ހިތަކުން ނުފިލާނެ (ފަހުބައި)
” ސެލީނާ އެބަހޯދާ ދަރިފުޅު…! ” ފާޒިން ދޮރުހުޅުވާލުމުން ވަދީފާ ބުނެލިއެވެ. ފާޒިން އެނދުމަތީގައި އިށިންދެލައިގެން އިން މައިޝާއަށް ބަލާލަމުން ބޭރަށް ނިކުންނާން ހިނގައިގަތެވެ. ވަދީފާވެސް ކޮޓަރިތެރޭގައި އިން މައިޝާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ދޮރުލައްޕާލާފައި ފާޒިންގެ ފަހަތުން ހިނގައިގަތްއިރު ހީވަނީ ފާޒިންގެ ބޮޑީގާޑުހެންނެވެ.
” ކީކޭ ސެލީ…! ” ސިޑިން ފައިބައިގެން އައި ފާޒިން ސިޓިންގްރޫމުގެ ގޮޑިއެއްގައި ޖައްސާލައިގެން އިން ސެލީނާ ފެނުމުން ބުނެލިއެވެ.
” ބޭބެ ބުނީ ބޭބެމެން ބޭނުމީ އެކޮޅުގައި މަޑުކޮއްލާށޭ…! އަހަރެމެންނަށް އާދެވެން އޮތްނަމަ އަހަރުމެން އެކޮޅަށް އަންނާށޭ..! ” ފާޒިން އައުމުން ގޮނޑީން ތެދުވަމުން ސެލީނާ ބުނެލިއެވެ.
” ކޮންގޮތެއް ސެލީ ބޭނުމީ..؟ ” ފާޒިން އައިސް ސެލީނާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
” ނޭގެ… ދީން ބުނެބަލަ އަހަރެން ކިހިނެއް ކަން ހަދަންވީ…؟ ” ސެލީނާ ބޭނުންވީ ރިޒޯޓަށް ދާންނަމަވެސް އެވާހަކަ ބުނާކަށް ނުކެރުނެވެ. ފާޒިން އާއި މައިޝާ އެކުގައި ފެނުމުން ކިތަންމެ ދެރަވި ނަމަވެސް ފާޒިން އުފަލުން ހުރީތީ ސެލީނާވެސް ވަރަށް އުފާވެއެވެ. ފާޒިން ޒޮބީދުއަށް ގުޅައިގެން ޒޮބީދުމެން މާލެއަންނަ ގޮތަށް ހަމަޖައްސާފައި އާމިރުއަށް ގުޅައިގެން ހަވީރު ރިޒޯޓުން މާލެއަށް ލޯންޗުގައި ޒޮބީދުމެންނަށް އާދެވޭ ގޮތަށް ހަމަޖައްސާފައި ފާޒިން އަނެއްކާވެސް ކޮޓަރިއަށް ދިޔައީ ފެންވަރާލައިގެން އަންނާނެ ކަމަށް ބުނެފައެވެ. ފާޒިން ކޮޓަރިއަށް ވަތްއިރު ނިދާފައި އޮތް ފިޒާންގެ ކައިރީގައި އޮށޯވެލައިގެން މައިޝާ އޮތްއިރު މައިޝާގެ ނަޒަރު ސީދާވެފައި ފިޒާންގެ ތުއްތު މޫނަށެވެ. އެއްއަރިއަކަށް އޮތް އިރު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ދިޔައީ ބާލީހަށް ހިނދެމުންނެވެ.
” މައި ކީއްވެ ތިރޮނީ..؟ ” ފާޒިން އެތެރެއަށް ވަތްތަން ފެނިފައި އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން ތެދުވިނަމަވެސް މައިޝާ ކަރުނަތައް ފޮހެލި މަންޒަރު ފާޒިންއަށް ރީތިކޮއް ފެނުނެވެ. ނުރޮމޭ ބުނާ ގޮތަށް ދެފަރާތަށް ބޯހޫރާލި ނަމަވެސް އެލޮލުން ފައިބަން ތައްޔާރުވެފައި ކަރުނަތަކެއް ހިންދައެއް ނުލެވެ.
” ބުނެބަލަ… ކީއްވެ ތިރޮނީ..؟ ” ފާޒިން އައިސް މައިޝާގެ ލޮލުން ފޭބި ކަރުނަތައް ފުހެލައިދެމުން ނިތުގައި ބޮސް ދީފައި ގަޔާލާ ބޮނޑިކޮއްލިއިރު ވާހަކަ ދެއްކީ ވައި އަޑުންނެވެ. އެވަގުތު ފާޒިންގެ ހޫނު ނޭވާ މައިޝާގެ ކަނދުރާގައި ޖެހުމުން މައިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައިއިރު މައިޝާއަށް ދެލޯމަރާލެވުނީ ބޭއިހްތިޔާރުގައެވެ.
” ހިނގާ ފެންވަރާލަން ދާން… ހަވީރުން ބައްޕަމެން ރިސީވް ކުރަންވެސް ދާންޖެހޭނެ… ” ފާޒިންގެ ގައިގައި ބައްދާލައިގެން އޮތް މައިޝާގެ މޫނަށް ފުމެލަމުން ބުނެލިއެވެ. މައިޝާ ކުޑަކޮއް ތެޅިގަނެފައި ދުރައް ޖެހިލަން އުޅުމުން ފާޒިން މައިޝާގެ ގާމައްޗަށް ފައި އެއްލައިގެން ބޮޑަށް ކައިރިކޮއްލުމުން މައިޝާއަށް އިތުރު އެއްވެސް ހަރަކާތެއް ކޮށެއް ނުލެވުނެވެ. ފާޒިން މައިޝާ ކޮލިކޮއްޓައް ފެށުމުން އެނދުގައި ނިދާފައި އޮތް ފިޒާން މައިޝާ ދައްކާލީ އަވަހަށް ފާޒިންގެ ކިބައިން ސަލާމަތް ވާންވެގެނެވެ.
” އޯކޭ ދެން ތިގޮތްވެސް… އެކަމް އަދި ތީ ސަލާމަތްވީ ކަމަށް ނުބަލާތި… ” ގައިމަތީގައި އޮތް ކުއިލްޓް ނަގާ އެއްފަރާތް ކޮއްލާފައި ތެދުވެގެންގޮސް ފާހާނައަށް ވަނުމުން މައިޝާ އެނބުރުނީ އަނެއް ފަރާތުގައި ނިދާފައި އޮތް ފިޒާނާއި ދިމާލަށެވެ.
ފާޒިން ހަވީރު އޭނަގެ ކާރުގައި އެއް ނަންބަރު ފާލަން ކައިރިއަށް ދިޔައިރު އާމިރުވެސް އޭނަގެ ކާރުގައި ދިޔައެވެ. ފާޒިން ފަރިތަކަމާއެކު ކާރު ދުއްވަމުން ދިޔައިރު ސެލީނާ އިނީ ދެފަރާތުން ފެންނަން ހުރި އިމާރަތްތަކާއި ދުއްވާ އެއްޗިއްސަށް ބަލާށެވެ. އެގަޑީގައިވެސް މަގުމަތީގައި ދުއްވާ އެއްޗިއްސާއި މީހުން ވަރަށް ގިނަ ކަމަށް ސެލިނާއަށް ފާހަގަ ކުރެވުނެވެ. ޖުމްހޫރީ މައިދާން ކައިރީގައި ކާރު ޕާކުކޮއްލާފައި ފާޒިންމެން ކާރުން ފޭބިއިރު ގިނައަދަދެއްގެ މީހުން ޕާކު ތެރޭގައި ތިއްބެވެ. އެސަރަހައްދުގައި އުދުހިލާ އުދުހިލާ އުޅުނު ކޮތަރުތައް ބައިބަޔަށްގޮސް ޕާކުތެރެއަށް ޖައްސާ މަންޒަރު ނުހަނު ހިތްގައިމެވެ. އަދި އެސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ފުރިހަމަ މިނިވަންކަމުގައި ވިހުރިލާ ވިހުރިލާ ހުރި ބޮޑު ދިދައެވެ. ކުޑަ ކުދިންތައް ކޮޓަރުތައް ފަހަމުން ދުވެ ދުވެފައި އުޅުނު އިރު އެމަންޒަރު ބަލާ ފޫހި ނުވާނެއެވެ.
ފާޒިންމެން ދިޔަތާ މާގިނަ އިރެއް ނުވަނީސް ރިޒޯޓުގެ ލޯންޗު އައިސް ތޮށިގަނޑާ ކައިރިކޮއްލުމުން ޒޮބީދު އާއި މަލީޝާ ލޯންޗުން ފޭބިއިރު ފާޒިން އާއި އާމިރު ތިބީ ތޮށިގަނޑު މަތީގައެވެ. އޭރު ސެލީނާ ފޮޓޯނަގަން ގޮސް ޕާކް ތެރޭގައި އުޅެއެވެ. ލޯންޗުން ފޭބި ޒޮބީދު އާއި މަލީސާގެ ގައިގައި ފާޒިން ކުޑަކޮއް ބައްދާލާފައ އާމިރުއަށް ބަލާލީ ޒޮބީދުމެން ތާރަފް ކޮއްދިނުމުގެ ގޮތުންނެވެ. ނަމަވެސް ޒޮބީދު ތާރަފް ކޮއްދޭން ހަދާނެ ގޮތެއް ނުވިސްނުނެވެ. ކޮންމެ ގޮތެއް ވިޔަސް ޒޮބީދަށް ބައްޕަ ނުން އެއްޗެއް ކިޔާކަށް ފާޒިން އަކަށް ނުކެރޭނެވެ. އެކަން ވިސްނިގެން ޒޮބީދު އަމިއްލައަށް ތާރަފްވެލިއިރު މަލީސާވެސް އާމިރުއަށް ތާރަފް ކޮއްދިނެވެ. ސެލީނާ އައުމުން ފާޒިންމެން ކާރުގައި މިސްރާބު ޖެހީ ގެއަށް ދިއުމަށްޓަކައެވެ. ފިޒާން ނުލާ އައުމުން އެކަމާ ޒޮބީދު އެވަގުތުވެސް ޝަކުވާ ކޮއްލިއެވެ. ނަމަވެސް ފިޒާން އޮތީ ނިދާފައި ކަމަށް ބުނުމުން އިތުރަށް އެވާހަކައެއް ނުދައްކައެވެ.
ފާޒިން ގޭގެ ގަރާޖައް ކާރު ވައްދާފައި ބޭރަށް ނިކުތްއިރު އާމިރުގެ ކާރު އައިސް ގޭގެ ދޮރު މައްޗައް މަޑުކޮއްލަނީއެވެ. ފާޒިން އަވަސް އަވަހަށް މަލީސާ ނިކުންނަން ކާރުގެ ދޮރު ހުޅުވާލަދިންއިރު ޒޮބީދު ހުރީ ފައިބައެވެ. އާމިރު އާއި ވާހަކަ ދައްކަމުން ޒޮބީދު އެތެރެއަށް ހިނގައިގަތްއިރު ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެކެވެ. ފާޒިން މަލީސާ ގޮވައިގެން އެތެރެއަށް ވަތްއިރު އެންމެ ފަހަތުގައި ހުރީ ސެލީނާ އެވެ.
އެވަގުތު އެމަގުން އައި މުނީރާއަށް ފާޒިން ފެނިފައި ހުރިތަނަށް ހުއްޓެވުނުއިރު މުނީރާގެ ފަހަތުން އައި މިޝާ ޖެހުނީ މުނީރާގެ ގައިގައެވެ. މުނީރާ ހުއްޓި ހުރުމުން މިޝާވެސް ބަލާލީ މުނީރާ ބަލަހައްޓައިގެން ހުރި ދިމާލަށެވެ. ނަމަވެސް މިޝާއަށް ފެނުނީ އެންމެ ފަހުން ވަތް ސެލީނާ އެކަންޏެވެ.
” ދަރިފުޅު ދެންމެ ގެއަށް ވަތް ދޮންތަބޭ ދެކުނިންތަ…؟ ” މުނީރާ އެނބުރި މިޝާއަށް ބަލާލަމުން ސުވާލު ކޮއްލިއެވެ. ނަމަވެސް މިޝާ ނިތްކުރިމައްޗައް ރޫ ގިނަކޮއްލުމުން މިޝާއަށް ނުފެންނަކަން މުނީރާއަށް ޔަގީންވިއެވެ. އެހެންވެ އެގެއާއި ދިމާލަށް ހިނގައިގަނެވުނީވެސް ތަންކޮޅެއް ބާރަށެވެ. މިޝާ ކަންތައް ބޮޑުވެފައި ހުރެ މުނީރާގެ ފަހަތުން ދިޔައިރު ދެފަހަރަކަށް ވީގޮތެއްވެސް މުނީރާ ކުރެން އަހާލެވުނެވެ. ނަމަވެސް މުނީރާގެ ފުށުން އެއްވެސް ޖަވާބެއް ނުލިބުނުތާގައި މުނީރާގެ ހިނގުން ބާރުވުން ނޫން ކަމެއް ނުވިއެވެ.
މުނީރާ ގެއަށް ވަތްއިރު މައިޝާ ކާގެއިން ނިކުމެގެން އަންނަނީއެވެ. ސިޓިންގްރޫމް ތެރޭގައި އެއްވެސް މީހަކު ފެންނަން ނެތްއިރު ކާގެ ތެރެއިން މީހުން ވާހަކަ ދައްކާ އަޑުއިވެއެވެ.
” ކޮންބައެއް ބަދިގޭގައި އުޅެނީ..؟ ” މުނީރާ ކުރި ސުވާލަށް މައިޝާއަށް ބަލާލެވުނީ އަނެއްކާވެސް ކާގެއާއި ދިމާލަށެވެ.
” މަންމައަށް ހީވި ފާޒިން ފެނުނުހެން… ” ކާގޭގެ ދޮރާއި ދިމާލަށް ބަލާލަމުން މުނީރާ އެހެން ބުނީ ވަރަށް އުންމީދާއެކުއެވެ. އޭރު މިޝާ ވާނުވާ ނޭގިފައި ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުއްޓެވެ. މުނީރާއަށް ޖަވާބެއް ނުދެވުނުތާގައި މައިޝާ އައިސް މުނީރާގެ އަތުގައި ހިފާލިއިރު އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ނަމަވެސް ކުރިއާ ހިލާފަށް މިފަހަރު އެދެލޮލަށް ޖަމާވީ އުފާވެރި ކަމުގެ ކަރުނައެކެވެ.
ގޭގައި މަޑުކުރަން ފާޒިން އެދުނު ނަމަވެސް ޒޮބީދުމެން ބޭނުންވީ ގެސްޓްހައުސް ގައި މަޑުކުރަން ކަމުން ފާޒިން އާއި އާމިރު ޒޮބީދުމެން ގެސްޓް ހައުސްއަށް ލާން ދިޔައިރު ސެލީނާވެސް އެމީހުނާ އެއްކޮއް ދިޔައެވެ. ސެލީނާ ބޭނުންވީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެކަހެރިވެލާށެވެ.
” ކޮތާކަށް ގޮސްފައި ތިއައީ…؟ މަންމަމެން އެބަތިބި ފާޒިންއާއި ބައްދަލުކޮއްފައި ނޫނީ ނުދާންވެގެން…! ” ފާޒިންމެން އައިސް ގެއަށް ވަތް އިރު އެކަނިމާ އެކަނި ސިޓިންގް ރޫމް ތެރޭގައި އިން މައިޝާ ތެދުވެގެން އައިސް ފާޒިން ކައިރިއަށް ހުއްޓެމުން ބުނެލިއެވެ.
” މިއައީ ބައްޕަމެން ހޮޓަލަށް ލާފައި… ފިޒާން ހޭލައިފިތަ…؟ ” މައިޝާގެ އަތުގައި ހިފައިގެން ސިޑިއާއި ދިމާލަށް ހިނގައިގަންނަމުން ފާޒިން އަހާލިއެވެ. ފާޒިންގެ ސުވާލަށް މައިޝާ ޖަވާބު ދިނީ ދެފަރާތަށް ބޯހޫރާލަމުންނެވެ.
” ކިހިނެއް މަންމާ…؟ ކުޑީ ހާދަ ބޮޑުވެއްޖޭ ދޯ…! ” ހިނިތުންވެލަމުން އައިސް ފާޒިން އިށީނީ މުނީރާ ކައިރީގައެވެ.
” މަންމަމެން ހަމަ ބަރާބަރު… ދަރިފުޅު ކިހިނެއް ސަލާމަތްވީ…؟ ” މައިޝާ އޭނައަށް އަޑުއިވުނު އެއްޗެހި ކިޔައިދންއިރުވެސް މުނީރާއަށް އަހާނުލައެއް ނީދުވުނެވެ. ފާޒިން ކަންތައްވީގޮތް މުނީރާމެންނަށް ކިޔައިދިން ނަމަވެސް ސެލީނާ އާއި އޭނަގެ ކައިވެނި ހަމަ ޖެހުނު ވާހަކަ އެއް ނުބުނެވެ. މުނީރާމެންވެސް އިޝާ ނަމާދަށް ބަންގި ގޮވުމުން ގެއަށް ދިޔައީ އެގެއަށް އައުމަށް ފާޒިން ކައިރީގައި ބުނެފައެވެ.
މުނީރާމެންނާ އެއްކޮށް މައިޝާ ބޭރަށް ނިކުތުމުން ފާޒިންގޮސް އޮތީ ފިޒާން ކައިރީގައި އެނދަށް އަރައެވެ. ފިޒާން ނިދާފައި އޮތްލެއް ލޯބިކަމުން ފާޒިންއަށް ފިޒާން އާއި ލޯބިކޮއްނުލައެއް ނޯވުނެވެ. ނިދާފައި އޮތް ތުއްތު ފިޒާންގެ ކޮލުގައި ބޮސްދިންއިރު ފާޒިންގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މައިޝާ އައިސް ކޮޓަރިއަށް ވަނީވެސް ފާޒިން އެގޮތަށް ފިޒާންއަށް ބަލަން އޮއްވައެވެ. ދޮރު ހުޅުވާލި އަޑަށް ފާޒިން ބަލާލިއިރު މައިޝާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލަނީއެވެ. ފާޒިން ބަލަހައްޓައިގެން ހުރުމުން މައިޝާ ލަދުގަންނަ ގޮތް ވިނަމަވެސް ގޮސް ކައިރީގައި ހުއްޓިލުމުން ފާޒިން އެތުނި ތުނި އަތަށް ދަމާލާފައި ގެނެސް އެދެއަތު ތެރެއަށްލާ ބޮނޑި ކޮއްލިއެވެ.
” ތެންކިއު ލަވް… ” ފާޒިންގެ އަޑު އިވިފައި މައިޝާއަށް ފާޒިންގެ މޫނަށް ބަލާލެވުނުއިރު އެދެލޯ ވަނީ ހަނިކޮއްލެވިފައެވެ. ފާޒިން އެހެން ބުނީ ކޮންމާނައެއްގައި މައިޝާއަކަށް ނުވިސްނުނެވެ.
” ތެންކިއު ފޯރ އެވްރީތިންގް…! ” ފާޒިން އެހެން ބުނިއިރު ކައިރީގައި ނިދާފައި އޮތް ފިޒާން އާއި ދިމާލަށް ބަލާލިއިރު ފިޒާން އޮތީ ހޭލައެވެ.
” މަންމިގެ ދޫނި ހޭލެވުނީތަ…؟ ދެންމިރޭ ނުވެސް ނިދޭނެ ދޯ ދަރިފުޅޫ..! ” މައީޝާ ފިޒާން ނަގާ އުނގުގައި ބައިންދަމުން ބުނެލިއެވެ. ފިޒާން ނަގާ ގައިމައްޗައް ލަމުން ފާޒިން ބޯއަޅާލީ މައިޝާގެ އުނގުގައެވެ. ނިދިވާޅުގައި އޮތް ފިޒާން ތަނެއް ހިރުވާވެސް ނުލާ ފާޒިންގެ ގައިމަތީގައި އޮތްއިރު ފާޒިންގެ ބޮލުގަ ފިރުމާލަ ފިރުމާލަ އިން މައިޝާގެ ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމު ދޫކޮއްފައި އެރީތި ކޯތާފަތް މައްޗައް އޮހޮރިގެންފިއެވެ.
” މައިއަކާ ވައްތަރެއް ނޫންދޯ އެއްވަރަކަށްވެސް… ޑެޑީގެ ކުއްޖެކޭ ދޯ މީ…! ” ފާޒިން ފިޒާންއާއި ލޯބިކޮއްލަމުން އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ފިޒާންގެ ނިދި އެއްކޮއް ނުފިލާތީ ފާޒިންގެ މޭގައި ބޯއަޅާލި ގޮތަށް އޮތީއެވެ. އިރުކޮޅެއް ވަންދެން އޮވެފައި ފިޒާން އެނދުން ފައިބައިގެން ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަތުމުން މައިޝާވެސް ފިޒާންގެ ފަހަތުން ހިނގައިގަތެވެ. ފިޒާން ބޭރަށް ނިކުންނާން އުޅުމުން ފިޒާން ޓީޝާޓެއް ލައްވައިގެން މައިޝާ ނިކުތުމުން ފާޒިން ވަނީ ފާހާނައަށެވެ.
” ކާފަގެ ދޮންދޫނިއަށް ހޭލެވުނީތަ…؟ ކޮބާ ފާޒިން..؟ ” ސިޑިން ފައިބައިގެން އައި މައިޝާއާއި ފިޒާން ފެނުމުން އާމިރު ބުނެލިއެވެ. ފިޒާން އާމިރު ކައިރީގައި ބައިންދާފައި މައިޝާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ފާޒިން މައިޝާގެ އިންތިޒާރުގައި އިންނާނެ ތީއެވެ. މައިޝާ ގޮސް ކޮޓަރިއަށް ވަތްއިރު ފާޒިން ފެންނަށް ނެތުމުން ދޮރުލައްޕާލާފައި އެނދާއި ދިމާލަށް ހިނގައިގަތީ ފާޒިން ފާހާނައިގައި އުޅޭތީއެވެ. ދޮރާ ދިމާލަށް ބަލަހައްޓައިގެން އިންނަމަވެސް ފާހާނައިގެ ދޮރުހުޅުވުނު އަޑަށް މައިޝާ ދިޔައީ ސިއްސައިގެންނެވެ. ފާހާނާއިން ނިކުތް ފާޒިން ފެނިފައި މައިޝާއަށް އިސްޖަހާލެވުނީ ލަދުންނެވެ.
” ދަރިފުޅާ ފާޒިން… ” ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން މުނީރާ ގޮވާލި އަޑު އިވުމުން މައިޝާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު ވަދީފާއާއި ފިޒާން ދޮރުމަތީގައި ތިއްބެވެ.
” ބައްޕަ ބުނި ނުވައެއް ޖަހާއިރަށް ތައްޔާރު ވާށޯ…! ” ކޮޓަރީގެ ތެރެއަށް ވަންނަމުން ވަދީފާ ބުނެލިއެވެ.
” ދަރިފުޅު ބަލީތަ…؟ ” ވަދީފާ އައިސް އެނދުގައި އޮށޯވެލައިގެން އޮތް ފާޒިންގެ ކައިރިއަށް ހުއްޓެމުން ވަދީފާ އަހާލީ ނިކަން ލޯބިންނެވެ.
” މަންމަމެން މިދަނީ ތައްޔާރުވާން… ދަރިފުޅުމެންވެސް ދެން ތައްޔާރުވާންއުޅޭ… މިހާރު ދޮންބެމެންވީ ތައްޔާރުވާންގޮސް.. ” ވަދީފާ ކޮޓަރިން ނިކުންނާން ދަމުންގޮސް ފިޒާންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
” ޑެޑީގެ ސުވީޓް ހާރޓް ދާނަންތަ ކާން…! ” ފާޒިން އެދުންތެދުވެ ފިޒާން އުރާލަމުން ބުނެލިއެވެ. ނަމަވެސް ފާޒިން އެކަމާ ޖަވާބެއްނުދީ މައިޝާ ކައިރިއަށް ދާން ގަދަހަދާލުމުން ފިޒާން މައިޝާއަތަށް ދީފައި ފާޒިން އަނެއްކާވެސް އެނދުގައި އޮށޯވެލީއެވެ. މައިޝާ ފިޒާންއަށް ޔޯގަޓް ތައްޓެއްކާންދީފައި އެއްޗިހި އިސްތިރިކުރަންފެށީ ފިޒާން ކާރޓޫން ބަލަން ބައިންދާފައެވެ.
” އަހަރެން ކޯޗެއްލާނީ…؟ ” އެނދުގައި އޮށޯވެލައިގެން އޮވެފައި ތެދުވެގެންގޮސް މައިޝާގެ ގައިގައި ބައްދާލަމުން ފާޒިން ބުނެލިއެވެ. މައިޝާ ފާޒިންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ގޮސް އަލަމާރި ހުޅުވާލިއެވެ. މީގެ ތިންއަހަރު ކުރިން ފާޒިން ފުރައިގެންދިޔައިރު ހުރިގޮތަށް ގަމީސްތަށް ކޮނޑުއަޅުވާފައި ހުއްޓެވެ. ނަމަވެސް އެހުރިހާ ދުވަހު އެހެން ހުރުމުން އެއްޗިތައް ވަނީ ކުޑަކޮއް ބާވާގޮތްވެފައެވެ.
” ގޮސް ދޮންބެ ކައިރީގައި ބުނޭ ދޮންބެ ލާއެއްޗެއް ދޭށޭ…! ” މައިޝާ އައިސް ފާޒިންގެ ގައިގައި ބައްދާލަމުންބުނެލިއެވެ. ފާޒިން މައިޝާ ބަނޑުގައި އިނގިލި ޖައްސާލުމުން ތެޅިގެންފައި މައިޝާ ދުރަށް ޖެހިލީ ހީލިއެރުމުގެ ސަބަބުންނެވެ.
” އަންނާނަން ދޮންބެ ކައިރިއަށް ގޮސްލާފައި… ” ކޮޓަރީގެ ދޮރުހުޅުވާލަމުން ފާޒިން ބުނެލިއެވެ. ފިޒާންވެސް ދުވެފައި އައިސް ފާޒިންގެ ފައިގައި ބައްދައިގަތީ ފާޒިންއާއި އެކު ދިއުމުގެ ބޭނުމުގައެވެ.
” ޑެޑީގެ ސުވީޓް ހާރޓްވެސް ދާނަންތަ… ” ފިޒާން އުރާލަމުން ފާޒިން ލޯބިކޮއްލިއެވެ. ފާޒިންގޮސް ފަޒީލް އަތުން ޓީޝާޓަކާއި ޖިންސެއް ހިފައިގެން އައިސް ގޮނޑިމައްޗައް އެއްލާފައިގޮސް ފިޒާން ކާރޓޫން ބަލަން ބައިންދާފައި ތުވާލި ހިފައިގެން ވަނީ ފެންވަރާށެވެ.
ފާޒިންމެން ތައްޔާރުވެގެން ނިކުތްއިރު އެންމެންތިބީ ފާޒިންމެންގެ އިންތިޒާރުގައެވެ. ކާރުގައި އެންމެންނަށް ގެސްޓު ހައުސްއަށް ދެވުނުއިރު އަށެއްޖަހައިފިއެވެ. ޓެރަސްމަތީގައި އެރޭގެ ކެއުންތައްޔާރުކޮއްފައި އޮތްއިރު ވަރަށްވެސް ހިތްގައިމެވެ. އުޑުމަތީގައި އެއްވެސް ވިލާކޮޅެއް ނެތްއިރު ތަރިތައް އޭގެ ފުރިހަމަ މިނިވަންކަމުގައި ވިދަމުންދިޔައެވެ. އެހިސާބުގައި އެވަރުގެ އުސް އެހެން އިމާރާތެއް ނެތުމުން މުޅިއެސަރަހައްދު ވަރަށް ރީއްޗައްފެންނަން އޮވެއެވެ.
ފާޒިންމެން އައި އިރު ޒޮބީދުމެން ފާޒިންމެންގެ އިންތިޒާރުގައި މަޑުކޮއްލައިގެންތިއްބެވެ. ސެލީނާ ފެނުނު ހިނދު ފާޒިން ހުއްޓުންއެރިއެވެ. މީގެކުރިން ސެލީނާގެ އެރީތިކަމެއް ފާޒިންއަކަށް ފާހަގަކުރެވިފައެއް ނެތެވެ. ނަމަވެސް މައިޝާއަކީވެސް ވަކި ސެލީނާއަށް ދޫކުރާނެ ކުއްޖެއް ނޫންކަން ފާޒިންގެ ހިތުގެ އަޑިން ގަބޫލްކުރިއެވެ. ސެލީނާގޮސް ފާޒިން އަތުގައި ހިފައިގެން ހުރި ފިޒާން އުރާލަން އުޅުމުން ސެލީނާ ކައިރިއަށް ނުދާން ގަދަހަދާލި ގޮތުން އެންމެންނަށް ހެވުނެވެ. ކެއުމުގައި އާއިލާގެ އެންމެން ބައިވެރިވިއުރު އެހުރިހާ ދުވަސް ކޮއްފައި ފާޒިން އެނބުރި އައުމުން އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
ޒޮބީދު ކިތަންމެ ދެރަވެފައި އިންނަމަވެސް އެކަން މޫނުމަތިންނެއް ނުދައްކައެވެ. މަލީސާއާއި ސެލީނާގެ ހާލަކީވެސް އެއީއެވެ. ސެލީނާގެ ހަޔާތުން ފާޒިން ގެއްލުމުން ސެލީނާގެ ހިތުގައި ވަނީ ބުނަން ނޭގޭ ރިހުމެއް އުފެދިފައެވެ.
އެރޭގެ ކެއުން ނިންމާލާފައި ފާޒިންމެން ގެއަށް ދިޔައިރު އެކެއް ޖަހައިފިއެވެ. އެރޭ ފިޒާންވެސް ނިދީ ވަރަށް ލަސްވީ ފަހުންނެވެ. ފިޒާން ނިދުމުން ފާޒިންގޮސް ފިޒާންގެ އެނދަށް ލާފައި އައިސް އެނދުގައި ޖައްސާލިއެވެ. އެތަށް ދުވަހަކަށް ފަހު ފާޒިންގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ ނިދާލެވޭތީ މައިޝާއޮތީ ވަރަށް އުފަލުންނެވެ.
” ފާޒިންގެ އެހީއަށް އަހަރެން އެންމެ ބޭނުންވި ދުވަހު ކީއްވެ ނައީ…؟ އަހަރެން ހާދަރުއިމެއް ރުއީމޭ..! ” ފާޒިންގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ މައިޝާ ވާޙަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.
” މައިއަށްވެސް އެނގޭނު އަހަރެން ގަސްތަކު މައި ކައިރިއަކަށް ނައިސް ނުހުންނާނެކަން…! ފިޒާން އެއީ އަހަރެންގެ ދަރިއެއްކަން އެނގުމުން އަހަރެން ހާދަ އުފާވިއޭ…! ” ފާޒިން މައިޝާގެ ގައިގައި ވަރަށް ބާރަށް ބައްދާލަމުން ބުނެލިއެވެ.
” ސުވާލެއް ކޮއްލަންތަ…؟ އަހަރުމެން ރިޒޯޓަށް ގޮސް އުޅުނު އިރު ފާޒިން ކީއްވެ ނުފެނި އުޅެނީ…؟ އަބަދު ސެލީނާ ފޮނުވަނީ ކީއްވެ..؟ ” މައިޝާ ފާޒިންގެ މޭމަތިން ބޯ ނަގަމުން ބުނެލިއެވެ.
” އަހަރެންނަކަށް ނޭގެ ސެލީ މައި މެން ކައިރިއަށް ދިޔަކަމެއް… އެކަމަކު އަހަރެންނަށް އެނގޭ މައިވެސް އަދި ފައިވެސް ވީ ރިޒޯޓުގައި ކަން…! ” ފާޒިން މައިޝާ ގެނެސް ކައިރިކޮއްލަމުން ބުނެލިއެވެ.
” އެހެންނޫނަސް ދެން ތިވާހަކަ ނުދައްކާ…! އަހަރެން ބޭނުމެއްނޫން ކުރީގެ އެއްވެސް ވާޙަކައެއް ދައްކާކަށް…! މައިމެން ދޫކޮއްލާފައި އެއްވެސް ތާކަށް އަހަރެންނެއް ނުދާނަމޭ…! ” ފާޒިން ކުރިއަށްވުރެވެސް މައިޝާ ގެނެސް ގަޔާ ކައިރިކޮއްލިއެވެ. އެތަށް ދުވަހަކަށް ފަހު ފާޒިންގެ ފަރާތުން އެލޯބި އަލުން ލިބުމުން މައިޝާއަށް ލޯމަރާލެވުނީ ބޭއިހްތިޔާރުގައެވެ.
އޭގެ އަނެއްދުވަހު ހަވީރު ސެލީނާމެން ފުރުވަން ފާޒިން ދިޔައީ ފިޒާންވެސް ގޮވައިގެންނެވެ. ފާޒިން ކައިރީގައި އެމީހުންގެ މަތިން ހަދާން ނައްތާނުލާށޭ ކިޔާފަ މަލީސާ ރޯންވެސް ރުޔެވެ. ސެލީނާވެސް ކިތަންމެ ހިތްވަރެއްކޮއްގެން ހުރިނަމަވެސް ފާޒިންގެ ގައިގައި ފަހު ފަހަރަށް ބައްދާލެވުމުން އެވަރަށް ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމް ދޫކޮއް ފައިބައިގަތެވެ. ހިނިތުންވެލައިގެން ހުއްޓަސް ޒޮބީދުގެ މޫނުމަތިންވެސް ވަރަށް ދެރަވެފައި ހުރިކަން ފާޒިންއަށް އެނގުނެވެ. އެންމެންވެސް ފާޒިންއާއި ފިޒާންއާއި ސަލާމް ކޮއްލާފައި ޑިޕާޗާރ ހޯލްތެރެއަށް ވަންނަން ހިނގައިގަތްވަގުތު ފާޒިންގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެންމެ ފަހަރަކުވެސް ސެލީނާ ފަސްއެނބުރި ބަލާނުލައެވެ. މަލީސާއާއި ޒޮބީދު ގޮސް ނިވާވަންދެން އަޓުން ޓާޓާ ކިޔާލަ ކިޔާލަ ފާޒިންއާއި ފިޒާން ތިއްބެވެ.
ޒޮބީދުމެން ފުރައިގެން ދިޔަތާ ހައެއްކަ މަސްދުވަސް ފާއިތުވެގެން ދިޔައިރު ދެ ފަހަރަކު ޒޮބީދުމެން ރާއްޖެއަތުވެއްވެއެވެ. ނަމަވެސް އެއިން އެންމެފަހަރުވެސް ސެލީނާއެއް ނާދެއެވެ. ޒޮބީދުގެ ވިޔަފާރި ހިންގުމުގައި އަވެދިނެތި އުޅެންޖެހުމުގެ ސަބަބުން ނާދެވެނީ ކަމަށް ޒޮބީދު ބުނެއެވެ. ނަމަވެސް ސެލީނާ ފޯނުން ފާޒިންމެންނަށް ގުޅައިގެން ވާހަކަ ދައްކާ ހަދައެވެ. ހުކުރު ދުވަސް ކަމުން ފާޒިން ތަންކޮޅެއް ލަހުން ތެދުވީ އޮފީހަށް ދާން ނުޖެހޭނެތީއެވެ. ފެންވަރާލައި ހަދާލައިގެން ނިކުތްއިރު ގޭގެ އެންމެންކަހަލަ ގޮތަކަށް ސިޓިންގްރޫމް ތެރޭގައި ތިއްބެވެ. ކުރިއެކޭ އެއްގޮތަށް ފާޒިންގެ އެއުފާވެރި ދިރިއުޅުން އަލުން ލިބުނީ ސެލީނާގެ ސަބަބުން ކަން ފާޒިން ގަބޫލް ކުރެއެވެ. އެކުޑަ ކުޑަ އާއިލާއާއި އެކު ހޭދަކުރި ތިންއަހަރަކީ ދުވަހަކުވެސް ފާޒިންގެ ހިތުން ފިލައިގެން ދާނެ ހަދާންތަކެއްނޫނެވެ. އެހަދާންތަށް ދުވަހަކުވެސް ހިތަކުން ނުފިލާނެވެ.
One Comment
Comments are closed.
Masha allah haadaha inthi zaar kohfeyi mivahaka up kurey tho fainalee up veedwo thanks deair