އެވަގުތު ޓީވީ ހުރީ ހުޅުވާފައިކަން އަހަރެން ހަނދާނެއް ނެތެވެ. ޓީވީއިން އިވެންފެށީ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދިން ލަވައެކެވެ. “ބައްޕާ އައިމާ އަހަރެން ވާ އުފާ.. އަންގަން ލޯބިން އަހަރެން ބޭނުމޭ… އަޅެ އާދޭ ބައްޕާ ކައިރިއަށް.. ދޫންޏާ އާދޭ ކައިރިއަށް… ހީލާފާ ނާ ބައްޕަގެ ގާތަށް އައިމާ އުރާނަމޭ.. އުފާކޮށްދޭން ބޭނުމޭ.. ހެއްވާލަން ބޭނުމޭ…”
ކައިސަން ކޮޓަރިއަށް ވަންނާކަށް ނޫޅެއެވެ. އަހަރެންވެސް ކައިސަން ގާތު ސޯފާގައި އިށީނީމެވެ. ކައިސަން އިނީ ކައިލް އުރައިގެންނެވެ. މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ބުނެދޭން ނޭނގޭހާ އެތަށް އިހުސާސް ތަކެއް އެ ހިނިތުންވުމުން އަހަންނަށް ނަގައިގަނެވުނެވެ. ކައިލްގެ މޫނު މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ދެބަފައިން ލޯބި ކުރާ ތަން އަހަރެން ބަލަން އިނީ ލޯމަރާލަންވެސް ހަނދާންނެތިފައެވެ. ލޯމަރާލާއިރަށް މަންޒަރު ފުސްވެގެން ދާކަށް އަހަރެން ބޭނުމެއް ނޫނެވެ.
މިގޮތުގައި ވަގުތު ހޭދަވެގެން ދިޔަ ގޮތް ވެސް ނޭނގުނެވެ. ކައިލް ‘އާފަލުކާން’ ފެށިއެވެ. ކައިސަން އަހަރެން އަތަށް ކައިލް ދިނުމަށްފަހު ނިންދެވުމަށް ބުނުމުން އަހަރެން ބުނީ ކާންދީ ފެންވަރުވާ ހަދާފަކަމަށެވެ. އަހަރެން ކައިލްއަށް ކާން ހެދީމެވެ. ކާންދިނީ ކައިސަންއެވެ. ކައިސަންގެ އެދުމުގެ މަތިންނެވެ. “ހާދަ ސާފު ކޮށްލާފަ މިއޮތީ.. ކުލަވެސް އާ ކޮށްލީ ދޯ!” ކައިސަން މިހެން ބުނުމުން އަހަރެން ބޯޖަހާލީމެވެ.
ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން ކައިސަން އާ ސުވާލު ކޮށްލީމެވެ. “ކައިސަން ބަލާ ދާން ބުނި 2 ޖަހާއިރަށް.. އަސްލު އަހަރެން ހަނދާން ނެތުނިއްޔޭ.. އެކަމަކު އިރުކޮޅަކުން އެމީހުން އައިއްސަ ބުނީ 4 ގަޑި ބަޔަށް ށޯ.. އެ ކިހިނެތް ވާކަމެއް؟” ކައިސަން އަހަރެންނާ ދިމާއަށް ބަލާލިއެވެ. “ބުނީމެއްނު ސަޕްރައިޒެކޭ! އެހެންވެ އެއާ ދޭތެރޭ ވިސްނަން އިނީ.. އެމީހުން އަހަރެން ބަލާ އައިމަ ބުނިން ތަންކޮޅެއް ފަސް ކޮށްލަދޭށޭ! ނަސީބެއް ކައި އަށް ހަނދާންނެތުނުކަން!” ކައިސަން ފެށީ ހޭށެވެ. “އާނ! ނަސީބެއް ދޯ!” އަހަރެންވެސް ހޭން ފެށީމެވެ. ކައިސަން ހޭއިރު ކުރިން އެތައް ހިތާމައެއް ތަޙައްމަލު ކުރިއެކޭ ނުބުނެވޭނެއެވެ. މާޙައުލަށް އިތުރު އުފާވެރިކަމެއް ގެނުވީ ތުއްތު ކައިލްގެ ހުނުމުގެ އަޑުންނެވެ.
ކައިލް ކައި ނިމުމުން ކައިލް ފެންވެރުވުމަށްފަހު ނިންދެވީމެވެ. އެނދުގައި ބޭއްވުމަށްފަހު އަހަރެން ބޭރަށް ނުކުތީމެވެ. ކަންދިމާކުރިގޮތުން އެވަގުތަކީ ކައިސަން ކޮޓަރިއަށް ވަންނަން ދިމައިކުރި ވަގުތު ކަމުން އަހަރެން ޖެހުނީ ކައިސަންގެ ގައިގައެވެ. އަހަރެން ދުރަށް ޖެހިލަން އުޅުނީމެވެ. އެހެން ނަމަވެސް ކައިސަން އަހަރެން ދޫކޮށެއްނުލިއެެވެ. އަހަރެންވެސް އިތުރަށް އެބާރުގަދަ އަތުގެ ތެރެއަށް ބޮނޑިވެ، އެތަނަވަސް މޭގައި މޫނު ފޮރުވާލީމެވެ. “ކައިސަން އަހަރެން ދޫކޮށްފަ ނުދައްޗޭ ދެން!”
އަހަރެން މިހެން ބުނުމާއެކު ކައިސަން އަހަރެން ދުރު ކޮށްލިއެވެ. “ދެން ދުވަހަކުވެސް ކައިނާ ދޫކޮށްފައެއް ނުދާނަން! އިރާދަކުރެއްވިއްޔާ އަހަރެންގެ އެންމެ ފަހު ނޭވާ ދޫކޮށްލާނީ ކައިނާގެ އުނގުގައޮވެ!” “ޝްޝްޝް.. ތިކަހަލަ ވާހަކަ ނުދައްކާ!” އަހަރެން ކައިސަން ހުއްޓުވީމެވެ. ކައިސަން އަހަރެން އުރާލައިގެން ކޮޓަރިއަށްވަނެވެ. “ވާއު!! ޔޫ ޑިޑް ދިސް ޖަސްޓް ފޯ މީ؟؟” ކައިސަން ހައިރާންވެފައިހުރެ ސުވާލު ކޮށްލިއެވެ. “ހްމްމް…” އަހަރެން ޖަވާބުދިނީމެވެ. ކޮޓަރިތެރޭ ވަނީ އުއްބައްތީގެ މީރު ވަހުން އެއްވަސް ވެފައެވެ. ފިނިފެންމަލުގެ ވަހުންވެސް ސިކުނޑި ތާޒާ ކުރުވައެވެ.
ކައިސަން އަހަރެން ބިންމަތީ ބެހެއްޓިއެވެ. އަހަރެން ހުރީ ފިޔަވަޅެއް އަޅަން ނުކެރިފައެވެ. އިސް ޖަަހައިގެންނެވެ. ކައިސަންވެސް އެއްވެސް ހަރަކާތެއް ނުގެނައުމުން އަހަރެން އިސްއުފުލާލާ ކައިސަން އާ ދިމާއަށް ބަލާލީމެވެ. ކައިސަން ހުރީ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ކަޅިޖަހާނުލާ ބަލަން ހުއްޓެވެ. އެމޫނުމަތިން ފެންނަނީ މަސްތީކަމެކެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ. އަނެއްކާވެސް ކައިސަން އަހަރެން އުރާލައިގެން ގެންގޮސް އެނދުމަތީ ބޭއްވިއެވެ. މަޑުމަޑުން ގަމީހުގެ ގޮށްތަކާ ކުޅެންފެށިއެވެ. ގަމީސް ބޭލުމަށްފަހު ކައިސަން އެނދަށް އަރާ ހަމަޖެހިލިއެވެ. މަޑުމަޑުން އަހަރެންނާ ކައިރި ވަމުން، ނޭވާގެ ހޫނުކަން އިހުސާސް ކުރެވޭހާ ކައިރިވެލިއެވެ. އިސާހިތަކު އަހަންނަށް ކައިސަން ގެ ބީހުންތަކަށް އިޖާބަ ދެވުނެވެ.
އިރުގެ ދޯދިތައް ދޮރުފޮތިގަނޑު ފޫއަޅުވާލާފައި އަހަރެންގެ ލޮލާހަމައަށް ވާސިލްވުމާއެކު އަހަންނަށް ހޭލެވުނެވެ. ވަށައިގެން ހޯދާލީ އެނދުގައި ކައިސަން ނެތުމުންނެވެ. ފާހަނާ ދޮރު ހުޅުވާލި ވަގުތަށް އަހަންނަށް އެދިމާއަށް ބަލާލެވުނެވެ. ކައިސަން ހުރީ އުނަގަނޑުން ތިރިއަށް ވާގޮތަށް ތުވާލި އޮޅައިގެންނެވެ. ފިރިހެންވަންތަ އެހަށިގަނޑު ހާމަކޮށް ފެންނަން ހުރިއިރު ހީވަނީ “ބޮޑީ ބިލްޑަރ” އެއް މޮޑެލް ކުރަން ހުއްޓި ހުރިހެންނެވެ. ފެންތިކިތައް ބަބުޅަމުން ދިޔައިރު ހީވަނީ ޝަބްނަމް ތިކިތަކެއް ހެންނެވެ. “ކައި ތިވަރަށް ނުބެލިއަކަސް ނުގެއްލޭނޭ!” ކައިސަން ކަރު ކެހިލުމަށްފަހު ބުންޏެވެ. އަހަރެން މޫނު އަނެއް ފަރާތަށް އަނބުރާލީމެވެ. “އޯކޭ! ބަލަން ބޭނުމިއްޔާ ބެލިޔަސް ހެވޭ!” ހެމުން ކައިސަން ބުނެލިއެވެ. އަހަރެން ތެދުވެ އެނދުމަތި ރީތި ކޮށްލީމެވެ. ތުވާލި ހިފައިގެން ފާހަނާއަށް ވަނީ ތާޒާވެލުމަށެވެ.
ފެންވަރައިގެން ނުކުމެވުނުއިރު ކައިސަން އިނީ ކައިލް ގޮވައިގެންނެވެ. އެހެން ނޫނީ ކައިލް ހޭލުމަށްފަހު ރޯނެއެވެ. އެހެން ނަމަވެސް މިއަދު ކައިލް ނުވެސް ރޮވެއެވެ. އަހަންނަށް ހިނިތުންވެލެވުނެވެ. ކައިލް އެންމެ ކަރުނަ ތިއްކެއް ވެއްޓިޔަ ނުދޭނަމޭ ބުނެވުނު މަތިން ހަނދާން ވުމުންނެވެ. އަހަރެން ރީތިވެ ނިމެންދެންވެސް ކައިސަން އިނީ ކައިލް އުރާލައިގެންނެވެ. އިރުކޮޅަކުން ތެދުވެގެންގޮސް ކުޑަދޮރު ކައިރީ ހުރެދާނެއެވެ.
ކައިލް ފެންވަރުވާލީމެވެ. ސައި ތައްޔާރު ކުރުމަށްފަހު އަހަރެމެން އެކުގައި ސައި ބުއީމެވެ. “ހަލޯ! އޯކޭ… މިދަނީ..” ކައިސަން ފޯނުކޯލަކަށް ޖަވާބު ދިނެވެ. “ކާކު؟” އަހަރެން ސުވާލުކުރީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


When is the next part?, Btw love it?
Wowww v reethi vhk eh???
Kon irakun next part
Koba next part
When next part
salhi…..