ދުޢާ 8
“ވަޢަލައިކުމުއްސަލާމް.. މަރުޙަބާ ދާނިޔަލް.. ތިޔަ ކުރި ހިތްވަރަށް އަދި ތި ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ.. ދާނިޔަލްގެ ހުވަފެން ތިފަދަ ނަތީއްޖާއަކާއެކު އަދި ޙަޤީގަތަކަށް ހެދޭނެ.. އިން ޝާ ﷲ..” އަރީފް ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ޙަޤީގަތުގައި އޭނާ އެހުރީ ބަޔާންކުރެވޭވަރަށްވުރެވެސް އުފާވެފައެވެ. ފުރަތަމަ ދުވަހުއްސުރެވެސް ދާނިޔަލްއަކީ އޭނާގެ ދަރިއެއްފަދައިން އަރީފް ދެކެއެވެ.
އެއީ އޭނާގެ އެހެން ދަރިއެއް ނުހުންނާތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެޔަކަސް ދާނިޔަލް ފެނުމުންވެސް އޭނާއަށް ކުރެވެނީ ވަރަށް ގާތް އިޙުސާސެކެވެ. ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.
ފަތިހުގެ ހިތްގައިމު ވަގުތެވެ. ދާނިޔަލް ފެންވަރާލައިގެން ގެއިން ނިކުތީ ޖަމާޢަތަށް ނަމާދަށް އެރޭތޯއެވެ. އާދައިގެ ހިނގުމެއްގައި ހިނގާލައިފައި ދިޔައިރު އެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ކުލަގަދަ ދެބުމައާއި ދޮން މޫނާއެކު ފާޅުވާން ހުރީ ރީތި ހިނިތުންވުމެއްވި ތުންފަތެކެވެ. އާދައިގެ މަތިން ލައިފައިވި ކަޅުކުލައިގެ ގަމީހުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅާލައިފައިވިއިރު އޭނާގެ އަތުގެ މުލައްދަނޑި ހާމަވެއެވެ.
ހަމަ އެޔާއެކު ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަށް އިތުރުކުރުވާހެން ހީވެއެވެ. އަތުގެ މުލައްދަނޑިއާއި މޫނު އެ ކަޅު ގަމީހާއި ފަޓުލޫނުގެ ސަބަބުން އިތުރަށް ދޮންކަމަށް ދައްކައެވެ. ނަމާދަށް ދާތީ ދާނިޔަލްގެ ހިތަށް ނޭނގޭ އުފާވެރިކަމެއް ވެރިވެފައިވެއެވެ. ޙަޤީގަތުގައި ނަމާދަކީ އޭނާއަށް އުފާވެރިކަން ލިބޭ އެއް ސަބަބެވެ.
ނަމާދަށް ގަމަތްދިނުމަށްފަހު އިމާމާ އިމާމްވެ ނަމާދުކުރަން ފެށިއެވެ. އެހިނދު އިމާމާ ދުނިޔޭގެ ނަން މަޝްހޫރު ޤާރީއެއްކަމުގައިވާ ޢަބްދުއްރަޙްމާން އައް ސުދައިސްގެ ރާގަށް ސޫރަތުއް ރަޙްމާން ކިޔަވަމުން ދިޔައެވެ. ދާނިޔަލްއަށް ހިނިތުންވެލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. ސޫރަތް ފެށިގެން އައި އިރު އެ އާޔާތްތަކުގެ މާނައިންވެސް ﷲގެ ކުޅަދުންވަންތަކަން ހާމަވެއެވެ.
ދާނިޔަލް ރީތި ހިނިތުންވުމަކާއެކު ގެޔަށް އައިސް ވަނެވެ. އެއިރު އާލިމާވެސް ކޮޓަރިން ނިކުމެ ސިޓިންގް ރޫމުގައި އިނެވެ. “އައްދޭ.. މިއަދު އެއްކޮށް ކަޅު ދުވަހެއްތަ؟” ދާނިޔަލް ގެއަށް އައިސް ވަތްތަނުން އާލިމާ ސުވާލުކޮށްލީ ދާނިޔަލް ކަޅު ހެދުމުގައި ހުރުމުންނެވެ.
ކަޅު ގަމީހަކާއެކު ކަޅު ފަޓުލޫނެއް ލައިފައިވާއިރު އެ ކަޅުކަންގަދަ އިސްތަށިގަނޑުގެ ސަބަބުން ބަލައިލަން ހިތްގައިމެވެ. “ހެހެ.. ހަމަ ލާހިތްވީ މީތި..” ދާނިޔަލް ކުރު ޖަވާބެއް ދިނެވެ. އޭނާގެ ލޯބިވާ ދަރިފުޅާ އެގޮތަށް ސަމާސާ ކޮށްލުމަކީ އާލިމާގެ ދުވަހުގެ ޝެޑިއުލްގެ ކޮންމެވެސް ހިސާބެއްގައި އަބަދުވެސް ހިމަނާ ކަމެކެވެ.
“މަންމާ.. ހިނގާބަލަ ހިނގާލަން މިއަދު.. މިހާރު ވަރަށް ދުވަސްވެއްޖެ މަންމަ އާއެއްކޯށް ތާކަށް ނުދާތާ.. މަންމަ ކިޔާނެ ކުރީގަ އަޅުގަނޑު ބޭރަށް ނުދާތީވެ އަބަދު ގޭގަ އިންނާކަށް ނުވާނޭ.. އެކަމް މިހާރު އެހެން ކިޔައިފަ މަންމަ ނުދަނީ.. ފަތިސް ގަޑީގަ ހިނގާލީމަ މީހާ ތާޒާވެސް ވާނެއްނު.. ކުރިންވެސް ބުނި ދުވަހު މަންމަ ބަހަނާއެއް ދައްކައިފަ ނުދިޔައީ.. ދާން ލަދެއް ނުގަނެއޭ މަންމަ ވީމަ މަންމައާއި އެއްކޮށް ތާކަށް ދާކަށް.. ޕްލީސް.. މިއަދު ދެން ހިނގާބަލަ..” ދާނިޔަލް އާލިމާ އަށް ކިޔައިދެމުން ދިޔައިރު ހިވަނީ ޑޮކްޓަރެއް ބަލި މީހަކަށް މައުލޫމާތު ދެނީ ހެންނެވެ.
“ހޫމް ހޫމް.. މައްސަައެއް ނެތޭ.. އެބަ އަންނަން..” އެތަށް ދުވަހަކަށްފަހު ދަރިފުޅުގެ ފުރަތަމަ އެދުމާއި ފުރަގަސް ނުދިނުމަށްޓަކައި އާލިމާ އެކަމާއި އެއްބަސް ވިއެވެ. އެހެން ކަމުން އޭނާ ކޮޓަރިއަށް ވަނީ ލައިގެން ހުރި ގޭގައި ލާ ހެދުން ބަދަލު ކޮށްލުމަށެވެ.
***
“ހޫމް… މީ.. ތެދުވަނީއްޔޭ މަން.. މާ..” އިރުގެ ރަން ދޯދިތައް ކޮޓަރީގައި ހުރި ދޮރުފޮތިގަނޑުގެ ދޭތެރެއިން ކޮންމެވެސް ވަރަށް އާލާގެ މޫނަށް އެޅިފައިވުމުން އާފުރޭ ޙާލު އެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ދިޔަ ޝަޒިއްޔާއަށް ބުނެލިއެވެ. އެހިނދު ޝަޒިއްޔާވެސް ކޮޓަރީގެ ދޮރުގައި ތެޅުން ހުއްޓާލުމަށްފަހު ދިޔައީ އާލާ އަވަހަށް ތައްޔާރުވަށް ގޮވާލައިފައެވެ. ދުވަހަކީ ބަންދުދުވަހެއް ކަމުން އާލާ ސްކޫލަށް ނުދާތީވެ އޭނާ އެ ހޭލި ހަތެއް ޖަހަނިކޮށެވެ. ފަތިސް ނަމާދު ކުރުމަކީ އޭނާއަށް ނެތް ކަމެއް ފަދައެވެ.
ކަންނެތް ކަމާއެކު ތެދުވުމަށްފަހު އާލާ މޯޅިއަކަށް ދެމިލިއެވެ. އޭނާގެ އުނަގަނޑުން މެދާ ހަމައަކަށް އަރާ ފަށްބޯ ފަން އިސްތަށިގަނޑުގައި އަޅުވާފައި އޮތް ވޫލްކޮޅު ބޮލުން ނެއްޓިފައިވުމުން އިސްތަށިގަނޑު އޮތީ ހޭވިފައި އެގޮތް މިގޮތަށެވެ. އެނދުން ތެދުވުމަށްފަހު މަސްތުވެފައި ހުރި މީހެއް ފަދައިން ހޫރެމުން ހޫރެމުން ގޮސް ތުވާއްޔާއި އެއްޗެހި ހިފައިގެން އާލާ ފާޚާނައަށް ވަނެވެ. އަދިވެސް އޭނާ އެހުރީ ނިދިގަނޑުގެ ތެރޭގައެވެ. އެހެން ކަމުން މިވަގުތު އޭނާއަށް ފެންވެރޭލެއްވެސް އިހުނަށްވުރެ ލަސްވާނެއެވެ. ބައެއް ދުވަސްވަހު އޭނއަށް ނިދިގަނޑުން ހޭލެވޭނީ ދަތް އުނގުޅަން އުޅޭއިރު ކޮންމެވެސް ލަނޑެއް ލިބިގެންނެވެ. މޫނު ދޮވުމަށްޓަކައި އެކަމަށް ބޭނުންކުރާ ފުޅީގެ ބަދަލުގައި ދަތް އުނގުޅާ ބޭސް ބޭނުންކޮށްފާނެއެވެ. ހެނދުނު ވަގުތު އާލާގެ ހާލަކީ އެއީއެވެ.
***
“ދާން އަށް އިނގޭތަ؟ ދާން ކުޑައިރު މަންމައާއި ބައްޕަ ވަރަށް ގިނައިން އަންނަން ދާން ގޮވައިގެން އަތިރިއަށް.. އެއިރު މިގޮތަކަށް ނޫން އަތިރި އޮންނަނީ.. އެކަމް އެއިރުވެސް ކޮންމެވެސް ފާޑަކަށް އޮވޭ ވެލިގަނޑެއް.. ހެހެ… ދާން ގެއަށް ގެންދަންޖެހޭނީ ގަދަކަމުން.. ބައްޕަ އުފުއްލާލައިގެން ކޮނޑަށްލައިގެން އެކަހަލަ ގޮތަކަށް.. އެހެންނު ވާނީ.. ގެންދަން އުޅެފިއްޔާ އެނޫން ގޮތަކަށް ނުއެއް ދާނެ… އަބަދުވެސް ޖެހޭނީ އުރަން..” ދާނިޔަލް ގާތުގައި ޖޯއްޔެއްގައި އިނދެ އާލިމާ މާޒީގެ ޞަފުޙާތައް އުކަމުން ދިޔައެވެ.
އެދުވަސް އަނބުރާ ނާންނާނެކަން އިނގޭތީ އެދުވަސްތައް އަލުން ހަނދާން ކުރަން އުޅޭ ފަދައެވެ. މަންމަ ކިޔައިދެމުން ދިޔައީ އޭނާގެ ކުޑައިރުގެ މަޖާ ވާހަކަތަކުން ދާނިޔަލްއަށް ވެސް ހެވުނެވެ. އޭނާ އަށް އެއިރު ކުރެވުނު ބައެއް ކަންކަން އިނގި ބޮލުގައިވެސް ޖަހާލެވެއެވެ. ކުޑައިރު ކުރެވޭ މޮޔަ ކަންތަކޭ އޭނާއަށް ބުނެވެމުން ދިޔައެވެ.
***
“އަޅެ މި ހެދުން ރީތިތަ؟ މީތި މާ ކުލަ އަލި..” އާލާ ލައިގެން ހުރި އަލި ފިޔާތޮށިކުލައިގެ ޓޮޕަށް ލޯގަނޑުން ބަލަމުން އަމިއްލއަށް އެޔަށް ފާޑުކިޔަމުން ދިޔައެވެ. އެޔާއެކު ތިރިން ކަޅުކުލައިގެ ދޫ ހަރުވާޚެއް އޭނާ ލައިގެން ހުރީ ހެނދުނު ގަޑިއަށް ވުމުންނެވެ. “ނޫން.. މިއެއް ނޫން ލާނީ.. އަނެއް އަތްދިގު ޓީޝާޓް ލާނި..” ފަނަރަ ވަރަކަށް މިނެޓު ވަންދެން ލާނެ ހެދުމެއް ނޭނގިގެން ފަހަރަކު ހެދުމެއް ކަމުން އާލާ ދިޔައެވެ. އެޔަށްފަހު އެންމެ ފަހުން ސައިބޯން އައުމަށްޓަކައި ޝަޒިއްޔާ ދޮރުގައި ޖަހާލުމުން ހިތާ ދެކޮޅަށް ނަމަވެސް އެއިރު ލައިގެން ހުރި އަޅި ކުލައިގެ ޓީޝާޓް ޓޮޕާއެކު ކުޑަ ވަށްބުރުގާ އަޅާލަމުން ކޮޓަރިން ނިކުތެވެ.
“ބައްޕާ މިއަދު މީ ހުކުރު ދުވަހެއްނު؟” އާލާ ސައިބޮން ތިރިއަށް ފޭބިއިރު އަރީފް އޮފީހަށް ދާގޮތަށް ތައްޔާރުވެގެން އިނުމުން ސުވާލު ކޮށްލިއެވެ. “އާނ ދަރިފުލާ.. މިއަދު އަސްލު އޮފީސް ކުދިންގެ ޗުއްޓީ ދުވަސް މީ.. އެކަމަކު ހަމަ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިގެން މި ދަނީ..” އަރީފް އޭނާ އޮފީހަށް ދާ ސަބަބު ބުނެދިނެވެ. އެހިނދު އާލާ އެހެން ހެއްޔޭ ބުނެލުމަށްފަހު ގޮނޑި ދުރުކޮށްލައިފައި އިށީނެވެ.
އެޔަށްފަހު މަޑުމަޑުން ކާއެއްޗެހި ކައިރިކުރަމުން ކާންފެށިއެވެ. “އެހެންވެ ބައްޕަ ގުޅާލިން ދާނިޔަލް އަށް.. އަންނާނެ ކަންނޭނގެ މިހާރު..” އާލާގެ އަނގަޔަށް ލައި ލައި އިން ކާއެތިކޮޅުވެސް އަނގަޔާއި ދުރުކޮށްލެވުނީ ދާނިޔަލްގެ ނަން އަޑު އިވުމުންނެވެ. އެހިނދު އޭނަގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
ކައި ނިމުމުން އެންމެން ކާބައިން ނިކުމެގެން ގޮސް ސިޓިންގް ރޫމުގައި މަޑުކޮށްލިއެވެ. އެޔަށްފަހު އަރީފް އާއި ޝަޒިއްޔާ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އާލާވެސް އޭނާގެ ޕާސްޓް ޕޭޕާއެއް ހިފައިގެން އައިސް އެތާ ކުޑަ މޭޒުކައިރީ އިށީނދެލީ އެ ހަދަން ފިލާވަޅަކަށް ދީފައި އޮތުމުންނެވެ. “އެކްސްޕްލެއިން ދަ އެޑްވާންޓޭޖް އޮފް ޔޫޒިންގް ދަ ވިޑިއޯ ކެމެރާ އޯވަރ މޭކިންގް އޮބްސަރވޭޝަންސް ޖަސްޓް ބައި އައި؟ ވަޓް؟” ސުވާލުގެ ރާގަކަށް އާލާ އެ ސުވާލު ކިޔާލުމަށްފަހު މޫނަށް ވައްތަރެއް ޖައްސާލީ އޭނާއަށް އޭގެ ޖަވާބު ސިކުނޑިއަށް ނަގައި ނުގަނެވުމުންނެވެ.
އޭނާ ވިސްނާ ވިސްނާވެސް އެ ސުވާލުގެ ޖަވާބު އާލާއަކަށް ނޭނގުނެވެ. “ކިހާ ދެރަ ކަމެއްތަ؟ މުޅި ސިކުނޑި ގޮވައިފި މިހާރު މި ސުވާލަކާ ހެދި.. މި ޕޭޕަރު ހެދި މީހާއަށް ޖަވާބު އިނގޭނީ.. އެހެންޏާ ފަހެ..” އާލާ އެ ޕޭޕަރަށް ދެބުމަ ގޮށްޖަހާލައިގެން އިނދެ އަމިއްލަ އަމިއްލަށް ވާހަކަ ދައްކަމުން ދިޔައެވެ. އޭނާއަށް ނޭނގުނު ކަމަކީ ފަހަތުގައި އޭނަގެ ވާހަކަ އަޑު އިވި މީހަކު ހޭން ހުރި ކަމެވެ.
“އިމްޕްރޫވްސް އެކިއުރެސީ..” ފަހަތުން އިވުނު އަޑުން ދެބުމަ ގާތް ކޮށްލުމަށްފަހު އާލާ ކުއްލިޔަކަށް ކޮޅަށް ތެދުވެ ފަހަތަށް އެނބުރިލިއެވެ. އެއިރު ހިނި އައިސްފައި ހުރި ދާނިޔަލް ފެނި އޭނާގެ ދެބުމަ މަގުލަސް ޖެހިގެން ދިޔައެވެ. “ކިހިނެއް އިނގެނީ ދާނިޔަލް ތި ދިނީ ރަނގަޅު ޖަވާބު ކަމެއް؟ އެހެން ނޫނަސް އާލްއެއް ނޫޅެން މީގެ ޖަވާބު ނޭނގިގެންނެއް.. ހުއް.. ކުރިންވެސް ހެދި ހުރިހާ ޖަވާބެއް ރަނގަޅު.. އާލް އެއް ބޭނުމެއް ނޫން އިތުރު މީހެއްގެ ހެލްޕެއް.. ވަކިން ޚާއްސަކޮށް ތި ދާނިޔަލްގެ..” އާލާ ދެއަތް އުރާލަމުން މޮޅުވެލައިފައި ދާނިޔަލްއާއި ދިމާލަށް ހަރުކަށިކަމާއެކު ބުނެލިއެވެ.
“އެހެން ދޯ.. މައްސަލައެއް ނެތް.. ހީކުރީ އާލާއަށް ނޭނގިގެން ކަމަށް ބުނީ ތި ޕޭޕަރ ހެދި މީހާއަށޭ ޖަވާބުވެސް އިނގޭނީ.. ތި ސުވާލު ތިއީ އަހަރެމެންވެސް ހެދި ސުވާލެއް.. އެ ޖަވާބު ދިނީމަ ސަރ އިނީ އެ ޖަވާބު ރަނގަޅުވެސް ކޮށްފަ.. އެހެންވެ މި ބުނެލީ.. އަސްލު އެ ޖަވާބު ދިނީ ހަމަ އާލާއަށްވެސް ރަނގަޅަކަށް.. އިނގޭ މީހާ ނޭނގޭ މީހާއަށް ކިޔައިދިނުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް.. އެކަމަކު މައްސަލައެއް ނެތް ދެން..” ލުއި ހިނިތުންވުމަކާއެކު ދާނިޔަލް ބުނެލިއެވެ. އެހިނދު އާލާ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު އަނބުރާ ކުރިން އިން ގޮތަށް އިށީނެވެ.
އެވަގުތު އޭނާ އެއްމިޔަކަނުން ހީލީ ދާނިޔަލް އެ ސުވާލުގެ ޖަވާބު ދިނުމުންނެވެ. ދާނިޔަލްއަށް އޭނާ މަލާމާތް ކުރާ ފަދައެވެ. “މި ޖަވާބަށް ޝުކުރިއްޔާ.. ބަދަލުގަ ވަރަށް ރަނގަޅު ހަދިޔާތައް ދުވަސްކޮޅަކުން ލިބެމުން ދާނެ..” އާލާ ހިތާހިތުން ކިޔާލިއެވެ. އޭނަ ހިތުން އޭނައަށް ނޭނގޭ އެއްވެސް އެއްވެއް އެހެން މީހަކަށްވެސް އެނގިގެން ނުވާނެއެވެ.
“އަނހަ.. ދާނިޔަލް އައީތަ؟ ހިނގާ ދޯ އަވަހަށް ދަމާ..” އަރީފް ސިޑިން ފައިބަމުން ސިޓިންގް ރޫމުގައި ދެޖީބަށް އަތްޖަހާލައިގެން ހުރި ދާނިޔަލް ފެނުމުން ބުނެލިއެވެ. އެޔަށްފަހު ދެމީހުން އެއްކޮށް ގެއިން ނިކުމެގެން ގޮސް ކާރަށް އެރުމަށްފަހު ގަޑި ޖެހުމުގެ ކުރިން މަންޒިލަށް ވާސިލް ވުމަށްޓަކައި ދަތުރު ފެށިއެވެ.
***
“އާލާއަށް އިނގޭތަ؟ އެ ދާނިޔަލް ހާދަ މޮޅޭ.. ރޭގަ ޓޮޕް އެޗީވާސް އެވޯޑު ބެލިމަ މަންމައަށްވެސް އެނގުނީ..” ޝަޒިއްޔާ އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. އެހިނދު އާލާ އެއްބުމަ އަރުވާލައިގެން އިނީއެވެ. “އިނގޭ.. އެކަމް އޭނާ ހާދަ ފޮންޏޭ..” އާލަގެ ޕާސްޓް ޕޭޕަރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
“ފޮންޏޭ؟ ދާނިޔަލް؟ ނޫނޭ.. އޭނާ ވަރަށް ރަނގަޅު.. ހިތްހެޔޮ ރަނގަޅު ކުއްޖެއް އެއީ..” ޝަޒިއްޔާ ދާނިޔަލްއަށް ތައުރީފް ކޮށްލިއެވެ. އެހިނދު އާލަގެ ލޭ ކެކިގަތީ އެޔެއް މިޔެއް ބަލައިފައެއް ނުނެވެ. އެހެން މީހެއްގެ ދުލުން ދާނިޔަލްއަށް ތައުރީފްގެ ބަސްތައް އޮހޭ އަޑު އެހުމަކީ އޭނާއަށް ޒަހަރު ބުއިން ފަދަ ކަމެކެވެ. ވީއިރު އުފަން މަންމަގެ ދުލުން އެފަދަ ބަސްތަކެއް އަޑު އެހުމަކީ އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.
“ތިހެން ތި ހީކުރާ ދާނިޔަލްއަކީ ކިހާ ފެންވަރެއްގެ ކާކުކަން އިނގޭތަ މަންމައަށް؟” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހަމަ އެ އިންގޮތަށް ސުވާލުތަކުގެ ޖަވާބު ލިޔަން އިނދެ އާލާ ބުނެލިއެވެ. “އޭނާއަކީ އަތުގައި ފައިސާނެތް ނިކަމެތި ފަޤީރެއް.. އެހެން ނޫންނަމަ އެހާ މަތީ ވަނައެއް ލިބުނު އިރު މަތީ ތައުލީމު ހާސިލް ނުކޮށް މިގެއަށް ވަޒީފާއަކަށް އަންނާނެހެން މަންމައަށް ހީވޭތަ؟ އަދި އެއީވެސް ޑްރައިވަރެއްގެ މަގާމަށް.. ހެހެ..” އާލާ އަނެއްކާވެސް ބުނެލިއެވެ.
އެހިނދު އެކަންކަމާއިމެދު ވިސްނަން އިން ޝަޒިއްޔާއަށްވެސް އާލަ ދައްކަމުން ދިޔަ ވާހަކަތައް ނަގައިގަނެވުނެވެ. “އެކަމަކު އޭނާއަށް އެ ހުންނަނީ އަމިއްލައަށް ފެނިފަ.. ބައްޕައަކީ މުއްސަންޖެއް ވީމަ ލާރިގިނަ ކަން އިނގޭތީވެ ލާރި ކާން އައިސް ހުރި މީހެއް އެއީ.. އެކަހަލަ މީހުންގެ ގޮތޭ އެއީ.. ނޭނގެ މިހާރުވެސް މިގެއިން ވައްކަން ނުކުރާ ކަމެއް..” އާލާ އޭނާގެ ރޭވުމާއި އެއްގޮތަށް ކަންތައް ކުރަމުން ދިޔައެވެ. ދާނިޔަލްއާއި ގުޅޭ ގޮތުން މަތި މައްޗަށް ދޮގުހަދަމުން ދިޔައީ އެއީ ކިހާވަރެއްގެ ފާފައެއް ކަމާމެދުވެސް ވިސްނާލުމެއް ނެތިއެވެ.
އާލާގެ ކޮންމެ ލަފްޒެއް ޝަޒިއްޔާގެ ސިކުނޑީގެ އެންމެ ފުނާއި ހަމައަށް ވާސިލްވަމުން ދިޔައެވެ. އޭނާގެ ހިތް ދާނިޔަލް އަކީ އެކަހަލަ ކުއްޖަކަށް ނުވާނޭ ބުނަމުން ދިޔަ ނަމަވެސް ސިކުނޑި އޭގެ މައްޗަށް ބާރުފޯރުވާން ސިކުންތެއްވެސް ނުނެގިއެވެ. “އާނ.. ހަމަ ވެދާނެ ދޯ އެހެންވެސް.. މިޒަމާނުގަ ނުވާނެ މީހަކަށް އެހާބޮޑަށް އިތުބާރު ކުރާކަށްވެސް.. އެހެން ނޫނަސް މިގޭގަ ނޯކިރީކަން ކުރަން އުޅެން ޖެހޭނީވެސް ތަންކޮޅެއް ތަނަވަސް ގެއެއްގެ މީހުން..” ވިސްނުމެއްފައި އިން ފަދައަކުން އިނދެ މަޑުމަޑުން ޝަޒިއްޔާ ބުނެލިއެވެ.
އެހިނދު އާލާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލިއެވެ. އާނއެކެވެ. އޭނާއަށް އޭނާގެ މަންމަގެ ބޮލަށް ވަދެވިއްޖެއެވެ. ދާނިޔަލްއަށް ކުރެވެން އޮތްހާ ޖެއްސުމެއް ވިއްޔާ އޭނާ ކުރާނެއެވެ. މިގޭގައި ވަޒީފާގައި ނޫޅެވޭ ވަރުވެސް ކުރާނެއެވެ. އެއީ ދާނިޔަލްގެ އެ ހުންނަ ނުފިލާ އަޒުމެއްގެ ސަބަބުން އާލާއަށް ކެތްނުވުމުން އޭނާ ރޭވި ރޭވުމެކެވެ. ދާނިޔަލްގެ އެ ޢަޒުމަކީ ދުވަހަކުވެސް ގުޑާނެހެން ހީނުވާ އެއްޗެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.





nyc stry dear…..maasha allah
Jazakillah khairan dear.. 🙂
nd me first dhw…. yahhhhh
hahaha.. yess dear.. 🙂 congrats Hudher.. 🙂
Masha allah mi part ves vvvv salhi
jazakillah khairan dear.. 🙂
Masha Allah..mi part vx varah furihama…Thnx for uploading two parts.??❤
jazakillah khairan dear… 🙂 ahaha.. marhabaa Shaya.. 🙂