“މިފަހަރު އަރީން އެކުއްޖާގެ ހިތް ހަލާކުކޮށްލާފަ ނޫނީ ދޫނުކުރާނެ. އެކަމަކު އެއީ ހާދަ މައުސޫމު ކުއްޖެކޭ. ވަރަށް އެކަނިވެރި ކުއްޖެއްކަމަށްވާނީ. ކޮންމެވެސް ހިތާމައެއްކުރާހެންވެސް ހީވޭ. އަރީން މިކުއްޖާއަށް ލަނޑުދޭން ފުރުޞަތު ދީގެން ނުވާނެ. ކޮންމެވެސް ގޮތެއް ހަދަންއެބަޖެހޭ” ޔާނިއު ހިތަށް އެރިއެވެ.
ޔާނިއުމެން ދަތުރުކުރި ފެރީ މާލޭ ޖެޓީއަށް ކައިރިކުރުމާއެކު އެންމެ އަވަހަށް ފޭބި މީހުންނާއެކު އިނާޝާ ފެރީން ފައިބައިފިއެވެ. އަރީން އަވަސްއަރުވާލައިގެން ފެރީން ފައިބާން އުޅެގަތެވެ.
“އޭބަލަ އަވަސް އަރުވައިލައިގެން ތިއުޅެނީ ތަނަކަށްދާން ގަޑިޖެހުނީތަ؟” ޔާނިއު އަށް ވެގެންއުޅޭ ގޮތް އެނގޭއިރުވެސް އަރީންއާ ދިމާލަށް ބުންޏެވެ.
“އަވަހަށް ފައިބައިގެންނު ގެއަށް ދެވޭނީ. ވަރަށް ހައިވެސް ވެއްޖެ” އަރީން އަވަސްކޮށްލައިގެން ފެރީން ފައިބަން އުޅޭ ސަބަބު ބުނަން ބޭނުންނުވިއެވެ. އަރީން އެހެން ބުނިއިރުވެސް ބަލަމުން ދިޔައީ ޖެޓީއަށް ދެންމެ ފޭބި މީހުންނަށެވެ. އަރީން ބަލަބަލާ ހުއްޓާ އިނާޝާ ޓެކްސީއަކަށް އެރިތަން ފެނުމުން ކަރުއެލުވާލެވުނެވެ. އަދި ޔާނިއުދެކެ ރުޅިވެސް އާދެވުނެވެ.
“އޯކޭ. އެހެންވިއްޔާ އަވަހަށް ދޭ ފައިބަން” އަރީންއަށް ވީގޮތްފެނި ޔާނިއުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޔާނިއުއާ އަރީން ފެރީން ފޭބުމަށްފަހު އެމީހުންގެ ލަގެޖް ނަގައިން ޓެކްސީއަކަށް އެރުވުމަށްފަހު، ދެމީހުންވެސް ޓެކްސީއަށް އަރާ ޑްރައިވަރަށް އެޑްރެސް ބުނެލިއެވެ.
************************************
“ހާދަ އިރެއްވެއްޖޭ މިހާރު. އަދިވެސް ޔާނިއުމެންނަށް ނުދެވެނީބާ؟ ދެން އެކަމަކު މިހާރު ހާދަ ލަސްވެއްޖޭ. ނުވެސް ގުޅައެއްނު” ޔާނިއުގެ ޚަބަރެއް ނުވެ ލަސްވާތީ ފައިހާ ފޯނު ނަގައިން ގުޅަން އުޅެނިކޮށް ފޯން ރިންގުވާން ފެށިއެވެ. ފައިހާ ފޯނުގެ ސްކްރީންއަށް ބަލާލިއިރު ގުޅަނީ އޭނަ އެންމެ ރުޅިއަންނަ މީހާއެވެ. ފައިހާއަށް ގުޅަނީ މުނީރުއެވެ. ފައިހާ ފޯނު ނުނަގާ ހުރީއެވެ. އިރުކޮޅަކުން އައީ މެސެޖެކެވެ.
“ކީއްވެ ފޯނު ނުނަގަނީ؟ ތިގޮތަށް ފޯނު ނުނަގާ ހުރީމާ މާކަރީއްޗެއް ނުވާނެ. ތިހެން އުޅެންޏާ އެއްކަލަ ފޮޓޯ ސޯޝަލް މީޑިއާއަށް ލީކް ކޮއްލާނަން” މުނީރު އިންޒާރުދެމުން ލީކުކޮށްލަން ބުނި ފޮޓޯއަކީ މުނީރުއާއި ފައިހާ ގައިގޯޅިކޮށް އުޅޭ މަންޒަރު ފެންނަހެން އޭނަ ހަދައިގެން އުޅޭ ފޮޓޯއެކެވެ. އެފޮޓޯ ބަލާ މީހަކަށް ހީވަނީ ހަމަ އަސްލު ފޮޓޯއެއްހެންނެވެ. ފައިހާ ހާސްވާން ފެށީ އެބުނާ ފޮޓޯ ލީކްވެއްޖެ ނަމަ އޭނައާއި މެދު މީހުން ދެކޭނެގޮތް ހިތައް އަރާފައެވެ. އަދި އޭނަގެ މަންމައާއި ބައްޕަ އަށް ވާނެ ގޮތާމެދުގައެވެ. އަދި ޚާއްޞަކޮށް ޔާނިއުއަށް އެފޮޓޯ ފެނިއްޖެނަމަ ވާނެ ގޮތް ހިތައް އެރުމުން ފައިހާއަށް ކުއްލިއަކަށް އެނދުން ތެދުވެވުނެވެ. އަދި ދެކޮޅަށް ހިނގަން ފެށުނެވެ. އެވަގުތު ދެވެން ފަހަރަށް ފައިހާ ފޯނަށް ކޯލެއް އައެވެ. ފައިހާ ފޯނުގެ ސްކްރީނަށް ބަލާލިއިރު ގުޅަނީ ހަމަ އެ މުނީރުއެވެ.
“ހެލޯ. އާދޭސްކޮށްފައި މިބުނީ ތިގޮތަށް މަށަށް އުނދަގޫ ނުކުރޭ. މުނީރުއަށް މަކޮންކަމެއްތަ ކުރީ؟” ފޯނު ނެގުމަށްފަހު ފައިހާ އާދޭހާއެކު ބުންޏެވެ.
“ހެހެހެ. މަށަށް އެނގޭ ފައިހާ މަގޭ ފޯނަށް ޖަވާބުދޭނެކަން. ފައިހާ ޖެހޭނީ މަބުނި ކަމެއް ބުނި ގޮތަކަށް ކުރަން. އެހެން ނޫނީ މަށާ އިންނަން އެއްބަސްވޭ” މުނީރު ހެމުންމެހުން އޭނާ އަބަދުވެސް ބުނާ ވާހަކަ ތަކުރާރުކޮށްލިއެވެ.
“މުނީރުއަށް ނޭގުނަށް އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އޭނަދެކެ އަހަރެން ވަރަށް ލޯބިވޭ. އެހެންވެ މިބުނީ މަށަށް ނުގުޅާށޭ. އުނދަގޫ ނުކުރާށޭ” ފައިހާ ހިއްވަރުކޮށްފައި ވާހަކަ ބުންޏެވެ.
“ކީކޭ؟ ކުއްޖަކާ ރައްޓެހިވީއޭ! މަ މިހާވަރަށް ގުޅާ ވާހަކަ ދައްކަމުންދާއިރު. ފައިހާ މަށަށް ތި ލަނޑުދިނީ ދޯ؟ ކާކާތަ ރައްޓެހިވީ އޭ؟ ބުނޭ ހަމަ މިހާރު” މުނީރު އަޑު ބާރުވެ ރުޅިވެރިކަމާއެކު ބުންޏެވެ.
“ނުޖެހޭ އެއެއް ބުނާކަށް. މިބުނީނު މައުޅެނީ ރައްޓެވިގެންނޭ. އެހެން ބުނީމަ މުނީރު ގަބޫލުކުރީމަ ވީނު” ފައިހާ އިތުރަށް ހާސްވެ ހުރެ ބުންޏެވެ.
“ހުރޭ ނުބުނެ. މަގޭ ނުބައިކަން ކަލެއަށް ފެންނާނެ ފައިހާ. ލާހިކެއް ނޫން މަހުއްޓާ ތިޔަ މީހަކަށް ފައިހާއާއި އިންނާކަށް. ބަލައްޗޭ” އަނެއްކާވެސް މުނީރު އިންޒާރެއް ދިނެވެ.
“މުނީރު މޮޔަވީތަ؟ މީގެފަހުން މަށަށް އުނދަގޫ ކުރަން ގުޅާ މެސެޖްކޮށްގެން ނުވާނެ” ފައިހާ ވަރަށް ހިއްވަރުކޮށްގައި ހަރު އަޑުން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ފޯނު ކަނޑާލާ ފޯނު ބަލާލިއިރު ޔާނިއުގެ 14 މިސްކޯލު އައިސްފައި އޮތެވެ. އަވަހަށް ޑައިލް ކޮށްލިއެވެ.
“ހެލޯ ފައި. ހާދަ ދިގު ފޯނެއްގައި. ކާކަށް މިހާ ގިނައިރު ގުޅައިގެން ވާހަކަ ދައްކަން ތިހުރީ؟” ޔާނިއު އަޑުގައި ހިންހަމަ ނުޖެހުމެއް ނެތް ނަމަވެސް ކޮށްލީ ސުވާލެކެވެ.
“އެއީ…. އީ މީ…. ކްލާސް ކުއްޖެއް” ފައިހާ ހާސްވެ އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
“ފައި. ހުރިހާ ކަމެއް ރަނގަޅުތަ؟ ހާދަ ހާސްވެފައި” ޔާނިއުއަށް ފޯނުން ފައިހާގެ އަޑު ޖެހުމުން ވެސް ހާސްވެފައި ހުރިކަން އެނގުނެވެ.
“ނޫނޭ. އެހީ ޔާނިއު އަށް ހަމަ ހީވިގޮތެއް. އެއްވެސް ކަމެއް ނުވޭ. ކޮބާ ދެވުނީދޯ؟ މެންދުރު ކައިފިންތަ؟” ފައިހާ ހަމަޖެހޭކަން އަޑުން ދައްކާލަމުން ވާހަކަ ބަދަލުކޮށްލިއެވެ.
“ނޫނޭ އަދި ގެއަށް ވަދެ ފޮށި ހުސްކޮށްފަ ފެންވަރަން ވަންނަން މިއުޅެނީ. އޭގެ ކުރިން މަގޭ ޖާނު އަށް ނުގުޅާ ހަމަ ނުހުރެވިގެން މިގުޅީ. އެކަމަކު ފޯނު ނެގީކީ ނޫންވިއްޔަ” ޔާނިއު ބުންޏެވެ.
“ފޯނެއްގައި ހުރީމާ އެހެންވެދާނެ ނު. މިހާރު މިއޮއް ގުޅުނީނު. މަވެސް އަދި ނުކަން. ޔާނިއުގެ ޚަބަރެއްވެސް ނުވާތީ ހަމަ އޮތީ. ވަރަށް މިސްވޭ. ހަމަ ކައިރީގައި ހުންނަން ބޭނުންވަނީ” ފައިހާ ޅަގޮތަކަށް ބުނެލިއެވެ.
“މަވެސް ވަރަށް މިސްވޭ ފައި. އެކަމަކު ދެން ނެތެއްނު މާގިނަ ދުވަހެއްވެސް. ގުޅާނަމޭ ވަރަށް ގިނައިން އަދި ރޭގަނޑު ވައިބަރވެސް ކުރެވޭނެ ނު. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދާނަމޭ” ޔާނިއުވެސް ފައިހާ ކައިރީ ހުންނަން ބޭނުންވާ މިންވަރު ހާމަކުރިއެވެ.
“ތީހަމަ ބެސްޓް. ދެން ދޭ އަވަހަށް ފެންވަރާގެން ކާންދާން. މަވެސް މިދަނީ ކާން ދާން އިނގޭ” ފައިހާ އުފަލުން ފޮޅިފަހުރެ ބުންޏެވެ.
“އޯކޭ. ލަވް ޔޫ. ބާއި” ޔާނިއު ފޯނު ބޭއްވުމުގެ ކުރިން ބުންޏެވެ.
“ލަވް ޔޫ ޓޫ. ބާއި” ފައިހާ ވެސް ރައްދުގައި ލޯބިވާކަން ބުނެ ފޯނު ބޭއްވިއެވެ.
**************************************
“ޔާނިއު ހާދަ ވަރެކޭ ދޯ ތިޔަ ވެފައި ތިބީ. އެންމެ ފަހަރަކު ފެނި ވާހަކަ ދެކެވުނީ. ދެމީހުން ކުރެ މީހަކަށް އެކަކު އަނެކަކު ނުވެސް އެނގޭ. ތީއަޅެ ލޯބިވާ ގޮތްތަ؟” ހުރިހާ އިރު ޔާނިއު ވާހަކަ ދެއްކި އިރު އެކޮޓަރީގެ އެނދުގައި އޮތް އަރީން ބުނެލިއެވެ.
“އަރީން ވެސް ކުއްޖަކު ދެކެ ލޯބި ވެވިއްޖެނަމަ ހަމަ މިހެންވާނީ” ޔާނިއު ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
“އަހަރެން ތިގޮތަކަށް ކުއްޖަކު ދެކެ ލޯބި ނުވާނަން. ތީދެން ބޮޑުވަރު ވިއްޔާ. މަށަކަށް ތިޔަ ގޮތަށް ފޯނުކޮށް މެސެޖްކޮށް ނޫޅެވޭނެ” އަރީން އަނގަ ގޮތަކަށް ހަދާލަމުން ބުންޏެވެ.
“ތިއެއް އެނގޭ އަދި. އޭ މައެބައަންނަން ގަޔަށް ފެންފޮދެއް އަޅައިގެން. ވަރަށް އަވަސްކޮށްލާނަން އިނގޭ” ޔާނިއު އަށް ލަސްވެއްޖެކަމުގެ އިޙްސާސް ވެގެން ދިޔައީ އަޞްރު ނަމާދުގެ ބަންގި ގޮވާ އަޑު އިވުމުންނެވެ.
“އޯކޭ. އޭ އަވަސްކޮށްލައްޗޭ. މަ ވަރަށް ހައި އިނގޭ” އަރީން ބަނޑުހައިވެފައިވާ މިންވަރު ހާމަކުރިއެވެ.
********************************
ޔާނިއުއާއި އަރީން ސައިކަލް ފާކްކޮށްލީ ފަރީދީ މަގުގައި ހުންނަ ލެމަން ގްރާސް 5 ގެ ފާކިން ޒޯނުގައެވެ. ދެމީހުންވެސް ވަދެގެން ގޮސް ކަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ހުރި ގޮޑީގައި އިށީދެއްޖެއެވެ. އަދި ވޭޓަރު އައުމާއެކު ދެމީހުން ވެސް އޯޑަރު ދިނެވެ. އިރުކޮޅެއް ނުވަނީސް ޔާނިއުއަށް ފޯނެއް އައެވެ. ޔާނިއު މޭޒުމަތީގައި ބާއްވާފައިވާ އޮތް ފޯނު ބަލާލިއިރު ގުޅަނީ ޔާނިއުއާއި އަރީންގެ ވެސް ރައްޓެއްސެއް ކަމުގައިވާ ރިފްއަތެވެ.
“ހެލޯ ރިއްޕޭ. ކޮބާ ކަލޭ” ޔާނިއު ފޯނު ނެގުމަށްފަހު ބުންޏެވެ.
“މަ މިއުޅެނީ ކޮބާ މާލެއައީ ދޯ. ހިނގާބަލަ ކޮފީއަކަށް” ރިފްއަތު ބުންޏެވެ.
“އަހަރުމެން މިތިބީ ލެމަން ގްރާސް 5 ގައި. އާދޭ މިތަނަށް” ޔާނިއު އެމީހުން ތިބި ތަން އަންގާލިއެވެ.
“އެހެންތަ؟ އޯކޭ މިދަނީ އިނގޭ. ފަސް މިނިޓް ވަރު ވާނެ” ރިފްއަތު ބުންޏެވެ.
“އޯކޭ . އާދޭ” ޔާނިއު ފޯނު ބޭއްވިއެވެ.
“ރިއްޕެ އެބައާދޭ މިތަނަށް. ކޮފީއަކަށް ދާން ބުނީމާ މަބުނެފިން މިތަނަށް އަންނާށޭ. ހެހެހެ” ދުވަސްކޮޅަކަށް ފަހު ގާތް ރައްޓެއްސަކާ ދިމާވާތީ ޔާނިއު ހުރީ އުފާވެފައެވެ.
“މިއޮއް އައީނު. ހޭ ރިއްޕޭ. ކިހިނެއް؟” ރިފްޢަތު އެތަނަށް އައުމާއެކު އަރީންއާއި ޔާނިއު ރިފްއަތާ ކޮނޑާ ކޮނޑު ޖައްސާ ސަލާމްކުރިއެވެ.
“ދެން މިއޮއް އުޅެނީނު. އޯކޭ ދެން. ކިހިނެއް ޗުއްޓީ ދިޔައީ. އަރީން ކަލޭ މިފަހަރު ކަމެއް ހިންގާނުލަންތަ؟” ރިފްއަތު ބުންޏެވެ.
“ޗުއްޓީ ވަރަށް ހަބޭސް ހަމަ. އާ ކެޔޮޅެއް މިފަހަރު ހިޔަ ބާނައިފި. ހެހެހެ” ޔާނިއުއާ ދިމާލަށް ބަލާލަމުން އަރީން ޖަވާބު ދިނެވެ.
“އަރީން ކަލޭ މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. މަށަށް އެނގޭ ޔާނިއު ބިޓެއްގެ ކަންތަކާ ނޫޅޭނެކަން” އަރީން ބުނި އެއްޗެއް ރިފްއަތަކަށް ގަބޫލެއް ނުކުރެވުނެވެ.
“މަވެސް މިއޮއް ހުރިހާ ދުވަހު ގަބޫލުކުރީ ތިޔަހެން. އެކަމަކު އަހަރުމެންނަށްވުރެ މާކުރީގައި ޔާނިއު އުޅެނީ. ވާހަކަ ދެއްކި ހަމައެކަނި ރޭ ހުރިހާ ކަމެއް ނިންމައފި. އިންނަންވެސް ނިންމައިގެން އެއީ. ހަހަހަހަ” އަރީން ހެމުން ހެމުން ޔާނިއުއާ ދިމާކޮށްލިއެވެ.
“ނުވާނެ ތިހެނެއް. ތެދެއް ޔާނިއު……. ހަމަ އެހާވަރުވީތަ؟ ހެހެހެ. އަހަރުމެން ބިޓުންގެ ވާހަކަ ދެއްކީމަ ކަލޭ ހީވަނީ ހޮޑުލަވާހެން. ކޮބާ ހީވޭ” ރިފްޢަތު ވެސް ޔާނިއުއާ ދިމާކޮށްލިއެވެ.
“އަޅެ ދެން ތިހާވަރު ނުކުރިއަށް ހެވޭ. އަރީން އެބުނީ ތެދެއް. އަހަރެން ކުއްޖަކާ ރައްޓެހިވެއްޖައިން. ކޯސް ނިންމާފަ ގޮސް އިންނަންވެސް ނިންމާފަ މިއައީ” ޔާނިއު ކުޑަ ހިނިތުންވުމަކާ އެކު ބުންޏެވެ.
“ކީކޭ؟ ޔާނިއު ކަލޭ ހަމަތަ އަޅެ. ކުއްޖަކު ހަމަ ފެންނަ އިރަށް ރައްޓެވިވެ އިންނަން ނިމީއޭ. އެކަމަކުވާ. ހާދަވަރެއް އެމަންޖެ އެންމެ ފަހަރަކުން ތިޔަކޮށްލީ. ހެހެހެ” ރިފްއަތު އަޑުފަޅައިގެންދާ ހާ ބާރަށް ހޭންފެށިއެވެ.
“އޭ އަދި ތިއެއް ނޫނޭ. ރަށު ބިޓެއް މެދު އުމުރުގެ ގޮލައަހާއެކު ހުރި ހިޓް ފޮޓޯއެއް ވައިރަސް އެއް ހެން އެބަ އެނބުރޭ އެފްބީގައާއި ޓުވިޓާގައި. މަށަކަށް އެމަންޖެ ނޭގެ. މިހުރީނު. ބަލާބަލަ” ރިފްއަތު އެހެން ބުނުމަށްފަހު ޖެހިގެން އިން އަރީން އަށް ފޯނު ދިއްކޮށްލިއެވެ. “މީ… އެކަމަކު….” ރިފްއަތު ފޯނުން ފެންނަން ހުރި ފޮޓޯ ފެނުމާއެކު އަރީން ދެލޯ ބޮޑުވެ ރިފްއަތާއި ޔާނިއުއަށް ފަހަރަކު މީހަކަށް ބަލާލިއެވެ. އަރީން އަށް ވީގޮތުން ރިފްއަތާ ޔާނިއުވެސް ސުވާލު އުފެދުނެވެ.
“ކިހިނެތްވީ؟ އަރީން ދަންނަ ކުއްޖެއްތަ؟” ޔާނިއު ސުވާލު އުފެދިފައިވާ ގޮތަކަށް އަރީން އަތުގައި އޮތް ރިފްއަތުގެ ފޯނު ނަގަން އަތް ދިއްކޮށްލިއެވެ. ނަމަވެސް އަރީން ފޯނު ދިނީ ރިފްއަތަށެވެ. އަރީން ހުރީ ވަރަށް ކަންބޮޑުވެފައެވެ.
“އޭ ދީބަލަ މަވެސް ތީކާކުތޯ ބަލާލަން. އޭރުންތާ މަށަށް ވެސް އެނގޭނީ” ޔާނިއު ރިފްއަތު އަތުން ފޯނު ނެގުމަށ އަތް ދިގުކޮށްލިއެވެ. އެވަގުތު އަރީން ރިފްއަތާ ދިމާލަށް ބޯހޫރަން އިންތަން ރިފްއަތަށް ފެނުމުން އަރީންއަށް ވީގޮތް ރިފްއަތަށް ކޮންމެވެސް ވަރަކަށް އެނގުނެވެ. ނަމަވެސް ފޯނު ދަމާގަތުމުގެ ކުރިން ޔާނިއު ފޯނު ނެގިއެވެ.
“ކީއްވެތަ މަށަށް ނުދައްކަން އަރީން މިއުޅެނީ. ޔަޤީނޭ އޭނަ އެކަމާ އުޅެން…………” އަރީން އެފޮޓޯ ނުދައްކަން އުޅުމުން އެވާހަކަ ދައްކަމުން ރިފްއަތު އަތުން ފޯނު ޖަހާގަންނަމުން ފޯނުގެ ސްކްރީން ބަލާލުމާއެކު ޔާނިއުގެ ބަސް ހުސްވިއެވެ.
(ނުނިމޭ)
4 Comments!
Comments are closed.

nooooooooooon
faihaa ah ehnn nuhadhaa
yaaniu and faihaa dhurukohnulahcheyyy
i hate you muneeru
e dhn meehunn ulhey vahtharu thrr
anyways maasha allah story vrh nice
yarn keep itt upp
waiting for next part
Varah reethi.
Me dhw first, kihinei baa dhen vaanee, when is next.
Mee 1900 ge aharuthakuga.. srsly?