Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި ( ސާދަވަނަ ބައި )

xaaahy Level 110 Stories
April 4, 2014 7 Mins Read
4 Comments

ފަރީޝާގެ މަކަރުވެރިކަމުން ލަޔާލް ހުރީ ހައިރާންވެފައެވެ. ޝައުފް ފާއިޝްއާ ސަލާމްކޮއްލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ. ލަޔާލް ގޮސް ކާރަށް އެރުމުން ކާރު ދުއްވާލިއެވެ.
” ފަރީޝާއްތަގެ ކަޒިންއެއް ހުންނަ ކަމެއް ނޭނގެ…..އެހެން ނޫނަސް އެމީހުންނަށް ގޭގަވެސް ތިބެވިދާނެއްނު……ބޭރު ތެރޭގަ އެހެން އުޅުނީމަ މީހުން ކީކޭ ހިތަށް އަރާނި…….”’ ޝައުފް އޭނަގެ ހިތަށް އަރަމުން ދިޔަ އެއްޗެހި ކިޔަމުން ދިޔައެވެ. ލަޔާލް އެއްޗެއް ނުބުނެ ހިމޭނުން އިނީ އަމިއްލަ މަޖޫބުރުކަމުންނެވެ. ޝައުފް ކައިރީ ފަރީޝާގެ ހަގީގަތް ކިޔައިދޭނަމޭ ހިތަށް އެރިއަސް ފަސްޖެހެވެނީއެވެ.

ޖެހިގެން އައި ދުވަހު ފުރަތަމަ މަސައްކަތަކަށް ލަޔާލް ފެށީ ކުރިން އާކިފް އުޅުނު ކޮޓަރި ސާފްކުރާށެވެ. އޭނައާއި އެކު ގޭގެ ހުރިހައި ނޯކަރުންވެސް ބައިވެރިވިއެވެ. ދުވާލްގެ ބޮޑުބައި ހޭދަކުރަން ޖެހުނީ އެކަމުގައެވެ. އެކޮޓަރި ސާފްކުރެވުނު ކަމުގައި ވިއަސް އާކިފް އަލުން އެތަނަށް ބަދަލްކުރުމުގެ ހިޔާލެއް ނެތެވެ. އެއީ ހަމައެކަނި އާކިފް ގޭތެރެއަށް ބަދްލު ކުރުމުގެ ގޮތުން ދައްކާލި ބަހަނާއެކެވެ.

އެ މަސައްކަތް ނިންމާލުމަށްފަހު ލަޔާލް ޑރ. އާފާލްއަށް ގުޅިއެވެ. ގޭގަ މީހުން މަދުވާނެ ގަޑިއަށް ޑރ. އާފަލް އެގެއަށް ގެނައުމަށް ނިންމިއެވެ. އެއީ ބަލިމީހާގެ ހާލަތު ހަމަ ލޮލަށް ނުފެންނަނީސް އެއްވެސް ފަރުވާއެއް ދެވެން ނެތްކަމަށް އާފާލް ބުނެފައިވާތީއެވެ.
ހަވީރުގެ ވަގުތެވެ. މިއީ އާއްމުކޮން ސޯފީ ބޭރަށް ނުކުންނަ ވަގުތެކެވެ. ޝައުފްމެންވެސް އޮފީހުން ނިމިގެން ނާންނާތީ ރަނގަޅު ވަގުތެއް ކަމުން ޑރ. އާފާލް އެގަޑިއަށް އައެވެ. އާކިފް އިންނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕައި ރަނގަޅަށް ތަޅުލިއެވެ.
” މިހެން ދިމާވެފަ އިންނަތާ ކިތައް އަހަރު؟” ޑރ. އާފާލް އާކިފްއަށް ބަލާލަމުން އަހާލިއެވެ.
” ހަތަރު ވަރަކަށް އަހަރުވާނި….” ލަޔާލް ބުނެލިއެވެ. ” އަހަރެން ވަރަށް ގިނަ މައުލޫމާތު ބޭނުންވާނެކަމަށް ކުރިންވެސް ބުނިން……މިހެން ދިމާވަންޖެހޭ ހާލަތު އެނގިގެން ނޫނީ ފަރުވާ ކުރިއަކަށް ނުގެންދެވޭނެ…….އާކިފްގެ މަންމައާ ބައްދަލްކޮއްލަދީފާނަންތަ؟” ޑރ. އާފާލް އޭނަގެ ހިޔާލް ބުނެލިއެވެ.
” ނޫން ….އެމީހުން އެއްވެސް މައުލޫމާތެއް ނުދޭނެ……މަށަށް ޔަގީން….އެމީހުން އާކިފްއަކަށް ފަރުވާ ދޭކަށް ބޭނުމެއް ނޫން…..އެމީހުންނަށް އަހަރެން ޑޮކްޓަރެއްގެ އެހީ ހޯދާކަން އެގިއްޖެއްޔާ އެކަން ހުއްޓުވާނެ……”’ ލަޔާލް މިކަމުގައި ހުރި ހުރަސްތައް ކިޔައިދިނެވެ.
” ކީއްވެ؟ އެމީހުން ކޮން ދުޝްމަނު ކަމެއް އޮތީ……..މިއީވެސް އެމީހުންގެ ދަރިއެއް ނޫންތަ؟” އާފާލް ހައިރާންވެ އަހާލިއެވެ.
” ކީއްވެކަމެއް އަހަންނަކަށްވެސް ނޭނގެ…….އެމީހުން އާކިފްއަކަށް ހެޔޮއެއް ނޭދޭ…..” ލަޔާލް ބުނެލިއެވެ.
” އެހެން ވިއްޔާ އަހަންނަށް ވަރަށް އުދަނގޫވާނެ……..ފުރަތަމަ އަހަރެމެން ދެނަގަންނަން އެބަޖެހޭ ކޮންކަމަކާ ގުޅިގެން ވީކަމެއް ތޯ……..މިސާލަކަށް އާކިފް އެންމެ ބިރު ގަންނަކަމެއް ދެނެގަންނަން އެބަޖެހޭ……..އާކިފްއަށް ކޮންބޭހެއް މިދުވަސްކޮޅު ދެނީ……” ޑރ. އާފާލް ބުނެލިއެވެ.
” އެއްވެސް ބޭހެއް ނުދެން……. މަލްޓި ވިޓަމިންއެއް ދޭ………” ލަޔާލް ބުނެލިއެވެ. ލަޔާލްގެ ޖަވާބު އަޑު އިވުމުން ޑރ އާފާލް ބޭހެއް ލިޔެދިނެވެ. ކުޑަ ކަރުދާސްކޮޅެއްގައި ލިޔެފަ ދިން ބޭސް ގަނެގެން ދިނުމަށް އެދުނެވެ. ޑރ. އާފާލް މިނޫނަސް ވަރަށް ގިނަ އިރުޝާދުތަކެއް ލަޔާލްއަށް ދިނެވެ.

ޑރ.އާފާލް ދިއުމުން ލަޔާލް ވިސްނުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. އާކިފް ޝައުފް ފެނުމުން އެދުވަހު ބިރުން އިނދެ ކޭ ހަނދާންވިއެވެ. ކޮނުނު ވަރަކަށް ފަސްގިނަވާ ފަދައިން ކަމެއް ހޯދަން އުޅެން ހަދައިގެން އުފެދޭ ސުވާލް ގިނަވަނީއެވެ. ކަމެއް އޮޅުން ފިލާ ގޮތެއް ނުވެއެވެ.

ލަޔާލް އާކިފްގެ ކޮޓަރިން ނުކުތް ވަގުތަކީ އިމްލީ އެދިމާލުން ހުރަސް ކޮއްލި ވަގުތެވެ. އިމްލީގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމަވެރި ކުލަވަރުން ލަޔާލްގެ ހިތުގައި އޭނައާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. އަދި އިމްލީގެ ފަހަތުން އެކޮޓަރިއަށް ދިޔައެވެ.
” އިމްލީ…….” ލަޔާލް އިމްލީގެ ކޮޓަރި ދޮރުމަތީ ހުރެ ގޮވާލިއެވެ. އިމްލީ ފަސްއެނބުރި ބަލާ ވެސް ނުލައި އެ ފިޔަވަޅުމަތީ ހުއްޓެވެ. އޭރު މަޑު ގިސްލުމެއްގެ އަޑު އިމްލީގެ ފަރާތުން އިވެމުން ދިޔައެވެ. ލަޔާލް ގޮސް ހުއްޓުނީ އިމްލީގެ ކުރިމަތީގައެވެ. އިމްލީގެ ދެލޯ ފުރިގެން ފައިބަމުން ދިޔަ ކަރުނަތަކުން ކޯތާފަތްވަނީ ތެމިފައެވެ.
” ކިހިނެއްވީ……..” ލަޔާލް އިމްލީ ކައިރީ އަހާލިއެވެ. އިމްލީގެ ފަރާތުން ޖަވާބެއް ނައެވެ. ލަޔާލްގެ ގައިގަ އޮޅުލައިގަނެ ބާރު ބާރަށް ރޯންފެށިއެވެ.
” އަހަރެން މަންމައަށް ދައްކާނި ކޮން މޫނެއް……….ކިހާ އުއްމީދަކާއެކު މިތަނަށް ފޮނުވީ…….. އަހަރެން ލަދުން މަރުވެދާނެ…….” އިމްލީ ރޮމުން ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ލަޔާލްގެ ބޮލުގަ ރިއްސާލިއެވެ. ގަދަކަމުން އިމްލީ ދުރުކޮއްލަމުން އިމްލީގެ މޫނުގައި ހިފަހައްޓާލިއެވެ.
” އިމްލީ………..؟؟” ލަޔާލް އިމްލީގެ ބަނޑަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ” އާން……..އަހަރެން….” އިމްލީ ދުރަށްޖެހި އަލަމާރީގައި ލައްގަނެވެ. މޭގަ އެއްއަތުން ހިފަހައްޓާލައި އަނެއް އަތުން ބޮލުގަ އަތްއަޅާލިއެވެ. ދެލޯ މަރާލިއެވެ.
” ފާއިޝް………އިމްލީއަށް ލަނޑެއް ދީފާނެއަތީ އަހަރެން އޭރުވެސް ބުނީ އޭނައަކީ ރަނގަޅު މީހެއް ނޫނޭ…………އިމްލީ ކީއްވެތަ ގަބޫލް ނުކުރީ………..” ލަޔާލް އިމްލީގެ މޫނަށް ބަލާލިއެވެ. އިމްލީ ލޯ ހުޅުވާލައި ލަޔާލްގެ މޫނަށް ބަލާލިއެވެ.
” ކަމެއް ވީމަ ފިރިހެން ކުއްޖާގެ ބޮލަށް އެކަނިތަ ކަނޑާލަންވި………އަހަރެން ވަކި ރަނގަޅުތަ،………..މައިން ބަފައިން ދިން ނަސޭހަތްތައް ކީއްވެތަ ހަނދާން ނެތުނި………ހެވާ ނުބައި އެނގިހުރެވެސް ފާފައަކަށް އަރައިގަނެވުނީ…….އެވެސް އެންމެ ރެއަކު ނޫން………އެތައް ރެއަކު……….” އިމްލީ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ.
” ފާއިޝް އަކީ ތި ގަބޫލްކުރާ ވަރުގެ ޞާލިހް މީހެއް ނަމަ އިމްލީގެ ހަށިގަނޑު އިނގިލި ކުރިވެސް ޖައްސާނުލީސް……..އިމްލީ އޭނައަށް ދައުވަތު ދިން ކަމުގައި ވިއަސް އެފަދަ ދައުވަތެއް ގަބޫލެއް ނުކުރާނެ…….އިމްލީ ދެންވެސް ފާއިޝްއާ ބެހޭ ގޮތުން އަހަރެން ދައްކާ ވާހަކަ ގަބޫލްކޮއްބަލަ……….އަހަރެން ހެކި ވެސް ދައްކަފާނަން ފާއިޝް އަކީ ގޯސްމީހެއް ކަމަށް………” ލަޔާލް އިމްލީގެ ކައިރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.
” ކޮބާ ހެއްކަކީ؟” އިމްލީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަހާލިއެވެ.
” އޭގެ ކުރިން އިމްލީ ޕްރޮމިސް ކުރޭ އެއްވެސް މީހެއް ކައިރީ މި ދައްކާ ހެއްކާ ބެހޭގޮތުން ނުބުނުމަށް………” ލަޔާލް އެ ފޮޓޯތައް ދެއްކުމަށް ޖެހިލުންވެއެވެ. އިމްލީގެ ފަރާތުން ފަރީޝާއާއި ފާއިޝްގެ ގުޅުން އާއިލާއަށް އެގިއްޖެއްޔާ ލަޔާލްއަށް ވާނީ ކިހިނެއްކަމެއް ނޭނގެއެވެ.
އިމްލީ ބޯޖަހާލުމުން ލަޔާލް އިމްލީއަށް އެފޮޓޯ ދައްކާލިއެވެ.
” އަހަރެން ބޭނުމެއް ނޫން މިގޭ އެއްވެސް މީހަކަށް ފަރީޝާގެ ނުބައިކަން އެނގޭކަން…………އޭރުން ނޭނގެ އަހަންނަށް ވާނި ކިހިނެއްކަމެއް………މިހާރުވެސް އޭނަގެ ފަރާތުން އަންނަ ނުފޫޒު ވަކި ކުޑައެއް ނޫން……….” ލަޔާލް އިމްލީގެ މޫނަށް ބަލާލިއެވެ. އިމްލީ އިނީ ފާޑަކަށް ހުއްޓުން އަރާފައެވެ.
” އަހަންނަކަށް ގަބޫލެއް ނުކުރެވޭ………..ލަޔާ ބުނޭ ތީ ދޮގެކޭ………..ފާއިޝް އަހަރެން ދެކެ އެކަނި ލޯބިވަނި…….ތި ލަޔާލްގެ ކުށްހީއެކޭ ބުނޭ……” އިމްލީ ލަޔާލްގެ އަތުގައި ހިފާ ރޮއިގަތެވެ.
” ނޫން………….އިމްލީ ހަގީގަތާ ކުރިމަތިލާން ދަސްކުރޭ………އަހަންނަށް މިކަން އެނގޭތާ ވަރަށް ދުވަސްވެއްޖެ………… އޭރު. .އިމްލީ އަހަރެން ދައްކާ ވާހަކަ އަޑު އަހަން ބޭނުން ނުވީ………ނޫންތަ؟ ” ލަޔާލް އިމްލީއަށް ހިތްވަރު ދިނެވެ.
” ލަޔާ އަހަރެން ދެން ކިހިނެއް ހަދާނި……..އަހަރެން އަމިއްލައަށް މަރުވާނި ނޫނީ ބަނޑުގަ މިވާ ދަރިފުޅޫ މަރާލާނި…….”’ އިމްލީ ކުއްލިއަކަށް އެނދުން ތެދުވިއެވެ.
” ހަމަޖެހިބަލަ………..އެއް ފާފަ ކުރެވިފަ ތިއޮތީ……އަދިވެސް ތިކަން ފޮރުވުމަށް އިތުރު ފާފަތަކެއް ކުރާކަށް ނުވާނެ………….” ލަޔާލް އިމްލީ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
” އަހަރެން މަންމައަށް ދައްކާނި ކޮންމޫނެއް……….މަންމަ އަހަރެން މަރާލާނެ………ޔަގީން…..” އިމްލީއަށް އަނެއްކާވެސް ރޮވުނެވެ.
” ފުރަތަމަ ކޮޅު އެންމެން އިމްލީއަށް ނަފްރަތު ކޮއްފާނެ…….އެކަމަކު ދުވަސްކޮޅެއް ވީމަ ރަނގަޅު ވެދާނެ……….ދުނިޔޭގަ ތިކަހަލަ އެތަކެއް އިމްތިހާނުތަކާ ކުރިމަތި ވާނެ………” ލަޔާލް ނަސޭހްތަ ދިނެވެ.
ލަޔާލް އިމްލީގެ ކޮޓަރީގައި މަޑުކުރިއެވެ. އިމްލީ ހަމަޔަކަށް އެޅެންދެން އެކި ވާހަކަ ދެއްކުމަށް އިނެވެ. ޝައުފް އޭނަގެ ކޮޓަރީގަ ލަޔާލްއަށް އިންތިޒާރުކުރަމުން ދިޔައެވެ. އޮފީހުން އައި ފަހުންވެސް ބައިގަޑިއިރަށް ވުރެ ގިނަވެއްޖެއެވެ. ލަޔާލް ނުފެންނާތީ ޝައުފް އިނީ ފާޑަކަށް ރުޅިގަދަ ވެފައެވެ.

ލަޔާލް އޭނަގެ ކޮޓަރިއަށް ވަތްއިރު ކޮޓަރީގެ ހާލަތު ފެނުމުން ހައިރާންވިއެވެ. އެތަން މިތަނަށް ޝައުފްގެ ގަމީސްތައް އުކާފައި ހުއްޓެވެ. ޓައިލްސް މަތީ އިށީދެލައިގެން ޝައުފް އިނެވެ. ” ޝައުފް……” ލަޔާލް އެތެރއަށް ވަންނަމުން ގޮވާލިއެވެ.
” ކޮންތާކުން…….އަހަރެން އައި ފަހުން މިހާރު ކޮން އިރެއް………” ޝައުފް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” އަހަރެން އިނީ އިމްލީގެ ކޮޓަރީގަ………ސޮރީ ” ލަޔާލް ބުނެލިއެވެ.
” އަހަރެމެން ދެމީހުން އެކުގަ ވަގުތު ކޮޅެއް ހޭދަކުރެވެނި ކިހާ މަދުން……..އަހަރެން އަންނަ ގަޑީގަ ލަޔާ އަހަރެންގެ އިންތިޒާރުގަ އިންނަނަމަ ކިހާ އުފާވާނެ………………” ޝައުފް ލަޔާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
” އަހަރެން ނެތީމަ އެހެންވެ ކޮޓަރިއަށް އަދަބު ދީފަތަ؟” ލަޔާލް ވަށައިގެން ބަލާލަމުން ބުނެލިއެވެ. ޝައުފް ތެދުވެ ގަމީސްތައް ހޮވަން ފަށައިފިއެވެ. ދެމީހުން އެކުގަ ކޮޓަރި ތަރުތީބު ކޮއްލިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ލަޔާލް އާކިފްއަށް ކާން ގެންދަމުން ޝައުފް ކައިރީ އޭނައާއި އެކު ދިއުމަށް އެދުނެވެ. ޝައުފް ވަކި އެއްޗެއް ނުބުނެ ފޯނާ ކުޅެމުން ލަޔާލްގެ ފަހަތުން ދިޔައެވެ. ލަޔާލް ބޭނުންވަނީ ޑރ. އާފާލް ބުނުއްވި ގޮތަށް އެކަން ޔަގީންކޮއްލާށެވެ. ޝައުފް ދެކެ ބިރުގަނޭތޯ ޔަގީން ކޮއްލާށެވެ.
ދޮރު ހުޅުވާލި އަޑަށް އާކިފް އެދިމާލަށް ބަލާލިއެވެ. ލަޔާލްގެ ފަހަތުން ޝައުފް ވަދެގެން އަންނަތަން ފެނުމުން އާކިފް ބިރުން ދާހިއްލަން ފަށައިފިއެވެ. ބިރުން އެނދުން ތެދުވެ އަލަމާރި ކައިރިއަށް ޖެހިލިއެވެ.
” އާކިފް……….އާދެ ކާން……” ލަޔާލް އާކިފްއަށް ގޮވާލިއެވެ. އާކިފް އޭރުވެސް ފާޑަކަށް ޝައުފްއަށް ބަލަން ހުރެވުނީއެވެ.
” އާކިފް………އާދޭ……” ލަޔާލް އާކިފްގެ އަތުގައި ހިފާލަމުން ކާތަކެތި އަތުރާފައިވާ މޭޒާ ދިމާލަށް ހިނގައިގަތެވެ. އާކިފް ގަދަ ހަދަމުން ދިޔައީ ކީއްވެކަން ލަޔާލްއަށް އެނގުނެވެ. ” ލަޔާ………..އޭނަ ނުކުންޏާ އަޅާނުލާ………ހިނގާ ދާން…….” ޝައުފް ފޫހިގޮތަކަށް ބުނެލިއެވެ.
‘ ނޫނޭ މިހެން އުޅުނަސް އާކިފް ކާނެ…….ޝައުފް ބުނެބަލަ އާކިފް ކައިރީ…….” ލަޔާލްއަށް ފުރިހަމަ ނުކުރެވެނީސް ޝައުފް އާކިފްއަށް ހަޅޭއްލަވައިގަތެވެ.
” ކުޑަކުއްޖެއްތަ ތި……ބޮޑާ ހާކަން………ކާން ދޭން އައީމަ ކޭމަ ނިމުނީނުން……..”’ ޝައުފް އެހެން ބުނުމުން އާކިފް މަޑުމަޑުން އިނެވެ. އަދި ލަޔާލްގެ އަތުން ކާންފެށިއެވެ. އާކިފްގެ ކޮޓަރިން ނުކުންނަމުން ލަޔާލް ، ޝައުފް ކުރެ އަހާލިއެވެ.
” ޝައުފް ދެކެ އާކިފް ބިރުގަނޭދޯ……..” ލަޔާލް ހީލަމުން އެހެން އެހީ ޝައުފްއަށް ޝައްކު ވެދާނެތީއެވެ.
” ހޫމް…….” ޝައުފް ހިނގުން ބާރުކޮއްލަމުން ބުނެލިއެވެ. ކީއްވެ؟” ލަޔާލްގެ އެސުވާލް އަޑު އިވުމުގެ ކުރިން ޝައުފް ކޮޓަރިއަށް ވަނެވެ. ލަޔާލް ބަދިގެއަށް ވަދެ ތަށިތައް ރޯސަން އާ ހަވާލްކޮއްލިއެވެ. އަދި ކޮޓަރިއަށް ހިނގައިގަތެވެ.

ކުޑަދޮރުގައި އަތްވިއްދާލައިގެން ޝައުފް ބޭރު ބަލަހައްޓައިގެން ހުއްޓެވެ. އޭރު ވަޔާ ވިހުރެމުން ދިޔަ މަޑު ވައިލެޓް ކުލައިގެ ދޮރުފޮތި ގަނޑު ވިހުރި ވިހުރިލާ ހުއްޓެވެ. ލަޔާލް ޝައުފް ކައިރިއަށް ހުއްޓެމުން އަނެއްކާވެސް އެ ސުވާލް ތަކުރާރުކޮއްލިއެވެ.
” ކީއްވެ ޝައުފް ދެކެ ބިރުގަންނަނީ……..؟” ލަޔާލް އެހެން އެހުމުން ޝައުފް ފާޑަކަށް ލަޔާލްއަށް ބަލާލިއެވެ.
” އަހަންނަކަށްވެސް ނޭނގެ………………..ބޭބެ ގޭ އެންމެން ދެކެ ވެސް ބިރުގަނޭ…………” ޝައުފް ބުނެލިއެވެ.
” އަހަންނަށް ފެނޭ އާކިފް ރަނގަޅު ޑޮކްޓަރަކަށް ދައްކަން……….ނޫންތަ……އަންވަރުބެއަށް ދެފަހަރުން ހަމަޔަށް ނާދެވޭ ބަލާލަންވެސް….” ލަޔާލް ބުނެލިއެވެ. ޝައުފްއަށް އާކިފްގެ ނަން އިވުނަސް ވަނީ ނޭނގޭ އުދަނގުލެކެވެ.
” ތި އެހާ މުހިއްމު ކަމެއްތަ…….އުދަނގުލެއް ވާތީ އުޅޭތަ………ނޫޅެއޭނުން………ދެން……..ލަޔާލް ވިސްނަން ޖެހޭތަ އޭނައާ ދޭތެރޭ……….؟” ޝައުފް ހިތްހަމަ ނުޖެހުނެވެ. ލަޔާލް އިތުރު ޖަވާބެއް ނުދީ އެ ހިސާބުން ހުއްޓާލީއެވެ. އެ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.

ޑޮކްޓަރެއް ގެންނަ ވާހަކަ ލަޔާލް ބުނީ ޑރ. އާފާލް އެގެއަށް ކޮންމެ ދުވަހަކު ސިއްރުން ނުގެންނަން ވެގެންނެވެ. މީހެއްގެ ގޭގަ އެމީހުންނަށް ސިއްރުން ގެނައުމަކީ ރަނގަޅު ގޮތެއް ކަމަށް ނުވިސްނޭތީއެވެ. ލަޔާލް ނިންމީ މާދަމާ ސައިގަޑީގަ އެންމެން ތިއްބަ އެވާހަކަ ދެއްކުމަށެވެ.

ހެނދުނުގެ ވަގުތެވެ. ގޭގެ އެންމެންވެސް ތިބީ ސައިމޭޒުދޮށަށް އައިސްއެވެ. ލަޔާލް މަޑުކޮއްގެން އިނީ ހަމަޖެހުމުން އެވާހަކަ ފަށާށެވެ. ” މަންމާ……..އަހަރެން އެބަ ވިސްނަން އާކިފް ނަފްސާނީ ޑޮކްޓަރަކަށް ދައްކާލަން………” ލަޔާލް އެހެން ބުނުމުން ޝައުފް ސައިމޭޒުގައި ވަރަށް ބާރަށް ޖަހާލެވުނެވެ. ” ރޭގަވެސް ޖަވާބު ދިނިން………ލަޔާ ބޭކާރު ކަންތައްތަކަށް ނުވިސްނަބަލަ……….ހީކުރަނީތަ އަހަރެމެން އެއްވެސް ފަރުވާއެއް ނުކުރޭ ރަނގަޅު ކުރާކަށް…………ކިހާ މަސައްކަތެއް ކުރިން…….ކިތައް ޑޮކްޓަރުންނަށް ދެއްކިން…………ރަނގަޅު އަލިމަގެއް ނުފެނުނީމަ ހުއްޓާލީ…….” ޝައުފް ތެދުވާންފެށުމުން މާހިރު ޝައުފްގެ އަތުގައި ހިފާ ގޮނޑީގައި އިށީނުމަށް އިޝާރަތް ކުރިއެވެ.
” އުއްމީދު ކަނޑާލާކަށް ނުވާނެ ތިހާ އަވަހަކަށް………..ޑރ.އާފާލް އަކީ އަހަރެންގެ ގާތް ރައްޓެއްސެއް……..އޭނައަށް ދައްކާލިއަސް އެންމެ ރަނގަޅުތަ……” ލަޔާލް ޖެހިލުންވެ އިނދެ އަހާލިއެވެ.
” އެންމެ ރަނގަޅު………ލަޔާއަށް އާކިފްގެ ޒިންމާ ދިނީމަ އޭނަ ބަލަންވީ ކިހިނެއްކަން އެނގޭނެ ކަންނޭނގެ……..” މާހިރު ހުއްދަ ދިނުމުން ސޯފީއަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެހެންވެ މަޑުން އިނީއެވެ. މާހިރު އެކަމަށް ހުއްދަ ދިނުމުން ލަޔާލްއަށް ހިތްވަރެއް ލިބުނު ކަހަލައެވެ.

ސައިބޮއިގެން އޮފީހަށް ދާން ނުކުންނަނިކޮން ޝައުފްއަށް ފާއިޝް ފެނުނެވެ. ސައިކަލުގައި އެމަގުން ދަނިކޮށެވެ.
”އެ ދިޔައި ދަންނަ ކުއްޖެއްތަ؟” ޝައުފް ، ޝާންއަށް ފާއިޝް ދައްކާލަމުން ބުނެލިއެވެ.
” އުހުން……ކިހިނެއްވީ…….؟” ޝާން އަހާލިއެވެ. ” އެއީ ދައްތަގެ ކަޒިންއެކޯ………” ޝައުފް ބުނެލިއެވެ.
” ކާކު ބުނީ؟” ޝާން އަހާލިއެވެ. ފަރީޝާގެ ދެބެންގެ ދެދަރި ކުއްޖެއް ހުންނަ ކަމެއް ޝާން ނުދަނެއެވެ.
” ދައްތަ…………..ކުރީ ރެއަކު ބީޗުން އަހަރެން ދުށިން. އެދެމީހުން…… ”’ ޝައުފް ކާރަށް އަރަމުން ބުނެލިއެވެ. ޝާން އިނީ ފާޑަކަށެވެ. ބީޗުން ފެނުނު ވާހަކަ ބުނުމުން ހިތް ތެޅެމުން ދިޔައެވެ. ފަރީޝާ ގެއިން ބޭރަށް ދަމުން އޭނަ ކައިރީ ބުނާނެއެވެ. އެކަމަކު އެރޭ ނުބުނެ ދިޔަކަން އެނގުނީމަ ހިތު ތެރޭ ފާޑެއްގެ ޝައްކެއް އުފެދިފައެވެ.

އާކިފްއަށް ހެނދުނު ސައިދޭން ލަޔާލް ދިއުމުން އާކިފްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އާކިފް ތަށިމުށިތައް މަތީ ދެފައި ވަށްކޮއްލުމަށްފަހު އިށީނުމުން ލަޔާލް ތަށިތައް އާކިފްގެ ކުރިމަތީ އަތުރާލިއެވެ.
” އާކިފް ކީއްވެ ވާހަކަ ނުދައްކަނި……؟” އާކިފްއާ ލަޔާލް ސުވާލްކޮއްލިއެވެ. އެއި ޑރ. އާފާލްވެސް އިރުޝާދު ދެއްވި ގޮތެވެ. އާކިފްގެ ކައިރިންވެސް ކޮންމެވެސް މައުލޫމާތެއް ލިބިދާނެކަމަށް ހީކުރެވޭތީއެވެ. ލަޔާލްގެ ސުވާލަށް އާކިފް ޖަވާބެއް ނުދިނެވެ.
” މީރުތަ؟’ ލަޔާލް ދެވަނަ ސުވާލް ކޮއްލިއެވެ. ދެންވެސް އޭނަގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އާކިފް ގަޔާވާނެ ކަހަލަ އެތައް ވާހަކައެއް ލަޔާލް ދައްކަމުން ދިޔައިރުވެސް އާކިފްގެ ފަރާތުން އެއްވެސް ޖަވާބެއް ލިބޭގޮތެއް ނުވެއެވެ. އެކަމަކު އިންނަނީ ވަރަށް މަޑުންނެވެ. މުޅި ކޮޓަރީގެ އެކި ދިމާލްތަކަށް ބަލަން އެއްވެސް ފޫހިކަމެއް ނެތިއެވެ. އިރުކޮޅަކު އާކިފްގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު ލަޔާލް އެކޮޓަރިން ނުކުމެގެން ދިޔައެވެ.

މެންދުރުގެ ވަގުތެވެ. ނަމާދުކޮއްލަންވެގެން ފެންވަރާލައިގެން ނުކުތް ތަނާހެން ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ތެތް އިސްތަށިގަނޑު ތުވާއްޔަކުން ފޮހެމުން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ އިމްލީއެވެ. އިމްލީގެ އަތުން ފޮށި ހިފަހައްޓާލައިގެން ހުރި އިރު ރަށަށް ދާން އުޅެނީކަން ލަޔާލްއަށް ވިސްނުނެވެ.
” ދަނީތަ……..” ލަޔާލްއަށް އަހާލެވުނެވެ. އިމްލީ ބޯޖަހާލިއެވެ. ލަޔާލްގެ ކޮޓަރިއަށް އިމްލީ ވަނުމަށްފަހު ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ” ލަޔާ…………އަހަންނަށް ފެންނަނި ފަރީޝައްތަގެ ކަންތައް ކޮންމެސް ގޮތަކުން މިގޭ މީހުން ކައިރީ ބުނަން……” އިމްލީ ލަޔާލްއަށް ފުރަގަސް ދެމުން ބުނެލިއެވެ. ލަޔާލްއަށް ތެޅިގަނެވުނެވެ.
” ނޫން……..އަދި ބުނާކަށް ނުފެނޭ………ފޮޓޯގަނޑަކީ ހެއްކެއް ނޫން ކަންނޭނގެ މިވަރުގެ ކަމެއް ސާބިތު ކޮއްދޭކަށް…….ކާކު ގަބޫލް ކުރާނި…….ބުނެފާނެ އެޑިޓް ކޮއްފައޭވެސް…………ނޫންތަ…..ރަނގަޅު ހެއްކެއް ލިބެންދެން މަޑުކުރާނި…….” ލަޔާލް އިމްލީގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.
” ކިހާ ދުވަހެއް ވަންދެން………އަހަންނަށް ދެރައެއް ދީފަ އެމީހުން އުފަލުގަ އުޅޭތަން ބަލާކަށް އަހަރެން ބޭނުމެއް ނޫން…….އަހަންނަށް މިހާރުވެސް ލަސް……..ހިނގާ މަށާއެކު…………ދެމީހުން ވެގެން ބުނާނި………..” އިމްލީ ލަޔާލްގެ އަތުގަ ހިފާލިއެވެ. ލަޔާލް އިމްލީގެ އަތް ފޮޅުވާލިއެވެ.
” އިމްލީއަށް ދެރަ ދީފަ ފާއިޝްއަކަށްވެސް ފަރީޝާއަކަށްވެސް އުފަލަކު ނޫޅެވޭނެ……..ކެއްތެރިވެބަލަ………އެމީހުން ގަބޫލެއް ނުކުރާނެ……..” ލަޔާލް އެއްބަހެއް ނުވިއެވެ. ހަގީގަތް ކިޔައިދޭން ލަޔާލް ފަސްޖެހެނީއެވެ. ލަޔާލް އިންކާރު ކުރަން ފެށުމުން އިމްލީއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

އިމްލީ ލަޔާލްގެ ކޮޓަރިން ނުކުތް އިރު އިމްލީގެ ބޭބެ އިމްލީ ބަލާ އައިސް ހުއްޓެވެ. ސޯފީ އަށް އިމްލީ އެހާ ކުއްލިއަކަށް ދާކަން އެނގުމުން ކަންބޮޑުވިއެވެ.
” ކީއްވެ އިމްލީ އިމްތިހާން ނުނިމެނީސް ދާން ތިއުޅެނީ…….” ސޯފީ އަހާލިއެވެ.
” މަންމަ ބަލިވެ އުޅޭތީ………” އިމްލީ ޖަވާބު ދިނެވެ. ” ދައްތާ ހިތް ހެޔޮ ކުރައްޗެ……..ފަހަރެއްގަ ދެން ނާދެވިދާނެ………..” އިމްލީ ސޯފީއާ ސަލާމް ކޮއްލަމުން ބުނެލިއެވެ. ” އިމްލީ މަންމަ އެހާ ސީރިއަސް ވީތަ………ކުޑަ ބައްޔެއް ވިއްޔާ މަޑުކޮއްލަން ވީނުން ޓެސްޓު ނިމުނީމަ ދާން…….” ސޯފީ އެދުނެވެ.
” މަންމައަށް މިއުޅޭ ހުން ޖެހިގެން އުޅޭ ވާހަކަ ބުނީންސުރެން އިމްލީ ކުރުނުކޮށް ކިޔަން ފަށައިފި ދާން…….ދެން މަންމަވެސް އިމްލީ ކިޔަން ހެދީމަ ބުނެފި ގެންނަން ވީނުންހޭ………….” އިމްލީގެ ބޭބެ ބުނެލިއެވެ. ސޯފީ އިތުރަކަށް އެއްޗެއް ނުބުނެއެވެ. އިމްލީ ގޭގެ އެންމެންނާ ސަލާމް ކޮއްލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ގޭގެ ލައިން ފޯން ރިންގުވާން ފެށުމުން ލަޔާލް ކޮޓަރީގަ ހުރެފަ ނުކުމެ ފޯންގެ އަތްގަނޑު ނެގިއެވެ. ލަޔާލް ހަލޯ އޭ ބުނުމުގެ ކުރިން އެހެން ދެމީހެއްގެ ވާހަކަ ދެއްކުމުގެ އަޑު އިވުނެވެ.
” އާކިފްއަށް އެއްވެސް ފަރުވާއެއް ދިނަކަ ދީގެން ނުވާނެ………އާކިފް ރަނގަޅު ވެއްޖެއްޔާ އަހަރެމެންގެ ދިރުއުޅުން އެފުށް މިފުށަށް ޖެހިގެން ދާނެ………..” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. ކާކުކަމެއް ލަޔާލްއަށް ނޭނގުނެވެ.
” އަހަރެން ހުއްދަ ދޭން ބޭނުން ނުވިއަސް މާހިރި ދީފި ހުއްދަ……..މާހިރުގެ ބޭބެގެ ދަރިއެއް ވިއްޔަ އާކިފްއަކީ …….އޭނަގެ ހިތުގަ ހަމްދަރުދީ އުފެދުނީ ކަންނޭނގެ…….” ދެން އިވުނީ ސޯފީގެ އަޑެވެ. ލަޔާލް ހައިރާންވިއެވެ. އާކިފްއަކީ މާހިރުއާ ސޯފީގެ އުފަން ދަރިއެއް ނޫންކަން މިއެނގުނީ ކިރިޔާއެވެ. އެހެން ވިއްޔާ އާކިފްގެ މައިންބަފައިން ކޮބައިބާއެވެ. މިމީހުންގެ ހިތުގަ އާކިފްއާ ދޭތެރޭ ނަފްރަތު އުފެދިގެން އުޅެނީ ކޮންކަމަކު ހެއްޔެވެ؟ ލަޔާލް އަމިއްލަ ހިޔާލްތައް ދޫކޮއްލުމަށްފަހު ފޯނަށް ސަމާލްކަން ދޭން މަސައްކަތް ކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

ލޯތްބަށްޓަކައި ( ތޭރަވަނަ ބައި )

Next

އިންތިހާ އަށް ލޯބިދީފާ. . [1]

Next
April 5, 2014

އިންތިހާ އަށް ލޯބިދީފާ. . [1]

Previews
April 4, 2014

ލޯތްބަށްޓަކައި ( ތޭރަވަނަ ބައި )

4 Comments!

  1. reen says:
    April 4, 2014 at 8:10 pm

    nice

  2. thiii says:
    April 4, 2014 at 8:59 pm

    varah avas aruvaalaigen ulhey hen hyvany..vaahaka salhi bt detail nuvyma foohi..overall nice..nd thankxx so uploadin so quickly

  3. neem says:
    April 5, 2014 at 12:29 pm

    ….. varah salhi! :p waiting waiting

  4. zaaaaa says:
    April 5, 2014 at 2:37 pm

    V nice.. next part avahah up kohladhethi…

Comments are closed.

Next Episodeލޯތްބަށްޓަކައި (ފަނަރަވަނަ ބައި)←


All Right Reserved!