Skip to content
އެސްފިޔަ

ސިއްރު – 12

މަންމަ ވާހަކަ ދައްކަމުން ދިޔައިރު އަހަންނަށް އިނދެވުނީ ހިނިތުން ވެލައިގެންނެވެ. މައިންނަކީ ޙަޤީގަތުގައިވެސް ހާދަ މަތިވެރި ބައެކެވެ. ދަރިން ކުރާ ކޮންމެ ކަމަކަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ރަނގަޅު ކުރަންވީ ކަންކަން ބުނެދީ އެ ވަނީ ކެތްތެރިއެވެ. އަހަރެން ބޯ ޖަހާލަމުން އަނެއްކާވެސް ކޮޓަރިން ނިކުންނަން ދިޔައީމެވެ. މިވަގުތު އަހަންނަށް އެރުނީ ސީދާ ބައްޕަގެ ކުރިމައްޗަށެވެ. އަހަރެންގެ ހިނިތުންވުން ވަގުތުން ފިލާ ދިޔައެވެ. އަހަރެން ފެނުނު ވަގުތު ބައްޕައަށްވެސް ވީ އެވަރެވެ. އެއަށްފަހު ދުރުބަލަން ފެއްޓިގޮތުން އަނެއްކާވެސް މި ހިތުގައި ރިއްސާލިއެވެ. އަދި އަހަރެން މިގޮތް ބަދަލުކުރާނަމެވެ. އިން ޝާ ﷲ! ހިތާހިތުން އެހެން ކިޔާލަމުން އަހަރެނންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ބައްޕައާއި ދިމާލަށް ބަލާލައިފައި އަނެއްކާވެސް ކޮޓަރިން ނިކުތީމެވެ.

އަހަރެންގެ ކޮޓަރިއަށް ވަތްތަނުންވެސް އާޔާ މަތިން ހަނދާންވީ ނަމަވެސް އަހަރެން މިދުވަސްކޮޅު ހަނދާން ނެތިފައިވީ ކަމެއްގެ މަތިން ކުއްލިޔަކަށް ހަނދާން ވިއެވެ. އަހަރެންގެ ކިޔެވުމެވެ. ބަންދު މިދެދުވަހު ސްކޫލަށް ނުގޮސް ހުއްޓަސް މާދަން އަހަރެން ސްކޫލަށްވެސް ދާން ޖެހޭނެއެވެ. އަނެއްކޮޅުން އޭލެވެލް ޓެސްޓުވެސް އަހަރެންގެ ބޯމަތި ވަނީއެވެ. މަޑުން ހުރެވޭކަށް ނެތެވެ. ހުރިހާ ކަމެއް މިއޮތީ އެއްފަހަރާއެވެ.

އަހަރެން އަވަސްވެގަތީ މާދަން ސްކޫލަށް ދާންވާއިރަށް ހަދަން ޖެހޭ ފިލާވަޅުތައް ހެދުމަށެވެ. ސިކުނޑީގައިވާ ނުތަނަވަސްކަން އެއްފަރާތްކޮށްލީ މިކަމަށް އަހަރެން ވަގުތުދޭން ބޭނުންވީ ވަރުންނެވެ. މިވަގުތު ކިޔެވުމަކީ އަހަރެން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައް ކަމުގައި ވާތީވެސް މެއެވެ. އަވަސްއަވަހަށް ގޮސް ދަބަހުގައި ހުރި ފޮތްތައް ބަލަން ފެށީ ފިލާވަޅު ހަދަން ހުރިތޯ ބެލުމަށެވެ. ސުބުހާނައްﷲ! ފިލާވަޅުތައް ދީފަހުރީ ވަކިވަރަކަށް ނޫނެވެ. މިއީ އަދި ހެނދުނު ކަންވެސް ހަމަ ނަސީބެކެވެ. ނޫންނަމަ މިރޭ ފަތިސްވާންދެން އަހަންނަށް ޖެހުނީހީ މި ފިލާވަޅުތައް ހަދަން އުޅޭން ކަންނޭނގެއެވެ. ލަހެއް ފަހެއް ނުކޮށް ކިޔަވާ މޭޒުމައްޗަށް ފޮތަކަށް ފަހު ފޮތެއް ނަގަމުން ފިލާވަޅުތައް ހަދަން ފެށީމެވެ.

އަހަރެން އަރާހުރި ފޯރިގަނޑަށް އަލްވަދާއު ކިޔުމަށްފަހު ހިންދެމިލީ މެންދުރު ނަމާދަށް ގޮވި ބަންގީގެ އަޑު އިވުމުންނެވެ. ނަސީބަކުން ހީކުރި ގޮތާ ޚިލާފަށް ދެން އެހާ ގިނައިރު ފިލާވަޅު ހަދަން އިންނަން ޖެހޭނެ ހެނެއް ހިޔެއް ނުވެއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަވަސް އަވަހަށް ގޮނޑިން ތެދުވެލައި މިސްކިތަށް ދާން ތައްޔާރުވެލީމެވެ.

މެންދުރުގެ އެ ހޫނުގަދަ ވަގުތު މަގުމަތިން ހިނގާފައި ދާއިރު ގައިގައި އަވިކޮޅެއް ޖެހިލާއިރަށް ފިހޭ ވަރުވެއެވެ. އެހާވެސް ހޫނުގަދައެވެ. އަހަރެންގެ ގެއާއި މިސްކިތާއި ތަންކޮޅެއް ކައިރިކަންވެސް އެއީ މިއަދު އަހަރެންގެ ނަސީބެވެ. ނޫންނަމަ މިސްކިތަށް ފޯރާއިރު އަހަރެންގެ ޙާލެއް ނޯންނާނެ ނޫންހެއްޔެވެ؟ ދަލުގެ ގޮތުގައި ފެން ބޭރުވެ ބޭރުވެގޮސް ގައިން ފެން ހުސްވެދާނެ ނޫންހެއްޔެވެ؟ ކެތްތެރިވެލަމުން ގޮސް މިސްކިތަށް އަރައި ޖަމާޢަތުގައި ނަމާދުކުރަން ފެށީމެވެ.

ނަމާދުކޮށްލެވުމުން ހިތަސް ހަމަޖެހުމެއް ލިބިއްޖެއެވެ. ސިކުނޑިވެސް ތާޒާވެލައިފިއެވެ.”އަޔާން… ބްރޯ ކޮބާ ޚަބަރެއް ވެސް ނުވަމެއްނު މިއަދު… ކީއްވީތަ؟” އެ ގޮވާލީ އަހަރެންގެ އެންމެ ގާތް މިތުރު އާހިލް އެވެ. އަހރެމެން ދެމީހުން ދިމާ ނުވާ ތަނެއް ނުދޭ ދޯއެވެ. ކުޑަކޮށް ހީލަމުން އޭނާއަށް އަހަރެން ޖަވާބުދޭން ތައްޔާރުވެލީމެވެ. “މާދަން ސްކޫލަށް ދާންޖެހޭކަން ހަނދާން ނައްތާލައިގެން އެނބުރި އެނބުރި ހުއްޓާ ކުއްލިއަކަށް އެ ހަނދާން ވީ… ދެން ފޮތްތައް ބަލަންފެށި އިރު ކަމަކު ދާކަށް ނެތް.. ހުސް ފިލާވަޅު.. މަތި މައްޗަށް މަތި މައްޗަށް… ދެން އަދި އެހެން މީހަކާއި ވާހަކަ ދެއްކޭނެތަ؟ ދެން އެކަމު އޮތީ އެކައުންޓް ފިލާވަޅު އެކަނި.. އޭތިދެން ވަރަށް ކުޑައެއްނު… ހިންދެމިލި ގޮތަށް މިއައީ ނަމާދަށް…” އަހަރެންގެ ޙާލަތު އަލިފުން ޔާޔަށް އާހިލް އަށް ކިޔައިދިނީމެވެ. އޭނަވެސް ލުއި ގޮތަކަށް ހީލީއެވެ.

” މަވެސް އެކައުންޓް ފިލާވަޅު އެކަނި އޮންނާނީ ނުނިންމާ…” އާހިލް އެހެން ބުނި ވަގުތު ދެލޯ ބޮޑު ކޮށްލަމުން ފުޅާ ހިނިތުން ވުމަކާއިއެކު އަހަރެން އޭނާއާއި ދިމާލަށް ބަލައިލި ގޮތުން އޭނާވެސް ހުރީ އަހަންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. ކީއްވީހޭ އަހާލާފަދަ ގޮތަކަށެވެ. ” މާ ރަނގަޅަކަށްނު މި ވީ… ހިނގާ އެހެންމަ ދެމީހުން އެއްކޮށް އެ ނިންމަން.. އޭރުން ފަސޭހަވެސް ވާނެއްނު… އަނެއްކޮޅުން މަ ފޫހިވާނެ އެޔޮތް ހުރިހާއިރު އެކަނި ވެއްޖިއްޔާ…” އާހިލްގެ ކޮނޑަށް އަތް ވައްޓާލަމުން ގޮސް އެންމެ ފަހު ބަސް އަހަރެން ބުނީ މޫނު ކުނިކޮށްލަމުންނެވެ. އެއީ އަހަރެން ފޫހިވާނެ މިންވަރު އޭނާއަށް ދެއްކުމަށްޓަކައެވެ. އަހަރެން ވާހަކަ ދެއްކި ގޮތުން އާހިލް ހުރީ މަޖާވެފައެވެ. އަހަރެން ބޭނުންވީވެސް ދެން އާޔާގެ ހަނދާންތައް މަޑުމަޑުން އިހަށް ދުރުކޮށްލުމަށްފަހު އަނެއްކާވެސް އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރާށެވެ. އަހަރެންގެ ކާމީޔާބީއާއިއެކު އެތެރެއިން ހުރީ ހީލަހީލާއެވެ. ޙަޤީޤަތުގައި އަހަރެން އާހިލް ގެއަށް މިގެންދަނީ އަދި އިތުރު އެހެން ބޭނުމަކާއިވެސް އެކުގައެވެ.

އާހިލް އާއިއެކު އެގެއިން އޭނާގެ ފޮތް ނަގައިގެން އައިސް އަހަރެންގެ ގެއަށް ވަނީމެވެ. މިފަހުން އަހރެންގެ ގެއެކޭފަޅު ގެއެކޭ އެއްވަރެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަންމަވެސް އަދި އެއްކޮށް ރަނގަޅުނުވާތީ ކޮޓަރިން ބޭރަށް ނުނިކުމެއެވެ. އަނެއްކޮޅުން ބައްޕަ އަހަރެން ފެނުނަސް އަޅައެއް ނުލައެވެ. ބައްޕައަށް މިހާރު އަހަންނެކޭ ދުނިޔޭގަ ނެތް މީހެކޭ އެއްވަރެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިނިތުން ވެލަމުން އާހިލްއާއިއެކު ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. އަހަރެންގެ ކޮޓަރި އަހަންނާއިއެކު އެހެން މީހަކު ޙިއްސާ ނުކުރާތީ ކިޔަވާ މޭޒުކައިރީވެސް ހުރީ އެއް ގޮނޑިއެވެ. އެހެން ކަމުން އޭސީ ޖައްސާލުމަށްފަހު އިތުރު ގޮނޑިއެއް ހިފައިގެން އެބަ އަންނަން ކަމަށްބުނެ އަހަރެން ކޮޓަރިން ނިކުތީމެވެ.

އަހަރެމެން ފިލާވަޅު ހަދަމުން ދިޔައިރު ޖެހި ސަކަރާތް ވެސް ހީވަނީ އެ ފިލާވަޅުގެތެރެއިން އައިސް އޮތް ބައެއް ހެންނެވެ. އަހަރެމެން ދެމީހުން ޖެހިއްޖެއްޔާ އަނގަމަޑުން ލައިގެން ހުންނާނެހެންވެސް ހީވޭހެއްޔެވެ؟ އަނެއްކޮޅުން އަހަރެން މިއީ ދަންނަ މީހެއް ކައިރީ އެންމެ ފަހަރަކުވެސް އަނގަ ހުއްޓާލާ މީހެއް ނޫންވިއްޔާއެވެ. އަހަންނަށް ވާހަކަ ދެއްކޭލެއް ގިނަކަމުން ބައެއް ފަހަރަށް އެހެންވެސް ހިތަށް އަރައެވެ. އެކަމަކު ހަމަ އިޚްތިޔާރުން ބޭރުންވެސް އަނގައިން ލަފްޒުތައް ނިކުންނަނީއެވެ. ބައި ގަޑިއިރުން އަހަރެމެން ހަދަން އިން ފިލާވަޅު ނިމުނެވެ. އަދިވެސް އަހަރެންގެ މޮޅު ޕްލޭން މަތިން ހަނދާން ނައްތާނުލަމެވެ. ދެން ވީ އެކަން ފަށާށެވެ.

“ވަރުބަލި ވެއްޖެ ދޯ އާލް..” އާލް އެއީ ބައެއް ފަހަރަށް އަހަރެން އާހިލް އަށް ބޭނުންކުރާ ނަމެކެވެ. އެހެން ނަމަވެސް އެކިފަހަރު އަހރެން އޭނާޔާ ދިމާލަށްވެސް ގޮވަނީ އެކި ނަންނަމުންނެވެ. އޭނާގެ ޙާލަކީވެސް އެއީއެވެ. އަހރެން ކުރި ސުވާލަށް އޭނާ ހޫން ލައްވާލިއެވެ.

“އޯކޭ… ފަސް މިނެޓުގެ ބްރޭކެއް… އެކަމް އެބޮތް ވަރަށް ބޮޑު ސަޕްރައިޒެއް…” އާހިލް ފުންމައިގެން ތެދުވީ ސަޕްރައިޒެކޭ ބުނީމައެވެ. އަހަރެން އަޅެ މޮޅެއް ނޫންހެއްޔެވެ؟ އޭރުވެސް ސަޕްރައިޒެކޭ ބުނެފިއްޔާ އޭނާއަށް އެވަރު ވާނެކަން އަހަންނަށް އެނގެއެވެ. އެކަމަކުވެސް އޭގެ ކުރިއަށް ފަސް މިނެޓުގެ ބްރޭކެއްގެ ވާހަކަ ގެނައީ އިތުރަށް އޭނާއަށް ޝައްކު ނުކުރުވާށެވެ. ބަލައްޗެވެ. އޭނާ އަހރެން ގާތު އެ ބްރޭކް ނުނަގަން ބުނާކަށް ދެން މާ ލަހެއް ނުވާނެއެވެ. ” ހަހަހަ.. ޔާން.. ކީއްކުރާ ބްރޭކެއްތަ؟ އޭސީގައެއްނު މި ތިބީވެސް މިއޮތް ހާއިރު.. ދެން ކޮން ވަރުބައްޔެއް ވާނީވެސް؟ ތިހާ ފަސޭހައިން ވަރުބަލިވާން އަޅެ ތިއީ އަންހެނެއްތަ؟”

ބުނީމެއް ނޫންހެއްޔެވެ؟ ވަރުބަލި ކަމަށް އަމިއްލައަށް އިއުތިރާފުވީ މީހާއަކީ އެއީއެވެ. އެކަމް މޮޅެއް ނޫންހެއްޔެވެ؟ ހުރިހާ ކަމެއް އެޖެހީ އަހަރެންގެ ބޮލަށެވެ. ވަރުގަދަ ފިރިހެނެކެވެ. ” އާން ދެން ހިލު ބޭނުންވެއްޖިއްޔާ ބްރޭކްވެސް ނުނަގަފާނަން… އަދި ރަނގަޅަކަސް ބުނެލީ… އެކަމް ދެން ކީއްތާ ކުރާނީ ދޯ؟ މަގޭ ބެސްޓް ފްރެންޑް ވިއްޔަ.. މިސޮރު ބޭނުންވާ ގޮތަށްވެސް ބައެއް ފަހަރަށް ކަންތައް ކުރަން ވާނެއްނު ދޯ؟” އަހރެން އާހިލް އަށް ގޮވަނީ އެކި ނަންނަމުން ކަން ކުރިންވެސް ބުނީމެް ނޫންހެއްޔެވެ؟ އޭނާ ވާވައްދަމުން އަހަރެން މިއުޅެނީ އޭނާއާއިއެކު އޭނާ މިދުނިޔެ މަތިން އެންމެ ފޫހިވާ ކަންތައް ކުރާށެވެ. ވާގޮތެއް އިނގިދާނެ ނޫންހެއްޔެވެ؟

“އާދޭ ޔާން އާ އެކީ…” އަހަރެން އެހެން ބުނެ ފަހަތުން އައުމަށް އާހިލް އަށް އިޝާރާތް ކުރީމެވެ. ދެޖީބަށް އަތް ޖަހާލައިގެން އޭނާ އަހަންނާއިއެކީ ނިކުތީ އޭނާ ލައްވާ އަހަރެން ކުރުވަން މިއުޅެނީ ކޮން ކަމެއް ކަން ނުދެނަ ހުރެއެވެ. އަހަރެން އައިސް ބަދިގެ ތެރެއަށް ވަދެ އުނދުން ކައިރީ ހުއްޓެލީމެވެ. ” އޯވް ޔާން… ސޯ ސްވީޓް… ޔޫ ޑޯންޓް ހޭވް ޓު ޑޫ ދިސް…” އަހރެން އެއް ބުމަ އަރުވާލަމުން އޭނާއާއި ދި މާލަށް ބަލައިލީމެވެ. އޭނާ ހީކުރަނީ އަހރެން ކުރަން މިއުޅެނީ ކޮން ކަމެއް ކަމަށް ހެއްޔެވެ؟ ” ޓު ޑޫ ވަޓް؟” އަހަރެން އެހުރިގޮތަސްހުރެ ސުވާލު ކޮށްލީމެވެ. ” އަހަރެން ކައިގެންނެ މިއައީ… ތިއުޅެނީ މަސައްކަތް ކޮށްކޮށް އަހަރެންވެސް ބަނޑުހައި ވެފަ ހުރެދާނެތީ ކާންދޭކަށްނު ދޯ… ބްރޯ މަ ބަނޑުހައެއް ނޫނޭ..” އަހަންނަށް ހިނިގަނޑު ފަޅާނުލެވުނީ ކިރިޔާއެވެ. އެތެރެއިން ހީހީ އަހަރެން މިއޮށް ބަލިވަނީއެވެ. ތުންފިއްތާލީ ހިނިގަނޑު އަހަރެންގެ އިޚްތިޔާރުން ބޭރުގައި ދެތުންފަތުގެ ދޭތެރެއިން ނިކުމެދާނެތީއެވެ. އާހިލްވެސް ހީކުރާ ގޮތް ދޯއެވެ.

“ބްރޯ… މަ ނޫޅެން ތިސޮރަށް ކާން ދޭކަށް..” މިހެން ކިޔާ އަހަރެން އޭނާއަތަށް ވަޅިއެއް ދީފައި ކަޓިން މެޓް އޭނާއާއި ގާތް ކޮށްލަދިނީމެވެ. ” ސީރިއަސްލީ؟” އޭނާ އަހަންނާއި ދިމާލަށް ބަލައިލި އިރު ހުރީ ދެބުމަ ގޮށް ޖަހާލާ މޫނުމަތި ރުޅިން ރަތްކޮށްލައިފަވެ. ދެނެއް ނުވާނެއެވެ. އަހަންނަށް ހިނިގަނޑު މަތަކޮށެއް ނުލެވުނެވެ. ބަނޑުގައި އަތް އަޅުވާލީ ބަނޑަށްވެސް ތަދުވާ ވަރުންނެވެ. ހީހީ ދެލޮލުން ފެން އަންނަނިކޮށް އާހިލް އަހަރެންގެ ބުރަކަށްޓަށް ވަރުގަދަ އެތިފަހަރެއް ވީއްލާލިއެވެ. ” އަޅެ ކީއްކުރަން މަށަށް ޖެއްސި ކަމެއް މީ؟ ދުވަހަކުވެސް އާލް ކުރިކަމެއް ނޫނޭ މިއީ.. ދެން ކައްކަން އިނގޭނެތަ؟ އަނެއްކާ ކޮން މޮޅު ރޭވުމެއް މީގެ ފަހަތުގަ އޮތީ؟” އަހަންނަށް އަދިވެސް ހިނިގަނޑު މަތަ ކުރަން ދަތިވިއެވެ. ދެލޮލުންވެސް މިހާރު ފެން އައިއްސިއެވެ. މިހާ ފަސޭހައިން އާހިލް ހައްލާލެވިދާނެކަމަށް ކުރިއަކުން އަހަންނެއް ހިއެއް ނުކުރަމެވެ. މަޖާ ނުވާންވީ ކީއްވެ ހެއްޔެވެ؟ “އެހެންވެގެންނޭ އާލް އަށް ކައްކަން މި ޖެއްސީ.. ކަންކަން ނޭނގޭތީއޭ… އާ ކަންތައްތަ އެކްސްޕީރިއަންސް ކުރަން ވާނެ… ޔާން އެހީތެރިވެދޭނަމޭ… ބްރޯ ހާސްނުވެބަލަ…” އަހރެން ވާހަކަ ދެއްކީ އަދިވެސް މަޖާވެފަ ހުރެއެވެ. އަދި މި ކައްކަނީ މަންމައަށް ކަން އާހިލް ކައިރީ ބުނުމުން އޭނާވެސް ކެއްކުމަށް ގަޔާވެއްޖެޔޭ ކިޔައިފައި މަސައްކަތް ފަށައިފިއެވެ.

އޭނާއަށް އަދި އަހަންނަށް ވީ ވަރުވެސް ނުވެއެވެ. ދެމީހުން އެކި ސަކަރާތުގައި އުޅެމުން މަންމައަށް ކާއެއްޗެއް ތައްޔާރު ކޮށްދިނީމެވެ. މިފަހަރު އޭތި މަންމައާއި ހަމައަށް ގެންދާނީ އަހަރެން ރަހަބަލައިފައެވެ. ކުރީފަހަރު ވިގޮތް ހިތަށް އަރައިފަވެސް ބޯ ހަލާކުވާ ވަރު ވެއެވެ. އަހަރެމެން ހެދީ ޒާތެއްގެ ބަތެކެވެ. ބީޓްރޫޓް އަޅައިފައި ހުރުމުން އޭގައި ހުރީ ރަތް ދަނބު ކަހަލަ ކުލައެކެވެ. އަހަރެމެން އާޝޯޚު ކުރުވިއެވެ. އަދި އިނގޭ ހެއްޔެވެ؟ މީގަ ފައްކާ ތަންކޮޅަކީ އޭތި ކޮށަން އުޅޭއިރު އެޔޮށް ފައިބައި ރީތި ކުލައެކެވެ. ހަމަ ހައިރާން ވާހާ ވެއެވެ. ﷲގެ ކުޅަދުންވަންތަ ކަމެވެ.

އަހަންނާއި އާހިލްވެސް ބަތުގެ ރަހަ ބަލައިލީމެވެ. އަލްޙަމްދުލިއްލާހް! މިފަހަރު ހަމަ ގައިމުވެސް މަންމަ ކާހިތުންވެސް މީތި ކައިފާނެއެވެ. ރެސިޕީ ބަލައިގެން ހެދި ނަމަވެސް ކުރީ ފަހަރު ވީގޮތް ނުވީކަން ހަމަ ނަސީބެކެވެ. އަހަންނާއި އާހިލްވެގެން ކާއެއްޗެހި ހިފައިގެން ގޮސް މަންމަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީމެވެ. ހުއްދަ ލިބުމާއިއެކު އެތެރެއަށް ވަތް ވަގުތު ހެޑްބޯޑުގައި ބުރަކަށި ޖައްސާލައިގެން ރީތިކޮށް އިށީނދެލައިގެން އިނެވެ. އަހަރެމެން ފެނުމާއިއެކު މަންމަ ފުޅާ ހިނިތުންވުމެއް އަހަރެމެންނަށް ހަދިޔާ ކޮށްލިއެވެ. “އަނހަ އާހިލް… ކީއްކޮށްލަނީ މިއަދު؟” އާހިލް ފެނުމުން މަންމަ ހިނިތުން ވެލުމަށްފަހު ސުވާލު ކޮށްލިއެވެ. އާޔާގެ ކުއްލި ވަކިވުމަށްފަހު މަންމަގެ ޙާލު މިހާރު ރަނގަޅުވަމުން ދާތީ އަހަންނަށް ހިތާހިތުން ﷲއަށް ޙަމްދު ކޮށްލެވުނެވެ. “ހަމަ އައިޝާ ދައްތައަށް ކާންދޭން އެއްޗެއް ކައްކަން މިއައީ… ދެން ދައްތަ ބަލިވީމަ ނުކާންފަށައިފިއްޔާ އަޅުގަނޑުވެސް ދެރަވާނެއްނު.. އެހެންވެ މީރު މީރު އެއްޗެއް ކައްކާލަދޭންވެގެން އައީ..” މަންމައާއި ވާހަކަ ދެއްކިއިރު އާހިލްގެ މޫނުމައްޗަށް ގެނައި ޙަރަކާތްތަކުން އަހަރެން ހުރީ މަޖާވެފައެވެ.

މަންމަވެސް ހާދަ ރަނގަޅޭ ކިޔައިފަ އަހރެމެން ގެނައި ތަށިން ބަތް ސަމުސަލެއް އަނގައަށް ލިއެވެ. އެއަސްފަހު އަހަރެމެންނާ ދިމާލަސް ބަލައިލައިފަ ވަރަށް މީރޭ ބުނެލިއެވެ. އެވަގުތު އަހަންނަށް ހީވީ މުޅި ދުނިޔެ ރަންވިހެންނެވެ. އަހަންނާއި އާޙިލް އަތާއި އަތް ޖަހާލީ “ޔެސް” އޭ ކިޔައިފަ ހަޅޭތް ލަވައި ގަންނަމުން އުފާ ފާޅު ކުރުމުގެ ގޮތުންނެވެ. އަދި މިގޮތުގައި މަންމަގެ މޫނުމަތީގައި އަބަދުވެސް ހިނިތުންވުމެއް ހުންނާނެގޮތް މެދުވެރި ކުރެއްވުމަށް އެދި ﷲއަށް ހިތާ ހިތުން ދުޢާ ކޮށްލަމުން އާހިލް އާއި އެކީ އެކޮޓަރިން ނިކުތީމެވެ. މިފަހަރު ބައްޕައާއި ދިމާނުވެ އެކޮޓަރިން ވަރަށް އަމާން ކަމާއިއެކު ނިކުމެވުނިތީ އަހަރެން ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ.

“ނޫނޭ ފައްކާ ކަމެއް އިނގެ މީ.. ޔާން ބުނީ އެހެން ވީމަ ހަމަ ރަނގަޅަށޭ… އާ ކަންތައް އަބަދުވެސް އެކްސްޕީރިއަންސް ކުރަންވީ… ޙަޤީގަތުގަވެސް ވަރަށް އުފާވެފަ މިހުރީ އަހަރެމެން ހެދި އެއްޗެއް އައިޝާ ދައްތަކަހަލަ ކައްކަން މޮޅު މީހަކަށް ކަމުދިޔައީމަ..” އާހިލް އަހަރެންގެ ކޮނޑަށް އަތް ވައްޓާލަމުން އެހެން ބުނެލީ އުފާވެފަ ހުރެއެވެ. ” ޔޫ އަރ ވެލްކަމް…” އަހަރެން އެހެން ބުނެލިތަނާ އާޙިލް ފެށީ ހޭށެވެ. ދެމީހުން އެގޮތުގައި ސަކަރާތް ގަތުމުގައިވެސް އެތައް އިރެއް ވާންދެން ތިބެވުނެވެ.

އާހިލް ދިޔުމުން އަނެއްކާވެސް އަހަރެން އެކަނިވެރި ވީއެވެ. އެހެންކަމުން ފޮތެއް ކިޔާލާނީއޭ ހިތާ ކޮޓަރިއަށް ވަނީމެވެ. ފޮތް ހަރުގަނޑަށް އަތް ގެންދަމުން ދަނިކޮށް އެހެން ކަމެއް މަތިން އަހރެން ހަނދާންވިއެވެ. ފުރަތަމަ އިހަށް ވީ ފެންވަރާކަށް ނޫންހެއްޔެވެ؟ އެއްޗެއް ބޮލަށް ވަންނާނީވެސް ހަށިގަނޑު ތާޒާވެލީމައެވެ. ހެދުން އަޅުވާ ހަރުގައި އިން ތުވާލި ނަގައިގެންގޮސް ފާޚާނާއަށް ވަނީ ފެންވަރާލައި ތާޒާވެލުމަށެވެ.

ފެންވަރައިގެން ނިކުތް ގޮތަށް އަހަރެން ލީ އަހަންނަށް އެންމެ ކަމުދާ ފުޓުބޯޅަ ޓީމު ކަމުގައިވާ ރެއާލް މެޑްރިޑްގެ ޖާޒީއަކާއި ސޯޓެކެވެ. ބޮލުން ފެންތައް އޭރުވެސް ދިޔައީ ނިތްކުރިމައްޗަށް ފައިބަމުންނެވެ. ބޮލުގައި ތުވާލި ދެތިންފަހަރަކު ހާކާލީ ފެންތައް ހިއްކާލުމަށްޓަކައެވެ. ގަޔަށް ބޮޑީސްޕްރޭ ކޮޅެއް ބުރުވާލުމަށްފަހު އަހަރެން ކުރަން އުޅުނު މަސައްކަތަށް އަނބުރާ އައީމެވެ. އިސްލާމް ފޮތް ނަގާ އެނގުދައި ޖައްސާލީ އެފޮތް ކިޔުމުގެ ނިޔަތުގައެވެ. އެންމެ ބޮޑަށް ދަސްކުރަން ހުރީ އިސްލާމް ފިލާވަޅުތައް ކަމުގައި ވާތީވެސް މެއެވެ. ނަމަވެސް އަހަންނަށް ވީ ހަމަ ގިނަ ދުވަސްދުވަހުވެސް ވާ ވަރެވެ. ކިތަންމެ މަސައްކަތް ކުރި ނަމަވެސް ފޮތެއްގެ ތެރެއަށް އަހަންނަށް ވަދެވެނީ ފަނަރަ ވަރަކަށް މިނެޓު ވަންދެނެވެ. ދެލޮލަށް ބަރުވަމުންގޮސް ދެލޯ މެރިއްޖެއެވެ.

ފުންމައިގެން ތެދުވެވުނު އިރު މުޅި ކޮޓަރިތެރެ ވަނީ އެއްކޮށް އަނދިރި ވެފައެވެ. ކުރިމަތިން ކުޑަކޮށް އަލިވާހެންވެސް އެބަ ހީވެއެވެ. ނޫނެކެވެ. ހީވަނީކީ ނޫނެވެ. ޙަޤީޤަތުގައިވެސް އެބަ އަލިވެއެވެ. އެ އަލި އަހަރެންގެ އެނދާ ގާތްވަމުން އަންނަނީއެވެ. އަހަންނަށް އިނދެވުނީ ހައިރާން ކަމާއިއެކު ބަލާށެވެ. ސިއްސައިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އަހަރެންގެ ކުރިމަތީގައި އެހުރީ އާޔާއެވެ. އޭނާގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވާއިރު ލައިގެން ހުރީ ހުދު ކުލައިގެ ހެދުމެކެވެ. އަހަންނާއި ދިމާލަށް އޭނާ ބަލައިލިއިރު އެމޫނުމަތި ވަނީ އެއްކޮށް މިލާ މޯޅިވެފައެވެ. މާޔޫސްވެފައެވެ. ހިތާމައިން ފޯވެފައެވެ. އޭނާ ހީވަނީ އަހަންނަށް އެއްޗެއް ބުނެދޭން މަސައްކަތް ކުރާހެންނެވެ. ދެން އެހެން ހުރެފަ އޭނަ އެހެން ދިމާލަކަސް މޫނު އަނބުރާލުމަށްފަހު އަތް ނަގާ އެދިމާލަށް ދިއްކޮށްލިއެވެ. އެތަނުގައި އެއިރު ކޮންމެވެސް މީހަކު ހުއްޓެވެ. ނަމަވެސް މިއޮއް ކަޅު އަނދިރީގެ ތެރޭގައި އަހަންނަށް އެމީހަކު ފާހަގައެއް ނުވިއެވެ.

އަހަރެންގެ އަނގައިން ވައި އަޑަކުން އާޔާގެ ނަން ބޭރުވިއެވެ. ކުއްލިޔަކަށް އާޔާ ގެއްލިއްޖެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެން ފަރާތް ފަރާތް ހޯދަން ފެށީމެވެ. އާޔާގެ ހިލަމެއް ނުވިތާ އޭނާ އަހަންނަށް ދެއްކި ގޮތް ނޭނގޭ މީހާ ވެސް ފެންނަން ނެތެވެ. އަހރެން ދެތިންފަހަރަކު އާޔާގެ ނަމުން ގޮވާވެސްލީމެވެ. ނަމވެސް ވީ ބަޚަބަރެވެ.

***

އަހަންނަށް ހުރިގޮތަށް ތެދުވެވުނެވެ. އޭސީގެ ތެރޭގައިވެސް މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އަހަރެން ގެންގުޅުނު އިސްލާމް ފޮތްވެސް އޮތީ ބިންމައްޗަށް ވެއްތިފައެވެ. ދެން އަހަރެންގެ އެނދެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮތް ރަޖާގަނޑުވެސް އޮތީ ގުޅައަކަށް ވެފައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ މި ފެނުނީ ހުވަފެނެއް ކަން އެނގުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހުވަފެނާއިމެދު ވިސްނެން ފެށުނެވެ. އާޔާ އަހަންނަށް ކޮންމެވެސް އެއްޗެއް ބުނެދޭން ޔަގީނުންވެސް އެބަ މަސައްކަތް ކުރެއެވެ. ނަމަވެސް ކޯންޗެއް ހެއްޔެވެ؟ ދެން އޭނާ އިނގިލި ދިތްކުރީ ކާކަށް ހެއްޔެވެ؟ އޭނާގެ މަގްސަދަކީ ކޮބައިބާވައެވެ؟

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Jenna

    ?V reethi?

    1. inan
      Jenna

      shukuriyyaa Jenna

  2. mishy

    Woww… vrh meethi mi prt s… ekm hrdha lahunney thi up khlii… nxt prt plx mrdhan or tonight up lhla dheveythw balahcheyy…♥♥♥

    1. inan
      mishy

      hehe.. e vaahaka dhenme inan mibuny.. maa lahun up kurevunyma inan ves mihury vrh dhera vefa.. ekam keeh dho kuraany.. kanthah hama v goiyy… allah medhuveri kurevvi gothakah konme kameh ves badhalu vedhaane.. vrh bodah sorry inge mishy… jazakillah kahiran mishy.. yes… maadhan in sha allah e bai up kohdheveytho balaanan.. ebai mihaaru liyamun midhany.. 🙂 <3<3<3<3<3

    2. inan
      mishy

      varah bodah sorry mishy.. mirey 13th part up koh nudhevidhaane inan ah.. ekamaku short story eh genesdhevidhaane.. 🙂

    3. mishy
      mishy

      Inan free v ma genesdhii new prt eh nghh… okii dhn mirey up khla nudhevunas…♥♥♥♥

    4. inan
      mishy

      jazakillah khairan misy, for undersatanding… 🙂

  3. inan

    salaam readers.. inan vrh masahkathun mi bai lyefa mi up kohly… aslu beynunvi varakasheh ves noon mi genesdhevunyky.. ekam ves mihaaru maa gina dhuvahu kiyuntherin inthizaaruga baithibbaifin.. ehenve avahah up kohdheyn beynun v.. 🙂 dhn kiyuntherin mihaaru hithah araifaane konme part ehga kakkaa vaahaka inan mi gennany keehkuran baavaey.. mi story mihaaru cooking dhaskohdheyn ulhey ehchakah badhalu eba veyey.. ehennu? ehenneh ves noon.. ayaan eynage mamma ah vrh alhaalaathyve eyna egothah e kanthah kury… vrh dhera vehje mihaa lahun up kohdhevunythy ves.. ekam nimunu week aky inan ah vrh bxy week eh.. mihaaru up kohfa meeni part ves evarah liyefa ves beyndhy adhi ithurah dhigukohlan vegen.. ekamakuves hama las vaathy aa ehkoh kiyuntherin story mathin handhaan nethidhaanethyve up kohly… mihaaruves bahattaa shauquverikan mi story nimendhen ves kiyuntherin bahattaane kamah ummeedhu kuran.. 🙂

  4. Ibsha

    Varah reethi

    1. inan
      Ibsha

      jazakillah khairan ibsha.. 🙂

  5. Naadhee

    V reethi mi part ves

    1. inan
      Naadhee

      Jazakillah khairan naadhee.. 🙂

  6. Greeny

    vv nice mi part ves . When next part? keep it up.

  7. inan

    thank you greeny…. in sha allah miadhu up kohdheveytho inan vrh masakkaiyy kuraanan.. 🙂

Comments are closed.