އަވަސް ހިނގުމެއްގައި އެކޮޓަރިން ނުކުންނަމުން ޔަނާލްއަށް ޝުކުރު އަދާކުރުމަށްފަހު އައިކް ގޮވައިގެން އަރްޒަންގޮސް ލިފްޓަށް އަރަންދެން ދޮރުމަތީގައި ބަލަހައްޓައިގެން ޔަނާލް ހުއްޓެވެ. ލިފްޓް ލެއްޕުމުގެ ކުރިން އައިކް ޔަނާލްއަށް ހަނާއަޅައިލިތަންފެނި އޭނާވެސް ހިނިތުންވެލަމުން އައިކްއަށް ހަނާއަޅައިލިއެވެ.
އައިކްމެން ދިއުމުން ޔަނާލް އެތެރެއަށް ވަންނަމުން ދޮރު ލައްޕައިލިއެވެ. އަދި ވަރުބަލިކަމާއެކު އައިސް ސޯފާއަށް ވެއްޓިގަތެވެ. ރޭގެ ހަނދާންތަކާއެކު ޔަނާލްގެ ވަރުބައލިވެފައިވާ މޫނު މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަރްޒަންއާއެކުގައި ހޭދަކުރެވުނު ވަގުތުތަކުގެ އިތުރުން އައިކްއާއެކުގައި ހޭދަވި ކޮންމެ ސިކުންތެއް އެހިތުގެ އެންމެ ފުންމިނުގައި ފޮރުވައިލީ ދުވަހަކުވެސް އެހަނދާންތަކާއި ވަކިވަން ބޭނުންނުވާތީއެވެ. އައިކްއާއި މެދުގައި އޭނާއަށް ޚާއްސަގޮތެއް ބެހެއްޓެނީ އެހިތުން އެލޯބި ކުއްޖާއަށް ދެވިފައިވާ މަތިވެރި މަގާމެއްގެ ސަަބަބުންނެވެ. އެކިއެކި ކަންކަމާމެދުގައި ވިސްނަންއިން ޔަނާލްގެ ސިކުނޑިއަށް އަރްޒަންގެ ޚިޔާލުތައް ވެރިވުމާއެކު އެދޮންކޯތާފަތް ރަތްވެގެންދިޔައެވެ. އަރްޒަން އޭނާއާއި ކޮށްލާ ކުދިކުދި ސަމާސާތަކާއި ވާހަކަދެއްކުމުގައި ބަހައްޓާ ގާތްކަމަށް ނޭނގި ނަމަވެސް ޔަނާލްގެ ހިތް އެދެން ފެށިއެވެ. އެޚިޔާލުތަކުން އުފާ ހޯދަމުން ޔަނާލް ދެލޯމަރައިލިއެވެ.
** ** **
ގެއަށް އައިސްވަތް އަރްޒަންއާއި އައިކް ފެނުމާއެކު ކާކޮޓަރީގައި ޖޫސްތަށްޓެއް ބޯންއިން ނިޝްޔާ ދުވަމުންކަހަލަ ގޮތަކަށް އެތަނުން ނުކުމެގެން އައެވެ. ނިޝްޔާ އައިގޮތް ފެނިފައި އަރްޒަން ފާޑަކަށް ހޭންފެށުމުން އޭނާ ރަކިވެގެން އިސްޖަހައިލިއެވެ.
“އައިކް ލޯބީ. ދޮންތި ރޭގަ ވަރަށް ހަނދާންވި އައިކް މަތިން.” އައިކްގެ ގައިގައި ލޯތްބާއެކު ބައްދައިލަމުން ނިޝްޔާ ބުނެލިއެވެ. އައިކްވެސް ނިޝްޔާގެ ގައިގައި ބައްދައިލަމުން އެކޮލަށް ދޮނެއް ދިނެވެ. ސްކޫލް ބަންދުވަހެއްކަން ނަސީބޭ އަރްޒަންގެ ހިތަށް އެރީ އަދިވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިއުމާއެކު އޭނާވެސް އަރާމް ކޮށްލަން ބޭނުންވެފައި ހުރިވަރުންނެވެ.
އައިކްއަށް ސައިދޭން ނިޝްޔާ އިނށީނުމާއެކު ކުރިމައްޗަށް ހުރި ގޮނޑީގައި އަރްޒަންވެސް އިނށީދެ ސައިބޯން ފެށިއެވެ. އެއާއެކު ރޭގައި ޔަނާލް މެންގެ ގޭގައި ކުރިކަންތަކުގެ ވާހަކަ އައިކް ހީހީފައި ދައްކަން ފެށިއެވެ. އަރްޒަންއާއި ޔަނާލް އެކުގައި ކެއްކި ވާހަކަ ބުނުމާއެކު ގަބޫލުނުކުރެވިފައި ނިޝްޔާއަށް އަރްޒަންގެ މޫނަށް ބަލައިލެވުނެވެ. އިސްޖަހައިގެން ކާންއިން އަރްޒަންގެ ތުންފަތްމަތީގައިވި ހިނިތުންވުންފެނި ނިޝްޔާއަށް ދަތްކުނޑި ވިކައިލެވުނެވެ. އެހެންވީމައި އެހައި ބިޒީވެގެން އަރްޒަން އެކުރިކަމަކީ އެއީ ހެއްޔެވެ؟ ގޭގައި އުޅޭއިރު ކާންނޫނީ ކާކޮޓަރިއަށް ނުވަންނަ މީހަކު ޔަނާލާއި އެކުގައި އެފަދަ ކަމެއްކުރުމުން ނިޝްޔާގެ ހިތުގައި ޝަކުވާއުފެދުނެވެ. ފެށުނީއްސުރެވެސް އަރްޒަންއަކީ ކެއްކުމަށް މޮޅު މީހެއްކަން ނިޝްޔާ ދަނެއެވެ. އެހެނަސް ޔޫލީގެ ވަކިވުމަށްފަހު އަރްޒަންވަނީ ހުރިހައި ކަމަކުން ދުރުވެފައެވެ. ވީއިރު ކުއްލިއަކަށް ޔަނާލާއި އެކުގައި އެގޮތަށް އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެޔަނާލްއެއްގެ ހުރީ ވަކި ކޮން ޚާއްސަކަމެއް ހެއްޔެވެ؟ އެހުރިހައި ކަމަކާއި ހެދި ނިޝްޔާގެ ހިތުގައި ޔަނާލާއި ބައްދަލުކޮށްލުމުގެ ޝައުގު އުފެދުނެވެ. އޭނާއަށްވުރެ ވަކި ޔަނާލް މޮޅުވަނީ ކިހިނަކުންތޯ ބަލަން ބޭނުންވިއެވެ.
އައިކްގެ އަނގައިން ޔަނާލްގެ ނަން އިވުނުފަހުން ނިޝްޔާ ބަސްމަދުވެފައި އިންކަން އަރްޒަންއަށް ފާހަގަވިއެވެ. “ނިޝް. ކިހިނެއްވެފަ؟” ނިޝްޔާގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު އަރްޒަން އަހައިލިއެވެ. އެއާއެކު ނިޝްޔާ ދެފަރާތަށް ބޯހޫރުވައިލީ ކަމެއް ނުވާކަމަށް ބުނަމުންނެވެ. ވަކިއެއްޗެކޭ ނުބުނެ އަރްޒަންވެސް އެތަނުން ތެދުވަމުން އައިކް ގޮވައިގެން ކޮޓަރިއަށް ދިޔައީ އަރާމުކޮށްލުމުގެ ނިޔަތުގައެވެ.
ކޮޓަރިއަށް ވަނުމަށްފަހު އައިކްގެ ދަބަސް އަތުލަމުން މޭޒުމަތީގައި އަރްޒަން ރީތިކޮށް ބަހައްޓައިލިއެވެ. އެވަގުތު އެދަބަހުގެ ތެރެއަށް ލެވުނު ޔަނާލްގެ ޑައިރީ މަތިން ކުށްލިއަކަށް އަރްޒަން ހަނދާންވިއެވެ. އަވަހަށް އެނަގަމުން އޭގެއަށް އަރްޒަން ފުންކޮށް ބަލައިލިއެވެ. އެޑައިރީ ކިޔަން ހިތަށް އަރައިފައިވެސް އައިކް ގޮވައިލުމުން އޭނާގެ އަލަމާރީގެ ވަތްގަނޑަކަށް ޑައިރީ ލައި ތަޅުލަމުން އަރްޒަން އައިކް ގާތަށް ދިޔައެވެ. ތަންކޮޅެއްފަހުން ޑައިރީ ކިޔަން ނިންމަމުންނެވެ.
ކަންބޮޑުވެފައި ކޮޓަރީގެ އެތަން މިތަން ހޯދަމުން ޔަނާލް ދިޔައިރު މުޅި ކޮޓަރީގެ ތަރުތީބު ވަނީ ގެއްލިފައެވެ. އެމޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަމުން ގެއްލިގެން އެހޯދަނީ ވަރަށް މުހިއްމު އެއްޗެއްކަން އެނގެއެވެ.
“އަޅެ ކޮންތަނަކަށްތަ އަހަރެންނަށް އެފޮތް ލެވުނީ؟” ކަންބޮޑުވެފައި ނިތްކުރީގައި އަތުން ފިރުމައިލަމުން ޔަނާލް އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. “މޭޒުމަތީގަ ނޫންތަ ބޭއްވުނީ؟ އެކަމަކު އެތަނުގަ ބޭވުނު ހަނދާންވަނީ. ދެން ކީއްވެބާ ނެތީ؟ މިތަނަށް އަހަރެން ނޫން އެހެން މީހަކު ވަންނާނީކީ ނޫން. ދެން… އަނެއްކާ އަރްޒަން މިއަދު ހެނދުނު.. ނޫން ނޫން. އަރްޒަން ކީއްވެ އެފޮތް ނަގަންވީ؟ އަހަރެންވެސް ދޯ. ޔަގީން ބޭވުނުތަން ހަނދާން ނެތިގެން މިއުޅެނީ؟” ކޮޓަރި ތެރެއަށް ވަށައިގެން ނަޒަރު ހިންގައުލަމުން ޔަނާލް ވިސްނަމުން ދިޔައެވެ. އުޅެއުޅެވެސް އެފޮތް ނުފެނުމުން އެންމެފަހުން ވަރުބަލިވެގެން ޔަނާލް ހުއްޓައިލީއެވެ.
ވަރުބަލިވެ ދާހިތްލައިފައި ހުރުމުން ފެންވަރައި މީހާ ތާޒާ ވެލިއެވެ. މާދަމާ އަކީވެސް ބަންދު ދުވަހެއްކަމުން ދެން އިތުރަށް އެފޮތް ހޯދުމުގެ މަސައްކަތް މާދަމާ ކުރަން ނިންމުމަށްފަހު ޔަނާލް އޮށޯވެލީ ނިދައިލުމުގެ ބޭނުމުގައެވެ.
** ** **
ކަނުއަނދިރިކަން ވެރިވެފައިވާ ކޮޓަރީގައި ޔަނާލް ހުރީ ބިރުގަނެ ޖެހިލުންވެފައެވެ. ވަށައިގެން އެކި ދިމަދިމާއަށް އަވަސް ނަޒަރު ހިންގަމުންދިޔަ ޔަނާލް ވަނީީ ދާހިތްލައި ފޯވެފައެވެ. އަވަސް ނޭވާތަކެއް ލަމުންދިޔަ ނަމަވެސް ހިނދެއް ހިނދަކަށް ހިތުގެ ނުތަނަވަސްކަން އިތުރުވެ މީހާ ރޫރޫއަަޅަންފެށީ ދުރުދުުރުން އިވެންފެށި ފިރިހެނެއްގެ ބޫޓުގެ އަޑުންނެވެ. އެއަޑު އިރެއް އިރަކަށް ގާތްވަމުން އައިސް އަނދިރިގަނޑު ތެރެއިން އޭނާއާއި ދިމާއަށް ނުކުތް ފިރިހެންމީހާފެނި ޔަނާލް ލައިލައިހުރި ނޭވާވެސް ކަރުތެރޭގައި ތާށިވިކަހަލައެވެ. އޭނާއަށް ބިރުންގޮސް އިޚުތިޔާރުން ބޭރުގައި ހަޅޭލަވައި ގަންނަމުން ރޮއިގަނެވުނެވެ. ޔަނާލްގެ ރުއިމުގެއަޑާއެކު އެމީހާގެ ނުލަފާ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ދެލޯބޮޑުކޮށްލަމުން ޔަނާލް އެމީހާގެ މޫނަށް ބަލައިލީ އޭނާއަށް ހަމްދަރުދީވެ ދޭށޭ ބުނާފަދަ ގޮތަކަށެވެ. އެހެނަސް އެމީހާގެ މޫނުމަތިން ކުޑަވެސް ރަހުމެއް ފާޅެއްނުވިއެވެ. އޭގެ ބަދަލުގައި އޭނާގެ މޫނުމަތިން ފާޅުވަމުންދިޔައީ ނުރުހުންތެރިކަމާއި ނަފުރަތެވެ.
“އަހަރެންނަށް ތިހެން ނުހަދާ. އަހަ.. އަހަރެންގެ ކުށަކީ.. ކޮބަ..ކޮބާތަ؟” ގަނެފައިހުރި ބިރެއްގެ ބޮޑުކަމުން ޔަނާލްއަށް ވާހަކަދެއްކުންވެސްވީ އުނދަގޫ ކަމަކަށެވެ. އެއަޑު އިވުމާއެކު އެމީހާގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓައިގެން ދިޔައެވެ. ދަތްކުނޑި ވިކައިލަމުން އެމީހާ ޔަނާލްއާއި ދިމާއަށް ދެތިންފިޔަވަޅު އަޅައިލިއެވެ. އޭނާއާއި ދުރަށްދާން ބޭނުންވި ނަމަވެސް ހުރިތަނުން ގުޑައިލަންވެސް ނުކެރިފައި ޔަނާލްއަށް ހުރެވުނީއެވެ.
“ކުށަކީ ކޮބާހޭ؟ ބަލަ ކަލެއަށް ނޭނގެނީތަ ކަލޭގެ ކުށަކީ ކޮބައިކަމެއް؟” ރުޅިއައިސް އަތް މުށްކަވައިލަމުން އޭނާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ. އެއަޑުއިވިފައި ޔަނާލްގެ ހަށިގަނޑުގައިހުރި ލޯލިތަށް ކޮޅަށް ޖެހިގެންދިޔައެވެ. “ނު.. ނޫން. އަހަ.. އަހަރެން.. ކުށެއް.. ނުކުރަން.. އެ.. އެއީ.. އަހަރެންގެ ކުށުންވީ.. ކަ.. ކަމެއްނޫން.” ތުރުތުރުއަޅަމުންދިޔަ އަތް ދެފަރާތަށް ހޫރައިލައި އެކަމަށް ދެކޮޅު ހަދަމުން ޔަނާލް ބުނެލިއެވެ. އޭރު އޭނާއަށް ގިސްލަ ގިސްލާފައި ރޮވެމުންދިޔައެވެ.
“ހަހަ. ކަލޭގެ ކުށެއްނޫނޭ. ދެން ކާކުގެ ކުށެއް އެއީ. އަހަރެންގެތަ؟ އެހެންޏަ. ހުރިހައި ކަމެއް ކޮށްފަވެސް އަދި އެބަ ބުނެއެއްނު ތިމަންނަގެ ކުށެއްނޫނޭ. ކަލޭގެ ހާދަ ލަދުހަޔާތްވެސް ނެތޭ ދޯ. އަހަރެންގެ ކުރިމަގީ ޒުވާބުކުރަަން ކަލޭތީ ކާކު؟ ތިކަހަލަ މީހަކަށް ދިރިހުރުމުގެ ހައްގެއްވެސް ނެތް. އާން. ކަލޭ މަރުވޭ.” އެމީހަކު އޭނާގެ ބާރުގަދަ ދެއަތުން ޔަނާލްގެ ކަރުގައި ހިފައި ނޭވާ ހޮޅިއަށް ފިތައިލިއެވެ. އެއާއެކު ޔަނާލްގެ ދެލޯބޮޑުވެ ނޭވާލުމަށް ތެޅިގަތެވެ. ރޯމަހެއް ތެޅޭހެން ތެޅެމުންދިޔަ ނިކަމެތި ޔަނާލްއަށް ބަލައިލަމުން އެމީހާ ބާރުބާރަށް ހޭންފެށީ އޭނާގެ މަސައްކަތް ކާމިޔާބުވާތަން ފެނުމުންނެވެ. އިތުރަށް ޔަނާލްގެ ކަރަށް ފިތައިލުމާއެކު ޔަނާލް އޭނާގެ ހުދުކަފަކޮޅެއްފަދަ އަތުން އެމީހާގެ އަތް އޭނާގެ ކަރުން ނެއްޓޭތޯ އުޅެގަތެވެ.
** ** **
ސިއްސައިގެން ގޮސްފައި ދެލޯ ބޮޑުކޮށްލަމުން ޔަނާލްއަށް ތެދުވެވުނެވެ. އޭރު މުޅިމީހާ ވަނީ ދާހިތްލައި ފޯވެފައެވެ. ދެލޯ ބޮޑުވެފައިހުރެ މައިނޭވާލަމުން ޔަނާލް އަވަސް އަވަހަށް އޭނާގެ ކަރުގައި ދެއަތުން ހިފަހައްޓައިލައި ކަރުގައި އަތްކާތައިލިއެވެ. ބޮޑުވެފައިވި ދެލޮލުން ހޯސްލައިފައި ކަރުނައިގެ މުތީތައް ފައިބަމުން ދިޔައިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. އިރެއް އިރަކަށް ގިސްލުން ބާރުވަމުންގޮސް ޔަނާލްގެ ރުއިމުގެ އަޑު މުޅި ކޮޓަރީގެ ހަތަރު ފާރުތެރޭގައި ވަކިހިއްޕައިލިއެވެ.
“ނޫން. އަހަރެން ކުށެއް ނުކުރަމޭ. ނުކުރަން. ކީއްވެތަ ގަބޫލު ނުކުރަނީ؟ އަހަރެން ކުށެއް ނުކުރަމޭ. އެއީ އަހަރެންގެ ކުށުންވީ ކަމެއްނޫން. އެއީ އަހަރެންގެ ކުށެއްނޫނޭ. ކިތައްފަހަރު ބުނަންވީ؟” ގިސްލެވެމުންދިޔަ ޔަނާލް ކޮޓަރީގެ އެތަން މިތަނަށް ބަލަމުން ހަޅޭލަވައިގަތެވެ. އޭނާގެ ކުށެއްނޫންކަން އެމީހުނަށް އިނގޭއިރުވެސް އެކަމުގައި އޭނާ ކުށްވެރިކުރަނީ ކީއްވެހެއްޔެވެ؟ ދުނިޔޭގައި އަމިއްލަ އެދުމުން ފޯވެފައިތިބޭ މީހުން އުޅޭކަންވެސް އޭނާއަށް އަންގައިދިނީ އެމީހުންނެެވެ. އެހައި ނުބައި ބަޔަކު އޭނާ ދުވަހަކުވެސް ނުދެކެއެވެ. އޭނާގެ އެއްވެސް ކުށެއްނެތި އޭނާއަށް ސަޒާ ލިބެންވީ ސަބަބެއް ޔަނާލްއަކަށް ނޭނގެއެވެ. ހުރިހައިވެސް މައްސަލައަކީ އޭނާއަށް އެމީހުން ބޭނުންވި ކަންތައް ކޮށްނުދެވުން ހެއްޔެވެ؟ ޔަނާލްއަކަށް ނުވިސްނުނެވެ. ރޮއިރޮއިގޮސް ވަރުބަލިވެ ހަށިގަނޑުގެ ހަކަތަ ހުސްވެގެން އެންމެފަހުން ޔަނާލްއަށް އަނެއްކާވެސް ނިދުނީއެވެ.
ޖެހިގެންއައި ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ. ގޭތެރޭގައި ފޫހިވެގެން އައިކް އުޅެން ފެށުމުން އެދުވަހު ހަވީރު އައިކް ގޮވައިގެން ކުޑަކުދިންގެ ޕާރކަށް ދިއުމަށް އަރްޒަން ނިންމިއެވެ. ވަގުތުން އޭނާގެ ސިކުނޑިއަށް ޚިޔާލެއް އައުމުން ޖީބުގައޮތް ފޯނު ނަގަމުން ޔަނާލްއަށް ގުޅައިލިއެވެ. އަރްޒަންގެ އެތައް އާދޭހަކަށްފަހު އެމީހުނާއި އެކީ ދާން ޔަނާލް އެއްބަސްވުމުން އޭނާގެ ކާބިޔާބީއަށްޓަކައި އަރްޒަންއަށް ހިނިތުންވެލެވުނެވެ.
ތިރިއަށް ދިޔައިރު ނިޝްޔާގެ ގާތުގައި ކުޅޭ އެއްޗެއް ހިފައިގެންއިން އައިކްފެނި އެދިމާއަށްދަމު އަރްޒަން އައިކްއަށް ގޮވައިލިއެވެ. އަރްޒަންގެ އަޑަށް އައިކްގެ އިތުރުން ނިޝްޔާ އާއި ހާޝިމާވެސް ބަލައިލިއެވެ.
“ދަރިފުޅޫ. މިއަދު ހަވީރު ޕާރކަށް ކުޅެންދާނަންތަ؟” ވަރަށް ހިނިއައިސްފައި އަރްޒަން އައިކްއާ އެއްހަމައަކަށް ތިރިވެލަމުން އަހައިލިއެވެ. ވަގުތުން އައިކްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އަރްޒަންގެ ގައިގައި ބާރަށް ބައްދައިލަމުން ނިޝްޔާއާއި ދިމާއަށް އެއްލޯ މަރައިލައިފައި އައިކް ބަލައިލިއެވެ.
“އޯހް. އަހަރެންވެސް ދާނަން. ދޮންތި ގެންދާނަންދޯ އައިކް ލޯބީ.” ދެރަވާކަމަށް ހެދިލަމުން ނިޝްޔާ ބުނެލިއެވެ. އިރުކޮޅަކު ވިސްނައިލާގޮތް މޫނުމަތިން ދައްކައިލަމުން ހިނިގަނޑެއް ޖަހައިލައިފައި އައިކް ބޯޖަހައިލިއެވެ. އަރްޒަންވެސް ހިނިތުންވެލަމުން ހަވީރަށް ތައްޔާރުވުމަށް ނިޝްޔާ ގާތު ބުނެފައި އައިކް ގޮވައިގެން ކޮޓަރިއަށް ދިޔައީ ހަވީރުވާންވާއިރަށް ތައްޔާރުވެލުމުގެ ގޮތުންނެވެ.
ކަޅު އަބާޔާއެކު މަޑު ކްރީމް ކުލައިގެ ޝޯލް އަޅައިލަމުން ޕިންޖަހައި ޝޯލް ހަރުކޮށްލިއެވެ. އިއްޔަ ފެނުނު ހުވަފެނުގެ ސަބަބުން ޔަނާލް އަދިވެސްވަނީ ހިސާބަކަށް ނުތަނަވަސްވެފައެވެ. އެހެނަސް އަރްޒަން އެހައިވަރަށް އާދޭސްކުރުމުންނާއެކު ބޭރަށް ނުކުމެލުމުން ކޮންމެވެސް ވަރަކަށް މީހާ ހަމަޖެހޭނެތީ އެކަމަށް ޔަނާލް އެއްބަސްވީއެވެ.
ގަޔަށް ސެންޓް ޖަހައިލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން ޔަނާލް ފުންނޭވާއެއްލީ ނަފުސު ހަމައަކަށް އަޅުވައިލުމުގެ ނިޔަތުގައެވެ. އެވަގުތު ފޯން ރިންގްވި އަޑުއިވި ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ޔަނާލް ބޭރަށް ނުކުންނަން ހިނގައިގަތެވެ.
މަގުމައްޗަށް ނުކުމެ ޓެކްސީއެއް ހުއްޓުވުމަށްފަހު އޭގެއަށް އަރަމުން ދާންވީ މަންޒިލް ބުނެލުމަށްފަހު ޔަނާލް ޝީޓްގައި ރަނގަޅަށް ހަމަޖެހިލިއެވެ. އަރްޒަން އޭނާ ބަލައި އަންނަން އެދެމުންވެސް ޔަނާލް އެކަމާ ދެކޮޅުހެދީ އަރްޒަންއަށް އިތުރު ބުރައަކަށްވާން ބޭނުންނުވާތީއެވެ. މަގުމައްޗަށް ނަޒަރު ހުއްޓައިލައިގެންއިނދެ ޔަނާލް އޭނާގެ މަންޒިލަށް ދެވޭނެއިރަކަށް އިންތިޒާރުކުރަން ފެށިއެވެ.
“ކޮބާ އޭނަ؟” ކުޑަކުދިންގެ ޕާރކް ކުރިމަތީގައި ހުއްޓިހުރެ ފޫހި ރާގަކަށް ނިޝްޔާ އަރްޒަން ގާތުގައި އަހައިލިއެވެ. “އިރުކޮޅަކުން އަންނާނެ ކަންނޭނގެ.” މަގުގެ ދެކޮޅަށް ބަލައިލަމުން އަރްޒަން ބުނެލިއެވެ. އަރްޒަންގެ ފަރާތުން ޔަނާލް އަންނަކަން އިނގުނީއްސުރެ ނިޝްޔާ ހުރީ ފޫހިވެފައެވެ. އެޔަނާލާއި ނުލާ މިހާރު އަރްޒަންއަށް ހަމަ އެއްކަމެއްވެސް ނުކުރެވެނީ ހެއްޔެވެ؟ ކޮންމެހެން އެތަނަށް ޔަނާލް ގެންނަންވީ ކީކުރަން ހެއްޔެވެ؟ އޭނާ އެހައި އުފަލުން އައީވެސް އަރްޒަންއާ އެކުގައި އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެކަމުގެ އުއްމީދުގައެވެ. އެކަމަކު އެއުއްމީދުވެސް އެޔަނާލަކާއިހެދި ފުނޑުފުނޑުވީއެވެ.
އެމީހުންގެ ކުރިމައްޗަށް މަޑުކޮށްލި ޓެކްސީފެނި އަރްޒަންގެ މޫނުމައްޗަށްއެރި ކުލަވަރުން ނިޝްޔާ އިތުރަށް ފޫހިވާގޮތްވިއެވެ. ޔަގީނުންވެސް އެބުނާ ޔަނާލްއެއް އެއައީއެވެ. މިއަދު އޭނާއަށްވެސް އެޔަނާލެއްގެހުރި ވަރެއް ފެންނާނެތާއެވެ. ޓެކްސީއާއި ދިމާއަށް އެސްފިޔަވެސް ޖަހައިނުލާބަލަން ނިޝްޔާހުރީ ފާޑަކަށް ކެތްމަދުވެފައެވެ. ހަގީގަތުގައިވެސް ޔަނާލް ދެކިލަން އޭނާގެ ހިތް އެވަގުތު ބޭނުންވިއެވެ.
ކާރުގެ ދޮރު ހުޅުވައިލަމުން ނުކުތް ހިމަތޮޅި އަންހެންކުއްޖާ އޭގެން ފައިބައި އޭނާގެ އަތްދަބަސް ރަނގަޅުކޮށްލަމުން އިސްއުފުލައިލިއެވެ. އެހުރިހައިއިރު ކެތްމަދުވެފައިހުރި ނިޝްޔާއަށް އެއަންހެންކުއްޖާ ފެނުމާއެކު އަނގަ ތަންމިނަށް ހުޅުވައިލަމުން ދެލޯބޮޑުކޮށްލެވުނީ ފެނުނު މަންޒަރު ގަބޫލުނުކުރެވިގެން ކަހަލައެވެ. އެއީ ހަމަ ހަގީގަތުގައިވެސް ޔަނާލް ހެއްޔެވެ؟
އައިކްއަށް ބަލައިލަމުން ހިނިތުންވެލި ޔަނާލްގެ ލޮލުގައި އެމީހުންގެ ގާތުގައި ހުއްޓިހުރި އަންހެންކުއްޖާ އަޅައިގަތުމާއެކު މީހާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އޭނާގެ ލޮލަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައި ޔަނާލްއަށް ހުރެވުނީއެވެ. ވަގުތުން އޭނާގެ ހިތް ބިރުވެރިކަމުން ފުރިގެންއައެވެ. ހިތުގެ ހިނގުން އަވަސްވުމާއެކު މީހާ ދާހިތްލަންފެށިއެވެ. “ނިޝްޔާ.” ޔަނާލް ހިތާހިތުން އެނަން ކިޔައިލީ ޖެހިލުންވެފައިހުރެއެވެ.
ހުއްޓުން އަރައިފައިހުރި ޔަނާލްގެ ކޮނޑުގައި މަޑުމަޑުން އަރްޒަން ޖަހައިލުމާއެކު އޭނާއަށް ސިހިފައި ހަޅޭލަވައިގަނެވުނެވެ. އެތަންފެނި މަޖާވެގެން އައިކް ހޭންފެށިއިރު އަރްޒަންހުރީ ހިސާބަކަށް ހައިރާންވެފައެވެ. ޔަނާލްގެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަން ކިތަންމެ ރަނގަޅަކަށްވެސް އަރްޒަންއަށް ފާހަގަވިއެވެ.
“އާރ ޔޫ އޯކޭ؟ ބަލީތަ؟” ކޮންމެވެސް ވަރަކަށް ހުދުވެފައިވާ އެމޫނަށް ފުންކޮށް ބަލައިލަމުން އަރްޒަން އަހައިލިއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރައިލަމުން ޔަނާލް ނިޝްޔާ އާއި ދިމާއަށް ލޮލުގެ ހިމަކޮޅުން ބަލައިލިއެވެ. މަލާމާތުގެ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެންހުރި ނިޝްޔާ ޔަނާލް ބަލައިލިތަންފެނި އެއްލޯ މަރައިލިއެވެ. އެއާއެކު އޭނާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އެތަނުގައި ނިޝްޔާ ކީއްކުރަނީ ބާވައެވެ؟ އަރްޒަންއާއި ނިޝްޔާއާއި ދެމެދުގައި އޮތީ ކޮންގުޅުމެއްބާވައެވެ؟ ޖަވާބު ނޭނގޭ އެތައް ސުވާލަކުން ޔަނާލްގެ ސިކުނޑި ހާސްކުރުވިއެވެ. ނަމަވެސް ނިޝްޔާގެ މޫނުމަތިން އޭނާ ވަރަށް ހަމަޖެހިފައިހުރިކަން ހާމަވަމުން ދިޔައެވެ.
“ހިނގާ އެތެރަށް.” އަރްޒަން އެހެންބުނެލުމާއެކު ޖެހިލުންވެފައިހުރެ ޔަނާލް ހިނގައިގަތެވެ. ނިޝްޔާއާއި އަރައި ހަމަވުމާއެކު މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން އޭނާ ޔަނާލާއި ދިމާއަށް ސަލާމަށް އަތްދިއްކޮށްލިއެވެ.
“ހާއި. ތީ ދޯ ޔަނާލް. އައި ހާރޑް އަ ލޮޓް އެބައުޓް ޔޫ. ވަރަށް އުފާވެއްޖެ ބައްދަލުވީމަ.” ހިނިތުންވެފައި ހުއްޓެއްކަމަކު އެލޯ ހަނިކޮށްލައިގެންހުރިގޮތުން އެހިތުގައި ޔަނާލްއަށްޓަކައިވީ މަލާމަތްކަން އޭނާއަށް އެނގުނެވެ. “ނައިސް ޓް މީޓް ޔޫ ޓޫ.” މަޑުމަޑުން އެއަތުގައި ހިފައިލަމުން ޔަނާލް ބުނެލިއެވެ. “ޔާ. އާރފްޓަރ އަ ވެރީ ލޯންގް ޓައިމް.” ޔަނާލްގެ މަޑުއަތްތިލައަށް ބާރަށް ފިތައިލަމުން ހަމައެކަނި އޭނާއަށް އަޑުއިވޭވަރަށް އެހެން ބުނެލުމަށްފަހު ނިޝްޔާ އެއަތުން ދޫކޮށްލިއެވެ. އެއާއެކު އޭނާ ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލަމުން އަވަސްއަވަހަށް ޔަނާލް އަރްޒަންގެ ގާތަށް ޖެހިލިއެވެ.
އެތަނުގައި އުޅުނުއިރިވެސް އެހެން ދުވަސްދުވަހާއި ޚިލާފަށް ޔަނާލް މާމަޑުން އިންނަކަން އަރްޒަންއަށް ފާހަގަވިއެވެ. ޔަނާލް ބަލީކަމަށް ހިތަށް އަރުވައިލަމުން އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެ އެކިއެކި ވާހަކަތައް ދައްކަމުން އަރްޒަން ދިޔައެވެ. އަރްޒަން ޔަނާލްއާއި މާ ގާތްކޮށް އުޅެމުންދިޔަތަންފެނި ނިޝްޔާއަށް ދަތްކުނޑިވިކެމުންދިޔައީ އަންނަމުންދިޔަ ރުޅިއެއްގެ ސަބަބުންނެވެ. ޔަނާލް ބަލައިލާ ކޮންމެ ފަހަރަކު އޭނާއާއި ދިމާއަށް ކަޅިއަޅައިލައިގެން ބަލަންހުންނަ ނިޝްޔާފެނި އޭނާއަށް އިސްޖަހައިލެވެނީ ގަންނަ ބިރެއްގެ ސަބަބުންނެވެ. ވާންމިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލު ޔަނާލް އިންތިޒާރުކުރަމުން ދިޔައީ އޭނާއަށް ގެއަށް ދެވޭނެ ވަގުތަކަށެވެ. އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަކަށް ނިޝްޔާގެ އެވިހަގަދަ ނަޒަރުން ސަލާމަތްވާށެވެ.
އައިކްއާއި އެކުގައި އަރްޒަން ތަންކޮޅެއް ދުރަށް ޖެހިލުމާއެކު ނިޝްޔާ އައިސް ޔަނާލް ގާތުގައި ހުއްޓިލިއެވެ. ބޭއިޚުތިޔާރުގައި ޔަނާލްއަށް ނިޝްޔާއާއި ކުޑަކޮށް ދުރަށް ޖެހިލެވުނެވެ.
“ވަަރަށް ބިރުންދޯ ތިހުރީ އަހަރެން ފެނުނީމަ؟ ހިތަށްވެސް ނާރާ ދޯ އަހަރެންނާ މިކަހަލަ ގޮތަކަށް ބައްދަލުވެދާނޭ. ހެހެ. އަހަރެންވެސް ހިތަކަށް ނާރާ އައިކް އެވަރަށް ޔަނާލްގެ ވާހަކަ ދެއްކި އިރަކު އެއްވެސް ގޮތަކަށް އެއީ ކަލެއަށް ވެދާނެކަމަކަށް.” ހަރަންބަނދެލަމުން ފޮނިގޮތަކަށް ނިޝްޔާ އޭނާގެ އިސްތަށިގަނޑާއި ކުޅެލަމުން ބުނެލިއެވެ. އެއަށް އެއްވެސް ޖަވާބެއްނުދީ އެހުރިގޮތަށް ޔަނާލް ހުރީއެވެ.
“އަދި މާ މާތް މީހަކަށްވެގެން އަނގައިން ނުބުނެ އެބަހުރެއެއްނު. ހުއް. އަހަރެން އެހެން ނޫނަސް ނޫޅެން ކަލެއާ ވާހަކަދައްކާ ހިތުންނެއް. އަހަރެން މިއައީ ހަމަ އެންމެ ވާހަކައެއް ބުނެލަން.” ނިޝްޔާގެ އަޑުގައި އެކުލެވިގެންދިޔަ ނުރައްކާތެރި ރާގުން ޔަނާލް އިސްއުފުލައިލަމުން ނިޝްޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ބުނަން ރަނގަޅު ވާހަކައެއް. އަރްޒަން އަކީ އަހަރެންގެ ހައްގެއް. ހަމައެކަނި އަހަރެންގެ ހައްގެއް. އަހަރުމެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނިކުރަން. ޕުއަރ ޔޫ. ސޯ ޔޫ ބެޓަރ ސްޓޭ އަވޭ ފްރޮމް ހިމް. އަޑުއިވިއްޖެތަ؟” ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންހުރެ ކަޅި އަޅައިލަމުން ނިޝްޔާ ބުނެލިގޮތުން ޔަނާލްގެ ހިތަށް ތަދުވެގެންދިޔައެވެ. އެއާއެކު ތަފާތު ސުވާލުތަކުން އަނެއްކާވެސް އޭނާގެ ސިކުނޑި ހާސްކޮށްލިއެވެ. ހިންދިރުވައިލަމުން އެމީހުނަށް ފުރަގަސްދީގެން އައިކްއާ އެކުގައި ކުޅެންހުރި އަރްޒަންއަށް ބަލައިލަމުން އިސްޖަހައިލުމަށްފަހު އެއްވެސް އެއްޗެއް ބުނުމެއްނެތި އެތަނުންދާން ޔަނާލް ހިނގައިގަތެވެ. އެތަންބަލަންހުރި ނިޝްޔާގެ މޫނުމަތީގައިއޭރުވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޔަނާލްއާއި ދޭތެރޭގައި ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Salaam all.. Sry lil late vyma.. I was kinda bxy tday ehnve ingey.. Hope u all will like this part too.. Happy friday all.. Enjoy reading.. N let me knw the mistakes.. Have a nice day.. Love yu all my dear readers❤?
1st dhw??????
mipartvess v interesting well done nau love
Hehe yah dhw.. Ur first.. Thanks alot nux love❤
Masha Allah!!
Thanks my dear❤
Alhey mihaa interesting vanyya dhen kihine hadhaanee.. nxt part kiyaahithun mihaaru vx kehmdhuvefa
Heheh dhw.. Thanks alot my dear❤
MaSha Allah ❤✨?
V furihama❗
Thanks alot dear❤
nice mi part vxx.. nau you are soo telented… next part ga dhnn vaanii kihineh baa…. waiting!!
Awwn thank u soo much my dear.. Lets see dhw vaagotheh❤
Alheyy tht nishyaaaa!!!! hate her..aneh prt ah waiting curiously???
Hehe. Thanks my dear❤
Villain dho mi Nishya gandu mee.. ??? konmes meehaku
Maraalaba Nishya….
Varah reethi story
Haha yah dhw.. Lets see vaagotheh.. Btw thanks alot my dear❤
V varugadha kanthah gandeh nishyaamen kuraanehen haadha heevey yanaal ah… ehenvyma ekamuge adeega ulhey bayakyves nishyaamen dhw… story ninmaalan vaany nishyaa mennah v varugadha landeh dheefa ingey nau… v v rythi mibaives… abdhuves mi story ah inthixaaru kurevey…
Hehe yah dhw.. Lets see.. Thanks alot my dear❤
Masha allah v lwbi dear
Thanks alot my dear❤
Alhey keeve tha efajeerah ehen thihandhany.???…ekamakuves ok… bunehnun adigandakah fahu usgandeh annaaney…adhi yanaal ah ufaaveri dhiriulhumeh kuriah othy kamahves vedhaane dhw….. mi partves awsummm????..as always , keep up the good work,??? luv ya sis❤❤❤…keep smiling???
Ya dhw dear.. Lets see wat destiny hv hidden for yanaal.. Hehe.. Thanks alot my dear.. Love u too❤
Next part up kuranee konirakun
nauu??? whn next part
Maa sha Allah Vrh furihama
Thanks alot my dear❤
Kobaatha yuly ge family