ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)
ރޭގަނޑުގެ ވަގުތެވެ. ވަގުތަކީ މީހުން ހޭލަމޭލަވެ އުޅޭވަގުތެއްކަމުން މަދުމަދުން މީހުން މަގުހުރަސްކުރާތަން ފެނެއެވެ. ރަތްބަގީޗާގޭ ފާރުކައިރީ ލަޔާލް ހުއްޓިލައިގެން ހުރީ އޭނާގެ ބައްޕަ އިޝާނަމާދުން އަންނާނެއިރެއްގެ އިންތިޒާރުގައެވެ. ގޭގެ ވަށާފާރުނަގާފައިވަނީ ބަނޑާހަމަޔަށެވެ. ފާރުކައިރީ ހުއްޓިލައިގެން އެއްއަތުން ފާރުގައި އަތްވިއްދާލައިގެންނެވެ. ކައިރީގައި ހައްދާފައިވާ އިރުދޭމާ ގަހުން މަޑުމަޑު މީރުވަހެއް ހުއްޓެވެ. އިރުދޭމަލެއް ބިނދެލުމަށްފަހު އިސްތަށިގަނޑުގައި ޖަހާލިއެވެ. އަދި އަނެއްކާވެސް މަގާދިމާލަށް ނަޒަރު ހިންގާލިއެވެ.
”އަހަރެންގެ އިންތިޒާރުގަ ދޯ……….”
ލަޔާލް ސިހިފައި ބަލާލި އިރު ކުރިމަތީ ހުރީ އާކިފްއެވެ. ލަޔާލް ދެފަރާތަށް ބޯހޫރުވާލިއެވެ. ”ދެން ކާކުގެ…..” އާކިފް ފުންމާލަމުން ފާރުމަތީ އިށީންނަމުން އަހާލިއެވެ. ”ބައްޕަ…” ލަޔާލް މަޑުމަޑުން ބުނެލިއެވެ. އާކިފް ލަޔާލްގެ މޫނަށް ބަލާވަރުން ލަޔާލް ލަދުން އިސްޖަހާލިއެވެ. ދޯޕައްޓާ ނަގައި އޭގެ ފަސްބަޔާ ކުޅެމުން ދިޔައެވެ. ” އަހަރެން މިއައީ ޖަވާބު ބަލާ……ކޮންއިރަކު ޖަވާބު ދޭނި…” އާކިފް ޖެހިލުމެއްނެތި ލަޔާލްގެ އެއްއަތުގައި ހިފާ އާކިފްއާ ކައިރިއަށް ދަމާލިއެވެ. ” އަހަރެން…….” ލަޔާލް ހުއްޓާލިއެވެ. ލޯބިވާކަން ބުނަން ފަސްޖެހެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ތަންކޮޅެއް ދުރުން އަކްމަލް އެދިމާލަށް އަންނަތަން ފެނުނެވެ. އާކިފް ލަޔާލްގެ އަތުން ދޫކޮއްލައި ފާރުމަތިން ފޭބިއެވެ. ” ބައްޕަ އެބަ އާދޭ…..” ލަޔާލް އަކްމަލްއަށް ބަލާލަމުން ބުނެލިއެވެ.
” އަހަންނަށް ޖަވާބުދޭނީ ކޮންއިރަކުން………” އާކިފް އަހާލިއެވެ. ”ފަހުން……”
” އަހަރެން އިންތިޒާރުކުރާނަން……….އަދި އަންނާނަން މިރޭ ތަންކޮޅެއް ފަހުން…….އޭރަށް ވާއިރަށް ވިސްނާފަ ޖަވާބެއް ދޭތި……” އާކިފް ހިނގައިގަންނަމުން ބުނެލިއެވެ. ލަޔާލް ޖަވާބެއް ނުދީ އާކިފްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަކްމަލް ގޯތިތެރެއަށް ވަންނަމުން ހުއްޓިގެން ހުރި ލަޔާލްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ.
” ކާން ހަދައިފިންތަ……….”’ އަކްމަލް އަހާލިއެވެ. ބޮލުން އާއެކޭ ބުނަމުން ލަޔާލް ގޭތެރެއަށް ވަނެވެ. ގޭގެ ސިޓިންރޫމްގައި ހުރި ކުޑަމޭޒެއްގައި ކާންހަދާފައި ހުއްޓެވެ. އެ މޭޒުގެ އެއްކޮޅުގައި އީނަލް ކުޑަފޮތެއް ހިފައިގެން ކޮންމެވެސް އެއްޗެއް ލިޔަން އިނެވެ.
” އާހް……..”’ އުނަގަނޑުމަތީ އަތްއަޅައިގެން ފާޑަކަށް ހިނގަމުން ޝިފާނާ ކޮޓަރި ތެރެއިން ނުކުމެގެން އެދިމާލަށް އަންނަންފެށިއެވެ. ” މިއަދު އުނަގަނޑުގަ ރިއްސަނީތަ…..” އަކްމަލް ބަތްސުވާއެއް އަނގައަށްލަމުން އަހާލިއެވެ.
” ނުރިއްސާވަރުތަ……މިއަދު ހުރިހައި ކަމެއް ކުރަންޖެހުނީ މަށަށް…..މިހިރަ ކުއްޖަގެ ކަންނެތްކަން……ގޭގަ ކަމެއް ކޮއްލަދެނީއެއް ނޫން……” ޝިފާނާ އައިސް ގޮނޑިއެއްގައި އިށީނެވެ. ލަޔާލް ބަސްހުއްޓިފައި ހުރެވުނީ ޝިފާނާ ދުލަށް ފަސޭހަކަމާއި އެކު ދޮގެއް ހަދާލީތީއެވެ. ގޭގެ ހުރިހައި ކަމެއް ލަޔާލް ކޮށް ނިންމާލިއިރު ޝިފާނާގެ އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނެތެވެ.
” ލަޔާލް ދެން ކީއްކުރީ މިއަދު….ޝިފާނާ ބަލިވެ އުޅޭއިރު ފަސޭހަ ކޮއްލަދިނިއްޔާ ގައިން ތަނެއް އުނިވާނެތަ……..” އަކްމަލް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. ލަޔާލް އެއްޗެއް ނުބުނެ މަޑުން ހުރީ އަކްމަލް ރުޅި ގަދަވެދާނެތީއެވެ. އަކްމަލް ކައިގެން ދިއުމުން ޝިފާނާއާއި އީނަލްވެސް ކައިގެން ކޮޓަރިއަށް ދިޔައެވެ. ގޭގަ ވީ ކަންތައްތަކުގެ ސަބަބުން ހިތްހަމަ ނުޖެހި ހުރެ ލަޔާލް ގޯތި ތެރެއަށް ނުކުތެވެ. ކުޑަމިނުން އާކިފް އަންނާނެ ކަމެއް ހަނދާނެއްވެސް ނެތެވެ.
ހަނދުގެ ހަނދުވަރު ގަސްތަކަށް އެޅިފައިވުމުން ހިތްގައިމު ކަމެއް ދައްކައެވެ. ގޯތި ތެރޭގައި ބިޔަކޮން ހެދިފައިވާ ފޭރުގަސްތަކުން ހަނދުގެ ހަނދުވަރު ފޭދިގެން އައިސް ބިންމައްޗަށް ކޮކާ ހަނދުވަރު އެޅިފައި އޮތެވެ. ޖެހެމުން ދިޔައީ އުދާސްވެފައިވާ ކޮންމެ ހިތަކަށް ހަމަޖެހުން ގެނެސްދޭނެ ފަދަ ފިނި ވައިރޯޅި ތަކެކެވެ.
”ލަޔާ……” ލަޔާލް ސިހިގެން ދިޔައީ އާކިފް ގޮވާލުމުންނެވެ. އޭރު އާކިފް ގޯތިތެރެއަށް ވަދެގެން އާދެއެވެ. އާކިފް އައިސް ހުއްޓުނީ ލަޔާލްއާ ވަރަށް ކައިރީގައެވެ. ”ވިސްނައިފިންތަ……..” އާކިފް އެހެން ބުނުމުން ލަޔާލް އަވަސް އަވަހަށް ބޯޖަހާލިއެވެ. ” އަހަރެން….ވެސް…..” ލަޔާލް އެހިސާބަށް ބުނެވުނު ތަނާ އާކިފްގެ ޝަހާދަތް އިނގިލި ލަޔާލްގެ ތުންފަތުގައި ޖައްސާލިއެވެ.
” އަހަންނަށް ޖަވާބު ލިބިއްޖެ…..ވާހް…..ހާދަ އުފާވެއްޖެއޭ…….” އާކިފް ދެއަތް ދަމާލައި ފުންނޭވާއެއް ފަޒާގެ ތެރެއަށް ދުއްވާލިއެވެ. އާކިފްގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން ލަޔާލްގެ ހިތުގައި ވީ އުދާސްތައް ފިލައިގެން ދިޔަ ކަހަލއެވެ.
އާކިފް ދެލޯ ހުޅުވާލަމުން ލަޔާލްގެ އަތުގައި ހިފައިގެން ގޮސް މަޑުކޮއްލީ ފޭރު ގަސްދޮށުގައެވެ. ޖީބުން ކުޑަ ވަޅިއެއް ނަގައި ފޭރުގަހުގައި ދުވަހުގެ ތާރީހް ކަޑާ ނަގައިފިއެވެ.
” މިއަދުގެ މަތިން އަހަރެމެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ދޯ……މިއީ އަހަރެމެން ދެމީހުންގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އެރި ރޭ…….ލައިލާއާ މަޖުނޫނު ނޫނަސް ތެދުވެރި ހަގީގީ ލޯތްބެއް އަހަރެމެންވެސް ވާނެ……” އާކިފްގެ ފަށުވި ބަސްތަކުން ލަޔާލްގެ ހިތް ފަތަހަކޮއްލިއެވެ. ލަޔާލްގެ އަނގައިން ނުކުތް ލުއި ހީލުމުގެ އަޑާއި އެކު ހިނިތުންވުމުގެ ކުލަވަރު އޭނެގ ދެލޮލާ ހަމަޔަށް ފޯރައިފިއެވެ. އެރޭ ދެމީހުން ވަކިވީ އެތަކެއް ވައުދުތަކެއް ވުމަށްފަހުއެވެ
އާދުވަހަކަށް އިރު އަރައިފިއެވެ. ލަޔާލްގެ މޫނުމަތިން މިއަދު ދުވަހަކުވެސް ނުފެންނަވަރުގެ އުފާވެރިކަމެއް ފެންނަން ހުއްޓެވެ. އަމިއްލައަށް ހުރެ ހީލާ މަންޒަރު ޝިފާނާއަށްވެސް ފެނުނެވެ. މިއަދު ލަޔާލްގެ އަތްމަތި އަވަހެވެ. ހީވާގޮތުން ތާކަށް ދާންވެފައި ވާތީ ކުރިއަށް މަސައްކަތްކޮޅު ނިންމާލަނީއެވެ. ” ލަޔާ……..މިއައީ އަހަރެމެން…..” ފާރުކައިރީ މަޑުކޮއްލަމުން މަރީ ގޮވާލިއެވެ. އާދައިގެ މަތިން މިއަދުވެސް އެމީހުން އެކުގައި ފެންބަލާ ދާން ލަޔާލް ބަލާއައީއެވެ. އަށިމަތީ ބަންޑުން އޮތް ބަނޑިޔާ ނަގައިގެން ލަޔާލް އެމީހުންނާ ދިމާލަށް ހިނގައިގަތެވެ.
” އަހްސަން ބުނި ތިގޭ ދޮށުގަ މާބުރެއް އުދުހޭ ވާހަކަ ތެދެއްތަ…..” މަރީ ނުސީދާ ގޮތަކަށް ބުނެލިއެއް ކަމަކު ލަޔާލްއަށް އެކަން ވިސްނުނެވެ. ” އަހްސަން މަރީއާ ވާހަކަ ދައްކަން ފެށީތަ……” ލަޔާލްވެސް މަރީއާ ސުވާލެއް ކޮއްލިއެވެ. ” އާން ……..މިހާރު ހުރިހައި ކަމެއްވެސް ރަނގަޅު……” މަރީ ހަމަޖެހިލާފައި ބުނެލިއެވެ. ” ތިޔަ ދެމީހުންގެ ގުޅުން މިފަހަރު ކިހާ ހިސާބަކަށް ދާނެބާ……ތިއީ އަރަތެއް ކަހަލަ ދެމީހުން..އެއްދުވަހު ވަރަށް ގުޅޭނެ……ލޯބިން ނުފޮޅުވާ މަލެއް ނޯންނާނެ……އެކަމަކު އަނެއްދުވަހު ކަނޑިއާ ކަނޑި…….” ލަޔާލް ބުނެލިއެވެ. ” ހޫމް……………އިއްޔެވެސް ކިޔާލި އަސަރު ގަދަ ލަވައެއް………..އެއީ އަދި ރުޅިއައިސް ތިބި އިރު………ރޮމޭންޓިކު ވަގުތުތަކުގައި ފަރިއްސެއް ކަންނޭނގެ ކިޔާނި…..” ޝާނީ ހެމުން ހެމުން ބުނެލިއެވެ. ލަޔާލްވެސް ޝާނީއާ އެއްބައި ވެލުމުގެ ގޮތުން ހީލިއެވެ.
” ދެން ހެޔޮ…ލަޔާލް ކައިރީ އެއްޗެކޭ އެހީމަ ވާހަކަ އަޑިއަށް ލީވަރު ބަލާބަލަ…………ޝާނީއަށް އެނގޭތަ އެއްކަލަ ގަނޑުކޮޅު ފޮނުވި ކުއްޖާ ލަޔާގެ ގޭދޮށުން ދުރަށްވެސް ނުދޭ…….އަބަދު އެގޭ ދޮށުގައި…….” މަރީ އޭނައަށް ލަޔާލްއާ އާކިފްގެ ގުޅުން އެނގޭކަން އަންގާލިއެވެ. ” އެތެދެއް……..” ޝާނީ ލަޔާލް ކުރެ އަހާލިއެވެ. ” ހޫމް…..”
” ހުމްހޫމްމްމްމް…….” ލަޔާލް ހޫމްއޭ ބުނެލުމުން މަރީއާ ޝާނީވެސް އެހެން ބުނެލިއެވެ.
މުޅި ދުވަސް ހޭދަވެގެން ދިޔައީ ވަރަށް ދިގު އިންތިޒާރަކަށް ފަހުއެވެ. ލަޔާލް ކެއްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ އާކިފްއާ ބައްދަލްވާނެ އިރަކަށެވެ. ރޭގަނޑުގެ ކެއުމަށްފަހު ލަޔާލް ނުކުމެ ބޭރު ޖޯލީގައި އިނެވެ. ގޭގެ ދޮރު ހުޅުވާފައި ހުރުމުން މެދުގޭގަ އިން ގަޑި ފެންނަން ހުއްޓެވެ. ކަށީގެ ފަތިގަނޑާ ދިމާލަށް ކަޅިވެސް ޖަހާނުލައި ބަލަން އިނެވެ.
ފަހަތުން އައިސް ލަޔާލްގެ މޫނުގައި މީހަކު އަތްއެޅިއެވެ. ” ކާކު…” ލަޔާލް އޭނަގެ އަތުން އޭނަގެ މޫނުމަތީ އަޅާފައިވާ އަތްނެގޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ” އާކިފްތަ……..”’ ލަޔާލް އަހާލިއެވެ. އެއާއި އެކު ހިނިގަނޑެއް ޖަހާލަމުން ލަޔާލްގެ ލޯމަތީ އަޅާފައިވާ އާކިފްގެ އަތް ނަގަމުން އައިސް ކައިރީގައި އިށީނެވެ. އެވަގުތަކީ ޝިފާނާ އީނަލްއަށް ފެންފޮދެއް ބަލައި ކޮޓަރިން ނުކުތް ވަގުތެވެ. ލަޔާލް ކައިރީ އިން ބީރައްޓެހި ޒުވާނާ ފެނުމުން ޝިފާނާއަށް ބަލަން ހުރެވުނެވެ.
” ހިނގާ ހިނގާލަންދާން…..ހަނދުވަރު ދޭ ރޭރޭ އަތިރިމަތި ވަރަށް ހިތްގައިމު ވާނެ……..” އާކިފް ޖޯލިން ތެދުވަމުން ލަޔާލްއަށް އަތްދިކޮއްލިއެވެ. ލަޔާލްގެ އޭނަގެ އަތްތިލަ އާކިފްގެ މުށުތެރެއަށް ލަމުން ޖޯލިން ތެދުވިއެވެ. ދެމީހުން އެކުގައި ބޭރަށް ނުކުމެގެން ދަންދެން ޝިފާނާ ބަލަން ހުއްޓެވެ.
ގޮނޑުދޮށުގެ ހިމުން ސާފު ދޮންވެލިގަނޑަށް އެޅިފައިވާ ހަނދުގެ ރިހި އަލިން ބަބުޅަމުން ދިޔައެވެ. މޫދުގެ ލޮނުގަނޑުވެސް ވަނީ ރިހީގެ ސާލެއް ލެވިފައެވެ. ކަނޑުނެ ޖެހެމުން ދިޔަ ފިނިވައިރޯޅި ހުރަހެއް ނެތި ލަޔާލްގެ އިސްތަށިގަނޑުގައި ބީހެމުން ދިޔައެވެ. އެބީހުންތަކުން ރޫޅާލެވިފައިވާ އިސްތަށިގަނޑު އައިސް މޫނުގައި ސަމާސާ ކުރަމުން ދިޔައެވެ. އަތިރިމަތީ ރީތިހިސާބެއްގައި ލަޔާލް އާއި އާކިފް އިށީދެލިއެވެ. ލަޔާލްގެ އުނގުގައި އާކިފް ބޯއަޅާލިއެވެ.
”ބަލާބަލަ އުޑަށް….” އާކިފް އަތުން އިޝާރަތްކުރަމުން ބުނެލިއެވެ. ލަޔާލް އިސްއުފުލާ ބަލާލިއެވެ.
” އުޑުމަތީގައިވާ ތަރިތަކަށް ބަލާފައި އަހަރެން މަތިން ހަނދާންކުރާތި….ތަރިތައް އުޑުގެ ފަޅުފިލުވައިދޭ ފަދައިން ތިޔަ ހަޔާތުގެ ފަޅުކަން އަހަރެން ފިލުވައިދޭނަން….” އާކިފް ލަޔާލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” ވަކި ކަމަކާ ގުޅުވައިގެންނެއް ނޫން މީހަކު މަތިން ހަނދާންކުރަނީ……އުޑުމަތިން ތަރި ނުފެންނަ ރޭރޭވެސް މަދެއް ނުވާނެ…….އެފަދަ ރޭރޭވެސް އަހަރެން އާކިފް މަތިން ހަނދާންކުރާނަން………..އާކިފްގެ ކޮންމެ ހަނދާނެއް މިހިތުގައި ފޮރުވާނަން……..” ލަޔާލްގެ ފަރާތުން އައީ ޔަގީންކަމެވެ.
” އަހަރެން ދެކެ އަބަދުވެސް ލޯބިވާތި……” އާކިފް ހީލިއެވެ. އާކިފް ލަޔާލްގެ މޫނަށް ބަލަހައްޓައިގެން އޮތެވެ. މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހިތްގައިމު ރާގަކަށް ގޮނޑު ދޮށަށް ބީއްސާލާ ރާޅެއްގެ އަޑު ނޫނީ ނީވެއެވެ.
” އާކިފް އަހަރެން ދެކެ ވަރަށް ލޯބިވޭތަ………” ލަޔާލްގެ އަޑުން އެ ހަމަހިމޭންކަން ނަގާލިއެވެ. ” އާން…….އެކަމަކު ތީ ދެވަނަ…..” އާކިފްގެ މި ޖުމްލައިން ލަޔާލްގެ މޫނުމަތީގައިވި މައުސޫމް ހިނިތުންވުން ފަޑުވެގެން ދިޔައެވެ. ” ދެން އެހެންވީއރު ފުރަތަމ ލޯބިވަނީ ކާކުދެކެ………” ލަޔާލްގެ މޫނު އަނެއްފަރާތަށް އަނބުރާލަމުން މާޔޫސީ ރާގެއްގައި ބުނެލިއެވެ.
އާކިފް ތެދުވެ ލަޔާލްގެ މޫނަށް ބަލާލިއެވެ. ދަތްދޮޅީގައި ހިފާ އާކިފްއާ ދިމާލަށް އަނބުރާލިއެވެ. ” އަހަރެން މަންމަދެކެ އެންމެ ލޯބިވަނި……އެކަމަކު ބުނަން……ލަޔާލް ދެކެވެސް ހަމަ ވަރަށް ވަރަށް ލޯބިވޭ…….” އާކިފްގެ މި ޖުމްލައި ލަޔާލްގެ މޫނުމަތިން ގެއްލުނު ހިނިތުންވުން އަނބުރާ ލިބިގެން ދިޔައެވެ. ” ހިނގާދާން…..މިހާރު މާ ލަސްވެއްޖެ……..” އާކިފްގެ އަތުގައި ހިފާލަމުން ލަޔާލް ތެދުވިއެވެ.
ގެއާ ހަމަޔަށް ދެވުމާއި އެކު ލަޔާލް ގަޔާ ކައިރި ކޮއްލަމުން އާކިފް ބުނެލިއެވެ. ” ވަރަށް ބާއްޖަވެރި ރޭގަނޑަކަށް އެދެން……” ލަޔާލްވެސް ހަމަ އެފަދައިން ވިޝް ކޮއްލުމަށްފަހު ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ލަޔާލް ގޭތެރެއަށްވަދެ ދޮރު ލައްޕާލުމާއި އެކު ޝިފާނާ ބުނެލިއެވެ. ” މާ ރީތި ގޮތަކަށް ނޫން ތިއުޅެނީ…….ރަށަށް އަރާހާ ބީރައްޓެއްސެއް ފަހަތުން ތި ދުވަނީ އެއްވެސް ވަރަކަށް އޭނަގެ ހަގީގަތެއް އެނގިގެންތަ………..ރާއްޖެތެރެއަށް އެހެން އަންނަ މީހުން ގިނަ ފަހަރު އޮންނާނި ކޮންމެވެސް މަކަރެއް ހަދާފަ……..މީހުންނާ އިދެގެން އުޅުނަސް ރީތި ކުދިން ފަހަތުން ދުވަންފަށާނެ……..” ޝިފާނާ ފައްޗަކަށް އަމުނާލިއެވެ.
” މަންމާ އާކިފްއަކީ އެކަހަލަ މީހެއް ނޫން……..”’ ލަޔާލް އާކިފް ދިފާއު ކުރިއެވެ. ” ކޮންމެހެން އޭނަ ރަނގަޅު ކުރާނެ ކަމެއްނެތް………އޭނަ ކޮންއިރަކު ދަސްވެގެން ތިއުޅެނީ……އޭނެގ ފަރާތުން ބޮނޑިއެއް ނުހޯދާތި…….މަރީނާމެންގޭ ހަމްދާއަށް ވީ ގޮތް އެންމެ ރަނގަޅަށް އެނގޭނެ ލަޔާލްއަށް……….މާލެއިން މީހަކު އަންނަ އިރަށް މަށަށް މަށަށް ގޮވަމުން ދުވާނެ ……” ޝިފާނާ ދުލަށް އައިހާ އެއްޗެއް ކިޔުމަށްފަހު ކޮޓަރިއަށް ވަނެވެ. ޝިފާނާ ކޮންމެ އެއްޗެއް ކީ ނަމަވެސް ލަޔާލްގެ ފަރުވާލެއް ނެތެވެ. އަޅާއިވެސް ނުލާ ކޮޓަރިއަށް ވަނެވެ.
އާދުވަހެކެވެ. ލަޔާލް ގޭދޮރުމަތި ކުނިކަހަން ލަޔާލް އޮތް އިރު ކުރިމަތީ ހުރި ރޯނު އެނދެއްގައި ޝިފާނާ ނޫހެއް ކިޔަން އިނެވެ.
” ލަޔާ…..ލަޔާ…….” މާނޭވާ ލަމުން މަރީ ދުވެފައި އައިސް އެގެއަށް ވަނެވެ. ލަޔާލް ހައިރާންވެ މަރީގެ މޫނަށް ބަލަން ހުއްޓެވެ.
” އާކިފް ފުރަން ހިގައްޖެ…..” މަރީ ބުނެލިއެވެ. ލަޔާލް ހިފަހައްޓައިގެން ހުރި އިލޮށިފަތި އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ޝިފާނާ ދެލޯ ބޮޑުކޮއްލައިގެން އެދިމާލަށް ބަލަން އިނެވެ. މަރީ ލަޔާލްގެ އަތުގައި ހިފައިގެން ދުއްވައިގަނެވެ. އެދެމީހުންގެ މިސްރާބު ހުރީ އަތިރިމައްޗާ ދިމާލަށެވެ. އަތިރިމައްޗަށް ނުކުމެވުން އިރު ކާނިގަހެއްގެ ދޮށުގައި އާކިފް ދަބަސްކޮނޑުގައި އަޅުވާލައިގެން ހުއްޓެވެ.
”އާކިފް…..” ލަޔާލް މަޑުމަޑުން ގޮވާލިއެވެ.
އާކިފް ފަސްއެނބުރި ބަލާލި އިރު އެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. މަރީ އާ އަހްސަން އެދެމީހުންނަށް ވާހަކަ ދައްކާލުމަށް ފުރުސަތު ދިނުމަށް ދުރަށް ޖެހިލިއެވެ. ” ދަނީތަ..” ލަޔާލް އަހާލިއެވެ. އާކިފް ބޯޖަހާލިއެވެ.
” އަހަރެން ވަރަށް އަވަހަށް އަންނާނަން…..” އާކިފް ދެލޯ ފޮހެލަމުން ބުނެލިއެވެ.
” މަންމަ ކުއްލިއަކަށް ބަލިވެގެން މިދަނީ……މަންމަ ރަނގަޅުވީހާ އަވަހަކަށް އެނބުރި އަންނާނަން…..އަހަންނަށް އިންތިޒާރުކުރާތި…..” އާކިފް ލަޔާލްގެ އަތުގައި ހިފާލިއެވެ. ”މުޅި އުމުރަށްވެސް…….އިންތިޒާރުކުރާނަން….” ލަޔާލް ބުނެލިއެވެ. ލޯންޗު އައިސް ފާލަމާ ކައިރިކޮއްލުމުން އާކިފް ލަޔާލްގެ މޫނަށް ބަލާލިއެވެ. ދެއަތުން ލަޔާލްގެ މޫނުގައި ހިފާލަމުން ނިއްކުރީގައި ބޮސްދިނެވެ. އަތިރިމަތީ ކިތައްމެ ގިނަ މީހުންނެއް ތިބި ނަމަވެސް އާކިފްގެ ފަރުވާލެއް ނެތެވެ. އާކިފް އެންމެ ފަހު ވަގުތު ލަޔާލް އަތުން ދޫކޮއްލަމުން ލޯންޗާ ދިމާލަށް ހިނގައިގަތެވެ. ލަޔާލް ފެންކަޅިވެފައިވާ ދެލޮލުން އާކިފްއަށް ބަލަން ހުއްޓެވެ.
ލަޔާލް ސިހިފައި ހިޔާލްތަކުން އާދެވުނީ ސައިޑް ޓޭބަލް މަތީ އިން ގަޑި ސޯނާވާންފެށުމުންނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ލަޔާލް ތެދުވެ އެނދުގައި އިށީނެވެ. މޯޅިއަކަށް ދެމިލަމުން ޝައުފްވެސް ތެދުވެ ސޯނާވަމުން ދިޔަ ގަޑި ނިއްވާލިއެވެ. ލަޔާލް ހުއްޓުން އަރާފަ އިންގޮތަށް އިންދާ ޝައުފް ގޮސް ފާހާނާއަށް ވަނެވެ.
ޝައުފް މޫނުދޮވެލައިގެން ނިކުމެ ލަޔާލް ކައިރީ ހުއްޓުނެވެ. ލަޔާލްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ޝައުފް ހީކުރީ ރޭގަ ހަރުކަށިކޮން ވާހަކަ ދެއްކުނީތީ އެކަމާ ދެރަވެފައި އިނީކަމަށެވެ. ލަޔާލް ކުރިމަތީ ކަކޫ ޖަހައި ލަޔާލްގެ އުނގުގައި ބޯއަޅާލިއެވެ.
” އަހަންނަށް މަޢާފްކޮއްދީ……..” ލަޔާލް އަނެއްކާވެސް ސިހުނީ ޝައުފް އެހެން ބުނެލި އަޑަށެވެ. ” އަހަރެން ހިތްހަމަ ނުޖެހުނު ވަރުން ބާރަށް އެއްޗެކޭ ބުނެވުނީ……ސޮރީ..” ޝައުފް އަނެއްކާވެސް ބުނެލިއެވެ. ލަޔާލްގެ ފަރާތުން ޖަވާބެއް ނައުމުން ޝައުފް އިސްއުފުލާ ލަޔާލްގެ މޫނަށް ބަލާލިއެވެ. ” އަހަރެން މައާފްކޮއްފިން…….އެކަމަކު އަހަންނަށް ބުނެދީބަލަ ކީއްވެތަ އާކިފް މޮޔަވީ…” ލަޔާލްއަށް އަހާލެވުނެވެ. ޝައުފް ތެދުވެ ގޮސް ދުރުގައި ހުއްޓި ލަޔާލްއާ ފުރަގަސް ދިނެވެ.
” އެއީ ދޯ…..ބޭބެ އެންމެ ކުޑައިރުން ސުރެ …..މިބުނީ އުފެދުމުގައިވެސް ހުރި ސިކުނޑީގެ އުނިކަމެއްގެ ސަބަބުން އެހެން ވީ…..”’ ޝައުފް އެހެން ބުނުމުން ލަޔާލް ހައިރާންވިއެވެ. ކަޑައެޅިގެން އެ ހެދީ ދޮގެއްކަން ލަޔާލްއަށް ޔަގީނެވެ.
” ދެން ފަރުވާދީގެން ރަނގަޅުކުރެވޭތޯއެއް ނުބަލަންތަ….” ލަޔާލް ގަސްތުގައި އެހެން އެހީ ޝައުފް ބުނަނީ ކީކޭތޯ ބަލާށެވެ.
” ނޫން……..ކުރެވެން އޮތް ހުރިހައި ފަރުވާއެއް ދިނިން……..އެކަމަކު ހުރހައި ޑޮކްޓަރުންވެސް އުއްމީދު ކަޑާލައިފި………” ޝައުފް ދެރަވާގޮތް މޫނުމައްޗަށް ހަދާލަމުން ލަޔާލްގެ މޫނަށް ބަލާލިއެވެ.
” ދެން ކީއްވެ މޮޔައިންގެ މަރުކަޒަކަށް ނުގެންދަނީ…….” ލަޔާލް އަހާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއި އެކު ޝައުފްގެ މޫނަށް ބަލާލިއެވެ. ” އަހަރެމެން ބޭނުމެއް ނޫން އަހަރެމެންގެ ބޭބެއެއް އެހެން ތާކަށް……އަހަރެމެންގެ ލޯމަތިން ދުރަށް ގެންދާކަށް…….” ޝައުފް ބުނެލިއެވެ.
” ގަޑިވެސް ޖެހެނީ ދޯ……….ގޭގަ ހުންނަން ފޫހިވާތީ ބައްޕަ ކައިރީ ބުނެފަ އިންނާނެ މިއަދު އޮފީހަށް ދާނެވާހަކަ…….” ޝައުފް ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ބުނެލިއެވެ. ލަޔާލްގެ ފަރާތުން އިތުރު ސުވާލެއް އަތުވެދާނެތީ ޝައުފް ބޭނުންވަނީ އެތަނުން ދާށެވެ.
ޝައުފް ނުކުމެގެން ދިއުމުން ލަޔާލް ހައިރާންވެ ބަލަން ހުރެވުނެވެ. ޝައުފް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ އާކިފް މޮޔަވާންވީ ކީއްވެހެއްޔެވެ؟ ހަތަރަ އަހަރުތެރޭ އެތައް ކަމެއް ބަދަލްވެގެން ދިޔައީ ކީއްވެހެއްޔެވެ؟ ލަޔާލް ބޭނުންވީ އެ ހަގީގަތް ހޯދާށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)
3 Comments
Comments are closed.
enjoy reading
🙂
Nice story
Next part kn irakun… v v v nyc… Kyp it up… Tgc