އެވްލީން… 23
” ކި…ޔާ…. ޑޭޑް އެކްސިޑެންޓެއް ވެގެން މިއުޅޭނީ… ހީ އިސް އިން އަ ވެރީ ސީރިޔަސް ސިޓުއޭޝަން… ” ޒަރާ ރޮވިފައިވާ އަޑަކުން ބުނެލިއިރު އަކިޔަސް ހުރީ ހުއްޓުން އަރާފައެވެ. އަކިޔަސްގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. އަކިޔަސް ފޯނު ބާއްވަމުން ވީހާވެސް އަވަހަކަށް ލަންޑަނަށް އަންނާނެ ކަމަށް ބުނެލިއެވެ. ބޮޑުކަމެއް ދިމާވުމުން ސިކުނޑިން ބައެއް ކަންތައް ފޮހެވިގެންދާ ފަދައިން އަކިޔަސް ކުރަން އުޅުނު ކަންތައް މަތިން ހަނދާން ނެތުނެވެ. ސިކުނޑިއަށް ވާން ވެފައިވުމުން އަކިޔަސްގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. ބައްޕަ އެހާ ސީރިޔަސް ހާލަތެއްގައި އޮތުމުން އަކިޔަސް ނިންމީ އެމީހުންގެ ޕްރައިވެޓް ޖެޓުން ލަންޑަނަށް ދިއުމަށެވެ.
އަކިޔަސް އެވްލީން ކައިރީގައި ނުވެސް ބުނެ ލަންޑަނަށް ފުރައިގެން ދިއުމުން އެވްލީން ހިތުގައި ޖެހުނެވެ. ބިލާލްއަށް އެހާ ބޮޑު ކަމެއް ވީއިރުވެސް އަކިޔަސް އޭނައަށް އަންގާނުލީތީ އެހިތުގައި އެތަށް ޝަކުވާއެއް އުފަދުނެވެ. އެވްލީން އަކިޔަސްގެ ފޯނަށް އެތައް ފަހަރު ގުޅުމުންވެސް އަކިޔަސް ފޯނެއް ނުނެގިއެވެ. އެދެމެދުގައި ލެވިގެން ދިޔަ ބީރައްޓެހިކަމުގެ ފާރުގެ ސަބަބުން އެވްލީންގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. މޫތިތަކެއްހެން ލޮލުގައި ވިދަމުންއައި ކަރުނަތިކިތައް އެސްފިޔަތަކަށް ބަރުވުމުގެ ސަބަބުން ފައިބައި ގަތްއިރު އެހިތުގައި ނޭގޭ ރިހުމެއް ވަނީ އުފެދިފައެވެ.
އެވްލީން އަކިޔަސްއަށް މެސެޖް ކޮށްލުމަށްފަހު ފޯނު އެނދުމަތީގައި ބޭއްވިއެވެ. ވައިރޯޅިތަކުގެ ނާނާގެ އަޑާއެކު ނަށަމުންދިޔަ ކާޓެއިންތައް ކަހާލުމަށްފަހު އެވްލީން ބެލްކަންޏަށް ނިކުތީ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހޯދައި ދިނުމަށެވެ. އަކިޔަސް އެގޮތަށް ކަންތައް ކުރުމުން އޭނަ ހިތުގައި ޖެހޭނެ ވަރު އަކިޔަސްއަށް އަންދާޒާ ނުކުރެވުނީ ހެއްޔެވެ ؟ ވައިރޯޅިތަކުގެ ގޯނާއާއެކު އެވްލީންގެ އިސްތަށިގަނޑު ފަޒާގެ ތެރޭގައި ވިހުރިލާފައި މޫނުމައްޗަށް ފައިބައި ގަތެވެ. އެވްލީން ބެލްކަނީގައި ބަހައްޓާފައި ހުރި ސިންގަލް ސޯފާގައި އިށީންއިރު ފެންނަމުންދިޔަ ޤުދުރަތީ ރީތި މަންޒަރުތަކުން އެހިތަށް އެއްވެސް ފިނިކަމެއް ލިއްބައި ނުދިނެވެ.
އެވްލީންއަށް ޑްރަގް އިންޖެކްޝަން ދޭނެ ގޮތަކާމެދު ވިސްނަމުންދިޔަ ޖުނެއިނާއަށް އަކިޔަސް ފުރައިގެން ދިޔަ ޚަބަރު ލިބުމާއެކު ނުހަނު އުފާވިއެވެ. ލިބުނު ރަނުގެ ފުރުސަތުގައި ހުރިހާކަމެއް ނިންމާލަން ޖުނެއިނާ ބޭނުންވިއެވެ. ނަމަވެސް ޑްރަގް އިންޖެކްޝަން ދިނުމުގައި މީހަކުގެ އެހީބޭނުން ވާނެއެވެ. ފިޒާޔާ ބުނިގޮތުން ވިއްޔާ ފުރަތަމަ ފަރަހަށް އެދިނުމުން ވަގުތުން އޭގެ އަސަރު ކުރާނެއެވެ. ފިޒާޔާ ދެއްކި ހުރިހާ ވާހަކައަކަށް ސަމާލުވަމުން ޖުނެއިނާ ހުރިހާ ކަމެއް ފެއްޓިއެވެ. ޖުނެއިނާ ފުރަތަމަވެސް އެގޭގައި މަސައްކަތް ކުރާ މީހަކަށް ފައިސާ ދީގެން އޭނަގެ ޕްލޭންގައި ޝާމިލް ކުރިއެވެ.
” އާޤިބް… އަހަރެން ބުނަންދެން މި ޑްރަގް އޭނައަށް ދޭންވީ… ” ޖުނެއިނާ ކޮތަޅުގައި ހުރި ސާމާންތައް އާޤިބް އަތަށް ދިނެވެ. ” މޭމް… އަހަންނަކަށް ނޭގޭނެ އިންޖެކްޝަން ޖަހަން… ” އާޤިބް ނުތަނަވަސް ކަމާއެކު ބުނެލިއެވެ. ” އަހަރެން ބޭނުމެއް ނޫން ބޭކާރު ވާހަކަ އަޑުއަހާކަށް…. ޑޫ ވަޓް އައި ސެޑް އޮން ޓައިމް… ” ޖުނެއިނާ ރުޅިވެރިކަމާއެކު އަމުރުކުރިއެވެ. އާޤިބް ޖުނެއިނާ ބުނިގޮތަށް ކަންތައް ކުރާނެކަމުގެ ޔަޤީންކަން ދިނުމުން ޖުނެއިނާ ބުނީ ހުރިހާކަމެއް ނިމުމާއެކު އޭނައަށް ފައިސާ ލިބޭނެކަމަށެވެ. މިދުވަސްކޮޅު މިފްޒާލްވެސް ގިނަވަގުތު އޮފީހުގައި ހޭދަކުރާތީ ޖުނެއިނާއަށް ވަނީ ބޮޑު މިނިވަންކަމެއް ލިބިފައެވެ.
ރޭގަނޑުގެ ވަގުތެވެ. އެވްލީން ފެންވަރާލައިގެން ފާޚަނާއިން ނިކުތް އިރު މުޅި ކޮޓަރި ތެރެއަށް ފެތުރިފައިވަނީ ޖޭސްމީން އެއާރ ފްރެޝްނާގެ މީރުވަހެވެ. އެތެރެއަށް ނޭފަތް ދަމާލުމުން އެވްލީންއަށް ހީވީ ސިކުނޑި ވާންކޮށްލާފައިވާ ހުރިހާ ހަނދާންތަކާ ދުރަށް ދެވުނު ހެންނެވެ. ތެތްވެފައިވާ އިސްތަށިގަނޑުން ފެން ހިއްކަމުން ގޮސް އެވްލީން ލޯގަނޑު ކުރިމައްޗަށް ހުއްޓުނުއިރު އެދޮން ކަނދުރާއިން ތިރިއަށް ފެންތިކިތައް ފިރުކެމުން ދިޔައެވެ. މަޑު ނޫކުލައިގެ ގަޔަށްދޫ ހެދުމަކާއި ރިހިކުލައިގެ ލެގިންސްގެ ސަބަބުން އެވްލީންގެ ރީތިކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ.
ކުއްލިޔަކަށް ކޮޓަރިން ކަރަންޓް ކަނޑައިގެން ދިއުމާއެކު އެވްލީންއަށް ހީވީ ހިތުގެ ތެޅުން މަޑުޖެހިލި ހެންނެވެ. ނޭވާ ހިފަހައްޓާލުމަށްފަހު އެވްލީން ކޮޓަރިއަށް ފުން ނަޒަރެއް ހިންގާލިއެވެ. ހަނދުގެ ދޯދިތައް ކާޓެއިންތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮޓަރިއަށް އެޅިފައި ވުމުން ފުދޭވަރެއްގެ އަލިކަމެއް ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ދިޔައެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުގައި ވައިރޯޅިތަކުގެ ނާނާގެ އަޑު މަޑުމަޑުން ނަމަވެސް ގުގުމާލައެވެ. ދަލުން މުޅިމީހާ ފެންވެރިގެން ދިއުމާއެކު އެވްލީން އަވަސް އަވަހަށް ކައިރީގައި ހުރި ކޭންޑްލް ހޯލްޑާގައި ހުރި އުށްބައްތިތައް ރޯކޮށްލައިފިއެވެ. އުށްބައްތީގެ އޮރެންޖް ކުލައިގެ ފަނޑުއަލިކަމުގެ ތެރޭން ހިޔަނިތައް ނަށާލުމުން އެވްލީންއަށް ހުރިހާއެއްޗެއް ސިފަކުރެވުނީ ފުރޭތަތަކެއް ހެންނެވެ. މީހާ މާބޮޑަށް ބިރުގެންފައި ހުންނަ ވަގުތު ތަކުގައި ވަށައިގެންވާހާ ތަކެތިވެސް ފެންނާނީ ބިރުވެރި ގޮތަކައެވެ. އެވްލީން ކޭންޑްލް ހޯލްޑާ ނަގައިގެން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތީ ފުދޭވަރަކަށް ގޭތެރެ ހަލަބޮލި ވުމުންނެވެ.
އެވްލީން ކުރިއަށް ހިނގައިގަތް ތަނާ މީހަކު ފުރަގަހުން އައިސް އަނގަމަތީގައި އަތްއެޅުމާއެކު އެވްލީންއަށް ތެޅިގަނެވުނެވެ. ކޭންޑް ހޯލްޑާރ އަތުން ދޫވެގެން ގޮސް މާބްލްސް މަތީގައި ޖެހުމާއެކު ބާރު އަޑުފައްގަނޑާއެކު ކޮޓަރި ގުގުމާލައިފިއެވެ. އުށްބައްތިތައް ކުޑަކުޑަ އެތިކޮޅުތަކަށް ވެގެންގޮސް މުޅި ހިސާބަށް ވެރިވެގެންދިޔަ ވަގުތު އަނެއްކާވެސް ކަޅު ފަރުދާތަކުން ކޮޓަރި ވަށާލައިފިއެވެ. އެވްލީން ހަޅޭއްލަވަން ބޭކާރު މަސައްކަތް ކުރަމުން ގޮސް އެންމެފަހުން ލޮލުން ކަރުނަ ފާއްދާލިއެވެ. އެވަގުތު އަކިޔަސް މަތިން ހަނދާން ވުމާއެކު އެލޮލުން ކަރުނަ ފައިބައިގަތީ ހިފެހެއްޓުމެއް ނެތިއެވެ. ބިރުންގޮސް އެވްލީންގެ ހިތުގެ ތެޅުން އަވަސްވެފައި ވާއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ.
އާޤިބް އެވްލީންގެ ގައިގައި ބާރަކަށް ހިފަހައްޓާލުމުން އެވްލީންއަށް ހީވީ ހަށިގަނޑުގެ ހުރިހާ ކަށިތައް މުގުރިގެންދިޔަ ހެންނެވެ. ނާޒުކް މަލެއް އަތުތެރެއަށް ލުމަށްފަހު ޗިސްކޮށްލާ ފަދައިން އާޤިބް އެވްލީންގެ ގައިގައި ހިފަހައްޓާލައިގެން ހުރިއިރު އެވްލީންއަށް ނޭވާލާންވެސް ދަތިވިއެވެ. ތޫނުކަށްޓެއް އަތަށް ހަރާލިފަދަ އިހްސާސްތަކެއް ކުރެވުނު ވަގުތު އެވްލީންގެ ސިކުނޑިއަށް ވާންގެން ގޮސް ހީވީ ސިކުނޑި ފަޅައިގެން ހިނގައިދާނެ ހެންނެވެ. އާޤިބް އެވްލީންގެ ގައިން ދޫކޮށްލުމާއެކު އެވްލީން މާބްރްސް މަތީގައި ޖެހުނެވެ. ލޭގެ ކޯރުތައް މުޅިހިސާބަށް ފެތުރިގެން ދާން ނެގީ ސިކުންތު ކޮޅެކެވެ. މަޑު ކުކުރުމަކާއެކު އެވްލީންއަށް ގޮވާލެވުނީ އަކިޔަސް އަށެވެ. ނަމަވެސް އެއަޑު އިވޭހިސާބުގައި އަކިޔަސް ނެތްކަން އެފަކީރަށް ރޭކާ ނުލިއެވެ. މާބްލްސް މަތީގައި ޖެހުނު ގޮތަކުން ހަށިގަނޑުގައި އުދެފިފައިވާ ހިރުމާއި އެއްވަރަށް އެވްލީންގެ ސިކުނޑީގައި ވެސް ތޫނު ރިހުމެއް އުފެދިފައި ވެއެވެ. ކުރުގެޅިގެން އެވްލީން އެހީއަކަށް އެދި ގޮވުމާއެކު ހަމަހިމޭންކަމުގެ ތެރޭން އެއަޑު އިވުނީ ހިތްދަތި ގޮތަކަށެވެ.
ޓޯޗުބައްތި ތަކާއި އުށްބައްތިތައް ހިފައިގެން ނޯކަރުންނާއި މިފްޒާލް އަދި ޖުނެއިނާ ކޮޓަރިއަށް ވަންއިރު އާޤިބް ނުކުމެގެން ހިނގައްޖެއެވެ. އެވްލީން ފެނުމާއެކު ޖުނެއިނާ މަގޭ ދަރުފުޅޭ ކިޔާފައި އަޑުން އަޑުނަގާފައި ރޮއިގަތް އިރު ހީވީ ހިތް ކުދިކުދިވެފައިވާ މީހެއް ހެންނެވެ. ގަނޑުވެފައިވާ އެވްލީންގެ އަތުގައި ހިފަހައްޓަމުން ޖުނެއިނާ އެވްލީންއަށް ގޮވަން ފެށިއެވެ. މިފްޒާލް އަވަސް އަވަހަށް ފެމިލީ ޑޮކްޓަރަށް ގުޅާލުމަށްފަހު އެވްލީން އަތްދަނޑިމައްޗަށް އުފުއްލައިލަމުން އެނދުމަތީގައި ބޭއްވިއެވެ. ޖުނެއިނާ ގިސްލަމުން އެވްލީންގެ ބޮލުގައި ފިރުމާލަމުން އޭނަ އެވްލީންއަށް ހެޔޮވަރު މިފްޒާލްއަށް ދެއްކުމުގައި އުޅުނެވެ. ” ޖޫން… ނުރޮއި ހުއްޓާލަބަ… އިރާދަކުރެއްވިއްޔާ ލީންއަށް އެއްވެސް ކަމެއް ނުވާނެ…. ” ލޮލުން ކަރުނަ ފާއްދާލިކަމުގައި ވިޔަސް މިފްޒާލް ކެތްތެރިވިއެވެ. ” މިފްޒާލް… ހައު ކޭން އައި ސްޓޮޕް ކްރައިންގް ؟ …. ލީންއަށް ހާދަ ތަދެއްވާނެޔޭ ފެއިންޓްވެގެން ވެއްޓުނު އިރު…. ގައިމު އަޑުފަށްގަނޑާއެކު އަހަރެން ހިތް ނުހުއްޓުނީ ކިރިޔާ… ” ޖުނެއިނާ ފޮތިކޮޅަކުން އެވްލީންގެ މޫނުގައި ހޭކިފައިވާ ލޭފޮހެލައިފިއެވެ. ” އައި ކޯލްޑް ދަ ޑޮކްޓާރ… މިހާރު އަންނަން އުޅޭނީ… ” މިފްޒާލް އެނދުން ތެދުވެލަމުން ދެކޮޅަށް ހިނގަން ފެށިއެވެ. ” ކީއްވެ އެމްބިއުލާންސަށް ނުގުޅީ ؟ ” ޖުނެއިނާ މަކަރުވެރި ހިނިތުންވުމަކާއެކު އަލާލައިފިއެވެ. އެހިތް އުފަލުން ނަށަމުން ދާއިރު ޕާޓީއެއްވެސް ބާއްވަން ޖުނެއިނާ ބޭނުންވިއެވެ. އެވްލީން މެންޓަލް އެސައިލަމްއަށް ގެންދާނެ ދުވަހަކީ އޭނަގެ ހުރިހާ އެކުވެރިނަނަށް ސަފާރީ ޓްރިޕެއް ދޭނެ ދުވަހެވެ.
ޑޮކްޓާރ އެވްލީންގެ ބޮލުން ފަޅައިގެން ގޮސްފައި ވާތަނުގައި ބޭސް އެޅުމަށްފަހު ބުނީ މިހާރު އެވްލީން ރަނގަޅު ކަމަށާއި ނުކައި ހުރުމުގެ ސަބަބުން ފެއިންޓްވީ ކަމަށެވެ. ނަމަވެސް އެއީވެސް ޖުނެއިނާގެ ޕްލޭންގެ ތެރެއިން ބަޔެކެވެ. މިފްޒާލްގެ ލޮލުގައި އަނދުން އަޅުވާލައިގެން ޖުނެއިނާ ހުރިއިރު އެވްލީންއަށް ހެޔޮއެދޭ ދެވަނަ މީހަކު ނުވާ ފަދައެވެ. ޖުނެއިނާ މިފްޒާލް ކައިރީގައި ބުނީ އެވްލީންގެ ހުރިހާ ކަމަކަށް އޭނަ ނުހަނު ފަރުވާތެރި ވާނެކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނެކަމަށެވެ.
ޖެހިގެންއައި ދުވަހު އެވްލީންއަށް ހޭލެވުނީ ޖުނެއިނާ އެވްލީންއަށް ގޮވާއަޑަށެވެ. ބޮލަށް ބަރުވެފައި ވުމުން އެވްލީން އެސްފިޔަތަށް ދުރުކޮށްލީ ބަލި ގޮތަކަށެވެ. ހޫނު ކޮފީތަށްޓެއް ނަގައި ޖުނެއިނާ އެވްލީންއަށް ދިއްކޮށްލުމުން އެވްލީން ޖުނެއިނާއަށް ބަލައިލީ ބީރަށްޓެހި ނަޒަރަކުންނެވެ. ” ލީން… ޑްރިންކް ދިސް… ” ޖުނެއިނާ އަމުރުވެރި ގޮތަކަށް ބުންޏެވެ. ޖެހި ބުދެއްހެން އެވްލީން ހުއްޓުން އަރާފައި އިންއިރު ހަރަކާތެއްވެސް ގެންނަން އެވްލީންއަކަށް ނޭގުނެވެ. އޭނަގެ ހުރިހާ ހިއްސެއް ގަނޑުވެފައިވާ ފަދަ އިހްސާސްތަކެއް އެވްލީންއަށް ކުރެވުނެވެ. ” ލީން… ” ޖުނެއިނާ އަޑަށް ބާރުލާފައި އެވްލީންއަށް ގޮވައިލުމުން އެވްލީން ސިހުނެވެ. ހިތް ބާރުބާރަށް ތެޅިލި ހިނދު އެވްލީންއަށް ޖުނެއިނާ ސިފަކުރެވުނީ ބިރުވެރި އިފުރީތެއްގެ ގޮތުގައެވެ. ” ޑްރިންކް ދިސް… ” ޖުނެއިނާ އާވި އަރައަރާހުރި ކޮފީތަށީގެ ތެރެއަށް އެވްލީންގެ އަތްތިލަ ކޮށްޕާލިއެވެ. ” އާހް… ” އެވްލީން އަވަސް އަވަހަށް އަތް ސަލާމަތް ކުރަމުން ޖުނެއިނާ ކޮއްޕާލައިފިއެވެ. އެފަދަކަމަކަށް ހުޝިޔާރަވެގެން ނެތުމުގެ ސަބަބުން ޖުނެއިނާ ވެއްޓުނެވެ. ކޮފީތަށި އޭނާ ލައިގެން ހުރި އަގުބޮޑު މެކްސީއަށް ވެރުމާއެކު ފުންމައިގެން އަރައި އެވްލީންގެ ކޯތާފަތްމައްޗަށް ޖުނެއިނާ އެތިފަހަރެއް ވީއްލައިލިއެވެ.
ދިލަ ނަގަމުންދިޔަ ހިސާބުގައި އަތް ފިރުމައިލަމުން އެވްލީން ދެފައިގެނެސް މޭގައި ޖައްސާލިއެވެ. ފަތަހައިގެ ހިނިތުންވުމަކާއެކު ޖުނެއިނާ ކޮޓަރިން ބޭރަށް ނިކުތެވެ. ފިޒާޔާ ބުނި ދުވަހަށް ވުރެ ކުރީން ބޭހުގެ އަސަރު ފެންނަން ފެށުމުން ޖުނެއިނާ ވަރަށް އުފާވިއެވެ. ޖުނެއިނާ ފިޒާޔާއަށް ގުޅާފައި ބޭހުގެ އަސަރު ފެންނަން ފަށައިފިކަމަށް ބުނުމުން ފިޒާޔާ ބުނީ އެވްލީންއަށް އިލެކްޓްރިކް ޝޮކް ދިނުމަށް މެންޓަލް އެސައިލަމްއަށް ވީހާވެސް އަވަހަކަށް ގެނައުމަށެވެ ، އަދި އޭނަ ބުނަންދެން ޑްރަގް ދިނުމަށްވެސް ޖުނެއިނާ ކައިރީގައި ފިޒާޔާ ބުންޏެވެ.
ވޭތުވެގެންދާ ކޮންމެ ދުވަހަކީ މިހާރު އެވްލީންއަށް ވޭން އުފުލަން ޖެހިފައިވާ ދުވަސްތަކަކަށް ވެއްޖެއެވެ. އިންޖެކްޝަންތަކުގެ ސަބަބުން އަތްވެސް ދުޅަވެފައި ވާއިރު ހަށިގަނޑުގައި އަޅާވޭނަށް ކެތްކުރަން އެވްލީންއަށް ދަތިވިއެވެ. ރިހާނީއާއި ޖުނެއިނާ ދޭ އިންޒާރުތަކުން އެވްލީންގެ ސިކުނޑި އެއްކޮށް ގޯސްވެގެން ދިޔައެވެ. އެވްލީން އެތައް ފަހަރަކު އަކިޔަސްގެ އެހީއަށް އެދި ގޮވިއެވެ. ރެއާއި ދުވާލު އެއަތުގެ ހިމާޔަތަށް އެދި އާދޭސް ކުރިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ އެވްލީން އަކިޔަސްއަށް އިންތިޒާރު ކުރިއެވެ. ނަމަވެސް އެދުވަހެއް ނައެވެ. ހިމޭން ކަރުނަ އޮއްސަމުންގޮސް އެދެލޯ ވަނީ ފާރުވެފައެވެ. ދަރިފުޅަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން މިފްޒާލްގެ ހިތަށްވަނީ އެތަށް ޒަހަމްތަކެއް ލިބިފައެވެ. މިފްޒާލް އަކިޔަސްއަށް އެވްލީން މޮޔަވިކަން އަންގަން އުޅުމުން ޖުނެއިނާ އެކަމާއި ދެކޮޅު ހެދިއެވެ. ބިލާލްމެނަށް ވެސް ނޭންގުމަށާއި އެހުރިހާކަމެއް ސިއްރެއްގެ ގޮތުގައި ބާއްވަން ޖުނެއިނާ އެދުނީ ހިތާމައިން ފުރިފައިވާ އަޑަކާއެކުގައެވެ. އެވްލީން އެފަދަ ހާލެއްގައި ވާތަން ދެކެން އަކިޔަސްއަށް ކެތްނުކުރެވޭނެ ކަމަށް ބުނެލިއިރު ޖުނެއިނާގެ ލޮލުން ކަރުނަ ފައިބައިގަތެވެ.
ޖުނެއިނާ މިއަދު އެވްލީން ގޮވައިގެން މެންޓަލް އެސައިލަމްއަށް އައީ މިފްޒާލްވެސް ގޮވައިގެންނެވެ. ޖުނެއިނާ މިފްޒާލް ކައިރީގައި ބުނެފައިވަނީ ފިޒާޔާއަކީ މަޅޮ ސައިކޮލޮޖިންޓެއް ކަމަށެވެ. ” ޕޭޝެންޓް ރަނގަޅު ވެދާނެ ފަރުވާ ދެވިއްޖެނަމަ… އަދި އެހާ ސީރިޔަސް ސްޓޭޖަކަށް ނުދޭ… ސޯ ވީ ނީޑް ޓު ޑޫ ސަމް ޓެސްޓް…. ” އެވްލީންގެ ބްރެއިން އެކްޓިވީޓި ބަލަން ބޭނުންވާ ވާހަކަ ފިޒާޔާ ބުމުން މިފްޒާލް ވަގުތުން އެކަމަށް ހުއްދަދިނެވެ. ނަމަވެސް އެކަމުގެ ސަބަބުން ދަރިފުޅުގެ ދިރިއުޅުން ވަޅުގަނޑެއްގެ ތެރެއަށް ވައްޓާލެވޭނެކަން މިފްޒާލްއަށް އެގުނުނަމަ އޭނަ އެއްބަސް ނުވީހެވެ.
ލެބޯޓްރީއަށް އެވްލީން ވެއްދުމާއެކު ޖުނެއިނާއާއި މިފްޒާލް ބޭރުގައި މަޑުކޮށްލުމަށް ނަރުސް ކުއްޖަކު ބުންޏެވެ. ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި ދެމަފިރިން އިށީންއިރު ޖުނެއިނާ އިރުއިރުކޮޅާ އެވްލީންގެ ވާހަކަ ދައްކާލާނެއެވެ. އެވްލީން ރަނގަޅު ނުވެއްޖެނަމަ ރާއްޖޭން ބޭރަށް ގެންދަންވެސް ޖުނެއިނާ ޚިޔާލު ދިނެވެ.
އެވްލީން ހައިރާންކަމާއެކު ލެބޯޓްރީއަށް ނަޒަރު ހިންގާލަމުން ކުރިއަށް ނުދާން ގަދަހެދިއެވެ. ” މިޖެހުނީ ކަންތަކާ… ” ފިޒާޔާ ތުންފިއްތާލަމުން ހަޅޭއްލަވައިގަތެވެ. އެވްލީން ފިޒާޔާއާ ދިމާއަށް ލޯއަޅާލަމުން ބާރަކަށް ފިޒާޔާގެ ކަރުގައި ހިފަހައްޓާލިއެވެ. ނަރުސް ކުދިންތަކެއް ދުވެފައި އައިސް އެވްލީން ދުރުކުރަން އުޅުމުން އެތެރެހަށީގައި އަނދަމުންދިޔަ ރުޅިގަނޑު ފަޅައިގެން ގޮސް އެވްލީން އަތަށް ލެވުނުހާ ބާރެއް ލައިގަތެވެ. ނަރުހަކު ހޭނައްތާ އިންޖަކްޝަނެއް ޖެހުމާއެކު އެވްލީން ހަށިގަނޑުން ވާގިދޫވިއެވެ. ފިޒާޔާ އެވްލީންގެ އަތް ފޮޅުވައިލަމުން އަވަސް އަވަހަށް ފެން ފޮދަކުން ކަރުތެރެ ތެތްމާލިއެވެ. ” ގިވް ދެޓް ބިޗް ދަ މެކްސިމަމް ރޭޓް އޮފް ޝޮކް… ” ރުންކުރު ރާގަކަށް ފިޒާޔާ ބުނުމާއެކު އެވްލީންއަށް ޝޮކް ދިނުމަށް ނަރުހުން އަވަސް ވެގަތެވެ.
” ޓެސްޓްތަކުގެ ފުލް އެނެލިސެސް ބޭނުންވާނެ ، ސޯ ފަސް ދުވަސް ނަގާނެ ރިޒަލްޓް ލިބެން… ” ފިޒާޔާ ލެބޯޓްރީން ބޭރަށް ނިކުންނަމުން ބާރު ބާރަށް ހިނގާލާފައި ގޮސް މިފްޒާލް މެންނާއި އަރާހަމަކުރިއެވެ. ” ފައިވް ޑޭއިސް ؟ ހާދަ ގިނަ ދުވަހެކޭ… ” ޖުނެއިނާ ބެންޗުން ތެދުވެލިއެވެ. ” އައި ނޯ ބަޓް މެންޓަލް އިލްސެން ޑަޔަގްނޯސް ކުރަން ނަގާނެ ގިނަ ދުވަސް.. ޓްރީޓްމެންޓަކަށް ވެސް ދެވޭނީ ރިޒަލްޓް ލިބުނީމަ… ” ފިޒާޔާގެ ވާހަކަތަކުން މިފްޒާލް މާޔޫސްވިއެވެ. ކުއްލިޔަކަށް ހުރެފައި އެވްލީން މޮޔަވުމުން މިފްޒާލްއަށް އަދިވެސް އެހަޤީޤަތް ޤަބޫލުކުރަން އުދަގޫ ވެއެވެ.
ޓެސްޓުތަކުގެ ނަތީޖާ ލިބުމާއެކު އެވްލީންއަށް ފަރުވާދޭން ފެއްޓިއެވެ. އެވްލީން މީހަކަށް އަނިޔާއެއް ދީފާނެ ކަމުގެ ބިރާއެކު ހިތާއި ދެކޮޅަށްވެސް މިފްޒާލްއަށް ޖެހުނީ އެވްލީން ކޮޓަރި ބޭރަށް ނިކުތުމުގެ ހުރިހާ ދޮރެއް ބަންދު ކުރާށެވެ. ބަންދު ކޮޓަރިއެއްގެ ތެރޭގައި ހުންނަން ޖެހެމުން އެވްލީންއަށް އިހްސާސް ކުރެވެމުން ދިޔައީ އެކަނިވެރިކަމެވެ. އިރުއޮއްސުމުން އެކޮޓަރި ތެރެއަށް ފެތުރިގެންދާ ކަނުއަނދިރިކަމަށް އެވްލީން މިހާރު ހޭނިއްޖެއެވެ. ކުރިން އަނދިރިކަންދެކެ ބިރުން އުޅުނަސް މިހާރު އެއީ އެވްލީންގެ ހިތާމައިގެ ބައިވެރިއެކެވެ. އެކަނިވެރިކަން ފިލުވާލަދޭ ”އިމޭޖިނެރީ ފްރެންޑް” އެވެ.
ޖުނެއިނާއާއި ރިހާނީއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައިވާއިރު އެމީހުންގެ މަޅީގައި ޖެހި މައުސޫމް ކުއްޖަކުގެ ދިރިއުޅުން ވަނީ ބަރުބާދު ވެފައެވެ. ފޮނި ހުވަފެން ތަކާއެކު އެވްލީން ފަށަން އުޅުނު ލޯބީގެ ހަޔާތުގައި ކުލަ ނުޖެހެނީސް ހުރިހާކަމެއް ބިރުވެރި ހުވަފެނަކަށް ބަދަލު ވެއްޖެއެވެ. އަކިޔަސްގެ ހަނދާންތައް ސިކުނޑިއަށް ވެރިވެގެންދާ ވަގުތުތަކުގައި އެވްލީން ވޭނީއަޑަކުން ހަޅޭއްލަވައިގަނެއެވެ. ނޫނީ ކޮޓަރީގައި ވާހާއެއްޗެއް ބިމާ ހަމަކޮށްލަމުން އެދެލޮލުން ނިމުމެއް ނުވާ ކަރުނަ އޮއްސައެވެ.
ކަޅު ފަރުދާތަކުން ފޮރުވާލެވިފައިވާ އުޑުގައި ވިދާ ބަބުޅުމުން ދިޔަ ތަރިތަކުގެ އަލިކަން މިރޭ އެހެނިހެން ރޭތަކަށްވުރެ ގަދަކަމަށް ދައްކައެވެ. އަލިމަހުގެ ދޫލައެއް ކަޅު ފަރުދާތަކުގެ މައްޗަށް އުކާލެވިފައިވާ ފަދައެވެ. އެވްލީން އަމިއްލަ ނަފްސާ ޝަކުވާތައް ކުރަމުން ކޮޓަރީގެ ކަނެއްގައި ދެފައި ގެނެސް މޭގައި ޖައްސާލައިގެން އިށީނެވެ. ތަރިތަކުގެ ފަނޑު އަލިކަމުގެ އެހީގައި ނަށަމުންދާ ހިޔަނިތަކާވެސް އެވްލީން ކުޅުނެވެ. ދޭތެރެއަކުން ބާރަށް ހީގަންނަމުން ނުފެންނަ މީހަކު ކައިރީގައި ރީތިދޯއޭ އަހާލައެވެ. އެވްލީން ޚިޔާލީ ދުނިޔެއެއްގައި ގެނބިފައި ވުމުން ނުފެންނަ ހުރިހާއެއްޗެއް އެވްލީންއަށް ފެންނަނީ ހަޤީޤަތެއްގެ ގޮތުގައެވެ. މިފްޒާލް އެވްލީންގެ ކޮޓަރިއަށް ވަންއިރު މިމަންޒަރު ފެނުމުން އެހިތުގައި ތޫނު ރިހުމެއް އުފައްދާލައިފިއެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅެފައިވެސް މިފްޒާލް އަވަސް އަވަހަށް ކޮޓަރިން ބޭރަށް ނިކުތެވެ. އެވްލީން އެހާލުގައި އުޅޭތަން ދެކެން އޭނައަށް ކެތްނުކުރެވޭނެއެވެ.
އެކުވެރިއެއްގެ އެނިވާސަރީ ޕާޓީއަކަށް ދައުވަތު ލިބިފައި ވުމުން ޖުނެއިނާއާއި މިފްޒާލް ދިޔައީ އެޕާޓީ އަށެވެ. ޖުނެއިނާ ދަމުން އެވްލީންއަށް އެއްވެސް ކަމެއް ނުކުރުމަށް ރިހާނީއަށް އަމުރުކުރިއެވެ. ނަމަވެސް ރިހާނީގެ ހިތުގައި އަނދަން ފަށާފައިވާ ހަސަދައިގެ ހުޅުގަނޑުގެ ސަބަބުން ރިހާނީ ބޭނުންވީ އެވްލީންއަށް ރަނގަޅު ފިލާވަޅެއް ދޭށެވެ. ޖުނެއިނާމެން ދިއުމުން ރިހާނީ ބާރަކަށް ހިނގާލާފައި ގޮސް އެވްލީންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކަނު އަނދިރިކަން ރަސްކަން ކުރަމުންއައި ކޮޓަރި ސިކުންތު ކޮޅެއްގެ ތެރޭގައި ހުދުއަލިން ފެންވެރުމާއެކު އެވްލީން ކަރުފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައި ގަތެވެ. ” ކާމް ޑައުން ސިސް… އަހަރެން މިއައީ ސިސްއަށް އެހީވެދޭށޭ… ކިޔާއާ ބައްދަލު ކުރަން ބޭނުންތަ ؟ ” ރިހާނީ ވިހަ ހިނިތުންވުމަކާއެކު ބުންޏެވެ ” ކޮ..ކޮބާ.. ކިޔާ ؟ ” އެވްލީން ރިހާނީ ކުރިމައްޗަށް ހުއްޓުމާއެކު ރީހަނީ ފަހަތައް ފިޔަވަޅެއް އަޅާލިއެވެ. މޮޔައަކަށް އިތުބާރު ކުރާނީ ކާކު ހެއްޔެވެ ؟ ” ޓެރެސްގަ… ” ރިހާނީ އެވްލީން ގޮވައިގެން ހިނގައިގަތީ ޓެރެސްއާ ދިމާއަށެވެ.
ޓެރެސްއަށް ނިކުންނަން ހުންނަ ބިއްލޫރި ދޮރުފަތް ކަހާލުމަށްފަހު ރިހާނީ އެވްލީން އާއެކު ޓެރެސްއަށް ނިކުތެވެ. އެވަގުތު ޖެހިލި ފިނި ވައިރޯޅި ތަކާއެކު އެވްލީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފަދަ ވައިރޯޅިއެއްގެ އަރާމް ނުލިބޭތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ، އެވްލީން ދެއަތް ޖޯޑުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. މާމެލާމެލީގެ މީރުވަސް މުޅިހިސާބަށް ފެތުރިފައި ވުމުން ހިތްތައް ބަންޑުންކޮށްލާހާ ވެއެވެ. ރިހާނީ ޓެރެސް ވަށާ ރާނާފައިވާ ފާރު ކައިރިއަށް ހުއްޓިލަމުން އޯކިޑް މާތަކުގައި ފިރުމާލިއެވެ. ” ދޮގު ހެދީދޯ ؟ ކިޔާ ނެތް ފެންނާކަށް… ” އެވްލީން ޓެރެސްއަށް ނަޒަރު ހިންގާލަމުން ބުނެލައިފިއެވެ. ރިހާނީ އެވްލީންއާއި ދިމާއަށް ކަޅިއަޅާލަމުން ބުމަގޮށްޖަހާލިއެވެ.
” އަހަރެން ކަލޭ މިތަނަށް ގެނައީ ކިޔާއާ ބައްދަލު ކުރުވާކަށް ނޫން…. އައި ބްރޯޓް ޔޫ ހިޔާރ ޓު ކިލް ޔޫ… ” ރިހާނީ ރުޅިވެރި ރާގެއްގައި ބުނެލަމުން އެވްލީން ފަހަތަށް ކޮއްޕާލިއެވެ. އެވްލީން ދިޔަބާރުމިނުގައި ގޮސް ކައިރީގައި ހުރި ބޮޑު ޕޮޓެއްގައި ޖެހުނެވެ. ބުރަކަށީގައި އުފެދުނު ރިހުމާއެކު އެވްލީންއަށް ހަރަކާތެއް ވެސް ނުގެނެވުނެވެ. ” އަހަރެން އަތުން ކިޔާ ފޭރިގަތީމަ ހީކުރީ ދޯ އަހަރެން ކަލެއަށް އުފަލުގައި ދިރިއުޅުމުގެ ފުރުސަތު ދީފާނެކަމަށް… ނޯ ވެއިސް ބިޗް… ” ރިހާނީ އެވްލީންއާއި އަރާހަމަކުރަމުން ބުނެލިއެވެ. އެވްލީން އަވަސް އަވަހަށް ރިހާނީއާއި ދުރަށް ޖެހިލަމުން ދުއްވައިގަތެވެ. ނަމަވެސް ރިހާނީ މާ ހުޝިޔާރެވެ. އޭނަ ދެވަނަ ފަރަށް އެވްލީން ކޮއްޕާލިއެވެ. އެވްލީން އަރިއަޅާލުމަށްފަހު ޓެރެސްއިން ވެއްޓުނު ވަގުތު އެވްލީންއަށް ހަޅޭއްލަވައި ގަނެވުނީ ބާރަކަށެވެ. ރިހާނީ ބިމަށް ނަޒަރު ހިންގާލުމާއެކު މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. ” އޯ މައި ގޯޑް އައި ކިލްޑް ހާރ… ” ރިހާނީ ދެއަަތުން ބޮލުގައި ހިފަހައްޓާލިއެވެ.
ރިހާނީ ނައީފްއަށް ގުޅައިލަމުން އަވަހަށް ވުޑްލޭންޑަށް އައުމަށް ބުނެލިއެވެ. ނައީފް އައުމުން ރިހާނީ ހުރިހާކަމެއް ހިނގައިދިޔަ ގޮތް ކިޔައިދިން އިރު ރިހާނީގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ނައީފް އެއީ އެއްވެސް ކަމެއް ނޫނޭ ބުނެލަމުން އެމްބިޔުލާންސަށް ގުޅައިފިއެވެ. އެމްބިއުލާސް އައި ވަގުތަކީ ޖުނެއިނާއާއި މިފްޒާލްވެސް ގެއަށް އައި ވަގުތެވެ. ބައްޕައަށް ހަޤީޤަތް ބޭޒާރު ވެދާނެތީ ރިހާނީ ބިރުން ހުރިވަރުން އަނގައިން ލަފްޒެއްވެސް ބޭރުކޮށް ނުލެވުނެވެ.
އެވްލީން އެމްބިއުލާންސަށް އެރުވުމާއެކު ޖުނެއިނާ ރިހާނީގެ އަތުގައި ހިފަހައްޓާލުމަށްފަހު ދަމަމުން ކަހަލަގޮތަކަށް އެތެރެއަށް ވަނެވެ. ” ރިނީ . ވަޓް ދަ ހެލް ޑިޑް ޔޫ ޑޫ ؟ ” ޖުނެއިނާ ދަތްކުޑިވިކައިލިއެވެ. ” މޯމް އަހަރެން ލީން މަރާލާކަށް ނޫން އުޅުނީ… އަމައެކަނި ބިރުދައްކާލަން އަހަރެން ބޭނުންވީ… އައި ސްވެއާރ މޯމް… ” ރިހާނީ ނިޔަފަތް ތަކުގައި ދަތް އަޅައިލިއެވެ.
ދިހަ ގަޑިއިރުގެ ދިގު އޮޕޮރޭޝަނަކަށްފަހު އެވްލީންގެ ފުރާން ސަލާމަތްކުރެވުނު ކަމުގައި ވިޔަސް، އެވްލީން ކޯމާއަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް އެވްލީންއަށް ފަރުވާދިން ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ﷲގެ އިރާދަފުޅާއެކު އެވްލީން މަޑުމަޑުން ރަނގަޅު ވަމުން ދިޔައެވެ. ސިކުނޑިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެވްލީން ކުރީގެ ހުރިހާކަމެއް ހަނދާން ނެތުން ވެގެން ދިޔައީ ޖުނެއިނާއާއި ރިހާނީއަށް ލިބުނު ބޮޑު އުފަލަކަށެވެ.
ޓެރެސް އިން ވެއްޓުނު ހާދިސާއަށްފަހު އެވްލީން އެއްކޮށް ސަކަރާތްވުމުން މިފްޒާލް ނިންމީ އެވްލީން ގޮވައިގެން އެމެރިކާއަށް ދިއުމަށެވެ. މިފްޒާލްއާއެކު ޖުނެއިނާ ވެސް ދިޔައިރު ރިހާނީ ބަހަނާއެއް ދައްކާލުމަށްފަހު މާލޭގައި މަޑުކުރިއެވެ.
އެކުވެރިން ތަކަކާއެކު ބޭރަށްދާން ތައްޔާރުވެލައިގެން ރިހާނީ ކޮޓަރިން ނިކުތް ވަގުތު ސިޓިންގް ރޫމް ސޯފާގައި އިށީންދެލައިގެން އިން އަކިޔަސް ފެނުމާއެކު ރިހާނީގެ ފިޔަވަޅުތައް ގަނޑުވިއެވެ. ހިތުގެ ތެޅުން އަވަސްވި ހިނދު ފިނިވެފައިވާ ދެއަތް ރިހާނީ ޖޯޑުކޮށްލިއެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ގަމީހުގެ އަތުކުރި އޮޅާލާފައި ވުމުން އަކިޔަސް ހީވަނީ މޮޑެލްއެއް ހެންނެވެ. ރިހާނީ ހިތާހިތުން އަކިޔަސްގެ ރީތިކަމަށް ތައުރީފް ކުރަމުން ލަސްފިޔަވަޅު ތަކެއްގައި ސޯފާއާއި އަރާހަމަކުރިއެވެ. ” ރިނީ… ވެއާރ އިސް ލީން ؟ ” އަކިޔަސް ރިހާނީއަށް ބަލައިލަމުން ސުވާލު ކުރިއެވެ. އަކިޔަސްގެ ސުވާލާއެކު ރިހާނީ އަނގަޔަށް ނުބައި ވައްތަރެއް ޖައްސާލިއެވެ. ” ސިސްވީ އެމެރިކާގައި… އެންޑް ސިސް ކިޔާއަށް ދޭށޯ ކިޔާފަ ދިން ލެޓާރއެއް އަހަރެން އަތުގަ އެބައޮތް…. ވެއިޓް ހިޔާރ… ” ވިހަ ހިނިތުންވުމަކާއެކު ރިހާނީ ކޮޓަރިއަށް ވަންތާ ދެ މިނެޓްވެސް ނުވަނީސް އައީ ސިޓީއެއް ހިފައިގެންނެވެ.
އަކިޔަސް އެސިޓީ ކިޔާނިމުނު އިރު މުޅި މީހާ ރުޅިއައިސް ރަތްވެގެން ދިޔައެވެ. އެވްލީންއަށް ދެވަނަ ފުރުސަތެއް ދިނުމާމެދު ވިސްނުނީތީވެސް އޭނަ އަމިއްލަ ނަފްސަށް މަލާމާތް ކުރިއެވެ. އެވްލީން ދެކެ ލޯބި ވެވުނީ އޭނަގެ މޮޔަކަމުންނެވެ. ކުރިން ވިސްނާލިނަމަ އެވްލީންގެ ހަޤީޤަތް އޭނައަށް އެނގުނީހެވެ. އެވްލީން އޭނައަށް މިދިނީ ބޮޑު ކެއްސެކެވެ. ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެފަދަ ވޭންތަކެއް އެވްލީން އެހިތަށް ދީފިއެވެ. އަކިޔަސް ކިތަންމެ ރުޅިއައި ކަމުގައި ވިޔަސް ހިތަށް ތޫނު ތަދެއް އަރާފައި ހުއްޓެވެ. އެސީޓީގައިވާ ކޮންމެ ލަފްޒެއް ވެގެންދިޔައީ ޒަހަރަކަށެވެ.
ސިޓީގައި ސާފު އިބާރާތުން އެވްލީން އަކިޔަސްއާއި ރައްޓެހިވީ ނައީފްއާއި އެވްލީންއާއި ދެމެދު މައްސަލަ ޖެހިގެން ކަމަށާއި އޭނަ ދުވަހަކުވެސް އަކިޔަސް ދެކެ ލޯބި ނުވާކަމަށް ލިޔެފައި ވެއެވެ. އަކިޔަސް ކޮޓަރީގައި އެންވެލޯޕް ވެސް ބޭއްވީ އެވްލީންކަމަށް ސިޓީގައި ވެއެވެ. އަކިޔަސް ސިޓީ ބޮނޑިކޮށްލަމުން ދެލޯމަރާލައިފިއެވެ. ރިހާނީ ފުރުސަތުގެ ބޭނުން ހިފަމުން އަކިޔަސްއާއި ނުހަނު ކައިރިވެލިއެވެ.
އަކިޔަސްއާއި ރިހާނީގެ ކައިވެނި ކުރެވިގެން ދިއައީ ޒަރާގެ އެދުމުގެ މަތީން ލަންޑަންގައެވެ. އެވްލީންގެ ސަބަބުން ދަރިފުޅުގެ ހިތަށް ލިބިފައިވާ ޒަހަމްތަކަށް ޝީފާ ހޯދަދޭން އެއަށްވުރެ ރަނގަޅު ގޮތެއް ޒަރާއަކަށް ނުފެނުނެވެ. މަންމަގެ އެދުމުގައި ކޮޅުފައިން ޖަހަން ބޭނުން ނުވާތީ އަކިޔަސް ރިހާނީއާއި ކައިވެނި ކުރީ ހިތާއި ދެކޮޅަށެވެ. މިފްޒާލް ރިހާނީމެންގެ ކައިވެންޏަށް ލަންޑަނަށް ދިޔައިރު ޖުނެއިނާއަށް ޖެހުނީ އެވްލީންއާއެކު އެމެރިކާގައި މަޑުކުރާށެވެ. ކިތަންމެ ރުޅިއައި ކަމުގައި ވިޔަސް ޖުނެއިނާއަށް ޖެހުނީ ހަޖަމުކޮށްލައިގެން ހުންނާށެވެ. ޒަރާ ކިތަންމެ ވަރަކަށް އެވްލީންއާއި ބެހޭގޮތުން ސުވާލު ކުރަން އުޅުނު ކަމުގައި ވިޔަސް އަކިޔަސްގެ ހިތަށް އިތުރު ވޭން ލިބުން ނޫންކަމެއް ނުވާނެތީ ޒަރާ އިނީ ހިމޭނުންނެވެ.
*****
” ކިޔާ… ” އަކިޔަސް މާޒީގެ ދުވަސްތަކުން ހޭލައްވާލީ ރިހާނީ އަކިޔަސް އަތުގައި ހިފަހައްޓާލުމުން އޭނައަށް ގޮވާލުމުންނެވެ. އަކިޔަސް ދެފަރާތަށް ބޯހުރައިލަމުން ފުންނޭވާތަކެއް ބޭރުކޮށްލައިފިއެވެ. ގަނޑުފެންކޮޅެއްފަދަ ރިހާނީގެ އަތްތިލައިގެ ސަބަބުން އެހަށިގަނޑުގެ ނާރުތަކުގައި ދައުރުވަމުން ދިޔަ ލޭވެސް ވަނީ އަވަސްކޮށްލާފައެވެ. އަކިޔަސް ރިހާނީއާއި ދިމާއަށް ނަޒަރު ހިންގާލުމުން ފައިން ވާގިދޫވެގެން ދިޔަހެން ރިހާނީއަށް އިހްސާސްވިއެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރޭން ރިހާނީ ފެންނަމުން ދިޔަ ގޮތް ނުހަނު ރީއްޗެވެ. ” ކިޔާ މިރޭ ޑިނާވެސް ނުކޮށް ތިހުރީ… ލެޓްސް ގޯ އެންޑް އީޓް ސަމްތިންގް… ” އަކިޔަސް ދެލޮލުގައިވާ ވިދުވަރުތަކުން ރީހާނީއަށް ގިނައިރު ވަންދެން އެދެލޮލަށް ބަލަހައްޓައިގެން ހުންނަން އުދަގޫވިއެވެ. އަކިޔަސް ބާރަކަށް ހިގާލާފައި ގޮސް ފާޚަނާއަށް ވަނުމުން ރިހާނީ ހިނގައިގަތީ ޑައިނިންގް ރޫމްއާއި ދިމާއަށެވެ.
ކޮޓަރީގެ ހުރިހާ ދިމާލެއްގައި ނަށަމުން ދިޔަ އުށްބައްތިތަކުގެ ހުޅުކޮޅުތަކާ ކުޅެލަމުން އެވްލީން ކޮޓަރިއަށް ފުން ނަޒަރެއް ހިންގާލިއެވެ. މިނިވަންކަމާއެކު އުށްބައްތީގެ ހުޅުކޮޅުތައް ފަޒާގެ ތެރޭގައި ވިހުރެމުން ދިޔައިރު ލުއި މީރުވަހަކުން ކޮޓަރިވަނީ އެއްވަސްކޮށްލާފައެވެ. ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދިޔަ އޮރެނެޖް ކުލައިގެ ފަނޑު އަލީގެ ސަބަބުން ހިއްސުތަކުގައި އަލިފާން ރޯކޮށްލާހާ ވެއެވެ. އެވްލީން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމުން އެދޮން ކަނދުރާއަށް އިސްތަށިކޮޅުތައް ފައިބައިގަތް އިރުހީވީ ޕަރީއެއްގެ ރީތިކަން ހާމަވިހެންނެވެ. ފިޔާތޮށި ކުލައިގެ ދިގު ނިދާހެދުން އެހަށިގަނޑާއި ނުހަނު ގުޅޭއިރު ނިދާހެދުމުގެ ފަސްބައި ވަނީ ދޫލައެއްހެން ކާރޕެޓް މައްޗަށް ފެތުރިފައެވެ.
އެވްލީން ކުޑަދޮރުތައް ހުޅުވާލުމާއެކު އެއްވެސް ހުރަހެއްނެތި ވަން ވައިރޯޅިތަކާ އުށްބައްތީގެ ހުޅުކޮޅުތައް ހަނގުރާމަ ކޮށްލައިފިއެވެ. ފިނި ވައިރޯޅިތަކާއެކު ހަށިގަނޑުގައި ލޭދައުރުވުން ވެސް ހުއްޓިދާނެހެން އިހްސާސް ވުމާއެކު އެވްލީން އަވަސް އަވަހަށް ކުޑަދޮރު ލައްޕާލިއެވެ. ހަށަން ބަނދެލުމަށްފަހު އެވްލީން ކައިރީގައި ހުރި ކޭންޑްލް ހޯލްޑާއާއި ކުޅެލިއެވެ. ކުއްލިޔަކަށް ކޮޓަރީގެ ދޮރު ހުޅުވުމާއެކު އެވްލީން ސިހޭގޮތް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެތުންފަތުގައި ހިނިތުންވުމެއް ކުޅެލީ ކޮޓަރިއަށް ވަނީ އޭނަގެ ޒަވީންކަން އެގުމުންނެވެ. ” ލީން ހާދަ ސެކްސީއޭ މިރޭ.. ރޫމް ވެސް ހާދަ ރޮމޭންޓިކް ކޮށްލާފަ މިހުރީ… އެނީތިންގް ސްޕެޝަލް… ” ޒަވީން ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އައިސް އެވްލީން ކުރިމައްޗަށް ހުއްޓުނެވެ. ” ނަތިންގް ސްޕެޝަލް… ޒޭވް މަތިން ހާދަ މިސްވިޔޭ… ގުޅާނަމޭ ބުނެފަ ނުވެސް ގުޅަމެއްނު. ފޫހިވެގެން ގޮސް މަރުނުވީ ކިރިޔާ ، ދެން އަލަމާރި ހާވަމުން ދަނިކޮށް ކޭންޑްލްސް ފެނުނީމަ ހިތަށް އެރީ ރޫމް ޑިކަރޭޓް ކޮށްލާނިއްޔޭ… ” އެވްލީން ޒަވީންގެ ބައިމަތިފުޅާ ހަށިގަނޑުގައި ބައްދާލުމާއެކު އެހަށިގަނޑުން ދުވި މީރުވަހުންވެސް އެވްލީންގެ ހިއްސުތަކާއި ކުޅެލައިފިއެވެ. ” ސޮރީ ލީން… މިއަދު ކުޑަ ރިސާޗެއްގަ އުޅުނީމަ ވަގުތެއްނުވި… ދެން އެހެން ނުވާނެ އިނގޭ މައި ލަވް… ” ޒަވީން އެވްލީންގެ ކޯތާފަތުގައި ފިރުމާލަމުން ބޮސްދިނެވެ. ހަށިގަނޑުގައި އުފެދުނު ހީލިކެރުވުމާއެކު އެވްލީންގެ ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ.
ދެޒުވާނުންގެ ހިތުގައިވެސް އުސްރާޅުތައް ނަގާ ބިންދާލި ހިނދު ދެޖިސްމުގައި ރޯވާންފެށި ހުޅުގަނޑު ފަޅައިގެންގޮސް ހިތުގެ ތެޅުން ހަލަބޮލި ކޮށްލައިފިއެވެ. ކޮޓަރިއަށް ފެތުރިފައިވާ އިޝްގީ އޮޔަވަރުގެ ސަބަބުންވެސް ހަށިގަނޑުގެ ނާރުތައް ވާންކޮށްލައި ލޭގެ ހިނގުން އަވަސް ކޮށްލައިފިއެވެ. ޒަވީން ، އެވްލީން އަތްދަނޑި މައްޗައް އުފުއްލާލުމާއެކު އެވްލީންއަށް ބަލަހައްޓައިގެން އޮވެވުނީ ޒަވީންގެ ރީތި މޫނަށެވެ. އެދެލޮލަށް ހުޅުކޮޅުތަކުގެ ފަނޑުއަލި އެޅިފައި ވުމުން އާޝޯހުވާނެހާ ފުރިހަމައެވެ. އެވްލީން އެނދުމަތީގައި ބާއްވަމުން ޒަވީން އެވްލީންގެ މަޑު ތުންފަތުގެ މީރުކަން ހާސިލުކޮށްލިއެވެ.
ޒަވީން އޭނަ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނެއްޓުމާއެކު ހާމަވެގެންދިޔަ އެފިރިހެންވަންތަ ހަށިގަނޑުގައި އެވްލީން ބޮސްދިނެވެ. އެވްލީން މޫނަށް ފައިބާފައިވާ އިސްތަށިކޮޅުތައް އެއްކައިރި ކޮށްލުމަށްފަހު ޒަވީން އެދޮން ކަނދުރާގައި ތުންފަތް ޖައްސާލުމާއެކު ، ހަށިގަނޑުގައި ދުވެލި ކަރަންޓް ރާޅުބާނީ ތަކުގެ ސަބަބުން އެވްލީންއަށް ދެލޯ މަރާލެވުނީ ބޭއިހްތިޔާރުގައެވެ. އުށްބައްތީގެ ހުޅުކޮޅުތަކާއެކު ކޮޓަރިއަށް ފެތުރިފައިވާ ދެޒުވާނުންގެ ހިޔަނިތައް އެކުވެގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ.
ފަތިސް ނަމާދަން ބަންގި ގޮވުމުގެ ކުރިން ދެމަފިރީން ސައިބޯނި ބޮކިތަކުން ފުރާލާފައިވާ ބިލިނގާ ތެރޭގައި ލޯންގް ބާތްއެއް ނެގިއިރު ދެހިތް ވަނީ ދުވަހަކުވެސް މޮހެނުލެވޭނެފަދަ ގޮށަކުން ބަނދެވިފައެވެ. ޒަވީން ދޭތެރެއަކުން ކޮށްލާ ގޯނާތަކުން އެވްލީން ބާރަކަށް ހީގަންނައިރު އެއަޑު ފާޚަނާ ތެރޭގައި ގުގުމާލަނީ ރީތި މިޔުޒިކެއް ހެންނެވެ. ” ލީން… ބޭބީއެއް ލިބިއްޖެނަމަ އަހަރުމެންގެ ފެމިލީ ކޮމްޕްލީޓް ވާނެދޯ ؟ ” ޖަންބުކުލަ އަރާފައިވާ އެވްލީން ކޯތާފަތުން ތިރިއަށް ފައިބަން ފަށާފައިވާ ފެންތިކިތަކުގެ ރަހަ ޒަވީން ބަލާލައިފިއެވެ. އެވްލީން ދެލޯމަރާ ބާރުކޮށްލަމުން މިހާރުއްސުރެ ކުއްޖަކަށް ކިޔާނެ ނަމެއްވެސް ހޯދާފައިވާކަމަށް ބުންޏެވެ. ޒަވީން ކޮންނަމެއްތޯ ސުވާލު ކުރުމުން އެވްލީން ބުނީ ﷲގެ އިރާދަފުޅާއެކު ކުއްޖަކު ލިބުމުގެ ނަސީބު ލިބިއްޖެނަމަ ބުނާނެ ކަމަށެވެ.
* * *
ޒަވީން އުނަގަނޑުން ތިރިއަށް ތުވާލި އައްސާލައިގެން ފާޚަނާއިން ނިކުތް އިރު ، އެވްލީން އެނދުގައި އިށީންދެލައިގެން ހާމަވެފައިވާ އެދޮންފައިގައި ލޯޝަން ލުމުގައި އުޅެއެވެ. ނޫ ކުލައިގެ ކުރު ސޯޓަކާއި ހުދުކުލައިގެ ޓޮޕް ކޮޅެއްގައި ހުރިއިރު އެހަށިގަނޑުގެ ވަނާތައް ހާމަވެފައި ވުމުން ހާދަ ފުރިހަމައެވެ. ޒަވީން ސޯޓެއް ލައިގެން ގޮސް އެނދުގައި އިށީނުމާއެކު އެވްލީން ސިހޭގޮތްވިއެވެ. ” ޒޭވް… ” އެވްލީން ހާސްކަން ފޮރުވަމުން ހަށަން ބަނދެލައިފިއެވެ. ” ޕައި ހާދަ ވަރަކަށް ބިރުގަންނަނީ… ތިވަރުން ހޮރޯ ފިލްމެއްވެސް ނުބެލޭނެ… ” ޒަވީން އެނދުގައި އޮށޯތުމާއެކު އެވްލީން އެތަނަވަސް މޭމަތީގައި މޫނު ފޮރުވާލިއެވެ. ޒަވީންގެ ހަށިގަނޑުގައި އަބަދުވެސް ހިފާފައި ހުންނަ ސެންޓް ވަސް ނޭފަތުގައި ޖެހުމާއެކު އެވްލީން އެތެރެއަށް ނޭފަތް ދަމައިލަމުން ކުރިއަށްވުރެ ބޮޑަށް ޒަވީންއާއި ކައިރިވެލިއެވެ. ޒަވީން އެބާރުގަދަ ދެއަތުން އެވްލީން ވަށައިލަމުން އެވްލީންއަށް ހީވީ އަރާމު ދާނެއްގެ މަތީގައި އޮވެވުނުހެންނެވެ.
ހެނދުނު އެވްލީންއަށް ހޭލެވުނީ ނުވައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އެވްލީން އަވަސް އަވަހަށް ތާޒާ ވެލައިގެން ފާޚަނާއިން ނިކުތް އިރު ފުންނިންޖެއްގައި އޮތް ޒަވީން ފެނުމާއެކު އުނދަގުލެއް ކޮށްލަން އުޅެފައިވެސް އެވްލީން ޚިޔާލު ބަދަލު ވިއެވެ. ރޭ ފަތިސް ނަމާދަށް ފަހު ހޮސްޕިޓަލުން ހަވާލު ކުރި މަސައްކަތެއް ނިންމަން ޖެހުމުން ޒަވީން ވަރުބަލި ވެފައި ހުންނާނެ ވަރު އެވްލީންއަށް އަންދާޒާ ކުރެވުނީއެވެ. ލުއި ފިޔަވަޅު ތަކެއްގައި އެވްލީން ކޮޓަރިން ނިކުންނަމުން ޒަވީންއަށް ބަލާލައިފިއެވެ.
އެވްލީން ޑައިނިން ރޫމްއާއި ދިމާއަށް ހިނގައިގަތް ވަގުތު މީހަކު ފުރަގަހުން އައިސް އޭނަ ދަމަމުން ކަހަލަ ގޮތަކަށް ގޮސް ކޮރިޑޯގައި ހުރި ކޮޓަރިއަކަށް ވެއްދުމުން އެވްލީން ބިރުންގޮސް ހަލާކުވާވަރު ވިއެވެ. އަކިޔަސް ބާރަކަށް ދޮރުލެއްޕުމުން އެވްލީން އަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. ބިރުން ގޮސް ހިތުގެ ތެޅުން އަވަސްވި ހިނދު އެވްލީންއަށް ނޭވާލަންވެސް ދަތިވިއެވެ. ދާތިކިތަކުން އެމޫނު ފެންވެރިގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. ” ރިލޭކްސް… އަރަހެން ނޫޅެން ލީން ރޭޕްކުރާކަށް… ” އަކިޔަސް ޖިންސް ޖީބަށް އަތްޖަހާލަމުން ވާހަކަ ދެއްކިއެވެ. އެވްލީން ތުންފަތުގައި ބާރަކަށް ދަތް އަޅައިލަމުން ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. ނަމަވެސް އަކިޔަސް ކުރި ބެއްދެމުން އެވްލީން ރުޅި އަންނަ ގޮތްވިއެވެ. ” އަކިޔަސް ! ލެޓް މީ ގޯ… ” ދެލޯ ހަނިކޮށްލަމުން އެވްލީން ރުޅިވެރި ރާގަކަށް ބުނެލައިފިއެވެ. އޭރުވެސް އެހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ” އަހަރެން ނޫޅެން ލީންއަށް ކަމެއް ކުރާކަށް… ޖަސްޓް ވޯންޓު އާސްކް ސަމް ތިންގް … ” އަކިޔަސް ފަރުވާކުޑަ ގޮތަކަށް ސޯފާގައި އިށީނެވެ. އެވްލީން ފުރުސަތުގެ ބޭނުން ހިފަމުން އަވަސް އަވަހަށް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ” އަހަރެން ދައްކަން މިއުޅޭ ވާހަކަ ނުނިމެނީސް މިކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނެ !… ” އަކިޔަސް އަޑަށް ހަރުކަށިކަން ގެންނަމުން ބުނެލިއެވެ. އަކިޔަސް އެހިތުގައި އުފެދިފައިވާ ސުވާލު ތަކުގެ ޖަވާބު ބޭނުމެވެ. އޭނައާއި އެވްލީން ވަކިވުމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް އެބައުޅޭކަން އޭނަގެ ހަވަނަ ހިއްސު ބުނަމުން އެބަދެއެވެ. ކިތަންމެ ވަރަކަށް ޤަބޫލުކުރަން ބޭނުން ނުވިޔަސް އޭނައަށް ފެނިފައިވާ ހެކިތަކުގެ ސަބަބުން އެވްލީން ކުރިން މޮޔަވިކަން އަކިޔަސްއަށް މިވަނީ ޤަބޫލުރަން ޖެހިފައެވެ.
” އަހަރެން ބޭނުމެއްނޫން ބޭކާރު މީހަކު ކުރާ ސުވާލަށް ޖަވާބު ދޭން… ” ކުޑަކޮށް ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލިކަމުގައި ވިޔަސް އެވްލީން އަކިޔަސް ކުރިމަތީގައި ހިތްވަރު ދޫކުރާކަށް ބޭނުމެއް ނޫނެވެ.
އެވްލީންގެ ޖުމްލަ އަޑުއިވުމާއެކު އަކިޔަސް ސޯފާއިން ތެދުވެލަމުން އެވްލީން އަތުގައި ބާރަކަށް ހިފައިލަމުން އޭނައާއި ދިމާއަށް އަނބުރާލިއެވެ. އެވްލީން އަކިޔަސްގެ އަތްފޮޅުވާލަން އުޅުމުން އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ. ކުއްލިޔަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ވަން ރިހާނީ ފެނުމުން އެވްލީން އަތަށް ލެވުނުހާ ބާރަކާއެކު އަތް މިނިވަން ކުރަން މަސައްކަތް ކުރިއެވެ. ” އަހަންނަށް ކުރިންވެސް އެނގުނޭ ކިޔާ އޮފީހަކަށް ނޫންކަން ދިޔައީ… އޮފީހަށޭ ކިޔާފަ އެވްލީންއާ ބައްދަލުކުރަން ތިއައީ…. ދެޓް ޓޫ އިންއަ ލޮކްޑް ރޫމް.. ” ރިހާނީ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ބާރަކަށް ރޮއިގަތެވެ. އޭނަގެ އުފާތަކުގައި އެވްލީން ހުޅު ރޯކުރަން އުޅޭކަމަށާއި އޭނައާއި އަކިޔަސްއާ ދެމެދު މައްސަލަ ޖައްސަންވެސް އުޅޭކަމަށް ބުނެފައި ރިހާނީ ސޯފާއަށް ވެއްޓިގަތެވެ. އަކިޔަސް އޭނައަށް އެއްގޮތަކަށްވެސް އިތުބާރު ނުކުރާކަމަށާއި އެވްލީންގެ އަވާގައި ޖެހި އޭނައާ މެދު ގޯސްކޮށް ކަންތައް ކުރާ ކަމަށްބުނެ ޒަރާމެން އައުމުން ޝަކުވާވެސް ކުރަން ފެއްޓިއެވެ. ޒަރާ ޤަބޫލުކުރަން ދަތި ނަޒަރަކުން އެވްލީންއަށް ބަަލއިލަމުން ކަޅިއަޅާލިއެވެ.
އެވްލީން ހުރީ ބަހެއްވެސް ބުނަން ނުކެރިފައެވެ. އަކިޔަސް ރިހާނީއާއި ދިމާއަށް އެއްޗެއް ބުނަން އުޅެފައި މަސްލަހަތަށްޓަކައި ނުބުނެ މަޑުކޮށްލައިފިއެވެ. ދަތްކުޑި ވިކާލައިގެން އަކިޔަސް ހުރިއިރު މުއްކެވިފައިވާ އަތްތިލަ އަކިޔަސް ޖިންސް ޖީބަށް ޖަހާލިއެވެ. ގޭތެރޭގައި އަޑުގަދަ ވުމުގެ ސަބަބުން ޒަވީން މޫނު ދޮވެލުމަށްފަހު ޓީޝާޓް ބޮލުން ވައްޓާލައިގެން ތިރިއަށް ފޭބި އިރު، ރޮމުން ދިޔަ އެވްލީން ފެނުމާއެކު ޒަވީން ބާރު ބާރަށް ހިނގާލާފައި ގޮސް އެވްލީންއާއި އަރާހަމަކުރިއެވެ.
ޒަވީން ފެނުމާއެކު އެވްލީން ޒަވީން ގައިގައި ބައްދާލަމުން ރޯންފެށިއެވެ. އެވްލީން ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަ ތިކިތަކުން ޓީޝާޓް ތެމެން ފެށުމާއެކު ޒަވީން ކަންބޮޑުވިއެވެ. ބޮޑުކަމެއް ނުވަނީސް އެވްލީން ނުރޯނެކަން އޭނައަށް ރަގަޅަށް އިނގެއެވެ. ” ލީން ވަޓް ހެޕެންޑް… ” އެވްލީން ލޮލަށް ޖަމާވެފައިވާ ކަރުނަ ތިކިތައް ޒަވީން ފޮހެލަ ދިނެވެ. އެވްލީން ޒަވީން ކުރި ސުވާލަށް ޖަވާބު ދޭން ބޭނުންވިނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ދުލުގައި ނުފެންނަ އަތަކުން ހިފަހައްޓާފައިވާ ފަދައެވެ. ރިހާނީ އޭނަގެ އުފާވެރި ހަޔާތް ބަރުބާދުކުރަން އުޅޭހެންވެސް އެވްލީންއަށް ހީވިއެވެ. ހިތް ނޭގޭ ބިރުވެރި ކަމަކުން ވަށާލުމުން އެވްލީންއަށް ގިސްލެވުނެވެ. ” ލީންއަށް ވާހަކަ ދެއްކޭނެ ހެނެއް ހިޔެއްނުވޭ… ޑްރާމަ ކުއީންއެއް ވިއްޔާ… އަހަރެން ޒޭވްއަށް ހުރިހާ އެއްޗެއް ކިޔައި ދީފާނަން… އައި ސޯ ލީން ވިތް ކިޔާ އިންއަ ލޮކްޑް ރޫމް… ލީން އުޅެނީ ކިޔާ ފަހަތުން އަޅުވާލި ގޮތަށް ނެއްޓެން ނޭގިގެން… ” ރިހާނީ ކަރުނަ ފޮހެލަމުން އަނގަޔަށް ހުތުރު ވައްތަރެއް ޖައްސާލިއެވެ.
” ރިހާނީ ! ” އަކިޔަސްގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމާއެކު އޭނަ ބާރުގަދަ އެތިފަރެއް ރިހާނީގެ ކޯތާފަތްމައްޗަށް ވީއްލާލައިފިއެވެ. މުޅި އެހިސާބުގައި އެއަޑު ގުގުމާލި ހިނދު ރިހާނީއަށް ހީވީ ކަންފަތް ފަޅައިގެން ދިޔަހެންނެވެ. މޫނުމަތިން ކުދި ކޮކާތައް ބުރައިގެން ގޮސް ރިހާނީ އަރިއަޅާނުލީ ކިރިޔާއެވެ. އަކިޔަސް ކަންތައް ކުރިގޮތާމެދު ހިތްހަމަ ނުޖެހިފައި ހުރެ ހަރުކަށިކަމާއެކު ބިލާލް ވާހަކަ ދެއްކުމުން އަކިޔަސް ރިހާނީ ކައިރިން މާފަށް އެދުނެވެ. ޒަރާވެސް އަކިޔަސް ކުށްވެރިކޮށްފައި އެވަގުތު ވާހަކަ ދެއްކިއެވެ. ލޮލަށް ޖަމާވާން ފެށި ކަރުނަ ތިކިތަކުން ކޯތާފަތް ތެމެން ފެށުމާއެކު ރިހާނީ ބާރަކަށް ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ” ޒޭވް… ލީން ގޮވައިގެން ކޮޓަރިއަށް ދޭ… ” ޒަރާ ނުރުހުމުން ފުރިފައިވާ ނަޒަރަކުން އެވްލީންއަށް ބަލައިލިއެވެ.
ޒަވީން ކޮޓަރިއަށް ވަންނަމުން އެވްލީން ސޯފާގައި ބޭންދިއެވެ. ” ލީން.. ނުރޮއި ހުއްޓާލަބަ… ” އެވްލީން އަތުގައި ހިފަހައްޓަމުން ޒަވީން އެއަތްތިލައަށް ބޮސްދިނެވެ. އެވްލީން އެސްފިޔަތައް ތަޅުވައިލުމަށްފަހު ހިތާމައިން ފުރިފައިވާ ނަޒަރަކުން ޒަވީންއަށް ބަލައިލުމުން ، ޒަވީންއަށް ހީވީ އެހިތަށް ތޫނު ކަށިތަކެއް ހަރާލެވުނު ހެންނެވެ. ފުރާނައަށްވުރެ ބޮޑަށް ލޯބިވާ އޭނަގެ އަންހެނުން ރޯތަން ދުށުން އެއީ އެހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ” ޒެ..ޒޭވް… އައި ސްވެއާރ… އަކިޔަސްއާއި އަހަންނާ ދެމެދު އެއްވެސް ގުޅުމެއް ނޯވޭ… ” އެވްލީން ކުރެހިފައިވާ އަޑަކާއެކު ބުންޏެވެ. ” ލީން އައި ބިލީވް ޔޫ…. ސިސްއަށް އޮޅުނީކަން ޔަގީން… ” ޒަވީންގެ ޖުމްލައިން އެވްލީންއަށް ހީވީ ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބުނު ހެންނެވެ. ޒަވީން އެވްލީން ގެނެސް މޭގައި ޖައްސާލަމުން އެވްލީން އެއަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވިއެވެ.
ޒަވީން ސޯފާގައި އިށީނުމާއެކު އެވްލީން ޒަވީންގެ އުނގުގައި ބޯއަޅާލިއެވެ. ” ލީން އަހަރެން ބޭނުމެއް ނޫން ދެން އެޓޮޕިކާ މެދު ވިސްނާކަށް… އަހަރެން ލީންއަށް ޓްރަސްޓް ކުރަން އެންޑް ނޯ ވަން ކޭން ބްރޭކް ދެޓް ޓްރަސްޓް… ” ޒަވީން އެވްލީން އަތުގެ އިނގިލަތަކާ ކުޅެލައިފިއެވެ. ދެޒުވާނުން ވެސް މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާފައިވާ ހާދިސާ މަތިން ހަނދާން ނައްތާލައިފިއެވެ.
އެވްލީން ކަޅިވެސް ޖަހާނުލައި ޒަވީންގެ ރީތި ދެލޮލަށް ބަލަހައްޓައިގެން އޮތެވެ. އެލޮލުގައިވާ ސިހުރެއްގެ ސަބަބުން އޭނަގެ ހިތުގެ ތެޅުން ހާދަ ވަރަކަށް ހަލަބޮލި ކޮށްލައެވެ.
އިރުގެ ވަދާއި ސަލާމުގެ ދަޅަތަކުން ދުނިޔެ ފޯކޮށްލާފައި ވުމުން ހީވަނީ މޮޅު ކުރެހުން ތެރިއެއްގެ ހުނަރު ފުރިހަމަ ގޮތުގައި ދައްކާލާފައި ވާހެންނެވެ. ރޮބިންސް ، ވެކްސްވިންގް އަދި މޮކިންގްބާޑްގެ ޖާދުވީ އަޑުން ފަޒާގެ ހިމޭންކަން އިރުއިރުކޮޅާ މުގުރާލައެވެ. އެރީތި މިޔުޒިކީ އަޑު ނުހަނު ފުރިހަމަ ވެފައި ހިތްދަމައި ގަންނަގޮތެއް ހުއްޓެވެ. ރިހާނީ ޢީރާއާއި ފޯނުން ވާހަކަ ދައްކަމުން ބަގީޗާއަށް ނިކުތް އިރު އަތުގުޅުވާލައިގެން ބަގީޗާ ތެރޭގައި ހިނގަމުންދިޔަ އެވްލީންއާއި ޒަވީން ފެނުމުން ރިހާނީއަށް ހީވީ ދުނިޔެ ރަންވިހެންނެވެ.
ރިހާނީ މޫނު ކުނިކޮށްލައިގެން ހުރެ ހިނގައިގަތީ ފެންއަރުވާ ވަޑާމާއި ދިމާއަށެވެ. އޭނަގެ ޕްލޭން ފެނަށް ވުމުން ރިހާނީއަށް ހީވީ ވަޔާއެކު އުއްމީދުގެ ހުޅުކޮޅުތައް ނިވުނު ހެންނެވެ. ނަމަވެސް ހުރިހާ އުއްމީދެއް ގެއްލުމުގެ ކުރިން އެވްލީން އެގެއިން ނެރެލާނެ އިތުރުގޮތެއް ހޯދަން ރިހާނީ ބޭނުން ވިއެވެ.
ފެންއަރުވާ ވަޑާން ކައިރީގައި ހެދިފައިވާ ސްޕައިޑާރ ލިލީ ، ކާޑިނަލް ކްލައިމްބާރ އަދި ލެވެންޑާރ މޫންވައިން ގަސްތައް މާތަކުން ފުރާލާފައި ވާއިރު ހާދަ ފުރިހަމައެވެ. ހީވަނީ ކުލަކުލައިގެ ޖެމްސްޓޯންތަކެއް ފެންއަރުވާ ވަޑާން ކައިރިއަށް އުކާލެވިފައިވާ ހެންނެވެ. ރިހާނީ އެތާ ކައިރީގައި ހުރި ބެންޗެއްގައި އިށީންއިރު ހަމިންގް ބާޑްސްތަކުން ކާރޑިނަލް ކަލައިބާރ ގަސް ވަނީ ފުރާލާފައެވެ. އެއީ ކިތަންމެ ރީތި މަންޒަރަކަށް ވިނަމަވެސް ހިތުގައި އުފެދިފައިވާ ރުޅިވެރިކަމުގެ ސަބަބުން ރިހާނީ އެހުރިހާ އެއްޗެއްދެކެ ފޫހިވިއެވެ. ދެކޮޅަށް ބުރައިގެންދާ ފެންތިކިތަކަށް އިރުގެ ދަޅަތައް އެޅުމުން އުފައްދާލާ ރެއިންބޯސްތައްވެސް އެހާމެ ރީއްޗެވެ. ކިތަންމެ ވަރަކަށް ބެލިޔަސް ފޫހި ނުވާނެކަން ގައިމެވެ.
ރިހާނީ ޢީރާ ކައިރީގައި ބުނީ މިއަދު ހިނގައިދިޔަ ހާދިސާއަށް ފަހުވެސް އެވްލީންއާއި ޒަވީންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. ރިހާނީގެ ޖުމްލައިން ޢީރާއަށް ހީވީ މޮޅިވެރިކަމުގެ ބޯފަރުދާތަކުން އެހިތް ވަށާލެވުނު ހެންނެވެ. ޢީރާ ފޯނު ކަނޑައިލަން އުޅުމުން ރިހާނީ ބުނީ އުއްމީދު ގެއްލުވާލަން ނުވާނެ ކަމަށާއި ފަހު ވަގުތާ ޖެހެންދެންވެސް ޒަވީން ހާސިލުކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނަ މިހާރު އެވްލީންއާއި ޒަވީން ދުރުކުރަން ”މާސްޓާރ ޕްލޭން” އެއް ރާވާމުން އަންނަކަމަށާއި މިފަހަރު ޔަޤީނުންވެސް އެދެމީހުން ވަކިވާނެކަމަށް ރިހާނީ ބުނެލިއިރު އަޑުގައިވަނީ ބޮޑާކަމެވެ. ރިހާނީ ވިހަ ހިނިތުންވުމަކާއެކު ބެންޗުން ތެދުވެލިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ކިބުރުވެރި ކަމެވެ. ރިހާނީ އެހާ ބޮޑާވެލައިގެން ހުރިއިރު އޭނައަށް ނޭގޭ ހަޤީޤަތެއް އެބައޮތެވެ. އޭނައަށް ދުވަހަކުވެސް ތަޤުދީރުގެ ނިންމެވުން ތަކާއި ނުކުޅެވޭނެ ކަމެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ތިން ހަފްތާ ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. އެވްލީން ހެނދުނު ތެދުވުނުއިރު ބޮލަށް އެނބުރުން އަރާގޮތް ވުމުން އޭނަ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. މިހާރަކަށް އައިސް އަބަދު މޭނުބައި ކުރާތީ އެވްލީންއަށް އަރުތެރިން އެއްވެސް އެއްޗެއް ފޮނުވާނުލެވެއެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތުމުން އެވްލީން އޮތްނަނީ ބެޑް ރެސްޓް ނެގުމުގައެވެ. މިމަހު ޕީރިއަޑްވެސް މިސްވުމުގެ ސަބަބުން އެވްލީން ޒަވީންއަށް ގުޅާފައި ގެއަށް އަންނައިރު ޕްރެގްނެންސީ ޓެސްޓް ކިޓެއް ގެނެސްދިނުމަށް ބުނެލިއެވެ.
މެންދުރު ޑިއުޓީ ނިންމާލުމަށްފަހު ޒަވީން ގެއަށް އައިރު އައީ އެވްލީންގެ އެދުމުގެ މަތީން ޕްރެގްނެންސީ ޓެސްޓް ކިޓެއް ގަނެގެންނެވެ. ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް ބަލިގޮތަކަށް އެވްލީން ލޯހުޅުވާލައިފިއެވެ. ޒަވީން ބޭނުންކޮށްގެން ހުރި ސެންޓްވަސް ނޭފަތުގައި ޖެހުމާއެކު އެވްލީން ހޮޑުނުލެވުނީ ކިރިޔާއެވެ. ކުރީން އޭނައަށް އެންމެ މީރުވަސް ދުވި ސެންޓް މިހާރު ވެފައިވަނީ ހިތިވަސް ދުވާއެއްޗަކަށެވެ. ޒަވީން ކައިރީގައި ސެންޓް ބަދަލު ކުރަން ބުނަން އުޅެފައިވެސް ކޮންމެ ފަހަރަކު އޭނަ ހަނދާން ނެތެނީއެވެ. ” ބޭބް… ޑޮކްއަށް ދައްކަން ދާންވީ ދޯ ؟ ހާދަ ވަރަކަށް ހިކިއްޖެޔޭ… ” ޒަވީން އެނދުގައި އިށީންނަމުން އެވްލީން އަތަށް ފިތާލައިފިއެވެ. ” މިއަދު ހަތަރު ފަހަރު ހޮޑު ލެވިއްޖެ… ބަލަޑްވެސް އައި ވޮމިޓް ކުރިއިރު… ޒޭވް އަހަރެން ވަރަށް ބިރު އެބަގަނޭ… ” އެވްލީން ނޭވާ ހިފަހައްޓާލަމުން ލޮލަށް ޖަމާވާންފެށި ކަރުނަތައް ހިންދަން މަސައްކަތް ކުރިއެވެ. ” ޑޮކްއަށް ދައްކަން ދާނީ ހަވީރު… ” ޒަވީން ކޮތަޅުން ޕްރެޖްނެސްނީ ޓެސްޓް ކިޓް ނަގަމުށްފަހު އެވްލީން އަތަށް ދިއްކޮށްލިއެވެ.
އެވްލީން ޒަވީންގެ އެހީގައި ފާޚަނާއާއި ދިމާއަށް ހިނގައިގަތް އިރު ފެއިންޓް ވެދާނެހެން އެވްލީންއަށް ހީވިއެވެ. ވާހަކަ ދައްކާނެ ވަރެއްވެސް ނެތުމުން އެވްލީން ހުރީ ޒަވީންގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާލައިގެންނެވެ. ސެންޓް ވަސް ނޭފަތުގައި ޖެހުމާއެކު އެވްލީންއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އެވްލީން ފާޚަނާއަށް ވަނުމާއެކު ޒަވީން ބޭރުގައި މަޑުކޮށްލައިފި އެވެ.
” އިސް އިޓް ފޮޒިޓިވް ؟ ” ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒަވީންއަށް ފާޚަނާއިން ނިކުތް އެވްލީން ފެނުމާއެކު އަހާލެވުނެވެ.
” ޒޭވް… އިޓްސް ޕޮޒިޓިވް… ” އެވްލީން އުފާވިވަރުން އެދެލޮލުން ކަރުނަ ހިލުނެވެ. އޭނައަށް އެފަދަ ބޮޑު ނިއުމަތެއް ދެއްވުމުން އެވްލީން ﷲއަށް ޝުކުރު އަދާކުރިއެވެ. ޒަވީން ބާރަކަށް ހިނގާލާފައި ގޮސް އެވްލީން އަތްދަނޑިމައްޗަށް އުފުއްލައިލަމުން އެމޫނަށް ބޮސްދިނެވެ. ލިބުނު އުފަލެއްގެ ސަބަބުން އެވްލީންއަށް މިހާރު ވަރުބަލިކަން ވެސް އިހްސާސް ނުކުރެވެ އެވެ. ދެމަފިރީންގެ އުފާވެރި ހުނުމުގެ އަޑު ކޮޓަރީގައި ގުގުމާލި ހިނދު ހިތްތަކަށް ފިނިކަން ގެނެސްދޭނެކަން ޔަޤީނެވެ. ” ލީން އައެމް ސޯ ހެޕީ… ” ޒަވީން އެވްލީން އެނދު މަތީގައި ބާއްވަމުން އެވްލީން ބަނޑުގައި ފިރުމާލިއެވެ. ޒަވީން އެހާ އުފާވެފައި ހުރިތަން ފެނުމުން އެވްލީން ހިތަށް ފިނިކަން ގެނެސް ދިނެވެ. ” ހަވީރު ޑޮކްޓަރަށް ދައްކަން ދާން ޖެހޭނެ… އެއްކޮށް ކޮންފާރމް ވީމަ މޯމް މެންނަށް އަންގާނީ… ” ޒަވީން ލޯބިން ފުރިގެންވާ އަޑަކުން ބުނެލިއެވެ.
ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓް ތަކުގެ ނަތީޖާ ޕޮޒިޓިވް ވުމާއެކު ޒަވީން އާއިލާގެ ހުރިހާ މެންބަރުންނަށް އެއުފާވެރި ޚަބަރު ދިނީ ހެނދުނު ނާސްތާ ކުރަމުންދިޔަ ވަގުތުގައެވެ.
” މޯމް ، ޑޭޑް އައެމް ގޮއިން ޓު ބީ އަ ޑޭޑް…. ” ޒަވީން ފިނިވެފައިވާ އެވްލީންގެ އަތުގައި ހިފަހައްޓައިލަމުން އެއުފާވެރި ޚަބަރު އެންމެނާއި ހިއްސާކުރި އެވެ. ޒަވީން ބުނި ޖުމްލަ ރިހާނީގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއް ހެންނެވެ. އޭނަ ބޮމުން ދިޔަ އާފަލު ޖޫސްތަށި ކަރުތެރޭގައި ތާށިވުމާއެކު ރިހާނީ ކެއްސަމުން ގޮސް އެލޮލުން ކަރުނަ ފާއްދާލިއެވެ.
(ނުނިމޭ)
10 Comments
Comments are closed.
nice job ???
Yeyy dhuvas kolhakah fahu first libuny yo adhi nuves kiyan ekamaku kiyaafa comment kuraanan??
Busy kamun adhi 22 vana part ves nukiyan.but kiyaafa comment kuraanan
Varah reethi
Me first dhw hama superb
Wow vrh reethi story??
story v reethi
What about Akiyas?, I’m feeling sad for him. Rihaani vai meeheh eyee. And story vrh reeythi, plus mihaaru listing madhuveema i like that, ❤❤
Listing????
Evleen n xaveen v gulhey…story v reethi…waiting for next part…???