
އަނެއް ދުވަހުގެ އިރު އެރުމާއެކުހެން ހަނީފާ ގެއްލުނު ހަބަރު މުޅިރާއްޖެއަށް ފެތުރުނެވެ. ވައިރޯޅިއެއްފަދައިންނެވެ. ހަނީފާ ހޯދުމުގެ މަސައްކަތް ކުރިއަށް ދިއައީ ފުލުހުންގެ އިތުރުން އެމްއެންޑީއެއފްގެ ވެސް އެހީތެރި ކަމާއެކުއެވެ. މުޅިރަށުތެރެއާއި މޫދާއި އެތަން މިތަނުގަ އަތް ފުނާ އަޅަމުން ގެންދެއެވެ. އީނާޝް އަށް މިހަބަރު ވީ ވަރަށް ފުން ހިތާމައެއް ކުރުވި ހަބަރަކަށެވެ. އޭނާ ހީކުރީ އޭނާއާއި އަވަލަވާގެން އުޅޭ ޖިންނި އޭނާ ގެންދިއައީ ކަމަށެވެ.
ޒަރީނާ އޭނާގެ ދަރިފުޅު ގެއްލުމުގެ ހިތާމާގައި ރޯލަ ރޯލަ އިނެވެ. ޒަރީނާއަށް ހިތްވަރު ދިނުމުގަ އަވައްޓެރިން އައިސް ތިއްބެވެ. އަނީސާވެސް ހެދުނުގެ ސައިގެ ކަންތައް ނިންމާލުމަށްފަހު އީނާޝް މެންގެއަށް ގޮސް ކުޑަދަރިފުޅު ފެންވަރުވާ ރީތި ކޮށްދިނުމަށް ފަހު ޒަރީނާ ކައިރިއަށް ދިއައެވެ. އަދި ޒަރީނާއްތަ އަށް ހިތްވަރު ދީ ޒަރީނާއަށް އެހީތެރި ވެދިނުމުގައި އުޅުނެވެ.
ހަނީފާއަށް ހޭވެރިކަންވީ ކޮށްމެވެސް މީހަކު އޭނާގެ މޫނަށް ފެން ބުރުއްސާލީމައެވެ. ހަނީފާއަށް ހޭވެރިކަން ވުމާއެކު އޭނާގެ ދެލޯ ހުޅުވާލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާގެ ކުރިމަތިން އެފެނުނު މަންޒަރަކުން ފުންމައިގެން ތެދުވެވުނެވެ. އޭނާގެ ކުރިމަތީގަ އެހުރީ އަޔާ ނޫން އެހެން ދެވަނަ މީހެއް ނޫނެވެ.
“ކަލޭ ހީކުރީ އަހަރެން ހައްޔަރު ކުރީމަ ދެން އަހަރެންގެ ކިބައިން ސަލާމަތް ވެވުނީ ކަމަށްތަ……؟” އަޔާ ކަޅިއަޅާލަމުން ބުނެލިއެވެ.
“އަޔާ އަހަރެންނަށް ތިހެން ނުހަދާ އަހަރެން މަންމަ ކައިރިއަށް ދިއަދީ….!” ހަނީފާ އާދޭހުގެ ރާގެއްގަ ބުނެލިއެވެ.
“މަންމަ ކައިރިއަށޭ….ބަލަ ކަލޭތީ އަހަރެންގެ އަންހެނުންނޭ….އަހަރެންގެ އަންހެނުން އިންނާނީ އަހަރެން ބޭނުންތާކު….ކަލޭއަށް ޖެހޭނީ އަހަރެން ބުނާގޮތެއް ހަދަން…..!” އަޔާ ހަނީފާގެ ކަންފަތުގަ ހިފާ ބާރު ކޮށްލަމުން ބުނެލިއެވެ.
“އައްދޯތް ތަދުވެޔޭ…..އަޔާޒު އަހަރެންނަށް ތިހާ އަނިޔާއެއް ތިދެނީ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ….؟ އަޅެ ހެޔޮ ނުވާނެ އަހަރެން ދޫކޮށްލާ……!” ހަނީފާއަށް ރޮވޭގޮތް ވިއެވެ.
“ރޯނެ ކަމެއްނެތް އަހަރެން ފުލުހުންނާ ހަވާލުކުރި ރޭ ހެވިފަ ހުރި ގޮތަށް ހެވިފަ ހުރޭ….ކޮބާ މަބުނީމެންނު އަދި އެނބުރި އައްނާނަމޭ…..އެނބުރިއައިސް ކަލޭ ގޭގަ އުލެނިކޮށް ޖަހާގަނެގެން މިގެނައީ މީހަކަށް ކަޅެއް ދޮނެއް އަނގާނުލާ….!” އަޔާ ފަހުރުވެރި ކަމާއެކު ވާހަކަ ދެއްކިއެވެ. ހަނީފާ ވީދެރައިން ރޮވުނެވެ. އަނެއްކާވެސް މިއަނިޔާވެރިޔާގެ ވަކި ތަކުގެ ދަށުވީއެވެ.
“ބުނަން ކަލޭ މިކޮޓަރިން ނިކުންނަން ހިޔާލުވެސް ނުކުރާތި މީ ކަލޭގެ ރަށެއްނޫން މީ މަގޭ ރަށް މިތާ ހިނގާނީ މަގޭބާރު މިކޮޓަރިން ނުނިކުތަކަސް ކަލޭއަށް ބޭނުންވާނެ ހުރިހާ ސާމާނެއް މިތާ އެތެރެއިން ލިބެން ހުންނާނެ….ހަނދާން ކުރާތި މިތަނުން ނިކުންނަން މަސައްކަތް ކޮށްފިނަމަ ދެފައި ކަށިމަތި ބިންދާލާނަން…” އަޔާ އިންޒާރު ދިނެވެ. އަދި ކޮޓަރިން ނިކުމެގެން އެދިޔަތާކަށް ހިނގައްޖެއެވެ.
އަޔާ ދިއުމާއެކު ހަނީފާ އެނދުމައްޗަށް ވެއްޓި ބަންޑުން އޮވެ ރޯންފެށިއެވެ. އެގޮތުގަ ރޯން އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ. އެއްމެ ފަހުން ފެންބޮވައިގަނެގެން ތެދުވެ ކޮޓަރި މޭޒުމަތީ ހުރި ފެން ފުޅިން ފެންބޮއެ ކަރު ހިއްކުން ފިލުވާލިއެވެ. އެއަށް ފަހު ހަނީފާ އެކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.
އެކޮޓަރިއަކީ ބޮޑު އެހާމެ ރީތި ކޮޓަރިއެކެވެ. އެކޮޓަރިތެރޭގަ އޭނާއަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ހުއްޓެވެ. ހަމަ އަޔާ ބުނި ފަދައިންނެވެ. ކޮޓަރީގެ އެއްފަރާތެއްގައި ކައްކައި ކާ އުލެވޭ ގޮތަށް ކުޑަ ގޮޅިއެއް ހަދާފަ ހުއްޓެވެ. އެބަޔަށް ވަނުމުން އެތާގަ ހުރި ކުދަ ދޮރުން ބޭރު ފެނެއެވެ. ހަނީފާ ގޮސް އެކުޑަ ދޮރު ކައިރި ހުއްޓި ބޭރު ބަލާލުމާއެކު މިހުރެވެނީ ކޮންތާކުކަން ވިސްނުނެވެ. އޭނާއަށް މިހުރެވުނީ މާލޭގެ ކޮންމެވެސް ގެއެއްގައެވެ. އަދި އޭނާ ހުރި ކޮޓަރިއަކީ އެއިމާރާތުގެ ދެވަނަ ފަންގި ފިލާކަންވެސް ވިސްނައި ގަނެވުނެވެ. ނަމަވެސް އޭނާ ދެރަވަނީ އޭނާހުރި ހާލަތުގެ ގޮތުންނެވެ. އޭނާހުރީ ފިލައިގެންވެސް ދެވޭ ފަދަ ހާލަތެއްގައެއްނޫނެވެ.
އެދުވަހުގެ އިރު އޮށްސުނު އިރުވެސް ހަނީފާގެ ހަބަރެއްނުވެއެވެ. އެއާއެކު ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަތައް ފެތުރިގެން ދިއައެވެ. އެކި މީހުން ވާހަކަ ދައްކަނީ އެކިގޮތަށެވެ. ބައެއް މީހުންބުނަނީ އެއީ އަޔާގެ ކަމެއްކަމަށެވެ. އެގޮތަށް ވާހަކަ ދައްކާ މީހުން ބުނަ ގޮތުގަ އަޔާ މާލެ ގެންގޮސް އެކުރި ތަހުގީގެއް ކޮށްފަ ދޫކޮށްލީ ކަމަށެވެ. ދެން އެލިބުނުފުރުސަތުގެ ބޭނުން ހިފާ އޭނާ އެރަށަށް އައިސް ހަނީފާ ގޮވައިގެން ފިލީކަމަށެވެ. އަނެއްބަޔަކު ކިޔަނީ އެއީ ރޫހާނީ ކަމެއްކަމަށެވެ. ކޮށްމެއަކަސް މުޅިރަށުތެރޭގަ ވަނީ ނޭނގޭބިރުވެރިކަމެއް އުފެދިފައެވެ.
ހަނީފާ ގެއްލުނުތާ ތިން ދުވަސް ވީއިރުވެސް އޭނާގެ ހަބަރެއް ނުވެއެވެ. ނަމަވެސް ހަނީފާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއްނެތި ކުރަމުން ގެންދިއައެވެ. މުޅިރާއްޖެއަށް އެހަބަރުދީ ރާއްޖޭގެ އެއްވެސް ރަށަކުން އޭނާގެ ހަބަރެއް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް ފުލުހުން އެންގިއެވެ. އަދި ހަނީފާގެ ފޮޓޯ މީޑިއާތަކަށް ދިނެވެ.
އެހެން ދުވަހެކެވެ ހަސީނާ އިނީ ބޭރު އުދޯލީގަ އޭނާގެ މާމަ ދަރިފުޅު ނިންދަވާށެވެ. އިނާޝް ކާގެ ތެރޭގައި ސައިބޯން އިނެވެ.
“އަނީސާ ކޮބާ އަދިވެސް ހަނީފާގެ ހަބަރެއް ނުވޭތަ…؟ ހަނީފާ ނެތީމަ ވަރަށް ފަޅުދޯ…!” އީނާޝް ސައިބޯން އިދެފަ އަނީސާއާއި މުހާތަބުކޮށް ވާހަކަ ދެއްކިއެވެ.
” ހޫމް އަދި ނުފެނޭ…! ހަނީފާ ނެތީމަ ހީވަނީ ހަށިގަނޑުން ބައެއް މަދުހެން ވަރަށް ވަރަށް ބޮޑަށް މިސްވޭ އޭނާ މަތިން ދޯ…!” ހަނީފާ ހިތާމައިގެ ރާގެއްގަ ބުނެލިއެވެ.
“މިހާރު ދެން ހޯދުމުގެ މަސައްކަތް ހުއްޓާލީތަ….؟” އީނާޝް އަހާލިއެވެ.
” ނޫނޭ އަދިވެސް ހަމަ ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ………މިހާރު ކިހާވަރަކަށް ހޯދިއްޖެތަ….؟ މަށަށް ހީވަނީ އެފަކީރު މިހާރު ދުނިޔެއަކު ނެތްހެން.” އަނީސާ އޭނާއަށް ހީވާ އެއްޗެއްބުނެލިއެވެ.
“އަހަރެން އަދި އުއްމީދު ކަނޑައެއް ނުލަން އަހަރެންގެ ހިތް ބުނަނީ ހަނީފާ އަދި ފެންނާނޭ…!” އީނާޝް ބުނެލިއެވެ.
އީނާޝް ސައިބޮއެ ނިމުމުން އަނީސާ އީނާޝް ގޮވައިގެން އީނާޝް ގެ ކޮޓަރިއަށް ދިއައެވެ. ކޮޓަރިއަށް ގޮސް އީނާޗް އޭނާގެ އެދުގަ ބޭންދުމަށްފަހު ކާގެއަށް ގޮސް ސައިބުއި ތަށިތައް ނަގާ ދޮވެ މޭޒުމައްޗާ ތަންތަން ދޮވެ ސާފު ކުރިއެވެ.
“އިނޫ އަހަރެން މިދަނީ ޒަރީނާއްތަ މެންގެއަށް ފަހުން އައްނާނަން އިނގޭ” އަނީސާ އީނާޝް އަށް ބުނެލިއެވެ. އެއާއެކު އީނާޝް ހިނިތުންވެލާފަ އާއެކޭ ބުނެލިއެވެ. އަދި އެނދުގާ އޮށޯވެލިއެވެ.
ހަސީނާއަށް އޭނާގެ މާމަ ދަރިފުޅު ނިދައިފިކަން އެނގުމުން ނަގާ ކޮނޑުމަތީ ބޭއްވުމަށްފަހު އުނދޯލިން ފައިބައިގެން ގޭތެރެއަށް ވަނެވެ. ގޭތެރެއަށް ވަދެ އީނާޝްގެ ކޮޓަރިއަށް ގޮސް ކުޑަދަރިފުޅުގެ އެނދުގަ ބޭއްވިއެވެ.
“ދަރިފުޅާ އިނޫ މަންމަ މިދަނީ ކުޑަ ދަރިފުޅުގެ ތަންމަތި ފޮތިތައް ދޮންނަން ފާހާނާއަށް އިނގޭ އެސޮރު ހޭލައިފިއްޔާ މަންމަ އަށް ގޮވާ އިނގޭ…..!” މަންމަ ބުނެލިއެވެ.
“ލައްބަ މަންމާ ” އީނާޝް ބުނެލިއެވެ.
ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައި އޮތް އިނޫއަށް ހޭވެރިކަންވީ އޭނާގެ ދަރިފުޅު ހޭލައިގެން ރޯންފެށިއަޑަށެވެ. “މަންމާ…! މަންމާ…! ” ދަރިފުޅު ރޯން ފެށުމާއެކު އީނާޝް އޭނާގެ މަންމައަށް ގޮވިއެވެ. ނަމަވެސް މަންމަގެ ހަބަރެއް ނުވިއެވެ. ދަރިފުޅު ރޯވަރުން ރޮނީއެވެ. އީނާޝް އަތް ހޫރަމުން ތަނެއްގަ ވިދޭ އިރަށް އެތަނެއްގަ އަތް ކާއްތަމުން ފާހާނާ ކައިރިއަށް ދިއައެވެ. އޭރު ފާހާނާ ތެރޭގަ މަންމަ އުޅޭ އަޑު އިވެއެވެ. އީނާޝް މަންމަ އަށް ގޮވަން ފެށިއެވެ. ނަމަވެސް މަންމައަކަށް އެއަޑު އިވޭ ކަމަކަށް ނުވިއެވެ. އީނާޝް ދޮރުގަ ތަޅާ ތަޅާވެސް މަންމައަކަށް އަޑު އިވޭ ކަމަކަށް ނުވިއެވެ. އޭރުވެސް ކުޑަދަރިފުޅު ރޯއަޑު އިވެއެވެ. އީނާޝް އަށް ހަދާނެ ގޮތް ހުސްވިއެވެ
“އަޅެ އަހަރެން މިއޮށް ވަރަށް ގޮވާ އަޑު މަންމައަށް ނީވެނީބާ….” އީނާޝްގެ ހިތަށް އެރިއެވެ. އެއްމެ ފަހުން އޭނާއަށް ޖެހުނީ ދަރިފުޅު ނަގާށެވެ. މިހެންވެ އަވަސް އަވަހަށް ގޮސް ދަރިފުޅު ނަގާ ކޮނޑުމަތީގަ ބޭއްވިއެވެ. އެއަށް ފަހު އޭނާގެ އެނދުގަ އިށީދެ ދަރިފުޅު އުނގުމަތީގަ ބޭއްވިއެވެ. އަދި ދަރިފުޅަށް ގާތުން ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ދަރިފުޅެއްނުބުޔެވެ. ދަރިފުޅު ހަމަ ރޮނީއެވެ. އީނާޝް ހަދާނެ ގޮތް ހުސްވިއެވެ. މިހެން އިންދާ ޖިންނީގެ އުދަގޫ ފޯރައިފި ނަމަ ދެން ވާނެ ގޮތެއްވެސް ނޭނގެއެވެ. އީނާޝް އިންތަނުން ތެދުވިއެވެ. އަދި ކުޑަދަރިފުޅުގެ އެނދު ކައިރި ހުރި މޭޒުމަތީ އަތް ހާކަން ފެށިއެވެ. ދަރިފުޅުގެ ބުއްފުޅި ހުރިތޯއެވެ. މަންމަ އާއްމު ކޮށް ބުއްފުޅި ބަހައްޓަނީ އެމޭޒުމަތީގަ ކަން މަންމަގެ ފަރާތުން އޭނާއަށް އޮތީ އެނގިފައެވެ. ވީވެސް ހަމަ އެހެންނެވެ. އެވަގުތު އޭނާގެ އަތުގައި ބުއްފުޅި ޖެހުނެވެ ބުއްފުޅި އަތުޖެހުމާއެކު ނަގާ ދަރިފުޅުގެ ތުބުގަ ޖެއްސިއެވެ. އެއާއެކު ދަރިފުޅު ރުއިން ހުއްޓާލާ ބުއްފުޅި ބޯންފެށިއެވެ.
އީނާޝް އޭނާގެ ދަރިފުޅަށް ބުއްފުޅި ޖައްސައިގެން ހުރެ އޭނާގެ އެނދުގައި އިށީނެވެ. އެއަށްފަހު ކުޑަ ދަރިފުޅު ރޯލާއިރަށް މަޑުމަޑުން ނާނާ ކިޔަމުން ގެންދިޔައެވެ. އީނާޝް ވަރަށް ހިތްހަމަ ޖެހުނެވެ. މީއޭނާ އަށް އޭނާގެ ދަރިފުޅު ނިންދަވާލެވޭ ފުރަތަމަ ފަހަރުކަމަށް ވާތީއެވެ. މިއަދު ދަރިފުޅު އުރުމުން އެޖިންނީގެ އުދަގޫ ނުފޯރާތީއެވެ. އީނާޝް އަށް އޭނާގެ ދަރިފުޅު ނިދަނީކަން އިހުސާސް ވުމުން ދެއަތަށް ހޫރުވާލާ ނާނާ ކިއަމުން ގެންދިއައެވެ. އަދި ނުހަނު ލޯތްބާއެކު ދަރިފުޅުގެ ނިތް ކުރީގަ ބޮސް ދިނުމަށް ފަހު އަނެއްކާވެސް އުގުގަ ބާއްވާލިއެވެ. އޭނާގެ ހިތް މައިވަންތަ ލޯބިން ފުރި ބަންޑުންވިކަހަލަ އެވެ.
ހަސީނާ ކުޑަ ދަރިފުޅުގެ ފޮތިތައް ދޮވެ ނިންމާލުމަށްފަހު ފާހާނާއިން ނިކުމެ ކުޑަ ދަރިފުޅު ހޭލައިފިތޯ ބަލާލަން ކޮޓަރިއަށް އައެވެ. އެވަގުތު ފެނުނު މަންޒަރުން ހަސީނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އީނާޝް އިނީ އޭނާގެ ދަރިފުޅު އުގައްލައިގެން ނާނާ ކިޔާލަ ކިޔާލައެވެ. އެވަގުތު ހަސީނާގެ ލޯ ފުރަތަމަވެސް އަމާޒުވީ އީނާޝްގެ އުނގުގަ އޮތް ކުޑަ ދަރިފުޅަށެވެ. އޭރު އެކުޑަ ކުއްޖާ ފުޅުގެ އަނގައިން ފާޑެއްގެ ފޮނުތަކެއް ނިކުމެ ދެލޯ ތަންމިނަށް ހުޅުވިފައި ވެއެވެ. އީނާޝް އަކަށް ވާނުވާއެއް ނޭނގެއެވެ. އޭނާ ހީކުރަނީ ދަރިފުޅު އެއޮތީ ނިދިފާ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. އެފަކީރުގެ ލޮލަކަށް ފެންނަނީކީ ނޫންވިއްޔާއެވެ. ހަސީނާ އަކަށް މިމަންޒަރު ދެކޭކަށް ކުޅަދަނައެއް ނުވިއެވެ. ދުވެފައިކަހަލަ ގޮތަކަށް އެދެމައިންގެ ކައިރިއަށް ދިއައެވެ.
“ދަރިފުޅާ އީނާޝް……! ކީއްތިކުރީ…” ހަސީނާއަށް ރޮއެގަނެވުނެވެ. މަންމަގެ އަޑަށް އީނާޝް ދިއައީ ސިއްސައިގެނެވެ.
“މަންމާ ކިހިނެއްވީ ބާރަށް ހަޅޭއް ނުލަވަބަ ދަރިފުޅު މިއޮތީ ނިދާފައޭ…..” އީނާޝް ބުނެލިއެވެ.
“އީނާޝް ދަރިފުޅު އެއޮތީ ނިދާފައެއްނޫން އެދަރިފުޅު އަބަދައްޓަކާ އަހަރެމެނާ ވަކިވީ…ދަރިފުޅާ މަގޭ ލޮލުގެ ނޫރާ….” ހަސީނާ ގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ހަސީނާ އީނާޝްގެ އަތުން އެދަރިފުޅު ޖަހއިގަތެވެ. އަދި އެކުއްޖާފުޅު ނޭވާލާތޯ ކުޑަކޮށް ތަޅުވާ ހަދާލިއެވެ.
“ކީކޭ މަންމާ ދަރިފުޅު މިއޮތީ ނިދިފައެއް ނޫންތަ….؟ބަލާބަ މަންމާ..!” އީނާޝް އަކަށް ގަބޫލެއް ނުކުރެވުނެވެ. އީނާޝް ހީކުރީ ދަރިފުޅު ނިދުނީކަމަށެވެ.
“މަންމާ ކީއްވެ އެހެން ވާން ވީ ގައިމު އަހަރެން ޖެއްސީ މި ބުއްފުޅި” އީނާޝް ބުނެލިއެވެ. އަދި މަންމައަށް އެބުއްފުޅި ދައްކާލިއެވެ. އެއާއެކު ހަސީނާއަށް އަނެއްކާވެސް ރޮއެގަނެވުނެވެ.
“ދަރިފުޅާ ތީ ބުއްފުޅިއެއްނޫނޭ ތީ މަދިރިބޭސް ފުޅިއެއްނު…” ހަސީނާ ބުނެލިއެވެ.
“މަދިރިބޭސްފުޅިއޭ ނުވާނެ އެހެނެއް…. މާތް ކަލާކޯ އަހަރެންނަށް އަހަރެންގެ ދަރިފުޅު މިމަރާލެވުނީ …މަންމާ އަހަރެން ދެން ދުނިޔޭގަ ހުންނާކަށް ބޭނުމެއްނޫން ބޭނުމެއްނޫން ” އީނާޝް ރޮއެގަތެވެ. އެއާއެކު އޭނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހެޔަށް ގޮތްވިއެވެ.
ހަސީނާ ރޯއަޑަށް އަވައްޓެރިން ޖަމާވިއެވެ. މިވެގެން އުޅޭގޮތެއް ބެލުމަށެވެ. އެމީހުންއައިސް ހަސީނާ އަށާއި އިނާޝް އަށް އެހީތެރިވެދީ އުޅެންފެށިއެވެ. އަދި ނިޔާވެފައިވާ ކުޑަ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އެތަނަށް ގެންދިއުމުން ޑޮކްޓަރ ބެއްލެވުމަށް ފަހު އެކުއްޖާ ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިއައެވެ.
ހަސީނާގެ ދެމައިން ހަމަ ރޮނީއެވެ. އެދެމައިން ހަމަޔަކަށް އެޅުވޭތޯ އަނީސާ އާއި އަދިވެސް އެހެން ގާތް މީހުން މަސައްކަތް ކުރަމުން ގެންދިއައެވެ. އަނީސާ އަށް ވެސް ހުރީ ރޮވިފައެވެ. ނުރޮވޭނީ ކާކަށް ހެއްޔެވެ. ލޯބި ލޯބި ފުއްކޮޅެއްފަދަ ކުއްޖެކެވެ. އެކުއްޖާފުޅު ހީލާ ހަދަން އެފެށީ އަދި އިހަކަށް ދުވަހުއެވެ. އަނީސާއަށް އެކުއްޖާފުޅު ގެ ލޯބި ހިނިތުންވުން ފެންނަކަހަލައެވެ. އަނީސާއަށް ކެތް ނުކުރެވިގެން އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލައި ރޯންފެށިއެވެ.
އާސިމްއަށް އޭނާގެ ދަރިފުޅު ނިޔާވި ހަބަރު ލިބުމުން ވަރަށް ދެރަވިއެވެ. އޭނާބޭނުންވީ ވީއެއްމެ އަވަހަކަށް އެދަރިފުޅުގެ މޫނު ދެކިލުމަށްޓަކައި އެރަށަށް ދިއުމަށެވެ. މިހެންވެ ޓިކެޓެއްލިބޭތޯ މަސައްކަތް ފެށިއެވެ. އާސިމްގެ ނަސީބު ވަރަށް ގަދައެވެ. ހަވިރު ފުރާ ފުލައިޓުން ޓިކެޓް އޯކޭ ވެއްޖެއެވެ.
“މަންމާ އަހަރެން ގަބޫލުކުރަން އަހަރެންގެ ދަރިފުޅާމެދު އަހަރެންނަށް އިހުމަލު ވެވުނު ކަމަށް މިއޮށްހާ ދުވަސް ވިއިރު އެކުއްޖާ ފުޅުގެ ހާލުވެސް ބަލާނުލެވޭކަން މިހެން ހުއްޓާ އެކުއްޖާފުޅު މިދުނިޔެއާއި އެވަކިވެދިޔައީ މިހާރު އެކަމާ އަހަރެން ހިތާމަ ކުރަން މަންމާ އަހަރެން މިދަނީ އެކުއްޖާފުޅުގެ މޫނު ދެކިލަން..” އާސިމްއޭނާގެ މަންމަ އާއި ވާހަކަ ދެއްކީ ނުހަނު ބޮޑަށް ދެރަވެފަ ހުރެއެވެ.
“އާނ ދަރިފުޅާ އަވަހަށް ދޭ މިއަދު މިހެން މިވާން ޖެހުނީ ހަމަ ދަރިފުޅަށް ވެސް ކަންތައް ކުރެވުނު ގޮތަކުން ޅީދަރި އެހާބަލިވެ އުޅެނިކޮށް ދަރިފުޅު އޭނާ އެކަނި ކޮށްފަ އައީ މަންމަ ކިހާވަރަކަށްތަ ބުނީ ތިހެން ނޫޅި ޅީދަރިފުޅު ކައިރިއަށް ދާށޭ އެކަމަކު ދަރިފުޅު މަންމަގެ ބަސް ނޭހީނު…” މަންމަ ވެސް ހުރީ ދެރަވެފައެވެ. ދެރަވާނެތާއެވެ. އޭނާގެ މާމަ ދަރިފުޅު އެމީހުނާ ވަކިވެގެން އެދިޔައީ އެމީހުންގެ ލޮލަށްވެސް ނުފެނިއެވެ.
އާސިމްއަށް އޭނާގެ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއެކު ހިތް ކުދި ކުދި ވެގެން ދިއަކަހަލަ އިހުސާސް އެއް ކުރެވުނެވެ. ބަލަބަލާ ހުއްޓާ ލޮލުތެރެއަށް ޖަމާވަމުންދިއަ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި އޮހިގަތެވެ. އެއާއެކު ރޮވުނެވެ. އޭނާގެ ދަރިފުޅު ފަހަރެއްގައިވެސް މިހާލޯބި ކޮށް އޮވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެކުއްޖާފުޅު ވިހޭކަން އެނގުނު ދުވަހު އެކުއްޖާ ދެކިލަން ނާދެވުނަތީ މިއަދު އެކަމާ މޮޔަ ހީވެއެވެ. ނަމަވެސް ދެން ކުރާނީ ކީއްހެއްޔެވެ. ވަގުތު ފާއިތުވެއްޖެއެވެ. އެވަގުތު އާސިމްގެ ހިތުގަ ހިނގާލީ ހަމްދީ ކިޔާފައިވާ ނާޒުކުލޯބި ދިޔާމާ ރުއީމޭ ދުނިޔެ ދޫކުރީ ބައްޕަގެ ލޯތްބޭ ބައްޕަގެ ސަފު ނިޝާނޭ މިލަވައެވެ. އެއާއެކު އޭނާއަށް ކުރި އަސަރެއްގެ ބޮޑުކަމުން އަނބުރައި ގަތެވެ. އެއާއެކު އަރިއަޅާލައި ވެއްޓެން ދިއައެވެ. އެތަންވަޅު އެތާ ތިބި މީހުން އާސިމް ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ.
ކޮށްމެއަކަސް އެދުވަހުގެ އިރު އޮށްސެން ކައިރިވެފަ ހުއްޓާ އީނާޝްގެ ދަރިފުޅު ވަޅުލިއެވެ. އިނޫގެ ކަމަކީ ރުއިމެވެ. ރޮވޭނެތާއެވެ. އޭނާގެ އަލަތު ދަރިފުޅު މަރުވެ އެދިޔައީ ހަމަ އޭނާގެ އަތުންނެވެ. އެދަރިފުޅު ނިޔާވެގެން އެދިޔައީ އޭނާއަށް އެދަރިފުޅު ދެކިލުމުގެ ނަސީބުވެސް ނުލިބިއެވެ.
“މަންމާ އަހަރެންގެ ދަރިފުޅު ވަކިވެގެން އެދިޔައީ އަހަރެންނަށް ދެކިލުމުގެ ނަސީބުވެސް ނުލިބި އަޅެ އެއްމެ ފަހަރަކު ނަމަވެސް އެދަރިފުޅު ދެކިލުމުގެ ނަސީބު ލިބުނުނަމަ…!” އީނާޝް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. އީނާޝް އަށް ހަމަ ކުއްލިއަކަށް ޖިންނީގެ އުދަގުލާ ކުރިމަތިވިއެވެ.
“ކޮބާ މިހާރު އެނގޭނެ އަހަރެންގެ ހިތުގަ އެޅިވޭނާއި އަހަރެން ކުރިހިތާމައިގެ އަސަރު އެއޮތީ ހަމަ އަހަރެން ބުނި ގޮތަށް އެކަން ކޮށްފަ….ދެން އޮތީ ކަލޭގެ ފަހަރު ހަމަ ކަލޭވެސް މަރާލާނީ….!” އެޖިންނި ބުނެލިއެވެ.
“މިހާރު އަހަރެން އެދެނީ ތިގޮތް އަހަރެންގެ ދަރިފުޅު ނެތް ދުނިޔެއެއްގަ އަހަރެންވެސް އުޅޭކަށްނޭދެން…! އާދޭ އަހަރެން މަރާލާ” އީނާޝް ބުނެލިއެވެ.
“ހެހެ ތިކަންވެސް ކުރާނަން އެކަމަކު ތިހާ ފަސޭހަ އަކުން ތިކަމެއް ނުވާނެ ކަލޭތީ މިރަށު މިރަށު ރައްޔިތުންނަށް ހުރި ބިރަކަށް ހަދާނަން އޭރުން މިރަށު ރައްޔިތުން ނިކުމެ ކަލޭގެ ދުވަސް ދުއްވާލަ ފާނެ ” ޖިންނި ބުނެލިއެވެ. އެއާއެކު ގެއްލުނެވެ. ޖިންނި ގެއްލުމާއެކު އީނާޝް އަށް ހަމަ ހޭވެރިކަން ވިއެވެ.
އާސިމް އޭނާގެ ދަރިފުޅުގެ މަހާނަ ކައިރީގައި އިށީދެލައިގެން އިނެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެއެވެ.
“ދަރިފުޅާ ބައްޕައަށް މާފުކޮށްދޭތި ދަރިފުޅަށް މިއަދު މިހެން ވާން މިޖެހުނީ ހަމަ މިބައްޕަގެ ސަބަބުން ބައްޕަގެ އަޅާލުން ކުޑަވީމަ…” އާސިމް މަޑުމަޑުން ވާހަކަ ދެއްކިއެވެ. އަދި ރޮވުނެވެ. އެގޮތުގަ ރޯލަ ރޯލަ އެގަބުރުސްތާނު ތެރޭގައި އިންދާ ކުއްލިއަކަށް އަނީސާ އައްނާތީ ފެނުނެވެ. އެއާއެކު އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ހަމަ އެވަގުތުމެ އޭނާގެ ފުރަގަހުން މީހަކު އޭނާގެ ކޮނޑުމަތީގަ އަތް ބާއްވާލިއެވެ. އެއާއެކު ލިބުނު ސިހުމާއެކު ފަހަތް ބަލާލިއެވެ. އެއާއެކު އާސިމްގެ ދެލޯ ބޮޑުވެގެން ދިއައެވެ. ފަހަތުގަ މިހުރީ އަނީސާއާއި އޭނަގެ މަންމައެވެ. އާސިމް ބިރުން ތުރުތުރު އަޅައިގަތެވެ. ކުރިމަތިން ހިނގާފަ މިހިރަ އައްނަނީވެސް އަނީސާއެވެ. އޭނާގެ ކައިރީގަ މިހުރީވެސް އަނީސާއެވެ. އާސިމް ގަތް ބިރެއްގެ ބޮޑުކަމުން އަޑުގެ ކޮޅަށް ހަޅޭއް ލަވާ ގަތުމަށް ފަހު ދުއްވައި ގަތެވެ. އެއާއެކު ކައިރީގަ ތިބި ދެމީހުން ހައިރާންވެ ބަލަހައްޓައިގެން ތިއްބެވެ.
އަސިމް ދުވެފަ ގަބުރުސް ތާނު ތެރެއިން ނިކުމެ މަގު ހުރި ގޮތަށް އަވަށުތެރެއާއި ދިމާއަށް ދުވިއެވެ. އޭރު ހާސްވެ ކަންބޮޑުވެފައިވާ ހާލު މިވީ ކީއްކަމެއްނޭނގި އަނީސާ އާއި އޭނަގެ މަންމަ ހިނގަމުން އާސިމްގެ ފަހަތުން ދިއައެވެ. އާސިމްއަށް ދުވެވުނީ ކުޑަ ތަންކޮޅަކަށެވެ. އޭނާ ހޭބަލިވެގެން ވެއްޓިއްޖެއެވެ.
އާސިމްއަށް ހޭވެރިކަން ވީއިރު އޮވެވުނީ ސިއްހީ މަރުކަޒުގައެވެ. އޭނާގެ ކައީގަ އަނީސާ އާއި އޭނާގެ މަންމަ ތިއްބެވެ.
“ރަނގަޅަށް ބުނޭ…ތީ އަނީސާތަ ނޫނީ މަށާ އަޅައިގަނެގެން އުޅޭ ޖިންނިތަ؟” އާސިމްއަށް އަނީސާގެ ދެމައިން ފެނުމާއެކު ފުއްމައިގެން ތެދުވިއެވެ.
“އާސިމް ބިރު ނުގަނޭ އަހަރެން މީ ހަމަ އަނީސާ މިއިނީ އަހަރެންގެ މަންމަ…!” އަނީސާ ވާހަކަ ދެއްކިއެވެ. އެވަގުތު އާސިމް އަނީސާގެ މޫނަށް ބަލާލިއެވެ.
“ކިހިނެތްވީ ކުއްލިއަކަށް ދުއްވައިގަތީ….؟” ޒުބޭދާ އަހާލިއެވެ.
“ދުއްވައި ގަންނާނެއެއްނު އަހަރެންނަށް ދެއަނީސާ ފެނުނީ އެހެންވެ ގަތް ބިރުން ދުއްވައިގަތީ…..!” އާސިމް ކިޔައިދިނެވެ.
” ހަމަ ތެދެއްތަ…؟” އަނީސާ އަހާލިއެވެ. އަދި އަނީސާ އޭނަގެ މަންމަގެ މޫނަށް ބަލާލިއެވެ. އެއަށް ފަހު އާސިމްއަށް ބަލާލިއެވެ.
“މިހާރު ގަބޫލު ކުރަންދޯ އާސިމްއާއިއެކު އެއުޅުނީ އަހަރެން ނޫންކަމަށް އަދި އެއީ އަހަރެންގެ ސިފާގަ ހުރި ޖިންނި ކަމަށް…!” އަނީސާ އަހާލިއެވެ. އެވަގުތު އާސިމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އާސިމްއަށް ހުރިހާ ހަގީގަތެއް އެނގުމުން އޭނާއަށް ރޮވުނެވެ. އޭނާގެ ލޯބިވާ އީނާޝް އާއި ދޭތެރޭގަ ކަންތައް ކުރެވުނު އިހާނެތިގޮތް ހިތަށް އަރާފައެވެ.
“އާސިމް ދެން ނުރޮއޭ އީނާޝް ކައިރި މާފަށް އެދޭ އަހަރެންނަށް ހަމަ ޔަގީން އީނާޝް ވެސް މާފު ދޭނެކަން އަސްލު އެއީ އާސިމް ގަސްތުގަ އާސިމްގެ އިހުތިޔާރުގަ ކުރި ކަމެއް ނޫނެއްނުދޯ އީނާޝް އަށް ކަންވީގޮތް ކިޔާދީ ހަމަ ޔަގީން އޭރުން މާފުކުރާނެކަން…!” އަނީސާ އާސިމްއަށް ހިތްވަރު ދިނެވެ.
“އަހަރެން އީނާޝް ކައިރިން މާފަށް އެދެން ބޭނުން…އެކަމަކު އޭނަ ކައިރިއަށް މާފަށް އެދެން ދާނީ ކޮން މޫނަކާއިއެކުތަ…..؟ މިއަދު އެފަކީރަށް އެވަނީ ހުރިހާ އެއްޗެއް ގެއްލިފަ” އާސިމް ރޮމުން ވާހަކަ ދެއްކިއެވެ.
ހަނީފާއަށް ހޭލެވުނީ ކޮޓަރި ދޮރު ހުޅުވާލި އަޑަށެވެ. “ހަނީފާ ހަމަ މިހާރު ތެދުވޭ މިހުރީ ކަލޭގެ މިރޭގެ މެހެމާން މީނަ ހިތް އުފާ ކޮށްދިނުމަކީ ކަލޭގެ ވަޒީފާ ހަނދާން ކުރާތި މަ ބުނި ގޮތާ ހިލާފު ވެއްޖެނަމަ މާދަމާ ހެދުނު ކަލޭގެ ކުރިމަތީގަ ބާއްވާނީ ކަލޭގެ މަންމަގެ ފުރާނަ ނެތް މަސްގަނޑު…!” އަޔާ ބުނެލިއެވެ. އަދި އަޔާ އާއި އެކު އައި މީހާ ކޮޓަރިތެރެއަށް ވެއްދުމަށް ފަހު އަޔާ ބޭރަށް ނިކުތެވެ. ހަނީފާ ކުރާނީ ކީއްހެއްޔެވެ. މީ މިހާރު އޭނާއަށް އުޅެން ޖެހިފައިވާ ގޮތެވެ. ކޮންމެރެއަކުވެސް ފިރިހެނަކު ގެނެއެވެ. އހަނީފާއަށް ޖެހެނީ އެއަްނަ ފިރިހެނެއްގެ ހިތް އުފާ ކޮށްދޭށެވެ. އޭނާ އެގޮތާ ހިލާފު ވެއްޖެނަމަ އޭނާގެ މަންމަގެ ދުވަސް ދުއްވާލާނެ ތީއެވެ.
އެހެން ދުވަހެކެވެ. އަނީސާ އާސިމް ގޮވައިގެން އީނާޝް މެން ގެއަށް ދިޔައެވެ. އާސިމް ހުރީ ތަންކޮޅެއް ފަހަތުގައެވެ. އަނީސާ ގޭތެރެއަށް ވަނީމަ އާސިމް ކުޑަކޮށް މަޑުކޮށްލިއެވެ. އޭނާ ލަދުން ވައްނަން ނުކެރުނީއެވެ. އަނީސާ ގޭތެރެއަށް ވަދެގެން ގޮސް އިއްޔެ ދިމާވި ހާދިސާ ކިޔައިދިނެވެ. އަދި އާސިމް އަށް ކަންތައް ކުރެވުނުގޮތާއި މެދު ދެރަވާވާހަކަ އާއި އީނާޝް ކައިރިން މާފަށް އެދެން ބޭނުންވާވާހަކަވެސް ބުނެދިނެވެ. އަނީސާ މިވާހަކަތައް ދެއްކި އިރު އާސިމް އެއަޑު އިވޭ ހިސާބު ތަންކޮޅެއް ދުރުގައި އަޑު އަހަން ހުއްޓެވެ.
“އަނީސާ އާސިމްއަސް ނާދެވުނީ ކީއްވެތަ….؟” އީނާޝް އަހާލިއެވެ. އޭރު އެތާ އީނާޝް ގެ މަންމަވެސް އިނެވެ.
“އިނޫ އަހަރެން މިހުރީ އާސް އަހަރެން ގަބޫލުކުރަން ކުއްވެރިއަކީ އަހަރެންކަމަށް އެކަމަކު އަހަރެންނަށް އެކަން ކުރެވުނީ އަހަރެންގެ އަމިއްލަ އިހުތިޔާރަކުނޫން….! އަހަރެން ވާވެއްދީ އެޖިންނި..އެކަމަކުވެސް އަހަރެން މިހުރީ ކަލާގެ ދެފައިގަ ހިފާފަ މާފަށް އެދި އާދޭސް ކުރަން ތައްޔާރާ….!” އއާސިމް އައިސް އީނާޝްގެ ދެފައިގަ ހިފިއެވެ.
“ނޫން ނޫން އާސިމް ތިހެން ނުބުނޭ އަހަރެން އާސިމްއަށް މާފުކޮށްފިން އީނާޝް ގެ ފައިބުޑަށް ތިރިވެ އިށީނދެގެން އިން އާސިމްގެ އަތުގަ ހިފާ ނަގާ ތެދުކުރިއެވެ. އެއަށްފަހު ގެނެސް އޭނާގެ ބޯ އީނާޝްގެ މޭގައި ޖައްސާ ބައްދާލިއެވެ. އެއާއެކު އާސިމްއަށް ރޮވުނެވެ.
“އާސިމް….!ދެން ނުރޮއެ އާސިމް އައުމުން އަހަރެންގެ ހިތަށް ވަރަށްބޮޑު ލުއެއް ލިބިއްޖެ އަހަރެންގެ ހުރިހާ ހިތާމައެއް ފިލާ ދިއަކަހަލަ…!” އީނާޝް ބުނެލިއެވެ. އަދި އުފާވެރި ކަމާއެކު ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭރު ހަސީނާގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ. އާސިމްބޭނުންވީ އީނާޝް އާއި އަލުން ގުޅޭށެވެ. އީނާ އެކަމަށް އުފަލާއެކު މަރުހަބާ ކިއެވެ.
“ހަސީނާ ކޮބާ މިހާރު އީނާޝް ރަނގަޅުކުރެވިއްޖެތަ؟” ހަސީނާ ފިހާރާގަ އިންދާ އެކުވެރި އައިމިނަ އައިސް އަހާލިއެވެ. ” އަދި ހަމަ ވާގޮތެއް ނުވޭ އަހަރެންގެ ދަރިފުޅާ އަވަލަވާފަ ހުރީ ވަރަށް ވަރުގަދަ ޖިންނިއެއް މަގޭ ދަރިފުޅު އޭތީގެ ކިބައިން ސަލާމަތް ކުރެވެން އައްނަނީ ވަރަށް ކުޅަދާނަ މޮޅު ފަންޑިތަ ވެރިއަކު ލިބިގެނ….އަދި މިއުޅެނީ އެވަރުގެ މީހަކާ ދިމާނުވެގެން…!” ހަސީނާ ހިތާމަޔާއި މާޔޫސް ކަން އެކުލެވިފައިވާ ރާގަކަށް ބުނެލިއެވެ.
“ހަސީނާ ކޮށްމެ ކަމަކަށްވެސް ނިމުން އައްނާނެ އިރާދަފުޅު ކުރެއްވިއްޔާ އަހަރެން މިއައީ އީނާޝްގެ ބައްޔަށް ފަރުވާ ކުރެވޭފަދަ މީހަކު ގޮވައިގެން !” އައިމިނަ ބުނެލިއެވެ.
“އޭނ ! ކީކޭ އައިމިނަ ބުނި އެއްޗަކުން ހަސީނާއަށް އިންތަނުން ތެދުވިއެވެ. އަދި އައިމިނަގެ މޫނަށް ބަލާލިއެވެ.
“ދޮގު ނުހަދާ ކާކުތަ އެވަރުގެ މީހެއް ހުރީ …؟” ހަސީނާ އަވަސް އަވަހަށް އަހާލިއެވެ. އެވަގުތު އައިމިނަ ހަސީނާގެ މޫނަށް ބަލައިލިއެވެ. ހަސީނާގެ މޫނުމަތިން ދޭހަވަނީ އެކަމަށް ބޭނުންވެފައި ވާވަރެވެ.
“އެވަރުގެ މީހަކީ އަހަރެމެން ގޭގަ އުޅުއްވާ ވެލިދޫ އީސާކަލޭފާނު އެމީހާ ކައިރި އަހަރެން އީނާޝް އަށް ދިމާވެގެން އުޅޭ ގޮތުގެ ވާހަކަ ކިޔާދީފަ އޮއްނާނީ އެމީހާ ބުނި ތީއެއްވެސް ކަމެއް ނޫނޭ މާދަމާ މެންދުރު ނަމާދަށް ދިއުމުގެ ކުރިން އޭނާ އާއި ބައްދަލު ކުރާށޭ!” އައިމިނަ ކިޔާދިނެވެ.
“އެހެންތަ އައިމިނަ ހާދަ ރަނގަޅޭ މާދަމާ އައިމިނަ އީސާ ކަލޭފާނު ގޮވައިގެން އަހަރެމެން ގެއަށް އައިސް ދޭންވީނު!” ހަސީނާ އެދުނެވެ.
“އާނ އަހަރެން ދާނަން އިނގޭ!” އައިމިނަ އެއްބަސް ވިއެވެ. އެއަށްފަހު އައިމިނަ ގައްނަން އައި އެތި ހަސީނާ އޭނާ އަށް ހިލޭ ހަދިޔާއެއްގެ ގޮތުގަ ދިނުމަށް ފަހު ފޮނުވާލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އާދައިގެ މަތިން އަޔާ މިރޭވެސް ފިރިހެނަކު އަތުން ފައިސާ ނަގާފަ އެފިހެން މީހާ ހަނީފާ ކައިރިއަށް ވެއްދިއެވެ. އެއަށް ފަހު އަޔާ ބޭރަށް ނިކުތެވެ. އެހެން ރޭތަކާ ހިލާފަށް މިރޭ އައިސް ހުރީ ވަރަށް ޒުވާން ރީތި ފިރިހެނެކެވެ. ހަނީފާ އެކަމާ ނުގަބޫލުކަން ސާބިތު ކުރުމަށްޓަކައި އެނދުގެ އެއްކަނަކަށް ޖެހުނެވެ. އަދި އޭނާ އާއި ކައިރި ނުވުމަށް އެދި އާދޭސް ކުރަން ފެށިއެވެ. “ހަމަ ޖެހޭ އަހަރެން ތީނަގެ ނުގަބޫލަކު ތީނަ ގައިގަ އަތެއް ނުލާނަން….!” އެޒުވާނާ އައިސް އެނދުގެ މަގަތުގައި އިށީނެވެ. އެއާއެކު ހަނީފާ އެޒުވާނާގެ މޫނަށް ބަލާލިއެވެ. ހައިރާންވެފައިވާ ފަދަ ނަޒަރަކުންނެވެ.
“ކީއްވެތަ ނުގަބޫލުވަނީ…؟ ގައިމު އާސިމް ބުނި މީ ތީނަގެވެސް ރުހުމުގަ ކުރާ ކަމެކޭ…ދެން ކީއްވެ އަހަރެން ކަމު ނުދަނީތަ؟” އެޒުވާނާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.
“އެއީ ހުސްދޮގު އޭނާ އެކަން މިކުރުވަނީ އަހަރެންގެ ނުގަބޯލުގަ….! މީއަހަރެން އެއްގޮތަކަށް ރުހޭކަމެއްނޫން އަހަރެން މިހުންނަނީ އެނުލަފާ ޖައްބާރުގެ ކިބައިން ސަލާމަތް ނުވެވިފަ….!” ހަނީފާ ބުނެލިއެވެ. ހަނިފާގެ ވާހަކަ ތައް އަޑު އިވުމާއެކު އެޒުވާނާ ހައިރާންވިއެވެ.
” ހަމަ ތެދެއްތަ އެއީ ހާދަ ނުލަފާ ފިރިހެނެކޭދޯ…!” އެޒުވާނާ ބުނެލިއެވެ.
“އަޅެ ހެއޮނުވާނެ ﷲ އަށް ޓަކާ ނަމަވެސް އަހަރެން މިއަނިޔާވެރިކަމުން ސަލާމަތް ކޮށްދީ އާދޭސް މިކުރީ…؟” ހަނީފާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“ހާސް ނުވޭ އަހަރެން ތީނަ މިކަމުން ސަލާމަތް ކޮށްދޭނަން އިނގޭ ދެރަނުވޭ އަހަރެންގެ ނަމަކީ އިމާދު އަހަރެން މީ ހަވީރު ނޫހުގެ ނޫސް ރިޕޯތަރަކަށް އުޅޭ މީހެއް އަހަރެންގެ މަގުސަދަކީ މާލޭގަ ހިންގާ މިކަހަލަ ލާއިންސާނީ ކަންތައްތަކުގެ ހަގީގަތް ހޯދާ މިކަމުގަ ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެކަމުގަ އަނިޔާ ލިބެމުންދާ މައުސޫމް އަންހެން ކުދިން ސަލާމަތް ކޮށްދިނުން އެހެންވީމާ ދެން ތީނަ އިތުރަށް މިއަނިޔާވެރި ކަމުގަ އުޅޭކަށް ނުޖެހޭނެ އިރާދަ ފުޅު ކުރެއްވިއްޔާ ހަމަ މިރޭ އެއަޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ!” އިމާދު އޭނަގެ ހަގީގަތް އޮޅުން ފިލުވައި ދިނެވެ.
ގާތް ގަނޑަކަށް ގަޑިއެއް ހާއިރު އެދެމީހުން ވާހަކަ ދައްކަން ތިބެފަ އިމާދު ނިކުތެވެ. އިމާދު އެކޮޓަރިން ނިކުމެގެން ދިއައީ އޭނާ ބުނިފަދައިން ހަނީފާގެ ގައިގަ ބީހިވެސް ނުލައެވެ. އެވޭތުވެ ދިޔަ ގަޑިއެއްހާ އިރުތެރޭ އެދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިއައެވެ. އިމާދު ދިއުމާއެކު ހެން އަޔާ ވަދެއްޖެއެވެ. އަދި ލައިގެން ހުރި ގަމީސް ގަނޑު ބާލާ އެއްލައި ލުމަށްފަހު އެދަން އަރާ އޮށޯތެވެ. އެއިރު ގަޑިން އެގާރަ ޖެހީއެވެ. އިމާދުގެ އެވާހަކަ ތަކުގެ ސަބަބުން ހަނީފާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. ހަނީފާ އިންތިޒާރު ކުރަމުން ގެންދިއައީ ފުލުހުން އައިސް އަޔާ ހައްޔަރު ކުރާނެ އިރަކަށެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެއެވެ.
“މިރޭ ހާދަ ހިތްހަމަ ޖެހިފަ ހުރި ހެން ހީވެޔޭ އަނެއްކާ ކިހިނެއްވީ؟ އިމާދު މާ ކަމުދިޔައީތަ…؟” އަޔާއަށް ހަނީފާ އިންގޮތް ފެނިފަ އަހާލިއެވެ. ނަމަވެސް ހަނީފާ ހަމަ އެކައްޗެކޭވެސް ނުބުނެ މަޑުމަޑުން އިނެވެ.
ކުޑަ އިރުކޮޅެއް ވީތަނާ ކޮޓަރި ދޮރުގައި ބަޔަކު ތަޅަން ފެށިއެވެ. އެއާއެކު ހަނީފާ އާއި އަޔާ ސިއްސައިގެން ދިއައެވެ. ހަނީފާގެ މޫނުމައްޗަށް އުފާވެރި ކަމުގެ ކުލަވަރު އަރައިގެން ދިއައެވެ. އަޔާއަށް ހަނީފާގެ މޫނު ފެނުމާއެކު ވަރަށް ރުޅިއައެވެ.
“ކާކު…؟” އަޔާ އަހާލިއެވެ.
“ފުލުހުން ހަމަ މިހާރު ދޮރުހުޅުވާ ނޫނީ ދޮރު ވައްޓާލާނަން!” ބޭރުން ބުނެލިއަޑު އިވުނެވެ.
“އަދި ތިހާ ފަސޭހައިން ކަލޭ ދުލެއްނުކުރާނަން!” އަޔާ ފުންމައިގެން އައިސް ހަނީފާގެ ކަރުގަ ހިފިއެވެ. އެއާއެކު ހަނީފާ ސަލާމަތް ކުރާށޭ ކިޔާފަ ހަޅެއްލަވައިގަނެވޭތޯ ބެލއެވެ. އަދި ރޯންފެށިއެވެ. ބޭރުގަ ތިބި ފުލުހުންނަށް ހަނީފާގެ ރުއިމުގެ އަޑު އިވުމާއެކު އެތެރޭގެ ހާލަތު ވަރަށް ގޯސްވެއްޖެކަން ވިސްނުނެވެ. އެއައެކު ކޮޓަރި ދޮރު ވައްޓާލުމަށްފަހު އެތެރެއަށް ވަދެ އަޔާ ހައްޔަރު ކުރިއެވެ.
“ލައްކަ ދުވަހު ފިލައިގެން އުޅެފީމެއްނު ދޯ ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަސް..” އެތާ އިސްކޮށް ހުންނެވި ބޭފުޅާ ބުނުއްވިއެވެ. އަދި ހައްޔަރު ކޮށްގެން ގެންގޮއްސިއެވެ. އަދި ހަނީފާ ވެސް ގެންދިއައެވެ.
ޖިންނިއަށް އޭތި ނައްތާލަން ފަންޑިތަހަދާނެ މީހަކު މަތިވިކަން އެގުނީއްސުރެ އީނާޝް އަށް ތަފާތު އެކި ގޯނާ ކުރަމުން ގެންދިއައެވެ.އެރޭ ހަތަރު ދަމުކަހަލަ ގޮތަކަށް އެޖިންނީގެ އުދަގޫ އީނާޝް އަށް ފޯރަމުންދިއައެވެ. އޭނާއަށް ތަފާތު އަނިޔާތައް ކުރުމާއި އޭނާލައްވާ އެހެން މީހުނަށް ވެސް ދުއްތުރާ ކުރުވަމުން ގެންދިއައެވެ. ދަންވަރު ހަސީނާއަށް ހޭލެވުނު އިރު އީނޫ ހުރީ ބޮޑު ވަޅިއެއް ހިފައިގެން އައިސް އޭނާގައިގަ ޖަހަން ތައްޔާރު ވެގެންނެވެ. ހަސީނާ ގަތް ބިރުން ހަޅޭއް ލަވައި ގަތުމާއެކު އެއަޑަށް އާސިމް އައިސް އީނާޝް ހިފެހެއްޓިއެވެ. އެހެން ނޫންނަމަ މިރޭ ވާނެ ގޮތެއްވެސް ނޭގުނީހެވެ. އެއްމެފަހުން ދެން ހަދާނެ ގޮތެއް ނެތިގެން ހެދި ގޮތަކީ އީނާޝް އެނދުގަ ބާއްވާފަ ހަތަރެސް ފައި ބަނދެލީއެވެ. އަދި އެރޭ ނުނިދާ ފާރައަށް ތިބީއެވެ.
އަނެއް ދުވަހު އީސާ ކަލޭފާނު ގެނައެވެ. ކަލޭފާނު އައުމާއެކު އީނާޝް ރުޅިގަދަވެ ކަލޭފާނާ ދިމާލަށް ވަރަށް ހުތުރު އެއްޗެހިކިޔާ ހަޅޭއްލަވާ ގަދަދައްކާ ހެދިއެވެ. ނަމަވެސް ކަލޭފާނު އައިސް ފެންތައްޓެއް ކިޔަވާލުމަށްފަހު އީނާޝްގެ މޫނަށް ބުރުވާލުމާއެކު އީނާޝް ހަމަޔަކަށް އެޅުނެވެ.
“މިތަނަށް ގޮނޑިއެއް ގެނެސްބަލަ” ކަލޭފާނު ސިޓިންގ ރޫމް ސޯފާގަ އިށީދެފަ އޭނާގެ ކުރިމައްޗަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ކަލޭފާނު މިހެން ބުނުމާއެކު އާސިމް ގޮނޑިއެއް ގެނެސް ކަލޭފާނު ކުރިމަތީގަ ބެހެއްޓިއެވެ.
“ދެން އެމަންޖެ ގެނެސް މިގޮނޑީގަ ބައިންދާ…!” ކަލޭފާނު ބުނެލިއެވެ. އީނާޝް ކަލޭފާނުކައިރިއަށް ގެންދަން ފެށުމުން ނުދަން ގަދަ ހެދިއެވެ. އީނާޝް އަށް ކަލޭފާނު ފެންނައިރަށް ބިރުގަންނަ ކަހަލަ އެވެ. އެއާއެކު މައިތިރިވިއެވެ.
“ބިރުގައްނަ މީހަކު ހުރިއްޔާ ބޭރަށް ނިކުމޭ ” ކަލޭފާނު އެދުނެވެ. އެގޭތރޭގަ ތިބި މީހުނަށް ބަލާލުމަށްފަހު ބުނެލިއެވެ.
ކަލޭފާނު އީނާޝްގެ ބޮލުގަ ނިތްކުރިއާވީ ހިސާބުގައި ކަލޭފާނުގެ ކަނާ އަތުން ހިފަހައްޓާ ލުމަށް ފަހު ކިޔަވަން ފެށިއެވެ. ކަލޭފާނު ކިޔަވަމުން ގެންދިއައީ ކީރިތި ގުރުއާނުން އެކަމަށް ބޭނުންވާނެ ސޫރަތް ތަކެވެ. ކަލޭފާނު ކިޔަވަން ފެށުމާއެކު އީނާޝް ހަޅޭއްލަވާ ރޮއެ ހަދައެވެ. އެކިޔަވާ ކިތެވެލީގެ ސަބަބުން އޭނާއަށް ނޫނީ އޭނާގެ ހަށިގަނޑުގެ ތެރޭގައިވާ ޖިންނިއަށް އަނިޔާ ލިބޭކަހަލައެވެ. ކަލޭފާނު ވަކިވަރަކަށް ކިއެވުމަށްފަހު ސުވާލުކުރަން ފެށިއެވެ. ކަލޭފާނު ސުވާލުކުރަމުން ގެންދިއައީ އެޖިންނި އީނާޝް އާއި އަލާގަތް ގޮތާއި ބެހޭގޮތުންނާއި ދެން އީނާޝްގެ ހަށިގަނޑު ދޫކޮށްދާނެ ގޮތަކާއި ބެހޭ ގޮތުންނެވެ. އެވަގުތު ޖިންނި އީނާޝް އާއި އަވަލީގޮތް ކިޔައިދިނެވެ. އެއަށް ފަހު އެޖިންނި ބުނީ އޭތި މަރާލިއަސް އީނާޝް ދޫނުކުރާނެ ކަމަށެވެ. ނަމަވެސް ކަލޭފާނު ހުރީކީ އެވަރުން ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އެޖިންނިއަށް ވަރަށް ގިނަ ގޮތް ގޮތުން ނަސޭހަތް ދީ އިސްލާހު ނުވުމުން އެއްމެ ފަހުގެ އެތިފަހަރު ހަދާ އޭތި އަންދާލިއެވެ.
އީނާޝް އަށް އެޖިންނީގެ ކިބައިން ސަލާމަތް ވެވުމާއެކު ކުރިއެކޭ އެއްގޮތަށް އޭނާގެ ލޮލަށް ފެންނަން ފެށިއެވެ. އޭރު އީނާޝް ފަކީރު އޮތީ ވަރުބަލިވެ މާނޭވާލެވިފައެވެ.
“މަންމާ އަހަރެންނަށް ފެނޭ ހުރިހާތަނެއް ވެސް މަންމަވެސް އާސިމްވެސް!” އީނާޝް ލޯހުޅުވާލުމާއެކު އޭނާއަށް ފެންނަކަން އެނގުމުން އުފާވެރި ކަމާއެކު ބުނެލިއެވެ.
“ކޮއެފުޅާ އިރާދަ ފުޅު ކުރެއްވިއްޔާ ދެން އެޖިންނީގެ ކިބައިން މިސަލާމަތްވީ…ދެން އޭތީގެ އުދަގުލެއް ނުފޯރާނެ….! ކަލޭފާނު ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ފަހު ބުނެލިއެވެ.
އީނާޝް ރަނގަޅުވެ އޭނާގެ ލޮލަށް ފެންނަކަން އެނގުމުން އާސިމް އާއި ހަސީނާ ވަރަށް އުފާވިއެވެ. އަދި އެދެމީހުން ގޮސް އީނާޝްގެ ގައިގަ ހިފަހައްޓާލިއެވެ.
“މަންމާ މިއަދު އަހަރެންގެ ދަރިފުޅު ދުނިޔޭގަ ހުރިނަމަ ކިހާ އުފާވާނެދޯ…!” އީނާޝްގެ އެއުފާވެރިކަމުގެ ތެރެއިން ވޭނާއި ހިތްދަތިކަން ފާޅުވެގެން ދިއައީ ކުއްލިއަކަށް އޭނާގެ ދަރިފުޅުގެ މަތިން ހަނދާން ވުމުންނެވެ.
“އީނާޝް ދެރަނުވޭ ތަގުދީރުގަ ވާން އޮތް ކަމަކަށް އަހަރެމެނަކަށް ބާރެއް ނުފޯރުވޭނެ ދެން އެހިތި ހަނދާންތައް އާކުރުމުގެ ބޭނުމެއް ނެތް މުސްތަގުބަލު މިއޮތީ ކުރިއަށް ހިތްވަރާއެކު އަލުން ދިރިއުޅުމުގެ މައިދާނުގަ ފައިތިލަ ސާބިތުކުރުމަށް އަޒުމް ކަނޑައަޅާ އޭރުން އިރާދަފުޅު ކުރެއްވިއްޔާ އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރިވާނެ…” އާސިމް އޭނާގެ އަންހެނުންނަށް ވިސްނައިދީ ހިތްވަރު ދިނެވެ.
“ކަލޭފާނު ތިކޮށްދެއްވި ކަންތަކަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގެ އަހަރެން ކަލޭފާނަށް ރަނގަޅު ހަދިޔާއެއް ދޭނަން އިނގޭ” ހަސީނާ އުފާވެރިކަމާއެކު ވާހަކަ ދެއްކިއެވެ.
” ނޫނޭ މީއަހަރެން ލިއްލާހިއަށްޓަކައި ކޮށްދިން ކަމެއް ތިބާގެ ދަރިފުޅު އެޖިންނީގެ ކިބައިން ސަލާމަތް ވުމުގެ މެދުވެރިއަކަށް މާތް ﷲ އަހަރެން ލެއްވިއަތީ އެކަލާންގެ ހަޒުރަތަށް ފަށްފަށުން ޝުކުރު ދަންނަވަން…!” ކަލޭފާނު ބުނުއްވިއެވެ. އަދި ހަސީނާގެ ހަދިޔާ ބޭނުން ނޫންކަމުގަ ބުނެލިއެވެ.
ހަނީފާ ފުލުސް އޮފީހަށް ގެންދިއަތާ ހަގަޑި އިރު ފަހުން ދޫކޮށްލިއެވެ. އަދި އަޔާ އަކީ މުޖުތަމައުއަށް ނުރައްކާ މީހެއްކަމަށް ބަލާ އަޔާ ޖަލުގަ ހައްޔަރު ކުރިއެވެ. އަދި ހަނީފާ އަޔާ ގާތުން ވަރިވެ ރަށަށް ދިއައީ އިމާދު އާއި ކައިވެނި ކުރަން އެއްބަސްވެފައެވެ. އިމާދު ހުރީ އޭނާއަށް ޗުއްޓީ ލިބުނުހާ އަވަހަކަށް ހަނީފާ އާއި އިންނަން ދާ ގޮތަށެވެ.
ހަނީފާ ފެނުނުކަން އޭނާގެ މަންމައަށް އެނގުމުން ވަރަށް އުފާވިއެވެ. ހަމަ އެފަދައިން ހަނީފާގެ ދެއެކުވެރިން ކަމުގައިވާ އީނާޝް އާއި އަނީސާވެސް އެއުފަލުގަ ބައިވެރިވިއެވެ. ހަނީފާ ރަށަށް އައްނަތަނަށް އެއާރ ޕޯޓަށް ހަނީފާއާއި އޭނާގެ އެކުވެރިން ގޮސް ތިއްބެވެ. މިހާރު ހަނީފާ ކުރަމުންދާ އިންތިޒާރަކީ ރަށަށް ދެވޭނެ އިރަކަށެވެ. ރަށަށް ގޮސް އީނާޝްގެ ދަރިފުޅު އުރާލެވޭނެ ވަގުތަކަށެވެ. އީނާޝްގެ އެލޯބި ދަރިފުޅު ދުނިޔޭގަ ނެތް ކަމެއް ހަނީފާ ނުދެނެހުއްޓެވެ. އޭނާއަށް އެކަން އެނގުނީ އީނާޝް މެންނާއި ބައްދަލުވިފަހުންނެވެ. އޭނާ އެދަރިފުޅުގެ ވާހަކަ އެހުމުންނެވެ. އެދަރިފުޅު ދުނިޔޭގަ ނެތް ކަން އެނގުމުން ހަނީފާ ވަރަށް ދެރަވިއެވެ. އޭނާ އެކަމާ ވަރަށް ގިނައިރު ވަންދެން ރުއެވެ.
އޭގެ ހަފުތާއެއް ފަހުން އީނާޝް މެންގެ ކައިވެނި ކުރެވުނެވެ. ހިތާމަޔާއި ވޭނާއި ކެކުޅުން ލިބުނު އީނާޝްގެ ހަޔާތަށް ދުވަސްތަކެއްފަހުން އަނެއްކާވެސް ބަހާރުމޫސުން އައީއެވެ. އޭނަގެ ލޮލުން ކަރުނަ ހިކޭހާ ނުވެ ކަރުނަ އޭގެ އިންތިހާއަށް ދިޔަ ދުވަސްތައް ފާއިތުވެ މާޒީވެ އެހަޔާތައް އަނެއްކާވެސް އުފާވެރިކަމާއި ހިތްހަމަޖެހުން އޭނާއަށް މަރުހަބާކިއެވެ. އޭނާގެ ލޯބިވާ ފިރިމީހާ ގެ ލޯބި މިރޭ އޭނާއަށް އޮހޭނެއެވެ. ހަމައެފަދައިން އޭނާގެ ފަރާތުން އާސިމްއަށް ނުދެވިވާ ލޯތްބާއި އުފާތަކުން އާސިމްގެ އުނގު މިރޭ ފުރާލަދޭނެއެވެ. ނިމުނީ
8 Comments!
Comments are closed.
reathi ekm ayaa ehn kantha kuran ulhuni kive kameh nethenu
vaahaka fashaigen kiyaalaba eyrun thisuvaaluge javaabu libeyne.
ވާހަކަ ވަރަށް ރީތި ޒީޔާދުގެ އެހެންބިރުވެރިވާހަކަ ޔަކައިންތިޒާރުކުރަން
thanks mary inshaa allah vv avahah kiyaalan libeyne
.. huwaa mee hama galhi vahaka eh.. ma 4 aharu kohko vx miah vureh fakka vahaka liyey..lol this is bullshit
Nice story….luved it alot….
Koba leykaruna nuliyan huvaa kuree dhw
Koba leykaruna nuliyan huvaa kuree dhw