Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުނީއެވެ. 7

zaa-na Level 210 Stories
December 3, 2018 9 Mins Read
6 Comments

ކަޅުރަތް ކުލައިގައި ފެންނަން ހުރި އެތަން ފެންނަލެއް ނިކަން ބިރުވެރިއެވެ.

ޔުނާން އަށް ވޭނުގައި ރޮމުން ގެންދާ އިޝާ ގައިގައި ދެވަނަ ފަހަރަށް އަތްލާކަށް ނުކެރުނެވެ.

“މީ ކުރިންވެސް ވާގޮތެއްތަ؟” ޔުނާންގެ އަޑު ތުރުތުރުއަޅައެވެ.

“ނޫން. އަޅެ ޔުނާން. ހާދަ ދިލައެއް އެބަ ނަގައޭ.” އިޝާ އޭނާގެ ކަރުނުން ފުރިގެންވާ ދެލޮލުން ޔުނާންއަށް ބަލާލިއެވެ.

ޔުނާން ހުރީ ހަދާނެގޮތް ހުސްވެފައެވެ. ޑޮކްޓަރަކަށް ވީ ކަމުގައި ވިޔަސް އެކަމަކީ ޔުނާން ދުވަހަކު ލޮލުން ދެކުނު ނޫނީ އަޑުއަހާފައި ވެސް ވާ ކަހަލަ ކަމެއްނޫނެވެ.

ނަމަވެސް ޔުނާން އަށް އިޝާ އެހާލުގައި ރޮމުން ގެންދާތަން ބަލަންވެސް ކުޅަދާނައެއްނޫނެވެ.

އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ޔުނާން އިޝާގެ އަތުގައި ހިފައިގެން ވެހެމުންދާ ބޯ ވާރޭގެ ތެރެއަށް ނިކުތެވެ.

އިޝާގެ ގިސްލުމުގެ އަޑު ބޯ ވާރޭގެ އަޑާއި އެކުވެގެން ދިޔައީ އެވަގުތުއެވެ. ޔުނާން އިޝާގެ ހަށިގަނޑު އޭނާގެ އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ. އިޝާގެ ގިސްލުމުގެ އަޑު ކެނޑެމުން ކެނޑެމުން ގޮސް އެއްކޮށް ހުއްޓުނެވެ.

“މިހާރު އެއްވެސް ތަދެއްނުވޭ.” އިޝާ އަށް ހިތްހަމަ ޖެހުން ލިބުނު ކަމުގައިވިޔަސް ލިބުނު ހައިރާންކަން މާބޮޑެވެ.

“ތީ އަޖައިބެއް. ބުނަން ހަދަންވީގޮތް. ގެޔަށް ގޮސް މަންމައަށް ކިޔައިދޭތި. މަށަށް އެނގޭ ވާހަކަ އަންގާނެކަމެއް ނެތް.” ޔުނާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ނުކެރޭނެ ކިޔައިދޭކަށް.” އިޝާ އާއި ޔުނާން އަދިވެސް ތިބީ ވާރޭ ތެރޭގައެވެ.

“ތީ ދެން ވަރަށް ހެއްވާކަމެއް. އެތަކެއް ހާސް ފިރިހެނުންތަކުގެ ތެރޭގައި ބަރަހަނާގައި ނަށަން ކެރުނު. ދެން އޯކޭ. އަމިއްލައަށް ފެންނަގޮތެއް ހަދާ.” ޔުނާން ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.

“ދެން އިތުރަކަށް ނުއެއް ތެމޭނެ. އަދިވެސް ހުންނަނީތަ؟” އިޝާ ހުރި ފިޔަވަޅުމަތީގައި ގުޑާލަންވެސް ނޭނގިފައި ހުރުމުން ޔުނާން ބަލާލިއެވެ.

“”ބަލާބަލަ މިހާރު. އެއްވެސް ފާހަގައެއްވެސް ނެތް.” ތެމިފޯވެގެން ގޮސް ގައިގައި ތަތްވެފައި އޮތް ޓޮޕް މައްޗަށް ނަގާ އިޝާ ހިއްލާލިތަން ފެނިފައި ޔުނާން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

“ހެޔޮ ނުވާނެ. އިރުއިރުކޮޅާއި ތި ހެދުމެއް ހިއްލާފަ މަށަށް ނުދައްކަބަލަ. އިޝާއަށް އެބަ އެގޭނު އެއްވެސް ކަމެއްވެފަ މިހާރު ނެތްކަން.” ޔުނާންގެ ވާހަކަތައް ހުރިގޮތުން އިޝާ ވީ ދެރައެވެ. އިސްޖަހާލައިގެން ހުރެ މަޑުހިނގުމެއްގައި އައިސް ޔުނާންގެ ސައިކަލް ފަހަތުގައި އިޝާ އިށީނެވެ.

“މަންމަ ކައިރީގައި ތި ކަމުގެ ވާހަކަ ދައްކާތި. މިހެން މިބުނީ އިޝާއަށް ރަނގަޅަކަށް.” ޔުނާން ސައިކަލް ދުއްވާލިއެވެ. ނަމަވެސް އިޝާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ޔުނާންގެ އެ ހަރުކަށި މިޒާޖުން އިޝާގެ ހިތަށް މާބޮޑަށް ތަދުވީއެވެ.

“ކޮންއިރެއް މިހާރު އިންތިޒާރުކުރާތާ. ވިއްސާރައިގަ ތާށީވީތަ؟” ތެމިފޯވެގެން ދޮރުން ވަދެގެން އައި އިޝާ އާއި ޔުނާން ފެނުމާއެކު ދީމާ އެމީހުންގެ ގާތަށް ދިޔައީ ދުވެފައެވެ.

އިޝާ، ދީމާ އަށް ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.

“މޯމް. އަހަރެން ނުކާާނަން. ދެން ހާރުކާނީ. ވަރަށް ޓަޔަޑް.” ޔުނާން ތެމިފައިވާ އޭނާގެ ފަން އިސްތަށިކޮޅުން ފެން ފޮޅަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ދީމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްވެސް ނެތެވެ.

“މުޅިން ތެމިފޯވެއްޖެ ދޯ. ހިނގާ ރޫމް ދައްކާނަން.” އިޝާގެ ބޮލުގައި ދީމާ ފިރުމާލީ އޯގާތެރިކަމާއި އެކުގައެވެ.

“ރަމަޟާން މުބާރިކް” ކަންފަތުގައި އަޑު ޖެހުމާއެކުވެސް ޒުބޭދާގެ އަޑެއް ދީމާއަކަށް ނޯޅުނެވެ. ކިތަންމެ ހިތް ފޫހިވި ކަމުގައިވިޔަސް ދީމާ ޒުބޭދާއާއި ކުރިމަތިލީ ހިނިތުންވެލަމުންނެވެ.

“އަހާން. ދީމާ. މިފަހަރު ހާދަ ތަފާތު ރޯދަ ހަދިޔާއެއް ތި ލިބުނީ.” ހަސަދަވެރިކަމުން ފުރިގެންވާ ބެލުމަކުން ޒުބޭދާ އިޝާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.

“އަސްލުވެސް. މިފަހަރު މި ލިބުނީ ވަރަށް ތަފާތު ވަރަށް ލޯބި ރޯދަ ހަދިޔާއެއް.” ދީމާ އިޝާ އާއި ދިމާއަށް ބަލާލީ ފަޚްރުވެރި ކަމާއެކުގައެވެ.

“ދެން ރަނގަޅުތާ. ވާރޭ ހުއްޓާލީމަ ހަމަ އައިސް ވަދެލީ.” ޒުބޭދާ ހިނގައިގަތީ ގެއިން ނިކުތުމަށެވެ. ނަސީބެކޭ ދީމާގެ ހިތަށް އެރިއެވެ. ދެކޮނޑު އަރުވާލަމުން އިޝާގެ އަތުގައި ހިފައިގެން ދީމާ ހިނގައިގަތީ އިޝާއަށް ތައްޔާާރުކުރެވިފައިވާ ކޮޓަރި ދައްކާލުމަށެވެ.

“ހިތްހަމަ ޖެހޭތަ؟” ދީމާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. ފަހަތުން އިޝާވެސް ވަނެވެ. އެ ތަނަވަސް ބޮޑު ކޮޓަރިއަށް ވަށައިގެން އެނބުރެމުން އިޝާ ބަލަމުންދިޔައެވެ. މުޅިކޮޓަރިތެރެ އެއް ވަސް ވެފައިވަނީ ކޮޓަރިތެރޭގައި ބެހެއްޓިފައިވާ މާޓުކުރިތަކުގެ މީރު ވަހުންނެވެ. ޗޮކްލެޓް ކުލައިގެ ފަރުނީޗަރު ތަކާއި ކޮޓަރީގައި ލާފައި ހުދުކުލަ ވަރަށް ގުޅެއެވެ.

“ހިތްހަމަ ނުޖެހެނީތަ ކޮޓަރިއާމެދު.” އިޝާ ވަށައިގެން ބަލަމުންދާތީ ދީމާ ހީކުރީ އިޝާ ކޮޓަރިއާމެދު ހިތްހަމަ ނުޖެހެނީކަމަށެވެ.

“ނޫން. ވަރަށް ރީތި.” އިޝާ އަވަަސް އަވަހަށް ބުނެލިއެވެ.

“ތެތް އެއްޗެހި ބަދަލުކޮށްލައިގެން އާދޭ ކާން.” ދީމާ ހިނގައިގަތީ ބަދިގެ ފަރާތަށް ދިއުމަށެވެ.

ކޮޓަރި ތެރޭގައި ކޮޅު ކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔުނާން ފިކުރު ބޮޑުވެފައިވާ ކަން އޭނާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރު ހެކިދެއެވެ. މިރޭ ދިމާވި އާދަޔާ ޚިލާފް ހާދިސާ އަދިވެސް ލޯމައްޗަށް ސިފަވަނީއެވެ. ކަމީލާގެ އެކި ހަނދާންތައްވެސް އިރުއިރުކޮޅާއި ބޮލުގައި ކޮށްޓާލައެވެ. ދެއަތުން މޫނުގައި ފިރުމާލަމުން ޔުނާން އެނދުމަތީގައި އޮށޯވެލިއެވެ. ވެހެމުންދާ ބޯ ވާރޭގެ އަޑުން އިރެއްގައި ޔުނާންގެ ހިތަށް ހަމަޖެހުން ލިބުނު ކަމުގައިވިޔަސް މިރޭ އެއަޑުތައް ވެފައިވަނީ ޔުނާންގެ ބޮލަށް އިތުރަށްވާ އުނދަގުލަކަށެވެ. ކައިރީގައި އޮތް މަޑު ބާލީސް ނަގާ ޔުނާން އޭނާގެ މޫނު ބާލީހުން ފޮރުވާލަމުން ފިއްތާލިއެވެ. ފިކުރުތަކާއި ދުރުވޭތޯއެވެ.

ފެންވަރާ ތާޒާ ވެލުމަށްފަހު އިޝާ ލޯގަނޑު ކައިރިއަށް ހުއްޓިލިއެވެ. ޔަޤީނެވެ. މިރޭ އިޝާ ފެނިފައި ހަނދުވެސް ލަދުން ފިލާނެއެވެ. އެހާވެސް އިޝާ ފެންނަލެއް ނަލައެވެ.

ފަނޑު ހިނިތުންވުމެއް ލޯގަނޑުން ފެންނަ އަމިއްލަ ސޫރައަށް ހަދިޔާކޮށްލުމަށްފަހު އިޝާ ކޮޓަރިން ނިކުތެވެ.

ކާމޭޒު ދޮށުގައި ތިބި ޔާސިރު އާއި ދީމާ އަށް އިޝާ ފެނިފައި ތިބެވުނީ ކަޅިވެސް ޖަހާނުލާ ބަލާށެވެ.

“މާތްﷲ އެސްފީނާތަކުން ސަލާމަތް ކުރައްވާށި.” އިޝާ ކައިރިއަށް އައިސް ހުއްޓުމުން ދީމާގެ މައިވަންތަކަމުގެ ލޯބިން އިޝާގެ ހިތްފުރުނެވެ.

“ކޮބާ އިޝާ. ފޫހިތަ މިގެއަށް އައީމަ.” ހިތާހިތުން އިޝާގެ ރީތި ސިފައަށް ތައުރީފް ކުރަމުން ޔާސިރު އިޝާގެ މޫނަށް ބަލާލިއެވެ.

“ނޫން.” އިޝާ ދިނީ ކުރު ޖަވާާބެކެވެ. އަދި އެގެޔަށާއި އެމީހުންނަށް އިޝާ ބީރައްޓެހީއެވެ.

މިހާރު އިޝާއަކީ ކުރީގެ އިޝާ ނޫންކަމަށްވެސް ވެދާނެއެވެ. އެއްވެސް މީހަކަށް އިޙްތިރާމް ކުރަން ނުދަންނަ ގަދަ ބަސް ބުނާ އިޝާގެ އަނގައިން ބަސް ހުސްވެފައިވާ ކަހަލައެވެ. ކައި ނިމުނުއިރުވެސް އިޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ބައެއް ފަހަރު ދީމާ އާއި ޔާސިރު ދައްކާ މަޖާ ވާހަކައިން އިޝާ ހީލައެވެ.

ޔުނާން އަށް ކުއްލިއަކަށް ހޭލެވުނީ ހޫނުވާތީއެވެ. އޭރު މުޅި މީހާއޮތީ ދާހިއްލާ ފޯވެފައެވެ. ޔުނާން އަށް ނިދުނީ ކޮޓަރީގެ އޭސީވެސް ފަންކާވެސް ނުޖައްސައެވެެ. އޭރުވެސް ޔުނާންގެ މަންމަ ދީމާ ހުއްޓާނުލާ ޔުނާންގެ ކޮޓަރީގެ ދޮރުގައި ޖަހަމުން ޔުނާންއަށް ގޮވަނީއެވެ.

“ހޭލައިފީމޭ.” ޔުނާން އަޑުގެ ނެތްކޮޅަށް ގޮވާލުމަށްފަހު އެނދުން ތެދުވެގެން ގޮސް ފާހާނާއަށްވަނެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔަމުންނެވެ. ފަތިސް ނަމާދަށް ހޭލިގޮތަށް ދީމާ ނުނިދާ އުޅުނީ ގޭގެ ބަގީޗާތެރެ ސާފުކުރުމުގެ މަސައްކަތުގައެވެ. ދުނިޔެއަށް އަލި ވިލުނުއިރުވެސް ދީމާ އުޅުނީ ހަމައެކަމުގައެވެ.

“ދީމާ. ހާދަ ބުރަކޮށްލައިގެން. އެހެންނޭ ވާނީ އެކަހަލަ ކުދިން ޅީދަރިންނަށް ހަދައިގެން ގެންނަންޏާ.” ގޭގެ ދޮރޯށި ހުޅުވާލާފައި ވަން ޒުބޭދާގެ އަޑަށް ދީމާ އިސްއުފުލާފައި ބަލާލިއެވެ.

“މީ މިގޭ ޅީދަރިއެކޭ ކަލޭ ކައިރީގައި ކާކު ބުނީ.” ޒުބޭދާ އާއި ދީމާ ސިއްސައިގެން ދިޔައީ އެކު އެކީގައެވެ. އިޝާގެ އަޑުގައިވާ ހަރުކަށިކަމުން ޒުބޭދާއަށް ހިންދިރުވާލެވުނީވެސް ބޭއިޚްތިޔާރުގައެވެ.

“ދީމާ. ފިސާރި ކަބަލެއް ތިހުރީ ލިބިފަ. ކުރިމަތީގައި ބަސް ބުނެ ޖަދަލު ކުރުމަކީ ފެޝަނެއް.” ޒުބޭދާ ލޮލުގެ ހިމަކަޅިން ދީމާއަށް ބަލާލަމުން މަލާމާތުގެ ފާޑަކަށް ހިނިތުންވެލިއެވެ. އިޝާ އަނގަ ހުޅުވާލީ ޒުބޭދާއަށް ވަރުގަދަ ރައްދެއްދިނުމަށެވެ. ނަމަވެސް ބޮލަށް އެރި އެނބުރުމާއެކު އިޝާއަށް އޯކާ ދެމުނެމެވެ. އަނގަމަތީގައި އިޝާއަށް އަތް އެޅުނުއިރު ހޮޑުވެސް ލެވިއްޖެއެވެ. އިޝާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ބަނޑުގައި އަތް ހާކާލެވުނީ ބޭއިޚްތިޔާރުގަ އެވެ.

އިޝާގެ ދެލޯ ފުސްވެގެން ދިޔައީ ލޮލަށް ޖަމާާވަމުން ދިޔަ ކަރުނަތަކުންނެވެ. ދެލޯ މަރާލުމާއެކު އެއްވެސް އިޚްތިޔާރަކާނުލާ އިޝާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ.

“ދީމާ. ގެޔަށް ގެނެސްގެން ތި އުޅެނީ ބޮޑު ލަދެއްތަ؟” ޒުބޭދާ ހުރީ ދެލޯ ބޮޑުކޮށްގެން އިޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ދެން ޒުބޭދާ. ބުނާކަށް ވަކި އެއްޗެއްވެސް ނޯވޭތަ؟ ރޯދައަށް ހުރީމަވެސް އެހެންވެދާނެ ދޯ.” ދީމާ ޒުބޭދާއަށް ޖަވާބު ދިނީ ނުރުހުންވެފައެވެ.

“އިޝާ. އެއްޗެއް ގެންނަންތަ ބޯލަން. ދޭ އަވަހަށް ކޮޓަރިއަށް. ދައްތަ މިއަންނަނީ.” ދީމާ އިޝާގެ ކައިރިއަށް އައިސް އިޝާގެ ބުރަކަށީގައި ފިރުމާލިއެވެ.

“ނޫން. އަޅުގަނޑު ރޯދަ.” އިޝާ އިސްޖަހައިގެން ހުރެ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ނުތަނަވަސް ވެފައިވާ އޭނާގެ ސިކުނޑި ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. މި ދުވަސް ދެކެން ޖެހިދާނެކަމަށް އިޝާ ހީވެސް ނުކުރެއެވެ. ބައްޕައަށް ދައްކާާނީ ކޮންމޫނެއް ހެއްޔެވެ؟

ކޮޓަރިއަށް ވަން ގޮތަށް އިޝާ ފާހާނައަށް ވަދެ އަތް ދޮވެލިއެވެ. އަދި  އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު ހަމަ ރަނގަޅަށްވެސް އިޝާއަށް ރޮވިއްޖެއެވެ.

“އިޝާ.” ދީމާ ކޮޓަރި ދޮރުގައި ޖަހާލި އަޑަށް އިޝާ ފުންމައިގެން ތެދުވިއެވެ. އަވަަސް އަވަހަށް ދެލޯ ފޮހެލުމަށްފަހު ގޮސް ދޮރުހުޅުވިއެވެ.

“ކިހިނެއް މިހާރު.” ދީމާ އިޝާގެ ފުސްވެފައިވާ މޫނަށް ބަލާލީ ފަރުވާތެރިކަމާއެކުގައެވެ.

“ރަނގަޅު. ހެނދުނު ކޮފީ ބޮން އަބަދުވެސް. ދެން މިއަދު ނުބޮވޭނެއެއްނު. އެހެންވެ ވީގޮތެއް.”

އިޝާ ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.

“އަޅެ ޑޮކްޓަރު ގެންނަންތަ؟ ޗެކަޕް އެއް ކޮށްލުމަކުން ގޯހެއް ނެތެއްނު.” ނިހާން އެމީހުންނާއި އިޝާ ހަވާލު ކުރީ ވަރަށް އިތުބާރު ކުރާތީ ކަން ދީމާއަށް އެނގެއެވެ. އެއްވެސް ހާލެއްގައި އެ އިތުބާރު ގެއްލުވާލާކަށް ދީމާ ނޭދެއެވެ.

“ނިދާލަނިކޮށް ރަނގަޅު ވެދާނެ.” ދީމާ އެތައް ފަހަރަކު ބުނުމުން ވެސް އިޝާ ޑޮކްޓަރަށް ދާ ޚިޔާލެއް ނުކުރިއެވެ. ހުރިހާ ކަމެއް ފަޅާ އަރާފާނެތީއެވެ. އެއްވެސް މީހެއްގެ މަލާމަތާއި ކުރިމަތިލާކަށް އިޝާ ބޭނުމެއްނޫނެވެ. ދީމާ ދިއުމުން އިޝާ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އަދި ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.

“އަހަރެން ބަނޑު ބޮޑު.” ފޯނު ކަންފަތުގައި ޖައްސާލި ގޮތަށް އިޝާއަށް ރޮވުނެވެ.

“އާން. އިނގޭ ތިހެންކަން ބުނާނީ. މަ ބަލާނަން ކަލެެއަށް މަށަށް ތިހެން ހަދާފަ ހިތްހަމަ ޖެހިގެން އުޅެވޭތޯ.” އިޝާ ފޯނު ނަގާ އެނދުމައްޗަށް އެއްލާލިއެވެ. ދެލޮލުން އަލިފާން ކަހަލަ ރުޅި ފެންނަން ހުރިއިރު އިޝާ ގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅައެވެ.

“ކަލޭ ކޮންކަމަކާ ތުރުތުރު އަޅަނީ ތި.” ޔުނާން އާއި ސާހިލް ތިބީ ފިހާާރައެއް ތެރޭގައެވެ. މާދަމާ ޔުނާން އޮފީހަށް ނިކުންނަން ޖެހޭތީ ޝޮޕިން ކޮށްލަން ނިކުމެއެވެ.

“މިއޮށް ފަދަ ރޯދަމަހު މިކަހަލަ މީރު ކާއެއްޗެހި ފެންނަންޏާ ތުރުތުރުވެސް އަޅާނެދޯ.” ސާހިލްގެ ނަޒަރު ސީދާ ހުއްޓިފައި ހުރީ ހަރުގަނޑުގައި ހުރި ކާއެއްޗެއްސާއި ދިމާއަށެވެ.

“ކަލޭވެސް ދޯ. ހާދަ އީމާންތެރިކަން ކުޑައޭ.” ސާހިލްގެ ވާހަކަ ހުރި ގޮތުން ޔުނާން އަށް ހެވުނެވެ.

“ދެންވެސް ހިނގާބަލަ މިތަނުން ނިކުންނަމާ. ނެތެއްނު ކަމުދާ އެއްޗެއް.” ސާހިލް ޔުނާންގެ ކޮނޑަށް އަތް ވައްޓާލިއެވެ.

ތަފާތު މީރު ކާއެއްޗެހިން މޭޒުމަތި ފަޅުފިލުވާލަމުން ދީމާ ބަދިގެއިން ނިކުތެވެ.

“ދީމާ. ކޮބާތަ އިޝާ. މިއަދު އަދި އެކުއްޖާ ލޮލުންވެސް ނުދެކެން.” ބަދިގެ ފަރާތަށް އައިސް ޔާސިރު ހުއްޓުނެވެ.

“ހެނދުނު ހޮޑުލެވުނު ފަހުން ނިދާލަން ވަނީ. އަދި ހޭނުލަނީހެން ހީވަނީ.” ދީމާ  ޔާސިރު ގެ މޫނަށް ބަލާލިއެވެ.

“އެހެންތަ؟ ދެން ޑޮކްޓަރ ނުގެނައީ ކީއްވެ ގެޔަށް. އިޝާ ފޯނަށް ނުގުޅޭތީ ނިހާން އަހަރެންގެ ފޯނަށް މިހާރު ދެތިން ފަހަރު ގުޅައިވެސްފި.” އިޝާ ބަލި ވާހަކަ ބުނުމުން ޔާސިރު ހާސްވިއެވެ.

“ބުނީމޭ އެތައް ފަހަރަކު. އެކަމަކު އިޝާ އެއްބަހެއް ނުވިއޭ. ނިދާލަނިކޮށް ރަނގަޅު ވެދާނޭ ބުނީ.” ދީމާ އޮޅުން ފިލުވައިދިނެވެ.

“ކާކުތަ އެއްބަސް ނުވީ.” ދެއަތް ފުރާ ކޮތަޅު ހިފައިގެން ގެއަށް ވަތް ޔުނާންއަށް ދީމާގެ ވާހަކަ އަޑު އިވުނެވެ.

“ހާދަ ބައިވަރު ސާމާނެއް ދަރިފުޅާ.” ދީމާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ޔުނާން އަތުގައި ހުރި ކޮތަޅުތަކަށެވެ.

“މާދަން ވަޒީފާއަށް ނިކުންނަން ޖެހޭތީ ބައެއް މުހިންމު އެއްޗެހި ގަނެލީ.” ޔުނާން ހިނިތުންވެލިއެވެ.

ދަރިފުޅު. އިޝާ އުޅެނީ ބަލިވެ. ޚަބަރު ބަލާލައްޗޭ. ދީމާ ހިނގާބަލަ ލާނެ އެއްޗެއް ނަގައިދޭން.” ޔާސިރު ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ފަހަތުން ދީމާާވެސް ހިނގައިގަތެވެ.

އިޝާ ބަލި ވާހަކަ އަޑުއިވުމުން ފުރަތަމަވެސް ޔުނާންގެ ހަނދާނަށް އައީ ރޭގެ ވިއްސާރަައިގައި ދިމާވި ހާދިސާއެވެ. ޔުނާން އަވަސްވެގަތީ އިޝާ ކައިރިއަށް ދިއުމަށެވެ. ކޮޓަރި އަށް ވަދެ އެނދުމައްޗަށް ކޮތަޅުތައް އުކާލުމަށްފަހު ޔުނާން މިސްރާާބު ޖެހީ އިޝާގެ ކޮޓަރިއާ ދިމާއަށެވެ.

ކޮޓަރި ދޮރު މަތީގައި ހުއްޓިގެން ޔުނާން އެތައް އިރެއް ވަންދެން ހުއްޓެވެ. އެތެރެއަށް ވަންނަން ބޭނުން ނުވެފައެވެ.

އެންމެ ފަހުން ޔުނާން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ޔުނާންގެ ކޮޓަރިއާ ދިމާއަށެވެ.

އެނދުމަތީގައި ހަށިގަނޑު ދަމާލަމުން  ޔުނާން ދެލޯ މަރާލިއެވެ. އެވަގުތު ސިފަވެގެން ދިޔައީ ކަމީލާ ގެ ފުރިހަމަ މޫނުކޮޅެވެ. އެހިތްގައިމު ހިނިތުންވުމެވެ. ދެފަރާާތަކަށް ބޯ ހޫރާލަމުން ޔުނާން ދެލޯ ހުޅުވާލިއެވެ. އަދި އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ.

“ކީއްވެ ހެއްޔެވެ؟ ކަމީލާގެ ހަނދާންތައް އަހަންނަށް އުނދަގޫކުރަންވީ ކީއްވެ ހެއްޔެވެ؟ ކަމީލާ އެންމެ ފަހަރަކުވެސް އޭނަ ހޯދާކަށް ނޫޅެއެވެ. ޔަޤީނެވެ. މިހާރު އަހަރެން މަތިން ކަމީލާ ހަނދާންވެސް ނުހުންނާނެއެވެ. ވީ އިރު ކަމީލާގެ ހަނދާާނުގައި ދީވާނާއެއް ފަދައިން އަހަރެން ވަގުތު ތަކެއް ނަގާލަންވީ ކީއްވެ ހެއްޔެވެ؟ ކަމީލާ އަހަރެން  މިހާ ތަޅުވަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ދޫކޮށްލުމަށްފަހު އެނބުރި އައީވެސް އަމިއްލައަކަށެވެ. އަނެއްކާާވެސް ގެއްލުނީއެވެ. ބޭނުން ނަމަ ކަމީލާ އަހަރެން ކައިރިއަށް އަންނާނެއެވެ. ކަމީލާ ނާންނާނީ އަންނަން ބޭނުން ނުވާތީއެވެ.” އަމިއްލައަށް ހުރެ ވާހަކަ ދައްކަމުން ދިޔައިރު ޔުނާންގެ ދެލޯ ވަނީ ފެންކަަޅިވެފައެވެ. ނަމަވެސް ޔުނާން އޭނާގެ އަމިއްލަ ހިތަށް ޔަޤީންކަން ދިނީ ކަމީލާގެ އެއްވެސް ޚިޔާލެއް ނުކުރުމަށެވެ. އެކަމަކު އެއީ ކޮންފަދަ ހިތްދަތިކަމެއް ކަން ޔުނާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ދެލޯ ހުޅުވުނު ގޮތަށް ފުރަތަމަވެސް އިޝާ ނެގީ ފޯނެވެ. އެތައް ފަހަރަކު ބައްޕަ ގުޅާފައި އޮތްތަން ފެނިފައި އިޝާ ވީ ދެރައެވެ. މާގަދައަށް ނިދުމުގެ ސަބަބުން އިޝާގެ މޫނު ވަނީ ދުޅަވެފައެވެ. ބައްޕައަށް ނުގުޅައިވެސް ނުހުރެވޭނެއެވެ. އެންމެފަހުން ދެފިކުރެއްގައި އިނދެ އިޝާ ފޯނު ނަގާ ބައްޕައަށް ގުޅާލިއެވެ. އިޝާގެ ނަސީބު ކަންނޭނގެއެވެ. ދެފަހަރު އިޝާ ގުޅި އިރުވެސް ފޯނެއް ނުނަގައެވެ. ގަޑި ބަލާލުމަށްފަހު އިޝާ ތެދުވެގެން ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. ލޮޑުވެފައިވާ ހަށިގަނޑުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައެވެ.

ހަވީރުގެ ފިނިކަމާއި ތާޒާކަން މުޅި ފަޒާގައި ރަސްކުރަމުންދެއެވެ. ޔުނާން އިނީ ގޭގެ ބަގީޗާގައެވެ. ތަފާތު އެކި ކުލަކުލައިގެ މާތަކުން ފުރިފައިވާ އެބަގީޗާ އެއްވަސް ވެފައިވަނީ މާތަކުން ދުވަމުންދާ މީރުވަހުންނެވެ. ފިކުރުތަކުން ސިކުނޑި ބަރުކޮށްލައިގެން ބަގީޗާގައި ހުރި ކުޑައެއް ދޮށުގައި ޔުނާން އިނެވެ. އިރުއިރުކޮޅާއި ޖެހިލާ ބާރު ވައިރޯޅިތައް ޔުނާންގެ ފަން އިސްތަށިކޮޅާއި ސަމާސާ ކޮށްލުމަށްފަހު ކޮލުގައި ބޮސް ދޭކަހަލައެވެ.

“އޯކޭތަ މިތާ އިށީނަސް.” ޔުނާން ސިއްސައިގެން ދިޔައީ ދާދި ގާތުން އިވުނު އިޝާގެ އަޑުންނެވެ. ޔުނާން ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އަތުގައި އޮތް ފޯނު ނަގައިގެން ކުޅެން ފެށިއެވެ. އިޝާ އިށީނދެލީ ޔުނާންގެ ކުރިމަތީގައި ހުރި ގޮޑީގައެވެ. ޔުނާންގެ އެއްވެސް ޝައުޤެއް އިޝާއަކަށް ނެތެވެ. ފޯނާއި ކުޅެން ޔުނާން އިނީވެސް އެހެންވެގެންނެވެ.

“ވާހަކައެއް އަހާލަންތަ؟” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ އިޝާއެވެ.

“ބަލިތަ؟” އިޝާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔުނާންވެސް ކޮށްލީ ސުވާލެކެވެ.

“މިހާރު އޯކޭ.” ޔުނާން އިޝާގެ ހާލު ބެލުމުން އިޝާގެ ހިތްހަމަ ޖެހުނީ އިންތިހާ ދަރަޖައަށެވެ.

“އަހާބަލަ ތި އަހަން އުޅޭ ވާހަކައެއް.” އިޝާ އެއްވެސް ވާހަކައެއް ނުދެއްކުމުން އެންމެ ފަހުން ޔުނާން ބުނެލިއެވެ.

“ފަހުން.” އިޝާ އުޅުނީ ތެދުވެގެންދާށެވެ.

“އިޝާ. ކިހިނެއްވީތަ؟” އިޝާގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ޔުނާންއަށް ފާހަގަވިއެވެ.

“ޔުނާން އަހަރެން ދެކެ ތިހާ ރުޅި އަންނަނީ އެއްކަލަ ރޭ މާބަލްގަ އަހަރެން އުޅުނު ގޮތުންތަ؟ ތެދައް ބުނައްޗޭ.” އިޝާ ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ.

“ތި ވިސްނުނީ ރަނގަޅަށް.” ޔުނާން ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

“ބައެއް ފަހަރު ލޮލަށް ފެންނަ ކަންތައްތައް ތެދަށްވެސް ނުވެދާނެ. އެކަމަކު ޔުނާން އަށް އަދި މި އިޝާ އެއް ނޭނގޭނެ. ބަލާބަލަ އެހެރަ ހުދު ވިލާތަކެއް. ކިހާ ރީތި ދޯ. އެކަމަކު ބަލަން ހުއްޓާ އެ ސާފު ހުދުކަލަ ކަޅުކުލައަކަށް ބަދަލުވެގެން ނުދޭތަ؟ އަނެއްކާ އަނބުރާ ހަމަ ހުދުކުލައަށްވެސް ބަދަލުވޭނު.” އިޝާ ހިނގައިގަތެވެ. ދެލޮލަށް ބޮނޑިވި ކަރުނަތައް ހިފަހައްޓާނުލެވޭނެހެން ހީވާތީއެވެ. ނަމަވެސް ޔުނާން ތެދުވެ އިޝާގެ އަތުގައި ހިފިއެވެ.

“ސޮރީ. އެކަމަކު ތި ތަންކޮޅެއް ސާފުކޮށް ކިޔާ އެއްޗެއް ކިޔާބަލަ.” އިޝާ ނުސީދާކޮށް ބުނި އެއްވެސް އެއްޗެއް ޔުނާންއަކަށް ނުވިސްނުނެވެ. ޔުނާންއަށް އިޝާގެ އަތުގައި ހިފުނީވެސް ގަސްތުގައެއްނޫނެވެ. މާފަށް އެދުނީވެސް އެހެންވެއެވެ.

“މި ބުނީ އަސްލު ހަމައެކަނި އެ ރެޔަށް ބަލާފަ މަށަށް ޖަޖް ނުކުރާށޭ.” އިޝާ އަނެއްކާވެސް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ޔުނާން އިޝާ ދާތަން ބަލަން ކަޅިވެސް ޖަހާނުލާ ހުއްޓެވެ. އިޝާ ދެއްކި ވާހަކަތަކާއިމެދު ޔުނާން ވިސްނަމުންދާ ކަހަލައެވެ. އިޝާ އެބުނީ ކިހާބޮޑު ތެދެއް ހެއްޔެވެ؟ ހިތްހަމަ ނުޖެހޭ އެންމެ ކަމެއް ފެންނަ އިރަށް މީހެއްދެކެ ފޫހިވާން ޖެހޭނެބާއެވެ. ޔުނާން ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ފުން ވިސްނުމެއްގެ ތެރެއަށް ފީނައިގަތެވެ.

“އިޝާ. ބޭބެއަށް ފެންނަނީ ޑޮކްޓަރަށް ދައްކާލަން. މޫނުމަތިން މިހާރުވެސް އިނގޭ ވަރުދެރަވެފަކަން.” ޔާސިރު އިޝާ އާ ވާހަކަ ދެއްކީ ރޯދަ ވިއްލަން އެންމެން ކާމޭޒު ކައިރީގައި ތިބެފައެވެ.

“ރޭގަ ނުނިދުނީމަ ވީގޮތެއް އެއީ. މިހާރު ނިދުނީމަ އޯކޭ.” އިޝާ ބެލީ ދޮގެއް ހަދައިގެންވެސް ޑޮކްޓަރަށް ނުދައްކާ ވާނެ ގޮތެކެވެ.

“އެ ކީއްވެ ނުނިދުނީ. ބިރުންތަ؟” ޔާސިރު ހިނިއައިސްފައި އަހާލިއެވެ.

އެއްވެސް އެއްޗެއް ނުބުނެ އިޝާވެސް ހިނިތުންވެލިއެވެ.

“ބިރުގަންނާނެ ކަމެއްނެތް. ރޯދަމަހު ހުރިހާ ޖިންނި ޝައިޠާނުން ތިބޭނީ ހައްޔަރުކޮށްފައި.” ދީމާ ހީގަތެވެ.

“ދަރިފުޅާ ޔުނާން. އަވަހަށް ނިދާފަ ހޭލައިގެން ގަޑިއަށް ދާތި. ގަޑި ޖެހިގެން ދިއުމަކީ ގޯސްކަމެއް.” ޔާސިރު ޔުނާންއަށް ނަސޭޙަތްތެރިވިއެވެ.

“އާން. އަވަހަށް ނިދާނަން.” ޔުނާން ފެންތަށި އެއް ނޭވާއިން ދަމާ ހުސްކޮށްލިއެވެ.

“ޔުނާން ފުރަނީތަ؟” އިޝާ އަށް ކުއްލިއަކަށް އަހާލެވުނެވެ. ދީމާ ޔާސިރު ގައިގައި ކޮއްޓާލަމުން ނިތް އަރުވާލިއެވެ. އިޝާ ލަދުގަތެވެ. އަހާލެވުނު ގޮތުންނެވެ.

“ނޫން. މާދަން ހޮސްޕިޓަލަށް ނިކުންނަ ވާހަކަ މިދައްކަނީ.” އިޝާ ރަކިވެފައި ހުރުމުން ޔުނާން ކައިރިއަށްވެސް ހިނިއައެވެ. އަވަސް އަވަހަށް ޓިޝޫއެއް ނަގައިގެން ތުން ފޮހެލުމަށްފަހު އިޝާ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ.

“ޔާސިރު. އެ ދެކުދިން އެކަކު އަނެކަކާ ގަޔާ ވަނީބާ؟ ހަވީރު ދެކުނިން ބަގީޗާގައި ޔުނާން އިޝާގެ އަތުގައި ހިފި ތަންވެސް.” ޔުނާން ދިޔުމާއެކު ދީމާ ޔާސިރުއާ ކައިރިއަށް ޖެހި ސިއްރު ސިއްރުން އަހާލިއެވެ.

“ވެދާނެ ތިހެން ކަމަށްވެސް. އެހެންވެއްޖެއްޔާއެއްނު ރަނގަޅީ.” ޔާސިރު ބޭނުންވަނީ ޔުނާންއާއި ދީމާ ގުޅޭށެވެ. ޔާސިރު ވިސްނާ ގޮތުގައި އިޝާ އަކީ އެމީހުންނާއި ހަމަހަމަ ކުއްޖެކެވެ.

އިޝާގެ ހިތަކަށް ހަމަޖެހުމެއް ނެތެވެ. ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ. އެންމެ ފަހުން އިޝާ އެނދުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. މޭކަޕް ބްރަޝް ނަގާ މޫނު ރީތި ކޮށްލިއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތް ގަދަ ރަތް ކުލައިން ފަވާލިއެވެ. ނަމަވެސް މޫނުމަތީގައި އުޖާލާ ކަމެއްނެތެވެ.

މަޑު ހިނގުމެއްގައި އިޝާ ގޮސް ހުއްޓުނީ ޔުނާންގެ ކޮޓަރީގެ ދޮރުމައްޗަށެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމާއެކު ޔުނާން ދޮރުހުޅުވާލިއެވެ. އިޝާ ފެނިފައި ޔުނާން ދިޔައީ ސިއްސައިގެންނެވެ.

“ކަމަކުތަ؟” ލިބުނު ހާސްކަމުގައި ޔުނާންއަށް ވާހަކަދެއްކުނީވެސް އުނދަގުލުންނެވެ.

“ނޫން. ފޫހިވާތީ އައީ.” އިޝާ ދޮރުގެ ކަނުގައި ލެގިލިއެވެ.

“އެތެރެއަށް ވަންނަން ވީނު.” ޔުނާން އަތުން އިޝާރާތްކޮށްލަމުން އިޝާއަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.

އިޝާ ހިނިތުންވެލަމުން އެތެރެއަށް ވަނެވެ. ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގަމުން އިޝާ ބެލްކަނީގެ ދޮރު ކައިރީގައި ހުއްޓުނެވެ. ޔުނާން އިޝާގެ ހަރަކާތްތަކަށް ބަލަން ހުރީއެވެ. އިޝާ އާ ދައްކާނެ ވާހަކައެއްވެސް އޭނާއަކަށް ނޭނގެއެވެ.

“އިޝާ ތިހެން ނުހުރެ ޖޮބަކަށް ދާނަމަ ފޫހިފިލާނެއެއްނު.” ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން އެންމެ ފަހުން ޔުނާން ބުނެލިއެވެ.

“ހިނގާ ކޮފީއަކަށް ދާން.” އިޝާ ޔުނާން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

“މިރޭ.؟ މިހާރުތަ؟” ޔުނާން ގެ ބޭރަށް ދާ ކަހަލަ މޫޑެއްނެތެވެ.

“އިޝާ؟” ކުއްލިއަކަށް ކޮޓަރި ހުޅުވާލާފައި ބޯ ދިއްކޮށްލި ދީމާ ގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ޔުނާން ވަކިން ބޮޑަށް ހާސްވިއެވެ.

“ކޮޓަރި ބަލާފަ ނެތީމަ ހިތަށް އެރި މިކޮޓަރީގައި ވެސް ހުރެދާނޭ. އެހެންވެ. އާދެބަލަ ހަދިޔާއެއް އެބައޮތޭ.” ދީމާ އިޝާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް އެކޮޓަރިން ނިކުތެވެ.

އިޝާ ދިޔުމުން ޔުނާން ދޫކޮށްލީ ފިނި ނޭވާއެކެވެ. އަވަސް އަވަހަށް ދޮރު ތަޅުލުމަށްފަހު އެނދަށް އަރާ އޮށޯތެވެ.

އާ ދުވަހަކަށް ދުނިޔެ މަރުޙަބާ ކިއީ ޔުނާން ގެ ހަޔާތަށް އުފާވެރިކަން ގެނެސްދެމުންނެވެ. އަޅި ކުލައިގެ ގަމީސް މަތިން ހުދު ކޯޓެއް ލައިގެން ޔުނާން އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރީގެ ދޮރުމަތީގައި ހުއްޓެވެ. ދޮރުގައި ބޮޑު އަކުރުން ލިޔެފައިވާ ނަންބޯޑުގައި ވާ އޭނާގެ ނަން ހިތުން ކިޔާލުމަށްފަހު ޔުނާން އެތެރެއަށްވަނެވެ.

ކަމީލާގެ ހަނދާންތަކާއި ދުރުވެލަން ޔުނާންއަށް އެންމެ ރަނގަޅު ކަމަކީ ވަޒީފާގައި ބިޒީވެގެން އުޅުން ކަމުގައި އޭނާގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ.

ތަފާތު ބަލި މީހުންގެ ޝަކުވާތައް އަޑުއަހާ އެންމެ އެކަށޭނަ ފަރުވާދެމުން ފުރަތަމަ ދުވަހުވެސް ޔުނާން އެންމެންގެ ހިތް އަތުލައިފިއެވެ.

ދުވަހަށް ޚާއްސަކުރެވިފައިވާ ބަލިމީހުން ބަލާ ނިމުނުއިރު މެންދުރުން ފަސް ވެއްޖެއެވެ. ރޯދައަށް ހުރުމާއެކުހެން ޔުނާން ހުރީ ވަރަށް ވަރުބަލިވެފައެވެ. ގަމީސް މަތިން ލައިގެން ހުރި ހުދުކޯޓް ބޭލުމަށްފަހު އަތްމައްޗަށް އެއްލަމުން ޔުނާން ހިނގައިގަތީ ގެޔަށް ދިއުމަށެވެ.

“އެއްވެސް މައްސަލައެއް ނެތް. އިޝާގެ ރުހުން ލިބުނަސް އަދި ޔުނާންގެ ރުހުންވެސް ހޯދަން ޖެހޭނެ. ހަމަ މިއަދު ވާހަކަ ދައްކާފަ އަންގާލާނަން.” ޔާސިރު ފޯނުން ވާހަކަ ދައްކަން އިނީ ސޯފާގައެވެ.

“ޔުނާން ގެ ރުހުމޭ. ކާކުތަ އެގުޅީ.” އެތަނަށް އައިސް ހުއްޓުނު ދީމާ ޔާސިރު ދެއްކި ވާހަކަ އޮޅުންފިލުވަން ބޭނުންވިއެވެ.

“ނިހާން އެއީ. އިޝާ އާއި ޔުނާންގެ ކައިވެނީގެ ވާހަކަ އެދެއްކީ.” ޔާާސިރު ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

“ވަޓް؟”

ޔާސިރުއަށް އަށް އެހެން ބުނެވުނީ ޔުނާން އައިސް ގެޔަށް ވަތް ވަގުތުއެވެ.

ޔުނާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaa-na

Level 210 Stories

Other Articles

Previous

ހަދިޔާ (އަށްވަނަ ބައި)

Next

ވިންދޭ ލޯބި ތީ އެދޭ 2

Next
December 3, 2018

ވިންދޭ ލޯބި ތީ އެދޭ 2

Previews
December 3, 2018

ހަދިޔާ (އަށްވަނަ ބައި)

6 Comments!

  1. Maii says:
    December 3, 2018 at 9:18 am

    Wowwww

  2. R says:
    December 3, 2018 at 10:14 am

    Cover pic ga ethibee yunan n ishaatha nooney kameela tha

  3. Xennyy says:
    December 3, 2018 at 11:25 am

    Ahhchyyy…yunan aa eesha aa nugulhu vahcheyyy…..plzzxxxxxx

  4. siyaa says:
    December 3, 2018 at 2:36 pm

    story varah salhi…when next part????waiting….

  5. Anonymous says:
    December 3, 2018 at 9:04 pm

    eyga ethibee yunan aa fareesha yaa ?

  6. Someone says:
    December 5, 2018 at 10:53 pm

    mi vaahakaige bathaalaa akee kaaku

Comments are closed.

Next Episodeލޯބިވެވުނީ އެވެ. – 8←


All Right Reserved!