
ސާޅީސް (ފުރަތަމަ ބައި)
“ކެތެއް ނުވާނެ… ކެތްކުރެވޭނީވެސް ވަކިވަރަކަށް… އުޅޭނެހާ ގޮތަކަށް އުޅެފަ ޖަހާނެހާ ސަކަރާތެއް ޖަހައިފަ އަންނައިރު ތިމާގެ ފިރިމީހާގެ ޙައްޤުތައް އަދާކުރެވޭބާއޭ އެއްފަހަރުވެސް ހިތަކަށް ނާރާދޯ! މޫނުގެ ދެ ފަރާތުން ޗޯކު ކާރުވާ ފައުންޑޭޝަންގެ ކޯޑުތައް ދުއްވާ ކިތައްމެ ތިއްތި ދެއްކިޔަސް ފިރިމީހާގެ ޙައްޤުތައް އަދާނުކޮށް….” ނާޖިހު އައިސްއަލަމާރިން ނެގި ފެންފުޅީގެ މަތި މޭޒުމަތީ ބާއްވާލަމުން ފުޅި އަނގަޔާ ދިމާކޮށްލިއެވެ. މޫނުމަތިން އުފާވެރިކަން ފެންނަން ނެތްއިރު، ހިތާމައިގެ އަސަރުވެސް ފެންނާކަށް ނެތެވެ.
“ތިމާގެ ހާލު އަމިއްލައަށް ވަޒަންކޮށް އަނެއްކާއަށް ގުދޯގުދޯ ގޮވާބަލަ! އެންމެ ފުރަތަމަ ފިރިއެއްގެ ވާޖިބު އަދާކުރުމަށްފަހު އަނބިމީހާގެ ވާޖިބުގެ ވާހަކަ ދައްކަބަލަ! ދެ އިރު ހަމައަށް ޖޮގިންއަށްގޮސް ރޭގަނޑު ޖިމަށްގޮސް، ރައްޓެހިންނާއެކު ކޮފީއަށް އެރިޔަސް އަދި ފިރިހެނަކަށް ނުވާނެކަން ހަނދާންކޮށްދޭން ޖެހެނީ އަހަރެންތަ؟ ދެއިރު ކާ ބޭހެއްހެން އޮފީހުން ގެއަށް ވަންނަ އިރަށް ތިޔަ ގޮވާ ގޮވެލި ފަތި އިވިއިވި މި ކަންފަތް މިހުރީ ހޭނިފަ…” ޒުލްފާ ކޮނޑުގައިވާ އަތްދަބަސް ސޯފާގައި ބާއްވަމުން އިސްތަށިގަނޑުގައިވާ ދަތި ނައްޓައިލާ އިސްތަށިގަނޑު ދޫކޮށްލިއެވެ. މަޑުމަޑުން ސޯފާގައި ހަމަޖެހިލިއެވެ. ދަބަސް ހުޅުވާލަމުން، ޓޮބްލެރޯން ޗޮކުލެޓެއް ނަގައި ކަނޑައިލުމަށް އަވަސްވިއެވެ. ނާޖިހުގެ ވާހަކަތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެހެނަސް ރައްދުދިނުމަކަށް ބަދަލެއްނާދެއެވެ.
“އަންހެނުންނަކީ ނިކަން ކިޔަމަންތެރި އޯގާތެރި ބައެކޭ! އަހަރެން ހަމަ އަޖައިބުވޭ އާދަމް މުޙައްމަދުގެ ދޮށީ އަންހެން ދަރި ޒުލްފާ އާދަމުގެ ފަރާތުން ތިޔަ ފެންނަ މާތް ޙުލްޤުން…” ފެންފުޅި އެއް އަތުން ހިފައިގެން އައިސް ކާމޭޒުމަތީ ބަހައްޓާލަމުން ތަށީއޮތް ޕާންފޮތިތަކުގައި ބަޓަރު ހާކާލަމުން ވައްކަޅިން ޒުލްފާއަށް ބަލައިލިއެވެ.
“ފިރިންގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އަނބިން ހިތްފަތަޙަކޮށް އުފާވެރިކަންމަތީ ގުލްޒާރުތަކުގައި މާތައް ގުނަމުން ދާވާހަކަ އަހަރެންވެސް ކިޔަނީ ފޮތްފޮތުން ލިޔެފައި ހުންނާތީ! ރުޤިއްޔާ އަލީ އާއި އިބްރާހިމް ރަޝީދުގެ އަޙްމަދު ނާޖިހުގެ އަނބި ޒުލްފާ އާދަމު ހަނާވެގެން މިދަނީ އެ ބުނާ ގުލްޒާރެއްގެ އުދަނގޫ ވަބާގައި ފީނަ ފީނާ….” ޗޮކުލެޓްގައި ދަތްއަޅައިލަމުން ޒުލްފާ ވެސް ނުރުހުމުގެ ލޮލަކުން ނާޖިހުއަށް ބަލައިލިއެވެ. ޖެއްސުމުގެ ރާގު އަޅުވައިލަމުންނެވެ.
“ބުނެބަލަ… އެއްފަހަރު ވެސް ބުނެބަލަ… މި ނާޖިހުގެ އަތުން ތިޔަ ކަމަނާގެ ތިޔަ ލޫޅާފަތި ހަށީގައި އިނގިލިކުރި ޖައްސާލިތޯ! ނިކަން ބުނެބަލަ ކޮކާލަކަށްވުރެ މިނިވަންކޮށް ބޭނުން ކޮންމެ ކަމެއް ކޮށްލަކޮށްލާ ތިޔަ ހުންނަނީ މީހެއްގެ ހައްޤެއްކަން…. ނިކަން… ނިކަން ބުނެބަލަ…. ކައިވެންޏެއް ކޮށްގެން މި ނާޖިހަށް ލިބެނީ ކޮން މަންފާއެއް…. ކޮން އަރާމެއް… ކޮން ހިތްހަމަ ޖެހުމެއް…” އަތުގައިވާ ސަމުސާ ތަށީގައި ބާއްވާލަމުން ނާޖިހު އަނގަޔަށް ޕާންފޮތިލިއެވެ.
“ޔަޤީންވާކަމަކީ އަހަރެންގެ ބޭނުމަކަށް ތިޔަ ފިރިހެންވަންތަ ފިރިހެނާގެ އެންމެ ލޮއެ ބައިރުފިޔާއެއް ވެސް ޚަރަދު ނުކުރާކަން… އަހަރެން ކައިގެން ބޮއެގެން، ނުވިތާކަށް ލައިގެން މިއުޅެނީ އަމިއްލައަތުން ހަލާލު ގޮތުގައި ހޯދާ ފައިސާއިން… އިބްރާހިމް ރަޝީދުގެ ދަރި އަޙްމަދު ނާޖިހަށް ދީފައި ހުރި އެ ޕާޓްމަންޓެއްގެ ކޮޓަރިއެއްގައި އަހަރެން އުޅޭތީ ކޮންމެ މަހަކު ވެސް އެ އެޕާޓްމަންޓް ކުލި ވެސް ހުންނާނީ އަޙްމަދު ނާޖިހުގެ ބޭންކް އޮފް މޯލްޑިވްސް މާލޭ ބްރާންޗުގެ ސޭވިން އެކައުންޓަށް ޖަމާކޮށްފަ… ފެން ބިލާއި ކަރަންޓު ބިލަށްވާ ފައިސާއާ އެކު ހަތްހާސް ފަސްސަތޭ ރުފިޔާ ހުންނާނެ މަހުން މަހަށް ޖަމާކޮށްފަ… ދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ!” ޒުލްފާ ޗޮކްލެޓްގެ ބާކީބައި ބަންދުކޮށްލަމުން ފޮށިގަނޑުގެ ތެރެއަށްލިއެވެ. މަޑުމަޑުން ކޮޅަށް ތެދުވެ ހިނގައިގަތެވެ. އައިސްއަލަމާރީގެ ދޮރު ހުޅުވާލަމުން ފެންފުޅިއެއް ނަގައި ކޯވަރެއް ބޮއެލިއެވެ. މޫނުމަތިން ދެތިން ރޫ އަރުވައިލަމުން މޫނު ކުނިކޮށްލާ ދެބުމަ ގޮށްޖަހައިލަމުން މޭޒުކައިރީއިން ނާޖިހަށް ބަލައިލިއެވެ. ނާޖިހު އިނީ ޒުލްފާއަށް ފުރަގަސްދީގެން ކަމަށްވާތީ ޒާތެއްގެ ނުސިޔާނު ގޮތަކަށް ނާޖިހަށް ޒުލްފާ ތުން އަނބުރައިލަމުން މޫނުން ދެތިން ރޫ ފާޅުކޮށްލިއެވެ.
ނާޖިހު މަޑުމަޑުން އިސްޖަހައިލައިގެން އިނދެ ކެއުމަށް އިންސާފުކުރަމުން ދިޔައީ މަޑުމޮޅި ކަމުގެ ސާލެއް މޫނުމަތީ ފަތުރާލަމުންނެވެ. އެ ދުވަސް ވެސް އެގޮތަށް ނިމިގެންދާނީ އިތުރު ބަދަލެއް ނައިސްކަމަށް ނާޖިހުއަށް ވިސްނުނެވެ. އެހެންވެ ދެފަރާތަށް ބޯ ހޫރައިލެވުނީ ބޭއިޚްތިޔާރުގައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވިއެވެ. ކޮޅަށް ތެދުވަމުން މޭޒުމަތީ ބާއްވާފައި އޮތް މޯބައިލް ނަގައި ޑައިލްކޮށްލިއެވެ. އޭރު ޒުލްފާ ކޮޓަރިއަށްވަދެ ދޮރު ލައްޕާލަނީއެވެ.
“ނިދަނީތަ؟ އަހަރެން ބޭނުން މިރޭ ބައްދަލުކޮށްލަން؟ ވާނެތަ؟” ކަންފަތާއި ކަނާއަތު ކޮނޑާދެމެދަށް ފޯނުލައި ބާރުކޮށްލަމުން ނާޖިހު އައިސްއަލަމާރީގެ ތެރެއަށް ފެންފުޅިއާއި ޕާންކޮތަޅު ބެހެއްޓީ މަޑުމަޑުންނެވެ. ލަސްފިޔަވަޅުތަކެއް ފަސްދެމުން މަޑުމަޑު ހިނގުމެއްގައި އައިސް ކުރިން ޒުލްފާ އިށީނދެއިން ސޯފާގައި އިށީދެ ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އެހެން ކޯލެއްގެ އިޝާރާތެއްވީމަ އާ އެކުގައެވެ.
“ކީކޭ އިއްބޭ! މަ ފޯނެއްގައޭ އޭރު ހުރީ؟” ފޯނުން ވާހަކަދައްކަމުން ދިޔަ މީހާގެ ވާހަކަތައް އަޑުއަހަށް ނާޖިހު ސަމާލުކަންދީގެން އިނދެ، ލައިގެން އިން ޓީޝާޓްގެ ގިރުވާނާ ވައަތުން ކުޅެމުން ދިޔައެވެ.
“ނޫނޭ މަގޭ ބައްޕައަށް އަށް! އެ އެކަމާ ވާހަކަދައްކާލަން! ދެން ކިހިނެއްވާނީދޯ…” ނާޖިހު ފުންނޭވާ އެއް ދޫކޮށްލަމުން ސޯފާގައި ދިގުދެމިލިއެވެ.
“ނޫވޭ ހަމަ ކުރިއެކޭ އެއްގޮތް! ކިހިނެއް އަހަރެން ހަދަންވީ! އޭނާ ދޫދޭކަށް ބޭނުމެއްނޫން! މައްސަލައަކީ އެއީ! ބުނާ ކޮންމެ އެއްޗަކަށް ދޭތިން ތިނެތި… އިއްބެ ބުނިގޮތަށް އެއްކަލަ ރޭ ކަންތައް ކުރީމަ ވެސް ހަމަ ބަދަލެއްނައި! އަހަރެން ވަރަށް މަސައްކަތް އެބަ ކުރަން! ދެން އިތުރުގޮތެއް އޮތްހެން ހިއެއްނުވޭ! މިހާލެއްގައި އަހަރެން އުޅޭތާ ކޮން ދުވަހެއް…” ނާޖިހު އަޑުގައި ވޭން އެކުލެވެމުން އަޑުގެ މޮޅިވެރިކަން އިތުރުވަމުން ދިޔައެވެ.
“ޔަޤީންވާކަމަކީ އެހެން ދިމާއަކަށް ދާ ކަމުގެ ނިޝާންތައް އޭނާގެ ފުށުން ނުފެންނަކަން… އަހަރެން ވަރަށް ބަލަން އެ އޮފީހުގެ ކަންކަން ވެސް… އެ އޮފީހުގެ އެމީހުން ސެކްޝަންގެ ހެޑް ސަލީމާ އަކީ އަހަރެންގެ އެޖެންޓެއް!” ނާޖިހު މެދުކަނޑައިލީ އެކޮޅުން ވާހަކަދައްކަމުން ދިޔަ މީހާ ފެށުމުންނެވެ.
“ވެދާނެ! ސަލީމާ ބުނި އެ އޮފީހަށް އަލަށް ފިރިހެން ސޮރަކު ވަން ވާހަކަ! ތި ވާނީ އެސޮރަށް… އެވެސް ހުސްކޮށް ހުރި ސޮރެއް ވީމަ ގުޅުމެއް އުފެދެނީ ކަމަށްވުން ގާތް… އެކަމު އެކަހަލަ ކަމެއް އުޅެންޏާ ސަލީމާއަށް އެނގޭނެ! މަ އެބަ ބަލައިލަން ތިކަމެއް!” ނާޖިހުގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފާއްދައިލީ އެހައި ހިސާބުންނެވެ. އަވަސް އަވަހަށް ފޯނު ކަނޑައިލުމަށްފަހު އިތުރު ނަންބަރަކަށް ޑައިލުކޮށްލީ އެހެންވެއެވެ.
“ސަލީ ބިޒީ ގަޑިއެއްތަ؟” ނާޖިހު އަޑުގައި މޮޅިކަން ވެރިވަމުން ދިޔައެވެ. އެހެނަސް އޭނާ މަސައްކަތް ކުރަމުންދިޔައީ އެކަން ސަލީމާއަށް ހާމަ ނުކޮށްވޭތޯ ބެލުމަށެވެ.
“ނޫނޭ އެހާ އެހާއެއް ނޫން! މަ ވެސް ނާބެއަށް ގުޅަންއުޅެނިކޮށް ތި ގުޅީ! އަހަންނަށް އެބަ ހީވޭ މިހާރު ޒުލް އެހެން ދިމާއަކަށް މިސްރާބު ދީލަމުންދާހެން! އެހެން މިބުނީ ފަހުން އޮފީހަށް އެވަން ނިޝާމު… އެ ނިޝާމާ ވަރަށް ހީސަމާސާކޮށް މަޖާކުރާ މަންޒަރު ދެ ދުވަހަކު ފެނުމާ އެމީހުން އެކަނި ކެއުމަށްދާ މަންޒަރުތައް ފެންނާތީ! އަވަހަށް ހަރުދަނާ ރަނގަޅު ގޮތެއް ވޭތޯ ބަލައިބަ އެހެން ނޫނީ މި ފަހަރު ސަލާމަތް ނުވެ ހިނގައިދާނެ! އެ ނިޝާމު އެ ވަރަށް ހިތްކިޔާކަހަލަ ގޮތަކަށް ހުންނަ ރީތި ކުއްޖެއް! އޮފީހުގަ ހުސްކޮށް ތިބިހާ ކުދިން އެތިބެނީ މަށަށް މަށަށް ކިޔައިލަ ކިޔައިލާ!” ސަލީމާ އެއްފަހަރާ ހުރިހާ ވާހަކަތަކެއް ހިއްސާކޮށްލި އެއްކަމަކު ވާހަކަތައް ހިއްސާކުރީ ތަރުތީބުކުރަމުން މަޑުމައިތިރި ހިތްހެޔޮރާގެއްގައި ލަސްލަހުންނެވެ.
“އެހެންތަ؟ ތިކަހަލަ ވާހަކައެއް އިއްބެވެސް ބުނެގެން މިގުޅީ ޚަބަރެއް ބަލައިލަން! އޯކޭ ވަރަށް ބޮޑަށް ތޭންކްސް… އަޕްޑޭޓް ދެމުން ދައްޗެ! ބޭއްވީ އިނގޭ!” ނާޖިހު ފޯނު ބާއްވާލަމުން މޫނުމަތީގައި އަތްފިރުމައިލިއެވެ. މަޑުމަޑުން ނިތްކުރިއަށް އަތްނގައި ވިސްނުމުގެ ވާދީއަށް ފީނައިލިއެވެ. އޭނާގެ ޙަޔާތުގެ ކަންކަން ނިއުޅެމުން ބަދަލުވަމުންދާ ސަބަބުތަކާ މެދުގައެވެ.
ދެފަރާތުގެ މައިން ބަފައިންގެ އެދުމަށްކުރެވުނު ކައިވެނިން ލިބެމުންދިޔަ ގިލަންވެރިކަމާއި މާޔޫސްކަމުގެ ސަބަބުންނެވެ. ޢުމުރުން 27 އަހަރު ނުވަނީސް ކުއްލި ގޮތަކަށް އެކަމަށް ތައްޔާރު ވެސް ނުވަނީސް ޒުލްފާ އަލަތު އަނތްބެއްގެ މަޤާމަށް ގެންނަން ޖެހުނު ހާދިސާގެ މަތިން އޭނާ ހަނދާންވާން ފެށީ އެހައި ހިސާބުންނެވެ.
ނާޖިހުގެ ބައްޕައާއި ޒުލްފާގެ މައިންބަފައިންނަކީ ފެށުނީއްސުރެ އެކުވެރި އެއްބައެއްގެ ހާލުއަނެއް ބަޔަކު ބަލާ އުޅުނު ގުޅޭ ދެ އާއިލާއެވެ.
(ނުނިމޭ)
5 Comments!
Comments are closed.
Nyc…
Nyce n thankolheh avahah up kurahchey
V filmy..;-)
Nice feshumeh
Next part next mnt ga dhw