ދެގަޑި ތިރީސް 05
“ތިކުރި ސުވާލަށް އަހަރެން ޖަވާބު ދީފާނަން.” އެންމެންގެ ނަޒަރު ހުއްޓުނީ އާދަނަށެވެ. ހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައިރު އެއްވެސް އެއްޗެކޭ ނުބުނެ އިން އާދަނު، އިންތަނުން ތެދުވެގެން އައިސް ނާޝިދާ ކައިރީ އިށީންދެލިއެވެ.
“ބައްޕަ މިކިޔައިދޭން އުޅޭ ވާހަކަ އަކީ ދޮންމުހައްމަދުބެ ފިޔަވާ ދެން އެއްވެސް މީހަކަށް ނޭންގޭ ވާހަކައެއް. ޒާހިޔާއަށްވެސް”. ޒާހިޔާ އަށް ބަލައިލަމުން އާދަނު ބުނެލިއެވެ.
“އާދަނު ޔަގީންތަ ތިކަން ކުރަން ބޭނުންކަން؟” ދޮންމުހައްމަދުބެ ސުވާލުކޮށްލިއެވެ. އާދަނު ހިމޭނުން ހުއްޓެވެ.
“އާނ. އަހަރެން ބޭނުން ޒާހިޔާއަށާ ނާޝިދާ އަށް ހުރިހާ ކަމެއް ކިޔައިދޭން. ނާޝިދާ އެހާ ބޮޑުކަމަކާ ކުރިމަތިލައިގެން އުޅޭ އިރު އޭނައަށް މިކަންތައް އިނގެންޖެހޭނެ.”
“ކޮންކަމެއްތަ؟ ކޮންކަމެއް ސިއްރުކޮށްގެންތަ އާދަނު ތިއުޅެނީ؟” ޒާހިޔާ ހާސްވެގެން އަހާލިއެވެ.
“ޒާހިޔާއަށް އިނގޭނެ އަހަރެންގެ ކާފަ އަކީ މިހިސާބުގަނޑުގަ އެންމެ މޮޅަށް ފަންޑިތަހަދާ މީހާކަން. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނާނެ ކާފަ ކައިރިއަށް އެކި ކަންކަމުގަ ފަންޑިތަ ހަދަން. އަހަރެން ހަނދާން ހުރޭ ކާފަ ކިޔެވެލި ކިޔަވާ ގަޑީގަ ކާފަ ކުރާ ކަންތައްތައް ބަލަން އިންނަހަނދާން. ދޮންމުހައްމަދުވެސް އޭރު އަހަންނާ ބައިވެރިވާނެ. އަހަރެންގެ ބައްޕަ މިކަމަކާމާ ގާތެއް ނުވާނެ. ކާފަ އަބަދުވެސް ބުނާނެ ބައްޕަ ކައިރީ ކާފަ ނެތް ދުނިޔެއެއްގައިވެސް އެކަންތައް ކުރިއަށް ގެންގޮސް މީހުންނަށް އެހީވާން. ބައްޕަ އެކަމަށް އިންކާރު ކުރުމުން ކާފަ އަހަންނަށް އެކަން ހުށަހެޅި. އަހަންނާ ދޮންމުހައްމަދާ ދެމީހުން އުފަލުން އެކަމަށް އެއްބަސްވި. އެކަމުގަ އަހަރެން ބައިވެރިވުމަށް ބައްޕަ ފުރަތަމަ ދެކޮޅު ހެދިނަމަވެސް ފަހުން އެއްބަސްވި. ކާފަގެ އެހީގަ އަހަރުމެން ދެމީހުން ވަރަށް ގިނަ ކަންތައްތައް ދަސްކުރިން. އުމުރުން 25 އަހަރަށް އެޅުނުއިރު އަހަންނާ ދޮންމުހައްމަދު ކިޔެވެލި ކިޔަވަން ކައިރި ރަށްރަށަށް ގޮސް އުޅެން. އޭރު ކާފަ މުސްކުޅިވެ ގައިބާރުދޫވެފައި ހުރުމުން ކާފަ އެކަން ހުއްޓާލީ.
އަހަރުމެން ދެމީހުންގެ މަސައްކަތް ފުރިހަމަ ކަމުން ވަރަށް ގިނަ މީހުންގެ ތަޢުރީފް އަހަރުމެންނަށް ލިބިގެން ދިޔަ. އެކަމާ ހެދި އަހަރެންގެ ހިތުގަ ފާޑެއްގެ ބޮޑާވެރިކަމެއް އުފެދުނު. ކުޑަވަގުތު ކޮޅަކަށް އަހަރެން ހަނދާންނެތުނު އަހަރެންނަށް ފަނޑިތައިން މީހުން ރަނގަޅުކުރުމުގެ ބާރު ދެއްވާފައިވަނީ މާތްﷲ ކަން. އަހަރެން ދެކުނުގޮތުގަ އެކަންއެހެންވީ އަހަރެންގެ މޮޅުކަމުން. މިގޮތަށް ވިސްނެންފެށުމުން ހިލޭ ކޮށްދެމުން އައިކަންތައްތައް އަހަރެން ފައިސާ އަށް ކުރަން ފެށިން. ކާފަ ދަސްކޮށްދިންގޮތާއި ޚިލާފަށް ކަންކުރަން ފެށިން. މާތްﷲގެ ކިބައިން ވާގި ހޯދުމުގެ ބަދަލުގަ ޝައިޠޯނާ އިސްކުރިން. ދޮންމުހައްމަދު އަހަންނަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރި. އެކަމު އަހަންނަށް ރަނގަޅުވިސްނުން ލިބުނުއިރު ވަގުތުފާއިތުވެއްޖެ. އަހަރެންނަށް އޭރުވަނީ ފޫނުބެއްދޭވަރުގެ ކުށެއް ކުރެވިފަ.”
އާދަނު ވާހަކަ ހުއްޓާލަފަ ޒާހިޔާއާއި ދިމާލަށް ބަލައިލިއެވެ. އޭނާގެ ލޮލުން ކަރުނަ ހިލެއެވެ. މޫނުމަތިން އުދާސްކަން ފާޅުވެއެވެ.
“އަހަންނަކަށް ނޭންގެ ދެން އަހަރެން ކިޔައިދޭ އެއްޗަކުން ޒާހިޔާ އަހަންނަށް މާފު ކުރާނެ ކަމެއް. ކައިވެނި ކޮށްގެން 40 އަހަރު ވެގެން ދިޔައިރު މިކަން ނޫން އެހެން އެއްވެސް ކަމެއް އަހަރެން ޒާހިޔާއަށް ސިއްރު ކޮށްފައެއް ނުވާނެ.”
“އާދަނަށް ކޮންކަމެއްތަ ކުރެވުނީ؟” ޒާހިޔާ ނުތަނަވަސްކަމާއި އެކު އަހާލިއެވެ.
“އަހަރެން….އަހަރެން…” އާދަނަށް ވާހަކަ ނުދެއްކިގެން އެންމެ ފަހުން މޫނުމަތީ އަތްއަޅާލިއެވެ. އަދި ގިސްލަގިސްލާފަ ރޯން ފެށިއެވެ. ޒާހިޔާ އާއި ނާޝިދާ އަށް ބުނާނެ އެއްޗެއް ނޭންގި ބަލަހައްޓައިގެން އިނދެވުނެވެ. ދޮންމުހައްމަދުބެ ތެދުވެގެން އާދަނު ކައިރިޔަށް ގޮސް ކޮނޑުގަ ހިފާލިއެވެ.
“ވާހަކަ މިހާހިސާބަށް ހުއްޓާނުލައި. ހިތްވަރުކޮށްލާފަ އެދެމައިންނަށް ކިޔައިދީ. އާދަނުގެ ހިތަށް ހިތްހަމަޖެހުން ލިބޭނީ އޭރުން. ކިހައި ދުވަހެއް ތިސިއްރު ކަފުންކޮށްގެން އުޅޭތާ.” އާދަނުގައިގަ ފިރުމާލަމުން ދޮންމުހައްމަދުބެ ބުންޏެވެ.
އާދަނު މޫނު ފޮހެލާފައި ބޯޖަހަލިއެވެ. އަދި ސާބިތުކަމާއި އެކު ވާހަކަ ދައްކަންފެށިއެވެ.
“ޒާހިޔާ، އަހަރުމެން ކައިވެނި ކޮށްގެން 3 އަހަރުވީއިރުވެސް ކުއްޖެއް ހޯދަން އަހަރެން ބޭނުންނުވީ ކީއްވެތޯ އަބަދުވެސް އަހަމެންނު؟ އެސުވާލު ކުރާ ކޮންމެ ފަހަރަކުވެސް އަހަރެން ބުނަނީ އަދި ވަގުތު ނުޖެހޭ ކަމަށް. އެކަމު އޭގެ ފަހަތުގަވަނީ އެހެން ކަމެއް.”
އާދަނު އަނެއްކާވެސް ވާހަކަ ހުއްޓާލަފަ ހިންދިރުވާލިއެވެ. އޭނާ ބުނަން ބޭނުންވާ ވާހަކަ އަރުތެރޭގައި ތާށިވެފައިވާކަހަލައެވެ.
“އަހަރެން…..ޒާހިޔާ….ޒާހިޔާ ތީ އަހަރެންގެ ހަމައެކަނި ހުރި އަންބެތް ނޫން. އަހަރެންގެ އިތުރު އަންބެތް ހުރޭ.”
“އާދަނު..” ނާޝިދާ މަންމަ އައި ދިމާލަށް ބަލާލިއެވެ. މަންމަގެ ނަޒަރު ހުއްޓިފައި ހުރީ ބައްޕައަށެވެ. މަންމަގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެއެވެ. ނާޝިދާ ކުޑަކޮށް މަންމަ ކޮނޑުގަ ހިފާ ތަޅުވާލިއެވެ. ޒާހިޔާއަށް ހޭވެރިކަންވީ އެވަގުތުއެވެ. އެކަމަކު އާދަނު ހީކުރިގޮތަށް އޭނަ އަޑުންއަޑު ނަގާ ރޮއެނުގަތެވެ. ލޮލުން ކަރުނަ ފޭބިއެވެ. ނަމަވެސް އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ.
“ޒާހިޔާ އެއްޗެކޭ ބުނެބަލަ.” އާދަނު ރޮވިފަ އިނދެ ބުނެލިއެވެ.
ޒާހިޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އާދަނާ ދިމާލަށް ބަލަހައްޓައިގެން އިނީއެވެ.
“ކޮއެ ދޭބަލަ މަންމަ އަށް ފެންތައްޓެއް ހިފައިގެން އަންނަން.” ނާޝިދާ ކައިރީ ދޮންމުހައްމަދުބެ އެދުނެވެ.
ނާޝިދާ ތެދުވެގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅު ހުރިތަނަށް ހުއްޓުނީ މަންމަ ބުނެލި ބަހަކުންނެވެ.
“ޒަކޯއީ”
އާދަނާއި ދޮންމުހައްމަދަށް ބޮޑު ސިހުމެއް ލިބުނެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލިއިރު ދެމީހުންގެ މޫނުމަތީގައިވަނީވެސް އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ބައްޕަ އާއި ދޮންމުހައްމަދުބޭގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަވަރުން ވަރަށް ބޮޑު ގޯހެއްވެއްޖެކަން ނާޝިދާއަށް ފަހުމް ވުމުން ބަދިގެއަށް ނުގޮސް އަނެއްކާވެސް އައިސް މަންމަ ކައިރީ އިށީނެވެ.
“ކީ…ކީކޭ ތި—” އާދަނަށް ރަނގަޅަށް ވާހަކަ ނުދެއްކެނީސް ދޮންމުހައްމަދު ވާހަކަ ދައްކަން ފެށިއެވެ.
“ޒާހިޔާއަށް ކިހިނެއް ތިނަން އިނގުނީ؟”
ޒާހިޔާ އަނގައިން ނުބުނެ އިނެވެ. ކުރިން އޭނަގެ ލޮލުގަ ހުރި ކަރުނަތައް ހުސްވެ އޭނަގެ މޫނުމަތިން މިހާރު ފެންނަނީ ހިތާމަވެރިކަމެވެ. އޭނާ އާދަނާ ހަތަރުކަޅިހަމަކޮށް އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން އިނެވެ.
“މަންމާ؟” ވާނުވާ ނޭންގި އިން ނާޝިދާ އޭނަ މަންމައަށް ގޮވާލިއެވެ. ޒާހިޔާ ނާއްކޮއާ ދިމާލަށް ބަލާލާފަ ދޮންމުހައްމަދުއާއި މުހާތަބުކޮށްފަ ވާހަކަދައްކަން ފެށިއެވެ.
“އަހަންނަށް އިނގޭ. ހުރިހާ އެއްޗެއް ނޫނަސް ގިނަކަންތައްތައް އިނގޭ. އެކަމު މިހުރިހާ ދުވަހު އެއްޗެކޭ ނުބުނެ ހުރީ އާދަނުގެ ކާފަގެ އެދުމުގެ މަތިން.”
“ކާފަގެ؟” އަޖައިބުވެފަ ހުރި އާދަނު އަހާލިއެވެ.
“އާނ. ތިން އަހަރުވީއިރުވެސް އާދަނު ކުއްޖަކު ހޯދަން ނޫޅޭތީވެ އަހަރެން ހުރީ ވަރަށް މާޔޫސްވެފަ. އާދަނުގެ ފަރާތުން އަހަންނަށް ވަރަށް ލޯބި ލިބޭ. އާޅާލުން ލިބޭ. އެކަމުވެސް ދަރިއެއް ނެތުމުން އަހަރުމެންގެ އާއިލާ ފުރިހަމަ ނުވާކަމުގެ އިހްސާސް އަހަންނަށް އަބަދުވެސް ކުރޭ. އަހަރެން މާޔޫސްވެފަ ހުންނަކަން އާދަނުގެ ކާފައަށް އިނގޭ. ކާފައަކީ އެއްވެސް އިރެއްގަ އެއްވެސް މީހެއްގެ ދިރިއުޅުމަކަށް ވަންނަ މީހަކަށް ނުވާތީ ކާފަ އެއްވެސް އެއްޗެއް ނުބުނެ. އެކަމު އާދަނު ނ.އަތޮޅުގަ މީހަކަށް ކިޔަވަން ހުރި ދުވަސްކޮޅަކު ކާފަ ވަރަށް ބޮޑަށް ބަލިވި. ގޭގަ އުޅުނީ އަހަންނާ އާދަނުގެ މަންމަ އެކަނި. މަންމަވެސް ބަލިކަމުން ގޭގެ ގިނަ މަސައްކަތް ކޮށް، ކާފަގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން. ކާފަ އަހަންނާ ވަރަށް ގިނަ ވާހަކަދައްކާ ސަކަރާތްޖަހާ ހަދާނެ. ވަރަށް ގިނަކަންތަކުގަ ނަޞޭޙަތްލައިދޭނެ.”
ޒާހިޔާ ލޯމަރާލާފަ އޭނަގެ ދިރިއުޅުން ބަދަލުވި ދުވަސްމަތިން ހަނދާންކޮށްލިއެވެ.
**** 27 އަހަރު ކުރި*******
“ޒާހިޔާ” ބަލިއަޑަކުން އަދްނާން ގޮވާލިއެވެ. “ދަރިފުޅާ އާދެބަލަ”
ޒާހިޔާ ފެންތައްޓެއްހިފައިގެން އަދްނާން އޮތް އެނދުކައިރީ ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
“ކީކޭ ކާފަ؟”
“ދަރިފުޅާ، ހުރިހާ މަސައްކަތްތައް ނިމުނީތަ؟ ކޮބާތަ މަންމަ؟” ކެއްސާލަމުން އަދުނާން އަހާލިއެވެ.
“މަންމަ އަށް ބޭސްދިނީމަ މިހާރު އެބައޮތް ނިދިފަ. އަޅުގަނޑުވެސް މިއައީ ރޭގަނޑަށް ކައްކާފަ ބަދިގެތެރެ ސާފުކޮށްލާފަ.”
“މިތާ ކައިރީ އިށީނދެލަބަލަ ދަރިފުޅާ” ގޮދަޑީގަ އަތްޖަހާލުމުން ޒާހިޔާ އިށީނެވެ. އޭނަޔާ ދިމާލަށް ބަލަން އިނދެފަ އަދުނާން ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ، ކާފަ އަށް މިހާރަކަށް އައިސް އަބަދު ފެންނަނީ ދަރިފުޅު މާޔޫސް ވެފަ ހުންނަތަން. އާދަނު ނެތީމަ މާ ދެރަވަނީ ދޯ” ލާނެތް ހިނުތުންވުމަކާ އެކީ އަދުނާން ބުންޏެވެ.
“ނޫން ކާފާ، ތީ ހީވާގޮތް” ހީލަމުން ޒާހިޔާ ޖަވާބު ދިނެވެ. ނަމަވެސް އޭނަގަ ހިނިތުންވުމުގެ އަސަރު އޭނަގެ ލޮލާ ހަމަޔަށް ނުފޯރާކަން އަދުނާން އަށް ފާހަގަވިއެވެ.
“ދަރިފުޅާ،” މަޑުމައިތިރިކަމާއި އެކު އަދުނާން ވާހަކަ ފެށިއެވެ. “ކާފަ ލައްކަ ދުވަހު ދުނިޔޭގަ އުޅެފިން. ލައްކަ މީހުންނާ ދިމާވެއްޖެ. މީހާގެ މޫނު ބަލާލާފަ އޭނަގެ ހިތުގަވާ ކަންތައްތައް ދެނެގަތުމަކީ ކާފައަށް މާއުނދަގޫ ކަމެއް ނޫން. ކާފަ އަށް އިނގޭ ދަރިފުޅު ހިތާމަ ކުރާކަން. ކީއްވެގެންކަންވެސް ކާފަ އަށް އިނގޭ. ކާފަ އެކަމާ އެއްޗެކޭ ނުބުނަނީ ދަރިފުޅު ލަދުގަނެ ދެރަވެދާނެތީ. އެކަމު ދެން ކާފަ ބޭނުމެއް ނޫން މަޑުން ހުންނާކަށް.”
ޒާހިޔާ އެއްޗެއް ނުބުނެ އިނެވެ. އޭނަ ބޭނުންވީ އެތަނުން ދާށެވެ. އެކަމު ކާފަ ވާހަކަދައްކަ ދައްކާ ހުއްޓާ ތެދުވާކަށް އޭނައަކަށް ނުކެރުނެވެ.
“ދަރިފުޅާ، ކާފަމާ ގިނަދުވަހަކު ދުނިޔެއަކު ނޯންނާނެ. އެހައް-” ޒާހިޔާވާހަކަ ދައްކަން އަނގަހުޅުވާލުމުން އަދްނާން އަތްހިއްލާލިއެވެ. “އެހައްއެއްޗެކޭ ނުބުނެ ކާފަ ވާހަކަ ދައްކާ ނިމެންދެން މަޑުކުރޭ. ކާފަ ބޭނުން ދަރިފުޅަށް ސިއްރެއް ހާމަ ކުރަން. އެކަމު މިވާހަކަ ކިޔައިދިނުމުގެ ކުރިން ދަރިފުޅު ވަޢުދުވޭ މީގެން އެއްވެސް ކަމެއް ދަރިފުޅަށް އިނގޭ ކަމަކަށް ނަހަދާނެކަމަށް. ކާފައަށް އިނގޭ ވާހަކަ އަޑުއަހާފަ ދެރަވެ ރުޅިވެސް އަންނާނެކަން. އެކަމު ކާފަގެ އެދުމެއް އެބައޮތް. އެންމެ ފަހު އެދުން ކަމަށްބަލާ. ކާފަ އަށާއި އާދަނުއަށް މަޢާފްކޮށްދޭތި. ހެޔޮ ހިތުން ކާފައަށް ދުޢާ ކޮށްދޭތި. ވަޢުދުވޭ” އަދުނާން ޒާހިޔާ އަތުގަ ހިފާލާފަ ބުންޏެވެ.
ޒާހިޔާއަކަށް ހަދަންވީ ގޮތެއް ނުވިސްނުނެވެ. ކޮން ސިއްރެއް ބާއެވެ؟ އާދަނަށް މަޢާފް ކުރަންޖެހޭވަރުގެ ކޮންކުށެއް އޭނަ ކުރީބާއެވެ؟ މިކަހަލަ އެތައް ސުވާލުތަކަކަށް ވިސްނަން އިން ޒާހިޔާ އަށް ސިހުންވީ އަދްނާން ކެއްސަން ފެށިތަނާއެވެ. އަވަހަށް ކައިރީގައި އިން ފެންތަށި ނަގާ އަދްނާންއަށް ބޯންދިނެވެ. އަދި ބުރަކަށީގައި ފިރުމާލާފައި އަނެއްކާވެސް އެނދުގައި ބޭއްވިއެވެ. ކާފަ އެއެދޭ ކަންތަށް ކޮށްދިނުމަށް ޒާހިޔާ ނިންމިއެވެ. ކޮންމެކަމެއްވެސް ﷲއަށް ވަކީލުކޮށްލުމުން ދެރަގޮތެއް ނުވާނެކަން އޭނާއަށް އިނގެއެވެ.
“ކާފާ، އަހަރެން ވަޢުދުވަން. އަހަރެން ކާފައަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާނަން. އާދަނަށް ވެސް.”
އަދްނާން ހަމްދުކޮށްލިއެވެ. އަދި އޭނަގެ ވާހަކަ ފެށިއެވެ.
“ދަރިފުޅަށް އިނގޭނެ ދަރިފުޅާ އިނުމުގެ ކުރިން، އާދަނަކީ ހައްޤު މަގުން އެއްކިބާ ވެފަ ހުރި މީހެއް. ފަންޑިތަ ސިހުރު ބޭނުންކޮށްގެން އޭނަ ނުކުރާކަށް ކަމެއް ނެތް. ކާފައަށް އެކަން އިނގުނީ ވަރަށް ފަހުން. ކާފަ އެކަންތައް ހުއްޓުވަން ވަރަށް މަސައްކަތް ކުރިން. އެކަމު އޭނަ އެކަން ޤަބޫލެއް ނުކުރި. އެގޮތަށް އުޅެނިކޮށް އޭނަ ހެދި ފަންޑިތައެއް ގޯހުން ގޯހަށް ދިޔައީ. ޖިންނިއެއް ބޭނުންކޮށްގެން އޭނަ އުޅުނީ މީހަކު މަރާލަން. އޭނައަށް ފަންޑިތަ ހެދުނީ ނުބައިކޮށް. ފަންޑިތަ ނުބައިކޮށް ހެދޭ ފަހަރުފަހަރު ޖިންނިންނަށްވެސް އޭގެ އަސަރު ކުރާނެ. އެޖިންނިއަށް އަނިޔާވުމުން އޭގެ ބަދަލު ނެގީ އާދަނު ބައްޕަގެ ފުރާނައިން. އަހަރެންގެ ދަރިފުޅު މަރާލީ.”
ޒާހިޔާ ދެލޯ ބޮޑުވިއެވެ. އާދަނު ބައްޕަ ނިޔާވި ކުއްލިގޮތް ހިތައް އެރިއެވެ. އެކަމު އޭގަ ފަންޑިތައިގެ ކަމެއް އުޅޭކަމަށް އޭނަ ކީއްކުރަން ރަށު އެއްވެސް މީހަކަށް ނަގައެއްނުގަނެވުނެވެ.
“އެހާހިސާބުން އާދަނަށް ހަމަ ބުއްދި ލިބުނު. އޭނައަށް ކުރެވުނު ކަންތައްތަކަށް ދެރަވެ ހިތާމަ ކުރި. އޭނަ ހައްޤުގޮތަށް ރުޖޫޢަވެ ތަޢުބާވި. ކާފަޔަށް ދަންވަރު ހޭލެވޭ ގިނަރޭރޭ އާދަނު ރޮއެފަ އަޅުކަންކުރާ އަޑުއިވޭނެ. ފަންޑިތަކަމުން އޭނަ އެއްކޮށް ދުރަށްދިޔަ. އެކަމު ފަންޑިތަ އޭނަޔާ ދުރަކަށް ނުދޭ. އަނިޔާވި ޖިންނި އޭނައަށް އުނދަގޫކުރަން ފެށި. އާދަނު ބަލިވާން ފެށި. ކާފަޔާ ދޮންމުހައްމަދު އާއި ދެމީހުން އެކަން ހުއްޓުވޭތޯ މަސައްކަތް ކުރިން. އެންމެ ފަހުން ވަރަށް މަސައްކަތުން އެޖިންނި އަންދާލެވުނު. ކާފަމެން ހީކުރީ ކާމިޔާބު ލިބުނީ ކަމަށް. އެކަމު ދެންވީ ހީވެސް ނުކުރާކަހަލަ ކަމެއް. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


Me first dhw ??nxt prt avahah up kohdheeba???can wait..masha allah☺☺vrh reethi mi prt??hiyeh nukuran up vaane kamakah vx??whn nxt?
Next part varah biruveri vaane hen heevany…. ??
Inthizaaru kohla ?
Mi baives thi kiyuntherinnah reethi vaane kamah ummeedhu kuran. Mi vaahaka alhugandu dhen upload kuraanee komme Sunday, Tuesday, adhi Thursday ga Insha Allah. Thank you for the support and please comment.
so the next part will be out on sunday right??
Varah reethi
salhi?
MI VAAHAKA V FURIHAMA…..
hama habeys mi vaahaka… just love it waiting for the next part
Haadha kurey….????
Plx thankokheh dhihukoh up kohdhyba..?
Naina Thank you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????
Wow salhi heeves nukuraagothah mi part midhiyaee v habeys ingey nainaa?
Excellent job Naina
vaahaka vvv reethi
????
Masha Allah… Varah salhi…..