ލޯތްބަށްޓަކައި ( ތޭރަވަނަ ބައި )
ފަރީޝާ އޭނަގެ ފޯން ނެގިއެވެ. ” އަހަންނަށް އެނގޭ ލަޔާލް އަހަރެންގެ ހަގީގަތް ޝާންގެ ލޯމައްޗަށް ގެންނަން ކޮންމެވެސް ކަމެއް ކުރާނެކަމް………..އެހެންވެ އަހަރެންވެސް އެކަމުން ސަލާމަތްވާނެ ކަހަލަ ގޮތެއް ހޯދަން ޖެހޭނެ ކަންނޭނގެ ދޯ……..މަންމަ ހޮސްޕިޓަލްގައި ބޭއްވި ދުވަހު އަހަރެން ފާއިޝްއާ ބައްދަލުކޮއްލަން ގެއަށް އާއިރު އާކިފްގެ ކޮޓަރި ތެރޭ ލަޔާލް ޖެއްސި އެކްޓް އަހަރެންވެސް ރެކޯރޑް ކޮއްލީ……….” ފަރީޝާގެ މޫނުމަތިން ފެންނަމުން ދަނީ ވިހަ ހިނިތުންވުމެކެވެ.
ފަރީޝާ ފޯނުން ވީޑިޔޯއެއް ދައްކާލިއެވެ. އެ ވީޑިޔޯ މާ ސާފުނޫންނަމަވެސް ކިޔާ އެއްޗިއްސާ އޭގަ ހުރީ ލަޔާލްކަން ބަލާ ކޮންމެ މީހަކަށް އެނގޭނެއެވެ. އާކިފްގެ މޫނުގައި ފިރުމަމުން ލަޔާލް ދެއްކި ވާހަކަތައް ފެންނަން ފެށުމުން ލަޔާލް ބިރުގަންނަ ގޮތްވިއެވެ. ” ދެންވެސް އަޑުއަހާ……….އަހަރެންގެ އެއްވެސް ވާހަކައެއް މީހެއްގެ ކައިރީ ދައްކައިގެން ނުވާނެ……އެހެން ނޫނީ……..” ފަރީޝާ އެހިސާބުން ހުއްޓާލި ނަމަވެސް ލަޔާލް އަށް ހުރިހައި ކަމެއްވެސް އެނގިގެން ދިޔައެވެ. އިމްތިހާނުން ފޭލްވެފައިވާ ދަރިވަރެއް ފަދައިން އިސްޖަހާލައިގެން ލަޔާލް އެކޮޓަރިން ނުކުތް އިރު މުޅި މީހާ ހުރީ ދާހިއްލަން ފަށާފައެވެ. ނިއްކުރިން ބަބުޅަމުން ދިޔަ ދާތިކިތައް ދޯޕައްޓާއިން ފޮހެމުން ދިޔައިރުވެސް ދާތިކިތަކެއް މަދުވާގޮތެއް ނުވެއެވެ.
ކޮޓަރިއަށް ވަދެ ޑްރެސިން ޓޭބަލް ކައިރީ އިނދޭ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ދެލޯ މަރާލައިގެން ލަޔާލްއަށް އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ލަޔާލް ސިހިގެން ގޮސް ދެލޯ ހުޅުވާލެވުނީ ޝައުފްގެ ބީހިލުމުންނެވެ. ދާދި ގާތުގައި ޝައުފް ހުއްޓިލައިގެން ހުއްޓެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.
” ދެލޯ މަރާލަބަލަ…….” ޝައުފްގެ އެ ޖުމްލަ ނުނިމެނީސް ލަޔާލް ދެލޯ މަރާލެވުނެވެ. ލަޔާލްގެ އިސްތަށިގަނޑު ޝައުފް އެއްކައިރި ކޮއްލައި ކަނދުރާއަށް ފުމެލިއެވެ. ދެން ފިނި އެއްޗެއް ކަނދުރާގައި ޖެހުނުހެން ހީވިއެވެ. ” ލޯ ހުޅުވާ ބަލާބަލަ…….” ލަޔާލް ދެލޯ ހުޅުވާލިއެވެ. ޑްރެސިން ޓޭބަލްގެ ލޯގަނޑުން އޭނަގެ ކަރުގައި އަޅުވައިދީފައިވާ ރިހިފަށް ފެންނަން އޮތެވެ. ހިތެއްގެ ބައްޓަމަށް އޮތް ފުލުގައި ޝައުފްގެ ނަން ލިޔެލާފައި އިނެވެ.
” ވަރަށް ރީތި…..” ލަޔާލް ލޯގަނޑަށް ބަލަން އިނދެ ބުނެލިއެވެ. އެ ފަށް ވަރަށް ރީއްޗެވެ. ލަޔާލް އިންގޮތަށް ލޯގަނޑަށް ބަލަހައްޓައިގެން އިނީއެވެ. ޝައުފް މަޑުމަޑުން ލަޔާލްއާ ކައިރިވެލިއެވެ. ޝައުފްގެ ދއަތުން ލަޔާލްގެ ހަށިގަނޑު ގަޔާލައި ބޮނޑިކޮއްލިއެވެ. ކުޑަ އިރުކޮޅަކު އެހެން ތިބުމަށްފަހު ލަޔާލްގެ އަތުގައި ހިފާލައިގެން ގޮސް އެނދުގައި ލަޔާލް ބައިންދާލިއެވެ. ލަޔާލްގެ ކޮނޑުގައި ޝައުފްގެ ދެއަތް އަޅާލައި އެނދުގައި ބާއްވަން ފެށުމުން ދެކޮޅު ހެދުމަކާއި ނުލައި ލަޔާލް އެނދުގައި އޮށޯވެލިއެވެ. ޝައުފް ލަޔާލްއާ ކައިރި ވާންފެށުމުން ލަޔާލްގެ ދެލޯ އަނެއްކާވެސް މަރާލައި ބާރުކޮއްލިއެވެ. ޝައުފްގެ ފިރުމުންތަކުން ލަޔާލްގެ ހަށިގަނޑަށް މަސްތު ކަމެއް ވެރިކުރުވިއެވެ. އެންމެ ފަހުން ބޭއިޚްތިޔާރުގައި ޝައުފްގެ ހަށިގަނޑުގައި ލަޔާލްގެ ދެއަތުން ވަށާލެވުނެވެ.
ލަޔާލްގެ ފޯން ރިންގުވާންފެށީ އެވަގުތެވެ. ޝައުފް އެކަމާ އަޅާނުލި ނަމަވެސް ލަޔާލް އެ ފޯނަށް ޖަވާބު ދޭން ބޭނުންވިއެވެ. ޝައުފް ގަދަކަމުން ދުރުކޮއްލަމުން ތެދުވެ ފޯން ނަގައިފިއެވެ. ލައިގެން ހުރި ހެދުން ރަނގަޅުކޮއްލަމުން ކޮޓަރިން އަވަސް އަވަހަށް ނުކުމެގެން ދިޔަ މަންޒަރު ބަލަން ޝައުފް އޮތީ ހިތްހަމަ ނުޖެހިފައވެ.
” ކީކޭ ބައްޕާ……….” ލަޔާލް ކޮޓަރިން ބޭރަށް ނުކުމެ އަހާލިއެވެ.
” ދަރިފުޅު ބުނި ކަންތައް ހަމަޖެހިއްޖެ……ދަރިފުޅު ބައްޕަ މިދޭ ނަންބަރަށް ގުޅާލާ…….އެއި ޑރ. އާފާލް……” ހާޝިމް ބުނެލިއެވެ. ލަޔާލް ހާޝިމް ދިން ނަންބަރަށް ގުޅާލިއެވެ.
” އާފާލްތޯ……..މިއީ ލަޔާލް އިނގޭތޯ……” ލަޔާލް އެކޮޅުން ފޯން ނެގުމާއ އެކު ކެއްތެރި ކަމެއް ނެތި އަހާލިއެވެ. ” އާން……….އަހަރެން އިންތިޒާރުކުރަމުން މިގެންދަނީވެސް ލަޔާލްގެ ފޯނަކަށް…………” އާފާލް ހިތްހެޔޮ ކަމާއި އެކު ބުނެލިއެވެ. އާފާލް އެނގެން ބޭނުންވާ އެތައް މައުލޫމާތެއް ލަޔާލްގެ ކައިރިން އޮޅުން ފިލުވިއެވެ.
” ލަޔާ އަހަރެން ދާންވީ ގަޑިއެއް އަންގާލާތި……….އޭރުން އަހަރެން ތިގެއަށް ދާނަން………” ޑރ. އާފާލް ދެއްވީ ލަޔާލް ހިތްހަމަޖެހޭ ޖަވާބެކެވެ. ލަޔާލް އާއެނކޭ ބުނަމުން ފޯން ބާއްވާލިއެވެ. ލަޔާލް ބޭނުންވާ އެއްކަންތައް ނިމުނީއެވެ. ދެން އޮތީވެސް މުހިއްމު ކަމެކެވެ. އެކަމަކު އެކަމަށް ސޯފީގެ ރުހުން ލިބޭނެ ކަމެއް ނޭނގެއެވެ.
ހަވީރުގެ ސައިގަޑީގައި ލަޔާލް ވާހަކަ ފެށިއެވެ.
” މަންމާ…….އާކިފް އެހެން ކޮޓަރިއަކަށް ބަދަލްކޮއްލަން އަހަރެން އެބަ ވިސްނަން……..” ލަޔާލް އެހެން ބުނުމުން ސޯފީ ބަލާލީ ޝައުފްގެ މޫނަށެވެ.
” ކީއްކުރަން…………..އޭނަ އެއިންތަން ރަނގަޅު…….” ސޯފީ ހިތްހަމެ ނުޖެހިފައި ބުނެލިއެވެ.
” އެކޮޓަރި ކުޑަކޮން ސާފްކޮއްލަން ވެގެން…………ސާފްކޮން ނިންމާފައި އެ ކޮޓަރިއަށް ބަދަލްކޮއްލާނަން…….” ލަޔާލް އަނެއްކާ ބުނެލިއެވެ. ސޯފީ މިފަހަރު އަނގައިން އެއްވެސް އެއްޗެއް ނުބުނެ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
” ސާފް ކުރާނެ ކަމެއް ނެތް………ކޮންކަމަކު………މިއޮއް ހުރިހައި ދުވަހުވެސް ސާފްނުކޮށް އެހުންނަނީ…….” ޝައުފް ނުރުހުންވެފައި ބުނެލިއެވެ. ” ޝައުފް…….މިކަމާ ބަހުސް ކުރާނެ ކަމެއް ނެތް…………..ލަޔާލް ކުރަން ބޭނުމިއްޔާ ދޫކޮއްލާ………” ސޯފީ ޝައުފްއާ ދެކޮޅު ހެދިއެވެ. ސޯފީ ލަޔާލްއާ އެއްކޮޅަށް ޖެހުނީ ހިތާ ދެކޮޅަށެވެ. އާކިފްއަށް ހެޔޮ އެދޭ އެކަކުވެސް އެގެއަކު ނޫޅެއެވެ.
ސަޔަށް ފަހު ލަޔާލް އާކިފް އިން ކޮޓަރިއަށް ވަދެ އާކިފް އަތްފައިގަ ޖަހާފަ އިން ހިލިހިލާތައް ނައްޓައިދީ ހެދިއެވެ. ހިލިހިލާތައް ނައްޓާލުމުން އާކިފްގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ދެއަތަށް އެތައް ފަހަރަކު ބަލާ ހެދިއެވެ. ފަރާތް ފަރާތައް ހަރަކާތްކޮށް ހެދިއެވެ. އާކިފް ތުންފަތް ހަރަކާތްކޮއްލާ ކޮންމެ ފަހަރަކު ހީވަނީ ކޮންމެވެސް އެއްޗެއް ބުނަން އުޅޭ ހެންނެވެ. ލަޔާލް ފެންކަޅިވެފައި ދުރުގަ ބަލަން ހުއްޓައި އާކިފް އައިސް ލަޔާލްގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ. ” ތެންކިޔޫ…….” އާކިފްގެ ދުލުން އެ ލަފްޒު ނުކުތް ވަގުތު ލަޔާލްގެ ހިތަށް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައވެ.
” ހިނގާ ދާން އާކިފް….” ލަޔާލްގެ ހަށިގަނޑާ އާކިފް ދުރުކޮއްލަމުން ލަޔާލް މިހެން ބުނެލި ވަގުތު އާކިފްގެ މޫނުމަތިން ކުރިން ފެންނަން ހުރި ހިނިތުންވުން މުޅިން ފިލައިގެން ހިގައްޖެއެވެ. ކޮންތާކަށް ހޭ އަހާފަދަ ގޮތަކަށް ލަޔާލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ” ގޭތެރެއަށް…..” ލަޔާލް އާކިފްގެ ހިތުގައި އުފެދިދާނެ ސުވާލްގެ ޖަވާބު ދިނެވެ. އާކިފް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ.
ލަޔާލް ކުރިއަށް ޖެހިލައި އާކިފްގެ އަތުގައި ހިފައިގެން ބޭރަށް ހިނގައިގަތެވެ. ދާން ނުދާން ހުރެފައި އާކިފްވެސް ހިނގައިގަތެވެ. ބަންދު ކޮއްފައިވާ ކޮޓަރިން ނުކުމެ ގެއާ ހަމަޔަށް ދެވެންދެން އާކިފް ގޭގެ އެތަން މިތަނަށް ބަލާ ހެދިއެވެ. އަމިއްލަ ގޭގަވެސް ބީރައްޓެއްސެއް ފަދައިންނެވެ. ގޭގެ ގެންގުޅޭ ނޯކަރުންވެސް އާކިފްއަށް ބެލީ ހަމަ އެ ނަޒަރުންނެވެ. އާކިފް ދެކިލުމުގެ ނަސީބު އެމީހުންނަށްވެސް އަދި ކިރިޔާ ފެނުނީއެވެ.
އާކިފް ގެންގޮސް ހުސްކޮޓަރިއަށް ވެއްދިއެވެ. ” މިއީ އާކިފްގެ ކޮޓަރި އިނގޭ……” ލަޔާލް ކޮޓަރި ތެރެއަށް ވަންނަމުން ބުނެލިއެވެ. ” އަނެއް ކޮޓަރީގައި ގެންނަން ބޭނުން އެއްވެސް އެއްޗެއް ހުންނާނެތަ…….؟” ލަޔާލްގެ އެ ސުވާލަށް އާކިފް ދިނީ ބީރު ކަންފަތެކެވެ. ކޮޓަރީގެ އެތަން މިތަނަށް އާކިފް ބަލަން ފެށިއެވެ. ލަޔާލް ކުޑަ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ކޮޓަރިން ނުކުމެ ބޭރުން ދޮރު ލައްޕާލިއެވެ.
އިރު އޮއްސޭން ދިޔަ ވަގުތު އުޑުމަތިން ފެންނަމުން ދިޔައީ އެކި ކުލައިގެ ވިލާތަކެވެ. ގޭގެ ބެލްކަނީގައި އެކަނި މާ އެކަނި ލަޔާލް ހުއްޓިލައިގެން ހުރީ ހިޔާލްތަކަށް ގެއްލިފައެވެ. އޭރު ޖެހެމުން ދާ ވައިރޯޅިން އޭނަގެ ފަންއިސްތަށި ގަނޑުން ބޮޑުބައެއް މޫނުމަތީގައި ސަމާސާ ކުރަމުން ދިޔައެވެ.
” ޕޮއް……” ލަޔާލް ބަލާލެވުނީ މީހަކު މިހެން ބުނެލި އަޑަށެވެ. އޭނައާއި ދާދި ގާތުގައި ޝައުފް ހުއްޓިލައިގެން ހުއްޓެވެ. އެއްފަރާތް ފާރުގައު ޖައްސާކައިގެން ކަންނެތްގޮތަކަށް ހުއްޓިލައިގެން ހުރި އިރު ޝައުފްގެ ނިއްކުރި ވަނީ އޭނަގެ އިސްތަށިގަނޑުން ނވާވެފައެވެ.
” ފޫހިވެފަތަ…….” ޝައުފް އަހާލިއެވެ. ” ފާޑަކަށް……” ލަޔާލް ޖަވާބު ދިނެވެ.
” ދެން އެހެން ވިއްޔާ ލަސްނުކޮށް ހިނގާ ދާން…….” ޝައުފް ލަޔާލްގެ އަތުގައި ހިފާލިއެވެ.
” ކޮންތާކަށް؟” ލަޔާލް ހިނގައިގަންނަމުން އަހާލިއެވެ. ” ދުއްވާލަން……..” ޝައުފް އެހެން ބުނެ ލަޔާލްގެ އަތުން ދޫކޮއްލުމަށްފަހު ސިޑިން ދުއްވައިގަތެވެ. ގަރާޖުން އޭނަގެ ކާރު ނެރެގެން އައިސް ގޭގެ ޕޯޓިކޯގައި މަޑުކޮއްލިއެވެ. ލަޔާލް ކާރަށް އެރުމުން ކާރު ދުއްވާލިއެވެ. އަދި ކާރުގެ ރޭޑިޔޯއިން ލަވައެއް ޖަހާލިއެވެ.
ގާރލް ޔުއާރ މައި ލަވް
ޔުއާރ މައި ހާރޓް އެންޑް ސޯލް
ޔުއާރ މައި ޝައިނިން ސްޓާރ
މައި ލަވް އިޒް ޖަސްޓް ފޮރ ޔޫ
އައި އެމް ފީލިން ބުލޫ ލޭޑީ ވިތު އައުޓް ޔޫ
ހިތް ގައިމު މި ރީތި ލަވަ އިވެމުން ދިޔަ އިރު ޝައުފް މަޑުމަޑުން އެ ލަވަ ކިޔަމުން ގެންދިޔައެވެ. އަދި ދޭތެރެ ދޭތެރެއަކުން ލަޔާލްގެ މޫނަށް ބަލަމުން ގެންދިޔައެވެ. ލަޔާލް މީގެން އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތެވެ. ލަޔާލް އިނީ ފޫހިވެފައެވެ. ޝައުފް ކުއްލިއަކަށް ކާރުގެ ބްރެކި ޖައްސާލުމުން ސިހިގެން ގޮސް ލަޔާލް ވެއްޓުނީ ޝައުފްގެ އުނގު މައްޗަށެވެ. ޝައުފްގެ ދެއަތުން ލަޔާލްގެ ކޮނޑުގައި ހިފާލަމުން ތެދުކޮއްލިއެވެ. ޖެހޭ ނުޖެހޭ ހިސާބުގައި ދެމީހުން އެކަކު އަނެއްކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނެވެ.
” ހެލޯ……..ރޮމޭންސް ނިމިއްޖެތަ……..ތި ކާރަކާ ހެދި މުޅި މަގު މިވަނީ ކިޔުގަ ޖެހިފަ…….” މީހަކު ކާރުގެ ބިއްލޫރިގަނޑުގައި ތަޅައިގަންނަމުން ބުނެލިއެވެ. ޝައުފް ލަޔާލްގެ ކޮނޑުން ދޫކޮއްލަމުން ފަހަތް ބަލާލިއެވެ. އެތަކެއް ދުއްވާ އެއްޗިއްސެއް ބަރުގޮނު އަޅުވަ އަޅުވާ ފަހަތުގައި އެބަ ތިއްބެވެ. ޝައުފް ލާނެތް ގޮތަކަށް ހީލަމުން ކާރު ދުއްވާލިއެވެ.
އިރުއޮއްސި މުޅި މާލެތެރެއަށް ވަނީ އަނދިރިކަން ފެތުރިފައެވެ. މަގުތަކުގައި ޖަހާފައިވާ ހޮޅުބުރިތަކުން އަލިކަމެއް ހުއްޓަސް ހިތްގައިމު ކަމެއް ނެތެވެ. ފުސްވިލާތަކުން އުޑުމަތި ބަނަކޮއްލާފައި ވާއިރު ތަރިތަކާ ހަނދު ފެންނާކަށް ނެތެވެ. ބީޗްގެ މީހުން މަދު ހިސާބެއްގައި ޝައުފް އިށީނުމުން ލަޔާލްވެސް ކައިރީގައި އިށީނެވެ.
” ދިރިއުޅުމާއި މެދު ލަޔާލް ވިސްނަންތަ؟” ޝައުފް ކޮއްލީ ލަޔާލް ހީވެސް ނުކުރާ ފަދަ ސުވާލެކެވެ.
” ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމާއި މެދު ވިސްނާނެ…….އަހަރެންވެސް ވިސްނަން……..” ލަޔާލް ހަމަޖެހިލަމުން ބުނެލިއެވެ.
” ގަބޫލް ކުރަންތަ ދެމީހުންގެ މެދުގައި ގުޅުން ރަނގަޅުކަމަށް؟” ޝައުފް އަނެއް ސުވާލް ކޮއްލިއެވެ.
” ހޫމް……..”’ ދަތި އުދަނގުލުން ލަޔާލްގެ ދުލުން އެ ޖަވާބު ނުކުމިއެވެ. އަމިއްލަ ނަފްސަށް މަލާމަތް ކުރާ ހާލްގައެވެ. ހިތާ ދެކޮޅަށް އެ ދިން ޖަވާބަކީ ތެދެއް ނޫނެވެ. ޝައުފްއާ ލަޔާލްއާ ދެމެދުގައި ހިތްހަމަ ޖެހޭ ފަދަ ގުޅުމެއް މިއަދަކު ނެތެވެ. ލަޔާލްގެ ކަޅު މާޒީ އޭނަގެ ލޯ ކުރިމައްޗަށް ސިފަވާ ކޮންމެ ވަގުތަކު ޝައުފްއަށް ދެވުނު މަގާމަށް ބަދަލް އަންނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ޝައުފް އޭނައަކަށް ގޯހެއް ނޫނެވެ. ފިރިއަކު ފަރާތުން ލިބެންޖެހޭ އޯގާތެރިކަމާ ލޯބި ލިބެއެވެ. އެކަމަކު އާކިފް ފެނުނު ހިސާބުން އެ އޯގާތެރިކަމުން އެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ.
” ލަޔާލް އެއްވެސް ކަމެއް އަހަންނަށް ސިއްރު ކުރިންތަ……..ދުވަހަކުވެސް………..” ޝައުފް މިހެން އަހާލުމުން ލަޔާލް އަށް މޭގަ އަތްޖައްސާލެވުނެވެ. ” ކހިނެއްވީ………..ޝައުފްއަށް ހީވަނީތަ އަހަރެން ކަމެއް ސިއްރު ކުރާހެން…….” ލަޔާލް މަޑުމަޑުން އިދެ މިހެން އަހާލުމުން ޝައުފް ގާތަށް އައީ ހިންޏެވެ.
” ހާދަ ބިރުން……..ހެހެ ނޭނގެ ކުރީގެ މާޒީއެއް ކިޔައިދޭން ބޭނުންވެފަ އޮވެދާނެ……..” ޝައުފް ހެމުން ހެމުން ބުނެލިއެވެ. ލަޔާލް ބޯހޫރުވާލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އޭރު އެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ.
” އެނގޭތަ އަހަރެން ކިޔައިދޭން އެބައޮތް ވާހަކައެއް………ލަޔާލް އަހަރެންގެ ހަޔާތަށް އައުމުގެ ކުރިން އަހަރެން ލޯބީގެ ގޮތުން އެތަކެއް އަންހެން ކުދިންނަކާ ގުޅުން ބޭއްވިން…….އެއީ ވަގުތީ އުފަލަށްޓަކައި………ޓޯއީއެއްގެ ގޮތުން……..އެކުދިންވެސް އަހަރެންގެ ހަޔާތަށް އަންނަނީ ސީރިއަސް ވެގެންނެއް ނޫން……….އަހަރެން މުއްސަދިކަމުން ފައިދާއެއް ނެގުމަށް…….ކޮންމެ ގޮތަކަށް އަހަރެން އޭރު ހޭދަ ކުރިއަސް ލަޔާލް ފުރަތަމަ ފެނިލުމުންވެސް އަހަންނަށް ސީރިއަސް ވެވުނު………ހިތަށް އެރި ލަޔާލް ލިބިއްޖެއްޔާ އަހަރެންގެ މި ވިޔާނުދާ އުޅުން މުޅި އުމުރަށްވެސް ބަދަލްކޮއްލާނަމޭ………ކުރީގަ ކޮންމެ ރެއަކު ބާއްވާ ޕާރޓީތަކެއްވެސް ނުބާއްވަން…….” ޝައުފް ކިޔައިދެމުން ދިޔައިރު ލަޔާލްގެ ހާސްކަން ފިލަމުން ދިޔައެވެ.
ޝައުފްގެ ދިރިއުޅުމަށް ގެނައި ކޮންމެ ބަދަލަކީ ހަމައެކަނި ލަޔާލްގެ ލޯތްބަށްޓަކައި ގެނައި ބަދަލެކެވެ. ކޮންމެ ހާލެއްގަ ނަމަވެސް އޭނާ ލަޔާލްގެ ލޯބި ބޭނުމެވެ. ” އަހަރެން ދޫކޮއްލާފަ ނުދާތި…….ޕްލީސް……އަހަރެން މޮޔަވެސް ވެދާނެ……އަހަރެން ލަޔާލްގެ ލޯތްބަށްޓަކއި އެތައް ކަމެއް ގުރުބާން ކުރިކަން ދުވަހަކުވެސް ހަނދާން ނައްތާނުލާތި……..”’ ޝައުފް އާދޭހުގެ ރާގަކަށް ލަޔާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ލަޔާލްގެ ފަރާތުން ޖަވާބެއް ނުދޭތީ އެދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅެއްގެ އަޑު ނޫނީ ނެތެވެ.
” ލަޔާލްގެ ހަމަހިމޭންކަމުން އަހަރެން ޖަވާބު ދެނެގެންފިން……ޔަގީން……….ލަޔާލްއަކަށް ނުކެރޭނެ އަހަރެން ދޫކޮއްފަ ދާކަށް……” ޝައުފް ލަޔާލްގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. ” ހިނގާ ގެއަށް ދާން……” ޝައުފްގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ލަޔާލް ބުނެލީ ގެއަށް ދާން ބޭނުންވާ ވާހަކައެވެ. ޝައުފް ތެދުވެ ކާރާ ދިމާލަށް ހިނގައިގަތެވެ. ޝައުފް ގަބޫލްކުރާ ގޮތުގައި ލަޔާލް އޭނަ ދެކެ ލޯބިވެއެވެ. ލަދުވެތިކަމުން ބުނަން ނުކެރުނު ކަމުގައި ވިއަސް ލަޔާލް އަމިއްލައަށް ޝައުފްގެ ކައިރީ ލޯބިވާކަން ހާމަކޮއްދޭ ދުވަހަކީ ޝައުފް އިންތިޒާރު ކުރާ ދުވަހެކެވެ.
ކާރުގެ ދޮރު ހުޅުވާލި ވަގުތު ޝައުފްގެ ލޮލުގައި އަޅައިގަތީ ފާއިޝްއާއެކު އިން އަންހެން ކުއްޖާއެވެ. ސައިކަލްގައި އެމީހުން ތިބީ ފުރަގަހަށް ކަމުން އަންހެން ކުއްޖާ މާރަނގަޅަކަށް ނުފެނުނު ނަމަވެސް ޝައުފް އެދިމާލަށް ހިނގައިގަތީ އިމްލީ ކަމަށް ހީކޮށެވެ.
” އިމްލީ……..” ޝައުފް ކައިރިވެފަ ގޮވާލިއެވެ. އެ އަންހެން ކުއްޖާ ފަސް އެނބުރި ބަލާލިއެވެ. ޝައުފް ހައިރާންވިއެވެ. އެއީ އިމްލީ އެއް ނޫނެވެ. ފަރީޝާއެވެ.
” ދއްތަ މިތާ ކީއްކުރަނި……” ޝައުފް އަހާލިއެވެ. ” ޝައުފް ….” ފަރީޝާ ހައިރާންވެ ގޮވާލެވުނެވެ. އަދި ލަޔާލްގެ މޫނަށް ބަލާލެވުނެވެ.
” ކަމެއް ނުކުރަން……..ފާއިޝް މިއީ ޝައުފް…….ޝާންބޭގެ ކޮއްކޮއެއް……..ޝައުފް މިއީ އަހަރެންގެ ކަޒިންއެއް……” ފަރީޝާ އަވަހަށް އޮޅުވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


enjoy reading
🙂
vvvvvvvvv nice mi prt vx……kihinei vaantha mi ulheny???????????????????neyvaa hifahattaalaign mi kiyany fahuge hurihaa prt ei vx….waiting fr da nxt prt
Mi vaahaka varah reethi. Mee alhugandu kiyaafa oi vaahaka eh namaves hama kiyaalevey. Thanx zaahy
xaaahy suvaaleh kohlantha? plx answer my question!! Mi vaahaka minoon site egga ekkoh up koffa onnaanetha? btw xaaahy ge blog eh indheytha?
neem thiikury v fahkka suvaaleh xaaahy aa
i know that she has a blog
but mihaaru e blog akah nuvadheveyne goiy hadhaafa innanyy