ ދޮންބެ އެ ވާހަކަ އެމީހުންނަށް ނޭންގީ ކީއްވެތޯ ހިތަށްއެރުމުންނެވެ. ކާރުގެ ފަހަތު ސީޓަށް އަރައި ދޮންބެގެ އެޕާޓްމެންޓް ހުންނަ ޢިމާރާތާއި ހަމައަށް ދެވެންދެން ވެސް މާޝާގެ ހިތުގައިވީ އެ ސުވާލެވެ. އަދި އަމުދުން ކާރު ތެރެއިން ވެސް ދޮންބެ އެއީ ކޮން ކުއްޖެއްކަން އޭނައަށް ބުނެދޭން ނުއުޅުމުން މާޝާ އިތުރަށް އޮޅުން އަރާ ގޮތްވިއެވެ. ދަތުރު މަތީގައާއި ލިފްޓުގައި އެޕާޓްމެންޓް ހުރި ފަންގިފިލާއަށް ދެވެންދެން ވެސް ދޮންބެއާއި އެކުއްޖާއާއިމެދު ވާހަކަތަކެއް ދެކެވުނެވެ. އެ ވާހަކަތަކުގައި އެކުއްޖާވެސް ވަރަށް ބަސްމަދުކަން މާޝާއަށް ފާހަގަވިއެވެ. އެންމެ ފަހުން މާޝާއަށް ހުރިހާ ކަމެއް ސާފުވެގެން ދިޔައީ ތިން މީހުންނަށް ގޮސް އެޕާޓްމެންޓަށް ވަދެވުމުންނެވެ. އެޕާޓްމެންޓަށް ވަދެ މާޝާގާތު އިށީންނަން އެދެމުން މިރްޒާން ވެސް މުޙްސިނާއެކީ ވަކިވަކި ދެ ސޯފާގައި އިށީނެވެ. މުޙްސިން އޭނަގެ ކުރިމައްޗަށް ވާގޮތަށް އިށީނުމުން ދެމީހުންނަށް ވެސް އުދަގޫވެގެން ދިޔައެވެ. އެ ދެމީހުންނަށް ވަކިވަކިން ބަލާފައި މިރްޒާން ލުއިގޮތަކަށް ހީލިއެވެ.
“ހެހެ….މެރީކުރަން އުޅޭ ދެމީހުންހެން ޖެހިލުންނުވެބަލަ. ތިއީ މެރީކުރެވޭނެ ދެމީހުންނެއްނޫން އެހެންނޫނަސް. މާޝް، އެނގޭތަ މިއީ ކާކުކަން؟” މިރްޒާން ފުރަތަމަ ވާހަކަ ބުނެލީ ސަމާސާވެރި ރާގަކަށް ކަމަށްވިޔަސް ފަހު ސުވާލުކޮށްލީ ހިސާބެއްގެ ސީރިއަސްކަމާއި އެކީގައެވެ. ދޮންބެ ބުނި އެއްޗަކާއިމެދު އިތުރަށް އަޖާއިބުވެފައި ދޮންބެގެ ދުލުން ސާފުކުރަން ބޭނުންވެފައިވި މިންވަރުން މާޝާއަށް ބޯހޫރުވާލެވުނީ ނޭނގެއޭ ބުނާ ފަދައަކުންނެވެ.
“މިއީ ދޮންބެގެ ގެއްލުނު ދަރިފުޅު، މުޙްސިން.” މިރްޒާން އެ ވާހަކަ ބުނުމާއެކުހެން މާޝާއަށް މުޙްސިނާއި ދިމާލަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. އެ ހިނދު މާޝާގެ ހިތަށް އެތައް ސުވާލެއް އެއްފަހަރާ ވެރިވިއެވެ. މިފަހަރު އެ ސުވާލުތައް ނުކޮށް ހުންނަން މާޝާއަށް ދަތިވިއެވެ.
“ކޮންތަނަކުންތަ ފެނުނީ ދޮންބޭ؟” ހިތަށް ވެރިވެފައިވި އެތައް ސުވާލެއްގެ ތެރެއިން މާޝާއަށް ކޮށްލެވުނީ އެންމެ ސުވާލެކެވެ. ލިބިފައިވި ޝޮކެއްގެ ބޮޑުކަމުންނެވެ. މާޝާގެ ސުވާލުން މިރްޒާނަށް ފުން ނޭވައެއް ދޫކޮށްލަމުން މުޙްސިނަށް ބަލާލެވުނެވެ. މުޙްސިން އޭނަގެ ބައްޕައަށް ބޯޖަހާލީ ޙަޤީޤަތް ފާޅުކޮށްދޭށޭ ބުނާ ފަދައަކުންނެވެ. އެ ހިނދު އެކަމާމެދު މިރްޒާންގެ ވެސް ހިތްހަމަޖެހުނެވެ. މާޝާ އިތުރަށް އަނދިރީގައި ބެހެއްޓުމުގެ ބޭނުމެއްނެތެވެ. މާޝާ މިއަދު އެހެރީ ހަރުދަނާ ޒުވާން އަންހެން ކުއްޖަކަށްވެފައެވެ. ހެޔޮ ވިސްނުން ލިބިފައިވި ކުއްޖަކަށްވެފައެވެ. ވީއިރު ޢާއިލީ އެއްވެސް ޙަޤީޤަތެއް މާޝާއަށް ފޮރުވަންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން މިރްޒާނަށް މާޝާއާއި ދިމާލަށް ބަލާލެވުނެވެ.
“މާޝާ ބޭނުންތަ ދޮންބެއަށް ދޮންބެގެ ޢާއިލާ ގެއްލުނީ ކިހިނެއްކަން އެނގެން؟” މިރްޒާން ސުވާލުކުރިއެވެ. މާޝާ އަވަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކީ އަވަސްއަވަހަށް ބޯޖަހާލިއެވެ. އެއާއެކު މިރްޒާން މަޑުކުރުމެއްނެތި މާޝާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭނައާއި އަމްނާ ދިމާވެ އަމްނާއާއި އިންނަން ޖެހުނު ހިސާބަށެވެ. މަންމައާއި ބައްޕަ އެ ކައިވެންޏާއި ދެކޮޅު ހެދި ވާހަކައާއި އެކައިވެންޏާއި ދެކޮޅު ހެދީ ކީއްވެކަމެވެ. އެކަން ޙައްލު ކުރުމަށްޓަކައި އަމްނާ ކުރި މަސައްކަތުން އެ މައްސަލަ ޙައްލުވެ ބައްޕައާއި މަންމަގެ ހިތް އަމްނާއަށް ލެނބުނު ގޮތެވެ. އެހެނަސް ހުރިހާ އެންމެންގެ ތެރެއިން ވެސް ވިސްނުން ބަދަލުނުވީ މައިސޫންގެ ކަމެވެ. މައިސޫން އޭނައަށް އިތުރަށް ރުޅިވާން ޖެހުނު ސަބަބެވެ. ޖަލުގެ ތޭރިތަކުގެ ތެރެއަށް މައިސޫން ފޮނުވާލުމުގެ ބަދަލުގައި މައިސޫން އޭނައާއި ދެކޮޅަށް ރޭވި ރޭވުމެވެ. އަދި އެ ރޭވުން ކާމިޔާބުވުމުން އޭނައަށް ލިބުނު ހިތްދަތިކަމާއި ހިތާމައެވެ. އެ ހިތާމަތަކުގެ ތެރެއިން އޭނައަށް އޭނަގެ އެންމެ ލޯބިވާ ދެމީހުން ގެއްލުނު ގޮތް ކިޔައިދިން ހިނދު މިރްޒާންގެ ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. ވާހަކަތައް އަޑުއަހަން ތިބި މުޙްސިނާއި މާޝާގެ އެސްފިޔަތައް ވެސް ތެމިފައިވިއެވެ. ބައްޕަ ދެންމެ ދެއްކި ވާހަކަތަކަކީ މީގެ ކުރިން ދުވަހެއްގައި އޭނައަށް ކިޔައިދީފައިވި ވާހަކަތަކަށް ކަމަށްވިޔަސް އެއިން އޭނަގެ ހިތަށްކުރާ އަސަރަކަށް ބަދަލެއް ނާދެއެވެ. އެ ވާހަކަތައް އަލަށް އިވުނު މާޝާގެ ހިތަށް އެތައް ޖަޒުބާތުތަކެއް އެއްފަހަރާ އަރާ ފައިބަމުން ދިޔައެވެ. އޭނަގެ ބޭބެއާއި ދޮންބެގެ ދެމެދުގައި އެފަދަ ކަންތައްތަކެއް ހިނގާފައިވާނެ ކަމަށް އޭނަ ދުވަހަކުވެސް ހިއެއްނުކުރެއެވެ. އެހެނަސް ބޭބެ ހާދަ ގޯހެވެ. ބޭބެ ދޮންބެއަށް އެފަދަ ދެރައެއް ދިނުމުގެ ކުރިން ވިސްނާވެސް ނުލީތޯ ހިތަށްއެރިއެވެ. ބޭބެއާއިމެދު މުޅިން ނުބައިކޮށް ވިސްނެން ފެށި ވަގުތު ދޮންބެ ވާހަކަ ދެއްކިއެވެ.
“މި ވާހަކަތައް މި ކިޔައިދިނީ އެއްގޮތަކަށް ވެސް މާޝްގެ ކުރިމަތީގައި ބޭބެ ގޯސްކުރާކަށް ނޫން. އެކަމަކު ޢާއިލީ ޙަޤީޤަތެއް އެނގުމަކީ މާޝާގެ ވެސް ޙައްޤެއްކަމަށް ޤަބޫލުކުރެވޭތީ. ބޭބެއާއި ދެކޮޅަށް ދުޢާނުކޮށް ބޭބެއަށް ހިދާޔަތް ދައްކަވާތޯ ބޭބެއަށްޓަކައި ދުޢާކުރަންވީ…..އަލްޙަމްދުލި ﷲ އެ ރޭވުމަށްފަހު ވެސް ދޮންބެއަށް އަނެއްކާ މުޙްސިން އަނބުރާ ލިބިއްޖެ. އަދި އިން ޝާ ﷲ އަދި ދޮންބެގެ ވައިފް ވެސް ދޮންބެއަށް ފެންނާނެ. މުޙްސިން ދޮންބެއަށް ފެނުނު ވާހަކަ އަދި މާޝް އެއްވެސް މީހަކަށް ނާންގަން ދޮންބެ އެދެނީ. އެއީ މިހާރު ވެސް ވަރަށް ނުލަފާ ބައެއްގެ އަމާޒުފަތްގަނޑެއް މުޙްސިނަކީ. މާޝާ ދެން ގިނަ ދުވަސްވަންދެން މިކޮޅުގަ އުޅޭނެތީ މި ވާހަކަ މާޝާގާތު މި ބުނެލީ….” މިރްޒާން ކިޔައިދިނެވެ. އޭނަގެ ފަހު ވާހަކަތަކުން އަނެއްކާވެސް މާޝާގެ ނިތަށް ރޫގިނަވިއެވެ.
“ކޮން ބައެއްތަ މުޙްސިނަށް ގެއްލުމެއްދޭން އުޅެނީ؟ އެމީހުންގެ ވާހަކަ ފުލުހުންނަށް ހުށަހަޅަން ނުވޭތަ؟” މާޝާ ނުހަނު ޖޯޝާއެކީ މުޙްސިނާއިމެދު ކަންބޮޑުވާ ފަދައަކުން ބުނެލިއެވެ. އެ ބަސްތައް އިވުނު މުޙްސިނަށް ހިނިތުންވެލެވުނީ ލޮލަށް ޖަމާވި އުފާވެރިކަމުގެ ކަރުނަތަކާއި އެކީގައެވެ. އޭނަދެކެ ލޯބިވަނީ ހަމައެކަނި އޭނަގެ މަންމައާއި ބައްޕައެއް ނޫންކަން އެނގުންވުމުންނެވެ.
“އެއީ މިކޮޅުގަ އުޅޭ ބައެއްނޫނޭ މާޝް. ހިތުން ވަރަށް ބާރުގަދަ ބަޔަކަށް އެހީވެދޭ ބައެއް އެއީ. ދޮންބެ އަދި އެ ވާހަކަ ފަހުން ކިޔައިދޭނަން…..ދެން އެ ވާހަކަ ބާއްވާފަ ކުޑަކޮށް މުޙްސިންއާ ވެސް ވާހަކަ ދައްކަބަލަ! މިއީ ކިހާ ގަދަ ގޮލައެއްކަން މާޝާއަށް އެނގޭތަ؟ އެންމެ 15 އަހަރުގައި ވެސް ލާރި ހޯދާ މީހެއް. ޖަލްސާތަކަށް ހޯލު ތައްޔާރު ކޮށްދީގެންނާ ވެޑިންގްތަކަށް ޑެކަރޭޝަން ހަދައިދީގެންނާ ރިސޯޓުތަކަށް ފޮނުވަން އާޓްވޯކް ހަދައިގެންނާ…..އެއްކަލަ އިންޓަވިއުތަކުގެ އެޕިސޯޑަކަށް މުޙްސިން ވެސް އެރިއޭ.” މިރްޒާން މޫޑު ބަދަލުކޮށްލީ މުޙްސިނާއި މާޝާއާއި ދެމެދު ގުޅު ބަދަހިކުރުވުމުގެ ނިޔަތުގައެވެ.
“އެހެންތަ؟” މާޝާއަށް އެހެން އަހާލެވުނީ ހިސާބެއްގެ ޙައިރާންކަމާއި އެކީގައެވެ. ދޮންބެ ދެންމެ މުޙްސިން ސިފަކޮށްދިން ގޮތުން އޭނަގެ ހަނދާނަށް އައީ އައްޒާމް އޭނަގެ އެކުވެރިޔަކު ސިފަކޮށްދިން ގޮތެވެ. އެކަމާމެދު ވިސްނެން ފެށި ވަގުތު މުޙްސިންގެ އަޑުއިވުނެވެ.
“ދެން ބައްޕާ!!!” މުޙްސިން އެހެން ބުނެލީ އެހާވަރަށް ތަޢުރީފުނުކުރާށޭ ބުނާ ފަދައަކުންނެވެ. މުޙްސިންގެ އެ ސަމާސާވެރި ޙަރަކާތުން މާޝާއަށް ވެސް ހިނިތުންވެލެވުނެވެ.
“ގޮވާނެކަމެއްނެތޭ! ތަޢުރީފެއް ޙައްޤުވިއްޔާ ތަޢުރީފުކުރަންވާނެ މީހުންނަށް ވެސް!” މިރްޒާން ބުނެލިއެވެ. އެ ހިނދު މާޝާވެސް އެ ސަމާސާގައި ބައިވެރިވާން ބޭނުންވިއެވެ.
“ދޮގެއްވެސް ނޫން. ދެން މިވީ ގޮތުން މުޙްސިން ވާނެ މާޝާ ދައްތަގެ ކޯސް ފީވެސް ދައްކަން. ބޮޑުދައިތައަކަށްވީމަ އެހާވަރު ކޮށްދެވެންވާނެދޯ؟” މާޝާވެސް އެހެން ބުނެލީ ރާގަކަށެވެ. އެއާއެކު މާޝާއަށް ބަލާލި މުޙްސިނަށް ވެސް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އެ މަންޒަރު ފެނިފައި ހިތަށް އުފާވެރިކަމެއް ލިބުނު މިރްޒާން އިތުރަށް ވާހަކަ ދެއްކިއެވެ.
“އެހެންޏާ ނޫން! އަދި މާޝް މެރީކުރަންވީމަ ވެޑިންގްއަށް ވެސް ބޭރުން މީހަކު ގެންނާކަށް ނުޖެހޭނެ. މުޙްސިން ވާނީ މާޝްގެ ޕާރސަނަލް ވެޑިންގް ޑެކާރއަށް.” މިރްޒާން އެހެން ބުނެލުމުން މުޙްސިނާއެކީ މާޝާއަށް ހީލެވުނު ވަގުތު އޭނަގެ މޫނު ރަތްވިއެވެ. އެކަން މިރްޒާނަށް ފާހަގަވިއެވެ.
“ކިހިނެއްވީ މާ ލަދުރަކި ގޮތަކަށް ތި ހެނީ؟ ދޮންބެއަށް ނާންގާ އެކަންވެސް ނިންމާލީތަ؟” މިރްޒާން މާޝާގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި އަހާލިއެވެ.
“ހެހެހެ…..ނޫނޭ ދޮންބޭ. ދޮންބެއަށް ނާންގާ އެކަން ނުކުރާނަން….” މާޝާ އެހެން ބުނެ އޭނައަށް ކަމުދާ ކުއްޖަކު ހުރި ވާހަކަ ވެސް ދައްކަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު އެޕާޓްމެންޓްގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ. އާދައިގެ މަތިން މުޙްސިން ގޮސް ކޮޓަރިއަށް ވަނުމުން މިރްޒާން ގޮސް ދޮރުހުޅުވާލިއެވެ. ދޮރު ހުޅުވައި ބަލާލިއިރު އެއީ ބޮޑުބޭބެގެ އަންހެނުންނެވެ. އެއީ ދެބައި ޢުމުރަށް ގޮސްފައިހުރި ދިގު ހެދުންލާ އަންހެނަކަށް ވިޔަސް ފިހާރަތަކަށްދާން ވަރަށް ފޯރި ހުންނަ އަންހެނެކެވެ. އޭރުވެސް އެ ދައްތަ މާޝާ ގެއަށް އައުމުގެ ކުރިން ވެސް މާޝާ ބަލާ އެއައީ، މާލޭގެ ބޮޑު ފޮތި ފިހާރައެއްގައި ބޮޑު ސޭލްއެއް އޮތް ވާހަކަ ކޮންމެވެސް އަންހެނަކު ބުނި އަޑު އިވިގެންނެވެ. އެ ވާހަކަ އެ ވާހަކަ އިވުނީ ހުޅުމާލެއެއްގެ ފިހާރައަކަށް ދާން މާލެއިން ދަތުރު ފެށި ވަގުތު ކަމަށް އެ ދައްތަ ބުންޏެވެ.
“އެހެންވެ ހުޅުމާލެއަށް އައިސް ޝޮޕިނަށް ގޮއްސަ މިއައީ މާޝާ ގޮވައިގެން މާލޭގެ އެ ފިހާރައަށްދާން. ސޭލް އޮތް ވާހަކަ ބުނީ ބޮލުގަ ކުލަޖައްސައިގެން ވަރަށް ޓޮޕުގަ އުޅޭ ފެޝަން އަންހެނެއް. ހިއެއްނުވޭ މިއީ އޮޅުމަކަށްވާނެހެން. ޢާއްމުކޮށް އެ ޒާތުގެ އަންހެނުންނަށް އެނގޭނެ.” އެ ދައްތަ ވިސްނުމެއްގެ ތެރޭގައި ހުރެ ބުނެލިއެވެ. އޭނަގެ އެ ދައްތަ ޚިޔާލު ބަދަލުނުކުރާނެކަން ދަނެގެން ދެން މިވީ ދާކަށް ނޫންހޭ މާޝާ ބުނެލިއެވެ. އެއާއެކު އެ ދައްތަ ހިނިތުންވެލަމުން އަވަހަށް އަންނާށޭ ބުނެލިއެވެ. ދޮންބެއަށް އަލްވަދާޢު ކިޔާފައި ފިހާރައަށް ދިޔުމަށްޓަކައި މާޝާ ގޮސް އެ ދައްތައާއެކީ ޓެކްސީއަށް އަރައިގެން ފިހާރައަށް ދިޔުމަށްޓަކައި މިޞްރާބު ޖެހީ އޭނައަށް މި ވަދެވެނީ ބޮޑު އޮޅުގަނޑެއްގެ ތެރެއަށްކަން ނޭނގިއެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު މާޝާއާއި އޭނަގެ ބޮޑުދައްތަ މާލޭގެ އެ ފޮތި ފިހާރައާއި ހަމަވިއެވެ. ދައްތަ އިވިފައިވި ގޮތަށް ފިހާރައިގެ ބޭރުގައި ހަރުކުރެވިފައި ޑިސްޕްލޭތަކުން ސޭލް އެޅުވިފައިވިކަން އެނގެއެވެ. އެހެނަސް ޑިސްކައުންޓް ދޭން ނިންމާފައި ހުރީ ދައްތައަށް އިވުނު ވަރަށްވުރެ ދަށްކޮށެވެ. އެކަމާމެދު ޝަކުވާކުރަމުން ވެސް ދައްތަ ފިހާރަށް ވަންނަން ނިންމިއެވެ. ފިހާރައަށް ވަނުމަށްފަހު މާޝާ މުޅިންހެން އުޅުނީ ދައްތައާއި އެކީގައެވެ. އެހެނަސް ކަޅު ފޮތިތައް ހުރި ދިމާލަށް ގޮސް އެކި ޒާތުގެ ފޮތި ބަލަން މާޝާ މަޑުކޮށްލި ވަގުތު މާޝާއަށާއި އެ ދައްތައަށް ވެސް ނޭނގި އެކި ފޮތިތައް ބަލަމުން އޭނައާއި ދައްތަ ދުރުވިއެވެ. މާޝާ އެކަނިވިތާ މާ ގިނައިރެއްނުވެ ފިހާރައިގެ ޓައިލްސް މަތިން ފައިވާނެއްގެ ކަށީގެ އަޑު އޭނައަށް އިވުނެވެ. އެ އަޑު އޭނައާއި ގާތްވަމުން ދިޔައެއްކަމަކު މާޝާ އެ ދިމާލަށް ބަލަން ޚިޔާލު ނުކުރީ އެއީ ވެސް ފޮތިތައް ބަލަމުން ދާނެ މީހެއްކަމަށް ހީކުރެވުމުންނެވެ. އެހެނަސް…..
“މާޝާ!” ދާދި ގާތުން އޭނައަށް ގޮވާލީ އަންހެނެކެވެ. މާޝާ އިސްއުފުލާލަމުން ވާތްފަރާތަށް ބަލާލި ހިނދު އެމީހަކު ހުރީ އޭނައާއި ހިނިތުންވެގެންނެވެ. އަންހެން މީހާ ހުރިގޮތުން މާޝާ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ. ކޮނޑާއި ހަމައަށް އޮތް ފަންކޮށްފައި އޮތް އިސްތަށިގަނޑުގައި ކުލަ ޖެއްސިފައިވީއިރު ލައިގެން ހުރީ އަތްކުރު ބާރު ޓޮޕަކާއި ފަޔަށް ހިފިފައި އޮތް ޖިންސެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި މާޝާ ބަލަހައްޓައިގެން ހުންނަން ފެށުމުން އެ މީހާ ސަލާމަށް އަތްދިއްކޮށްލިއެވެ.
“އައްޒާމްގެ މަންމަ.” އެ އަންހެން މީހާ ބުނެލި ބަސްތަކުން މާޝާގެ އަތްފައި ފިނިވެ މުޅި މީހާ ގަނޑުވިއެވެ.
ނުނިމޭ
15 Comments!
Comments are closed.
Assalaam’alaikum. mi bai lasvi kamattakai maafah edhen. kudakoh balive ulhuneema lasvy. kuree baige comment thakah reply nukurevunyves reply kuran ulhunu rey hama dhelo meremun dhiyaeethee. hehe…Alhamdhulillah miadhu rest kuran mi libuny furusatheh 😀
In Sha Allah mi bayaa gulhey post thah miadhu genesdheynan. next part sunday ga In Sha Allah
Masha Allah..❤❤❤?????????…avahah post thah genesdhehche sis?????❤❤????..sis ah free veema kury prt ge comment thakah reply kohlahchey..???..IT’S ok..Anyways bunjdhuvahah up kohdhyfymehnu????????..ehemma It’s ok ey jiji ah?????..curiously waiting for the next..L U????????me first dhw??????????
post thah mihiry genesdheefa Alhamdhulillah! 🙂 free viyas free nuviyas comment thakah reply kurumaky jana vaguthu dhey kamekey 😀 mikahala vaahaka eh liyaairu kiyuntherinna gaaiy gulhumeh beyvvumaky muhimmu kameh kamah jana dheken In Sha Allah 🙂 kureega ves bunihen thankolheh varubali dhuvaskolheh dhiyaeema reply nuvee. In Sha Allah mi comment thakah reply koffa kuree baige comment thakahves reply kuraanan. Congrats on being first! 😀 Love you too sis <3
Masha allah. Mi part vx varah reethi. Me 2nd dho.
Alhamdhulillah! Labba shifrraa 2nd 😀
Vaahaka varah reethi dhenfaharakun thankolheh dhigukohla dhehchey
Alhamdhulillah! kuree bayahvure mi bai dhiguvaane Faathi 😀 ekamaku kudakoh drag vaakan jana ahves faahaga ebavey. In Sha Allah dhen oiy bain Ashiya ge mulhi e reyvun engi adhi kuriah ves dhaane. inthizaaru kollavva 😀
Blog post:
وَقَالُوا الْحَمْدُ لِلَّـهِ الَّذِي هَدَانَا لِهَـٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّـهُ
“….And they will say, “Praise to Allah, who has guided us to this; and we would never have been guided if Allah had not guided us…” Suratul A’raaf, 43
These are the words of the people of Jannah, as they see the blessings that Allah gave them in those gardens. With these words, they acknowledge that whatever good they did in this world, was only by the Will of Allah. And Subhaanallah we can only comprehend this, if we make an effort to turn to Allah. When we struggle to give up certain things and obey Allah in every way. At some point in this journey we would realize that we need help. That we simply can’t keep up with the struggle except with someone’s help. So when we turn to the best of Helpers, He swt gives us the strength to do things we never thought we could have done.
There is this one beautiful bit in this ayah that touches me every single time. In this ayah, Allah is saying that the believers would say هَدَانَا لِهَـٰذَا (guided us to this). The word لِ doesn’t just mean ‘to’ something. It means ALL THE WAY to somewhere. It means that someone isn’t just telling you where to go, but that someone is right by you until you get to your destination. In other words, the believers are saying, praise and thanks is for Allah Who guided us all the way to this. They realize that Allah was there with them, supporting them in every struggle they went through. They realize that it was only Allah Who kept their hearts firm while they themselves had lost control over them. And they realize that it was only Allah Who helped them persevere even during the toughest times until they got all the way to Jannah. Subhaanallah!
May Allah increase us in guidance and guide us all the way to Jannah. Ameen!
Blog post (Dhivehi):
وَقَالُوا الْحَمْدُ لِلَّـهِ الَّذِي هَدَانَا لِهَـٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّـهُ
“….ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި اللَّه އަށެވެ. އަދި اللَّه، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ…”
މިއީ ސުވަރުގޭގެ އަހުލުވެރިން، އެތާނގެ ނިޢުމަތްތައް ފެންނަ ހިނދު ބުނާނެ ބަސްތަކެވެ. މި ބަސްތަކުން އެމީހުން ދުނިޔޭގައި ކުރި ހުރިހާ ހެޔޮ ކަމަކީ ހަމައެކަނި ﷲ ގެ އިރާދަފުޅުން ކުރެވުނު ކަންތައްތަކެއްކަން އެމީހުން ޤަބޫލުކުރާ ފަދައެވެ. އަހަރުމެންނަށް މިކަން ދޭހަކުރެވޭނީ އަހަރުމެން ﷲ އަށް ތައުބާވާން މަސައްކަތް ކުރުމުންނެވެ. ހަމައެކަނި ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް އުޅުމަށްޓަކައި ބައެއް ކަންތައް ދޫކޮށް ކުރިން ނުކުރާ ރަނގަޅު ކަންތައް ކުރުމަށް ގަދައަޅައި މަސައްކަތްކުރަން ފެށުމުންނެވެ. މި ދަތުރުގެ ކޮންމެވެސް ހިސާބަކުން އަހަރުމެން އެހީއެއް ބޭނުންވާކަން އަހަރުމެންނަށް އިޙްސާސްވާނެއެވެ. އެއްވެސް ފަރާތެއްގެ އެހީއެއްނުލިބި އެކަނިމާއެކަނި އެ ދަތިތަކާއި ކުރިމަތިނުލެވޭނެކަން ތިބާއަށް އިޙްސާސް ކުރެވޭނެއެވެ. އެހެންކަމުން އެހީތެރިންގެ ތެރެއިން އެންމެ މޮޅު އެހީތެރިޔާކަމުގައި ވެވޮޑިގެންވި ﷲ ޙަޟްރަތުން އެހީއަށް އެދުމުން އަހަރުމެންނަށް ދުވަހަކުވެސް ނުކުރެވޭނެހެން ހީވި ކަންތައް ކުރުމުގެ ޘާބިތުކަން ވެސް އެކަލާނގެ ދެއްވައެވެ. (އިން ޝާ ﷲ)
މި އާޔަތުގައި އަޅުގަނޑުގެ ހިތަށް ކޮންމެ ފަހަރަކު އަސަރު ފޯރުވާ ތަންކޮޅެއްވެއެވެ. މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ގޮތުން ސުވަރުގޭގެ އަހުލުވެރިން ބުނާނީ هَدَانَا لِهَـٰذَا (މިކަމަށް ހިދާޔަތް ދެއްކެވި) މިހެންނެވެ. لِ މި ބަހުގެ މާނައަކީ ‘މިކަމަށް’ އެކަންޏެއް ނޫނެވެ. އޭގެ މާނައަކީ ކޮންމެވެސް ފަރާތަކުން ތިބާ ދާންވީ ތަން ހަމައެކަނި ތިބާއަށް އަންގައިދިނުމެއްނޫނެވެ. އެހެނެއްކަމަކު އޭގެ މާނައަކީ ތިބާ ދާން އުޅޭ މަންޒިލާއި ޖެހެންދެން އެ ފަރާތުން ތިބާއަށް ދާންވީ މަގު އޮޅުން ފިލުވައި ހިދާޔަތް ދައްކަވަމުން ދިޔުމެވެ. އެހެންކަމުން ސުވަރުގޭގެ އަހުލުވެރިން އެ ބުނަނީ މިހެންނެވެ. ޙަމްދުހުރީ ފެށުނީއްސުރެ މިހާ ހިސާބަށް އާދެވެންދެން ހިދާޔަތް ދެއްކެވި ﷲ އަށެވެ. މި ދުނިޔޭގައި އެމީހުން ކަނޑައްތު ކުރި ކޮންމެ ދަތި އިމްތިޙާނެއްގައި އެކަލާނގެ އެމީހުންނަށް އެހީތެރިވެވޮޑިގެންވިކަން އެމީހުންނަށް ފަހުމްވެއެވެ. އެމީހުންގެ އަމިއްލަ ހިތްތަކުގެ މައްޗަށް ޚުދު އެމީހުންގެ ބާރު ގެއްލި ދިޔަ ޙާލަތްތަކުގައި ވެސް އެ ހިތްތައް ޘާބިތުކަން މަތީ ލެއްވީ ހަމައެކަނި ﷲ ކަން އެމީހުންނަށް ޔަޤީންވެއެވެ. އަދި ސުވަރުގެއާއި ހަމައަށް ދެވެންދެން ކެތްތެރިކަމާއެކީ މި ދުނިޔޭގެ އެންމެ ދަތި ޙާލަތްތަކުގައި ކުރިއަށް ދިޔުމަށް އެމީހުންގެ ފައިތިލަތައް ޘާބިތުކޮށްދެއްވީވެސް އެކަލާނގެކަން އެމީހުންނަށް ޔަޤީންވެއެވެ. ސުބްޙާނަ ﷲ!
މާތް ﷲ އަޅަމެންނަށް ހިދާޔަތް އިތުރުކޮށްދެއްވައި ސުވަރުގެއާއި ހަމައަށް ދެވެންދެން އަހަރުމެންނަށް ހިދާޔަތް ދައްކަވާށި! އާމީން.
Masha allah. Mi part vx hama varah reethi. Jana sis aa varah frnd vaan beynun. Ehnma dhn kihinei hadhan v?? Waiting 4 next part ingey…….
Alhamdhulillah! fb ga ulhenya mi page ah gos msg kureema jana reply kuraanan In Sha Allah
https://www.facebook.com/Asr-1445208739121696/
fb ga noolhey nama jana ge number ah request koffa 7997991 ah msg eh kuranvy. e number in jana ah sis ge number libunuhaa avahakah reply kuraanan In Sha Allah 🙂
Assalaam’alaikum. Miadhuge Arabi lesson jana ehen dhuvahakah faskollan eba jehey. Sababaky jana ge live student ah lesson thah catch up nukurevi gossi baeh sababuthakaa hedhi. Kuriah oiythanuga othy fudheyvaraka tafseel filaavalhuthakah veema e ehchehi kiyaafa fahum vaakan yageen koffa noony jana post kuran beynumeh noon. In Sha Allah hafthaa eh haa dhuvasthereyga e filaavalhu genesdheynan. Mivaguthu Arabi kiyaa kiyuntherin kureege filaavalhuthah faritha kuranvy. Vakin khaassakoh fahuge filaavalhuthakun genesdhin muslim chart thah. Maai Allah alhamen ekalaange handhuma kurumattakai kuraa komme kameggai barakaaiy lavvaashi. Ameen!
http://www.guidancefromquran.blogspot.com
Assalaam’alaikum. Vaahaka up vaany maadhama (sunday) haveeru In Sha Allah
Ahsalaam alaikum..jana sis..alhuganduves sis aa frnd vaan vrh vrh vrh beynun, so e number ah request kuranvy dhw…aslu kurin nukeruny mithaaga ehen bunan..hehe..luv u for the sake of allah❤
One more thing, ur my favourite story writer..hurihaa story ehves vrh reethi..Masha Allah❤