ސިއްރު 13
އަހަންނަށް ހުރިގޮތަށް ތެދުވެވުނެވެ. އޭސީގެ ތެރޭގައިވެސް މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އަހަރެން ގެންގުޅުނު އިސްލާމް ފޮތްވެސް އޮތީ ބިންމައްޗަށް ވެއްތިފައެވެ. ދެން އަހަރެންގެ އެނދެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮތް ރަޖާގަނޑުވެސް އޮތީ ގުޅައަކަށް ވެފައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ މި ފެނުނީ ހުވަފެނެއް ކަން އެނގުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހުވަފެނާއިމެދު ވިސްނެން ފެށުނެވެ. އާޔާ އަހަންނަށް ކޮންމެވެސް އެއްޗެއް ބުނެދޭް ޔަގީނުންވެސް އެބަ މަސައްކަތް ކުރެއެވެ. ނަމަވެސް ކޯންޗެއް ހެއްޔެވެ؟ ދެން އޭނާ އިނގިލި ދިތްކުރީ ކާކަށް ހެއްޔެވެ؟ އޭނާގެ މަގްސަދަކީ ކޮބައިބާވައެވެ.
ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ފޯނުން ގަޑި ބަލައިލީމެވެ. ދެލޯ ބޮޑުކޮށްލެވުނީ ފަތިސްނަމާދުގެ ޖަމާއަތުން މިއަދު އަހަރެން ކެޓީ ކަން އެނގުމުންނެވެ. ވަރުގަދަ ނިންޖެކެވެ. ވެއްޓިފައި އޮތް އިސްލާމް ފޮތް ނެގުމަށްފަހު ސައިޑް ޓޭބަލް މަތީ ބާއްވައިފައި އަވަސް އަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްލައި ތާޒާވެލައިގެން އައިސް ނަމާދު ކުރަން ފެށީމެވެ. އެއަށްފަހު ފޮތް ކިޔަން އިށީނީ އެއްޗެއް ދަސްކުރުމުގެ ނިޔަތުގައެވެ. މިފަހަރުވެސް ނުނިދިއްޖެއްޔާ ވަރިހަމައެވެ.
އެހެން ދުވަސްދުވަހާ ޚިލާފަށް މަންމަ މިއަދު އަހަންނަށް ގޮވަން ނާންނާތީ ގޮނޑިން ތެދުވެވުނެވެ. މަންމަ ބަލިކަން ހަނދާންވީ ކޮޓަރީގެ ދޮރުގައި އިން ތަޅުގައި ހިފާ އަނބުރާލިތަނާއެވެ. އަހަރެންގެ ހަނދާންވެސް ހާދަ ބަލިވާން ފަށައިފިއެވެ.
އެހެން ނަމަވެސް އެނބުރި ކިޔަވާ މޭޒުދޮށަށް ދިޔުމުގެ ބަދަލުގައި އަހަރެން ނިކުތީ ކޮޓަރިން ބޭރަށެވެ. ބެލްކަނީގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުމެ ރެއިލިންގައި އަތް އަޅުވާލުމަށްފަހު ހަމަޖެހިލީމެވެ. ވިނަ ކާޕެޓްމަތީ ހުސްފަޔާ ހުންނައިރު ހާދަ އަރާމެވެ. ފަތިހުގެ އެ ވަގުތުގައިވެސް މަންމަ ބެލަކަނީގައި ބަހައްޓާފައިހުރި މާގަސްތަކުގައި ފަރިވެ ފޮޅިފައި ހުރި މާތަކުން މުޅި ފަޒާ ވަނީ އެއްވަސް ކޮށްލައިފައެވެ. ޖެހޭ މަޑު ވައިރޯޅިތައް އައިސް ހަށިގަނޑުގައި ބީހެމުން ދާއިރު ނިދި އައިސްގެންގޮސް ރެއިލިންގައި ބޯ އަޅާލައިގެން ނިދާލަންވެސް ހިތަށް އެރިއެވެ. އެހާވެސް އަރާމެވެ. ތެތްފިނިކަން އިޙުސާސް ވުމުން ދެއަތް ދެއަތާއި އުނގުޅާލީ އެފިނިން ސަލާމަތްވުމުގެ ބޭނުމުގައެވެ. ދެތިން ފަހަރަށް އާފުރިލުމަށްފަހު މަންމައަށް އަހަރެން ކުރި އަމުރު މަތިން ހަނދާންވެފައި އެތެރެއަށް ވަނީމެވެ.
ބަދިގެއާއި ދިމާލަށް މިސްރާބުޖެހުމަށްފަހު ދެތިން ޕާންފޮތި ނެގުމަށްފަހު އަހަރެން އޭގައި ސޭންޑްވިޗެއް ތައްޔާރުކުރަން ފެށީމެވެ. ރެސިޕީއަކާއި ނުލައި ކިރިޔާވެސް އަހަންނަށް ހަދަން އިނގޭ އެއްޗަކީ އެއީއެވެ. ދޭތެރެއަކުން އެއަށް އެޅޭ އެއްޗެއްވެސް އަހަންނަށް ރޭކާނުލައެވެ. ދެލޮލަށް ވަނީ އެފަދަ ބަރުވެފައެވެ. އެ ތައްޔާރުކޮށްނިމުމުން އަވަނަށް ލައިފައި އަހަރެންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަދި އެޖެހީ ފަހެއް ވިއްޔާއެވެ. ފަސްގަޑި ބައިވަންދެން ނިދާލައިފައި ތެދުވިޔަސް އަހަންނަށް އަދި ސްކޫލަށް ދެވޭނެއެވެ. މަންމަ ކުރިން އިސްތިރިކޮށް ނިންމުމަށްފަހު އަލަމާރިތެރެއަށް ލައިފައި އިން ޔުނީފޯމެއްވެސް އެބައިނެވެ. ހުރިހާއެއްޗެއް ވެސް އެހުރީ ރެޑީގައެވެ. ދެން އަހަންނަށް ހަމަ ހިތްހަމަ ޖެހޭވަރަށް ނިދާލައިފައި އަދި ތެދުވެގެން ސްކޫލަށް ދެވޭނެނޫންހެއްޔެވެ؟ކަންނެތް ވެފައި ހުރި ވަރުން ކޮޓަރިއަށްވަދެ އެނދު މައްޗަށް އުއްޑުން ވެއްޓިގަތީމެވެ. ބިންމައްޗަށް ލަކުޑިބުރިއެއް ވައްޓާލިހެން އެނދުމައްޗަށް ވެއްޓުނުގޮތަށް ނިދީގެ ފުންކަނޑަށް އަހަރެން ޣަރަގުވެއްޖެއެވެ.
***
ހޫން! ފޯނުވެސް އަދި މިހާ އަރާމުގައި އޮށްވާ އުނދަގޫކުރަން ވާނެ ވިއްޔާއެވެ. ރުޅިއައިސްގެން ތެދުވެ ފޯނުން އެލާމު އޮފް ކޮށްލީމެވެ. މަންމާ! އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. ފޯނުން ގަޑިފެނުނު ވަގުތު ބިރެއް ފެނުނުހެން ފުންމައިގެން ތެދުވެ ފާޚާނާއާއި ދިމާލަށް ދުއްވައިގަތީމެވެ. ފާޚާނާއަށް ވަދެ ދޮރު ތަޅުލުމަށްފަހު އަނެއްފަހަރު ނިކުތީ ތުވާލި ނުލައި ވަދެވުމުންނެވެ. މިކަހަލަ ވަގުތު އަދި ހައްތަހާ ވާނީ އެކަހަލަ ކަންތަކެވެ. އެކަތި ހަނދާން ނެތިގެން އެ ބަލައި ނިކުންނަފަހުން އަނެކަތި މަތިން ހަނދާން ވާނީ އަދި އެއަށްވުރެ ލަހުންނެވެ. ބޯ ހަލާކެވެ.
ތެޅެމުން ފޮޅެމުން ފާޚާނާއިން ނިކުތްއިރު ހަގަޑި ތިރީސް ފަހެއް ވެއްޖެއެވެ. ހަތެއް ޖަހާއިރަށް ސްކޫލަށް ދާން ޖެހޭކަންވެސް އެއީ ނަސީބެކެވެ. ނަމަވެސް އަހަރެންގެ ގެއާއި ސްކޫލަކާއި ކައިރިއެކޭ ހަމަ އެއްގޮތަކަށްވެސް ނުބުނެވޭނެއެވެ. ދަބަސް ކޮނޑުގައި އަޅުވާލީމެވެ. މިއަދު މި ދަބަސް ހާދަ ލުތްވެވެ. ދަބަސް ލުއިކަމުން އަހަރެން އަވަސްއަވަހަށް އެ ކޮނޑުން ނައްޓުވާލުމަށްފަހު އެތެރެ ހުޅުވާ ބަލައިލީމެވެ. އަސްތާ! ދަބަސް މިއޮތީ ހުހަށެވެ. ރޭގަ ފޮތް ނޭޅޭ ހަނދާންވެސް ވީ އެވަގުތުއެވެ. ގައި ހުރިބާރެއް ލައިފައި ކިޔަވާމޭޒުދޮށަށް ދުއްވައިގަތީ މެކުހަށްލައިގެންނެވެ. ނަމަވެސް ދަބަހަށް ފޮތަކަށްފަހު ފޮތެއް ލަމުން ދިޔައިރުވެސް ވަގުތު ދިޔައީ ހިނގަމުން ވިއްޔާއެވެ. ދެން ގަޑި ނުޖެހި މިއަދު ސްކޫލަށްވެސް ނުދެވޭނެ ކަންނޭނގެއެވެ. ހައްތަހާވެސް އަހަރެންގެ ކަންނެތް ކަމާހެދި ވާހާ ކަންތަކެވެ. ގައިމު އެގަޑީގަ ނުނިދުނު ނަމަ އެހެން ނުވީހެއް ނޫންހެއްޔެވެ؟ ކޮންމެޔަކަސް ނަމަނަމައަކު ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.
ގެއިން ނިކުމެ ބައްޕައަށް ވާންދެން މަޑުކޮށްގެން ހުރީމެވެ. ކުއްލިޔަކަށް ހަނދާން ވީ ބައްޕަ ގާތު އަހަރެން ސްކޫލަށް ލައިދިނުމަށް ނުބުނާ ކަމެވެ. އަނެއްކާވެސް އަވަސް އަވަހަސް ޓެކްސީއެއް އަތުޖެހޭތޯ ބެލީއެވެ. އެވެސް އެފަދަ ބޮޑުކަމެކެވެ. އެންމެ އަވަހަށް އަތުޖެހުނު ޓެކްސީއަށް އަރައި ގަޑި ބަލައިލިއިރު ގަޑިޖެހެން އިނީ ދިހަ މިނިޓެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް މިވަރުންވެސް ޓެކްސީއެއް ލިބުނީތީ ﷲ އަށް ޙަމްދު ކޮށްލެވުނެވެ.
އިރުކޮޅަކާ ކުރިމައްޗަށް ބަލައިލެވެނީ އަދިވެސް ސްކޫލު ފެންނަން ނެތުމުންނެވެ. ދިގު އިންތިޒާރެއްގެ ނިމުން އައީ އަހަރެންގެ ސްކޫލްގެ ދޮރުމައްޗަށް ކާރު ހުއްޓާލުމުންނެވެ. އަވަސް އަވަހަށް ޑްރައިވަރަށް ރުފިޔާ ހަވާލުކޮށްލުމަށްފަހު ގޭޓުން އެތެރެއަށް ދުއްވައިގަތީމެވެ. ގައި ހުރިބާރެއް ލައިފައެވެ.
އަހަންނަށް ކްލާސްރޫމަށް ވަދެވުނު އިރު މައިނޭވާ ލެވެއެވެ. އެކަކުވެސް ކްލާހަކު ނެތެވެ. މިވީ ކިހިނެއް ބާއެވެ؟ އަނެއްކާ މިއަދު ސްކޫލް ބަންދީ ބާއެވެ؟ ނޫނެކެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ ރަސްމީ ބަންދު ދުވަހެއް ނަމަ އަހަރެން ހަނދާން ނުނެތި ވަރަށް ނުހުންނާނެއެވެ. އަހަރެން އެކަމާއިމެދު ވިސްނަ ވިސްނާ ހުއްޓާ ކުއްލިޔަކަށް ހަނދާންވީ މިއަދު މިއީ އާދިއްތަ ދުވަސްކަމުން ކުދިން ނެތް ސަބަބެވެ. އެ ހުރިހާ ކުދިން މިހާރު ވާނީ އެސެމްބްލީ އަށް ގޮހެވެ. އެކަން އަހަރެންގެ ހަނދާނުން ކައްސާލީ ކޮން އިރަކުހެއްޔެވެ؟ ކޮންމެޔަކަސް ދެން އަހަންނަކަށް އެޔޮށް އެންމެންގެ ކުރިމަތީގައި ލަދުގަންނާކަށް ނުދެވޭނެއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ދެޖީބަށް އަތް ޖަހާލުމަށްފަހު އަހަރެންގެ ގޮނޑިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
އެކަނި މިހެން އިންނަންވުމުން ހާދަ ފޫހިވެއެވެ. ނަމަވެސް މިއަދު އަހަންނަށް އޮތީ ހަމަ ކެތްކޮށްލައިގެން އިނުމެވެ. އަހަރެން މިހާ ލަސްވީއިރުވެސް އާޙިލް އަހަންނަށް ނުގުޅުމުން ހައިރާން ވިއެވެ. އޭނާއަށްވެސް އަނެއްކާ މިއަދު ސްކޫލަށް ނާދެވެނީ ބާއެވެ؟ ކެތްތެރިކަން ކުޑަވެފައިވީ އަހަރެން އަވަސްއަވަހަށް ފޯނު ނަގާ ހުޅުވާލީމެވެ. ނިދުނީ ހަމައެކަނި އަހަންނަށެވެ. އަހަރެން ސްކޫލަށް ދާން އުޅުނު ގަޑީގައި އާހިލް ގުޅާފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެވަގުތު އަޑު ނީވުނީއެވެ. ފޯނު ޖީބަށް ލުމަށްފަހު އާހިލްމެންގެ އިންތިޒާރުގައި ކްލާހުގައި އިނީމެވެ. މިއަދު އެސެމްބްލީވެސް ވާ ދިގެވެ. ކްލާހުގައި އިންނައިރަށް އެސެމްބްލީގެ އަޑު އިވުނެއްކަމަކު ކިޔާއެއްޗެއް މާ ސާފުވާގޮތެއް ނުވެއެވެ. އެހެންކަމުން ދަބަހުން ފޮތެއް ނަގާ އެ ކިޔާލަން އިނީމެވެ.
އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ކަންފަތް ދޮށުގައި އަތްތިލަބަޑި ޖަހާލުމުންނެވެ. “އެއްކަލަ އާލް… ވަރުގަދަ މީހެކޭ…” އަހަރެން އާހިލް އާވީފަރާތަށް ހުރެ ކުދި ކިޔަމުން ގޮނޑީގައި އިށީނދެލީމެވެ. އެއަށްފަހު އޭނާވެސް އަހަންނާއި ޖެހިގެން އިން ގޮނޑީގައި އިށީނދެލިއެވެ. އަހަންނަށް ގުޅާ ގުޅާ ފޯނު ނުނެގި ވާހަކަ އޭނާ ބުނުމުން މިއަދު ފަތިހު ކަންތައް ވީ ގޮތް އަލިފުން ޔާއަށް އޭނާއަށް ކިޔައިދިނީމެވެ. އޭނާ އަދިވެސް ހެނީއެވެ. އާހިލް ހޭނެވަރަކަށް ހޭން ދޫކޮށްލައިފައި އަހަރެން އޭރު ގެންގުޅުނު ފޮތަށް އަނެއްކާވެސް ނަޒަރު ހުއްޓާލީމެވެ.
***
ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް އިންޓަރވަލް ގަޑި ޖެހިއްޖެއެވެ. އަހަންނާއި އާހިލް އެންމެ ކުރީބައިގައި ކްލާހުން ނިކުމެގެންގޮސް ކެންޓީނާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަހަންނާއި އާހިލް ހިނގައިފައި ދިޔައިރު ދޭތެރެ ދޭތެރެއިން ކުއްޖަކު އަހަންރެމެންނާއި ދިމާލަށް ބަލާލައިފައި ދެން ހުރި ކުއްޖާ ގާތު ކޮންމެވެސް އެއްޗެކޭ ކިޔާތަން ފެނެއެވެ. އެ ކިޔަނީ ކީކޭކަން ބަލަން ބޭނުންވި ނަމަވެސް އަޅާނުލާ އަހަރެމެން ކުރިޔަށް ދިޔައީއެވެ.
ނާސްތާކުރުމަށް އަހރެމެން ބޭނުންވި ތަކެތި ގަނެގެން އައިސް ބެންޗެއްގައި ހަމަޖެހިލީމެވެ. އެއީ އަބަދުވެސް އަހަރެމެން އިށީންނަ ބެންޗެވެ. ނަމަވެސް މިއަދު އެތަނަށް އެކަކު އެބަ މަދުވެއެވެ. އެއީ އަހަރެންގެ ކޮއްކޮ އާޔާއެވެ. ކިތަންމެ މަސައްކަތް ކުރި ނަމަވެސް އާޔާގެ ހަނދާން އާވުމުން މި ދޮންބެގެ ހިތަށް ހާދަ އަސަރެއް ކުރެއެވެ. އާޔާ އަދި އެނބުރި އަންނާނެ ނަމައޭ ހިތަށް އެރި އަދަދެއްވެސް ނޭނގެއެެވެ. މިފަހަރުވެސް ވީ އެހެންނެވެ. ނަމަވެސް އެއީ ދުވަހަކުވެސް ނުވާނެ ކަމެއް ކަން އެނގި ނަފްސު ހަމައަކަށް އަޅުވާލީމެވެ. ދެލޯ ފެންކަޅިވެފައި ހުރުމުން އަހަރެން ލޮލުން ފައިބައިގަންނަން ތައްޔާރުވެފައި ހުރި ކަރުނަތައް ފޮހެލީމެވެ. ކިތަންމެ ސިއްރު ކުރަން އުޅުނަސް އާހިލް އަށް އެ މަންޒަރު ފެނުނެވެ. އޭނާ އަހަންނަށް ހިތްވަރު އާ ކޮށްދެމުން އަހަރެންގެ ކޮނޑުގައި ކުޑަކޮށް ޖަހާލިއެވެ.
އަނގަޔަށް ލައިލައި އިން ސޭންޑްވިޗް ވެސް އަތުން ދޫވެގެން ތައްޓަށް ވެއްޓުނީ ސިއްސައިގެން ދިޔަ ވަރުންނެވެ. އާހިލް ވެސް އަހަންނެކޭ އެއްފަދައިން ސިއްސައިގެން ދިޔައެވެ. އަހަރެމެން އިށީނދެ އިން ބެންޗްގައި މީހަކު އައި ގޮތަށް އައިސް ގޮށް މުއްކަވައިފައި ޖެހީއެވެ. ބާރުގަދަ އަތްތިލައެކެވެ. އަހަރެން އޭނާގެ އަތްތިލައިން ފެށިގެންގޮސް މޫނަށް ބަލައިލިމެވެ. އެ ކަޅުކަންގަދަ ވަރުގަދަ އިސްތަށިގަނޑު ވަނީ އެއް ފަރާތަކަށް ސްޓައިލް ކޮށްލައިފައެވެ. އެހެން ހުރި އިރު ބައެއް އިސްތަށިތައް ވަނީ ވަރުގަދަ ވުމުގެ ސަބަބުން ކޮޅައް ޖެހިފައެވެ. ދޮން ހަތަރެސްކަން ބައްޓަމަށްވާ މޫނެކެވެ. ކަޅުކަންގަދަ ވަރުގަދަ ބުމައަކާއި މަޑު ކަޅުކުލައަކަށްދާ ކަޅިއެކެވެ. އޭނާގެ ތުންފަތަތުގައި ވަނީ ލާނެއް ހިނިތުން ވުމެކެވެ. އަދި ތުނިކޮށް ފަޅަން ފަށައިފައިވީ ތުނބުޅިންނާއި ފުޅާ ބާމަތިން އޭނާގެ ހައިބަތު އިތުރު ކޮށްދެއެވެ. އެއީ އަހަރެން އެގާރަ ބާރަ ކިޔަވަން ފެށީއްސުރެ އަހަންނަށް ޖެއްސުން ކުރަމުން އަންނަ ޒަޔާން އެވެ. އަހަންނާއި ދިމާ ނުކުރާކަށް ތަނެއް ނޯންނާނެއެވެ. އޭނާއަށް އަހަރެން ފެނިއްޖެއްޔާ އެވީ ކޮންމެވެސް އެއްޗެކޭ ކިޔާށެވެ. މިވަގުތުވެސް އެ އައީއެއް ނޫންހެއްޔެވެ؟ ދެން އަހަރެން އިންޓަރވަލް ބޮއެ ނިމެންދެން މަޑުކޮށްލި ނަމަވެސް ކީއްހެއްޔެވެ؟ ޔަގީނެވެ. އެސޮރަށް އަހަންނަށް އުނދަގޫ ކޮށްނުލެވުތީ އަރުތެރެއިން އެއްޗެއްވެސް ނުދިރުނީ ތޯއްޗެކެއެވެ.
“މުޙައްމަދު އަޔާން އާތިފް.. ކޮބާ ކިހިނެއް؟” ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެހުރީ އަހަރެންގެ އަތަށް ފިއްތާ ބާރު ކޮށްގެން ވިއްޔާއެވެ. ސޭންޑުވިޗެ އޭނާގެ މޫނުމައްޗަށް ޖަހައިފާނަމޭ ވެސް ހިތަށް އަރައެވެ. ވަރުގަދަ ފިރިހެނެކެވެ. “ކޮބާ އެކަކު މަދެއްނު މިއަދު.. ކޮބާ އެ އަންހެން ކުއްޖާ؟ އަބަދު އޭނާ ފަހަތު އަޅުވާލައިގެން ކަލޭ ތިއުޅެނީ ކީއްވެޔޯ؟” އޭނާގެ އެ ސުވާލުން އަހަރެންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. އާޔާގެ ވާހަކަ މީހަކު ދައްކަންޏާ އަހަރެން ދެރަ ވާނެ ނޫންހެއްޔެވެ؟ އޭނާއަށް ހަމަ އާޔާގެ އެއްވެސް ކަމެއް ނޭނގެނީ ހެއްޔެވެ؟ އޭނާ ހުއްޓައެއް ނުލިއެވެ. އާޔާ އާއި ގުޅިގެން ފާޑު ފާޑުގެ ވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ ދެލޯ ރަތް ވާން ފެށިއެވެ. ދެބުމަ ގޮށްޖަހާލެވުނެވެ. ދެއަތް މުށްކަވާލެވުނީ އަހަރެންގެ އިޚްތިޔާރުން ބޭރުގައެވެ. އަހަންނާއި ދިމާލަށް ކޮންމެފަދަ އެއްޗެއް ކިޔަސް ކެތް ކުރެވިދާނެއެވެ. އެކަމަކު އަހަރެންގެ އާއިލާއަށް އަދި ވަކިިން ޚާއްސަކޮށް އަހަރެންގެ ލޯބިވާ ކޮއްކޮއާއި އެފަދަ ގޮތަކަށް މުޚާތަބު ކުރުމުން އަހަންނަކަށް ކެތެއް ނުވާނެއެވެ.
“ޒަޔާން..” އޭނާގެ ނަމުން އަޑުގެ ނެތްކޮޅަށް ހަޅޭއް ލަވައިގަނެ އޭނާ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާލީމެވެ. އާހިލްވެސް އަހަރެން އޭނާ އާއި ދުރުކުރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން މިހުރީ އެއަށްވުރެ ގޮތް ދޫނުކުރާ ހިސާބަށް ގޮހެވެ. ކެތް ތެރިކަން ކޮޅުން ލީއެވެ. ވާނީވެސް އެހެންތާއެވެ. ތިމާގެ ކޮއްކޮއާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަންޏާ ރުޅި ނާންނާނީ ކޮން ބޭބެއެއް ހެއްޔެވެ؟ އެއިރު އަހަރެމެންގެ އަމަލުތައް ބަލަން ބައިވަރު ކުދިން ތިބި ފިޔަވަޅުމަތީ ހުއްޓި ތިއްބެވެ.
“އައްދޭ… އާޔާއޭ ބުނީމަ ހާދަ ވަރެއް ތިވީ؟ އަންހެން ކުއްޖެކޭ ބުނީމަ ކަލެއަށް ތިވަރު ވާންޖެހޭތަ؟ މާ ރީތި މީހެއް ކަމަށް އެ އަންހެން ކުއްޖާއަށް ތިއްތިދެއްކެން ދޯ ކޮންމެ ދުވަހަކު މާ ފަރިވެލައިގެން ތި އަންނަނީ..” އަހަރެން ރުޅި އެރުވުމަކީ އޭނާގެ މަޤްސަދަށް ވަނީނަމަ އެކަން ކިތަންމެހާވެސް ރަނގަޅަކަސް އެބަ ކާމިޔާބު ވެއެވެ. އަހަރެންގެ ރުޅި ދިޔައީ ސިކުންތަކަށްފަހު ސިކުންތެއްގައި ގަދަވަމުންނެވެ. “ޒަޔާންގެ އަންހެން ކޮއްކޮއާ ދިމާލަށް ތިހެން އަހަރެން ވާހަކަ ދެއްކި ނަމަވެސް ބުނާނީ ހަމަ އެއްވެސް މައްސަލައެއް ނެތޭތަ؟ ނޫނީ ހަމަ ތިހެން ހެވިލައިފަތަ ހުންނާނީ؟ ހަމަ އެކައްޗެކޭވެސް ނުބުނެ ހުންނާނީތަ؟ ތިމާގެ ކޮއްކޮއާ ތިމާއާ އަޅުވާ ކިޔާނަމަ ރުޅިއެއް ނާންނާނެތަ؟” އަހަރެން އަރައި ހުރި ރުޅީގައި ޒަޔާން އާއި ދިމާލަށް ވާހަކަ ދެއްކުނީ ފުދޭވަރަކަސް ބާރަށެވެ.
” ނޫން.. އަންނާނެ ރުޅި… ކީއްވެ؟ ޒަޔާން ވެސް ޒަޔާންގެ ކޮއްކޮ ދެކެ ލޯބިވާނެ.. އެ ކޮއްކޮއަށް އިޙްތިރާމް ކުރާނެ.. އެ ކޮއްކޮއަށް ދެރައެއް ދޭކަށް ނޭދޭނެ… އޭނައަށް ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާނެ…” އަހަރެންގެ ހަޅޭކާއިއެކީ ފެށި ވާހަކަ ނިމުނީ މަޑު ރުއިމަކަށް ބަދަލުވެގެންނެވެ. އަހަރެންގެ ދެލޮލުން އޭރު ކަރުނަ އާދެއެވެ. އެހާ މަސައްކަތުން އާޔާގެ ހަނދާން ތަކާއި ދުރަށް ދާން ބޭނުން ވިޔަސް އަހަންނަށް އެކަމެއް ދުވަހަކުވެސް ނުވާނެއެވެ. އަހަރެންގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް އާދެއެވެ. އަހަރެންގެ ހަރު ހިތްވެސް މަޑުވެ އޭނާގެ ގިރުވާނުން ނައްޓާލީމެވެ. އޭނާ ހުރީ އަހަރެން ދެއްކި ވާހަކައިން ހައިރާންވެ އަންތަރީސްވެފައެވެ.
ނަމަވެސް ދެން އޭނާ އެ ކަންތައް ކުރީ އަހަރެން އުންމީދުވެސް ކުރި ގޮތަކަށް ނޫނެވެ. ” ހަހަހަހަ… ވަރަށް މޮޅު އިނގޭ އެކްޓު ކުރަން… ފިލްމެއް ކުޅެން ބޭނުންތަ؟ މަ ގުޅާލަފާނަން މީހަކަށް، އަޔާން އަށް ޗާންސެއް ދޭށޭ ކިޔައިފަ… އަންހެން ކުއްޖަކާހެދި ވާ ވަރެއް… ފިރިހެނެކޭ ތިއީ ރޮއެ ހޭރެން… ދެން ކޮންކަމެއް… ” އާނއެކެވެ. އަހަރެންވެސް މިއީ ޒުވާން ފިރިހެން ކުއްޖެކެވެ. ނަމަވެސް އޭގެ މާނައަކީ ރުއިމުގެ ޙައްޤު އަހަރެމެންނަކަށް ނެތޭ ހެއްޔެވެ؟ ކަމަކާއި ދެރަވުމުން އަހަންނަށްވެސް ހިތާމަކުރެވޭނެއެއް ނޫންހެއްޔެވެ؟ އޭނާ ހީހީފަ އަތްތިލަ ބަޑިޖަހަމުން މަޖާވެފަ ހުއްޓަކަސް އޭނާގެ އެ ކޮންމެ ބަހެއް ހަންޖަރެއް ފަދައިން ދިޔައީ އަހަރެންގެ ހިތް ކަފަމުންނެވެ. އަދި އޭނާގެ އެ ބަސްތަށް ވީ އަހަރެންގެ ހިތުގައި ރޯވަމުން ދިޔަ ނަފްރަތުގެ އަލިފާނަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ. ނަފްސު އަހަރެންގެ އަތްދަށުން ކިރިޔާ ކޮންޓްރޯލުން ނުނައްޓާ ހުއްޓާ ހަމައަކަށް އެޅުނީ އަހަރެންގެ ހިތުގެ ކޮންމެވެސް ހިސާބަކުން އެކަން ނުކުރުމަށް ގޮވާލުމުންނެވެ. އޭނާއަށް ކަމެއް ނުކޮށް ދޫކޮށްނުލުމަށް އަހަރެން ކިތަންމެ ބޭނުން ނުވިނަމަވެސް އެކަން ކުރަން މަޖުބޫރުވީ ފަހުން ނިކުމެދާނެ ހިތި ނަތީޖާ އަކާއި މެދު ވިސްނާލެވުމުންނެވެ.
އަހަރެންގެ ކަރުނުން ފުރިފައިވީ ދެލޮލާއިއެކީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. އަދި ހަތިޔާރު ބެހެއްޓުމަށްފަހު މަޑުމަޑުން ޒަޔާން އަށް ފުރަގަސްދެމުން ހިނގައިގަތީމެވެ. “އޯވް… ކިހިނެއްވީ ހާދަ މާޔޫސް ތިވީ؟ އަދި އެއްފަހަރު އައިސް އަހަރެން ކުރިމަތީ އެއްޗެއް ބުނެލަބަލަ ހިތްވަރެއް ހުރިއްޔާ..” އޭނާއަށް ހީވަނީ އަހަރެން އެއްޗެކޭ ނުބުނެ މި ދަނީ އަހަރެން ފިނޑިކަމުން ހެއްޔެވެ؟ އެހެން ވިއްޔާ އެއީ ވަރަށް ބޮޑު ކުއްހީ އެެކެވެ. ޙަޤީޤތުގައި މަދުމައިތިރި ކަމާއިއެކު އަހަރެން މި ދާ ދިޔުމުން އަންގައިދެނީ އަހަރެންގެ ހިތްވަރު ގަދަ ކަމެވެ.
އޭނާ އަހަންނަށް މަލާމާތުގެ ބަސްތައް ރައްދު ކުރަމުން ދިޔައެވެ. އެއިރު އޭނާގެ ދެފާރާތުގައި ތިބި އޭނާގެ ދެ އެކުވެރިން އޭނާއާއި އެއްބައި ވަމުން އަހަންނަށް މަލާމާތް ކުރަމުން ހެމުން ދެއެވެ. ނަމަވެސް އެއިން އެއް ކަމަކަށްވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން މަޑުމަޑުން އިސްޖަހާލައިގެން އައި އިރު އާހިލް ވެސް އަހަރެންގެ ފަހަތުން އާދެއެވެ. އެއިރު ޒަޔާން މެންގެ އަޑު ދިޔައީ އަހަރެންވެސް ދުރަށް ދިޔަ ވަރަކަށް ފޭދެމުންނެވެ. އަހަންނަށް ރަނގަޅީވެސް އެ އަޑު ނީވުނިއްޔާއެވެ.
މި ވީ ކަމަކުން ކާހިތް ވެސް ކެނޑިއްޖެއެވެ. އިސްރާފު ނުކުރުމަށްޓަކައި ކާން މަސައްކަތް ކޮށްކޮށްވެސް ކެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެވެސް ޑަސްބިނަށް އެޅުމަށްފަހު ސްކޫލްގެ ފާޚާނާ ބަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ފިރިހެން ކުދިންގެ ފާޚާނާ ބަރިއަށް އަހަންނާއި އާހިލް ދިޔައީ މަޑު ފިޔަވަޅު ތަކެއްގައެވެ. މޫނު ދޮންނަ ތަށި ކުރިމަތީ ހުއްޓިލުމަށްފަހު އަމިއްލަ ސޫރައަށް ބަލައިލީމެވެ. ދެލޯ ހުރީ ރުއިމުގެ ސަބަބުން ރަތް ވެފައެވެ. ކަރުނަތައް ކޯތާފަތްމަތިން ވަނީ ހިކިފައެވެ. ބަލާކަށްނުހުރެ އިސްކޫރު ދޫކޮށްލުމަށްފަހު މޫނު ދޮންނަން ފެށީމެވެ. މޫނުމަތި ތާޒާވޭތޯއެވެ. ނޫނީ ކުރިޔަށް ހުރި ގަޑިތަކުގައި މުދައްރިސުންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
އަހަރެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ކަމެއް ބަދަލެއް ނުވިއެވެ. މިލާފައިވާ މޫނުގައި ތާޒާ ފެން އުނގުޅުނު ކަމުގައި ވީނަމަވެސް ޙަޤީޤީ ތާޒާކަމެއް ނައެވެ. ފާޚާނާއިން އަނބުރާ ކްލާހަށް އައިސް ވަތް އިރު ނަސީބަކުން އެކަކުވެސް ކްލާހުގައި ނެތެވެ. އަދި އިންޓަރވަލް ގަޑި ނުނިމެނީއެވެ. އަހަރެން އާހިލްއާއިވެސް ވާހަކަ ދެއްކުމެއް ނެތި އައި ގޮތަށް އައިސް ޑެސްކުގައި ބޯ އަޅާލީމެވެ. ކިތަންމެ ނުވިސްނަން ހުއްޓެއް ކަމަކު އާޔާގެ ޚިޔާލުތައް އަހަރެންގެ ސިކުނޑީގައި ރަސްކަން ކުރަން ފެށިއެވެ.
***
“މުޙައްމަދާ! ތި ދޭންވީ ހަމަ މިހާރު… ތީ ހާދަ މުހިންމު އެއްޗެކޭ…” އަހަރެމެން ކޮންމެ ދުވަހަކު އިންޓަރވަލް ގަޑީގައި އައިސް ތިބޭ ބެންޗްގެ އެއް ފަރާތުގައި އަހަރެން އާޔާގެ ނޯޓް ފޮތެއް ޖަހައިގަނެގެން ހުރީމެވެ. އޭނާ ދިޔައީ ބެންޗްގެ އަނެއް ފަރާތުގައި ހުރެގެން ނަމަވެސް އެ ނޯޓްފޮތް އަތުލެވޭތޯ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޭނާ އަހަރެން ގާތު އާދޭސް ކުރަން ފެށުމުން އަހަންނަށް ވީ މަޖާ ކަމަކަށެވެ. އެހެންވެ އޭތި އޭނާގެ އަތަށް ނާރުވާ ވޭތޯ ހިތްވަރާއިއެކު އަހަރެން މަސައްކަތް ކުރީމެވެ. އެ ނޯޓްފޮތް އޮތީ އޭނާ އާންމުކޮށް ގެންގުޅޭ ނޯޓުފޮތް ތަކާއިވެސް ވަރަށް ތަފާތު ކޮށެވެ. އެހެންޏާ ރެއިންބޯ އަށް މަރުދޭ އަންހެނާ މިއަދު މިގެންގުޅޭ ފޮތެއްގެ ތަފާތުކަމުން އަހަރެންވެސް އޭގެ އެތެރެ ބަލާ ހިތް ވެއްޖެއެވެ. އެ ފޮތް އޭނާ އަތުން އެހާ ވަރުން ޖަހައިގަތީވެސް އަސްލު އެހެންވެއެވެ. އެ ފޮތުގައި ވަނީ ކުރީ ޒަމާނުގެ ފޮތްތަކުގައި ހުންނަ ފަދަ މަޑު މުށި ކުލައެކެވެ. އޭގައި މާބޮޑު ޑިޒައިނެއް ނެތް ނަމަވެސް ބާވެފަ ވާގޮތް ދައްކައިދީފައި ހުރިލެތް ކިތަންމެހާވެސް ފުރިހަމައެވެ.
“ހަމަ އަސްލުވެސް ތީތި އާޔާ އަށް ވަރަށް މުހިއްމޭ… އަޔާ… އުހުން.. ލޯބި ލޯބި ދޮންބޭ.. ޕްލީޒް… އާޔާ އަށް ތިފޮތް ދޭން ވީނުން.. ޕްލީޒް…”އެންމެ ފަހު ބަހަށް ދިގު ކޮށްލައިފައި އާޔާ އެހެން ބުނިއިރު އަހރެން ހުރީ ހުއްޓުން އަރައިފައެވެ. ތުންފަތް ފިއްތާލަމުން އޭނާ އެހެން ބުނެލި އިރު ހާދަ ލޯތްބެވެ. ގޮސް ދެކޮލުގައި ހިފާލައިފާނަމޭ ވެސް ހިތަށް އެރިއެވެ. އޭނާ އަހަންނާއި “ދޮންބޭ” އޭ މުޚާތަބު ކުރުމުން ނޭނގޭ ސަބަބަކާހުރެ އަހަރެންގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. ހިނިތުން ވެލެވުނީ ބޭއިޚްތޔާރުގައެވެ. އަހަރެން އާޔާ އަބދުވެސް ދެކެނީ ކޮއްކޮއެއްގެ ގޮތުގައި ކަމުގައި ވީ ނަމަވެސް އާޔާ ދުވަހަކުވެސް އަހަންނާއި އެގޮތަށް މުޚާތަބު ނުކުރެއެވެ. އަހަރެންގެ ހިތުގައި އޭނާ އަށްޓަކައި ވީ ހަމްދަރުދީ އާއި ކުލުނު އުތުރި އަރައިގަތީ ހަމަ ކުއްްލިޔަކަށެވެ. އެ ފޮތް ވެސް ލައްޕާލުމަށްފަހު އޭނާ އަތަށް ދިނީމެވެ.
އަހަރެން އެ ފޮތް އެހާ އަވަހަށް އާޔާ އަތަށް ދިނުމުން ކުޅި ބަލަން އިން އާހިލް އަކަށް ކަމަކު ނުދިޔައެވެ. ދެބުމަ ގޮށް ޖަހާލަމުން ކުދި ކިޔަން ފެށީ އަހަންނާއި ދިމާލަށެވެ. ކާމިޔާބީގެ ހިނިތުން ވުމަކާއިއެކު އާޔާ އައިސް ބެންޗުގައި އިށީނދެލާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
***
އަހަންނަށް އާޔާގެ ޚިޔާލުތަކާއި މެދު ވިސްނުނު ނަމަވެސް ހިނިތުން ވެސް ވެވިއްޖެއްވެ. އޭނާއަށް އަހަރެން މިއީ އޭނާގެ ދޮންބެކަން އެނގުނު ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ ދޮންބޭ އޭ ކިޔާ އޭނާ ވާހަކަ ދެއްކީ އަހަރެން މިއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެކަން ނޭނގޭ ޙާލުގައެވެ. އަހަންނަށްވެސް މިއަށްވުރެ ކުރިން އެކަން އެނގުނު ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ ހިނިތުން ވެލެވުނަސް މި ހިތުގައި އެޅިފައިވި ކޫރުމުން ދޭތެރެއަކުން ދިލަ ނަގަމުން ދިޔައެވެ. އާހިލް އަހަރެންގެ ކޮނޑުގައި އަތް ޖަހާލަމުން އަހަރެން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.
” ދޮންބޭ” އަހަރެން ސިއްސަިއގެން ދިޔައީ ނުހަނު ގާތުން އާޔާގެ އަޑު އަހަންނަށް އިވުމުންނެވެ. މިއީ އަޅޭ ހީއެއް ބާވައެވެ؟ ހީއެއް ކަމަށް ނިންމާ ކުރިން އޮތް ގޮތަށް ޑެސްކުގައި ބޯ އަޅައިލައިގެން އޮތީމެވެ. ނަމަވެސް އެއީ ހީއަކަށް ނުވިއެވެ. އަނެއްކާވެސް އާޔާގެ އަޑު ތަކުރާރު ވިއެވެ. އަހަރެން މަޑުމަޑުން ބޯ ހިއްލާލީމެވެ. ލިބުނު ހައިރާން ކަމާއިއެކު އަހަންނަށް ހުރެވުނީއެވެ. ރޭގަ ހުވަފެނުގަ ހުރި ގޮތަށް އަހަރެންގެ ކުރިމަތީ އެހުރީ ހަމަ އާޔާ އެވެ. ހަމަ އެ މިލާއިވާ މޫނު މައްޗެވެ. އެ ހިތާމަވެރިކަމެވެ. ހަމަ އަތް ދިއްކޮށްފައިވަނީވެސް ވަކި ދިމާލަކަށެވެ. އޭނާ އަތް ދިއްކުރި ދިމާލަށް އަހަރެން ބަލައިލީމެވެ. އަހަރެމެންގެ ކްލާހުން ތަންކޮޅެއް އަނދިރިވެފައިވީ ކަނެކެވެ އެތާ ހުރީ ހަމަ އެއްކަލަ މީހާއެވެ. ނަމަވެސް އަނދިރިގަނޑުުތެރޭ ނިވާވެފައެވެ. ދެން އަނެއްކާވެސް އާޔާ ހުރި ދިމާލަށް ބަލައިލިއިރު އެކަކުވެސް އެތާކު ނެތެވެ. ހަމަ އެކަކުވެސް ނެެވެ. އަހަންނަށް މިހާރު ދުވާލުވެސް ހުވަފެން ބެލެން ފެށުނީހެއްޔެވެ؟ ނޫނެކެވެ. ދެންމެ ހަމަ ޙަޤީގަތުގައިވެސް އާޔާ އެތާ ހުއްޓެވެ. އެއިރު ކުދިން ކްލާސްރޫމް ތެރެއަށް ވަންނަނީއެވެ. އަހަރެން ފަރާތް ފަރާތް ބަލަން ފެށުމުން އާހިލް ސުވާލު ކުރަން ފެށިއެވެ.
” ޔާން.. ކިހިނެތް ވީ؟ ކޯންޗެއް ތި ހޯދަނީ؟” އަހަރެން އަދިވެސް އާހިލް އަށް ޖަވާބުދޭކަހަލަ ޚިޔާލެއް ނުކުރަމެވެ. ދެން އާޔާ އެ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ” އާޔާ..” ވައި އަޑުން އަހަންނަށް އާޔާއަށް ގޮވާލީމެވެ. އަންނާށޭ ބުނާފަދަ ގޮތަކަށެވެ. “ޔާން އާޔާ ކިހިނެއް ވީތަ؟” އަހަރެން އާޔާގެ ނަން ބުނި އަޑު އާހިލް އަށް އިވިއްޖެއެވެ. އަނެއްކާ އޭނާގެ ސުވާލުތަކަށް އިތުރު ބޮޅެއް އިތުރު ވީއެވެ. “އާލް އަށް ނުފެނޭތަ؟ ދެންމެ މިތާ ހުއްޓެއްނު އާޔާ… މި.. މިތާ ކުރިމަތީ.. ޔާން ގެ ކުރިމަތީގަ..” އަހަރެންގެ ކުރަކި ވެފައިވާ އަޑުން އާހިލް ގާތު އާޔާ އެތާ ހުރި ވާހަކަ ބުނެލީމެވެ. ނަމަވެސް އޭނާ ކަންތައް ކުރާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. “ޔާން.. ހަމަ ޖެހިބަލަ.. ތިތާކު އެއްވެސް މީހެއް ނެތޭ… ޔާން އާޔާ އާއި ދޭތެރޭ މިހާރު މާ ބޮޑަށް ވިސްނާތީ ހީވަނިއްޔޭ ތީ އާޔާ ހުންނަ ހެން… ދެން އެހާ ބޮޑަށް ނުވިސްނަބަލަ..” އާހިލް އަހަންނަށް ނަސޭހަތް ދޭފަދަ ގޮތަކަށް ބުންޏެވެ. އޭނާއަށް ހަމަ ޙަޤީޤތުގައިވެސް އާޔާ ނުފެނުނީހެއްޔެވެ؟ ނޫނީ ފެނުނުކަން އަހަންނަން ސިއްރު ކުރަން ބޭނުންވަނީހެއްޔެވެ؟
ޚުދު އަހަންނަށް ޤަބޫލު ނުކުރެވުނު ކަމެއް އެހެން މީހަކަށް ޤަބޫލު ކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ އަހަރެންވެސް ދެން މަޑުން އިނީއެވެ. ނަމަވެސް އަހަރެންގެ ސިކުނޑިތެރޭގައި ސުވާލުތައް އެނބުރެން ފެށީ ކުރިޔަށްވުރެ ގިނައިންނެވެ. ޖަވާބު ނުލިބޭ ޙާލުގައެވެ. މިއަދު ވީ ކަމަކުން މޫޑު ޚަރާބުވެފައި އިންދާ އަނެއްކާ އަހަންނަށް މި ކުރިމަތިވީ ވިސްނަން މަޖުބޫރު އަނެއް ކަންތަކާއެވެ. އަހަންނަށް އަދިވެސް ނުވިސްނެނީ އާޔާ ބުނެދޭން އެ އުޅޭ ވާހަކައެވެ. އޭނާގެ އަނގައިން އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމަ އެގޮތަށް ހުންނަނީއެވެ. އަހަރެން ވިސްނާ ވިސްނާ އަދި މިކަމުގައި ބޯ ގޮވާނެއެވެ.
ބޮލުގައި ހިފަހައްޓާލަމުން އަނެއްކާވެސް ހަމަޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. އެކަން ކާމިޔާބު ވާނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. މުދައްރިސް އައުމުން އަނެއްކާވެސް ކިޔެވުން ކުރިއަށް ދާން ފެށިއެވެ. ނަމަވެސް އެ ވަގުތަށްފަހު އެންމެ ހިނދުކޮޅަކަށްވެސް މުދައްރިސް ކިޔައިދެއްވާ އެއްޗަކަށް ސަމާލުކަމެއް ނުދެވެއެވެ. މުދައްރިސާއި ދިމާލަށް ބަލަހައްޓައިގެން އިނުމުން އަހަރެން ވަރަށް ފަރުވާތެރިވެ އަޑުއަހަން އިން ހެން ހީވެދާނެއަވެ. ނަމަވެސް އަހަރެންގެ ހިތުގައި ވާ އެއްޗެއް އެކަކަށްވެސް ނޭނގޭނެއެވެ. ގަޑިތައް ފެށިގެން ކުރިއަށް ދިޔައިރު ފާއިތުވަމުން ދިޔަ ކޮންމެ މިނެޓެއް އަހަންނަށް ވީ ޤަރުނަކަށެވެ. މިވަގުތު އަހަރެން މިހުރީ ނުހަނު ގެއަށް ދާން ބޭނުންވެފައަވެ. ޒަޔާން ގެ އުނދަކޫ ތަކަށް ކެތް ކުރަން ދަތިވެގެން ކަމަށްވެސް ވެދާނެއެވެ. އޭނާވެސް އެއީ އަދި ކަމެއް ފަށައިފިނަމަ ހުއްޓާލަން އެނގޭ މީހެއް ނޫންވިއްޔާއެވެ.
ފޫހިކަމާއިއެކު ގަޑިތައް ފާއިތުވަމުން ދިޔައެވެ. އެންމެ ފަހު ގަޑި ޖެހުމުން އަހަރެންގެ ހިތަށް ކުޑަވަރެއްގެ ހިތް ހަމަ ޖެހުމެއް ވެރިވިއެވެ. ގެއަށް ދެވޭ ގަޑި ކައިރިވަމުން ދާތީއެވެ. ކެތްތެރިކަމާއިއެކު އަހަރެން އިނީމެވެ. މިގަޑިތަކުގައި ފިލާވަޅެއް ހަދަން ހަވާލު ނުކުރާކަން އެއީ އަހަރެންގެ ނަސީބެވެ. ނޫންނަަމަ އެކައްޗެއްވެސް ހަދާކަށް އަހަންނަކަށް ނޭނގުނީހެވެ. އެކަމަކު މިހާރުވެސް އާޔަ އާއި ގުޅިގެން ސުވާލުތައް އައިސްފިނަމަ އަހަންނަށް ނިކަން ފުރިހަމަ ކަމާއިއެކު ޖަވާބު ދެވުނީހެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަށް މިޔޮށް ހުރިހާއިރު ކިޔަވައިދިން ފިލާވަޅުތަކުގެ ބަދަލުގައި ވިސްނުނީ އާޔާ އާއި މެދުގައި ވިއްޔާއެވެ.
ބެލް ޖަހާލުމާއިއެކު އަހަރެން އަވަސް އަވަަށް ދަބަސް ކޮނޑުގައި އަޅުވާލީމެވެ. އަހަރެންގެ އެ ކުޑަކުޑަ އަމަލުންވެސް ގެއަށް ދާން ތައްޔާރުވެފައިވީ މިންވަރު އެންމެނަށްވެސް ވަޒަން ކޮށްލެވޭނެއެވެ. ހިނދުކޮޅަކަށް މަޑުކޮށްލީ އާހިލް އަށް ވާންދެނެވެ. ނަމަވެސް އެ ދެތިން ސިކުންތުގެ ފައިދާ ޒަޔާން މެން ނަގަން އުޅުނީ އޭގެ އެންމެ ހިތި ގޮތަށެވެ. “ކޮބާ ހާދަ އަވަހަކަށް މިއަދު ގެއަށް ދާން ތި އުޅެނީ؟ އަހަރެންގެ ފަރާތުން އަވަހަށް ސަލާމަތް ވެވޭނެކަމަށް ހީ ނުކުރައްޗޭ…” ބޮޑު ކަމެއްތާއެވެ. މީނާ މިއުޅެނީ އަހަރެންގެ ހުރި ވަރު ދައްކާނުލައިގެން ހެއްޔެވެ؟ އަހަރެން ވެސް މިއީ ފިރިހެން ކުއްޖެކެވެ. އޭނާ އަށްވުރެ ވަކި ހިތްވަރު ބައްޔެއް ނުވާނެއެވެ. ނަމަވެސް އަހަރެން އޭނާގެ ފަރާތުން ބަދަލު ހިފާކަށް ނޫޅޭނަމަވެ. އެއީ އަހރެން ފިނޑިވެއެއް ނޫނެވެ. އޭނާއަށްވެސް އަހަރެން އިޙްތިރާމް ކުރާތީއެވެ. އޭނާ އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔަ އިރުވެސް އަހަރެންގެ ހިތަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވީ އެހެންވެއެވެ.
އެކަން ވެގެން ދިޔައީ އޭނާއަށް ބަރުދާސްތު ނުކުރެވުނު ކަމަކަށެވެ. “ކިިހިނެއް ވެގެންތަ މާ މަޑުން ތިހުންނަނީ؟ މަންމަނަކަށް ވީތަ؟ އެ އަންހެން ކުއްޖާ އަދި މިހާރު ސްކޫލަކަށްވެސް ނާދެއޭ އަދި… އޭނާ އެ ދިޔަ ތަނަކަށް ދިޔައީ ކަލޯ އަޑުވެސް ހިފައިގެން ދޯ…” ހީވާގޮތުން އަހަރެން ވާހަކަ ނުދެއްކުމުން އޭނާ ހުރީ ފުދޭވަރަކަސް ނުރުހުން ވެފައެވެ. އަހަރެން ރުޅި އަރުވާލަން މަސައްކަތް އެކުރަނީ އެހެންވެއެވެ. ނަމަވެސް މިފަހަރު އެކަން ކާމިޔާބު ވިޔަކަ ނުދޭނަމަވެ. އަހަރެން ހަމައެކަނި އެއް މިޔަކަނުން ހިނިތުން ވެލީއެވެ. ރުޅި ހިފަހައްޓާ ނުލެވުނީ އޭނާއަށެވެ. އެ ބާރުގަދަ ދެ އަތުން އަހަރެންގެ ކޮލުގައި ހިފާލިއެވެ. އޭނާ ހިފާލިގޮތުން ކޮލަށް ކުޑަކޮށް ތަދުވެސް ވިއެވެ. އަނގައިން ތަންކޮޅެއް ހަލާކު ނުވެ ސަލާމަތް ވެއްޖިއްޔާ ރަނގަޅެވެ. ނަމަވެސް އެހެން ވާނެހެނެއް ހިޔެއް ނުވެއެވެ. ކޮލުން ކުޑަުން ލޭ ރަހަ ލާހެން އެބަ ހީވެއެވެ.
“ހުއް.. އަދި މާ މާތް ވީހަކަށް ވާނަމޭ ހިތާތަ ކަލޭ ތިއުޅެނީ… މި އަތްތިލައިގެ ބާރު ދައްކާލަން ވީ ދޯ އަދި…” އިތުރަށް ބާރު ނުދެއްކިޔަސް އަހަންނަސް މިހާރުވެސް އެ އަތުގެ ބާރުގަދަކަމުގެ ރަހަ އަނގައިގައި ލައިފިއެވެ. އަދި އިތުރަށް އެއުޅެނީ އަހަރެން ގައިގައި ތަޅަން ހެއްޔެވެ؟ އޭނާ އެ ރުޅިގަނޑުގެ ތެރެއަށް ދޫކޮށްލައިފައި އަަހަރެން ބޭނުމީ ދާށެވެ. އެއިރު އާހިލް ހުރީ ވާގޮޮތެއް ބަލާށެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލާހެންވެސް އެބަ ހީވެއެވެ. އޭނާގެ ދެ އަތްތިލަ ވަނީ މުއްކަވާލެވިފައެވެ. އާހިލް ހުރީ ޒަޔާން ގެ ފުރަގަހުގައި ކަމުން އެ މޫނުމައްވަށް އަރަމުން ދިޔަ ކުލަވަރު ޒަޔާން އަކަށް ނުފެންނާނެއެވެ. އަދި އޭނާގެ ކަނާއަތާއި ވާއަތަށްވެސް ނޭނގޭނެއެވެ. އަހަރެން ލޮލުގެ އިޝާރާތުން އާހިލްއަށް ހަމަޖެހުމަށް އަންގާލީމެވެ.
ޒަޔާން ނުވިސްނާ ހުރި ވަގުތެއްގައި އަހަރެންގެ ކޯތާފަތުގައި ހިފަހައްޓާފައިވީ އޭނާގެ ބާރުގަދަ އަތް ނައްޓުވާލީމެވެ. އަތުން ޖަހާފައެއް ނޫނެވެ. ނަމަވެސް ހަމަ ރީތިކޮށް މަޑުމަޑުންނެވެ. އަހަރެން މިއުލެނީ އޭނާއާއި ތަޅާފޮޅައިގެން ތިންވަނަ ބޮޑު ހަނގުރާމަ ފައްޓާކަށް ނޫން ވިއްޔާއެވެ. އަހަރެން ބޭނުމީ ސުލްޙަވެރިކަމާއިއެކު މިކަން ހުއްޓާލާށެވެ. އޭނާއަށް ނަސޭހަތްދީ އޭނާ ހެޔޮ މަގަށް އަޅުވާށެވެ. އަހަރެންގެ އެ ޢަމަލުން އޭނާގެ ރުޅި އެތައް ގުނައަކަށް އިތުރުވެގެންްް ދިޔައެވެ. އެ ދެލޮލުން އަލިފާން ބުރާނަމަ މިހާރު އަހަރެން ފިއްސާލައިފިކަން ގައިމެވެ.
އަހަރެން އަޅާވެސް ނުލައި އާހިލް އާއިއެކު ކްލާހުން ނިކުމެެން ކޮރިޑޯއިން ލައިފައި ސިޑިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އެއިރު ޒަޔާން އާއި އޭނާގެ ދެ އެކުވެރިން އަހަރެމެންގެ ފަހަތުން އޭތި މީތި ކިޔަމުން އާދެއެވެ. އަހަންނަށް ކޮންކަމެއް ހެއްޔެވެ؟ އޭނާގެ އެދުމަކީ އަހަރެން ހުރިތަނުން އެނބުރި ދުވެފައިގޮސް އޭނާގެ މޫނުމަތީގައި ގައިހުރި ބާރެއް ލައިފައި ޖެހުން ކަމުގައި ވާނަމަ އެ އެދުމަށް ވަރަށް ސަލާމެވެ. އާހިލް ހުރީ ރުޅި ގަދަވެފައި ކަމުން އަހަރެން ބެލީ އިހަށް އޭނާ ހަމައަކަށް އެޅުވޭތޯއެވެ. އެއީވެސް ފުދޭަރަކަށް ރުޅިގަދަވާ މީހެކެވެ. އޭނާގެ ރުޅިގަނޑު ފަޅާލައިފިނަމަ އެ ދުވަހެއްގެ ކަންތައް ދެން އެ ދިޔައީ ކަމަށް ހީކޮށްލާށެވެ. އެހާވެސް ރުޅި ގަދަ ވާނެއެވެ. ނަމަވެސް މިހާރު އޭނާވެސް ރުޅި ކޮންޓްރޯލް ކުރަން އެބަ ދަސްކުރެއެވެ. އަހަރެން އެހެންވެ އެކަަމާ ވަރަށް ބޮޑަށް އުފާވެސް ކުރަމެވެ.
“އާލް.. ހަމަޖެހިބަލަ.. އަހަރެން ގާތު ހަމަޖެހޭށޭ ކިޔައިފަ ތިމާ އަމިއްލަ މީހާ ތިހުރީ މިހާުރު ހަމަޖެހެން ވެފައެއްނު.. އެއީ ދެން އެހާ ވަރު ކަމެއް ނޫނޭ.. އެސޮރު އަބަދުވެސް އުޅޭ ގޮތެއްނު އެއީ.. އަޅާ ނުލާބަލަ.. އަދި އޭނާއަށްވެސް ވިސްނޭނެ.. ޔާންވެސް ރުޅި އައޭ އޭނާ އާޔާ އާިއ ދޭތެރޭ އެހެން ވާހަކަ ދައްކާތީ.. އެކަމަކުވެސް އޭނާ އާއި ދިމާލަށް ހަޅޭއް ލަވައިގެން ކޮން ފައިދާއެއް އަހަރެމެންނަށް ލިބޭނީ؟ އެހެންވެޔޭ ޔާންވެސް އަލާނުލީ..” ވިސްނައިދޭ ކަހަލަ ގޮތަކަށް އަހަރެން އާޙިލް އާއި މުޚާތަބު ކުރީމެވެ. އޭނާއަށް ނަސީބަކުން ވިސްނުމުން ހުރިހާކަމެއް ހަމައަކަށް އެޅިގެން ދިޔައެވެ. ދިޔަ މަގުމަތީގައިވެސް ދެމީހުން ދެމީހުންނަށް ސަމާސާ ކުރަމުން ދިޔައިރު ގިނައީ އަހަރެން ދޭތެރެއަކުން ބުނެލާ ވާހަކައަކުން އާހިލް ހީހީ ލޮލުން ކަރުނަ އަންނަ ފަހަރެވެ. އަހަންނަށް އެހާ މަޖާ ނޫނަސް އަހަރެން ބުނެލާ އެއްޗެހިން މިމީހުންނަށް އެހާ މަޖާވަނީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އެރި އަދަދުވެސް ނޭނގެއެވެ. ކޮންމެއަކަސް އަހަރެންގެ ސަބަބުންވެސް ބަޔަކު ހިނިތުންވާތީ އުފާވިއެވެ. އަދި ބަޔަކު ރުޅި އައި ކަމުގައި ވިޔަސް އެވެ.
އެގޮތުގައި ހިނގަމުން ގޮސް އަހަރެންގެ ގެއާއި އަރާ ހަމަވުމުން ގެއަށް ވަނީމެވެ. ތަލުވަޅަށް ތަޅުދަނޑި ކޮށްޕާލުމަށްފަހު އެ ގޮތަކަށް އަނބުރާލުމާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެން އަވަހަށް އެތެރެއަށް ވަދެ ތަޅުދަނޑި ނެގުމަށްފަހު ދޮރު ލައްޕާ އެތެރެއިން ތަޅު ލީމެވެ. ދެން އެނބުރިލީ ތަނާ ސިހިގެން ދިޔައީ ކުރިމަތިން ފެންނަންހުރި ބައްޕަގެ ނުރުހުން ވެފައިވާ މޫނު ފެނުމުންނެވެ. ހިތުގެ ހިނގުން އަވަސް ވާން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. ހިތް ހީވަނީ ދެންމެ ދެންމެ މޭގަނޑު ފަޅާލައިފަ ބޭރަށް ނިކުމެދާނެހެންނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެހެން ކަމުން ބޭރުފުށުން ހަމަޖެހޭކަން ދައްކާލަމުން ގަދަކަމުން ބައްޕައަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލީމެވެ. ބަދަލުގައި އަހަރެންގެ ކޯތާފަތަށް އެރީ އެ ބައްޕަގެ ބާރުގަދަ އަތުގެ ހޫނު ހަމަލާއެކެވެ.
( ނުނިމޭ )
17 Comments
Comments are closed.
Yeyyy me first ???
hehe.. yess.. mifaharu jazlee first dhw… 🙂
v.v.v.reethi
jazakillah khairan SHIFU.. 🙂
Yeyy…. I’m first
hehe.. mifaharu second dhw… dhn faharakun first ah lavvaalaatho try kohllaa.. adhi mihen ulhelaafa first ah hama lavvaalafaane.. good luck! hehe.. 🙂
I am first
hehe.. yeah mifaharu SHIFU first.. 🙂
Alheyyy… vrh vrh reethi mi prt s…. alhe dhn thi dad eh ge s rulhi madu krn vejje ennu dhwh…. I guess adhi kiriyr dhwh main point ah strii mi dhiya ee…. strii’s name akii sirru…. nd mhr aayaaa ge sirru hwdhn thr miulhenii…. vrh reethi mi prt s… ekm thiulhey xiyaan eh dheke vrh vfh rulhi s eba rdhey….kn irakn tha nxt prt? Curiously waitin ngh… ly…♥♥♥♥
hehe.. dhw mishy.. keeh kuraany.. adhi ayaan ge dad ah ves iraadhakurehviyyaa visneyney.. 🙂 hingaa dhw balamaa dhn vaagotheh.. hehe.. in sha allah miadhu free vehjeyyaa inan balaanan adhi eh part up koh dheveytho.. faharuga aee kamuga ves vedhaane Term Test ge kurin up vaane emme fahu episode aky.. ekam inan ah v varakun try kuraanan.. vrh bodah sorry ingey mishy.. 🙁
Salaam readers.. miothy mi vaahakaige 13th episode… ummeedhu kuran hurihaa kiyuntherinnah ves kamudhaane kamah… mi episode ehaa lahun genesdhevunythy vrh vrh vrh bodah kiyuntheringe faraathun maafah edhen.. dhn ves othy vrh hithaama veri khabareh… 🙁 faharegga miadhu adhi eh episode inan ah up koh dhevidhaane.. ekam faharegga e episode aky term test ge kurin inan ah genesdheveyne emme fahu episode kamuga ves vedhaane… ekam ves inan ah v varakun up koh dheveytho balaanan… mi part ehaa dhigu mi kohly ves ehnve.. ekam vrh ufaavehje dhigu kollevunyma readers ufaa vaanethy.. 🙂 kiyevumaky enme iskan dheyn jehey kanthah kamugai vaathy kuda break eh mi negeny… in sha allah test nimunuhaa avahakah kuriyah huri baithah vrh avas avahah genesdheveytho balaanan.. ummeedhu kuran readers ah mi situation understand vaane kamah.. 🙂
Yess…. inan…. yuh should study in this time…mishy mennh s 12th may ga term test feshenii….I know tht yuh will start uploading this strii after ur test…. study well nd try to get gud mrks…♥♥♥♥
thank you for understanding… jazakillah khairan mishy.. same 2 u.. 🙂
inan varah nice stryy….n inan ulhenee kon grade eh ga tha
Thank you aaan.. 🙂 saanavee grade eh ga ulheny.. 🙂 hehe
Kba 14
vrh vrh bodah sorry hairaan.. ehaa las vaathy 14th part.. nxt week ga in sha allah, balaanan 14th part up kohdheveytho.. 🙂