ކުށަކާނުލާ -ފުރަތަމަބައި-
ގ.ވިނައަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރެ ކުރެވުނުހައި ރީއްޗެއްކޮށް މީރުހެންހީވާ ކާއްއެއްޗެހި ތައްޔާރުކުރުމުގައި ނޯކަރުން އަވަދިނެތި އުޅެއެވެ. ގެއަކީ ތަނަވަސް ބޮޑުގެއެކެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ޝާކިރުއަކީ މުޅިމާލެއަށް ނަންމަޝްހޫރު ވިޔަފާރިވެރިއެކެވެ. އެންމެ ކުރީސަފުން ގުނާލެވޭނެ އެކަކެވެ. ގްރީންލީފް ކޮމްޕެނީ އެންޑް ޕްރައިވެޓް ލިމިޓެޑްގެ ބާނީއެވެ. އޭނާގެ އަންހެނުން އާސިމާއަކީ އެންމެންގެ މެދުގައި މަގްބޫލު ކުޅަދާނަ ފެހުންތެރިއެކެވެ. އެހެންކަމުން އެމީހުންގެ ތަނަވަސްކަން އިންތިހާއެވެ. 10 ބުރީގެ ބޮޑު ޢިމާރާތްވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ. ޢިމާރާތުގެ ފުރަތަމަ 6 ފަންގިފިލާ ހުންނަނީ ކުއްޔަށްދީފައެވެ. ޝާކިރުއާއި އޭނާގެ އަންހެނުން އަދި ހަގުދެދަރިންކަމަށްވާ އާލާއާއި އަލަން އުޅެމުން ގެންދަނީ 7ވަނަ ފަންގިފިލާގައެވެ. އެންމެ ދޮށީދަރި އާލިމް ހުންނަނީ މެލޭޝިޔާގައި ޑަކްޓަރުކަން ކިވަންގޮހެވެ.
“ދަރިފުޅާ އަލަން! މިއަދު އަވަހަށް ގެއަށް އަންނަންވާނެ. މިރޭ 8ޖަހާއިރު ބައްޕަގެ ރައްޓެހި ހަސީނުބޭގެ ދެމަފިރިން މިގެއަށް ކާންއަންނަން ބައްޕަ ދައުވަތުދީފަ ވަނީ. ދަރިފުޅުވެސް ހުންނަން ޖެހޭނެ އެމީހުން އަންނައިރު. ހަސީނުބޭގެ ދަރިފުޅު ލާނާ ވެސް އަންނާނެ.” ކޮޓަރިން ނުކުތް އަލަން ފެނި އާސިމާ އިއްވާލިއެވެ. “ކޮން ލާނާ އެއްތަ؟ ހޫމ. އަންނާނަން.” ފަރުވާކުޑަ ގޮތަކަށް ބުނުމަށްފަހު އަލަން ނުކުމެގެން ދިޔައެވެ.
އާލާއާއި އަލަންގެ ދެމެދުގައި 3 އަހަރުގެ ތަފާތުހުރެއެވެ. އެންމެ ދޮށީ އާލިމްއަށް ވީ 27 އަހަރެވެ. އަލަންއަކީ 24 އަހަރުގެ ރީތި ޒުވާނެކެވެ. އިސްކޮޅުންދިގު،ހަމުގެ ކުލައަލި، ބާމަތިފުޅާ ފިރިހެންވަންތަ ހަށިގަނޑެއްގެވެރިއެކެވެ. އިސްތަށިގަނޑު ކޮނޑާހަމަޔަށް ދިގުކޮށްފައިވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ތުނބުޅިމަތިމަސް ބަހައްޓާފައި ހުރުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އެހެންކަމުން އެއްވެސް އަންހެންކުއްޖެއް ހޯދުމަކީ އޭނާއަށް މާ ބޮޑުކަމެއް ނޫނެވެ.
އަލަން އަވަސް އަވަހަށް ސައިކަލަށް އެރުމަށްފަހު ހުޒާމްއަށް ގުޅިއެވެ. “އޭ ކޮބާ ކޮންތާކު؟ އާދޭ ސީހައުސްއަށް. މަ ނުކުތީ މިހާރުމި. އޯކޭ!.” ހުޒާމްއެއްޗެކޭ ބުނުމުގެ ކުރިން އަލަން ފޯނުބޭއްވުމަށްފަހު ސައިކަލު ދުއްވާލިއެވެ. ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މަގުމަތީގައި އޮތީ މުޅިންހެން ފެންހެދިފައިއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އަލަން ބާރަށް ސައިކަލު ދުއްވަމުންގޮސް ހުޅުމާލޭ ޓާމިނަލްކައިރިން އަޅާލުމާއެކު އަންހެންކުއްޖެއްގެ ހަޅޭއްލަވައިގަތް އަޑަށް ސައިކަލު މަޑުކޮށްލުމަށްފަހު ބަލައިލިއެވެ.
އޭރު އެދިމާއިން އަންހެންކުއްޖަކާއި ހަރުފުރައިގެ އަންހެނެއް ހުއްޓިލައިގެން ހުއްޓެވެ. އެކުއްޖާގެ މުޅި ގަމީސް ހުރީ ހަޑިވެފައެވެ. ކިސަޑުފެން ބުރާފައިހުރުމުން މޫނުމަތީގައިވެސް ވަނީ ޗަކައެވެ. އަލަން ގާތަށް ހިނިއަންނަގޮތްވިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލިއެވެ. އޭރު އެއަންހެން ކުއްޖާ އަލަންގެ ކުރިމައްޗަށް އައިސް ހުއްޓެނީއެވެ. އެ މޫނަށް ބަލައިލުމުން އެކަނިވެސް އޭނާހުރީ ވަރަށް ރުޅިއައިސްކަން އެނގެއެވެ. ” ސައިކަލު ދުއްވަން ނޭނގެންޏާ ނުދުއްވާހުރީމަ ވީއެންނު. މަގުމަތިން މީހުންވެސް ހިނގާކަން ދަނެގެން އުޅެބަލަ. ކަލޭމެންނަށް އެވީ ފޮނިވެފަ ސައިކަލު ދުއްވެނިކޮށް. އެހެން މީހަކަށް ނުބަލާނެ. މިދެން ބޮޑުކަމެއް.” އެއަންހެންކުއްޖާ ބާރަށް ހަޅޭއްލަވައިގަތުމުން އަލަންވެސް ސިހުނެވެ. އޭރު އެންމެންގެ ލޯތައް އަމާޒުވެފައިތިބީ އެދެމީހުންނަށެވެ. ގަތްލަދުން އަލަން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ހަޔާތުގައިވެސް އެހާ މީހުންގެ ކުރިމަތީގައި ލަދުގަންނަން ޖެހުނުމީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އިންތިހާއަށް ރުޅިވެސް ގަދަވިއެވެ. ވަގުތުން “ސޮރީ” އޭ ބުނެ އެތަނުން ދިޔައި މީހުންގެ ލޯތަކަށް ފިލުމުގެ ބޭނުމުގައިއެވެ.
ސީހައުސްގެ މައްޗަށް އެރިއިރު ހުޒާމް އިނީ އަލަން ނައިސްގެން ލަސްވެފައިއެވެ. އެއައިގޮތަށް އައިސް އަލަން ގޮނޑިއަށް ޖެހިގަތެވެ. އޭރު އޭނާގެ ލޮލުން އަލިފާން ކަނިބުރާކަހަލައެވެ. އެހެންކަމުން ހުޒާމްވެސް އިތުރުވާހަކައެއް ނުދައްކާ ކީއްވީތޯ ސުވާލުކުރިއެވެ. އަލަން ވީގޮތް އޮޅުންފިލުވައިދިނެވެ. އަދިވެސް ހަމަ ރުޅިގަދަވަނީއެވެ. “މަ އަދިވެސް ރުޅި ގަދަވަނީ. މުޅި މޫޑު ހަރާބުކޮށްލައިފި އެއަންހެން ކުއްޖާގަނޑު. ނިމުނީ ދެން މަށަށް އޭނަ މަގުމަތިން ފެނުނަސް. މަމީ ކާކުކަން ދައްކާލާނަން. ޔޫސުފް އަލަން ޝާކިރު އަކާ އެއްވެސް މީހަކަށް ނުކުޅެވޭނެ.” އަލަން ދަތްކުނޑި ވިކާލިއެވެ. އަލަންގެ މޫޑު ސަކަރާތްވުމުން ހުޒާމް ބޭނުންވީ ވާހަކަ މުޅިން ބަދަލުކޮށްލާށެވެ. “އޭ ތިއެއް ނޫނޭ. ކޮބާތަ އެއްކަލަ ބިޓު؟ ނުވެސް ފެނޭ މިހާރު.” އަލަން ހިނިގަނޑެއް ޖަހާލިއެވެ. “ނާޔާ ދޯ! އެކަންތައް ނިންމާލައިފިން. މަބުނީ މަގޭ ބައްޕަ ގަބޫލެއްނޫނޭ. މިހާރު އެހެން ކަމެކޭ މަކުރަނީ.މީނި ފޮޓޯ.” އަލަން މިހެން ބުނުމާއިއެކު ހުޒާމް “ޕިސްޕިސް” ލައްވަން ފެއްޓިއެވެ. “ކަލޭ ނުވާނެ އިސްލާހެއް ދުވަހަކު. ދެން މިހާރު ތިކުރަނީވެސް ދެތިން ދުވަހުގެ ކަމެއް ދޯ.” ހުޒާމް ހިނިގަނޑެއް ޖަހާލިއެވެ.
މިހެން ވާހަކައިގައި ތިއްބައި ގަޑި ދިޔައީ ކިހިނެއްކަމެއްވެސް ނޭނގުނެވެ. އަލަންއަށް ރޭކައިލީ ހުޒާމް 11 ޖެހީ އޭ ބުނުމުންނެވެ. އެވަގުތު އަލަންގެ ހަނދާނަށް އައީ މަންމަ ރޭގަނޑު ކާން އަންނަންބުނި ހަނދާނެވެ. އިތުރަށް ޖެހިލުންވާގޮތްވީ ބައްޕައާއި ކުރިމަތިލާން ޖެހޭނެކަން ހަނދާން ވުމުންނެވެ. ފޯނު ބެލިއިރު ބައްޕަގެ 6 މިސްކޯލާއި މަންމަގެ 5 މިސްކޯލު އަދި އާލާގެ 3 މިސްކޯލުއިނެވެ. ވަގުތުން ބިލް ދެއްކުމަށްފަހު ދުއްވުނު އެންމެ ބާރުމިނުގައި ގެއަށްދިޔައެވެ. ލިފްޓުގައި ހުރިއިރުވެސް އަލަންގެ ހިތްވަނީ ނުތަނަވަސް ވެފައިއެވެ. 7ވަނަ ފަންގިފިލާއަށް ގޮސް ލިފްޓު ހުއްޓުމުން އެންމެ ފުރަތަމަވެސް އަލަންގެ ލޮލުގައި އަޅައިގަތީ ދޮރުމަތީގައި ހިނގާލަ ހިނގާލަ ހުރި އާލާއެވެ. އަލަން ފެނުމާއިއެކު އާލާ އޭނާ ކައިރިއަށް އައެވެ. “ދޮންބެ ކޮންތާކު އުޅެފަ ތިއައީ؟ ބައްޕަ ހުރީ ވަރަށް ރުޅިއައިސްފަ. މަންމަވެސްއެބަހުރި ދޮންބެއައިމަ ނޫނީ ނިދަން ނުވަންނަން. ނައު ގޯ.” އާލާވެސް ހުރީ ހިތްހަމަ ނުޖެހިފައިކަން ވާހަކަދެއްކި ގޮތުންވެސް ދޭހަވިއެވެ.
އަލަން ގެއަށް ވަނުމާއިއެކު ހީވީ ގޭތެރޭގައި ބޮމެއްގޮވި ހެންނެވެ. ޝާކިރުގެ ރުޅި އިންތިހާއެވެ. “އަލަން އާދޭތޯ މިރޭ އެމީހުން ކިހާ އިރެއްވަންދެން ތިބިކަން އެނގޭތަ. ހަސީނު ކުރިމަތީގައި މިހާ ލަދުގަތް ދުވަހެއް އަދި ނާދެ. އެމީހުން ކީކޭ ހިތައް އަރާނި. އަލަންދެން ތިއުޅުން އިސްލާހު ނުކުރަންޏާ ހަދާނެގޮތް އެނގޭނީ މަށަށް.” ޝާކިރު ކިޔާނެ އެއްޗެއް ކިއުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އާސިމާވެސް އިތުރު އެއްޗެއް ނުބުނެ ޝާކިރު ފަހަތުން ދިޔައީއެވެ. ސިޓިންގްރޫމްގައި ހުރީ އިތުރަށް އާލާ އެކަންޏެވެ. ހިމޭންކަން ފޫދުއްވައިލީ އާލާއެވެ. “ދޮންބޭ! ބައި ދަ ވޭ، މިރޭ އެއައީ ދޮންބެގެ ވާން އުޅޭ ވައިފް އޯ. ލާނާ.. ޝީ އިޒް ވެރީ ޕްރިޓީ. މަ އެންމެ އަޅައިގަތީ އޭނާގެ އިސްތަށިގަނޑާ. ބުޅި ބުޅި ދިގު އިސްތަށިގަނޑެއް. ސޯ ބިއުޓިފުލް. އަދި ލާނާ ވަރަށް ކޫލް. ޔޫއަރ ވެރީ ލަކީ. އޭ ދެން ދަނީ ނިދަން. ގުޑް ނައިޓް.” އަލާ ވާހަކަ ދައްކައި ނިމުންއިރު އަލަން އިނީ އަނގައިން ބަސް ހުއްޓިފައިއެވެ. އޭނާ ކައިރީ އެހުމަކާއި ނުލައި މަންމަމެން އެހާ ބޮޑު ނިންމުމެއް ނިންމިއިރު އެންމެ ފަހަރަކުވެސް އޭނާ ބޭނުންވަނީ ކޮންގޮތެއްތޯ އަހާލިނަމައެއް ނޫންހެއްޔެވެ؟ އެ ލާނާ އެއީ ކާކު ކަމެއްވެސް އިނގެނީއެއް ނޫނެވެ. އަމުދުން އަލަން އަދި ކައިވެނި ކުރާކަށް ބޭނުއެއްވެސް ނޫނެވެ. މާ އަވަހެވެ.
އައިރުޅީގައި ކޮޓަރިއަށް ވަދެ ‘ބަން’ ކިޔާފައި ދޮރު ޖެހީ މަންމަ މެންނަށް އަންގަން ވެގެން ކަންނޭނގެއެވެ. އަލަން ކޮޓަރިއަށް ވަނުމާއިއެކު ހުރިހައި އެއްޗެއް އެތަން މިތަނަށް އުކާލިއެވެ. ކުއްލިއަކަށް ކަންތައް މިވީ ގޮތުން އޭނާ ހުރީ ބޯ ހާސްވެފައެވެ.
އަނެއްދުވަހު އަލަންއަށް ހޭލެވުނީ މަންމަ އައިސް ދޮރުގައި ޖަހަން ފެއްޓުމުންނެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވައިލުމަށްފަހު ފޯނުނަގައި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. 7.45 ވީއެވެ. މިއަދު ހަމަ ރަނގަޅަށްވެސް ބައްޕަގެ ‘ލެކްޗަރު’ އަޑުއަހަން ޖެހޭނެއެވެ. އަވަސް އަވަހަށް ފެންވަރައިގެން ތައްޔާރުވެލައިގެން ކޮޓަރިން ނުކުތްއިރު މަންމަހުރީ ސައިވެސް ހަދައިދީފައެވެ. ނަމަވެސް ގަޑިޖެހިފައި ހުރުމުން ސައިނުބޮއެ އައީ ހުޒާމްވެސް ގުޅާވަރުންނެވެ. އަލަން އޮފީހަށް އައިސް އޭނާގެ ކެބިންއަށް ވަދެ ހަމަޖެހިލިއެވެ. އިރުކޮޅެއްނުވެ ދޮރު ހުޅުވާލައިފައި ހުޒާމް ވަދެގެން އައެވެ. ހުޒާމް ވަޒީފާ އަދާކުރަމުން ދަނީ އަލަންގެ ބައްޕަގެ އޮފީހުގައެވެ. އެއީ އަލަން އޭނާއަށް ހޯދައިދިން ވަޒީފާއެކެވެ. “މިއަދުވެސް ގަޑި ޖެހިގެން. ސާބަސް އިނގޭ. އޭ ތިއެއް ނޫނޭ. ވަރަށް ސަޅި ބިޓެއް އެބައުޅޭ މިއަދު އައިސްގެން. މަވެސް އެހެން ކުއްޖެއް ކައިރީ އަހާލީމަ އިނގުނީ އަލަށް ޖޮއިން ކުރި ކުއްޖެއްކަން. އަލަންޓޭއާ ވަރަށް ގުޅޭނެ.” ގޮނޑީގައި އިށީންނަމުން ހުޒާމް ހީހީފައި ބުނެލިއެވެ. ހުޒާމް އެވާހަކަ ބުނުމުން އަލަންގެ މޫޑު އެއްކޮންހެން ކަހަލަ ގޮތަކަށް ރަނގަޅުވެލިއެވެ. “އޭ ކޮބައިތަ ތިމަންޖެއެއް؟ މަގޭ ކެބިންއަށް ގެންނަންވީ ދޯ އަވަހަށް” އަލަން ޝައުގުވެރިކަމާއެކީ ބުނެލިއެވެ. މިގޮތަށް އޮފީހަށް އަންނަ ކޮންމެ އަންހެންކުއްޖަކަށްވެސް އަލަން ކަންތައްކުރަނީ މިހެންނެވެ. މިއީ އޭނާއަށް އާ ކަމެއް ނޫނެވެ.
“އާނ! މިހާރު ހުރިހާ ފިރިހެންވެރިން އެބަތިބި އެމަންޖެއަށް ކަޅި އަޅަން. މަށަށްވެސް އަދި ނަމެއް ނުހޯދެ އިނގޭ.” ހުޒާމް ހިނިގަނޑެއް ޖަހައިލިއެވެ. ހުޒާމްގެ ވާހަކައާއި އަލަންވެސް އެއްބައިވެލިއެވެ. މިހެން ވާހަކަ ދައްކަން ތިއްބައި ދެމީހުން ހޭވެރިކަންވީ ޝާކިރުގެ ފޯނުކޯލެއް އަލަންއަށް އައުމުންނެވެ. އަލަން ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.” އަލަން އާދެބަލަ ބައްޕަގެ ކެބިންއަށް. ކުޑަ ވާހަކައެއް ދައްކާލަން ވެފަ އޮތީމަ.” ޝާކިރުގެ ފޯނު ބޭއްވުމަށްފަހު އަލަން އެބަ އަންނަމޭ ކިޔާފައި ޝާކިރުގެ ކެބިންއަށްދާން ހިނގައިގަތެވެ. ދޮރުހުޅުވައިލިއިރު ޝާކިރު ހުރީ އަލަންގެ އިންތިޒާރުގައިކަން ބަލައިލުމުންވެސް އެނގެއެވެ. “ކިހިނެއްވީ ބައްޕާ؟” އަލަން އިށީންނަމުން މަޑުމަޑުން ބުނެލިއެވެ. ހަގީގަތުގައި އޭނާ ހުރީ ޖެހިލުންވެފައެވެ.
“ދަރިފުޅާ! މިހާރު އަލަންއަށްވެސް އެނގިފަ ކަންނޭގެ އޮންނާނި ލާނާގެ ވާހަކަ. މިއަދު އާ ކުއްޖަކަށް ޖޮއިން ކުރީ ލާނާ. އަލަން ގިނައިން ލާނާ އާ ވާހަކަ ދައްކާތި. އޭނަ އަދި ކުޑަކޮށް އާވާނެ. ބައްޕައަށް އެނގޭ އަލަން ރުޅިއައިސްކަން ތިހުރީ ނުބުނެ ކައިވެނި ހަމަޖެއްސީމަ. މިއީ މާކުރިންވެސް ހަމަ ޖެހިފައޮތް ކައިވެންޏެއް. ބައްޕަ ބޭނުންވަނީ ދަރިފުޅު ތި އުޅޭގޮތް ދޫކޮށްފަ ހަރުދަނާ މީހަކަށްވާން. ލާނާ އަކީ ވަރަށް ރަނގަޅަށް ކިޔަވައިގެން ހުރި ކުއްޖެއް. މިހާރު އަލަންއަށް ވެސް 24 އަހަރު ވީ. ބައްޕައަށް ޔަގީން ލާނާއާ އެކީ ދަރިފުޅު ވަރަށް އުފަލުގަ އުޅޭނެކަން. މިހާރު ލާނާ އަންނާނެ. ބައްޕަ ބުނިން ލާނާ ކައިރީގައިވެސް ކެބިންއަށް އަންނަން. ތިދެކުދިން ތަޢާރަފް ވެލަންވެގެން.” ޝާކިރުގެ ވާހަކަ ނިމުނުތަނައިހެން ދޮރުހުޅުވާލައިފައި އަންހެން ކުއްޖެއް ވަދެގެން އައެވެ.
ދޮރުހުޅުވާލުމަށްފަހު ލާނާ އެތެރެއަށް ވަދެގެން އައެވެ. ހުދު އޮފީސް ބްލައުސް އަކާއިއެކު ފަޔަށް ހިފާފައިހުރި އަޅި ކުލައިގެ މިނި ސްކާޓްލާފައި ހުންނައިރު އޭނާ ވަރަށް ޕްރޮފެޝަނަލް ވައްތަރު ޖަހައެވެ. އިސްތަށިގަނޑު މައްޗަށް ނަގައި މެދަށް ހުޅިއެއް ޖަހާފައި ހުރިއިރު ލާނާގެ ރީތިކަން އިތުރުކޮށްދެއެވެ. ކޮށްފައިވާ ލުއި މޭކަޕުން ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ލާނާ މަޑު ހިނގުމެއްގައި އައިސް މޭޒުކައިރީ ހުއްޓިލުމަށްފަހު ޝާކިރުއަށް ހިނިތުންވެލިއެވެ. ނަމަވެސް އަލަން ހީވަނީ ނުބަލަންވެގެން ހުވާކޮށްގެން އިންހެންނެވެ. ފަހަތަށް ނުބަލާ ފޯނާކުޅެން ފެއްޓީ ލާނާގެ މޫނު ބަލަން ބޭނުންނުވާތީއެވެ. ޝާކިރުއަށް މިކަން ފާހަގަވިއެވެ. ” އަލަން. ތިދެކުދިން އެކަކު އަނެކަކަށް ތަޢާރަފް ވެލަންވީއެންނު. ބައްޕަ މިދަނީ ކޮންފަރެންސް އަކަށް ދާންވެފަ އޮތީމަ ދާންވެގެން. ނެތް މަޑުކުރެވޭކަށް”. ޝާކިރު ބޭނުންވީ ލާނާއާއި އަލަންގެ ގުޅުން ބަދަހި ކުރުވާށެވެ. އަލަން ގަދަކަމުންކަހަލަ ގޮތަކަށް ޝާކިރުއަށް ހިނިތުންވެލުމަށްފަހު ސަލާންކުރަން ފަހަތަށް އެނބުރިލިއެވެ. އިތުރަށް އެތާ މަޑުނުކޮށް ޝާކިރު ނުކުމެގެން ދިޔައީ އެދެކުދިން ވާހަކަދައްކާލަން ވަގުތު ދޭންވެގެންނެވެ.
“ހާއި. ލާނާ މުހައްމަދު ހަސީން”. ލާނާ ސަލާމަށް އަތްދިއްކޮށްލިއެވެ. ކަންދިމާކުރިގޮތުން އެވަގުތު ވީ އަލަންވެސް ސަލާމަށް އަތްދިއްކޮށްލި ވަގުތަށެވެ. ކުރިމަތީ ހުރި އަންހެންކުއްޖާއަށް ބަލައިލި ވަގުތު އަލަން އަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ބާރަށް ޖެހިހެންނެވެ. ކަޅިޖަހާލަންވެސް ނޭނގިފައި އަލަން ހުރީ ކުރިމަތިންފެންނަން ހުރި މަންޒަރު ގަބޫލުނުކުރެވިފައެވެ. އެއީ ހަމަ އެ މޫނެވެ. އެ އަޑެވެ. އަލަން އަކަށް އެއަޑެއް ނޯޅޭނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Laana dhw ey kurin alan chaka jehi kuhjaa??..
Awsome story sis ?
I am first right??..
Thankyou. You might be right. ?
Kisadu buri girl dhw e ee.. hehe..
Story seems nice. Best of luck dear
Kisadu buri girl ???
Keep guessing?
And thankyou dear ?
Yey me first dhw. Masha Allah. Vaahaka varah reethi. Ummeedhu kuran nimendhen genesdheyne kamah. ?????????❤❤
Hello everyone. This is my very first story. Please let me know what you all think.?
Story is nice..?
When is next part???
Alhey kon irakun tha nxt part??? Maa sha Allah.. Vrh Vrh salhi.. ☺️???????
Whn is nxt part story is habeys
habeyxxx…..koba next part…konirakun up vaani…waitings
Thankyou all for the lovely comments. In sha allah mirey upload kuraanan ingey. ?
Alheyy laana akee ehkala iru magu mathin kisadu buri girl dhw
I thinks he loves her in the first sight
Ekamu laana hunnaany varah rulhi aisfa dhw
Varah reethi regularly up kohdheyne kamah heekuran
When next part???