އޯގާވީ ހިތަކުން…32
އީނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މޭގައި އުފެދިގެން ދިޔަ ތޫނު ރިހުމާއެކު މޭކަށިގަނޑު ފަޅާލާފައި ހިތް ދެންމެ ދެންމެ ނިކުމެދާނެހެން ހީވިއެވެ. އުނދަގުލާއެކު އީނާ ދޫހަރަކާތްކުރަން މަސައްކަތް ކުރިއެވެ. އެއްވެސް ގޮތަކަށް ފަހަތަށް ޖެހެން އޭނަ ބޭނުމެއް ނޫނެވެ. އިސްވެ އަލްޔަސްއަށް ގުޅީ އޭނައެވެ. ދެން ވާހަކަ ނުދައްކާ ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ލިބިފައިވާ ފުރުސަތު ގެއްލިއްޖެނަމަ ފަހުން ވާނެ ގޮތެއް އެނގެނީކީ ނޫނެވެ.
”އަލްޔަސް….” އީނާއަށް ބުނެވުނީ ނިކަން އުނދަގުލުންނެވެ. އޭރު އޭނަގެ ދެލޮލުގައި ކަރުނައިގެ މޫތިތައް ވިދަވިދާ ހުއްޓެވެ. އަލްޔަސްގެ ހާލަކީވެސް އެއީއެވެ. އީނާގެ އަޑު ކަންފަތުގައި ގުގުމާލީ ކިތައް ފަހަރުކަމެއް ނޭގެއެވެ. އިހްތިޔާރަކާ ނުލާ އަލްޔަސްގެ ދެލޮލުންވެސް ކަރުނަ އައެވެ. މިއީ ހަޤީޤަތެއްކަން ޤަބޫލުކުރަން އޭނަ ހުރީ ދަތިވެފައެވެ. އިވިގެން ދިޔައީ އީނާގެ އަޑު ހެއްޔެވެ؟ އެއީ ހަމަ އޭނަގެ އީނާ ހެއްޔެވެ؟ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަލްޔަސްގެ ހަރަތާކްތަތަކަށް ހުއްޓުމެއް އައެވެ. އެތުންފަތްމަތީގައި ދުވެލި ހިނިތުންވުން އީނާއަށް ފެނުނުނަމަ އެ ހިތުގައި ގަނޑުފެން އަޅާލަދިނީސްކަން ކަށަވަރެވެ. އަލްޔަސްގެ ދެލޮލުގެ ވިދުން ކުރިއަށްވުރެ ގަދަވެ ހުރިހާ ހިތާމަތަކެއް ފިލައިގެން ދިޔައެވެ.
”ސޭމް…” އަލްޔަސްގެ ޚަބަރެއް ނުވުމުން އީނާއަށް ބުނެލެވުނެވެ. އީނާ ކަރުނަތައް ފޮހެލަމުން ގޮސް ހުއްޓުނީ ބެލްކަނިއަށެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވިޔަސް ހިތްގައިމު ރޯޅިތައް ޖެހިލައެވެ. ދައްކާނެ ވާހަކައެއް އަލްޔަސްގެ ސިކުނޑިއަކަށް ނައެވެ. އޭނަ އީނާގެ ނަމުން ގޮވާލަމުން ފުރަތަމަވެސް މާފަށް އެދުނެވެ. އަލަޔަސް ހުރީ ލިބުނު ރަނުގެ ފުރުސަތު ގެއްލުވާލާނެ ފަދަ މޫޑެއްގައެއް ނޫނެވެ. އޭނައަށް އާ ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. އީނާގެ އަޑުން އޭނައަށް ދިރުން ގެނެސްދީފިއެވެ. ހީވީ ޒަމާންތަކެއް ވަންދެން ފެން ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަވެފައި ހުރި ގަހަކަށް ފެން ލިބެން ފެށުމުން ފަތްތަކުގެ ފެހިކަން ގަދަވެ މޫތަކަށް ދިރުން ލިބިގެން ދިޔަ ހެންނެވެ.
އަލްޔަސްގެ މޫނުމަތިން ފެންނަނީ ނިމުމެއް ނުވާ އުފާވެރިކަމެވެ. އެއުފާވެރިކަން ފެނުމުގެ ނަސީބު ލިބުނުނަމައޭ އީނާގެ ހިތަށް އެރިއެވެ. އަލްޔަސްގެ އަޑުން އެކަނިވެސް އޭނައަށް އެއްކަމެއް އަންދާޒާ ކުރެވިއްޖެއެވެ. އަލްޔަސް އޭނަ ދެކެ ވަނީ ތެދުވެރި ލޯތްބެކެވެ. ވީމާ އެއީ ބަޔެއްގެ ރޭވުމެއް ތާއެވެ.
”އަލްޔަސް މާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު، ޕްލީޒް ދެން އިތުރަށް މާފަށް ނޭދޭތި، އެހެން ނޫނީ އަހަރެންގެ ހިތް ހަލާކު ވެދާނެ، އިނގޭ އަހަރެންގެ ސަބަބުން އަލްޔަސްއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ތަހައްމަލުކުރަން ޖެހިއްޖެކަމަށް…. އެދުވަސްތައް ބަދަލު ކުރެވޭނެނަމަ އަހަރެން އެކަމެއް ކުރީމުސް އެޓް އެނީ ކޮސްޓް، އެކަމަކު އެއީ ބަދަލު ކުރެވޭނެ ދުވަސްތަކެއް ނޫން، އެކަމަކު އަލުން އެދުވަސްތައް އިއާދަކުރުމުގެ ފުރުސަތު އެބައޮތް، އަހަންނަށް ޔަޤީންވެއްޖެ އަލަޔްޔަސް ދުވަހަކުވެސް އަހަންނަށް ދެރައެއްނުދޭނެ ކަމަށް، އަލްޔަސްގެ ލޯތްބަށް ޝައްކުކުރެވުނީ އަހަންނަށް…. އެއީ ބަޔެއްގެ ރޭވުމެއް، …..” އީނާ އަލްޔަސްއަށް ހުރިހާ ވާހަކައެއް ކިޔައިދެމުން ގޮސް ރޯން ފަށައިފިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އެދެލޮލުން ބޭރުވަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ހަމަ މިސިކުންތުކޮޅުގައިވެސް އަލްޔަސް ގާތަށް ދާން އޭނަ ބޭނުމެވެ. ނަމަވެސް އޭނަ ޖެހޭނީ ކެތްތެރި ވާށެވެ. އިންތިޒާރު ކުރާށެވެ. މާލެ ގޮސް ފުރަތަމަކަމަކަށް ވެސް އޭނަ މަސައްކަތްކުރާނީ އެބަޔަކު ހޯދުމަށެވެ. އޭނަ ދުވަހަކު އެމީހުންނަށް މާފެއް ނުދޭނެއެވެ. ފައިބުޑަށް ވެއްޓި އާދޭސް ކުރިޔަސް ހެވެވެ.
”ޕްލީޒް ސްޓޮޕް ކްރައިންގް… އީނޫ….” އަލްޔަސް ބުންޏެވެ. މިވަގުތު އެއްވެސް އެއްޗަކާމެދު ވިސްނާކަށް އޭނަ ބޭނުމެއް ނޫނެވެ. ހިތުގައިވާހާ އުދާހެއް ނެރެ އެއްލާލަން އޭނަ ބޭނުމެވެ. އީނާއާއި ވާހަކަ ދައްކަމުން ދިޔަ ވަރަކަށް މިއީ ހަޤީޤަތްކަން ޤަބޫލުކުރަން އޭނައަށް މަޖުބޫރުވިއެވެ. އަލްޔަސްއަށް ލިބުނު އުފާ ބަޔާންކޮށްދެވޭނެ ހެނެއް ހިޔެއް ނުވެއެވެ. އީނާގެ މާފް ދުވަހަކު ލިބޭނެ ކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ނަމަވެސް މާތްﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ބަދަލުވެއްޖެއެވެ. އެނުބައި ރޭވުންތަކުގެ ފަހަތުގައި ފިލާތިބި ކުށްވެރިން އޭނަ ހޯދާނެއެވެ. އީނާގެ ލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުވެސް އޭނަ ހިފާނެއެވެ. އޭނައަކީ މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށް އެބަޔަކު ޤަބޫލުކުރާނަމަ އެއީ ކުށްހީއެކެވެ.
”ވަރަށް ބޮޑަށް ލޯބިވޭ….” އީނާއަށް ރުއިމުގެ ތެރެއިން ބުނެލެވުނެވެ. އަލްޔަސްއަށް އެލަފްޒުތައް އަޑުއިވިގެން ދިޔައީ ރީތި މިޔުޒިކެއްގެ ސިފައިގައެވެ. އެލަފްޒުތައް އަޑުއަހަން ބޭޤަރާރުވެފައި ހުއްޓާ އެންމެފަހުން އެނަސީބު ވެސް ލިބުނީއެވެ. ދެޒުވާނުންގެ މޫނުމަތިން ފެންނަނީ ނިމުމެއް ނުވާ އުފާވެރިކަމެވެ. ޔަޤީނުންވެސް މިފަހަރު ދެހިތުގައި ދައުރުކުރަން ފެށި ލޯބީގެ ދަމާބާރު ކުރިއަށްވުރެ ގަދައެވެ. އެލޯބި އިތުރަށް ފުންވިއެވެ.
ތަކުރާރުކޮށް ލޯބިވާ ވާހަކަ އަލްޔަސް ބުންޏެވެ. އެއިން ކޮންމެ ފަހަރަކު އީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދެއެވެ. އީނާ ފޯންކޯލް ކުރުކޮށްލިއިރު އޭނަގެ ސިކުނޑީގެ ބޮޑު ބަޔަކަށް ލުއިވެފައިވެއެވެ.
އީނާ ފަސްއެނބުރި ބަލާލިއިރު ޒަނާ ހުރީ ހަށަން ބަނދެލައިގެން އޭނައަށް ބަލަހައްޓައިގެންނެވެ. ޒަނާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރުތައް ރީއްޗަށް ފެންނަން ހުއްޓެވެ. އޭނައަށް އީނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނީ ކަންނޭގެއެވެ.
”ކީއްވެތަ ތިހުރިހާ ވާހަކައެއް އަހަރެން ގާތު ނުބުނީ؟…” ޒަނާ ފުރަތަމަވެސްކޮށްލި ސުވާލަކީ އެއީއެވެ. އީނާ ޖަވާބެއް ދޭން ވިސްނާލިއެވެ. އެކުވެރިޔާ ގާތު ދޮގުހަދާކަށް އޭނައަކަށް ނުކެރުނެވެ.
”ޒަނާ…” ވެރިވެގެން ދިޔަ ހިމޭންކަމާއެކު އީނާ ބުންޏެވެ. އޭނަ ޒަނާއަށް ހުރިހާއެއްޗެއް ކިޔައިދިނެވެ. ޒަނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
”އަލްޔަސްގެ ކުށެއްނެތްނަމަ އެންމެނަށް އެކަން ސާބިތުކޮށްދޭން ޖެހޭނެއެއްނު، ބުނަން ވަރަށް ވިސްނުން ތޫނު ބަޔެއްގެ ރޭވުމަކަށް ތިވާނީ، ބަލާބަ އެމީހުން ޓާރގެޓް ކުރި ކަމެއް، ނޭގޭ އެރޭ އީނޫގެ ބޭބެއަށް ނާދެވުނުނަމަ……..” ޒަނާ އޭނަގެ ޖުމްލަ ފުރިހަމަ ނުކޮށް ފުންނޭވާއެއް ލިއެވެ. އެހާދިސާއާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނަން އޭނަ ބޭނުން ނުވިއެވެ. ފަހަރެއްގައި އީނާގެ ހިތަށް އިތުރު އަނިޔާތަކެއް ލިބިދާނެއެވެ.
”އީނޫގެ ޑިޒިޝަން ރަގަޅު، ކުށްކުރި މީހުންނަށް އަދަބުވެސް ލިބެންޖެހޭ، އެކަމަކު އީނޫ މިތާންގައި ހުރެގެން އެމީހުން ނުހޯދޭނެކަމާމެދު ވިސްނާލަބަ، އިފް ޔޯރ ގަޓްސް އާރ ސެއިން ހީ އިޒް އިނޮސެންޓް ދެން ސާތިބުކޮށްދޭން ޖެހޭނެއެއްނު، ބަޔެއްގެ ރޭވުމަކަށް ވާނަމަ ޔަޤީނުންވެސް ދެވަނަ ޕްލޭނެއް އޮންނާނެ، އައިމީން އެމީހުން ބޭނުންވެދާނެ އީނޫއާ އަލްޔަސް ދުރުކޮށްފަ ކޮންމެވެސް އެހެން ފައިދާއެއް ނަގަންވެސް. އަހަރެން ވެސް ބޭނުން އީނޫ އުފަލުގައި ހުންނަތަން ދެކެން. މިއަދު ޔަޤީން ވެއްޖެ އީނޫގެ އުފާތައް ވަނީ އަލްޔަސް އާއެކުކަން…..” އީނާ އުއްމީދުކުރި ކަހަލަ އެކުވެރިޔަކަށް ޒަނާ ވިއެވެ. އީނާ ފަދައިން ޒަނާވެސް ބޭނުންވީ އެކަމުގެ ފަހަތުގައި ވާ މީހުންތައް ހޯދާށެވެ. ޒަނާގެ ހިތް މުޅިން އަލްޔަސްއަށް ސާފް ނުވިކަމުގައި ވިޔަސް އޭނަ ހުރީ އެކަން ސިއްރުކޮށްލައިގެންނެވެ.
”އަހަރެން ވަރަށް ބޮޑަށް ބިރުއެބަގަނޭ….” އީނާ ބެލްކަނީގެ ރެއިލިންގައި ދެއަތުން ބާރަކަށް ހިފަހައްޓާލަމުން ބުންޏެވެ. ޢާއިލާއާމެދު ވިސްނާލާ ކޮންމެ ފަހަރަކު އޭނަގެ އުއްމީދުތައް ވިއްސިވިހާލިވެގެން ދެއެވެ. ޒަނާ ފަދައިން ހުރިހާ މީހުންނަކަށް ނުވިސްނޭނެއެވެ. އެންމެންވެސް އަލްޔަސް ދެކެ ނަފްރަތު ކުރެއެވެ. ރޫޔާވެސް އޭނައާއެކު ވާނެކަމެއް ނޭގެއެވެ. ޒަނާއަށް ވުރެ ބޮޑަށް އަލްޔަސްދެކެ ރޫޔާ ނަފްރަތުކުރާކަން ހާމަވެގެން ދަނީ ރޫޔާގެ ބަސްކޮށާރުންނެވެ.
”އީނޫ….” އީނާގެ އަތަށް ފިތާލަމުން ޒަނާ ބުނީ ހާސްނުވުމަށެވެ.
”އެކަކުވެސް އަހަރެންގެ ވާހަކަތައް ޤަބޫލުނުކޮށްފިއްޔާ ވާނީ ކިހިނެއްތަ؟ އިނގޭ ޒަނާގެ ހިތްވެސް މުޅިއަކުން އަލްޔަސްއަށް ސާފުނުވާކަން، މަންމައާއި ބައްޕަ ދުވަހަކު އަހަންނާއި އަލްޔަސް ގުޅުމަކަށް އެއްބަސް ނުވާނެ، ކިހިނެއްތަ އަލްޔަސްގެ ކުށެއްނެތްކަން ސާބިތުކޮށްދޭނީ؟…” އީނާގެ ލޮލުގައި ކަރުނަ ތިކިތައް ވިދައިގަތެވެ. އެސްފިޔަތަކަށް ބަރުވެ ކަރުނަތައް ދެމިގެން ދިޔަ ހިނދު އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާނެކަން ގައިމެވެ.
ޒަނާ ކިތަންމެ ވަރަކަށްވެސް ވިސްނައިދިނެވެ. އޭނަ އީނާއާއެކު ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ދިޔައީ އީނާގެ ވިސްނުން އެހެންދިމާއަކަށް އަނބުރާލަން ވެގެންނެވެ. އޭރުވެސް ތަކުރާރުކޮށް ޒަނާ ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. މާބޮޑަށް އެކަމާމެދު ނުވިސްނުމަށާއި އީނާގެ ހިތުގެ ގޮވުންތަކާ އެއްގޮތަށް ކަންތައް ކުރުމަށެވެ. ނަމަވެސް އަލްޔަސްއަށް މާބޮޑަށް އިތުބާރުނުކުރުމަށް ޒަނާ ބުންޏެވެ.
އީނާ ވިސްނަން ބޭނުންނުވިކަމުގައި ވިޔަސް އޭނަގެ ޢާއިލާއާމެދު ވިސްނެމުން ދިޔައެވެ. އެއްފަރާތުގައި އޭނަގެ ފުރާނައެވެ. އަނެއްފަރާތުގައި ލޯބިވާ މައިންބަފައިންނެވެ. އީނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އަލްޔަސްގެ ކުށެއްނެތްކަން ސާބިތުކޮށްދޭން އެބަޖެހެއެވެ. ވީހާވެސް އަވަހަކަށް މާލެ ފުރަން ވީއެވެ. ރޫޔާގެ ކައިވެނީގެ ބަހަނާއެއް ދައްކާފައި ފުރާނީއެވެ. އެއީ އޭނައަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ވެދާނެއެވެ.
* * * *
ކާޑުތައް ލިބުނު ދުވަހު މައިމޫނާ އޭނަ ތައްޔާރު ކުރި ”ޚާއްޞަ” ކާޑު ހިފައިގެން އުމެއިރާގެ އެޕާރޓްމެންޓަށް ދިޔައެވެ. ބެލް ޖަހާލިތަނާ ދޮރު ހުޅުވާލީ ޒެލީން އެވެ. މައިމޫނާއަށް ބަލަން ހުރެފައި ޒެލީން މަންމައަށް ގޮވާލި އެވެ. ޒެލީން ގޮސް ކޮޓަރިއަށް ވަންނަންދެން ބަލަހައްޓައިގެން ހުރެފައި މައިމޫނާ ހިތާހިތުން ކުދި ކިޔާލައިފި އެވެ. އެހާ ވަރަކުން އުމެއިރާ އަލްޔަސްއާއި ޒެލީން ގުޅުވަން އެއުޅެނީ ސިއްރުތަކެއް ހުރީމަކަން ޔަޤީނެވެ. ދެމީހުންގެ އެކުވެރިކަންވެސް މުހިންމެއް ނުވިތާއެވެ.
އެތެރެއަށް ވަންނާކަށް މައިމޫނާ ބޭނުމެއް ނުވިއެވެ. އޭނަ އިންތިޒާރުގައި ހުއްޓާ އުމެއިރާ ދައްކާލައިފިއެވެ. އުމެއިރާގެ މޫނުން ނުރުހުމުގެ ކުލަވަރުތައް ފާޅުވެގެން ދިޔައިރު ވިހަހިނިތުންވުމެއް ތުންފަތުގައި ކުޅެލީ އެންމެފަހުން އޭނަގެ އެހީއަކަށް އެދިގެން މައިމޫނާ އައިކަމަށް ހީކޮށެވެ. މައިމޫނާގެ މޫނުމައްޗަށް ދޮރުލައްޕާލުމުގެ ނިޔަތުގައި އޭނަ ކުރިއަށް ހިނގައިގަތެވެ.
”އަން…. އިނގޭ ނާންނާނެކަންވެސް، ބަޓް އެންމެ ގާތް އެކުވެރިޔާއަށް ކާޑު ނުދީ އަހަންނަށް ކަމަކު ނުދިޔަ….” މައިމޫނާގެ ބުނީ ޖެއްސުމުގެ ރާގަކަށެވެ. އުމެއިރާ ކަޅިއަޅާލަމުން ކާޑު ޖަހައިގަންނަމުން މައިމޫނާގެ ކުރިމަތީގައި ކާޑު ވީދާކުދިކުދިކޮށްލިއެވެ.
”މިއަށްވުރެ ފެންވަރު ރަގަޅު ރީތި ކާޑެއް އަދި މައިމޫނާއަށް ލިބޭނެ…” އުމެއިރާ ބުންޏެވެ. ”ވެއިޓިންގް އިނގޭ…” މައިމޫނާ ހިނިގަނޑެއް ޖަހާލާފައި ދާން ހިނގައިގަތެވެ. އޭނަ ދިޔައީ އެތެރެއިން އަނދަމުންނެވެ. ކާޑު ވީދާލި ވަގުތު އުމެއިރާގެ މޫނު ނޮޅާލާނަމޭ އޭނަގެ ހިތަށް އެރިއެވެ. ދަތްކުނޑިވިކާލެވުނު ހިނދު ދަތްތައް ބިންދައިގެން ހިގައިދާނެހެން ވެސް ހީވިއެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅާލެވުނުތަނާ އުމެއިރާ ބާރުބާރަށް ދޮރުލައްޕާލި އަޑު އިވުނެވެ.
ގެއަށް ދިޔަ މަގުމަތީގައި މައިމޫނާ އޭނައަށް ބޭނުންވާ ސާމާނުތަކެއް ގަނެލަން ފިހާރަޔަކަށް ވަނެވެ. ތިރީސް މިނެޓް ފަހުން އޭނަ ފިހާރައިން ނިކުތް އިރުވެސް ރުޅިގަނޑު ފިނިވިހިނެއް ހިޔެއްނުވެއެވެ. އުމެއިރާ ވައިގެ ތެރެއަށް ގެއްލިގެން ހިނގައިދާނެހެން ބަދުދުޢާ ކުރެވުނު އަދަދެއް ނޭގެއެވެ. މަގު ބަލާލުމެއް ނެތި މައިމޫނާ މަގު ހުރަސްކުރަން އުޅެނިކޮށް އައިނައި ތަނެއް ނޭގި އައި ކާރެއްގައި ޖެހިފައި މައިމޫނާ ދުރަށް ވިއްސައިގެން ދިޔައެވެ. އަތުގައި ހުރި ކޮތަޅުތަކުގައި ހުރި ސާމާނުތައް ބުރުއްސައިގެން ގޮސް މަގުމައްޗަށް އެޅުނެވެ.
ފަސް ފޫޓު ދުރުގައި މައިމޫނާ ޖެހުނުއިރު މައިމޫނާގެ ހެޔަށް ގޮތްތަކެއްވެ މޫނުމައްޗަށް އަނދިރި ވެއްޖެއެވެ. މީހުންތަކުގެ އަޑު ކަންފަތުގައި ގުގުމާލާފައި މަންޒަރުތައް ބްލާރވެ އޭނަގެ ދެލޯ މެރުނެވެ. އޭނަގެ ފުރާނަ ހުސްވެގެން ދަނީ ކަމަށް ހީކޮށް ލޯމެރުނު ވަގުތު މައިމޫނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. މައިމޫނާ ވެއްޓިފައި އޮތް ދިމާއަށް އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު އެމްބިޔުލާންސަށް ގުޅާލައިފިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމްބިޔުލާންސް އައިއިރު މައިމޫނާގެ ބޯފަޅައިގެން ގޮސް ފައިބަމުން ދިޔަ ލެއިން ދެމެމުން ދިޔައީ ލޭގެ ކޯރުތަކެވެ. މައިމޫނާގެ ހަރަކާތެއް ނެތް ތާންގައި ނޭވާލާހެންވެސް ހިޔެއް ނުވެއެވެ. އެމްބިޔުލާންސް ތެރެއިން އޭނައަށް އަވަސް ފަރުވާ ދެވުނެވެ. ވެންޓިލޭރޓާރ ގުޅުމުން ކިރިޔާ މައިމޫނާއަށް ނޭވާލެވޭކަމެވެ. އޭރުވެސް ފަޅައިގެން ގޮސްފައިވާ ހިސާބުން ފައިބަމުން ދިޔަ ލޭ މަނާނުވެގެން ނަރުހުންތައް އުޅެއެވެ. ނަރުހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރުތަކެވެ.
ޓީވީން ދައްކަމުން ދިޔަ އަށެއްގެ ޚަބަރު ބަލަން އިން ފަޒްލާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ދަށަށް އަރުވަން ފެށި ކުއްލި ޚަބަރަކުންނެވެ. އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ ކީއްވެގެންކަމެއް ނޭގެއެވެ. މާލޭގައި އުމުރުން ސާޅީސް އަހަރުގެ އެތައް ބަޔަކު އުޅޭއިރުވެސް އޭނަގެ ހިތަށް ވެރިވެގެން ދިޔައީ އެންމެ ނަމެކެވެ. މައިމޫނާ ރައްޓެއްސެއްގެ ގެއަށް ދިޔަ ގޮތަށް ޚަބަރެއްވީކީވެސް ނޫނެވެ. އެންމެ މިނެޓެއްވެސް ނަގާނުލައި މައިމޫނާގެ ފޯނަށް ފަޒްލާ ގުޅާޅިއެވެ. މަގުމަތީ އޮތް ފޯނު ޒުވާނަކު ނަގަމުން ޖަވާބު ދިނުމާއެކު ފަޒްލާގެ މޫނު ހުދުވެއްޖެއެވެ. އޭނަގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ އިހްތިޔާރަކާ ނުލައެވެ.
”ޝިޔާޢު….” ފަޒްލާއަށް ގޮވާލެވުނީ ތުރުތުރުއަޅަމުން ދިޔަ އަޑަކުންނެވެ. ކޮޓަރީގައި އޮފީސް މަސައްކަތެއް ކުރަން އިން ޝިޔާޢުގެ އިތުރުން ރޫޔާ، ރާނިޔާ އަދި އަވްޝަން ވެސް ފަޒްލާގެ ރުއިމުގެ އަޑަށް ކޮޓަރިން ނިކުތެވެ. ރޮވެމުން ދިޔަ ފަޒްލާއަކަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ނަމަވެސް ހިތްވަރުކޮށްލަމުން އޭނަ ކިޔައިދީފިއެވެ. އެއާއެކު ރޫޔާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އަރައިގެން ދިޔަ ކަލައެވެ. ދެލޯބޮޑުވެ ކަރުނަތައް ޖަމާވި ހިނދު ނޭވާލާންވެސް އުނދަގޫ ވެއްޖެއެވެ. ރޫޔާއަށް ރޮއިގަނެވުނީ ޝޮކް ފިލައިގެން ދިއުމުންނެވެ. އޭރު އޭނަގެ ފައިގެ ދަށުން ބިންގަނޑު ދަމައިގެން ހިނގައްޖެއެވެ. އޭނަގެ ކަންފަތުގެ ތެރޭގައި އަދިވެސް ގުގުމާލަމުން ދަނީ ފަޒްލާގެ ޖުމްލަތަކެވެ. ވިހަގަދަ ދުނި ތީތުތަކެއް ފަދައެވެ. ރުވާފަ ދޫކޮށްލި ތީރުތަކެެއްހެން އެއިން ކޮންމެ ލަފްޒެއް ވައިކަފާލާފައި އައިސް އޭނަގެ ހިތުގެ އެންމެ ފުންމިނަށް ހެރިއްޖެއެވެ. ރޫޔާ ރޮމުން ގޮސް ހަރަކުވާވަރުވިއެވެ. އަވްޝަންއަށް ރޫޔާ ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާއެވެ.
ޝިޔާޢު ހޮސްޕިޓަލަށް ގުޅާލިއެވެ. އެއީ ދޮގު ޚަބަރަކަށްވާން އޭނަވެސް ބޭނުންވެއެވެ. މައިމޫނާއާއި މައްސަލަތަކެއް ޖެހިފައި ވިޔަސް އެއީ އޭނަގެ ކޮއްކޮއެވެ.
ރާނިޔާ، ރޫޔާއަށް ހިތްވަރު ލައިދިނެވެ. ރާނިޔާގެ ގައިގައި ބައްދާލަމުން ރޫޔާ ވަރަކަށް ރުޔެވެ. ޒަލަފް ވެސް އައީ އެގަޑީގައެވެ. ޒަލަފް ފެންނައިރަށް ރޫޔާ ދުވެލާފައި ގޮސް ޒަލަފްގެ ގައިގައި އޮޅުލައިގަންނަންމުން ބާރަކަށް ރޮއިގަތެވެ. އޭނަގެ ހިތަށްކޮށްފައިވަނީ ފުން އަސަރުތަކެވެ.
ހޮސްޕިޓަލަށް ދެވުނުއިރުވެސް ރޫޔާގެ ހާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ. އެންމެ ފަހުން ޖެހުނީ ނިންދަވާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާލާށެވެ. ޒަލަފް ރޫޔާގެ އަތުގައި ހިފަހައްޓާލާއިގެން އިނދެ އެއަތުގައި ފިރުމާލި އަދަދެއް ނޭގެއެވެ. ރޫޔާ ދެލޯ މަރާލައިގެން އޮތްއިރު އަދިވެސް އެސްފިޔަތަކުގައި ކަރުނައިގެ އަސަރު ވެއެވެ. ޒަލަފް ކުޑަކޮށް ތެދުވެލަމުން ރޫޔާގެ އެސްފިޔަތަކަށް ބޮސްދިނެވެ. އޭނަ ނުރޯން ކިތަންމެ ވަރަކަށްވެސް ހިތްވަރު ކުރިއެވެ. ރޫޔާގެ ނިތަށް ބޮސްދެމުން ޒަލަފް މިސްރާބު ޖެހީ އަވަސްފަރުވާދޭ ކޮޓަރިއާއި ދިމާއަށެވެ.
ޚަބަރު ލިބުނު ގޮތުން ވިއްޔާ މައިމޫނާއަކަށް މާކަ ބޮޑު ގެއްލުމެއް ނުލިބެއެވެ. މައިމޫނާގެ ނަސީބު ރަގަޅުކަމަށް ޑޮކްޓަރު ބުންޏެވެ. ޝީޔާޢުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މިލައިގެން ގޮސްފައިވާ މޫނުތަކުން އާދިރުމެއް ގެނެސްދިން ވަގުތުކޮޅެކެވެ. އުމެއިރާ ވެސް ކަންބަލަން އައިސް ހުއްޓެވެ.
* * * *
ހަވީރުގެ ވަގުތެވެ. އުޑުމަތި ބަނަކޮށް އޮތުމުން ދުނިޔެއަށް ވެރިވެފައިވަނީ ފަނޑު އަނދިރިކަމެކެވެ. މިއަދު މޫސުން ގޯސްވާނެކަމަށް ޚަބަރުތަކުން ބުނެފައި ވުމުން އީނާ ހުރީ ބިރުގަންނަ ގޮތް ވެފައެވެ. ވިދުވަރެއް ފެނިލިޔަސް ބިރުން މީހާ ޝޮކަކަށް ހިނގައިދާނެހެން ވެސް ހީވެއެވެ. އިވޭ ބާރު ގުރުގުރީގެ އަޑުން ކުޑަދޮރުތަކުގައިވެސް ރެނދުތައް އަޅުވާލާނެކަން ގައިމެވެ. ކިތަންމެ ތޫފާތީ ދުވަހަކަށް ވިޔަސް އީނާ ހުރީ ފެންޑާއަށް ނިކުމެލައިގެން ފޯނުން ވާހަކަ ދައްކާށެވެ. މިހާރު އެއީ އޭނަގެ އާދައެކެވެ. އަލްޔަސްއާ ފޯނުން ވާހަކަ ދައްކާނުލެވޭ ދުވަހެއްގައި އޭނަގެ ދުވަސް އެއްގޮތަކަށްވެސް ފުރިހަމަވާ ކަމަކަށް ނުވެއެވެ. ދެޒުވާނުން ސްކައިޕުންވެސް ވާހަކަ ދައްކާ ހަދައެވެ. ވޭނާއި ކަރުނައިގެ ދުވަސްތައް މާޒީވެ އަނެއްކާވެސް ފޮނި އުއްމީދުތަކާއެކު ބަހާރުގެ ދުވަސްތަކަކަށް އީނާގެ ހަޔާތަށް އިރުއަރައިފިއެވެ. ގިރާކުރަންޖެހޭ މަގުތައް ގިނަވެފައި ކުރިމަތިލާންޖެހޭ އިމްތިހާނުތައް އުނދަގޫވިޔަސް ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް އީނާ ބޭނުމެއްނޫނެވެ. ހުރިހާކަމަކާވެސް އޭނަ ކުރިމަތިލާނީ ހިތްވަރާއެކުގައެވެ. ލައްކަ ގިނަ ދުވަހު ކެތްކޮށްލެވިއްޖެއެވެ. ދެން އަލްޔަސްއާ ދުރުގައި އޭނައަކަށް ނޫޅެވޭނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނުނުކަން ރަގަޅޭ އީނާގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ ބަރުދާސްތުކުރަން ޖެހުނު ހިތާމަތަށް ދެގުނަވީސްކަން ކަށަވަރެވެ. މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަނީ ސަބަބުތަކާ ލައިގެންނެވެ.
އީނާ ވާހަކަ ދައްކަން ހުއްޓާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވުމުން ފަސްއެނބުރި ބަލާލެވުނެވެ. ޒަވާން އޭރު އައިސް އޭނަ ކައިރިއަށް ހުއްޓިލަނީއެވެ. ގަދަ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއްގައި ހުރިއިރުވެސް ޒަވާންގެ ޝަހްސިއްޔަތު ވަރުގަދަކަން ހާމަކޮށްދެއެވެ. ޒަވާންއަށް ހިނިތުންވެލަމުން އީނާ ސަމާލުކަން ދިނީ ފޯނަށެވެ.
”ބީއެފްއާތަ ތިވާހަކަ ދައްކަނީ…” ޒަވާން އަހާލިއެވެ. އީނާ ޖަވާބު ދިނީ ބޮލުގެ އިށާރާތުންނެވެ.
”ވަން ލަކީ މެން…” ސަމާނާ ރާގަކަށް ބުނެލާފައި ޒަވާން އެނބުރިލި ވަގުތު ފެންޑާއަށް މަޑުކޮށްލި ކާރުން ފޭބި ޝިޔާރާ ހުރީ އީނާއާ ދިމާއަށް ލޯއަޅާލައިގެންނެވެ. ނީރާ ކާރުން ފައިބަމުން ޒަވާންއާ ދިމާއަށް އަތުން ހާއި ޖަހާލިއެވެ. ޒަވާން ލުއި ހިނިތުންވުމަކާއެކު ނީރާ ކައިރިއަށް ދިޔައީ ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށެވެ.
ޝިޔާރާ ހުރީ އީނާ ދެކެ އިންތިހާއަށް ރުޅި އައިސް ދެލޯ ރަތްކޮށްލައިގެންނެވެ. އޭނަ ހުރީ އީނާއަށް ރަގަޅު ފިލާވަޅެއްދޭން ނިންމާލައިގެންނެވެ. ޒަވާން ފަހަތުން އަޅުވާލައިގެން އުޅެފިއްޔާ އޭނަގެ ނުބައިކަން ދައްކާލާނެއެވެ. މި ގޮތެއްފޮތެއް ނެތް ނާސިގަނޑު ހޭއަރުވާލާފަ ނޫނީ އޭނަ ދުލެއް ނުކުރާނެއެވެ. ރީތިކަމެއް ލިބިފައިވުމުން ލޮލުން ފެން ކޮންމެ ފިރިހެނަކު ސިހުރުގައި ޖައްސަމުންދާ އިނބުލީހެކެވެ. ދީންވެރި ވާންވެގެން ބުރުގާއަޅައިގެން ހުންނައިރު ފަޅުފިލުވާލަދީފައިވަނީ ކިތައް ފިރިހެނުންގެ ދާންމަތިކަމެއް ނޭގެއެވެ. ބަލާބެލުމަށް ކިތަންމެ މައުސޫމްކޮށް ހުއްޓަސް މީ ބޮޑު ނުރައްކަލެކެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއޭ މީހުން ބުނެއުޅެނީ މިފަދަ ކުދިންނަށެވެ.
”ބިޗް…….” ޝިޔާރާގެ ހިތުގައި އަނދަމުންދިޔަ ނަފްރަތުގެ ހުޅުގަނޑު އިތުރަށް ބޮނޑުވިއެވެ.
(ނުނިމޭ)
7 Comments!
Comments are closed.
dhn avahah maimoona hageegah kiyaadhy neer mama sixe ah kadaalaaba
Why everyone getting angry with Sen .why the he’ll Srebrenica this
މަންޒަރުތައް ބްލާރވެ އެއްނޫން.. މަންޒަރުތައް ފުސްވެ …
ހަމަ ހަބޭސް .. އަވަހައް އަޕް ކޮއްލަ ދެއްޗޭ އިނގޭ 🙂
Salhi ♥♥♥♥♥
Mihaaru haadha lahey vaahaka genesdhey leh dhoa a shah genesdhiy bala maimoona ge kanthan avahah flhaa aruvaalabala
Mihaaru haadha lahey vaahaka genesdhey leh dhoa a shah genesdhiy bala maimoona ge kanthan avahah flhaa aruvaalabala