ކުށަކާނުލައި- 2ވަނަބައި
“ހާއި. ލާނާ މުހައްމަދު ހަސީން”. ލާނާ ސަލާމަށް އަތްދިއްކޮށްލިއެވެ. ކަންދިމާކުރިގޮތުން އެވަގުތު ވީ އަލަންވެސް ސަލާމަށް އަތްދިއްކޮށްލި ވަގުތަށެވެ. ކުރިމަތީ ހުރި އަންހެންކުއްޖާއަށް ބަލައިލި ވަގުތު އަލަން އަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ބާރަށް ޖެހިހެންނެވެ. ކަޅިޖަހާލަންވެސް ނޭނގިފައި އަލަން ހުރީ ކުރިމަތިންފެންނަން ހުރި މަންޒަރު ގަބޫލުނުކުރެވިފައެވެ. އެއީ ހަމަ އެ މޫނެވެ. އެ އަޑެވެ. އަލަން އަކަށް އެއަޑެއް ނޯޅޭނެއެވެ.
އަލަންގެ ލޭ ކެކިގަތެވެ. ސަލާމަށް ދިއްކުރި އަތްވެސް ތިރިކޮށްލެވުނީ އިހްތިޔާރުންބޭރުގައެވެ. ލާނާއަށްވެސް ވީ ހަމަ މިވަރެވެ. މޫނުމަށްޗަށް ފޫހިކަން ވެރިވީ ކުރިމަތީ ހުރި އަލަންގެ ސޫރަ ފެނުމުންނެވެ. އޭނާ އެތަނަށް އައީ އަލަންގެ ސޫރަފެންނާނެ ކަމަކަށްނޫނެވެ. ވަށްކަޅިން ލާނާ އަލަންއަށް ބަލާލިއެވެ. އޭރުވެސް އަލަން ހުރީ ކަޅިވެސް ޖަހާނުލާ ލާނާއަށް ބަލާށެވެ. އެބެލުމުން ލާނާ އަނދާއަޅިއަށް ހަދާލަފާނެހެންވެސް ހީވެއެވެ. އަލަންގެ އެބެލުންފެނި ލާނާ އެންމެ ހިންދުކޮޅަކަށްވެސް އެތާ ހުންނާކަށް ބޭނުމެއްނުވިއެވެ. މޫނު އަނބުރާލާފައި ދާން ހިނގައިގަތީ ބުނަންނުވާ ކަހަލަ އެއްޗެއް އަނގައިން ބޭރުވެދާނެތީއެވެ. ނަމަވެސް އަލަން ހީވީ މާކުރިންވެސް މިކަމަށް ތައްޔާރުވެގެން ހުރިހެންނެވެ. ހިނގައިގައިގަތް ލާނާގެ އަތުގައި ހިފާ ގަޔާދިމާލަށް ދަމާލިއެވެ. މިކަމަށް ނުވިސްނާހުރި ލާނާއައިސް ޖެހުނީ އަލަންގެ އެތަނަވަސް މޭމަތީގައެވެ.
” ޔޫ.. އިއްޔެގަ ކުރެވުންވަރު ކުޑައީތަ މިއަދު މިތަނަށް ތިއައީ. އަދިވެސް މަ ލަދުގަންނަވާލެވުނުވަރު ކުޑަވީ ދޯ. މަގުމަތީގަ ކުރެވުނުވަރު އަދިވެސް ހިތްހަމަ ނުޖެހެނީތަ. އެވަރުން ނުފުދިގެން ބައްޕަގެ ބޮލަށް އެރިގެން ކައިވެނީގެ ވާހަކަވެސް ދައްކައިފިއެންނު. ލަދެއްވެސް ނުގަނޭތަ. މުއްސަނދި ބަޔަކު ފެންނައިރަށް ތިމާގެ ޕަޕީ ފޭސް ދައްކައިގެން ލާރިގަނޑެއް އަތުއޮޅުވޭތޯ ބަލާތި. ބުނަން ވާހަކައެއް. ބައްޕަ ހައްދާލެވުނަސް މަށެއް ނުހެއްދޭނެ. ނުބައި މީހަކާ ތިކުޅެވުނީ..” އަލަން ހަޅޭޢްލަވައިގަންނަމުން ލާނާގެ އަތް އަނބުރާލިއެވެ. ލާނާއަށް ތުންފަތުގައި ދަތްއެޅުނީ ވީތަދުންނެވެ. “ބުނަން ވާހަކައެއް. މަށެއް ނޫޅެން އަލަންގެ ލާރިގަނޑާ ހެދިއެއް. އަލަން ހަނދާން ނެތިފަ ހުރިއްޔާ އަހަރެން ހަނދާން ކޮށްދޭނަން. އަހަރެންގެ އާއިލާއަކީ އަބަދުވެސް ފުދިގެން އުޅޭ އާއިލާއެއް. ބައެއްގެ ލާރި ބޭނުންވެގެން ދުވަހަކުވެސް އުޅޭކަށް ނުޖެހޭނެ. އަދި އެއް ވާހަކަ. ސައިކަލު ދުއްވާނީ ދުއްވޭވަރު މީހުން. އެހެންނޫނީ އެންމެން ކުރިމަތީ ލަދުގަންނަވަރު ކުރާނަން..” އަލަންގެ އަތްދަށުން ވީއްލިގަންނަމުން ލާނާވެސް ހަޅޭއްލަވައިގަތެވެ. ތެދެކެވެ. ލާނާވެސް ދެރަވާކަށް ބޭނުމެއްނުވިއެވެ. އޭރު ލާނާއަށް ނުރޮވި ހުރީ ހަމަ ކިރިޔާއެވެ.
އަލަން ވިސްނާލިއެވެ. ތެދެކެވެ. ހަސީނަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ގުނާލެވޭނެ މީހެކެވެ. މާލޭގައި އެތައް ފިހާރަ އަދި ރެސްޓޯރެންޓުވެސް އެބަތިއްބެވެ. ލާނާއަކީ ހަސީނުގެ ދެމަފިރިންގެ ތިބި ހަމައެކަނި ދަރިއޭ މަންމަ ބުނި އަޑު އަލަންއަށްވެސް އިވިފައިވެއެވެ. އެހެންއެކަންއޮތްއިރު އެމީހުން އަލަންމެންގެ ފައިސާއަށް އުޅެންވީ ސަބަބެއްނެތެވެ.
އަލަންގެ ރުޅި އަނެއްކާވެސް ގަދަވީ ލާނާގެ ބަސްތައް ހަނދާންވެފައެވެ. އެވަގުތު އަލަން ކުއްލިއަކަށް ލާނާގެ އަތުގައި ހިފާފައި ގަދަކަމުން ކެބިންއިން ބޭރަށް ނެރުނެވެ. އޭރު އެންމެންގެ ލޯތަށް އަމާޒުވެފައި ތިބީ ލާނާއާއި އަލަން އަށެވެ. ” އެޓެންޝަން އެވްރީވަން. މީޓް މިސް ލާނާ، މައި ވޮނަބީ ވައިފް. މިސް ލާނާ އުޅެނީ މަގޭ ބައްޕަ ބޮލަށްއެރިގެން މަށާ ކައިވެނި ކުރެވޭތޯ. އައި މީން ރިއަލީ. ޔޫސުފް އަލަން ޝާކިރުއެއް އެހާ ފަސޭހައިން އަތުއޮޅުވައެއް ނުލެވޭނެއެއްނު. ސޯ، އެހެން ކަމަކާ އުޅޭ. މަ ނޫޅެން މަންޖެއާ އިންނާކަށް. ހެހޭ..” އަލަން މަލާމާތުގެ ރާގެއްގައި އެހެންބުނިއިރު ހުރިހާއެންމެންގެ ލޯތައް އަމާޒުވެފައިހުރީ ލާނާއަށެވެ. އެންމެން އެކަކު އަނެކަކަށް ކުދިކިޔަމުން ގެންދިޔައެވެ. ބައެއް އަންހެން ކުދިންގެ ރުޅިވެރި ނަޒަރު ލާނާއަށް އަމާޒުވެފައި ހުރިއިރު ފިރިހެންކުދިންގެ ބަސްތައް އަމާޒުކުރެވެމުންދިޔައީ އަލަންއަށެވެ. ލާނާ ހުރީ ލަދުން އިސްއުފުލާ ބަލައިލަންވެސް ނުކެރިފައެވެ. އޭރުވެސް ބައެއް އަންހެން ކުދިންގެ ހުނުމުގެ އަޑު އިވެމުންދިޔައެވެ.
ގަތްލަދަށްވުރެ ލާނާ އައީ ރުޅިއެވެ. އޮފީހަށްއައި ފުރަތަމަ ދުވަހުވެސް މިޖެހުނީ އެންމެންގެ ތެރޭ ލަދުގަންނާށެވެ. އެވެސް އޭނާގެ އެއްވެސް ކުށަކާނުލާއެވެ. ލޮލުން ވެއްޓުން ކަރުނަތިކި ފޮހެލަމުން ލާނާ ވަށައިގެންވާ މާހައުލަށް ބަލައިލިއެވެ. ބައެއްމީހުންގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވެފައި ހުރިއިރު އަނެއްބައި މީހުންގެ ހަމްދަރުދީން ފުރިގެންވާ މޫނުތައް ފެނުމުން ލާނާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އެއްވެސް މީހެއްގެ ހަމަދަރުދީއެއް އޭނާ ބޭނުމެއްނޫނެވެ. އޭނާއަކީ އެހާ ފިނޑިކުއްޖެއްނޫނެވެ. އަލަން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ. އަލަން ބޭނުންހާގޮތެއް އޭނާއަށް ހެދޭނެކަމަށް ހެއްޔެވެ. އެހެންނެއް ނުވާނެއެވެ. އަލަން އެއްކުޅި ކުޅުނިއްޔާ އޭނާ އޭގެ ބަދަލުގައި ތިންކުޅި ކުޅޭނެއެވެ.
އަލަން ސިހިގެން ދިޔައީ ލާނާގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ ކޯތާފަތަށް އެރުމުންނެވެ. ވީތަދުން އަލަން ކޮލުގައި އަތްއެޅިއިރު އެންމެންތިބީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. ” އިންނާނެ މީހެއް ނުލިބުނަސް ދުވަހަކުވެސް މި ލާނާ މުހައްމަދު ހަސީނެއް ތި ޔޫސުފް އަލަން ޝާކިރުއަކާ ނީންނާނަން. ދުވަހަކުވެސް ނީންނާނަން. އިވިއްޖެތަ..” ލާނާ ހަޅޭއްލަވައިގަތުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
އަލަން އަދިވެސް ކޮލުގައި އަތްއެޅިގޮތަށް އެތަނުގައި ހުއްޓެވެ. އަދިވެސް ހުރީ ވެދިޔަކަންތައް ގަބޫލުނުކުރެވިފައެވެ. ހުޒާމްވެސް ދުރުގައި އަނގަހުޅުވުން ގޮތަށް ލައްޕަން ނޭނގިފައިހުރީއެވެ. ދުވަހަކުވެސް އަލަންގެ ކުރިމަތީ މިހާ “ގަޓް” ހުންނަ އަންހެންކުއްޖެއް ހުޒާމް ނުދެކެއެވެ. ހުޒާމް ގޮސް އަލަން ކައިރީ ހުއްޓިލުމަށްފަހު މަޑުމަޑުން ކޮނަޑުގައި ކޮއްޓާލިއެވެ. އަލަން ސިހިފައި ހުޒާމް މޫނަށް ބަލައިލުމަށްފަހު ވަށައިގެންތިބި އެންމެންނަށް ކަޅިއަޅާލިއެވެ. އޭރު ފިރިހެންކުދިންގެ އަލަންއަށް ބަލާފައި ހޭންތިއްބެވެ. “މިތަނުގަ މާ މަޖާ ކަމެއް ވަނީތަ. ބެކް ޓު ވޯރކް، ނައު. ” އަލަންގެ ލޭ ކެކިގަތީ ވަކިވަރެއް ބަލާފައެއްނޫނެވެ. އެމީހަކާ އެމީހެއް ބެލުމެއްނެތި އެންމެން ކުރަންތިބި މަސައްކަތައް އެނބުރި ރުޖޫއަވިއެވެ. ހުޒާމްވެސް އަލަން ގޮވައިގެން އަލަންގެ ކެބިންއަށް ދިޔައެވެ.
ކެބިންއަށް ވަތް އަލަން މޭޒުގައި ބާރަށް އަތުންޖެހިއެވެ. ހީވީ މޭޒުވެސް ފުނޑާލަފާނެހެންނެވެ. އެވަރުންވެސް ހިތްހަމަ ޖެހޭގޮތްނުވުމުން މޭޒުމަތީގައިހުރި ފައިލްތައްވެސް އަތުގެ ކޮޅަށް ހޫރާލިއެވެ. ހުޒާމް ވަގުތުން އަލަން މައިތިރި ކުރެވޭތޯ ބެލިއެވެ. ” އޭ އަލަންޓޭ ހަމަޖެހިބަލަ. ތިހެން އުޅެގެން ކަމެއްގެ ހައްލެއްވެސް ނުފެންނާނޭ. ތި ކައިވެނި ހުއްޓުވޭނީވެސް ތި މައިތިރިވެފަ ގޮތެއް ވިސްނައިގެންނޭ. ކިތަންމެ ރުޅިއަޔަސް ދެންމެ އެވީ ކަންތައް ނުވާކަމަކަށްވެސް ނުވާނެއެންނު. ހަމަޖެހިބަލަ އަލަން.” ހުޒާމް ހީކުރީ އަލަން ރުޅިގަދަވެގެން އުޅެނީ އެކައިވެނިކުރަން ޖެހޭތީކަމަށެވެ. އަލަން ފުންނޭވާއެއް ލުމަށްފަހު ގޮނޑީގައި އިށީނެވެ. ” ނޫން ޒިމީ. ކައިވެނި ދެން ހުއްޓާކަށް ނޫޅެން. މިކައިވެނި ކުރެވޭނެ.” ވިހަގޮތަކަށް ހުޒާމްއަށް ނަޒަރެއްދެމުން އަލަން ބުންޏެވެ. “ވަޓް.. ކީކޭ ތިކިޔަނީ.. މަ ހީކުރީ ކައެ ލާނާ އާ ކައިވެނިކުރާކަށް ބޭނުމެއް ނުވާކަމަށް.” ހުޒާމް އިނީ ވިސްނަންވީ ކޮންއެއްޗެއްކަން ނޭނގިފައެވެ. އަލަން ވިހަގޮތަކަށް ހީލިއެވެ…
**************
އޮފީހުން ނުކުތްއިރު ލާނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އޮފީހަށްއައި ފުރަތަމަ ދުވަހުވެސް މިޖެހުނީ އެންމެންގެ ކުރިމަތީ ލަދުގަންނާށެވެ. އޭނާ އޮފީހަށްއައީ ކިހާ ފޮނިއުންމީދެއް ކޮށްގެންހެއްޔެވެ. ބައްޕަގެ އޮފީހުގައި ރާނީއެއްހެން މަސައްކަތްކުރެވެން އޮތްއިރުވެސް އެހެން އޮފީހަކާ ގުޅުނީ އަމިއްލަފައިމައްޗަށް ތެދުވުމުގެ ބޭނުމުގައެވެ. ނަމަވެސް ފުރަތަމަދުވަހުވެސް މިޖެހުނީ އެންމެންގެ މަލާމާތާއި ނަފްރަތާކުރިމަތިލާށެވެ. ބައްޕަމެން ލާނާއާއި އަލަންގެ ކައިވެނި ހަމަޖެއްސުންއެއީ އޭނާގެ ކުށެއްހެއްޔެވެ. ހުދު ލާނާވެސް އެކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. ކަރުނަފޮހެލުމަށްފަހު ލާނާ ފޯނުނަގައި ނަމްބަރަކަށް ގުޅާލިއެވެ.
“އިދީ..” ސައިކަލުގައި އައިސް މަޑުކޮށްލި އިދާންގެ ގައިގާ ބައްދާލަމުން ލާނާ ބުނެލިއެވެ. އެވަގުތު އޮފީހުން ނުކުންނަންއައި އަލަންއަށް މިމަންޒަރު ފެނުނެވެ. އަލަން ވަގުތުން ގޭޓާ ނިވާވެލީ އިތުރަށް ވާގޮތްބެލުމުގެ ޝައުގުހިތުގައި އޮތްވަރުންނެވެ. “އޭ އަލަންޓޭ. ހިނގަދާން.” ތިރިއަށްފޭބި ހުޒާމް ބުނެލިއެވެ. އެވަގުތު އަލަން އަތުގެ އިޝާރާތުން ބޭރުގައި މަޑުކޮށްގެން ތިބި ލާނާއާއި އިދާން ދައްކައިލިއެވެ. “އިދާން..” ހުޒާމް މަޑުމަޑުން ކިޔައިލިއެވެ. އަލަން ލޯ ހަނިކޮށްލަމުން ހުޒާމްއަށް ބަލައިލީ އިތުރު ތަފްސީލުބޭނުމޭ ބުނާފަދަގޮތަކަށެވެ.
“ހެއި ލާލާ. ކީއްވެ މާއަވަހަށް ތިގުޅީ. މާބޮޑަށް ބަނޑުހައިވީ ދޯ ކޭމާޓު.” އިދާން ގަސްތުގައި ލާނާއާ ދިމާކޮށްލިއެވެ. ލާލާއަކީ އެންމެންވެސް ލާނާއަށް ލޯބިންކިޔާ “ނިކްނޭމް” އެކެވެ. ލާނާ ފަނޑުގޮތަކަށް ހީލިއެވެ. “ދެން އިދީ.. ހިނގާ ސީހައުސްއަށް. ވަރަށް ބަނޑުހައި.” ސައިކަލު ފަހަތަށް އަރަމުން ލާނާބުނެލިއެވެ. އިދާންވެސް އިތުރަށް އެއްޗެއްނުބުނެ ސައިކަލުދުއްވައިލީ ލާނާގެ މޫނުގެ ކުލަވަރުފެނިފައެވެ. ކޮންމެވެސްކަމެއް ގޯސްވެއްޖޭ އޭނާގެ ހިތްބުންޏެވެ. ލާނާ ކަމަކާ ދެރަވެއްޖެނަމަ އިދާންއަށް ނޭނގިއެއް ނުހުންނާނެއެވެ.
ލާނާއާއި އިދާން ދިމާވީ ރަޝިޔާގައި ކިޔަވަންހުރިއިރުއެވެ. އޭރު ލާނާ ކިޔަވަމުންގެންދިޔައީ ބިޒްނަސް މެނޭޖްމަންޓްގެ މާސްޓާސްއެވެ. ނަމަވެސް އިދާން ކިޔެވީ މެޑިސިންއެވެ. ކޮލެޖުން ދެމީހުން ދިމާވެ، އެކުވެރިކަން ލޯތްބަށް ބަދަލުވީ ހީވެސްނުކުރާހައި އަވަހަށެވެ. އޭރުންފެށިގެން ރައްޓެހިވެގެން އުޅޭތާ ދެއަހަރު ވީއިރު އަދިވެސް މިގުޅުންއޮތީ އާއިލާއަށް ސިއްރުވެފައެވެ.
ގޭޓުފުރަގަހުގައި މަޑުކޮށްގެންހުރި އަލަން ގަރާޖުން ކާރުނެރުމަށް އަވަސްވެގަތެވެ. ހުޒާމްހުރީ އަލަން އުޅޭގޮތުން ބުނާނެއެއްޗެއް ނޭނގިފައެވެ. ” ޒިމީ އަވަސް. އަވަހަށް ކާރަށް އަރާބަލަ.” ހުޒާމް ކާރަށް ނާރައި ބަލަންހުރުމުން އަލަން އިއްވައިލިއެވެ. “އަލަންޓޭ. ނުބުނައްޗޭ ސީހައުސްއަށް ދާން.” ކާރަށްއަރައި ހަމަޖެހިލުމަށްފަހު ހުޒާމް ބުނެލިއެވެ. ” އިނގެއެންނު ކަންތައް ކުރަންވީގޮތް. މަބޭނުން ތި އިދާންއަކީ އެ ޕަޕީގެ ކާކުތޯ ބަލަން.” އަލަން ކަންތައްކުރަންވީގޮތް ބުނެދިނެވެ.
ސީހައުސްގެ މައްޗަށް އަރައި ހުސްމޭޒެއްގެ ދޮށުގައި ލާނާއާއި އިދާން އިށީނދެލިއެވެ. “ލާލާ. ދެންބުނެބަލަ. ކިހިނެއްވީ. މީހަކު ލާލާއަށް އެއްޗެއް ބުނީތަ. އޮފީހުގަ ކަމެއްވީތަ.” އިދާން ހުރިހާ ސުވާލެއް އެއްފަށްޗަކަށް އަމުނާލިއެވެ. އައިމަގުމަތީގައިވެސް ލާނާ މާ މަޑުން އިނުމުން އިދާން މާބޮޑަށް ހާސްވީއެވެ. ލާނާ ކުރުގޮތަކަށް އޮފީހުގައި ހިނގިކަންތައް އިދާންއަށް ކިޔައިދިނެވެ. އިދާން ދަތްކުނޑިވިކާލިއެވެ. ކޮންމެމީހަކަށްވިއަސް ލާނާއަށް އެގޮތަށް އެއްޗެހިކިޔުމުގެ ހައްގެއްނޯންނާނެއެވެ. އަލަންއާއި ލާނާގެ ކައިވެނީގެ ވާހަކަ ލާނާވަނީ އިދާން ކައިރީގައި ބުނެފައެވެ. އިދާންކަމެއް ނުކޮށްހުރީ ލާނާ އަމިއްލައަށް އަލަންއާ ވާހަކަދައްކާނަމޭ ބުނެފައި އޮތީމައެވެ. ލާނާ އަދި އިދާންވެސް ނިންމައިގެންތިބީ އަލަންއާ ވާހަކަ ދައްކައިގެން މިކައިވެނި ހުއްޓުވޭނެކަމަށެވެ. ސަބަބަކީ ޝާކިރު އަދި ހަސީނުވެސް ވަނީ ދެކުދިން ބޭނުންނުވާނަމަ ކައިވެނި ނުކުރިއަސް މައްސަލައެއްނެތް ކަމުގައި ބުނެފައެވެ. އެހެންކަމުން އަލަން ވީ ދެމީހުންގެވެސް އެންމެފަހުގެ އުންމީދަށެވެ. ނަމަވެސް މިއަދު ކަންތައްވީގޮތުން އަލަންއާ ވާހަކަދެއްކުމަކީ ބޭކާރުކަމެއްކަން ލާނާއަށް އިނގުނެވެ.
” ލާލާ ޕްލީޒް. ނުރޮއެބަލަ. ލާލާ އަށް ނުކެރެންޏާ އިދީ ލާލާގެ ބައްޕައާ ވާހަކަ ދައްކާފާނަމޭ.” އިދާންއަށް ފުރަތަމަ ފަހަރަށް ލާނާ ގެއްލިދާނެކަމުގެ ބިރުހީވިއެވެ. “ނޫން އިދީ.. ލާލާ ޑޭޑްއާ ވާހަކަ ދައްކާނީ. އެކަމަކު އިދީ. ދުވަހަކުވެސް ޑޭޑްމެން ބުނެގެން ކަމެއްނުކޮށް ނީންނާނެ. އެމީހުން ލާލާ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީގެން ބަލާބޮޑުކުރީ ވަރަށް ލޯބިން. ލާލާއަކަށް ނުކެރޭނޭ އެމީހުންގެ ނިންމުމާ ހިލާފުވާކަށް.” ލާނާގެ އަޑުކުރެހުނެވެ. އޭނާވެސް އިދާން ގެއްލޭކަށް ބޭނުމެއްނޫނެވެ. އެއީ ލާނާގެ ހިތުގެ ވިންދެވެ. އެންމެގާތް އެކުވެރިޔާއެވެ. އިދާން ވަރަށް ވިސްނައިދީގެން ލާނާ ހަސީނުއާ ވާހަކަދައްކަން އެއްބަސްވިއެވެ.
ލާނާ އަދި އިދާނަށްވެސް ނޭނގުނުކަމަކީ އެ ހުރިހާ ވާހަކައެއް އަޑުއަހަން އަލަން އިންކަމެވެ. އަލަންއާއި ހުޒާމް ސީހައުސްއަށް އައީ އިދާންގެ ސައިކަލު ފަހަތުން ފާރަލަމުންނެވެ. އެތެރެއަށް ވަނުމަށްފަހު އިދާންމެން ތިބި މޭޒު ހޯދުމަށްފަހު ނުފެނި ފަހަތުގައިހުރި މޭޒުގައި އިށީނީއެވެ. ލާނާއަށް އަލަން ނުފެނުނީ ލާނާގެ ފަހަތުގައިހުރި މޭޒުގެކައިރީ އަލަންމެން ތިބީމައެވެ. މިއޮށްހުރިހާއިރު އެމީހުންދެއްކި ވާހަކަ އަލަންއާއި ހުޒާމަށްވެސް އިވުނެވެ. “ކޮބާ ޒިމީ ރެޑީތަ..” ސައިބޯންތިބި ލާނާއާއި އިދާންއަށް އިޝާރާތްކުރަމުން އަލަން ސުވާލުކޮށްލިއެވެ. ” މަ ރެޑީއޭ މޭން..” ވެއިޓަރ ގެނެސްދިން ބިލް ނަގަމުން ހުޒާމްބުނެލިއެވެ. އަލަން އާއި ހުޒާމް ބިލްދައްކަން ތެދުވެ ކައުންޓަރަށް ދާން ހިނގައިގަތެވެ. އެވަގުތުވީ އިދާން އެދިމާއަށް ބަލައިލި ވަގުތުކަމުން އިދާންއަށް ކޮޅަށްހުރި ހުޒާމްފެނުނެވެ.
“ހުޒާމް.. ހަމަ ޒިމީތަ ތީ.” ކޮޅަށްހުރި ހުޒާމް ފެނި އިދާން ގޮވާލިއެވެ. މިވަގުތަށް ބަލަބަލައިހުރި ހުޒާމް އައިސް އިދާންމެންތިބި މޭޒުކައިރީ މަޑުކޮށްލިއެވެ. އަލަންވެސް ހުޒާމް ފަހަތުން އައިސް މަޑުކޮށްލިއެވެ. ކުރިމައްޗަށްއައިސް ހުއްޓުން ހުޒާމްއާއި އަލަންފެނި ލާނާގެ މޫނުގެ ކުލައޮއްސުނެވެ. “ހޭއި އިދީ. ކޮންއިރަކު މިކޮޅަށް އައީ. ނުވެސް ގުޅަމެންނު.” ހުޒާމް ހައިރާންވާކަމަށް ހެދެމުން ސުވާލުކޮށްލިއެވެ. “މިހާރު ދުވަސްކޮޅެއްވެއްޖެ. ނިމުނީމަ މިކޮޅަށް ބަދަލުވީ. މިހާރު އޭޑީކޭގަ މިއުޅެނީ ޖޮބްގަ.” އިދާން ހިނިތުންވަމުން ޖަބާބުދިނެވެ. ” މީ ކޮންކުއްޖެއް އިދީގެ. މިއަދު ހެނދުނު ފެނުންހެން ހީވި އޮފީހުން.” ހުޒާމް ބޭނުންވީ ލާނާއަކީ އިދާންގެ ކާކުތޯ ބަލާށެވެ. އޭރު އަލަންހުރީ ލާނާގެ މޫނަށް އަރާފައިބާ ކުލަވަރުތައް ބަލާށެވެ. ” އަދި ލާލާ އާ މީޓްނުވޭ ދޯ. މީ ލާނާ، މައި ގާރލް. އެންމެން ލޯބިންކިޔާނީ ލާލާ. ލާލާ، މީ ހުޒާމް އިނގޭ. އެންމެން ނިކްނޭމް އަކަށް ކިޔަނީ ޒިމީ. މީ އިދީގެ ޗައިލްޑްހުޑް ފްރެންޑެއް. ސްކޫލްވެސް ނިންމީއެކީ. ޒިމީއަކީ އިދީގެ ވަރަށް ދުވަސްވީއެކުވެރިއެއް.” އިދާން އެދެމީހުންނަށް ދެމީހުން ތައާރަފެއްދިނެވެ. ތެދެކެވެ. ހުޒާމާއި އިދާންއަކީ ވަރަށްކުރިން ފެށިގެން ރަހުމަތްތެރިންނެވެ. އިދާން ރަޝިޔާއަށް ކިޔަވަން ދިޔަފަހުން ގުޅުން ކުޑަކޮށް ހީނަރުވެފައި ވިއަސް ވާހަކަ ދައްކައެވެ. ލާނާ ފަނޑުގޮތަކަށް ހީލުމަށްފަހު ހުޒާމްއާ ސަލާމްކޮށްލިއެވެ.
އަލަންހުރީ ކަންފަތަށް އިވުން ބަސްތައް ގަބޫލުނުކުރެވިފައެވެ. ލާނާއާއި އިދާން ރައްޓެހިވެގެން އުޅޭނަމަ އޭނާ އަލަންއާ ކައިވެނިކުރަން ބޭނުންވާނެހެއްޔެވެ. އެހެންވެއްޖެނަމަ ލާނާ މިއަދު އެ ދެއްކީތެދުވާހަކައެވެ. ލާނާވެސް މިކައިވެނި ކުރާކަށްބޭނުމެއްނުވެއެވެ. އަލަން ވިސްނާލިއެވެ. ނޭނގިނަމަވެސް އޭނާއަށް ގޯހެއް ހެދިއްޖެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޮފީސްތެރޭ ކަންތައްވީގޮތް ހަނދާންވުމާއެކު އަލަންގެ ލޭކެކިގަތެވެ. ލާނާއަށްޓަކައި އޭނާގެ ހިތުގައި އޮތްގޮތް ބަދަލެއް ނުވާނެއެވެ. ލާނާ ޖެހެނީ އޭނާކުރި ކަންތަކުގެ އަގުދައްކާށެވެ. އަލަން އިތުރަށް އެތާ މަޑުނުކޮށް ދިޔައީ އިދާންއަށް އަލަންގެ ހަގީގަތް އަދި އަންގަންބޭނުންނުވާތީއެވެ. ބިލް ދެއްކުމަށްފަހު އަލަން ސީހައުސްއިން ނުކުމެ ކާރަށް އަރާ ހުޒާމްއަށް މެސެޖުކޮށްލިއެވެ.
ސީހައުސްއިން ނިކުތްއިރު ލާނާއާއި ހުޒާމްގެ އެކުވެރިކަންވެސް ވަނީ ކޮންމެވެސް ވަރަކަށް ބަދަހިވެފައެވެ. އިދާންއަށްވެސް ވަނީ ލާނާއާއި ހުޒާމް މަސައްކަތްކުރަނީ އެއް އޮފީހެއްގައިކަން އިނގިފައެވެ. އިދާން ހުޒާމްކައިރިން އެދުނީ އޮފީހުގައި އުޅޭއިރު ލާނާއަށް ބަލައިދިނުމަށެވެ. ހުޒާމް ފަނޑުގޮތަކަށް ބޯޖަހާލިއެވެ. އިތުރަށް ވަކި ބުނާނީވެސް ކީކޭހެއްޔެވެ. އެއްކޮޅުން އަބަދުވެސް އެކީގައި އުޅޭ އެންމެގާތް އެކުވެރިޔާއެވެ. އަނެއްކޮޅުން ކުޑައިރުންފެށިގެން މީހާތަނަށް އައިރުވެސް ބަދަލެއްނުވެހުރި އެކުވެރިޔާއެވެ. ހުޒާމްހުރީ ޖެހެންވީ ކޮންކޮޅަކަށްކަން ނޭނގިފައެވެ. ފަހުން ދިމާވާނެކަމަށްބުން ހުޒާމް ކާރާދިމާއަށް މިސްރާބުޖެހީ އަލަން މެސެޖުކުރާވަރުންނެވެ.
ހުޒާމް އައިސް ކާރަށް އެރިއެވެ. އޭރު ލާނާވެސް އިދާންގެ ސައިކަލު ފަހަތަށްއަރަނީއެވެ. “އޭ އިދީއަކީ ލާނާގެ ބޯއިފްރެންޑް އޯ. ކައެ ތިކުރަންއުޅޭ ކަންތައް ދޫކޮށްލަންވީއެއްނު މޭން.” ހުޒާމް ބޭނުންވީ އަލަންއަށް ވިސްނައިދޭށެވެ. ” ކޮން އިދީއެއް. މަށަށް ހެޔޮ. ފުރަތަމަވެސް އެހެންކަންތައް ނުކުރިނަމަ އެހެން ވާކަށް ނުޖެހޭނެއެއްނު.” އަލަން ހިތްހަމަނުޖެހިފައި ބުންޏެވެ. ހުޒާމް އިތުރުއެއްޗެއް ނުބުނެ އިނީ އަލަންގެ ވިސްނުން ބަދަލުނުވާނެކަން އިނގޭތީއެވެ. ” ހަގް ކުރާނެ ވަރަކަށް ހަގްކުރޭ. ދުވަސްކޮޅަކުން އިދާންގެ ސައިކަލުވެސް ނުފެންނާނެ މަންޖެ ލޮލަށް.” އިދާންގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ސައިކަލުމަތީއިން ލާނާފެނި އަލަން ބުނެލިއެވެ.
ނުނިމޭ
9 Comments
Comments are closed.
wow.. varah reethi
Wow nice
Kon irakun next part up kohdheyni
Masha Allah.. varah reethi mi part. when next part..???
Vaahaka v v reethi.. when nest part
Alan haadha varakashey dhw mi rulhi annany kudhi kudhi kanthaka ves
E ah dhw singu rulhi kiyany
Varah reethi mi part ves
Curiously waiting for next
Hehe aan e ah singu rulhi kiyany
Superb.hama speechless
When next???
Thankyou all. V awahah kohdheynan ingey anehbai ves. In sha allah maadhan kohdheynan. Keep reading??
Huri beynun kuran jeheyy thanthanuga thibi beynun kohfai hurikan varah faahangaveyy.. story v v v reethi.. i love it
Thankyou naa.. dhen faharakun improve kureveythoa v try kuraanan?