Skip to content
އެސްފިޔަ

އަނދިރިފަރާތް 34

ދެލޯ ހުޅުވާލި ވަގުތު އަހަރެންގެ ހަށިގަނޑަށް އިހުސާސް ކުރެވެމުން ދިޔައީ ފިނިކަމެވެ. ކަޅި އެކި ކޮޅުކޮޅަށް ދައުރުކޮށްލުމާއެކު މި އޮވެވުނީ ކޮންތާކުކަން ރޭކާލައިފިއެވެ. އެޖެންސީގައި ހުންނަ އަހަރެންގެ ކޮޓަރީގައެވެ. ދިގު ހުވަފެނަކުން ހޭލެވުމުން ކުރެވޭ ފަދަ އިހުސާސެއް އޭރު އަހަރެންގެ މުޅި ހަށިގަނޑަށް ކުރެވެމުން ދިޔައެވެ. އަނގަމަތީގައި އަޅާފައިވާ އޮކްސިޖަން މާސްކު ނައްޓާލަމުން އަހަރެން ބޯ ހިއްލައި އެނދުފަޑީގައި ލެނގެލީމެވެ.

ކޮޓަރީގައި ހުރި ސޯފާގައި، ނިދިޖެހެމުން ދިޔަ ރާޔާއަށް މަންޒަރު ފެނުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައި އަހަންނާ ދިމާއަށް އަންނަމުން ދިޔައިރު އެ މޫނުމަތީގައިވާ ކަންބޮޑުވުން އަހަންނަކަށް ސިއްރެއް ނުވިއެވެ.

“އަރޫން! އަރޫން؟ އޯކޭތަ؟ އަޑުއިވޭތަ؟”

ރާޔާ އައިސް އަހަރެންގެ ކޮނޑުގައި ހިފަހައްޓާލަމުން ވާހަކަދައްކަން ފެށިއެވެ. އަހަންނަށް އެވަގުތު އެ މޫނަށް ބަލާލާފައި ހިނިތުންވެލާކަށް ވެސް ނޭނގުނެވެ. އަހަރެންގެ ސިކުނޑި ފުރިފައި ވަނީ މުޅިން އެހެން ޚިޔާލުތަކަކުންނެވެ.

“ހެލޯ؟ ޑޮކްޓާރ؟ އަވަސް! މިކޮޅަށް އާދެބަލަ! އަރޫން ހޭއަރައިފި!”

ނަންބަރަކަށް ގުޅާލަމުން ރާޔާ ނިކަން އަވަސް ރާގަކަށް ވާހަކަދެއްކިއެވެ. އޭރުވެސް އަހަންނަށް އިނދެވުނީ އޭނާގެ މޫނަށް ބަލަހައްޓައިގެން ފާޑަކަށް ގަބުއަރާފައެވެ.

“އަރޫން.. ވާހަކަދައްކަބަލަ!”

ރާޔާ އެހެން ބުނިއިރު އެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވެފައި ވިއެވެ. ނަމަވެސް ކަރުނަތައް ތިރިއަށް ފޭބުމުގެ ކުރިން އޭނާ އަވަސް ޙަރަކާތަކާއެކު ދެލޯ ފުހެލައިފިއެވެ.

އިރުކޮޅެއްފަހުން އެޖެންސީގައި މަސައްކަތްކުރާ ޑޮކްޓަރަކާއެކު ރޫޝިންއާއި ރިޒާމް އެތެރެއަށް ވަދެގެން އައެވެ. ޑޮކްޓަރު އައިސް އަހަރެން ޗެކުކޮށް ހެދުމަށްފަހު ދަންދެން އެ ދެމީހުން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ކޮޅަށް ހުއްޓެވެ.

“އަރޫން…”

އަހަރެން އެއްދިމާއަކަށް ނަޒަރު ހުއްޓައިގެން އިންނަން ފެށުމުން ރޫޝިން އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަރެން ހިންދިރުވާލަމުން އޭނާއާ ދިމާއަށް އެނބުރެލީމެވެ. އަދި އެދެމީހުންގެ މޫނަށް ވަކިވަކިން ބަލާލީމެވެ.

“ޝު…ޝުބާ ކޮބާ؟”

އަހަރެން އެހެން އަހާލުމާއެކު ރިޒާމްއާއި ރޫޝިން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ރާޔާ ވެސް ތުންފަތުގައި ދައިގަނެގެން ހުރެ އެމީހުންނާ ދިމާއަށް ބަލާލިއެވެ.

“އަރޫން.. އަހަންނަށް ހީވަނީ އަދި އަރޫން ރެސްޓުކުރަންވީހެން ބޮޑަށް..”

ރޫޝިން އެހެން ބުނުމުން އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ. އޭނާ އެދިނީކީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން ވިއްޔާއެވެ.

“ކޮބާ ޝުބާ؟”

އަހަރެން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލީމެވެ. މިފަހަރުވެސް ޖަވާބެއް ނައެވެ. ތިން މީހުންގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އަހަރެންގެ ސިކުނޑި އިތުރަށް ހާސްވާގޮތް ވިއެވެ.

“އަރޫން.. ޝުބާ ވާނީ މީގެ ދެ އަހަރު ކުރިން ނިޔާވެފައެއް ނޫންތަ؟ ހަނދާން ނެތުނީ ދޯ؟”

އެވަގުތު ރާޔާ އޯގާތެރި ކަމާއެކު ބުނެލިއެވެ. އަހަރެން މޫނުމަތީގައި ދެއަތުން ފިރުމާލީމެވެ. އެހެންވީމާ އެމީހުންނަށް ޑެލްޓާގެ ހަޤީޤަތް ނޭނގެނީތާއެވެ.

“އަހަރެން ހޭނެތިފަ އޮންނަތާ ކިހާ ދުވަހެއް ވެއްޖެ؟ ކިހިނެއް ކަލޭމެން އަހަރެން މިތަނަށް ގެނައީ؟ ކިހިނެއް އަހަރެމެން ސަލާމަތްވީ؟”

އަހަރެން ސުވާލުތައް ފަތިފައްޗަށް އަމުނާލީމެވެ.

“ވީކްއެއް މިވީ… ދެން ހުރި ސުވާލުތަކުގެ ޖަވާބު އަހަންނަށް ހީވަނީ މި ވަގުތު ދިނުން ރަނގަޅެއް ނޫންހެން. ޔޫ ނީޑް މޯ ރެސްޓް.”

ރޫޝިން ބުނެލިއެވެ. އޭނާ އެތަނުގައި އިތުރަށް މަޑުކުރަން ނުހަދާ ދުރަށްދާން ހިނގައިގަތެވެ. ނަމަވެސް އަހަރެން އެއްލި އަތުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައި މަޑުކުރުވީމެވެ. އެމީހުންނަށް އެ ހީވާ އެއްޗެއް މިހާރު އަހަންނަށް ވިސްނިއްޖެއެވެ. ޝުބާގެ ވާހަކަދެއްކީމާ އެމީހުންނަށް އަހަރެންގެ ސިކުނޑީގައި ކޮންމެވެސް މައްސަލައެއް އުޅޭހެން ހީވީއެވެ.

“ޕްލީޒް ޝިން. އަހަރެން ބޭނުމޭ ހުރިހާ ސުވާލެއްގެ ޖަވާބު ހަމަ މި ވަގުތުން މި ވަގުތަށް. އެހެންނޫނީ އަހަރެން ތެދުވެގެން ގޮސް އާރިފް ސާރ ގާތުން މި އެއްޗެހި އޮޅުން ފިލުވާނީ..”

އަހަރެން އެހެން ބުނުމާއެކު ރޫޝިން ފުންނޭވައެއް ދޫކޮށްލަމުން ބޯ ޖަހާލިއެވެ. ރާޔާ ގާތު ސޯފާގައި އިށީނުމަށްފަހު އޭނާ ވަހަކަދައްކަން ފެށިއެވެ.

“އަހަރެމެންނަށް އެނޯނިމަސް މެސެޖެއް ލިބުނީ.. އޭގަ އޮތީ ތި މީހުން ޒަފަރުގެ އަތްދަށުގައިވީ ވާހަކަ.. އަދި ތި މީހުން ތިބި ލޮކޭޝަން ވެސް އެޓޭޗްކޮށްފަ އޮތް. ވިސްނާވިސްނާވެސް އަހަރެމެންނަކަށް ނުވިސްނުނު ކާކުކަމެއް އެގޮތަށް މެސެޖެއް ފޮނުވާނީކީ!”

ރޫޝިން ކިޔައިދިނެވެ. އޭނާގެ ގާތު އިން ރާޔާ އެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ.

“އަރޫން އާ ޑެލްޓާ އެތަނުން ސަލާމަތްކުރީ ތުރުކީގެ ސީކްރެޓް އޭޖެންޓުން.. އެމީހުން އަސްލު ހާދަ ހެލްޕްފުލްއޭ..”

ރާޔާ ބުނެލިއެވެ.

“ޑެލްޓާ.. އޭނަ އޯކޭތަ؟”

ރާޔާގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއްނުދީ އަހަރެން ބޭނުންވި ސުވާލުކޮށްލީމެވެ.

“އާނ އޭނަ އޯކޭ ވާހަކަ ސާރ ބުނި. އަދި އޭނަ އެކަނި އެކޮޅުގައި އެ މިޝަން ކުރިއަށް ގެންދާ ވާހަކަވެސް ބުނި..”

ރޫޝިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯޖަހާލީ ވިސްނުމެއްގައި އިނދެއެވެ.

“އޯކޭ.. ކޭން ޔޫ ގާއިޒް ލީވް މީ އެލޯން ފޯ ސަމްޓައިމް. ޕްލީޒް.”

ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހަރެން ވާހަކަދެއްކީމެވެ. ރާޔާއާއި ރޫޝިން މަޑުމަޑުން ބޯ ޖަހާލުމަށްފަހު ކޮޓަރިން ނިކުތުމަށްޓަކާ ހިނގައިގަތެވެ. ރިޒާމްވެސް އިރުކޮޅެއްވަންދެން އަހަންނާ ދިމާއަށް ބަލަން ހުރުމަށްފަހު އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

އެމީހުން ނިކުމެ ކޮޓަރިތެރެ ހިމޭންވުމާއެކު އަހަރެން ބޮލުގެ އިސްތަށިގަނޑުތެރެއަށް އަތް މާހާލީމެވެ. ޑެލްޓާގެ އުނގުމަތީގައި ހިރިނުލެވިފައި އޮތަސް އޭނާ އޭރު ދެއްކި ވާހަކަތައް އަހަރެންގެ ކަންފަތަށް ރަނގަޅަށް ވެސް އިވުނެވެ. ލޯމެރެމުން ދިޔަ ނަމަވެސް އެ ވާހަކަތައް މި ސިކުނޑިތެރޭގައި ރަނގަޅަށް ހަރުލާފައި އެބަހުއްޓެވެ. އޭނާ އަކީ ހަމަ ޝުބާ ހެއްޔެވެ؟ އެއީ ހަމަ ހަޤީޤަތް ހެއްޔެވެ؟ ނޫނީ އެއީ އަހަންނަށް ފެނުނު ހުވަފެނެއް ހެއްޔެވެ؟ އަދިވެސް އަހަންނަކަށް ޔަޤީނެއް ނުވެއެވެ.

އެކަންތައް ޔަޤީންކުރެވެން އޮތީ އެންމެ ގޮތެކެވެ. އެއީ ޑެލްޓާއާ ވާހަކަދެއްކުމެވެ. ނަމަވެސް އޭނާއާ ވާހަކަދެއްކޭނީވެސް އަހަރެންނަށް އެކޮޅަށް ދެވިގެނެއް ނޫން ހެއްޔެވެ؟

އޭނާއަށް ލިބުނީ ކޮންކަހަލަ އަނިޔާތަކެއް ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އޭނާއަށް ގުޅައި އޭނާގެ ހާލަތު އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ. އޭނާ އެކަނި މާއެކަނި މި މިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ރައްކާތެރި ގޮތެއް ނޫންކަން އަހަންނަށް ރަނގަޅަށް ވެސް އެނގެއެވެ. އޭނާ އެކަނި ނުރައްކަލުގެ ތެރެއަށް ދޫކޮށްލާފައި އަހަންނަށް ހަމަޖެހިގެން އިނދެވިދާނެ ހެއްޔެވެ؟

އޭނާ އަކީ ޝުބާ ކަމުގައިވާނަމަ އަހަރެން އޭނާ ގާތު ދައްކަންވެފައި ހާދަ ބައިވަރު ވާހަކައެއް އެބަހުއްޓެވެ. ހާދަހާ ގިނަ ޝަކުވާއެއް އެބަހުއްޓެވެ. ހާދަހާ ގިނަ ސުވާލެއް އެބަހުއްޓެވެ.

މި ހުރިހާ ޚިޔާލުތަކުގެ ސަބަބުން އަހަރެންގެ ސިކުނޑި މިހާރު ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ބާލީހުގައި ބޯ އަޅާލުމަށްފަހު އަހަރެން ދެލޯ މަރައި ތަގުޅިކޮށްލީމެވެ.

** **

އަހަރެންގެ ކޮޓަރިއަށް މާޒް ވަދެގެން އައީ އިރުގަނޑެއް ވީފަހުންނެވެ. އޭނާ ފެނުމާއެކު އަހަރެން ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރީމެވެ. އެ މޫނުމަތީގައިވާ މާޔޫސްކަން އަހަރެންގެ މި ސިކުނޑިއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ރައިނާ ގެއްލުމާ ގުޅިގެން އޭނާގެ ހިތަށް ކޮށްފައި އެ ވަނީ ވަރަށް ވެސް ފުން އަސަރުތަކެކެވެ.

“ހޭ. ކިހިނެއް؟”

އޭނާ އައިސް ސޯފާގައި އިށީންނަމުން ވަރުދެރަ ގޮތަކަށް ވާހަކަދެއްކިއެވެ.

“ދެއަތަށް ދެ އައިވީ ގުޅާފައި ހުއްޓަސް، މަ ހަމަ އޯކޭއޭ..”

އެނދުގެ ދެފަރާތުގައިވާ ދެ އައިވީ ފުޅިއަށް ބަލާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެއާއެކު މާޒް ކުޑަކުޑަކޮށް ހިނިތުންވެލިއެވެ.

“ހޭ.. އައިމް ސޯ ސޮރީ އެބައުޓް ރައި.. އަހަރެމެން.. އަސްލު ޖެހޭނެ އޭނަ ހޯދަން މަސައްކަތްކުރަން… އެކަމަކު…”

އަހަރެން އޭނާއަށް ހަމްދަރުވީވާ ހާލު ވާހަކަދައްކަން ފެށީމެވެ.

“އެކަމުގަ އަރޫންގެ ކުށެއް ނެތް.. ހައްތަހާވެސް އަހަރެންގެ ކުށް..”

އިސްޖަހާލަމުން މާޒް ބުނެލިއެވެ.

“އެންމެ ފުރަތަމަވެސް އަހަރެން އެކަންތައް އާރިފް ސާރ އަށް އެންގިނަމަ… މިހެން ކަންތައް ވުމުގެ ފުރުސަތު ކުޑަވީސް..”

އޭނާ ރިހުން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ.

އަހަރެންނަށް ހިންދިރުވާލެވުނެވެ. ރައިނާ ގެއްލުނު ފަހުން އޭނާއަށް ރަނގަޅަށް ނުވެސް ނިދޭކަން ކުރިން އަހަންނަށް ވަނީ ރާޔާގެ ފަރާތުން އެނގިފައެވެ. އެ ހިތުގައި އުފެދިފައިވާ ރިހުން އަހަންނަށް އިހުސާސްވެސް ނުކުރެވޭނެކަން ޔަޤީނެވެ.

“ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ އަހަރެން.. އަހަންނާހެދި އަރޫންއަށް ތި އަނިޔާތަކާ ކުރިމަތިލާން ޖެހުނީވެސް..”

އޭނާ ބުނެލިއެވެ.

މާޒް އެބުނި އެއްޗެއް ނޭނގިގެން އުޅޭފަދަ ގޮތަކަށް އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. އޭނާ އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެކަމުގައި އޭނާގެ އޮންނާނީ ކޮން ކުށެއް ހެއްޔެވެ؟

“ތި ބުނީ؟”

ހައިރާންކަމާއެކު އެ މޫނަށް ބަލަހައްޓައިގެން އިނދެ އަހަންނަށް ސުވާލުކޮށްލެވުނެވެ.

“ކީއްވެ ޒަފަރުއަށް ކުއްލިއަކަށް އަރޫންމެންގެ ހަގީގަތް އެނގެންވީކީ؟ މީހަކު އެމީހުންނަށް މަޢުލޫމާތު ނުދޭނެމަ އެނގޭނެހެން ހީވޭތަ؟”

މާޒް އެ ކޮށްލި ސުވާލުތަކުގެ ސަބަބުން އަހަރެން މުޅިން ބަސްހުއްޓުނެވެ. ޝައްކުގެ ނަޒަރުން އަހަރެން އެ މޫނަށް ބަލަން އިން ނަމަވެސް ކުރިމަތީގައި ނިއުޅެމުން މިދަނީ ހަޤީޤަތް ކަމަށް ޤަބޫލުކުރަން މި ހިތަށް އުނދަގޫވިއެވެ.

“ތި ބުނީ؟ އެ މީހުންނަށް މައުލޫމާތި ދިނީ….؟”

ޗާބީ ދީފައިވާ ބުދެއްހެން މާޒްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަހަރެން ވާހަކަދެއްކީމެވެ. އެއާއެކު އޭނާ އިސްއުފުލައި އަހަރެންގެ މޫނަށް ބަލާލިއެވެ. އެ ދެލޮލުން ފާޅުވަމުން ދިޔަ ނުތަނަވަސްކަމުގެ އަސަރުތައް އަހަންނަށް ރަނގަޅަށްވެސް ފާހަގަވިއެވެ.

“ރަނގަޅަށް ތި ހީވީ.. އެމީހުންނަށް މައުލޫމާތު ދިނީ އަހަރެން.”

މާޒް އެހެން ބުނި ވަގުތު އަހަރެންގެ ހިތަށް ވެރިވި ޝުޢޫރުތައް ކިޔައިދޭން އުނދަގުލެވެ. ގާތްމީހަކު ތިމާއަށް ބޭވަފާތެރިވީމާ އެ ކުރެވޭ ހިތްދަތި އިހުސާސެވެ.

އިރުކޮޅެއް ވަންދެން އަހަންނަށް އޭނާގެ މޫނަށް ބަލަން އިނދެވުނެވެ. ތަފާތު އެކި ޚިޔާލުތައް އަހަރެންގެ ސިކުނޑި ހިޞާރުކުރަމުން ދިޔައެވެ. އޭނާ ޒަފަރުއަށް އަހަރެމެންގެ މަޢުލޫމާތު ދޭންވީ ކީއްވެ ހެއްޔެވެ؟ އޭނާއާ ޒަފަރުގެ ދެމެދުގައި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އޭނާ އަހަރެމެންގެ މި އެޖެންސީއަށް ބޭވަފާތެރިވީ ހެއްޔެވެ؟ އެކަމަކު އެހެން ވާންވީ ކިހިނެއް ހެއްޔެވެ؟ އެކަން އަހަންނަށް ޤަބޫލުނުކުރެވެނީ މި ކީއްވެ ހެއްޔެވެ؟ މިކަމުގައި އަދި އެބަ އިތުރު ކަންތައްގަނޑެއް އުޅެއޭ ހިތަށް މި އަރަނީ ކީއްވެ ހެއްޔެވެ؟

“އަރޫން ބޭނުމިއްޔާ އަހަރެން މި ކުރި ކަންތައް އާރިފް ސާރއަށް ރިޕޯޓްކުރޭ.. އަހަންނަށް މައްސަލައެއް ނެތް..”

ލިބުނު ޝޮކުގައި އަހަރެން އިންދާ މާޒް މަޑުމަޑުން ބުނެލިއެވެ. ނޭފަތް ދަމަމުން އޭނާ ސޯފާއިން ތެދުވެ ކޮޓަރީގެ ދޮރާ ދިމާއަށް ދާން ހިނގައިގަތެވެ.

“މާޒް.. ވެއިޓް!”

އަހަރެން ގޮވާލުމާއެކު އޭނާ އެހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. ނަމަވެސް ފަހަތަކަށް ނުއެނބުރުނެވެ. އޭނާގެ މޫނު އަހަންނަށް ދައްކަން ބޭނުންނުވީ ކަންނޭނގެއެވެ. އެމޫނުމައްޗަށް އަރައި ފައިބަމުން ދިޔަ އިހުސާސްތައް އަހަންނަށް ފޮރުވަން ބޭނުންވީ ކަންނޭނގެއެވެ.

“ކީއްވެ؟”

އަހަރެން ފުންނޭވައެއް ދޫކޮށްލަމުން އޭނާ ގާތު އަހާލީމެވެ. ސަބަބެއް ނެތި އޭނާ އެފަދަ ކަމެއް ނުކުރާނެކަން އަހަންނަށް ހަމަ ޔަޤީނެވެ. އޭނާއަކީ އެކަހަލަ މީހެއް ނޫނެވެ. އެއީ އެއަށްވުރެ މާ ލޯޔަލް މީހެކެވެ. މާ ވިސްނޭ މީހެކެވެ. އެއީ މީހަކު ދައްކާހާ ވާހަކައަށް ހެއްލޭނެ ފަދަ މީހެއް ނޫނެވެ.

“އަހަންނަށް އެނގޭ ރީޒަންއެއް ނެތި މާޒް އެކަހަލަ ކަމެއް ނުކުރާނެކަން..”

އަހަރެން ސާބިތުކަމާއެކު ބުނެލީމެވެ. ނަމަވެސް އޭނާ އަހަންނަކަށް ޖަވާބެއް ނުދިނެވެ. ހަމަ އެ ހުރި ފިޔަވަޅުމަތީގައި، އެ ހުރި ގޮތަށް، ފާޑަކަށް ގަނޑުވެފައި ހުރީއެވެ.

އަހަންނަކަށް ކެތެއް ނުވިއެވެ. އޭނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެނީހެއް އަހަންނެއް ނުހުއްޓާނަމެވެ. ދެއަތަށް ގުޅާފައިވާ ދެ އައިވީ ނައްޓާލުމަށްފަހު އަހަރެން ގައިމަތީގައިވާ ރަޖާގަނޑު އެއްފަރާތްކޮށްލީމެވެ. އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް އަރައި، އެ މޫނަށް ނަޒަރު ހުއްޓާލީމެވެ. އެ ދެލޮލުން ރޮނގަކަށް ފައިބަމުން ދިޔަ ކަރުނަތައް ފެނި އަހަރެންނަށް އުނދަގޫވިއެވެ. އޭނާ އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟

“ރައިނާ..”

ދުރު ބަލާލަމުން އޭނާ މަޑުމަޑުން ރައިނާގެ ނަން ކިޔާލިއެވެ.

“އެ ދުވަހު އަހަންނަށް އަންނޯން ނަންބަރަކުން ކޯލެއް ލިބުނީ.. އެ ނުލަފާ ޒަފަރު ވާހަކަދެއްކީ.. ބުނީ އެކޮޅަށް ގޮސްއުޅޭ އެޖެންޓުންގެ މަޢުލޫމާތު ނުދީފިނަމަ ރައިނާގެ ދުވަސް ދުއްވާލާނަމޯ..”

މާޒް އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ވާހަކަދެއްކިއެވެ.

“އަރޫން އަހަންނަކަށް ނޭނގުނު އެވަގުތު ވީގޮތެއްވެސް.. އަހަރެން ދުވަހަކުވެސް ހިތަކަށް ނާރަ މި އެޖެންސީއަށް ބިޓްރޭ ކުރާކަށް.. އެކަމަކު ރައިނާ.. އަހަރެން އެ މައުލޫމާތު ފޮނުވީ ރައިނާ ސަލާމަތްކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން..”

އޭނާ ހިތްދަތި ގޮތަކަށް ވާހަކަދެއްކިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ.

އެކަމަކު މިހާރު އަހަންނަށް އެމީހުން ރައިނާ ގެންދިޔަ ސަބަބު އެބަ ވިސްނެއެވެ. އެމީހުންގެ ބޭނުމަކީ ރައިނާ ބޭނުންކޮށްގެން މާޒްއަށް ބްލެކްމެއިލް ކުރުމެވެ. އަދި އެޖެންސީއިން މިސްޓާރ ޒެޑް ހޯދަން ކުރާ މަސައްކަތް ފެއިލް ކުރުމެވެ. ރައިނާ އަކީ މާޒްގެ ބަލިފައިކަން އެމީހުންނަށް އެބަ އެނގޭތާއެވެ.

“އަރޫން އައިމް ސޯ ސޮރީ.. އަހަންނަށް ޖެހުނީ އަހަރެންގެ ފުރާނަ ފަދަ ދަރިފުޅާ އަރޫންމެންނާ ދެމެދު ޗޫޒްކުރަން. އެއީ ހާދަ…….އުނދަގޫ ޑިސިޝަންއެކޭ އަރޫން…”

މާޒް މަޑު ގިސްލުމެއްގެ ތެރެއިން ވާހަކަދެއްކިއެވެ. ތުރުތުރު އަޅަމުން ދިޔަ އެ ދެތުންފަތް ފެނުމުން އަހަރެންގެ ހިތުގައި އޭނާއަށްޓަކާ އުފެދިފައިވާ ހަމްދަރުދީ އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ދުވަހަކުވެސް އޭނާ އެގޮތަށް ރޯތަނެއް އަހަންނެއް ނުދެކެމެވެ. އޭނާގެ ހިތަށް އުނދަގޫވެފައިވާ މިންވަރު އަހަންނަށް އަންދާޒާކޮށްލެވުނެވެ.

“ހޭ.. އިޓްސް އޯކޭ.. އަހަރެން މާޒްގެ މަގާމުގައި ހުރި ނަމަ… ހަމަ ނަގާނީ ތި ޑިސިޝަން..”

އޭނާގެ ކޮނޑުގައި އެއް އަތް ބާއްވާލަމުން އަހަރެން ވާހަކަދެއްކީމެވެ.

“އެކަމަކު…. އަހަރެން ފަހުން އެ ޗޮއިސް ބަދަލުކުރީ..”

އޭނާ އެހެން ބުނުމާއެކު އަހަންނަށް މަޑުމަޑުން ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ޗޮއިސް ބަދަލުކުރިނަމަ…އެ ޗޮއިސް ބަދަލުކުރިނަމަ…ރައިނާ އަށް ވާނީ ކިހިނެއް ހެއްޔެވެ؟

“އަހަރެން ޒަފަރު ގުޅި ނަންބަރު ވަރަށް އުނދަގުލުން ޓްރޭސްކުރީ.. އަދި އަރޫންމެން ތިބި ލޮކޭޝަންގެ މައުލޫމާތު އެނޯނިމަސް ކޮށް އެޖެންސީއަށް ފޮނުވީ…އަހަރެން…”

މާޒްގެ އެ ބަސްތަކާއެކު އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެ ދެއްކި ވާހަކަ ޤަބޫލުކުރަން ދަތިވީވަރުންނެވެ. ޒަފަރުމެންގެ އަނިޔާ އަހަރެމެންނަށް އަމާޒު މިވީ މާޒްގެ ސަބަބުންނެވެ. އަދި އަހަރެމެން އޭނާގެ ކިބައިން މި ސަލާމަތްވީވެސް ހަމަ މާޒްގެ ސަބަބުންނެވެ.

ނަމަވެސް މިހާރު މާޒް އެމީހުންނަށް ކެހި ދިންކަން ޒަފަރުއަށް ވާނީ އެނގިފައެވެ. އެހެންވީއިރު ރައިނާ… އެމީހުން އެ މައުސޫމް ކުއްޖާއަށް ހެދީ ކިހިނެއް ހެއްޔެވެ؟

“ނޫން..”

ހިތަށް އަންނަން ފެށި ނުބައި ޚިޔާލުތަކުގެ ސަބަބުން އަހަރެންގެ އަނގައިން އެ ލަފްޒު ނިކުތީ ވައި އަޑެއްގެ ސިފައިގައެވެ.

“އަރޫން.. އަހަރެންގެ ރައިނާ..”

މާޒްއަށް ބުނެވުނީ އެހާ ހިސާބަށެވެ. ގިސްލަގިސްލާފައި ރޮމުން އޭނާ ދެކަކޫ މައްޗަށް ތިރިވިހިނދު އަހަރެންގެ ހިތުގައި ރިއްސާލިއެވެ. އަހަންނަށްވެސް އެވަގުތު ހަދާނެ ގޮތެއް ނޭނގުނެވެ. ބުނާނެ އެއްޗެއް ނުވިސްނުނެވެ. އަހަރެންގެ ސިކުނޑިވެސް ހުރީ ސުމަކަށް ދާން ކައިރިވެފައެވެ.

“ކީއްވެ އެހެން ހެދީ؟ މާޒް މޮޔަވީތަ؟؟ އޭރުން ރައިނާއޯ؟؟”

އަހަންނަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. ރައިނާގެ ބަދަލުގައި އަހަރެން މަރުވި ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުގައި އެޅި އެ ވޭންތަކަށް އެ ކުޑަ ހަށިގަނޑަށް ކެތްކުރެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

“އަރޫން.. އެމީހުން އަރޫންމެން މަރާލާނެކަން އެނގޭއިރު އަހަންނަށް ކަމެއް ނުކޮށް ނުހުރެވުނީ..”

ތަޅުންގަނޑު މަތީގައި އިސްޖަހާލައިގެން އިނދެ މާޒް ބުނެލިއެވެ. އޭނާ ކިހާ ހިތްވަރު ގަދަ ހެއްޔެވެ؟

ދެލޯ މަރާލަމުން ދެންމެ ކަންތައް ވެގެން ދިޔަ ގޮތާމެދު އަހަރެން ރަނގަޅަށް ވިސްނަން ފެށީމެވެ. އޭރުވެސް މާޒްގެ ގިސްލުމުގެ އަޑު މި ކަންފަތަށް އިވިއިވި ހުއްޓެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. whosha

    ❤ it

  2. Liaa

    Assalaam Alaikum. Ummeedhukuran mi part ves kamudhaane kamah! 🙂

    Loves! <3

  3. Araash

    Wat?

  4. Swety

    Alhey mi part ves vvvvv nice. Kobatha dell a. ..dellage part netheema ekam …..

  5. Friends

    Masha allah v salhi.but mi part kuru hen heevany.e vedhaane kiyan beynun v varun kamah vex.haha.rainaa maraa nulahchey igey dear.keep it up.kon dhuvahaku next part up vaany.waiting waiting..
    – Salaam- ???

  6. saambe

    maalass vanee inthizaaruga…….avass35avass
    salhi

  7. saambe

    fothehge gothuga baazaarah neren ragalhu
    1960-1970 ahruthakugai nerunu v mash hooru majahlaa eh kamahvaa “aabaaru” mi majahlaaga hurey mikahala jaasoosee vaahaka

  8. IShan

    Wow Liaa ! U r the best

  9. Blackaholic

    Mashallah..vvv reethi mi part ves.. i love this story .. its really unique.. keep it up Liaa.. luv u..?

  10. reader

    Alheyy haadha kurey… ??

  11. ASH CHUM

    Haadhaaa salhi aaa
    I LOVE
    Keep it up

  12. mishy

    Alheyyy vrh reethi…. I luv this… bt mi prt hrdha kureyyy…. sooo saddd… nxt prt whn?….luv yuhh♥♥♥♥

  13. rishy

    vvvvvvvv reethi mi part vx……… ummeedhu kuran avahah 35 part kiyalan libeyne kamah…….. love u liaa.. u r one of the best writers in esfiya

  14. Saandy

    WOW! V salhi.. Ekam haadha avahakashey thi Delta aa Aroon dhurah thily.. Adhi e 2 meehun ehthan kurahchey.. Liaa! Mihaaru mi storyge episode thah eba maa kuruvey.. Ehen nuhadhabala dear.. Nulaahiku interesting story eh mee.. Ekam maa kuruvangnaa foohivaan fashaafaane.. Ummeedhu kuran kuriah huri episode thah dhigukollaane kamah.. Best of luck 🙂

  15. Delta

    Wow liaa! Great

  16. Araash

    Liaa nxt prt kn irakn up kurany?waiting ingey..Avas khdhehchey

  17. Anonymous

    Loved this part

Comments are closed.