Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހަދިޔާ (ވިހިވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 30, 2018 9 Mins Read
24 Comments

“ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި….އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން.” އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އައްޒާމްގެ މަންމައާއި ބައްޕަ ކޮބައިތޯ ފުރަތަމަ ފަހަރަށް މާޝާގެ ހިތް ސުވާލުކުރިއެވެ. އައްޒާމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ ބަލައި އޭނަގެ ކާފަ އައިސްފައި ހުރުމުން މާޝާގެ ސިކުނޑީގައި މި ޒާތުގެ ޚިޔާލުތައް ދައުރުވިއެވެ. އެހެނަސް އެކަމާމެދު ވިސްނާލުމުގެ ފުރުޞަތެއް މި ލިބުނީ އަދި ކިރިޔާއެވެ. އައްޒާމަކީ މަންމައާއި ބައްޕަ ނިޔާވެފައިވާ ޔަތީމު ކުއްޖަކީ ހެއްޔެވެ؟ އެދުވަހު އައްޒާމް ބަލާ އޭނަގެ ކާފަ އައުމާއި، މިވަގުތު އައްޒާމްގެ މޫނުމައްޗަށް ވެރިވެފައިވާ ކުލަވަރުގެ މާނައަކީ އެއީ ހެއްޔެވެ؟ ހިތަށް އެ ޚިޔާލު ވެރިވުމާއެކު އައްޒާމަށްޓަކައި މާޝާގެ ހިތް ދެރަވިއެވެ. ޒުވާން ޢުމުރުގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ މިހާ ކާމިޔާބުވެފައިވާނީ މަންމައާއި ބައްޕައާ ނުލާ ބޮޑުވި ކުއްޖެއްކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލުން މާޝާއަށް ހިނިތުންވެލެވުނީ އައްޒާމާއިމެދު ފަޚުރުވެރި ވެސް ވެވުމުންނެވެ. އެ ވާހަކަތައް ހަމައެކަނި ހިތުގައި ބާއްވަން ނިންމަމުން އައްޒާމް އިތުރަށް ދެރަނުވާނެ ފަދަ ގޮތަކަށް ވާހަކަ ލަންބާލަން މާޝާ ބޭނުންވިއެވެ.

 

“ޓްރޫ….އަހަރެންވެސް އައްޒާމްއާ ސުވާލެއް ކުރަންވެފަ އެބައޮތޭ! އެދުވަހު އެއާރޕޯޓް ތެރެއިން ދިނީމެއްނު ދަޢުވަތެއް؟ އެއީ އަސްލު ކޯޗެއް؟ އައި މީން އެނގޭ އެއީ ދަރުހަކަށް ދެވުނު ދަޢުވަތެއްކަން ބަޓް އޭގަ ލިޔެފަ އޮތް ލިޔުންކޮޅު ވަރަށް ވިއާޑް.” މާޝާ އޭނަގެ އަޑަށް ޖޯޝެއް ވާހަކަ ދެއްކިއެވެ. އެންމެ ފަހު ޖުމްލައިގެ ފަހު ބަސް ބުނެވުނު ވަގުތު އޭނަ އެ ބަސް އަނބުރާ ގެންނަން ބޭނުންވިއެވެ. އެ ލިޔުންކޮޅާއި ބެހޭގޮތުން އައްޒާމްގެ ނަޒަރިއްޔާތު ހުރިގޮތް ނޭނގުމުންނެވެ. އެހެނަސް އޭނަގެ ވާހަކައަށް އައްޒާމް ހީލި މަންޒަރު ފެނިފައި މާޝާގެ ހިތްހަމަޖެހުނެވެ.

 

“އެއީ ކާފަ ހަދާފަ އޮތް ޖާދޫއެއް މިފަހަރު. މައި ގްރޭންޑްފާދާރ…..އެދުވަހު އެއާރޕޯޓުގަ ހުއްޓެއްނު؟ އެއީ ޝެއިޚް ހާޝިމް. އެހާ މަޝްހޫރެއްނުވާނެ. އެކަމަކު އެކި ރަށްތަކަށް ގޮސް ވަރަށް ގިނައިން ދަރުސްދީ ހަދާނެ. މިފަހަރު ދަރުހަށްޓަކައި އަންނާށޭ ލިޔުމުގެ ބަދަލުގަ އާޔަތެއް ލިޔެފަ އޮތީ ކާފަގެ ޚިޔާލުމަތިން. ގިނަ ބަޔަކު އެ ދަރުހަށް އަންނާނެ ކަމުގެ އުއްމީދުގަ ކަންނޭނގެ އެހެން ހެދީ.” އައްޒާމް ކިޔައިދިނެވެ. އައްޒާމް ރާގަކަށް އެ ވާހަކަ ދެއްކީ އޭނަ ފަދައިން މާޝާ ވެސް ދީނާއިމެދު ދެކޭނީ ޝައްކުތަކުން ފުރިފައިވި ގޮތަކަށްހެން ހީވެފައި އޮތުމުންނެވެ. އޭނައަށް ނޭނގުނުކަމަކީ އެ ހީވި ހީވުން ޙަޤީޤަތަކަށްވެފައި އެ ދަޢުވަތުން އޭނަގެ ހިތަށްކުރި ފަދަ އަސަރެއް މާޝާގެ ހިތަށްވެސް ކުރި ކަމެވެ.

 

“އެހެންތަ؟ އަސްލުވެސް އަހަރެން އިންޓްރެސްޓް ޖެހުނު އޭތި އެހެން ލިޔެފަ އޮތީމަ. ހިއެއްނުކުރަން ޤުރުއާނުގަ އެކަހަލަ ވާހަކައެއް ދެކެވިފަ އޮވެދާނެއޭ. ކޮންމެވެސް…..އުފާވާންޖެހޭ ކަމެއްގެ ވާހަކަ ދޯ؟ އައްޒާމްއަށް އެނގޭތަ އޭގަ ކުރެވިފަ އޮތް ސުވާލުގެ ޖަވާބު؟” މާޝާ ޝައުޤުވެރިކަމާއެކީ އެހިއެވެ. އެއާއެކު އައްޒާމްގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނަ ދާދި ދެންމެއަކު ނިންމައިގެން ހުރީ މާޝާ ވެސް ހީލުމަކުން އެ ވާހަކަ ނިންމާލާނެ ކަމަށެވެ. އެގޮތަށްވިނަމަ ކާފަގެ ދަރުސްތަކަކީ ވަކި މާބޮޑު ބުރަދަނެއް ހުރި ދަރުސްތަކެއް ނޫންކަމަށް ހީކުރަން އޭނައަށް ފަސޭހަވީހެވެ. އެހެނަސް މިވީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ފެނުނު ދުވަހުވެސް އެ ދަރުހަށް ނުދާނެހެން އޭނައަށް ހީވި ކުއްޖަކު މިހިރީ ދަރުހަށްދާން ކެތްމަދުވެފައެވެ. އެއީ އަދި އަމުދުން އޭނަގެ ހިތުން ޖާގައެއް ހޯދަން ފަށާފައިވި ކުއްޖެކެވެ. އައްޒާމް ޚިޔާލުތަކެއްގެ ތެރޭގައި އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން މާޝާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އައްޒާމްއަށް ވެސް ނޭނގޭދޯ؟ އެ ކަހަލަ އެއްޗެހި ބުނެދޭން އެނގޭނީ ޝެއިޚުންނަށް އެކަނިތާ….އެކަމަކު ފޯ ސަމް ރީޒަން އަހަރެން ވެސް އެނގެން ބޭނުން. ނެކްސްޓް ވީކްގަ ދޯ ފެށެނީ؟ ދާންކަމަށް މި ވިސްނަނީ. އައްޒާމްވެސް ދާނަންދޯ؟” މާޝާ ވާހަކަ ދައްކަމުން ގޮސް ހިނިތުންވުމަކާއެކީ ދޯ ދިނީ، އައްޒާމް ދަރުހަށް ދިޔުމަކީ ޔަޤީންކަމެއްހެން ހީވާ ފަދައަކުންނެވެ. އެކަމާމެދު އިޙްސާސްކުރަންވީ ކިހިނެއްކަން ނޭނގިފައި ހުރެ އައްޒާމް ބޯޖަހާލަމުން ވާހަކަ ދެއްކިއެވެ.

 

“އެހާ މަސައްކަތްކޮށްފަ އަހަރެން ނުދިޔައިއްޔާ ސަކަރާތްވާނެތާ.” އައްޒާމް އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“ހެހެ….އާނދޯ؟ އެހާވަރަށް އެ ދަޢުވަތުތައް ޕާރުސަލްކޮށްފަ! އެއީވެސް ކާފަގެ އައިޑިއާއެއްތަ؟” މާޝާ ހެވިފައިހުރެ އަހާލިއެވެ.

 

“ނޫނޭ…އެއީ އަހަރެންގެ ގާތް އެކުވެރިއެއްގެ އައިޑިއާއެއް. ޙަސަން. ކޮންމެވެސް ސަބަބަކާހުރެ އޭނަ ވަރަށް ގިފްޓް ހަދާ ހިތްވާނެ. ވެދާނެ އޭނައަކީ އެހާ އާޓްއަށް ޝައުޤުވެރިކަން ހުންނަ މީހަކަށްވީމަ ކަމަށްވެސް. ވަރަށް ސަޅިވާނެ އޭނަ ހަދާލާ އާޓް ވޯކްތަކާއި ކްރާފްޓް އެއްޗެހި. އެންމެ 15 ޔިއާރސް ބަޓް ހީ އިޒް އާރނިންގް މަނީ! ވެޑިންގްތަކަށް ޑެކަރޭޝަންސް ހަދައިދީގެންނާ، ރިސޯޓްތަކަށް ފޮނުވަން ސޮވެނިއާ ހަދައިގެންނާ، އާޓްވޯކްތައް ވިއްކައިގެންނާ…..ގަދަ ގޮލައެއް އެއީ! އަދި އެހާ އަވަހަށް ކަންތައް ދަސްކުރާނެ. ފުޓުބޯޅައާ ވޮލީ ކަހަލަ އެއްޗެހި ކުޅެން އޭނަ ދަސްކުރީ އަހަރެން ކައިރިއަށް މީގެ 3 މަސްކުރިން އައިއްސަ. 3 މަސް ނިމުނުއިރު އޭނަ އެ ކުޅިވަރުތަކަށް އަހަންނަށްވުރެ ވެސް މޮޅު! އަހަންނާ އެކީގަ އުޅުނު މަދު ދުވަސްކޮޅުގެ ތެރޭގަ ޕީސީތަކުގެ ބައެއް މަސައްކަތްތައް ކުރަން ވެސް އޭނަ އަހަރެން ކައިރިން ދަސްކޮށްފި. ހީ އިޒް…..އަ ޕާފެކްޝަނިސްޓް!” އައްޒާމް ފުލުފުލުން އޭނަގެ އެކުވެރިޔާއަށް ތަޢުރީފު ކުރިއިރު މާޝާއަށް އަޑުއަހަން އިނދެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތަކީ ބޭރުން ޕްރިންސިޕަލްގެ ވާހަކަ ނިމުމުން އަތްތިލަ ބަޑީގެ އަޑު ގުގުމަން ފެށި ވަގުތެވެ. އެހެންކަމުން މާޝާ ވަގުތުން މައިކް ނަގައި އޮން ކޮށްލަމުން އޭނަ ދެން ކިޔަންޖެހޭ ތަންކޮޅު ކިޔަން ފެށިއެވެ.

 

**

 

އެރޭ 8:15 ވީ ވަގުތު މިރްޒާން ހުރީ އެމީހުންގެ ޗެނަލާއި ކޮންމެވެސް އެހެން ޗެނަލެއްގެ ދެމެދުގައި އޮތް ވޮލީ މެޗު ބާއްވަން ހަމަޖެހިފައި އޮތް މަރުކަޒުގައެވެ. ޗޭންޖިންގް ރޫމުން މިރްޒާން ނިކުމެގެން އައީ ރަތް ކުލައިގެ ޓީޝާޓެއް އޭނަގެ ބޮލުން ވައްޓަމުންނެވެ. ޓީޝާޓްގެ ހުރިހާ ރުލެއް ފިލައިގެން ދިޔަ ވަގުތު އޭގެ ފުރަގަހުން ކޮނޑާއި ކައިރީގައި މިރްޒާންގެ ނަން ބޮޑު އަކުރުން ލިޔެވިފައިވިއެވެ. މިރްޒާނަށް ހިނގާފައި މާ ދުރަށް ނުދެވެނީސް ހަމަ އޭނަ ނިކުތް ރޫމުން އެކަހަލަ ޓީޝާޓެއް ލައިގެން ނިކުމެގެން އައި އާތިފްވެސް އޭނައަށް ގޮވަމުން އޭނައާއި އެއްހަމަ ކުރިއެވެ. ދެ އެކުވެރިން އެކީގައި ގޮސް މެޗު ކުޅެން އޮތް ކޯޓަށް ގޮސް ވަނީ އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ. އެމީހުންނަށް ދެވުނުއިރު އެމީހުންނާއި ވާދަކުރާ ޓީމުގެ މެންބަރުން ވެސް ކޯޓުގެ މެދުގައިވި ނެޓުގެ އަނެއްކޮޅުގައި އެއްވަމުން ދިޔައެވެ. މިރްޒާން ވަކި ހާސްކަމެއްނެތި ހެވިފައިހުރެ އޭނަގެ ޓީމުގެ މެންބަރުންނާއި އަތްޖަހަމުން ގޮސް އޭނަ ޢާއްމުގޮތެއްގައި މެޗް ފަށާއިރު ހުންނަހެން އެއްފަރާތުގައި މަޑުކޮށްލިއެވެ. އެ ހިނދު އާތިފް ‘ހާއި’ އޭ ކިޔާ އަޑަކަށް މިރްޒާނަށް އެދިމާލަށް ބަލާލެވުނެވެ. އޭރު ފުރިހަމަ ހިނިތުންވުމަކާއެކީ ހުރި އާތިފްގެ ނަޒަރު މެޗު ބަލަން އައިސްފައިތިބި ބަޔަކަށް އަމާޒުވެފައިވިކަން އެނގުމުން މިރްޒާނަށް ވާތްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު މީހުން އިށީނދެގެން ތިބި ސަފުތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ތިބި އާތިފްގެ އަންހެނުންނާއި އޭނަގެ 6 އަހަރާއި 4  އަހަރަށްދާ ދެކުދިން ފެނިގެން ދިޔައެވެ. ދެ ފިރިހެން ކުދިން ވެސް އާތިފް ލައިގެން ހުރި ޓީޝާޓުތައް ލައިގެން ތިބިއިރު އެ މައުސޫމް މޫނުތަކުން ފެންނަމުން ދިޔައީ އުޖާލާކަމެވެ. ދޮށީ ކުއްޖާ އޭނަގެ ބައްޕައަށް ހިތްވަރު ދިނުމުގެ ގޮތުން ދެއަތުން ބޮޑުވާ އިނގިލިތައް ދައްކައިގެން ހުރިއިރު ހަގު ކުއްޖާ ދެފަރާތަށް ދެ އަތް ހަލުވަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި މިރްޒާން އޭނަގެ ތުންފަތްމަތީގައި ކުޅެފައި ފިލައިދިޔަ ހިނިތުންވުމަށްފަހު އިސްޖަހާލިއެވެ. އޭނަ ހިތްވަރު ބޭނުންވީ ދުވަހު އޭނަގެ ދަރިފުޅު ކޮބައިތޯ އެވަގުތު ހިތަށްއެރިއެވެ.

 

**

 

ހަމަ އެރޭގެ އެވަގުތުގައި ސ. ފޭދޫގައި ހުރި ވޮލީބޯޅަ ކޯޓުގެ ކައިރިއަށް މީހުންތައް ޖަމާވެފައިވިއެވެ. ކޯޓުގެ ތެރޭގައި ބެހެއްޓިފައިވި ބޮޑު ދެ ސްޕީކަރުން އިވެމުން ދިޔަ މިއުޒިކެއްގެ އަޑާއި، މީހުންގެ ވާހަކައިގެ އަޑުން މުޅި ޞަރަޙައްދު އަޑުގަދަވެފައިވިއެވެ. ވަގުތަކީ އެދުވަސްވަރު ބާއްވަމުން ދިޔަ ފެސްޓިވަލެއްގެ މެޗުތަކުގެ ތެރެއިން 5 ވަނަ މެޗު އޮތް ރެއަށްވުމުން އެންމެންގެ މެދުގައި ދެކެވެމުން ދިޔައީ އެ ވާހަކައެވެ. ރޭގަނޑުގެ އެވަގުތުގައި ވަކި ކަމެއްކުރަން ނެތުމުން އެ ޞަރަޙައްދުން ހިނގާފައި އައި ފަޔާޒަށް ކޯޓުގެ ވަށައިގެން ޖަހާފައި ހުރި ދެޔޮގަނޑުގައި އަތް އަޅުވައިގެން ތިބި ބައެއްގެ ކައިރީގައި މަޑުކޮށްލެވުނީ އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ ޒާތުންނެވެ.

 

“މަ އަޑުއެހިން އެ އޯރެންޖު ޓީމުގެ ފާރިއު އިންޖަރީވީމަ އެ ޓީމަށް 15 އަހަރުގެ ކުއްޖަކު ނެގި ވާހަކަ. އެއީ ތެދެއްތަ؟” ސައިކަލެއްގެ މަތީގައި އިން ޒުވާނަކު އޭނަގެ އެކުވެރިއެއްގެ ކައިރިން އެހިއެވެ.

 

“އާނ އެހެންނޯ.” އަނެއް ޒުވާނާ ބުނެލިއެވެ.

 

“އެމީހުން މޮޔައީތަ އަދި ބުއްތަށި ބޮމުންދާ ކުޑަކުއްޖެއް ނަގަން؟ މީހަކު ނުލިބުނަސް ދެން އެހާވަރު ކުއްޖަކު ނުނެގިނަމަ…..ތީތި މުޅިން ކަޑައޭ!” ޒުވާނާ ބުނެލިއެވެ.

 

“ކަޑައެއްނޫން…..މި ވޭތުވި ދެމެޗުގަ އޭނަ ކުޅެލި ގޮތް ފެނުނުނަމަ ތިހެން ނުބުނީސް! ވަކި ފާރިއުއަކަށް އެހެން މީހަކަށް ދުލެއް ނުކުރޭ. އެއޮތް އަންނަނީ އޭނަ. ހަމަ ދެންމެ އެ ވަނީ!” ދެވަނަ ޒުވާނާ ގޭޓާއި ދިމާލަށް ޢިޝާރާތްކޮށްލަމުން ބުނެލިއެވެ. އެހިނދު ފަޔާޒްވެސް އެ ދިމާލަށް ބަލާލީ އެ ވާހަކަ ދެކެވުނު ކުއްޖާއާއިމެދު ޝައުޤުވެރިވީ ވަރުންނެވެ. އެހެނަސް ދުރުން ފެންނަމުން ދިޔަ ގޭޓު ކައިރީގައި މީހުން ބޯވުމުން އޭނައަށް ސާފުވާ ގޮތެއްނުވިއެވެ. އެހެންކަމުން ފަޔާޒް ތަންކޮޅެއް ކުރިއަށް ހިނގާފައި ހުސްތަންކޮޅެއް ހޯދާލަމުން ކޯޓުގެ ވަށައިގެންވި ދެޔޮގަނޑުގެ ކައިރިއަށް ޖެހިލީ ކޯޓުގެ އެތެރެ ފެންނާނެ ފަދައަކުންނެވެ. ކޯޓުގެ ތެރެއިން އެތައް ކުޅުންތެރިންނެއް ފެންނަމުން ދިޔައިރު ވަކި އެހާ ހަގު ކުއްޖެއް ފާހަގަ ނުވުމުން ފަޔާޒަށް ބޯދިއްކޮށްފައި ކަޅި ހިންގެމުން ދިޔައެވެ. އެހެނަސް ކުއްލިއަކަށް އޭނަގެ ކައިރީގައި ތިބި އަންހެން ކުދިންތައް ނުހަނު ފޯރި އަރާފައި އެކަކު އަނެކަކަށް ‘ޙަސަން’ އޭ ކިޔަން ފެށުމުން ފަޔާޒް އެމީހުންނާއި ދިމާލަށް ބަލާފައި ކޯޓުގެ އެއްފަރާތަށް ނަޒަރު ހުއްޓާލިއެވެ. އެ ހިނދު އެތާ ތިބި އެހެން ކުޅުންތެރިންނަށްވުރެ ކުޑަ ތަންކޮޅެއް ކުރުކޮށް ހުރި ފިރިހެން ކުއްޖަކު ފުރަގަހުން އޭނައަށް ފެނުނެވެ. އެ ކުއްޖާ ލައިގެން ހުރި އޮރެންޖް ކުލައިގެ ޓީޝާޓުގެ ފަހަތުގައި އިނގިރޭސި ބޮޑު އަކުރުން ކަޅުކުލައިން ‘ޙަސަން’ އޭ ލިޔެވިފައިވުމުން އެއީ އެ ‘ފަހުލަވާނު’ކަން ފަޔާޒަށް އެނގުނެވެ. ހަމަ އެއާއެކު އެ ކުއްޖާ ހުރި ދިމާލުން ނަޒަރު ވަކި ނުކުރަން ނިންމަމުން ފަޔާޒް ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލިއެވެ. މި ކުޅިވަރަކީ އޭނަ އެންމެ ކުރީއްސުރެވެސް ޝައުޤުވެރިކަން ހުރެފައި އޭނައަށް އެކުޅިވަރުގެ ހުރިހާ އުކުޅެއް އެނގޭ ކުޅިވަރަކަށްވުމުން އެ ހަގު ކުއްޖާ ކުޅޭ ގޮތް ދެކިލަން ބޭނުންވުމުންނެވެ.

 

**

 

ކަށިގަނޑު ފުމެލުމާއެކު މިރްޒާންމެންނާއި އިދިކޮޅު ޓީމުގެ ބައިވެރިއަކު ނުހަނު ބާރަށް މިރްޒާންމެންގެ ކޮޅަށް ބޯޅަ ފޮނުވާލިއެވެ. ބޯޅަ މިރްޒާންމެންގެ ކޮޅަށް އައިތަނާހެން މިރްޒާންގެ ޓީމުގެ ކުޅުންތެރިއަކު ބޯޅަ އަނެއްކޮޅަށް ފޮނުވާލިއެވެ. އަނެއްކާވެސް އެފަރާތުން ބޯޅަ މިރްޒާންމެންގެ ކޮޅަށްއައެވެ. މި ބަދަލުވުންތައް ތަކުރާރުވަމުން ދިޔައިރު ދެ ޓީމުގެ ވެސް ހުރިހާ ކުޅުންތެރިން ބޯޅަ ކައިރިވީ ވަރަކަށް ބޯޅަ ޖަހަން ތެޅިފޮޅެމުން ދިޔައެވެ. މިރްޒާން ފިޔަވައެވެ. ކުޅުމުގެ ކުރީކޮޅު އޭނަ މުޅިން ވެސް ފެނިގެން ދިޔައީ މަންޒަރު ބަލަން ހުއްޓައެވެ. މެޗު ބަލަން ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެސް އެ ވާހަކަ ސިއްރުސިއްރުން ދައްކަން ފެށިއެވެ. އެހެނަސް އެމީހުންނަށް ނޭނގުނު ކަމަކީ އެއީ މިރްޒާން ގެންގުޅޭ އުކުޅެއްކަމެވެ. މިފަދަ މެޗެއްގެ ކުރީކޮޅުގައި އަބަދުވެސް މިރްޒާންގެ ކަމަކީ އެހެން ކުޅުންތެރިންގެ ޙަރަކާތްތަކަށް ދެކެ ފަރިތަވުމެވެ. އެގޮތަށް ހެދުމުން ކޮންމެ ފަދަ ޙާލަތެއްގައި ވެސް އޭނައަށް ގެނެވިދާނެ އެންމެ މޮޅު ޙަރަކާތް މާ ރަނގަޅަށް އެނގޭހެން މިރްޒާނަށް ހީވެފައި އޮތުމުންނެވެ.

 

**

 

ދޮންވެލިގަނޑުން ފުރިފައިވި ކޯޓުގައި ކުޅުން ފެށިގެން ދިޔުމުން ވެސް ފަޔާޒް އެހެން ދިމާލަކަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ކުޅުން ފެށުމާއެކު އޭނައަށް އިންތިޒާރު ކުރެވެން ފެށީ އޭނަގެ ނަޒަރު އަމާޒުވެފައިވި ކުއްޖާގެ އަތުގައި ބޯޅަ ޖެހޭނެ އިރަކަށެވެ. އެހެނަސް ކުޅުން ފެށުނުތާ މިނެޓްތަކެއް ހިނގިއިރު ވެސް އެކުއްޖާ ބޯޅައިގައި ނުޖެހުމުން ފަޔާޒަށް ޙައިރާންކަމާއެކީ ބަލަން ހުރެވުނެވެ. އޭނަ ރަނގަޅަށް ބަލާލިއިރު ދެކޮޅަށް ދައުރުވަމުން ދިޔަ ބޯޅައާއެކީ އެކުއްޖާގެ ކަޅިވެސް ދައުރުވަމުން ދިޔަކަން އޭނައަށް އެނގުންވިއެވެ. ބޯޅަ އޭނައާއި ނުހަނު ކައިރިއަށް އައުމުން ވެސް ޓީމުގެ އެހެން ކުޅުންތެރިއަކަށް ބޯޅަ ދޫކޮށް އޭނަ އެހެން މީހުންގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއެކީ ބަލަމުން ދިޔައެވެ. މިއީ ފަޔާޒަށް އެނގޭ އުކުޅެކެވެ. އެހެނަސް އޭނައަށް މި އުކުޅު ފެނިފައިވަނީ ވޮލީ ކުޅުމުގައި ފުންނާބު އުސް މީހެއްގެ ފަރާތުންނެއްނޫނެވެ. މިއީ ހަމަ އޭނަ ދަންނަ އާދައިގެ މީހަކު މި ކުޅިވަރުގައި ގެންގުޅޭ އާދައެކެވެ. އެއީ ކާކުކަން ހަނދާންވީ ވަގުތު ފަޔާޒަށް ދެބުމަ ކައިރިކޮށްލެވުނެވެ.

 

**

 

ހުރިހާ އެންމެންގެ ޙަރަކާތްތައް ދަސްވެގެން ދިޔަތަނާހެން އިސާހިތަކު މިރްޒާން ކުރިއަށް ޖެހިލަމުން އޭނަގެ ޓީމާއި ދިމާލަށް އައި ބޯޅައިގައި ދެއަތުން ބާރަށް ޖަހައި ފޮނުވާލިއެވެ. ދެވަނަ ފަހަރަށް ވެސް އެ ބޯޅަ އައުމުން މިރްޒާން އެހެން މީހެއްގެ އަތުގައި އެ ބޯޅަ ޖެހުނަ ނުދީ ބޯޅަ ޖެހިއެވެ. ހީވެސްނުކޮށް ތިއްބާ ނުހަނު އަވަސްއަވަހަށް މިރްޒާންމެންގެ ކޮޅުން ބޯޅަ އަންނަން ފެށުމުން އިދިކޮޅު ޓީމުގެ މީހުން އޮޅުންވާ ގޮތްވިއެވެ. ނަތީޖާއެއްގެ ގޮތުން މިރްޒާން ނެޓުގެ ކައިރިން ފުންމައިގަންނަމުން ޖެހި ބޯޅަ އަނެއްކޮޅުގެ ބިންމަތީގައި ޖެހުނެވެ. ހަމަ އެއާއެކު މިރްޒާންމެންގެ ކޮޅަށް ސްކޯއެއް ލިބިގެން ދިޔުމުން އެ ޓީމުގެ މީހުން މިރްޒާންގެ ގާތަށްޖެހި އުފާ ފާޅުކުރަން ފެށިއެވެ.

 

**

 

ފަޔާޒް ބަލަހައްޓައިގެން ހުރި ކުއްޖާގެ ކުޅުންވެސް ކުއްލިއަކަށް ހަލުވިވެގެން ދިޔަ ގޮތުން ހިރިލަން ވެސް ނުކެރިފައި އޭނައަށް ހުރެވުނެވެ. އެކުއްޖާގެ ޙަރަކާތްތައް އަވަސްކަމާއި އެކުއްޖާ ބޯޅަ ޖަހަން ފެށި ފަހުން އެ ޓީމުގެ އެހެން މީހުންގެ އަތުގައި މަދުން ނޫނީ ބޯޅަ ނުޖެހޭކަން އެނގުންވީ ހިނދު ފަޔާޒަށް އަނގަ ހުޅުވައިގެން ބަލަން ހުރެވުނެވެ. އިސާހިތަކު އޯރެންޖު ޓީމަށް ސްކޯއެއް ލިބުނެވެ. އަދި އޭގެ މާގިނައިރެއްނުވެ ސްކޯ ބޯޑުގައި އެ ޓީމުގެ ނަމާއި ދިމާލަށް ހުރި ކާޑުތައް ހަލުވި ކަމާއެކީ ހެލެން ފެށިއެވެ.

 

**

 

މިރްޒާންގެ އަވަސް އަދި ކުޅަދާނަ ޙަރަކާތްތަކަކާއެކީ އެމީހުންގެ ޓީމް ފުރަތަމަ ސެޓުން މޮޅުވެ ދެވަނަ ސެޓުން ވެސް ދެއްކި ކުޅުމުގެ ސަބަބުން ތިންވަނަ ސެޓަށް ދާކަށްވެސް ނުޖެހުނެވެ. އެ ވާހަކަ އެންގިގެން ދިޔަތަނާހެން އުފާވެރިކަމާއެކީ އެ ޓީމުގެ ކުޅުންތެރިން ހަޅޭއްލަވައިގަންނަމުން މިރްޒާން ވަށައި އޭނަގެ ގައިގައި ބައްދަން ފެށީ އެ ޓީމުގެ ކާމިޔާބީގެ ފަހަތުގައިވީ އޭނަކަމަށް އެންމެންނަށް ޤަބޫލުކުރެވުނީތީވެއެވެ.

 

**

 

ފަޔާޒް ބަލަންހުރި މެޗުގައިވެސް ވެގެން ދިޔައީ އެ ޒާތެއްގެ ގޮތެކެވެ. އެ މެޗުވެސް ތިންވަނަ ސެޓަކަށް ދިޔުމެއްނެތި އޯރެންޖު ޓީމް މޮޅުވެގެން ދިޔައީ އެތާނގަ ތިބި ގިނަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ‘ހަސަން’ ގެ ކުޅުމުގެ ސަބަބުންނެވެ. މެޗު ނިމުމުން ފަޔާޒް އެކުއްޖާގެ މޫނު ފެނޭތޯ އުޅުނެއްކަމަކު ގިނަ ބަޔަކު އެކުއްޖާގެ ގާތަށް ޖެހިލުމުން އޭނައަށް ފެންނަ ގޮތެއްނުވިއެވެ. އެ ކުއްޖާ ކޯޓުން ނިކުންނަން ދިޔައިރުވެސް ފެނޭތޯ މަސައްކަތް ކުރިއެއްކަމަކު އޭރުވެސް މަދުނުވި މީހުންގެ ސަބަބުން އެކުއްޖާ ފަޔާޒަށް ފެންނަ ގޮތެއްނުވިއެވެ. ފަޔާޒް ދިގު ފިޔަވަޅުތަކެއްގައި ކޯޓުގެ ގޭޓާއި ހަމައަށް ގޮސްފައިވެސް އެކުއްޖާ ފެނޭތޯ ބެލިއެވެ. އެހެނަސް މީހުން މަދުވުމުން ވެސް އެކުއްޖާ ފެންނަން ނެތުމުން އޭނަ ދިޔައީކަން ފަޔާޒަށް އެނގުންވިއެވެ. އެއާއެކު ފަޔާޒަށް ފުން ނޭވައެއް ދޫކޮށްލެވުނީ ބަލިވި ކަމުގެ އިޙްސާސާއި އެކީގައެވެ. ނަމަވެސް އޭނަ އަދި އެއްފަހަރު އެ ‘ހަސަން’ ދެކިލަން ބޭނުންވެއެވެ. އެއީ ހަމައެކަނި ހަސަންގެ ކުޅުން އޭނައަށް ކަމުދިޔުމުންނެއްނޫނެވެ. އެހެނެއްކަމަކު އެ ކުޅުން އޭނަގެ އެކުވެރިއެއްގެ މަތިން ވެސް އޭނައަށް ހަނދާންކޮށްދިނީތީ ހީވަމުން ދިޔަ ހީވުމެއްގެ ސަބަބުންވެސްމެއެވެ. ނަމަވެސް އޭނަ ދެން ހަސަނާއި ދިމާވާނެހެނެއް ހިއެއްނުވެއެވެ. އޭނަ ފުރަން އޮތީ މާދަމާ ހެނދުނުގެ ފްލައިޓަކުން ކަމަށްވުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް މި ފެނުނު މަންޒަރުތަކުގެ ވާހަކަ މިރްޒާނަށް ކިޔައިދޭން ފަޔާޒް ނިންމިއެވެ.

 

އެރޭ މިރްޒާނަށް އޭނަގެ އެޕާޓްމެންޓާއި ހަމައަށް ދެވުނީ 11 ޖަހަން ގާތްވެފައިވަނި ކޮށެވެ. އެޕާޓްމެންޓަށް ވަދެވުމާއެކު އޭނަ ފެންވަރާލަން އަވަސްވިއެވެ. ފެންވަރައިގެން އޭނަ އަވަހަށް ނިދަން ތައްޔާރުވެ އެނދުގައި އޮށޯތީ ވެފައި ހުރި ވަރުބައްޔެއްގެ އިތުރުން އަނެއްދުވަހުގެ ފަތިސް ނަމާދަށް ވަގުތުން ހޭލަން ބޭނުންވުމުންނެވެ. ނިދަން އޮށޯތެއްކަމަކު މިރްޒާނަށް ވަގުތުން ނިދޭ ގޮތެއްނުވިއެވެ. އެނދުމަތީގައި ރަޖާ އަޅައިގެން ކޮޓަރީގެ ސީލިންގަށް ނަޒަރު ހުއްޓައިގެން އޭނައަށް އޮވެވުނީ އިއްޔެ ހެނދުނުއްސުރެ އޭނައަށް އިވުނު ވާހަކަތައް އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީތީވެއެވެ. އާތިފްގެ ދުލުން އިވުނު އައްޑޫއިން ފެނުނު ހަސަން ކިޔާ ކުއްޖެއްގެ ވާހަކައެވެ. އޭގެ އިރުކޮޅެއްފަހުން ފަޔާޒް އޭނައަށް ގުޅާފައި އޭނަ ފޮނުވި ހަދިޔާ ގެއްލުނު ވާހަކަ ބުނިގޮތެވެ. އެވާހަކަ ތަކުރާރުކޮށް އޭނަގެ ކަންފަތުގައި ގުގުމަން ފެށުމުން މިރްޒާނަށް ތެދުވެލެވުނީ ކުއްލިއަކަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ބެލެން ފެށީ އޭނަ ފޮނުވި ހަދިޔާގައި އޭނަގެ ނަންބަރުވެސް ލިޔެފައިވިކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔުމުންނެވެ. މިރްޒާން އޭނަގެ ފޯނަށް އެއްވެސް މެސެޖެއް އެހެންނޫނީ ނުދަންނަ ނަންބަރެއްގެ އެއްވެސް މިސް ކޯލެއް އައިސްފައި ހުރިތޯ ކޯލް ލިސްޓާއި އިންބޮކްސް ސްކްރޯލް ކުރަމުން ވެސް ހޯދަމުން ދިޔައީ އަވަސްވެފައިވި ހިތެއްގެ ސަބަބުންނެވެ. އެވަރުން ނުވެގެން އޭނަ ވައިބާރއިން ވެސް މެސެޖެއް އައިސްފައި ހުރިތޯ ބެލިއެވެ. އިއްޔެއްސުރެ އޭނައަށް ތަކުރާރުކޮށް އެކަންތައް ކުރެވުނު ޢަދަދެއް ވެސް މިރްޒާނަކަށް ނޭނގެއެވެ. އެހެނަސް ކޮންމެ ފަހަރެކޭވެސް އެއްފަދައިން އެފަހަރުވެސް އޭނަގެ ހޯދުން ހުއްޓުމަކަށް އައީ އޭނަގެ ލޮލުން ކަރުނައިގެ ދިލަ ނަގަން ފެށުމުންނެވެ.

 

 

**

 

11:30 ވާން ގާތްވެފައިވަނިކޮށް ޒުވާން ފިރިހެން ކުއްޖަކު ނިދާލުމަށްޓަކައި ތަޅުން އެޅިފައިވި ކުޑަ ކޮޓަރިއެއްގައި ބެހެއްޓިފައިހުރި ފަތްޖެހި އެނދުގައި އޮށޯތީ، މަތިން ފެންނަމުން ދިޔަ ޓިނު ފުރާޅަށް ނަޒަރު ހުއްޓާލަމުންނެވެ. އިރުކޮޅެއްވަންދެން އެހެން އޮވެފައި އޭނަ ކުއްލިއަކަށް ތެދުވެލީ ކަމެއް ހަނދާންވެގެން ފަދައަކުންނެވެ. އޭނަ ފަތްޖެހި އެނދުން ތެދުވެގެން ދިޔައީ އެ ކޮޓަރީގައި ހުރި ކުޑަކުޑަ ބާ ހެދުން އަލަމާރީގެ ކައިރިއަށެވެ. އަލަމާރީގެ ދޮރު ހުޅުވާލުމާއެކު އޭގެ ތެރޭގައި ބެހެއްޓިފައިވި ހުދުކުލައިގެ ޕާރުސަލް ފެނިގެން ދިޔައެވެ. ރަތްކުލައިގެ ރިބަން ފަށެއް އައްސާލެވިފައިވި ޕާރުސަލް އެކުއްޖާ ނަގައި ބަލާލިއިރު އޭގައި އޮތީ ‘ފޯ: ޢަބްދު ﷲ މުޙްސިން’ އެވެ. އެ ނަމުގެ ދަށުގައި އޮތް ނަންބަރު ފެނިފައި ޒުވާނާ ޕާރުސަލް ހިފައިގެން ގޮސް ފަތްޖެހި އެނދުމަތީގައި އިށީނެވެ. އެއަށްފަހު އެނދުގައި އޮތް ބާލީސް ކައިރީގައި އޮތް ނޮކިއާ ފޯނު ނަގައި އެ ޕާރުސަލުގައި އޮތް ނަންބަރު ބަލަމުން އެ ނަންބަރު ފޯނުގެ ފިއްތަކުން ޖެހިއެވެ. ޕާރުސަލުގައި އޮތް ނަންބަރު އޮތްގޮތަށް ފޯނުގެ ސްކްރީނުގައި ޖެހިގެން ދިޔުމުން ޒުވާނާގެ ތުރުތުރު އަޅަމުން ދިޔަ އިނގިއްޔެއް ފޯނުގެ ފެހި ކުލައިގެ ފިތާއި ދިމާލަށް ދިޔައެވެ. ބަލާ މީހަކަށް އޭނަ ހަމަ އެ ފިތަށް އޮބާލީހެން ހީވެދާނެއެވެ. އެހެނަސް ހަމަ ހިނދުކޮޅެއްގެ ތެރޭގައި ފެނިގެން ދިޔައީ އޭނަ ރަތް ކުލައިގެ ފިތަށް އޮބައި ފޯނު ތިރިކޮށްލީ މަންޒަރެވެ.

 

**

 

އޭގެ އަނެއްދުވަހު މާޝާ ފަތިސް ނަމާދަށްފަހު ސައިބޯން ނިކުތީއްސުރެ އޭނައަށް އިވެން ފެށީ ދޮންބެއާއި އިންނަން އުޅޭ ކުއްޖާގެ ފުރުން އެދުވަހަށް އަވަސްވީ ވާހަކައެވެ. މަންމައާއި ބައްޕަ އެ ކުއްޖާގެ ހެޔޮކަމުގެ ވާހަކަ ދައްކައި ތަކުރާރުކޮށް އެކުއްޖާއާއި އެކުވެރިވުމަށް އެދެމުން ދިޔަ ވަގުތު މާޝާއަށް އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއްނުވިއެވެ. އޭނައަށް ވިސްނެމުން ދިޔައީ ރޭ އޭނައާއި އައްޒާމާއި ދެމެދު ހިނގައިދިޔަ ކަންތައްތަކާއިމެދުގައެވެ. އެރޭ ހަސަންގެ ވާހަކައަށްފަހު ވެސް ޖަލްސާގެ މެދާއި ޖެހެންދެން ވެސް އެދެމެދުގައި އެކުވެރިކަމާއެކީ ތަފާތު އެކި ވާހަކަތައް ދެކެވުނެވެ. ވަކި ހިސާބަކުން އައްޒާމަށް ފޯނެއް އަންނަން ފެށުމުން އައްޒާމް ފޯނުގެ ސްކްރީނަށް ޙައިރާންކަމާއެކީ ބަލަން އިނދެފައި ތިމަންނަ އެބަ އަންނަމޭ ބުނެ ހޯލުން ބޭރަށް ދިޔައެވެ. މިނެޓްތަކެއް ވަންދެން ބޭރުގަ ހުރެފައި އައްޒާމް ވަދެގެން އައިއިރު އޭނަ ހުރީ ރުޅިން ރަތްވެފައެވެ. އައްޒާމަށް އައި ކުއްލި ބަދަލުގެ ސަބަބުން މާޝާގެ ހިތްވެސް ބިރުގަންނަ ގޮތްވިއެވެ. އޭނަ އައިސް އޭނަ ކުރިން ވެސް އިން ގޮނޑީގައި އިށީނުމުން މާޝާ ޖެހިލުންވުމަކާއެކީ މަޑުމައިތިރި އަޑަކުން އޭނައަށް ގޮވައި ކިހިނެއްވީތޯ އެހިއެވެ. އެހެނަސް އައްޒާމް އޭނައަށް ބަލާވެސް ނުލުމުން މިއީ ސާދާ ވާހަކައަކުން ޙައްލު ކުރެވޭނެކަމެއް ނޫންކަން މާޝާއަށް އެނގުންވިއެވެ. އެރޭ އެދެމީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވުނީވެސް އައްޒާމަށް އެ އައި ބަދަލުގެ ސަބަބުންނެވެ. މަދު މިނެޓްތަކަށް ފޯނުން ވާހަކަ ދައްކާފައި އައްޒާމް އެހާ ގަދަ ރުޅިއެއް އަރުވާނީ ކާކުތޯ މާޝާގެ ހިތް ހުއްޓުމެއްނެތި ސުވާލުކުރަމުން ދިޔައެވެ.

 

އެދުވަހު ފަތިސް ނަމާދަށް ފަހު ގެއަށް އައިސް ނިދިފައި އޮތް ހާޝިމަށް ހެނދުނުގެ ވަގުތު ހޭލެވުނީ ނުހަނު ބާރަށް ދޮރެއް ލައްޕާލެވުނު އަޑަށެވެ. ލިބުނު ސިހުމާއެކީ ހާޝިމަށް ކުޑަކޮށް ބޯހިއްލާލަމުން ބަލާލެވުނެވެ. އެ އިވުނު އަޑެއް އިވުނީ ބޭރުންކަން އޭނައަށް ޔަޤީންކުރެވުނެވެ. އެއީ އައްޒާމްތޯ ހިތަށްއެރި ވަގުތު ހާޝިމަށް ވަގުތުން އުދަގުލާއެކީ ވެސް އެނދުން ފޭބުނެވެ. ކޮޓަރިން ނިކުންނަން ދިޔަ ވަގުތު ހާޝިމަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. މިއަދު އައްޒާމަށްވަނީ ކޮންމެވެސް ބަދަލެއް އައިސްފައިކަން އޭނައަށް އެނގުނީ މިއަދު ފަތިސް ނަމާދަށް ދިޔަ ވަގުތެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އައްޒާމް އޭނައަށްވުރެ ކުރިން ގެއިން ނިކުމެގެން ދިޔައެވެ. ފަތިސް ނަމާދަށްފަހު ވެސް ގެއަށް ވަދެގެން އައިސް އޭނަ ގޮވާލުމުން ވެސް އައްޒާމް އޭނައަށް ބެލުމެއްނެތި ކޮޓަރިއަށް ވަދެގެން ދިޔައީއެވެ. އައްޒާމް ވަނީ ކޮންމެވެސް ކަމަކާމެދު ހިތްހަމަނުޖެހިފައިކަން ހާޝިމަށް އެނގުންވިއެވެ. އެހެނަސް އޭނަ އަޖާއިބުވާ ގޮތްވީ ކިތަންމެ ހިތްހަމަނުޖެހުނަސް އައްޒާމަކީ ދުވަހަކުވެސް އޭނައަށް ފަސްދިން ކުއްޖަކަށް ނުވާތީވެއެވެ. ބޮޑުކަމެއްވީއޭ ހިތަށްއެރި ވަގުތު އައްޒާމްވެސް އެހެން ކުދިން ފަދައިން އޭނަގެ ‘މިނިވަންކަން’ ކާފައަށް ދައްކަން އުޅެނީތޯ ހާޝިމްގެ ހިތް ސުވާލުކުރިއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ އެކި ޒާތުގެ ޚިޔާލުތަކާއެކީ އައްޒާމަށް ގޮވަމުން ހާޝިމް ގޭގެތެރެ ހޯދަމުން ދިޔައެވެ. އައްޒާމް ޖަވާބެއް ނުދިނުމުން ހާޝިމް އިތުރަށް ގޮވަމުން ގޭގެ ބިއްދޮށާއި ދިމާލަށް ދިޔައެވެ. ބިއްދޮށަށް ނިކުމެވޭ ދޮރާއި ގާތްވީވީހެން އެތާ އޮންނަ ބަގީޗާގައި ހަދާފައި ހުންނަ ފެން ހޮޅިން ފެން ޖަހާ އަޑު ހާޝިމަށް އިވުނެވެ. އެ ދޮރު މައްޗަށް އެރިތަނާހެން އޭނައަށް ފަސްދީގެން ގަސްތަކަށް ފެންދޭން ހުރި އައްޒާމް އޭނައަށް ފެނުނެވެ. ފުން ނޭވައެއް ދޫކޮށްލަމުން ހާޝިމް ބިއްދޮށަށް ނިކުންނަ ފައިވާނަށް އަރައި އައްޒާމާއި ދިމާލަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.

 

“ހާދަ ރުޅިއައިސްފައޭ ދަރިފުޅު ތިހިރީ. ކާފަ ގޮވީމަ ލައްބައޭ ވެސް ނުބުނޭ…..ވަރަށް ދެރަވެއްޖެ. އިބިލީސް މާ ބޮޑަށް ބޮލަށް އެރީދޯ؟” ހާޝިމް އެންމެ ފަހު ޖުމްލައިން ހިނިތުންވުމަކާއެކީ ސަމާސާ ރާގެއް އެޅުވީ އައްޒާމްގެ ތަބީޢަތު ރަނގަޅުވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް….

 

“ރޭގަ މަންމަ ގުޅި.” އައްޒާމް ހުރިގޮތަށްހުރެ ބުނެލި ވާހަކައިން ހާޝިމްގެ ހިނިތުންވުން ފިލައި އޭނަ ހުއްޓުންއެރިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކުޅިވަރު

Next

ހަޔާތުގެ ބައިވެރިޔާ

Next
December 30, 2018

ހަޔާތުގެ ބައިވެރިޔާ

Previews
December 29, 2018

ކުޅިވަރު

24 Comments!

  1. Jana says:
    December 30, 2018 at 6:07 am

    Assalaam’alaikum. next part anekkaaves wednesday ga In Sha Allah 🙂

  2. Sis says:
    December 30, 2018 at 7:29 am

    Mee 1st dhw.. Masha allah ???… Waiting for next part

    1. Jana says:
      December 30, 2018 at 8:13 pm

      Yes you are first sis 😀 Next part wednesday ga In Sha Allah 🙂 <3

  3. Beryl Stone says:
    December 30, 2018 at 8:06 am

    Me 2nd dhw????❤❤Masha allah ??vrh vrh furihama mi prt vx ??????curiously waitinn fr the nxt ??nxt prt Wednesday ga thr?????But after 3 days dhw aee???????so sad???ekm wait kuraanan ingey In Sha Allah ????Jazakumullah khairan dear n LySm

    1. Jana says:
      December 30, 2018 at 8:20 pm

      Alhamdhulillah! hehe….next part genesdheven othy wednesday ga ingey…adhi kuriah oiy thaanga miavvure ves lasvedhaane kanneynge. ekamaku eyrunves jana masakkaiy kuraanan hafthaa aku 3 faharu genesdheveytho.

      Beryl Stone aky Arabi kiyavaa kujjakah veema jana kuda ehcheh bunela dheefaanan. ‘Jazaakallah Khairan’ kiyaa iru ‘kaaf’ ge sound e annany e vaahaka dhekevey meehakah visnaafa. migothah ethankolhu badhalukuraany nisbaiy kurevey pronoun egge attached form ah balaafa. misaalakah thi basthah bunany anhenakah viyya pronoun ah vaany ‘anti’. ‘anti’ ge attached form aky ‘ki’. ehenveema kiyaany Jazaakillah Khairan. baivaru meehunnah bunevey pronoun aky ‘anthum’. ‘anthum’ ge attached form aky ‘kum’. ehenveema baivaru meehunnah nisabaiy koh kiyaany Jazaakumullah Khairan. dhameer chart balaaleema arabi kiyavaa kiyuntherinnah engeyne mi dhakka vaahaka 😀

      http://guidancefromquran.blogspot.com/2018/12/hadhiya-blog-post-10.html

      dhen thibi kiyuntherin mi comment kiyaafa boluga rissiyya varah bodah maafah edhen 😛

    2. Anonymous says:
      December 31, 2018 at 12:09 am

      Jana girl akah beynun kuraa pronoun aky “anti” alhugandah hyvany jana ah olhigen hen anta jehifa endhy btw stry v rythi MSA

    3. Jana says:
      December 31, 2018 at 6:00 am

      Subhaanallah dhefaharu mathin ves anta dho liyevifa e othy *facepalm* typing mistake eh ey. Mihaaru rangalhu kollaifin. Jazaakallah khairan! 😀

  4. ?Shifna? says:
    December 30, 2018 at 11:05 am

    Mifaharu shifoo ah mi libunee 3rd dho. Masha allah. Mi part vx varah varah reethi. Curiously waiting 4 next part…

    1. Jana says:
      December 30, 2018 at 8:22 pm

      labba shifoo sis ah 3rd 😀 next part wednesday ga In Sha Allah. Alhamdhulillah! 🙂

  5. Ayesha says:
    December 30, 2018 at 2:02 pm

    Masha Allah.. haadha reethi ey mi vaahaka.. and yess volleyball mubaaraii vaahaka genesdheefa in goii varah reethi.. hehe mihaaru eba guess kureveyy kudakoh.. Hassan ei Mirzan ge dharifulhu henn heevanee.. hehe hingaa dho balan vaa goii… Keep up the good work Jana sis.. May allah swt bless you ❤️

    1. Jana says:
      December 30, 2018 at 8:23 pm

      Haadha molhey Ayesha thihaa bodah guess kolleema Ma Sha Allah 😀 balamaa dho Hassan aa Mirzaan aa dhemedhu gulhumeh oiytho ves. hehe….Alhamdhulillah! May Allah bless you more. Ameen! <3 🙂

  6. Dhon says:
    December 30, 2018 at 2:32 pm

    Ma sha Allah..v rythi

    1. Jana says:
      December 30, 2018 at 8:24 pm

      Alhamdhulillah! 🙂

  7. Niz nizu says:
    December 30, 2018 at 2:40 pm

    Masha allah vvv reethi❤❤❤

    1. Jana says:
      December 30, 2018 at 8:28 pm

      Alhamdhulillah! Niz, jana Niz ge comment kiyuneemey ingey 🙂 e comment thakah ves mirey reply kuran mihunnany ekam Niz aa dhimaaveema kudakoh vaahaka dhakkaalaanan. v ufaavi Niz ah tafseer fotheh libunu vaahaka ivunyma Alhamdhulillah! 😀 Maai Allah thibaa ah faidha huri ilm ithuru kohdhevvai hidhaayaiy ithuru kohdhevvaashi. Ameen!

      Niz ah jana aa dhimaavedhaane kamuge yageen kameh neh ingey. ekam jana aa vaahaka dhakkaalan beynumiyya fb page ah gos msg eh kureema jana reply kuraanan. fb ga noolhey nama jana ge number beynunvaa kamah bune 7997991 ah msg eh kollun edhen. e numberun jana ah niz ge number libunuhaa avahakah niz ah reply kuraanan In Sha Allah 🙂 <3

      https://www.facebook.com/Asr-1445208739121696/

  8. Rish says:
    December 30, 2018 at 3:00 pm

    Masha Allah. V v v teethi mi part ves. Abadhuves aneh part nikunna dhuvahakah inthizaru kureveny.

    1. Jana says:
      December 30, 2018 at 8:29 pm

      hehe….egothah visnaafaey jana liyeytho mi balany. 😀 Alhamdhulillah!

  9. Sis says:
    December 30, 2018 at 9:26 pm

    Jana sis are you a school girl? When I read your stories and comments your thinking matches alot with us soo ??… I thought you are a school girl.. Pls don’t mind OK just curious.. ??? ❤️❤️❤️

    1. Jana says:
      December 31, 2018 at 5:55 am

      Hehe…jana ge age engeyne gothah mithaanga evves ehchekey liyaakah nethin. Ehenveema evves ehchekey buneveykah neh ?

  10. Beryl Stone says:
    December 31, 2018 at 2:33 pm

    Ok sis????..alhugandu ‘ Jazakallah khairan ‘ mihen innany islam book ga..so ehnve ehn liyan feshy..heheheh…sis vx thibunynu ‘ Jazakillah khairan ‘ ey..mistake eh kanney ekm sis ebeh ‘Jazakallah khairan ‘ liyefa..?um I also know ‘ Jazakumullah khairan’ nisbaiy kohfa e hunnany gina kudhinnah kan..aee avahah comment kuran hadhaigen nubai koh liyevifa dear…???alhugandaky Arabic language dhaskuraa hiyyvr kujjeh sis..vrh vrh avahah ekn vx kuraanan in sha allah..sis arabi kiyavamundhaa kujjekey bunyma bunely ingey..alhugandu kiyavaa school ga adhi Arabic language nukiyavaadheythy r eky ehn mi bunely..???

    1. Jana says:
      January 2, 2019 at 9:11 pm

      hehe…Beryl Stone jana Anonymous kairi Jazaakallah Khairan buny Anonymous ey anhen kujjetho noony firihen kujjehtho neyngeythy. gender neyngey haalathuga general koh arabeega beynun kuraany firihen vahtharu. ‘you’ bunan firihen vahtharaky anta dho? anta ge attached form aky ‘ka’. ehenve Jazaakallah Khairan kiyuny. hope it is clear. v bodah ummeedhu kuran jana ge lesson thakun Beryl Stone ah faidha eh kuraane kamah In Sha Allah. ehen thanakun kiyeviyas Arabi aa beheygothun doubt eh othiyya hama blog ga comment koggen viyas jana kairin ehyma In Sha Allah i will be happy to help 🙂 <3 Love you for the sake of Allah <3 <3 <3

  11. Addu manje says:
    January 1, 2019 at 1:57 pm

    Vaahakaige emme reethi hisaabah mi aii dhw..???21 vana bai miadhu dhw?? Hope to see nxt part soon..
    ??

    1. Addu manje says:
      January 1, 2019 at 2:00 pm

      Maadhama eyy dhw nxt part.. Didn’t see that comment..??????

    2. Jana says:
      January 2, 2019 at 9:12 pm

      Alhamdhulillah! hehe 😀

Comments are closed.

Next Episodeހަދިޔާ (އެކާވީސްވަނަ ބައި)←


All Right Reserved!