މަންޒިލް ތިއޭ މިހިތް އެދޭ (1)
2 މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ސްކޫލްތައް ހުޅުވުނީއެވެ. އައިރާވެސް ސްކޫލަށް ދިޔުމަށްޓަކައި ބައްޕައާއެކު ގެއިން ނުކުތެވެ. މަގުތައް އޮތީ ތޮއްޖެހިފައެވެ. ބައްޕަ ސައިކަލު ދުއްވަމުން ދިޔައީވެސް އެހާ މަޑުންނެވެ. އައިރާ ހުރީ ސްކޫލާ ހަމައަށް އަވަހަށް ނުދެވިގެން ލަސްވެފައެވެ. ހުރިހާ އެކުވެރިންނާ އެއްތަނަކުން އަނެއްކާވެސް ބައްދަލުވާނެތީއެވެ.
އައިރާ ކުލާހަށް ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީނާއާއި އެކުގައެވެ. އެމީހުންނަށް ކުލާހަށް ވަދެވުނު އިރުވެސް ވަރަށް ގިނަ ކުދިން ކުލާހުގައި ތިއްބެވެ. ގިނައީ މިދިޔައަހަރު ގްރޭޑް 11 ގައި ވެސް އެކުގައި އުޅުނު ކުދިންނެވެ. އެއްލިކަޅިއަކުން އައިރާ އަށް ފެނުނީ ކުލާސްތެރެއަށް ވަދެގެން އަންނަ ފިރެހެން ކުއްޖެކެވެ.. މީގެ ކުރިއަކުން އައިރާ މި ކުއްޖާއެއް ނުދެކެވެ. އެކުއްޖާގެ ހަރަކާތްތައް ހުރިގޮތުން އެ ކުއްޖާވެސް ދަންނަ އެއްވެސް ކުއްޖެއް މި ކުލާހުގައި ނެތެވެ. އައިރާ އަށް އެ ކުއްޖާއާ ދިމާއަށް ކަޅި ޖަހާ ނުލާ ބަލަހައްޓައިގެން ހުރެވުނެވެ. އެކުއްޖާ ގޮސް އެ އިށީ އިނީ އައިރާ އާ ޖެހިގެން އިން ޑެސްކުގައެވެ. އައިރާ ވަށައިގެން ބަލާލިއެވެ. ކުލާހުގެ ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަކަށް އެތިބީ އެ އައި ކުއްޖާއަށް ނަޒަރު ހުއްޓިފައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެކުއްޖާ ހީވަނީ ފެޝަން މަޖައްލާތަކުން އެ ފެންނަ ކަހަލަ މޮޑެލް އެއް ހެންނެވެ.
” މި ކުލާހުގައި މި އުޅޭ އަންހެންވެރިންނަށް ފިރެހެނަކު ފެނުނީމަ މިހަރަ ވާވަރެއް ދޯ ” އަންހެން ކުދިންނަށް ހޭވެރިކަންވީ ފާއިޤު ބުނިއެއްޗަކުންނެވެ. ފާއިޤު އަކީ ކުލާހުގެ ޖޯކަރެވެ. ކޮންމެފަދަ ވަގުތަކުވެސް ކޮންމެފަދަ އެއްޗެކޭވެސް ބުނެފާނެއެވެ. ކުދިން ހެއްވާލުމަކީ ފާއިގު އަށް އުދަގޫ ކަމެއް ނޫނެވެ. ސްކޫލް އެސެމްބްލީ ގަޑި ޖެހިއްޖެއެވެ. ހުރިހާ ކުދިން ސްކޫލުގެ ބޮޑު ހޯލަށް ވަންނަމުން ދަނީއެވެ. އައިރާގެ ލޮލުން އަލަށް އެއައި ކުއްޖާ ކައްސާލައިގެން ދާ ގޮތެއް ނުވިއެވެ. “ޕިސް… ފުރަތަމަ ދުވަސްވީމަ މިއަދުގެ އެސެބްލީވެސް އެހާ ދިގުވާނެ..” އައިރާ ރީން އަށް އިވޭވަރަށް ވައި އަޑުން ބުންޏެވެ. އެސެމްބްލީ ފެށިއްޖެއެވެ. ޤުރުއާން ކިޔެވުމާއި ދުޢާއަށް ފަހު އޮތީ މުދައްރިސުންނާއި ޕްރިންސިޕަލްގެ ވާހަކަ ދެއްކުމެވެ. އައިރާ އިނީ އެސެމްބްލީ އަވަހަށް ނިމޭތޯ ދުޢާކޮށްލަ ކޮށްލައެވެ. އެންމެފަހުން ސްކޫލް ލަވައިން އެސެމްބްލީ ނިމިއްޖެއެވެ. އެސެމްބްލީ ނިންމައި ހުރިހާކުދިން ކްލާހަށް އިސްވަދެއްޖެއެވެ. އައިރާ ކެތްނުލަވާގެން އުޅުނު ވަގުތުކޮޅުވެސް އައީއެވެ. ހާޒިރީ މާކު ކުރާ ވަގުތު ކޮޅެވެ. ކްލާސްޓީޗަރު ފަހަރަކު ކުއްޖެއްގެ ނަން ގޮވަމުން ދިޔަ އެވެ. އަލަށް އެއައި ކުއްޖާގެ ނަން އެގޭ ހިތުން ހުރިހާ ކުދިންވެސް ތިބީ ކެތްމަދުވެފައެވެ. ” މުހައްމަދު އަރީން މުސްތަފާ” މުދައްރިސް އެނަން ގޮވާލުމާއެކު ހުރިހާކުދިން އެއް ފަހަރާ ކަހަލަ ގޮތަކަށް އަލަށް އެއައި ކުއްޖާ ދިމާއަށް ބަލާލިއެވެ. “ޕްރެޒެންޓް މިސް” ރަވީން ކުޑަކޮށް އަތް ހިއްލާލަމުން ބުންޏެވެ.
“ވާހ.. އޭނަގެ އަޑުވެސް ހާދަ ފުރިހަމައެވެ. އައިރާ ހިތާ ހިތުން ކިޔާލިއެވެ.
އިންޓަވަލް ގަޑި ފެށިއްޖެއެވެ. އައިރާމެން ދިޔައީ ސްކޫލް ކެންޓީނަށެވެ. “އަޅެ އޭނަ ހާދަ ހޭންޑްސަމް އޭ… އަޑުވެސް… އެއަޑު އިވުނީމަ ނޭގެ ވީގޮތެއްވެސް… ސޯ ރޮމޭންޓިކް” އާލިޔާ، އައިރާ އާއި ރީންގެ މެދަށް ވަންނަމުން ބުންޏެވެ. ” އަދި އެހެރަ ހިނގުމެއް.. ހީ އިޒް ޖަސްޓް ލައިކް އަ މޮޑެލް.. ..” މާޔާ އަކަށްވެސް ނުހުރެވުނެވެ.
” އެ މޮޑެލުންނަށް ވުރެން އަރީން މާ ރީތި.. މާ ފުރިހަމަ” ޝާހާ މާޔާ ބުނި އެއްޗާ ވިއްދާގެން ބުންޏެވެ.
ހުރިހާ ކުދިންނަށްވެސް ދެއްކެނީ އެއް ވާހަކައެކެވެ. އަރީންގެ ވާހަކަ އެވެ. އައިރާ އެ އެންމެން ދައްކާ ވާހަކަތައް އަޑު އަހަން ހެވިފަ ހުއްޓެވެ. “އަރީން” އައިރާއަށް އަށް އެއްލި ކަޅިއަކުން ފެނުނީ ކެންޓީނާ ދިމާއަށް އަންނަ އަރީނެވެ.
” ކޮބާ؟؟؟؟؟” ހުރިހާ ކުދިންނަށް އެއްފަހަރާ ބުނެވުނެވެ. އެކުދިންނަށް އެހެން ބުނެވުނު އިރު އަރީން ހުރީ އެކުދިންނާ ވަރަށް ކައިރީގައެވެ. އަރީން ބާގަރ އަކާ އޮރެންޖު ޖޫހެއް ނަގައިގެން އެކުދިންނާ ކުރިމައްޗަށް ވާގޮތައް ކަނުގައި އިން މޭޒުކައިރީގައި އިށީދެއްޖެއެވެ. ހުރިހާ ކުދިންގެ ލޯ ހުރީ އެދިމާއަށް ހުއްޓިފައެވެ.
“ސާބަހޭ… މިހަރަ ބައެއްދޯ… ބުޅާ މަސްގަޑާ ދިމާއަށް ބަލަހައްޓައިގެން ތިބޭހެން ވިއްޔަ ހީވަނީ..” ހުރިހާކުދިން ސިއްސައިގެން ދިޔައީ ފާއިގު ފަހަތުގައި ހުރެފަ ބުނި އެއްޗަކުންނެވެ.
“ޕިސް… ތަންކޮޅެއް މަޑުން ބުންޏަސް އަޑުއިވުނީހޭ” އައިރާ ނުރުހުންވެފަ އިދެ ބުންޏެވެ.
“އަރީން އަށް އަޑު އިވިދާނެތީ ހާދަ ލަދެކޭ ތިގަތީ.. މަށަށް ވެގެންވެސް ތީގެން އަންހެނަކާ ވާހަކަ ދެއްކިޔަވެސް ނުދޭނަން” ފާއިގު ސަމާސާ ކޮށްލިއެވެ. “މިތަނުން ދާން އުޅޭ” މާޔާ އަތުގައި ޓިޝޫ ބޮޑިކޮށްލަމުން ފާއިގުައާ ދިމާއަށް އެއްލަމުން ބުންޏެވެ.
” މިހިރަ އަންނަނީވެސް ވަކި ހުތުރު ކުއްޖެއް ނޫން” ރީނާ ، އައިރާގެ ގައިގަ ކޮށްޓާލަމުން ބުންޏެވެ. އޭރު ނާއިލް ކެންޓީނަށް ވަންނަނީއެވެ. އައިރާވީ ފޫހިން އަނެއް ފަރާތަށް އެބުރުނެވެ…. ނާއިލް އަކީ އައިރާ އާހެދި މޮޔަވެފަ ހުންނަ ކުއްޖެކެވެ. އައިރާ އަށް އެކަން ވަނީ އުދަގުލަކަށެވެ. ސްކޫލްގެ ކިޔެވުން އެދުވަހަށް ނިމުނު އިރުވެސް އަރީންއާ އެއްވެސް ކުއްޖަކަށް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. ސަބަބަކަށްވީ އަރީންގެ ބަސްމަދުކަމެވެ. ފުރަތަމަ ދުވަސްވީމަ ކަމަށްވެސްވެދާނެއެވެ. އައިރާ އަށް ގެޔަށް ގޮސްވެސް އެހެން އެއްވެސްކަމަކާ ވިސްނޭވަރެއް ނޫނެވެ. ސްކޫލުން އައިގޮތަށް ކޮޓަރިން ބޭރަށްވެސް ނުނިކުމެއެވެ. އައިރާ އަކީ މަންމައާއި ބައްޕައަށް ލިބިފައިހުރި 3 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. އެމީހުންނަކީ މާ ތަނަވަސް ބައެއް ނޫނެވެ. އެހެންނަމަވެސް އައިރާގެ މައިންބަފައިން މާލެ ބަދަލުވީ ދަރިންނަށް ކިޔަވައި ދިނުމަށެވެ. އެކުދިންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމަށެވެ.. ބައްޕަ ރެއާ ދުވާލު ބުރަމަސައްކަތް ކޮށްގެން ހޯދާ ރުފިޔާއިން ދެކޮޅު ޖެހެނީ ކިރިޔާއެވެ. އެހެން ކުދިން ގެންގުޅޭ ޒަމާނީ އެއްޗެއްސެއް އައިރާ ނުގެން ގުޅެއެވެ.
އައިރާއަކީ މީހުން އަޅައިގަންނަފަދަ ރީތި ކަމެއް ލިބިފައި ހުންނަ ކުއްޖެކެވެ. ދޮން މޫނާއި ބޮޑުދެލޮލާއި ކަޅުކަންގަދަ ދިގު ފަން އިސްތަށިގަޑެއް ލިބިފައިވެއެވެ. އަދި ހީލުމުން ކޮލަށް އެއަންނަ އަޑި ކޮޅުގެ ސަބަބުން ޑިމްޕަލް ގާރލްގެ ނަމުންވެސް ކުދިން އޭނައާ މުހާތަބުކުރެއެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. މިއީ ގްރޭޑް 12 ގެ އަހަރުކަމުން ހުރިހާ ކުދިންވެސް ތައްޔާރުވަމުންދިޔައީ އޭ ލެވެލް އިމްތިހާނަށެވެ. މިއީ ސްކޫލެއްގަ ކިޔަވާނެ އެންމެ ފަހުއަހަރެވެ.
އަރީންވެސް ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔައީ އިމްތިހާނުން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ. ކިޔަވާ ނިމިގެން އޭނަ ބޭނުންވަނީ ޑޮކްޓަރަކަށްވާށެވެ. އެއީ އޭނާގެ މައިންބަފައިންވެސް ދެކޭ އެންމެ ބޮޑު ހުވަފެނެވެ.
އަރީންއަކީ މުއްސަދި ދެމަފިރިއަކަށް ލިބިފައިވާ ހަމަ އެކަނި ދަރިފުޅެވެ. ބައްޕައަކީ ރާއްޖޭގަ ނަން ހިނގާ ބޮޑު މުއްސަންޖެކެވެ. ައަރީންއަށް ފައިސާއަކީ ފެންފަދަ އެއްޗެކެވެ. އެހެންނަމަވެސް އަރީން މީހުންނަކަށް އެ މުއްސަދިކަމެއް ނުދައްކައެވެ. އެއީ ފަސްވަގުތު ނަމާދުކުރާ ރިވެތި އަހްލާގެއްގެ ބަސްމަދު ކިޔަމަންތެރި ކުއްޖެކެވެ. މިއީ އޭނާގެ މައިންބަފައިން އޭނާއަށް ދީފައިވާ ތަރުބިއްޔަތެވެ.
އައިރާ އިނީ ސްކޫލް ލައިބްރަރީގައެވެ. ޖެހިގެން އިން މޭޒުގައި އެ އިށީނީ އަރީންނެވެ. ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. އައިރާއަށް ލަދުން އިސްޖެހުނެވެ. އަރީންއަށް އައިރާގެ މި ސިފަ ވަރަށް ކަމުހިނގައްޖެއެވެ. އައިރާ ވަކިން މިގޮތަށް ފެނުނު ފުރަތަމަ ފަހަރަށްވީމަވެސް ކަންނޭނގެއެވެ. އަރީންނަށް އައިރާއާދޭތެރޭ ވިސްނެން ފެށުނެވެ. އޭނާ އައިރާ އާ ވާހަކަދައްކަން ބޭނުންވެއެވެ. އައިރާގެ އެކުވެރިޔަކަށް ވުމަށް ހިތް އެދެއެވެ. އެކަމަކު އޭނާ ކްލާސް އެއްވެސް އަންހެން ކުއްޖަކާ އިސްނަގާފަ މި ވީހާތާކަށް އަދި ވާހަކައެއް ނުދައްކައެވެ.
އިމްތިހާންވެސް ކައިރިވަމުންދަނީއެވެ. އޮތީ އެންމެ 4 ވަރަކަށް މަހެވެ. އަރީން ވިސްނަމުން ދިޔައީ އައިރާއާ ސްކޫލް ނިމުމުގެ ކުރިން ރަގަޅު ގުޅުމެއް އުފައްދާނެ ގޮތަކާދޭތެރެއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެކަންވެސް އެގެއެވެ. އަރީން ހުރީ އައިރާ އެކަނި ވާނެ އިރަކަށް ބަލަބަލައެވެ. އަރީންނަށް ފެނުނީ އައިރާ އެކަނި ގޭޓުކައިރީ މަޑުކޮށްލައިގެން ހުއްޓައެވެ. އަރީން އަށް މިޔަށް ވުރެން ރަގަޅު ފުރުސަތެއް ނުލިބޭނެކަން އެގެއެވެ އެކަމކު ކުރާނީ ކީއް ހެއްހެޔެވެ.؟ އައިރާ ފެނުމާއެކު ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. ވަރަށް ވަރަށް ހިތްވަރު ކޮށްގެން ދުލުން ބޭރުވީ އެންމެ ބަހެކެވެ.
“ހައި” އައިރާ ދިޔައީ ސިހިގެންނެވެ. މިއީ ހަގީގަތެއްބާއޭވެސް ހިތައް އަރަމުންދިޔައެވެ. އިތުރަށް އެއްޗެކޭ ބުނެވެނީސް ބައްޕަ ބަލާ އަތުވެއްޖެއެވެ. އަރީން އާ ދިމާއަށް ބަލާލާފަ ހީލަމުން ބައްޕަގެ ސައިކަލް ފަހަތައް އެރިއެވެ. އައިރާ ވީ އުފަލުން ގެޔަށްދިޔައިރުވެސް ހުރީ ހެވިދިލިފައެވެ. އަރީންގެ އެ ޖާދުވީ އަޑުން ފުރަތަމަ ފަހަރަށް އޭނައާ ވާހަކަދެއްކީމައެވެ. އަރީންގެ ހާލަކީވެސް މިއެވެ. އައިރާ ހީލިގޮތް އަދިވެސް ސިފަވަނީއެވެ. އައިރާ އަދިވެސް އައިރާ ދެކެން ބޭނުން ވަނީއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ.؟ ދެން ފެންނާނީ ވެސް ދެ ދުވަސް ފަހުންނެވެ. މި ދިމާވީ ހަފްތާ ބަންދަކާއެވެ.
އާދިއްތަ ދުވަހެވެ. އެންމެ ފުރަތަމަ ކްލާހަށް އައިސް އެތިބީ އަރީންއާ އައިރާއެވެ. ދެމީހުންނަށްވެސް ތިބީ އިސްވެ އަގައިން ބުނަން ނުކެރިފައެވެ. ދެމީހުން އެގޮތައް ތިއްބައި ކުދިންތައް އަތުވެއްޖެއެވެ.
” މި އައިރާވެސް ހާދަ ކުރިއަކުން މިހާރު ސްކޫލަށް އާދެޔޭ..އަހަރެންވެސް ގަޑި ނުޖެހި ސްކޫލަށް އާދެވޭތޯ ބަލަންވީ” ފާއިގު އައިރާގެ ޑެސްކު ކައިރިޔަށް އައިސް މަޖާވެލާފަ ބާރަށް ބުންޏެވެ. ހުރިހާކުދިން އެއްފަހަރާ ޕަކަ ޕަކަ ލާފަ ހީގަތެވެ. އޭރު ނާއިލްވެސް ކުލާހަށް ވަންނަނީއެވެ.
“އަހަރެންނަށްވެސް މި އާދެވުނީ މާލަހުން ދޯ.. އައިރާ އަންނަގަޑީގަ މަވެސް ބޭނުން އަންނަން..” ނާއިލް އައިރާ އާ އަރާ ހަމަވަމުން އެއް ލޯ މަރާލިއެވެ. އައިރާވީ ފޫއްސެވެ. ނާއިލްއާ ދިމާއަށް ބަލާވެސް ނުލިއެވެ.
“ނާއިލްއަށް މިހާރު ލައްކަ ހިތްވަރު ކުރެވިއްޖެއެއްނުން.. އައިރާ އަށް ތިކުރާ ގޯނާ ހުއްޓާލަންވީ އޭ ދެން.. ކުޑަ މިނުން އައިރާ ކަލެއާ ދިމާއަށް ބަލާލަނީކީވެސް ނޫން..” ފާއިގު މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
” ބަލަން ހުންނައްޗޭ” ނާއިލްއަކަށް ފާއިގް އެބުނި އެއްޗެއް ހަޖަމެއް ނުވިއެވެ. ފާއިގުގެ އަނގަމަތީގައި އެތިފަހަރެއް އަޅާލަންވީއޭވެސް ހިތައް އެރިއެވެ.
ދުވަހުގެ ފުރަތަމަ ގަޑިއެވެ. އައިރާ ޑެސްކުގެ ވަތްގަނޑުން ފޮތެއް ނަގަން އުޅުނުވަގުތު އަތުގަ ޖެހުނީ ފަތްޖަހާލާފައި އޮތް ކަރުދާސް ކޮޅެއްގައެވެ. ކަރުދާސް ކޮޅު ހުޅުވާ ބަލާލިއެވެ. އޭގައިވަނީ އިނގިރޭސި ބަހުން ލިޔެފައިވާ ޖުމްލައެކެވެ. އައިރާ ވަރަށް ކަމުދާ ވާހަކައެވެ. އައިރާ ހުރީ ކާކު ކުރިކަމެއް ނޭގިފައެވެ. ހަމަ އެވަގުތުކޮޅެވެ. އަރީން އައިރާއާ ދިމާއަށް ބަލާލާފައި ހީލިއެވެ.
އަރީންގެ ކަމެއް ބާއޭ ހިތައް އެރިއެވެ. އަރީން އެކަހަލަ ކަމެއް ކޮށްފާނެބާއެވެ..
އަރީންގެ ހަރަކާތްތަކުން އައިރާއަށް ހިތް އެދޭކަން އެގެއެވެ. ލޮލާއި ތުންފަތުން ހަމަގައިމުވެސް އެތައް ވާހަކައެއް އެބަ ދައްކައެވެ.
އަނެއް ދުވަހެވެ. އައިރާގެ ވަތްގަނޑުގައި މިއަދުވެސް ނޯޓު ކޮޅެއް އެބަޮތެވެ. ހަމަ އެއްވާހަކައެކެވެ. އައިރާ ކަމުދާ ވާހަކައާއި އައިރާގެ ކަމުދާ ސިފަތަކުގެ ވާހަކައެވެ. އައިރާ ނޯޓު ކިޔަން އިން ވަގުތު އަރީން އިނީ އައިރާ އަށް ބަލާށެވެ. އަރީންގެ އެ ބަލާލުމުގައި ފުންމާނަތަކެއް ވާކަން އައިރާ އަށް އެގެއެވެ. އެއީ އަރީންގެ ކަމެއްކަން އައިރާ ޔަޤީން ކުރިއެވެ..
ހަފްތާއެއް ފާއިތުވީއެވެ. ކޮންމެ ދުވަހަކުވެސް ނޯޓުކޮޅެއް އައިރާގެ ވަތްގަނޑުގައި އޮވެއެވެ. މިއަދުވެސް ނޯޓު ކޮޅެއް އޮތެވެ. އައިރާވެސް ނޯޓެއް މިއަދު ލިޔުނެވެ. ތީ ކާކު ކަމާއި އެގެން ބޭނުންވާކަން ބުނެފައެވެ. އެދުވަހު ގެޔަށް ދިޔައީ އެ ނޯޓުކޮޅު އޭނާގެ ވަތްގަނޑުގައި ބާއްވާފައެވެ. އެދުވަހު ކުލާސް ނިންމާފައި އެންމެ ލަހުން ކުލާހުން ނުކުންނަނީ ކާކުތޯ އޭނާ ދުރުގަ ހުރެގެން ވަރަށް ބެލިއެވެ. އައިރާ ހީކުރިގޮތަށް ކުލާހުން އެންމެ ފަހުން ނުކުތީ އަރީނެވެ. އައިރާ ގޭޓުން ބޭރަށް ނިކުތީ އުފާވެރިކަމުގެ ހިނިތުންވުމަކާ އެއެކު ހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ. ސުވާލުތަކުގެ ޖަވާބު ލިބުމުންނެވެ.
ދެމީހުން ދެމީހުންނަށް ނޯޓު ބަދަލު ކުރެވެމުން ދިޔައެވެ. އައިރާވެސް ލިޔާ އެއްވެސް ނޯޓެއްގައި ކާކުކަން އެނގޭކަމަށް ނުހަދައެވެ. އެއީ އއަރީން ކުރާކަމެއްކަން އަރީންގެ ދުލުން ބުނުވަން ބޭނުން ވަނީއެވެ.
ބުރާސްފަތި ދުވަހެވެ. އައިރާ އެންމެ ފުރަތަމަވެސް ބެލީ ނޯޓުކޮޅެވެ. އެ ނޯޓުގައިވަނީ އޭ ކާކުކަން އެގެން ބޭނުން ނަމަ ބައްދަލުކުރުމަށެވެ. ޣަ ހުކުރުދުވަހުގެ ރޭ 8 ޖަހާއިރު ރަސްފަންނުން ބައްދަލު ކުރުމަށް ނޯޓުގައި ލިޔެފައިވެއެވެ. އައިރާވީ އުފަލުން އޭނާވެސް ބައްދަލު ކުރަން ބޭނުން ވާހަކަ ލިޔެފައި ކަރުދާސްކޮޅު ބާއްވާލިއެވެ.
ހުކުރުދުވަހުގެ ރެއެވެ. އައިރާ ތައްޔާރުވަމުން އެދަނީ ރަސްފަންނަށް ދިޔުމަށެވެ. މިއީ އޭނަ ހާދަ ދެކެން ބޭނުންވި ދުވަހެކެވެ. މިރޭ އަރީންގެ ހިތުގައިވާ ހުރިހާ އެއްޗެއް އެގޭނެއެވެ. އައިރާވެސް އޭނާގެ އަރީންއާ ދޭތެރޭ ދެކޭގޮތް ކިޔާދޭނެއެވެ. މިރެޔަކީ ލިޔުމުން ފާޅުކުރަމުން ދިޔަ ޝުއޫރުތަކަށް އަޑު އެޅޭނެ ރެއެވެ. އައިރާގެއިން ނުކުތީ ވަރަށް އަވަހަށް ގެޔަށް އަންނާނެކަމަށް ބުނެފައެވެ.
އައިރާ އެ އިންތިޒާރު ކުރަމުން އައި ވަގުތުޖެހުނީއެވެ. ގަޑިން 8 ޖެހީއެވެ. އައިރާ އިނީ ރަސްފަންނުގަ އެންމެ މީހުން މަދު ހެން ހީވާ ހިސާބުގައެވެ. ވިސްނަމުންދިޔައީ އަރީންއާ ވާހަކަދައްކަން ފަށާނެ ގޮތަކާއި ދޭތެރެއެވެ. އައިރާއަށް ހިޔާލީ ފުނިޔެއިން ނުކުމެވުނީ މީހަކު ފުރަގަހުން އައިރާގެ އަތުގައި ހިފީމައެވެ. އައިރާ ޔަޤީން ކުރިއެވެ. އެއީ އަރީނެވެ. އައިރާއަށް ހުރީ އަތްދަމާގަންނަން ނުކެރިފައެވެ. އިސްޖަހައިގެން ހުރެފަ އައިރާ ފަހަތަށް އެބުރުނެވެ. އަދިވެސް އައިރާއަށް އެހުރީ އިސްއުފުލާލާ ބަލާލަންވެސް ނުކެރިފައެވެ.
“އައިރާ.. އަހަރެން އައިރާ ދެކެ ވަރަށް ލޯބިވޭ” މިހެން ބުނުމާއެކު އައިރާއަށް ބަލާލެވުނީ އެމީހެއްގެ މޫނަށެވެ. ވީ ފޫއްސާ އައި ރުޅިން އެތަނުން ދިޔުމަށް ދުއްވާގަތެވެ….
(ނުނިމޭ)
5 Comments
Comments are closed.
Raveen and areen akee ekkujjeh tha??…
ya thats the question
Ehfaharu areen raveen??????
Mihaaruves faahaga kureveythw… Ekam fahun alhugandu mi vaahaka migenesdhinee e mistake ragalhu kollaafa
Insaanakahvythy mistake hedheyne.. zeish ah heeviyas ekaky ves furihama meeheh noon…… faadu kiyan neygenya faadu nukiyany… kiyanya kiyaany bina kuranivi faadu… ekm thi kiyeny fanaa kuranivi faadu….
Gud work nashy. Keep going