
ޖެހިލި ރޯޅިއާއެކު ހަށިގަނޑަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ފިނިކަމުގެ އަސަރާއެކު ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އެއާއެކު އޭނަގެ ނިދިފިލައި ދިޔައީ ހިއްސުތަކުގައި އަޅުވާލި އިންޒާރުގެ ރަނގަބީލުންނެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވެގެން ދިޔައީ އޭނައާއި ބައްދަލުކުރި މާހައުލުގެ ސަބަބުންނެވެ. ދެލޯބޮޑުކޮށްލަމުން ފަރާތްފަރާތަށް އޭނަ ނަޒަރު ހިންގާލިއެވެ. އޮވެވުނީ ބިންމަތީގައިކަން ވެސް އޭނައަށް ރޭކާލާން ވަގުތު ނެގި އެވެ. އަވަސްވެފައިވި ހިތާއި ކުރުވަމުން ދިޔަ ނޭވާތައް ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ފެތުރިފައި އޮތް އަނދިރިކަމަށް ސަމާލުކަން ދޭން އޭނަ މަސައްކަތްކުރިއެވެ. އޭނަގެ ލޯ އެއަނދިރިކަމުގެ ތެރެއަށް ފަރިތަވާން އިރުކޮޅެއް ނެގިއެވެ.
ވަށައިގެން ވަނީ ބިޔަ ނިކަގަސްތަކާއި ކިނބިގަސްތަކެވެ. ޖެހިލާ ރޯޅިތަކާއެކު ގަސްތަކުން ފައިބާފައިވާ ހިކިފަތްތައް ހަރަކާތްކުރާ އަޑު އިވެއެވެ. ފަޒާގެ ހަމަހިމޭންކަމުގެ ސަބަބުން އެއަޑުތަކުން ވެސް ޝާޢާއަށް އިތުރު ނުތަނަވަސްކަމެއް ގެނެސްދިނެވެ. ޖެހިލުންވެފައިވާ ހާލު ދެފައި މައްޗަށް ކޮޅަށް ތެދުވަން ޝާޢާ ހިތްވަރުކުރި އެވެ. އެކަމުގައި އޭނައަށް ކާމިޔާބު ވެސް ލިބުނެވެ. އެހެނަސް ސަލާމަތުގެ އައްސޭރިއަށް ދާންވީ ރާސްތާއެއް އޭނައަކަށް ނޭގުނެވެ. އެންމެ ކުޑަމިނުން އާދެވިފައިވާ ހިސާބު ވެސް އޭނައަކަށް ނޭގެއެވެ. ވަށްބުރެއް ފަދައިންވި ނިކަގަހާއި އެގަސްތަކުގެ އޮފިތަކުން އޭނަ ވަނީ އެތާނގައި ހައްޔަރުވެފައެވެ. ދާނެ ދިމާލެއް ނެތި ރަސްކަންކުރަނީ އަނދިރިކަމާއި ނާމާންކަމެވެ.
ހިތުގެ ތެޅުން އަވަސްވެ ޝާޢާގެ ނިތުން ފިދި ދަލެއް ހިއްލަން ފެށިއެވެ. އޭރު އޭނައަށް ލިބިފައިވި ނުތަނަވަސްކަމުގެ އިތުރުން ސިކުނޑީގައި ސުވާލުތަކެއް ވެސް އުފެދިފައި ވިއެވެ. އޭނަ އެގޮތް ނޭގޭ ތަނަށް އައީ ކިހިނެއް ހެއްޔެވެ؟ މިއީ ބިރުވެރި ހުވަފެނެއް ހެއްޔެވެ؟ ހުވަފަނެއް ކަމުގައިވަނީނަމަ އަސްލާއި އެއްގޮތް ވެފައިވަނީ ކީއްވެ ހެއްޔެވެ؟ އޭނައަށް ފަޒާގެ ތެތްފިނިކަމާއި މާހައުލުގެ ބިރުވެރިކަން އެހާ ގާތުން އިހުސާސްކުރެވެނީ ކީއްވެ ހެއްޔެވެ؟
ކިތަންމެވަރަކަށް ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ނުވީތާކަށް ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު އޭނަގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އަނދިރީގެ ތެރޭން އޭނައަށް ނާމާން އަޑުތަކެއް ވެސް އިވޭ ކަހަލައެވެ. އޭނައަށް ގޮވާ ފަދަ އެވެ. ކަންފަތް އެއަޑުތަކަށް ސަމާލުވެފައިވި ހިނދު އެއަޑު ކައިރިވަމުން އަންނަކަން ވެސް އިހުސާސް ވެއެވެ.
ނުތުނަވަސްކަމުގެ ނޭވާއެއް ދޫކޮށްލަމުން ޝާޢާއަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އެއާއެކު ފިޔަވަޅުތަކުގެ ދަށުވެ ހިކިފަތްތައް މުރަނަވެގެން ދިޔަ އަޑު ފަޒާގައި ގުގުމާލީ އެހިތަށް ސިހުން ގެނުވާފައެވެ.
ފަހަތަށް ފިޔަވަޅުތައް އަޅަމުން ދިޔަ ޝާޢާއަށް ހުއްޓުމެއް ގެނުވީ ގަސްތަކުގެ ގޮފިތައް ހެލެން ފެށި އަޑުންނެވެ. ހީވަނީ ގޮފިތަކުގެ މަތިން ދިރޭއެއްޗެހިތަކެއް ހަލުވިކަމާއެކު ދަތުރުކުރާހެންނެވެ. ބައެއްފަހަރު ގޮފިތައް ބިންދައިގެންދާ އަޑު ވެސް އިވެ އެވެ. އެންމެފަހުން ވައިގެ ތެރޭން އެއްޗެއް އުދުއްސައިގަތް އަޑާއެކު ޝާޢާއަށް އިސްއުފުލާ މައްޗަށް ބަލާލެވުނެވެ. އެހެނަސް އޭނަގެ ލޮލަށް އެމަންޒަރު ފެނުމުގެ ނަސީބެއް ނުލިބުނެވެ. ފަޅި ސިކުންތުކޮޅެއް ވެސް ނުވަނީސް ކަންވެ ނިމުނީތީއެވެ.
ރޫޚާނީ ކަންތައްތަކުގެ ހިލަން ޝާޢާއަށް އިހުސާސްކުރެވެން ފެށުމާއެކު އާދެވިފައިވަނީ ރަގަޅު ތަނަކަށް ނޫންކަން އޭނައަށް ދޭހަވާން ފެށިއެވެ. އޭގެ ސަބަބުން އޭނައަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އަނެއްކާ ވެސް މާހައުލަށް އޭނަ ނަޒަރު ހިންގާލިއެވެ. އޭނަގެ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވީ އަމިއްލަ މީހާގެ ފުރާނައާއި ރައްކާތެރިކަމާ މެދު އޭނަގެ ނަފުސު ބިރުވެރިކަމެއްގެ ތެރެއަށް ގެނބެމުންނެވެ.
ދެއަތް ގެނެސް މޭގައި ހުރަސްކޮށްލަމުން ޝާޢާ ހިންދިރުވާލިއެވެ. އަދި އިހުނަށްވުރެ ބޮޑަށް މާހައުލަށް ސަމާލުކަން ދިނެވެ. މިހާރު ގަސްތަކުގެ ފުރަގަހުން ވެސް ހިލަންވާހެން އެނައަށް ހީވާން ފެއްޓިއެވެ. ބައެއްފަހަރު ހަލުވި ބާރުމިނުގައި ހުރަސް ކަނޑާލާހެން ވެސް މެއެވެ.
ކުއްލިޔަކަށް އިވެން ފެށީ ގަހުގެ ގޮފިތަކުން އެއްޗެއް ތިރިއަށް ފައިބަން މަސައްކަތްކުރާ އަޑެވެ. އެހިނދު ޝާޢާއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު ވެސް އޭނަގެ ނަޒަރު އަޑު އަންނަމުން ދިޔަ ގަހާއި ވައްކެއް ނުވެއެވެ. އޭނަގެ ހިތް އަވަސްވެފައިވާއިރު މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ އިހުސާސް ވެސް އޭނަގެ ހަށިގަނޑަށް ނުކުރެ އެވެ. ދެންމެދެންމެ އޭނަގެ މޭގަނޑަ އަނގަޔަށް އައިސްދާނެހެން ވެސް ހީވިއެވެ.
އަޑުތައް ހިމޭންވިތަނާ ކުއްލިޔަކަށް ފެނުނީ ނިކަގަހުގެ އަޅޯގައި ވަކިތައް އަޅުވާލައިގެން ތިރިއަށް ބޯނެރެލި މަހުލޫޤެކެވެ. އަނދިރިގަނޑެއްހެން ވި އޭތީގެ އަނގުރު ދެލޯ ނޫނީ އިތުރު އެއްވެސް ތަނެއް ޝާޢާއަކަށް ނުފެނުނެވެ. ސިފަވަކިކުރަން ނޭގުނަސް އޭތީގެ ބިރުވެރިކަން ތަސައްވަރުކުރެވުނެވެ.
ވާލެއް ފަދައިން އޭގެ ވަކިތައް އަޅޯތަކުގައި އަޅުވާލައިގެ ތިރިއަށް ފައިބަން އެމަހުލޫޤު މަސައްކަތްކުރިއެވެ. މޭގަނޑަށް ވެރިވި ފިނިކަމާއި ބިރުވެރިކަމާއެކު ގަނޑުވެފައިވި ޝާޢާގެ ހިއްސުތައް މަސައްކަތްކުރަން ފެށުމުން އޭނަގެ އަރުތެރޭން ބާރުހަޅޭކެއްގެ އަޑު ނިކުތެވެ. ދުއްވައިގަންނަން އުޅުމާއެކު ބިންމަތިން އޭނަގެ ފައި ކައްސާލާއި މޫނު ވަތަށް ވެއްޓިއްޖެ އެވެ. ހަށިގަނޑުގައި ވޭން އެޅިކަމުގައި ވިޔަސް ލިބިފައިވި ހާސްކަމުގެ ސަބަބުން އެތަދު ޝާޢާއަށް އިހުސާސް ވެސް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް އޭނަ ބެލީ އެމަހުލޫޤާއި ދުރަށް ދެވޭތޯ އެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރެވޭތޯ އެވެ. ނަމަވެސް ތެދުވާން އުޅުނު ވަގުތު ޝާޢާގެ ކަރުބުޑުން ވޭނީ ހަޅޭކެއްގެ އަޑު އިނުކުތީ އޭތީގެ ތޫނު ވަކިތައް ޝާޢާގެ ފައިގެ ފަލަމަސްގަނޑަށް ހަރާލުމާއެކުގައެވެ. ޗޫސްލާފައި ލޭފައިބަން ފެށިއިރު ވޭނީ އާހްތަކާއެކު ޝާޢާގެ ހެޔަށް ގޮތްތަކެއް ވިއެވެ. ނޭވާ ކުރުވެ މީހާގެ ހަރަކާތް ކެނޑެން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ.
*****
ނިދީގައި އޮތް ޝާޢާއަށް ހަޅޭކެއްގެ އަޑާއެކު ސިހިފައި ހޭލެވުނެވެ. އޭރު އޭނަގެ ނޭވާތައް ހީވަނީ އުފުރިގެން ހިނގައިދާނެހެންނެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައިވަނީ ބިރުގަންނަ ވަރަށެވެ. މީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ޝާޢާ އޭނަގެ ހަށިގަނޑު ސީދާކޮށްލަމުން އަވަސްއަވަހަށް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. އަދި އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. އޭރު ވެސް އޭނަގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރު ފާޅު ވެއެވެ. މޭގައި ޝާޢާއަށް ފިރުމާލެވުނީ ރިހުމެއް އުފެދިފައިވާތީއެވެ. ފެނުނީ ހުވަފެނެއްކަން ޔަޤީން ކުރެވުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ސިކުނޑިއަށް އައިސްފައިވި ލޮޅުންތަކުގެ ސިލްސިލާއަށް ނިމުމެއް ނައެވެ. ހަޤީޤަތެއް ނޫންކަން އެނގޭ އިރު ވެސް އޭނައަށް އަމިއްލަ ނަފުސު ހަމައަކަށް އަޅުވާނުލެވުނެވެ. އެހުރިހާ ކަމެއް އަދި ވެސް އިހުސާސް ވާތީ އެވެ.
”ކޮން ކަހަލަ ހުވަފެނެއްތަ އެއީ؟… ހީވީ ހަޤީޤަތެއް ހެން، މިހާރު ހާދަ ގިނަ ދުވަހެއް ވެއްޖެޔޭ އެކަހަލަ ހުވަފެނެއް ނުފެންނަތާ ވެސް، ކީއްވެބާ އަނެއްކާ ކުއްލިޔަކަށް އެފެނުނީ……” ޚިޔާލުތައްކުގެ ވާފަށް ގެތެން ފެށުމާއެކު ކަމެއްމަތިން ހަނދާންވެ ލައިގެން ހުރި ހަރުވާޅުގެ ފައިކުރި ހިއްލާލަމުން ފައިގެ ފަލަމަސްގަނޑަށް ޒަހަމެއް ލިބިފައި ވޭތޯ ޝާޢާ ބަލާލިއެވެ. ބޭރުފުށުން އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ނިޝާނެއް އޭނައަށް ނުފެނުނުކަމުގައި ވިޔަސް ހަޤީޤަތާއި ވަހުމާ ދެމެދު ޝާޢާގެ ސިކުނޑީވީ ހައްޔަރުވެފައެވެ. އޭނައަށް ގޮތެއް ނިންމަން އުނދަގޫވި އެވެ.
”ދަރިފުޅާ ޝާޢާ…” ފުން ވިސްމުނެއްގެ ތެރެއަށް ގެއްލިފައިވި ޝާޢާ ސިއްސައިގެން ދިޔައީ އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށެވެ. މޭގައި އޭނައަށް ފިރުމާލެވުނީ ހިތުގެ ތެޅުން އަވަސްވުމުންނެވެ. އަދިވެސް ހުވަފެނުގެ އަސަރު އޭނަގެ ސިކުނޑިން ފިލައިގެން ނުދެއެވެ.
”ޝާޢާ…” ދެވަނަ ފަރަށް ވެސް ޓަކިދިނުމުން ފުންނޭވާއެއް ދޫކޮށްލަމުން ޝާޢާ އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ ދޮރާއި އަރާ ހަމަކޮށްލަމުން ތަޅުގައިހިފާ އަނބުރާލީ މޫނުމަތިން ހާސްކަން ސިއްރުކުރަމުންނެވެ.
ދޮރުމަތީ ހުރީ މުސްކުޅި އުމުރުފުރައިގެ މީހެކެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅާއި ހުދުން ރޮނގުދަމާފައި ހުރި މުންޑެއް އަނދެގެން ހުރި އެމީހާގެ ބޮލުގެ އިސްތަށިތަކުގެ އިތުރުން ދިގުކޮށް ހުރި ތުނބުޅީގައި ވެސް ވަނީ ނުރަތަކެވެ. ދުވަސްވުމުގެ ސަބަބުން ހަމުގެ ބާރު ދެރަވެ ރޫތައް ވަނީ ޖަމާވެފައެވެ.
”ދަރިފުޅު ހަޅޭއްލަވައިގަތީމަ ކާފަ މިއައީ، ކިހިނެއްވީތަ؟…” ފަރުވާތެރިކަމާއެކު ޝާޢާއަށް ބަލާލަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނަގެ މޫނުމަތީގައި ހިސާބެއްގެ ނުތަނަވަސްކަން ވިއެވެ. ނަމަވެސް ޝާއާއާއި ހަތަރުކަޅި ހަމަވުމާއެކު އޭނަ ހިނިތުންވެލަމުން ޝުޢޫރުތައް ސިއްރުކޮށްލި އެވެ.
”ބޮޑު ކަމެއް ނުވޭ… ހޯނެއް ފެނުނީމަ، ކާފައަށް އެނގެއެއްނު އަހަރެން ކިހާ ބިރުގަންނަ އެއްޗެއްކަން އެއީ…” ގަދަކަމުން ހިނިތުންވެލަމުން ޝާއާ ޖަވާބު ދިނެވެ. އޭނަ ހަޤީޤަތް ހާމަނުކުރީ އޭގެ ސަބަބުން ކާފައަށް ހާސްކަމެއް ލިބިދާނެތީއެވެ. ކުރިން ވެސް އޭނަގެ ހުވަފެންތަކުގެ ވާހަކަ ކާފައާއި ހިއްސާކުރުމުން ލިބޭ ނުތަނަވަސްކަން އޭނައަށް ވަނީ ފެނިފައެވެ. ހުވަފެންތައް ފެންނަކަމުގައި ވަނީނަމަ ހިއްސާކުރަން ވެސް ކާފަ ވަނީ އެދިފަ އެވެ. އޭގެ ސަބަބުން އޭނަގެ ހިތުގައި ސުވާލުތައް އުފެދުނުކަމުގައި ވިޔަސް މިއަދާއި ޖެހެން ދެން ވެސް ކާފަ ވަނީ އޭނައަށް ޖަވާބުދާރީވާން އުޒުރުވެރިވެފަ އެވެ.
ޝާޢާގެ ޖަވާބުން ޖާބިރު ގާތަށް ހިނި އައެވެ. އޭނަ އިތުރު ސުވާލެއް ނުކުރީ ޝާޢާ އޭނަގެ ގާތުގައި ދޮގު ނަހަދާނެކަން ޔަޤީން ވާތީއެވެ. މިވީހާ ދުވަހު ޝާޢާ އެފަދައިން ކަންތައްކޮށްފައި ނުވާތީއާއި ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ވެސް މެއެވެ.
”ފަތިސް ނަމާދުކޮށްފިންތަ؟، މިހާރު އިރުއަރަން ކައިރިވަމުން އެދަނީ…” ޖާބިރު އަހާލިއެވެ.
”ނަމާދުކުރަން އުޅެނިކޮށް ކާފަ ތިއައީ… މިހާރު މިދަނީ ނަމާދަށް އަރަން…” ޝާޢާ ބުނެލިއެވެ. އެއާއެކު ޖާބިރު ހިނގައިގަތީ ނަމާދުކުރަން ޝާޢާއަށް ވަގުތު ދެމުންނެވެ. އޭނަ ދިއުމުގެ ކުރިން ޝާއާގެ ކޮޓަރިއަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލި އެވެ.
*****
ފެންވަރާލައިގެން ނިކުތް ޝާޢާ އަވަސްވެގަތީ ފަތިސް ނަމާދަށް އެރުމަށެވެ. ނަމާދު ކޮށްލުމުން އޭނަގެ ހިތާއި ސިކުނޑިއަށް ލުއިކަމެއް ލިބުނެވެ. ނަމާދަށް ފަހު ޤުރުޢާން ކިޔަވަން ވަގުތުކޮޅެއް ހުސްކޮށްލުމަށްފަހު ޝާޢާ އޭނަގެ ކޮޓަރިން ނިކުތީ ގޭގެ މަސައްކަތްތަކުގައި އަތްގާތްކޮށްލަދޭށެވެ. އޭރު ފެނުނު ބިރުވެރި ހުވަފެނުގެ އަސަރު ކޮންމެވެސް ވަރަކަށް އޭނަގެ ހަނދާންތަކުން ވަނީ ފިލާފަ އެވެ.
މުސްކުޅިއުމުރަށް ގޮސްފައިވާ ކާފައާއި މާމައަށް ޓަކައި ޝާޢާގެ ހިތުގައި ވަނީ ހާއްސަ މަޤާމެއް ދެވިފައެވެ. އޭނަގެ މައިންބަފައިންގެ ކުއްލި ވަކިވުމަށްފަހު އޭނައަށް ލޯތްބާއި އޯގާތެރިކަން ދިނީ ވެސް އެދެމީހުންނެވެ. މައިންބަފައިންގެ އުނިކަން ދުވަހަކު އޭނައަށް އިހުސާސްވިޔަކަ ނުދިނެވެ. ފުރާފުރިހަމަވަންދެން އެދެމީހުންގެ ހުރިހާ ވަގުތެއް ވެސް ހުސްކުރީ އޭނަ އަށެވެ. ކަންއެހެން އޮތް އިރު މިއަދު އެދެމީހުންގެ ހަށިގަނޑުން ހަކަތަ ހުސްވެ މުސްކުޅި އުމުރަށް އެޅިފައިވާ ހިނދު އިހުސާންތެރިކަން އަދާކުރުން އެއީ އޭނަގެ މައްޗަށް ލާޒިމު ކަމެކެވެ. އެމީހުން އުފުލި ބުރައިގެ އަގު އޭނައަށް ދުވަހަކު އަދާނުކުރެވުނުކަމުގައި ވިޔަސް މެއެވެ. އޭނަގެ ދުވަހުގެ ބޮޑުބައި ކާފަމެނަށް ހުސްކުރަނީ ވެސް އެސަބަބާ ހުރެއެވެ.
*****
މުޅިން އައު ދުވަހަކަށް މަރުހަބާ ކިޔަމުން ފާއްދާލި އިރުގެ ދޯދިތަކުން އުދަރެސް އޮތީ ރަންގުވެފައެވެ. ފަރާތްފަރާތަށް ދައުރުކުރަމުން ދިޔަ ވިލާތަކުގައި ވެސް އިރުގެ ދަޅައިގެ އަސަރު އެކުލެވިފައި ވިއެވެ. މެދުކެނޑުމެއް ނެތި އިވެމުން އައި ކޮވެއްޔާއި ކާޅުތަކުގެ ސަނާ ކިޔުމުގެ އަޑުން މުޅި ރަށް ހޭލައްވާލުމުގައި ކާމިޔާބު ހޯދިއެވެ. ހެނދުނުހެނދުނާ ގިނަ ގެތަކުގެ މީހުން ނިކުމެ ގޯއްޗާއި މަގުގައި ކުނިކަހަން ތިބިއިރު އަވައްޓެރިންނާ ފޮނި އަނގަތަޅަމުން ދިޔަ އެވެ. އޭގެ ތެރޭން ގިނައިން ދެކެވެމުން ދިޔައީ މިހާރު ރާއްޖޭގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކަ އެވެ.
*****
”މަރިޔާދު” އަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. އިހުގެ އުވަގަލުން ގޭގެ ހުރިހާ ތަނެއް މަރާމާތުކުރެވިފައި ވާއިރު ޒަމާނީ ކުލަ ފެންނަނީ ހަމައެކަނި ގޭގެ ފުރާޅުތަކުންނެވެ. މުއްދަނސި ބަޔަކަށް ނުވިކަމުގައި ވިޔަސް އެގޭގެ ތަހަރުފާރުތެރޭގައި އުޅެމުން ދަނީ ފުއްދުންތެރި ޢާއިލާއެކެވެ. ޖާބިރަށް ލިބޭ އާމްދަނީ އިން ގޭގެ ހަރަދުތައް ދެކޮޅުޖައްސާލައިގެން ވެސް ފަހަށް ރައްކާކުރަން ހުރެއެވެ. ގޭގެ ގޯތި ބޮޑުވެފައި ހައްދާފައިވާ ތަފާތު ގަސްތަކުން ގެއަށް ފެހިކަމާއި ދިރުން ގެނެސްދީފައި ވެއެވެ. ތަފާތު މޭވާއާއި ތަރުކާރީ ގަސްތަކުގެ އިތުރުން މާމެލާމެލީގެ ސަބަބުން އެގެއަކީ ހަޤީޤަތުގައި ވެސް މަރިޔާދެކެވެ. ބަގީޗާގެ ތެރޭން އެންމެ ބޮޑަށް ވެސް އަޅައިގަންނަނީ ގޭގެ އިން ފާރުން ވަދެވޭ ގޮތަށް ހުރި މައިދޮރުގެ މައްޗަށް ވާގޮތަށް އަރުވާފައިވާ އިރުދޭމާ އަދި ބޯގަންވިލާ ގަސްތަކެވެ. އެގަސްތަކުގައި ތަފާތު ދިރުމެއް ވެއެވެ.
”މާމާ، އަހަރެން ބުނީމެއްނު މީ މާމަ އަރާމުކުރަންވީ ދުވަސްކޮޅޭ، އިހަށް ދުވަހު ޑޮކްޓަރަށް ދެއްކީމަ ވެސް ބުންޏެއްނު މަސައްކަތްނުކުރާށޭ، އަހަރެން މިހިރީނު ގޭގެ ކަންތައް ކުރަން…” ޝާޢާ ފެންޑާއަށް ނިކުތްއިރު ގޭގެ ބޮޑު ގޯތީގައި ކުނިކަހަން އޮތް ހަދީޖާ ފެނުމާއެކު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހަދީޖާ ގާތަށް ހުއްޓިލަމުން އިލޮށިފަތި އަތުލިއެވެ.
”މާމަ އިނދޯލީގައި އިށީނދޭ، އަހަރެން ކުނިކަހާނަން…” ހަދީޖާއަށް އަމުރުކުރާ ފަދައަކުން ބުނެލުމަށްފަހު ގޭގެ މެދު ގޯތީގައި ހުރި ބޮޑު އަނބުގަސްދޮށުގައި ހުރި އުނދޯއްޔަށް ޝާޢާ އިޝާރާތްކޮށްލިއެވެ. ޝާޢާގެ އެއަމަލުން ހަދީޖާ ގާތަށް ހިނިއައެވެ.
”ދަރިފުޅަކަށް ތިކަން ނުވާނެ، އިރުކޮޅަކުން އޮފީހަށްދާ ގަޑި ޖެހިދާނެ، މާމަ ހުންނާނީ ސައި ތައްޔާރުކޮށްފަ، ސައިބޮއެގެން އޮފީހަށް ދާން ތައްޔާރުވާން ދޭ…” އިލޮށިފަތި ދޭށޭ ބުނާ އުސޫލުން އަތްދިއްކޮށްލަމުން ހަދީޖާ ބުނެލީ ހިނިތުންވުމަކާއެކުގައެވެ.
”އަދި އެބައޮތް އެއްގަޑިއިރު އެހާއިރަށް ނިންމާލާނަމޭ، ދެން މާމަ ދޭބަލަ އިށީންނަން…” ގޮތުގައި ހިފަހައްޓަމުން ޝާޢާ ބުނެލިއެވެ.
”މީ ނިކަން ބޯ ހަރު ކުއްޖެއް…” އެންމެފަހުން ހަދީޖާއަށް ޖެހުނީ ޝާޢާގެ ބަސް ޤަބޫލުކުރާށެވެ. އޭނަ ޝާޢާއަށް ހިނިތުންވެލަމުން ދާން ހިނގައިގަތެވެ. އެހެނަސް އޭނަގެ މިސްރާބު ހުރީ ޖޯއްޔަކަށް ނޫނެވެ. މައި ގެއާއި ތަންކޮޅެއް ދުރުގައި ހުރި ބަދިގެއާއި ދިމާއަށެވެ. ޖާބިރު ހެނދުނުގެ ސަޔަށް އިންސާފުކުރަން އަންނަންވާއިރަށް ސުފުރާމަތި ތައްޔާރުކުރުމުގެ ބޭނުމުގައެވެ.
މުޅި ގޯތީގައި ތަފާތު އެކި ވައްތަރުގެ ގަސްތައް ހުރުމުން ފައިބާފައި ހުރި ފައްތަކުން ހީވަނީ ހަރީފު މޫސުން އައިސްފައި އޮތް ހެންނެވެ. މުޅި ތަނަށް އަވަސް ނަޒަރެއް ދެމުން ޝާޢާ ތުންދަމާލިއެވެ. ބުރަކަމުގައި ވިޔަސް އޭނަ އަތްމަތި އަވަސްކޮށްލިއެވެ. އޮފީހަށް ދާން ވާއިރަށް އެކަންތައް ނިންމާލަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
*****
ހެނދުގެ ސަޔަށް ޢާއިލާގެ ހުރިހާ މެންބަރުން އެކުގައި އިންސާފުކުރުމަށް ފަހު ޝާޢާ އަވަސްވެގަތީ އޮފީހަށް ދިއުމަށެވެ. އޭރު އޭނަ ބަލާ ގޭދޮށަށް ސައިކަލުގައި އައިސްފައި އިން އެކުވެރިޔާއަށް ލަސްވެގެން ދެފަހަރެއްގެ މަތީން ގުޅައިފިއެވެ. ކޮޓަރިއަށް ވަދެ ލައިގެން ހުރި އޮފީސް ޔުނިފޯރމަށް ސެންޓު ބުރުވާލުމަށްފަހު ލޯގަނޑުން އޭނަގެ ސޫރަ ޝާޢާ ބަލާލިއެވެ. ޝާޢާއަށް ލިބިފައިވަނީ މޭކަޕަކަށް ބޭނުންނުވާ ފަދަ ފުރިހަމަ ބުރުސޫރައެކެވެ. އެރީތި މުށިކުލައިގެ ދެލޮލާއި ފިނިފެންމަލުގެ ފިޔަތައް ފަދަ މަޑު ތުންފަތަށް ވެރިވާ ހިނިތުންވުމުން ކޮލަށް އެޅިގެންދާ އަޑިކޮޅަކީ ފިރިހެނުންގެ ހިތްތަކަށް އިންޤިލާބެއް ގެނުވާނެ ފަދަ ފަރިކަމެކެވެ. އޮމާން ހިތްގައިމު އަޑާއި، ހިމަތޮޅި ހަށިގަނޑުގެ އިތުރުން ރޭގަނޑެއް ފަދަ އެދިގު ފަން އިސްތަށިގަނޑަކީ ޝާޢާގެ ރީތިކަމާއި ޗާލުކަން ބަޔާންކޮށްދޭ އިތުރު ސިފަ ތަކެވެ. ޤުދުރުތުން ދެއްވާފައިވާ އެނފުރިހަމަކަށް އުނިއިތުރެއް ގެނައުމަކީ އެސްވެސް އިރެއްގައި ޝާޢާ ރުހޭކަމެއް ނޫނެނެވެ.
ރީތިވާ މޭޒުމަތީ އޮތް އަދަދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ޝާޢާ ކޮޓަރިން ނިކުތެވެ.
”މާމާ، ކާފާ… ދާނީ…” ބަދިގޭގެ ދޮރުކުރިމައްޗަށް ހުއްޓިލަމުން ޝާއާ ބުނެލިއެވެ. އަދި އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލަމުން ގޭގެ މައިދޮރާއި ދިމާއަށް މިސްރާބު ޖެހިލިއެވެ.
”އަވަހަށް ދަމާ، މިހާރު ގަޑި ޖެހެން ވެސް ކައިރިވަނީ…” ދޮރާށި ހުޅުވާލާފައި ނިކުތް ޝާޢާ ފެނުމާއެކު ސްކޫޓީގައި އިން އައިޝާ ބުނެލިއެވެ. ޝާޢާ އާއި އައިޝާގެ އެކުވެރިކަން ބަދަހިވެގެން އައިސްފައިވަނީ ސްކޫލް ދައުރުން ފެށިގެންނެވެ. އެކުގައި އުޅުނު ގިނަ ރަހުމައްތެރިންގެ ތެރޭން ރަށުގައި އުޅޭ ހަމައެކަނި އެކުވެރިޔާއަކީ ވެސް އައިޝާ އެވެ.
ޝާޢާ އަދި އައިޝާ މަސައްކަތްކުރަނީ ރަށުގެ ދެކުނުގައި އަލަށް ހުޅުވި އެއާރޕޯޓުގައެވެ. އެއީ ރަށުގެ އަވަށްތަކުން އެންމެ މަދު އާބާދީ އޮންނަ އަވަށެވެ. ގެތައް މަދުވެފައި ޖަންގަލި ބޮޑު ސަރަހައްދެކެވެ.
*****
”ޖާބިރު އެހިންތަ ޝާޢާ ގާތު ރޭގައި ހަޅޭއްލެވި ސަބަބެއް؟…” ތަށިތައް ނަގަން އުޅުނު ހަދީޖާ ކާމޭޒު ދޮށުގައި ނަންބަރު އައިނުއަޅައިގެން ދުވަހު ނޫސް ކިޔަން އިން ޖާބިރާ ސުވާލުކޮށްލި އެވެ. ޖާބިރު އޭނަގެ ނަޒަރު ނޫހުގެ ސަފުހާތަކާއި ވަކިކޮށްލަމުން ހަދީޖާއަށް ބަލާލިއެވެ.
”ބުނީ ހޯނެއް ފެނުނީއޭ… އެމަންޖެ ދޮގެއް ނަހަދާނެ…” ހަދީޖާގެ ހާސްކަން ފާހަގަވުމުން ޖާބިރު ޖަވާބުދިނެވެ. އޭނަ މަސައްކަތްކުރީ އަންހެނުންގެ ހިތްހަމަޖައްސައިދޭށެވެ. ހަދީޖާ އެވިންސަނީ ކޮންކަމަކާއިމެދުގައި ކަން އޭނައަށް ރަގަޅަށް އެނގުނެވެ.
”އެކަމަކު…”
”ހަދީޖާ މާބޮޑަށޭ ކަންތަކާ ތިވިސްނަނީ، ކަމެއް ވަންޏާ މަށަށް ނޭގިއެއް ނުދާނެ…” ހަދީޖާގެ އަތުގައި ހިފާލަމުން އެއަތަށް ޖާބިރު ފިތާލީ އޭނަގެ ބަހަށް އިތުބާރުކުރާށޭ ބުނާ އުސޫލުންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަދީޖާ ގޮޑިއެއް ދަމާލަމުން އޭގައި އިށީނެވެ.
”އަހަރެން ވަރަށް ބިރުގަނޭ… މިހާރު ޖާބިރަށް ވެސް ކަންތައް ބެލެހެއްޓެނީ ކިރިޔާ… އަހަރުމެން ދެމީހުން ވެސް މިތިބީ މުސްކުޅިވެ ގައިބާރު ދޫވެފަ… އެމަންޖެގެ މުސްތަޤުބަލާ މެދު އަހަރެން ބިރުގަނޭ…” ހަދީޖާގެ އަޑުގައި މަޑުމޮޅިކަން ވިއެވެ.
ހަދީޖާގެ ޖުމްލައާއެކު ޖާބިރުގެ މޫނުމަތިން ވެސް މާޔޫސްކަމާއި މޮޅިވެރިކަމުގެ ލިސާންތައް ފާޅުވިއެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލި ހިނދު ޚިޔާލުތަކުގެ ވާފަށްތައް ގުޅިލާމެހި ސިފަވާން ފެށީ އެއްގޮތަކަށް ވެސް އޭނަ ހަނދާންކުރަން ބޭނުންވި ދުވަސްތަކެއް ނޫނެވެ. އެހިތި ހަދނާންތަކާ ދުރަށް ދާން އޭނަ ބޭނުން ވިއެވެ. އެއީ އޭނަގެ މުޅި ހަޔާތުގައި ވެސް ކުރިމަތިލާންޖެހުނު އެންމެ ގިލަންވެރި ދުވަސްތަކެވެ. އޭނަގެ މުޅި ޢާއިލާ ބަރުބާދުވެގެން ދިޔަ ދުވަސް ވެސް މެއެވެ.
”ޖާބިރު… ހަމަ އެންމެ ސުވާލެއް ކުރަން އަހަރެން ބޭނުމީ، އަހަރުމެން ނެތް ދުނިޔެއެއްގައި ޝާޢާއަށް އުފާވެރި ޚަޔާތެއް ލިބޭނެތަ؟…” ޖާބިރުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ހަދީޖާ އެހި އެވެ. އެސުވާލުގެ ޖަވާބަށް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާކަން ހާމަކޮށްދެނީ އެމޫނުން ފެންނަމުން ދިޔަ ޝުއޫރުތަކުންނެވެ. މިހާރަކަށް އައިސް އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. ފެންނަމުންދާ އިންޒާރުތަކުގެ ރަނގަބީލުތައް ނުފެންނަ ކަމަކަށް ހެދޭކަށް ނެތެވެ. ހަމައެއާއެކު މާޒީގައި ކަންވެދިޔަ ގޮތް ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދެވޭކަށް ވެސް މެއެވެ. އޭނައާއި ޖާބިރުގެ ދިރިހުރުމުގެ ހުޅުކޮޅު އެވަނީ ނިވެން ކައިރިވެފައެވެ. ޖާބިރު ފާޅުނުކުރިކަމުގައި ވިޔަސް އޭނައަށް ޖާބިރުގެ ދެލޮލުން މާޔޫސްކަމާއި ނާއުއްމީދުގެ އޮއެވަރު ފާހަގަ ކުރެވެއެވެ. ޝާޢާގެ މުސްތަޤުބަލާ މެދު ބިރުގެންފައިވާ މިންވަރު ވެސް މެއެވެ. އެއްއިރެއްގައި ވެސް ޖާބިރުގެ ހުނަރާ މެދު ޝައްކު އުފައްދާކަށް އޭނަ ބޭނުމެއް ނުވެއެވެ. އޭނަގެ ޢާއިލާއަށް އެހިސާބަށް ވެސް އާދެވިފައިވަނީ ޖާބިރުގެ ހުޝިޔާރުކަމާއި ޤާބިލުކަމުންނެވެ. އެހެނަސް ޖާބިރުގެ އިހުހުރި ހަކަތައެއް މިހާރަކު އެހަށިގަނޑަކު ނުވެއެވެ. އަންނަން އުޅޭ ގަދަފަދަ ތޫފާނާ ކުރިމަތިލާނެ ހިތްވަރެއް ވެސް މެއެވެ. ޖާބިރު އެދަނީ މުސްކުޅި ބަލީގެ ޝިކާރައަކަށް ވަމުންނެވެ. ހުރިހާކަމެއް ބޮއްސުންލައިގެން ހިނގައިދާނެކަމުގެ ބިރު އޭނަގެ ހިތުގައި ވަކިހިއްޕާލާފައި އެވަނީ އެސަބާ ހުރެއެވެ. އެމީހުން ނެތް ދުނިޔެއެއްގައި ހުރިހަމައެކަނި މާމަ ދަރިފުޅަށް ވެދާނެ ގޮތަކާމެދު އޭނަ ބިރުގަނެއެވެ.
”ޖަވާބެއް ދީބަލަ…” އެތައް މިނެޓެއް ފާއިތުވެ ދިޔަފަހުން ވެސް ޖާބިރުގެ ފަރާތުން އިޝާރާތެއް ނުލިބުމުން ޖާބިރުގެ އަތުގައި ހާދީޖާ ހިފާލިއެވެ. ހަދީޖާގެ އެހަރަކާތުން ޖާބިރަށް ސިހުމެއް ލިބުނެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ހަދީޖާއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލަން ޖެހުނެވެ. އޭނަގެ ހިތުގައި ވަންހަނާ ކުރެވިފައިވާ އުދާސްތައް ހަދީޖާއާ ހިއްސާކުރެވޭކަށް ނެތެވެ. އޭގެ ސަބަބުން ގޭގެ މަސްލަހަތައް ބޮޑު އިންޤިލާބެއް އައިސްދާނެތީއެވެ. ބިރުވެރިކަން އުފެދިދާނެތީ އެވެ. އެއާއެކު އޭނައަށް މިފަހަރު ވެސް މަޖުބޫރުވީ އޭނަގެ އަންހެނުން އަނދިރީގައި ބަހައްޓާށެވެ.
”ހަދީޖާ ކަންބޮޑުނުވެބަލަ… މިހާ ތަނަށް ވެސް ހުރިހާކަމެއް ބަލަހައްޓަމުން މިއަންނަނީއެއްނު، އަހަރެން އެދޭނީ އެންމެ ކަމަކަށް، ކުރިން ވެސް އަހަންނަށް އިތުބާރުކުރި ފަދައިން މިފަހަރު ވެސް އަހަންނަށް އިތުބާރުކުރޭ…” ޖާބިރު އެދުނެވެ.
”އަހަންނަށް ތިކަން އެނގެޔޭ، އެކަމަކު ދުނިއުމުރަކަށް ހުރިހާކަމެއް އެގޮތުގައި ދެމިއެއް ނޯންނާނެއެއްނު، ކޮންމެވެސް އެއްދުވަހަކުން އަހަރުމެނަށް ހަޤީޤަތާ ކުރިމަތިލާން ޖެހޭނެ، އެދުވަހުން ޝާޢާއަށް އަހަރުމެން ދޭނީ ކޮން ޖަވާބެއްތަ؟… ހުރިހާ ނުރައްކަލަކުން ވެސް އެމަންޖެ ސަލާމަތްކުރަން އަހަރެން ބޭނުން…” ހަދީޖާގެ ހިތުގައި އުފެދުނު އުދާސްކަން އޭނަގެ ލޮލުން ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިއެވެ. މިމަންޒަރު ބަލަން އިން ޖާބިރުގެ ހިތަށް އަސަރުނުކޮށެއް ނުދިޔައެވެ. އަވަސްއަވަހަށް ހަދީޖާގެ ގާތަށް ޖެހިލަމުން އެހިތަށް ލިބިފައިވި މާޔޫސްކަމަށް ލުއިކަމެއް ގެނެސްދެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އުނދަގޫކަމެއްކަން އެނގޭ އިރު ވެސް މެއެވެ. އެއީ އޭނަގެ ހަޔާތުގެ ދުވަސްވީ ބައިވެރިޔާއެވެ. މުސީބާތުގެ ވަގުތުގައި ހަދީޖާއަށް މަދަދުވެރިވުން އެއީ އޭނަގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ.
”މާޒީގައި ކަންވެދިޔަ ގޮތް ތަކުރާރުވެދިކަ ނުދޭނަން!، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވާނެ…” ހަދީޖާގެ އަތުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނައަށް ހަދީޖާ ވިސްނަމުން އެދަނީ ކޮންކަމަކާއި މެދުގައިކަން ރަގަޅަށް އެނގުނެވެ. އެއުދާސްތަކުގެ ފަހަތުގައި ފޮރުވިފައިވި ސިއްރުތައް ވެސް މެއެވެ. އެއީ އޭނައާއި ވެސް ވަކިނުވާ ޖަޒުބާތުތަކެކެވެ.
*****
”އޭ، ކޮން ކަމަކަށް ގެއްލިފަތަ ތީންނަނީ؟، މަށަށް ނާންގާ ކަންތައްގަނޑެއް ހިންގަނީތަ؟، އަނެއްކާ މިއުޅޭ ޔޫނުސްއަށް ޖަވާބެއް ދިނީތަ؟…” މެންދުރުގެ ކެއުމަށް އިންސާފުކުރަން އައިޝާއާއި ޝާޢާ ތިބީ އެއާރޕޯޓް ރެސްޓޯރެންޓްގައެވެ. ވަގުތުގެ ގޮތުން އެތާނގައި ގިނަ އަދަދެއްގެ މީހުން ހޭލަމޭލަވަމުން ދިޔަ އެވެ. އިރުކޮޅެއް ފަހުން އަތުގައި އޮތް އޫ ތަށީގެ ތެރެއަށް ދޫކޮށްލަމުން އައިޝާ އަނެއްކާ ވެސް ޝާޢާއަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އެހެނިހެން ދުވަސްތަކާއި ނުބައްދަލު އާދަތަކެއް ޝާޢާގެ ފަރާތުން އޭނައަށް ފެންނާތީއެވެ. ޝާޢާއަކީ އަނގަގަދަ ކުއްޖެކެވެ. އަބަދު ވެސް އެމޫނުގައި ތަފާތު ޖޯޝެއް ވާނެއެވެ. ނަމަވެސް މިއަދު ހީވަނީ ކަމަކާ މެދު މާބޮޑަށް ފިކުރު ހިންގުމުގެ ސަބަބުން ރޫހު ގެއްލިފައިވާހެންނެވެ. އައިޝާއަށް ހައިރާންކަން ލިބުނީ ވެސް އެސަބަބާ ހުރެއެވެ.
”ޝާ!، ވަޓްސް ރޯންގް، ގޭގަ ކަމެއް ވީތަ؟، މާމައާއި ކާފަ އަނެއްކާ ބަލީތަ؟…” އައިޝާގެ އަޑުގައި މިފަހަރު ކަންބޮޑުވުން އެކުލެވިފައި ވިއެވެ.
”ގޭގަ ކަމެއް ދިމައެއް ނުވޭ، މާމަމެން ވެސް ރަގަޅު އެކަމަކު ރޭގަ ފެނުނު ހުވަފެނެއްގެ ސަބަބުން މޫޑު ކަޓާފަ މިހުރީ، އޭގެ މަތިން ހަނދާން ނެތިފަ ހުރެފަ ކުއްލިޔަކަށް ހަނދާން ވާން ފެށީ… ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީ… ހީވަނީ ހަޤީޤަތެއް ހެން…” ސިކުނޑީގައި ހުރިހާކަމެއް ބައްކޮށްގެން ހުންނަން ވެއްޖެއްޔާމު އާޚިރު ނަތީޖާ ރަގަޅުނާވެކަން ދޭހަވުމުން އައިޝާއާއި އޭނަގެ އިހުސާސްތައް ޝާޢާ ހިއްސާކުރިއެވެ. ޝާޢާގެ ވާހަކަތައް އަޑުއަހަން ހުރި އައިޝާ ފެށީ ހޭށެވެ. އެއާއެކު ހިތްހަމަނުޖެހުނު ފަދައަކުން ޝާޢާ ލޯއަޅާލިއެވެ.
”ޝާ ވެސް ދޯ، ހުވަފެނަކީ ބިލާހެކޭ، ތީ އިހަށް ދުވަހު މިތާ މިއުޅޭ ޖާވިދު މިއަވަށު ކުއްޖަކު ޖިންނި މޮޔަވެއްޖެޔޭ ބުނީމަ އެކަމާ ވިސްނަމުން ގޮސް ފެނުނު ހުވަފެނެއް، އެހެންނޫނަސް އަހަރެން ޤަބޫލުކުރާކަމެއް ނޫން ތީ… ޒަމާން މިދަނީ ބަދަލުވަމުން، އިހުގެ ބޯދާ ވިސްނުންތައް ދޫކޮށްލަން އެބަޖެހޭ… ރަގަޅަށް ވިއްޔާ ޖާވިދު އެބުނާ ކުއްޖާ ވެސް މަޝްހޫރުވާން ޖެއްސި ސްޓަންޓެއްކަމަށް އެވާނީ، އަހަރުމެން ވެސް އިރުއޮއްސޭ ގަޑީގަ ދިޔަވަރުހިކިފަ އޮތިއްޔާ ދަމެއްނު ފަރުހިލަން، ދުވަހަކު އެބުނާ ޖިންނިއަކާ ދިމާވިތަ؟، ނުވެއެއްނު… މީހުން ދައްކާ ކޮންމެ ވާހަކައަކަށް އިތުބާރެއް ވެސް ނުކުރެވޭނެ، ޕްރޫފް ބޭނުންވާނެ ދޯ، ޝާ ވެސް ދެން ބޯގޯސް ކަންތަކާ މެދު ނުވިސްނާ…”
ގެނެސްފައި ހުރި އޮރެންޖު ޖޫސްތަށްޓަށް ލާފައި ހުރި ހޮޅީގައި ތުންޖަހައި ކޯވަރެއް ބޯލުމަށްފަހު އައިޝާ ވާހަކަ ދެއްކިއެވެ. އޭނައަށް ޝާޢާގެ ވާހަކަތައްވީ މަޖާ ކަމަކަށެވެ. އެކަމަށް އިތުރު ސަމާލުކަމެއް ވެސް ނުދިނީ އެހެންވެއެވެ. އޭނައަކީ އެއްއިރެއްގައި ވެސް ރޫޚާނީ ކަންތައްތަކުގެ ހަޤީޤަތް ޤަބޫލުކުރާ މީހެއް ނޫނެވެ. އޭނަ ޤަބޫލުކުރާ ގޮތުގައި އެއީ ކުރީގެ ދިވެހިންގެ ބޯދާ ވިންސުމެވެ. މިހާރު ޒުވާނުން އެއަށްވުރެ މިނިވަން ޚިޔާލެއް ގެންގުޅެން ޖެހެއެވެ. އޭނަ ޝާޢާއަށް ވިސްނައިދޭން އުޅުނީ ވެސް އެކަމެވެ.
”އެކަމަކު ހާދަ ހަޤީޤަތާ އެއްގޮތޭ، ހީވީ އެތާނގައި އަހަންނަށް ހުރެވުނުހެން…” ޝާޢާއަށް އަދިވެސް އޭނަގެ ޚިޔާލުތަކުގެ ދުނިޔެއިން ނުނިކުމެވެއެވެ. އެބިރުވެރިކަން ތަޖުރިބާ ކުރަންޖެހުނީ އޭނައަށްކަމުގައި ވީތީ އެވެ.
”ވިލް ޔޫ ޖަސްޓް ލެޓް އިޓް ގޯ؟… އެންމެފަހުން ތިކަމާ ހުރެ ޝައްކުބަލި ވެސް ޖެހިދާނެ، އޭރަށް މިރަށުގަ އަޑު ފެތުރިދާނެ ޝާ ޖިންނި މޮޔަވެއްޖެޔޭ ކިޔާފަ… ގިނަފަހަރު މި ޖިންނިއޭ ބުނެގެން ވާ ކަންތައްތަކަކީ އަސްލު ނަފުސާނީ މައްސަލަތަކޭ… އިހު މީހުންނަށް ނޭގޭތީ ފަންޑިތާއާ އެއްޗެހި ހަދާ އުޅުނީ… ތި ބޭކާރު ވާހަކަތަކަށް ވުރެން ވިސްނަން ހުރި އެހެނިހެން ކަންތައް ވެސް އެބަހުއްޓެއްނު، ލައިކް ޔޫނުސް… މިހާރު ޔޫނުސްއަށް ދޭނެ ޖަވާބަކާ މެދު ވިސްނާލިންތަ؟…… އެސޮރު މިއަދު ނުވެސް ފެނޭ، އަނެއްކާ އޭނައަށް ކިހިނެއް ވީބަ؟، އެހެންޏާ އަބަދު ހުންނާނީ ޝާގެ ފޫބުޑުގަ ވިއްދާލާފަ…” އައިޝާގެ ޖުމްލައިން މިފަހަރު ޝާޢާ ގާތަށް ހިނިއައެވެ. އެއީ ހެޔޮ ބަދަލެއްކަމުގައި އައިޝާ ނިންމިއެވެ. އެއާއެކު އޭނަ އިތުރަށް ޔޫނުސްގެ މައުޟޫޢުއަށް ވާހަކަދެއްކިއެވެ. އެއީ ޝާޢާ ގަޔާވާ ކަމެއްކަން އެނގޭތީ އެވެ. ހަމައެއާއެކު ޝާޢާގެ ޚިޔާލުތަކުގެ ސަމުގާ ޔޫނުސަށް އަނބުރާލެވޭނެތީ ވެސް މެއެވެ.
”ޔޫނުސް ކޮއްކޮއަކު ބަލިވެގެން ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީ… އަދި އެތަނަށް ވެސް ނުދެވިގެން މިއުޅެނީ، މިއަދު ހަވީރު ވާނެ ގެއަށް ދާއިރު ހޮސްޕިޓަލަށް ވަދެލާފަ ދާން…” ޝާޢާ ބުނެލިއެވެ.
”ހޫނނނ، ތީ ހަމަ ޔޫނުސްގެ މޫނު ބަލަން ކެތްނުކުރެވިގެން ދައްކާ ވާހަކައޭ…” ދިމާކުރާ ރާގަކަށް އައިޝާ ބުނެލިއެވެ. އެއާއެކު ޝާޢާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވާން އުޅުނެވެ.
”ދެން ކޮން ދުވަހަކުން ޖަވާބު ދޭނީ؟، މިހާރު އޭނަ ލޯބި ވެސް ހުޝަހެޅީ، ގިނަ ދުވަސްވަންދެން ތިހެން ހިމޭނުން ހުރުން ރަގަޅެއް ނުވާނެ…… އެނގޭތަ މިތާ މިއުޅޭ ބަޑި ނަދުހާ ވަރަށް މޭކަރައިގަނެގެން އުޅެނީ ޔޫނުސް ޝާއާއެކު އުޅޭތީ، އޭނަގެ ފްރެންޑެއް މަ ގާތު ބުނީ… އެފަނިގަނޑުގެ ބަލާވެރިކަން ނުޖެހެނީސް އަވަހަށް ޔޫނުސްއަށް ޖަވާބެއްދޭން އުޅޭ، އެހެންނޫނީ ތެޔޮނާށި ކާޅު ގެންގޮސްފާނެ، އޭރަށް ފަހުން ހިތާމަކުރަން ޖެހިދާނެ…” އޭނައަށް ބަލަން އިން ޝާޢާ އާއި ހަތަރުކަޅި ހަމަކޮށްލަމުން އައިޝާ ބުނެލިއެވެ. އޭނަގެ މަގުސަދުކަމުގައިވީ ޝާޢާއަށް ވިސްނައިދިނުމެވެ.
”އޭނައަށް ލާހިކެއް ނޫން މަގޭ ހައްޤަކަށް އަތްގަދަ ކުރާކަށް…” ނަދުހާގެ ނަން އިވުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ޝާޢާގެ ހިތުގައި ވަންހަނާވެފައި އޮތް ސިއްރު އޭނަގެ ދުލުކުރިން ބޭރުވެއްޖެއެވެ. އެއާއެކު އައިޝާ ދެލޯބޮޑުކޮށްލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ އަތްތިލަބަޑި ޖަހާލަމުން ކަރުން ތޫލި ހަޅޭކެއްގެ އަޑު ނެރެލުމާއެކު މޭޒުމަތީ އޮތް ޝާޢާގެ އަތުގައި ހިފާލިއެވެ. ވަށައިގެން ހުރި މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުތައް ދެއެކުވެރިންނަށް އަމާޒުވިއެވެ. އެހެނަސް އެކަމަކަށް އެއިން އެކަކު ވެސް ސަމާލުކަމެއް ނުދިނެވެ. މީހުންގެ ނަޒަރިއްޔާތަކީ މުހިންމުއެއްޗެއްކަމުގައި ނުވާތީ އެވެ.
”އޯ…މައި…ގޯޑް… ދެން އަވަހަށް ތިކަން ޔޫނުސްއަށް އަންގަންވީ، މަށަށް ހީވަނީ އޭރުން އޭނަ އުފަލުން ގޮސް މޮޔަވެދާނެހެން، އޭނަ ކިހާ ދުވަހެއް ވެއްޖެ ޝާ ފަހަތުން އުޅޭތާ، އޭނަ ހިތްވަރުއެލުވާނުލުމުން އެންމެފަހުން ޝާގެ ހިތް ވެސް އަތުލައިފި… ތިދެމީހުން ވަރަށް ގުޅޭނެ…”
އައިޝާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އޭރު ޝާޢާގެ ތުންފަތްމަތީގައި ވެސް ހިނިތުންވުމެއް ވިއެވެ. ހަޔާތުގެ ބައިވެރިޔަކު ޚިޔާރުކުރަން އޭނަ ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކާއި މިންގަނޑުތަކަށް ފެތޭ ހަމައެކަނި ފަރާތަކީ ޔޫނުސް އެވެ. އިސްކޮޅު ދިގުވެފައި ލިބިފައިވަނީ އޭނަ އެންމެ އެދޭ ފަދަ ޒަމާނަށް ފެތޭ ހަށިގަނޑެކެވެ. ލޮލަށް ފިނިކަމާއި ރާހަތު ގެނެސްދޭނެ ފުރިހަމަ ސޫރައެކެވެ. ހިތުގެ ވިންދުތައް އަވަސްކުރުވާނެ ފަދަ ތޫނުފިލި ދެލޮލެވެ. އެހުރިހާ ސިފަތަކުގެ ތެރޭން ވެސް އޭނައަށް އެންމެ ކަމުދަނީ ޔޫނުސްގެ ސަމާސާ މިޒާޖެވެ. އޭނައަށް ބަހައްޓާ ހާއްސަ އަހައްމިޔަތުކަމެވެ. އޭނަގެ ހިތާ ކުޅެލުމުގެ ބާރު ޔޫނުސްއަށް ލިބުނީ ވެސް އެސަބާހެދިއެވެ.
*****
އިރުއޮއްސެ ދުނިޔެމަތި ހަމަހިމޭންވަމުން ދިޔަ ވަގުތެވެ. އިރުގެ ވަދާއީ ސަލާމުގެ ނިޝާންތައް ލަސްލަހުން ޖައްވުމަތިން ފޮހެވެން ފަށައިފިއެވެ. މަޑުމަޑުން ރޭގަނޑުގެ ހަމަހިމޭންކަމާއި އަނދިރިކަމުގެ ތެރެއަށް ދުނިޔެ ގެނބެމުން ދިޔަ ހިނދު ތަރިތަކުގެ ވިދުން ވެސް ފާޅުވާން ފަށައިފިއެވެ.
އަނދިރިކަން ވެރިވަމުން އައި ގޯތި ތެރެއަށް ނިކުތް ޖާބިރު އުދަރެހަށް ނަޒަރު ހިންގާލިއެވެ. އޭރު ގޯތީގައި ހުރި އަނބުގަސްތަކުގެ ގޮފި ތަކުގެ ތެރޭން ޖައްވުން ފޭދެމުން ދިޔަ އިރުގެ ދަޅަތަކުގެ ކުލަވަރު ފެނެއެވެ. ފުންނޭވާއެއް ދޫކޮށްލަން އުޅުނު ޖާބިރަށް ސިހުމެއް ގެނުވީ ހަމަހިމޭން މާހައުލުގެ ތެރޭން ކާޅެއް ގޮވަލީ އަޑަށެވެ. އެއާއެކު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ފެންޑާއާއި އެންމެ މަގަތަށް ހުރި އަނބުގަހުން ފުރާޅުމައްޗަށް ތިރިވެގެން ގޮސްފައި އޮތް ގޮއްޕަކަށެވެ. އޭރު ގޮފީގައި އިން ކާޅު ބަލަހައްޓައިގެން އިނީ ސީދާ ޖާބިރަށެވެ. ކަޅިޖަހާލުމެއް ނެތި ޖާބިރު އެސޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އަވަސް ފިޔަވަޅުތަކެއްގައި ގޭގެ މައިދޮރާއިދިމާއަށް މިސްރާބު ޖެހިއެވެ. އެހިނދު ކާޅު ވެސް ގަހުގެ ތިރީ ގޮފި ދޫކޮށް އުދުއްސައިގަތީ މައްޗަށް އެރުމަށެވެ. ހީވީ ކުރި އަމުރަކަށް ތަބާވީ ހެންނެވެ. އިތުރު އިންސާނެއްގެ ބުއްދިއަށް ޤަބޫލުނުކުރެވޭނެ ކަންތައްތަކެއް އެމަދު ސިންކުތުކޮޅުގައި ހިނގިއެވެ.
މައިދޮރު ކައިރިއަށް ހުއްޓިލަމުން ޖާބިރު ފަރުވާތެރިކަމާއެކު ބަލާލީ ބޯގަންވިލާ ގަހަށެވެ. އެއަށްފަހު އޭނަ ގަހުގެ މައިމުލާއި ދިމާއަށް ގުދުވެލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔަ މަންޒަރުން ހިތް ނުތަނަވަސް ވިއެވެ. މޫތަކަށް ބައްޔެއްޖެހިފައިވާ އުސޫލުން ބާރުދޫވެ މަރުވުމުގެ ނިޝާންތައް ވާތަން ފެނިއެވެ. އަވަސްއަވަހަށް ކޮޅަށް ތެދުވަމުން އިރުދޭމާގަސް ކައިރިއަށް ހުއްޓިލަމުން ހަމަ އެފަދައިން ކަންތައް ކުރިއެވެ. އޭރު ޖާބިރުގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ފަށައިފިއެވެ. އަނދިރިކަންވެރިވާން ފަށާފައި އޮތް އުޑަށް ބަލާލަމުން އަވަސްއަވަހަށް އޭނަ މައިގެއަށް ވަންނަން ހިނގައިގަތެވެ.
*****
”ޝާޢާ، ކޮންތާކުތަ ތިހުރީ؟…” ބޮޑުކޮޓަރީގައި ހުރި ޖާބިރު އޭނަ ފޯންކޯލުކުރަން ގެންގުޅޭ ނޮކިއާ ބައްތި ފޯނުން ޝާޢާއަށް ގުޅާލަމުން ސުވާލުކުރިއެވެ. އޭނަގެ އަޑުން ލިބިފައިވި ނުތަނަވަސްކަން އޭނަ ސިއްރުކުރިއެވެ.
”ހޮސްޕިޓަލުގަ މިހުރީ…” އާދައިގެމަތިން ކާފަ އޭނައަށް އަންގާފައި އޮންނަނީ އިރުއޮއްސެންވާއިރަށް ގެއަށް އައުމަށެވެ. މިފަހަރު ވެސް އޭނައަށް ހީވީ ލަސްވެގެން ގުޅަނީ ކަމަށެވެ.
”އެކަނިތަ؟… ހޮސްޕިޓަލުގަ ކީއްތިކުރަނީ؟…” ޖާބިރަށް އަހާލެވުނެވެ.
”އައިޝާއައެކު ރައްޓެއްސަކު ގާތަށް އައިއްސަ، އިރުކޮޅަކުން ގެއަށް ދާނަން…” ޝާޢާ މައުލޫމާތު ސާފުކޮށްދިނެވެ. ޝާޢާއެކު މީހަކު ހުރުމުން ޖާބިރަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ލަސްނުވެ އައުމަށް ބުނެލަމުން ޖާބިރު ފޯންކޯލު ކުރުކޮށްލިއެވެ.
”ހަދީޖާ…” ކޮޓަރިއަށް މިސްރާބުޖަހަމުން ހަދީޖާއަށް ޖާބިރު ގޮވާލިއެވެ. ނަމާދުން ފޭބި ހަދީޖާއަށް ޖާބިރުގެ އަޑު އިވުމުން ކޮޓަރިން ނިކުންނަން އުޅުނެވެ. އޭނައަށް ދޮރުމައްޗަށް ނިކުމެވުނު އިރު ޖާބިރު އައިސް ވަންނަނީއެވެ.
”ވަރަށް ދެރަ ގޮތެއް ވެގެން މިއުޅެނީ…” ޖާބިރުގެ ހާސްކަން ފެނި ހަދީޖާއަށް ހައިރާންކަން ލިބުނެވެ. އޭނަ ސުވާލުކުރަން އުޅެފައި ވެސް ޖާބިރަށް އެތެރެއަށް ވަންނަން ތަންދައްކާލިއެވެ. އެއާއެކު އެނދުގައި ގޮސް އިށީން ޖާބިރަށް ބަލަން ހުރެފައި އެނދާއި ދިމާއަށް ހިނގައިގެންފިއެވެ.
”ކަންތައްތައް ވަރަށް ގޯސް… ޝާޢާ އަހަރުމެނަށް ކަމެއް ސިއްރު އެބަކުރޭ، ރޭގަ ހަޅޭއްލެވީ ހޯނެއް ފެނިގެނެއް ނޫން…” ހަދީޖާއަށް ބަލާލަމުން ޖާބިރު ވާހަކަދެއްކިއެވެ. ސިއްރުކުރަން ބޭނުންވިކަމުގައި ވިޔަސް މަސްރަހު ގޮސްފައި އޮތް ނާޒުކު ހާލަތުގެ ގޮތުން އިތުރަށް ހަނުހުންނާކަށް ޖާބިރަށް ނުކެރުނެވެ. ހަޤީޤަތް އެނގުމުގެ ހައްގު ހަދީޖާއަށް އޮތީތީއެވެ. ބޯމަތިކުރުވަމުން އަންނަ ގަދަ ތޫފާނީ ކެރީގެ ހަމަލާތަކުން ރައްކާތެރިވާން ދުރާލާ ފިޔަވަޅުއެޅެން އޮންނާނީ އޭރުންނެވެ.
”ކޮންކަމެއް؟…” ހަދީޖާއަށް އަހާލެވުނެވެ. ޖާބިރުގެ ޖުމްލައިން އޭނައަށް ޝޮކެއް ލިބިފައި ވިއެވެ.
”ގޭގެ މީހުންގެ ރައްކާތެރިކަމަށް އަހަރެން ހަދާފައި ހުރި ކަންތަކުގެ ބާރު އެދަނީ ކެނޑެމުން…” ޖާބިރުގެ އަޑުގައި ސީރިޔަސްކަން ވިއެވެ. އޭގެ ސަބަބުން ހަދީޖާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ.
”އެއީ ކީއްވެ؟… ޖާބިރު ބުނީމެއްނު އެހެން ނުވާނެއޭ… ދެން ކީއްވެ؟…” ނުތަނަވަސްވެފައިވި އަޑަކުން ހަދީޖާ ސުވާލުކުރިއެވެ. ”ޝާޢާ؟…”
”މުސްކުޅިވުމުން އަހުރިހާކަމަކަށް އަހަރެންގެ އަތްމަތީގައި އޮތް ބާރު މިދަނީ ކެނޑެމުން، އަހަރެން ކުރިން ކުރި ކަންތައް ކުރަން މިހާރު ހަށިގަނޑު ތަނެއް ނުދޭ…… އެމީހުންގެ ބާރު އޭގެ ސަބަބުން އެދަނީ ގަދަވަމުން… ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވަމުން އެދަނީ އެހެންވެ… އަހަރެން މިވާހަކަ ބުނަން ހުންނަތާ ގިނަ ދުވަސްތަކެއް ވެސް ވެއްޖެ، އެކަމަކު ހިމޭނުން ހުރީ ހަދީޖާއަށް ނުތަނަވަސްކަމެއް ލިބިދާނެތީ، އެކަމަކު އަހަރުމެން ދެމީހުން ވެސް މިހާރު ތައްޔާރުވާން އެބަޖެހޭ… ޝާޢާގެ ސަލާމަތަށް އަހަރެން އިތުރުކަމެއް ހަދާނަން، އެކަމަކު ވަގުތު ބޭނުންވާނެ… މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން ޝާޢާއަށް އިރުއޮއްސޭދަޅައަށް ގެއިން ނުކުމުގެ ފުރުސަތު ދީގެންނުވާނެ…”
ޖާބިރު ބުނެލިއެވެ. ހަދީޖާއަށް އޭރު ރޮވެމުން ދިޔަ އެވެ. މާޒީ ތަކުރާރުވާކަށް އޭނަގެ ހިތެއް ނޭދެއެވެ. އެހެން ކަންތައް ވެއްޖެނަމަ އޭނަގެ ހިތް ހުއްޓިދާނެއެވެ.
”މިކަމުން ސަލާމަތްވާނެތަ؟…” ކަރުނަތައް ފޮހެލަމުން ހަދީޖާ އެހިއެވެ. އެއާއެކު ޖާބިރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
”އާނ… މިހުރިހާ ދުވަހު ވެސް އެގޮތަކަށްނު ދެމިއޮތީ…” ޖާބިރު ބުނެލިއެވެ. އެއީ އޭނަގެ ހިތުގައި އޮތް ހަޤީޤަތެއް ނޫނެވެ. ތެދު ހާމަކުރަންޏާ އޭނަ ޖެހޭނީ އޭނަގެ ނުކުޅެދުންތެރިކަން ބުނެދޭށެވެ. މުސްކުޅިވުމުން އޭނަ އެވަނީ ބަލިކަށިވެފައެވެ. އޭނަގެ އަދުއްވުން އެދަނީ އޭނަގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ނޭވާހިނގަމުންދާހާ ހިނދަކު ބަލި ޤަބޫލުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ޝާޢާގެ ރައްކާތެރިކަމަށްޓަކައި އޭނަގެ ފުރާނަ ޤުރުބާންކުރަން ވެސް އޭނަ އެހުރީ ތައްޔާރަށެވެ. އެމައުސޫމް ކުއްޖާއަށް ދެރައެއްލިބެން ނޭދޭތީއެވެ.
”ހަދީޖާ… މީ ބިރުގަންނަންވީ ވަގުތެއް ނޫން، ހިތްވަރާއެކު ކުރިމަތިލާންވީ ވަގުތު…… ޝާޢާއަށް އަދި ބޮޑު ނުރައްކަލެއް ނެތް، ފިޔަވަޅު އަޅައިފިއްޔާ އެކަން އެގޮތުގައި ދެމި އޮންނާނެ…” ކޮޅަށް ތެދުވެލަމުން ހަދީޖާގެ ކޮނޑުގައި ޖާބިރު ދެއަތުން ހިފާލިއެވެ. އަދި އޭނަގެ ހިތްވަރުކަމުގައި ވާށޭ ބުނެލީ އެދެލޮލުންނެވެ.
”ޖާބިރު ތިކުރަން އުޅޭކަމެއް ކުރޭ…” ހަދީޖާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ޖާބިރު އޭނަގެ މަސައްކަތް ފެށުމަށެވެ. ކޮންމެ ފަދަ ހާލަތަކަށް ދާން ޖެހުނުކަމުގައި ވިޔަސް އޭނަ އެދެނީ ޝާޢާގެ ރައްކާތެރިކަމަށެވެ. އޭރުން އޭނަގެ ހިތަށް ހަމަޖެހުން ލިބޭނެ އެވެ.
ހަދީޖާއަށް ބަލަން ހުރި ޖާބިރު ބޯޖަހާލީ ހަދީޖާގެ ބަހަށް ތާއީދުކޮށްފީމޭ ބުނުމުގެ ގޮތުންނެވެ. ފުންނޭވާއެއް ދޫކޮށްލި ހަދީޖާ ހުރީ ހަލަބޮލިކަން ވެރިވެފައިވި އޭނަގެ ސިކުނޑިއަށް ލުޔެއް ހޯދައިދޭން ބޭނުންވެފައެވެ. އޭނަ އަޅުކަމާއިގެން ކުރިއަށްދާން ތައްޔާރުވެލި ހިނދު ކުއްލިއަކަށް ކަމެއް މަތިން ހަނދާން ވިއެވެ.
”ޝާޢާ ކޮބާތަ؟، ގެއަކަށް ނާދޭތަ އަދި ވެސް؟…” ކަންބޮޑުވުން އެކުލެވިފައިވި ރާގަކަށް ހަދީޖާއަށް ސުވާލުކޮށްލެވުނެވެ. ޝާޢާ ގޭގައި އުޅޭނަމަ މިހާ އިރު ވީއިރު އޭނަގެ ހާލުބަލައިލަން ނައިހެއް ނުހުންނާނެއެވެ. ޖާބިރު ދިން ނުބައި ޚަބަރެއްގެ ސަބަބުން އޭނަ ހުރީ ހިތު ބިރު ގަނެފައެވެ. ކޮންމެ ހިނދެއްގައި ވެސް ކަންތައް ގޯސްވެދާނެކަމުގެ ބިރާ ހުރެއެވެ.
”ރައްޓެއްސަކު ބަލިވެގެން ހޮސްޕިޓަލުގަޔޯ ބުނީ، އިރުކޮޅަކުން އެމަންޖެ އަންނާނެ… އަހަރެން ބުނިހެން ހުރިހާ ކަމަކާ މެދު ހާސްނުވެބަލަ… ހާދީޖާ ތިހެން އުޅެންޏާމު ޝާޢާއަށް ޝައްކުވާން ފަށާފާނެ، އޭނަގެ ހުރިހާ ސުވާލުތަކަށް އަހަރުމެންނަށް ޖަވާބެއް ނުދެވޭނެ… ޝާޢާގެ ރައްކާތެރިކަމަށް އަހަރެން އަބަދުވެސް އަހައްމިޔަތުކަން ދޭނަން…” ޖާބިރުގެ ޖަވާބުން ހިތްހަމަޖައްސާލުން ނޫން އިތުރު ގޮތެއް ހަދީޖާއަކަށް ނެތެވެ. މިވަގުތު ޖާބިރަށް އިތުބާރުކުރުން ނޫން އިތުރު ގޮތެއް ވެސް މެއެވެ.
*****
”ދެންމެ ކާފަ ވެސް ގުޅައިފި، އިތުރަކަށް މަޑެއްނުކުރެވޭނެ، އަދި މަޢުރިބު ނަމާދު ވެސް ނުކޮށް މިހުރީ، އިރުކޮޅަކުން އިޝާއަށް ގޮވާފާނެ…” އެހީތެރިން އިށީނުމަށް ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިން އައިޝާއާއި ޝާޢާ ވާހަކަދެއްކީ އޭނަގެ އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުންނެވެ. އެއަށްފަހު އޭނަ ބަލާލީ އެނދުގެ މަގަތު ކަނުގައި އިން ޔޫނުސް އަށެވެ. އޭނަ ދާންވެއްޖެކަން އަންގާލި ކަހަލައެވެ.
”އިރުކޮޅެއް ފަހުން ދިޔަޔަސް ކީއްތަވާނީ؟… ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު ވަކި ގަޑިތަކެއްގަ ބޭރަށް ނިކުމެ އުޅެން… އަދި ޔޫނުސްއާ ދެމީހުން ވާހަކައެއް ވެސް ނުދެކެވެއެއްނު…” އައިޝާ އިނީ ކަމަކަށް ފައިވިއްދާލާފައެވެ. ޝާޢާ އާއި ޔޫނުސް އެކަހެރިކޮށް ބައްދަލުކުރެވޭނެ ފުރުސަތެއް ފަހިކޮށްދޭން އޭނަ ވަނީ އަޒުމެއްގެ މަތީގަ އެވެ.
”ތި ދެމީހުން ދާން ވީނު ބޭރަށް ނިކުމެލާފަ އަންނަން، ރިހާން ވެސް އެއޮތީ ނިދާފައެއްނު، އަހަރެން މިތާ ރިހާން ގާތު އިނދެފާނަމޭ…” ވަކިވަކިން ޔޫނުސް އާއި ޝާޢާއަށް ބަލާލަމުން އައިޝާ ވާހަކަދެއްކީ އެނދުގައި ނިދިފައި އޮތް ރިހާނަށް އިޝާރާތްކޮށްލަމުންނެވެ. ޝާޢާ އާއި ވާހަކަދައްކާލަން ބޭނުންވެފައި ހުރި ޔޫނުސްއަށް އެޚިޔާލު ކަމު ދިޔަ އެވެ. އެއާއެކު އޭނަ ހިނިތުންވުމަކާއެކު ބަލާލީ ޝާޢާ އަށެވެ. އަދި އޭނަގެ ނިތް އަރުވާލީ ޝާޢާގެ ޚިޔާލަކީ ކޮބައިތޯ އަހާލާ އުސޫލުންނެވެ.
”ފައިން، އެކަމަކު އޭގެ ކުރިން އަހަރެން އެބަ އަންނަން ޕްރޭޔާރ ރޫމަށް ގޮސްފަ…” ޝާޢާ ބުނެލިއެވެ. އަދި އޭނަގެ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ގޮނޑިން ތެދުވެލިއެވެ.
”ފަސް މިނެޓް…” ދާން ހިނގައިގަންނަމުން ޔޫނުސްއަށް ޝާޢާ ބުނެލިއެވެ. އެއަށްފަހު އޭނައަށް ހިނިތުންވެލުމަށްފަހު ބޯޖަހާލި ޔޫނުސްއަށް ފުރަގަސް ދެމުން އަވަސް ފިޔަވަޅުތަކެއްގައި ވޯދުން ނިކުންނަން ހިނގައިގަތީ ގަޑި ބަލާލަމުންނެވެ.
*****
ހޮސްޕިޓަލުގެ ގޯތި ތެރެއަށް ނިކުތް ޔޫނުސް އާއި ޝާޢާ އެއްއަހަމައެއްގައި ފައިތިލަ ސާބިތުކުރަމުން ހިނގަމުން ދިޔަ އިރު އެދެމެދުގައި ވާހަކައެއް ނުދެކެވެ އެވެ. ދެމީހުން ކުރެން އެކަކު އިސްނަގާނެ ވަގުތަކަށް އިންތިޒާރު ކުރެވޭ ކަހަލައެވެ. ވަގުތު ދިގުލާދާން ފެށުމާއެކު އެންމެފަހުން ފުންނޭވާއެއް ދޫކޮށްލި ޔޫނުސް ވާހަކަދައްކަން ފެށިއެވެ.
”އޯކޭތަ އަހަރެން ޝާގެ އަތުގައި ހިފިޔަސް؟…” ޔޫނުސް ހުއްދައަށް އެދުނެވެ. އޭނަގެ އަޑުގައި ހިސާބެއްގެ ޖެހިލުންވުން ހިމެނުނީ ޝާޢާގެ ޖަވާބު އައިސްދާނެ ގޮތެއް ނޭގުނީތީ އެވެ.
ޝާޢާގެ ހިނިތުންވުން ޖަވާބަކަށް ފުދުމާއެކު ޝާޢާގެ މަޑު އަތްތިލައިގައި ޔޫނުސް ހިފާލިއެވެ. ޔޫނުސްގެ އެހަރަކާތުން ޝާޢާގެ ހިއްސުތަކަށް އިހުސާސް ކުރެވުނު ހޫނުކަމާއެކު އެހިށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގާލިއެވެ. އޭރު ޝާޢާގެ ސިއްރު ނަޒަރުތައް ގޮސް ޔޫނުސްގެ މޫނަށް ހުއްޓިފައި ވިއެވެ. ކިތަންމެ ފަހަރަކު އެސޫރަ ފެނުނުކަމުގައި ވިޔަސް އޭނަގެ ހިތް ނުފުރޭ ކަހަލައެވެ. އިތުރަށް ބެލެމުގެ ޝައުޤުވެރިކަން އުފެދެނީ ވެސް އެސަބަބާ ހުރެއެވެ. އޭނައަށް ސިހުރެއް ޖެހިފައިވާ ފަދައެވެ. ލަސްލަހުން އެސިހުރުގައި އޭނަ އެދަނީ ކަސްތޮޅު ލެވެމުންނެވެ.
ހޮސްޕިޓަލް ހުންނަނީ ފުއްޓަރާއި ކައިރި ހިސާބެއްގައި ކަމުން މަގަށް ނިކުތުމާއެކު ރާޅުގެ އަޑުފަށްގަނޑު އިވެއެވެ. ޖެހެމުން އައި ފިނި ރޯޅިތަކާއެކު ރާޅުފަށުގައިވި ގަސްކަރަތަކުގެ އޮފިތައް ހެލޭއަޑު ވެސް އިވެއެވެ. އަނދިރިކަން ވެރިވެފައި އޮތް އެހިސާބަށް ނަޒަރެއް ދިން ޝާޢާގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް އުފަން ވިއެވެ. އެއާއެކު އޭނައަށް ޔޫނުސްގެ އަތްތިލައަށް ބާރުކޮށްލެވުނެވެ.
”މިފަރާތަށް ދަމާ…” ހޮސްޕިޓަލާ ކުރިމައްޗަށް ވާހެން ހުރި ބޭސްފިހާރަތަކާއި އިންވެގެން ހުރި ކުޑަ ޕާކުގައި ހުރި ހިލަ އަށިތަކަށް އިޝާރާތްކޮށްލަމުން ޝާޢާ ބުނެލިއެވެ. މުޅި އެހިސާބުން ވެސް އެންމެ ބޮޑު އަލިކަމެއް އޮތް ސަރަހައްދަކީ ވެސް އެއެވެ.
”އައިޝާ ބުނި ޝާއަށް ހުވަފެނެއް ފެނިގެން އުޅޭ ވާހަކަ، އެކަމާ އަދި ވެސް ބިރުންތަ ތިއުޅެނީ؟…” ޝާޢާއަށް އައި ބަދަލުތައް ފާހަގަ ކުރެވުމާއެކު ޔޫނުސްއަށް އަހާލެވުނެވެ.
”އެވާހަކަ ވެސް ބުނީތަ؟… އަނެއްކާ އިތުރު އެއްޗެކޭ ނުބުނޭތަ؟…” ޔޫނުސްގެ ސުވާލުން ޝާޢާގެ މެޔަށް ފިނިވެގެން ދިޔައީ އައިޝާ ޔޫނުސްއަށް ހުރިހާ ވާހަކައެއް ކިޔައިދީފައިވެދާނެކަމުގެ ނުތަނަވަސްކަމާ ހުރެއެވެ. ސިއްރު ހިފެހެއްޓުމަކީ އައިޝާއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އެއާއެކު އޭނަގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ފަރުވާތެރިކަމާއެކު ޔޫސުންއަށް ބަލާލެވުނީ އެމޫނުން އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދަން ވެގެންނެވެ.
”ކިހިނެއްވީ؟، އަނެއްކާ ދެމީހުންގެ މެދުގައި ސިއްރެއް އޮތީތަ؟…” ޔޫނުސް ބުމަ އަރުވާލަމުން އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެއާއެކު ޝާޢާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނަމުންނެވެ.
ދެޒުވާނުން އެކުގައި ގޮސް ހިލަ އަށްޓެއްގައި އިށީނެވެ. ޖެހިލާ ރޯޅިތަކުން ޖިސްމަށް ފިނިކަމެއް ގެނެސްދީފައި ވިއެވެ.
”މިއަދު ޔޫނުސް ނެތީމަ ވަރަށް ފޫހިކޮށް ދިޔައީ…” މިނިވަކަންކަމާއެކު ދޫކޮށްލެވިފައިވި އިސްތަށިގަނޑަށް ރޯޅިތަކުގެ ގޯނާތައް އަމާޒުވާން ފެށުމާއެކު ހުޅިއެއް ޖަހާލަމުން ޝާޢާ ބުންޏެވެ. އޭނަ ބަހުންބަހަށް ހާމަނުކުރި ކަމުގައި ވިޔަސް އޭނަގެ ހިތުގެ އަޑު ޔޫނުސްއަށް އިއްވާލަދިނެވެ.
”ތިބުނީ އަހަރެން މަތިން ހަނދާންވިއޭދޯ؟…” ޔޫނުސްގެ ތޫނު ބެލުންތައް އަމާޒުވުމުން ޝާޢާގެ ހިތް އަވަސް ވިއެވެ. އެތޫނުފިލި ދެލޯ އޭނައަށް ހުއްޓޭ ކޮންމެ ފަހަރަކު މެޔަށް ސިހުރެއް ޖެހޭ ކަހަލައެވެ. ހިތާއި ޖިސްމަށް އެއަންނަ ކޮންމެ ބަދަލެއްގެ ފަހަތުގައިވަނީ ޔޫނޫސްއަށް ޓަކައި އުފެދިފައިވާ ޖަޒުބާތުތަކެވެ. އެކަން ޢިއުލާންކުރަންވީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެވަގުތު އެރިއެވެ. ޔޫނުސް އޭނައަށް ދީފައި އޮތް މުހުލަތު ވެސް އޮތީ ހަމަވެފައެވެ.
ދެޒުވާނުންގެ ދެމެދަށް ދެން ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ އިރު އެދެމެދުގައި ބެލުންތައް ބަދަލުކުރެވުނެވެ. ބަސްމޮށުންތެރިކަމެއް ނެތްކަމުގައި ވިޔަސް ދެހިތުގެ ހާލު އެކަކު އަނެއްކަކަށް އަންގައިދޭން އުޅޭ ކަހަލައެވެ. އެހިސާބުގަނޑުގައި ބަޔަކު ވެސް ނެތުމުން މުޅި މާހައުލު ދެޒުވާނުންނަށް އޮތީ ހިތަކަށް ލިބިފައެވެ. ނަމަވެސް އެދެމެދުގައި ކަނޑައެޅިފައި އޮތް އިން ފަހަނައަޅައިދާން އެކަކު ވެސް ބޭނުމެއް ނުވެއެވެ. އޭގެ ސަބަބުން އެދެމެދުގައިވި ޖަޒުބާތުތަކަށް ކިލަނބުކަމެއް އައިސްދާނެތީ އެވެ.
”އަދި ވެސް ޝާގެެ ޖަވާބު އަހަންނަށް ނުދެމެއްނު، ޝާއަށް އަހަރެން ކަމުދޭތަ؟…” ޝާޢާ އިން ފަޅިއަށް ކުޑަކޮށް އެނބުރިލަމުން އެންމެފަހުން ޔޫނުސް އޭނަގެ މައުޟޫޢުއަށް ދިޔަ އެވެ. އޭރު އޭނަގެ ހިތުގެ ވިންދުތައް ވަނީ އަވަސްވެފައެވެ. ޝާޢާގެ ބެލުންތަކުގައި ތަފާތުކަމެއްވިކަމުގައި ވިޔަސް އެދުލުން އޭނަދެކެ ލޯބިވާކަމަށް އިޤުރާރުވާއަޑު އަހަން އޭނަގެ ހިތްވީ ބޭޤަރާރުވެފައެވެ. ޝާޢާގެ ޖަވާބަކަށް އޭނަގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ހެކިދެނީ އެދެލޮލުންނެވެ.
އިސްއުފުލާ ޔޫނުސްއަށް ޝާޢާ ބަލާލީ ހިތްވަރާއެކުގަ އެވެ. އޭރު އެމޫނުން ޔޫނުސްގެ ހިތް އެދެމުން ދިޔަ ސުވާލަށް ޖަވާބު ދެއެވެ. އިތުރަށް ޔޫނުސްއަށް ޔަޤީންކަން ދިނުމުގެ ގޮތުން ޝާޢާއަށް ބޯޖަހާލެވުނެވެ. ޔޫނުސްއަށް ހިނިތުންވެވުނު އިރު އޭނަގެ ތުންފަތް ފޫއަޅުވާލާފައި ލުއި ހުނުމުގެ އަޑު ވެސް ބޭރު ވިއެވެ. އޭނައަށް އެވަގުތު ލިބިފައިވި އުފާވެރިކަން އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެއެވެ. ލިބުނު ހިތްހަމަޖެހުން ބަޔާންކުރަން އެއަތުގެ ތެރެއަށް ޝާޢާ ގެންނަން ބޭނުންވިކަމުގައި ވިޔަސް ޝާޢާ ހިތްހަމަނުޖެހިދާނެތީ ޔޫނުސްއަށް ޖެހުނީ އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރާށެވެ. ނަމަވެސް އޭނަގެ އަތުގެތެރޭގައި އޮތް ޝާޢާގެ އަތްތިލައަށް ޔޫނުސް ބޮސްދިނެވެ. އެހޫނުނޭވާތަކާއި އެކުވެ އެތުންފަތުގެ ބީހުން އިހުސާސްކުރެވުނު ހިނދު ޝާޢާގެ ހަށިގަނޑަށް ފިނިކަމެއް ސަވާރުވިއެވެ. ހަށިގަނޑުގެ ލޯލިތައް ވެސް އެފިނިކަމުގެ އަސަރުގައި ކޮޅަށް ޖެހުނެވެ.
*****
ރާޅުފަށުން މޫދަށް ނިކުމެވޭނެހެން އޮތް ހަނިމަގުގެ އަރިމައްޗަށް ވާހެން ހުރި އުސް ރުކުގެ ފަނެއްގެ މަތީގައި އިން ކާޅުގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޝާޢާ އަށެވެ. އިރުއިރުކޮޅާ އަނދިރިކަން ވެރިވެފައި އޮތް މާހައުލަށް ވެސް އެސޮރު ބަލައެވެ. ކަމަކަށް ވަރަށް ބޮޑަށް ހުޝިޔާރުވެގެން އިންކަން އޭގެ ހަރަކާތްތަކުން ހެކިދެއެވެ. އެގޮތުގެ މަތީގައި ވަގުތު ފާއިތުވެ އިޝާ ނަމާދުގެ ބަންގީގެ އަޑު ފަޒާގެ ތެރެއަށް ފެތުރުމާއެކު އެސޮރު ފަންގަނޑު ދޫކޮށް އުދުއްސައިގަތީ އަމާންކަން ލިބިއްޖެކަމުގެ ޔަޤީންކަމާއެކުގައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދުރުގައި ހުރި މަގޫގަސްތަކުގެ ތެރޭން ފާޅުވެގެން އައި ކަޅު ދުންގަނޑެއް ބޯވެ ސިފަޖެހިގެން އައެވެ. ހަތަރެސްފައި ޖަހައިގެން ބިންމަތީގައި އޮތް ބުޅާގަނޑެއް ފަދަ އެމަހުލޫޤުގެ އަނގުރު ދެލޮލުގެ ތެރޭން ފެންނަނީ ޝާޢާ އެކަންޏެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އޮވެފައި އެސޮރު ދުންގަނޑެއްހެން ފޭދުނީ ރުޅިވެރިކަން އެމޫނުގައިވާ ހާލުގައެވެ. މިރޭ އަނެއްކާ ވެސް އޭނައާއި ހަވާލުކުރެވުނު މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ.
*****
ހަތަރެސްފައި ޖަހައިގެން ހަލުވިކަމާއުގެ ޖަންގަލީގެ ބިޔަ ގަސްތަކުގެ ތެރޭން ދަތުރުކުރަމުން ދިޔަ މަހުލޫޤު ގޮސް ހުއްޓުނީ ނިކަ ގަސްތަކުން ވަށާލެވިފައި އޮތް ސަރަހައްދަކަށެވެ. އޭރު އޭތީގެ އިންތިޒާރުގައި ޢައިބުވެފައި ހުރި އިސްކޮޅުން ދިގު އިހަންޏެއް ކުއްލިޔަކަށް އަނދިރީގެ ތެރޭން ފާޅުވިއެވެ. އެއާއެކު މަހުލޫޤު އެހިޔަންޏަށް ކުރުނީސް ކުރިއެވެ. އޭތީގެ މޫނުގައި ޖެހިލުންވުމާއި ބިރުވެރިކަން އޭރު ވިއެވެ.
”ޚަބަރަކީ ކޮބާ؟…” އަޑު އިވުނެވެ.
”އޭނަގެ ހަށިފާރަވެރިޔެއް އެބަހުރޭ…” މަހުލޫޤު ޖަވާބުދާރީ ވިއެވެ. ”އަހަންނަށް އިތުރު މުހުލަތެއް ދީ…”
”އެންމެ ފަހުން ވެސް ކަލޭ ގާތު މަ ބުނީމެއްނު ތިޖަވާބު ހިފައިގެން ނާންނާށޭ!!!… ކަލެއަށް އިތުބާރުކުރެވުން އެއީ އަހަންނަށް ހެދުނު ގޯހެއް!!!، ކަލޭގެ ތިފަރުވާކުޑަކަމުން އަހަރެންގެ ބޮޑުންނަށް ޖަވާބުދާރީ ވަނީ ކިހިނެއް!!!…” ބާރު ހަޅޭކެއްގެ އަޑާއެކު ކުއްލިޔަކަށް ފެނިގެން ދިޔައީ ވިދުވަރުގެ ހަލުމިނުގައި ދަތުރުކުރި ހިޔަނި ގޮސް މަހުލޫޤުގެ ކަރަށް ތުނު ވަކިތައް ހަރާލަމުން މައްޗަށް އުފުއްލާލި ތަނެވެ. އެއާއެކު ފުރާނައަށްޓަކައި އޭތި ތެޅިފޮޅިގެން ފެށިއެވެ. ވަލުޖަނަވާރެއް ހޭރޭ އިރު އިވޭ ފަދަ އަޑެއް އޭރު ފަޒާގައި ހަރުލާފައި އޮތެވެ. ހަށިގަނޑުގައި ހުރި ބާރަކާއެކު ކަރަށް ބާރުވަމުން އައި ތޫނު ވަކިތަކުން މިންޖުވޭތޯ ބެލިއެވެ.
”ކަލޭތީ ބޭކާރު އެއްޗެއް!، ބާރެއް ނެތް އެއްޗެއް… މިހާ ދުވަހު ދުނިޔޭގައި ބެހެއްޓީ މަންފާއެއް ވެދާނެކަމަށްޓަކައި… އެކަމަކު ކަލޭގެ ސަބަބުން އަހަރެންގެ އިއްޒަތް ވެއްޓިއްޖެ، ބޮޑުންގެ ރުޅިވެރިކަން އަހަންނަށް އަމާޒުވެއްޖެ… އަހަރެން ތިކަމާ ހަވާލުވިނަމަ މިހާރު އެއިންސި ގެނައިތާ ކިތަންމެ ދުވަހެއް!!!…” ހިޔަނީގައި ސިފަޖެހި ފާޅުވެގެން އައީ އިސްކޮޅުން ބިޔަ ހަށިގަނޑުގައި ގިނަ އަދަދެއްގެ ކެހެރި ފަޅާފައި ހުރި މާރިދެކެވެ. އޭގެ ސިފަ އެންމެ ވައްތަރީ ކުއްތާއަކާ އެވެ. ދެފައިގެ ބާރުގައި ކޮޅަށް ހުރިއިރު ހަތަރެސްފައިގެ ބައްޓަން ވެސް ކުއްތާއަކާ ތަފާތެއް ނެތެވެ. މާރިދުގެ މުށުތެރޭގައި ފިސްފިސްވަމުން ދިޔަ މަހުލޫޤު އުނދަގުލުން ވާހަކަދައްކަން މަސައްކަތްކުރިއެވެ. އޭރު އޭތީގެ އަނގައިންނާއި ނޭފަތުން ލެޔާއެކުވެ ދަވައެއް ވެސް ބޭރުވާން ފަށައިފިއެވެ.
”އޭނަ… އޭނަ… ހަދާފަ ހުރި… ސިހުރުގެ ބާރު ދަނީ… ކެނޑެމުން… ގިނަ ދުވަހެއް… ނުވާނެ… އަހަރުމެންގެ… ބާރު ގަދަވާނެ…” އެޖުމްލައާއެކު ބަންލާފައި ބިންމައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އޭރު ނޭވާއަށް ކުކުރަމުން ދިޔަ މަހުލޫޤު ކުރުގެޅިގެން އޮތީ އިތުރު ހަމަލާއަކުން ވެސް އޭތީގެ ފުރާނެ ގޮސްދާނެކަމުގެ ބިރާއެކުގަ އެވެ. ނަމަވެސް އެފަދަ ކަމެއް ތަކުރާރެއް ނުވެ މާރިދު ގެއްލުނީ އެވެ.
*****
މެންދަމުން އަލިވެ އެކެއްޖެހި ވަގުތެވެ. ރަށް އޮތީ ފުން ހިމޭންކަމެއްގެ ތެރޭގައި ނިދާފައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. އޭގެ ސަބަބުން ބިރުވެރިކަން މާހައުލަށް ވެރިވެފައި އޮތެވެ. ގޭގެ ދޮރު ހުޅުވާލާފައި ފެންޑާއަށް ނިކުތް ޖާބިރު ގޯތި ތެރެއަށް ނަޒަރެއް ދިނެވެ. ހަނދުވަރު ދީފައި އޮތް ރެޔެއްކަމުން ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮކާހަނދުވަރު ދީފައި އޮތެވެ. ބޭރަށް ފިޔަވަޅުތައް އަޅާލަމުން ޖާބިރު ގޭގެ ދޮރު ލައްޕާލިއެވެ. އަދި އޭނަގެ އަތުގައި އޮތް ތަޅުދަނޑިން ދޮރު ތަޅުލީ އިތުރު މީހަކަށް ބޭރަށް ނިކުތުމުގެ ފުރުސަތު ނުދޭންވެގެންނެވެ.
މައިދޮރާށި ކައިރިއަށް ހުއްޓިލަމުން ޖާބިރު އޭނަގެ އަތުގައި އޮތް ފުޅިއެއްގައި ހުރި ދިޔާ އެއްޗެހި ބޯގަންވިލާ ގަހަށް އަޅަން ފެށީ މުޅިން އެހެން ބަހުރުވައަކުން ލަސްލަހުން އެއްޗެހި ތަކުރާރުކުރަމުންނެވެ. އެއީ އޭނަ މީގެ ކުޑައިރުކޮޅެއް ކުރިން އުނިމަލާއި ފެންއެއްކޮށް ކިޔަވައިގެން ތައްޔާރުކުރި އެއްޗެކެވެ. ޖާބިރު އެފަދައިން ކަންތައްކުރަން ފެށުމުން ގަހަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައެވެ. ނަމަވެސް އޭނައަށް ސިހުން ގެނައީ އޭނަގެ ފުރަގަހުން ކުއްލިޔަކަށް އިވުނު އަޑެއްގެ ސަބަބުންނެވެ.
”ވާޤިދު…” ފަސްއެނބުރި ބަލާލުމާއެކު ފެނުނީ ހުދުހެދުމެއްގައި ހުރި އިސްކޮޅު ދިގު މީހެކެވެ. އޭނަގެ ސިފަ ރީތިވެފައި ޢައިބުކަމެއް ނުވެއެވެ.
”ކީކޭ؟…” ލިބުނު ހައިރާންކަމާއެކު ޖާބިރަށް ބުނެވުނެވެ. އޭރު އޭނަގެ ދެލޯ ވެސް ބޮޑުވެފައި ވިއެވެ.
”އެމީހުނަށް ޚަބަރުވެއްޖެ… އެމީހުން އެބައާދޭ…” އުޑަށް ބަލާލަމުން ވާޤިދު ބުންޏެވެ. ޥާޤިދަކީ ޖާބިރަށް މަދަދުވެރިވާ މުއުމިން ޖިންނިއެކެވެ. ރޫޚާނީ ދުނިޔޭގެ ޚަބަރުތައް ޖާބިރާ ހަމައަށް ގެނެސްދެނީ ވެސް ވާޤިދެވެ.
ވާޤީދުގެ ޖުމްލައިން ޖާބިރަށް ނުތަނަވަސްކަން ލިބުނެވެ. އޭނަ އިހުނަށްވުރެ އަތްމަތި އަވަސްކޮށްލަމުން ފުޅީގައި ބާކީހުރި ފެންތައް ގަސްދޮށަށް އަޅާލިއެވެ. އެއަށްފަހު އޭނަ ނުހަނު ހަލުވިކަމާއެކު ބިންމަތީގައި ނިޝާންތަކެއް ކުރަހާލިއެވެ. އަދި ވާޤިދަށް ބަލާލިއެވެ. އޭނަގެ މޫނުމަތިން ވާޤިދާ މެދު ހިތްހަމަނުޖެހިފައި ހުރިކަން ވެސް ފެނެއެވެ. ވާޤިދާއި އޭނަ ހަވާލުކުރި މަސައްކަތް އެދެވޭގޮތުގައި ފުރިހަމަ ނުކުރެވުނީތީ އެވެ.
”ގޯއްޗަކަށް ނުވަދެވޭނެ، އެންމެން ވަނީ ރައްކާތެރިކަމުގައި…” ވާޤިދު ބުނެލިއެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެނެއެވެ. އެއީ ޖާބިރުގެ ހިތްހަމަނުޖެހުމުގެ ސަބަބުން ލިބިދާނެ ސަޒާއަކާ މެދު ކަމެއް ނުވަތަ ކުރިމަތިލާންޖެހިފައިވާ ނުރައްކަލުގެ ސަބަބުންކަމެއް ނޭގެއެވެ.
ކުއްލިޔަކަށް ފެނިގެން ދިޔައީ ޖައްވުން އަލިގުޅަތަކެއް ހުރަސްކަނޑާލިތަނެވެ. އޭގެ އިރުކޮޅެއް ފަހުން ބިންގަނޑަށް ވަރުގަދަ ލޮޅުމެއް ވެސް އައެވެ. އޭރު ޖާބިރު ހުރީ ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްގެންނެވެ. ހިތަށް ބިރުވެރިކަން ފޭދުނަސް އެކަން އޭނަގެ މޫނުމައްޗަކުން ނުދައްކަ އެވެ. އޭނަގެ ދުޝްމިނުންނާއި ހަނގުރާމަކުރަން ޖެހުނަސް އެކަން ކުރެވޭނީ ހިތްވަރާއެކު ކުރިމަތިލައިގެންނެވެ.
”ކަލޭ ހީކުރީތަ ކަލެއަށް ހުރިހާ ދުވަހަކު އަހަރުމެންގެ ފުށުން ސަލާމަތްވެވިގެން އުޅެވޭނެ ކަމަށް، ކަލެއަށް ލިބިފަ ތިހުރި ހުނަރަކާ މެދު އެއްޒަމާނެއްގައި ކަލޭ ވަރަށް ފަހުރުވެރިވީމެއްނު، ކަލޭގެ ބާރު ދައްކަން ވެސް އުޅުނީމެއްނު، އެކަމަކު އެދުވަސްތައް މާޒީވެ ހިނގައްޖެ… ކަލޭގެ ބާރު ތިދަނީ ކެނޑެމުން… ގިނަ ދުވަހެއްނުވެ ކަލޭ ކުރި ކަންތަކުގެ އަޖުމަ ލިބޭނެ… އަހަރުމެންގެ އުސޫލަކީ ބަދަލަށް ބަދަލު…” ހަރުކަށި އަޑެއް އިވުނެވެ.
”ކަލޭ ހީކުރީތަ ކަލެއަށް ހުރިހާ ދުވަހަކު އަހަރުމެންގެ ފުށުން ސަލާމަތްވެވިގެން އުޅެވޭނެ ކަމަށް، ކަލެއަށް ލިބިފަ ތިހުރި ހުނަރަކާ މެދު އެއްޒަމާނެއްގައި ކަލޭ ވަރަށް ފަހުރުވެރިވީމެއްނު، ކަލޭގެ ބާރު ދައްކަން ވެސް އުޅުނީމެއްނު، އެކަމަކު އެދުވަސްތައް މާޒީވެ ހިނގައްޖެ… ކަލޭގެ ބާރު ތިދަނީ ކެނޑެމުން… ގިނަ ދުވަހެއްނުވެ ކަލޭ ކުރި ކަންތަކުގެ އަޖުމަ ލިބޭނެ… އަހަރުމެންގެ އުސޫލަކީ ބަދަލަށް ބަދަލު…” ހަރުކަށި އަޑެއް އިވުނެވެ.
ކުއްލިއަކަށް ފެނިގެން ދިޔައީ ގޭގެ އިންފާރާއި ދާދި ގާތުން އަލިފާންކަނިތަކެއް ބުރައިގެން ދިޔަ މަންޒަރެވެ. އެހިނދު ބާރު އަޑުފަށްގަނޑެއް ވެސް އިވި ބިންގަނޑަށް ލޮޅުންތަކެއް އައެވެ. ސިހުމުގެ އަސަރު ޖާބިރުގެ މޫނުމަތިން ފާޅުވިކަމުގައި ވިޔަސް އޭނަ ފައިތިލަ ސާބިތުކުރިއެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަން އުފެދި ނިތްކުރީގައި ފިނިދަލެއް ހިއްލާފައިވީ އޭނައަށް ދިން އިންޒާރުގެ ސަބަބުންނެވެ. ހަމަލޮލަށް ނުފެނުނު ކަމުގައި ވިޔަސް އޭނަގެ ދުޝްމަނުން ހަމަލާ ދޭން މަސައްކަތްކުރާކަން ޖާބިރަށް އެނގެއެވެ. ބޭރުން ފެނިގެން އެދާ އަލިފާން ކަނިތަކާއި އެކުވެ އިވެމުންދާ ބިރުވެރި ހަޅޭކުގެ އަޑުތަކަކީ އެކަމަށް އޮތް އެންމެ ވަރުގަދަ ހެއްކެވެ. މަހުލޫޤުންތައް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބޭނެކަން ޔަޤީންވުމުން ބޭރުތެރޭގެ ހައިޖާންގަނޑު ހިނދިގެން ދިޔަ އެވެ. އެއާއެކު ޖާބިރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
”ކަލޭގެ ބާރު ލަސްނުވެ ކެނޑިގެން ދާނެ، އޭރަށް ކަލެއަށް އަހަރެންވި ވަޢުދު ފުއްދާނަން، އޭރަށް ކަލޭގެ ގާތުން ބަދަލު ހިފޭނެ…” އަނެއްކާ ވެސް އެހަރުކަށި އަޑު ތަކުރާރު ވިއެވެ.
”ތިދޭ އިންޒާރުތަކަށް އަހަރެން ބިރެއް ނުގަނޭ… އަހަރެންގެ ޢާއިލާއަށް ގެއްލުމެއް ދޭން އުޅެފިއްޔާ އެކަމުގެ ނަތީޖާ ރަގަޅެއް ނުވާނެ، އެއްފަހަރު އޮންނާނީ އެކަން ސާބިތުކޮށްދީފައި!…” ޖާބިރު އެންމެފަހުން ބުނެލިއެވެ. ހަނުހުރުން ވެގެން ދާނީ އޭނަގެ ނިކަމެތިކަން ބަޔާންކޮށްދޭނެ ކަމަކަށެވެ. އެއާއެކު އޭނަގެ ހަރުކަށިކަމާއި ބާރު ދައްކާލަން ޖާބިރު އުޅުނެވެ. އަލިފާނާ ކުޅެންޏާމު އޭނަ ހުންނަން ޖެހޭނީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ގެއްލުމެއް ކުރިމަތިވެދާނެކަން ވިސްނައި ހުޝިޔާރު ވެގެންނެވެ. ކުރެވޭ އެންމެ އިހުމާލެއްގެ ސަބަބުން ވެސް ފޫނުބެދޭނެ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
”އަދި ވެސް ކަލޭގެ ބޮޑާކަން ދައްކަންތަ ތިއުޅެނީ؟… ބަލަ ކަލެއަށް ތި ބާރު ލިބިފައިވަނީ ވެސް އަހަރުމެންގެ ތެރެއިން ނިކަމެތި ޖިންނީންތައް އަތްދަށުކޮށްގެން… ކަލޭގެ ޚާދިމަކަށް ތިއުޅޭ ޖިންނީގެ ބާރު ވެސް އަހަރުމެންގެ ކުރިމަތީގައި ލަހެއްނުވެ ފަނޑުވެގެންދާނެ… އޭރަށް ކަލޭ ރައްކާތެރިކޮށްދޭނީ ކާކު؟… ކަލޭގެ ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ޖަތީޖާ ގިނަ ދުވަހެއްނުވެ ކަލޭގެ ލޯކުރިމަތިން ފެނިގެންދާނެ، އެދުވަހަކުން ކަލެއަށް އެއްޗެއް ވިސްނޭނޭ!!!…” މިފަހަރު ކުރިއަށް ވުރެ އަޑު ބާރެވެ. ޖާބިރު ދެކެ ކުރާ ނަފުރަތު އެއަޑުން ރީތިކޮށް ހާމަކޮށްދެއެވެ.
މާހައުލު އަމާންވުމުގެ ކުރިން ބޭރުތެރެއިން ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެއާއެކު ގޭގެ އިން ފާރަށް ލޮޅުންތަކެއް އަރައިގެން ދިޔަ އެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ފާޅުވެގެން ދިޔައީ ގޭގެ މައިދޮރާއި ދިމާލުންނެވެ. އެވަގުތު ބޯޖަންވިލާ ގަހުގެ މޫތައް ބިމުގެ ފަސްގަނޑާއި ގުޅިފައިވާ ހިސާބުން ބިންގަނޑު ކަނޑައިގެން ދިޔަ އެވެ. ސިހުން ލިބިފައިވި ޖާބިރަށް އޭނަގެ މުށުގެ ތެރޭން ބާޒީ ދޫވެގެން ހިނގައިދަނީކަން ރޭކާލިއެވެ. އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. ކަންކުރަންވީ ގޮތަކާ މެދު އޭނަ ސިކުނޑިއަށް ބާރުލިއެވެ. އޭނަ ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެވަނީ މަޖުބޫރުވެފައެވެ. އެމީހުންގެ ބާރު އެހެން ނޫންނަމަ ދުވަހަކަސް ވުރެ ދުވަހަކަށް ދާނީ ގަދަވަމުންނެވެ.
”ކަލޭގެ ސަބަބުން މިހުރިހާކަމެއް މިވީ!، ކަލެއަށް ކަންތައް ބަލަހައްޓަން ޖެހޭ ވަރަށް ބެލެހެއްޓުނުނަމަ މިހާލަތަށް ނުދިޔައީސް…” ވާޤިދާއި ކުރިމަތިލި ޖާބިރުގެ މޫނުން ހާސްކަން ފިލައި ރުޅިވެރިކަމުގެ ސަވާރު ވިއެވެ. އޭނަ ވާޤީދަށް ބަލަން ހުރީ އިންތިހާ ދަރަޖައިގެ ހިތްހަމަނުޖެހުމާއެކުގައެވެ. ވެދިޔަކަންތަކުގެ އިލްޒާމު ވާޤިދުގެ ބޮލުގައި އަޅުވައި ކުށްވެރިކުރާ ކަހަލައެވެ.
”ކަލޭގެ….. އޮތީ އެމީހުންނާއެކު ދޯ؟… އަހަރެން ހަނދާން ނެތުނިއްޔޭ ކަލޭ ތީ އެނަސްލުގެ މީހެއްކަން…. ކަލޭ ތިއުޅެނީ މަށަށް އޮޅުވާލައި ގެއްލުން ދޭންތަ؟… އެހެންވެއްޖެއްޔާމު ކަލޭގެ ވަސްވެސް މުދުނިޔެއިން ފޮހެލަން އަހަންނަށް ބޮޑުކަމަކަށް ނުވާނެ، މީގެ ފަހުން މަށަށް އޮޅުވާލަން ވިސްނުމުގެ ކުރިން އަހަރެންގެ މިވާހަކަތަކާ މެދު ވިސްނާލާތި……” ޖާބިރު ހަޅޭއްލަވައިގަތެވެ. އެވަގުތު ވާޤިދުގެ މޫނުން ބިރުވެރިކަން ފާޅުވިއެވެ. ޖާބިރަކީ ކިހާ ރަހުމުކުޑަ މީހެއްކަން އޭނަގެ ހަމަލޮލުން ވަނީ ކިތަންމެ ފަހަރަކު ދެކެފައެވެ. ޖާބިރަކީ އެއްއިރެއްގައި ވެސް އޭނަ ގެންގުޅޭ ޚާދިމުންނާ މެދު އޯގާތެރިކަން ބަހައްޓާ މީހެއް ނޫނެވެ. އޭނަ ބޭނުންވާ ފަދައިން ކަންތައް ނުވެއްޖެނަމަ އެކަމުގެ އަގު ގިނަ ފަހަރު އަދާކުރަން ޖެހެނީ ފުރާނައަކުންނެވެ. އެވެސް ވޭންދެނިވި ގޮތަކަށެވެ. ދެން ތިބި ޚާދިމުންނަށް ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.
އަމިއްލަ ފުރާނައާ މެދު ބިރުގެންފައި ހުރި ވާޤިދަށް ޖެހުނީ ޖާބިރުގެ ގާތުން އާދޭސްކުރާށެވެ. ޖާބިރުގެ ކުރިމަތީގައި އޭނަގެ ބާރެއް ނެތީތީ އެވެ. އޭނަ އެވަނީ ޖާބިރުގެ މުށުތެރޭގައި ހައްޔަރުވެފައެވެ. އޭނަގެ ފުށުން ޖާބިރަކަށް ގެއްލުމެއް ނެތެވެ. ހަމައެއާއެކު ގެއްލުމެއްދޭން މަސައްކަތްކޮށްފިނަމަ ހަށިރައްކަލަށް ޖާބިރު ހަދާފައިވާ ކަންތަކުގެ ސަބަބުން އޭނައަށް ޖެހޭނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. އާޚިިރުގައި ދެރަ ލިބޭނީ އޭނަ އަށެވެ.
”އެންމެ ފަހުގެ ފުރުސަތު މިދެނީ…” ޖާބިރުގެ އަޑުގައި ވަނީ އިންޒާރެވެ. އޭނަ ދެން ވާޤިދަށް އަމުރުކުރީ ޝާޢާގެ ހަށިފާރަވެރިޔަކަށްވުމަށެވެ. އެކަމާއި ވާޤިދު އެއްބަސްވި އެވެ.
*****
ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ޝާޢާގެ ސަމާލުކަން އޭނަގެ ފޯނަށް ހުއްޓުނީ ވައިބްރޭޓް ވުމުންނެވެ. އަވަސްއަވަހަށް ފޯނު ނަގައި ބަލާލި އިރު ބާއްޖަވެރި ހެދުނަކަށް އެދި ޔޫނުސް މެޖެސްކޮށްފައި އޮތެވެ. އެއާއެކު ޝާޢާގެ ތުންފަތުގައި ފަރި ހިނިތުންވުމެއް ކުޅެލިއެވެ. އޭނަ މެސެޖަށް ރައްދުދޭން އުޅެނިކޮށް ޔޫނުސް ގުޅަން ފެށިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝާޢާ ފޯނަށް ޖަވާބު ދިނެވެ. ހެނދުނުހެނދުނާ ޔޫނުސްގެ އަޑު އިވުމުން ވެސް އޭނަގެ މުޅި ދުވަސް އުޖާލާވެގެން ދިޔަ އެވެ.
”މިއަދު ޝާ އަހަންނާއެކު އޮފީހަށް ދާންވީނު؟…” ވާހަކައިގެ ތެރޭން ޔޫނުސް އަހާލިއެވެ. އޭނަގެ ރާގުން ވެސް އެކަމަށް ބޭނުންވެފައިވާ މިންވަރު ޝާޢާއަށް ދޭހަކުރެވުނެވެ. އެއާއެކު ވަގުތުން އެއްބަސް ވާން އޭނަ ބޭނުން ވިއެވެ.
”އަހަރެން އޮތީ ބުނެފަ އައިޝާ ގާތު މިއަދު ޝާ ބަލާ ނުދައްޗޭ…” ޝާޢާގެ ހިތުގައި އޮތް ސުވާލަށް ޔޫނުސްގެ ޖަވާބު ލިބުނެވެ. ޔޫނުސްއަށް ކޮންމެ ފަހަރަކު އޭނަގެ ހިތުގައިވާ އެއްޗެއް ފަހުމުވާތީ ޝާޢާއަށް ހައިރާންކަން ވެސް ލިބެއެވެ. އެދެމެދުގައި އެވަނީ އާދަޔާ ޚިލާފު ގުޅުމެއްކަން ގައިމެވެ. ޔޫނުސްއަށް އޭނަގެ އިހުސާސްތައް އެހާމެ ރަގަޅަށް ދަސްވެފައިވާ ކަހަލައެވެ.
”އޯކޭ…” ޝާޢާ އެއްބަސްވެލިއެވެ. ފަސްމިނެޓްތެރޭ އަންނާނެ ވާހަކަ ބުނެލަމުން ޔޫނުސް ފޯނުކޯލް ކުރުކޮށްލުމާއެކު ޝާޢާ އޭނަގެ އަތްމަތި އަވަސްކޮށްލިއެވެ. އަދި އަތްދަބަހަށް އޭނަ ބޭނުންވާނެ އެއްޗެހި އަޅައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތް އިރު ވެސް އޭނަގެ ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.
*****
ގޭގެ ފެންޑާއަށް ޝާޢާ ނިކުތްތަނާ އޭނަގެ ސަމާލުކަން އަތުލީ މެދު ގޯތީގައި ވާހަކަދައްކަން ތިބި އޭނަގެ މާމައާއި ކާފަ ފެނުމުންނެވެ. އެމީހުންގެ މޫނުމަތީގައިވި ނުތަނަވަސްކަން ޝާޢާއަށް ފާހަގަ ކުރެވުނެވެ. އޭނައަށް އިތުރު ހައިރާންކަމެއް ލިބުނީ އޭނަ ފެނުމާއެކު ދެކެވެމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް އަތުވުމުންނެވެ. އެވަގުތު ނުތަނަވަސްކަމުގެ ތެރޭން ވެސް މާމަ އޭނައަށް ހިނިތުންވެލިއެވެ. ޝާޢާގެ ހިތް ސުވާލުތަކުގެ އޮއެވަރުގެ ތެރޭގައި ބެހެން ފެށިއެވެ. މާމައާއި ކާފައަށް ހާސްކަން ލިބިފައިވަނީ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟ އޭނަ ފެނުމާއިއެކު ދެކެވެމުން ދިޔަ ވާހަކަތަކުގައި ނިމުމުގެ ސިއްކަޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެވާހަކަތަކާއި އޭނައާއި ގުޅުމެއް ވަނީ ހެއްޔެވެ؟
ސުވާލުކުރަން އުޅުނު ޝާޢާއަށް އެފުރުސަތު ނުލިބުނީ އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އަތްދަބަސް ތެރޭ އޮތް ފޯނު ނަގައި ޖަވާބު ދިނެވެ. އެއަށްފަހު އޭނަ ކުރިއަށް ހިނގައިގަތެވެ.
”ދަނީ…” މާމައާއި އަރާހަމަވުމާއެކު ޝާޢާ ހިނިތުންވެލި އެވެ. މާމަ ވެސް ޝާޢާއަށް ހިނިތުންވެލީ ހުރިހާ އިހުސާސްތަކެއް ވަންހަނާކުރަން މަސައްކަތްކުރަމުންނެވެ. ބަދިގެއަށް ވަންނަން ދިޔަ ކާފައަށް ވެސް ޝާޢާ އެވަގުތު ގޮވާލިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ބޭރަށް ނިކުތުމަށެވެ.
ދޮރާށި ހުޅުވާލުމާއެކު އޭނައާއި ފުރަތަމަ ވެސް ބައްދަލުކުރީ ޝާޢާ ދެކެން ބޭނުންވެފައި ހުރި އެހިތުގެ ވެރިޔާ އެވެ. އޭނަގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވެގެން އައީ ވެސް އެސަބަބާ ހުރެ އެވެ. ޝާޢާ އާއި ނަޒަރު ބައްދަލުވުމުން ޔޫނުސް ވެސް ހިނިތުންވެލިއެވެ. އެއަށްފަހު ޝާޢާގެ ރީތި ކަމަށް އޭނަ ތަޢުރީފުކޮށްލިއެވެ. އޭގެެ ސަބަބުން ޝާޢަގެ ތުންފަތުގައިވި ހިނިތުންވުން ރަކި ހުނުމަކަށް ބަދަލުވިއެވެ.
ޝާޢާ ސައިކަލުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ޔޫނުސް ސައިކަލު ދުއްވާލިއެވެ. އެހުރިހާ އިރު ވަންދެން އެދެޒުވާނުންނަށް ބަލަން ހުރި ހަދީޖާ ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ އެވެ. ޝާޢާއާއި ޔޫނުސްއާ ދެމެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން އޭނައަށް ވަގުތުން ނަގައި ގަނެވުނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޝާޢާއަށް މިދުވަސްކޮޅު އައިސްފައިވާ ބަދަލުތަކާ މެދު އޭނައަށް ވިސްނާލެވުނެވެ. އޭރު އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވި ސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބިފައިވި ވިއެވެ. އެކަމާ މެދު އޭނަ ދެކެންވީ ގޮތެއް ހަދީޖާއަކަށް ނޭގުނެވެ. ކޮންމެވެސް އެއްދުވަހަކުން ޝާޢާ ވެސް ޒަވާޖީ ހަޔާތެއް ފަށާނެކަން އޭނައަށް އެނގެއެވެ. ނަމަވެސް އެކަމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި މެދު ވިސްނޭލެވުމުން ހަދީޖާގެ ހިތުގެ ތެޅުން އަވަސް ވާން ފެށި އެވެ. އެއާއެކު އޭނަ އަވަސްވެގަތީ ޖާބިރާއި މަޝްވަރާކުރުމަށެވެ. އެހެންނޫންނަމަ ނޭދެވޭ ނަތީޖާއެއް ނިކުތުން އޮތީ ނުހަނު ގާތުގައެވެ.
*****
”ޖާބިރު…” ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން ޖާބިރަށް ގޮވާލަމުން ހަދީޖާ ގޮސް ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީނެވެ. އަތުގައި އޮތް ސައިތަށިން ކޯވަރެއް ބޯލަމުން ހަދީޖާއަށް ޖާބިރު ބަލާލިއެވެ. އެއީ ވާހަކަ ކުރިއަށް ގެންދިއުމުގެ އިޝާރާތެއްކަމުގައި ހަދީޖާ ދެކުނެވެ.
”އަހަންނަށް ހީވަނީ ޝާޢާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ހެން، މިހާރު ޝާޢާގެ މިޒާޖަށް ހާދަ ބޮޑެތި ބަދަލުތަކެއް އައިސްފިޔޭ… ޖާބިރަށް އެކަންތައް ފާހަގަ ނުކުރެވޭތަ؟…” ދުރުދުރުން ފެށުމުގެ ބަދަލުގައި ހަދީޖާ އޭނަގެ މައުޟޫޢުއިން ފެއްޓިއެވެ.
”ތިބުނީ؟…” ހައިރާންކަން ވެރިވެފައިވާ އަޑަކުން ޖާބިރު ސުވާލުކުރިއެވެ.
”އަހަންނަށް ފާހަގަވީމަ ބުނެލީ…… ނޫހުގެ ދޮށީ ފިރިހެން ސޮރު ޔޫނުސް އެއީ، ރަގަޅު ޢާއިލާއަކުން އައިސްފައި ހުރި ކުއްޖެއް އެއީ… ޝާޢާ އާއި ކިތަންމެހާ ވެސް ގުޅޭ، އެކަމަކު ޖާބިރަށް އެނގެއްނު އެކަމުން ނިކުމެދާނެ ނަތީޖާ ރަގަޅުނުވާނެކަން… އަހަރެން ކަންބޮޑުވަނީ އެކަމާ… މިހާރު ވެސް ކަންތައް އޮތީ ބޮއްސުންލާފައި… އިތުރަށް ކަންތައް ގޯހުންގޯހަށްދާން އަހަރެން ބޭނުމެއް ނޫން…” ހަދީޖާ އޭނަގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.
ޖާބިރަށް ވިސްނާލެވުނެވެ. ހަދީޖާ އެހާމަކުރީ ތެދެވެ. އެފަދަ ގުޅުމަކަށް ޝާޢާއަށް ފުރުސަތު ދެވޭކަށް ނެތެވެ. އެއީ ޚުދު ޔޫނުސްއަށް ވެސް އޮތް ނުރައްކަލަކަށް ވާތީއެވެ. އެކަމުގެ ސަބަބުން ޝާޢާއަށް އިތުރު މާޔޫސްކަމާއި ހިތްދަތިކަން ނޫން އެހެން އެއްޗެއް ނުލިބޭނެއެވެ.
”ޖާބިރު، އަހަރެން މިބުނާ އެއްޗެއް އަޑު އެބައިވޭތަ؟… ކިހިނެއްތަ ކަންތައް ކުރަންވީ؟… ޝާޢާ ވަރަށް ގަޔާވޭހެން ހިވަނީ އެސޮރު ދެކެ، އެކަމަކު އެކަން ހުއްޓުވަން ވެސް އަހަރުމެން އެބަޖެހޭ… އެކަމަކު އޭގެ ސަބަބުން އަހަރުމެންނާ ޝާޢާގެ ގުޅުމަށް ހީނަރުކަމެއް ވެސް އަތުވެދާނެ، ފަހަރެއްގައި ވެސް އެފަދައިން ކަންތައް ވާކަށް އަހަރެން ބޭނުމެއް ނޫން… އެކަމަކު ދެން ތިބި މީހުންގެ ސަލާމަތަށް ވެސް އަހަރުމެން ވިސްނަން ޖެހޭނެ ދޯ… އެއްފަހަރު އެކަމަށް އިހުމާލުވެވިއްޖެ، އެކަމުގެ ނަތީޖާ ކިތަންމެހާ ވެސް ހިތި….” މާޒީގެ ތަޖުރިބާ ހަނދުމަކުރަމުން ހަދީޖާ ބުންޏެވެ.
”އަހަރެން ތިކަމާމެދު ފަހުން ވިސްނާނަން…” ޖާބިރުގެ ސިކުނޑިއަށް ބަރުވުމުން އޭނަ ހުރީ ލުޔެއް ބޭނުންވެފައެވެ. ހަމަޖެހިލައިގެން ވިސްނާލެވޭނީ އޭރުންނެވެ. ނަމަވެސް އެގޮތް ހަދީޖާއަކަށް ކަމަކު ނުދިޔަ އެވެ.
”ފަހުންނޭ؟… ފަހަށް ބަހައްޓާކަށް އަހަރެން އެގޮތަކަށް ވެސް ބޭނުމެއް ނޫން… މިކަމުގައި ގުޅިފައިވިމަނީ މީހުންގެ ފުރާނަތަކަކޭ… ޖާބިރު އެކަމާ މެދު ވިސްނާލާކަށް ނޫޅެންތަ؟…” ހިތްހަމަނުޖެހުމާއެކު ހަދީޖާއަށް ބުނެވުނެވެ. ”މާޒީގައި ވެސް ކަންތައް ވެދިޔައީ އެހެން، ޖާބިރު ދުރާލާ ވިސްނާލިނަމަ އެހިތްދަތިކަމާ އަހަރުމެން ކުރިމަތިލާކަށް ދުވަހު ނުޖެހުނީސް، އަހަރުމެންގެ ދެ އަންހެންދަރީން މިދުނިޔެ ދޫކޮށް ދާކަށް ވެސް ނުޖެހުނީސް… އެހުރިހާ ކަމަކަށް ވެސް އަހަރެން ޖާބިރަށް މަޢާފުކުރިން، ހަމައެކަނި ޝާޢާއަށް ޓަކައި، އެކަމަކު ޝާޢާއަށް ދެރަގޮތެއް ވެއްޖެއްޔާމު ދެން އަހަރެންގެ މަޢާފެއް ޖާބިރަކަށް ނުލިބޭނެ…”
ނުރުހުންވުމާއެކު ހަދީޖާ އޭނަގެ ގޮނޑިން ތެދުވުނެވެ. އަދި އިތުރަށް މަޑުކުރުމެއް ނެތި ދާން ހިނގައިގަތީ އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި އޮހެން ފެށި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. މިމަންޒަރު ބަލަން އިން ޖާބިރު ވާހަކަދައްކަން އުޅުނެވެ. ނަމަވެސް އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. ހަދީޖާ އެބުނީ އޭނައަށް ދޮގު ނުކުރެވޭނެ ހަޤީޤަތްތަކެވެ. އޭނައަށް އިހުމާލުނުވެވުނުނަމަ އޭނަގެ ޢާއިލާ ބަރުބާދުވެގެން ނުދިޔައީހެވެ. ހަމައެއާއެކު ބަދަލުހިފުމުގެ ހައިޖާންގަނޑެއް ވެސް އޭނައާއި ރޫހާނީ ބާރުތަކާ ދެމެދު އުފަން ނުވީހެވެ. އެހުރިހާ ކަމެއްގެ ތެރޭގައި ޝާޢާ ހައްޔަރުވެ ހަނާވުމުގެ ދޮރު ނުހުޅުވުނީހެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އޭނައަށް ވަނީ ކުށްކުރެވިފައެވެ. އެހެނަސް އެކުށް އިސްލާހުކުރަން އޭނަ ބޭނުމެވެ.
*****
އޮއްސެމުން ދިޔަ އިރުގެ ޖާދުވީ ކުލަތަކުން އުދަރެސް އޮތީ ރަންގުކޮށްލެވިފަ އެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތަށް ވުމުން ނޫކަށިފުރައިގެ ޒުވާނުންތައް ބޯވަހިފުމަށްޓަކައި މޫދަށް އެރި އުޅެ އެވެ. އެއްބަޔަކު ގޮނޑުދޮށަށް ފުރިހަމަކަން ގެނެސްދީފައި އޮތް ހުދު ދޮންވެލިގަނޑުމަތީ އިރުގެ ވަދާއީ ސަލާމުގެ މަންޒަރުތަކުން އުފާލިބިގަންނަމުން ދިޔަ އެވެ. އެމީހުންތަކުގެ ތެރޭގައި ޔޫނުސް އާއި ޝާޢާ ވެސް ހިމެނެއެވެ. އޮފީހުގެ ރަސްމީ ގަޑި ނިންމާލުމަށްފަހު އެދެޒުވާނުން އައިސް ތިބީ އިރުއޮއްސޭ މަންޒަރު ބަލާލުމަށްޓަކަ އެވެ.
”މިހާރު ވަރަށް ލަސްވެއްޖެ، އަނެއްކާ މާމަ ބުނެފަ އޮތީ އަވަހަށް ގެއަށް އަންނާށޭ ވެސް… ނުގޮސްފިއްޔާ ރުޅިއަންނާނެ…” އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން ޝާޢާ ބުންޏެވެ. އޭރު ޝާޢާއާއި ޖެހިގެން އިން ޔޫނުސްގެ ތޫނު ބެލުންތައް ޝާޢާއަށް ހުއްޓިފައިވިއެވެ. އިރުގެ ރަން ދަޅަތައް ޝާޢާގެ އޮމާން މޫނަށް އެޅިފައިވާއިރު ބަލާލަން ނިކަން ހިތްގައިމެވެ. އެދިގު އިސްތަށިގަނޑު މިނިވަން ވައިގެ ތެރެއަށް ދޫކޮށްލެވިފައި ވިއިރު އިރުއިރުކޮޅާ އެކޯތާފަތަށް އިސްތަށިކޮޅުތައް ފައިބައިގެން ދެއެވެ. ވާހަކަދައްކާ އިރު އެތުންފަތަށް އަންނަ ހަރަކާތްތައް ވެސް އެހާމެ ޗާލެވެ. ވަށައިގެންވި މާހައުލަށް ޔޫނުސްގެ ސަމާލުކަން ދެވިފައިނެތީ ޝާޢާގެ ޖާދޫގައި ޖެހިފައި ވީތީ އެވެ.
”ޔޫނުސް…” ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބުމުން ތަންކޮޅެއް ބާރަށް ޝާޢާ ގޮވާލިއެވެ. އެއާއެކު ޔޫނުސްއަށް ސިހުން ލިބުނެވެ. އޭނަގެ ލޮލާއި ހިއްސުއްތައް ވަށައިގެންވި މާހައުލަށް ހުޅުވުނީ ދެނެވެ.
”ކީކޭ؟…” ޔޫނުސްއަށް އަހާލެވުނެވެ.
”ދެންމެ އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެން ދޯ؟… އަހަރެން ބުނީ މިތަނުން ދާން ހިނގާށޭ… މިހާރު އެއޮއް ހަޔެއް ޖެހީ… މަޢުރިބަށް ގޮވުމުގެ ކުރިން ގެއަށް ދާން ޖެހޭނެ…” ޝާޢާ ބުނެލިއެވެ.
”އަދި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަމާ، އަހަރެން ޝާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސް ދީފާނަމޭ…” ޔޫނުސް ބުނެލިއެވެ.
”އަދި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަމާ، އަހަރެން ޝާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސް ދީފާނަމޭ…” ޔޫނުސް ބުނެލިއެވެ.
ޔޫނުސްގެ އެދުމަށް ނޫނެކޭ ބުނަން ޝާޢާގެ ހިތް ދެކޮޅު ހެދިއެވެ. އެއާއެކު ދެވަނަ ވިސްނުމަކަށް ދާން އޭނަ ބޭނުމެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހާލީ ޔޫނުސްގެ ހުށަހެޅުން ޤަބޫލުކޮށްފިކަން އަންގައިދިނުމަށެވެ. ޝާޢާގެ ޖަވާބުން ޔޫނުސްގެ ހިނިތުންވުން އިތުރަށް ފުން ވިއެވެ. ޝާޢާއަށް ބަލަން އިނދެފައި ޔޫނުސް އޭނަގެ ފުރިހަމަ އިސްކޮޅަށް ތެދުވުނެވެ. އަދި އޭނަ އަރައިގެން ހުރި ބޫޓު ފައިތިލައާއި ވަކިކޮށްލަމުން އިސްޓާކީނު ވެސް ބޭލިއެވެ. އެއަށްފަހު ބޫޓު މަތީގައި އިސްޓާކީނު ބާއްވާލަމުން އޭނަގެ ފަޓުލޫނުގެ ފައިކުރި ވެސް ތަނބިކަށިން މައްޗަށް އޮޅާލިއެވެ. ދެން އޭނަގެ އަތްތިލަ ޝާޢާއަށް ދިއްކޮށްލިއެވެ.
ޔޫނުސްގެ ކޮންމެ ހަރަކާތަކަށް ބަލަން އިން ޝާޢާއަށް އޭނަގެ ނިތް އަރުވާލެވުނީ ޔޫނުސްގެ ބޭނުން ނަގައިނުގަނެވުނީތީ އެވެ.
”މިތާ ތިބެ ފޫހިވެއްޖެ… ރާޅުފަށުގައި ހިނގާލަން ދާން ހިނގާބަލަ….” އަތުގައި ހިފުމަށް ޝާޢާއަށް އިޝާރާތްކުރަމުން ޔޫނުސް ވާހަކަދެއްކިއެވެ. ޝާޢާ ވެސް ހިނިތުންވުމަކާއެކު ޔޫނުސްގެ އަތުގައި ހިފުމާއެކު، ޝާޢާ ކޮޅަށް ތެދުވުމުގައި ޔޫނުސް އެހީތެރިވެ ދިނެވެ.
ދެލޯބިވެރިން ރާޅުފަށުގައި ހިނގަމުން ދިޔައީ ފައިތިލަތަކުގެ ނިޝާންތައް ރާޅުތަކާ ހަވާލުކުރަމުންނެވެ. ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އިރު އެދެމެދުގައި އޮތް ގުޅުމަށް އާރޯކަން ގެނުވަމުން ދިޔަ އެވެ.
އިރުގެ ވަދާއީ ސަލާމާއެކު މާހައުލު އޮތީ ހަމަހިމޭން ވެފައެވެ. ގޮނޑުދޮށަށް އެއްވެފައި ތިބި މީހުންތައް ވެސް މެހެފިލް ދޫކޮށް ދާން ފެށުމާއެކު ފަޅުކަން ވެރިވާން ފަށައިފިއެވެ. އެހިނދު މުޅި ފަޒާގެ ތެރޭގައި މަޢުރިބު ނަމާދުގެ ބަންގީގެ އަޑު ގުގުމާލައިގެން ދިޔަ އެވެ. ހުވަފެނީ ދުނިޔެއަކަށް ފީނެމުން ދިޔަ ޝާޢާއަށް ސިހުން ގެނުވީ އެދަނޑިވަޅުގައެވެ. ކަންފަތް ދޮށުގައި ސިއްރެއް ބުނެލާފައި ދިޔަ ރޯޅީގައި ފިރިހެނެއްގެ އަޑު އެކުލެވިފައިވި ކަހަލައެވެ. ވެރިވެގެން އައި ނުތަނަވަސްކަމާއެކު އޭނައަށް ފަސްއެނބުރި ބަލާ ލެވުނެވެ. ނަމަވެސް އޭނައަށް މީހަކު ނުފެނުނެވެ. ނުވީތާކަށް ވެރިވާން ފަށާފައި އޮތް އަނދިރިކަމުން އޭނަގެ ހިތަށް ބިރުވެރިކަން ވެސް ފޭދުނެވެ. އޭނައަށް ޔޫނުސްގެ އަތަށް ބާރުކޮށްލެވުނެވެ.
”ވަޓްސް ރޯންގް…” ވަށައިގެންވި މާހައުލަށް ޝާޢާ ބަލާތީ ޔޫނުސްއަށް އަހާލެވުނެވެ. ޝާޢަގެ އަމަލުތަކުން އޭނަ މީހަކު ހޯދަން އުޅޭ ކަހަލައެވެ. ޔޫނުސްއަށް ހައިރާންކަން ލިބުނީ އެސަބަބާ ހުރެއެވެ. އެތާނގައި ތިބީ ހަމައެކަނި އެދެޒުވާނުންނެވެ.
”ހިނގާ ދަމާ… މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ…” ނުތަނަވަސްކަން ވަންހަނާކުރަން އުޅޭ ހާލު ޝާޢާ ބުނެލިއެވެ. އޭރު ވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ކަމެކެވެ. އެއީ ވަހުމެއް ބާވައެވެ! ނޫނީ ހަޤީޤަތެއް ހެއްޔެވެ؟ ޔަޤީނުން ވެސް އޭނައަށް އެއަޑު އިހުސާސް ކުރެވުނެވެ. އެވެސް ނުހަނު ގާތުންނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޝާޢާގެ ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. އޭނަ ހުރީ ވީހާ ވެސް އަވަހަށް އެތަނުން ދާން ބޭނުން ވެފައެވެ. އިތުރަށް މަޑުކޮށްފިނަމަ ބިރުވެރިކަމަކާއި ލައިގެންފާނެކަމުގެ ހާސްކަން ކުއްލިއަކަށް އޭނަގެ ހިތަށް ސަވާރުވާން ފެށުމުންނެވެ.
”މިހާރު ވަރަށް ގިނަ އިރު މަޑު ކުރެވިއްޖެއެއްނު…” އަނެއްކާ ވެސް ޝާޢާ އޭނަގެ އެދުން ތަކުރާރުކޮށްލިއެވެ. ޝާޢާއަށް ކަމެއް ވެއްޖެކަން ޔޫނުސްއަށް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ވެސް ޝާޢާ ތަކުރާރުކުރީ ހަމަ އެންމެ ޖަވާބެކެވެ. ލަސްވެއްޖެކަމަށާއި އޭނަ އަވަހަށް ގެއަށް ގެންގޮސް ދިނުމަށެވެ. އެންމެފަހުން ޔޫނުސް ޝާޢާ އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. ޝާޢާގެ މިޒާޖަށް އައި ކުއްލި ބަދަލު އެނގެން އޭނަ ހުރީ ބޭނުންވެފައެވެ. އޭނަ އެސުވާލުތައް ކުރީ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.
”އޭރު ކިހިނެއްވީތަ ކުއްލިޔަަކަށް ބިރުން އުޅުނީ؟…” ޔޫނުސް އަހާލިއެވެ. އަލިކަން ވެރިވެފައި އޮތް ތަނަކަށް އާދެވުމުން ޝާޢާއަށް ހަމަޖެހުމެއް ލިބިފައި ވިއެވެ.
”އަނދިރިކަން ވެރިވާން ފެށީމަ… އައެމް ސްކެއާރޑް އޮފް ޑާރކްނެސް…” ހަޤީޤަތް ހާމަނުކުރިކަމުގައި ވިޔަސް އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވާ މައިގަނޑު އެއްސަބަބު ޔޫނުސާ ޝާޢާ ހިއްސާ ކުރިއެވެ. އޭރުން ޔޫނުސްގެ އިތުރު ސުވާލުތަކުން އޭނައަށް ރެކިގަނެވިދާނެ އެވެ.
*****
އަންނަން ޖެހޭ ގަޑި ފަހަނައަޅައި ދިޔަ އިރު ވެސް ޝާޢާގެ ޚަބަރެއް ނުވާތީ ހަދީޖާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަ މިހާރު ޝާޢާއަށް ގުޅަން އެތައް މަސައްކަތެއް ކޮށްފި އެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. އަދި ވެސް އެއްފަހަރު ޝާޢާއަށް ގުޅާލަމުން ބޮޑުކޮޓަރިން އޭނަ ފެންޑާއަށް ނިކުމެލިއެވެ. ވަގުތަކީ ޖާބިރު ވެސް ގޭގައި އުޅޭ ގަޑިއެއް ނޫނެވެ. ހާޖާރާގެ ހިތް އެކަމާ ހުރެ ވެސް ވަނީ ނުތަނަވަސް ވެފައެވެ. މިހާރު އޭނަގެ ސިކުނޑިވަނީ ތާއަބަދު ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ކަމަކާއި މެދު ވެސް ވާނެ އެންމެ ނުބައި ގޮތަށް ހީކުރެވެނީ އެހެންނެވެ. އަމިއްލަ ޚިޔާލުތަކެއްގެ ތެރޭގައި ވަނިކޮށް ގެ ކައިރިއަށް ސައިކަލެއް މަޑުކޮށްލި އަޑު އިވުނެވެ. އޭގެ އިރުކޮޅެއް ފަހުން ދޮރާށި ހުޅުވާލާފައި ވަން ޝާޢާ ފެނި ހިތްހަމަޖެހުމުގެ ބަދަލުގައި ހަދީޖާގެ މޫނުމަތިން ފެނިގެން އައީ ނުރުހުމެވެ. އޭނަގެ ބަހަށް ޝާޢާ ބޯނުލެބުމުގެ ރުޅިވެރިކަން ރީއްޗަށް ފާޅުވާން ހުއްޓެވެ.
ގެއަށް ވަން ޝާޢާއަށް ފެންޑާގައި ހުރި ހަދީޖާ ފެނި ހުއްޓެވުނެވެ. ދުރުން ފެނުނުކަމުގައި ވިޔަސް އޭނައަށް މާމަގެ ނުރުހުންތެރިކަން ފާހަގަ ކުރެވުނެވެ.
”ކޮންތާކު ހުރެފަ ތިއައީ؟… ޝާޢާ ގާތު ބުނެފައެއްނު އޮތީ މަޢުރިބު ނަމާދު ގަޑިއަށް ގެއަށް އަންނާށޭ… ގުޅީމަ ފޯނަށް ޖަވާބެއް ދެނީކީ އެއް ނޫން…” ޝާޢާ އައިސް އޭނައާއި އަރާހަމަވުމާއެކު ހަދީޖާ ބުނެލިއެވެ. އޭނަގެ އަޑުން ވެސް ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަކޮށްދެއެވެ. މިއިން ދުވަހެއްގައި ވެސް މާމަގެ އެސިފަ ފެނިފައި ނުވާތީ ޝާޢާއަށް ހުރެވުނީ އެވެ. އޭނަ ދެރަ ވެސް ވިއެވެ. އޭނަގެ ފުށުން މާމައަށް ހާސްކަން ލިބުނީތީ އެވެ. ނަމަވެސް ޝާޢާއަށް ވިސްނައިނުގަނެވުނީ އެބަދަލުތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބެވެ. އޭނަ ހުށަހެޅެމުން އެދާ ނުރައްކަލެވެ. އެކަމާ ހުރެ މާމައަށް ލިބިފައިވާ ބިރުވެރިކަމެވެ.
”ފޯނު ޗާޖު ހުސްވެގެން ނިވުނީ…” މޮޅިވެރިކަން ވެރިވެފައިވި ރާގަކަށް ޝާޢާ ބުނެލިއެވެ. އަދި މަޢާފަށް އެދުނެވެ. މާމަގެ ރުޅިވެރިކަމާއި ހަރުކަށިކަން ފެނި އޭނަ ހުރީ އަސަރުކޮށްފައެވެ.
ހަރު އަޑުން ވާހަކަދެކެވެމުން ދިޔަކަން ހަދީޖާއަށް ރޭކާލީ ދެނެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލީ ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދޭށެވެ. ސައްހަ ސަލާމަތުން ޝާޢާ ހުރީތީ އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް އޭނަގެ ސިކުނޑީގެ ހައިޖާންގަނޑަށް ނިމުމެއް ނައެވެ. ޝާޢާ ނުބުނިކަމުގައި ވިޔަސް ޝާޢާ ހުރީ ޔޫނުސްއާއި އެކުގައި ކަން ހަދީޖާއަށް ނަގައިގަނެވުނެވެ. އެގުޅުން އިތުރަށް ބަދަހިވެގެން ދާން ފަށައިފިނަމަ ވެދާނެ ގޮތަކާ މެދު އޭނަ ކަންބޮޑުވެއެވެ. ޝާޢާގެ އުފަލަށް ހުރަސްއަޅަން ބޭނުންނުވިކަމުގައި ވިޔަސް އެގުޅުމަށް އާނ ބަސް ދެވޭކަށް ނެތެވެ. ހަދީޖާއަށް ވިސްނެނީ އެކަމާ މެދުގައެވެ. ޝާޢާ އާއި އެމީހުންގެ ގުޅުމުގައި ކުންޏެއް ޖެހޭކަށް އޭނަ ބޭނުމެއް ނޫނެވެ. ހަމައެއާއެކު ޝާޢާއަށް ހިތާމައެއް ލިބޭކަށް ވެސް މެއެވެ. ހަދާނެ ގޮތް ހުސްވެފައިވާހެން ހަދީޖާއަށް ހީވިއެވެ. ކޮންމެ ފަދައަކުން ކަންތައް ކުރިކަމުގައި ވިޔަސް ނޭދެވޭ ނަތީޖާއެއް ނިކުންނާނެއެވެ. އޭގެ ސަބަބުން ގުޅުންތަކަށް ލޮޅުންތަކެއް އައުން ވެސް އޮތީ ނުހަނު ގާތުގައެެވެ.
”ނަމާދުކޮށްލަން ދޭ…” މަޑުމައިތިރިކަން އަޑަށް ގެންނަމުން ހަދީޖާ ބުނެލިއެވެ. އޭނަގެ މަގުސަދުކަމުގައި ވީ އޭނަ ޝާޢާ ދެކެ ރުޅިއައިސްފައި ނެތްކަން ހާމަކޮށްދޭށެވެ.
ދެކޮޅުހެދުމެއް ނެތި ޝާޢާ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.
*****
ފެންވަރާ ތާޒާވެލުމަށްފަހު ޝާޢާ ނަމާދަށް އެރިއެވެ. އެއަށްފަހު ޛިކުރު ކުރުމަށް އޭނަ ކުޑަ ވަގުތުކޮޅެއް ހުސްކުރިއެވެ. އަޅުކަން ނިންމާލުމަށްފަހު މުސައްލަ އޮޅާލަމުން ގެންގޮސް ކޮޓަރީގައި ހުރި ކަބަޑު މަތީ ބޭއްވި އެވެ. އަދި އޭނަގެ އަތްދަބަސް ތެރޭން ފޯނު ނަގައިގެން ގޮސް ޗާޖަށް ޖަހާލިއެވެ.
މުޅި ދުވަހު ބުރަކޮށް އުޅުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަން ޝާޢާއަށް އިހުސާސްކުރެވިގެން ދިޔައީ ދާނުގައި އޮށޯތުމުންނެވެ. ސިކުނޑިއަށް ހަމަޖެހުމެއް ނުލިބެނީސް އެދަނޑިވަޅުގައި ޝާޢާގެ ޚިޔާލަށް ވެރިވެގެން އައީ މިއަދު ގޮނޑުދޮށުން އޭނައަށް ދިމާވި ހާދިސާ އެވެ. އެއާއެކު މުޅި ހަށިގަނޑަށް ފިނިކަމެއް ސަވާރު ވިއެވެ. އެއީ ހީއެއްކަމުގައި ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހަދައެވެ. އެހެންކަމުގައި ވިޔަސް އެއީ ހަޤީޤަތެއްކަން ވެސް އޭނައަށް ޔަޤީނެއް ނުވިއެވެ. ބުއްދިއަށް ޤަބޫލުނުކުރެވޭ ކަންތަކެއް އެކަމުގައި އެކުލެވިފައި ވީތީއެވެ. އިތުރު މީހެއްގެ ގާތުގައި ހާމަކުރިނަމަ އޭނައަށް ކުރާނީ މަލާމާތެވެ. ޝައްކުބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވެސް ބުނާނެއެވެ. އެހެނަސް އެކަން އިހުސާސް ކުރެވުނީ އޭނަ އަށެވެ. އެއަޑު އިވުނީ ވެސް އޭނަ އަށެވެ. އެއީ އަނބުރާލާފައި ދިއުމަށް އޭނައަށް ދިން އިންޒާރެކެވެ. ހަމައެއާއެކު އޭނަގެ ހިތަށް ބިރުވެރިކަން ވެސް ސަވާރުވެގެން އައީ ކުއްލިޔަކަށެވެ. މީހަކު އޭނައަށް ކަމެއް އަންގައިދޭން އުޅުނު ކަހަލައެވެ. ކަން އެހެން އޮތްކަމުގައި ވިޔަސް އޭނަ އެކަންތައް ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނަގެ ނަފުސާނީ ބައްޔެއް އުޅެނީ ހެއްޔެވެ؟ ނުފެންނަ ކަންތައް ފެނި އިހުސާސް ކުރެވެނީ އެސަބަބާ ހުރެ ހެއްޔެވެ؟
”އަނެއްކާ ކިހިނެއް ވާންތަ މިއުޅެނީ… އެއްވެސް ކަމެއް ޔަޤީނެއް ނުވޭ، ވަހުމުތަކެއްގެ ތެރޭގައި އުޅެވޭ ކަހަލަ، ބައެއްފަހަރު ހަޤީޤަތާ އެއްގޮތްކަން އިހުސާސްކުރެވޭ… އަނެއްކާ ދަންވަރު އަހަންނަށް ފެންނަ ހުވަފެންތައް، އެކަމުގެ ފަހަތުގައިވަނީ ކީކޭކަމެއް ވެސް ނޭގޭ… ކޮންމެ ފަހަރަކު އާދެވެނީ އެއްތާކަށް، ތަކުރާރުވަނީ އެއްކަމެއް… ފެންނަނީ ހަމަ އެންމެ ބިރުވެރި މަންޒަރެއް… އޯހް ގޯޑް!… އަނެއްކާ އަހަރެންގެ ނަފުސާނީ ބައްޔެއް ހުންނަނީތަ؟، މިކަންތަކަށް ދެން އޮންނާނެތަ އިތުރު ޖަވާބެއް؟…”
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. ވާނުވާ ނޭގޭ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ކަހަލައެވެ. ލޮލަށް ފެންނަ މަންޒަރުތައް ވެސް ބައެއްފަހަރު އޭނައަށް ކެހި ދެއެވެ. ބަރޯސާ ވާންވީ ކޮން ކަމަކަށްކަމެއް އޭނައަކަށް ނޭގެއެވެ.
”އަނެއްކޮޅުން މާމައާއި ކާފައަށް ވެސް ބަދަލުތަކެއް އައިސްފި، ކުރިން މާމާ އެހާ ހަރުކައްޓެއް ނުވާނެ، އެކަމަކު މިރޭ ފެނިގެން މިދިޔައީ މުޅިން އެހެން މަންޒަރެއް… ހެނދުނު ވެސް ކަމަކާ ކަންބޮޑުވެފަ ހުރީ، އެކަން އޮޅުންފިލުވަން ވެސް ވަގުތެއް ނުވީ…”
ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ހަމަޖެހުން ގެއްލިގެން ދިއުން ނޫންކަމެއް ނުވިއެވެ. އޭނަ ހަނދާން ހުންނަން ފެށީއްސުރެން ފެށިގެން ވަކި އިންތަކާއި ޝަރުތުތަކެއް އޭނައަށް އޮންނަނީ ކަނޑައެޅިފައެވެ. ފުރާވަރު އުމުރުގައި އޭނަ ހީކުރީ އެއީ ހުރިހާ ގެއެއްގައި ވެސް އޮންނަ އާދައެއް ކަމުގައެވެ. އަންހެންކުދިން އުޅެން ޖެހޭނީ ވަކި މިންގަނޑެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ސްކޫލުގެ މަތީ ސާނަވީ ދައުރު ނިމި އޭނަ ވަޒީފާއަށް ދާން ފެށިއިރު ވެސް އޭނަގެ ޝަރުތުތަކަށް އުނިއިތުރެއް ނާދެއެވެ. އޭނަ ނިންމީ އެއީ މާމައާއި ކާފަ އޭނަދެކެ ވާލޯތްބެއްގެ ސަބަބުން ކަމަށެވެ.
އެހެނަސް މިވީހާ ތަނަށް ވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އޭނަގެ ހިތުގައި ވެއެވެ. އޭނަގެ މައިންބަފައިންގެ ވަނަވަރާ މެދު ސުވާލުކުރާ ކޮންމެ ފަހަރަކު އެސުވާލުތައް އޮބިގެން ދަނީއެވެ. ދެވަނަ ފަހަރަށް ތަކުރާރުކުރަން ނުކެރެނީ ކާފަމެން ހިތްހަމަނުޖެހިދާނެކަމުގެ ލިސާންތައް އޭނައަށް ފާހަގަކުރެވޭތީ އެވެ.
އުމުރުން ތޭވީސް އަހަރު ވިއިރު ވެސް ޝާޢާއަށް އޭނަގެ މައިންބަފައިންނާ ބެހޭ ގޮތުން އޮޅުން ފިލާފައިވަނީ ވަރަށް ވެސް މަދު މިންވަރެކެވެ. އެވެސް އޭނައަށް ކިޔާދީފައިވާ ވާހަކަތަކުން އޭނަގެ ހަނދާނުގައި ކުލަ ޖައްސާފައިވާ މަންޒަރުތަކެވެ. އޭނައަށް ވަނީ މާމަ އަތުގައި އޮންނަ އެންމެ އިހުޒަމާނުގެ ފޮޓޯ އަލްބަމަކުން އޭނަގެ މަންމައާއި ބައްޕަ ފެނުމުގެ ނަސީބު ލިބިފައެވެ. މަންމައާއި ބައްޕައާއެކު އޭނަގެ އެންމެ ތުއްތު އިރުގެ ފޮޓޯއެއް ވެސް އޭގައި ވެއެވެ. ނަމަވެސް އެދުވަސްވަރުގެ އިތުރަށް އެންމެ ފޮޓޯއެއްގެ މިންވަރު ވެސް ނެތެވެ. މާމަ ބުނެފައިވާ ގޮތުން އޭނަގެ މައިންބަފައިން ޤުދުރަތީ މަރެއްގައި މިދުނިޔެ ދޫކޮށް ގޮސްފައިވަނީ އޭނަގެ އުމުރުން ދެމަސްވީތަނާ އެވެ.
*****
ޖާބިރު ބޭރުތެރޭގައި އުޅެފައި ގެއަށް އައީ ނުވައެއް ވެސް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ރޭގަނޑުގެ ކެއުމަށްފަހު ބޭރު ޖޯލިފަތީގައި ފޯނުން ޔޫނުސްއާ ވާހަކަދައްކަން އޮތް ޝާޢާއަށް ޖާބިރުގެ އަތުގައި ހުރި ތަފާތު ކޮތަޅުތައް ފެނި ހައިރާންކަން ލިބުނެވެ. ނުވީތާކަށް ޖާބިރާއެކު ގެއަށް ވަދެގެން އައި ދެބައިއުމުރުގެ ފިރިހެން މީހާ ދެއަތުން ހިފަހައްޓައިގެން ހުރި ކޮއްޓެއްގެ ތެރޭގައިވި ކަޅުކުކުޅު ޝާޢާ ފާހަގަކުރެވުނީ ބަދިގެ ކައިރީގައި ބެހެއްޓުމުންނެވެ.
”ކާފަ އިތުޅެނީ ކެއުމެއް ދޭންތަ؟…” ކޮންމެ ޢީދެއްގައްޔާއި ހާއްސަ މުނާސަބަތުތަކުގައި ޖާބިރު ދިވެހި ކުކުޅު ކަތިލައިގެން ކެއުމެއް ދެއެވެ. ޝާޢާއަށް ހީކުރެވުނީ މިފަހަރު ވެސް އެފަދަ ގޮތަކަށެވެ. ޝާޢާއަށް ހިނިތުންވެލި ޖާބިރު ޝާޢާއަށް އަރާފައި ހުރި އޮޅުން ސާފުކޮށްދޭކަށް ނޫޅުނެވެ. އެއީ އެންމެ ރަގަޅު ގޮތްކަމުގައި އޭނައަށް ފެނުނީތީއެވެ. އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން ޖާބިރު ހިނގައިގަތީ އެތެރެއަށެވެ. މިރޭ އޭނަ ވަނީ ބޮޑު ކަންތައްގަނޑަކަށް އަމާޒު ހިފާފައެވެ. އެއީ އޭނައަށް މިހާރު އޮތް ހަމައެކަނި މަގެވެ. އޭނަގެ ހަތުރުންގެ މައްޗަށް ގަދަވެވެން އޮތް ހަމައެކަނި ރާސްތާ ވެސް މެއެވެ. ދަންވަރު އޭނަގެ ފަހުގެ އުކުޅު އޭނަ ބޭނުންކުރަން ފަށާނީ ޝައިތާނުންގެ މަދަދާއެކުގަ އެވެ.
*****
އިސްދަމުގެ ވަގުތެވެ. ނިދީގައި އޮތް ޝާޢާއަށް ސިހިފައި ހޭލެވުނެވެ. އޭނައަށް މިފަހަރު ހުރެވުނީ މުޅިން ވެސް އެހެން މާހައުލެއްގައެވެ. ވަށައިގެންވި އަނދިރިކަން ފޫއަޅުވާލާފައި ވަނީ ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ އަލިފާންކަނީގެ އަލިންނެވެ. ނާމާންކަން އައިސް އޭނަ ވަށާލައި ހާސްކުރަން ފެށުމުން ޝާޢާ ބޭނުންވީ އަލިފާނުގެ އައްޔާއި ހަމައަށް ވާސިލުވާށެވެ. ނަމަވެސް އޭނައަށް ގުޑި ވެސް ނުލެވުނީ ފައިގައި ހިލިހިލާ ޖަހާފައިވުމުންނެވެ. އޭނަ ދެން މަސައްކަތްކުރީ އެހިލިހިލާތަކުން މިންޖުވޭތޯއެވެ. މުޅި މީހާ ދަލުން ފޯވެ ހަށިގަނޑަކުން ހަކަތަ ހުސްވިއިރު ވެސް ކާމިޔާބެއް ނުލިބުނެވެ. ކުއްލިޔަކަށް ހިޔަންޏެއްގެ ހިލަން ވިހެން ހީވުމާއެކު ޝާޢާގެ ދެލޯ ކަމަކަށް ހުށިޔާރު ވެލިއެވެ. ބިރުން ގޮސް މުޅި މީހާ އޭރު ވަނީ ދަލުން ފޯވެފައެވެ. އޭނައަށް ނުފެނުނުކަމުގައި ވިޔަސް އިތުރު މީހަކު އުޅޭކަން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިތުރަށް އޭނަ ހާސްވީ ވެސް އެހެންވެ އެވެ.
”ކާކު؟…” ޖެހިލުންވުމުގެ ތެރޭން ޝާޢާ ބުންޏެވެ.
”ކަލޭގެ މަރު…” ބިރުވެރި ހުނުމެއްގެ އަޑު އިވުނެވެ. އެއާއެކު ޝާޢާއަށް ރޮވުނެވެ. ކައިރިވަމުން އައި ހިޔަންޏާއި ދުރަށް ދާން އޭނަ މަސައްކަތްކުރި އެވެ. އެހެނަސް ފައިގައި ޖަހާފައިވާ ހިލިހިލާގެ ސަބަބުން ހުރިތަނުން ގުޑާ ވެސް ނުލެވުނެވެ. ޝާޢާއަށް ބާރަށް ގިސްލެވުނެވެ.
”ކަލޭ ތިރޮނީ ކާކުގެ ހަމްދަރުދީއެއް ހޯދަންތަ؟… މިތާ އެއްވެސް މީހެއްގެ ފަރާތުން ކަލެއަށް ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ނުލިބޭނެ، މިތާ އެންމެން އެތިބީ ކަލޭގެ ފުރާނައަށް ފެންބޮވައިގަނެފަ… ކަލޭގެ ނިކަމެތިކަމާއެކު މަރުވެގެންދާނީ އަހަރުމެންގެ އަތުން ސަޒާ ލިބޭ ހާލު، ރޮއި ހޭރި އާދޭސްކުރާ ހާލު… އެއީ ކަލޭމެންގެ ފުށުން އަހަރުމެންނަށް ކުރިމަތިވި ކަންތަކުގެ ބަދަލު…” އިސްކޮޅުން ދިގު މީހަކު ކުރިމައްޗަށް ހުއްޓުނުކަން ޝާޢާއަށް އެނގުނެވެ. އަނދިރީގެ ތެރޭން ވެސް އެއީ ބިޔަ މީހެއްކަން ފާހަގަ ކުރެވެއެވެ. ބައެއްފަހަރު އިންސާނެއްގެ ސިފަތަކާ އެއްގޮތް ވާހެން ވެސް ހީވެއެވެ.
”މީ ފެށުން ކަމުގައި ދެކޭތި، ލަހެއް ނުވެ ކަލޭ ހުންނާނީ މިތާނގައި، އަހަރުމެންގެ މުށުގެ ތެރޭގައި ގައިދުވެފައި…” ކުއްލިޔަކަށް އެމީހާ ޝާޢާގެ ކަރުގައި ހިފައި ބިންމަތިން އުފުއްލާލީ ލުއި ފަތެއްގެ އުސޫލުންނެވެ. ކަރަށް ބާރުވެގެން އައި މަޅިއާއެކު ނޭވާއަކަށް އެދި ޝާޢާއަށް ތެޅިފޮޅިގަނެވުނެވެ. އޭނަގެ ދެލޯބޮޑުވެފައިވިއިރު އަނގަވެސް ހުޅުވިފައިވިއެވެ. މޫނުގެ ކުލަ ފަނޑުވެ ދިރުން ގެއްލެން ވެސް ފަށައިފިއެވެ.
”އެހާ ފަސޭހައިން މަރުވުމުގެ ފުރުސަތެއް ނުލިބޭނެ، އަމިއްލައަށް ނެތިގެން ދިއުމަށް ބޭނުންވާއިރު ވެސް ކަލެއަށް އެފުރުސަތު ނުލިބޭނެ، އަހަރުމެންގެ ހިތް ފުރެންދެން ކަލެއަށް ސަޒާ ލިބޭނެ، ކަލޭ ވާނީ އަހަރުމެން މުނިފޫހިފިލުވުމުގެ އުކުޅެއް ކަމުގައި…” ފަހުނޭވާވަޅަށް އެޅުނު ހިނދު އެމީހާ ޝާޢާގެ ކަރުން ދޫކޮށްލިއެވެ. އެއާއެކު ކަނޑާފަ ވައްޓާލި ރުކެއް ފަދައިން ޝާޢާ ގޮސް ބިންމަތީގައި ޖެހުނު އަޑުފަށްގަނޑު މުޅި ތަނުގައި ހިފާލިއެވެ.
*****
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ.
(ނުނިމޭ)
27 Comments!
Comments are closed.
Furatahamaves mutha beynun vani kiyuntheringe faraathun maafah edhen mi vaahaka medu kendunithi. Mutha mifaharu mi vaahaka migenes dheni ehkoh nimaafa. Unmeedhu kuran kiyunterinah mivaahaka kamudhaane kamah. Vaahaka ehkoh beynun vaanama mutha link eh upload koh dhifaanan. egothah beynunvaa kiyunterin request kohla dhy.
Alhugandu beynun vaahaka ekkoh
feshun varah intresting.. thanks muthaa..vaahaka ehkoh varah beynun
Hmm vv bynun link vaahakaige
Kurin sun ga fashaafa nuninmaa.
Yaaa pls vaahaka ekkoh kiyan varah beynun. Soo pls link eh fonivaaladhyy
Vaahaka ehkoh kiyaalan libeynetho?? V reethi vaahaka
V reethi anehbai v kiyahiyvey
Dhen sun ga uliyaneetha mivaahaka
Link beynumii
V V reethi
Mi story Sun ga upload kurin dhw vaki hishaabakah
Link beynun
Link beynumii story v nice❤️
Of course…link beynun
Mi cahaka sun ga ves liyan fashaafa vaki hisaabakun medhu kenduny dhw. Ummeedhu kuran mifaharu vahaka medhu nukendi kiyaalan libeyne kamah. Muthaa ge stories abadhuves v reethi
Link please?
Vvv nyc
Varah varah varah reethi❤
Umeedhu kuran mihaa dhigu koh konme part eh ves genes dheene kamah ❤❤❤❤❤❤❤❤❤❤❤❤❤❤❤
When next part?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Story varah reethi ?
Link beynun ?
Link pls
Masha Allah..story v reethi..I love it..nd I want the link
Yes varah reethi kurin mi vaahaka ge baeh parts up kohfa huree. Pls link
Alheyy… vrh reethi… I want the link plx…
varah rythi …. link beynumiii eyrah nuhutaa kiyaa leveynii
Wow vvvv reethi vaahaka….beynun link
Very nice. Proud of u mutha.
Keep up the hard work bro