ސިޓިން ރޫމަށް ނުކުއިން ތަނާ ސަލާން ގޮވި އަޑު އިވުނެވެ. “އައްސަލާމްޢަލައިކުމް!” “ވަޢަލައިކުމްސަލާމް!” ޖަވާބުދެމުން އަހަރެން ބޭރަށް ނުކުތީމެވެ.
“ކައިލާން މުޙައްމަދާއި، ކައިނާ މުޙައްމަދު މިއަދު ކޯޓަށް ޙާޟިރު ވުމަށް އެދެން.” އެމީހާ ބުނެލިއެވެ. އަހަރެންގެ އަތަށް ގަނޑެއް ދިނެވެ. އަހަރެން އެހުޅުވާލާ ކިޔާލީމެވެ. ދާން ޖެހެނީ ހަވީރު 4 ގަޑި ބައިގައެވެ. ވަނީ ކިހިނެތްކަން އަހަންނަށް ނަގައިގަންނާކަށް މާ ގިނައިރެއް ނުވިއެވެ. “ޔެސް!” އަހަރެންނަށް ހީވީ އުޑުގަނުޖެހި، ބިމުގަ ނުޖެހި އުޅެވުނުހެންނެވެ. އިތުރު މަޢުލޫމާތު ލިބޭތޯ އަނެއްކާވެސް އެގަނޑު ކިޔާލީމެވެ. އެހެން ނަމަވެސް ހެކި ސާބިތުވިކަމެއް ނުވަތަ ނޫންކަމެއް ނޭނގުނެވެ.
އަހަރެން ގޭތެރެއަށް ވަދެ ވެގެން އުޅޭ ގޮތް ކައިލާންއަށް ކިޔައިދިނީމެވެ. ގަޑި ބަލާލިއިރު 3 ޖަހަން އިނީ 15 މިނެޓެވެ. އަވަހަށް ސިޓިންގް ރޫމް ސާފު ކުރަން ފެށީ ވަގުތު އޮއްވާ ހުރިހާ ކަމެއް ނިންމާލުމަށެވެ. ސިޓިންގް ރޫމުގައި ލީ ތަންކޮޅެއް ގަދަ ބްރައުން ކުލައެކެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ކައިލާން ދިޔައީ ކައިލް ބަލައެވެ. ކައިލް ގެނެސްދިނުމުން އަހަރެން ކައިލް ފެންވަރުވާ ރީތި ކޮށްލީމެވެ. އަހަރެން ފެންވަރައިގެން ނުކުމެ ގަޑި ބަލާލިއިރު 4 ޖެހީއެވެ.
އަހަރެން ބޭރަށް ނުކުތީ އަންނަން ބުނި މީހުން އައިތޯ ބަލާލުމަށެވެ. ބޭރަށް ނުކުމެވުނުއިރު އެމީހުން އައިސް ވަނީއެވެ. “ކައި ހާދަ ފަލައޭ މިހާރު! މީގެ ފަހުން އަހަރެމެންނާއެކު ދާންވާނެ ކަސްރަތަށް! ދޯ އައިކާ” ރަފާއެވެ. އަހަރެންނާއެކު ކޯހުގައި ބައިވެރިވި ދެމީހުންނެވެ. “އެއްޗެހި ހިފައިގެން މިއައީ! އޯކޭވާނެއެއްނު!” އައިކާ ބުނެލިއެވެ. “ހްމްމް.. އެކަމް އަވަސް ކުރައްޗޭ! އަހަރެން ދާން ޖެހޭނެ 4 ގަޑި ބަޔަށް!” ގަޑި ބަލާލަމުން ބުނީމެވެ. ބަލާލި މީހަކަށް ހީވާނީ ހިނި އަރައިގެން އުޅުނުހެންނެވެ.
އައިކާ އާއި ރަފާ ގޮވައިގެން އަހަރެން ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އެދެމީހުން ގެނައީ ކޮޓަރިތެރެ “ޑެކަރޭޓް” ކުރުމަށެވެ. ފާރުގައި ހިތެއް ގޮތަށް ކުރަހާ އެތާގައި ރަތް ކުލައިގެ ގަނޑުން ވަރަށް ރީތި ގޮތެއް ހެދިއެވެ. އަދި ކަފާފައިވާ އަކުރުތަކެއް އެތާގައި ހިއްޕިއެވެ. އޭގައިވަނީ “އަވަރ ލަވް ވިލް ނެވަރ އެންޑް” ޖަހާފައެވެ. އެމަސައްކަތުގައި އުޅުނީ އައިކާއެވެ. ވަރަށް ފުރިހަމައެވެ.
އެނދުމަތީގައި ހިތެއް ހެދުމުގެ މަސައްކަތުގައި އުޅުނީ ރަފާއެވެ. ނިންމާލުމަށްފަހު މުޅި ކޮޓަރިތެރެއަށް ފިނިފެންމަލުގެ ފިޔަތައް އެޅިއެވެ. ތިންމީހުން އެކުގައި ކޮޓަރިތެރޭގެ މޭޒުމަތީގައި އުއްބައްތި ބެހެއްޓީމެވެ. ހީވަނީ އާ ކައިވެނީގެ ރެއަށް ކޮޓަރި ތައްޔާރު ކުރެވިފައިވާހެންނެވެ.
އަހަރެމެން ބޭރަށް ނުކުމެ މިސްރާބު ޖެހީ މަންމަމެން ގެއަށް ދިއުމަށެވެ. ކައިލް ގޮވައިގެންނެވެ. މަންމައާ ކައިލް ހަވާލު ކުރުމަށްފަހު އަހަރެން ކޯޓަށް ދިޔައީ ކައިލާންއާއެކު ސައިކަލުގައެވެ. ކޯޓާހިސާބަށް އަރާ ހަމަވިއިރު ޝީން ހުރީ ދޮރުމަތީގައެވެ. ލަސްވީކަމަށް ހީކޮށް ގަޑި ބަލާލީމެވެ. 4 ގަޑި ބައިވާން އިނީ ދެތިން މިނެޓެވެ. ތިންމީހުން އެކުގައި އެތެރެއަށް ވަނީމެވެ. އެކަކު އެކައްޗެކޭވެސް ނުބުނެއެވެ. އަހަރެންގެ ހިތް ނަގަނަގާފައި ޖެހޭކަން އަހަންނަށް އިހުސާސްވެއެވެ. މަޑަކުން ނޯވެއެވެ. އަހަންނަށް ޔަގީނެވެ. ދެން ތިބި ދެމީހުންނަށް ވެސް ވާނީ ހަމަ މިވަރެވެ.
“އިށީނދެލާ!” އެތާ ހުރި މީހަކު އަހަރެމެން ގާތު ބުނެލިއެވެ. އަހަރެމެން އިށީނީމެވެ. ބަރާބަރު 4 ގަޑި ބައި ވުމާއެކު އެތެރެއަށް ވަނުމަށް އެންގިއެވެ. އަހަރެމެން ވައިން އިރު ކައިސަން އިނީ ތަންކޮޅެއް އެކަހެރިކޮށް ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އަހަންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހީވީ މިއޮތްހާ ދުވަހު ނޭވާ ނުލާ ހުރި މީހަކު މިނިވަންކަމާއެކު ފުރަތަމަ ނޭވާ ލީހެންނެވެ. އަހަރެން މަޑުމަޑުން ކައިސަންއާ ދިމާއަށް ހިނގައިގަތީމެވެ. ޝީންއާއި ކައިލާން ތަންކޮޅެއް ދުރުގައި ހުރި ގޮނޑިތަކެއްގައި އިށީނެވެ. އެއްގޮނޑި ދޫކޮށްފައެވެ. ޙަޤީޤަތް އެނގި ހާމަ ވުމަށްފަހު ޝީން އާއި ކައިލާނާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރު ވެފައެވެ.
ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓުނީ މީހަކު ވާހަކަ ދައްކަން ފެށި އަޑަށެވެ. “ކައިނާ މުޙައްމަދާއި، ކައިލާން މުޙައްމަދު އަދި ހައްވާ ޝީން އަޙުމަދު މިކޮޅަށް ޙާޟިރު ވުމަށް ދަންނަވަން!” އޭނާ އިޝާރަތް ކުރީ އޭނާ އިށީނދެގެން އިން މޭޒުގެ ކަނައަތް ފަރާތަށެވެ. އެތާ ތިން ގޮނޑި ހުއްޓެވެ. ކައިސަން އިނީ އެމޭޒުގެ ވައަތް ފަރާތުގައެވެ. އަހަރެމެން ގޮސް އިށީނީމެވެ. އަހަރެން ބަލާލީ ކައިސަން އަށެވެ. ކައިސަން އިނީ އަހަރެންނާ ދިމާއަށް ބަލާށެވެ. މޫނުމަތިން ވަރުބަލިވެފައިވާ ވައްތަރު ޖަހައެވެ. ހިނިތުންވުމެއް ނެތެވެ. ލޮލުން ފެންނަނީ ހިތާމައިގެ އަސަރެވެ. އެހެންނަމަވެސް އެދެލޮލުން ތަފާތު އުފާވެރިކަމެއްގެ ވިދުވަރު ފެނުނުހެން ހީވިއެވެ. އިތުރަށް އެބާރުގަދަ ދެލޮލުގެ ތެރެއަށް ފީނައިގަންނަން ހިތަށް އެރިއެވެ. މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ނުވުމުން ލޯ އެހެން ދިމާއަކަށް އަމާޒުކުރީމެވެ.
“އަޅުގަނޑުމެންނަށް ހުށައެޅިފައިވާ ހެކިތައް ސާބިތުވެއްޖެ!” ޝީން ބަލާލީ ކައިލާންއަށެވެ. ކައިލާން ބަލާލީ އަހަންނަށެވެ. އަހަންނަށް ބަލާލެވުނީ ކައިސަންއާ ދިމާއަށެވެ. ކައިސަން ހައިރާން ކަމާއެކު ބަލާލީ އެހެން ބުނި މީހާއާ ދިމާއަށެވެ. ކައިސަން އަތް ހިއްލާލިއެވެ. ސުވާލު ކުރުމުގެ އިޒްނަ ލިބުމުން ކައިސަންގެ ހިތުގައިވި ސުވާލު ކޮށްލިއެވެ. “ކޮން ހެކިތަކެއް؟ ކީއްކުރައްވަންތޯ؟” އަހަރެން އަތްނަގާ އެވާހަކަތައް ކިޔައިދިނުމުގެ ހުއްދައަށް އެދުނީމެވެ. ހުއްދަ ލިބުމުން އަހަރެން ކިޔައިދިނީމެވެ. “ބުނީމެއްނު ސަޕްރައިޒެކޭ! މިއީ ސަޕްރައިޒް” ވާހަކަ ނިންމާލުމަށްފަހު އަހަރެން ބުނީމެވެ.
“ހެކި ސާބިތުވުމަށްފަހު ގަވާއިދުގައި ވާ ގޮތުގެ މަތިން އއ.މަތިވެރި، މާޖެހިގޭ، ހައްވާ ޝީން އަޙުމަދު، 1 އަހަރާ 2 މަސް ދުވަހަށް ޖަަލަށް ދާން ޖެހޭ.” އަހަރެން ބަލާލީ ޝީންގެ މޫނަށެވެ. ޝީންގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ މޭޒުމަތީގައި އޮތް ގަނޑުގައެވެ. “ދެން ޒާން؟؟!!؟؟” ކައިލާން ގެ ސުވާލާއެކު އެންމެންގެ ކަޅި އަމާޒުވީ ކައިލާންއަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Kai, it’s beautiful??