
ލޯތްބަށްޓަކައި (ހަތްވަނަ ބައި)
ކޮޓަރި ދޮރު ލައްޕާލުމަށްފަހު ޝިފާނާ ނުކުތުމާއި އެކު ލަޔާލްގެ ރުއިމުގެ އަޑުން ކޮޓަރި ގުގުމަން ފެށިއެވެ. ހުދުކުލައިގެ ލޯ ކުޑަ ހިނދުކޮޅެއްތެރޭ ރަތްވެގެން ދިޔައެވެ. މުޅި މޫނު ރަތްވެގެން ދިޔައެވެ. ބާލީހުގައި އޮޅުލައިގަނެގެން އޮވެ ރޮމުން ދިޔައިރު ހިތާހިތުން އަމިއްލަ ތަގްދީރާ ދޭތެރޭ ޝަކުވާ ކުރެވެމުން ދިޔައެވެ .
އިޝާ ނަމާދު ބަންދި ގޮވުމާއި އެކު ލަޔާލް ތެދުވެ ނަމާދުކޮއްލިއެވެ. ނަމާދުކޮށް ނިމުމުން ދެއަތް ނަގައި ދުޢާ ދެންނެވިއެވެ. މިނޫން ގޮތެއް އޭނައަށް ދެއްކެވުމަށެވެ. އާކިފް އޭނަގެ ހަޔާތަށް އެނބުރި ގެނެސްދިނުމަށެވެ. ހަތަރު އަހަރުވެގެން ދިޔައ އިރުވެސް އާކިފްގެ ހަބަރެއް ނުވުމުންވެސް ލަޔާލްގެ ހިތުގައި އެ ލޯތްބަށް ދެވިފައިވާ ދަރަޖައަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޝައްކެއް އދި އުނިކަމެއްވެސް ނުގެނެއެވެ. ފޫހިކަމެއް ނެތި އިންތިޒާރުކުރަނީ އޭނަގެ ހިތުގައިވާ އުއްމީދެއްގެ ސަބަބުންނެވެ.
އިމްލީ އާއި ފާއިޝް ތިބީ އިމްލީގެ ސްކޫލްގެ ދޮރުމަތީއެވެ. އިމްލީ ސްކޫލް ޔުނީފޯރމްގައި ސްކޫލަށް ދިއުމުގެ ބަހަނާގައި ގެއިން ނުކުމީ ފާއިޝްއާ ބައްދަލުކޮއްލުމަށް އެ ހިތް އެދެމުން ދާތީއެވެ. ”މިތާ ނުތިބެ ކޮންމެވެސް އެހެން ތާކަށް ދާންހިނގާ……” ފާއިޝް އިމްލީގެ މޫނަށް ބަލާލިއެވެ. ”ކޮންތާކަށް ވަކި ދާނީ….” އިމްލީ މަގުމައްޗަށް ބަލާލިއެވެ. މަގުމަތީގައިވަނީ ހަލަބޮލި ކަމެވެ. މެދު ކެނޑުމެއްނެތި މަގުމަތިން ހިނގާ ބިނގާވެ މީހުން އުޅެއެވެ. ” އހަަރެންނާއެކު ހިނގާ…..” ފާއިޝް އިމްލީގެ އަތުގައި ހިފާލިއެވެ. ދެމީހުން އެކުއެކީގައި ހިނގައިގަތީ ޕާރކިން ޒޯންގައި ބެހެއްޓިފައިވާ ފާއިޝްގެ ސައިކަލާ ދިމާލަށެވެ. ފާއިޝް ސައިކަލްގައި ދުއްވާލިއެވެ.
ހަނި ގޯޅިގަނޑަކުން އައިސް ފާއިޝް ހުއްޓުނީ ގެސްޓް ހައުސްއެއްގެ ކުރިމައްޗަށެވެ. އިމްލީ ބަހެއްނެތި ފާއިޝްގެ ފަހަތުން ހިނގައިގަތެވެ. ގެސްޓް ހައުސްގެ ރޫމެއް ހިފައި އިމްލީގެ އަތުގައި ހިފައިގެން ރޫމަށް ފާއިޝް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ ފާއިޝް އިމްލީގެ ގައިގަ ބައްދާލިއެވެ. އިމްލީ ދެއަތުން ފާއިޝް ދުރުކޮއްލިއެވެ.
” އަހަރެން އެކަހެރިކޮން ބައްދަލްކޮއްލަން ބޭނުންވީ ބޮޑު ވާހަކައެއް ދައްކާލަންވެގެން….” އިމްލީ ޖެހިލުންވެ ހުރެ ބުނެލިއެވެ. މިފަދަ ގަޑިއެއްގަ އެކަހެރިކޮން ފާއިޝްއާ ދެމީހުން ތިއްބައި މީހަކު ރިޕޯރޓްކޮއްފާނެ ކަމުގެ ބިރު އިމްލީގެ ހިތުގައި ވެއެވެ. ”މަށަށް ފެންނަނީ ދޮރު ހުޅުވާފަ ބަހައްޓަން…..” އިމްލީ ބަލައިލީ ލައްޕާފައިވާ ދޮރަށެވެ. ”ކީއްކުރަން……އަހަރެމެން ނުކުރަން ކަމެއް……” ފާއިޝް ބުނެލިއެވެ. ”ތިކަން އެނގެނި އަހަރެމެން ދެމީހުންނަން……މީހުން ހިތަކަށް ނާރާނެ ތިއެއް……..” އިމްލީ އެނދުން ތެދުވަން އުޅުނެވެ. ” ތި ނުދެއްކިގެން އުޅޭ ވާހަކަ ދައްކާބަލަ…..” ފާއިޝް އިމްލީ ހުއްޓުވިއެވެ.
” ރޭގަ ހިނގި ކަންތައްތަކުގެ ސަބަބުން އަހަރެން ވަރަށް ދެރަވެ ލަދު ގަންނަން……އަހަރެންނަކަށް ނޭނގެ ކީއްވެކަމެއް އެފަދަ ކަމެއް ކުރެވުނީ……އަހަރެން ވަރަށް ދެރަވާނެ ފާއިޝް އަހަރެން ދޫކޮއްލައިފިއްޔާ……..އޭރުން އަހަރެންގެ ހަޔާތް ބޭކާރުވެގެން އެދިޔައީ….” އިމްލީގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ” އޯހް ބޭބީ….ޑޯންޓް ކުރައި..އަހަރެން އިމްލީ ދޫކޮށެއް ނުލާނަން…..ދުވަހަކުވެސް…..ރޭގަ އަހަރެން އެހެން ކަންތައްކުރީ އިމްލީ އާދޭސް ކުރާވަރުން…….އިމްލީ އަހަރެން ދާންއުޅެނިކޮން އަހަރެންގެ އަތުގައި ހިފާ އާދޭސް ކުރަން ފެށި….” ފާއިޝް ބުނެލިއެވެ. އިމްލީގެ ބޮލަށް ހުރިހައި ކަމެއް ކަޑާލިއެވެ. އިމްލީއަށް ވާނުވާ ނޭނގޭތީ ފާއިޝް ދެއްކި ވާހަކަތައް ގަބޫލްކޮށް އަމިއްލަ ބޮލުގައި އެކަންތައް އަޅުވައިލީއެވެ.
” އެނގޭތަ ލަޔާލް ބުނި އެއްޗެއް…ފާއިޝް ތީ ރަނގަޅު ކުއްޖެއް ނޫނޭ…..އހަަރެން ގަބޫލެއް ނުކުރަން…ފާއިޝްގެ ގޮތް އެނގޭނި މަށަށް އޭނައަށް ވުރެ…” އިމްލީ ފާއިޝްގެ މޫނަށް ބަލާލިއެވެ. ” ލަޔާލް ދައްކާ ވާހަކަ ގަބޫލް ނުކުރައްޗޭ…….އޭނަ އަސްލު އުޅެނި މަށާ ހެދި….އެހެންވެ އެކަހަލަ ވާހަކަ ދައްކަނި….އިމްލީ އަހަންނަށް އިތުބާރު ކުރަން ދޯ……” ފާއިޝް މަކަރުވެރިކަމާއެކު ބުނެލިއެވެ. ” އާން.”’ އިމްލީ ކުރުގޮތަކަށް ބުނެލިއެވެ. ފާއިޝް މަޑުމަޑުން އިނދެ އިމްލީގެ ޔުނީފޯރމްގެ ގޮށްރައް ނައްޓަން ފެށިއެވެ. އިމްލީ އެނދުން ތެދުވެ ދުރަށް ޖެހިލިއެވެ.
” ފާއިޝް ހިނގާ ދާން…..” އިމްލީ ތެދުވެގެން އަންނަ ފާއިޝްއަށް ބުނެލިއެވެ. އިމްލީ ބުނި އެއްޗެއް އަޑު އިވުނުކަމަށްވެސް ނުހަދާ އިމްލީއާ ކައިރިވަމުން ދިޔައެވެ. ” ފާއިޝް….” އިމްލީ އަށް ބުނެލެވުނެވެ. ”ޝްޝްޝް” ފާއިޝް އިނގިލިން ވާހަކަ ނުދެއްކުމަށް ބުނެލިއެވެ
” ނޫން ފާއިޝް…..ރޭގަ ކުރި ފާފަ ދެވަނަ ފަހަރަށް ރިޕީޓް ކުރާކަށް ބޭނުމެއް ނޫން……” އިމްލީ ފާއިޝްއާ ދުރަށް ދާން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ފާއިޝް އިމްލީ ދެއަތުން ހައްޔަރު ކޮއްލިއެވެ. ” ކޮބާ މައްސަލައަކީ……ދެވަނަ ފަހަރަށްވެސް ކުރެވިދާނެ……ނުކުރާކަމަށް ވާނެތަ…….އިމްލީ އަހަންނަށް އިތުބާރު ނުކުރަންދޯ………އަހަރެން އިމްލީ ދޫކޮށެއް ނޫލާނަން…….އަހަރެން އިމްލީ ކިޔަވައި ނިމުނުހާ އަވަހަކަށް ކައިވެނި ކުރާނަން……” ފާއިޝް އިމްލީ އަތްދަނޑި މައްޗަށް ލައިގެން ގެނެސް އެނދުގައި ބާއްވާލިއެވެ. އިމްލީ ތެދުވަން މަސައްކަތް ކުރިއެވެ.
” އޯކޭ އިމްލީ އަހަންނަށް އިތުބާރު ނުކުރަންޏާ ދިޔަޔަސް…..އަހަރެންނަށް އިތުބާރު ނުކުރާމީހެއް އަހަރެން ބޭނުމެއް ނޫން….” ފާއިޝް ރުޅި އައިސް ބުނެލިއެވެ. ފާއިޝްއަށް އިމްލީ ދެރަވާނެކަން އެނގެއެވެ. މޮޅު ވާހަކަތައް ދައްކައިގެން ދަލު ޖައްސާފަދައިން ބިރު ދައްކައިގެން އޭނައަށް އެ އުފާ ހޯދިދާނެއެވެ.
” އަހަރެން ފާއިޝްއަށް އތިބާރު ކުރަން….އަހަރެން އެ މާނައެއްގައެއް ނޫން…އެކަމަކު…..” އިމްލީ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރިއަކަ ފާއިޝްއެއް ނުދިނެވެ. އިމްލީ އެނދުގައި ބާއްވާލަމުން ކުރިއަށް ވުރެ ކައިރިވެލިއެވެ.
ސޯފީ ސިޓިން ރޫމްގައި މަޑުކޮއްލައިގެން އިނެވެ. އެއް ފަހަރު ދޮރަށް އަނެއްފަހަރު ފޯނަށް ބަލާލެވެއެވެ. ސޯފީ ދެކަމަކަށް އިންތިޒާރުކުރެވެމުން ދިޔައެވެ. އެއްކަމަކީ އިމްލީއެވެ. ކުލާހަށް ގޮސް އަންނަން ޖެހޭ ގަޑި ޖެހިގެން ފާއިތު ވީއިރުވެސް އަދިވެސް ނާންނާތީއެވެ. އަނެއްކޮޅުން ޝިފާނާގެ ފަރާތުން ލިބޭ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ.
ފޯނުގެ އަޑުން ސިޓިން ރޫމްގެ ހަމަހިމޭންކަން ދުއްވާލިއެވެ. ސޯފީ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. ” ސޯފީ މިއީ ޝިފާނާ…” ޝިފާނާ ބުނެލިއެވެ. ” އެހެންތަ އަހަރެން ތި ފޯނުގެ އިންތިޒާރުގައި މިއިނީވެސް…….ލަޔާ ކީކޭ ބުނީ….” ސޯފީ އަހާލިއެވެ.
” އާއެކޭ ބުނީ….ލަޔާ ވަރަށް ގަޔާވޭ ޝައުފްދެކެ…އަދި ލޯބިވެސް ވޭ….އަސްލު ޝައުފް ކުރިމަތީ ލަދުން އާއެކޭ ބުނަން ނުކެރުނީ…..” ޝިފާނާގެ ޖަވާބުން ސޯފީގެ މޫނުމަތި އުފާވެރިކަމުން ބަބުޅަން ފެށިއެވެ. ” ހާދަ އުފާވެއްޖެއޭ…..ޝައުފްއާ ވާހަކަ ދައްކައި ތާރީހެއް ނިންމަންވީދޯ……….ދެކުދިންވެސް ގަބޫލްވީމަ ދެން ލަސްކުރާނެ ކަމެއް ނެތް………” ސޯފީ ބުނެލިއެވެ.
ފޯން ބާއްވާލުމަށްފަހު ޝައުފްއަށް ގޮވާ ގެނެސް އެ ޚަބަރު ދިނެވެ. ސޯފީގެ ޖަވާބު އިވިފައި ޝައުފްއަށް ލިބުނީ ހައިރާންކަމެވެ. އަންހެން ކުދިންނަކީ ހާދަ ހެއްވާބައެކޭ އޭނަގެ ހިތަށް އެރިއެވެ. އެންމެ ސައްވީސް ގަޑިއިރުވެސް ނުވަނީސް ދެފަހަރު ދެޖަވާބެއް ދިނީތީއެވެ. އަނެއްކާ އެއްވެސް ކަހަލަ މަޖުބޫރެއްވެގެން ބާއޭވެސް ހިތަށް އެރިއެވެ. ” ޝައުފް…އަޅެ އުފަލެއްވެސް ނުވޭތަ……..” ސޯފީގެ ޝައުފްގެ ގައިގަ ބައްދާލަމުން އަހާލިއެވެ. ” ލަޔާތަ އެހެން ބުނީ………ލަޔާ ގަބޫލްވީތަ މަންމާ ހާދަ ގަބޫލް ނުކުރެވެއޭ…….” ޝައުފް ދެފިކުރުގެ މަތީގައި ހުރެ އަހާލިއެވެ. ” އާން ލަޔާ ހިތުން ރުހުމުން އެހެން ބުނީ……ހެހެ މަންމައަށްވެސް ގަބޫލްކުރަން ދަތިވި…….ދަރިފުޅަށް އެނގޭތަ އަންހެން ކުދިން ލަދުން ފުރަތަމަ ނޫނެކޭ ބުނުމަކީ އާދައެއް…….” ސޯފީ ޝައުފްގެ މޫނުގައި ފިރުމާލިއެވެ.
އިމްލީ ގެއަށް ވަދެވުނަކީ އެދެމައިން ވާހަކައިގަ ތިއްބައެވެ. އިމްލީ ލަހުން އައީމަ އެކަމާ ސޯފީ ސުވާލް ކުރަން ހުރި ނަމަވެސް އެ ހަނދާން ސޯފީ ނެތްކަހަލައެވެ. އިމްލީ އެތަނުން ހުރަސްކޮއްފަ ކޮޓަރިއަށް ވަތްއިރުވެސް ދެމައިން ތިބީ ވާހަކައިގައެވެ. ލަޔާލްއާ ޝައުފްގެ ކައިވެނީގެ ވާހަކަ މާހިރު ކައިރީ ބުނަން ސޯފީ ބޭނުމީ ހުރިހައި ކަމެއް ހަމަޖެހުމަށްފަހއެވެ.
އުޑުމަތީގައިވާ ވިލާތަކުގެ ސަބަބުން ހަނދުގެ އަލިކަން ވަނީ ފޮރުވިފައެވެ. އުޑުމަތިން އެންމެ ކުޑަމިނުން ތަރިއެއްވެސް ފެންނަން ނެތެވެ. ރީތި ހަނދުވަރުދޭ ރެއެއް ނޫނަސް ލަޔާލް އާ އާކިފް ތިބީ ބޮޑު ގަހެއްގެ ހިޔަލުގައި އަތްގުޅުވާލައިގެންނެވެ. ގަސްވަށައިގެން ހެދިފައިވާ ވިނަތަކުގެ މަތީ އިށީދެލައިގެންނެވެ. އާކިފް އެއް އަތް ވިއްދާލައިގެން ކަންނެތް ގޮތަކަށް އޮށޯވެލައިގެން އޮތް އިރު ލަޔާލް އިނީ އާކިފްއާ ނުހަނު ކައިރީގައެވެ.
” އައި ލަވް ޔޫ….” ލަޔާލް އާކިފްއަށް ބުނެލިއެވެ. އާކިފް ޖަވާބެއް ނުދީ އޭނަގެ ކޯޓްގެ ޖީބުން ރަތްކުލައިގެ ފިނިފެންމަލެއް ނަގައި ލަޔާލްގެ މޫނުގައި ފިރުމާލަ ދިނެވެ. ލަޔާލް ދެލޯ މަރާލިއެވެ.
ކުޑަދޮރު ކައިރީ ދެލޯ މަރާލައިގެން ހުރި ލަޔާލް ސިހުނީ އޭނަގެ ފޯން ވައިބްރޭޓް ވާންފެށުމުންނެވެ. މިއޮއް ހާއިރު އޭނައަށް ހުރެވުނީ އަމިއްލަ ހިޔާލްތަކަށް ގެއްލިފައެވެ. ވައިބްރޭޓް ވަމުން ދިޔަ ފޯންގެ ޑިސްޕްލޭއިން ފެންނަމުން ދިޔައީ ޝައުފްގެ ނަމެވެ. ލަޔާލް ފަރުވާ ކުޑަ ގޮތަކަށް ފޯން އެނދާ ދިމާލަށް އެއްލާލިއެވެ. އޭރު ހުރަހެއްނެތި ލަޔާލްގެ އިސްތަށިގަނޑުގައި ބީހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން އެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ.
ތިން ދުވަސް ފާއިތުވެގެން ދިޔަ ގޮތް ވެސް ނޭނގުނެވެ. ލަޔާލްގެ އިންތިޒާރަކަށް ނިމުމެއް ނައެވެ. އާކިފްގެ ހަބަރެއް ނުވުމުން އެންމެ ފަހުން ޝިފާނާގެ މަޖުބޫރުން ކައިވެންޏަށް އެއްބަސްވާންޖެހުނެވެ. އޭގެ ކުރިން ލަޔާލް އެއްބަސްކަމަށް ސޯފީ ކައިރީ ބުނިކަމެއް ލަޔާލްއަކަށް ނޭނގެއެވެ.
އާދައިގެ މަތިން މިއަދުވެސް ހެނދުނު ރާސްތާންއަށް ދިޔައެވެ. ރާސްތާންގެ މާހައުލު މިއަދު މި ހިތްފަސޭހަ ހެނދުނުގެ ގަޑީގައި ފެންނަނީ ހަލަބޮލި ކޮށެވެ. ސޯފީ ސިޓިން ރޫމްގައި އިން އިރު އޭނަގެ ކުރިމަތީ ބޭރު ގައުމުގެ ދެ އަންހެނަކު ތިއްބެވެ. ”ލަޔާ…..” ލަޔާލް ގޮސް އެގޭ ދޮރުމަތީގައި ހުއްޓުމުން ސޯފީ ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން އެދިމާލަށް އައުމަށް އެދުމުން ލަޔާލް އެދިމާލަށް ހިނގައިގަތެވެ. އެވަގުތަކީ ރަސްމީ ހެދުމުގައި ޝައުފް އޭނަގެ ކޮޓަރިން ނުކުތް ވަގުތެވެ. އަތްދިގު ކަޅު ގަމީހުގައި ހުދުކުލައިގެ ޓައިއެއް އަޅައިގެން އެދިމާލަށް އައި ޝައުފްގެ ކަޅި އަމާޒްވެފައިވަނީ ލަޔާލްއަށެވެ. އަސުރުމާ ކުލައިގެ ދޯޕައްޓާ ހެދުމުގައި ލަޔާލް ހުރިގޮތުން ދިވެހި ވަންތަކަން ދައްކައެވެ. ” ލަޔާ އިށީދެ މިތާ…..ޝައުފް ސައިހަދާފަ ހުންނާނެ….”’ ލަޔާލްގެ ހިމަ އަތްކުރީގައި ހިފަމުން ސޯފާގައި ބައިންދާލަމުން ޝައުފްއަށް ސޯފީ ބުނެލިއެވެ. ލަދުރަކިގޮތަކަށް އިސްޖަހާލައިގެން އިން ލަޔާލްގެ މޫނަށް ލޯބިން ފުރިގެންވާ ނަޒަރަކުން ޝައުފް ބަލާލުމަށްފަހު އެތަނުން ހިނގައިގަތެވެ.
” ލަޔާ…..މިގެއަށް މަސައްކަތް ކުރަން އަންނާކަށް ދެން ނުޖެހޭނެ….ދައްތަ އިތުރު ބަޔަކު މިތިބީ ގެނެސް…..” ސޯފީ ލަޔާލްއަށް ބުނެލިއެވެ. ” ލަޔާ ސައިބޮއިގެން ގެއަށް ދާނި އިނގޭ…..ދައްތައަށް އެނގޭ ކައިވެންޏަކަށް ވާންޖެހޭ އެތަކެއް ތައްޔާރީތަކެއް ތިގޭގަވެސް ހުންނާނެކަން…އަދި އަންހެންކުއްޖަކު ވާންޖެހޭ ތައްޔާރީތަކެއްވެސް ހުންނާނެކަން…..” ލަޔާލްގެ ފަންއިސްތަށިގަނޑުގައި ސޯފީ ފިރުމާލިއެވެ.
ސޯފީގެ އޯގާތެރިކަމުން އެހެން ދުވަސް ދުވަހު ލަޔާލްގެ ނުތަނަވަސްހިތަށް ހަމަޖެހުން ގެނެސްދިން ނަމަވެސް މިއަދު ސޯފީގެ ކޮންމެ ހަރަކާތަކުންވެސް ލަޔާލްގެ ހާސްކަންވަނީ އިތުރެވެ. އަދި ”ކައިވެނި” މި ލަފްޒު އިވުމުން އެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގެންފިއެވެ. ދޮން ސާފުމޫނުގައި ދާތިކިތަކެއް ބަބުޅަން ފެށިއެވެ. ސޯފީގެ އާދޭހަށް ފުރަގަސް ނުދޭންވެގެން ކުޑަ ގޮތަކަށް ސައިބޮއި ލައިގެން އެގެއިން ނުކުމެގެން ގެއަށް އައީއެވެ.
ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ލަޔާލްއަށް ހުއްޓުން އެރީ ސިޓިން ރޫމްގައި އިން ޝިފާނާ ފެނިފައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ މަލާމާތުގެ ހިނިތުންވުމުގެ ސަބަބުން ލަޔާލްގެ ހިތް ކުދިކުދިވެގެން ފައިބާ ކަހަލ އިހްސާސްތަކެއް ކުރެވުނެވެ. ” ތިން ދުވަސް ހިގައްޖެ…….އެ އާކިފް ގަނޑެއް ނައެއްނުން…އަންނާނެތަ ލޯތްބެއް ނުވޭ……ވަގުތު ދުއްވާލަން ވަގުތީ ބައިވެރިއެއް ހޯދުމުގެ ނިޔަތުގައި އެދުވަސް ކޮޅު އައީކަންނޭނގެ……….” ޝިފާނާގެ ރާގުގައި ވަނީ މަލާމާތެވެ.
” މަންމާ ފަހަރެއްގަ ވެދާނެ އަހަރެމެނަށް އާކިފް އުޅޭތަނެއް ނޭނގޭ ފަދައިން އާކިފްއަށްވެސް އަހަރެން އުޅޭތަނެއް ނޭނގެނީކަމަށް…ރަށް ދޫކޮއްފަ މާލެ ބަދަލުވި ފަހުން……” ލަޔާލް އާކިފް ދިފާއުކޮށް ވާހަކަ ދެއްކިއެވެ.
” އޭނަ ރަނގަޅު ކުރާނެކަމެއް ނެތް…..ރަށުން ކޮންމެ މީހެއް ކައިރީ އެހިއަސް ޔަގީން އަހަރެމެން އުޅޭ އެޑްރެސް ބުނާނެކަން…ހޯދަން ބޭނުންނުވާ މީހަކު އަންނާނެތަ………..ކޮންމެވެސް ބަހަނާއެއް ދައްކައިގެން ކައިވެނި ނުކުރަން މަސައްކަތް ކުރާނެކަމެއް ނެތް…..އަހަރެމެންނަށް އުދަނގޫ ކުރަން އަދިވެސް ކައިވެންޏެއް ކުރަން ހިތަކަށް ނާރާދޯ……..” ޝިފާނާގެ ބަސްތަކުން ލަޔާލްގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ލޯ ހުޅުވާލައިގެން ހުރިއިރު އެ ދެލޮލުގައި ޖަވާހިރުތަކެއް ފަދައިން ބަބުޅަމުން ދިޔައިރު ހީވަނި ދެންމެ ދެންމެ ބަންޑުން ވެދާނެ ހެންނެވެ.
” ދުވަހަކުވެސް އެހެން މީހަކާ މެދު ވިސްނާނެ ކަމެއް ނެތްދޯ…..އަމިއްލަ އުފަލަށްޓަކައި އެވަރު ކުޑަކަމެއްވެސް ނުކޮއްދެވޭނެތަ… ގުދާރު ބިންދައިގެންވެސް މީހެއްގެ ދަރިއެއް……..” ޝިފާނާ އެ ހިސާބުން ހުއްޓާލީ ބޮޑު ބިރެއް ފެނިގެން ހުއްޓާލި ހެންނެވެ. ދެލޯ ބޮޑުކޮއްލުމަށްފަހު އަނގަމަތީ އަތް އަޅައި ލަޔާލްއަށް ބަލާލިއެވެ. ”ތިބުނީ ކީކޭތަ؟” ލަޔާލް އަހާލިއެވެ.
” މީހެއްގެ ދަރިއެކޭ…” ލަޔާލް ސުވާލް ކޮއްލިއެވެ. ” އަހަރެން މިދައްކަނީ ލަޔާލްގެ ވާހަކައެއް ނޫން….” ޝިފާނާ އަވަހަށް ބުނެލިއެވެ. ” އަދި ބުނަން….މި ކައިވެންޏަށް ނޫނެކޭ ބުނެގެން ނުވާނެ……..އަދި އެއްވެސް މީހެއްގެ ކައިރ މަުބޫރު ކައިވެންޏެކޭ ބުނެގެން ނުވާނެ….” ޝިފާނާ ހަރުކަށިކަމާއި އެކު ބުނެލިއެވެ.
ޝިފާނާގެ އެއްވެސް ވާހަކައަކަށް ލަޔާލް ފަރުވާތެރިކަމެއް ނެތެވެ. އަޑު އެހުމެއްނެތި ދޮރު ލެއްޕުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. މަންމަގެ މަޖުބޫރުން ކައިވެނި ކުރި ވާހަކަ ދައްކަން އެއްވެސް އަންހެން ދަރިއަކު ބޭނުމެއް ނުވާނެއެވެ. ޝިފާނާގެ ނުފޫޒުން އެކަނި މަޖުބޫރު ކުރެވިގެން ކުރެވޭ ކައިވެންޏެއް ކަމެއް ލަޔާލް ނުދެކެއެވެ. ޝައުފްއާ ދޭތެރޭ އެހިތުގައި ނަފްރަތާ ރުޅިވެރިކަން އުފެދުނީ އެ ކައިވެނީގެ ފުރަގަހުގައި އޭނަގެ އަތެއް ވާކަން ލަޔާލްއަށް ގަބޫލުކުރެވޭތީއެވެ. ފައިސާގެ ދަޅައަށް ހެއްލައިލައިގެންވެސް މުއްސަދިންގެ އެދުން ފުއްދުމަކީ އެމީހުން ކޮންމެ ހާލެއްގައިވެސް ކުރާނެ ކަމެކެވެ.
ޝައުފް އެނދުގައި އޮށޯވެގެން އޮތް އިރު ވިސްނަމުން ގެންދަނީ ލަޔާލްއާ ދޭތެރޭއެވެ. މަންމަ ދެއްކި ވާހަކަ ގަބޫލް ނުކުރެވޭތީ އެކަމާ ވިސްނެނީއެވެ. އެންމެ ދުވަހެއްގެ ތެރޭގައި ލަޔާލްގެ ވިސްނުން ބަދަލްވެދާނެ ކަމަށް ޝައުފްއަށް ގަބޫލެއް ނުކުރެވެއެވެ. އަދި އަމުދުން ލަޔާލްގެ ދުލުން އޭނަގެ ލޯބިވެރިއަކީ އެހެން މީހެއްކަން ބުނުމަށްފަހު ކުއްލިއަކަށް ޝައުފްއަށް އެއްބަސްވުމަކީ ޖޯކެއް ފަދަ ކަމެކެވެ. ޝައުފް ވިސްނުމަށްފަހު ނިންމީ ކައިވެނި ކުރުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ލަޔާލްގެ ބަހެއް ހޯދުމަށެވެ.
(ނުނިމޭ)
6 Comments!
Comments are closed.
sry 🙁
xaaahy hama bxy kamun up nuvy
tmorrow i’ll up the 8th part
hope u like this part too
🙂
xaahyyy…mi bai haadha kurey….bt vvv nice….maadhamaaa up kuracheyyyy……..alhe dhn layaal shauf dheke rulhinaana gothei hadhachey………i wnt shauf n layaal 2gethr……..maadhamaa up kuraa prt dhigukohlacheyyyy……btw i dhw frst cmmnt mi kurY:D
v nice mi bae vex.. thnkx
ma bxy kamn nukeegen miulheny
v reethi mi part ves…..
Nice